إعداد خطيب ماهر
(بسم الله الرحمن الرحيم) ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ ނަންފުޅުން ފަށަމެވެ. ހަމަކަށަވަރުން އެންމެހާ ޙަމްދެއް ހުރީ ﷲ އަށެވެ. އަޅަމެން އެ އިލާހަށް ޙަމްދުކުރަމެވެ. އަދި އެ އިލާހުގެ ޙަޟްރަތުން އެހީތެރިކަމަށް އެދެމެވެ. އަދި އެ އިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި، އަޅަމެންގެ ނުބައި ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ. ﷲ ތެދުމަގު ދައްކަވާ މީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވެއެވެ. އަދި އެއިލާހު މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދެއްކޭނެ މީހަކު ނުވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ…
This PDF is generated automatically from the book's text; its layout may differ from the printed edition.
(بسم الله الرحمن الرحيم) ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ ނަންފުޅުން ފަށަމެވެ.
ހަމަކަށަވަރުން އެންމެހާ ޙަމްދެއް ހުރީ ﷲ އަށެވެ. އަޅަމެން އެ އިލާހަށް ޙަމްދުކުރަމެވެ. އަދި އެ އިލާހުގެ ޙަޟްރަތުން އެހީތެރިކަމަށް އެދެމެވެ. އަދި އެ އިލާހުގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދެމެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި، އަޅަމެންގެ ނުބައި ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ. ﷲ ތެދުމަގު ދައްކަވާ މީހަކު މަގުފުރައްދާނޭ އެކަކުވެސް ނުވެއެވެ. އަދި އެއިލާހު މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދެއްކޭނެ މީހަކު ނުވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެ އިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެ އިލާހުގެ އަޅާ އަދި ރަސޫލުކަމަށް އަޅު ހެކިވަމެވެ. ﷲ، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް އަދި އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބަޢަވީހާ ބަޔަކަށް ޞަލަވާތާއި ގިނަގުނަވެގެންވާ ސަލާމް ލައްވާށިއެވެ.
އެއަށްފަހު ދަންނައެވެ: ފަހެ މީސްތަކުންގެ ޙާލަތުތައް އިޞްލާޙުކުރުމަށް އަބަދުވެސް ޙާޖަތް ޖެހިގެންވުމުން، ޝަރީޢަތް އެކަން ޤާއިމުކޮށްދޭ ކަންތަކާގެން އައެވެ. އޭގެ ތެރޭގައި ހުކުރު ޚުޠުބާއާ ގުޅޭ ކަންތައްތައް ހިމެނެއެވެ. އެކަމަށްޓަކައި، ހުކުރު ޚުޠުބާދޭ ޚަޠީބުގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު ޒިއްމާއެއް ކާ jjމުގައިވިއެވެ. އަދި އެ + އަހަރުމެން ޝައުޤުވެރިވީ: (المختصر المفيد للمؤذن والإمام والخطيب وأحكام المساجد) (ބަންގި ގޮވާ މީހާއާއި، އިމާމު މީހާއާއި، އަދި ޚުޠުބާ ކިޔާ މީހާއާއި، އަދި މިސްކިތްތަކުގެ ޙުކުމްތަކަށްވާ ފައިދާހުރި ޚުލާޞާއެއް) ([1]) މި ނަމުގައި ފޮތެއް ތައްޔާރުކޮށް، އެކި ބަސްބަހަށް ތަރުޖަމާކުރުމަށެވެ. އަދި އޭގައި އެތައް މައުޟޫޢުތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި: - https://islamcontent.com/ar/single-content/74839.
ހުކުރު ނަމާދާއި، އޭގެ މަފުހޫމާއި، އޭގެ ވަޤުތާއި، މުކައްލަފު މީހާއާ ގުޅުންހުރި އޭގެ ބައެއް ޙުކުމްތަކާއި، އަދި ހަމައެފަދައިން ހުކުރު ޚުޠުބާއާއި، އޭގެ ޙުކުމާއި، އޭގެ ޝަރުޠުތަކާއި، އޭގެ ރުކުންތަކާއި، އޭގެ ސުންނަތްތަކާއި، އޭގެ ތަރުޖަމާއެވެ. އަދިވެސް އޭގެ ތެރޭގައި، ޚަޠީބުގެ ކިބައިގައި ހުންނަންޖެހޭ ޢިލްމީ އަދި އަޚުލާޤީ ސިފަތަކާއި، ޚުޠުބާއާއި ޚުޠުބާދޭ މީހާގެ އަދަބުތަކާއި، އޭގެ ބޭނުމާއި މަޤުޞަދުތަކާއި، އަދި އެ ތައްޔާރުކުރާނެ ގޮތް ވެސް ހިމެނެއެވެ.
އަދި މި މައުޟޫޢަކީ ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ލިބިގެންވާ މައުޟޫޢަކަށް ވުމުން؛ އިސްވެދިޔަ ފޮތް އިތުރަށް ތަފްޞީލުކޮށް އަދި ފުރިހަމަކުރުމުގެ ގޮތުން، (إعداد خطيب ماهر) (ހުނަރުވެރި މާހިރު ޚަޠީބަކު ތައްޔާރުކުރުން) އެ ނަމުގައި މި ދެވަނަ ރިސާލާ އައެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން އަހަރުމެން އެދި ދަންނަވަނީ، އަޅަމެންގެ ޢަމަލަކީ، ޞާލިޙު ޢަމަލެއް ކަމުގައި ލައްވާ، އަދި އެ އިލާހުގެ ވަޖްހުފުޅު އަދައިގެން ކުރެވުނު ޚާލިޞް ކަމެއްކަމުގައި ލައްވާ، އަދި އޭގައި ބަރަކާތް ލެއްވުމަށެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި ﷲ ތަޢާލާ އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
(ޚުޠުބާގެ އަހައްމިއްޔަތުކަން)
ހުކުރު ޚުޠުބާގެ މިންބަރަކީ: އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ؛ މީސްތަކުންނަށް އަޘަރުފޯރުވުމަށް އޮތް އެންމެ ވަރުގަދަ ކަންތަކުގެ ތެރޭގައި - އަދި ކިއެއްތަ، ހަމަ އެންމެ ވަރުގަދަ - ވަސީލަތެވެ. އެހެނީ މަދުވިޔަސް އަދި ގިނަވިޔަސް އެތައް އަހަރުތަކެއް ވަންދެން، ކޮންމެ ހަފްތާއަކު އެއް ފަހަރު ޚަޠީބު މީސްތަކުންނާ މުޚާޠަބުކުރެއެވެ. އަދި އެމީހުން ތިބެނީ އޭނާއަށް އެ މީހުންގެ ސިކުނޑިތައް ހުޅުވާލައި، އެމީހުންގެ ހިތްތައް ތަނަވަސްކޮށްގެންނެވެ. ފަހެ ކުޑަމިނުން ހިލަކޮޅަކާ ކުޅެލުމުންވެސް، އޭނާގެ ކިބައިން އެ މީހުން އެހެންކަމަކަށް މަޝްޣޫލެއް ނުވާނެއެވެ. އަދި އޭނާގެ ފުށުން ނަޞޭޙަތްތަކާއި، ވަޢުޡުތަކާއި، ފިލާވަޅުތަކާއި ޢިބްރަތްތައް، ތަކުރާރުކޮށް އަދި މެދުކެނޑުމެއްނެތި އެމީހުން ލިބިގަނެއެވެ.
އަދި ﷲ އެމީހަކަށް ޤަބޫލުކުރަނިވި އުސްލޫބަކާއި، ވަރުގަދަ ބަޔާންކުރުމެއް ދެއްވާފައިވާ، ކާމިޔާބު އަދި ތައުފީޤު ލިބިފައިވާ ޚަޠީބު: ޝައްކެތް ނެތްގޮތުގައި މީސްތަކުންނަށް އޭނާގެ ކިބައިން ފުންވެގެންވާ އަސަރެއް ކުރުވާނެއެވެ. އަދި ފަހަރެއްގައި އެއީ މުދައްރިސެއްގެ ފުށުން އޭނާގެ ދަރިވަރުންނަށް ކުރާ އަސަރަށްވުރެ ބޮޑު އަދި ވަރުގަދަ އަސަރަކަށްވެސް ވެދާނެއެވެ. އަދި މީސްމީޑިއާގެ ވަސީލަތްތަކުން ކުރާ އަސަރަށްވުރެވެސް ބޮޑު އަސަރަކަށް ވެދާނެއެވެ. އެހެނީ ޚުޠުބާ ގުޅިފައިވަނީ މަތިވެރިވެގެންވާ އަޅުކަމެއްކަމުގައިވާ ނަމާދާއެވެ. އަދި ދޫފަރިތަ، ނަޞީޙަތްތެރި، ބަލާޣާތްތެރި ޚަޠީބު މީސްތަކުންނާ ސީދާގޮތުން މުޚާޠަބުކުރާނީ އެމީހުންގެ ކުރިމަތީގައި ކޮޅަށް ހުރެގެން ކަމަށްވާތީއެވެ. އެހިނދު އޭނާގެ މޫނުމަތީގެ އަސަރުތަކާއި ލޮލުގެ ބެލުންތައް އެ މީހުންނަށް ފެންނާނެއެވެ. ދެން އިވުމާއި ފެނުމުގެ ޙިއްސު މެދުވެރިކޮށް އެމީހުންނަށް އަސަރު ފޯރުވައެވެ. އަދި އެ މީހުންގެ ހިތްތަކާއި ސިކުނޑިތަކުގައި ބީހިލައެވެ. އަދި ޚުޠުބާގެ މުޅި ވަގުތުގައި އެ މީހުން އޭނާއަށް ކަނުލައި އަޑުއަހަން ތިބެއެވެ. އަދި އެމީހުންނަށް ބުއްދީގެ ގޮތުންނާއި ނަޤުލީގޮތުން ޙުއްޖަތްތަކާއި ދަލީލުތައް ގެނެސްދެއެވެ. އޭގެ ޒަރީޢާއިން - ﷲ ގެ އިރާދަފުޅާއެކު - އެ މީހުންނަށް ކަންކަން ޤަބޫލުކޮށްދީ، އެ މީހުންގެ ވިސްނުންތައް އިޞްލާޙުކުރުމަށް އޭނާއަށް ކުޅަދާނަވެގެންވެއެވެ.
ކާމިޔާބު އަދި ތައުފީޤު ލިބިގެންވާ ޚަޠީބަކީ: އެއީ ހެޔޮކަމާއި ޢިލްމު ފެތުރުމުގެ އެންމެ މުހިއްމު އެއް ދޮރުކަމުގައި މިންބަރު ހަދައި، (ނަމަވެސް) ހަމައެކަނި އޭގެ މައްޗަށް ފުއްދައިނުލާ މީހާއެވެ. އަދި ކިއެއްތަ، އޭނާއަށް ކުޅަދާނަވީ މިންވަރަކުން ހެޔޮކަމާއި ހެޔޮލަފާކަމުގެ މައިދާންތަކުގެ ތެރެއިން ކޮންމެ މައިދާނެއްގައިމެ އޭނާގެ ބައިވެރިވުމާއި ޙިއްޞާވުން އޮންނާނެއެވެ. ހެޔޮކަމެއްވާ ކޮންމެ ތަނަކުން، އެކަމުގައި އިސްވެއުޅޭ މީހުންގެ ތެރެއިން މީހެއްގެ ގޮތުގައި އޭނާ ފެންނާނެއެވެ. އަދި ﷲ އަށް ޓަކައި ޤުރުބާންވާންޖެހޭ ކޮންމެ ތަނަކުން، އޭގެ ލަޝްކަރުގެ މީހުންގެ ތެރެއިން މީހެއްގެ ގޮތުގައި އޭނާ ފެންނާނެއެވެ.
ދެންފަހެ މި ޚަޠީބަކީ: ﷲ އަށް ދަޢުވަތުދިނުމަށާއި މުސްލިމުންނަށް ފައިދާކޮށްދިނުމަށް ސަމާލުކަންދޭ މީހާއެވެ. -އެއީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން -عَلَيْهِمُ الصَّلَاةُ وَالسَّلَامُ- އާއި، އިސްލާމީ އުއްމަތަށް އިޚްލާޞްތެރި ޢިލްމުވެރިންނާއި ދާޢީންވެސް އުޅުއްވި ފަދައިންނެވެ.- އަދި އޭނާއަކީ އޭނާގެ އަޑުއެހުންތެރިން އާކުރުމަށާއި، ހިތް ދަމައިގަތުމަށާއި، ޝައުޤުވެރިކުރުވުމަށް ފަރުވާތެރިވާ މީހާއެވެ.
ފަހެ، ޚަޠީބެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ފުރިހަމަވެފައިވާ ވަރަށް ގިނަ ޚަޠީބުން އުޅެއެވެ. ނަމަވެސް، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ރިސާލަތު އުފުލާ ޚަޠީބެއްގެ ކިބައިން އެދެވިގެންވާ ފަދަ އުންމީދުކުރެވޭ ނަތީޖާއެއް އެމީހުންގެ ޚުޠުބާއިން ނުނިކުމެއެވެ.
