المختصر المفيد للمؤذن والإمام والخطيب وأحكام المساجد
ބަންގި ގޮވާ މީހާއާއި އިމާމު މީހާއާއި ހުޠުބާ ދޭ މީހާއަށް އަދި މިސްކިތްތަކުގެ ޙުކުމްތައް
These files are generated automatically from the book's text; their layout may differ from the printed edition.
ބަންގި ގޮވާ މީހާއާއި އިމާމު މީހާއާއި ހުޠުބާ ދޭ މީހާއަށް
އަދި މިސްކިތްތަކުގެ ޙުކުމްތައް
[4]
ސުންނަތާއި ފިޤުހުގެ ފޮތްތައް، ޚުޠުބާދިނުމާއި، އިމާމުކަމާއި، ބަންގިއާއި، މިސްކިތްތަކާ ގުޅޭ ބާބުތައް
އަލްމުފީދު ފީ ތަޤްރީބު އަޙުކާމުލް އަޒާން، ލިޔުއްވާފައިވަނީ: ޑރ.މުޙައްމަދު ބްނު ޢަބްދުއް ރަޙްމާން ބްނު މަލްހީ އަލްޢަރީފީ، ޕަބްލިޝަރ: ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައްދަޢުވާ ވަލްއިރްޝާދު، ސަޢުދީ ޢަރަބިއްޔާ.
موضوعات خطبة الجمعة (ހުކުރު ޚުތުބާގެ މައުޟޫޢުތައް)، ޢަބްދުއް ރަޙްމާން ބްނު މުޢައްލާ އައް ލުވައިޙިޤް، ޕަބްލިޝަރ: ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައްދަޢުވާ ވަލްއިރްޝާދު، ސަޢުދީ ޢަރަބިއްޔާ.
ފައިދާހުރި ޚުލާސާއެއް
ހަމަކަށަވަރުން އެންމެހާ ޙަމްދެއްހުރީ ﷲ އަށެވެ. އަޅަމެން އެކަލާނގެއަށް ޙަމްދުކުރަމެވެ. އަދި އެކަލާނގެ ޙަޟްރަތުން އެހީތެރިކަމަށް އެދެމެވެ. އަދި އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. ފަހެ ﷲ ތެދުމަގު ދައްކަވާ މީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދެއްކޭނެ މީހަކު ނުވެއެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަހަރެން ހެކިވަމެވެ. އެކަލާނގެ އެއްކައުވަންތައެވެ. އަދި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލުންނަށާއި، އަސްހާބުންނަށާއި، އިޙުސާންތެރިކަމާއެކު އެ ބޭކަލުންނަށް ތަބަޢަވި އެންމެހާ މީހުންގެ މައްޗަށް ﷲ ގެ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
މިއަށްފަހު ބުނަމެވެ: ފަހެ މީސްތަކުންގެ ޙާލަތުތައް އިޞްލާޙުކުރުމަށް އަބަދުވެސް ޙާޖަތް ޖެހިގެންވުމުން، ޝަރީޢަތް އެކަން ޤާއިމުކޮށްދޭ ކަންތަކާގެން އައެވެ. އޭގެ ތެރޭގައި ނަމާދަށް ބަންގި ދިނުމާއި، ޤަމަތް ދިނުމާއި، މީސްތަކުންނާގެން އިމާމު ވެހުރެ ނަމާދު ކުރުމާއި ، ހުކުރު ޚުޠުބާ ދިނުމާއި، މިސްކިތްތަކާގުޅޭ ޙުކުމްތައް ހިމެނެއެވެ. އެކަމަށްޓަކައި މިސްކިތުގެ މުދިމު (ބަންގި ގޮވާ މީހާއާއި) ، އިމާމު މީހާއާއި، އަދި ހުކުރު ޚުޠުބާދޭ ޚަޠީބުގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު ޒިންމާއެކެވެ. އެ ސަބަބަށްޓަކައި އަހަރުމެން ޝައުގުވެރިވީ: (ބަންގި ގޮވާ މީހާއާއި، އިމާމު މީހާއާއި، އަދި ޚުޠުބާ ކިޔާ މީހާއާއި، މިސްކިތްތަކުގެ ޙުކުމްތަކަށްވާ ފައިދާހުރި ޚުލާޞާއެއް) މި ނަމުގައި ފޮތެއް ތައްޔާރުކޮށް، އެކި ބަސްބަހަށް ތަރުޖަމާކުރުމަށެވެ.
ފުތަތަމަ މަބްޙަޘް: ބަންގިއާއި ޤަމަތުގެ ޙުކުމްތައް
ބަންގިއަކީ ކޮންމެ ރެއަކާއި ދުވާލަކު ފަސް ފަހަރު ތަކުރާރު ކުރެވޭ އިސްލާމްދީނާއި އޭގެ އަހުލުވެރިންގެ ޝިޢާރެވެ. ޢިލްމުވެރިން އެބޭކަލުންގެ ފޮތްތަކުގައި އެކަމަށާއި، ބަންގީގެ ސުންނަތްތަކާއި، ޙުކުމްތަކާއި، މުސްތަޙައްބު ކަންކަމާއި، ބާޠިލުކޮށްލާ ކަންކަމަށް އަހައްމިއްޔަތުކަން ދެއްވާފައިވެއެވެ. މި އަޅުކަމުގެ މުހިއްމުކަމާއި ޝަރަފުވެރިކަމަށްޓަކައި މެނުވީ މިހެން ކަންތައް ނުވެއެވެ. [1] ބައްލަވާ: المفيد في تقريب أحكام الأذان للعريفي: ص 7.
ފުރަތަމަ މަޠްލަބު: ބަންގިއާއި ޤަމަތުގެ މާނަ
ޝަރުޢީ ގޮތުން ބަންގިއަކީ: އެނގިގެންވާ ޝަރުޢީ ޚާއްޞަ ލަފުޒުތަކަކުން ނަމާދުގެ ވަޤުތު ވަދެފިކަން އަންގައިދިނުމެވެ. [2] ބައްލަވާ! އަލްމުޣުނީ ، އިބުނު ޤުދާމާ 1/ 292، އަދި މުޚުތަރުއް ޞިޙާޙު: ސ 16، އަދި އަލްއާޒާނު ވަލްއިޤާމާ ، އަލްޤަޙުޠާނީ ސ 5
ޝަރުޢީ ގޮތުން ޤަމަތަކީ: ޝަރުޢުވެގެންވާ ވަކި ޚާއްޞަ ޛިކުރަކުން، ނަމާދަށް ތެދުވެއްޖެކަން އަންގައިދިނުމެވެ. ބައްލަވާ، ކައްޝާފުލް ޤިނާޢު: 1/ 230
ދެވަނަ މަޠުލަބު: ބަންގިއާއި ޤަމަތުގެ ޙުކުމް
ބަންގިއާއި ޤަމަތަކީ ޤުރްއާނާއި ސުންނަތާއި އިޖްމާޢުން ޝަރުޢުވެގެންވާ ކަމެކެވެ.
ދެން ޤުރްއާނުގެ ދަލީލަށް ބަލާއިރު: ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ: (އަދި ތިޔަބައިމީހުން ނަމާދަށް ގޮވައިފިނަމަަ އެކަމަކީ ފުރައްސާރައެއް ކަމުގައްޔާއި، ކުޅިވަރެއް ކަމުގައި އެއުރެން ހަދަތެވެ. އެއީ، އެއުރެންނަކީ ހަމަކަށަވަރުންވެސް ނުވިސްނޭބަޔަކު ކަމުގައިވާތީއެވެ.) [އަލްމާއިދާ: 58].
ދެންފަހެ ސުންނަތުގެ ދަލީލަށް ބަލާއިރު: އެ ދެކަންތައް ޝަރުޢުވެގެންވާކަމަށް ގިނަ ޙަދީޘްތަކެއްވަނީ ދަލީލުކޮށްފައިއެވެ. އޭގެ ތެރޭގައި:
މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބުނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: މުސްލިމުން މަދީނާއަށް އައިހިނދު ނަމާދަށް އެއްވެ އިންތިޒާރުކުރެއެވެ. އޭރު ނަމާދަށް ގޮވައެއް ނުލެވެއެވެ. ދެންފަހެ އެ ބޭކަލުން އެއްދުވަހަކު އެކަމާ ވާހަކަދެއްކެވިއެވެ. އެގޮތުން ބައެއް ބޭކަލުން ވިދާޅުވިއެވެ: ނަޞާރާއިންގެ ރަނގަބީލެއްފަދަ ރަނގަބީލެއް ނަގާށެވެ. އަދި ބައެއް ބޭކަލުން ވިދާޅުވިއެވެ. ޔަހޫދީންގެ ތާޅަފިލި ފުމޭގޮތަށް ތާޅަފިއްޔެއް ނަގާށެވެ. ދެން ޢުމަރުގެފާނު ވިދާޅުވިއެވެ: މީހަކު ފޮނުވާ ނަމާދަށް އިއުލާންކުރުން ކިހިނެއް ވާނެހެއްޔެވެ؟ ދެން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އޭ ބިލާލެވެ! ތެދުވާށެވެ. އަދި ނަމާދަށް ގޮވާލާށެވެ." ރިވާކުރެއްވީ އަލްބުޚާރީ 604 ، އަދި މުސްލިމު 377
ދެން އިޖްމާޢުއަށް ބަލާއިރު: ފަހެ ފަސް ނަމާދަށް ބަންގި ގޮވުން ޝަރުޢުވެގެންވާކަމަށް އުއްމަތް އިޖުމާޢުވެފައިވެއެވެ.
އަލްއިމާމު އިބްނު ޤުދާމާ އަލްމަޤުދިސީ ވިދާޅުވިއެވެ: "ފަރުޟު ފަސް ނަމާދަށް ބަންގި ގޮވުން ޝަރުޢުވެގެންވާކަމަށް އުއްމަތް އިޖުމާޢުވެފައިވެއެވެ." [5] އަލްމުޣުނީ 1/ 293
ދަތުރުމަތީގައްޔާއި ރަށުގައި ޤާއިމުވެ ތިބޭ އިރުވެސް އެހެން ނަމާދުތައް ފިޔަވައި ފަރުޟު ފަސް ނަމާދަށް ބަންގި ގޮވުމާއި ޤަމަތް ދިނުމަކީ ފިރިހެނުންނަށް ކިފާޔަތުގެ ފަރުޟުގެ ތެރޭގައި ހިމެނޭ ކަމެކެވެ. مالك بن الحُوَيرث رضي الله عنه ގެކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم އެބޭކަލުންނަށް ޙަދީޘްކުރެއްވިއެވެ. "ފަހެ ނަމާދުގެ ވަޤުތު ޖެހިއްޖެނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކު ތިޔަބައިމީހުންނަށް ބަންގި ގޮވާދޭހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ދޮށީ މީހާ ތިޔަބައިމީހުންގެ ނަމާދުގައި އިމާމުވާށެވެ." [6] ރިވާކުރެއްވީ ބުޚާރީ: 628، އަދި މުސްލިމު 674
އަދި އެއީ އިސްލާމްދީނުގެ ފާޅުވެގެންވާ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުން، އެ ދެކަންތައް ނަގައިލުމަކީ ހުއްދަވާނޭކަމެއް ނޫނެވެ.
ދެންފަހެ އަންހެނުންނަށް ބަލާއިރު، އެކަނބަލުން ބަންގި ގޮވުމެއް އަދި ޤަމަތްދިނުމެއްވެސް ޝަރުޢުވެގެން ނުވެއެވެ. އަންހެނާ އެކަނިހުރެ ނަމާދުކުރިޔަސް، ނުވަތަ އަންހެނުންގެ ބަޔަކުގެ އިމާމުކަމަށްހުރެ ނަމާދުކުރިޔަސްމެއެވެ. ޝަރްޙުލް ޢުމްދާ، ލިއިބްނު ތައިމިއްޔާ - ކިތާބުއް ޞަލާތި، ސ 101
ތިންވަނަ މަޠުލަބު: ބަންގިއާއި ޤަމަތުގެ މާތްކަން
ނަމާދަށް ބަންގި ގޮވުމާއި ބަންގިގޮވާ މީހުންގެ މާތްކަމާ ބެހޭގޮތުން ގިނަ ނައްޞުތަކެއް އައިސްފައިވެއެވެ. އޭގެ ތެރޭގައި އަންނަނިވި މާތްކަންކަން ވެއެވެ:
ބަންގިގޮވާ މީހާއީ ﷲ އަށްޓަކައި ދަޢުވަތުދީ ގޮވާލާ މީހުންގެ ތެރެއިންވާ މީހެކެވެ. އަދި އޭނާވަނީ އެންމެ ހެޔޮ ބަސް އިއްވާ މީހުންގެ ތެރެއިން އެކަކު ކަމުގައިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (اللَّهގެ حضرةއަށް (އައުމަށް) ގޮވާލައި، އަދި صالح عملކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ މުސްލިމުންގެ ތެރެއިންނޭ ބުނާ މީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟) [ފުއްޞިލަތު: 33]
ޤިޔާމަތް ދުވަހު މީސްތަކުންގެ ތެރެއިން އެންމެ ކަރު ދިގުވާހުށީ ބަންގިގޮވާ މީހުންނެވެ. އެގޮތުން މުޢާވިޔާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ: "ޤިޔާމަތް ދުވަހު މީސްތަކުންގެ ތެރެއިން އެންމެ ކަރު ދިގުވާހުށީ ބަންގި ގޮވާ މީހުންނެވެ." [8] ރިވާކުރެއްވީ މުސްލިމު: 387
ބަންގި ގޮވުމާއި ޤަމަތްދިނުމީ ޝައިޠާނާ ފައްސާލާ ކަމެކެވެ. އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ: "ނަމާދަށް ބަންގިއަށް ދެވިއްޖެނަމަ؛ ޝައިޠާނާ ވައި ބޭރުކުރަމުން ބަންގީގެ އަޑު ނީވެންދެން ފުރަގަސްދީދެއެވެ. ދެންފަހެ ބަންގީގެ އަޑު ކެނޑުމުން އެނބުރި އާދެއެވެ. ދެން ނަމާދަށް ޤަމަތް ދޭން ފެށުމުން ފުރަގަސްދީގެން ދުއްވާގަނެއެވެ. ފަހެ ޤަމަތުގެ އަޑު ކެނޑުމުން އެނބުރި އާދެއެވެ. މީހާއާއި އޭނާގެ ނަފްސާ ދެމެދަށް ވަސްވާސްތައް ވައްދައިފުމަށް ދާންދެނެވެ. އެކަލޭގެ ބުނެއެވެ: މިވެނި ކަމެއް ހަނދާންކުރާށެވެ. އެވެނި ކަމެއް ހަނދާންކުރާށެވެ. އެއީ އޭނާ މީގެ ކުރީން ހިތަށް ވެސް ނާރާ ކަންކަމެވެ. އެހެންގޮސް މީހާ ނަމާދުގައި ކުރީ ކިތައް ރަކްޢަތްކަންވެސް ނޭނގޭ ހިސާބަށް ދަންދެނެވެ." [9] ރިވާކުރެއްވީ ބުޚާރީ 1222 އަދި މުސްލިމް 389
ބަންގި ގޮވާމީހާގެ އަޑުއިވޭ ކޮންމެ އެއްޗެއް އޭނާއަށް ހެކިދެއެވެ. އެގޮތުން ޢަބްދު ﷲ ބްނު ޢަބްދުއް ރަޙްމާނު އަލްއަންޞާރީގެ އަރިހުން ރިވާވެގެންވެއެވެ: އަބޫ ސަޢީދު އަލްޚުދްރިއްޔު رضي الله عنه އެބޭފުޅާއަށް ވިދާޅުވިއެވެ: "އަހަރެންނަށް ފެންނަނީ ތިބާއަކީ ބަކައްޓަށާއި ރަށްފުށު ހިސާބަށް ދިޔުމަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ. ދެންފަހެ ތިބާގެ ބަކަރިތަކާއެކު ނުވަތަ ރަށްފުށު ހިސާބުގައި ތިބާވާހިނދު؛ ދެން ނަމާދަށް ތިބާ ބަންގި ދީފިނަމަ؛ ފަހެ އެ ގޮވާލުމުން ތިބާގެ އަޑު އުފުލާށެވެ. އެހެނީ: "ބަންގި ގޮވާމީހާގެ އަޑުއިވޭހާ ތަކެތި - ޖިންނީއެއް ކަމުގައި ވިޔަސް، އިންސާނެއް ކަމުގައި ވިޔަސް ކޮންމެ އެއްޗެއް ކަމުގައިވިޔަސް- ޤިޔާމަތް ދުވަހު އޭނާއަށް ހެކިނުވާ އެއްވެސް އެއްޗެއްނުވެއެވެ.” އަބޫ ސައީދު ވިދާޅުވިއެވެ: އެވާހަކަ އަހަރެންނަށް އިވުނީ ރަސޫލާﷺ ގެ އަރިހުންނެވެ. [10] ރިވާކުރެއްވީ އަލްބުޚާރީ 609
ބަންގީގެ މާތްކަން މީސްތަކުންނަށް ރަނގަޅަށް އެނގުނުނަމަ ބަންގި ގޮވާނީ ކާކުތޯ ނިންމުމަށް އެމީހުންގެ މެދުގައި ގުރުއަތުވެސް ނެގީހެވެ. އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. رسول اللَّه صَلّى اللهُ عَلَيْهِ وسَلَّم حديث ކުރެއްވިއެވެ: "މީސްތަކުންނަށް ބަންގިއާއި ފުރަތަމަ ސަފުގައިވާ ކަންކަން އެނގޭނަމަ އެކަމަށް ގުރުއަތު ނަގަން ޖެހުނުކަމުގައިވިޔަސް އެމީހުން އެކަން ކުރީހެވެ." [11] ރިވާކުރެއްވީ ބުޚާރީ 615 އަދި މުސްލިމު 437
ބަންގި ގޮވާމީހާގެ އަޑު ފޯރާ ދުރުމިނަށް އޭނާގެ ފާފަތައް ފުއްސެވިގެންދެއެވެ. އަދި އެއަޑު އިވޭ ތެތް ނުވަތަ ހިކި ކޮންމެ އެއްޗެއް ކަމުގައި ވިޔަސް އޭނާ ތެދުކުރާނެއެވެ. އަދި އޭނާއާއެކު ނަމާދުކުރާ މީހާއާ އެއްވަރުގެ ޘަވާބެއް އޭނާއަށް ލިބެއެވެ. އެހެނީ ހެޔޮކަމަށް މަގުދައްކާ މީހާއަކީ އެކަން ކުރާ މީހާފަދަ މީހެކެވެ. البراء بن عازب ގެ ކިބައިން ރިވާވެގެންވެއެވެ. ﷲ ގެ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުން ފުރަތަމަ ސަފަށް ޞަލަވާތް ލައްވަތެވެ. އަދި ބަންގި ގޮވާމީހާގެ އަޑު ފޯރާ ހިސާބަށް އޭނާގެ ފާފަފުއްސެވޭނެއެވެ. އަދި ތެތް އަދި ހިކި އެއްޗެއްވިޔަސް އޭނާގެ އަޑުއިވުނު ކޮންމެ އެއްޗެއް އޭނާ ތެދުކުރެއެވެ. އަދި އޭނާއާއެކު ނަމާދުކުރާ މީހާގެ އަޖުރާ އެއްފަދަ އަޖުރު އޭނާއަށް ހުއްޓެވެ." [12] ރިވާކުރެއްވީ އަޙުމަދު 18506، އަދި އައްނަސާއީ 646، އަދި އައްތަރުޣީބު ވައްތަރުހީބު (1 / 176) ގައި އަލްމުންޛިރީ ވިދާޅުވިއެވެ: ރަނގަޅު ޖައްޔިދު ސަނަދެކެވެ. އަދި އިބްނުލް މުލައްޤިނު އަލްބަދުރުލް މުނީރު ( 3/ 385) ގައި ވިދާޅުވިއެވެ. އޭގެ ސަނަދު ރަނގަޅެވެ.
ބަންގިއަކީ އިސްލާމްދީނުގެ އެންމެ ބޮޑު އެއް ޝިޢާރެވެ. އަދި އެއީ ކުފުރުގެ ބިމާއި، އިސްލާމްކަމުގެ ބިން ދެމެދު ވަކިކޮށްދޭ ފަރަޤެވެ. އެގޮތުން އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙްގައި ބާބެއް މި ސުރުޚީގެ ދަށުން ގެންނެވިއެވެ: "ބަންގީގެ ސަބަބުން ރައްކާތެރިކަން ދެވޭ ލެޔަކީ ކޮބައިކަން ބަޔާންވި ބާބު" ދެން އެކަލޭގެފާނު އަނަސް ބްނު މާލިކު رضي الله عنه ގެ ޙަދީޘް ރިވާކުރެއްވިއެވެ: ހަމަކަށަވަރުން ނަބިއްޔާ ﷺ އަހަރުމެންނާގެން ބަޔަކާ ދެކޮޅަށް ހަނގުރާމަކުރައްވާހިނދު؛ ފަތިސްވެ އިންތިޒާރުކުރައްވާ ބައްލަވައިފުމަށް ދާންދެން އެކަލޭގެފާނު އަހަރުމެންނާގެން ހަނގުރާމަ ނުކުރައްވައެވެ. ދެންފަހެ އެކަލޭގެފާނަށް ބަންގީގެ އަޑުއިވިވަޑައިގެންފިނަމަ؛ އެމީހުންގެ ކިބައިން (ހަނގުރާމަ ނުކޮށް) ދުރުވެވަޑައިގަންނަވައެވެ. ބަންގީގެ އަޑުއިވިވަޑައި ނުގެންނެވިނަމަ އެމީހުންގެ މައްޗަށް ހަމަލާދެއްވައެވެ." [13] ރިވާކުރެއްވީ ބުޚާރީ 610، އަދި މުސްލިމު 382
އިމާމު އަލްޚައްޠާބީ ވިދާޅުވިއެވެ: "އޭގައި ބަޔާންވެގެންވަނީ: ބަންގިއަކީ އިސްލާމްދީނުގެ ޝިޢާރެއްކަމާއި، އަދި އެއީ ދޫކޮށްލުން ހުއްދަނުވާނޭ ވާޖިބުކަމެއް ކަމެވެ. އަދި ރަށެއްގެ ބަޔަކު ބަންގި ދޫކޮށްލުމުގެ މައްޗަށް އެއްބަސްކިޔާ، އަދި އެކަމުން މަނާވެގަނެއްޖެނަމަ؛ އެކަމުގެ މައްޗަށް ވެރިޔާ އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރުންވެއެވެ." [14] އަޢުލާމުލް ޙަދީޘް ޝަރްޙު ޞަޙީހުލް ބުޚާރީ 1/ 460
ހަތަރުވަނަ މަޠުލަބު: ބަންގިއާއި ޤަމަތް ޞައްޙަވުމުގެ ޝަރުޠުތައް
1- އިސްލާމްކަން. އެގޮތުން ކާފަރެއްގެ ކިބައިން ބަންގިއާއި ޤަމަތް ޞައްޙަވެގެން ނުވެއެވެ. އެހެނީ އެއީ ދެ އަޅުކަމެވެ. އަދި ކާފަރެއްގެ ކިބައިން އަޅުކަން ޞައްޙަވެގެން ނުވެއެވެ.
2- ބުއްދި ހުރުން. އެހެންކަމުން މޮޔަމީހާއާއި މަސްތުގެ ހާލަތުވާ މީހާއާއި ތަންދޮރު ވަކިނުވާ ކުޑަ ކުއްޖާގެ ކިބައިން އެ ދެއަޅުކަން ޞައްޙަވެގެން ނުވެއެވެ. އެއީ އެހެން އަޅުކަންތައްވެސް އެމީހުންގެ ކިބައިން ޞައްޙަ ނުވާ ބީދައިންނެވެ.
3- ނިޔަތް ގަތުން. ފަހެ އެއާ ނުލައި އެ ދެ ކަން ޞައްޙަނުވާނެއެވެ. ސަބަބަކީ އެއީ ދެ އަޅުކަންކަމުގައިވާތީއެވެ. އަދި އަޅުކަންތައް ނިޔަތާ ނުލައި ޞައްޙަ ނުވާތީއެވެ. އެއީ ރަސޫލާ ﷺ ގެ ޙަދީޘްފުޅަށްޓަކައިއެވެ: "ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ ހަމައެކަނި އެމީހަކު ނިޔަތްގަތް ކަމެކެވެ." [15] ރިވާކުރެއްވީ އަލްބުޚާރީ 1، އަދި މުސްލިމު1907 ގައިއެވެ. އެއީ ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ގެ ޙަދީޘުންނެވެ.
4- ފިރިހެނަކުކަމުގައި ވުން. ފަހެ އަންހެނުން ބަންގި ދިނުމާއި ޤަމަތް ދިނުން ޞައްޙަ ނުވެއެވެ.
5- ނަމާދު ވަޤުތު ވަނުމުން ބަންގި ގޮވުމެވެ. ފަހެ ވަގުތު ވަނުމުގެ ކުރީން ސައްޙަ ނުވެއެވެ. އެއީ މާލިކު ބްނު އަލްޙުވައިރިޘް رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ހަމަކަށަވަރުން ނަބިއްޔާ ޙަދީޘްކުރެއްވިއެވެ: "ފަހެ ނަމާދުގެ ވަޤުތު ޖެހިއްޖެނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކު ތިޔަބައިމީހުންނަށް ބަންގި ގޮވާދޭހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ދޮށީ މީހާ ތިޔަބައިމީހުންގެ ނަމާދުގައި އިމާމުވާށެވެ." [16] ، ފަހެ، ބަންގި ގޮވާލުމަށް އަމުރުކުރެއްވުން އެކަލޭގެފާނު ގުޅުވާލައްވާފައި އެވަނީ ނަމާދު ގަޑި ޖެހުމާއެވެ. އަދި ނަމާދު ގަޑިޖެހޭނީ ނަމާދު ވަޤުތު ވަނުމުން ކަމުގައި މެނުވީ ނުވެއެވެ. އަދި ޤަމަތް ދޭންޖެހޭނީ ނަމާދަށް ތެދުވާން ބޭނުންވާ ވަގުތުގައެވެ. ރިވާކުރެއްވީ ބުޚާރީ 628 އަދި މުސްލިމު 674
6- ބަންގި އަދި އެގޮތަށް ޤަމަތްވެސް ދިނުމުގައި ތަރުތީބުކުރުމެވެ. ތަރުތީބުކުރުމުގެ މަޤްޞަދަކީ: ބަންގި އާއި ޤަމަތުގެ ޞިފަ ބަޔާންވެގެން އައިސްފައިވާ ޝަރުޢީ ނައްޞުތަކުގައިވާ ގޮތަށް ބަންގިދޭ މީހާ ބަންގިއާއި ޤަމަތުގެ ލަފްޒުތައް އޭނާ ގެނައުމެވެ. އެއީ ކަލިމައެއް ނުވަތަ ޖުމްލައެއް އިސްފަސްކުރުމެއް ނެތިއެވެ. އެހެނީ ބަންގިއަކީ މި ތަރުތީބުގެ މައްޗަށް ޘާބިތުވެގެންވާ އަޅުކަމެކެވެ. އެހެންކަމުން ވާރިދުވެގެން އައިސްފައިވާ ގޮތަށް އެ އަޅުކަން ކުރެވެން ޖެހޭނެއެވެ. އެއީ އެކަލޭގެފާނު ﷺގެ ބަސްފުޅަށްޓަކައިއެވެ: "އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް ތަޢާރަފްކޮށްފި މީހަކު، ފަހެ އެ ކުރިކަމެއް ވަނީ އެމީހެއްގެ މައްޗަށް ރައްދުކުރެވިގެންނެވެ." [17] ރިވާކުރައްވާފައިވަނީ އަލްބުޚާރީ 2697، އަދި މުސްލިމް: 1718، މާތްﷲ ރުއްސުންލެއްވި ޢާއިޝާގެ ޙަދީޘުންނެވެ.
7- ބަންގި އަދި ޤަމަތްދިނުމުގައި ވުވާލާތުކުރުމެވެ. މުވާލާތުގެ މަޤްޞަދަކީ: ވާހަކަ ދެއްކުމަކުން ނުވަތަ ޢަމަލަކުން ވިޔަސް ބަންގިއާއި ޤަމަތުގެ ޖުމުލަތަކުގެ ދެމެދުގައި ވަކިނުކޮށް ކުރިއަށް ދިއުމެވެ. އަދި ބަންގިއާއި ޤަމަތުގެ ޖުމުލަތަކުގެ ދެމެދުގައި މެދުކަނޑައިގެން ގިނަ ވަގުތު ނުހުރުމެވެ.
8- ބަންގި ގޮވުމާއި ޤަމަތް ވެސް ޢަރަބި ބަހުން ކިޔުމެވެ. އަދި ސުންނަތުގައި އައިސްފައިވާ ލަފުޒުތަކުން ކިޔުމެވެ. އަދި މާނަ އޮޅުވާލެވޭފަދަ ކުށެއްވުމުން ސަލާމަތްވުމާ އެކުގައިއެވެ.
ނަމާދަށް ބަންގި ގޮވާލުމުގައި އަޑު އުފުލުން. އެހެނީ ބަންގިގޮވާ މީހާ، ހަމައެކަނި އޭނާގެ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް އަޑު މަޑުކޮށްފިނަމަ؛ ދެން ބަންގި ޝަރުޢުވުމުގެ މަޤްޞަދު ޙާޞިލު ނުވެއެވެ. އެއީ ނަބިއްޔާ ގެ ބަސްފުޅަށްޓަކައިއެވެ: "ފަހެ ތިޔަބައިމީހުންކުރެ މީހަކު ތިޔަބައިމީހުންނަށްޓަކައި ބަންގި ގޮވާދޭހުށިކަމެވެ." [18]، އެއިން އިޝާރާތްކުރަނީ އެހެން މީހުންނަށް އަޑުއިވޭ ގޮތަށް އަޑު އުފުލުމަށެވެ. އެގޮތުން ޤަޞްދުކުރެވޭ އަޑުއިވުން އެ އިޢުލާނުން ޙާޞިލުވުމަށެވެ. ދެންފަހެ އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އޭނާއާއެކު ޙާޒިރުވެހުރި މީހަކަށް ބަންގި ގޮވާދޭނަމަ؛ ދެން އަޑު މައްޗަށް ނެގުން ޝަރުޠުވެގެން ނުވެއެވެ. ނަމަވެސް އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އޭނާއާއެކު ޙާޒިރުވެހުރި މީހަކަށް އަޑުއިވޭވަރަށް އަޑު އުފުލާލާނީއެވެ. ނަމަވެސް އެއަށްވުރެ އިތުރަށް އަޑު އުފުލުން މޮޅުއިތުރެވެ. އެއީ އަބޫ ސަޢީދު އަލްޚުދްރިއްޔު، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެވުނު ޙަދީޘަށްޓަކައިއެވެ: ދެންފަހެ ތިބާގެ ބަކަރިތަކާއެކު ނުވަތަ ރަށްފުށު ހިސާބުގައި ތިބާވާހިނދު؛ ދެން ނަމާދަށް ތިބާ ބަންގި ދީފިނަމަ؛ ފަހެ އެ ގޮވާލުމުން ތިބާގެ އަޑު އުފުލާށެވެ. އެހެނީ: ބަންގި ގޮވާމީހާގެ އަޑުއިވޭހާ ތަކެތި - ޖިންނީއެއް ކަމުގައި ވިޔަސް، އިންސާނެއް ކަމުގައި ވިޔަސް ކޮންމެ އެއްޗެއް ކަމުގައިވިޔަސް- ޤިޔާމަތް ދުވަހު އޭނާއަށް ހެކިނުވާ އެއްވެސް އެއްޗެއް ނުވެއެވެ.” [19] މީގެ ތަޚުރީޖު އިސްވެ ހިނގައްޖެއެވެ. ތަޚުރީޖު އިސްވެ ހިނގައްޖެއެވެ.
ފަސްވަނަ މަޠްލަބު: ބަންގި ގޮވާ މީހާގެ ގައިގައި ހުންނަން ޖެހޭ ޞިފަަތައް:
1- ޢަދުލުވެރިކަމާއި ދީނުގައި ސީދާކޮށް ހުރިކަމަށް އެނގިގެންވާ މީހަކަށްވުން. އެއީ ނަބިއްޔާ ﷺގެ ބަސްފުޅަށްޓަކައިއެވެ: "އިމާމާ އަކީ ޒިންމާ އުފުލަންޖެހޭ ފަރާތެކެވެ. އަދި ބަންގިގޮވާ މީހާއީ އަމާނަތެއް އުފުލިގެންވާ މީހެކެވެ. އޭﷲ! އިމާމުންނަށް އިރުޝާދު ދެއްވާދޭނވެ! އަދި ބަންގިގޮވާ މީހުންނަށް ފާފަ ފުއްސަވާދޭނވެ.!" [20] ބަންގި ގޮވާ މީހާއީ ނަމާދާއި ރޯދައިގެ ވަގުތުތަކުގެ އަމާނާތް ހަވާލުވެގެންވާ ފަރާތެކެވެ. އަދި ޢަދުލުވެރި މީހަކު މެނުވީ އަމާނާތް އަދާނުކުރެވޭނެއެވެ. އެހެންކަމުން ބަންގިގޮވާ މީހާއީ ފާސިޤެއްކަމުގައި، ނުވަތަ ފާޅުގައި ފާފަކުރާ މީހެއްކަމުގައި، ނުވަތަ މުރޫއަތްތެރިކަން ވެއްޓިފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ. ރިވާކުރެއްވީ އަބޫ ދާވޫދު: 517، އަދި އަލްތިރްމޛީ: 207 ގައިއެވެ.
2- ބާލިޣުވެފައިވާ މީހަކަށްވުމެވެ. އެހެނީ ބޮޑެތި މީހުންގެ ބަންގި މާ ފުރިހަމަވާނެތީއެވެ. އަދި ތަންދޮރު ވަކިކުރަން އެނގޭ ކުޑަކުއްޖާވެސް، ވަޤުތުގެ ތެރޭގައި ބަންގި ގޮވައިފިނަމަ ޞައްޙައެވެ. ފަހެ އެ ކުއްޖާގެ ބަންގިން ފުއްދާލެވިދާނެއެވެ. އެހެނީ ނަމާދު ވަޤުތު ވަތްކަން އެއިން އަންގާދެވޭތީއެވެ.
3- ނަމާދު ވަޤުތުތަކަށް ފަރުވާތެރިވުމަށްޓަކައި އެ ވަޤުތުތައް ދަންނަ މީހަކަށްވުމެވެ. އެއިރުން އެ މީހަކަށް ނަމާދު ވަޤުތު ވަނުމުން އޭގެ ފުރަތަމަކޮޅުގައި ބަންގި ގޮވާލެވޭނެތީއެވެ. އެހެނީ އެކަން ނޭނގޭ މީހެއް ނަމަ، އެ މީހަކަށް ގޯހެއް ނެހެދޭނެ ކަމުގެ ނުވަތަ ނުބަޔެއް ނެހެދޭނެ ކަމުގެ ގެރެންޓީއެއް ނޯންނާނެތީއެވެ.
4- ވަރުގަދަ އަޑެއް ހުރި މީހަކަށްވުން. އެއީ ޢަބްދު ﷲ ބްނު ޒައިދު رضي الله عنه ގެ އަރިހުންވާ ބަންގީގެ ހުވަފެނުގެ ޙަދީޘަށްޓަކައިއެވެ. ދެން ނަބިއްޔާ ﷺ އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ތިޔައީ ތެދު ހުވަފެނެކެވެ. ފަހެ ތިބާ ބިލާލުއާއެކު ތެދުވާށެވެ. ފަހެ އޭނާ ތިބާއަށްވުރެ އަޑު ހިތްގައިމުވެފައި، އަޑު ގަދަވެގެންވެއެވެ. ދެން ތިބާއަށް (ހުވަފެނުގައި) ބުނެވުނު ބަސްތައް ތިބާ އޭނާއަށް ލައިދޭށެވެ. އަދި އޭނާ އެ ބަސްތަކުން ގޮވާލާހުއްޓެވެ." [21] އަދި މި ބަހުގެ މާނައީ: "އޭނާ ތިބާއަށްވުރެ އަޑު ދަމާލުން ބޮޑެވެ." އެބަހީ: ތިބާއަށްވުރެ އަޑުގަދަވެފައި އަޑުހަރު މީހެކެވެ. އަޑުގަދަ، އަދި އަޑުހަރު މީހެއް ބަންގިގޮވުމަށްޓަކައި ނެގުން މުސްތަޙައްބު ވެގެންވާކަމަށް ދަލީލު މީގައިވެއެވެ. އެހެނީ އަޑު ގަދަ މީހާއަށް ބަންގިން މާބޮޑަށް (ނަމާދު ވަޤުތުވަތްކަން) އަންގައިދެވޭނެތީއެވެ. [22] ރިވާކުރެއްވީ އައްތިރްމިޛީ 189 ގައިއެވެ. އަދި ވިދާޅުވިއެވެ: ޞައްޙަ ޙަސަނު ދަރަޖައިގެ ޙަދީޘެކެވެ. ބައްލަވާ ތުޙުފަތުލް އަޙުވަޛީ: 481/1
5- އަޑު ރީތި މީހެއް ކަމުގައިވުން. އެއީ އިސްވެދިޔަ ޢަބްދު ﷲ ބްނު ޒައިދު رضي الله عنه ގެ ޙަދީޘްގައި އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައިއެވެ: "ފަހެ އޭނާ ތިބާއަށްވުރެ އަޑު ހިތްގައިމުވެފައި، އަޑުގަދަވެގެންވެއެވެ." އެބަހީ: އަޑު ރީތިވެފައި ހިތްގައިމެވެ.
6- ކުޑަ ޙަދަޘާއި ބޮޑު ޙަދަޘުން ޠާހިރުވެގެންވުން. އެހެނީ ބަންގިއާއި ޤަމަތްދިނުމަކީ ﷲ ޢައްޒަ ވަޖައްލައަށް ކުރެވޭ ޛިކުރެކެވެ. އަދި ޛިކުރުކުރާ މީހާ ޠާހިރު މީހެއްކަމުގައިވުން މުސްތަޙައްބުވެ އެދެވިގެންވެއެވެ.
7- ކޮއްޅަން ހުރެގެން ބަންގި ގޮވުން. އެއީ ނަބިއްޔާ صَلّى اللهُ عَلَيْهِ وسَلَّم ގެ ބަސްފުޅަށްޓަކައިއެވެ: "އޭ ބިލާލެވެ! ތެދުވާށެވެ. އަދި ނަމާދަށް ބަންގި ދޭށެވެ." ([23])، އިބްނުލް މުންޛިރު ވިދާޅުވެފައިވެއެވެ: "ދަންނަބޭކަލުންގެ އިޖުމާޢުވެގެންވަނީ ބަންގިގޮވާ މީހާ ކޮޅަށް ހުރެގެން ބަންގި ގޮވުމީ ސުންނަތެއްކަމުގައިއެވެ." [24] ރިވާކުރެއްވީ އަލްބުޚާރީ: 604، އަދި މުސްލިމް: 377، އިބްނު ޢުމަރު رضي الله عنهما ގެ ޙަދީޘުންނެވެ. އިބްނުލް މުންޛިރު ލިޔުއްވާފައިވާ އަލްއިޖްމާޢު: ޞ.38
8- ޤިބްލައަށް ކުރިމަތިލައިގެން ބަންގި ގޮވުން. އެއީ ޢަބްދު ﷲ ބްނު ޒައިދު رضي الله عنه ގެ އަރިހުން ބަންގީގެ ހުވަފެންވާ ޙަދީޘްގެ އެއް ރިވާޔަތުގައި އައިސްފައިވާ ބަޔަށްޓަކައިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ދެން އެކަލޭގެފާނު ޤިބްލައަށް ކުރިމަތިލައްވާފައި ކިޔުއްވިއެވެ: الله أكبر، الله أكبر [25] އިބްނުލް މުންޛިރު ވިދާޅުވިއެވެ: "އަދި ބަންގި ގޮވާއިރު ޤިބްލައަށް ކުރިމަތިލައިގެން ހުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެއްކަމަށް އެބޭކަލުން އިޖުމާޢުވެގެންވެއެވެ." [26] ރިވާކުރެއްވީ އަބޫ ދާވޫދު: 507. އިބްނުލް މުންޛިރު ލިޔުއްވާފައިވާ އަލްއިޖްމާޢު: ޞ.38
9- އޭނާގެ ޝަހާދަތް ދެ އިނގިލި ދެ ކަންފަތަށް ލައިގެން ހުރުން. އެއީ ނަބިއްޔާ ﷺގެ ކުރިފުޅުމަތީގައި ބިލާލު رضي الله عنه ބަންގި ގޮވާލެއްވުމުގައި އެފަދައިން ކަންތައް ކުރެއްވުމުންނެވެ. އެގޮތުން އަބޫ ޖުޙައިފާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ބިލާލް ނަމާދަށް ގޮވާލަމުން ދިޔަތަން އަހަރެންނަށް ފެނުނެވެ. އެކަލޭގެފާނުގެ މޫނު މިކޮޅަށް އަދި އެކޮޅަށް އަނބުރަމުން ދިޔައެވެ. އެއީ ދެ ކަންފަތަށް އިނގިލި ލައްވައިގެން ހުރެއެވެ. އޭރު ﷲ ގެ ރަސޫލާ ﷺ ހުންނެވީ އެކަލޭގެފާނުގެ ރަތް ޤުއްބެއްގެ ދަށުގައިއެވެ... [27] ރިވާކުރައްވާފައިވަނީ އައްތިރްމީޛީ: 197، އަދި ވިދާޅުވިއެވެ: އެއީ ރަނގަޅުޞައްޙަ ޙަދީޘެކެވެ. އޭގެ އަޞްލަކީ ޞަޙީޙް އަލްބުޚާރީގެ 634 އެވެ. ޢިބާރާތަކީ: ޢައުނު ބްނު އަބީ ޖުޙައިފާގެ އަރިހުން، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުންވާ ޙަދީޘެވެ: އެގޮތުން އެކަލޭގެފާނު ބިލާލު ބަންގި ގޮވާލެއްވިކަމަށް ފެނިވަޑައިގަތްކަމަށާއި، ދެން ބަންގި ދެއްވުމުގައި މިކޮޅާއި އެކޮޅަށް އަނގަ އަނބުރާލައްވާތަން ތިމަންނާ ބަލަމުން ގެންދިޔަކަމަށެވެ.
މި ޙަދީޘް ރިވާކުރެއްވުމަށް ފަހު އިމާމު އައްތިރްމިޛީ ވިދާޅުވިއެވެ: "ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި ޢަމަލުކުރެވުންވަނީ މިގޮތަށެވެ. ބަންގިގޮވާ މީހާ ބަންގިގޮވާހިނދު އޭނާގެ ދެ ކަންފަތަށް އިިނގިލި ލުން އެބޭކަލުން މުސްތަޙައްބުކަމަށް ދެކެލައްވައެވެ.
އިބްނު ޝުބްރުމާ އާ ސުވާލުކުރެވުނެވެ: "ބަންގިގޮވާ މީހާ އޭނާގެ ދެ އިނގިލި އޭނާގެ ދެ ކަންފަތަށް ލާން އަމުރުކުރެވުނީ ކީއްވެގެން ހެއްޔެވެ؟" އެކަލޭގެފާނު ވިދާޅުވިއެވެ: "އެއީ އަޑުގަދަކޮށްލުމަށްޓަކައިއެވެ." [28] އަލްއައުސަޠު (11 / 4).
އައްނަވަވީ ވިދާޅުވިއެވެ: "ސުންނަތް ގޮތަކީ: އޭނާގެ ދެ އިނގިލި ކަންފަތުގެ ހޮރަށް ލުމެވެ. މިއީ އިއްތިފާޤުވެވިގެންވާ ކަމެކެވެ. އަދި އަލްމުޙާމިލީ މަޖްމޫޢުގައި ގިނަ ޢިލްމުގެ އަހުލުވެރިންގެ އަރިހުން މިކަން ނަޤުލުކުރިއެވެ. އަހަރުމެންގެ މަޛްހަބުގެ ބޭފުޅުން ވިދާޅުވިއެވެ: މިކަމުގައި އެހެން ފައިދާއެއްވެސް ވެއެވެ. އެއީ އިންސާނަކުގެ ކިބައިގައި ހުރި ބީރުކަމެއް، ނުވަތަ ދުރުގައި ހުރީމާ، ނުވަތަ އެހެން ކަމަކާހުރެވެސް އަޑުނީވިދާނެއެވެ. ދެން މުދިމުމީހާ ކަންފަތަށް އިނގިލި ލާފައި ހުރުމުން ބަންގި ގޮވަނީކަމަށް އިޝާރާތް ލިބެއެވެ." [29] ޝަރްޙުލް މުހައްޛަބު (3/ 113).
10- حيَّ على الصلاة،ކިޔާ ދެފަހަރުވެސް ކަނާތް ފަރާތަށް އެނބުރުމާއި، އަދި حيَّ على الفلاح ކިޔާ ދެފަހަރުވެސް އެއްކޮށް ވާތްފަރާތަށް އެނބުރުމެވެ. އެއީ ދެފައި ހުރި ތަނުގައި ޘާބިތުކޮށް ބަހައްޓައިގެންނެވެ. އެއީ ނަބިއްޔާ ﷺގެ ކުރިފުޅުމަތީގައި، ބިލާލު رضي الله عنه ބަންގިދެއްވިކަމަށް އަބޫ ޖުޙައިފާ رضي الله عنه ރިވާކުރައްވާފައިވާ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: "ދެން އަހަރެން އެކަލޭގެފާނުގެ އަނގަފުޅަށް ބަލަމުން ދިޔައީމެވެ. މި ދިމާލާ އެ ދިމާލަށެވެ. -އެވިދާޅުވީ ަކަނާތްފަރާތާއި ވާތްފަރާތަށް އެނބުރޭ ވާހަކައެވެ- حيَّ على الصلاةގެ ކަލިމައާއި حيَّ على الفلاحގެ ކަލިމަ ކިޔުއްވިއިރުއެވެ." [30] އަދި އެއީ މިސްކިތާ ދުރުގައި ތިބޭ މީހުންނަށް ބަންގީގެ އަޑު އިއްވަން އެންމެ ރަނގަޅު ގޮތްކަމަށް ވާތީއެވެ. ރިވާކުރެއްވީ އަލްބުޚާރީ: 634، އަދި މުސްލިމް: 503، އަދި މިއީ މުސްލިމްގެ ލަފްޒެވެ.
11- ބަންގި ގޮވުމުމުގައި ލަސްލަހުން ގޮވުމެވެ. އެބަހީ: މާ ބޮޑަށް ޙައްދުފަހަނައަޅާ ވަރަށް މައްދުކުރުމާއި އަޑު ގޮތްގޮތަށް ދަމާލުމެއް ނެތި ލަސްލަހުން ގޮވުމެވެ. އެހެނީ ނަމާދަށް ބަންގި ގޮވަނީ މިސްކިތުން ދުރުގައި ތިބޭ މީހުންނަށް އަންގައިދިނުމަށް ކަމަށްވާތީ މުނާސަބުވަނީ އޭގައި ލަސްލަހުން ގޮވުމެވެ. އަދި ޤަމަތް ދޭއިރު އަވަސްކޮށް ދިނުމެވެ. އެހެނީ އެއީ ހާޒިރުވެ ތިބި ބަޔަކަށް އިއްވުމަށް ކުރާކަމަކަށް ވާތީވެ މުނާސަބުވަނީ އަވަސްކޮށް ގޮވުމެވެ. [31] ބައްލަވާ އިބްނު ޤުދާމާގެ އަލްމުޣްނީ: 1/ 295.
12- ބަންގި ގޮވުމުގައި ޝަރުޢުވެގެންވާ ގޮތަށް، އާދައިގެ ލުއިފަސޭހަ އަޑަކުން ގޮވުމެވެ. ގަޔަށް ބާރު އަރުވަމުން ރާގުރާގުތައް ލާފައިއެއް ނޫނެވެ. އަދި ލަވަކިޔާ މޭރުމަކުން ވެސް ނޫނެވެ. އަދި އޭގެ މަޤްޞަދުން ބޭރުވާގޮތަށް މާ ބޮޑަށް ދަމައިގެންވެސް ނޫނެވެ. އޭގެ ބަދަލުގައި ބަންގިގޮވާ މީހާ ބަންގި އަދާކުރާހުށީ: ހަމަ އޭނާގެ އަޑުން އޭގެ ޝަރުޠުތަކަށާއި ޝަރުޢީ އަދަބުތަކަށް ރިޢާޔަތްކޮށްގެންނެވެ.
ހަވަނަ މަޠުލަބު: ބަންގިއާއި ޤަމަތުގެ ޞިފަ
ބަންގި ގޮވުމާއި ޤަމަތް ދިނުމުގައި ނަބަވީ ނައްޞުތަކުގައި އައިސްފައިވާ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތުން ބަންގިއާއި ޤަމަތުގެ ޞިފައާމެދު އައިސްފައިވާ އެއް ޙަދީޘަކީ ޢަބްދު ﷲ ބްނު ޒައިދު رضي الله عنه ގެ ޙަދީޘެވެ. އެ ޙަދީޘްގައިވާ ބަންގީގެ ލަފްޒުވަނީ މިހެންނެވެ:
الله أكبر، الله أكبر، الله أكبر، الله أكبر. މާނައީ: އެންމެ ބޮޑީ ﷲ އެވެ.
أشهد أن لا إله إلا الله، أشهد أن لا إله إلا الله. މާނައީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.
أشهد أن محمدًا رسول الله، أشهد أن محمدًا رسول الله. މާނައީ: މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަޅުހެކިވަމެވެ.
حيَّ على الصلاة، حيَّ على الصلاة. މާނައީ: ނަމާދަށް އަވަހަށް އަންނާށެވެ.
حيَّ على الفلاح، حيَّ على الفلاح. މާނައީ: ފަލާޙާއި ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ.