އަދި ކޮންމެ ހުކުރު ދުވަހަކު، އެމީހުންގެ ޝުޢޫރުތަކާއި ޙާޖަތްތަކާ ގުޅޭ، އަދި އެމީހުންގެ ހިތްތައް އަތުލާފަދަ މައުޟޫޢެއް އޭނާ އެމީހުންނަށް ހުށަހަޅައިދެއެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ފަންސާސް ފަހަރު އޭނާ އެމީހުންނާ ބައްދަލުކުރެއެވެ. ފަހެ، މި ވަސީލަތަށްވުރެ އަޘަރުގަދަ އެހެން ވަސީލަތެއް ވޭހެއްޔެވެ؟
އެހެންކަމުން، ހުކުރު ޚުޠުބާއަކީ، އިސްލާމްދީނުގެ ޝިޢާރުތަކުން އެންމެ ޝަރަފުވެރި އެއް ޝިޢާރު ކަމުގައި ވުމާއި، ﷲ ތަޢާލާގެ މަގަށް ދަޢުވަތު ދިނުމާއި، އެކަލާނގެ ޝަރީޢަތް ފޯރުކޮށްދިނުމާއި، އަދި އެކަލާނގެ އަޅުތަކުންގެ މައްޗަށް ޙުއްޖަތް ޤާއިމުކުރުމުގެ އެންމެ މުހިންމު އެއް މައިދާންކަމުގައި ވުމަކީ ހައިރާންވާންޖެހޭކަމެއް ނޫނެވެ. އަދި އެއީ އިސްލާމްދީނުގެ ދުޝްމަނުން، އެބައިމީހުންގެ ދީނުގައިވެސް އެފަދަ ކަމެއް ވުމަށް އެދި އުއްމީދުކުރާ ކަންތަކެކެވެ. އެހެންގޮސް އިސްލާމްދީނާ ހަނގުރާމަކުރާ ޕާޓީތަކުގެ ތެރެއިން ޕާޓީއެއްގެ ލީޑަރަކު ބުނެފައިވެއެވެ: «އާހް! އަޅެ އަހަރެންނަށް މިފަދަ މިންބަރުތަކެއް ލިބިފައިވީނަމައެވެ؟!».
«ޢިލްމުތަކާއި ފަންނުތައް މާތްވެގެންވަނީ، އެކަންކަމުގެ މަޤްޞަދުތައް މާތްވެގެންވާ މިންވަރަކުންނެވެ. އަދި ޚުޠުބާދިނުމުގައި ނުހަނު ބޮޑުވެގެންވާ މުހިއްމު މަޤްޞަދެއް ވެއެވެ. އެއީ މީސްތަކުންނަށް ޙަޤީޤަތްތަކަށް މަގުދެއްކުމާއި، މި ޙަޔާތުގައްޔާއި އާޚިރަތުގެ އެ ޙަޔާތުގައި އެބައިމީހުންނަށް މަންފާކުރާނޭ ކަންކަމަށް އެބައިމީހުން ޝައުޤުވެރިކުރުވުމެވެ.
އަދި ޚުޠުބާދިނުމަކީ ސިޔާދަތާއި ޒަޢާމަތުގެ ވަސީލަތްތަކުގެ ތެރޭގައި ގުނެވިގެންވާ ކަމެކެވެ..
ފަހެ ޚަޠީބުކަމުގައި: މަތިވެރިވެގެންވާ ޝަރަފެއްވެއެވެ. އަދި އެކަމުގެ ޝަރަފުވަނީ އެކަމާ ހަވާލުވާ މީހަކީ ވިސްނުންތޫނު، ޢިލްމުވެރި، ބަލާޣާތްތެރި މީހަކަށް ވުމުގައެވެ.» [2]. - "އަލް-ޚަޠާބާ ޢިންދަލް-ޢަރަބި"، މުޙައްމަދު އަލް-ޚިޟްރު ޙުސައިން: 178- 179.
އޭ ޚަޠީބު އަޚާއެވެ! ހަމަކަށަވަރުން ޝަރުޢުކުރައްވާ ފަރާތުން ވަނީ ނަމާދުކުރާ މީހާގެ މައްޗަށް، ތިބާއަށް، ތިބާ ޚުޠުބާ ދެމުންދާއިރު ކަނުލާ އަޑުއެހުން ވާޖިބުކުރައްވާފައެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «ހުކުރު ދުވަހު އިމާމު ޚުޠުބާ ދެމުން ދަނިކޮށް ތިމާގެ ރަޙުމަތްތެރިޔާ ގާތު ހަނުހުންނާށޭ ބުނެފި ކަމުގައިވިޔަސް ތިބާ ތިވަނީ ބާޠިލު ކަމެއްކޮށްފައެވެ.» މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.) [3] އަދި لغوت (ބާޠިލު ބޭކާރު ނުބައި ކަމެއްކޮށްފި) އޭގެ މާނައަކީ: އެބަހީ އޭނާއަށް ހުކުރު ނަމާދުގެ ޘަވާބު ނުލިބުމެވެ. - ރިވާކުރެއްވީ އަލް-ބުޚާރީ: (934)، އަދި މުސްލިމު: (851).
ކިއެއްތަ، މީސްތަކުން ތިބާއާ ދިމާލަށް އެމީހުންގެ މޫނުތައް އަނބުރައި ކުރިމަތިކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. އައް-ނަވަވީ އާއި އިބްނުލް-މުންޛިރުއާއި އިބްނު ޢަބްދުލް- ބައްރު - عليهم رَحْمَةُ الله - ވަނީ އެކަން މުސްތަޙައްބުވެގެންވާ ކަމަށް އިޖްމާޢު ގެންނަވާފައިއެވެ. [4]. - "އަލް-މަޖްމޫޢު": 4/ 447.
(ރަޙްމާނުވަންތަ އިލާހުގެ މަލާއިކަތުން ތިބާގެ އަޑު އައްސަވަތެވެ. އެހެންކަމުން އެބޭކަލުންނަށް ޙައްޤުވެގެންވާ ޤަދަރު ތިބާ ދޭހުށިކަމެވެ.)
- އޭ ހުކުރު ޚަޠީބެވެ! - ތިބާގެ ޚުޠުބާތަކާއި ވަޢުޡު ނަޞޭޙަތްތައް އަޑުއެއްސެވުމަށް، ރަޙްމާނުވަންތަ އިލާހުގެ މަލާއިކަތުން ތިބާގެ ގާތަށް ޙާޟިރުވެވަޑައިގަންނަވާކަން އެއީ، ތިބާއަށް ޝަރަފަކާއި ފަޚުރެއްކަމުގައި ފުދޭކަމެކެވެ. ދެ ޞަޙީޙުގައި ވާފަދައިން، ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ [5]: "ހުކުރު ދުވަސް އައުމުން މިސްކިތުގެ ދޮރުތަކުން ކޮންމެ ދޮރެއް ކައިރީގައި މަލާއިކަތުން ހުއްޓިވަޑައިގެން ތިއްބަވައެވެ. އެބޭކަލުން މީހުން އަންނަ ތަރުތީބުން އެންމެ ފުރަތަމަ މީހާ ދެން ޖެހުނު މީހާ އެގޮތަށް ލިޔުއްވައެވެ. ދެން އިމާމު މީހާ މިންބަރުގައި އިށީންނުމުން ފަތްފުށްތައް އޮޅާލައްވާފައި، ޛިކުރު (ޚުޠުބާ) އަޑުއެއްސެވުމަށް ވަޑައިގަންނަވައެވެ." - ރިވާކުރެއްވީ އަލް-ބުޚާރީ: (3211)، އަދި މުސްލިމް: (850).
އަދި ތިބާއަށް މިކަން އިޙްސާސްކުރެވިއްޖެނަމަ؛ ތިބާގެ ހިތުގައި ޚުޠުބާގެ ޤަދަރު ބޮޑުވެގެންދާނެއެވެ. އަދި ޙައްޤު ބަސް ބުނުމަށާއި، އަމާނާތް އަދާކުރުމަށާއި، މީސްތަކުންނަށް ނަޞޭޙަތްތެރިވުމަށާއި، އެމީހުންނަށް ބަލަން އުޅުން ދޫކޮށްލުމަށާއި، އެމީހުން ރުއްސަން ދޫދިނުން އުޅުން ދޫކޮށްލުމަށް ފަރުވާތެރިވާނެއެވެ.
-އޭ ބަރަކާތްލިބިގެންވާ ޚަޠީބެވެ.- ފަހެ، ތިބާއާ އެއްފަދަވެގެންވަނީ ކާކު ހެއްޔެވެ؟
ﷲ، މީސްތަކުންގެ މައްޗަށް ތިބާގެ އަޑުއެހުމާއި ތިބާގެ ބަސްތަކަށް ކަނުލައި ސަމާލުކަން ދިނުން ވާޖިބުކުރެއްވިއެވެ. އެކަން ވާޖިބުކުރެއްވި މިންވަރަކީ، އެއީ ކުދިހިލަ ފުރޮޅުން ކަމުގައިވިޔަސް އެހެން ކަމެއްގައި މަޝްޣޫލުވުމާއި، އަދި ތިބާ ވާހަކަދައްކާހިނދު މުންކަރާތް މަނާކުރުންވެސް އެކަލާނގެ އެބައިމީހުންނަށް ނަހީކުރެއްވިއެވެ. އަދި އެކަލާނގެ މަލާއިކަތުން ތިބާގެ އަޑުއައްސަވަން ތިއްބަވާ ގޮތުގައި ލެއްވިއެވެ!
އަދި މިކަމުން ތިބާގެ މައްޗަށް ލާޒިމުކުރަނީ، ﷲ ތަޢާލާއަށް ތިބާގެ އިޚްލާޞްތެރިވުމެވެ. އަދި ތިބާގެ ޚުޠުބާތަކާއި ވަޢުޡުތަކުގައި ވީ އެންމެ ބޮޑަކަށް ޚާލިޞްވެ ނަޞޭޙަތްތެރިވުމެވެ. އަދި ތިބާގެ ޚުޠުބާތަކުގެ މަޤްޞަދަކީ، ﷲ ތަޢާލާ ހަނދުމަކުރުމާއި، މީސްތަކުންނަށް ވަޢުޡު އިއްވުމާއި، އެއުރެންގެ ދީނުގެ ކަންކަމާއި ދުނިޔޭގައި އެއުރެންނަށް އިޞްލާޙުކޮށްދޭނެ ގެނެސްދޭނެ ކަންކަން އެއުރެންނަށް ދައްކައިދީ ހޭލުންތެރިކުރުމެވެ.
***
(އެންމެ މޮޅުއިތުރުވެގެންވަނީ: ނުބަލައި އަމިއްލައަށް އުފައްދައިގެން ޚުޠުބާ ދިނުން ހެއްޔެވެ؟ ނުވަތަ ކަރުދާސްގަނޑަކުން ކިޔުން ހެއްޔެވެ؟)
ޝައްކެއްނެތްގޮތުގައި ޚަޠީބު ކަރުދާހަކުން ބަލައިގެން ކިޔުމުގައި ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވެއެވެ. އަދި ވަރަށް ގިނަ ޚަޠީބުންނަށާއި ވާހަކަދައްކާ މީހުންނަށް، ނުބަލައި ކިޔުމަށްވުރެ މިގޮތް މާ އެކަށީގެންވާ ކަމުގައި ވެދާނެއެވެ. އަދި މިއީ ފެންނަން އޮތް ޙަޤީޤަތެކެވެ.
އަދި ނުބަލައި ހުށަހެޅުމަކީ ޚަޠީބުގެ ޝުޢޫރުތައް ފެނުމާއި އޭނާގެ ޖޯޝަށް ބޮޑު އަޘަރެއް ފޯރުކުރުވާ ކަމެކެވެ. އަދި މިކަމަކީ -ޝައްކެއްނެތް ގޮތުގައި- އަޑުއެހުންތެރިންނަށް އަޘަރުކުރުމާއި، އެމީހުންގެ ޖޯޝާއި ޖަޛޫބާތުތައް އުފެދުމަށް މަގުފަހިކުރުވާ ކަމެކެވެ. އަދި އޭގެ އިދިކޮޅުވެސް ހަމަ އެފަދައެވެ.
އަދި އެނގިގެންވާ ފަދައިން، މަޢުލޫމާތު ލިބިގަތުމުގައި އަޑުއެހުމާއި ފެނުމުގެ ޙިއްސު އެކުވެއްޖެނަމަ؛ އެއިން އެކައްޗެއް އެކަނިވުމާ ޚިލާފަށް، ވިސްނައިގަތުމަށާއި، އަޘަރުކުރުމަށާއި، އަދި މަޢުލޫމާތު ހަރުލުމަށް އެކަން މާ ވަރުގަދަވެގެންވެއެވެ. އެގޮތުން ކަރުދާހަކަށް ނުބަލައި ހިތުން ޚުޠުބާދޭ، އަދި މީސްތަކުންނާ އޭނާގެ މޫނު ކުރިމަތިކޮށް، އޭނާގެ ލޮލުން އެމީހުންނާ މުޚާޠަބުކުރާ ޚަޠީބުގެ ފުށުން ކުރާ އަޘަރު، ކަރުދާހަކުން ޚުޠުބާދޭ މީހާއަށްވުރެ ބޮޑުވާނެއެވެ. އަދި އެފަދަ މީހެއްގެ ކިބައިން މީސްތަކުންނަށް ހަމައެކަނި އަޑުއެހުމުގެ މަގުން މެނުވީ މަޢުލޫމާތު ލިބިނުގަނެވޭނެއެވެ. އަދި ކަރުދާހަކަށް ނުބަލައި ހިތުން ޚުޠުބާދޭ ޚަޠީބުގެ ޙާލަތުގައި ވާފަދައިން، މިގޮތަށް ލިބިގަތުންވެސް އެހާ ވަރުގަދަވެގެން ނުވެއެވެ. އެހެނީ އޭނާގެ އަޑު ވަރުގަދަވެފައި، އަޑުއެހުންތެރިންނަށް އެއިން ކުރާ އަސަރާއި އޮންނަ ގުޅުން ބޮޑުވެގެންވާތީއެވެ.