الله أكبر، الله أكبر. މާނައީ: އެންމެ ބޮޑީ ﷲ އެވެ.
لا إله إلا الله. މާނައީ:ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ.
ޤަމަތުގެ ލަފުޒު:
الله أكبر، الله أكبر. އެންމެ ބޮޑީ ﷲ އެވެ.
أشهد أن لا إله إلا الله. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ
أشهد أن محمدًا رسول الله. މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަޅުހެކިވަމެވެ.
حيَّ على الصلاة، حيَّ على الفلاح. ނަމާދަށް އަވަހަށް އަންނާށެވެ. ފަލާހާ ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ.
قد قامت الصلاة، قـد قامت الصلاة. ނަމާދު ޤާއިމުވެއްޖެއެވެ.
الله أكبر، الله أكبر. އެންމެ ބޮޑީ ﷲ އެވެ.
لا إله إلا الله. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. [32] ރިވާކުރެއްވީ އަބޫ ދާވޫދު، 499 ގައި، އަދި އައްތިރްމިޛީ ކުރުކޮށް: 189 ގައިއެވެ. އަދި އެކަލޭގެފާުނު ވިދާޅުވިއެވެ: ޢަބްދު ﷲ ބްނު ޒައިދުގެ ޙަދީޘަކީ ރަނގަޅު ޞައްޙަ ޙަދީޘެކެވެ.
މިއީ ބަންގި ގޮވުމާއި ޤަމަތް ދިނުމުގައި ބިލާލުގެފާނު ﷲ ގެ ރަސޫލާ ﷺ އާއެކު ދަތުރުމަތީގައްޔާއި ރަށުގައި ޤާއިމުވެ ހުންނަވާއިރުވެސް ދެމިހުންނެވި ޞިފައެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާންދެނެވެ.
އަދި ފަތިސް ނަމާދުގެ ބަންގީގައި حيَّ على الفلاحގެ ފަހަތުން الصلاة خير من النَّوم ދެ ފަހަރު ކިޔުއްވައެވެ. އެއީ މާތްﷲ ރުއްސުންލެއްވި أبو محذورة ގެ ކިބައިން ރިވާވެގެންވާ ރިވާޔަތަށްޓަކައިއެވެ. رسول الله ﷺ ޙަދީޘް ކުރެއްވިއެވެ: "ދެންފަހެ ފަތިސް ނަމާދުވާހިނދު ތިބާ (ބަންގީގައި) ގޮވާށެވެ: الصلاة خير من النوم، الصلاة خير من النوم» (ނިދުމަށްވުރެ ނަމާދު ހެޔޮވެގެންވެއެވެ.)" [33] ރިވާކުރެއްވީ އަބޫ ދާވޫދު: 500 ގައިއެވެ. އަދި އައްނަވަވީ ޚުލާޞަތުލް އަޙުކާމް (1/ 286) ގައި ވިދާޅުވެފައި ވެއެވެ: އެއީ ރަނގަޅު ޙަދީޘެކެވެ.
ބަންގި ގޮވުމުގައި އެހެން ވައްތަރެއް ވެސް އެބައޮތެވެ. އެއީ ތަރުޖީޢުކުރުމެވެ. ތަރުޖީޢުކުރުމަކީ އެއީ މަޑު އަޑަކުން އެ ދެ ކަލިމަ (أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ އާއި أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ ) ކިޔުމަށްފަހު ދެން އަޑުހަރުކޮށް އަނެއްކާ ތަކުރާރު ކުރުމެވެ. އަދި ޤަމަތްދިނުމުގައި (ބަންގިފަދައިން) ކަލިމަތައް ދެފަހަރު ކިޔުމެވެ. މިއީ ﷲ ރުއްސުންލެއްވި أبو محذورة ގެ ކިބައިން ރިވާވެގެންވާ ޞިފައެވެ. ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ﷺ އަމިއްލަފުޅަށް އަހަރެންނަށް ބަންގި ލައިދެއްވިއެވެ. އެގޮތުން ޙަދީޘްކުރެއްވިއެވެ: ތިބާ ކިޔާށެވެ: اللَّهُ أَكْبَرُ (އެންމެ ބޮޑީ ﷲ އެވެ.) اللَّهُ أَكْبَرُ (އެންމެ ބޮޑީ ﷲ އެވެ.) أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ( ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.) أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ( ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.) أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ ( މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަޅުހެކިވަމެވެ.) أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ ( މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަޅުހެކިވަމެވެ.) ޙަދީޘްކުރެއްވިއެވެ: ދެން އެނބުރި ގޮސް، ތިބާގެ އަޑު ނަގާ ކިޔާށެވެ: أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ( ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.) أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ( ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.) أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ ( މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަޅުހެކިވަމެވެ.) أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ ( މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަޅުހެކިވަމެވެ.) حَيَّ عَلَى الصَّلاَةِ ( ނަމާދަށް އަވަހަށް އަންނާށެވެ.) حَيَّ عَلَى الصَّلاَةِ ( ނަމާދަށް އަވަހަށް އަންނާށެވެ.) حَيَّ عَلَى الْفَلاَحِ ( ފަލާޙާއި ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ.) حَيَّ عَلَى الْفَلاَحِ ( ފަލާޙާއި ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ.) اللَّهُ أَكْبَرُ (އެންމެ ބޮޑީ ﷲ އެވެ.) اللَّهُ أَكْبَرُ (އެންމެ ބޮޑީ ﷲ އެވެ.) لاَ إِلَهَ إِلاّ اللّهُ ( ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ.)
އަދި ޤަމަތުގެ އަނެއް ޞިފަޔަކީ: اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ ،اللَّهُ أَكْبَرُ (އެންމެ ބޮޑީ ﷲ އެވެ.) أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ( ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.) أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ، أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ ( މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާ ކަމަށް އަޅުހެކިވަމެވެ.) حَيَّ عَلَى الصَّلاَةِ، حَيَّ عَلَى الصَّلاَةِ ( ނަމާދަށް އަވަހަށް އަންނާށެވެ.) حَيَّ عَلَى الْفَلاَحِ، حَيَّ عَلَى الْفَلاَحِ ( ފަލާހާ ކާމިޔާބު ލިބިގަތުމަށް އަވަހަށް އަންނާށެވެ.) قد قامت الصلاة، قد قامت الصلاة ( ހަމަކަށަވަރުން ނަމާދު ފެށިއްޖެއެވެ.) اللَّهُ أَكْبَرُ، اللَّهُ أَكْبَرُ (އެންމެ ބޮޑީ ﷲ އެވެ.) لاَ إِلَهَ إِلاّ اللّهُ ( ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ.) [34] ރިވާކުރެއްވީ އަބޫ ދާވޫދު: 502، 503.
މިއީ ވައްތަރުތައް ތަފާތު ވުމުގައިވާ އިޚުތިލާފެކެވެ. ޘާބިތުވެފައިވާ މިހިރަ ގޮތްތަކުން ކޮންމެ ގޮތެއްގައި ހިފައިގެން ބަންގިގޮވިޔަސް ހަމަ ރަނގަޅެވެ. ޘާބިތުވެފެންވާ ބަންގީގެ ބައެއް ޞޫރަތްތައް ގެންނަވާފައި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ: "އެހެން ކަންތައްވާނަމަ؛ ދެންފަހެ ރަނގަޅު ޙައްޤު ގޮތަކީ ޙަދީޘްގެ އަހުލުވެރިންނާއި އެބޭކަލުންނާ އެއްބަސްވި މީހުންގެ މަޛްހަބެވެ. އެއީ ނަބިއްޔާ ﷺގެ އަރިހުން އެކަމުގައި ޘާބިތުވެގެންވާ ކޮންމެ ގޮތެއްވެސް ހުއްދަކުރުމެވެ. އެއިން އެއްވެސް ޞިފައަކަށް އެބޭކަލުން ނުރުހިގެން ނުވެތެވެ. އެހެނީ ބަންގިއާއި ޤަމަތް އެކި ޞިފަތަކަށް އައުމަކީ ހަމަ ޤިރާއަތްތަކާއި، އައްތަޙިއްޔާތުގެ ލަފްޒުތަކާއި އެފަދަ އެހެން ތަކެތި އެކި ވައްތަރަށް އައުމާ އެއްފަދަ ކަމެކެވެ. އަދި ﷲ ގެ ރަސޫލާ ﷺ އެކަލޭގެފާނުގެ އުއްމަތަށް ކަނޑައަޅުއްވާދެއްވި ކަމަކަށް ނުރުހުމަކީ އެކަކަށްވެސް އޮތްކަމެއް ނޫނެވެ." [35] މަޖުމޫޢުލް ފަތާވާ: 22/ 66
ހަތްވަނަ މަޠްލަބު: ބަންގީގެ އަޑު އިވޭ މީހާ ކިޔަން ޖެހޭ ތަކެއްޗާއި ބަންގި ނިމުމުން ކުރަންޖެހޭ ދުޢާ
ބަންގި އަޑުއިވޭ މީހާ ބަންގިގޮވާ މީހާ ކިޔާ ގޮތަށް ފަހަތުން ކިޔަމުން ގެންދިއުން މުސްތަޙައްބުވެގެންވެއެވެ. އެއީ އަބޫ ސަޢީދުލް ޚުދުރިއްޔު رضي الله عنهގެ ޙަދީޘްފުޅުގައިވާ ގޮތުންނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށެވެ: "ތިޔަބައިމީހުންގެ ބަންގީގެ އަޑު އިވިއްޖެނަމަ ފަހެ ބަންގިގޮވާ މީހާ ކިޔާގޮތަށް ކިޔާހުށިކަމެވެ." [36] ދެ ޙައިޢަލާގައި މެނުވީއެވެ. އެއީ ބަންގި ގޮވާ މީހާ حَيَّ على الصلاة، حَيَّ على الفلاح ކިޔުމެވެ. އެހިނދުން ބަންގި އަޑުއިވޭ މީހާ އެއިން ކޮންމެ ކަލިމައަކާ ވިއްދާ މިހެން ކިޔުން މުސްތަޙައްބުވެގެންވެއެވެ: «لا حول ولا قوة إلا بالله» (އެއްވެސް އާރަކާއި ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ.) އެއީ ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ފަހެ ބަންގިގޮވާ މީހާ الله أكبر الله أكبر، ކިޔާ ހިނދު ތިޔަބައިމީހުންކުރެ މީހަކު الله أكبر الله أكبر ކިޔާ، ދެން އޭނާ أشهد أن لا إله إلا الله ކިޔާ ހިނދު މީނާ أشهد أن لا إله إلا الله ކިޔާ، ދެން އޭނާ أشهد أن محمدًا رسول الله ކިޔާ ހިނދު މީނާވެސް أشهد أن محمدًا رسول الله ކިޔާ، ދެން حي على الصلاة ކިޔާ ހިނދު މީނާ لا حول ولا قوة إلا بالله ކިޔާ، ދެން حي على الفلاح، ކިޔާ ހިނދު މީނާ لا حول ولا قوة إلا بالله ކިޔާ، ދެން الله أكبر الله أكبر، ކިޔާހިނދު މީނާ الله أكبر الله أكبر ކިޔާ، ދެން لا إله إلا الله ކިޔާ ހިނދު މީނާ لا إله إلا الله ހިތުން ކިޔައިފި މީހާ ސުވަރުގެ ވަންނަހުއްޓެވެ." [37] ރިވާކުރެއްވީ އަލްބުޚާރީ 611، އަދި މުސްލިމު 383 ރިވާކުރެއްވީ މުސްލިމު: 385
އަދި ޝަޙާދަތުގެ ދެކަލިމައަށްފަހު މިހެން ކިޔުމެވެ: وَأَناَ أشْهَدُ أَن لاَّ إِلَه إلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ , رَضِيْتُ بِاللهِ رَبَّا , وَبِمُحَمَّدٍ رَسُوْلاً , وَبِالإِسْلاَمِ دِيْناً މާނައީ: الله ފިޔަވައި ޙައްޤު އެހެން އެއްވެސް އިލާހެއް ނެތްކަމަށާއި، އެކަލާނގެ އެއްކައުވަންތަކަމާއި، ބައިވެރިއެއް ނެތްކަމާއި، މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމުގައި ހެކިވަމެވެ. ﷲ އީ ރައްބު ކަމަށާއި އަދި މުޙައްމަދުގެފާނީ ރަސޫލެއްކަމަށާއި، އަދި ދީނަކީ އިސްލާމް ދީންކަމަށް އަހަރެން ރުހި ޤަބޫލުވަމެވެ."
سَعدِ بن أبي وقَّاصٍ رَضِيَ اللهُ عَنْه އަރިހުން ރިވާވެގެންވެއެވެ: رسولُ اللهِ صلَّى اللهُ عليه وسلَّم ޙަދީޘްކުރެއްވިއެވެ: "ބަންގި ގޮވާ މީހާގެ އަޑުއިވޭ ހިނދު: أشهدُ أنْ لا إلهَ إلَّا اللهُ وحدَه لا شريكَ له، وأنَّ محمدًا عبدُه ورسولُه، رضيتُ باللهِ ربًّا، وبمحمَّدٍ رسولًا، وبالإسلامِ دِينًا (މާނައީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި އެކަލާނގެ އެއްކައުވަންތަވެ، އަދި ޝަރީކަކު ނުވާކަމަށާއި އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އަދި ﷲ އީ ރައްބުކަމަށާއި، މުޙައްމަދުގެފާނީ ރަސޫލާކަމަށާއި، އިސްލާމްދީނަކީ ދީންކަމަށް އަޅު ރުހިއްޖައީމެވެ.) މިހެން ކިޔައިފި މީހާގެ ފާފަތައް ފުއްސެވިއްޖެއެވެ." [38] ރިވާކުރެއްވީ މުސްލިމް: 386.
އަދި ފަތިސްނަމާދުގައި ބަންގި ގޮވާ މީހާ الصلاة خير من النوم ކިޔައިފި ނަމަ އަޑުއަހާ މީހާވެސް އެފަދައިން ކިޔާނީއެވެ. އެއީ رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ގެ ޙަދީޘަށްޓަކައިއެވެ: "ތިޔަބައިމީހުންގެ ބަންގީގެ އަޑު އިވިއްޖެނަމަ ފަހެ ބަންގިގޮވާ މީހާ ކިޔާގޮތަށް ކިޔާހުށިކަމެވެ." [39] މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
ދެން ނަބިއްޔާ صَلّى اللهُ عَلَيْهِ وسَلَّم ގެ މައްޗަށް ޞަލަވާތް ކިޔަވާފައި، ދެން އެކަލޭގެފާނުގެ އަރިހުން އައިސްފައިވާ ޙަދީޘްގައިވާ ފަދައިން ކިޔާނީއެވެ: "ބަންގީގެ އަޑުއިވޭހިނދު މިހެން ކިޔައިފި މީހާ: اللهم ربَّ هذه الدعوة التامة، والصلاة القائمة آت محمدًا الوسيلة والفضيلة، وابعثه مقامًا محمودًا الذي وعدته (މާނައީ: އޭ މިފުރިހަމަ ގޮވާލުމާއި، މި ޤާއިމުވާ ނަމާދުގެ ވެރިރަސްކަލާކޮ! މުޙައްމަދުގެފާނަށް ވަސީލަތާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަﷲ އެކަލޭގެފާނަށް ވަޢުދުކުރެއްވި ޙަމްދު ލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޮނުއްވާނދޭވެ!) މިފަދައިން ކިޔަފި މީހަކަށް ތިމަންކަލޭގެފާނުންގެ ޝަފާޢަތް ޤިޔާމަތް ދުވަހު ލިބިގެންވެއެވެ." [40]، އަދި އަންނަނިވި ބަހުގެ މާނައަކީ: “ފުރިހަމަވެގެންވާ ދަޢުވަތެއް” އެބަހީ: ބަންގީގެ ދަޢުވަތެވެ. ފަހެ އެއީ ފުރިހަމަވެގެންވާ ދަޢުވަތެކެވެ. އެއީ ﷲ ތަޢާލާ މަތިވެރިކޮށް ޤަދަރުދީ، އަދި އެކަލާނގެ އެއްކައުވަންތަކުރުމާއި، ރިސާލަތަށް ހެކިވުމާއި، ހެޔޮކަމަށް ދަޢުވަތުދިނުން އޭގައި ޝާމިލުވެގެންވާތީއެވެ. "އަދި ޤާއިމު ކުރެވޭ ނަމާދެވެ." އެބަހީ: އެއީ އެއަށްފަހު ޤާއިމުކުރެވި ތަންފީޒު ކުރެވޭ ނަމާދެވެ. "އަލްވަސީލަތް" އެއީ ސުވަރުގޭގައިވާ މަންޒިލެކެވެ. "މަތިވެރިކަމާއި މާތްކަން" އެކަލޭގެފާނާ އެ މަޤާމުގައި އެއްވެސް މީހަކު ހިއްސާ ނުކުރާ މަތިވެރި މަގާމެވެ. "ޙަމްދުލިބިގެންވާ މަޤާމު" ޙަމްދު ލިބިގެންވާ މަޤާމަކީ: މީސްތަކުން އެކަލޭގެފާނަށް ޙަމްދު ތަޢުރީފުކުރާ ކޮންމެ މަޤާމެކެވެ. އޭގެ ތެރޭގައި: ހުރިހާ މީސްތަކުންނަށްވާ އެންމެ ބޮޑު ޝަފާޢަތްތެރިވުންވެއެވެ. އެއީ މީސްތަކުންގެ މެދުގައި ނިޔާ ކަނޑައެޅިގެން ދިޔުމަށްޓަކައި، މަޙުޝަރުގެ މައިދާނުގައި ތިބި މީހުންނަށް އެކަލޭގެފާނު ޝަފާޢަތްތެރިވެވަޑައިގަތުމެވެ. ރިވާކުރެއްވީ އަލްބުޚާރީ 614 ގައި، ޖާބިރު رضي الله عنه ގެ ޙަދީޘުންނެވެ.
މާތްاللَّه ރުއްސުންލެއްވި عبْد اللَّه بْن عَمرو بْن العاصގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صَلّى اللهُ عَلَيْهِ وسَلَّم حديث ކުރައްވަނިކޮށް އެކަލޭގެފާނު އަޑުއެއްސެވިއެވެ: "ތިޔަބައިމީހުންނަށް ބަންގީގެ އަޑުއިވިއްޖެއްޔާ ފަހެ އެމީހާ އެކިޔާ ގޮތަށް ތިޔަބައިމީހުން ކިޔާށެވެ. ދެން(އެނިމުމުން) ތިޔަބައިމީހުން ތިމަން ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. އެހެނީ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފިމީހާއަށް الله سبحانه وتعالى ދިހަ ޞަލަވާތް ލައްވަވާ ހުއްޓެވެ. ދެން އެއަށްފަހު ތިމަންކަލޭގެފާނަށް ސުވަރުގޭގެ الْوسِيلَة ކިޔުނު ދަރަޖަ ދެއްވުމަށް އެދި اللهއަށް دعاءކުރާށެވެ. ފަހެ އެއީ ހަމަކަށަވަރުން ސުވަރުގޭގައިވާ މަޤާމެކެވެ. އެ މަޤާމު الله ގެ އަޅުތަކުންގެ ތެރެއިން އެންމެ މީހަކަށް ނޫނީ ނުލިބޭނެއެވެ. އަދި އެމީހަކީ ތިމަންރަސޫލާކަމަށްވުމަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ. ފަހެ ތިމަންކަލޭގެފާނަށްޓަކައި އެ الْوسِيلَة ގެ مقام ދެއްވުމަށް އެދި الله އަށް دعاء ދަންނަވާފި މީހަކަށް (قيامة ދުވަހު) ތިމަން ކަލޭގެފާނުގެ شفاعة ލިބޭހުއްޓެވެ." [41] ރިވާކުރެއްވީ މުސްލިމް: 384.
ބަންގީގައި އަލަށް އުފައްދާފައިވާ ބިދުޢަތަކުގެ ތެރޭގައި: ބަންގި ގޮވާ މީހާ ބަންގި ގޮވާ ނިމުމަށްފަހު ހަރުއަޑުން ނަބިއްޔާ ﷺގެ މައްޗަށް ސަލާމާއި ޞަލަވާތް ލެއްވުމަށް ދުޢާކުރުންވެއެވެ. އެފަދައިންމެ ބަންގީގެ ފަހުން ކިޔުމަށް އައިސްފައިވާ ޛިކުރުކަމުގައިވާ: (اللهم رب هذه الدعوة التامة . . .) މި ޛިކުރު ޖަމާޢަތުގައި ކިޔުންވެއެވެ. ބަންގި ދުޢާގައި ދެ އަތް އުފުލުންވެސްމެއެވެ. އަދި ބަންގިގޮވާ މީހާގެ ފަހަތުން ކިޔާ މީހާ، ކޮންމެ ޖުމްލައެއްގެ ފަހަތަށް (حقًّا) ނުވަތަ (أبدًا) އިތުރުކުރުމެވެ. އެގޮތުން އޭނާ ކިޔައެވެ: حقا لا إله إلا الله ނުވަތަ أبدا لا إله إلا الله އެވެ. އެއިން އެއްވެސް ކަމަކަށް ދަލީލެއް ނުވެއެވެ.
އަށްވަނަ މަޠުލަބު: ބަންގިއަށްފަހު މިސްކިތުން ނިކުތުމުގެ ޙުކުމް
ބަންގިފަހު ނަމާދު ކޮށްފުމަށް ދާންދެން މިސްކިތުން ނިކުތުން ފިރިހެނާއަށް ޙަރާމްވެގެންވެއެވެ. ނަމަވެސް ޢުޛުރެއް އޮވެގެން، ނުވަތަ އެނބުރި މިސްކިތަށް ދާން ގަސްތުކޮށްގެން ނަމަ އެ ހާލަތުގައި އޭނާގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ. އެގޮތުން އަބުއް ޝަޢުޘާއު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: އަހަރުމެން އަބޫ ހުރައިރާއާއެކު މިސްކިތުގައި އިށީނދެގެން ތިބީމުއެވެ. ދެން ބަންގިގޮވާ މީހާ ބަންގި ގޮވިއެވެ. ދެން މީހަކު މިސްކިތުން ތެދުވެ ހިނގާފައި ދިޔައެވެ. އެހެންގޮސް އޭނާ ނިކުމެގެން ދަންދެން އަބޫ ހުރައިރާ ހުންނެވީ އޭނާގެ ފަހަތުން ބައްލަވައިގެންނެވެ. ދެން އަބޫ ހުރައިރާ ވިދާޅުވިއެވެ: "ދެންފަހެ މި މީހާ ދަންނައެވެ! ފަހެ އަބުލް ޤާސިމަށް (އެބަހީ: ރަސޫލާ ﷺއަށް) އޭނާ އުރެދިއްޖެއެވެ." [42] ރިވާކުރެއްވީ މުސްލިމް: 655.
އައްތިރްމިޛީގެ ސުނަނުގައި މި ޙަދީޘް ރިވާކުރެއްވުމަށް ފަހު ވިދާޅުވިއެވެ: ނަބިއްޔާ ﷺގެ ޞަޙާބީންގެ ޢިލްމުވެރިންނާ އެބޭކަލުންގެ ފަހުންވާ ބޭކަލުންގެ އަރިހުގައިވެސް ޢަމަލުކުރެވުންވަނީ މީގެ މައްޗަށެވެ. އެއީ: އެއްވެސް މީހަކު ބަންގި ގޮވުމަށްފަހު ޢުޛުރެއް އޮވެގެން ނޫނީ މިސްކިތުން ނުކުމެގެން ނުވާނެއެވެ. މިސާލަކަށް ވުޟޫ މަތީގައި އޭނާ ނެތުން ނުވަތަ ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުންފަދަ ކަމަކަށްޓަކައި މެނުވީއެވެ. [43] ސުނަނު އަލްތިރްމިޛީ: 1/ 397، ނަންބަރު (204).
ނުވަނަ މަޠުލަބު: ބަންގިއާއި ޤަމަތުގެ ދެމެދު އޮންނާނީ ކިހާ ވަޤުތެއް؟
ނަމާދަށް ބަންގި ގޮވާލުމާއި ޤަމަތާ ދެމެދު އެކަށީގެންވާ ވަގުތު އޮތްކަން ސުންނަތުން ސާބިތުވެއެވެ. އެގޮތުން عبد الله بن مُغفَّل رضي الله عنه ގެކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ: "ކޮންމެ ދެ ގޮވާލުމެއްގެ ދޭތެރޭގައި ނަމާދެއް ވެއެވެ. ކޮންމެ ދެ ގޮވާލުމެއްގެ ދޭތެރޭގައި ނަމާދެއް ވެއެވެ." ދެން ތިންވަނަ ފަހަރަށް ވިދާޅުވިއެވެ. “އެކަން އެދޭ މީހަކަށެވެ." [44] ދެ ގޮވާލުން، ދެ ބަންގީގެ މަޤްޞަދަކީ ބަންގިއާއި ޤަމަތެވެ. އެހެންކަމުން ބަންގިގޮވާ މީހާ އޭނާގެ ބަންގިއާއި ޤަމަތާ ދެމެދު، ހާޒިރުވާ މީހުންނަށް ނަމާދުގެ ކުރިން ދެ ރަކުޢަތް އަދާކުރެވޭނެ ގޮތަށް ވަގުތު ދިނުން ހުއްޓެވެ. އަދި މިސްކިތުގެ އަހުލުވެރިން އައިސް، ނަމާދު ލިބިގަތުމަށެވެ. ރިވާކުރެއްވީ އަލްބުޚާރީ: 627، އަދި މުސްލިމް: 838.
އިމާމު އަހުމަދު ވިދާޅުވިއެވެ: "މުދިމު މީހާ ނަމާދަށް ބަންގި ދިނުމަށްފަހު ޤަމަތް ދިނުމަށް އަވަސްވެނުގަތުން ހުއްޓެވެ. އަދި މިސްކިތުގެ އަހުލުވެރީން އަތުވެއްޖައުމަށް ދާންދެން، އަދި ފާޚާނާ ކުރަން ބޭނުންވާ މީހަކު ޤަޟާ ޙާޖާކޮށް ނިމެންދެން މަޑުކޮށްގެން ހުންނާނީއެވެ. އޭނާގެ ބަންގިއާއި ޤަމަތާމެދު ނޭވާއެއް (ވަޤުތުކޮޅެއް) ލާ ހުއްޓެވެ." [45] އިބްނު ތައިމިއްޔާ ލިޔުއްވާފައިވާ ޝަރުޙް އުމްދަތުލް ފިޤްހު، ނަމާދު ފޮތް: ޞ.135
ދިހަވަނަ މަޠުލަބު: ބަންގިގޮވާ މީހާގެ މަސްއޫލިއްޔަތާއި އަދަބުތައް:
މުދިމުމީހާ، އޭނާގެ ބަންގިން ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން އެކަންކުރުން ހުއްޓެވެ. އެއީ ޢުޘްމާނު ބްނު އަބިލް ޢާޞް رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: އެންމެ ފަހުން رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم އަހަރެންނަށް ކުރެއްވި އެއް ޢަޙްދަކީ: ބަންގި ގޮވުމަށް އެއްވެސް އުޖޫރައެއް ނުނަގާ މީހަކު ޢައްޔަޔުކުރުމަށެވެ."[46] ރިވާކުރެއްވީ އައްތިރްމިޛީ 209ގައިއެވެ. އަދި ވިދާޅުވިއެވެ: ޙަސަނު ދަރަޖައިގެ ޙަދީޘެކެވެ.
މި ޙަދީޘް ރިވާކުރެއްވުމަށްފަހު އަލްތިރްމިޛީ ވިދާޅުވެފައި ވެއެވެ: "ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި ޢަމަލުކުރެވެނީ މިގޮތަށެވެ: ބަންގި ގޮވުމުގެ މައްޗަށް އުޖޫރައެއް ނެގުމަށް މުދިމު މީހާއަށް އެބޭކަލުން ނުރުއްސެވިއެވެ. އަދި ބަންގިދޭ މީހާގެ ބަންގިން އަޖުރާއި ޘަވާބަށް އެދި އުއްމީދުކުރުން އެބޭކަލުން މުސްތަޙައްބު ކުރެއްވިއެވެ."
ދެންފަހެ މުސްލިމުންގެ ބައިތުލް މާލުން، މުދިމު މީހާއަށް އެއްޗެއް ދިނުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. އެހެނީ ބައިތުލް މާލު ހެދުނީ މީސްތަކުންގެ މަޞްލަޙަތުތަކަށެވެ. އަދި ބަންގިއާއި ޤަމަތަކީ މުސްލިމުންގެ މަޞްލަޙަތުތަކުގެ ތެރޭގައި ވާ ކަންކަމެވެ. [47] ބައްލަވާ: އަލްޤަޙްޠާނީ ލިޔުއްވާފައިވާ އަލްއާޒާން ވަލްއިޤާމާ: ސ. 19
ކޮންމެ ދުވަހަކު ކުރާ ފަސް ނަމާދަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ބަންގި ގޮވާލުމަކީ އޭނާއާ ސުވާލުވެވޭނެ މަސްއޫލިއްޔަތެއްކަން އޭނާ ދަންނަން ޖެހޭނެއެވެ. އެއީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘަށްޓަކައިއެވެ: "އިމާމާ އަކީ ޒިންމާ އުފުލަންޖެހޭ ފަރާތެކެވެ. އަދި ބަންގިގޮވާ މީހާއީ އަމާނަތެއް އުފުލިގެންވާ މީހެކެވެ." [48] އެބަހީ: އޭނާއީ ނަމާދު ވަޤުތުތަކުގެ އަމާނާތް ހަވާލުކުރެވިފައިވާ މީހެކެވެ. އެހެންކަމުން ނަމާދު ވަޤުތުގެ ކުރިން ފުދޭވަރަށް ވަޤުތު އޮއްވާ، ޠާހިރުވެގެން އޭނާ މިސްކިތަށް އަންނަން ޖެހޭނެއެވެ. އަދި ޢުޛުރަކަށް މެނުވީ ބަންގި ގޮވަން ނައިސް ހުރެގެން ނުވާނެއެވެ. އެހިނދުން އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ބަދަލުގައި ބަންގި ގޮވާނޭ މީހަކު ހަމަޖައްސާފައި ބެހެއްޓުމެވެ. ރިވާކުރެއްވީ އަބޫ ދާވޫދު، 517 ގައި އަދި އައްތިރްމިޛީ 207 ގައި، އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘުންނެވެ.
އަދި އަންނަނިވި ކަންތައް ބަންގިގޮވާ މީހާ ކުރުން ހުއްޓެވެ:
(1) މިސްކިތުގެ ސާފުތާހިރުކަމާއި މަރާމާތުކޮށް ބެލެހެއްޓުމުގެ ކަންކަމަށް ސަމާލުކަންދީ، އަދި އެ ކަންކަމުގައި މިސްކިތުގެ މަސައްކަތުމީހުންނާއި ޖަމާޢަތަށް އެއްބާރުލުންދީ އެހީވާންވާނެއެވެ. ފަހެ ﷲ ވަނީ އެކަލާނގެ ގެކޮޅުތަކުގައި އާރާސްތުކޮށް އުޅޭ މީހުންނަށް ޘަނާގެ ބަސް ވަޙީކުރައްވާފައިއެވެ: (اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّهއަށާއި، آخرةދުވަހަށް إيمانވެ، ނަމާދު قائمކޮށް، زكاةދީ، اللَّهއަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.) [އައްތައުބާ: 18] އެމީހުން މިސްކިތްތައް އާރާސްތުކޮށް ފަޅުފިލުވަނީ: އެ މިސްކިތްތައް ޢިމާރާތްކޮށް، ބަލަހައްޓާ، ސާފުކޮށްގެންވިޔަސް، ނުވަތަ އެ ތަންތާގައި ނަމާދު ޤާއިމުކޮށް، ﷲ ގެ ޛިކުރުކޮށްގެންވިޔަސްމެއެވެ. އެހެނީ އާރާސްތަކޮށް ފަޅުފިލުވުމުގެ މާނައިގެ ތެރޭގައި އެ ދެ މާނަ ހިމެނެއެވެ. ބައްލަވާ، އިބްނު ޙަޖަރު ލިޔުއްވާފައިވާ ފަތުޙުލް ބާރީ: 1/ 541
(2) އޭނާޞައްޙަ ޢަޤީދާ އުނގެނުމާއެކު ބަންގިއާއި، ޠަހާރަތާއި، ނަމާދުގެ އަޙުކަމުތައް ދަސްކުރުރަންޖެހެއެވެ. އަދި الله ގެ ފޮތުން އެކަށީގެންވާ މިންވަރެއް ހިތުދަސްކުރަންޖެހެއެވެ. އެއީ އިމާމު މީހާ ނަމާދަށް ޣައިރު ހާޒިރުވެއްޖެ ނަމަ އިމާމުގެ ބަދަލުގައި ނަމާދު ކުރުމަށް ތައްޔާރު މީހަކަށް ވާންވާނެއެވެ.
(3) ހެޔޮކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން ނަހީކޮށް، ﷲ ތަޢާލާގެ މަގަށް ޙިކްމަތާއި ރިވެތި ވަޢުޡު ނަޞޭޙަތާއެކު ގޮވާލާ މީހެއްކަމުގައި ވާންވާނެއެވެ. އަދި މީސްތަކުންނާމެދު މަޑުމައިތިރިވެ، އެމީހުންގެ ފުށުން އަންނަ ތުރާތަކަށް ކެތްތެރިވެ، އެ ކަންކަމުގައި މިސްކިތުގެ އިމާމާ އެހީތެރިވެ ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ.
(4) މިސްކިތަކީ ހަމައެކަނި ޢިލްމާއި، އަޅުކަމާއި، މުސްލިމުންނަށް ފައިދާހުރި ކަންކަމަށް ހުރި ތަނަކަށް ހަދަންޖެހެއެވެ. އަދި އެމީހުންގެ ދީނާއި ދުނިޔޭގަ ޢިލްމާއި އަޅުކަމާއި،ނަމާދުކުރާ މީހުންނަށް ފައިދާހުރި ކަންކަމަށް މަގުފަހިކޮށްދޭ ތަނަކަށް މިސްކިތް ހެދުމެވެ. އަދި އެމީހުންގެ ދީނާއި ދުނިޔޭގައި އެމީހުންނަށް ގެއްލުންވާ ކޮންމެ އެއްޗަކުން ދުރުހެލިވުމެވެ.
(5) މިސްކިތަށް އަންނަ ޖަމާޢަތުގެ މީހުންނާއި ކުރީގެ މީހުންނާއެކު ގުޅިގެން އެކުވެރިކޮށް އުޅެންވާނެއެވެ. އެގޮތުން އެމީހުން ނާންނަނަމަ އެމީހުން ކޮބައިތޯ ސުވާލުކޮށް، އަދި އެމީހުން ބަލިވެއްޖެނަމަ އެމީހުންގެ ގާތަށް ޒިޔާރަތްކޮށް، އަދި އެމީހުންގެ ޖަނާޒާތަކުގެ މައްޗަށް ނަމާދުކޮށް އެޚަބަރު ދީ، އަދި މުޞީބާތްތަކާއި ބޮޑެތި ކަންކަމުގައި އެމީހުންނާއެކު (ވާގިދީ ހިތްވަރުދޭން ) ހުންނަންވާނެއެވެ.
ދެވަނަ މަބުޙަޘް: އިމާމުކަމުގެ ޙުކުމްތައް
ފުރަތަމަ މަޠުލަބު: އިމާމުކަމުގެ ތަޢުރީފު:
ނަމާދުގައި އިމާމުވުން: އެއީ ނަމާދުކުރާ މީހުންގެ ތެރެއިން މީހަކު އެމީހަކާ މީސްތަކުން އިޤުތިދާވެ ނަމާދު ކުރުމަށް ކުރިއަށްޖެހި އިސްވުމެވެ. އަދި ނަމާދުގެ އިމާމަކީ: މީސްތަކުންގެ ނަމާދުގައި އެމީހަކު އިމާމެއްގެ ގޮތުގައި ބަލައިގެން ތަބަޢަވާ މީހާއެވެ. [50] ބައްލަވާ: ޙާޝިޔަތު އައްރައުޟުލް މުރްބިޢު: 2/ 296، އަލްއިމާމަތު ފިއްސަލާތި އަލްޤަހުތާނީގެ: ޞ.6
ދެވަނަ މަޠުލަބު: އިމާމުކަން ޝަރުޢުވެގެންވުމާއި އޭގެ މާތްކަން:
ނަމާދުގައި އިމާމުކަމަކީ ޢިލްމާއި، ކިޔެވުމާއި، ޢަދުލުވެރިކަމާއި، އަދި އެނޫންވެސް ހެޔޮ ސިފަތައް ހުރި އެންމެ ހެޔޮ މީހުން އެކަމަކާ ހަވާލުވާ އެންމެ ރަނގަޅު އެއް ޢަމަލެވެ. އެކަން އަދި އަންނާނެއެވެ. އަދި އެކަމާ ނުލައި ޖަމާޢަތުގެ ނަމާދު ތަޞައްވަރު ނުކުރެވެއެވެ. ޖަމާޢަތުގައި ނަމާދުކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑު އެއް ޝިޢާރެވެ. [51] ބައްލަވާ: އަލްމައުސޫޢަތުލް ފިޤްހިއްޔާ އަލްކުވައިތިއްޔާ: 6/ 201.
އިމާމުކަމުގެ މާތްކަމުގެ ތެރޭގައި:
1- އިމާމުކަމުގެ މާތްކަމާއި ހެޔޮކަންވަނީ މަޝްހޫރުވެގެންނެވެ. ނަބިއްޔާ ﷺ އަމިއްލަފުޅަށް އެކަމާ ހަވާލުވެވަޑައިގެންނެވިއެވެ. އަދި އެފަދައިންމެ ހިދާޔަތުގެ މަތީގައި ތިއްބެވި އެކަލޭގެފާނުގެ ޚަލީފާއިންވެސްމެއެވެ. އަދި ޢިލްމާއި ޢަމަލުގެ ގޮތުން އެންމެ ހެޔޮ ރަނގަޅު މުސްލިމުން އެކަމާ ހަވާލުވަމުންދިޔުން މެދުނުކެނޑެއެވެ. [52] ބައްލަވާ: އަލްއިމާމަތު ފިއްޞަލާތި އަލްޤަހުތާނީގެ: ޞ.9
2- ނަމާދުގެ އިމާމުކަމަކީ މީސްތަކުންގެ ތެރެއިން ހެޔޮކަމުގެ އަހުލުވެރިން ހަވާލުވާ މަތިވެރި ޝަރުޢީ ވެރިކަމެކެވެ. އެއީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅަށްޓަކައިއެވެ: "ﷲ ގެ ފޮތް އެންމެ ބޮޑަށް ކިޔަވަން ދަންނަ މީހާ އެމީހުންގެ އިމާމުކަން ކުރާހުށިކަމެވެ..." [53] އެނގިގެންވާކަމަކީ އެންމެ ރަނގަޅަށް ކިޔަވާ މީހާއީ އެންމެ ހެޔޮ މީހާކަމެވެ. ފަހެ އިމާމުކަން އެކަމާ ގުޅުވައިގެންވުން ދަލީލުކުރަނީ އޭގެ މާތްކަމަށެވެ. [54] ރިވާކުރެއްވީ މުސްލިމު 673 ގައި، އަބޫ މަސްޢޫދު އަލްއަންޞާރީ رضي الله عنه ގެ ޙަދީޘުން ބައްލަވާ: އައްޝަރްޙުލް މުމްތިޢު ޢަލާ ޒާދިލް މުސްތަޤްނިޢު : 2/ 41.
3- ނަބިއްޔާ صَلّى اللهُ عَلَيْهِ وسَلَّم އިމާމުންނަށް ހިދާޔަތަށް އެދި ދުޢާކުރެއްވިއެވެ. އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އިމާމާ އަކީ ޒިންމާ އުފުލަންޖެހޭ ފަރާތެކެވެ. އަދި ބަންގިގޮވާ މީހާއީ އަމާނަތެއް އުފުލިގެންވާ މީހެކެވެ. އޭﷲ އެވެ. އިމާމުންނަށް އިރުޝާދު ދެއްވާށިއެވެ! އަދި ބަންގިގޮވާ މީހުންނަށް ފާފަ ފުއްސަވާށިއެވެ." [55] ރިވާކުރެއްވީ އަބޫ ދާވޫދު : 517 ގައި، އަދި އައްތިރްމިޛީ: 207 ގައިއެވެ.
އަދި މީގެ މާނައަކީ: އިމާމަކީ ޖާމިނުކުރެވިގެންވާ، ޒިންމާ ހަވާލުވެގެންވާ މީހެކެވެ. އެބަހީ: މައުމޫމުންގެ ނަމާދު ސައްހަވުމުގެ ޒިންމާ ބޮލުގައި އެޅުވިފައިވާ ފަރާތެވެ. އެއީ އެމީހުންގެ ނަމާދު އޭނާގެ ނަމާދާ ގުޅިގެންވުމުންނެވެ. "އޭ ﷲ އެވެ! އިމާމުންނަށް އިރުޝާދުދެއްވާށިއެވެ." އޭގެ މާނައަކީ: އެބަހީ: އެމީހުންނަށް ޙައްޤު ރަނގަޅު މަގަށް ތެދުމަގު ދައްކަވާށިއެވެ. އެއީ އެންމެ ފުރިހަމަގޮތުގައި ނަމާދު ކޮށްދިނުމަށެވެ. [56] ބައްލަވާ: އަލްޢައިނީގެ އަބޫ ދާވޫދުގެ ޝަރަޙަ: 2/ 468، އަދި ފައިޟުލް ޤަދީރު،އަލްމުނާވީގެ:3/ 182
ތިންވަނަ މަޠުލަބު: އިމާމުކަމަށް އެންމެ ޙައްޤުކަން ބޮޑީ ކާކު ހެއްޔެވެ؟
އިމާމުކަމަށް އެންމެ ޙައްޤުކަން ބޮޑީ އަދި އެންމެ އައުލާއީ ކާކުކަން رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ބަޔާންކޮށްދެއްވާފައިވެއެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ހަދީޘްކުރެއްވިއެވެ: "ބަޔަކަށް އިމާމުވެ ނަމާދު ކޮށްދޭހުށީ އެމީހުންގެ ތެރެއިން الله ގެ ފޮތް ކިޔަވަން އެންމެ ރަނގަޅަށް ދަންނަ މީހާއެވެ. ދެންފަހެ އެމީހުން ކިޔެވުމުގައި އެއްވަރުވަނީނަމަ ފަހެ އެމީހުންގެ ތެރެއިން އެންމެ ބޮޑަށް ސުންނަތް ދަންނަ މީހާއެވެ. ދެންފަހެ އެމީހުން ސުންނަތް ދަތުމުގައި ހަމަހަމަވެގެންވަނީނަމަ ފަހެ އޭގެ ތެރެއިން އެންމެ ކުރީގައި ހިޖުރަކުރި މީހާއެވެ. އެމީހުން ހިޖުރަކުރުމުގައި ހަމަހަމަވެގެން ވަނީނަމަ ފަހެ އޭގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވި މީހާއެވެ. -އެހެން ރިވާޔަތެއްގައި: އެންމެ ޢުމުރުން ދޮށީ މީހާއެވެ- އަދި (ދަންނާށެވެ.) އެއްވެސް މީހަކުގެ ބާރުއޮތް ތަނުގައި އެހެން މީހަކު އޭނާގެ މައްޗަށް އިމާމުވެ ނުގަންނަހުށިކަމެވެ." [57] އެހެންކަމުން އިމާމުވުމަށް އެންމެ ޙައްޤުވެ އައުލާވެގެންވާ މީހުންވަނީ އަންނަނިވި ގޮތަށެވެ: ރިވާކުރެއްވީ މުސްލިމް: 673 .
1- ޤުރުއާން އެންމެ ބޮޑަށް ހިތުދަސް، އަދި އެންމެ ރަނގަޅަށް ތަޖުވީދުކޮށް ކިޔަވާ މީހާއެވެ. އެއީ ޤުރުއާން ފަރިތަކޮށް ކިޔަވައި އެންމެ ފުރިހަމައަށް އަދާކުރެވޭ، އަދި ނަމާދުގެ ފިޤުހު އެންމެ ދަންނަ މީހާއެވެ. ދެންފަހެ ބޮޑަށް ކިޔަވަން ދަންނަ މީހަކާއި، ކިޔެވުން މަދުވިޔަސް ނަމާދުގެ ފިޤުހު މާ ބޮޑަށް އެނގޭ މީހަކާ ޖަމަޢަވެއްޖެނަމަ؛ އެތަނުން އިސްކުރެވޭނީ ފިޤުހުވެރި ނޫން ޤާެރީގެ މައްޗަށް ފިޤުހުވެރި ޤާރީއެވެ. އެހެނީ ކިޔެވުން ރަނގަޅުވުމަށް ޙާޖަތް ޖެހިގެންވާ ވަރަށްވުރެ ބޮޑަށް ނަމާދުގެ ފިޤުހާއި ނަމާދުގެ ޙުކުމްތައް އެނގިގެންވުމަށް ބޭނުންޖެހިގެންވުން ބޮޑެވެ.
2- ދެން އެއަށްފަހު ސުންނަތް އެންމެ ދަންނަ މީހާއެވެ. އެގޮތުން ކިޔެވުމުގައި އެއްވަރު ދެ މީހުން ޖަމަޢަވެއްޖެނަމަ؛ އެކަމަކު އެތަނުން އެކަކު ސުންނަތަށް މާ ފިޤުހުވެރި ދަންނަ މީހަކަށް ވެއްޖެނަމަ؛ އިސްކުރެވޭހުށީ ފިޤުހުވެރި ދަންނަ މީހާއެވެ. އެއީ އެކަލޭގެފާނު ﷺގެ ޙަދީޘަށްޓަކައިއެވެ: “އެމީހުން ކިޔެވުމުގައި ހަމަހަމަ ނަމަ ދެން ސުންނަތް އެންމެ ބޮޑަށް ދަންނަ މިހާއެވެ.”
3- އެމީހުން ޤުރްއާން ކިޔެވުމާއި ސުންނަތް އެނގުމުގައި ހަމަހަމަނަމަ؛ ދެން ކުފުރުގެ ބިންތަކުން އިސްލާމްކަމުގެ ބިންތަކަށް އެންމެ ފުރަތަމަ އެންމެ އަވަހަށް ހިޖުރަކުރި މީހާއެވެ. އެއީ ނަބިއްޔާ ﷺގެ ބަސްފުޅަށްޓަކައިއެވެ: “ދެންފަހެ ސުންނަތުގައި އެމީހުން ހަމަހަމަވެއްޖެނަމަ، ދެން އެއުރެންގެ ތެރެއިން އެންމެ ކުރީކޮޅު ހިޖުރަކުރި މީހާއެވެ.”
4- ހިޖުރަކުރުމުގައި އެމީހުން ހަމަހަމަނަމަ ދެން ފުރަތަމަ އިސްލާމްވި މީހާއެވެ. އެއީ އިސްވެދިޔަ ޙަދީޘްގައި ނަބިއްޔާ ﷺ މިހެން ޙަދީޘްކުރެއްވީމައެވެ: “ހިޖުރަކުރުމުގައި އެމީހުން ހަމަހަމަ ނަމަ ދެން އިސްލާމް ދީނަށް ވަނުމުގައި އެންމެ އިސްވި މީހާއެވެ.” އެބަހީ: އިސްލާމްވުމުގެ އެންމެ ފުރަތަމަ އެކަން ކުރި މީހާއެވެ.
5- ކުރީގެ ހުރިހާ ކަމެއްގައި ހަމަހަމަވެއްޖެނަމަ ދެން އެންމެ ދޮށީ މީހާއެވެ. އެހެނީ އެކަލޭގެފާނު، صلى الله عليه وسلم، ކުރީގެ ޙަދީޘްފުޅުގެ އެއް ރިވާޔަތުގައު ޙަދީޘްކުރައްވާފައި ވުމުންނެވެ: “ދެންފަހެ އެމީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހާއެވެ.” އަދި މާލިކު ބްނުލް ޙުވައިރިޘް رضي الله عنه ގެ ޙަދީޘްފުޅަށްޓަކައިއެވެ: “ތިޔަބައިމީހުންގެ ތެރެއިން އެކަކު ނަމާދަށް ބަންގި ގޮވާށެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ދޮށީ މީހާ ތިޔަބައިމީހުންނަށް ނަމާދުގައި އިމާމުވާށެވެ.” [58] ރިވާކުރެއްވީ ބުޚާރީ: 628، އަދި މުސްލިމު 674
މި ޙަދީޘްފުޅުގައި ނަބިއްޔާ ﷺ އެންމެ ދޮށީ މީހާއަށް އިސްކަންދެއްވީ އެއުރެންނަކީ ޢިލްމުގައި އެއް ފެންވަރެއްގެ ބައެއް ކަމުގައި ވާތީއެވެ.
މިދެންނެވި ހުރިހާ ކަމެއްގައި ހަމަހަމަވެ އެއިން ކޮންމެ މީހަކުވެސް އިމާމުކަން ބޭނުންވެއްޖެ ނަމަ، އެމީހުންގެ މެދުގައި ގުރުއަތުލާނީއެވެ. އަދި ގުރުއަތު ދިމާވާ މީހަކު ކުރިއަށް ގެންދެވޭނެއެވެ. އެހެނީ އެމީހުންނަކީ އިމާމުކަން ޙައްޤުވުމުގައި ހަމަހަމަ ބައެއް ކަމުގައި ވާތީއެވެ. އެއްފަހަރާ ހުރިހާ މީހުން އިމާމުކަމަށް އިސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމުން، އެހެން ހުރިހާ ޙައްގުތަކެއްގައި ވެސް ގުރުއަތު ލާފަދައިން އެމީހުންގެ މެދުގައި ގުރުއަތު ނެގާނީއެވެ.
އަދި ގޭގެ ވެރިފަރާތް، އޭނާގެ މެހެމާނަށްވުރެ އިމާމަކަށް ވުމަށް ޙައްޤުކަން ބޮޑުވެގެންވެއެވެ. ހަމައެފަދައިން ސުލްޠާން -އެއީ އެންމެ ބޮޑު އިމާމެވެ- އޭނާ އެނޫން މީހުންނަށްވުރެ އިމާމުކަމަށް ޙައްޤުކަން ބޮޑެވެ. އެއީ އެ ދެމީހުންކުރެ ކޮންމެ މީހެއް އިމާމުކަމަށް ކުފޫ ހަމަވާނަމައެވެ. ނަބިއްޔާ ﷺގެ ބަސްފުޅަށްޓަކައިއެވެ: އެއްވެސް މިހަކު އެހެން މީހެއްގެ އަހުލުންގެ ތެރޭގައި، އަދި އޭނާގެ ބާރު އޮތް ތަނެއްގައި އޭނާގެ މައްޗަށް އިމާމުކަމަށް އިސްވެގެންނުވާނެއެވެ."
މިސްކިތުގައި މުސާރަ ލިބިގެން ހުންނަ އިމާމު ވެސް ހަމަ އެގޮތެވެ. ވެރިމީހާ ފިޔަވައި އޭނާއަށް ވުރެ ކިޔެވުން މޮޅު އަދި ޢިލްމުވެރި އެހެން މީހަކު ހުއްޓަސް އޭނާއަށް އިސްކަންދެވިގެންވެއެވެ. އެއީ ކުރީގެ ޙަދީޘްގެ އަލީގައެވެ.
އިބްނު ޢުމަރު رضي الله عنهما ގެ އަޅަކު މިސްކިތެއްގައި އިމާމުވެ ނަމާދު ކުރަމުން ދިޔައެވެ. ދެން އެއް ދުވަހަކު އެކަލޭގެފާނު އެ މިސްކިތަށް ހާޒިރުވިއެވެ. އަދި އެ އަޅު މީހާ އިބްނު ޢުމަރަށް އިސްވެ ނަމާދުކުރެއްވުމަށް ދެއްވިއެވެ. އެހިނދު އިބްނު ޢުމަރު ވިދާޅުވިއެވެ: (ތިބާގެ މިސްކިތުގައި އިސްވެ ނަމާދު ކުރުމުގެ ޙައްޤު ތިބާއަށް ބޮޑުވެގެންވެއެވެ.) ([59]). ރިވާކުރެއްވީ އައްޝާފިޢީ (އަލްއުންމު) 1/ 185 ގައި، އަދި ޢަބްދުއްރައްޒާޤު (އަލްމުޞައްނަފް) 2/ 399 ގައި، އަދި އަލްބައިހަޤީ 3/ 126 (5531) ގައެވެ. އަލްނަވަވީ (އަލްޚުލާސާ) 2/ 701 ގައި ވިދާޅުވެފައިވެއެވެ: އޭގެ ސަނަދު ޙަސަނު ނުވަތަ ޞައްޙައެވެ. އަދި އަލްއަލްބާނީ (އިރުވާއުލް ޣަލީލް) 2/ 302 ގައި އޭގެ ސަނަދު ޙަސަނު ކުރެއްވިއެވެ.
އެހެނީ އެހެން މީހަކު އިސްކުރުމަކީ އޭނާގެ ޙައްޤު ފާއިތުކޮށްލާ، އަދި އޭނާ ދެކެމުންދިޔަ އުއްމީދު ހަލާކުކޮށްލާ ކަމަކަށް ވެދާނެއެވެ.
ތަންދޮރު ވަކިކުރެވޭ ފިރިހެން ކުއްޖެއް އެހެން ބަޔެއްގެ އިމާމުކަމަށްވުމާމެދު ޚިލާފުވެވުނެވެ. އެގޮތުން ބައެއް ޢިލްމުވެރިން އެކަން ހުއްދަ ކުރެއްވިއެވެ. އެއީ މާތް الله ރުއްސުންލެއްވި ޢަމްރު ބްނު ސަލަމާގެ ޙަދީޘްފުޅަށްޓަކައިއެވެ: ނަބިއްޔާ ﷺ ގެ ދުވަސްވަރުގައި، ޢަމްރު ބްނު ސަލަމާ ޢުމުރުން ހައެއް ނުވަތަ ހަތް އަހަރުގައި ޤައުމުގެ މީސްތަކުންނާގެން އިމާމުވެ ނަމާދުކުރެއްވިކަމަށެވެ." [60] ރިވާކުރެއްވީ އަލްބުޚާރީ: 4302
ފަރުޟު ނަމާދުކުރާ މީހާގެ އިމާމެއްގެ ގޮތުގައި ސުންނަތް ނަމާދުކުރާ މީހާ ހުރުން ޞައްޙަވެގެންވެއެވެ. އެއީ މުޢާޛު ބްނު ޖަބަލު رضي الله عنه ގެ ޚަބަރަށްޓަކައިއެވެ: އެކަލޭގެފާނު ނަބިއްޔާ ﷺ އާއެކު ޢިޝާ ނަމާދުކުރައްވާފައި، ދެން އެނބުރި ވަޑައިގެން، އެނަމާދު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނާގެން އިމާމުވެ ކުރައްވަމުން ގެންދެވިއެވެ. [61] ރިވާކުރެއްވީ އަލްބުޚާރީ: 701، އަދި މުސްލިމު: 465
ހަތަރުވަނަ މަޠުލަބު: އިމާމަކަށްވުން ޙަރާމް މީހުން:
އަންނަނިވި ޙާލަތްތަކުގައި އިމާމުކަން ޙަރާމްވެގެންވެއެވެ:
1- އަންހެނަކު ފިރިހެނެއްގެ މައްޗަށް އިމާމުވުމެވެ. އެއީ رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ގެ ޙަދީޘްފުޅުގެ ޢާއްމު މާނައަށްޓަކައިއެވެ: “އެބަޔެއްގެ ވެރިކަން އަންހެނަކާ ހަވާލުކޮށްފި ބަޔަކު ކާމިޔާބު ނުވާނެތެވެ." [62] އަދި އިމާމުކަމަކީ ވެރިކަމުގެ ވައްތަރެކެވެ. އަދި އެހެނީ ސުންނަތުގައި ބަޔާންކޮށްފައިވާ ފަދައިން އަޞްލަކީ އަންހެނާ އެންމެ ފަހަތު ސަފުތަކުގައި ފަހަތުގައިވުމެވެ. އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ހަދީޘުކުރެއްވިއެވެ: “ފިރިހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ އެންމެ ކުރީ ސަފެވެ. އަދި އެންމެ ނުބައިވެގެންވަނީ އެންމެ ފަހަތު ސަފެވެ. އަދި އަންހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ އެންމެ ފަހަތު ސަފެވެ. އަދި އެންމެ ނުބައިވެގެންވަނީ ކުރީ ސަފެވެ." ([63])، އެއީ އަންހެނާ ރައްކާތެރިކޮށް ނިވާކުރުމުގެ ގޮތުންނެވެ. ދެންފަހެ އަންހެނަކު އިމާމުކަމަށް ކުރިއަށް ނެރެވިއްޖެނަމަ އެހިނދުން އެވަނީ މި ޝަރުޢީ ޢަޞްލާ ޚިލާފުވާ ކަމެއްކަމުގައިއެވެ. ޢިލްމުގެ އަހުލުވެރިންވަނީ މިކަމަށް އިޖްމާޢުވެގެންނެވެ. އިމާމު އިބްނު ޙަޒްމު ވިދާޅުވިއެވެ: “ދަންނަބޭކަލުން އިޖުމާޢު ވެފައިވަނީ: އެ މީހަކީ އަންހެނެއްކަން އެނގިގެންވާ ޙާލު، އަންހެނަކު ފިރިހެނުންގެ އިމާމުކަން ކޮށްގެން ނުވާނޭކަމަށެވެ. އެފަދައިން ކަންތައްކޮށްފިނަމަ އެމީހުންގެ ނަމާދުވަނީ އިޖްމާޢުން ފާސިދުވެގެންނެވެ." ([64]) ރިވާކުރެއްވީ އަލްބުޚާރީ: 4425 ގައި، އަބޫ ބަކުރާ رضي الله عنه ގެ ޙަދީޘުންނެވެ. ރިވާކުރެއްވީ މުސްލިމް: 440. މަރާތިބުލް އިޖުމާޢު: ޞ27.
2- ޙަދަޘްވެރިޔާއާއި އެމީހެއްގެ ގައިގައި ނަޖިހެއްހުރި މީހެއްގެ އިމާމުކަމެވެ. އެއީ އޭނާއަށް އެކަން އެނގިގެންވާނަމައެވެ. ދެންފަހެ ނަމާދު ނިމިއްޖައުމަށް ދާންދެން މައުމޫމުންނަށް އެކަން ނޭނގޭނަމަ؛ ފަހެ އެމީހުންގެ ނަމާދު ޞައްޙަވެގެންވެއެވެ. އެއީ ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ގެ އަރިހުން އައިސްފައިވާ ޚަބަރަށްޓަކައިއެވެ: އެކަލޭގެފާނު ޖުނުބުގެ ޙާލަތުގައި ހުންނަވައިގެން މީސްތަކުންނާގެން ނަމާދުކުރެއްވިއެވެ. ދެން އެކަލޭގެފާނު ނަމާދު އިޢާދަކުރެއްވިއެވެ. އެކަމަކު އެމީހުން ނަމާދު އިޢާދަކުރާކަށް އަމުރެއް ނުކުރައްވައެވެ. ([65]). ރިވާކުރެއްވީ އައްދާރަޤުޠުނީ އެކަލޭގެފާނުގެ ސުނަނުގައި 1371
އަދި ޢަބްދުއްރަޙްމާނު ބްނު މަހްދީ رحمه الله ވިދާޅުވިއެވެ: “މިއީ އިޖުމާޢުވެފައިވާ ގޮތެވެ. ޖުނުބުވެރިޔާ ނަމާދު އިޢާދަކުރާނީއެވެ. އެމީހުން (އެބަހީ: މައުމޫމުން) އިޢާދަ ނުކުރާނެއެވެ. މިކަމުގައި ޚިލާފެއްވާކަމެއް އަހަރެންނަށް އެނގިގެން ނުވެއެވެ." ([66]). ސުނަނު އައްދާރަޤުތުނީ: 2/ 188.
3- ސޫރަތުލް ފާތިޙާ ހިތުދަސްނުވާ، ނުވަތަ ރަނގަޅަށް އެ ސޫރަތް ކިޔަވަން ނޭނގޭ، ނުވަތަ އޭގައި އިދުޣާމްކޮށްގެން އެއްކޮށް ނުލެވޭ އަކުރުތައް އެއްކޮށްލާ މީހާގެ އިމާމުކަމެވެ. މިސާލަކަށް ﷲ ތަޢާލާގެ މި ބަސްފުޅުގައިވާ هـ މި އަކުރު: ر އާ އެއްކޮށްލާ އިދުޣާމްކޮށްލާ މީހާއެވެ. ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾ [ސޫރަތުލް ފާތިޙާ: 2] އެހެނީ އޭނާ އެ އަކުރާ ވައްތަރު ނުވާ، އަދި ކައިރި ނުކުރާ އަކުރަކާ އެ އިދުޣާމްކޮށްލަނީއެވެ. ނުވަތަ އެ ސޫރަތުގެ އަކުރެއް އެހެން އަކުރަކަށް ބަދަލުކުރާ މީހާގެ އިމާމުކަމެވެ. މިސާލަކަށް ر ޔާއަކަށް ބަދަލުކޮށްލާ މީހާއެވެ. ނުވަތަ މާނަ ބަދަލުކޮށްލާފަދަ ކުށެއް އެ ސޫރަތުގައި ކިޔާ މީހާއެއެވެ. މިފަދަ މީހާއާ ހަމަހަމަ އެއްކަހަލަ މީހެއް ގޮވައިގެން ނަމާދުކުރާއިރު ނޫނީ މީނާގެ އިމާމުކަން ޞައްޙަވެގެން ނުވެއެވެ. އެއީ ނަމާދުގެ ރުކުނެއް ގެންނަން އޭނާ ކުޅަދާނަ ނުވުމުން، ނުވަތަ އެ ރުކުން އޮޅުވާލާތީއެވެ.
4- އެ ބިދުޢައެއްގެ ސަބަބުން ކާފަރުވާފަދަ ބިދުޢަވެރިއެއްގެ އިމާމުކަމެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅަށްޓަކައިއެވެ: (ފަހެ، مؤمنއަކު ކަމުގައިވާ މީހާއާއި (އުރެދޭ) فاسقއަކު ކަމުގައިވާ މީހާ އެއްފަދަހެއްޔެވެ؟ އެ ދެބައިމީހުން އެއްވަރެއް ނުވާނެތެވެ.) [އަލްސަޖްދާ: 18]. މިތަނުގައި ފާސިޤުގެ މުރާދަކީ ކާފަރުމީހާއެވެ. އެއީ އާޔަތްތައް އައިސްފައިވާ ސިޔާޤުން އެކަން ސާފުވާ ގޮތަށެވެ.
5- ޤަވާޢިދުން އިމާމެއްގެ ގޮތުގައި މީހަކު ހަމަޖައްސާފައި ހުންނަ މިސްކިތެއްގެ އިމާމަކަށް އެހެން މީހަކު އެރުން ޙަރާމްވެގެންވެއެވެ. އެގޮތުން އެ މީހަކުގެ އިޛްނައާ ލައިގެން، ނުވަތަ އެ މީހަކު ޙާޒިރުނުވެ ލަސްވެ ވަޤުތު ކުޑަތަންވުމުން މެނުވީ އެހެން މީހަކު އިމާމަކަށް އެރުން ޞައްޙަވެގެން ނުވެއެވެ. ([67]). ބައްލަވާ: އަލްސަލްމާންގެ އަލްއަސްއިލާ ވަލްއަޖްވިބާ އަލްފިޤްހިއްޔާ: 1/ 163.
ފަސްވަނަ މަޠުލަބު: އިމާމުކަން ކުރުން މަކްރޫހަ މީހުން:
އަންނަނިވި މީހުންގެ އިމާމުކަން މަކުރޫހަވެގެންވެއެވެ:
1- ކުށްކުރުން ގިނަ މީހާ: އެއީ ކިޔެވުމުގައި މާނަ އޮޅުވާނުލާ ގޮތަށް އެކަމަކު ކުށްތައް ހެދުން ގިނަ މީހާއެވެ. އަލްފާތިޙާގައި ވިޔަސް ނުވަތަ އެހެން ސޫރަތެއްގައި ވިޔަސްމެއެވެ. މިސާލަކަށް ދާލުގައި އަބަފިލި ޖަހައިގެން (الحمدَ لله) ކިޔުމެވެ. ފަހެ އޭނާގެ ނަމާދު ޞައްޙައެވެ. ނަމަވެސް އެފަދަ މީހެއްގެ އިމާމުކަން މަކުރޫހައެވެ. ނަބިއްޔާ صَلّى اللهُ عَلَيْهِ وسَلَّم ގެ ބަސްފުޅަށްޓަކައިއެވެ: "ﷲ ގެ ފޮތް އެންމެ ބޮޑަށް ކިޔަވަން ދަންނަ މީހާ އެމީހުންގެ އިމާމުކަން ކުރާހުށިކަމެވެ..." ([68]). އޭގެ ތަޚުރީޖު އިސްވެ ހިނގައްޖެއެވެ.
އަލްފާތިޙާ ސޫރަތް ނޫން ސޫރަތެއް ކިޔެވުމުގައި، އޮޅިގެން ނުވަތަ ޖާހިލުކަމުން ނުވަތަ ދުލުގައި ހުރި ކަމެއްގެ ސަބަބުންވިޔަސް މާނައޮޅޭ ގޮތަށް ކުށްކިޔާނަމަ؛ ފަހެ އޭނާގެ އިމާމުކަން މަކުރޫހަކަމާއެކު ޞައްޙަވެގެންވެއެވެ. އެހެނީ ފާތިޙާ ސޫރަތް ފިޔަވައި ދެން ބާކީ ކިޔެވުން ދޫކޮށްލިޔަސް އޭނާގެ ނަމާދު ޞައްޙަވެއެވެ. އެގޮތަށްމެ، ފާތިޙާ ސޫރަތް ފިޔަވައި އެހެން ތަނެއް ކިޔެވުމުގައި ކުށްކުރިޔަސް ޞައްޙަވެއެވެ. އެކަމަކު އޭނާ ހަމަ ޤަޞްދުގައި ނުބައިކޮށް ކުށްކޮށް ކިޔަނީނަމަ؛ ނަމާދު ބާޠިލުވެދެއެވެ. އެހެނީ އޭނާއީ ނަމާދާމެދު ކުޅިވަރުކުޅޭ މީހަކަށްވާތީއެވެ.
2- ކިޔެވުމުގައި ބައެއް އަކުރުތައް ތަކުރާރުކޮށް ކިޔާ މީހާއެވެ. މިސާލަކަށް (ف) ނުވަތަ (ت) ނުވަތަ އެނޫންވެސް އަކުރުތަކެވެ. އެއީ (އެބަހީ: އޭނާގެ އިމާމުކަން މަކްރޫހަވުމުގެ ސަބަބަކީ) ކިޔެވުމުގެ ތެރެއަށް އަކުރުތައް އިތުރުކުރާތީއެވެ.
3- ފާސިޤާއި އަދި އެމީހެއްގެ ބިދުޢައިން ކާފަރުނުވާ ބިދުޢަވެރިޔާ ([69]). ބައްލަވާ: ކައްޝާފުލް ޤިނާޢު: 1/ 475 ، އަދި އޭގެ ފަހުގައިވާ ބައި.
4- ގިނަ ބަޔަކު ޙައްޤުގޮތުގައި އެމީހަކަށް ނަފްރަތުކުރަމުންދާހިނދު އެބަޔަކުގެ އިމާމަކަށްވާ މީހާއެވެ. އެގޮތުން އަބޫ އުމާމާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރެއްވިއެވެ: "ތިން މީހަކުގެ ނަމާދު އެމީހުންގެ ކަންފަތްތައް ފަހަނައަޅާ ނުދެއެވެ. (ޤަބޫލު ނުވެއެވެ.) ފިލައި ރައްކާވެގެން އުޅޭ އަޅުމީހާ އެނބުރި އަތުވެއްޖައުމަށް ދާންދެނެވެ. ފިރިމީހާ ރުޅި އައިސްފައިވާ ޙާލު ރޭގަނޑު ހޭދަކޮށްފި އަންހެނާއެވެ. އަދި މީސްތަކުން އެމީހަކަށް ނުރުހިގެންވާ ޙާލު އެމީހުންގެ އިމާމަކަށްވާ މީހާއެވެ." ([70]). ރިވާކުރެއްވީ އައްތިރްމިޛީ 360 ގައިއެވެ. އަދި ވިދާޅުވިއެވެ: މިއީ މި ވަޖްހުން ޙަސަނު ޣަރީބު ޙަދީޘެކެވެ.
އިމާމް އައްތިރްމިޛީ ވިދާޅުވެފައި ވެއެވެ: "ބަޔަކު މީހުން އެމީހަކަށް ނުރުހިގެންވަނިކޮށް އެމީހުންގެ އިމާމުކަން ކުރުން؛ ޢިލްމުގެ އަހުލުވެރިންގެ ޖަމާޢަތެއް ނުރުއްސެވިއެވެ. ދެންފަހެ އިމާމަކީ އަނިޔާވެރި ނުވާ މީހެއް ނަމަ އެކަމުގައި ފާފަ އޮތީ އޭނާއަށް ނަފުރަތުކުރާ މީހުންގެ މައްޗަށެވެ. އަޙްމަދާއި އިސްޙާޤު މިކަމާ ބެހޭގޮތުން ވިދާޅުވެފައި ވެއެވެ: އެކަކު، ދެ މީހަކު، ނުވަތަ ތިން މީހަކު ނުރުހުނަސް އަދި އެމީހުންނާގެން އިމާމުވެ ނަމާދުކުރުމުގައި މައްސަލައެއް ނެތެވެ. މަކުރޫހަވެގެންވަނީ ގިނަ މީސްތަކުން ނުރުހޭނަމައެވެ.”([71]). ސުނަނު އައްތިރްމިޛީ: 2/ 192.
އެމީހުން އޭނާއަށް ނަފުރަތުކުރަނީ ނަމާދުގައި ސުންނަތަށް ތަބަޢަވާތީކަމަށްވެއްޖެ ނަމަ، މިސާލަކަށް ކިޔެވުން ސުންނަތްވެގެންވާ ސޫރަތްތައް ކިޔަވާ، ލަސްލަހުން އޭނާ ނަމާދުކުރާތީކަމަށް ވާނަމަ؛ ފަހެ އޭނާގެ އިމާމުކަން މަކްރޫހަވެގެން ނުވެއެވެ. އެހެނީ އެމީހުން އޭނާއަށް ނުރުހި ނަފުރަތުކުރީ އެއްވެސް ޙައްޤަކާ ނުލައި ކަމުގައިވުމުންނެވެ. އެހިނދުން އެމީހުންގެ ނުރުހުމަށް އެއްވެސް ބުރަދަނެއް ނެތެވެ. އަދި އެމީހުން ނުޙައްޤުން އޭނާއަށް ނަފްރަތު ކުރާނަމަ އެމީހުންނަށް ނަޞޭޙަތްތެރިވެ، ހަނދާންކޮށްދީ، އެކުވެރިކުރުވަން ވާނެއެވެ. އަދި ސުންނަތުގައި ބަޔާންވެގެންވާ ގޮތަށް އެއުރެންނާއެކު ނަމާދު ކުރުންމަތީ ދެމިހުންނަން ޖެހެއެވެ. އެމީހުން އެއްކޮށްލުމުގެ ނިޔަތުގައި އިޚްލާޞްތެރިވެގެންވާކަން ﷲ އޭނާގެ ފުށުން ދެނެވޮޑިގެންވާނަމަ؛ ﷲ އޭނާއަށް އެކަން ފަހިކޮށްދެއްވާނެއެވެ. ([72]). ބައްލަވާ: އައްޝަރްޙުލް މުމްތިޢު ޢަލާ ޒާދިލް މުސްތަޤްނިޢު : 4 / 253
ހަވަނަ މަޠުލަބު: މައުމޫމުން ތިބޭ ނަމަ އިމާމު ހުންނަންޖެހޭތަން:
ސުންނަތް ގޮތަކީ: މައުމޫމުންގެ ކުރީގައި އިމާމު ހުރުމެވެ. އެގޮތުން މައުމޫމުންނީ ދޭއް ނުވަތަ އެއަށްވުރެ ގިނަ ބައެއްނަމަ ތިބޭނީ އިމާމުގެ ފަހަތުގައިއެވެ. އެހެނީ ނަބިއްޔާ ﷺ ނަމާދަށް ތެދުވެވަޑައިގެންފިނަމަ ކުރިއަށް ޖެހިވަޑައިގަންނަވާ، އަދި އެކަލޭގެފާނުގެ އަޞްޙާބުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ތިއްބަވައެވެ. އަދި އެއީ މާތް ﷲ ރުއްސުންލެއްވި ޖާބިރުއާއި ޖައްބާރު، ނަބިއްޔާ ﷺ ނަމާދު ކުރައްވަން ހުންނަވަނިކޮށް، އެކަކު އެކަލޭގެފާނުގެ ކަނާތް ފަރާތުގައި އަދި އަނެކަކު އެކަލޭގެފާނުގެ ވާތްފަރާތުގައި ހުއްޓުމުން، ދެން އެކަލޭގެފާނު އެ ދެބޭކަލުންގެ އަތުގައި ހިއްޕަވާ އެކަލޭގެފާނުގެ ފަހަތްޕުޅުގައި ބެހެއްޓެވިކަމަށް ޘާބިތުވެފައިވާ ރިވާޔަތަށްޓަކައިއެވެ. ([73]). ރިވާކުރެއްވީ މުސްލިމު 3010 ގައި، ޖާބިރު رضي الله عنه ގެ އަރިހުންވާ ދިގު ޙަދީޘެއްގައިއެވެ.
އެކަކު ނަމަ ހުއްޓި ހުންނާނީ އިމާމާގެ ކަނާތް ފަރާތުގައި އެއްވަރަށް ޖެހިގެންނެވެ. އެއީ އިބްނު ޢައްބާސް رضي الله عنهما ގެ ބަސްފުޅަށްޓަކައިއެވެ: "ﷲ ގެ ރަސޫލާ ﷺ ނަމާދުކުރެއްވުމަށް ތެދުވެވަޑައިގެންނެވިއެވެ. ދެން އަހަރެން އެކަލޭގެފާނުގެ ވާތްފަރާތުގައި ހުއްޓުނީމެވެ. ދެން އެކަލޭގެފާނު އަހަރެންގެ ކަންފަތުގައި ހިއްޕަވާ، އެކަލޭގެފާނުގެ ކަނާތްފަރާތަށް އަނބުރާލެއްވިއެވެ. ([74]). ރިވާކުރެއްވީ އަލްބުޚާރީ 6316، އަދި މުސްލިމު 763
އަންހެނުން ތިބެން ޖެހެނީ ފިރިހެނުންގެ ސަފުތަކުގެ ފަހަތުގައެވެ. އެއީ މާތް ﷲ ރުއްސުންލެއްވި އަނަސްގެ ޙަދީޘްފުޅުގައިވާ ގޮތުގެމަތީންނެވެ: އަހަރެންނާއި ޔަތީމު ކުއްޖާ ނަބިއްޔާ ﷺގެ ފަހަތްޕުޅުގައި ސަފުހެދީމެވެ. ދެން މުސްކުޅި އަންހެން މީހާ އަހަރުމެންގެ ފަހަތުގައި ހުއްޓެވެ. ([75]). ރިވާކުރެއްވީ އަލްބުޚާރީ: 380، އަދި މުސްލިމު: 658
އިމާމު ހުންނަންވާނީ ސަފުގެ މެދާ ދިމާވާ ގޮތަށެވެ. އަލްޢައްލާމާ އިބްނު ބާޒް رحمه الله ވިދާޅުވިއެވެ: “ސުންނަތް ގޮތަކީ: މިސްކިތްތަކުގައި އިމާމު މެދުގައި ހުރުމެވެ. މިއީ މުސްލިމުން އެގޮތުގެ މަތީގައި ޢާދަވެފައިވާ ޢަމަލީ ސުންނަތެވެ.” ([76]). އެކަލޭގެފާނުގެ އަރިހުން ނަޤުލުކުރެއްވީ، ޝެއިޚް ސަޢީދު އަލްޤަޙްތާނީ "އަލްއިމާމާ ފިއްސަލާތި" ފޮތުގައި ސ. 55
އަދިވެސް ޝެއިޚު رحمه الله ވިދާޅުވިއެވެ: “ސަފު ފެށެނީ އިމާމާ ޖެހިގެން މެދަށްވާ ގޮތަށެވެ. އަދި ކޮންމެ ސަފެއްގެ ކަނާތްފަޅި، ވާތްފަޅިއަށްވުރެ ހެޔޮވެގެންވެއެވެ. އަދި ވާޖިބުވެގެންވަނީ: ކުރީގައި އޮތް ސަފު ނުފުރެނީސް އެހެން ސަފެއް ހަދަން ނުފެށުމެވެ."
ހަތްވަނަ މަޠުލަބު: އިމާމަށްވުރެ ކުރިއަށް އެރުން:
މައުމޫމާއަށް ވާޖިބުވެގެންވަނީ އޭނާގެ އިމާމަށް ފަހުގައި ނަމާދުގެ ޙަރަކާތްތައް ކުރަން ފެށުމެވެ. އަދި އިމާމުމީހާގެ ޙަރަކާތްތަކުގައި އޭނާއަށް ތަބަޢަވެ އިޤުތިދާވުމެވެ. ތަބަޢަވެ، މައުމޫމަކަށްވާ މީހާގެ ހުންނާނޭ އެއްކަމަކީ: ތަބަޢަވެވޭ މީހާގެ ކުރިއަށް ނޭރުމެވެ. އަދި އޭނާއާ އެއްހަމަވެސް ނުކުރުމެވެ. ކިއެއްތަ، އޭނާޖެހޭނީ އިމާމުމީހާގެ ޙާލަތްތައް ހުރި ގޮތް ބަލާ ފާރަލާ، ދެން އެއާ ވިއްދައިގެން އިމާމު ކަންތައްކުރާ ގޮތަށް ކަންތައްކުރާށެވެ. އެއިން ނިޔާކުރާކަމަކީ: އެއްވެސް ޙާލަތެއްގައި އިމާމުމީހާއާ ޚިލާފުނުވުމެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ޘާބިތުވެފައިވާ ޙަދީޘަށްޓަކައިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން އިމާމު ޢައްޔަންކުރެވުނީ އޭނައަށް ތަބަޢަވުމަށެވެ. އެހެންކަމުން ތިޔަބައިމީހުން އޭނާއާ ޚިލާފުނުވާށެވެ. ފަހެ އޭނާ ރުކޫޢުކޮށްފިނަމަ ތިޔަބައިމީހުންވެސް ރުކޫޢުކުރާށެވެ. އަދި އޭނާ سمع الله لمن حمده ކިޔައިފި ނަމަ ފަހެ ތިޔަބައ މީހުން ربنا لك الحمد ކިޔާށެވެ. އަދި އޭނާ ސަޖިދަކޮށްފިނަމަ ފަހެ ތިޔަބައިމީހުންވެސް ސަޖިދަކުރާށެވެ. އަދި އޭނާ އިށީންދެގެން ނަމާދުކުރާނަމަ ފަހެ ތިޔަބައިމީހުން އެންމެން އިށީންދެގެން ނަމާދުކުރާށެވެ. އަދި ނަމާދުގައި ސަފުތައް ސީދާކޮށް ޤާއިމުކުރާށެވެ. އެހެނީ ސަފު ސީދާކޮށް ޤާއިމުކުރުމަކީ ނަމާދުގެ ރިވެތިކަމުގެ ތެރެއިންވާ ކަމެކެވެ." ([77]). ރިވާކުރެއްވީ އަލްބުޚާރީ: 722، އަދި މުސްލިމު: 417
ނަމާދުގެ ހުރިހާ ރުކުންތަކެއްގައިވެސް އިމާމާއަށް ވުރެ އަވަސްވެގަތުމަކީ ޙަރާމް ކަމެކެވެ. އެގޮތުން އަނަސް ބްނު މާލިކު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: އެއްދުވަހަކު رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم އަހަރުމެންނާގެން ނަމާދުކުރެއްވިއެވެ. ދެން ނަމާދު ނިންމެވިހިނދު އެކަލޭގެފާނު އަހަރުމެންނާ ދިމާލަށް މޫނު އަނބުރާލައްވާ ކުރިމަތިލައްވާ ޙަދީޘްކުރެއްވިއެވެ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނީ ތިޔަބައިމީހުންގެ އިމާމެވެ. ފަހެ ތިޔަބައިމީހުން ރުކޫޢުއާއި ސަޖިދާއާއި އަދި ޤިޔާމަށް ތެދުވުމާއި، (ސަލާމްދިނުމަށް) އެނބުރުމުގައިވެސް ތިމަންކަލޭގެފާނަށްވުރެ ކުރިއަރާ ނުދާހުށިކަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ޙަރަކާތްތައް ކުރިމަތިންނާއި ފަހަތުން ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ." [78] އަދި މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ، ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އިމާމާގެ ކުރިން ބޯ އުފުލައިފިނަމަ، الله އެމީހެއްގެ ބޯ ޙިމާރެއްގެ ބޮލަކަށް ހައްދަވާފާނޭކަމަށް، ނުވަތަ ﷲ އެމީހެއްގެ ސޫރަ ޙިމާރެއްގެ ސޫރައަކަށް ހައްދަވާފާނެ ކަމަކަށް ބިރެއް ނުގަނޭ ހެއްޔެވެ؟” ([79]). ރިވާކުރެއްވީ މުސްލިމް: 426. ރިވާކުރެއްވީ އަލްބުޚާރީ: 691، އަދި މުސްލިމު: 427
އިމާމާއަށްވުރެ ކުރީގައި ހަށަންބަން ތަކްބީރު ކިޔައިފި މީހާގެ ނަމާދު ފެށުނުކަމަށް ނުވާނެއެވެ. (ޞައްޙަ ނުވާނެއެވެ.) އެހެނީ އޭގެ ޝަރުޠަކީ އިމާމުގެ ފަހުން އެ ތަކްބީރު ކިޔުމެވެ. އެކަމަކު އޭނާ އެކަން ނުކޮށް ފާއިތުވެއްޖެއެވެ.
އަށްވަނަ މަޠުލަބު: އިމާމުކަމާއި ޖަމާޢަތާމެދުވާ އެކި ޙުކުމްތައް:
އިސްވެދިޔަ ކަންތައްތައް ފިޔަވައި އިމާމުކަމާއި ޖަމާޢަތާ ގުޅޭ ޙުކުމްތަކުގެ ތެރޭގައި ހިމެނެނީ:
1 – ބުއްދިއާއި ތޫނުފިލިކަމުގެ ވެރި މީހުން އިމާމުގެ ގާތުގައި ތިބުން އެދެވިގެންވުން. އެގޮތުން ބާލިޣުވެފައި ތިބި، ހެޔޮކަމާއި ބުއްދީގެ ވެރި މީހުން އިމާމުގެ ފަހަތުގައި އޭނާގެ ކައިރީގައި ތިބުމަށް އިސްކުރެވެއެވެ. އެއީ އެކަލޭގެފާނު ﷺގެ ބަސްފުޅަށްޓަކައިއެވެ: “ތިޔަބައިމީހުންގެ ތެރެއިން ބުއްދިއާއި ވިސްނުމުގެ ވެރި މީހުން ތިމަންކަލޭގެފާނާ ގާތުގައި ތިބޭހުށިކަމެވެ. ދެން އެއާ ޖެހުނު މީހުންނެވެ. ދެން އެއާ ޖެހުނު މީހުންނެވެ." [80] ރިވާކުރެއްވީ މުސްލިމު: 432 ގައި، ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ ޙަދީޘުން
2- ފުރަތަމަ ސަފަށް ފަރުވާތެރިވެ ދަހިވެތިވުން: މައުމޫމުން ފުރަތަމަ ސަފަށް އިސްކަންދިނުމާއި ، އެ ސަފަށް ދަހިވެތިވުމާއި، އަދި ކުރީ ސަފަށް ނާރާ ފަހަތަށްޖެހުމުން ދުރުވުން މުސްތަޙައްބުވެގެންވެއެވެ. އަބޫ ސަޢީދުލް ޚުދްރިއްޔު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم އަށް އެކަލޭގެފާނުގެ ޞަޙާބީންގެ ކިބައިން ސަފަށް ވަނުމުގައި ލަސްވުމެއް ފެނިވަޑައިގެން އެބައިމީހުންނަށް ޙަދީޘްކުރެއްވިއެވެ:
“ތިޔަބައިމީހުން ކުރިއަށް ޖެހޭށެވެ. އަދި ތިމަންކަލޭގެފާނު އިމާމެއްގެ ގޮތުގައި ބަލައިގެން ތަބަޢަވާށެވެ. އަދި ދެންތިބި މީހުން ތިޔަބައިމީހުންނަށް ތަބަޢަވާހުށިކަމެވެ. ބަޔަކުމީހުން ފަހަތަށް ޖެހި ލަސްވުމުގައި ދެމިތިބެއެވެ. އެހެންގޮސް ﷲ އެމީހުން ފަސްކުރައްވައިފުމަށް ދާންދެނެވެ." [81] އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރެއްވިއެވެ: "މީސްތަކުންނަށް ބަންގިއާއި ފުރަތަމަ ސަފުގައިވާ ކަންކަން އެނގޭނަމަ އެކަމަށް ގުރުއަތު ނަގަން ޖެހުނުކަމުގައިވިޔަސް އެމީހުން އެކަން ކުރީހެވެ." [82]، އަދި އަންނަނިވި ބަހުގެ މާނައަކީ: "އެމީހުން އެކަމަށް ގުރުއަތުލީހެވެ." އެބަހީ: އެމީހުންގެ ތެރެއިން ފުރަތަމަ ސަފުގައި ތިބެނީ ކޮންބައެއްތޯ ކަނޑައެޅުމަށްޓަކައި އެމީހުންގެ މެދުގައި ގުރުއަތު ނަގާނެއެވެ. ރިވާކުރެއްވީ މުސްލިމް: 438. ރިވާކުރެއްވީ އަލްބުޚާރީ: 615، އަދި މުސްލިމު: 437
ދެންފަހެ އަންހެނުންނަށް ބަލާއިރު، އެކަނބަލުންނަށް އެދެވިގެންވަނީ އެންމެ ފަހަތު ސަފުތަކުގައި ތިބުމެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރެއްވިއެވެ: “ފިރިހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ އެންމެ ކުރީ ސަފެވެ. އަދި އެންމެ ނުބައިވެގެންވަނީ އެންމެ ފަހަތު ސަފެވެ. އަދި އަންހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ އެންމެ ފަހަތު ސަފެވެ. އަދި އެންމެ ނުބައިވެގެންވަނީ ކުރީ ސަފެވެ." ([83]) މި ބަސް ނެގޭހުށީ ފަރުދާއެއްނެތި ފިރިހެނުންގެ ފަހަތުގައި އަންހެނުން ނަމާދު ކުރާ ޙާލަތަށެވެ. ދެންފަހެ އެ އަންހެންތަކުން ނަމާދުކުރަނީ ފިރިހެނުންނަށް ފޮރުވިގެންވާ ގޮތަށްވާ ނަމާދުކުރާ ތަނެއްގައިނަމަ؛ އެކަނބަލުންވެސް ކުރީ ސަފުން ފަށައިގެން ފުރިހަމަކުރަމުން ދާނީއެވެ. ([84]) ރިވާކުރެއްވީ މުސްލިމް: 440. ބައްލަވާ: މަޖުމޫޢު ފަތާވާ އިބްނު ބާޒު: 12/ 196.
3- އިމާމުގެ މައްޗަށް އޮތްގޮތަކީ: ފާތިޙާ ސޫރަތް ކިޔެވުމުގައި އަވަސް އަރުވާނުލުމެވެ. އަދި މައުމޫމުން ކިޔަވަން ފުރުސަތު ލިބޭގޮތަށް ލަސްލަހުން ކިޔެވުމެވެ. ([85]). ބައްލަވާ: އަލްމިންޡާރު ފީ ބަޔާނީ ކަޘީރިން މިނަލް އަޚްޠާއިއް ޝާއިޢާ، ޞާލިޙު އާލުއްޝެއިޚު: ސ.53
4- ސަފުގެ ފަހަތުގައި އެކަނިހުރެ ފިރިހެނަކު ކުރާ ނަމާދު ޞައްޙަވެގެން ނުވެއެވެ. އެގޮތުން ވާބިޞާ ބްނު މަޢުބަދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: މީހަކު ސަފުގެ ފަހަތުގައި އެކަނިހުރެ ނަމާދުކުރިއެވެ. ދެން އޭނާ ނަމާދު އިޢާދަކުރުމަށް ނަބިއްޔާ ﷺ އަމުރުކުރެއްވިއެވެ. ([86]). ރިވާކުރެއްވީ އައްތިރްމިޛީ: 230 ގައިއެވެ. އަދި ވިދާޅުވިއެވެ: ވާބިޞާގެ ޙަދީޘަކީ ޙަސަނު ޙަދީޘެކެވެ.
ނުވަވަނަ މަޠުލަބު: އިމާމު ކުރުން އައުލާވެގެންވާ ސުންނަތް ކަންކަން:
އިމާމުމީހާ، އިމާމުކަން ކުރުމުގައި ނަބިއްޔާ ﷺގެ ސުންނަތަށް ތަބަޢަވެގެން ވާންޖެހޭނެއެވެ. މި ސުންނަތްތަކުގެ ތެރޭގައި:
1- ނަމާދުތައް ލުއިކޮށްލާ، އަދި މީހުންގެ ޙާލަތަށް ރިޢާޔަތްކުރުމެވެ. އެއީ އިމާމުމީހާ ނަމާދުގައި ވަޤުތުދެމެދުން ލަހުން ކުރުމެވެ. ފަހެ މައުމޫމުންނަށް ނަމާދުގެ ރުކުންތަކާއި ވާޖިބުތައް އަދާނުކުރެވޭވަރަށް ނަމާދު އަވަސްކޮށްލުމަކީ އިމާމަށް ހުއްދަކަމެއް ނޫނެވެ. އަދި އޭނާގެ ފަހަތުގައި ނަމާދުކުރާ މީހުންނަށް ނަމާދު ފުރިހަމަ ކުރެވޭގޮތަށް އޭނާގެ ކިޔެވުން މަޑުމަޑުން ގެންދަން ޖެހެއެވެ. އެގޮތުން އަބޫ މަސްޢޫދު އަލްއަންޞާރީގެ އަރިހުން ރިވާވެގެންވެއެވެ. މީހަކު ދެންނެވިއެވެ: "ﷲ ގަންދީ ބުނަމެވެ! އޭ ﷲ ގެ ރަސޫލާއެވެ! މިވެނި އެވެނި މީހަކު ފަތިސް ނަމާދު ދިގުކުރުމުގެ ސަބަބުން ތިމަންނަ ފަތިސް ނަމާދަށް ފަސްވެ ލަސްވަމެވެ." ދެންފަހެ އެދުވަހަށްވުރެ ބޮޑަށް ކޯފާވެވަޑައިގެން الله ގެ ރަސޫލާ، ﷺ ދަރުހެއް ދެއްވިތަން ތިމަން ނުދެކެމެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރޭގައި މީހުން (ނަމާދަށް) ނަފުރަތުކުރުވާ ބަޔަކު އެބަވެއެވެ. ފަހެ ތިޔަބައިމީހުންކުރެ މީސްތަކުންނާގެން ނަމާދުކުރާ މީހަކުނަމަ؛ ފަހެ ނަމާދު ލުއިކުރާހުށިކަމެވެ. އެހެނީ އެމީހުންގެ ތެރޭގައި ބަލިކަށި މީހުންނާއި، މުސްކުޅިންނާއި، ޙާޖަތްތެރީން ހިމެނެއެވެ.” ([87]). ރިވާކުރެއްވީ އަލްބުޚާރީ: 90
2- ނަމާދަށް ފެށުމުގެ ކުރިން ސަފުތައް ސީދާކޮށް، ހުސްތަންތަން ފުރުމަށް އިމާމު އަމުރުކުރުމެވެ. އެއީ އެކަލޭގެފާނު ﷺ އެގޮތަށް ޢަމަލުކުރައްވާ، އަދި ނަމާދުކުރާ މީހުންނަށް އެހެން އަމުރުކުރައްވާފައި ވުމުންނެވެ. އެގޮތުން އައްނުޢުމާނު ބްނު ބަޝީރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم އަހަރުމެންގެ ސަފުތައް ސީދާކުރައްވަމުން ގެންދެވީ، ލޮންސިއެއް ސިދާ ކުރައްވާ ކަހަލަ ގޮތަކަށެވެ. އެހެންގޮސް އަހަރުމެންނަށް އެކަލޭގެފާނުގެ ކިބައިން އެކަންތައް ނަގައިގަނެ ވިސްނިއްޖެކަމަށް އެކަލޭގެފާނަށް ފެނިވަޑައިގެންފުމަށް ދާންދެނެވެ. ދެން އެއްދުވަހަކު އެކަލޭގެފާނު ނިކުމެވަޑައިގެން، ނަމާދަށް ހުއްޓި ވަޑައިގެންނެވިއެވެ. އަދި ހަށަންބަން ތަކުބީރު ކިޔުއްވުމަށް ތައްޔާރުވެވަޑައިގަތްތަނާ މީހެއްގެ މޭމަތި ސަފުން ބޭރުވެފައި ހުއްޓާ ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ސަފުތައް ސީދާކުރާހުށިކަމެވެ. ނޫނީ ﷲ ތިޔަބައިމީހުންގެ މޫނުތައް އެއްބަޔަކު އަނެއްބަޔަކާ ޚިލާފުކުރައްވާފާނެތެވެ.” ([88]). ރިވާކުރެއްވީ އަލްބުޚާރީ: 717، އަދި މުސްލިމް: 436، އަދި މިއީ މުސްލިމްގެ ލަފްޒެވެ.
އައްނަވަވީ ވިދާޅުވިއެވެ: "لقِداح ޤާފުގެ އިބިފިއްޔާއެކު މާނައީ ތީރުތަކުގެ ދަނޑިގަނޑެވެ. އެއީ އެ ދަނޑިތައް ތުނޑުޖެހި ތޫނުކުރެވޭ ހިނދުއެވެ. އޭގެ މާނައަކީ: ސަފުތައް ސީދާކުރެއްވުމުގައި އެކަލޭގެފާނު ވަރަށް މައްޗަށް ގެންދަވާކަމެވެ. އެހެންގޮސް ތީރުތަކެއް ސީދާކުރާކަހަލަ ގޮތަކަށް ޞިފަވެއްޖައުމަށް ދާންދެނެވެ. އެއީ ސީދާކޮށް ހަމަކުރެއްވުން ބޮޑުކަމުންނެވެ. ([89]). ޝަރްޙު ޞަޙީހު މުސްލިމު، އައްނަވަވީ: 157/4
3- ފުރަތަމަ ސަފު ފުރިހަމަ ކުރުމަށް އަމުރުކުރުމެވެ. ދެން އެއާވިދިގެން އޮތް ސަފު ފުރިހަމަ ކުރުމަށް އަމުރުކުރުމެވެ. ދެންފަހެ އުނިކަމެއް ހުރިނަމަ އެކަމެއް ހުންނަންޖެހޭނީ އެންމެ ފަހަތު ސަފުގައިއެވެ. އެއީ ނަބިއްޔާ ﷺގެ ޙަދީޘަށްޓަކައިއެވެ: “މަލާއިކަތް ބޭކަލުން އެބޭކަލުންގެ ވެރިރައްބުގެ ޙަޟްރަތުގައި ސަފު ހައްދަވާ ގޮތަށް، ތިޔަބައިމީހުން ސަފު ނުހަދާނަންހެއްޔެވެ؟" ދެން އަހަރުމެން ދެންނެވީމެވެ: "އޭ ﷲ ގެ ރަސޫލާއެވެ! މަލާއިކަތުން އެބޭކަލުންގެ ވެރި ރައްބުގެ ޙަޟްރަތުގައި ސަފު ހައްދަވަނީ ކިހިނެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: “އެބޭކަލުން ކުރީގެ ސަފުތައް ފުރިހަމަކުރައްވައެވެ. އަދި ގާތްގާތުގައި ޖެހިޖެހިގެން ތިއްބަވައެވެ." ([90]). ރިވާކުރެއްވީ މުސްލިމު: 430 ގައި، ޖާބިރު ބްނު ސަމުރާ رضي الله عنه ގެ ޙަދީޘުން
4- ނަމާދުގެ ކިޔެވުމުގައި، ނަބިއްޔާ ﷺގެ ކިޔެވުމަށް ތަބަޢަވުމެވެ. އެގޮތުން އެކަލޭގެފާނު ﷺ އާއްމު ގޮތެއްގައި ފަތިސް ނަމާދުގައި މުފައްޞަލު ސޫރަތްތަކުގެ ދިގު ސޫރަތްތައް ކިޔަވާ ވިދާޅުވެއެވެ. އަދި މަޣުރިބު ނަމާދުގައި މުފައްޞަލު ސޫރަތްތަކުގެ ކުރު ސޫރަތްތަކެވެ. އަދި ޢިޝާއާއި މެންދުރާއި ޢަޞްރު ނަމާދުގައި މެދުމިނުގެ މުފައްޞަލު ސޫރަތްތަކެވެ. އެގޮތުން ސުލައިމާނު ބްނު ޔަސާރު، އަބޫ ހުރައިރާ رضي الله عنه ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ: "މިވެނި އެވެނި މީހަކަށްވުރެ ﷲ ގެ ރަސޫލާ ﷺގެ ނަމާދާ ވައްތަރުކަން ބޮޑު މީހެއްގެ ފަހަތުގައި އަހަރެން ނަމާދުނުކުރަމެވެ." ސުލައިމާނު ވިދާޅުވިއެވެ: "އެމީހަކު މެންދުރު ނަމާދުގެ ފުރަތަމަ ދެ ރަކްއަތް ދިގުކޮށްލާ، ފަހު ދެ ރަކްޢަތް ލުއިކޮށްލައެވެ. އަދި ޢަޞްރު ނަމާދު ލުއިކޮށްލައެވެ. އަދި އޭނާ މަޣުރިބު ނަމާދުގައި ކިޔަވަނީ މުފައްޞަލު ސޫރަތްތަކުގެ ކުރު ސޫރަތްތަކެވެ. އަދި ޢިޝާ ނަމާދުގައި އޭނާ ކިޔަވަނީ މެދުމިނުގެ މުފަޢްޞަލު ސޫރަތްތަކެވެ. އަދި ފަތިސް ނަމާދުގައި ކިޔަވަނީ މުފައްޞަލު ސޫރަތްތަކުގެ ދިގު ސޫރަތްތަކެވެ." ([91]). ރިވާކުރެއްވީ އައްނަސާއީ: 982، އަލްޙާފިޡު ބުލޫޣުލް މަރާމި، ނަންބަރު 286 ގައި ވިދާޅުވެފައި ވެއެވެ: އޭގެ ސަނަދު ޞައްޙަ އެވެ.
މުފައްޞަލު ސޫރަތްތަކުގެ ދިގު ސޫރަތްތަކީ: އަލްޙުޖުރާތު ސޫރަތުން ފެށިގެން އަލްބުރޫޖު ސޫރަތާ ހަމައަށެވެ. އަދި މެދުމިނުގެ މުފައްޞަލު ސޫރަތްތަކީ: އަލްބުރޫޖުން ފެށިގެން އަލްބައްޔިނާ ސޫރަތަށެވެ. އަދި ކުރު މުފަޢްޞަލަކީ: އަލްބައްޔިނާ ސޫރަތުން ފެށިގެން ޤުރްއާން ނިމެންދެނެވެ. [92]). ބައްލަވާ: މިރުޤާތުލް މަފާތީޙު: 2/ 700.