އަދި ނުބަލާ އުފައްދައިގެން ޚުޠުބާ ކިޔުމަށް ގިނަ ފަހަރުމަތިން ތަޖުރިބާކޮށް، އަދި އޭނާ އެގޮތަށް ނުބަލައި ކިޔުމުގައި ގިނަގިނައިން ފަސްޖެހި، ނުވަތަ އަޅައިގަތުމާއި، ނުވަތަ ހަނދާންނެތުމާއި، ނުވަތަ ބިރުގަތުމާއި ނުހަނު ބޮޑަށް ހާސްވުން ހުރިކަން އޭނާއަށް ފެނިއްޖެނަމަ، އަދި ދުވަސްތައް ފާއިތުވަމުންދާ ވަރަކަށާއި، ނުބަލައި ކިޔުން ގިނަކުރާ ވަރަކަށްވެސް، މި ކަންކަން މަދުވަމުން ދާކަން އޭނާއަށް ނުފެންނަނަމަ؛ ފަހެ އޭނާ ޚުޠުބާތައް ބަލައިގެން ކިޔާށެވެ. އެހެނީ ހަމަކަށަވަރުން ކޮންމެ މީހަކީ ނުބަލައި ކިޔުމުގެ ތައުފީޤު ލިބިގެންވާ މީހެއް ނޫނެވެ. އަދި ﷲ ތަޢާލާ މީސްތަކުންގެ މެދުގައި މާއްދީ ރިޒުޤުތައް ބައްސަވާފައިވާ ފަދައިން، އެމީހުންގެ މެދުގައި މަޢްނަވީ ރިޒުޤުތައްވެސް ބައްސަވާފައިވެއެވެ. އެއީ އަޚްލާޤާއި، ޤާބިލުކަމާއި، ހުނަރުވެރިކަމާއި، އަދި ހިއްމަތްތަކެވެ.
(ކާމިޔާބުކަމާއެކު ޚުޠުބާ ހުށަހެޅުމަށް މަގުފަހިކޮށްދީ ފަސޭހަކޮށްދޭ އަށް (8) ފިޔަވަޅު)
ފުރަތަމައީ: އެކަމަށް ވާގިދެއްވުމަށް އެދި ތެދުވެރިކަމާއެކު ދުޢާކުރުމާއި، އިޚްލާޞްތެރިކަމާއި ނިކަމެތިކަމާއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ކުރިމަތިލުމެވެ.
ދެވަނައީ: އެކަމުގައި ﷲ ތަޢާލާއަށް ވަކީލުކުރުމުގައި ތެދުވެރިވުމާއި، އެކަލާނގެއަށް ބަރޯސާވުން ރިވެތިކުރުމެވެ. އަދި ﷲ ވޮޑިގެންވަނީ އެކަލާނގެ އަޅާ އެކަލާނގެއާމެދު ހީކުރާ ގޮތެއްގެ މަތީގައެވެ. އަދި އެކަލާނގެއަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. އަދި އޭނާއަށް މުހިއްމުވެގެންވާ ކަންކަމާއި އޭނާ އެދޭ ކަންކަން ފުއްދަވައިދެއްވުމަށް އެކަލާނގެ ފުދިވޮޑިގެންވެއެވެ.
ތިންވަނައީ: ފާހަގަކޮށްލެވޭ މޮޅެތި ޚަޠީބުންގެ އަޑުއެހުމާއި، އެބޭފުޅުންގެ ތަޖުރިބާތަކުން ފައިދާ ލިބިގަތުމެވެ.
ހަތަރުވަނައީ: އެކަހެރިކޮށް ޚުޠުބާ ދިނުމެވެ. އެއީ މިސްކިތުގައި އެތެރޭގެ އަޑުގަދަކުރާ މެދުވެރިކޮށް ކަމުގައިވިޔަސް، ފަހެ އެ ގޮތް މާ މޮޅުއިތުރުވެގެންވެއެވެ. އަދި އެއީ މިންބަރެއްގެ މަތީގައި ކަމުގައިވާނަމަ، ފަހެ އެ ގޮތް މާބޮޑަށްވެސް މޮޅުއިތުރުވެގެންވެއެވެ.
ފަސްވަނައީ: ޝުޢޫރުތައް ފާޅުކުރުމަށާއި ޖަޛުބާތު ވަރުގަދަކުރުމަށް ފަރިތަކުރުމެވެ.
ޚުޠުބާ ކިޔުމާއި، ތަޤްރީރުކުރުމާއި، އަދި އަޘަރުފޯރުވުމުގައި ކާމިޔާބުވެފައިވާ މީހުންގެ އެންމެ ބޮޑެތި ސިއްރުތަކާމެދު ހަމަކަށަވަރުން އަހަރެން ފިކުރުކޮށް ބެލީމެވެ. ފަހެ، - ﷲ ގެ ތަޥްފީޤަށް ފަހު - އެކަމުގެ ސިއްރާއި ސަބަބު ކަމުގައި އަހަރެންނަށް ފެނުނީ، އެ މީހުންގެ ކިބައިގައިވާ ޖަޛުބާތުގެ ބާރުގަދަކަމާއި، އަދި ޝަރުޢީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިޖުމާލީކޮށް ނޫން ގޮތުގައި ތަފްޞީލުކޮށް އެ މީހުންގެ އިޙްސާސްތަކާއި ޝުޢޫރުތައް ފާޅުކުރުމަށް އެ މީހުންނަށް ލިބިފައިވާ ކުޅަދާނަކަމެވެ.
ފަހެ ހަމަކަށަވަރުން ޖަޛުބާތުގެ ވަރުގަދަކަން: ބަޔާންކުރުމުގެ އަހުލުވެރިޔާއަށް އެކަން ސާފުކޮށް ބަޔާންކޮށްދިނުމަށް ގެންދެއެވެ. އަދި ޙިކުމަތުގެ އަހުލުވެރިޔާއަށް އެކަން ފާޅުކުރުމަށް ބާރުއަޅައެވެ. ދެން އޭގެ ޖާދޫއިން ހިތްތައް ދަމައިގަނެ ލަންބުވައިލައެވެ. އަދި އޭގެ ރީތިކަމާއި ކުޅަދާނަކަމުން ބުއްދިތައް އަސީރުކުރުވައެވެ. އަދި ޖަޛުބާތުގައި ބަލިކަށި މީހާ، އޭނާގެ ޖަޛުބާތު މަރުވުމާއެކު އޭނާގެ ޢިލްމުގެ ތެރެއިން ގިނަބައިތަކެއް މަރުވެދެއެވެ. އަދި އޭނާގެ އިޙްސާސްތައް މަރުވުމުގެ ސަބަބުން މީސްތަކުންގެ މައްޗަށް އޭނާގެ ކިބައިން ކުރާ އަޘަރު ފަނާވެ ނެތިދެއެވެ.
«އެހެންކަމުން ޚަޠީބުގެ މައްޗަށް ވާޖިބުވެގެންވަނީ: އޭނާ ދަޢުވަތުދޭ ކަންކަމުގައި ޖޯޝުން، އަދި އެކަން ތެދުވެގެންވާކަމަށް ޤަބޫލުކޮށް އިޢުތިޤާދުކުރުމުން ފުރިގެންވުމެވެ. އެހެނީ ހިތުން ނިކުންނަ އެއްޗެއް ވަންނާނީ ހިތަށެވެ. އެހެންކަމުން އަޑުއެހުންތެރިންގެ ޖޯޝަށްވުރެ ޚަޠީބުގެ ޖޯޝާއި ފޯރި ކޮންމެހެންވެސް ވަރުގަދަވެގެންވާން ޖެހޭނެއެވެ. އެއީ އެ މީހުންގެ މައްޗަށް އެކަން ފޯރުކޮށްދީ، އެމީހުންގެ ކަރުހިއްކުން ފިލުވައިދިނުމަށެވެ، އެހެންނޫންނަމަ، އޭނާގެ ނަފްސުގެ ހީނަރުކަން އެމީހުންނަށް އިޙްސާސްވެ، ފަހެ އޭނާގެ ބަސްތަކުގެ އަޘަރު ގެއްލިގެން ހިނގައިދާނެއެވެ.»
އަދި ހިތަށް އަންނަ ޚިޔާލުތަކާއި ޝުޢޫރުތައް ލިޔެގެންނާއި، އެކަނިހުރެ އެ ވާހަކަތައް ދައްކައިގެންނާއި، ދެން އެއަށްފަހު ލޯބިވާ މީހަކަށް އެކަންތައްތައް ހާމަކޮށްގެން، ފަރިތަކުރުން ގިނަކުރަން ކޮންމެހެންވެސް ޖެހެއެވެ.
އަދި ޝުޢޫރުތައް ބަންދުކުރެވި ހައްޔަރުކުރެވޭ ކޮންމެ ހިނދަކު، އެ ހިކި، ނެތިދެއެވެ. އަދި އެއަށް މިނިވަންކަން ލިބޭ ކޮންމެ ހިނދަކު – ޝަރުޢީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވުމުގެ ޝަރުޠާއެކު – އާރެއް ފަދައިން އެ ފަޅައިގެންގޮސް އޮހިގެންދެއެވެ. ދެން ލިޔުމާއި ފޮތް އެކުލަވައިލުމުގެ ގޮތުން އެއިން ކަރުދާސްތަކަށް، އަދި ޚުޠުބާދިނުމާއި ބަޔާންކޮށްދިނުމުގެ ގޮތުން މިންބަރުތަކަށް، އަދި ލޯތްބާއި ކުލުނުގެ ގޮތުން މީސްތަކުންނަށް ފެންދެއެވެ.
އެހެންކަމުން އޭ އަހަރެންގެ އަޚު ޚަޠީބެވެ! ތިބާގެ އިޙްސާސްތަކާއި ޖަޛުބާތުތައް ހިފެހެއްޓުމެއްނެތި ދޫކޮށްލާށެވެ. އެއީ ތިބާގެ ކިބައިގައާއި އެހެންމީހުންގެ ކިބައިގައި، ދިރުމާއި، އުފެއްދުންތެރިކަމާއި، ކުރިއެރުމާއި، ތަރައްޤީއާއި، ރަޙުމަތުގެ ރޫޙު އާލާވެ ދިރުމަށްޓަކައެވެ.
ދެންފަހެ އެ މީހެއްގެ ޝުޢޫރުތައް ކަރާމާތްތެރިވެ މާތްވެއްޖެ މީހާ؛ ފަހެ އޭނާގެ އަޚްލާޤު މަތިވެރިވެ، އޭނާގެ ނަފްސު ޝަރަފުވެރިވެގެންދެއެވެ. އަދި އޭނާދެކެ ލޯބިވާ މީހުން ގިނަވެ، އޭނާގެ ޢަދާވާތްތެރިން މަދުވެގެންދެއެވެ. އަދި އޭނާގެ ޙުއްޖަތް ފާޅުވެ، އޭނާގެ ބަލާޣާތްތެރިކަން ވަރުގަދަވެ، އޭނާގެ ފަޞާޙަތްތެރިކަން ބޮޑުވެގެންދެއެވެ.
ހަވަނައީ: އޭނާގެ ހުރި ޢައިބުތަކާއި އުނިޞިފަތަކުން ދުރުވެ އެއްކިބާވުމަށްޓަކައި އެ ކަންކަން އޭނާއަށް ދައްކައިދީ، އަދި އޭނާގެ ރަނގަޅު ޞިފަތަކުގެ މައްޗަށް ޘާބިތުވެ އެކަންކަން އިތުރުކުރުމަށްޓަކައި އެކަންކަން އޭނާއަށް އަންގައިދޭނޭ ތެދުވެރި، ބުއްދިވެރި، ތަޖުރިބާކާރު ލޯބިވެ ހެޔޮއެދޭ މީހެއްގެ ކިބައިން ނަޞޭޙަތް ހޯދުމެވެ.
ހަތްވަނައީ: ޚުޠުބާ ކުރިއާލައި ތައްޔާރުކުރުން.
އަށްވަނައީ: ޚުޠުބާ ތައްޔާރުކުރުމާއި ހުށަހަޅައިދޭނެ ގޮތާ ގުޅޭ ފޮތްތައް ކިޔުމެވެ. [6]. - ބައްލަވާ: المختصر المفيد للمؤذن والإمام والخطيب وأحكام المساجد: 95، https://islamcontent.com/ar/single-content/74839.
(ޚުޠުބާތައް ދޭން ފަށައިގަންނައިރު ހިތްބިރުގަނެ ހާސްވުމަކީ ޢާއްމު އަދި ޢާދަވެގެންވާ ކަމެކެވެ.)
ތިބާ ޚުޠުބާތައް ދޭން ފަށާ ފުރަތަމަކޮޅު، ތިބާއަށް ހާސްކަމާއި ބިރުވެރިކަން އިޙްސާސްކުރެވޭތަން ފެންނާނެއެވެ. އަދި މިއީ ހުރިހާ އިންސާނުންގެވެސް ޠަބީޢަތުގައި ވާކަމެކެވެ. އަދި ފަހަރެއްގައި، މިއީ މީސްތަކުން ތިބާއަށް ބަލަން ތިބުމުގެ އަޘަރުތަކުންނާއި، ތިބާގެ ޢިލްމީ ބަލިކަށިކަމާމެދު ތިބާއަށް ކުރެވޭ ހީއެއްގެ ސަބަބުން ވާކަމެއްކަމުގެ އިޙްސާސްވެސް ތިބާއަށް ކުރެވިދާނެއެވެ.
އަދި ތިބާގެ ކަންބޮޑުވުން އިތުރުކޮށްފާނެ ކަމަކީ: މީސްތަކުންނަށް މިކަން (އެބަހީ: ތިބާ ކަންބޮޑުވެ ހާސްވެފައި ހުރިކަން) އިޙްސާސްވެ އަދި ޚަޠީބުގެ ކިބައިން އެކަމަށް އެބައިމީހުން ނުރުހޭކަން ތިބާއަށް އިޙްސާސްކުރެވި އަދި ފަހަރެއްގައި އެ ކަމުގެ ސަބަބުން އެބައިމީހުން ތިބާއާ ދުރުވެގެން ދިޔުމަކީވެސް ވެދާނެކަމެއްކަމަށް އިޙްސާސްވުމެވެ.
އަދި ޝައްކެތްނެތް ގޮތުގައި: ﷲ އާ ތިބާގެ ގުޅުން ބޮޑުވުމާއި، އެކަލާނގެއަށް ވަކީލުކުރުމާއި، ތެދުވެރިކަމާއެކު ދުޢާކުރުމާއި، އަދި ގިނަ ދުވަސްތަކެއް ވަންދެން އެކަން ކުރުމާއެކު: ބިރުވެރިކަން މުޅިން ފިލައިދާނެއެވެ. އެގޮތުން ގޮސް ޚުޠުބާ ދިނުމުގައި ހިތްހަމަޖެހުން ލިބިގަތުމުގެ މަރުޙަލާއަށް ތިބާ ވާޞިލުވެ، ޚުޠުބާ ދިނުމުގެ މީރުކަން ރަހަބެލުމަށްޓަކައި ހުކުރު ދުވަހަށް އިންތިޡާރުކުރެވޭ ޙިސާބަށް ދާނެއެވެ.
ފަހެ، މީހާއަށް ތައުފީޤުގެ ޚަޒާނާތަކާއި، ދީލަތިވަންތަ، ގިނަގިނައިން ދެއްވާ އިލާހު ސުބްޙާނަހޫގެ ދީލަތި ދެއްވުންތައް ހުޅުވިގެންދާންދެން އޮތީ ހަމައެކަނި ކެތްތެރިވުމެވެ.
ފަހެ، ނިމުމުގައި ނިޢުމަތުގެ ތަނަވަސްކަމާއި، މަތިވެރި މަޤާމާއި، އުފާވެރިކަން ޙާޞިލުކުރުމަށްޓަކައި ފެށުމުގައި ގަދައަޅައި މަސައްކަތްކުރުމުގެ ދަތިކަން ތަޙައްމަލުކުރާށެވެ.
އަދި ތިބާގެ ނަފްސުގައި ބުނާށެވެ: ދަތިކަމަށްފަހު ފަސޭހަކަމާއި، އުނދަގޫތައް ފިލައިދިޔުން މެނުވީ ނުވެއެވެ. އަދި ވަރުބަލިކަމަށްފަހު އަރާމުކަން މެނުވީ ނުވެއެވެ. އަދި އެކަން ވާކަން ކަށަވަރީ ކުޑަ ވަގުތުކޮޅެއްގެ ކެތްތެރިވެލުމެއް ކަމުގައެވެ. އެހެންކަމުން ތިބާ ކެތްތެރިވާށެވެ. އަދި ކެތްތެރިވުމަށް ގަދައަޅާ މަސައްކަތްކުރާށެވެ. އެއީ މިންބަރުތަކުގެ މައްޗަށް އެރުމަށް، އަދި ﷲ ގެ މަގަށް ފާޅުގައި ދަޢުވަތު ދިނުމަށެވެ. އަދި ﷲ ތެދުބަސްފުޅު ވަޙީކުރެއްވިއެވެ. އަދި ބަސްބުނުމުގައި ﷲ އަށްވުރެ ތެދުވެރިއަކީ ފަހެ ކާކުތޯއެވެ: ﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا﴾ މާނައީ: "އަދި ތިމަންއިލާހުގެ މަގުގައި ޖިހާދުކުރި މީހުން، ހަމަކަށަވަރުން ތިމަންއިލާހު އެބައިމީހުންނަށް ތިމަންއިލާހުގެ މަގުތައް ދައްކަވާހުށީމެވެ." [އަލް-ޢަންކަބޫތު: 69]
އަދި ޤަތާދާ رحمه الله ވިދާޅުވި ބަސްފުޅުގެ ރިވެތިކަމާއެވެ: «އޭ އާދަމުގެދަރިޔާއެވެ! ހީވާގިކަމާއި މުރާލިކަން ހުރެގެން މެނުވީ ހެޔޮކަންތައް ކުރުމަށް ތިބާ ބޭނުންނުވާނަމަ؛ ފަހެ ހަމަކަށަވަރުން ތިބާގެ ނަފުސު ލެނބިގެންވަނީ ކަންނެތްކަމާއި، ބުރަހެލިކަމާއި، ފޫހިވުމަށެވެ. ނަމަވެސް މުއުމިނާއަކީ ބުރަ އުފުލާ މީހާއެވެ. އަދި މުއުމިނާއަކީ ހިތްވަރުކުރާ މީހާއެވެ. އަދި މުއުމިނާއަކީ ގަދައަޅާ މީހާއެވެ.» [7]. ގަދައަޅާމީހާގެ މުރާދަކީ: އެބަހީ، ހެޔޮ ޢަމަލުތަކަށް ރައްކާތެރިވުމުގައި، އެކަންކަން ކުރުންމަތީ ދެމިހުރުމަށް އޭނާގެ އަމިއްލަ ނަފުސަށް ލާޒިމުކުރާ މީހާއެވެ. - "ތަފްސީރުލް-ޤުރުޠުބީ": (1 / 251). އަދި ޤަތާދާ -رحمه الله- ގެ އަޘަރު ނެރުއްވީ، އަބުލް-ޤާސިމް އިބްނު ބިޝްރާން އަލް-ބަޣްދާދީ (އަވަހާރަވީ: 430ހ.)، އެކަލޭގެފާނުގެ "އަމާލީ" ގައި، ނަމްބަރު 1454 ގައެވެ.
(ތަޤުރީރުކުރުމަށް ޙައްދަށްވުރެ ބޮޑަށް ބިރުގަތުމުން ސަލާމަތްވުމުގެ ސަބަބުތައް)
ބިރުގަތުމަކީ - ޚާއްޞަކޮށް ފުރަތަމަކޮޅުގައި - އިސްވެދިޔަ ފަދައިން، ވަރަށް ޢާއްމު އަދި ޢާދައިގެ ކަމެކެވެ. އަދި ކިއެއްތަ، އެއީ އޭގެ ސަބަބުން ޚުޠުބާއަށް ފަރުވާ ބަހައްޓާ، އެއަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ އީޖާބީ ރަނގަޅު ކަމެކެވެ. އަދި ނަފްސުގެ މައްޗަށް އޮންނަ އިތުބާރުގައި ޙައްދުފަހަނަޅައިދިޔުމުން ނަފްސު މަތަކޮށްދެއެވެ. (އެހެނީ އެފަދައިން ނަފްސަށް އޮންނަ އިތުބާރު ޙައްދުފަހަނަޅައިދިޔުމަކީ) މީސްތަކުންނަށް ކުޑައިމީސްކުރުމަށާއި، ޢިލްމީ މާއްދާގެ ފެންވަރު ރަނގަޅުކުރުމަށާއި، އެކަށީގެންވާ ލަފުޒުތަކާއި މާނަތައް ޚިޔާރުކުރުމަށް ސަމާލުކަން ނުދިނުމަށް މަގުފަހިކުރުވާ ކަމެކެވެ.
އެހެންނަމަވެސް، ކޮންމެ ޚުޠުބާއެއްގައި، އަދި ދިގު މުއްދަތަކަށް ބިރުގަތުން ދެމިހުރުމަކީ، ނޭދެވޭ ކަމެކެވެ. - މިއީ މި ޒަމާނުގައި 'ސޯޝަލް ފޯބިއާ' (އިޖުތިމާޢީ ބިރުވެރިކަން) އެނަމުން ނަންދެވިފައިވާ ކަމެކެވެ. - އެކަމުން ސަލާމަތްވުމަށްޓަކައި ސަބަބުތަކުގައި ހިފަންވާނެއެވެ. އޭގެ ތެރޭގައި:
ފުރަތަމައީ: ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމާއި، ﷲ ތަޢާލާގެ އެހީތެރިކަން ހޯދުމަށް ކުރިމަތިލުމާއި، ތިބާއަށް ހިތްހަމަޖެހުން މިންވަރުކުރެއްވުމަށާއި، ތިބާގެ ހިތަށް ހިމޭންކަމާއި ހަމަޖެހުން ބާވައިލެއްވުމަށް އެދި ދުޢާކުރުން ގިނަކުރުމެވެ.
ދެވަނައީ: ޚުޠުބާގެ ކުރިން، ގަނދަކޯޅިފަތު (މިންޓު ސައި ނުވަތަ ދިޔަ) އަދި އެފަދަ ހަމަހިމޭންކަން ގެނެސްދޭ ބައެއް ބުއިންތައް ބުއިމެވެ. ފަހެ، ހާސްކަމާއި ބިރުގަނެ ފަސްޖެހުން މައިތިރިކުރުމުގައި އެކަމުގެ އަޘަރު ހުރެއެވެ.
ތިންވަނައީ: ފާޑުކިޔުން އަޑުއެހުމަށް އަދި އެކަމާ އުފާކުރުމަށް ނަފްސު ހާނުވައި ތައްޔާރުކުރުމެވެ. އެއީ ކުރިއެރުމާއި އުފެއްދުންތެރިކަމަށްވާ ހަރުފަތެއް ކަމުގައި އެކަން ވުމަށެވެ. އަދި ކުށެއްޖެހި ގޯހެއް ހެދިދާނެތީވެ ބިރުނުގަތުމެވެ.
ހަތަރުވަނައީ: އަވަހަށް ޙާޟިރުވުން. ފަހެ ޝައްކެއްނެތްގޮތުގައި، ވަޤު ތު އަރާހަމަކުރަނީސް އަވަސްއަވަހަށް އަންނަ ޚުޠުބާ ދޭ މީހާގެ ނޭވާ އަވަސްވެ، އޭނާގެ ހިތް ނުތަނަވަސްވެ، އަދި ޚުޠުބާގެ ތެރޭގައިވެސް އޭނާއާއެކު ދެމިހުންނާނެފަދަ ކަންބޮޑުވުމާއި ހާސްކަން އޭނާއަށް ކުރިމަތިވާނެއެވެ.
ފަސްވަނައީ: މީސްތަކުންނަށް ބެލުމަށްޓަކައި ތިބާގެ އިސް އުފުލާށެވެ. އަދި ބައެއް ފަހަރު ކަރުދާހަށް ނުބަލައި އަމިއްލަ ޢިބާރާތުން ވާހަކަދައްކާށެވެ. ފުރަތަމަކޮޅުގައި އެކަމުގައި އުނދަގޫތަކަކާއި، ކުށްތަކަކާއި ފަސްޖެހުންތަކެއް ކުރިމަތިވި ކަމުގައި ވިޔަސްމެއެވެ. އެހެނީ، ކަރުދާހުގައިވާ އެއްޗަކުން ބޭރަށް ނުގޮސް އެގޮތުގައި ދެމިހުރުމާއި، ކެރިގެން ޙާޟިރުވެތިބޭ މީސްތަކުންނަށް ނުބެލުމަކީ، ތިބާ ދައްކާ ވާހަކައަށް އަޑުއަހާމީހުންގެ ކިބައިގައި ހުންނަ ޖޯޝާއި ޝައުޤުވެރިކަން ގެއްލުވައިލާނެ ކަމެކެވެ. އަދި އޭގެ ސަބަބުން މިންބަރާމެދު ތިބާގެ ހިތުގައިވާ ބިރުވެރިކަމާއި ޖެހިލުންވުން އެގޮތުގައި ދެމިހުންނާނެއެވެ.