ދިހަވަނަ މަޠުލަބު: އިމާމެއްގެ ގައިގައި ހުންނަން ޖެހޭ ކަންކަން:
މިސްކިތުގެ އިމާމު ބެލެވޭނީ މިސްކިތުގެ ތަނބު އަދި މިސްކިތުގެ ބާރުގެ ގޮތުގައިއެވެ. މިސްކިތުގެ ރިސާލަތުކަމުގައިވާ ދަޢުވަތު ފެތުރުމާއި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، މީސްތަކުންނަށް އެމީހުންގެ ދީނުގެ ކަންކަން އަންގައިދިނުމުގެ މަސައްކަތް އަދާކުރެވެނީ އޭނާ މެދުވެރިކޮށެވެ. ދެންފަހެ އިމާމު މީހާއީ: ޢިލްމުވެރި، ބުއްދިވެރި، ދުރު ވިސްނުންހުރި، މީސްތަކުންގެ ޢާދަކާދަތަކާއި ޙާލަތުތައް ދެނެހުރި މީހެއްކަމުގައިވާނަމަ؛ އެހިނދުން މިސްކިތުގެ ޖަމާޢަތަށް އޭނާގެ ކިބައިން ކުރާ އަސަރު ރަނގަޅުވެ ފައިދާހުރެއެވެ. އަދި އެ މިސްކިތުގެ އަވަށުގެ މީހުންނަށް އޭނާ އުނގަންނައިދީ، އިރުޝާދުދީ، އަދި ހެޔޮ ރަނގަޅު ކޮންމެ ކަމަކަށް މަގުދައްކައިދެވެއެވެ.
އިމާމުކަމުގެ ޝަރުޠުތައް ފުރިހަމަވާ އިމާމުންވީ ކުރިއްސުރެ އެފަދައިންނެވެ. އެގޮތުން އިސްލާމްދީން ފެށުނުއިރު އިމާމަކަށް ހުންނެވީ ނަބިއްޔާ ﷺ އެވެ. ދެން އެކަލޭގެފާނުގެ ޚުލަފާއުއް ރާޝިދޫންއެވެ. ދެން އަމީރުންނާއި، ކޮމާންޑަރުންނާއި، ޢިލްމުވެރިންނާއި، ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. މިކަމުން ދޭހަވަނީ މި ވަޒީފާއާ ހަވާލުވާ މީހަކީ: ދީނާއި އަޚްލާޤާއި ޢިލްމާއި ސުލޫކުގެ ގޮތުން މަތީ މަޤާމެއްގައި ހުންނަ މީހަކަށް ވާންޖެހޭނެކަމެވެ.
މިތަނުން ހާމަވަނީ މީސްތަކުންގެ ދިރިއުޅުމުގައި މި ވަޒީފާގެ މުހިންމުކަމެވެ. އެގޮތުން އިމާމުންގެ ވަރުގަދަކަން އެމީހުންގެ މުޖްތަމަޢުގެ މަލަމަތިން ހާމަވެއެވެ. އަދި އިމާމުން ބަލިކަށިވުމުގެ އަސަރު އެ މުޖްތަމަޢުތަކުން ފާޅުވެއެވެ. އެހެނީ މިސްކިތަކީ މުޖުތަމަޢަށް ބަސްތަކާއި ޢަމަލުތަކާ ގުޅުވައިދޭން ދަސްކޮށްދޭ ތަނެކެވެ. ދެންފަހެ އިމާމަކީ ޢިލްމުގައި ނުވަތަ ބުއްދިގައި ބަލިކަށި މީހެއްނަމަ، ނުވަތަ އަޚްލާޤާއި ސުލޫކު ނުބައި މީހެއްނަމަ؛ ދެން އޭނާގެ ފުށުންވާނީ ގެއްލުމެވެ. އަދި ފައިދާއެއް ނުލިބޭނެއެވެ. ނަމާދުކުރާ މީހުންނަށް އިޞްލާޙުވެ ހެޔޮ ރަނގަޅުގޮތް ހުރި ކަންކަމަށް އިރުޝާދުދިނުމަކީ އިމާމުގެ މަސައްކަތެއްނަމަ، ދެންފަހެ މި ބޮޑު މަސްއޫލިއްޔަތު ޙާޞިލުކުރުމަކީ ޖާހިލު އިމާމަކަށް އުނދަގޫ ކަމެކެވެ.
އަދި ފަހަރެއްގައި އިމާމުމީހާ މި ވަޒީފާގެ ޝަރުޠުތައް، ޢިލްމުވެރިކަމާއި ޝަޚްޞީ ޤާބިލުކަމުގެ ގޮތުން ފުރިހަމަކޮށްފައިވާ މީހަކަށްވެދާނެއެވެ. ނަމަވެސް އޭނާގެ މި ވަޒީފާ އަދާކުރުމަށް އަސަރުކުރާ ކަހަލަ އެހެން މަސައްކަތްތަކެއްގައި އޭނާ އަވަދިނެތި އުޅެއެވެ. އެގޮތުން އޭނާ މިސްކިތަށް އަންނަނީ ނަމާދު ޤާއިމުކުރަންޖެހޭ ވަޤުތުތަކަށްވުރެ ލަހުންނެވެ. އަދި އޭނާ ނަމާދުތަކުގައި ކިޔަވާނޭ ސޫރަތްތައް ނުވަތަ އާޔަތްތައް މުރާޖަޢާކުރުމަށް އެކަށޭނެ ވަޤުތެއްވެސް އޭނާއަށް ނުލިބެއެވެ. ދެން އަހަރުމެންނަށް އޭނާ ފެންނަނީ އަބަދުވެސް ވަކި ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ކިޔަވައިގެން ނަމާދުކުރާތަނެވެ. އެ ސޫރަތްތައް ފަހަނައަޅާ އެހެން ތަނަކަށް ނުދާ ގޮތަށެވެ.
އަދި ފަހަރެއްގައި އޭނާގެ މައްޗަށް އަމިއްލަ އެދުން، ނުވަތަ ޖާހިލުކަން، ނުވަތަ ދެބަސްވުމާއި އަރައިރުންވުންތައް، ނުވަތަ ކުށްވެރިކުރެވޭ ޙައްދުފަހަނައެޅުން ގަދަވެގަނެ؛ ދެން ޝާމިލުކޮށް ދަޢުވަތުދިނުމާއި، ތަރުބަވީ އިރުޝާދު ދިނުމާއި، ޙިކްމަތާއި ހެޔޮ ވަޢުޡު ނަޞޭޙަތުން ދަޢުވަތު ދިނުމުން ބޭރުވެ އެއްކިބާވެދާނެއެވެ.
ހަމަކަށަވަރުން މިސްކިތުގެ ސަބަބުން މި ދީނަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. އެހެނީ އެއީ ހިދާޔަތުގެ މުންނާރެވެ. އެތަން މެދުވެރިކޮށް އަޅާ އޭނާގެ ވެރި ރައްބާ ގުޅުވާދީ، އަދި އޭނާގެ އީމާންކަން ވަރުގަދަކޮށްދެއެވެ. އަދި ހެޔޮ ރަނގަޅު ކަންކަން ފެތުރުމަށާއި، ދަށު ދަރަޖައިގެ ނުބައި ކަންކަމާ ދެކޮޅަށް ހަނގުރާމަކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް އޭނާގެ އަޚުން ޖަމަޢަކޮށްދެނީވެސް އެ މިސްކިތެވެ. މި ބޮޑު މަޤާމުގައި މަޝްޣޫލުވެ، މި އަގުހުރި ވަޒީފާގެ މަސައްކަތްތައް އަދާކުރާނޭގޮތަށް، ޢިލްމީ ޤާބިލު ޞިފަތަކާއި އަދި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތައް ހިފަހައްޓާ އިމާމަކު؛ މި މިސްކިތަށްޓަކައި ﷲ ތަޢާލާ ތަނަވަސްކޮށްދެއްވައިފިނަމަ މެނުވީ މިސްކިތަށް އެކަން ނުކުރެވޭނެއެވެ.
އިމާމެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ޢިލްމީ ސިފަތައް:
1 – ޢަމަލުގައި ﷲ އަށް އިޚުލާސްތެރިވުމެވެ. އެއީ ﷲ ގެ ޙަޟްރަތުގައި، އަދި މީސްތަކުންގެ ގާތުގައިވެސް ތާއީދު ލިބި، ނަޞްރުލިބި، މަޤުބޫލުވެ ލޯބި ލިބިގެންވާ މީހަކަށްވުމަށެވެ.
2- ދެއްކުންތެރިކަމާއި، ފަޚުރުވެރިވެކަމުން އެއްކިބާވުމެވެ. ފަހެ ކަންކަން ނިންމެނީ އޭގެ މަޤްޞަދުތަކުންނެވެ. އަދި ޢަމަލުތައްވަނީ ނިޔަތާ އެއްގޮތަށެވެ. ކޮންމެ މީހަކަށްވެސް ވަނީ ހަމައެކަނި އޭނާ ނިޔަތްގަތް ކަމެކެވެ. އަދި އެމީހެއްގެ ކިބައިގައި ނެތް ކަމަކުން ޒީނަތްތެރިވެގަނެފި މީހާ؛ ފަހެ ﷲ އެމީހަކު ހުތުރުކުރައްވާނެއެވެ.
3- މާތް الله ގެ ފޮތް ހިތުދަސްކޮށްފައިވާ، ނުވަތަ އޭގެ ކޮންމެވެސް މިންވަރެއް ހިތުދަސްކޮށްފައި ހުރި މީހަކަށްވުމެވެ. އަދި ހިތުދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރުމުގައި ދެމިހުންނަން ވާނެއެވެ. އަދި ޤުރުއާން ކިޔެވުމަށް ކޮންމެ ދުވަހަކުވެސް ވަކި މިންވަރެއް ހަމަޖައްސާފައި ވާންޖެހޭނެއެވެ.
4- ނަބަވީ ޙަދީޘްފުޅުތަކުން މިންވަރެއް ހިތުދަސްކުރެވިފައިވުމެވެ. އެއީ ރިޔާޟުއް ޞާލިޙީން، ނުވަތަ ނަވަވީގެ ސާޅީސް ޙަދީޘް، ނުވަތަ ބުލޫޣުލް މަރާމް، ނުވަތަ އެނޫންވެސް އެއަށް ބަރޯސާވެވޭ ޙަދީޘް ފޮތްތަކުންނެވެ.
5- ޞައްޙަ ޢަޤީދާކަމުގައިވާ، ހެޔޮވެގެންވާ ސަލަފުންގެ ޢަޤީދާ އުނގެނި ދަސްކޮށްފައިވުމެވެ.
6- ދީނުގެ ޙުކުމްތަކުގެ ފިޤުހު ދަސްކޮށް އުނގެނިފައިވުމެވެ. ޚާއްޞަކޮށް އަޅުކަމުގެ ފިޤުހެވެ. އޭގެ ތެރެއިންވެސް އެންމެ މުހިއްމު ކަންކަމީ: ޠަހާރަތާއި، ނަމާދާއި، ޒަކާތާއި، ރޯދައާއި ގުޅުންހުރި ޙުކުމްތަކެވެ. ހަމައެހެންމެ މުޢާމަލާތްތަކުގެ ފިޤުހުވެސްމެއެވެ. އެއީ އާމްދަނީ ހޯދުމާއި، ޚަރަދުކުރުމުގެ އުޞޫލުތައް އެނގުމަށެވެ. އަދި އޮޅުވާލުމާއި، މަކަރާއި ހީލަތާއި، މީހުންގެ ފައިސާ ބާޠިލުގޮތުގައި ނެގުމާމެދު މީސްތަކުންނަށް އިންޛާރު ދިނުމަށެވެ. އަދި އެފަދައިންމެ، އިސްރާފުކުރުމާއި، މުދާ ބޭކާރުކުރުމާއި، ދަހިވެތިކަމާއި، މުށްބާރުކުރުމާމެދުވެސް އެމީހުންނަށް އިންޛާރު ދިނުމަށެވެ. އެއީ އެމީހުންގެ މުދަލާއި ފައިސާއާ ގުޅޭ ކަންކަން ޤުރްއާނާއި ސުންނަތުގެ އަލީގައި ކުރެވޭ ކަންކަންކަމުގައި ވުމަށެވެ.
7- ޢަރަބި ބަހަށް ފަރިތަ މީހަކަށް ވާންޖެހެއެވެ. އެއީ މާތް الله އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ބާވައިލެއްވި އެއްޗެއްގެ މާނަތައް އެނގިގަތުމަށްޓަކައިއެވެ. އެހެނީ ޤުރުއާން ބާވައިލެއްވުނީ ޢަރަބިންގެ ބަހުންނެވެ.
8- ރަސޫލާގެ ސީރަތާއި، އެކަލޭގެފާނުގެ އަޚްލާޤީ ޞިފަތަކާއި، ސަލަފުއް ޞާލިޙުންގެ ސިޔަރަތުވެސް ކިޔުމެވެ. އެހެނީ އޭގައި ހެޔޮ ނަމޫނާއާއި، ރިވެތި މިސާލާއި، މަންފާހުރި ޢިލްމީ މުއްސަނދިކަމާއި، އިސްލާމީ މަތީ ޘަޤާފަތެއްވެއެވެ.
9- އޭނާގެ ޤައުމުގެ ޢިލްމުވެރިންނާއި، އެނޫންވެސް ޢަޤީދާއާއި ޢިލްމާއި ބުއްދި ސަލާމަތުން ރަނގަޅަށްހުރިކަމަށް އެނގިގެންވާ ހަރުދަނާ ވަރުގަދަ ޢިލްމުވެރިން ދަނެފައިވުމެވެ. އަދި ދީނުގެ މައްސަލަތަކާއި، އޭނާގެ މުޖްތަމަޢުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައިވެސް، ބޭނުންޖެހޭ އެންމެހާ ކަމެއްގައި އޭނާ އެމީހުންނަށް ރުޖޫޢަވުމެވެ.
10- އިސްލާމީ ފިރުޤާތަކާއި އެވެރިން ޤަބޫލުކުރާ ޢަޤީދާތަކާއި، ފިކުރީ މިސްރާބުތަކާއި އޭގެ ލަނޑުދަނޑިތަކާއި، އަދި ފަނާކުރަނިވި މަޛުހަބުތަކާއި، އޭގެ އަމާޒުތައް އެނގިފައިވުމެވެ. އެއީ މާތް الله ގެ ފޮތާއި، އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތާއި، ތަޙްޤީޤުކުރި މުސްލިމް ޢިލްމުވެރިން ލިޔުއްވާފައިވާ ލިޔުންތަކުގެ އަލީގައި އެ ފިކުރުތަކާއި އޮއެވަރުތަކާ މުނާޤަޝާކޮށް، އަދި އޭގައި ހުރި އޮޅުވާލުންތަކަށް ފާޑުކިޔާ ރައްދުދީ، އަދި އޭގައި ހުރި ބާޠިލާމެދު އިންޛާރުދީ ހެދުމުގެ ކުޅަދާނަކަން އޭނާއަށް ލިބުމަށްޓަކައިއެވެ.
11- ތަފާތު އެކި މީޑިޔާގެ ވަސީލަތްތައް ދެނެގަނެފައިވުމެވެ. އަދި އެ ވަސީލަތްތަކުގައި ހުރި ފައިދާތަކާއި ނުރަނގަޅު ކަންކަންވެސް އެނގިފައިވުމެވެ. އަދި ﷲ ގެ މަގަށް ގޮވާލާ ދަޢުވަތު ދިނުމުގައި އެތަކެތިން ބޭނުންހިފާނޭ ގޮތް ދެނެގަނެ، އަދި އޭނާގެ މުޖްތަމަޢުއާއި ނަފްސަށް އެ ކަންކަމުގައި ހުރި ނުރައްކާތަކާމެދު ހުށިޔާރުވެ ސަމާލުވެ ހުންނަންވާނެތެވެ.
މި ސިފަތައް މިސްކިތުގެ އިމާމުގައި ފުރިހަމަވެއްޖެނަމަ؛ ﷲ ގެ އިޛްނަފުޅާއެކު އެކަމުގެ ސަބަބުން ސީދާވެ ޘާބިތުވުމާއި، ވަޒަންހަމަކޮށްވުން ހެޔޮކޮށްވުން އުފެެދިގެންދާނެއެވެ.
އެންމެ މުހިއްމު އަޚްލާޤީ ސިފަތައް:
1- މިސްކިތުގެ އިމާމަކީ މިސްކިތުގެ ޖަމާޢަތާއި މިސްކިތުގެ އަވަށްޓެރިންނާއި އެނޫންވެސް ހާޒިރުވާ މީހުންނަށް ދަޢުވަތުދީ، އުނގަންނައިދޭ މީހަކަށް ވާންވާނެއެވެ. އެގޮތުން ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައިގައި އޭނާ ހިފަންޖެހޭނެ މަތިވެރި ނަމޫނާވެއެވެ. އަދި އުއްމަތާއި ވެރިންނަށް ހުރި އެންމެ މަތިވެރި ރަނގަޅު މިސާލަކީ އެކަލޭގެފާނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، اللَّهގެ رسولއާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّهގެ ދަރުމައާއި، آخرةގެ ثوابއަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.) [އަލްއަޙްޒާބު: 21].
އަދި އޭނާގެ އަމިއްލަ ނަފްސާއި މިސްކިތަށް އަންނަ ބޮޑުންވެސް ދުނިިޔަވީ އަދި ސިޔާސީ ވާހަކަތައް ދެއްކުމުން ދުރުކުރަން ޖެހެއެވެ. އަދި މިސްކިތަކީ ހަމައެކަނި ޢިލްމާއި އަޅުކަންކުރުމަށް ޚާއްޞަކުރެވިފައިވާ ތަނެއްކަމުގައި ހަދާހުށިކަމެވެ.
2- އޭނާއަކީ ސާފުތާހިރު، އަދި އަމިއްލަ ނަފްސު އިންތިޒާމުކުރެވިގެންވާ މީހަކަށް ވާންޖެހޭނެއެވެ. އަދި މިސްކިތުގެ ސާފުތާހިރުކަމާއި، މިސްކިތުގެ ތަކެތި ތަރުތީބުކޮށް އިންތިޒާމުކުރުމާއި، އެތަނުގެ ވަސީލަތްތައް ބެލެހެއްޓުމަށް ސަމާލުކަންދޭން ޖެހޭނެއެވެ. އަދި އެފަދަ ތަކެތީގައި އިސްރާފުތަކުން ދުރުހެލިވެ، މިސްކިތް ޒީނަތްތެރިކުރުމުން އެއްކިބާވާން ޖެހޭނެއެވެ.
3- ބޭރުފުށުގެ ޞިފައާއި އުޅުން ރިވެތި ރަނގަޅު މީހެއްކަމުގައި ވާންޖެހޭނެއެވެ. އެއީ ނަބިއްޔާ ﷺގެ ސުންނަތްތައް ކަމުގައިވާ: ތުނބުޅި ދިގުކުރުމާއި، މަތިމަސް ކޮށުމާއި، އަދި އެއާއެކު ހެދުން ތަނބިކަށްޓަކަށްވުރެ ތިރިކުރުމުން ދުރުވާން ޖެހޭނެއެވެ. އަދި މަޑުމައިތިރިކަމާއި ހަމަހިމޭންކޮށް ހުންނަ މީހެއްކަމުގައި އޭނާ ވާން ޖެހޭނެއެވެ. އަދި އިސްވެދިޔަ ހެޔޮވެގެންވާ ސަލަފުންގެ ބޭކަލުން رحمهم الله ގެ އަޘަރުތަކަށް ތަބަޢަވާ މީހެއްކަމުގައި ވާންޖެހޭނެއެވެ.
4- އަދި އޭނާއަކީ މަޑުމައިތިރި، ނިޔަނެތި، ރުޅިމަޑު، ރަޙުމްކުރާ މީހެއްކަމުގައި ވާން ޖެހެއެވެ. އެހެނީ އެއްވެސް ކަމެއްގައި މަޑުމައިތިރިކަން ވެއްޖެނަމަ އެކަމެއް ރީތި ނުވެނުދާނެއެވެ. އަދި އެއްވެސް ކަމަކުން މަޑުމައިތިރިކަން ނިގުޅިއްޖެނަމަ އެ ކަމެއް ހުތުރުނުވެ ނުދާނެއެވެ. އެއީ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. އެގޮތުން ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން އެކަމެއްގައި މަޑުމައިތިރިކަން ވެއްޖެ އެއްވެސް ކަމެއް ޒީނަތްތެރިވެގެން މެނުވީ ނުވެއެވެ. އަދި އެކަމަކުން މަޑުމައިތިރިކަން ގެއްލިއްޖެ އެއްވެސް ކަމެއް ހުތުރުވެގެން މެނުވީ ނުވެއެވެ." ([93]). ރިވާކުރެއްވީ މުސްލިމް: 2594.
ދެންފަހެ މިސްކިތަށް ދާ މީހުންގެ ތެރެއިން މީހަކަށް ގޯހެއް ހެދިއްޖެނަމަ؛ ފަހެ އިމާމު އޭނާއަށް ހަރުކަށިކޮށް ބަސްބުނުން އެކަށީގެން ނުވެއެވެ. އޭގެ ބަދަލުގައި ޖެހޭނީ މަޑުމައިތިރިކަމާއެކު ނަސޭހަތްތެރިވާށެވެ. އަދި ހެޔޮ ރަނގަޅު ގޮތުގައި އޭނާއަށް އެކަމެއް ދަސްކޮށްދޭނީއެވެ. އެގޮތުން معاوية بن الحكم السلمي رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އެއްފަހަރަކު އަހަރެން رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم އާއެކު ނަމާދު ކުރަން ހުއްޓާ؛ އެތަނުން މީހަކު ކިނބިއްސެއް އެޅިއެވެ. ދެން އަހަރެން يرحمك الله އޭ ބުނެފީމެވެ. އެހިނދު މީސްތަކުން އަހަރެންނާ ދިމާލަށް ކަޅިހަދައިގަތެވެ. ދެން އަހަރެން ބުނެފީމެވެ: އަހަރެންނަށް ހުރި ނިކަމެތިކަމެއްގެ ބޮޑުކަމާއެވެ! ތިޔަބައިމީހުން އަހަރެންނާ ދިމާލަށް ތިޔަ ބަލަނީ ފަހެ ކޮން ކަމަކާހުރެ ހެއްޔެވެ؟ ދެން އެބައިމީހުން އެމީހުންގެ ފަލަމަސްގަނޑުތަކުގެ މަތީގައި އަތްތަކުން ތަޅަން ފެށިއެވެ. ދެން އެމީހުން އަހަރެން ހިމޭންކޮށްލުމަށް އުޅޭކަން ފެނުމުން އަހަރެން ހިމޭނުން ހުރީމެވެ. ދެންފަހެ ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم ނަމާދު ނިންމެވިއެވެ. -އެކަލޭގެފާނަށްޓަކައި ބައްޕައާއި މަންމަ ޤުރުބާން ހުއްޓެވެ.- އެކަލޭގެފާނަށްވުރެ ރަނގަޅަށް ކިޔަވައިދެއްވި މުދައްރިސެއް މީގެ ކުރިންވެސް އަދި ފަހުންވެސް އަހަރެން ނުދެކެމެވެ. މާތް ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު އަހަރެންނަށް އަޑުލައްވާ ފާޑުނުކިޔުއްވައެވެ. އަދި ތަޅައެއް ނުވަތަ ބަދުބަހެއް ބުނެ އެއްޗެހިވެސް ނުކިޔުއްވައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން މި ނަމާދުތަކުގައި މީސްތަކުން ދައްކާ އުޅޭ ވާހަކަތަކުން އެއްވެސް އެއްޗެއް ބުނުން އެކަށީގެން ނުވެއެވެ. އެ ނަމާދުވާކަން ކަށަވަރީ ތަސްބީޙަ ކިޔުމާއި، ތަކްބީރު ކިޔުމާއި، ޤުރްްއާން ކިޔެވުން ކަމުގައިއެވެ." ([94]). ރިވާކުރެއްވީ މުސްލިމު: 537.
5- އޭނާއަކީ ނިޔަނެތި، ހިތް މަޑުމޮޅި މީހެއްކަމުގައި ވާންޖެހެއެވެ. އެއީ މީސްތަކުން އޭނާ ވަށާލާ، ދެން އޭނާގެ އޯގާތެރިކަމާއި، އެހީތެރިކަމާއި، ޢިލްމުން ފައިދާ ލިބިގަތުމަށްޓަކައެވެ. އަދި އެމީހުންނަށް ޖެހޭ މުޞީބާތްތަކާއި ޙާޖަތްތަކުގައި އެމީހުންނާއެކު އޭނާ ތެދުވެ ހުރުމަށްޓަކައިއެވެ. އަދި މިސްކިތުގެ ރިސާލަތާ ގުޅުންހުރި ކަންތަކުގައި އޭނާ އެމީހުންނާ މަޝްވަރާކުރަން ވާނެއެވެ.
ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم ވެވަޑައިގެންނެވީ އެ ހުރިހާ ކަންތަކެއްގައި އެންމެ މަތިވެރި މަޤާމުގައިއެވެ. އެއީ އެކަލޭގެފާނާމެދު ﷲ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: (އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّهގެ حضرةން ލެއްވި رحمةއެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفوކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورةކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزمކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّهއަށް وكيلކުރައްވާށެވެ! ހަމަކަށަވަރުން، وكيلކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.) [އާލްޢިމްރާން: 159]
6- ކެތްތެރިކަމާއި ޔަޤީންކަމާއި، ބުނާ ބަސްތަކުގައި ތެދުވެރިވުމުގެ ޞިފަ އޭނާ އަށަގަންނުވަން ޖެހެއެވެ. އެއީ އޭނާގެ މިސްކިތާއި، އޭނާގެ ޖަމާޢަތުގެ މެދުގައި އިމާމުކަމުގެ ޝަރަފު އޭނާއަށް ޙައްޤުވުމަށްޓަކައިއެވެ. ފަހެ ކެތްތެރިކަމާއި ޔަޤީންކަމަކީ: އަޅާ ދީނުގެ އިމާމުކަމުގެ ދަރަޖައަށް ވާޞިލުކޮށްދޭ ދެ ކަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ أمرފުޅުން ތެދުމަގު ދައްކަވާ إمامންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آيةތަކާމެދު يقينކުރާ ކަމުގައި އެއުރެން ވޫއެވެ.) [އައްސަޖްދާ: 24]
7- ހުކުރު ޚުޠުބާގައި ވިޔަސް، ނުވަތަ އުނގަންނައިދިނުމުގެ ފިލާވަޅާއި ވަޢުޡު ދަރުހެއްގައި ވިޔަސް، ނުވަތަ މީހުންނާ ވާހަކަ ދެއްކުމުގައި ވިޔަސް އޭނާ ދައްކާ ވާހަކަތަކުގައި ތެދުވެރި މީހަކަށް ވާންޖެހޭނެއެވެ. އެއީ ތެދުވެރިކަމާއި، ހިދާޔަތާއި، ކާމިޔާބު ލިބިގެންވާ މީހުންގެ ތެރޭގައި ވެގަތުމަށްޓަކައިއެވެ. އެގޮތުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ކަމަށް އައިސްފައިވެއެވެ: "ތިޔަބައިމީހުންގެ މައްޗަށްވަނީ ތެދުވެރިކަމެވެ. ފަހެ ހަމަކަށަވަރުން ތެދުވެރިކަން، ހެޔޮކަމަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން ހެޔޮކަން މަގުދައްކަނީ ސުވަރުގެއަށެވެ. އަދި މީހާ ތެދުބުނެ، އަދި ތެދުވެރިވުމަށް ފަރުވާތެރިވުމުގައި ދެމިހުރެއެވެ. އެހެންގޮސް ﷲ ގެ ޙަޟްރަތުގައި ތެދުވެރި ޞިއްދީޤެއްކަމުގައި އޭނާ ލިޔެވިއްޖައުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުން ދޮގުހެދުމާމެދު ޚަބަރުދާރުވާށެވެ! ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައި ފާޖިރުކަމަށެވެ. އަދި ނުބައި ފާޖިރުކަން މަގުދައްކަނީ ނަރަކައަށެވެ. އަދި މީހާ ދޮގުހަދާ، އަދި ދޮގުހެދޭތޯ ބެލުމުގައި ދެމިހުރެއެވެ. އެހެންގޮސް ﷲ ގެ ޙަޟްރަތުގައި އޭނާއީ ދޮގުވެރި ކައްޛާބެއްކަމުގައި ލިޔެވިއްޖައުމަށް ދާންދެނެވެ." ([95]). ރިވާކުރެއްވީ އަލްބުޚާރީ: 6094، އަދި މުސްލިމް: 2607 ގައިއެވެ. އެއީ ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنهގެ ޙަދީޘުންނެވެ.
ދޮގުހެދުމަކީ ނުބައިކަމެކެވެ. އަދި މުސީބާތެކެވެ. އަދި އެންމެ ބޮޑު ދޮގަކީ ﷲ ތަޢާލާގެ މައްޗަށް ހަދާ ދޮގެވެ. އަދި އެއްވެސް ޢިލްމެއްނެތި އެކަލާނގެއަށް ނިސްބަތްކޮށް ބަސްބުނުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرامކުރެއްވިކަން ކަށަވަރީ، فاحشކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حقއަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّةއެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّهއަށް شريكކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّهއާމެދު ތިޔަބައިމީހުން ބުނުމެވެ.) [އަލްއަޢުރާފު : 33]
މި މަތިވެރި އާޔަތުގައި އެންމެ ދަށުދަރަޖައިގެ ފާފަތަކުން ފެށިގެން ދެން އެންމެ މައްޗަށް، އެންމެ ބޮޑެތި ފާފަތައް އެއްކޮށްފައި ވެއެވެ. އެއީ ﷲ ގެ ނަންފުޅުތަކާއި ސިފަފުޅުތަކާއި އެކަލާނގެ ޝަރުޢާމެދު އެއްވެސް ޢިލްމެއްނެތި އެކަލާނގެ މައްޗަށް ބަސްބުނުމެވެ.
ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ދޮގުހެދުމަކީ އެންމެ ބޮޑެތި ދޮގުތަކުގެ ތެރޭގައި، އަދި އެންމެ ނުބައި ފާފަތަކުގެ ތެރޭގައިވާ ކަމެކެވެ. އަދި އެއީ އެކަންކުރާ މީހާއަށް ނަރަކައިގެ ވަޢީދުގެ ބަސް އިއްވިގެންވާ ބޮޑު ފާފައެކެވެ. އެގޮތުން އަލްމުޣީރާ ބްނު ޝުޢުބާ رضي الله عنه ވިދާޅުވިކަމަށް ރިވާކުރެވުނެވެ: ނަބިއްޔާ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ: “ތިމަންކަލޭގެފާނާމެދު ދޮގުހެދުމަކީ އެހެން މީހަކާމެދު ދޮގުހެދުމާއި އެއްފަދަ ކަމެއްނޫނެވެ. ތިމަންކަލޭގެފާނާމެދު ޤަޞްދުގައި ދޮގުހަދައިފި މީހަކު ފަހެ ނަރަކާގައި އޭނާ އިންނާނޭ ޖަގަހަ ތައްޔާރުކުރާށެވެ." ([96]). ރިވާކުރެއްވީ އަލްބުޚާރީ: 1291، އަދި މުސްލިމު: 4
ހެޔޮ ނިޔަތެއްގައިވިޔަސް، ހެޔޮކަމަށް ހިތްވަރު ދިނުމަށް ނުވަތަ ނުބައިކަމާ ދެކޮޅަށް ބިރުދެއްކުމުގެ ބޭނުމުގައި ވިޔަސް ބައެއް ދަރުސްވެރިން އަމަލުކުރާ ފަދައިން ދޮގުހެދުމުން ދުރުހެލިވާން ޖެހެއެވެ. ފަހެ އެއީ އެއްވެސް ހެޔޮކަމެއް އަދި ހިދާޔަތެއް އޭގައި ނެތް ނުބައި ހުތުރުކަމެކެވެ. އަދި އެ ދޮގުބުނާ މީހާއަކީ ޘަވާބު ނުލިބޭ ފާފަވެރިއެކެވެ. އަދި ފައިދާއެއް ނުލިބޭ އުރެދުންތެރިއެކެވެ.
8- ބަސް ފޯރުކޮށްދިނުމުގައި އަމާނާތްތެރި މީހެއްކަމުގައި އޭނާ ވާންޖެހެއެވެ. އަދި ޚަބަރުތަކުގެ ޞައްޙަކަން ޘާބިތުކުރަންޖެހެއެވެ. އަދި ފެތުރޭ ވާހަކަތަކުގައި ހިފުމަށް އޭނާ އަވަސްވެ ނުގަންނަހުށިކަމެވެ. އަދި އިތުބާރުކުރެވޭ ބަހަކަށް މެނުވީ ބަރޯސާވެގެން ނުވާނެއެވެ. ﷲ ތަޢާލާގެ ބަސްފުޅުގައި އަހަރުމެންނަށްވަނީ އެކަމަށް އަމުރުކުރައްވާފައިއެވެ: (އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް فاسقއަކު خبرއަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.) [އަލްޙުޖްރާތު: 6]
9- މީހުން ފަރުދާކޮށްދީ، އެމީހުންގެ ސިއްރުތައް ފޮރުވައިދިނުމުގައި ގަދައަޅާ ހުންނަން ޖެހެއެވެ. ފަހެ މުސްލިމަކު ފަރުދާކޮށްދީފި މީހާ؛ ﷲ ދުނިޔެއާއި އާޚިރަތުގައި އޭނާގެ ސިއްރު ފޮރުވާދެއްވާ ފަރުދާކޮށްދެއްވައެވެ. އަދި މުސްލިމުންގެ ސިއްރުތައް ބޭޒާރުކުރާ މީހާ، އޭނާގެ އަމިއްލަ ގޭގެ އެތެރޭގައި ފޮރުވިގެން އޮތަސް ﷲ އޭނާގެ ފޮރުވާފައިވާ ސިއްރު ނެރުއްވާ ފަޟީޙަތްކުރައްވާނެތެވެ. ފަހެ ޢަބްދު ﷲ ބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "މުސްލިމެއް ފަރުދާކޮށްދީ (އޭނާގެ ސިއްރު ފޮރުވާދީފި) މީހާ؛ ﷲ ޤިޔާމަތްދުވަހު އޭނާގެ ފަރުދާކޮށްދެއްވާނެއެވެ. (ޢައިބުތައް ފޮރުވާދެއްވާނެއެވެ.)" [97] މާތްﷲ ރުއްސުންލެއްވި أبي برزة الأسلميގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘް ކުރެއްވިއެވެ: “އޭ ދުލުން އީމާންވެ، ހިތަށް އީމާންތެރިކަން ނުވަދެ ތިބި މީހުންނޭވެ! މުސްލިމުންނާމެދު ޣީބަ ނުބުނާށެވެ. އަދި އެމީހުންގެ ސިއްރުތައް ހޯދަން ފަހަތުން ނޫޅޭށެވެ.ފަހެ ހަމަކަށަވަރުން އެއުރެންގެ ސިއްރުތައް ހޯދާ މީހެއްގެ ސިއްރުތައް ﷲ ހޯދާވޮޑިގަންނަވައެވެ. އަދި ﷲ އެމީހަކުގެ ފަހަތުން (ސިއްރުތައް ހާމަކުރައްވަން) ވޮޑިގެންފި މީހާ؛ އޭނާގެ ގޭތެރޭގައި އޮއްވާވެސް ފަޟީޙަތްކުރައްވާނެއެވެ." [98] ރިވާކުރެއްވީ އަލްބުޚާރީ: 2442، އަދި މުސްލިމު: 2580 ރިވާކުރެއްވީ އަބޫ ދާވޫދު: 4880 ގައިއެވެ. އަދި ޝެއިޚް ސުޢޫދު ބްނު މުޙައްމަދު އަލްބިޝްރު ލިޔުއްވާފައިވާ كتاب إمام المسجد مقوماته العلمية والخلقية ފޮތުގައި މި ޞިފަތައް ބަލާލާށެވެ.
ތިންވަނަ މަބްޙަޘް: ހުކުރު ނަމާދާއި ހުކުރު ޚުޠުބާ
ފުރަތަމަ މަޠުލަބު: ހުކުރު ނަމާދު
ފުރަތަމަ މައްސަލަ: ހުކުރު ނަމާދުގެ މަފުހޫމާއި އޭގެ ވަޤުތު
ފުރަތަމައަށް: ހުކުރު ނަމާދުގެ މަފުހޫމު
ހުކުރަކީ: ހަފްތާގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެއީ ޚާއްޞަ ނަމާދެއް ކުރާ ދުވަހެކެވެ. އެއީ ހުކުރު ނަމާދެވެ. ([99]) ބައްލަވާ: މުޙައްމަދު ރަވާސް ޤަލްޢަޖީ އާއި އެހެނިހެން ބޭފުޅުން ލިޔުއްވާފައިވާ معجم لغة الفقهاء ބަސްފޮތް، ޞ: 166
ﷲ ތަޢާލާ މި އުއްމަތަށް ހުކުރު ދުވަހަށް މަގުދެއްކެވުމީ ލިބުނު ބޮޑުވެގެންވާ މާތްކަމެކެވެ. ފަހެ އަބޫ ހުރައިރާ رضي الله عنه ވިދާޅުވިކަމަށް ރިވާކުރެވުނެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އަހަރުމެންނަކީ އެންމެ ފަހުން އައި، (އެކަމަކު) ޤިޔާމަތްދުވަހު އެންމެ ކުރިއަރާދާނެ މީހުންނެވެ. އެކަމަކު އެމީހުންނަށް އަހަރުމެންގެ ކުރިން ފޮތް ދެއްވުނުކަން މެނުވީއެވެ. އަހަރުމެންނަށް ފޮތްދެއްވުނީ އެމީހުންގެ ފަހުންނެވެ. އަދި މިއީ އެމީހުންގެ މައްޗަށްވެސް ފަރުޟުކުރެއްވުނު ދުވަހެވެ. ދެން އެމީހުން މި ދުވަހާމެދު އިޚްތިލާފުވީއެވެ. ދެންފަހެ ﷲ އަހަރުމެންނަށް މި ދުވަހަށް ހިދާޔަތު ދެއްވިއެވެ. ފަހެ އެމީހުންވަނީ އަހަރުމެންނަށް އެކަމުގައި ތަބަޢަވެގެންނެވެ. އެގޮތުން ޔަހޫދީން މާދަމާއެވެ. އަދި ނަޞާރާއިން މާދަމާ ނޫން އަނެއް ދުވަހެވެ." ([100]). ރިވާކުރެއްވީ އަލްބުޚާރީ: 876، އަދި މުސްލިމް: 855.
އަދި ހުކުރު ދުވަހަކީ އެ ދުވަހަކަށް އިރުއަރާ އެންމެ ރަނގަޅު ދުވަހެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރެއްވިއެވެ: “އެ ދުވަހެއްގެ މައްޗަށް އިރު އެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމުގެފާނު ޚަލްޤުކުރެއްވުނީ އެ ދުވަހުއެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީވެސް އެ ދުވަހުއެވެ. އަދި ސުވަރުގެއިން ނެރުއްވުނީވެސް އެ ދުވަހުއެވެ." ([101]). ރިވާކުރެއްވީ މުސްލިމް: 854.
އެއް ހުކުރުން އަނެއް ހުކުރަކީ އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ: رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރައްވާ ކަމުގައިވިއެވެ: “ފަރުޟު ފަސްނަމާދު (އެއް ނަމާދުން އަނެއް ނަމާދަށް)، އަދި އެއް ހުކުރުން އަނެއް ހުކުރަށް، އަދި އެއް ރޯދަ މަހުން އަނެއް ރޯދަ މަހަށް، އެއީ އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. ބޮޑެތި ފާފަތަކުން ދުރުވެގެން ހުންނަކަމުގައި ވާނަމައެވެ.” ([102]). ރިވާކުރެއްވީ މުސްލިމު: 233
ހުކުރުނަމާދަކީ އޭގެ ޒާތުގައި މުސްތަޤިއްލު ނަމާދެކެވެ. އެ ނަމާދުގެ (ރަކްޢަތުގެ) ޢަދަދާއި، އަޑުހަރުކޮށް ކިޔެވުމާއި، ޚުޠުބާ ކިޔުމާއި، އެ ނަމާދުގައި ބަލަންޖެހޭ ޝަރުޠުތަކުގައި މެންދުރު ނަމާދާ ތަފާތުވެއެވެ. އަދި ވަޤުތުގައި މެންދުރު ނަމާދާ އެއްގޮތްވެއެވެ.
ދެވަނައަށް: ހުކުރު ނަމާދު ވަޤުތު:
ހުކުރު ނަމާދުގެ ވަޤުތަކީ ހަމަ މެންދުރު ނަމާދުގެ ވަޤުތެވެ. އެއީ އިރު މެދުން ފިލައިގެންގޮސް، އިރުމެދުން ފިލިއިރު ހުރި ހިޔަންޏަށް ފަހު ދެން ކޮންމެ އެއްޗެއްގެ ހިޔަނި އެ އެއްޗަކާ އެއްވަރު ވެއްޖައުމަށް ދާންދެނެވެ. އެއީ އަނަސް ބްނު މާލިކު رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. "ނަބިއްޔާ ﷺ އިރު (މެދުން) ލެނބުމުން ހުކުރު ނަމާދުކުރައްވަމުން ގެންދެވިއެވެ." [103] އެބަހީ: ހުޅަނގު ފަރާތަށް އިރު ލެނބި، އުޑުމެދުން ފިލުމެވެ. އެއީ މެންދުރު ނަމާދު ވަޤުތެވެ. ރިވާކުރެއްވީ އަލްބުޚާރީ: 904
ދެވަނަ މައްސަލަ: ހުކުރު ނަމާދުގެ ޙުކުމް، އަދި އެ ނަމާދު ވާޖިބުވެގެންވަނީ ކޮންބައެއްގެ މައްޗަށް؟
ފުރަތަމައަށް: ހުކުރު ނަމާދުގެ ޙުކުމް:
ހުކުރު ނަމާދަކީ ފިރިހެނުންގެ މައްޗަށްވާ ޢައިނިއްޔަ ފަރުޟެކެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅަށްޓަކައިއެވެ: (އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވިއްޖެނަމަ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.) [އަލްޖުމްޢާ: 9] މާތްﷲ ރުއްސުންލެއްވި ޢަބްދު الله ބްނު ޢުމަރާއި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم އެކަލޭގެފާނުގެ މިންބަރުކޮޅުގެ ސިޑި މަތީގައި ހުންނަވާ ޙަދީޘްކުރެއްވި އަޑު އެ ދެބޭކަލުން އެއްސެވިއެވެ: ”ބަޔަކު މީހުން، ހުކުރު ނަމާދު އެޅުން ހުއްޓާލާ ހުށިކަމެވެ. އެހެން ނުހަދައިފިނަމަ، ﷲ ތަޢާލާ އެބައިމީހުންގެ ހިތްތަކުގައި ސިއްކަ ޖައްސަވާނެއެވެ. ދެން އެބައިމީހުންވާހުށީ ޣާފިލުވީ މީހުންގެ ތެރެއިންނެވެ.” [104] ރިވާކުރެއްވީ މުސްލިމު: 865
ހުކުރު ނަމާދު ވާޖިބުވެގެންވާކަމަށް މުސްލިމުންވަނީ އިޖްމާޢުވެގެންނެވެ. އިބްނުލް މުންޛިރު رحمه الله ވިދާޅުވިއެވެ: “ހުކުރު ނަމާދަކީ މިނިވަން، ބާލިޣުވެ، ރަށުގައި ޤާއިމުވެގެން ތިބި އެއްވެސް ޢުޛުރެއް ނެތް މީހުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެއްކަމުގައި އެބޭކަލުން އިޖްމާޢުވެގެންވެއެވެ." [105] އަލްއިޖްމާޢު: ސ 40
ދެވަނައީ: އެ ނަމާދު ވާޖިބުވަނީ ކާކަށް ހެއްޔެވެ؟
ހުކުރު ނަމާދަކީ މިނިވަން، ބާލިޣުވެފައިވާ، ބުއްދިހުރި، ހުކުރަށް އަންނަން ކުޅަދާނަކަން ހުރި، ރަށުގައި ޤާއިމުވެގެންހުރި ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށް ވާޖިބުވެގެންވާ ނަމާދެކެވެ. އެހެންކަމުން އަޅެއް، ނުވަތަ އަންހެނެއް، ނުވަތަ ކުޑަކުއްޖެއް، ނުވަތަ މޮޔައެއް، ނުވަތަ ބަލިމީހެއް، ނުވަތަ ދަތުރުވެރިއެއްގެ މައްޗަށް ހުކުރު ވާޖިބުވެގެން ނުވެއެވެ. އެކަމަށް ދަލީލުކުރަނީ ޠާރިޤު ބްނު ޝިހާބު رضي الله عنه، ނަބިއްޔާ ﷺގެ އަރިހުން ރިވާކުރެއްވި ބަސްފުޅެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ހުކުރު ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ޖަމާޢަތުގައި އަދާކުރުން ވާޖިބުވެގެންވާ ޙައްޤެކެވެ. ހަތަރު މީހަކު މެނުވީއެވެ: މިލްކުވެގެންވާ އަޅެއް، ނުވަތަ އަންހެނެއް، ނުވަތަ ކުޑަކުއްޖެއް، ނުވަތަ ބަލިމީހެކެވެ.” ([106]). ރިވާކުރެއްވީ އަބޫ ދާވޫދު: 1067.
ދެންފަހެ ދަތުރުވެރިޔާއަށް ބަލާއިރު، އޭނާއަށް ހުކުރު ލާޒިމެއް ނޫނެވެ. އެހެނީ ނަބިއްޔާ ﷺގެ ދަތުރުފުޅުތަކުގައި އެ ނަމާދު ކުރައްވާކަމުގައި ނުވެއެވެ. އެކަލޭގެފާނުގެ ޙައްޖުގައި ޢަރަފާތް ދުވަސް ދިމާވީ ހުކުރު ދުވަހަކާއެވެ. އެއާއެކުވެސް އެކަލޭގެފާނު ކުރެއްވީ މެންދުރު ނަމާދެވެ. އަދި ޢަޞްރު ނަމާދު އެ ނަމާދާ ޖަމްޢުކުރެއްވިއެވެ.
އެކަމުގެ މައްޗަށް އިބްނުލް މުންޛިރު رحمه الله އިޖްމާޢު ގެންނެވިއެވެ. އެގޮތުން ވިދާޅުވިއެވެ: "ކުޑަކުއްޖާއާއި އަންހެނުންގެ މައްޗަށް ހުކުރެއް ނެތްކަމަށް އެބޭކަލުން އިޖްމާޢުވިއެވެ...އަދި ހުކުރު ނަމާދު ވާޖިބުވެގެންވަނީ ޢުޛުރެއް ނެތް، ރަށުގައި ޤާއިމުވެގެން ތިބި، ބާލިޣުވެފައިވާ މިނިވަނުންގެ މައްޗަށްކަމުގައިވެސް އެބޭކަލުން އިޖްމާޢުވިއެވެ." [107] އަލްއިޖުމާޢު: ސ 40
މިލްކުގައިވާ އަޅެއް، އަންހެނެއް، ކުޑަ ކުއްޖެއް، ބަލި މީހެއް، ނުވަތަ ދަތުރުވެރިއަކު ހުކުރު ނަމާދަށް ޙާޒިރުވެއްޖެނަމަ އެމީހަކުގެ ކިބައިން އެ ނަމާދު ހަމަ ޞައްޙަވެއެވެ. އަދި މެންދުރު ނަމާދުގެ ބަދަލެއްގެ ގޮތުގައި ފުދޭނެއެވެ.
ޖަނަވާރު ހުއި ހިއްޕުމަށާއި ފެނުގެ ބޭނުމަށް އެއްތަނުން އަނެއްތަނަށް ބަދަލުވާ ބަދަވީންގެ މައްޗަކަށް ހުކުރު ނަމާދު ވާޖިބެއް ނޫނެވެ. އެހެނީ ނަބިއްޔާ ﷺ ގެ ދުވަސްވަރުގައި ރަށްފުށު ބަދަވީން ތިބީ މަދީނާ ވަށައިގެންނެވެ. އަދި ނަބިއްޔާ ﷺ އެމީހުންނަށް ހުކުރު ނަމާދުކުރުމަށް އަމުރެއް ނުކުރައްވައެވެ. އިމާމް އަޙްމަދު ވިދާޅުވިއެވެ: ރަށްފުށު ހިސާބު މީހުންގެ މައްޗަށް ހުކުރެއް ނެތެވެ. އެހެނީ އެމީހުން އެއްތަނުން އަނެއްތަނަށް ބަދަލުވެވެ ތިބޭތީއެވެ." ފަހެ އެކަލޭގެފާނު އެމީހުންގެ ކިބައިން ހުކުރު ކެނޑިގެން ދިޔުމުގެ ސަބަބެއްކަމުގައި ގެންނެވީ އެއްތަނުން އަނެއްތަނަށް ނަޤުލުވުމެވެ. އެހެންކަމުން އަމިއްލަ އިޚްތިޔާރުން ތަނަކަށް ނުގޮސް، ވަޠަނުގައި ޤާއިމުވެހުންނަ ކޮންމެ މީހަކީ ރަށުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ." [108] މަޖުމޫޢުލް ފަތާވާ: 24/ 166
ތިން މީހުންނާއެކު ހުކުރު ކުރެވޭނެއެވެ. އެކަކު ޚުޠުބާ ކިޔުމަށެވެ. އަނެއް ދެ މީހުން އަޑުއެހުމަށެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅަށްޓަކައިއެވެ: (ފަހެ ތިޔަބައިމީހުން ﷲ ގެ ޛިކުރުކޮށް ހަނދުމަކުރުމަށް ދާށެވެ.) [އަލްޖުމްޢާ: 9] މިއީ ޖަމްޢުއެވެ. އަދި ޖަމްޢުގެ އެންމެ ކުޑަ މިންވަރަކީ ތިނެކެވެ.
ތިންވަނަ މައްސަލަ: ހުކުރު ނަމާދު ކުރާނޭ ގޮތް:
ހުކުރު ނަމާދަކީ ދެ ރަކުޢަތެވެ. އެ ނަމާދުގައި ކިޔަވާނީ އަޑުހަރުކޮށެވެ. އެހެނީ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم އެކަން އެގޮތަށް ކުރައްވާފައިވާތީއެވެ. މިކަމުގެ މައްޗަށް ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައި ވެއެވެ. އިބްނު ޙަޒްމު ވިދާޅުވިއެވެ: "ހުކުރު ނަމާދަކީ - އޭގެ ޝަރުޠުތަކާ އެއްގޮތަށް ޤާއިމުކުރެވޭނަމަ- އަޑުހަރުކޮށް ކިޔަވާ ނަމާދެއްކަމުގައި އެބޭކަލުން އިޖްމާޢުވެގެންވެއެވެ." [109] މަރާތިބުލް އިޖުމާޢު: ސ 33
އަދި ފުރަތަމަ ރަކުޢަތުގައި ފާތިޙާ ސޫރަތާއި އަލްއަޢުލާ ސޫރަތް ކިޔެވުން، އަދި ދެވަނަ ރަކްޢަތުގައި ފާތިޙާ ސޫރަތާއި އަލްޣާޝިޔާ ސޫރަތް ކިޔެވުން ސުންނަތް ވެގެންވެއެވެ. މާތް ﷲ ރުއްސުންލެއްވި النعمان بن بشير ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: "الله ގެ ރަސޫލާ ﷺ، ދެ ޢީދާއި ހުކުރު ނަމާދުގައި سبح اسم ربك الأعلى، އާއި هل أتاك حديث الغاشية ކިޔަވާ ވިދާޅުވެއެވެ." ([110]). ރިވާކުރެއްވީ މުސްލިމު: 878
ނުވަތަ ފުރަތަމަ ރަކުޢަތުގައި އަލްފާތިޙާ އާއި ސޫރަތުލް ޖުމްޢާ ކިޔަވާފައި، ދެވަނަ ރަކުޢަތުގައި އަލްފާތިޙާ އާއި އަލްމުނާފިޤޫން ސޫރަތް ކިޔަވާނީއެވެ. އެގޮތުން އިބްނު އަބީ ރާފިޢުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: މަދީނާގެ އިސްވެރިޔަކަށް މަރުވާނުގެ ފަހަތުން އަބޫ ހުރައިރާ ޢައްޔަން ކުރެއްވުމަށްފަހު، މައްކާއަށް ނިކުމެވަޑައިގަތެވެ. ދެންފަހެ އަބޫ ހުރައިރާ އަހަރުމެންނާގެން ހުކުރުނަމާދު ކުރެއްވިއެވެ. އެކަލޭގެފާނު ސޫރަތުލް ޖުމްޢާ (ފުރަތަމަ ރަކްޢަތުގައި ކިޔުއްވުމަށްފަހު) ދެވަނަ ރަކްޢަތުގައި إذا جاءك المنافقون ސޫރަތް ކިޔަވާވިދާޅުވިއެވެ. ދެން އަބޫ ހުރައިރާ ނަމާދު ނިންމެވުމުން ތިމަންނަ ފަހަތުން އަރާ ބައްދަލުކުރީމެވެ. އަދި އަހަރެން ދެންނެވީމެވެ: ކަލޭގެފާނު ތިޔަ ކިޔަވާވިދާޅުވީ ޢަލީގެފާނު ކޫފާގައި ކިޔަވާވިދާޅުވަމުން ގެންދެވި ދެ ސޫރަތެވެ." އެހިނދު އަބޫ ހުރައިރާ ވިދާޅުވިއެވެ: "ﷲ ގެ ރަސޫލާ ﷺ ހުކުރު ނަމާދުގައި އެ ދެ ސޫރަތް ކިޔަވާވިދާޅުވި އަޑު ތިމަން އެހީމެވެ." [111] ރިވާކުރެއްވީ މުސްލިމް: 877.
ހަތަރުވަނަ މައްސަލަ: ހުކުރު ނަމާދު ލިބޭ މިންވަރު
ހުކުރު ނަމާދު ލިބޭނީ އިމާމާއެކު ރަކުޢަތެއް ލިބިގެންނެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ހުކުރު ނަމާދުން ނުވަތަ އެހެން ނަމާދަކުންވިޔަސް ރަކުޢަތެއް ލިބިއްޖެ މީހާގެ ނަމާދު ފުރިހަމަވެއްޖެއެވެ." ([112]). ރިވާކުރެއްވީ އައްނަސާއީ: 557
އެއް ރަކުޢަތަށްވުރެ މަދުން ލިބިއްޖެނަމަ އޭނާ އެ ނަމާދުކުރާނީ މެންދުރު ނަމާދުގެ ގޮތުގައިއެވެ.([113]) އިބްނު ޤުދާމާ ލިޔުއްވާފައިވާ އަލްމުޣްނީ: 2/ 231 ބައްލަވާށެވެ.
ހުކުރުނަމާދުގެ އެއް ރަކުޢަތް ގެއްލިފައި ދެވަނަ ރަކުޢަތުގައި އިމާމު މީހާ ރުކޫޢުގައި އޮއްވާ ނުވަތަ ރުކޫޢުގެ ކުރިން އަރާހަމަވެއްޖެ މީހާ؛ ފަހެ އޭނާ ޤަޟާކުރާނީ އެންމެ ރަކްޢަތެކެވެ. އެއީ މި ޙަދީޘަށްޓަކައިއެވެ: “ރަކްޢަތް ލިބިއްޖެ މީހާއަށް ނަމާދު ލިބިއްޖެއެވެ.” ([114]). ރިވާކުރެއްވީ އަބޫ ދާވޫދު: 893
ފަސްވަނަ މައްސަލަ: ހުކުރު ދުވަހު ކުރުން ޙަރާމްވެގެންވާ ނުވަތަ މަކުރޫހަވެގެންވާ ކަންތައްތައް:
1- އިމާމު ޚުޠުބާ ދެމުން ދަނިކޮށް ވާހަކަ ދެއްކުމަކީ ޙަރާމް ކަމެކެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ޘާބިތުވެގެންވާ ރިވާޔަތަށްޓަކައިއެވެ: رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރެއްވިއެވެ: "ހުކުރު ދުވަހު އިމާމު ޚުޠުބާ ދެމުން ދަނިކޮށް ތިމާގެ ރަހުމަތްތެރިޔާ ގާތު ހަމަހިމޭންވާށޭ ބުނެފި ކަމުގައިވިޔަސް ފަހެ ތިބާ ތިވަނީ ބުނެގެންނުވާނެ ބޭކާރު ވާހަކަ ދައްކާފައިއެވެ." ([115]) فقد لَغَوت އެބަހީ: ތިބާ ރައްދުވެވޭ ބާޠިލު ވާހަކަ ދައްކައިފިއެވެ. އަދި ތިބާގެ ހުކުރު ނަމާދުގެ މާތްކަން ބާޠިލުކޮށްލައިފިއެވެ. ރިވާކުރެއްވީ އަލްބުޚާރީ: 934، އަދި މުސްލިމު: 851.
އައްނަވަވީ رحمه الله ވިދާޅުވިއެވެ: “ޙަދީޘްފުޅުގައި ވާގޮތުން ޚުތުބާ ދެވޭ ޙާލަތުގައި ހުރިހާ ބާވަތެއްގެ ވާހަކަ ދެއްކުމަކީ މަނާ ކަމެކެވެ. މި ބަސްފުޅުން އެވަނީ އެނޫން ވާހަކަތަކާމެދުވެސް ސަމާލުކުރުވާފައިއެވެ. އެހެނީ އޭނާ ބުނީ: ހަނުހުންނާށެވެ. އެއީ އޭގެ ޒާތުގައި ރަނގަޅު ކަމަކަށް އަމުރު ކުރުމެކެވެ. އެއާއެކުވެސް އެކަމަށް އެކަލޭގެފާނު ނަންދެއްވީ ބާޠިލު އަދި ޘަވާބު އުނިވާ ކަމެއްކަމުގައިއެވެ. އެހެންކަމުން އެއަށްވުރެ ލުއި (އާއްމު ވާހަކަ ދެއްކުން މަނާވުން) އައުލާވުން ބޮޑެވެ." ([116]). ޝަރްޙު މުސްލިމް: 6 /138.
ވާހަކަ ދެއްކުން މަނާވުމުގައި: ކިބިހި އަޅާ މީހާއަށް (ޙަމްދުކުރީމާ) ޖަވާބު ދިނުމާއި، ސަލާމުގެ ޖަވާބު ދިނުން ހިމެނެއެވެ. އެގޮތުން އިމާމު ޚުޠުބާ ދެމުން ދަނިކޮށް އެ ކަންކަން ހުއްދަވެގެން ނުވެއެވެ. ދެންފަހެ ޚަޠީބު ޚުޠުބާ ފެށުމުގެ ކުރިން، އަދި ދެ ޚުޠުބާ ދެމެދު ހަނުހުންނަ ވަޤުތުކޮޅުގައި؛ ވާހަކަދެއްކުމުގައި މައްސަލައެއް ނެތެވެ.
ނަމަވެސް މައުމޫމު، އިމާމު މީހާއާ ވާހަކަދެއްކުމަކީ މައްސަލައެއް އޮތްކަމެއް ނޫނެވެ. އެގޮތުން އަނަސް ބްނު މާލިކު ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ހުކުރު ދުވަހެއްގައި ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޚުޠުބާ ދެއްވަން ހުންނަވަނިކޮށް މިސްކިތުގެ ދާރުލް ޤަޟާއުއާ ދިމާލަށް ހުރި ދޮރަކުން މީހަކު މިސްކިތަށް ވަނެވެ. އަދި އޭނާ ﷲ ގެ ރަސޫލާ ﷺ އާ ދިމާލަށް ކުރިމަތިލައިގެން ހުއްޓިފައި، ދެން ބުނެފިއެވެ: އޭ الله ގެ ރަސޫލާއެވެ. މުދާތައް ހަލާކުވެއްޖެއެވެ! (ހުއިހައްޕާ މަގުތަކުގައި ހުއި ނެތުމުން) މަގުތައް ބަންދުވެއްޖެއެވެ! ފަހެ އަހަރުމެންނަށް ވާރޭވެއްސަވާ ދެއްވުމަށް އެދި ﷲ އަށް ދުޢާކޮށްދެއްވާށެވެ." ދެން ﷲ ގެ ރަސޫލާ ﷺ ދެ އަތްޕުޅު އުފުއްލެވިއެވެ....މި ޙަދީޘެވެ. [117] ރިވާކުރެއްވީ އަލްބުޚާރީ: 967، އަދި މުސްލިމު: 897.
2- ޚުޠުބާގެ ތެރޭގައި ކުދިކުދި ހިލަތަކާ ކުޅުން، ނުވަތަ ތަސްބީހަފަތި ބޭނުންކުރުން، ނުވަތަ މޯބައިލް ފޯނުގައި މަޝްޣޫލުވުމާއި އެފަދަ ބޭކާރު ކަންކަން ކުރުން ޙަރާމްވެގެންވެއެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ޘާބިތުވެގެންވާ ރިވާޔަތަށްޓަކައިއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ހިލަކޮޅުކޮޅުގައި އަތްލައި ބީހިއްޖެ މީހާ އެވަނީ ބާޠިލު ކުޅިވަރު ކަންކަން ކޮށްފައިއެވެ." [118] އެހެނީ ބޭކާރު ކަންތައްކުރުމީ ފަހުމްވުމާއި ޚުޝޫޢަތްތެރިވުން މަނާކުރާ ކަމަކަށް ވާތީއެވެ. ރިވާކުރެއްވީ މުސްލިމް: 857.
3- ޚުޠުބާގެ ތެރޭގައި މީހުންގެ ކަނދުރާތައް ދުރުކުރަމުން ހުރަސްކުރަމުން ދިޔުން ޙަރާމްވެގެންވެއެވެ. އެއީ މާތް ﷲ ރުއްސުންލެއްވި ޢަބްދު الله ބްނު ބުސްރުގެ ޙަދީޘްފުޅުގައިވާ ގޮތުންނެވެ. ވިދާޅުވިއެވެ: ނަބިއްޔާ ﷺ ޚުޠުބާދެއްވަން ހުންނަވަނިކޮށް، މީހަކު މީސްތަކުންގެ ކަނދުރާތައް ދުރުކޮށް ސަފުތައް ހުރަސްކުރަމުން އައެވެ. ދެން ނަބިއްޔާ ﷺ އޭނާއަށް ޙަދީޘްކުރެއްވިއެވެ: "އިށީންނާށެވެ! ފަހެ ތިބާ (މީހުންނަށް) އުނދަގޫކޮށްފިއެވެ." ([119]). ރިވާކުރެއްވީ އަބޫ ދާވޫދު: 1118.
އެއީ ނަމާދަށް އައިސް ތިބި މީހުންގެ ކަނދުރާތައް ހުރަސްކުރަމުން ދިޔުމަކީ އެމީހުންނަށް އުނދަގޫހުރި ކަމެކެވެ. އަދި ޚުޠުބާ އަޑުއެހުމުން އެމީހުންގެ ސަމާލުކަން ގެއްލުވާލާ ކަމެކެވެ. ދެންފަހެ އިމާމު މީހާނަމަ؛ އޭނާގެ މަޤާމަށް އެހެން ގޮތަކަށް ދެވެން ނެތިއްޔާ ކަނދުރާތައް ހުރަސްކުރަމުން ސަފުތަކު ދޭތެރެއިން ދިޔުން މައްސަލައެއް ނެތެވެ. އެފަދައިންމެ ކޮންމެހެންވެސް ބޭނުންވާ ޙާޖަތަކަށް ހުރަސްކޮށްފައި ދާން ޟަރޫރަތު ޖެހިއްޖެ މީހެއްވެސްމެއެވެ. މިސާލަކަށް: ވުޟޫކުރުމަށް، ނުވަތަ ކުރިމަތީގައި އޮތް ހުސް ޖާގައެއް ފުރާލަން، ނުވަތަ އެފަދަ ކަމަކަށެވެ.
4- މީހަކު (މިސްކިތަށް) ކުރިން ގޮސް ތަނެއްގައި އޭނާ އިށީނދެ އިންދާ އެތަނުން އޭނާ ނަގާފައި، އެހެން މީހަކު އެތަނުގައި އިށީންނުން ޙަރާމްވެގެންވެއެވެ. އެއީ ޖާބިރު ބްނު ޢަބްދި ﷲ رضي الله عنهما ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވާ ބަސްފުޅަށްޓަކައިއެވެ: “ތިޔައިން އެއްވެސް މީހަކު ހުކުރު ދުވަހު އޭނާގެ އަޚަކު (އިށީންދެ އިންތަނުން) ކޮޅަށްނަގާފައި، ދެން އެތަނަށް އޭނާ ގޮސް ނުއިށީންނަ ހުށިކަމެވެ! ނަމަވެސް ތިޔަބައިމީހުން ޖާގަ ތަނަވަސްކޮށްދޭށެވެ." ([120]). ރިވާކުރެއްވީ މުސްލިމް: 2178.
5- އިށީންދެގެން ތިބި ދެ މީހެއްގެ ދެމެދަށް ގޮސް އިށީންދެގެން ނުވަތަ އެ ދެމެދު ހުރަސްކޮށްގެން އެ ދެމީހުން ވަކިކޮށް ދުރުކުރުން މަކްރޫހަވެގެންވެއެވެ. ސަލްމާނުލް ފާރިސީ رضي الله عنه ވިދާޅުވިކަމަށް ޘާބިތުވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ހުކުރު ދުވަހެއްގައި މީހަކު ފެންވަރާ....ދެން މިސްކިތަށް ގޮސް ދެމީހެއްގެ ދެމެދު ދުރު ނުކޮށް، އޭނާއަށް ލިޔެވިފައިވާ ވަރަކަށް ނަމާދުކޮށް، ދެން އިމާމު (ޚުޠުބާ ކިޔުމަށް) ނިކުމެއްޖެނަމަ ކަނުލައި އަޑުއަހައިފިނަމަ؛ އެ ހުކުރާ އަދި ޖެހިގެން އަންނަ ހުކުރާ ދެމެދުވާ ފާފަތައް އޭނާއަށް ފުއްސެވޭނެތެވެ." ([121])، މިއިން ދޭހަވަނީ ދެމީހަކު ވަކިކުރާ މީހަކަށް މި ފުއްސެވުން ނުލިބޭނެކަމެވެ. ރިވާކުރެއްވީ އަލްބުޚާރީ: 910
ހަވަނަ މައްސަލަ: ހުކުރު ދުވަހުގެ ސުންނަތްތައް:
1- ހުކުރު ދުވަހު ފަތިސް ނަމާދުގައި ސޫރަތުއް ސަޖްދާ އާއި ސޫރަތުލް އިންސާން ކިޔުން ސުންނަތްވެގެންވެއެވެ. އެއީ ނަބިއްޔާ ﷺ އެކަމުގެ މަތީގައި ދެމިހުންނެވުމުންނެވެ. އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާކުރެވުނެވެ. ވިދާޅުވިއެވެ: ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހުކުރު ދުވަހު ފަތިސް ނަމާދުގައި الم تنزيل السجدة (ސޫރަތުއް ސަޖްދާ) އާއި هل أتى على الإنسان حين من الدهر(ސޫރަތުލް އިންސާން) ކިޔަވާވިދާޅުވެތެވެ. [122] ރިވާކުރެއްވީ އަލްބުޚާރީ: 891، އަދި މުސްލިމު: 880
2- ހުކުރު ދުވަހު ހިނައިގަތުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ޢަބްދު ﷲ ބްނު ޢުމަރު رضي الله عنهما ގެ ޙަދީޘަށްޓަކައިއެވެ: ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންކުރެ މީހެއްގެ ގާތަށް ހުކުރު ދުވަސް އަތުވެއްޖެއްޔާ ފަހެ ހިނައިގަންނަހުށިކަމެވެ." ([123]) އެދެވިގެންވަނީ އެކަމަށް ފަރުވާތެރިވެ، އެކަން ދޫކޮށްނުލުމެވެ. ޚާއްޞަކޮށް ނުބައި ވަސް ދުވާ މީހުން އެކަމަށް ފަރުވާތެރިވުން ހުއްޓެވެ. ރިވާކުރެއްވީ އަލްބުޚާރީ: 877، އަދި މުސްލިމު: 844
ހުކުރު ދުވަހު ހިނައިގަތުމުގެ ވަޤުތު ފެށެނީ ފަތިހުގައެވެ. ޖުނުބުން ހިނައިގަތުން ހުކުރު ހިނައިގަތުމަށް ފުދޭނެއެވެ. އެހެނީ ހުކުރު ދުވަހު ހިނައިގަތުމުގެ ބޭނުމަކީ ސާފުތާހިރުވެ، ހަށިގަނޑުން ނުބައި ވަސްތައް ނައްތާލުމެވެ. މިކަން ޖުނުބު ހިނައިގަތުމުން ޙާޞިލުވެއެވެ. ނަމަވެސް ޖުނުބުން ހިނައިގަތުމުގެ ނިޔަތުގެ ތެރެއަށް ހުކުރު ހިނެއުމުގެ ނިޔަތް ވެއްދުން ޝަރުޢުވެގެންވެއެވެ. އެއީ އެކަމުން އަޖުރު އޭނާއަށް ލިބުމަށްޓަކައިއެވެ.
3- ހުވަނދުލުމާއި، ސާފުތާހިރުވެ، ހަށިގަނޑުން ފިލުވާލަން ޖެހޭ ތަކެތި ފިލުވާލުން ސުންނަތްވެގެންވެއެވެ. މިސާލަކަށް ނިޔަފަތި ކެނޑުމާއި، ކުރިމަތީ ފަރާތުގެ އިސްތަށި ބޭލުމާއި، ކިހިލިފަތު އިސްތަށި އުފުރުމާއި، މަތިމަސް ކޮށުންފަދަ ކަންކަމެވެ. އެއީ ސަލްމާނުލް ފާރިސީ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “މީހަކު ހުކުރު ދުވަހު ހިނައިގަނެ، އަދި އޭނާއަށް ކުރެވެން އޮތް މިންވަރަކުން އަމިއްލަ ނަފްސު ޠާހިރުކޮށް، ދެން ތެޔޮލައި ނުވަތަ މީރުވަސްދުވާ ހުވަނދު ލައި، ދެން އޭނާ ނުކުމެގެން މިސްކިތަށް ގޮސް، ދެ މީހުންގެ ދެމެދު ދުރުނުކޮށް، އޭނާއަށް ލިޔުއްވިގެންވާ ވަރަކަށް ނަމާދުކޮށް، ދެން އިމާމު (ޚުޠުބާ ކިޔުމަށް) ނިކުމެއްޖެނަމަ ކަނުލައި އަޑުއަހައިފިނަމަ؛ އެ ހުކުރާ އަދި ޖެހިގެން އަންނަ ހުކުރާ ދެމެދުވާ ފާފަތައް އޭނާއަށް ފުއްސެވޭނެތެވެ." ([124]). ރިވާކުރެއްވީ އަލްބުޚާރީ: 910
އަދި ހަމަ އެގޮތަށް، މި ދުވަހު ސިވާކުކޮށް ދަތްއުނގުޅުމަށް ބާރުއެޅިފައިވެއެވެ. އެއީ އަބޫ ސަޢީދު އަލްޚުދްރިއްޔު رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم މިހެން ޙަދީޘްކުރެއްވިކަމަށް އަހަރެން ހެކިވަމެވެ: “ހުކުރު ދުވަހު ހިނައިގަތުމަކީ ބާލިޣުވެފައިވާ ކޮންމެ މީހެއްގެ މައްޗަށްވާ ވާޖިބެކެވެ. އަދި ސިވާކުކޮށް، އަދި އޭނާއަށް ލިބިއްޖެނަމަ ހުވަނދުލާ ހުއްޓެވެ." ([125]). ރިވާކުރެއްވީ އަލްބުޚާރީ: 880
4- އެ މީހަކަށް ލިބޭ އެންމެ ރަނގަޅު ހެދުމެއް ލުން ސުންނަތްވެގެންވެއެވެ. އެއީ ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. އެކަލޭގެފާނަށް، މިސްކިތުގެ ދޮރުމަތީގައި ހުރި ފަށުވިންވާ ކުރެހުންހުރި ހެދުމެއް ފެނިވަޑައިގެން ދެންނެވިއެވެ: "އޭ ﷲގެ ރަސޫލާއެވެ. ހުކުރު ދުވަހާއި އަދި ބޭރުން އަންނަ ވަފުދުތައް އަންނައިރު ތުރުކުރެއްވުމަށް މި ހެދުން ބައްލަވައިގަތުން ކިހިނެއްތޯއެވެ؟..." ([126]). ރިވާކުރެއްވީ އަލްބުޚާރީ: 886، އަދި މުސްލިމު: 2068
5- ހުކުރު ދުވަހު އަވަހަށް މިސްކިތަށް އައުމަކީ ސުންނަތެކެވެ. އެއީ ނަބިއްޔާ صَلّى اللهُ عَلَيْهِ وسَلَّم އެކަމަށް ބާރުއަޅުއްވާ ހިތްވަރުދެއްވާފައިވުމުންނެވެ. އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘްގައި، ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށްވެއެވެ: "މީހަކު ހުކުރުދުވަހު ޖުނުބުވެރިކަމުން ހިނައިގަންނަ ފަދައިން ހިނައިގަނެ، (ދުވަހުގެ) ފުރަތަމަ ގަޑީގައި (މިސްކިތަށް) ހިނގައްޖެނަމަ، އޭނާ ޖަމަލެއް ޤުރުބާންކުރި ފަދައެވެ. އަދި (ދުވަހުގެ) ދެވަނަ ގަޑީގައި (މިސްކިތަށް) ގޮސްފިމީހާ، ގެރިއެއް ޤުރުބާންކުރި ފަދައެވެ. އަދި ތިންވަނަ ގަޑީގައި ގޮސްފިމީހާ، ދަޅުހުރި ކަންބަޅިބަކަރިއެއް ޤުރުބާންކުރި ފަދައެވެ. އަދި ހަތަރުވަނަ ގަޑީގައި ގޮސްފިމީހާ، ކުކުޅެއް ޤުރުބާންކުރި ފަދައެވެ. އަދި ފަސްވަނަ ގަޑީގައި ގޮސްފިމީހާ، ބިހެއް ޤުރުބާންކުރި ފަދައެވެ. ދެންފަހެ، އިމާމުމީހާ (ޚުޠުބާދިނުމަށްޓަކައި މިސްކިތަށް) ނިކުމެއްޖެނަމަ ޛިކުރު އަޑުއެހުމަށްޓަކައި މަލާއިކަތުން ޙާޒިރުވެއެވެ." ([127]). ރިވާކުރެއްވީ އަލްބުޚާރީ: 881 ، އަދި މުސްލިމު: 850
6- ހުކުރު ދުވަހު މިސްކިތަށް ވަންނައިރު އިމާމު ޚުޠުބާ ދެމުން ދިޔަކަމުގައި ވިޔަސް އެ މީހަކު ދެ ރަކުޢަތް ނަމާދެއް ނުކޮށް ނުއިށީންނުން ސުންނަތްވެގެންވެއެވެ. އަދި އެ ދެ ރަކުޢަތް ލުއިކުރާހުއްޓެވެ. އެއީ ޚުޠުބާ ދެމުންދާ ވަޤުތު ވަތްމީހާއަށް އެކަލޭގެފާނު ﷺ އެގޮތަށް އަމުރު ކުރައްވާފައިވުމުންނެވެ. އެގޮތުން ޖާބިރު ބްނު ޢަބްދި ﷲ رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ހުކުރު ދުވަހު ﷲ ގެ ރަސޫލާ ﷺ ޚުޠުބާދެއްވަން ހުންނަވަނިކޮށް، ސުލައިކު އަލްޣަޠުފާނީ އައިސް އިށީންނިއެވެ. ދެން އެކަލޭގެފާނު އޭނާއަށް ޙަދީޘްކުރެއްވިއެވެ: "އޭ ސުލައިކެވެ! ތެދުވާށެވެ. އަދި ދެ ރަކުޢަތް ކުރާށެވެ. އަދި އެ ދެ ރަކުޢަތް ލުއިކުރާށެވެ" ދެން ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ހުކުރު ދުވަހު އިމާމު ޚުޠުބާ ދެމުން ދަނިކޮށް އާދެވިއްޖެނަމަ ފަހެ ދެ ރަކުޢަތް ކުރާށެވެ. އަދި އެ ދެ ރަކްޢަތުގައި ލުއިކޮށްލާހުށިކަމެވެ." ([128]). ރިވާކުރެއްވީ އަލްބުޚާރީ: 930، އަދި މުސްލިމު: 875
7- ހުކުރު ދުވަހު އަލްކަހްފު ސޫރަތް ކިޔެވުން ސުންނަތްވެގެންވެއެވެ. އަބޫ ސަޢީދު އަލްޚުދްރިއްޔު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: "ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެ ހުކުރުގެ ދެމެދުގައިވާ ދުރުމިނަށް ނޫރެއް އަލިކަންދެއެވެ." ([129]). ރިވާކުރެއްވީ އަލްޙާކިމު، އަލްމުސްތަދްރަކު: 3392 ގައިއެވެ. އަދި މި ޙަދީޘްވަނީ އަބޫ ސަޢީދުއަށް މައުޤޫފުކޮށްވާ ބަހެއްގެ ގޮތުގައި ޢިއްލަތެއްވާ ޙަދީޘެއްކަމުގައިއެވެ.
8- ހުކުރު ދުވަހާއި ހުކުރު ވިލޭރޭގައި ނަބިއްޔާ صَلّى اللهُ عَلَيْهِ وسَلَّم ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން ސުންނަތް ވެގެންވެއެވެ. އެގޮތުން އަވްސު ބްނު އަވްސު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން، އެންމެ މާތް އެއް ދުވަސްކަމުގައި ހުކުރު ދުވަސްވެއެވެ.ފަހެ އެ ދުވަހު، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔެވުން ގިނަކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށަހެޅޭނެތެވެ." ([130]). ރިވާކުރެއްވީ އަބޫ ދާވޫދު: 1531
9- ހުކުރު ދުވަހު ދުޢާކުރުން ގިނަކުރުން ސުންނަތްވެގެންވެއެވެ. އަދި ދުޢާ އިޖާބަކުރެވޭ ގަޑި ހޯދަން އޭނާ ފަރުވާތެރިވެ އުޅޭހުށިކަމެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ހުކުރު ދުވަހުގެ ވާހަކަ ނަންގަންނަވާ ދެން ޙަދީޘްކުރެއްވިއެވެ: "ހުކުރު ދުވަހުގައި ވަޤުތުކޮޅެއް ވެއެވެ. މުސްލިމު އަޅަކު ﷲ ތަޢާލާގެ ޙަޟްރަތުން އެއްޗެއް ދެއްވުމަށް އެދި ދަންނަވާ ޙާލު، ޤާއިމުވެ ނަމާދުކުރަން ހުއްޓާ އެ ގަޑިއާ ދިމާވެއްޖެނަމަ؛ އެމީހަކަށް އެކަލާނގެ އެ އެއްޗެއް ދެއްވައިގެން މެނުވީ ނުވެއެވެ." ([131]). ރިވާކުރެއްވީ އަލްބުޚާރީ: 935، އަދި މުސްލިމް: 852.
ހުކުރު ދުވަހުގެ ހުރިހާ ގަޑިއެއްގައިވެސް ދުޢާ އިޖާބަކުރެވޭނެކަމަށް އުއްމީދުކުރެވެއެވެ. ނަމަވެސް އެންމެ ބޮޑަށް އުއްމީދުކުރެވޭ ވަޤުތަކީ: ހުކުރު ދުވަހު އިމާމު ޚުޠުބާ ދިނުމަށް އިށީންނައިރުން ފަށައިގެން ނަމާދު ނިމެންދެން އޮންނަ ވަޤުތެވެ. އަދި މަޣުރިބު ނަމާދަށް އިންތިޒާރުކޮށްގެން އިން މީހާގެ ޙައްޤުގައި، ހުކުރު ދުވަހުގެ (އިރުއޮއްސުމުގެ ކުރިން) އެންމެ ފަހު ގަޑިއެވެ. މިސްކިތުގައިވިޔަސް އޭނާގެ ގޭގައިވިޔަސްމެއެވެ. އެއީ އަބޫ މޫސާ އަލްއަޝްޢަރީ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ހުކުރުދުވަހު (ދުޢާ އިޖާބަވާ) ގަޑިޔާމެދު ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: “އެއީ އިމާމު ޚުޠުބާއަށް އިށީންނަ ވަޤުތުން ފެށިގެން ގޮސް ނަމާދު ނިމެންދެންނެވެ.” ([132]). ރިވާކުރެއްވީ މުސްލިމް: 853.
ހަތްވަނަ މައްސަލަ: ހުކުރު ނަމާދުގެ ސުންނަތް:
ހުކުރު ނަމާދުގެ ކުރީގައި ކުރެވޭ ރަވާތިބު ސުންނަތެއް ނޯވެއެވެ. ނަމަވެސް ހުކުރު ނަމާދަށް ހާޟިރުވެއްޖެ މީހަކު ބޭނުންވަރަކަށް ނަމާދުކުރުން ސުންނަތްވެގެންވެއެވެ. ދެ ރަކްޢަތް، ނުވަތަ ހަތަރު ރަކްޢަތް، ނުވަތަ ހަ ރަކްޢަތް، ނުވަތަ އެއަށްވުރެ ގިނައިންވިޔަސްމެއެވެ. ކޮންމެ ދެ ރަކްޢަތަކުން ސަލާމްދީގެންނެވެ. އެއީ ނަބިއްޔާ ﷺ އެކަމަށް ހިތްވަރުދެއްވާފައި ވުމުންނެވެ. ސަލްމާނުލް ފާރިސީ رضي الله عنه ގެ ޙަދީޘްގައިވާ ގޮތަށެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ހުކުރު ދުވަހެއްގައި މީހަކު ފެންވަރާ....ދެން މިސްކިތަށް ގޮސް ދެމީހެއްގެ ދެމެދު ދުރު ނުކޮށް، އޭނާއަށް ލިޔެވިފައިވާ ވަރަކަށް ނަމާދުކޮށް، ދެން އިމާމު (ޚުޠުބާ ކިޔުމަށް) ނިކުމެއްޖެނަމަ ކަނުލައި އަޑުއަހައިފިނަމަ؛ އެ ހުކުރާ އަދި ޖެހިގެން އަންނަ ހުކުރާ ދެމެދުވާ ފާފަތައް އޭނާއަށް ފުއްސެވޭނެތެވެ." ([133]) އަދި އެއީ ޞަޙާބީން رضي الله عنهم ވެސް އެފަދައިން ޢަމަލުކުރައްވާފައި ވުމުންނެވެ. އަދި މުޠުލަޤުކޮށް ސުންނަތް ނަމާދުކުރުމުގެ ހެޔޮކަމާމެދު އައިސްފައިވާ ޢާއްމު ބަސްފުޅުތަކަށްޓަކައިއެވެ. ރިވާކުރެއްވީ އަލްބުޚާރީ: 910
ދެންފަހެ، ރަވާތިބު ސުންނަތް ވަނީ ހުކުރު ނަމާދުގެ ފަހުންނެވެ. އެގޮތުން ގޭގައިނަމަ ދެ ރަކްޢަތް ކުރާނިއެވެ. ނުވަތަ މިސްކިތުގައިނަމަ ހަތަރު ރަކްޢަތްކުރާނީއެވެ. ފަހެ ނަބިއްޔާ ﷺ، ހުކުރު ނަމާދަށްފަހު އެކަލޭގެފާނުގެ ގެކޮޅުގައި ދެ ރަކްޢަތްކުރައްވައެވެ. ([134]). އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ހުކުރު ނަމާދުކޮށްފިނަމަ ފަހެ އޭގެ ފަހުން ހަތަރު ރަކްޢަތްކުރާހުށިކަމެވެ." ([135]). ރިވާކުރެއްވީ އަލްބުޚާރީ: 937، އަދި މުސްލިމް: 729، އިބްނު ޢުމަރު رضي الله عنهما ގެ ޙަދީޘުންނެވެ. ރިވާކުރެއްވީ މުސްލިމް: 881.
މިސްކިތުގައި ހުކުރުގެ ރަވާތިބު ސުންނަތް ކުރާނަމަ ކުރާނީ ހަތަރު ރަކުޢަތެވެ. ގޭގައި ކުރާނަމަ ދެ ރަކްޢަތެވެ.
ދެވަނަ މަޠުލަބު: ހުކުރު ޚުޠުބާ:
ފުރަތަމަ މައްސަލަ: ހުކުރު ޚުޠުބާ
އެއީ، ހުކުރު ނަމާދުގެ އިރުކޮޅެއް ކުރިން، މީސްތަކުންނަށް އިއްވެވޭ ވާހަކަތަކެކެވެ. އެއީ ﷲ އަށް ޙަމްދުކުރުމާއި، އެކަލާނގެއަށް ޘަނާކިއުމާއި، ނަބިއްޔާ ﷺ އަށް ޞަލަވާތާއި ސަލާމަތް ކިޔެވުމާއި، އަދި ނަސޭހަތާއި ހަނދާންކޮށްދިނުމުގެ މައްޗަށް ޝާމިލުވާ ވާހަކަތަކެކެވެ. ([136]). ބައްލަވާ: މުޢުޖަމު ލުޣަތިލް ފުޤަހާއި: ސ.197، އަދި ޚުޠުބަތުލް ޖުމްޢާ ވަ އަޙުކާމުހާ އަލްފިޤްހިއްޔާ، އަލްޙުޖައިލާން: ސ.22
ދެވަނަ މައްސަލަ: ޚުޠުބާގެ ޙުކުމް:
ޚުޠުބާއަކީ ހުކުރު ނަމާދުގައި ޝަރުޠެކެވެ. އެއާ ނުލައި އެ ނަމާދު ޞައްޙައެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅަށްޓަކައިއެވެ: (އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ!) [އަލްޖުމްޢާ: 9] މިއާޔަތުގައި ﷲ ހަނދުމަކޮށް ޛިކުރުކުރުމަކީ ޚުޠުބާކަމުގައި ތަފްސީރުކުރެވުނެވެ. ([137])؛ ފަހެ ޚުޠުބާ ވާޖިބުވެގެން ނުވީނަމަ އެއަށްޓަކައި ދިޔުން ވާޖިބުނުވީހެވެ. އަދި ހަމައެހެންމެ رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم އެކަމުގައި ދެމިހުންނަވާ، ދުވަހަކުވެސް ޚުޠުބާ ދޫކޮށް ނުލައްވާތީވެ އެކަމުގެ ވާޖިބުކަން އެނގެއެވެ. ބައްލަވާ: ތަފްސީރުއް ޠަބަރީ: 22/ 642.
އިމާމް އިބްނު ޤުދާމާ އަލްޙަންބަލީ رحمه الله ވިދާޅުވިއެވެ: “ޚުލާޞާކޮށް ދަންނަވާނަމަ، ޚުޠުބާއަކީ ހުކުރު ނަމާދުގެ ޝަރުޠެކެވެ. އަދި އެއާ ނުލައި ނަމާދު ޞައްޙަ ނުވާނެއެވެ.” ([138]). އަލްމުޣްނީ: 2/ 224.
ތިންވަނަ މައްސަލަ: ޚުޠުބާގެ ޝަރުޠުތައް:
1-އެއީ ދެ ޚުޠުބާ ކަމުގައިވުމެވެ. އެއީ ޢަބްދު ﷲ ބްނު ޢުމަރު رضي الله عنهما ގެ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ނަބިއްޔާ ﷺ، ދެ ޚުޠުބާ ދެއްވަމުން ގެންދެވިއެވެ. އަދި އެ ދެ ޚުޠުބާ ދެމެދު އިށީންދެވަޑައިގަންނަވައެވެ. ([139]). ރިވާކުރެއްވީ އަލްބުޚާރީ: 928
2- އެއީ ހުކުރު ނަމާދުގެ ވަގުތު ވަނުމަށް ފަހު ކަމުގައި ވާންޖެހޭނެއެވެ. އޭގެ ކުރިން، ނުވަތަ ޚުޠުބާގެ އެއްބައިވެސް ވަޤުތުކުރިން ވެއްޖެނަމަ ނު ފުދޭހުއްޓެވެ.
3- ނަމާދުގެ ކުރިން ދެ ޚުޠުބާ ދިނުމެވެ. އެއީ السائب بن يزيد رضي الله عنه ގެ ޙަދީޘްގައިވާ ފަދައިންނެވެ. ވިދާޅުވިއެވެ: رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ގެ ޒަމާނުގައި އާއި އަބޫބަކުރު އަދި ޢުމަރު رضي الله عنهما ގެ ޒަމާނުގައި ހުކުރުގެ ބަންގި ގޮވަން ފެށެނީ އިމާމު މީހާ މިންބަރުގައި އިށީންނުމުންނެވެ. [140] އެއީ ދެ ޚުޠުބާ ނަމާދުގެ ކުރިއަށް އިސްވެގެންވާކަމަށް ޞަރީޙަކޮށް ދޭހަކޮށްދޭ ބަސްފުޅެކެވެ. ރިވާކުރެއްވީ އަލްބުޚާރީ: 916
އަދި އެކަލޭގެފާނު صَلّى اللهُ عَلَيْهِ وسَلَّم ގެ މިބަސްފުޅަށްޓަކައިއެވެ: “ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ތިޔަބައިމީހުން ނަމާދު ކުރާށެވެ” ([141])، އަދި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެ ދެ ޚުޠުބާގެ ފަހުން ނޫނީ ނަމާދު ނުކުރައްވައެވެ. އަލްމަރްދާވީ ވިދާޅުވިއެވެ: “އެއްވެސް ޚިލާފެއްނެތި އެ ދޭތި -އެބަހީ: ދެ ޚުޠުބާ- ނަމާދުގެ ކުރިއަށް އިސްކުރުން ޝަރުޠުވެގެންވެއެވެ." ([142]). ރިވާކުރެއްވީ އަލްބުޚާރީ 631ގައި، މާލިކު ބްނުލް ޙުވައިރިޘް رضي الله عنه ގެ ޙަދީޘުންނެވެ. އަލްއިންޞާފް: 2/ 389.
4- ޚުޠުބާގެ ބައިތަކުގެ މެދުގައި ކުރިއަށް ގެންދިއުމުގައި (ބޮޑު މެދުކެނޑުމެއް ނައިސް) މުވާލާތުކުރުމެވެ. އިމާމު އިބްނު ޤުދާމާ رحمه الله ވިދާޅުވިއެވެ: "މުވާލާތުކުރުމަކީ ޚުޠުބާ ޞައްޙަވުމުގެ ޝަރުޠެކެވެ. ދެންފަހެ އޭގެ ތެރެއިން ބައެއް އަނެއް ބަޔަކާ މެދުކެނޑިއްޖެ ނަމަ، އެއީ ދިގު ވާހަކައެއް ދެއްކުމުގެ ސަބަބުން، ނުވަތަ ގިނައިރުތަކެއް ވަންދެން ހަނުހުރުމުގެ ސަބަބުން، ނުވަތަ އެނޫންވެސް މުވާލާތުކޮށް ކިޔުން ކަނޑުވާލާކަމަކުން އެކަން ވެއްޖެނަމަ؛ ޚުޠުބާ ޖެހޭނީ އަލުން ފަށާށެވެ. މެދުކެނޑުމުގެ ދިގުމިނާއި ކުރުމިން ކަނޑައެޅުމުގައި ރުޖޫޢަވުންވަނީ ޢާދަކާދައަށެވެ. ހަމައެފަދައިން ޚުޠުބާއާއި ނަމާދާއި ދެމެދު ވެސް މުވާލާތުކުރުން ޝަރުޠުވެގެންވެއެވެ. އަދި އޭނާ ޠާހިރުވުމަށް ބޭނުންވެއްޖެނަމަ، ޠާހިރުވެ، އަދި ކިޔަމުންދިޔަ ޚުޠުބާގެ މައްޗަށް ބިނާކޮށް ކުރިއަށް ފުރިހަމަކުރާނީއެވެ. އެއީ މެދުކެނޑުން ދިގުލައިގެން ނުދާނަމައެވެ. ” ([143]). އަލްމުޣްނީ: 2/ 230.
5- އަޑުހަރުކޮށް ޚުޠުބާ ދިނުމެވެ. އެއީ ޚުޠުބާއަކީ ވާޖިބެއްކަމުގައި، އަދި ހުކުރު ނަމާދު ޞައްޙަވުމުގެ ޝަރުޠެއްކަމުގައިވުމުންނެވެ. އަދި އެއީ ޚުޠުބާ އަދާކުރުމަށް، އަދި ޚުޠުބާގެ މަޤްޞަދުކަމުގައިވާ ވަޢުޡު ނަޞޭޙަތް އިއްވާ ހަނދާންކޮށްދިނުމުގެ މަޤްޞަދު ޙާޞިލުކޮށްދޭ ވަސީލަތެކެވެ. އެކަމަކާ ލައިގެން މެނުވީ ވާޖިބެއް ފުރިހަމަ ނުކުރެވޭ ކޮންމެ ކަމެއް އެއީ ފަހެ ވާޖިބެކެވެ.
6- ހުކުރު ޞައްޙަވާ އަދަދުގެ ބަޔަކު ޚުޠުބާ އަޑުއެހުމުގައި ބައިވެރިވުމެވެ. އެހެނީ ޚުޠުބާއަކީ ޛިކުރެކެވެ. އެއަށް އަވަސްވެގަންނަންޖެހެއެވެ. އެހެންކަމުން ބަޔާންކުރެވުނު ޢަދަދަށް މީހުން ޚުޠުބާ އަޑުއެހުން ލާޒިމްވެއެވެ.
ހަތަރުވަނަ މައްސަލަ: ޚުޠުބާގެ ރުކުންތައް:
1- ﷲ ޢައްޒަ ވަޖައްލައަށް ޙަމްދު ޘަނާ ކިޔުމުން ފެށުމެވެ. އެއީ ޖާބިރު ބްނު ޢަބްދު ﷲ رضي الله عنهما ގެ ޙަދީޘަށްޓަކައިއެވެ: ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޚުޠުބާދެއްވަނީ ހުކުރު ދުވަހުގައިއެވެ. އެކަލޭގެފާނު ޚުޠުބާގައި ﷲ އަށް ޙަމްދުކުރައްވާ، އެކަލާނގެއަށް ޘަނާކިޔުއްވައެވެ. ދެން އެއާ ވިއްދައިގެން ވިދާޅުވެއެވެ.... މި ޙަދީޘެވެ. [144] ރިވާކުރެއްވީ މުސްލިމް: 867.
2- ޚުޠުބާގައި، ނަބިއްޔާ ﷺގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރުން ހިމެނިގެންވުމެވެ. ސަބަބަކީ ޚުޠުބާގައި ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތް ލެއްވުމަށް ދުޢާކުރުމަކީ ޞަޙާބީން رضي الله عنهم ގެ މެދުގައި އެނގި މަޝްހޫރުވެގެންވާ ކަމެއް ކަމުގައި ވާތީއެވެ. ([145]). ބައްލަވާ: އިބްނުލް ޤައްޔިމް ލިޔުއްވާފައިވާ ޖަލާއުލް އަފްހާމް: ޞ.371.
2- ވަޢުޡު ނަޞޭޙަތާއި، ﷲ ތަޢާލާއަށް ތަޤުވާވެރިވުމަށް ވަޞިއްޔަތްކުރުން ޚުޠުބާގައި ހިމެނިގެންވުމެވެ. އެއީ ޖާބިރު ބްނު ސަމުރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: ނަބިއްޔާ ﷺ ދެއްވާ ދެ ޚުޠުބާވެއެވެ. އެކަލޭގެފާނު އެ ދެ ޚުޠުބާގެ ދެމެދުގައިވާ އިށީންދެވަޑައިގަންނަވައެވެ. އެކަލޭގެފާނު (ޚުޠުބާގައި) ޤުރްއާން ކިޔަވާވިދާޅުވެ، އަދި މީސްތަކުންނަށް ހަނދުމަކޮށްދެއްވައެވެ. ([146])؛ އެހެނީ ޚުޠުބާގެ މަޤުޞަދަކީ އެއީކަމުގައިވާތީއެވެ. ރިވާކުރެއްވީ މުސްލިމް: 862.
4- ކީރިތި ޤުރުއާނުން ބައެއް ކިޔެވުމެވެ.އެއީ ޖާބިރު ބްނު ސަމުރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ: ނަބިއްޔާ ﷺ ދެއްވާ ދެ ޚުޠުބާވެއެވެ. އެކަލޭގެފާނު އެ ދެ ޚުޠުބާގެ ދެމެދުގައިވާ އިށީންދެވަޑައިގަންނަވައެވެ. އެކަލޭގެފާނު (ޚުޠުބާގައި) ޤުރްއާން ކިޔަވާވިދާޅުވެ، އަދި މީސްތަކުންނަށް ހަނދުމަކޮށްދެއްވައެވެ.
ފަސްވަނަ މައްސަލަ: ޚުޠުބާގެ ސުންނަތްތައް:
1- މިންބަރެއްގައި ނުވަތަ އުސް ތަނެއްގައި ޚުޠުބާ ދިނުމެވެ. ނަބިއްޔާ ﷺ އަށްޓަކައި މިންބަރެއް ބިނާކުރެވުނެވެ. ދެން އެކަލޭގެފާނު އޭގެމަތީގައި ހުކުރު ދުވަހު ޚުޠުބާ ދެއްވިއެވެ. ([147]). ރަސޫލާ ﷺ ޚުޠުބާ ދެއްވަމުން ގެންދެވީ މިންބަރެއްގެ މަތީގައިކަމަށް ޞަޙާބީން رضي الله عنهم ގެ ޖަމާޢަތެއްގެ އަރިހުން މުތަވާތިރުކޮށް އައިސްފައިވެއެވެ. ([148]) އަލްނަވަވީ ވަނީ އެކަން މުސްތަޙައްބުވެގެންވާ ކަމަށް އިޖްމާޢު ގެނެސްފައިވެއެވެ. ވިދާޅުވިއެވެ: “ޚުޠުބާ މިންބަރެއްގައި ދިނުން އެދެވިގެންވާކަމަށް ޢިލްމުވެރިން އިޖްމާޢުވެގެންވެއެވެ." ([149]). އަދި އެހެނީ އެއީ (އަޑު ފޯރުކޮަށްދީ) އަންގައިދިނުން ބޮޑުވާ ގޮތެވެ. އަދި މީސްތަކުންނަށް ޚަޠީބު ފެންނަނަމަ؛ އެމީހުންނަށް ވަޢުޡު ނަޞޭޙަތް ލިބުން ބޮޑުވާނެއެވެ. ރިވާކުރެއްވީ އަލްބުޚާރީ 2095 ގައި، ޖާބިރު رضي الله عنه ގެ ޙަދީޘުންނެވެ. ބައްލަވާ: އިރްވާއުލް ޣަލީލް ފި ތަޚްރީޖި އަޙާދީޘި މަނާރިއް ސަބީލް: 3/ 75 އަދި އޭގެ ފަހުންވާ ބައި. އަލްމަޖްމޫޢު ޝަރްޙުލް މުހައްޛަބު: 4 / 527.