އަދި ޚުޠުބާ ދިނުމުގައި އަހަރުތަކެއް ހޭދަކޮށްފައިވީނަމަވެސް، ކަރުދާހުގައިވާ އެއްޗަކުން ބޭރަށް ނުދާ އަދި އަޑުއެހުންތެރިންނަށް ނުބަލާ ބައެއް ޚަޠީބުން، ކޮންމެ ޚުޠުބާއެއް ދޭއިރުވެސް އެމީހުންނަށް ބިރުގަތުމާއި ކަންބޮޑުވުން އިޙްސާސްކުރެވޭކަމަށް ހާމަކޮށްފައިވެއެވެ. އަދި ކިއެއްތަ، އޭނާ ބުނެއެވެ: "ހަމަކަށަވަރުން، ލިބޭ ހާސްކަމާއި ހިތް ބިރުގަތުމުގެ ސަބަބުން، ކޮންމެ ޚުޠުބާއެއްގައިވެސް އަހަންނަށް ހީވަނީ ފުރަތަމަ ފަހަރަށް ޚުޠުބާ ދޭހެންނެވެ!"
އެހެންނަމަވެސް ތިބާގެ ޚުޠުބާތަކުގެ ފެށުމުގައި މީސްތަކުންގެ މޫނުތަކަށް ބަލާނެކަމެއް ނެތެވެ. އެހެނީ ފަހަރެއްގައި ތިބާ ޖެހިލުންވާ މީހަކަށް ތިބާގެ ލޯ އަމާޒުވެ، ދެންފަހެ ތިބާ ހާސްވެދާނެއެވެ. އަދި މީސްތަކުން ތިބާއަށް ބަލަން ތިބޭތީ ތިބާއަށް ސިހުން ގެނުވައިފާނެއެވެ. އޭގެ ބަދަލުގައި، ވަކިވަކި މީހުންނަށާއި އެމީހުންގެ ލޯތަކަށް ބަލަން ސަމާލުކަން ދިނުމެއްނެތި، އެމީހުންގެ ބޯތަކަށް ބަލާށެވެ.
ހަވަނައީ: މިންބަރު މައްޗަށް އަރާހިނދު، ދިމާވެދާނެ ނޭދެވޭ ކަންކަމަކަށް ނުވަތަ ކުށްތަކަކާމެދު ނުވިސްނާށެވެ. އޭގެ ބަދަލުގައި، ﷲ ގެ އިޛްނަފުޅާއެކު ނުކުންނާނެކަމަށް އުއްމީދުކުރެވޭ އެދެވޭ ނަތީޖާތަކަށާއި، މީސްތަކުންނަށް ކުރާނެ މަންފާއާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ ޝިޢާރު ޤާއިމުކުރުމަށާއި ﷲ ގެ މަގަށް ދަޢުވަތުދިނުމަށް އެކަލާނގެ ތިބާއަށް ދެއްވާ ތައުފީޤު ފަދަ، ތިބާގެ ޚުޠުބާއިން ޙާޞިލުކުރެވޭނެ ބޮޑެތި މަންފާތަކާމެދު ވިސްނާށެވެ.
ހަތްވަނައީ: ޚުޠުބާގެ ކުރިން ރަނގަޅު ގޮތުގައި ނޭވާލުމެވެ. އެއީ ނޭފަތުގެ ޒަރީޢާއިން ފުންކޮށް ނޭވާއެއް އެތެރެއަށް ލުމަށްފަހު، ކުޑަ ހިނދުކޮޅަކަށް ވައި ހިފަހައްޓާލައި، ދެން ލަސްލަހުން ބޭރުކުރުމެވެ. މިފަދައިން ނޭވާލުމަކީ ނުތަނަވަސްކަން ފިލުވައިލުމުގައި ވަރަށް ބޮޑު އަސަރެއްކުރާ ކަމެކެވެ. ކަމާބެހޭ މާހިރުންނާއި ޑޮކްޓަރީ ޢިލްމުވެރިން ބަޔާންކުރާ ގޮތުގައި އާދައިގެ ނޭވާލުމުން ސިކުނޑިއަށް ފޯރުކޮށްދެނީ 7 ލީޓަރާއި 10 ލީޓަރާ ދެމެދުގެ މިންވަރެއްގެ އޮކްސިޖަނެވެ. ނަމަވެސް ރަނގަޅު ގޮތުގައި ނޭވާލާ ޙާލަތްތަކުގައި ގާތްގަނޑަކަށް 75 ލީޓަރުގެ އޮކްސިޖަން ފޯރުކޮށްދެއެވެ. މީގެ ސަބަބުން ހާސްކަމާއި ނުތަނަވަސްކަމުގެ ހޯމޯންތަކުގެ މިންވަރު ދަށްކުރަން މެދުވެރިކުރެއެވެ. އަދި މިކަންވަނީ ތަޖުރިބާކުރެވިފައެވެ. އެގޮތުން ނުތަނަވަސްކަމާއި، ފިކުރުބޮޑުވުމާއި، ހާސްވެ ކަންބޮޑުވުން ފިލުވައިލުމުގައި މީގެ ބޮޑުވެގެންވާ އަޘަރުވަނީ ފެނިފައެވެ.
ދެންފަހެ ޚުޠުބާ ދިނުމުގެ ތެރޭގައިވެސް، ފަހެ ޙާޟިރުވެތިބޭ މީހުންނަށް ފާހަގަވެ ސަމާލުކަން ނުދެވޭފަދަ ގޮތަކަށް ފުންކޮށް ނޭވާލުމަށް މަސައްކަތްކުރާށެވެ. އެއީ އެކަށީގެންވާ ހުއްޓުންތަކުގައި އަނގައިން ނުވަތަ ނޭފަތުން އަވަހަށް އަދި ގިނަ މިންވަރަކަށް ނޭވާ އެތެރެކޮށްގެންނެވެ. ދެން މި ނޭވާއަށްފަހު، ވާހަކަ ފުރިހަމަކުރުމަށްޓަކައި ކުރިއަށް ގެންދާށެވެ. އަދި ގާތްގަނޑަކަށް ކޮންމެ ހުއްޓުމެއްގައިމެ މިފަދައިން ޢަމަލުކުރާށެވެ.
(ތިބާއަށް އަންނަ ނުބައި ފާޑުކިޔުންތަކަށް އޮތް އެންމެ ރަނގަޅު ޙައްލު)
- އޭ އަހަރެންގެ އަޚު ޚަތީބެވެ. - ރަނގަޅަށް ވިސްނައި ފިކުރުކުރުމަށްފަހު، އަދި ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށްފަހު؛ ދެން ތިބާ ނިންމި ނިންމުމަކާމެދު، ނުވަތަ ތިބާ ރުހުނު އުސްލޫބަކާމެދު، ނުވަތަ ތިބާ ޚިޔާރުކުރި މަގެއް ތިބާއަށް ޤަބޫލުކުރެވި ބަލައިގަނެވިއްޖެނަމަ؛ ދެންފަހެ، ފާޑުކިޔާ މަލާމާތްކުރާ މީހުންނަށް ތިބާ ފަސްއެނބުރި ބަލާނެކަމެއް ނެތެވެ. އެހެނީ ހަމަކަށަވަރުން އެއްވެސް މީހަކު، އޭނާ ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް، އަދި އޭނާގެ ޤަދަރު ކިތަންމެ މަތިވެރިކަމުގައި ވިޔަސް، މީސްތަކުންގެ ފާޑުކިޔުންތަކުން ސަލާމަތެއް ނުވާނެއެވެ.
އަދި އެއުރެންގެ ފާޑުކިޔުންތަކަށް ތިބާ ފަސްއެނބުރި ސަމާލުކަންދީފިނަމަ؛ ތިބާގެ ހިތްވަރު ބަލިކަށިވެ، ތިބާގެ މޭ ނުތަނަވަސްވެ، އަދި ތަރައްޤީކުރުމާއި އީޖާދުކުރުމަށް އޮންނަ ޝައުޤުވެރިކަން ކެނޑިދާނެއެވެ.
އެއަށް ޢައިބުކިޔައި ފާޑުކިޔާނެ މީހަކު ނުވާ އެއްވެސް ފޮތެއް، ނުވަތަ ލިޔުމެއް، ނުވަތަ ޢަމަލެއްވެސް ނުވެއެވެ.
އަދި ތިބާގެ މައްޗަށްއޮތީ: ފާޑުކިޔާ މީހުންނާމެދު އޯގާތެރިކަމާއި އިޙްތިރާމާއެކު މުޢާމަލާތްކުރުމެވެ. އަދި އެންމެ ރިވެތި ގޮތުގައި އެމީހުންނަށް ރައްދުދީ، އަދި އެމީހުންގެ ކިބައިގައިވާ ޙައްޤު ޤަބޫލުކުރާށެވެ. އަދި އެކަމާމެދު ތިބާ ބޮޑާވެނުގަންނާށެވެ. އެއީ ފާޑުކިޔާ މީހާއަކީ ތިބާގެ ގާތުގައި އެއްވެސް ޤަދަރެއް ނެތް މީހަކު ކަމުގައިވިޔަސްމެއެވެ.
(ޚުޠުބާގެ ކުރިން ޚަޠީބަށް އޮތް ވަޞިއްޔަތްތަކެއް)
- އޭ ޚުޠުބާ ދޭ އަޚާއެވެ. - ﷲ ތަޢާލާގެ ވާގިފުޅަށްފަހު، މިންބަރުގެ މަތީގައި ކޮޅަށް ހުރުމަށާއި ތިބާގެ ޚުޠުބާތައް ދިނުމަށް އެކަންކަމުން އެހީތެރިކަން ލިބިގަތުމަށްޓަކައި، ޚުޠުބާގެ ކުރިން ތިބާ ބައެއް ކަންކަން ކުރަންވާނެއެވެ. އޭގެ ތެރޭގައި:
ފުރަތަމައަށް: ތިބާ ތިޔަ ދަނީ ﷲ ގެ ރިސާލަތުތައް ފޯރުކޮށްދިނުމަށާއި އެކަލާނގެއަށް ދަޢުވަތު ދިނުމަށްކަން ހިތްމައްޗަށް ގެންނާށެވެ، އަދި - ބައެއް ފަހަރު - ﷲ ތަޢާލާގެ މި ބަސްފުޅު ކިޔަވާށެވެ: ﴿الَّذِينَ يُبَلِّغُونَ رِسَالاتِ اللَّهِ وَيَخْشَوْنَهُ وَلا يَخْشَوْنَ أَحَداً إِلَّا اللَّهَ﴾ މާނައީ: "އެބޭކަލުންނީ، ﷲ ގެ ރިސާލަތްތައް ފޯރުކޮށްދެއްވައި، އެކަލާނގެއަށް ބިރުވެތިވެވަޑައިގަންނަވައި، ﷲ އަށް މެނުވީ އެހެން އެއްވެސް ފަރާތަކަށް ބިރުވެތިވެވަޑައިނުގަންނަވާ ބޭކަލުންނެވެ." އަދި - އަނެއްބައި ފަހަރު - ﷲ ތަޢާލާގެ މި ބަސްފުޅު ކިޔަވާލާށެވެ: ﴿وَمَنْ أَحْسَنُ قَوْلاً مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحاً وَقَالَ إِنَّنِي مِنَ الْمُسْلِمِينَ﴾ މާނައީ: "ﷲ ގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞާލިޙު ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ މުސްލިމުންގެ ތެރެއިންނޭ ބުނާ މީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟" [ފުއްޞިލަތު: 33].
އަދި ﷲ ތަޢާލާގެ މި ބަސްފުޅެވެ: ﴿قُلْ هَذِهِ سَبِيلِي أَدْعُو إِلَى اللَّهِ عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ﴾ މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، އަދި ތިމަންކަލޭގެފާނަށް ތަބަޢަވި މީހުން، ބަޞީރަތާއި ސާފުވެގެންވާ ދަލީލެއްގެ މަތީގައި ތިބެ، ﷲ ގެ ޙަޟްރަތަށް ގޮވާލަމެވެ. އަދި ﷲ ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. އަދި ތިމަންކަލޭގެފާނު މުޝްރިކުންގެ ތެރެއިން ނުވަމެވެ." [ޔޫސުފު: 108]
އަދި މީގެ ސަބަބުން، އިތުރަށް އިޚްލާޞްތެރިވުމަށާއި، ހިއްމަތާއި ޢަޒުމަށާއި، ނަބިއްޔާ ﷺ ގެ ނަމޫނާގައި ހިފުމަށާއި، ޚުޠުބާދިނުމުގެ އެންމެ މަތިވެރި މަޤްޞަދު ހިތްމައްޗަށް ގެނައުމަށް ތިބާއަށް ބާރުއަޅައިދެއެވެ. އެއީ އެކަމަކަށްޓަކައި ﷲ ތަޢާލާ އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވެވި ކަންތަކެވެ. އެއީ ދީން ފޯރުކޮށްދިނުމާއި އެ ދީން ފެތުރުމެވެ. އަދި މިއީ ދުނިޔޭގައިވާ އެންމެ މަތިވެރި މަޤާމެވެ.