2- ޚުޠުބާ ދޭމީހާ ކޮޅަށް ހުރުމެވެ. އެއީ ﷲ ތަޢާލާގެ ބަސްފުޅަށްޓަކައިއެވެ: (އެއުރެންނަށް ވިޔަފާރިޔެއް ނުވަތަ ކުޅިވަރެއް ފެނިއްޖެނަމަ، ކަލޭގެފާނު ކޮޅަށް ހުންނެވުމަށް ދޫކޮށްލައި، އެއުރެން އެކަންތަކާ ދިމާޔަށް ދުވެދެއެވެ.) [އަލްޖުމްޢާ: 11]، ޢަބްދު ﷲ ބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޚުޠުބާ ދެއްވަމުން ގެންދެވީ ކޮޅަށް ހުންނަވައިގެންނެވެ. ދެން އެކަލޭގެފާނު އިށީންނަވައެވެ. ދެން އަނެއްކާ ތެދުވެވަޑައިގަންނަވައެވެ. ތިޔަބައިމީހުން މިހާރު ތިޔަ ކަންތައްކުރާ ގޮތަށެވެ. ([150]). ރިވާކުރެއްވީ އަލްބުޚާރީ: 920، އަދި މުސްލިމު: 861
3- ޚުޠުބާދޭ މީހާ މައުމޫމުންނާ ދިމާލަށް މޫނު ކުރިމަތިކޮށްގެން ހުރުން ސުންނަތްވެގެންވެއެވެ؛ މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހުކުރު ދުވަހު އެކަލޭގެފާނުގެ މިންބަރާ ކައިރިވެވަޑައިގަންނަވާހިނދު؛ ކައިރީގައި އިށީންދެގެން ތިބި މީހުންނާ ސަލާމް ކުރައްވައެވެ. ދެން އެކަލޭގެފާނު މިންބަރަށް އަރައިވަޑައިގެންފިނަމަ؛ މީސްތަކުންނާ ދިމާލަށް އެކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާ ދެން ސަލާމް ގޮވާލައްވައެވެ." [151] ރިވާކުރެއްވީ އަލްބައިހަޤީ، އައްސުނަނުލް ކުބްރާ: 5742 ގައި.
އަލްހާފިޡު އިބްނު ރަޖަބް ވިދާޅުވެފައިވެއެވެ: “(ޚުޠުބާ ދޭ) އިމާމުމިހާ މީސްތަކުންނާ ދިމާލަށް ކުރިމަތިލުމާ އަދި އެ ވަޤުތު އޭނާ ޤިބްލައަށް ފުރަގަސްދީގެން ހުންނަ ހުރުމަކީ ދަންނަބޭކަލުންގެ އިއްތިފާޤުން އެއްބަސްވާ ކަމެކެވެ. އަދި ނައްޞުތަކުން ވެސް އެކަމަށް ދަލީލުކުރެއެވެ: އެހެނީ އޭނާ އެމީހުންނާ މުޚާޠަބުކުރަނީ އެމީހުން އޭނާގެ ކިބައިން އެ ވާހަކަތައް ނަގައިގަނެ ވިސްނުމަށެވެ. އެ ހުރިހާ ކަމެއްވެސް އެއީ ސުންނަތުގައިވާ ގޮތެވެ. ދެންފަހެ އިމާމު އެއާ ޚިލާފުވެއްޖެނަމަ އޭނާ އެވަނީ ސުންނަތާ ޚިލާފުވެފައިއެވެ. ނަމަވެސް އޭނާގެ ހުކުރު ޞައްޙައެވެ." ([152]). އިބްނު ރަޖަބް ލިޔުއްވާފައިވާ ފަތުޙުލް ބާރީ: 8/ 250.
4- ޚުޠުބާކިޔާ ޚަޠީބު މީސްތަކުންނާ ދިމާލަށް ކުރިމަތިލާހިނދު އެމީހުންނާ ސަލާމްކުރުން ސުންނަތްވެގެންވެއެވެ. އެއީ ޖާބިރު رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ: ހަމަކަށަވަރުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ މިންބަރަށް އަރާވަޑައިގެންފިނަމަ ސަލާމްކުރައްވައެވެ. ([153]). ރިވާކުރެއްވީ އިބްނު މާޖާ: 1109 ގައި.
5- ބަންގި ގޮވާ މީހާ، ބަންގި ގޮވާ ނިމެންދެން މިންބަރުގައި އިމާމު މީހާ އިށީންދެގެން އިނުމަކީ ސުންނަތެކެވެ. އެއީ އިބްނު ޢުމަރު رضي الله عنهما ގެ ބަސްފުޅަށްޓަކައިއެވެ: "ނަބިއްޔާ ﷺ ދެ ޚުޠުބާ ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު މިންބަރަށް އަރާވަޑައިގެންފިނަމަ؛ ބަންގި ގޮވާ މީހާ ނިމެންދެން އިށީންދެވަޑައިގެން އިންނަވައެވެ. ދެން ތެދުވެވަޑައިގެން ޚުޠުބާދެއްވައެވެ. ދެން އިށީންދެވަޑައިގަންނަވައެވެ. އަދި އެ ދެމެދު ވާހަކައެއް ނުދައްކަވައެވެ. ދެން ތެދުވެވަޑައިގެން ޚުޠުބާ ދެއްވައެވެ” ([154]). އަދި އައްސާއިބު ބްނު ޔަޒީދު رضي الله عنه ގެ ޙަދީޘް އެކަމަށް ހެކިދެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ގެ ޒަމާނުގައި އާއި އަބޫބަކުރު އަދި ޢުމަރު رضي الله عنهما ގެ ޒަމާނުގައި ހުކުރުގެ ބަންގި ގޮވަން ފެށެނީ އިމާމު މީހާ ހުކުރު ދުވަހު މިންބަރުގައި އިށީންނުމުންނެވެ. [155] ރިވާކުރެއްވީ އަބޫ ދާވޫދު: 1092 ރިވާކުރެއްވީ އަލްބުޚާރީ: 916
6 - ޚުޠުބާ ކިޔުމުގައި ކުޅަދާނަކަން ލިބުނު މިންވަރަކުން އަޑު އުފުލުން ސުންނަތްވެގެންވެއެވެ. އެއީ ޖާބިރު ބްނު ޢަބްދި ﷲ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ، ވިދާޅުވިއެވެ: "ﷲ ގެ ރަސޫލާ ﷺ ޚުޠުބާ ދެއްވާހިނދު އެކަލޭގެފާނުގެ ލޯފުޅު ރަތްވެ، އަޑުފުޅު އުފުލި، ކޯފާވުން ގަދަވެއެވެ. އެކަލޭގެފާނު ލަޝްކަރެއްގެ އިންޒާރުދެއްވާ މިހެން ވިދާޅުވާ ކަހަލައެވެ: " "ދުޝްމަނުންގެ ލަޝްކަރެއް ހެނދުނާ ތިޔަބައިމީހުންގެ މައްޗަށް އަރައިގަންނާނެއެވެ. ނުވަތަ ހަވީރު އަރައިގަންނާނެއެވެ." ([156])، (صَبَّحَكُم) އެބަހީ: ފަތިހުގެ ވަޤުތު ތިޔަބައިމީހުންގެ މައްޗަށް ލަޝްކަރެއް އަތުވެއްޖެއެވެ. އަދި (مسَّاكم) ގެ މާނައަކީ ހަވީރުގެ ވަޤުތު އެމީހުން ތިޔަބައިމީހުންގެ ގާތަށް އައިސްފިއެވެ. މީހަކު ކަމަކާމެދު ބިރުގަންނަވާހިނދު މި ދެ ލަފްޒު މިހެން ކިޔޭނެއެވެ. ރިވާކުރެއްވީ މުސްލިމް: 867.
7- ދެ ޚުޠުބާ ދޭތެރޭގައި ކުޑައިރުކޮޅަކު އިށީންދެއިނުމެވެ. އެއީ އިބްނު ޢުމަރު رضي الله عنهما ގެ ޙަދީޘަށްޓަކައިއެވެ: ނަބިއްޔާ ﷺ، ދެ ޚުޠުބާ ދެއްވަމުން ގެންދެވިއެވެ. އެ ދެ ޚުޠުބާ ދެމެދު އިށީންދެވަޑައިގަންނަވައެވެ. ([157]). ރިވާކުރެއްވީ އަލްބުޚާރީ: 928
8- ދެ ޚުޠުބާ ކުރުކުރުމާއި ދެވަނަ ޚުޠުބާ ފުރަތަމަ ޚުޠުބާއަށްވުރެ ކުރުކުރުމާއެކު، ނަމާދު ދިގުކޮށްލުމަކީ ސުންނަތެކެވެ. ޢައްމާރު رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން މީހާގެ ނަމާދު ދިގުވެ، އޭނާގެ ޚުޠުބާ ކުރުވުމަކީ އޭނާގެ ފިޤުހުވެރިކަމުގެ ނިޝާނެކެވެ. ފަހެ ތިޔަބައިމީހުން ނަމާދު ދިގުކޮށް، ޚުޠުބާ ކުރުކުރާށެވެ.” ([158]). ރިވާކުރެއްވީ މުސްލިމް: 869.
9- މުސްލިމުންގެ ދީނާއި ދުނިޔޭގެ ކަންކަމަށް އިޞްލާޙުވުންހުރި ކަންކަން ދެއްވުމަށް ދުޢާ ކުރުމާއި، މުސްލިމުންގެ ކަންކަމާ ހަވާލުވެގެން ތިބި ވެރިން ހެޔޮކުރައްވާ، އެމީހުންނަށް ތައުފީޤުދެއްވުމަށް އެދި ދުޢާ ކުރުން ސުންނަތްވެގެންވެއެވެ. އައްނަވަވީ ވިދާޅުވިއެވެ: “ދެންފަހެ މުސްލިމުންގެ އިމާމުންނާއި އެމީހުންގެ ވެރިން ރަނގަޅުކުރައްވާ، އަދި ޙައްޤަށް އެހީތެރިކަން ދެއްވުމަށާއި، ޢަދުލުވެރިކަން ޤާއިމުކުރުމަށާއި އެފަދަ ކަންކަމަށް އެހީތެރިކަން ދެއްވުމަށް، ހަމަ އެގޮތަށް އިސްލާމްދީނުގެ ލަޝްކަރުތަކަށްވެސް ހެޔޮދުޢާ ކޮށްދިނުމަކީ އިއްތިފާޤުން މުސްތަޙައްބުވެގެންވާ ކަމެކެވެ.” ([159]). އަލްމަޖްމޫޢު ޝަރްޙުލް މުހައްޛަބު: 4 / 521.
ހުކުރު ޚުޠުބާގައި ދުޢާ ކުރާއިރު އިމާމާ ދެ އަތް އުފުލުމަކީ ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. ވާރޭ ވެއްސެވުމަށް އެދި އިސްތިސްޤާކުރާއިރު މެނުވީއެވެ. އަދި ޚުޠުބާގައި އިމާމު ޝަހާދަތް އިނގިލިން އިޝާރާތްކުރުން މުސްތަޙައްބުވެގެން ވެއެވެ. އެގޮތުން ޢުމާރާ ބްނު ރުއައިބާ رضي الله عنه އަށް، ބިޝްރު ބްނު މަރްވާނު މިންބަރު މަތީގައި ދެ އަތް އުފުލައިގެން (ދުޢާކުރަން) ހުއްޓާ ފެނިވަޑައިގެންނެވިއެވެ. އެހިނދު ވިދާޅުވިއެވެ: ﷲ މި ދެ އަތް ހުތުރު ކުރައްވާށިއެވެ! އަހަރެންނަށް ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم ވަނީ ފެނިފައިއެވެ. އެކަލޭގެފާނުގެ އަތްޕުޅުން މިހެން ޙަރަކާތްކުރުން ފިޔަވައި އިތުރުކަމެއް ނުކުރައްވައެވެ. -ދެން ޝަހާދަތް އިނގިލިން އިޝާރާތްކުރެއްވިއެވެ- " ([160]). ރިވާކުރެއްވީ މުސްލިމް: 874.
10- ޚުޠުބާ ކިޔުމާ ހަވާލުވާ މީހަކު، ނަމާދު ކުރުމާވެސް ހަވާލުވުމެވެ. އެހެނީ ނަބިއްޔާ ﷺ އަމިއްލަފުޅަށް އެ ދެކަންތަކާ ހަވާލުވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ ފަހުން އެކަލޭގެފާނުގެ ޚަލީފާއިންވެސްމެއެވެ. އަދި ޢުޛުރަކަށްޓަކައި މީހަކު ޚުޠުބާ ކިޔާ، ދެން އެހެން މީހަކު ނަމާދުކޮށްފިނަމަވެސް އެކަން ހުއްދަވެގެންވެއެވެ. ([161]). އިބްނު ޤުދާމާ ލިޔުއްވާފައިވާ އަލްމުޣްނީ: 2/ 228 .
ހަވަނަ މައްސަލަ: ހުކުރު ޚުޠުބާ ތަރުޖަމާކުރުން:
އެ ޤައުމުގެ މީހުންނަށް، ނުވަތަ އޭގެ ގިނަ މީހުންނަށް ޢަރަބި ބަސް ނޭނގޭ ޤައުމެއްގައި އެމީހުންގެ ބަހުން ޚަޠީބު ޚުޠުބާ ދިނުން ހުއްދައެވެ. އެއީ އެމީހުންނަށް ޚުޠުބާ ފަހުމްވެ، ޚުޠުބާގެ މަޤްޞަދު ޙާޞިލުވެ، އަދި އޭގައިވާ ޢިލްމާއި ވަޢުޡާއި ހަނދާންކޮށްދިނުމުން ފައިދާ ކުރުމަށެވެ. އަދި އެހެނީ، ހުކުރު ޚުޠުބާ ޢަރަބި ބަހުން އޮތުމަކީ ޝަރުޠެއް ކަމަށް ދަލީލުކުރާ ކަމެއް ނަބިއްޔާ ﷺ ގެ އަރިހުން ޘާބިތުވެގެން ނުވާތީއެވެ. އެކަލޭގެފާނު ﷺ ޢަރަބި ބަހުން ޚުޠުބާ ދެއްވަމުން ގެންދެވީ އެއީ އެކަލޭގެފާނުގެ ބަސްކަމުގައި، އަދި އެކަލޭގެފާނުގެ ޤައުމުގެވެސް ބަސްކަމުގައި ވާތީއެވެ،
ޚުޠުބާ ދޭ މީހާއަށް އެންމެ އައުލާ ގޮތަކީ: ޢަރަބި ބަހުން ޚުޠުބާދީފައި، ދެން އޭނާގެ ޤައުމުގެ ބަހަށް ތަރުޖަމާ ކުރުމެވެ. އެއީ ނަބިއްޔާ ﷺ ގެ ޚުޠުބާތަކުގައި އެކަލޭގެފާނުގެ ނަމޫނާއަށް ތަބަޢަވުމަށްޓަކައި، އަދި މި މައްސަލައިގައިވާ ޅިލާފުން ބޭރުވުމަށެވެ.
ތަރުޖަމާ ކުރުމުގައި ރިޢާޔަތްކުރެވޭނީ އަޑުއެހުންތެރިންނަށް އެންމެ ރަނގަޅު އެކަށޭނެ ގޮތެކެވެ. އެއީ ޚުޠުބާ ބައިބަޔަށް ބަހައިގެން ކޮންމެ ބަޔަކާ ވިއްދައިގެން ތަރުޖަމާކުރުންތޯ، ނުވަތަ ޢަރަބި ބަހުން ޚުޠުބާ އެއްކޮށްދީ ނިންމާފައި، ދެން ނަމާދުގެ ކުރިން ތަރުޖަމާ އިއްވާގޮތަށް ލަސްކުރުންތޯ ދެގޮތުންކުރެ އައުލާ ގޮތެއް ނެގުމުގައިއެވެ.
ހަމައެގޮތަށް ޚުޠުބާ ވަޤުތުން ތަރުޖަމާކޮށް، އެ ތަރުޖަމާ ބްރޯޑްކާސްޓް ސްޓޭޝަނެއް މެދުވެރިކޮށް ފޮނުވުން ވެސް ހުއްދައެވެ. އަދި ނަމާދުކުރަން އައިސްތިބި މީހުންގެ ތެރެއިން ރަނގަޅަށް ޢަރަބިބަސް ނޭނގޭ މީހުން އެ ތަރުޖަަމާ އަޑުއެހުމުގެ ވަސީލަތްތައް ބޭނުންކުރުންވެސް ހުއްދައެވެ. އަދި އެ ޙަރަކާތްތަކަކީ ނަހީކުރެވިގެންވާ ބާޠިލު ބޭކާރު ކަންތައް ކުރުމުގެ ތެރެއިންވާ ކަމެއްކަމުގައި ނުގުނެއެވެ. ތަރުޖަމާކުރާ މީހާގެ ފުށުން އަދި އެހުންތެރިޔާގެ ފުށުންވެސްމެއެވެ. އެއީ އެކަމުގައިވާ ޢާއްމު މަޞްލަޙަތަށްޓަކައި، އަދި ޚުޠުބާގެ މަޤްޞަދު ޙާޞިލުކުރެވޭތީއެވެ.
ހަތްވަނަ މައްސަލަ: ޚަޠީބެއްގެ ގައިގައި ހުންނަންޖެހޭ ޞިފަތައް:
މިސްކިތުގެ ޚަޠީބު ބެލެވޭނީ މިސްކިތުގެ ތަނބު އަދި މިސްކިތުގެ ބާރުގެ ގޮތުގައިއެވެ. މިސްކިތުގެ ރިސާލަތުކަމުގައިވާ ދަޢުވަތު ފެތުރުމާއި މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، މީސްތަކުންނަށް އެމީހުންގެ ދީނުގެ ކަންކަން އަންގައިދިނުމުގެ މަސައްކަތް އަދާކުރެވެނީ އޭނާ މެދުވެރިކޮށެވެ. ދެންފަހެ ޚުޠުބާދޭ މީހާއީ: ޢިލްމުވެރި، ބުއްދިވެރި، ދުރު ވިސްނުންހުރި، މީސްތަކުންގެ ޢާދަކާދަތަކާއި ޙާލަތުތައް ދެނެހުރި މީހެއްކަމުގައިވާނަމަ؛ އެހިނދުން މިސްކިތުގެ ޖަމާޢަތަށް އޭނާގެ ކިބައިން ކުރާ އަސަރު ރަނގަޅުވެ ފައިދާހުރެއެވެ. އަދި އެ މިސްކިތުގެ އަވަށުގެ މީހުންނަށް އޭނާ އުނގަންނައިދީ، އިރުޝާދުދީ، އަދި ހެޔޮ ރަނގަޅު ކޮންމެ ކަމަކަށް މަގުދައްކައިދެވެއެވެ.
ޚަޠީބުކަމުގެ ޝަރުޠުތައް ފުރިހަމަވާ ޚަޠީބުންވީ ކުރިއްސުރެ އެފަދައިންނެވެ. އެގޮތުން އިސްލާމްދީން ފެށުނުއިރު ޚަޠީބަކަށް ހުންނެވީ ނަބިއްޔާ ﷺ އެވެ. ދެން އެކަލޭގެފާނުގެ ޚުލަފާއުއް ރާޝިދޫންއެވެ. ދެން އަމީރުންނާއި، ކޮމާންޑަރުންނާއި، ޢިލްމުވެރިންނާއި، ފާހަގަކޮށްލެވޭ ބޭފުޅުންނެވެ. މިކަމުން ދޭހަވަނީ މި ވަޒީފާއާ ހަވާލުވާ މީހަކީ: ދީނާއި އަޚްލާޤާއި ޢިލްމާއި ސުލޫކުގެ ގޮތުން މަތީ މަޤާމެއްގައި ހުންނަ މީހަކަށް ވާންޖެހޭނެކަމެވެ.
މިތަނުން ހާމަވަނީ މީސްތަކުންގެ ދިރިއުޅުމުގައި މި ވަޒީފާގެ މުހިންމުކަމެވެ. އެގޮތުން ޚަޠީބުންގެ ވަރުގަދަކަން އެމީހުންގެ މުޖްތަމަޢުގެ މަލަމަތިން ހާމަވެއެވެ. އަދި ޚަޠީބުން ބަލިކަށިވުމުގެ އަސަރު އެ މުޖްތަމަޢުތަކުން ފާޅުވެއެވެ. އެހެނީ މިސްކިތަކީ މުޖުތަމަޢަށް ބަސްތަކާއި ޢަމަލުތަކާ ގުޅުވައިދޭން ދަސްކޮށްދޭ ތަނެކެވެ. ދެންފަހެ ޚަޠީބަކީ ޢިލްމުގައި، ނުވަތަ ބުއްދިގައި، ނުވަތަ ޝަޚްޞިއްޔަތު ބަލިކަށި މީހެއްނަމަ، ނުވަތަ އަޚްލާޤާއި ސުލޫކު ނުބައި މީހެއްނަމަ؛ ދެން އޭނާގެ ފުށުންވާނީ ގެއްލުމެވެ. އަދި ފައިދާއެއް ނުލިބޭނެއެވެ. ނަމާދުކުރާ މީހުންނަށް އިޞްލާޙުވެ ހެޔޮ ރަނގަޅުގޮތް ހުރި ކަންކަމަށް އިރުޝާދުދިނުމަކީ ޚަޠީބުގެ މަސައްކަތެއްނަމަ، ދެންފަހެ މި ބޮޑު މަސްއޫލިއްޔަތު ޙާޞިލުކުރުމަކީ ޖާހިލު ޚަޠީބަކަށް އުނދަގޫ ކަމެކެވެ.
އަދި ފަހަރެއްގައި ޚަޠީބު މި ވަޒީފާގެ ޝަރުޠުތައް، ޢިލްމުވެރިކަމާއި ޝަޚްޞީ ޤާބިލުކަމުގެ ގޮތުން ފުރިހަމަކޮށްފައިވާ މީހަކަށްވެދާނެއެވެ. ނަމަވެސް އޭނާގެ މި ވަޒީފާ އަދާކުރުމަށް އަސަރުކުރާ ކަހަލަ އެހެން މަސައްކަތްތަކެއްގައި އޭނާ އަވަދިނެތި އުޅެއެވެ.
އަދި ފަހަރެއްގައި ޙާލަތަށް ކަމުދާ ގޮތަށް ޚުޠުބާ ތައްޔާރު ކުރުމަށް އެކަށީގެންވާ ވަޤުތު އޭނާއަށް ނުލިބިދާނެއެވެ. ދެން -އިބްނު ޤައްޔިމު އަލްޖައުޒިއްޔާ رحمه الله ވިދާޅުވާ ފަދައިން- އެފަދަ މީހަކު މީސްތަކުންގެ ގާތަށް ނިކުންނަނީ: ހިތަށް ﷲ އަށް އީމާންވުން ޙާޞިލުކޮށްނުދޭ، އަދި އެކަލާނގެ ތައުޙީދުކުރުމެއް ލިބިނުދޭ، އަދި އެކަލާނގެއަށް ޚާއްޞަވެގެންވާ މަޢުރިފާވެރިކަމެއްވެސް ނުގެންނަ، އަދި އެކަލާނގެ ނިޢުމަތްތައް ހަނދާންކޮށްނުދޭ، އަދި އެކަލާނގެދެކެ ލޯބިވުމާއި އެކަލާނގެއާ ބައްދަލުކުރުމަށް ޝައުޤުވެރިވުމުގެ މައްޗަށް ނަފްސުތައް ހިލުވާނުލާ ކަހަލަ ޚުޠުބާއަކާ އެކުގައިއެވެ. ([162]). ޒާދުލް މަޢާދު ފީ ހަދްޔި ޚައިރިލް ޢިބާދު : 1/ 409.
އަދި ފަހަރެއްގައި އޭނާގެ މައްޗަށް އަމިއްލަ އެދުން، ނުވަތަ ޖާހިލުކަން، ނުވަތަ ދެބަސްވުމާއި އަރައިރުންވުންތައް، ނުވަތަ ކުށްވެރިކުރެވޭ ޙައްދުފަހަނައެޅުން ގަދަވެގަނެ؛ ދެން ޝާމިލުކޮށް ދަޢުވަތުދިނުމާއި، ތަރުބަވީ އިރުޝާދު ދިނުމާއި، ޙިކްމަތާއި ހެޔޮ ވަޢުޡު ނަޞޭޙަތުން ދަޢުވަތު ދިނުމުން ބޭރުވެ އެއްކިބާވެދާނެއެވެ.
ހަމަކަށަވަރުން މިސްކިތުގެ ސަބަބުން މި ދީނަށް ވަރަށް ބޮޑު އަސަރެއް ކުރެއެވެ. އެހެނީ އެއީ ހިދާޔަތުގެ މުންނާރެވެ. އެތަން މެދުވެރިކޮށް އަޅާ އޭނާގެ ވެރި ރައްބާ ގުޅުވާދީ، އަދި އޭނާގެ އީމާންކަން ވަރުގަދަކޮށްދެއެވެ. އަދި ހެޔޮ ރަނގަޅު ކަންކަން ފެތުރުމަށާއި، ދަށު ދަރަޖައިގެ ނުބައި ކަންކަމާ ދެކޮޅަށް ހަނގުރާމަކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް އޭނާގެ އަޚުން ޖަމަޢަކޮށްދެނީވެސް އެ މިސްކިތެވެ. މި ބޮޑު މަޤާމުގައި މަޝްޣޫލުވެ، މި އަގުހުރި ވަޒީފާގެ މަސައްކަތްތައް އަދާކުރާނޭގޮތަށް، ޢިލްމީ ޤާބިލު ޞިފަތަކާއި އަދި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތައް ހިފަހައްޓާ އިމާމަކު؛ މި މިސްކިތަށްޓަކައި ﷲ ތަޢާލާ ތަނަވަސްކޮށްދެއްވައިފިނަމަ މެނުވީ މިސްކިތަށް އެކަން ނުކުރެވޭނެއެވެ.
ޚަޠީބެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ޢިލްމީ ސިފަތައް:
1 – ޢަމަލުގައި ﷲ އަށް އިޚުލާސްތެރިވުމެވެ. އެއީ ﷲ ގެ ޙަޟްރަތުގައި، އަދި މީސްތަކުންގެ ގާތުގައިވެސް ތާއީދު ލިބި، ނަޞްރުލިބި، މަޤުބޫލުވެ ލޯބި ލިބިގެންވާ މީހަކަށްވުމަށެވެ.
2- ދެއްކުންތެރިކަމާއި، ފަޚުރުވެރިވެކަމުން އެއްކިބާވުމެވެ. ފަހެ ކަންކަން ނިންމެނީ އޭގެ މަޤްޞަދުތަކުންނެވެ. އަދި ޢަމަލުތައްވަނީ ނިޔަތާ އެއްގޮތަށެވެ. ކޮންމެ މީހަކަށްވެސް ވަނީ ހަމައެކަނި އޭނާ ނިޔަތްގަތް ކަމެކެވެ. އަދި އެމީހެއްގެ ކިބައިގައި ނެތް ކަމަކުން ޒީނަތްތެރިވެގަނެފި މީހާ؛ ފަހެ ﷲ އެމީހަކު ހުތުރުކުރައްވާނެއެވެ.
3- މާތް الله ގެ ފޮތް ހިތުދަސްކޮށްފައިވާ، ނުވަތަ އޭގެ ކޮންމެވެސް މިންވަރެއް ހިތުދަސްކޮށްފައި ހުރި މީހަކަށްވުމެވެ. އަދި ހިތުދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރުމުގައި ދެމިހުންނަން ވާނެއެވެ. އަދި ޤުރުއާން ކިޔެވުމަށް ކޮންމެ ދުވަހަކުވެސް ވަކި މިންވަރެއް ހަމަޖައްސާފައި ވާންޖެހޭނެއެވެ.
4- ނަބަވީ ޙަދީޘްފުޅުތަކުން މިންވަރެއް ހިތުދަސްކުރެވިފައިވުމެވެ. އެއީ ރިޔާޟުއް ޞާލިޙީން، ނުވަތަ ނަވަވީގެ ސާޅީސް ޙަދީޘް، ނުވަތަ ބުލޫޣުލް މަރާމް، ނުވަތަ އެނޫންވެސް އެއަށް ބަރޯސާވެވޭ ޙަދީޘް ފޮތްތަކުންނެވެ.
5- ޞައްޙަ ޢަޤީދާކަމުގައިވާ، ހެޔޮވެގެންވާ ސަލަފުންގެ ޢަޤީދާ އުނގެނި ދަސްކޮށްފައިވުމެވެ.
6- ދީނުގެ ޙުކުމްތަކުގެ ފިޤުހު ދަސްކޮށް އުނގެނިފައިވުމެވެ. ޚާއްޞަކޮށް އަޅުކަމުގެ ފިޤުހެވެ. އޭގެ ތެރެއިންވެސް އެންމެ މުހިއްމު ކަންކަމީ: ޠަހާރަތާއި، ނަމާދާއި، ޒަކާތާއި، ރޯދައާއި ގުޅުންހުރި ޙުކުމްތަކެވެ. ހަމައެހެންމެ މުޢާމަލާތްތަކުގެ ފިޤުހުވެސްމެއެވެ. އެއީ އާމްދަނީ ހޯދުމާއި، ޚަރަދުކުރުމުގެ އުޞޫލުތައް އެނގުމަށެވެ. އަދި އޮޅުވާލުމާއި، މަކަރާއި ހީލަތާއި، މީހުންގެ ފައިސާ ބާޠިލުގޮތުގައި ނެގުމާމެދު މީސްތަކުންނަށް އިންޛާރު ދިނުމަށެވެ. އަދި އެފަދައިންމެ، އިސްރާފުކުރުމާއި، މުދާ ބޭކާރުކުރުމާއި، ދަހިވެތިކަމާއި، މުށްބާރުކުރުމާމެދުވެސް އެމީހުންނަށް އިންޛާރު ދިނުމަށެވެ. އެއީ އެމީހުންގެ މުދަލާއި ފައިސާއާ ގުޅޭ ކަންކަން ޤުރްއާނާއި ސުންނަތުގެ އަލީގައި ކުރެވޭ ކަންކަންކަމުގައި ވުމަށެވެ.
7- ޢަރަބި ބަހަށް ފަރިތަ މީހަކަށް ވާންޖެހެއެވެ. އެއީ މާތް الله އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ބާވައިލެއްވި އެއްޗެއްގެ މާނަތައް އެނގިގަތުމަށްޓަކައިއެވެ. އެހެނީ ޤުރުއާން ބާވައިލެއްވުނީ ޢަރަބިންގެ ބަހުންނެވެ.
8- ރަސޫލާގެ ސީރަތާއި، އެކަލޭގެފާނުގެ އަޚްލާޤީ ޞިފަތަކާއި، ސަލަފުއް ޞާލިޙުންގެ ސިޔަރަތުވެސް ކިޔުމެވެ. އެހެނީ އޭގައި ހެޔޮ ނަމޫނާއާއި، ރިވެތި މިސާލާއި، މަންފާހުރި ޢިލްމީ މުއްސަނދިކަމާއި، އިސްލާމީ މަތީ ޘަޤާފަތެއްވެއެވެ.
9- އޭނާގެ ޤައުމުގެ ޢިލްމުވެރިންނާއި، އެނޫންވެސް ޢަޤީދާއާއި ޢިލްމާއި ބުއްދި ސަލާމަތުން ރަނގަޅަށްހުރިކަމަށް އެނގިގެންވާ ހަރުދަނާ ވަރުގަދަ ޢިލްމުވެރިން ދަނެފައިވުމެވެ. އަދި ދީނުގެ މައްސަލަތަކާއި، އޭނާގެ މުޖްތަމަޢުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމުގައިވެސް، ބޭނުންޖެހޭ އެންމެހާ ކަމެއްގައި އޭނާ އެމީހުންނަށް ރުޖޫޢަވުމެވެ.
10- އިސްލާމީ ފިރުޤާތަކާއި އެވެރިން ޤަބޫލުކުރާ ޢަޤީދާތަކާއި، ފިކުރީ މިސްރާބުތަކާއި އޭގެ ލަނޑުދަނޑިތަކާއި، އަދި ފަނާކުރަނިވި މަޛުހަބުތަކާއި، އޭގެ އަމާޒުތައް އެނގިފައިވުމެވެ. އެއީ މާތް الله ގެ ފޮތާއި، އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތާއި، ތަޙްޤީޤުކުރި މުސްލިމް ޢިލްމުވެރިން ލިޔުއްވާފައިވާ ލިޔުންތަކުގެ އަލީގައި އެ ފިކުރުތަކާއި އޮއެވަރުތަކާ މުނާޤަޝާކޮށް، އަދި އޭގައި ހުރި އޮޅުވާލުންތަކަށް ފާޑުކިޔާ ރައްދުދީ، އަދި އޭގައި ހުރި ބާޠިލާމެދު އިންޛާރުދީ ހެދުމުގެ ކުޅަދާނަކަން އޭނާއަށް ލިބުމަށްޓަކައިއެވެ.
11- މުސްލިމުންގެ ޙާލަތާއި ކަންކަން މިހާރު ހުރި ގޮތާއި، އެމީހުންގެ ބަލިކަށިކަމާއި، ދުޝްމަނުން އެމީހުންގެ މައްޗަށް ގަދަވެފައިވާކަމަށްޓަކައި (އެކަމަށް ހޭލުންތެރިވެ) އަހައްމިއްޔުތަކަން ދޭ މީހަކަށްވުމެވެ. އަދި އެކަން އެހެންވީ ﷲ ތަޢާލާގެ ސީދާވެގެންވާ ހެޔޮ ރަނގަޅު މަންހަޖުން އެމީހުން ދުރުވެ، އަދި ﷲ އަށް އީމާންވުމާއި އެކަލާނގެ ޝަރުޢަށް ބޯލެނބުމުން އެމީހުން ބަލިކަށިިވުމުންކަން އޭނާ ދަންނަން ޖެހެއެވެ. ދެން އެހިނދުން، އެމީހުންގެ ދީނާއި ދުނިޔޭގައި މަންފާހުރި ކަންކަން އެމީހުންނަށް އުނގަންނައިދޭން އޭނާ މަސައްކަތްކުރާނެއެވެ.
12- ޚަޠީބުމީހާ ތަފާތު އެކި މީޑިޔާގެ ވަސީލަތްތައް ދެނެގަނެފައިވާން ޖޭހެނެވެ. އަދި އެ ވަސީލަތްތަކުގައި ހުރި ފައިދާތަކާއި ނުރަނގަޅު ކަންކަންވެސް އެނގިފައިވުމެވެ. އަދި ﷲ ގެ މަގަށް ގޮވާލާ ދަޢުވަތު ދިނުމުގައި އެތަކެތިން ބޭނުންހިފާނޭ ގޮތް ދެނެގަނެ، އަދި އޭނާގެ މުޖްތަމަޢުއާއި ނަފްސަށް އެ ކަންކަމުގައި ހުރި ނުރައްކާތަކާމެދު ހުށިޔާރުވެ ސަމާލުވެ ހުންނަންވާނެތެވެ.
މި ސިފަތައް ހުކުރު ޚުޠުބާ ކިޔާ މީހާގެ ގައިގައި ފުރިހަމަވެއްޖެނަމަ؛ ﷲ ތަޢާލާގެ އިޛްނަފުޅާއެކު އެކަމުގެ ސަބަބުން ސީދާވެ ޘާބިތުވުމާއި، ވަޒަން ހަމަކޮށްވުން ހެޔޮކޮށްވުން އުފެެދިގެންދާނެއެވެ.
އެންމެ މުހިންމު އަޚްލާޤީ ސިފަތައް:
1- މިސްކިތުގެ ޚަޠީބަކީ މިސްކިތުގެ ޖަމާޢަތާއި މިސްކިތުގެ އަވަށްޓެރިންނާއި އެނޫންވެސް ހާޒިރުވާ މީހުންނަށް ދަޢުވަތުދީ، އުނގަންނައިދޭ މީހަކަށް ވާންވާނެއެވެ. އެގޮތުން ﷲ ގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބައިގައި އޭނާ ހިފަންޖެހޭނެ މަތިވެރި ނަމޫނާވެއެވެ. އަދި އުއްމަތާއި ވެރިންނަށް ހުރި އެންމެ މަތިވެރި ރަނގަޅު މިސާލަކީ އެކަލޭގެފާނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، اللَّهގެ رسولއާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) اللَّهގެ ދަރުމައާއި، آخرةގެ ثوابއަށް އެދޭ، އަދި ގިނަގިނައިން اللَّه ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.) [އަލްއަޙްޒާބު: 21].
އަދި އޭނާގެ އަމިއްލަ ނަފްސާއި މިސްކިތަށް އަންނަ މީހުންވެސް ދުނިިޔަވީ އަދި ސިޔާސީ ވާހަކަތައް ދެއްކުމުން ދުރުކުރަން ޖެހެއެވެ. އަދި މިސްކިތަކީ ހަމައެކަނި ޢިލްމާއި އަޅުކަންކުރުމަށް ޚާއްޞަކުރެވިފައިވާ ތަނެއްކަމުގައި ހަދާހުށިކަމެވެ.
2- އޭނާއަކީ ސާފުތާހިރު، އަދި އަމިއްލަ ނަފްސު އިންތިޒާމުކުރެވިގެންވާ މީހަކަށް ވާންޖެހޭނެއެވެ. އަދި މިސްކިތުގެ ސާފުތާހިރުކަމާއި، މިސްކިތުގެ ތަކެތި ތަރުތީބުކޮށް އިންތިޒާމުކުރުމާއި، އެތަނުގެ ވަސީލަތްތައް ބެލެހެއްޓުމަށް ސަމާލުކަންދޭން ޖެހޭނެއެވެ. އަދި އެފަދަ ތަކެތީގައި އިސްރާފުތަކުން ދުރުހެލިވެ، މިސްކިތް ޒީނަތްތެރިކުރުމުން އެއްކިބާވާން ޖެހޭނެއެވެ.
3- ބޭރުފުށުގެ ޞިފައާއި އުޅުން ރިވެތި ރަނގަޅު މީހެއްކަމުގައި ވާންޖެހޭނެއެވެ. އެއީ ނަބިއްޔާ ﷺގެ ސުންނަތްތައް ކަމުގައިވާ: ތުނބުޅި ދިގުކުރުމާއި، މަތިމަސް ކޮށުމާއި، އަދި އެއާއެކު ހެދުން ތަނބިކަށްޓަކަށްވުރެ ތިރިކުރުމުން ދުރުވާން ޖެހޭނެއެވެ. އަދި މަޑުމައިތިރިކަމާއި ހަމަހިމޭންކޮށް ހުންނަ މީހެއްކަމުގައި އޭނާ ވާން ޖެހޭނެއެވެ. އަދި އިސްވެދިޔަ ހެޔޮވެގެންވާ ސަލަފުންގެ ބޭކަލުން رحمهم الله ގެ އަޘަރުތަކަށް ތަބަޢަވާ މީހެއްކަމުގައި ވާންޖެހޭނެއެވެ.
4- އަދި އޭނާއަކީ މަޑުމައިތިރި، ނިޔަނެތި، ރުޅިމަޑު، ރަޙުމްކުރާ މީހެއްކަމުގައި ވާން ޖެހެއެވެ. އެހެނީ އެއްވެސް ކަމެއްގައި މަޑުމައިތިރިކަން ވެއްޖެނަމަ އެކަމެއް ރީތި ނުވެނުދާނެއެވެ. އަދި އެއްވެސް ކަމަކުން މަޑުމައިތިރިކަން ނިގުޅިއްޖެނަމަ އެ ކަމެއް ހުތުރުނުވެ ނުދާނެއެވެ. އެއީ ޙަދީޘްގައި އައިސްފައިވާ ފަދައިންނެވެ. އެގޮތުން ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން އެކަމެއްގައި މަޑުމައިތިރިކަން ވެއްޖެ އެއްވެސް ކަމެއް ޒީނަތްތެރިވެގެން މެނުވީ ނުވެއެވެ. އަދި އެކަމަކުން މަޑުމައިތިރިކަން ގެއްލިއްޖެ އެއްވެސް ކަމެއް ހުތުރުވެގެން މެނުވީ ނުވެއެވެ." [163] ރިވާކުރެއްވީ މުސްލިމް: 2594.
ދެންފަހެ މިސްކިތަށް ދާ މީހުންގެ ތެރެއިން މީހަކަށް ގޯހެއް ހެދިއްޖެނަމަ؛ ފަހެ ޚަޠީބު އޭނާއަށް ހަރުކަށިކޮށް ބަސްބުނުން އެކަށީގެން ނުވެއެވެ. އޭގެ ބަދަލުގައި ޖެހޭނީ މަޑުމައިތިރިކަމާއެކު ނަސޭހަތްތެރިވާށެވެ. އަދި ހެޔޮ ރަނގަޅު ގޮތުގައި އޭނާއަށް އެކަމެއް ދަސްކޮށްދޭނީއެވެ. އެގޮތުން މުޢާވިޔާ ބްނުލް ޙަކަމު އަލްއަސްލަމީ رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: އެއްފަހަރަކު އަހަރެން رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم އާއެކު ނަމާދު ކުރަން ހުއްޓާ؛ އެތަނުން މީހަކު ކިނބިއްސެއް އެޅިއެވެ. ދެން އަހަރެން يرحمك الله އޭ ބުނެފީމެވެ. އެހިނދު މީސްތަކުން އަހަރެންނާ ދިމާލަށް ކަޅިހަދައިގަތެވެ. ދެން އަހަރެން ބުނެފީމެވެ: އަހަރެންނަށް ހުރި ނިކަމެތިކަމެއްގެ ބޮޑުކަމާއެވެ! ތިޔަބައިމީހުން އަހަރެންނާ ދިމާލަށް ތިޔަ ބަލަނީ ފަހެ ކޮން ކަމަކާހުރެ ހެއްޔެވެ؟ ދެން އެބައިމީހުން އެމީހުންގެ ފަލަމަސްގަނޑުތަކުގެ މަތީގައި އަތްތަކުން ތަޅަން ފެށިއެވެ. ދެން އެމީހުން އަހަރެން ހިމޭންކޮށްލުމަށް އުޅޭކަން ފެނުމުން އަހަރެން ހިމޭނުން ހުރީމެވެ. ދެންފަހެ ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم ނަމާދު ނިންމެވިއެވެ. -އެކަލޭގެފާނަށްޓަކައި ބައްޕައާއި މަންމަ ޤުރުބާން ހުއްޓެވެ.- އެކަލޭގެފާނަށްވުރެ ރަނގަޅަށް ކިޔަވައިދެއްވި މުދައްރިސެއް މީގެ ކުރިންވެސް އަދި ފަހުންވެސް އަހަރެން ނުދެކެމެވެ. މާތް ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު އަހަރެންނަށް އަޑުލައްވާ ފާޑުނުކިޔުއްވައެވެ. އަދި ތަޅައެއް ނުވަތަ ބަދުބަހެއް ބުނެ އެއްޗެހިވެސް ނުކިޔުއްވައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން މި ނަމާދުތަކުގައި މީސްތަކުން ދައްކާ އުޅޭ ވާހަކަތަކުން އެއްވެސް އެއްޗެއް ބުނުން އެކަށީގެން ނުވެއެވެ. އެ ނަމާދުވާކަން ކަށަވަރީ ތަސްބީޙަ ކިޔުމާއި، ތަކްބީރު ކިޔުމާއި، ޤުރްްއާން ކިޔެވުން ކަމުގައިއެވެ." [164] ރިވާކުރެއްވީ މުސްލިމު: 537.
5- އޭނާއަކީ ނިޔަނެތި، ހިތް މަޑުމޮޅި މީހެއްކަމުގައި ވާންޖެހެއެވެ. އެއީ މީސްތަކުން އޭނާ ވަށާލާ، ދެން އޭނާގެ އޯގާތެރިކަމާއި، އެހީތެރިކަމާއި، ޢިލްމުން ފައިދާ ލިބިގަތުމަށްޓަކައެވެ. އަދި އެމީހުންނަށް ޖެހޭ މުޞީބާތްތަކާއި ޙާޖަތްތަކުގައި އެމީހުންނާއެކު އޭނާ ތެދުވެ ހުރުމަށްޓަކައިއެވެ. އަދި މިސްކިތުގެ ރިސާލަތާ ގުޅުންހުރި ކަންތަކުގައި އޭނާ އެމީހުންނާ މަޝްވަރާކުރަން ވާނެއެވެ.
ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم ވެވަޑައިގެންނެވީ އެ ހުރިހާ ކަންތަކެއްގައި އެންމެ މަތިވެރި މަޤާމުގައިއެވެ. އެއީ އެކަލޭގެފާނާމެދު ﷲ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: (އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެވަޑައިގަތީ، اللَّهގެ حضرةން ލެއްވި رحمةއެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، خُلق ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفوކުރައްވާށެވެ! އަދި، އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި، ކަންތަކުގައި ކަލޭގެފާނު އެމީހުންނާ مشورةކުރައްވާށެވެ! ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزمކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّهއަށް وكيلކުރައްވާށެވެ! ހަމަކަށަވަރުން، وكيلކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ.) [އާލްޢިމްރާން: 159]
6- ކެތްތެރިކަމާއި ޔަޤީންކަމާއި، ބުނާ ބަސްތަކުގައި ތެދުވެރިވުމުގެ ޞިފަ އޭނާ އަށަގަންނުވަން ޖެހެއެވެ. އެއީ އޭނާގެ މިސްކިތާއި، އޭނާގެ ޖަމާޢަތުގެ މެދުގައި އިމާމުކަމުގެ ޝަރަފު އޭނާއަށް ޙައްޤުވުމަށްޓަކައިއެވެ. ފަހެ ކެތްތެރިކަމާއި ޔަޤީންކަމަކީ: އަޅާ ދީނުގެ އިމާމުކަމުގެ ދަރަޖައަށް ވާޞިލުކޮށްދޭ ދެ ކަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ أمرފުޅުން ތެދުމަގު ދައްކަވާ إمامންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آيةތަކާމެދު يقينކުރާ ކަމުގައި އެއުރެން ވޫއެވެ.) [އައްސަޖްދާ: 24]
7- ހުކުރު ޚުޠުބާގައި ވިޔަސް، ނުވަތަ އުނގަންނައިދިނުމުގެ ފިލާވަޅާއި ވަޢުޡު ދަރުހެއްގައި ވިޔަސް، ނުވަތަ މީހުންނާ ވާހަކަ ދެއްކުމުގައި ވިޔަސް އޭނާ ދައްކާ ވާހަކަތަކުގައި ތެދުވެރި މީހަކަށް ވާންޖެހޭނެއެވެ. އެއީ ތެދުވެރިކަމާއި، ހިދާޔަތާއި، ކާމިޔާބު ލިބިގެންވާ މީހުންގެ ތެރޭގައި ވެގަތުމަށްޓަކައިއެވެ. އެގޮތުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ކަމަށް އައިސްފައިވެއެވެ: "ތިޔަބައިމީހުންގެ މައްޗަށްވަނީ ތެދުވެރިކަމެވެ. ފަހެ ހަމަކަށަވަރުން ތެދުވެރިކަން، ހެޔޮކަމަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން ހެޔޮކަން މަގުދައްކަނީ ސުވަރުގެއަށެވެ. އަދި މީހާ ތެދުބުނެ، އަދި ތެދުވެރިވުމަށް ފަރުވާތެރިވުމުގައި ދެމިހުރެއެވެ. އެހެންގޮސް ﷲ ގެ ޙަޟްރަތުގައި ތެދުވެރި ޞިއްދީޤެއްކަމުގައި އޭނާ ލިޔެވިއްޖައުމަށް ދާންދެނެވެ. އަދި ތިޔަބައިމީހުން ދޮގުހެދުމާމެދު ޚަބަރުދާރުވާށެވެ! ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައި ފާޖިރުކަމަށެވެ. އަދި ނުބައި ފާޖިރުކަން މަގުދައްކަނީ ނަރަކައަށެވެ. އަދި މީހާ ދޮގުހަދާ، އަދި ދޮގުހެދޭތޯ ބެލުމުގައި ދެމިހުރެއެވެ. އެހެންގޮސް ﷲ ގެ ޙަޟްރަތުގައި އޭނާއީ ދޮގުވެރި ކައްޛާބެއްކަމުގައި ލިޔެވިއްޖައުމަށް ދާންދެނެވެ." ([165]). ރިވާކުރެއްވީ އަލްބުޚާރީ: 6094، އަދި މުސްލިމް: 2607 ގައިއެވެ. އެއީ ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنهގެ ޙަދީޘުންނެވެ.
ދޮގުހެދުމަކީ ނުބައިކަމެކެވެ. އަދި މުސީބާތެކެވެ. އަދި އެންމެ ބޮޑު ދޮގަކީ ﷲ ތަޢާލާގެ މައްޗަށް ހަދާ ދޮގެވެ. އަދި އެއްވެސް ޢިލްމެއްނެތި އެކަލާނގެއަށް ނިސްބަތްކޮށް ބަސްބުނުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حرامކުރެއްވިކަން ކަށަވަރީ، فاحشކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ފާފަކުރުމާއި، حقއަކާ ނުލައި (މީސްތަކުންނަށް) އަނިޔާވެރިވުމެވެ. އަދި އެ އެއްޗަކަށް އެއްވެސް حجّةއެއް ދެއްވާފައި ނުވާ އެއްޗެއް، ތިޔަބައިމީހުން، اللَّهއަށް شريكކުރުމެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް، اللَّهއާމެދު ތިޔަބައިމީހުން ބުނުމެވެ.) [އަލްއަޢުރާފު : 33]
މި މަތިވެރި އާޔަތުގައި އެންމެ ދަށުދަރަޖައިގެ ފާފަތަކުން ފެށިގެން ދެން އެންމެ މައްޗަށް، އެންމެ ބޮޑެތި ފާފަތައް އެއްކޮށްފައި ވެއެވެ. އެއީ ﷲ ގެ ނަންފުޅުތަކާއި ސިފަފުޅުތަކާއި އެކަލާނގެ ޝަރުޢާމެދު އެއްވެސް ޢިލްމެއްނެތި އެކަލާނގެ މައްޗަށް ބަސްބުނުމެވެ.
ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ދޮގުހެދުމަކީ އެންމެ ބޮޑެތި ދޮގުތަކުގެ ތެރޭގައި، އަދި އެންމެ ނުބައި ފާފަތަކުގެ ތެރޭގައިވާ ކަމެކެވެ. އަދި އެއީ އެކަންކުރާ މީހާއަށް ނަރަކައިގެ ވަޢީދުގެ ބަސް އިއްވިގެންވާ ބޮޑު ފާފައެކެވެ. އެގޮތުން އަލްމުޣީރާ ބްނު ޝުޢުބާ رضي الله عنه ވިދާޅުވިކަމަށް ރިވާކުރެވުނެވެ: ނަބިއްޔާ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ: “ތިމަންކަލޭގެފާނާމެދު ދޮގުހެދުމަކީ އެހެން މީހަކާމެދު ދޮގުހެދުމާއި އެއްފަދަ ކަމެއްނޫނެވެ. ތިމަންކަލޭގެފާނާމެދު ޤަޞްދުގައި ދޮގުހަދައިފި މީހަކު ފަހެ ނަރަކާގައި އޭނާ އިންނާނޭ ޖަގަހަ ތައްޔާރުކުރާށެވެ." ([166]). ރިވާކުރެއްވީ އަލްބުޚާރީ: 1291، އަދި މުސްލިމު: 4
ހެޔޮ ނިޔަތެއްގައިވިޔަސް، ހެޔޮކަމަށް ހިތްވަރު ދިނުމަށް ނުވަތަ ނުބައިކަމާ ދެކޮޅަށް ބިރުދެއްކުމުގެ ބޭނުމުގައި ވިޔަސް ބައެއް ދަރުސްވެރިން އަމަލުކުރާ ފަދައިން ދޮގުހެދުމުން ދުރުހެލިވާން ޖެހެއެވެ. ފަހެ އެއީ އެއްވެސް ހެޔޮކަމެއް އަދި ހިދާޔަތެއް އޭގައި ނެތް ނުބައި ހުތުރުކަމެކެވެ. އަދި އެ ދޮގުބުނާ މީހާއަކީ ޘަވާބު ނުލިބޭ ފާފަވެރިއެކެވެ. އަދި ފައިދާއެއް ނުލިބޭ އުރެދުންތެރިއެކެވެ.
8- ބަސް ފޯރުކޮށްދިނުމުގައި އަމާނާތްތެރި މީހެއްކަމުގައި އޭނާ ވާންޖެހެއެވެ. އަދި ޚަބަރުތަކުގެ ޞައްޙަކަން ޘާބިތުކުރަންޖެހެއެވެ. އަދި ފެތުރޭ ވާހަކަތަކުގައި ހިފުމަށް އޭނާ އަވަސްވެ ނުގަންނަހުށިކަމެވެ. އަދި އިތުބާރުކުރެވޭ ބަހަކަށް މެނުވީ ބަރޯސާވެގެން ނުވާނެއެވެ. ﷲ ތަޢާލާގެ ބަސްފުޅުގައި އަހަރުމެންނަށްވަނީ އެކަމަށް އަމުރުކުރައްވާފައިއެވެ: (އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް فاسقއަކު خبرއަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.) [އަލްޙުޖްރާތު: 6]
9- މީހުން ފަރުދާކޮށްދީ، އެމީހުންގެ ސިއްރުތައް ފޮރުވައިދިނުމުގައި ގަދައަޅާ ހުންނަން ޖެހެއެވެ. ފަހެ މުސްލިމަކު ފަރުދާކޮށްދީފި މީހާ؛ ﷲ ދުނިޔެއާއި އާޚިރަތުގައި އޭނާގެ ސިއްރު ފޮރުވާދެއްވާ ފަރުދާކޮށްދެއްވައެވެ. އަދި މުސްލިމުންގެ ސިއްރުތައް ބޭޒާރުކުރާ މީހާ، އޭނާގެ އަމިއްލަ ގޭގެ އެތެރޭގައި ފޮރުވިގެން އޮތަސް ﷲ އޭނާގެ ފޮރުވާފައިވާ ސިއްރު ނެރުއްވާ ފަޟީޙަތްކުރައްވާނެތެވެ. ފަހެ ޢަބްދު ﷲ ބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "މުސްލިމެއް ފަރުދާކޮށްދީ (އޭނާގެ ސިއްރު ފޮރުވާދީފި) މީހާ؛ ﷲ ޤިޔާމަތްދުވަހު އޭނާގެ ފަރުދާކޮށްދެއްވާނެއެވެ. (ޢައިބުތައް ފޮރުވާދެއްވާނެއެވެ.)" [167] މާތްﷲ ރުއްސުންލެއްވި أبي برزة الأسلميގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘް ކުރެއްވިއެވެ: “އޭ ދުލުން އީމާންވެ، ހިތަށް އީމާންތެރިކަން ނުވަދެ ތިބި މީހުންނޭވެ! މުސްލިމުންނާމެދު ޣީބަ ނުބުނާށެވެ. އަދި އެމީހުންގެ ސިއްރުތައް ހޯދަން ފަހަތުން ނޫޅޭށެވެ.ފަހެ ހަމަކަށަވަރުން އެއުރެންގެ ސިއްރުތައް ހޯދާ މީހެއްގެ ސިއްރުތައް ﷲ ހޯދާވޮޑިގަންނަވައެވެ. އަދި ﷲ އެމީހަކުގެ ފަހަތުން (ސިއްރުތައް ހާމަކުރައްވަން) ވޮޑިގެންފި މީހާ؛ އޭނާގެ ގޭތެރޭގައި އޮއްވާވެސް ފަޟީޙަތްކުރައްވާނެއެވެ." ([168]). ރިވާކުރެއްވީ އަލްބުޚާރީ: 2442، އަދި މުސްލިމު: 2580 ރިވާކުރެއްވީ އަބޫ ދާވޫދު: 4880.
އަށްވަނަ މައްސަލަ: ޚުޠުބާއާއި ޚަޠީބުގެ އަދަބުތައް:
1- ހުކުރު ޚުޠުބާއަކީ ވަކި މީހަކު، ނުވަތަ ޕާޓީއެއް، ނުވަތަ މުއައްސަސާއެއް، ނުވަތަ އެހެން ކަމެއްވެސް ޕުރޮމޯޓުކުރާ ޕްރޮޕެގެންޑާގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމުން ދުރުހެލިވާންޖެހެއެވެ. އަދި ޚުޠުބާ ވާންޖެހޭނީ ﷲ ތަޢާލާއާއި އެކަލާނގެ ދީނަށްޓަކައި ޚާލިޞްކޮށްވާ، އަދި އެކަލާނގެ ދަޢުވަތު ފޯރުކޮށްދީ، އެކަލާނގެ ކަލިމަފުޅު މަތިވެރިކުރުމަށްވާ އެއްޗެއްގެ ގޮތުގައިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި މިސްކިތްތައް ވަނީ اللَّهއަށެވެ. ފަހެ، ތިޔަބައިމީހުން اللَّهއާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ!) [އަލްޖިންނު: 18]
2- ޚުޠުބާ އަޑުއަހާ މީހުންނަށް ބުރަބޮޑުވެ، އަދި ޚުޠުބާ އަޑުއެހުމުން ނަފުރަތްތެރިވާ ހިސާބަށް ޚަޠީބު ދިގުކޮށްގެން ނުވާނެއެވެ. އަދި މައުޟޫޢު ގެއްލުވާލާ، (ފުރިހަމަކަމާއި އޮޅުންފިލުން) ކަނޑުވާލާ ވަރަށް ކުރުކޮށްގެންވެސް ނުވާނެއެވެ.
3- ޚަޠީބު ޚުޠުބާ ދޭއިރު، އަޑުއެހުންތެރިންގެ ތައްޔާރީ ހުރި ޙާލަތަށް ރިޢާޔަތްކުރަން ޖެހެއެވެ. އެގޮތުން ޢާއްމުންނަށް ނަގައިނުގަނެވޭފަދަ، ބަހުގެ ދުރު ލަފްޒުތައް ބޭނުންކުރުމުން އެއްކިބާވެ، އެމީހުންގެ ވިސްނުމާ އެއްވަރަށް ޢިބާރާތްތައް ތިރިކުރަން ޖެހެއެވެ. އަދި މެދުފަންތީގެ މީހުންނާމެދު މެދުފަންތިވެ، އަދި ޚާއްޞަ (މަތީ ފަންތީގެ) މީހުންނާމެދު ރިވެތިކޮށް މަތިކޮށްލަންޖެހެއެވެ. އެގޮތުން ހުރިހާ ފަންތިއަކާއި ގިންތިއަކާމެދު ޙިކުމަތްތެރިވެ، ކަންކަން އެ އޮންނަންޖެހޭ މަޤާމުތަކަށް ލާންޖެހެއެވެ. އަދި ކޮންމެ ޙާލެއްގައިވެސް، ޒީނަތްތެރިކޮށް މަތި އޮމާންކޮށްފައިވާ ބާޠިލު ބަސްތަކުން އޭނާގެ ވާހަކަތައް ދުރުކުރަން ޖެހޭނެއެވެ.
4- ދެކޮޅުވެރިކަމާއި ރުޅިވެރިކަން ހިލުވާލާފަދަ ޚިޔާލުތަފާތުވާ ކަންކަމުން އޭނާ އެއްކިބާވުން ހުއްޓެވެ. އެހެނީ ޚަޠީބުގެ އަސާސީ މަސައްކަތަކީ މީސްތަކުންނަށް އުނގަންނައިދީ، ޙައްޤުގެ މައްޗަށް އެމީހުންގެ ހިތްތައް އެކުވެރިކުރުވާ، ދެކޮޅުވެރިވެ ބައިބައިވާ ސަބަބުތައް އެމީހުންގެ މެދުން ނައްތާލުމެވެ.
5- އޭނާ ގަދަކަމުން ވާހަކަތައް ވަޒަނަކަށް ފައްތާ ރީތިކޮށް، އަދި މާ ފުނަށް ދާން އުޅެގެން ނުވާނެއެވެ. އޭގެ ބަދަލުގައި އޭނާގެ މައިގަނޑު ޤަޞްދަކަށް ވާންޖެހޭނީ އެންމެ ސާފު ކުރު ޢިބާރާތްތަކުން ފައިދާހުރި މާނަތައް ފޯރުކޮށްދިނުމެވެ.
6- ގަދަކަމުން ނުވާވަރުން، ނުރުހޭފަދަ ގޮތަކަށް، މަޝްހޫރު ޚަޠީބުންގެ ޝަޚްޞިއްޔަތުތައް ނަކަލުކޮށް ކޮޕީކުރަން އުޅުމުން ދުރުހެލިވާން ޖެހޭނެއެވެ. ފަހެ އޭގެ ސަބަބުން ނަފްސުތަކުގައި ހިތްހަމަނުޖެހުމާއި ނުރުހުންތެރިކަން އުފައްދައެވެ. ([169]). ބައްލަވާ: ޢަބްދުالله ބްނު ޟައިފު الله އަލްރުޙައިލީ ، އުސްލޫބު ޚުޠުބަތުލް ޖުމްޢާ: ޞަފްޙާ 12، 20، 22،. އަދި އަމީރު ބްނު މުޙައްމަދު އަލްމަދްރީ ލިޔުއްވި خمسون وصية ووصية لتكون خطيبًا ناجحًا ޞަފްޙާ 33، 73، 87.
ނުވަވަނަ މައްސަލަ: ޚުޠުބާގެ މަޤްޞަދާއި އަމާޒުތައް:
ހުކުރު ޚުތުބާ، އަންނަނިވި މަޤްޞަދުތައް ޙާޞިލުކުރުމަށް އަމާޒުކުރެވެން ޖެހެއެވެ:
1- ތައުޙީދުގެ އަޞްލުތަކާއި، އޭގެ މުހިއްމުކަމާއި، އޭގެ މާތްކަން ބަޔާންކޮށް، ޝިރުކުގެ ހުރިހާ ބާވަތްތަކާއި، ޞޫރަތަކާއި، ވަސީލަތްތަކުގެ މައްޗަށް އިންޒާރުދިނުން.
2- ﷲ ތަޢާލާ އާއި، އެކަލާނގެ ޙިސާބު ބެއްލެވުމާއި، އާޚިރަތުގައި އެކަލާނގެ ޖަޒާދެއްވާނޭކަން ހަނދުމަކޮށްދީ، އަދި ހިތްތަކަށް ދިރުންގެންނަ މާނަތަކުން ވަޢުޡު ނަޞޭޙަތްދީ ހަނދާންކޮށްދީ، އަދި ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން މަނާކުރުމަށް ގޮވާލުން.
3- ﷲ ތަޢާލާގެ ފޮތާއި، އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތުން މުސްލިމުންގެ ދީނުގެ ޙަޤީޤަތްތައް އެމީހުންނަށް އުނގަންނައިދީ ފިޤުހުވެރިކުރުން. އެއީ ޙައްދުފަހަނައެޅުމާއި ކަންފަސޭހަކޮށްލުމުން އަދަބު އަޚްލާޤު ސަލާމަތުން ބެހެއްޓުމަށް ސަމާލުކަން ދިނުމާއެކީއެވެ.
4- އިސްލާމްދީނާ ބެހޭގޮތުން އެނބުރޭ ނުބައި މަފްހޫމުތައް ރަނގަޅުކޮށް، އަދި ބުއްދިތަކުގެ ހަމަޖެހުން ގެއްލުވާލާ ގަޑުބަޑުކޮށްލުމަށްޓަކައި އެ ދީނުގެ ޢަދުއްވުން ފަތުރާ ޝުބުހަތަކާއި ބާޠިލު ބަސްތަކަށް ރައްދުދިނުމެވެ. އެއީ އެއްޗެހި ގޮވުމާއި، ބަދުބަސް ބުނުމުން ދުރުވެގެންވާ، ޙިކުމަތްތެރި، ޤަބޫލުކުރެވޭފަދަ އުސްލޫބަކުންނެވެ.
5 - ފަނާކުރަނިވި މަގުފުރައްދަނިވި ފިކުރުތަކާ ދިމާކޮށް ކުރިމަތިލުމެވެ. އެއީޞައްޙަ ގޮތުގައި އިސްލާމްދީން ހުށަހަޅާދީގެން، އަދި އެއީ ﷲ ތަޢާލާ އުއްމަތަށް ރުއްސަވާ، އަދި އުއްމަތްވެސް އެ އުއްމަތުގެ ދީންކަމުގައި ބަލައިގަނެފައިވާ އެ އުއްމަތުގެ އަޞްލީ މަންހަޖުކަމުގައި ނަގައިގެންނެވެ. އެދި އެއީ އެއާއެކު އެ ދީނުގެ ޚާއްޞަ ޞިފަތައްކަމުގައިވާ: ޝާމިލުކަމާއި، ވަޒަންހަމަކަމާއި، ފުންކަމާއި، ހެޔޮފާލު އިސްކުރުންފަދަ ކަންކަން ހާމަކޮށް ފާޅުކޮށްގެންނެވެ.
6- ދިރިއުޅުމާއި، މީސްތަކުން މިހާރު އުޅެމުންދާ ޙާލަތާ ޚުޠުބާ ގުޅުވައިލުމެވެ. އެއީ މުޖްތަމަޢުގެ ބަލިތަކަށް ފަރުވާކުރުމަށް އަމާޒުކޮށްގެން، އަދި މުޖްތަމަޢުގެ މައްސަލަތަކަށް އިސްލާމީ ސާފު ޝަރީޢަތުން ނެގިފައިވާ ޙައްލުތައް ހުށަހަޅާދީގެންނެވެ. އަދި އެއާއެކު ޢަޤީދާއަށާއި ޢަޤީދާ ރަނގަޅުކުރުމަށާއި، އިސްލާމްކަމާއި އީމާންކަމުގެ ރުކުންތަކާއި، އަންހެނުންނާއި މުސްލިމް ޢާއިލާއާ ގުޅުންހުރި ކަންކަމާއި، އެނޫންވެސް މީސްތަކުން ޙާޖަތް ޖެހިފައިވާ މައުޟޫޢުތަކަށް ސަމާލުކަން ދީގެންނެވެ.
7- އަހަރުގެ ދުވެލީގައި ތަކުރާރުވާ ތަފާތު އެކި މުނާސަބަތުތަކަށް ރިޢާޔަތްކުރުން. މިސާލަކަށް ރަމަޟާންމަހާއި، ޙައްޖާއި އެނޫން ކަންކަމެވެ. އެއީ އެކަންކަމާމެދު މަގު އަލިކޮށްދޭ ޢިލްމާއި މަޢުރިފާވެރިކަމަށް އަޑުއެހުންތެރިންގެ ވިސްނުންތައް މަޝްޣޫލުކޮށްލާ، އަދި ޝައުޤުވެރިކުރާ ކަމެކެވެ.
8- މުސްލިމުންގެ މެދުގައި އިސްލާމީ އަޚުވަންތަކަމުގެ މާނަ ކަށަވަރުކޮށްދީ، އަދި މުސްލިމުން ބައިބައިކުރާ ނަސްލީ، މަޒުހަބީ، ސަރަޙައްދީ އަދި އެނޫންވެސް ކަންކަމާ ގުޅިފައިވާ ޢަޞަބިއްޔަތާއި އޮއެވަރުތަކާ ދެކޮޅުހަދާ ކުރިމަތިލުން.
ދިހަވަނަ މައްސަލަ: ޚުޠުބާ ތައްޔާރުކުރާނެ ގޮތް:
ޚުޠުބާ ދޭ މީހާ ފަރުވާތެރިކަމާއެކު ރަނގަޅަށް ޚުޠުބާ ތައްޔާރުކުރުމަށް ސަމާލުކަންދީ، އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ:
ޢާދަކޮށް ޚުޠުބާ އެކުލެވިގެންވަނީ ތިން ބައެއްގެ މައްޗަށެވެ: އެއީ މުޤައްދިމާއާއި، މައުޟޫޢާއި، ނިންމުމެވެ. އެބައިތައް ލިޔުމުގެ ނުވަތަ ކިޔުމުގެ ތެރޭގައި އެގޮތަށް ޞަރީޙަކޮށް ސުރުޚީ ނޭޅިކަމުގައި ވިޔަސް، އެއީ އެއްބައި އަނެއްބަޔާ ގުޅި ލާމެހިގެން އެކުވެގެންވާ ބައިތަކެކެވެ. އޭގެ އެއްބައި އަނެއްބަޔާ ގުޅިގެންވުމުން ޚުޠުބާގެ ކޮލިޓީ ރަނގަޅުވެއެވެ. އެއީ ޚަޠީބުގެ ޤާބިލުކަމާއި، އޭނާގެ ޢިލްމުގެ މުއްސަނދިކަމާއި، އޭނާގެ ތަޖުރިބާ ހުރި މިންވަރެއްގެ މައްޗަށެވެ. ދެން ޚުޠުބާގެ ބައިތައް އިންތިޒާމުކުރެވި، އޭގެ އޮނިގަނޑު ފުރިހަމަވެ ވަރުގަދަވެއެވެ.
މިގޮތަށް އިންތިޒާމުވެ ފުރިހަމަވުމަކީ: މާނަތައް ސާފުވެ، މަޤްޞަދުތައް ހާމަވެ، އަޑުއެހުންތެރިން އޭނާގެ އަޑު ކަނުލާ އަޑުއެހުމާއި، އަދި ވަށައިގެން ތިބި މީހުންގެ ފުރިހަމަ ސަމާލުކަން އޭނާއަށް ލިބުން ޖާމިނުކޮށްދޭ ކަމެކެވެ.
މުޤައްދިމާ: ޚުޠުބާ ދޭ މީހާ އޭނާ ހުށަހަޅާ މުޤައްދިމާއާއި ފަށައިގަތުމަށް އަހައްމިއްޔަތުކަން ދޭންޖެހެއެވެ. އެގޮތުން އަޑުއަހާ މީހާގެ ސަމާލުކަން ދަމައިގަތުމަށް، އަދި ނަފްސުތައް އެކަމަށް ތައްޔާރުކުރާނޭ ގޮތަށް؛ ޚުޠުބާގެ މަޤްޞަދު ދޭހަކޮށްދޭ ފެށުމުގެ ޢިބާރާތްތައް ގެންނާނީއެވެ. އިންޒާރުދޭ ގޮތަށް ނުވަތަ ހިތްވަރުދޭ ގޮތަށްވާ ޤުރުއާނުގެ އާޔަތްތަކުން ނުވަތަ ނަބަވީ ބައެއް ބަލާޣާތްތެރި ޙިކްމަތްތަކުން އެކަން ކުރެވިދާނެއެވެ. މުޤައްދިމާއަކީ އަޑުއަހަން ތިބި މީހުންނަށް އެންމެ ފުރަތަމަ ޚަޠީބު ފޯރުކޮށްދޭ އެއްޗެވެ. ދެންފަހެ ރިވެތި ރަނގަޅު ހުށަހަޅާދިނުމަށް އެމީހުންނަށް ސިހުން ގެނުވައިފިނަމަ؛ ޚުޠުބާގެ ބާކީބަޔަށް މުރާލިކަމާއި ހީވާގިކަމާއެކު އެމީހުން ސަމާލުކަންދީގެން ތިބެން ކުޅަދާނަވެއެވެ.
އަދި ވާހަކައިގެ ކުރީކޮޅުގައި ވާހަކަ ދައްކާ މީހާގެ މަޤްޞަދު ދޭހަވާ އެއްޗެއް އޮންނަން ޖެހެއެވެ. އަދި އެނގިގެންވާގޮތުގައި: ހުކުރު ޚުޠުބާ ފެށެނީ الله އަށް ޙަމްދުކޮށް، އެކަލާނގެއަށް ޘަނާކިޔާ، އަދި ޝަހާދަތުގެ ދެކަލިމައަށް ހެކިވުމާއި، ﷲ ގެ ރަސޫލާ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަމުންނެވެ. ދެންފަހެ ޚުޠުބާގެ މައުޟޫޢުއާއި މަޤްޞަދަށް ދަލީލުކުރާފަދަ ލަފްޒުތަކެއް މި ލަފްޒުތަކުގައި ރިވެތިކޮށް ހޮވާލެވިގެންވާން ޖެހެއެވެ.
މައުޟޫޢު: މިއީ ޚުޠުބާގެ އެންމެ ބޮޑު މަޤްޞަދެވެ. ޚުޠުބާގެ ފެށުމުގައި ޞަރީޙަކޮށް އެ މައުޟޫޢު ބުނުންވެސް މުނާސަބު ކަމަކަށްވެދާނެއެވެ. މިސާލަކަށް: އަހަރެން ބޭނުންވަނީ މިވެނި އެވެނި ކަމަކާ ބެހޭގޮތުން ތިޔަބައިމީހުންނާ ވާހަކަދައްކާށޭ ބުނެގެންނެވެ...އެއީ އެ ދުވަސްވަރުގައި މުޖްތަމަޢުގައި އެކަންކަމުގައި ވާހަކަތައް ދައްކަމުންދާ، އަދި ހިތްހަމަޖެހޭ ޝިފާހުރި ބަސްތަކެއް އަޑުއެހުމަށް ކެތްމަދުވެފައިވާ ކަހަލަ ޤަޟިއްޔާއެއްކަމުގައި އެކަން ވާނަމައެވެ.
އަދި ފަހަރެއްގައި ޞަރީޙަކޮށް މައުޟޫޢު ބުނުން އެކަށީގެން ނުވެދާނެއެވެ. އެއީ އޮޅުންހުރި އުނދަގޫ ކަމަކަށްވާނަމަ، ނުވަތަ މީސްތަކުން ބައިބައިވާފަދަ ކަމަަކަށްވާނަމައެވެ. މި ޙާލަތުގައި ޚުޠުބާކިޔާ މީހާގެ މައްޗަށް އޮތީ މަޑުމަޑުން މައުޟޫޢުގެ ތެރެއަށް ވަދެ، ނުސީދާކޮށް އެއާމެދު ވާހަކަދެއްކުމެވެ. އެއީ މަންޠިޤީކޮށް ސިލްސިލާކޮށް ގުޅިފައިވާ ގޮތަކަށް އަޑުއެހުންތެރިން ދަމައިގަނެ، ބައިބައިވުމާއި ދެކޮޅުވެރިކަން ހިލިގެން ދިޔުމުން ދުރުވާގޮތަށް ޚަޠީބު ބޭނުންވާ އަމާޒަށް ވަޒަންހަމަކޮށް މެދުމިންކޮށް ފޯރުމަށެވެ. އަދި އެއިން ލާފައި، ޚަޠީބުގެ ލަނޑުދަނޑިއަށް ފޯރައެވެ. އެއީ ނަފްސުތައް އެކަމާމެދު ފުރަގަސްދީގެންވާނަމަ، ނުވަތަ އެއީ ނަފްސުތައް ފަރިތަ ވާހަކައެއްކަމުގައި ނުވާނަމަ އެ ވާހަކައަށް ނަފްސުތައް ތައްޔާރުކޮށްދީގެންނެވެ.
ޚުތުބާގެ މައުޟޫޢު އާންމުކޮށް ބިނާވެފައިވަނީ އަސާސީ ދެ ތަނބެއްގެ މައްޗަށެވެ: އެއީ ސާފުކޮށްދިނުމާއި ދަލީލުދެއްކުމެވެ.
ސާފުކޮށްދިނުމަށް ބަލާއިރު: އެއީ އޭނާ ވާހަކަދައްކާ މައުޟޫޢުގެ ތަޢާރަފެއް ގެނެސް، އެކަމެއްގެ ސިފަތަކާއި، ޚާއްޞަ ކަންކަމާއި، ފާހަގަކޮށްލެވޭ ކަންކަން ޛިކުރުކޮށްގެންނެވެ.
ދެންފަހެ ދަލީލު ދެއްކުމަށް ބަލާއިރު: ގިނަފަހަރު އެ މައުޟޫޢަކަށް ބާރުދޭ ދަލީލުތަކާއި، ޙުއްޖަތްތަކާއި، ބުރުހާނުތަކާއި، ހެކިތައް ދައްކަން ބޭނުންޖެހެއެވެ. އަދި ޢާދަކޮށް އެކަން ކުރެވޭނީ ޤުރްއާނާއި ސުންނަތާއި ސަލަފުންގެ ބަސްފުޅުތައް ގެނެސްގެންނެވެ. އަދި އަޅާކިޔާ ޤިޔާސްކުރުމުގެ ބާބުން ބައެއް ހާދިސާތަކާއި ހިނގާފައި ހުރި ވާހަކަތައް ވެސް ގެނެސްގެންނެވެ. އަދި ހެޔޮކަމާއި، އިމާމުވަންތަކަމާއި، މުރޫއަތްތެރިކަމާއި، ޒުހުދުވެރިކަމާއި، ހިތްވަރުގަދަކަމާއި، ވަރަޢަވެރިކަމުން އެނގިގެންވާ މަޝްހޫރު އިމާމުވެރި ބޭކަލުންނާއި ޙިކުމަތްތެރި ބޭކަލުންގެ އަރިހުން ނަޤުލުކުރުމަކީ މި ބާބުގައި ފައިދާހުރި ކަމެކެވެ. އެއީ މަޤާމު ނިޔާކުރާ ގޮތަކަށް، އަދި ބަސްބުނުން މުނާސަބުވާ ގޮތަކަށް ބަލައިގެންނެވެ.
ޚުޠުބާގެ ނިންމާލުން: ޚަޠީބު އޭނާގެ މައުޟޫޢު ހުށަހަޅައި ނިމުމުން، އެ ވާހަކައިގެ ފިކުރުތައް ޖަމަޢަކޮށްދޭ، އޭގެ މައުޟޫޢު ޚުލާޞާކޮށްދޭނެ މުނާސަބު ޚާތިމާއަކުން ނިންމާލުން ރިވެތިވެގެންވެއެވެ. އެއީ ތަފާތު އެކި ޢިބާރާތްތަކަކުން އަދި ޚުލާޞާ ކުރު އުސްލޫބަކުންނެވެ. އެހެނީ މި ޙާލަތުގައި ދިގުކުރުމަކީ ފޫހިކަން ގެނެސް، ވިސްނުމާއި ފިކުރު ބައިބައިކޮށްލާނެ ކަމެކެވެ.
އަދި ނިންމާލުމުގައި ދައްކާ ވާހަކާގައި އާ ފިކުރުތަކަކާއި އާ ދަލީލުތަކެއް ހިމެނުން އެކަށީގެން ނުވެއެވެ. އެހެނީ އޭރުން ނިންމުމަކަށް ނުވާނެއެވެ. އޭރުން ވާނީ ޚުޠުބާގެ ބައެއްކަމުގައި، އަދި ޚުޠުބާ އިތުރަށް ދަންމާލުމެއް ކަމުގައިއެވެ.
ނިންމުން އެއީ އަޑުއަހާ މީހާގެ ކަންފަތުގައި ޖެހި، ސިކުނޑީގައި ދެމިއޮންނަ އެންމެ ފަހު އެއްޗެއް ކަމުގައި ވާތީ އޭގެ އިޙްސާސާއި އަސަރު ވަރުގަދަ ވާންޖެހެއެވެ. އަދި އެ ނިންމުން އެކުލަވާލުމުގައި ބަލިކަށިކޮށް، އަދި ހުށަހަޅާދިނުމުގައި ބާރެއް ނެތްނަމަ، ޚުޠުބާގެ ފައިދާ ގެއްލިގެންދާނެއެވެ.
ޚުޠުބާގެ ނިންމުމަކީ: ލޯބިޖައްސާ ހިތްވަރުދިނުމުގައި ނުވަތަ އިންޛާރުދިނުމުގައި ނުވަތަ ދަލީލުދައްކާ ޘާބިތުކުރުމުގެ ގޮތުން މައުޟޫޢު ޖަމަޢަކޮށްދޭގޮތަށް، ކުރިން ނުގެންނަ ޤުރުއާނުގެ އާޔަތްތަކަކަށް ވެދާނެއެވެ. އަދި ހަމަ ޤުރްއާނުގެ އާޔަތްތަކުން ލިބޭ ފައިދާ ލިއްބައިދޭ ނަބަވީ ޙަދީޘެއް ކަމުގައިވެސް ހެދިދާނެއެވެ. އަދި އެއީ ޚުތުބާގައި ދިޔަ މައިގަނޑު ނުކުތާތައް ތަފާތު އުސްލޫބަކުން، އަދި ވަރުގަދަ އަސަރެއް ހުންނަ، ސާފުކޮށް ޖަމަޢަކުރާނެ ރޮނގަކުން އަނބުރާ އިޢާދަކުރުމެއް ކަމުގައިވެސް ހެދިދާނެއެވެ.
ޚަޠީބު ފަރުވާތެރިވެ ސަމާލުކަން ދޭންޖެހޭ ދެ މައްސަލައެއް އެބައޮތެވެ. އެއީ: މައުޟޫޢު އެއްގޮތްކުރުމާއި، އައުކޮށްލާ ބަދަލުކޮށްލުމެވެ.
މައުޟޫޢު އެއްގޮތްކުރުން: ޚުޠުބާ އެއް މައުޟޫޢަކަށް ޚާއްޞަކުރެވިފައި ވާންޖެހެއެވެ. އެއީ އެ މައުޟޫޢުގެ އަސާސްތައް ފުރިހަމައަށް ގެނެވި، އޭގެ ކަލިމަތަކާއި ބަސްމަގު ރިވެތިކުރެވި، އެ މައުޟޫޢަށް ފަރުވާކޮށް ވާހަކަދެއްކުން ފުންކުރެވޭ ގޮތަށެވެ. އެހެނީ އެއް ދަނޑިވަޅެއްގައި އެކި މައުޟޫޢުތައް ކަފިކަފިކޮށް، ޤަޟިއްޔާތައް ގިނަކުރުމަކީ ވިސްނުންތައް ބައިބައިކޮށްލާ (ސަމާލުކަން ގެއްލުވާލާ)، އެކަތި އަނެކަތި ހަނދާން ނެތުން މެދުވެރިކުރާ ކަމެކެވެ. އަދި ފޫހިވާ ގޮތަށް ދިގުކުރުމަށާއި، އޮފުކަން ގެއްލި ފަނޑުވެފައިވާ ޞޫރައެއް ދެއްކުމާއި، ފުނަށް ނުގޮސް މާ ތިލަކޮށް މައުޟޫޢަށް ސުރުޚީ އަޅާލަން މެދުވެރިކުރާ ކަމެކެވެ.
އާކޮށްލުމާއި ބަދަލުކޮށްލުން: މީގެ މާނައަކީ އޭނާގެ ހުރިހާ ޚުޠުބާތަކަކީ އެއް މައުޟޫޢުތަކެއްގެ މައްޗަށް ތަކުރާރުވާ، އެއިން ބޭރުނުވާ އެއްޗެއްކަމުގައި ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި އޭނާގެ މައުޟޫޢުތައް ތަފާތުކޮށްލާހުށިކަމެވެ. އެއީ ތައުޙީދާއި، އަޅުކަންތަކާއި، މުޢާމަލާތްތަކާއި، އެނޫންވެސް ޝަރީޢަތުގެ ހުރިހާ ކަންތަކެއް ޝާމިލުވެގެން ވުމަށެވެ.
އަދި އޭނާގެ އުސްލޫބާއި، ހުށަހަޅާ ވައްޓަފާޅި އަބަދު އެއްގޮތަކަށް ނުބަހައްޓާހުށިކަމެވެ. ކިއެއްތަ، އެއް ފަހަރު ސުވާލަކުން ހުށަހަޅައި، އަނެއްބައި ފަހަރު އެއްބަސްކޮށް ޤަރާރު ކުރެވޭ ބަޔާނަކުން ހުށަހަޅާ، އަނެއް ފަހަރު މިސާލުޖަހާ، ޙިކުމަތްތަކާއި (ޝަރީޢަތުގެ ޙުކުމްތަކާއި ނައްޞުތަކުގެ) ސިއްރުތަކަށް އިޝާރާތްކޮށްލާނީއެވެ. އެއީ އެއާއެކު މުޖުތަމަޢުގެ ދިރިއުޅުމުގެ ކަންކަން އޮތްގޮތް ނިޔާކުރާ ގޮތާއި، މީސްތަކުންގެ ޙާޖަތްތައް ހުރި ގޮތް ބެލުމާއި، އެމީހުންގެ މައްޗަށް މިހިރަ އަންނަ ބަދަލުވުންތަކުގެ އަސަރާ ފައިހަމަކުރާ ގޮތާއެކު، އެމީހުންނަށް އިރުޝާދުދީ ޢިލްމީ ވިސްނުން ދައްކައިދޭން ޖެހެއެވެ. ([170]). ބައްލަވާ: منهج في إعداد خطبة الجمعة، ޑރ.ޞާލިޙް ބްނު ޢަބްދުﷲ ބްނު ޙުމައިދު: ޞ.22 އާއި އޭގެ ފަސް
ހަތަރުވަނަ މަބްޙަޘު: މިސްކިތުގެ ޙުކުމްތައް
ފުރަތަމަ މަޠުލަބު: މިސްކިތުގެ މާނަ
ޝަރުޢީ ގޮތުން މިސްކިތަކީ: ފަރުޟު ފަސްނަމާދާއި ހުކުރު ނަމާދާއި އެނޫން ނަމާދުތައް ޤާއިމުކުރެވި، އެތަނުގައި ބަންގީގެ އަޑު އުފުލޭ ތަނެވެ. އަދި "މަސްޖިދު" (ސަޖިދަކުރާތަން) މި ނަން މިސްކިތަށް ދެވުނީ އެއީ ﷲ ތަޢާލާއަށް ސަޖިދަކުރުމަށްވާ ތަނަކަށްވުމުންނެވެ.
މިސްކިތާއި މުޞައްލާގެ (ނަމާދުގެ ނުވަތަ ނަމާދުކުރާ ތަނުގެ) ތަފާތު
މިސްކިތަކީ ދާއިމީ ގޮތެއްގައި ފަރުޟު ނަމާދު ކުރުމަށް ޚާއްޞަ ކުރެވި، އެކަމަށް ވަޤްފުކުރެވިފައިވާ ތަނެކެވެ. އަނެއްކޮޅުން މުޞައްލާއަކީ: ވަޤުތީ ގޮތުން، އެ ނަމާދެއްގެ ގަޑިޖެހޭ ނަމާދުކޮށްލުމަށް ނެގޭ ތަނެކެވެ. މިސާލަކަށް: މަދަރުސާތަކާއި، މުއައްސަސާތަކާއި، ފެކްޓަރީތަކާއި، ދަތުރުކުރާ މަގުތަކާއި އެހެން ތަންތަނުގައި ހުންނަ މުޞައްލާތަކެވެ. އެއީ ފަރުޟު ފަސްނަމާދުކުރުމަށް ވަޤްފުކުރެވިފައިވާ ތަންތަނެއް ނޫނެވެ. އަދި މުޞައްލާއަކަށް ވަތްނަމަވެސް ތަޙިއްޔަތުލް މަސްޖިދު (މަސްޖިދު ސުންނަތް) ކުރުން ސުންނަތް ވެގެން ނުވެއެވެ. އެ ނަމާދުކުރުން ސުންނަތްވެގެންވަނީ ހަމައެކަނި މިސްކިތަށް ވަންނައިރުއެވެ.
ދެވަނަ މަޠުލަބު: މިސްކިތް ބިނާކުރުމާއި އޭގެ މާތްކަން:
މިސްކިތްތަކަކީ ބިންމަތީގައިވާ އެންމެ ރަނގަޅު އަދި އެންމެ ޝަރަފުވެރި ތަންތަނެވެ. އެތަނުގައި އެންމެ މާތްވެގެންވާ އަޅުކަން ކުރެވެއެވެ. އެއީ ނަމާދެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އެތަންތާނގައި، އެކަލާނގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، اللَّه إذنދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތާނގައި އެކަލާނގެއަށް تسبيحކިޔައި އުޅެތެވެ.) (ވިޔަފާރިއެއް ނުވަތަ އެހެން އެއްވެސް ވިއްކުމެއް اللَّهގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު قائمކުޅައުމުންނާއި، زكاةދިނުމުން، އެއުރެން مشغولކޮށް ދުރުކޮށްނުލާ ފިރިހެނުންތަކެކެވެ. އެދުވަހެއްގައި، ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިއުޅޭ ދުވަހަށް، އެއުރެން ބިރުވެތިވެތެވެ.) [އައްނޫރު: 36-37]
ﷲ ތަޢާލާވަނީ ޝަރަފުވެރިކުރައްވާ، މާތްކުރެއްވުމުގެ ގޮތުން މިސްކިތްތައް އެކަލާނގެ ނަފްސުފުޅަށް ނިސްބަތްކުރައްވާފައިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: (اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ اسمފުޅު ނަންގަތުން މަނާކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟) [އަލްބަޤަރާ: 114] އަދިވެސް ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އަދި މިސްކިތްތައް ވަނީ اللَّهއަށެވެ. ފަހެ، ތިޔަބައިމީހުން اللَّهއާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ!) [އަލްޖިންނު: 18]
އެކަމަށްޓަކައި ޝަރީޢަތުގައިވަނީ މިސްކިތްތައް ބިނާކުރުމާއި، އަދި ޙިއްސީގޮތުންނާއި މަޢުނަވީގޮތުން އެތަންތަން އާރާސްތުކޮށް ފަޅުފިލުވުމަށް ބާރުއަޅުއްވާފައިއެވެ. އޭގެ ތެރޭގައި: ﷲ ތަޢާލާ ވަޙީކުރެއްވި މި ބަސްފުޅުވެއެވެ: (اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّهއަށާއި، آخرةދުވަހަށް إيمانވެ، ނަމާދު قائمކޮށް، زكاةދީ، اللَّهއަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.) [އައްތައުބާ: 18]
އަދި ޢުޘްމާނު ބްނު ޢައްފާނު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: رَسُولُ اللَّهِ صَلّى اللهُ عَلَيْهِ وسَلَّم ޙަދީޘްކުރެއްވިއެވެ: "ﷲ ގެ ވަޖްހުފުޅު އަދައިގެން މިސްކިތެއް ބިނާކޮށްފި މީހާއަށް އެފަދަ ގެޔެއް ﷲ ސުވަރުގޭގައި ބިނާކުރައްވާނެއެވެ." ([171]). ރިވާކުރެއްވީ އަލްބުޚާރީ: 450، އަދި މުސްލިމު: 533
ޖާބިރު ބްނު ޢަބްދި ﷲ رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: "ދޫނި ހާއްޔެއް ނުވަތަ އެއަށްވުރެ ކުޑަ ތަންކޮޅެއްވިޔަސް ﷲ އަށްޓަކައި މިސްކިތެއް ބިނާކޮށްފި މީހާއަށް، ﷲ ސުވަރުގޭގައި ގެޔެއް ބިނާކޮށްދެއްވާނެއެވެ." ([172]). ރިވާކުރެއްވީ އިބްނު މާޖާ: 738 ގައި، އަދި އަލްބޫޞީރީ 'އައްޒަވާއިދު' (1 /94) ގައި ވިދާޅުވިއެވެ: މިއީ ޞައްޙަ ސަނަދެކެވެ.
އަދި އެކަލޭގެފާނު صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ބަސްފުޅުގައިވާ: «ولو كمفحص قطاة» ގެ މާނައަކީ: އެބަހީ: އަންހެން ދޫނި ބިސް އެޅުމަށްޓަކައި ބިންމަތީގައި ތައްޔާރުކުރާ ޖަގަހައެވެ. އެކަލޭގެފާނު ޤަޞްދުކުރެއްވީ ޖާގަ ކުޑަކަން އިންތިހާއަށްވާކަމުގެ މިސާލު ޖައްސަވާށެވެ. އެއީ ކިތަންމެ ޖާގަ ކުޑަވިޔަސް، އެކަކުވެސް މީހަކު ބިނާކޮށްފައިވާ މިސްކިތެއްގެ އަގުކުޑަކޮށްލާ ދަށްކޮށް ނުލުމަށެވެ.
މިސްކިތް ބިނާކުރުމުގައި ހިއްސާވާ ކޮންމެ މީހަކު އޭގެ ތެރެއަށް ވަދެދާނެއެވެ. އެޅިގައު ނުވަތަ މަށި ދީގެންވިޔަސް، ނުވަތަ އަމިއްލަ އަތުން ބިނާކުރުމުގައި މަސައްކަތްކުރިޔަސް، ނުވަތަ މަސައްކަތު މީހުންނަށް އުޖޫރަ ދިނަސް، އަދި އެނޫންވެސް މިސްކިތް ބިނާކުރުމުގައި އަމިއްލަ ނަފްސުން ނުވަތަ މުދަަލުން އެހީ ދިންކަމަށް ނިސްބަތްކުރެވޭ މަސައްކަތްތަކެވެ. އެއީ އެކަމުގެ މައްޗަށްހުރި އަޖުރަށް އެދި އުއްމީދުކޮށްގެންނެވެ. އެއީ ސުވަރުގޭގައި ﷲ ތަޢާލާ އޭނާއަށް އެފަދަ ތަނެއް ނުވަތަ އެއަށްވުރެ ތަނަވަސްތަނެއް ބިނާކޮށްދެއްވާނޭކަމަށް އެދިގެންނެވެ. އެހެނީ ސުވަރުގޭގައިވާ ގެޔެއް ދުނިޔޭގައިވާ ގެޔަކާ އަޅާވެސް ނުކިޔޭނެއެވެ. އަދި އެ ދެ ތަން އަޅާކިޔޭނެ ނިސްބަތެއްވެސް ނުވެއެވެ. އެހެންކަމުން އެއީ ﷲ ތަޢާލާ އެމީހަކަށް ތަނަވަސްކަން ދެއްވި މީހާ؛ ހެޔޮރަނގަޅު ކަންކަން ކުރުމަށް، އަދި މި ޙަޔާތުގައި ފުރުސަތުގެ ބޭނުން ހިފުމަށް އަވަސްވެގަތުމަށް ހިތްވަރުދީ ބާރުއެޅުންވާ ކަމެކެވެ. އެގޮތުން އޭގެ ޘަވާބު އޭނާގެ ވެރި ރައްބުގެ ޙަޟްރަތުގައި އެތައް ގުނައެއް އިތުރުކުރެވިގެންވާ ގޮތަށް އޭނާއަށް ފެންނާނޭ ހެޔޮ ޢަމަލުތައް އާޚިރަތަށްޓަކައި އޭނާ އިސްކުރެއެވެ." [173] ބައްލަވާ: ޝެއިޚް އިބްނު ޖިބްރީން رحمه الله ލިޔުއްވާފައިވާ «فصول ومسائل تتعلق بالمساجد» (ޞ. 14)
ތިންވަނަ މަޠުލަބު: މިސްކިތްތައް އާރާސްތުކޮށް ފަޅުފިލުވުމާއި އޭގެ މާތްކަން:
މިސްކިތްތައް އާރާސްތުކުރުން އޭގެ ޢާއްމު މާނާގައި:އާރާސްތުކުރުމުގެ ދެ ވައްތަރު ކަމުގައިވާ ޙިއްސީ އަދި މަޢުނަވީ އާރާސްތުކުރުން ހިމެނެއެވެ. އެގޮތުން މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމާއި، އެތަންތަން ދިއްލުމާއި ކާރޕެޓު އެޅުމާއި، އެތަންތަނަށް ޚިދުމަތްކުރުމާއި ސާފުކުރުމާއި، އެތަންތަނުގައި ﷲ އަށް އަޅުކަންކުރުމާއި، އެ ތަންތަނަށް އިމާމުންނާއި މުދިމުން ޢައްޔަންކުރުމާއި، މިސްކިތްތަކުގައި ޤުރްއާނާއި ފިޤުހާއި ތަފްސީރާއި ޙަދީޘާއި އެނޫންވެސް ފައިދާކުރަނިވި ޢިލްމުތައް އުނގަންނައިދޭން ޛިކުރުގެ ޙަލްޤާތައް ހުޅުވުމާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންގެ ރިޒްޤުތައް ލިބޭގޮތަށް ހަމަޖެއްސުމާއި، އެތަންތަނަށް މަޞްލަޙަތުހުރި ކަންކަން ވަޤްފުކޮށްދިނުން، މިސާލަކަށް: އިމާމާއި، މުދިމާއި، އެދުރާއި، މިސްކިތްތަކުގައި ކިޔަވާ ދަރިވަރުންގެ ބޯހިޔާވަހިކަމަށް އުޅޭނެ ތަންތަން ވަޤްފުކުރުމާއި، ވުޟޫކުރާ ތަންތަން ހެދުމާއި އެނޫންވެސް މިސްކިތްތަކުގެ މަޞްލަޙަތުހުރި ކަންކަމާ ގުޅިފައިވާ ކަންކަން ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّهއަށާއި، آخرةދުވަހަށް إيمانވެ، ނަމާދު قائمކޮށް، زكاةދީ، اللَّهއަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ.) [އައްތައުބާ: 18]
މި މަތިވެރި އާޔަތުން މިސްކިތްތަކުގައި ނަމާދުކޮށް، އެތަންތަން ސާފުކޮށް، ހަލާކުވެފައިވާ ތަންތަން މަރާމާތުކޮށްގެން އެތަންތަން އާރާސްތުކުރި މީހުންނަށް އީމާންކަން ޘާބިތުކޮށްދެއެވެ. ([174]). ބައްލަވާ: މުޙައްމަދު އަލްޢުރުފަޖު ލިޔުއްވާފައިވާ «المشروع والممنوع في المسجد» (ޞ. 9)
ހަތަރުވަނަ މަޠުލަބު: މިސްކިތްތައް ފޮޅާ ސާފުކުރުމާއި، ހަޑި މުޑުދާރު ތަކެތިން އެތަންތަން ރައްކާތެރިކުރުން:
މިސްކިތްތަކަކީ އަޅުކަންކުރުމަށާއި ކިޔަމަންތެރިކަމުގެ ތެރެއިން ﷲ ތަޢާލާއާ ކުއްތަންވުމަށްވާ ތަންތަން ކަމުގައިވުން؛ އެތަންތަން ބެލެހެއްޓުމާއި، ހަޑިތަކެއްޗާއި ނަޖިހާއި ކުނިބުނިތަކުން އެތަންތަން ރައްކާތެރިކޮށް، ސާފުތާހިރުކަމާއި ރީތިކަމާއި ރިވެތިކަމުގެ ނަޞީބުހުރި ތަންތަންކަމުގައި ހެދުމަށް އަމުރު އައިސްފައިވެއެވެ.
ޝައިޚް އިބްނު ސިޢުދީ رحمه الله، ﷲ ތަޢާލާގެ މިބަސްފުޅުގެ ތަފްސީރުގައި ވިދާޅުވިއެވެ: (އެތަންތާނގައި، އެކަލާނގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަން މަތިވެރިކޮށް އުފުލުމަށް، اللَّه إذنދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތާނގައި އެކަލާނގެއަށް تسبيح ކިޔައި އުޅެތެވެ.) [އައްނޫރު :36]. ވިދާޅުވިއެވެ: ﴿أَنْ تُرْفَعَ وَيُذْكَرَ فِيهَا اسْمُهُ﴾ މި އާޔަތުގައި: މިތާ މިިވާ ދެކަމަކީ މިސްކިތްތަކުގެ ޙުކުމްތައް އޭގައި ޖަމަޢަވާ ދެ ކަމެވެ. އެގޮތުން މިސްކިތްތައް މަތިކޮށް އުފުލުމުގެ ތެރެއަށް: މިސްކިތްތައް ބިނާކުރުމާއި، ކުނިކެހުމާއި، ނަޖިސްތަކެއްޗާއި އުނދަގޫވާފަދަ ތަކެތިން ސާފުކުރުމާއި، އަދި ނަޖިހުން ރައްކާތެރިނުވާ މޮޔައިންނާއި ކުޑަކުދިންގެ ކިބައިން، އަދި ކާފަރުންގެ ކިބައިންވެސް އެ ތަންތަން ރައްކާތެރިކޮށް، އެ ތަންތަނުގައި ބާޠިލު ބޭކާރު ބަސްތަކާއި ޢަމަލުތައް ކުރެވުމާއި، ﷲ ގެ ޛިކުރު ފިޔަވައި އެހެން ވާހަކަތަކެއް އެތަނުގައި އަޑު އުފުލިގެން ދިޔުމުންވެސް ރައްކާތެރިކުރުން އޭގެ ތެރެއަށް ވަދެއެވެ." ([175]). “ތަފްސީރުއް ސިޢުދީ: (ޞ. 569).
އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ކަޅު އަންހެނަކު މިސްކިތް ސާފުކުރަމުން ގެންދިޔައެވެ. ދެން ﷲ ގެ ރަސޫލާ ﷺއަށް އެ އަންހެނާ ގެއްލުނެވެ. ދެން އޭނާ ކޮބައިތޯ އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ދެން އެބޭކަލުން ދެންނެވިއެވެ: އެކަނބުލޭގެ މަރުވެއްޖެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އެކަން އެންގިނަމައެވެ." ރާވީ ވިދާޅުވިއެވެ: ދެން އެމީހުން އެ އަންހެނާގެ ކަންތައް ކުޑަކަމެއް ގޮތުގައި ހެދިކަހަލައެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނަށް އޭނާގެ ޤަބުރަށް މަގުދައްކާށެވެ." ދެން އެމީހުން މަގުދައްކައިދިނެވެ. ދެން އެކަލޭގެފާނު އޭނާގެ މައްޗަށް ނަމާދުކުރެއްވިއެވެ. ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން މި ޤަބުރުތަކުގެ އަހުލުވެރިންގެ މައްޗަށް މި ޤަބުރުތައްވަނީ އަނދިރިކަމުން ފުރިފައިއެވެ. އަދި ތިމަންކަލޭގެފާނު އެމީހުންގެ މައްޗަށް ނަމާދުކުރެއްވުމުގެ ސަބަބުން ﷲ ޢައްޒަ ވަޖައްލަ އެމީހުންނަށްޓަކައި އެ ޤަބުރުތައް އަލިކޮށްދެއްވައެވެ." ([176]). ރިވާކުރެއްވީ އަލްބުޚާރީ: 460، އަދި މުސްލިމު: 956
އަނަސް رضي الله عنه ވިދާޅުވިކަމަށް ޘާބިތުވެގެންވެއެވެ: ތިމަންމެން ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم އާއެކު މިސްކިތުގައި ތިއްބާ، ރަށްފުށު ހިސާބު އަޢުރާބީއަކު އައިސް، ކޮޅަށްހުރެ މިސްކިތަށް ކުޑަކަމުދާން ހުއްޓެވެ. ދެން ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުން ހުއްޓާލާށޭ! ހުއްޓާށޭ ވިދާޅުވިއެވެ: ދެން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން އޭނާގެ ކުޑަކަމުދިޔުން މެދުކަނޑާ ނުލާށެވެ. އޭނާ ބަހައްޓާށެވެ." ދެން އެބޭކަލުން އޭނާ ކުޑަކަމުދާ ނިމެންދެން ދޫކޮށްލާފައި ބެހެއްޓިއެވެ. ދެން ﷲ ގެ ރަސޫލާ ﷺ އޭނާއަށް ގޮވާލައްވާފައި ޙަދީޘްކުރެއްވިއެވެ: ހަމަކަށަވަރުން މި މިސްކިތްތަކަކީ ތިޔަފަދަ ކުޑަކަމުދިޔުމާއި، ހަޑި މުޑުދާރު ތަކެއްޗަށް އެކަށީގެންވާ ތަންތަނެއް ނޫނެވެ. ހަމަކަށަވަރުން މި ތަންތަން ވާކަން ކަށަވަރީ ﷲ ޢައްޒަ ވަޖައްލަ ހަނދުމަކޮށް ޛިކުރުކުރުމާއި، ނަމާދުކުރުމާއި، ޤުރްއާން ކިޔެވުމަށެވެ." ދެން އެމީހުންގެ ތެރެއިން މީހަކަށް ފެންބާލިދީއެއް ގެނައުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. ދެން ފެން އަޅާފައި ހުރި ބާލިދީއެއް ގެނައުމުން އެކަލޭގެފާނު އެތަނަށް ފެންއޮއްސާލެއްވިއެވެ. ([177]). ރިވާކުރެއްވީ އަލްބުޚާރީ: 219 ކުރުކޮށް، އަދި މުސްލިމު: 285.
ކުޑަކަމުދާ ތަކެއްޗާއި އެފަދަ ތަކެއްޗަކީ އެތަންތަނަށް ޠަހާރަތު ޝަރުޠުވެގެންވާ މިސްކިތްތައް އެއިން ރައްކާތެރިކޮށް ޙިމާޔަތްކުރަން ޖެހޭ ތަކެތި ކަމާމެދު ޚިލާފެއް ނެތެވެ. އެގޮތުން މިސްކިތާއި، އެއާ ގުޅިފައިވާ ކާރޕެޓާއި، ފެންޑާއާއި، ފުރާޅުތަކާއި އެފަދަ ތަކެތި ހުރިހާ ނަޖިސްތަކުން ރައްކާތެރިކޮށް، އެއިން ތަނަކަށް އެފަދަ އެއްވެސް އެއްޗެއް ޖެހޭ ކޮންމެ ފަހަރަކު ޠާހިރުކުރަންޖެހެއެވެ.
ހަމަ މިގޮތަށް، ކަރުކެހިފައި އަންނަ ރޯގާއާއި، އަރިދަފުހާއި، ކުޅާއި، ލެޔާއި، ދޮހާއި އެފަދަ ހަޑިތަކެތިންވެސް މިސްކިތްތައް ތާޙިރުކުރަންޖެހޭކަން އައިސްފައިވެއެވެ. އެގޮތުން އަނަސް ބްނު މާލިކު رضي الله عنه ރިވާކުރެއްވި ގޮތުގައި: ނަބިއްޔާ ﷺ އަށް ޤިބްލައާވީ ދިމާލުގައި ރޯގާކުޅުގަނޑެއް ހުއްޓާ ފެނިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނަށް އެކަން ދަތި އުނދަގޫވެ، އެކަލޭގެފާނުގެ މޫނުފުޅުންވެސް އެކަން ފެންނަވަރަށް ދިޔައެވެ. ދެން އެކަލޭގެފާނު ތެދުވެވަޑައިގެން، އެކަލޭގެފާނުގެ އަތްޕުޅުން އެކަހާ ލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުގައި ތެދުވެހުންނައިރު އެމީހަކު އެހުންނަނީ އޭނާގެ ރައްބުގެ ޙަޟްރަތުގައި މުނާޖާ (ސިއްރުން ވާހަކަ) ދަންނަވާ ޙާލުގައިއެވެ. -ނުވަތަ އޭނާއާ ޤިބްލައާ ދެމެދު އޭނާގެ ވެރި ރައްބު ވޮޑިގެންވެއެވެ- ދެންފަހެ ތިޔައިން އެއްވެސް މީހަކު ޤިބްލަޔާވީ ދިމާލަށް ކުޅުނުޖަހާހުށިކަމެވެ. ނަމަވެސް އެކަމަކު އޭނާގެ ވާތްފަރާތަށް ނުވަތަ ފައިދަށަށް ކުޅުޖަހާށެވެ.” ދެން އެކަލޭގެފާނުގެ ރިދާކޮޅުގެ އަރިމަތި ނަންގަވާ، އޭގެ ތެރެއަށް ކުޅުޖެއްސެވުމަށްފަހު އެއްބައި އަނެއްބަޔަށް ރައްދުކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: "ނުވަތަ މިހެން ހަދާށެވެ." ([178]). ރިވާކުރެއްވީ އަލްބުޚާރީ: 405، އަދި މުސްލިމު: 551
މިސްކިތަށް ކުޅުޖެހުމާއި އަރިދަފުސް ރޯގާ ފޮޅުން ނަހީވެގެންވާކަމަށް ދަލީލުކުރާ އެތަކެއް ޙަދީޘްތަކެއް ވެއެވެ. އޭގެ ބައެއް ޙަދީޘްގައިވަނީ: ޤިބްލައާ ދިމާލަށް ނުވަތަ ކަނާތްފަރާތަށް ކުޅުޖެހުން ނަހީވެފައި، ވާތްފަރާތަށް ނުވަތަ ވާތުފައި ދަށަށް ކުޅުޖަހާފައި ދެން ފައި ހާކާލުމަށް އިޛްނަދެވިގެންނެވެ. ޝައްކެއްނެތް ގޮތުގައި ކުޅާއި ރޯގާއަކީ ޠަބީޢަތްތައް ފަކުރު ގަންނަ އެއްޗެކެވެ. އެހެންވެ، މިސްކިތުގެ ޤިބްލައާ ދިމާލަށް ކުޅުޖަހާފައި ވަނިކޮށް ފެނިވަޑައިގަތުމުން ނަބިއްޔާ ﷺ ކޯފާއިސްކުރެއްވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު ރަތްވެއްޖައުމަށް ދާންދެނެވެ. އަދި އެ ކުޅުގަނޑު ކަހާލުމަށް އެކަލޭގެފާނު އަވަސްވެވަޑައިގެންނެވިއެވެ. ދެން އެތަނުގައި މީރުވަސްދުވާ އެއްޗެއް ނުވަތަ ކުކުން އުނގުޅާލެއްވިއެވެ.
އެނގޭނެފަދައިން މިސްކިތަކީ މަށިން ހަދާފައިވާ މިސްކިތެއްނަމަ އެތަކެތި ކަހާލުން ފަސޭހައެވެ. އަދި އެ ބިމަކީ ވެލިންވާ ތަނެއްނަމަ އެތަނަށް ވެއްޓޭ (ހަޑި) އެއްޗެއް ވަޅުލެވިދާނެއެވެ. ނުވަތަ ހަޑިވެފައިވާ ވެލިކޮޅު ނަގާ އުކާލެވޭނެއެވެ.
ނަމަވެސް މިޒަމާނުގައި މިސްކިތްތަކަކީ ގިނަފަހަރު ތަޅުންއަޅާފައި، އަދި ސާފު ކާރޕެޓު އަޅާފައިވާ ތަންތަނަށްވުމުން؛ އެތަންތަނަށް ހަޑިތަކެއްޗާއި ކުނިތަކުގެ އަސަރު ކުރެއެވެ. އަދި އަރިދަފުސް ރޯގާއާއި، ކުޅާއި، ދޮސްފަދަ ތަކެތީގެ އަސަރުތައް އޭގައި ހާމަކޮށް ފެންނަން ހުރުމުން؛ ކާރޕެޓަށްވިޔަސް، ފާރަށްވިޔަސް، ނުވަތަ ތަޅުމަށް ވިޔަސް، ކުޅުޖެހުން މުޅިން މުޠުލަޤުކޮށް މަނާވެގެންވެއެވެ. އެހެންކަމުން ކުޅުޖަހަން ނުވަތަ ރޯގާފޮޅަން މީހަކަށް ޖެހިއްޖެނަމަ އޭނާއަށް އޮތީ އެކަންކުރަން މިސްކިތުން ނިކުތުމެވެ. ނުވަތަ ރުމާލެއް ނުވަތަ ޓިޝުލަކަށް ކުޅުޖަހާފައި ބޭރުކޮށްލުމެވެ. ނުވަތަ ހެދުމުގެ ފަސްބަޔަށް ކުޅުޖަހާފައި އެއްބައި އަނެއްބަޔާ ހާކާލާނީއެވެ. ޙަދީޘްގައިވާ ގޮތަށެވެ. އެއީ މިސްކިތް ސާފުކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައިއެވެ.
ޢާއިޝާ رضي الله عنها ވިދާޅުވިކަމަށް ރިވާކުރެވުނެވެ: ޤަބީލާތަކުގެ ތެރޭގައި (ނުވަތަ މީސްތަކުން ޖަމަޢަވާ ގެތަކުގެ ތެރޭގައި) މިސްކިތްތައް ބިނާކުރުމަށާއި، އެ މިސްކިތްތައް ސާފުކޮށް މީރުވަސްދުއްވާފައި ބެހެއްޓުމަށް ﷲ ގެ ރަސޫލާ ﷺ އަމުރުކުރެއްވިއެވެ. ސުފްޔާނު ވިދާޅުވިއެވެ: الدور ގައި މިސްކިތްތައް ބިނާކުރުމުގެ މުރާދަކީ: ޤަބީލާތަކުގައި މިސްކިތް ބިނާކުރުމެވެ. ([179]) ރިވާކުރެއްވީ އައްތިރުމިޛީ: 594، އަދި «فصول ومسائل تتعلق بالمساجد» ގެ ޞ: 27 ބައްލަވާ
ފަސްވަނަ މަޠުލަބު: ޤަބުރުމަތީ މިސްކިތް އެޅުން ނުވަތަ މިސްކިތުގެ ތެރެއަށް ޤަބުރު ވެއްދުމުގެ ޙުކުމް
ޤަބުރުގެ މަތީގައި މިސްކިތް އެޅުމަކީ ކޮންމެ މީހެއްގެ ޤަބުރު ކަމުގައި ވިޔަސް ހުއްދަކަމެއް ނޫނެވެ. ފަހެ މިކަން ވަނީ ނަހީވެގެންނެވެ. ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ: “ޤަބުރެއްގެ މަތީގައި މިސްކިތެއް ބިނާކޮށްގެން ނުވާނެ ކަމަށް އިމާމުން އިއްތިފާޤުވެގެންވެއެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިންވީ މީހުން ޤަބުރުތަކަކީ މިސްކިތްތަކެއް ކަމުގައި ހަދައި އުޅުނެވެ. ދަންނާށެވެ! ފަހެ ތިޔަބައިމީހުން ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި ނުހަދާހުށިކަމެވެ. ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެކަން ނަހީކުރައްވަމެވެ.”
އަދި މިސްކިތެއްގައި މަރުވެފައިވާ މީހަކު ވަޅުލުމަކީ ހުއްދަ ކަމެއް ނޫނެވެ. ޤަބުރު ވަޅުލެވުމުގެ ކުރިން ހުރީ މިސްކިތްނަމަ ބަދަލުކޮށްލެވޭނެއެވެ. އެއީ ޤަބުރު ބިމާ އެއްހަމަކޮށްގެންނެވެ. ނުވަތަ އެއީ އާ ޤަބުރެއްނަމަ ކޮނެ ނަގައިގެންނެވެ.
މިސްކިތް ބިނާކުރެވުނީ ޤަބުރަށް ފަހުގައި ނަމަ، އެއްގޮތަކީ މިސްކިތް ނައްތާލުމެވެ. އަނެއްގޮތަކީ ޤަބުރުގެ ޞޫރަ ފިލުވާލުމެވެ. ފަހެ ޤަބުރުގެ މަތީގައި ހުންނަ މިސްކިތުގައި ފަރުޟެއްވެސް ސުންނަތް ނަމާދެއްވެސް ނުކުރެވޭނެއެވެ. ފަހެ އެކަންވަނީ ނަހީވެގެންނެވެ.” ([180]). މަޖުމޫޢުލް ފަތާވާ: 22 / 194
ޝެއިޚުލް އިސްލާމް رحمه الله ގެންނެވި ދަލީލުތައް ފިޔަވައި ދެން އެކަމަށްވާ ދަލީލުތަކުގެ ތެރޭގައި: ޢާއިޝާ އާއި ޢަބްދު ﷲ ބްނު ޢައްބާސް ވިދާޅުވިކަމަށް ރިވާކުރެވިގެންވާ ޙަދީޘްވެއެވެ: ﷲ ގެ ރަސޫލާ ﷺ ގެ ގާތަށް މަރުގެ ސަކަރާތް ފޭބިހިނދު، އެކަލޭގެފާނުގެ ހެދުންކޮޅެއް މޫނު މައްޗަށް އެއްލަވަން ފެއްޓެވިއެވެ. ދެން ހާސްވެލައްވާ ހިނދު މޫނުފުޅުން އެ ނަންގަވައެވެ. އެ ޙާލަތުގައި އެކަލޭގެފާނު އޮންނަވާ ޙަދީޘްކުރެއްވިއެވެ: “ޔަހޫދީންނާއި ނަޞާރާއިންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. އެއުރެންގެ ނަބިއްޔުންގެ ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި އެއުރެން ހެދިއެވެ.” (އެހެން ޙަދީޘްކުރައްވަނީ) އެެމީހުން އެކުރި ކަންތަކާމެދު އެކަލޭގެފާނު އިންޛާރުދެއްވުމުގެ ގޮތުންނެވެ. ([181]). ރިވާކުރެއްވީ އަލްބުޚާރީ: 435، އަދި މުސްލިމު: 531
ރަސޫލާ، ﷺ ، މަރުގެ ސަކަރާތުގައި އޮންނަވާވެސް އެވަނީ: ޔަހޫދީންނާއި ނަޞާރާއިން އެމީހުންގެ ނަބިއްޔުންގެ ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި ނެގުމުން ﷲ ޢައްޒަ ވަޖައްލަ އެމީހުންނަށް ލަޢުނަތް ލެއްވިކަން ބަޔާންކުރައްވާފައިއެވެ. އަދި އެއީ ކުރިންއުޅުނު ކާފަރުންގެ ޢާދައެއްކަމުގައި އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. އެކަލޭގެފާނު އެގޮތަށް ބަޔާންކުރެއްވީ އެކަލޭގެފާނުގެ އުއްމަތް އެ ކާފަރުންނާ އެއްގޮތްވުމާމެދު އިންޛާރުދެއްވާ، އަދި ﷲ އާ ޝަރީކުކޮށް އެކަލާނގެ ނޫން ފަރާތަކަށް އަޅުކަންކުރުމުގެ ދޮރު ބަންދުކުރެއްވުމުގެ ގޮތުންނެވެ.
އަދިވެސް އުންމުލް މުއުމިނީން ޢާއިޝާގެ އަރިހުން ރިވާވެގެންވެއެވެ: އުންމު ޙަބީބާ އާއި އުންމު ސަލަމާއަށް ޙަބަޝާއިން ފެނިވަޑައިގެންނެވި، ތަޞްވީރުތަކެއް ހުރި ފައްޅިއެއްގެ ވާހަކަ ނަބިއްޔާ ﷺގެ އަރިހުގައި ނަންގަތެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން އެމީހުންގެ ތެރޭގައިވާ ޞާލިޙު މީހެއް މަރުވާހިނދު؛ އޭނާގެ ޤަބުރުގެ މަތީގައި މިސްކިތެއް އަޅައެވެ. އަދި އެތަނުގައި އެ ޞޫރަތައް ޞޫރަކޮށް ބަހައްޓައެވެ. ފަހެ އެމީހުންނީ ﷲ ގެ ޙަޟްރަތުގައި، ޤިޔާމަތް ދުވަހު ޚަލްޤުތަކުންގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހުންނެވެ." ([182]). ރިވާކުރެއްވީ އަލްބުޚާރީ: 427، އަދި މުސްލިމު: 528.
އަދިވެސް ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صَلّى اللهُ عَلَيْهِ وسَلَّم އެ އާލާސްކަންފުޅުން ތެދުވެވަޑައިނުގެންނެވި (އަވަހާރަވި) އާލާސްކަންފުޅުގައި ޙަދީޘްކުރެއްވިއެވެ: “ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ލަޢުނަތް ލައްވާށިއެވެ. އެއުރެންގެ ނަބިއްޔުންގެ ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި އެއުރެން ހެދިއެވެ.” އެކަންތައް ނުވިނަމަ (އެބަހީ: އެކަލޭގެފާނުގެ ޤަބުރުކޮޅު މިސްކިތެއްގެ ގޮތުގައި ނަގާފާނޭކަމުގެ ބިރު ނެތްނަމަ) އެކަލޭގެފާނުގެ ޤަބުރުކޮޅު ފާޅުކޮށް ނެރެވުނީހެވެ. ނަމަވެސް އެކަލޭގެފާނުގެ ޤަބުރު މިސްކިތެއްގެ ގޮތުގައި ނަގާފާނޭކަމަށް ބިރުހީކުރެވުނީއެވެ." ([183]). ރިވާކުރެއްވީ އަލްބުޚާރީ: 1390، އަދި މުސްލިމު: 529.
ހަވަނަ މަޠުލަބު: މިސްކިތްތައް ޒީނަތްތެރިކުރުމުގެ ޙުކުމް
މިސްކިތްތައް ޖަރީކޮށް ޒީނަތްތެރިކޮށް އެކަމާމެދު އެކަކު އަނެކަކާ ވާދަކޮށް ފަޚުރުވެރިވުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އަލްބުޚާރީ، ޢަބްދު ﷲ ބްނު ޢައްބާސް رضي الله عنهما ވިދާޅުވިކަމަށް ޛިކުރުކުރެއްވިއެވެ: “ޔަހޫދީންނާއި ނަޞާރާއިން (ފައްޅިތައް) ޒީނަތްތެރިކުރި ގޮތަށް ތިޔަބައިމީހުންވެސް މިސްކިތްތައް ޒީނަތްތެރިކުރާނޭކަން ކަށަވަރެވެ."
އަދި އަނަސް ބްނު މާލިކު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: "އެމީހުން އެ މިސްކިތްތަކާމެދު އެއްބަޔަކު އަނެއްބަޔަކަށް ފަޚުރުވެރިވެ މޮޅުވެގަނެއެވެ. ދެން އެއަށްފަހު މަދުން ނޫނީ އެމީހުން އެތަންތަން އާރާސްތުކޮށް ފަޅުފިލުވާ ނޫޅެއެވެ."
އަދި ޛިކުރުކުރެވިފައިވާ ގޮތުގައި، ޢުމަރުގެފާނު މިސްކިތްތައް ބިނާކުރުމަށް އަމުރުކުރައްވާ އަދި ވިދާޅުވިއެވެ: "މީސްތަކުން ވާރޭއިން ހިޔާކޮށްލާށެވެ. އަދި ރަތްކުލަ ނުވަތަ ރީނދޫކުލަ ލުމާމެދު ނަމަނަމަ ޚަބަރުދާރުވާށެވެ! އޭރުން ތިބާ މީސްތަކުންނަށް ފިތުނަވެރިކޮށްލާނެތެވެ. ” ([184]). މި އަޘަރުތައް އަލްބުޚާރީގެ ޞަޙީޙުގައި މުޢައްލަޤުކޮށް، ޔަޤީންކޮށްވާ ޞީޣާއިންނަށް ގެންނެވިއެވެ.(1/ 96-97)
މިދުވަސްވަރު މިވަނީ މިސްކިތްތަކާމެދު އެއްބަޔަކު އަނެއްބަޔަކު ފަޚުރުވެރިވެ ބޮޑާވުން ގިނަވެފައިއެވެ. އަދި އެތަންތަން ޒީނަތްތެރިކޮށް، އެކަމަށް ހޭދަކުރުމުގައި މީސްތަކުންވަނީ އިސްރާފުކޮށްފައިއެވެ. ގޯތިގެދޮރާއި، އުޅޭ ގެތަކުގައި އުވަލާ ބިނާކުރެވިއްޖެނަމަ އެހިނދުން މިސްކިތްތަކުގައި އުވަލާ ބިނާކުރުން ހުއްދަވެގެންވާކަމަށް ޝެއިޚުންވަނީ ފަތުވާދެއްވާފައިއެވެ. އެއީ ގެތަކާއި އުޅޭތަންތަނާ އަޅާބަލާއިރު މިސްކިތްތައް ސޫރަ ހުތުރު، ދަށްކުރެވިފައިވާ ތަންތަން ކަމުގައި ވިޔަނުދިނުމަށެވެ. ނަމަވެސް އެއީ ޒީނަތްތެރިކުރުމާއި، ކުލަކުލަޔާއި ދަވާދުތައްލުމުގައި އިސްރާފުކޮށް މާ ކަންތައްބޮޑު ކުރުމެއްނެތި، އަދި މިސްކިތްތަކުގެ ބިނާއަށް ޚަރަދުކުރެވޭ ކަންކަންކަމުގައިވާ މުށިޖެހުމާއި، ތަޅުން އެޅުމާއި، ކާރޕެޓް އެޅުމުގައިވެސް އެއަށް ޙާޖަތެއް ނުވާވަރަށް އެކި ފާޑުފާޑަށް ގެނައުމެއްނެތިއެވެ. އެއީ އެންމެ އާދައިގެ ކުޑަ ޢިމާރާތެއް ކޮށްލަންވެސް ޙާޖަތް ޖެހިގެންވާ މިސްކިތްތައް އެބަހުރިކަން ދަނެގެންވުމާ އެކުގައިއެވެ. އެހެންކަމުން އެފަދަ މިސްކިތްތައް އިމާރާތްކޮށް ބިނާކުރުމަށް މުދަލާއި ފައިސާ ހޭދަކުރަން ޖެހެއެވެ.
ޢަބްދު ﷲ ބްނު ޢުމަރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ގެ ދުވަސްވަރުގައި މިސްކިތް ބިނާކުރެވިގެންވީ މަށިގަލުންނެވެ. އަދި އެތަނުގެ ފުރާޅުވީ ކަދުރުރުކުގެ އޮށިންނެވެ. އަދި ތަނބުތައްވީ ކަދުރުރުކުގެ ލަކުޑިންނެވެ. ދެންފަހެ އަބޫބަކުރުގެފާނު މިސްކިތަށް އެއްވެސް އެއްޗެއް އިތުރު ނުކުރައްވައެވެ. އަދި ޢުމަރުގެފާނު މިސްކިތަށް އިތުރުކުރައްވާ، އަދި ﷲ ގެ ރަސޫލާ ﷺގެ ދުވަސްވަރުގައިވި ބިންގަލުގެ މަތީގައި؛ އެޅިގަލާއި، އޮށިން އަނބުރާ އެކަލޭގެފާނު ބިނާކުރެއްވިއެވެ. އަދި ތަނބުތައް ލަކުޑިން ހަމަ އިޢާދަކޮށްލެއްވިއެވެ. ދެން ޢުޘްމާނުގެފާނު އެތަން ބަދަލުކުރައްވާ، ވަރަށް ބޮޑަށް އިތުރުކުރެއްވިއެވެ. އަދި މިސްކިތުގެ ފާރުތައް؛ ކަނޑާނަގާފައި ހުރި ހިލަހިލަޔާއި ހުދު އުވައިން ބިނާކުރައްވާ، އަދި ތަނބުތައް ކަނޑާނަގާފައި ހުރި ހިލައިން ލައްވާ، އަދި ފުރާޅު ހައިވަކަރުން ލެއްވިއެވެ. ([185]). ރިވާކުރެއްވީ އަލްބުޚާރީ: 446
އަލްޢައްލާމާ ޢަބްދުލްޢަޒީޒް ބްނު ބާޒު رحمه الله ވިދާޅުވެފައިވެއެވެ: "ޢުޘްމާނު رضي الله عنه ގެ ޢަމަލުފުޅުން ދަލީލުކުރަނީ ކަނޑާނަގާފައި ހުންނަ ހިލަހިލަޔާއި، ރިވެތި ލަކުޑިންނާއި، ފާރުގައި ކުލަ ލައިގެން މިސްކިތް ރިވެތިކޮށްލުމަކީ މައްސަލައެއް އޮތްކަމެއް ނޫންކަމެވެ. އެއީ އިސްވެދިޔެ ސަލަފުންގެ ބޭކަލުންގެ ދިރިއުޅުން އެއަށްވުރެ މާ އައުލާވެ ހެޔޮވެގެންވިޔަސްމެއެވެ. ނަމަވެސް މީސްތަކުންގެ ގޯތިގެދޮރުތައް ރިވެތިކޮށް، ކުރީގެ މުސްކުޅި ވައްޓަފާޅިއަށް ބިނާކުރުމަށް ނަފްރަތްތެރިވެއްޖެނަމަ؛ މިސްކިތް އެހުރި މުސްކުޅި ޤަދީމީ ގޮތަށް ދޫކޮށްލާފައިވުމަކީ އޭގެ ސަބަބުން މިސްކިތްތަކުގައި އެމީހުން ނަމާދުކޮށް އެއްތަންވުމާމެދު ނަފުރަތްތެރިކުރުވާފާނެ ކަމެކެވެ. އެހެންކަމުން ޢުޘްމާނު رضي الله عنه ކަންތައް ކުރެއްވި ގޮތަށް ކަންތައް ކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ މިސްކިތްތަކަށް ހިތްވަރުދީ ޝައުޤުވެރިކުރުވުމުގެ ގޮތުންނެވެ. ދެންފަހެ އެއްބަޔަކު އަނެއްބަޔަކަށް ފަޚުރުވެރިވެ، މޮޅުކަމަށް ދެއްކުމަށް އެކަން ކުރުމެއް ނެތެވެ. އަދި މިސްކިތުގައި (ފާރުތަކާއި ބިނާގައި) ލިޔުން މަކްރޫހަވެގެންވެއެވެ. ފަހެ އައުލާވަނީ (އެއްވެސް ކުރެހުމެއް ލިޔުމެއްނެތި) ސާފުސާދާކޮށް ބެހެއްޓުމެވެ." އަލްޤަޙުޠާނީގެ "އަލްމަސާޖިދު" ފޮތުން ނަޤުލުކޮށްފައި، ސ.71
ހަތްވަނަ މަޠުލަބު: ކާފަރަކު މިސްކިތަށް ވަނުމުގެ ޙުކުމް:
އެއްވެސް ކާފަރަކަށް އަލްމަސްޖިދުލްޙަރާމާއި އެތަނުގެ ވަށައިގެންވާ މުޅި ޙަރަމްފުޅަށް ވަދެވޭނެ ފުރުސަތު ދިނުން މުސްލިމުންނަށް ޙަރާމްވެގެންވެއެވެ. އޭގެ އަޞްލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ: (އޭ إيمانވެއްޖެ މީސްތަކުންނޭވެ! مشركންނަކީ، ނަޖިސް ބަޔެއްކަން ކަށަވަރެވެ. ފަހެ، މިއަހަރަށްފަހު، حرمةތެރިވެގެންވާ މިސްކިތާ އެއުރެން، ކައިރިވިޔަ ނުދޭހުށިކަމެވެ!) [އައްތައުބާ: 28] އެހެން މިސްކިތްތަކަށް ބަލާއިރު، އެ ކާފަރުން އެތަންތަނަށް ވަންނަން ޝަރުޢީ މަޤްޞަދެއް އޮތްކަމުގައިވާނަމަ އެކަމުގައި މައްސަލައެއް ނެތެވެ. މިސާލަކަށް: އިސްލާމްދީނާ ބެހޭގޮތުން އަހާ އޮޅުން ފިލުވުމަށް، ނުވަތަ މިސްކިތާ ގުޅޭ މަސައްކަތެއް ކުރުމަށް، ނުވަތަ މުސްލިމުންގެ މަޞްލަޙަތު ހުރިކަމެއްގައި، ނުވަތަ ވަޢުޡު ނަޞޭޙަތެއް އަޑުއަހާލުމަށެވެ. ނުވަތަ ހުއްދަކަމެއް ކުރަންވެސް، މިސާލަކަށް މިސްކިތު ތެރޭގައި ހުންނަ ފެން ބުއިމަށް ވަނުންފަދަ ޙާލަތެއްގައިއެވެ. ފަހެ މި ޙާލަތްތަކުގައި އެކަން ހުއްދަވެގެންވެއެވެ. އެހެނީ ނަބިއްޔާ ﷺ ވަނީ ޘުމާމާ ބްނު އުޘާލު (އިސްލާމްވުމުގެ ކުރިން) މިސްކިތުގެ ތަނބެއްގައި ބަންނަވާފައިއެވެ. އެގޮތުން އަބޫ ހުރައިރާ رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ނަޖްދުކަރައާ ދިމާލަށް އަސްވާރުންތަކެއް ފޮނުއްވިއެވެ. ދެން ބަނޫ ޙަނީފާ ވަންހައިގެ، ޘުމާމާ ބްނު އުޘާލުއޭ ކިޔޭ މީހެއް ގޮވައިގެން އެމީހުން އައެވެ. އަދި މިސްކިތުގެ ތަނބުތަކުން ތަނބެއްގައި އޭނާ ބަނދެފައި ބޭންދިއެވެ. ދެން ނަބިއްޔާ ﷺ އޭނާގެ ގާތަށް ނިކުމެވަޑައިގެން ވިދާޅުވިއެވެ: "އޭ ޘުމާމާއެވެ! ތިބާގެ އަތުގައި ކޮންކަމެއް ހެއްޔެވެ؟" އޭނާ ދެންނެވިއެވެ: "އަހަރެންގެ އަތުގައި އޮތީ ހެޔޮކަމެކެވެ. އޭ މުޙައްމަދެވެ! ތިބާ އަހަރެން ޤަތުލުކޮށްލައިފިނަމަ ތިޔަ ޤަތުލުކުރަނީ އަގުހުރި ލެޔެއްގެ ވެރިއެކެވެ. ތިބާ (މާފުކޮށް ޢަފޫކޮށްގެން) ނިޢުމަތްދީފިނަމަ ތިޔަ ނިޢުމަތްދެނީ ޝުކުރުވެރިވާނޭ މީހަކަށެވެ. ތިބާ މުދަލާއި ފައިސާ ބޭނުންނަމަ އެއިން ބޭނުން އެއްޗަކަށް އެދި ސުވާލުކުރާށެވެ." ދެން އެކަލޭގެފާނު އޭނާ އަނެއް ދުވަސްވަންދެން ބެހެއްޓެވިއެވެ...." މިޙަދީޘެވެ. ([187]). މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި ނަޖުރާނުގެ ވަފުދެއް މިސްކިތަށް ވަނެވެ. އެމީހުންނީ ނަޞާރާއިންނެވެ. ([188]) އަދި ޟަމާމު ބްނު ޘަޢުލަބާވެސް، ނަބިއްޔާ ﷺ މިސްކިތުގައި އިންނަވަނިކޮށް އެކަލޭގެފާނުގެ އަރިހަށް ވަނެވެ. އެގޮތުން އަނަސް ބްނު މާލިކު ﷺ ވިދާޅުވިއެވެ: "އަހަރުމެން އެއް ފަހަރަކު ނަބިއްޔާ ﷺ އާއެކު މިސްކިތުގައި އިށީންދެގެން ތިއްބާ، ޖަމަލަކަށް އަރާ އިން މީހަކު މިސްކިތަށް ވަނެވެ. އަދި މިސްކިތުގައި އެސޮރު ބަނޑުޖައްސާ، ދެން އެއްސިއެވެ. ދެން އޭނާ ބުނެފިއެވެ: "ކަލޭމެންގެ ތެރެއިން މުޙައްމަދަކީ ކާކުހެއްޔެވެ؟" އޭރު ނަބިއްޔާ ﷺ އެބޭަކަލުންގެ ތެރޭގައި ލެގިލައްވައިގެން އިންނެވިއެވެ. ދެން އަހަރުމެން ދެންނެވީމެވެ. "ލެގިލައިގެން މި އިންނެވި ދޮން ބޭފުޅާއަކީ އެކަލޭގެފާނެވެ." ދެން އޭނާ ބުނެފިއެވެ: "އޭ ޢަބްދުލް މުއްޠަލިބުގެ ދަރިޔާއެވެ!" ދެން ނަބިއްޔާ ﷺ އޭނާއަށް ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނު ތިބާއަށް ޖަވާބުދެމެވެ." ދެން އޭނާ ނަބިއްޔާ ﷺ އަށް ދެންނެވިއެވެ: "އަހަރެން ތިބާއާ ސުވާލުކުރާނަމެވެ. އަދި ސުވާލުކުރުމުގައި ހަރުކަށިވާނަމެވެ. ފަހެ ތިބާގެ ނަފްސުގައި އަހަރެންނާމެދު ބުރަކަމެއް ނުބާއްވައްޗެވެ." ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިބާއަށް ފެންނަ ކަމަކާމެދު ސުވާލުކުރާށެވެ."...އެހެންގޮސް ދެން އެ މީހާ ދެންނެވިއެވެ: "ކަލޭގެފާނު އެކަމަކާގެން ތިޔަ ވަޑައިގެންނެވި ކަންތަކަށް އަހަރެން އީމާންވެއްޖައީމެވެ. އަދި އަހަރެންނަކީ އަހަރެންގެ ފަހަތުގައި ތިބި އަހަރެންގެ ޤައުމުގެ މީހުންގެ ފުށުން އައި ސަފީރަކީމެވެ. އަދި އަހަރެންނަކީ ބަނޫ ސަޢުދު ބްނު ބަކްރު ވަންހައިގެ އަޚާ ޟަމާމު ބްނު ޘަޢުލަބާއެވެ." ([189]). މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.) ރިވާކުރެއްވީ އަލްބުޚާރީ، ބައްލަވާ: އިބްނު ބާޒްގެ މަޖްމޫޢު ފަތާވާ ވަމަޤާލާތު، އަށްވަނަ މުޖައްލަދު، ކާފަރުން މިސްކިތްތަކަށް ވަނުމާ ބެހޭ ޙުކުމް، އަދި އައްލަޖްނާ އައްދާއިމާގެ ފަތުވާތައް: 6/ 276.
މިއީ މުދިމު (ބަންގި ގޮވާ މީހާ) އާއި، އިމާމާއި، ޚަޠީބު އެކަންކަމަށް ބޭނުންޖެހޭ ކަންކަމާއި، އަދި މިސްކިތްތަކުގެ ޙުކުމްތަކާ ގުޅޭ ކަންކަމުން އަހަރުމެންނަށް ގެންނަން ކުޅަދާނަވި މިންވަރެވެ. އަދި މުދިމާއި، އިމާމާއި، ޚަޠީބަށް އަހަރުމެން ވަޞިއްޔަތް ކުރަނީ ﷲ ޖައްލަ ވަޢަލާއަށް ތަޤުވާވެރިވެ، އަދި ޢިލްމު އުނގެނި އަދި ޢިލްމު ފެތުރުމަށް ގަދައަޅާ މަސައްކަތްކުރުމަށާއި، އެކަމަށް ސަމާލުކަންދީ ފަރުވާތެރިވުމަށެވެ.
މިއެވެ. ތައުފީޤަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ. ﷲ ތަޢާލާ އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި، އެންމެހާ ޞަޙާބީންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وآخر دعوانا أن الحمد لله رب العالمين.
ބަންގިގޮވާ މީހާއާއި، އިމާމުމީހާއާއި ޚަޠީބަށް ފައިދާކުރާނޭ ބައެއް މަޞްދަރުތައް
އަލްއަޒާން ވަލް އިޤާމަތު، ޑރ. ސަޢީދު ބްނު ޢަލީ ބްނު ވަހްފު އަލްޤަޙްޠާނީ، ޗާޕުކުރީ: މަޠުބަޢަތު ސަފީރު، އައްރިޔާޟު
އަޙުކާމުލް އިމާމާ ވަލްއިއުތިމާމި ފިއްޞަލާތި، ޑރ.ޢަބްދުލް މުޙްސިން އަލްމުނީފް.
އަލްއިމާމަތު ފިއްޞަލާތި ފީ ޟައުއިލް ކިތާބި ވައްސުންނާ، ސަޢީދު ބްނު ޢަލީ ބްނު ވަހްފު އަލްޤަޙުޠާނީ.
އުސްލޫބު ޚުޠުބަތިލް ޖުމްޢާ، ޢަބްދު الله ބްނު ޟައިފުު ﷲ އައްރުޙައިލީ، ޕަބްލިޝަރ: ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައް ދަޢުވާ ވަލްއިރްޝާދު، ސަޢުދީޢަރަބިއްޔާ
الإمامة في الصلاة - مفهوم، وفضائل، وأنواع، وآداب، وأحكام في ضوء الكتاب والسُّنَّة، (ޤުރުއާނާއި ސުންނަތުގެ އަލީގައި އިމާމުވެ ނަމާދު ކުރުން- މަފުހޫމާއި، މާތްކަމާއި، ވައްތަރުތަކާއި، އަދަބުތަކާއި، ޙުކުމްތައް) ލިޔުނީ ޑރ. ސަޢީދު ބްނު ޢަލީ ބްނު ވަހްފު އަލްޤަޙްޠާނީ، ޕަބްލިޝަރ: މަޠުބަޢަތު ސަފީރު، ރިޔާޟް.
خطب الجمعة ومسؤوليات الخطباء،(ހުކުރު ޚުޠުބާތަކާއި، ޚުޠުބާދޭ މީހުންގެ މަސްއޫލިއްޔަތުތައް)، ތައްޔާރުކުރީ: މަޖްލިސް އައްދަޢުވާ ވަލްއިރުޝާދު، ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައްދަޢުވާ ވަލްއިރްޝާދު، ސަޢުދީ ޢަރަބިއްޔާ.
خطبة الجمعة في الكتاب والسنة (ޤުރުއާނާއި ސުންނަތުގެ އަލީގައި ހުކުރު ޚުޠުބާ)، ޢަބްދުއްރަޙްމާން ބްނު މުޙައްމަދު އަލްޙަމަދު، ޕަބްލިޝަރ: ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައްދަޢުވާ ވަލްއިރްޝާދު، ސަޢުދީ ޢަރަބިއްޔާ.
خطبة الجمعة وأحكامها الفقهية (ހުކުރު ޚުތުބާއާއި އޭގެ ފިޤުހުގެ އަޙުކާމުތައް)، ޢަބްދުލްޢަޒީޒް ބްނު މުޙައްމަދު ބްނު ޢަބްދު ﷲ އަލްޙުޖައިލާން، ޕަބްލިޝަރ: ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައްދަޢުވާ ވަލްއިރްޝާދު، މަރްކަޒުލް ބުޙޫޘި ވައްދިރާސާތިލް އިސްލާމިއްޔާ
خطبة الجمعة ودورها في تربية الأمة (ހުކުރު ޚުތުބާއާއި އުއްމަތް ތަރުބިއްޔަތު ކުރުމުގައި އޭގެ ދައުރު)، ޢަބްދުލް ޣަނީ އަޙްމަދު ޖަބްރު މުޒްހިރު، ޕަބްލިޝަރ: ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައްދަޢުވާ ވަލްއިރްޝާދު، ސަޢުދީ ޢަރަބިއްޔާ.
خمسون وصية ووصية لتكون خطيبًا ناجحًا (ކާމިޔާބު ޚަޠީބަކަށް ވުމަށް ފަންސާސް އެއް ވަޞިއްޔަތް) އަމީރު ބްނު މުޙައްމަދު އަލްމަދްރީ، ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައްދަޢުވާ ވަލްއިރްޝާދު، ސަޢުދީ ޢަރަބިއްޔާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވެއެވެ.
صلاة الجمعة - مفهوم، وشروط، وفضائل، وخصائص، وآداب، وأحكام في ضوء الكتاب والسنة (ޤުރުއާނާއި ސުންނަތުގެ އަލީގައި ހުކުރު ނަމާދު- މަފުހޫމާއި، ޝަރުޠުތަކާއި، ޚާއްޞަ ޞިފަތަކާއި، އަދަބުތަކާއި، ޙުކުމްތައް) ލިޔުނީ ޑރ. ސަޢީދު ބްނު ޢަލީ ބްނު ވަހްފު އަލްޤަޙްޠާނީ، ޕަބްލިޝަރ: މަޠުބަޢަތު ސަފީރު، ރިޔާޟް.
منبر الجمعة أمانة ومسؤولية (ހުކުރު މިންބަރަކީ އަމާނާތެއް އަދި ޒިންމާއެއް)، ޢަބްދު ﷲ ބްނު މުހައްމަދު ބްނު ޙުމައްޔިދު، ޕަބްލިޝަރ: ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައްދަޢުވާ ވަލްއިރްޝާދު، ސަޢުދީ ޢަރަބިއްޔާ.
منهج في إعداد خطبة الجمعة (ހުކުރު ޚުޠުބާ ތައްޔާރުކުރުމުގައިވާ މަންހަޖެއް)، ޑރ.ޞާލިޙު ބްނު ޢަބްދު ﷲ ބްނު ޙުމައިދު، ޕަބްލިޝަރ: ވުޒާރަތުއް ޝުއޫނިލް އިސްލާމިއްޔާ ވައްދަޢުވާ ވަލްއިރްޝާދު، ސަޢުދީ ޢަރަބިއްޔާ.
رسائل للأئمة والمؤذنين (އިމާމުންނާއި މުދިމުންނަށްވާ މެސެޖުތަކެއް)، ޝައިޚް ޢަބްދުالله ބްނު ޞާލިޙް އަލްފައުޒާން، ދާރު އިބްނު އަލްޖައުޒީ
رسالة إلى أئمة المساجد والمؤذنين والمأمومين (މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނާއި މައުމޫމުންނަށްވާ ރިސާލާއެއް)، ޝެއިޚު ޢަބްދު ﷲ ބްނު ޖާރު ﷲ އަލްޖާރު ﷲ
މައުސޫޢަތުލް ފިޤްހި އަލްކުވައިތިއްޔާ، އަދި މައުސޫޢަތުއް ދުރަރުއް ސަނިއްޔާ، ޚުޠުބާއާއި އިމާމުކަމާއި ބަންގިައާއި މިސްކިތްތަކާ ބެހޭ ބާބުތައް.
Related books
All books
إعداد خطيب ماهر33 languagesخطيبإعداد خطيب ماهر
(بسم الله الرحمن الرحيم) ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ ނަންފުޅުން ފަށަމެވެ. ހަމަކަށަވަރުން އެންމެހާ ޙަމްދެއް ހުރީ ﷲ އަށެވެ. އަޅަމެން އެ އިލާހަށް ޙަމްދުކުރަމެވެ. އަދި އެ އިލާހުގެ ޙަޟްރަތުން އެހީތެރިކަމަށް އެދެމެވެ. އަދި އެ އިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި، އަޅަމެންގެ ނުބައި ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ. ﷲ ތެދުމަގު ދައްކަވާ މީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވެއެވެ. އަދި އެއިލާހު މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދެއްކޭނެ މީހަކު ނުވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ…
އަހަރެން އުފެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ އަދި އެއީ ކޮން މަގުސަދެއްގައި ހެއްޔެވެ؟75 languagesއަހަރެން އުފެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ އަދި އެއީ ކޮން މަގުސަދެއްގައި ހެއްޔެވެ؟
ކޮންމެ އެއްޗެއްވެސް ދަލީލުކުރަނީ ހެއްދެވި ފަރާތް ވޮޑިގެންވާކަމަށެވެ. އުޑުތަކާއި ބިމާއި އެތަންތަނުގައި ވަށާނުލެވޭ ބޮޑެތި މަޚްލޫޤުން އުފެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ އުޑާއި ބިމުގައި މި ނާޒުކު މޮޅު ނިޒާމު އުފެއްދެވީ ކާކު ހެއްޔެވެ؟ އިންސާނާ އުފައްދަވައި، އަޑުއެހުމާއި ފެނުމާއި ބުއްދި ދެއްވައި، ޢިލްމު ހޯދުމާއި، ޙަޤީޤަތްތައް ވިސްނުމުގެ ޤާބިލުކަން ދެއްވީ ކާކު ހެއްޔެވެ؟ ތިބާގެ ހަށިގަނޑާއި އަދި ދިރޭ ތަކެތީގެ ހަށިތަކުގައިވާ ނިޒާމުތަކުގައިވާ މި ނާޒުކު ކަވި އުފެއްދެވުން ތިބާ ބަޔާންކޮށްދެނީ ކިހިނެއް ހެއްޔެވެ؟ އެ ފަންނުވެރިކޮށް އުފެއްދެވީ ކާކު ހެއްޔެވެ؟ މި ބޮޑު ކައުނު، ނާޒުކުކޮށް ހިނގަމުންދާ…
الدروس المهمة لعامة الأمة78 languagesالدروس المهمة لعامة الأمة
يهدف الكتاب إلى تعليم المسلمين أساسيات دينهم بطريقة مبسطة وشاملة. يتناول مجموعة من الدروس المهمة مثل قراءة الفاتحة وقصار السور، وأركان الإسلام والإيمان، وأقسام التوحيد والشرك، وشروط وأركان وواجبات الصلاة، بالإضافة إلى مبطلاتها، مع بيان مختصر لشروط الوضوء وفروضه ونواقضه. كما يسلط الضوء على التحلي بالأخلاق الإسلامية والآداب الشرعية، ويقدم إرشادات لطيفة حول تجهيز الميت والصلاة عليه ودفنه.
ބަންގީގެ ލަފްޒުތަކުގެ ޝަރަޙަ55 languagesބަންގީގެ ލަފްޒުތަކުގެ ޝަރަޙަ
ބަންގީގެ ލަފްޒުތަކުގެ ޝަރަޙަ، މި ފޮތުގައި އެކުލެވިގެންވަނީ، ބަންގީގެ ކަލިމަތަކެވެ. އަދި (މި ފޮތުގައި) އީމާންކަމުގެ މޭރުމުން، އެ ކަލިމަތައް ޝަރަޙަކޮށް، އޭގައިވާ ޢަޤީދާއާއި ތަރުބަވީ ތަރަހަތައް ފާޅުކޮށް ހާމަކުރެއެވެ. އަދި ބަންގިއަކީ ހަމައެކަނި ނަމާދަށް ގޮވާލެވޭ ގޮވާލުމެއް ނޫން ކަމަށާއި، ކިއެއްތަ، އެއީ ތައުޙީދާއި ފަލާޙާއި ކާމިޔާބަށް (އައުމަށް) ކޮންމެ ދުވަހަކު ދެވޭ ދަޢުވަތެއްކަން ބަޔާންކުރެއެވެ. މި ފޮތުގައި ބަންގީގެ ކަލިމަތައް ހުށަހަޅައިދީ، އެ ކަލިމަތަކުން ދަލީލުކޮށް ދޭހަވާ ކަންކަން ތަފްޞީލުކޮށްދެއެވެ. އެގޮތުން ﷲ މަތިވެރި ކުރުމާއި، ތައުޙީދަށާއި ރިސާލަތަށް ހެކިވުމުން ފެށިގެން، ނަމާދާއި ފަލާޙާއި…