ދެވަނައީ: ތިބާ މިންބަރަށް އެރުމުގެ ކުޑައިރުކޮޅެއް ކުރިން، ތިބާއަށް އިޚްލާޞްތެރިކަމާއި، ތައުފީޤާއި، (ޙައްޤު ބަސްބުނުމުގައި) ސީދާކަން ދެއްވުންއެދި، އަދި ތިބާ ބުނާ ބަސްތަކުން ތިބާއަށާއި އެހެންމީހުންނަށް މަންފާކޮށްދެއްވުންއެދި ﷲ އަށް ދުޢާކުރާށެވެ. ފަހެ، ކިތައްކިތައް ޚަޠީބުންނާއި ވާހަކަދައްކާ މީހުން، އެމީހުން ބުނާ ބަސްތަކުން ނަޞީޙަތާއި ވަޢުޡެއް ލިއްބައިނުދޭހެއްޔެވެ. އަދި ނަޞީޙަތް ލިބިގަތްކަމުގައި ވިޔަސް، އޭނާ ބުނި ބަސްތައް ވަރަށް އަވަހަށް ހަނދާންނެތިދެއެވެ. ވަކިން ޚާއްޞަކޮށް އެކަމަށް ގިނަ ދުވަސްވެއްޖެނަމައެވެ.
އަދި ތިބާއަށް ފަޞާޙަތްތެރިކަމާއި ބަޔާންކުރުން ދެއްވުމަށް، އަބަދުވެސް ﷲ ތަޢާލާގެ ޙަޟްރަތުން އެދޭށެވެ.
ތިންވަނައީ: ގިނަ ފަހަރަށް، ތިބާ ޚުޠުބާ ދިނުމުގެ ދިގު މުއްދަތެއް ކުރިން ޚުޠުބާތަކެއް ތައްޔާރުކުރުމެވެ. އަދި އެ ޚުޠުބާތައް ތައްޔާރުކުރުމާއި އެ ޚުޠުބާތައް ދިނުމާ ދެމެދު މަސްތަކެއް ނުވަތަ އަހަރުތަކެއްވެސް ވެދާނެއެވެ.
އެކަން ކުރާނެ ގޮތަކީ: ތިބާގެ ޚިޔާލަށް މައުޟޫޢެއް އަންނަ ހިނދު، ނުވަތަ (ފޮތްތަކާއި ލިޔުންތައް) ކިޔަމުން ދިއުމުގެ ތެރޭގައި އަގުހުރި ފާއިދާއަކާ ދިމާވާ ހިނދު، ނުވަތަ ތިބާގެ ސަމާލުކަން ހުއްޓުވާލާ ޙަދީޘެއް، ނުވަތަ ތިބާ ވިސްނާ ފިކުރުކުރެވުނު އާޔަތަކާ ދިމާވާ ހިނދު: ފަހެ، ލަސްކުރުމަކާ ނުލައި ވަޤުތުން އެކަމެއް ލިޔެ ރައްކާކުރާށެވެ. އެހެނީ، އެ ވަޤުތަކީ ޝުޢޫރުތައް އުތުރިއަރަމުންދާނެ ވަޤުތެވެ. އަދި ފިކުރުތައް ސިކުނޑީގައި ޙާޟިރުވެފައި، ގުޅިލާމެހިފައިވާނެ ވަގުތެވެ. އަދި އެ ވަޤުތުގައި ލިޔުން ފަސްކޮށްފިނަމަ، އެ ފިކުރުތަކާއި ޚިޔާލުތައް ގެއްލިގެން ހިނގައިދާނެއެވެ. އަދި އެކަންކަން ހަނދާންކޮށް، އަލުން ހިތްމައްޗަށް ގެނައުމަށް އުނދަގޫވާނެއެވެ. ދެން ތިބާގެ ހިތާއި ޚިޔާލަށް އަންނަހާ އެއްޗެއް ލިޔާށެވެ. ދެން އެއަށްފަހު، ގަދަކަމުން ތަކްލީފުން އުޅުމަކާ ނުލައި، ޤުރްއާނާއި ސުންނަތުންނާއި، އެބޭފުޅުންގެ ފޮތްތައް ނުވަތަ އެބޭފުޅުންގެ ފަރާތުން ނަޤުލުކުރެވިފައިވާ ފޮތްތައް ކިޔުމުގެ ތެރޭގައި އެބޭފުޅުންގެ ބަސްފުޅުތައް ތިބާއަށް ފެނިފައިވާ ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުން ޢިލްމީ މާއްދާ ޖަމަޢަކުރަން ފަށާށެވެ. އަދި ބޭނުންޖެހިއްޖެ ޙާލަތެއްގައި، މަކްތަބާ ޝާމިލާއިން، ނުވަތަ އިންޓަނެޓުން ހޯދާ ބަލާށެވެ.
އަދި ޤުރްއާނުގެ އާޔަތްތަކަށާއި، ނަބަވީ ޙަދީޘްތަކަށާއި، ސަލަފުންގެ ބަސްފުޅުތަކާއި އަޘަރުތަކަށާއި، ތާރީޚަށާއި، މިޒަމާނުގެ ރައްބާނީ ޢިލްމުވެރިންގެ ބަސްތަކަށް އަހައްމިއްޔަތުކަންދީ ފަރުވާތެރިވާށެވެ. އަދި ޚާއްޞަކޮށް ނަވާޒިލުތަކާއި (އަލަށް ފެންމަތިވެ ހިނގައިގެން އުޅޭ މައްސަލަތަކާއި ކަންކަމާއި) ޙާދިޘާތަކާ ގުޅޭ ކަންކަމުގައެވެ.
ދެން ޚުޠުބާގެ މައުޟޫޢާ ގުޅުންހުރި ކަމަށް ތިބާއަށް ފެންނަ ކޮންމެ އެއްޗެއް: ފަހެ، އެ ނަގައި ތަރުތީބުކުރުމަކާއި ފަރުވާތެރިކޮށް ބެލުމަކާ ނުލައި ކޮމްޕިއުޓަރުގެ ފައިލެއްގައި ބަހައްޓާށެވެ.
ތިބާގެ ހިތަށްއަރާ ނުވަތަ ތިބާ ހުރަސްކޮށްދާ މައުޟޫޢުތަކާއި ފައިދާތަކާމެދު އަބަދުވެސް ހަމަ މިފަދައިން ކަންތައް ކުރާށެވެ. އަދި އެހިނދު ތިބާގެ ހިތަށް ވެރިވެ އަޅައިދޭ ކަންކަން ނޯޓުކުރާށެވެ. އަދި ތިބާއަށް ކުޅަދާނަވެގެންވާ މިންވަރަކުން ހޯދައި ބަލައި، ލިޔާށެވެ. ދެން އެ ދޫކޮށްލާފައި، ތިބާ ޢާއްމުކޮށް ކިޔާއުޅޭ ކިޔުމާއިގެން ކުރިއަށްދާށެވެ. ފަހެ، ތިބާ އެއްކޮށް ލިޔެފައިވާ ނުވަތަ އޭގެ ބައެއް ލިޔެފައިވާ ޚުޠުބާއަކާ ގުޅުންހުރި ފައިދާއެއް ނުވަތަ އާޔަތެއް ނުވަތަ ޙަދީޘެއް ތިބާއަށް ފެނިއްޖެނަމަ: އެއަށް އެބައި އިތުރުކޮށްލާށެވެ.
ދެން ފަހަރެއްގައި ތިބާގެ އަތުގައި އެތައް އަހަރުތަކެއް ވަންދެން އެ ޚުތުބާ އޮވެދާނެއެވެ. އަދި ތިބާގެ ދަރުސްތަކުގައި، ނުވަތަ ތަޤުރީރުތަކުގައި، ނުވަތަ ވާހަކަތަކުގައި އެ ބައިތައް އިއްވާށެވެ. ފަހެ އެކަމުގެ ތެރޭގައި، އޭގެ ކުރިން ތިބާގެ ހިތަށްވެސް އަރާފައިނުވާފަދަ އެތައް ނާޒުކު ކަންކަމާއި ފައިދާތަކެއް ތިބާއަށް ހުޅުވިގެންދާނެއެވެ. އަދި ތިބާ ހަނދާންނެތިފައިވާ ކަންކަންވެސް ހަނދާންވާނެއެވެ. އަދި ހުކުރު ޚުޠުބާގައި ތިބާ އެ ކަންކަން އިއްވާ ހިނދު؛ -ވެވުނު މިންވަރަކުން- އެ އޮންނާނީ ފުރިހަމައަށް ތައްޔާރުކުރެވިފައެވެ.
ހަތަރުވަނައީ: މިސްކިތްތަކުގައި ނުވަތަ ތިބާގެ އަމިއްލަ މަޖިލިސްތަކުގައި ދެވޭ ބަސްކޮޅުތަކެއްގެ ގޮތުގައި، އެ ފުރިހަމައަށް ނުވަތަ ބައިބަޔަށް ބަހާލައިގެން އިއްވާށެވެ. އަދި އެކަމުގެ މަޤްޞަދަކީ:
ހ- މަޢުލޫމާތުތައް ހަރުލެއްވުމާއި އަދި އެރައްކާކުރެވުމެވެ.
ށ- މީސްތަކުންގެ މެދުގައި އެ ފެތުރުމެވެ. އަދި ޚާއްޞަކޮށް، ތިބާ ޚުޠުބާދޭ ޖާމިޢު މިސްކިތާ ކައިރީގައި ނުވާ މިސްކިތްތަކުގައެވެ. އަދި ޢާއްމުގޮތެއްގައި ތިބާގެ ޖަމާޢަތުގެ މީހުން ތިބާގެ ގާތަށް ޙާޟިރެއް ނުވާނެއެވެ.
ނ- މައުޟޫޢު އިތުރަށް ދިރާސާކޮށް ފުންކޮށް ހޯދައިބެލުމެވެ. އަދި ގިނަފަހަރަށް ވާގޮތަކީ، ތިބާ އެ ވާހަކަތައް ހުށަހަޅައިދޭއިރު، ވާހަކަދައްކަމުންދާ ވަޤުތު ނުވަތަ އޭގެ ފަހުން، އެކަންކަމާމެދު ވާހަކަދެއްކުން ބޭނުންތެރިވެގެންވާ މުހިއްމު ކަންތައްތަކެއް، ނުވަތަ ތިބާގެ ކިބައިން އެ އަޑުއެހި މީހެއްގެ ފަރާތުން އަންނަ ސުވާލަކާއި އޮޅުންފިލުވުމެއް ތިބާއަށް ފާޅުވެގެންދާނެއެވެ.
ފަސްވަނައީ: ހުކުރު ދުވަހު ޚުޠުބާގެ ވަޤުތުގެ ގާތްގަނޑަކަށް ދެ ގަޑިއިރު ކުރިން، ޚުޠުބާގައި ތިބާ އެ ކިޔާ ފަދައިން އެ ކިޔާށެވެ.
ިހަވަނައީ: ބަޙުޘްކުރުމާއި މާބޮޑަށް ތައްޔާރުވުމުގައި ގަދަކަމުން ނުވާވަރުން ތަކުލީފުޖެހިގަނެގެން ނޫޅޭށެވެ. އަދި ތިބާގެ ޤަޞްދާއި ޢަޒުމްކަމުގައި ހަދާހުށީ: އެންމެ ފުރަތަމަ ތިމާއަށް ފައިދާކުރާ، ދެން އެއަށްފަހު އަޑުއެހުންތެރިން، އެ މީހުންގެ ފަންތިތައް ތަފާތުވުމުގެ މައްޗަށް އޭގެ ފައިދާކުރާނެފަދަ މަޢުލޫމާތުތަކެއް އެއްކުރުމެވެ.
އަދި ކޮންމެ ކަމެއްގައިވެސް ތަކްލީފުޖެހިގެން އުޅުމަކީ ގެއްލުންދެނިވި އަދި ދަތި އުނދަގޫ ކަމެއްކަމުގައި އަހުރެންނަށް ވަނީ ފެނިފައެވެ. އަދި ގިނަފަހަރަށް އޭގެ ސަބަބުން އެކަންކުރާ މީހާ މެދުކެނޑުމަކަށް، ނުވަތަ ފޫހިކަމާއި ވަރުބަލިކަމަށް ގެންގޮސްދެއެވެ.
(ޚުޠުބާގެ ތެރޭގައި ޚަޠީބަށްވާ ވަޞިއްޔަތްތައް)
ޚުޠުބާގެ ތެރޭގައި ތިބާ ކުރަންޖެހޭ އެތައްކަމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި:
ފުރަތަމައީ: އެންމެ ފަހުގެ ވާހަކަތަކާއި ޙާދިޘާތަކާއި، ޙާލަތްތަކާއި، ޢިބްރަތްތަކުގައި ތިބާ ދިރިއުޅެމުންދާހިނދު؛ ހަދައިގެން އިޙްސާސްތައް ފާޅުކުރުމަށް އަދި ފޮރުވުމަށްވެސް ގަދަކަމުން ނޫޅޭހުށިކަމެވެ. އަދި އޭގެ ސިޔާޤާ އެއްގޮތްވާގޮތުގެ މަތިން، ތިބާގެ މޫނުމަތީގެ ކުލަވަރުންނާއި، ލޮލުގެ އަޘަރުތަކުންނާއި، އަޑުގެ ރާގުތައް ތަފާތުކުރުމުގެ ތެރެއިން ތިބާގެ އިޙްސާސްތައް ފާޅުކުރާހުށިކަމެވެ.
އަދި ދަންނާށެވެ! ތިބާގެ ހުށަހެޅުން ތަބީޢީ ގޮތެއްގައި ހުރި ވަރަކަށް، އަދި އެކަމުގައި ގަދަކަމުން ނުވާވަރުން އުޅުމުގެ ތަކުލީފުވުމެއް ނެތް ވަރަކަށް، އޭގެ އަސަރު މާބޮޑުވެގެންދާނެއެވެ. ފަހެ، ތިބާ އޭގެ މަތީގައި ހެދިބޮޑުވި ތިބާގެ އަމިއްލަ ތަބީޢަތުގެ މަތީގައި ހުންނާށެވެ. އަދި ޚުޠުބާ ނޫން އެހެން ވަޤުތަކުގައި ވާހަކަދައްކައި އުޅޭއިރު ތިބާ ބޭނުންކުރާ އުސްލޫބުގެ މަތީގައި ހުންނާށެވެ. އެއީ، އަޑުގެ ރާގުތަކަށާއި، ހުށަހަޅައިދޭ ގޮތް ރީތިކުރުމަށް ފަރުވާތެރިކަމާއެކު ސަމާލުކަން ދިނުމާއެކުގައެވެ.
އަދި ޚަޠީބުންގެ ތެރެއިން ވަރަށް ގިނަ މީހުން ޚުޠުބާއަށް، އޭނާ ޢާދަވެފައިވާ އުސްލޫބާ މުޅިން ތަފާތު އުސްލޫބެއް ގެންގުޅެއެވެ. އެއީ ޚުޠުބާ ދިނުމަށް އަބަދު އެއްގޮތަކަށް އޮންނަ އުސްލޫބަކާއި، އެކަމަށް ޚާއްޞަވެގެންވާ ވަކި ތަފާތު ވައްޓަފާޅިއެއް އޮންނަ ކަމަށް އޭނާ ދެކޭ ކަހަލައެވެ. ފަހެ މިކަމުގެ ސަބަބުން، އަޑުއެހުންތެރިންނަށް އަޘަރު ފޯރުވުމާއި، އެމީހުންގެ ހިތްތަކާ ހަމައަށް ވާޞިލުވުން އޭނާގެ ކިބައިން ގެއްލިގެންދެއެވެ.
ދެވަނައީ: ޚުޠުބާ އެއްފައްޗަކަށް އަމުނާލައިގެން ނުވާނެއެވެ. އަދި އަޑުއަހާ މީހާއަށް ފުރިހަމައަށް އަޑުއެހުން ގެއްލިގެންދާ ވަރަށް އަވަސްކޮށްގެންވެސް ނުވާނެއެވެ. އަދި ޚުޠުބާ ދޭންވާނީ މަޑުމައިތިރިކަމާއެކު ލަސްލަހުންނެވެ. އަދި ބޭނުންޖެހިއްޖެ ޙާލަތެއްގައި ކުޑަކޮށް މަޑުކޮށްލަން ވާނެއެވެ. އަދި އެކަށީގެންވާ މަޤާމާ އެއްގޮތްވާގޮތުގެ މަތިން އަޑުގެ ރާގުތަކުގެ މިންވަރަށް ސަމާލުކަންދޭން ވާނެއެވެ. އެގޮތުން އެކަމަށް ނިޔާކުރާ މަޤާމެއްނަމަ؛ އަޑު އުފުލައި ވާހަކަދެއްކުން އަވަސްކުރަންވީއެވެ.
ތިންވަނައީ: ޚުޠުބާގެ ވަޤުތު ފަރުވާތެރިކަމާއެކު ޙިސާބުކުރާށެވެ. އަދި ބޭނުމެއް ޖެހިގެން މެނުވީ ޚުޠުބާ ދިނުން ދިގުކޮށްގެން ނުވާނެއެވެ.
ހަތަރުވަނައީ: ޚުޠުބާގެ ތެރޭގައި ނަމާދުކުރާ މީހުންގެ ފަރާތުން ބައެއް ގޯސްތައް ހެދޭތަން ފެނިއްޖެނަމަ؛ ފަހެ މަޑުމައިތިރިކަމާއެކު އެކަންކަމާމެދު ސަމާލުކުރުވާށެވެ. މިޘާލަކަށް ޚުޠުބާގެ ތެރޭގައި މީހަކު ވާހަކަދައްކާތަން ފެނިއްޖެނަމަ، ފަހެ މިގޯހާމެދު ޢާއްމުކޮށް ސަމާލުކުރުވާށެވެ.
(ޚުޠުބާއަށްފަހު ޚަޠީބަށްވާ ވަޞިއްޔަތްތައް)
ޚުޠުބާއަށްފަހު ތިބާ ކުރަންވާނެ އެތަކެއް ކަމެއް ވެއެވެ. އޭގެ ތެރޭގައި:
ފުރަތަމައީ: ޚުޠުބާ އަދާކުރުމުގައި ތިބާއަށް މިންވަރުކުރެއްވި ތައުފީޤަށްޓަކައި ﷲ ތަޢާލާއަށް ޙަމްދުކުރުމެވެ.
ދެވަނައީ: ތިބާގެ ޚުޠުބާތައް ދިނުމަށް ފަހު ތިބާ އެ އަޑުއެހުމެވެ. އެއީ އޭގައިވާ ރަނގަޅު ކަންތައްތައް ހޯދައި، އެކަންކަން ވަރުގަދަކޮށް އަށަގެންނެވުމަށާއި، އަދި އުނި ކަންތައްތައް ހޯދައި، އެކަންކަމުން ރައްކާތެރިވެ ދުރުހެލިވުމުގެ މަޤުޞަދުގައެވެ.
އަދި މި ހުރިހާ ކަމެއް ކުރެވެނީ:
ފުރަތަމައަށް: ޚުޠުބާގެ މަޤާމު މަތިކޮށް ޤަދަރުކުރުމުގެ ގޮތުންނެވެ. ފަހެ، އިސްލާމްދީނުގައި އެއަށް އޭގެ ޤަދަރާއި މަޤާމު ލިބިގެންވެއެވެ.
އަދި ދެވަނައަށް: އެބައިމީހުންގެ ރައްބަށް ކިޔަމަންތެރިވުމަށާއި، އެބައިމީހުންގެ ޚާލިޤުގެ ގޮވާލެއްވުމަށް އިޖާބަދިނުމަށާއި، ތިބާގެ ކިބައިގައިވާ އެއްޗެއް އެހުމަށް ލޯބިކޮށްގެން އައި ނަމާދުކުރާ މީހުންނަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ.
އަދި ހަމައެހެންމެ، އެ ޚުޠުބާގައި އެކުލެވިގެންވާ ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ތިބާއަށް ބުނެދިނުމަށްޓަކައި، ތެދުވެރި ނަޞޭޙަތްތެރިއަކަށް އެކަން ހުށަހެޅިދާނެއެވެ.
ހަމައެފަދައިން، އެ ޚުޠުބާ ރެކޯޑުކޮށް ފެތުރެން އޮތް ނަމަ، ޚާއްޞަކޮށް ޚަޠީބުން މަދު ޤައުމުތަކުގައި، ތިބާއާއެކު ނަމާދުނުކުރާ ޢާއްމު މީހުންނަށް އެއިން ފައިދާ ލިބިުމަށްޓަކައި އެ ފަތުރާށެވެ. އަދި އަޑުގެ ޒަރީޢާއިންނާއި ލިޔެވިފައިވާ ގޮތަށް ފަތުރާނީއެވެ.
އަދި ސޯޝަލް މީޑިއާގައި އޭނާއަށް ޕޭޖެއް، އަދި ހަމައެފަދައިން ޚާއްޞަ ވެބްސައިޓެއް ހެދިކަމުގައި ވިޔަސް، ފަހެ އެގޮތްވެސް ރަނގަޅެވެ.
އަދި ހަމައެފަދައިން ޚުޠުބާތައް ފަތުރާ ވެބްސައިޓްތަކަށް އެހީތެރިވުމާއި، އެ ވެބްސައިޓްތަކުގައި އޭނާގެ ޚުޠުބާ ފެތުރުމެވެ. އަދި ޚާއްޞަކޮށް ތަރުޖަމާކޮށްފައިވާ ޚުޠުބާތައް މަދުކަމުން، އެ ފަދަ ޚުޠުބާތައް ފެތުރުމަށް އެހީވުމެވެ.
(ޚަޠީބަށާއި ﷲ އަށް ގޮވާލާ ދަޢުވަތުދޭ މީހާއަށްވާ ޢާއްމު ނަޞީޙަތްތަކެއް)
– އޭ ހުކުރު ޚުޠުބާ ދޭ އަޚާއެވެ! – ތިބާއަށް މި ހުށަހަޅާ ނަޞޭޙަތްތަކަކީ، އަހަރުމެންނަށްވެސް އެކަންކަން ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ ނުވެއެވެ:
[1](އުފާވެރި ޚަބަރުދޭށެވެ. އަދި ނަފުރަތްތެރި ނުކުރުވާށެވެ.)
ތައުފީޤު ލިބިގެންވާ ކާމިޔާބު ޚަޠީބަކީ: އެއީ އުފާވެރިކަމުގެ ޚަބަރުދޭ އަދި މީސްތަކުން ނަފްރަތްތެރި ނުކުރުވާ މީހާއެވެ. އަދި މާޔޫސްކަމާއި ކަންނެތްކަމުގެ ހިރަފުސް ފިލުވައިދީ، ގަދައަޅައި މަސައްކަތްކުރުމަށާއި ޢަމަލުކުރުމަށް ބާރުއަޅައިދޭ، ހެޔޮފާލާއި އުއްމީދުގެ ރޫޙު މީސްތަކުންގެ މެދުގައި ފަތުރާ އާލާކުރާ މީހާއެވެ.
- އޭ އަޚު ޚަޠީބެވެ! - ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައިވެސް ހިނގައިފާނެ ހިތާމަތަކާއި، މުޞީބާތްތަކާއި، ނޭދެވޭ ކަންކަމުގެ ވަށައިގެން ތިބާގެ ޚުޠުބާތަކުގެ މައުޟޫޢުތައް އެނބުރުމުން ތިބާ ރައްކާތެރިވެ އެއްކިބާވުން ހުއްޓެވެ. އޭގެ ބަދަލުގައި، ތިބާގެ ޚުޠުބާތަކުގެ ބޮޑުބައި އަމާޒުކުރަންވާނީ އުއްމީދު އާކޮށްދިނުމަށާއި، އަޚްލާޤާއި، ސުލޫކާއި، ޝަޚްޞިއްޔަތުތަކުގެ ތެރެއިން ފެންނަން ހުރި އުޖާލާ ނަމޫނާތައް ބަޔާންކުރުމުގެ މައްޗަށެވެ. އެއީ މީސްތަކުން އެމީހުންގެ ނަމޫނާއެއްކަމުގައި އަދި މަގުދައްކައިދޭ ދަންމަރެއް ކަމުގައި މި އަޚްލާޤާއި، މި ސުލޫކާއި، އަދި މި ޝަޚްޞިއްޔަތުތައް ހިފުމަށްޓަކައެވެ.
އަދި ތިބާއަށް ގޯހެއް ފެނިއްޖެނަމަ؛ ފަހެ ޝަރުޢީ ގޮތުގައާއި އެކަށީގެންވާ އުސްލޫބުގައި އެކަން ސަމާލުކަމަށް ގެނެސްދީ، އެކަމާމެދު މީސްތަކުންނަށް އިންޛާރުކުރުމުގައި މައްސަލައެއް ނެތެވެ.
[2] (ޢާއްމު މީސްތަކުން ތިބާގެ ދެލޯ ކުރިމަތީގައި ބަހައްޓާށެވެ.)
- ﷲ ތިބާ ރައްކާތެރިކުރައްވާށިއެވެ. - ތިބާގެ ލޯމަތީގައި ޢާއްމު މީސްތަކުން ބަހައްޓާށެވެ. ފަހެ، ތިބާގެ ޚުޠުބާތަކަށާއި ވަޢުޡުތަކަށް އެންމެ ޙައްޤުކަން ބޮޑީ އަދި އެންމެ އައުލާއީ އެމީހުންނެވެ. އެއީ ޢުޘްމާނު ބްނު އަބިލް-ޢާޞް رَضِيَ اللهُ عَنْهُ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ އިމާމަކަށް އިސްކުރެވުނު ހިނދު، ނަބިއްޔާ ﷺ އެކަލޭގެފާނަށް ޙަދީޘްކުރެއްވި ފަދައިންނެވެ: "އަދި އެއުރެންގެ ތެރެއިން އެންމެ ބަލިކަށި މީހާއަށް ތިބާ ތަބަޢަވާހުށިކަމެވެ." [8]. - ރިވާކުރެއްވީ އަބޫ ދާވޫދު ނަމްބަރު 531 ގައި، އަދި އިބްނު މާޖާ ނަމްބަރު 987 ގައި، އަދި އަޙްމަދު ނަމްބަރު 17906 ގައި، އަދި އެނޫން ބޭކަލުންވެސްމެއެވެ. އަދި އަލް-އަލްބާނީވަނީ މި ރިވާޔަތް ޞައްޙަކުރައްވާފައެވެ.
އެބަހީ: އެންމެ ބަލިކަށި މީހާގެ ޙާލަތަށް ރިޢާޔަތްކުރާށެވެ. އަދި އެމީހުންނަށް ބުރަނުވާނޭފަދަ ގޮތަކަށް ނަމާދުކުރާށެވެ. އަދި ވިސްނުން ބަލިކަށި މީހުންނަށް ރިޢާޔަތްކުރުމަކީ، ހަށިގަނޑު ބަލިކަށި މީހުންނަށް ރިޢާޔަތްކުރުމަށްވުރެ މުހިއްމުކަން ވަކި ކުޑަކަމެއް ނޫނެވެ.
ދެންފަހެ ތިބާ އެ މީހުންގެ ތެރެއިން އިސްމީހުންނާއި ޚާއްޞަ މީހުންނަށާއި، ތިބާދެކެ ލޯބިވާ މީހުންނާއި ތިބާގެ ދަރިވަރުންނަށް ރިޢާޔަތްކޮށް، ޢާއްމު މީހުންނަށް އަހައްމިއްޔަތުކަން ނުދީފިނަމަ؛ ފަހެ، ހަމަކަށަވަރުން އެކަމުގެ ސަބަބުން، އެތައް ނުރައްކާތަކަކަށް ތިބާ ގެންދާނެއެވެ:
ފުރަތަމަ ކަމަކީ: ބަސްތައް އިޚްތިޔާރުކުރުމުގައި ގަދަކަމުން ތަކްލީފުން އުޅުމާއި، ޢާއްމު ޢާދައިގެ މީހުންގެ އެފަދަ ބޮޑުބައިގަނޑު ދޫކޮށް ޚާއްޞަ މީހުންގެ ފެންވަރާ ގުޅޭގޮތަށް ބަސްތައް ވަކި ވަޒަންތަކަށް އަމުނާލަން އުޅުމާއި، އެ މީހުންނާ ގުޅޭ މައުޟޫޢުތައް ޚިޔާރުކުރުމެވެ.
ދެވަނައީ: ޢާއްމުންނަށް މަންފާކުރާނެ ވަޢުޡުތަކާއި އިޖުތިމާޢީ މައްސަލަތަކަށް ފަރުވާދިނުން ފަދަ ކަންކަމުން އެބައިމީހުން މަޙްރޫމުކުރުމެވެ. އެހެނީ، ތިބާވަނީ ޢިލްމުހުރި ހޭލުންތެރި މީހުންނާއި އެފަދަ މީހުންނަށް މުހިއްމުވާ ކަންކަމުގައި މަޝްޣޫލުވެފައެވެ. ފަހެ، އެބައިމީހުން އެދޭނީ ޢިލްމުތަކުގެ ނާޒުކު ފުން ވާހަކަތަކާއި، އިސްތިންބާޠުތަކާއި، އައު އަދި ޢާދަޔާޚިލާފު ވާހަކަތައް އަޑުއެހުމަށެވެ. އަދި އަނެއްބަޔަކު އެދޭނީ ސިޔާސަތުގެ ވާހަކަތަކާއި، ވާޤިޢީ ޙާލަތުގެ ތެރެއަށް ޣަރަޤުވެގެންދާ ފަދަ ވާހަކަތައް އަޑުއެހުމަށެވެ. އަދި އެކަމުން އެބައިމީހުންގެ ދީނަށްވެސް އަދި ދުނިޔެއަށްވެސް މަންފާއެއް ނުކުރާނެއެވެ.
ތިންވަނައީ: ނިޔަތް ފަސާދަވުމެވެ. އެގޮތުން ﷲ ގެ ވަޖުހުފުޅަށްޓަކައި ޚާލިޞްވެގެންވުމުގެ ބަދަލުގައި، ތިބާދެކެ ލޯބިވާ މީހުންނަށް ރިޢާޔަތްކުރުމަށާއި، އެބައިމީހުން ގަޔާވާ އަދި ރުހޭ ކަންކަމަށް ބެލުމަށް އެ ނިޔަތް އަނބުރާލެވިގެން ދިއުމެވެ.
އެގޮތުން ތިބާގެ ޚުޠުބާތަކަށް މީސްތަކުން ގަޔާވެ ކަމުގޮސް، އެ ޚުޠުބާތަކަށް ޙާޟިރުވުމަށާއި އަޑުއެހުމަށް އެމީހުން އަވަސްވެގަންނަތަން ތިބާއަށް ފެންނަހިނދު؛ ޝައްކެއްނެތްގޮތުގައި ތިބާ އެމީހުންނަށް ރިޢާޔަތްކުރާނެއެވެ. އަދި ތިބާ ޚުޠުބާދޭނީ އެމީހުން ރުހޭ ގޮތަށެވެ.
އަދި އެހިނދުން، ﷲ ތަޢާލާ ތިބާގެ ކިބައިން ބަރަކާތާއި ޤަބޫލުވެވުމާއި، އަދި މަންފާއާއި ފައިދާ ނަންގަވާނެތެވެ.
އަދި ޚަޠީބު ޢާއްމުންނަށް ފައިދާކޮށްދިނުމަށް ސަމާލުކަންދިނުމުގެ މާނައަކީ، އޭގެތެރެއިން ގިނަ ބަޔެއްގެ ވިސްނުމުގެ ފެންވަރަށްވުރެ މަތީގައިވާ މުހިއްމު މައްސަލަތަކަކަށް އަލިއަޅުވައިނުލުމެއް ނޫނެވެ. އެއީ އޭގެ ސަބަބުން ޢިލްމު އުނގެނޭ ދަރިވަރުން ނުވަތަ މަސްއޫލުވެރިން އަދި އެނޫންވެސް އެފަދަ ބައެއް ޚާއްޞަ ފަރާތްތަކަށް ފައިދާކޮށްފާނެ ކަންކަމެވެ. ނަމަވެސް އެކަން ކުރަންވާނީ ބޭނުންޖެހިފައިވާ މިންވަރަކުންނެވެ.
[3](ތިމާއަށް ތިމާ ފެނި މޮޅުވެގަތުމުން، ނުވަތަ މީސްތަކުން ތިބާއަށްކުރާ މަދަޙަ ތަޢުރީފާމެދު ޚަބަރުދާރުވާށެވެ.)
ހުކުރު ޚަޠީބު މިންބަރުގެ މައްޗަށް އަރާހިނދު، މީސްތަކުންގެ ޖަމާޢަތްތައް އޭނާގެ ގާތަށް ޙާޟިރުވެ، އެމީހުން އޭނާއަށް ޤަޞްދުކޮށް، އޭނާއާ ދިމާލަށް ކުރިމަތިލާފައިވާތަން އޭނާއަށް ފެންނަހިނދު، އަދި އެމީހުންގެ ތެރޭގައި ޢިލްމުވެރިންނާއި، ޑޮކްޓަރުންނާއި، އިސްމީހުންނާއި، ފަނޑިޔާރުންނާއި، މުއްސަނދިންނާއި އަދި މަސްއޫލުވެރިން ތިބޭތަން އޭނާއަށް ފެންނަހިނދު؛ ފަހެ، އޭނާގެ އަމިއްލަ ނަފްސާމެދު މޮޅުވެ ފަޚުރުވެރިވުން އޭނާގެ ހިތަށް ވަދެދާނެއެވެ. ޚާއްޞަކޮށް އޭގެ ތެރެއިން ގިނަ ބަޔަކު ޙާޒިރުވީ އޭނާއަށްޓަކައިކަން އޭނާއަށް އެނގޭހިނދުގައެވެ. އެހެންކަމުން ހަރުދަނާ ބުއްދިވެރި ޚަޠީބުގެ މައްޗަށް ލާޒިމުވެގެންވަނީ ތިމާއަށް ތިމާ ފެނި މޮޅުވުމާއި ކިބުރުވެރިކަމުން الله ގެ ކިބައިން ރައްކާތެރިކަމަށް އެދުމެވެ. އަދި ފަޚުރުވެރިކަމާއި ތިމާއަށް ތިމާ ފެނުމުން ސަލާމަތްވުމަށްޓަކައި، ކޮންމެ ހުކުރަކު އޭނާގެ ނަފްސާ ދެކޮޅަށް ޖިހާދުކުރުމެވެ. އަދި މީސްތަކުން އޭނާއާ ދިމާލަށް ކުރިމަތިލެއްވި الله ތަޢާލާއަށް، އެކަމުގެ ފަޟްލުވަންތަކަން ނިސްބަތްކޮށް ރައްދުކުރުމެވެ.
ސަލަފުންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ: "މީސްތަކުންނަށްޓަކައި ތިބާ އިށީންދެއްޖެނަމަ؛ ފަހެ ތިބާގެ އަމިއްލަ ހިތަށާއި ނަފްސަށް ވަޢުޡުދޭ މީހަކު ކަމުގައި ތިބާ ވާށެވެ. އަދި އެ މީހުން ތިބާގެ ވަށައިގެން ޖަމަޢަވެތިބޭ ތިބުން، ތިބާ ހެއްލުންތެރިކުރުވިޔަ ނުދޭށެވެ. ފަހެ، ހަމަކަށަވަރުން އެމީހުން ބަލަހައްޓައިގެން ތިބޭނީ ތިބާގެ ބޭރުފުށަށެވެ. އަދި ﷲ ބައްލަވާވޮޑިގެންވަނީ ތިބާގެ އެތެރެފުށަށެވެ." [9]. - "މަދާރިޖުއް ސާލިކީން ބައިނަ މަނާޒިލި އިއްޔާކަ ނަޢުބުދު ވައިއްޔާކަ ނަސްތަޢީން": (2/ 66).
އެހެންކަމުން ތިބާގެ މައްޗަށް އޮތީ ﷲ ޢައްޒަ ވަޖައްލައަށް އިޚްލާޞްތެރިވުމަށާއި، ތިބާގެ އީމާންކަން ވަރުގަދަކުރުމެވެ. އަދި މީސްތަކުން ތިބާއަށް މަދަޙަޘަނާ ކިޔުމުން ތިމާއަށް ތިމާ ފެނި މޮޅުވެގަތުމާމެދު ހުށިޔާރުވެ ސަމާލުވާންޖެހެއެވެ. އެހެނީ، ހަމަކަށަވަރުން ގިނަ މީސްތަކުން މަދަޙަޘަނާ ކިޔައިފިނަމަ ޙައްދުފަހަނައަޅައިދެއެވެ. އަދި ތިބާގެ އަމިއްލަ ނަފްސާމެދު އެންމެ ބޮޑަށް އެނގޭނީ ތިބާއަށެވެ!
އިބްނުލް-ޖައުޒީ رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ: "އަދި އެންމެ ބޮޑު އިމްތިޙާނަކީ ޢާއްމުންގެ ތަޢުރީފުތަކެވެ. ފަހެ، އެކަން ކިތައްކިތައް މީހުން ހެއްލުންތެރިކޮށްފައިވޭ ހެއްޔެވެ!" [10]. - "ޞައިދުލް-ޚާޠިރު": 67.
އެއާއެކު މީސްތަކުން ތިބާއަށް، ނުވަތަ ތިބާގެ ޚުޠުބާތަކަށް ކުރާ ޘަނާއާމެދު އުފާކުރުމަކީ ޢައިބުކަމެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ އަށް ދެންނެވުނެވެ: "މީހަކު ހެޔޮ ޢަމަލެއްކޮށް، އަދި އެކަމުގެ މައްޗަށް މީސްތަކުން އޭނާއަށް ތަޢުރީފުކޮށްފިނަމަ، އެކަމާމެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: «އެއީ މުއުމިނާއަށް އަވަސްވެގެންވާ އުފާވެރި ޚަބަރެކެވެ.» [11]. - ރިވާކުރެއްވީ މުސްލިމް: (2642).
ދެންފަހެ މުއުމިނާ ޢަމަލުކޮށްފިނަމަ «ﷲ އަށް ޚާލިޞްކޮށް ޢަމަލުކުރުމަށްފަހު، ދެން މުއުމިނުންގެ ހިތްތަކުގައި ﷲ އޭނާއަށްޓަކައި ހެޔޮ ޘަނާ ލައްވައި، ދެން ﷲ ގެ ފަޟްލަވަންތަކަމާއި އެކަލާނގެ ރަޙްމަތާމެދު އޭނާ އުފާކޮށް، އަދި އެކަމާމެދު ހިތްހަމަޖެހިއްޖެނަމަ؛ އޭނާއަށް އެކަމުން ގެއްލުމެއް ނެތެވެ.» [12]. - އިބްނު ރަޖަބް ލިޔުއްވާފައިވާ ޖާމިޢުލް ޢުލޫމި ވަލްޙިކަމް: 1/ 84.
ހަމަކަށަވަރުން ޢައިބު އަދި ފާފައަކީ: އެމީހުންގެ މަދަޙައިގެ ސަބަބުން ތިބާއަށް ތިމާ ފެނި މޮޅުވެގަތުމުގެ ޞިފަ ތިބާގެ ގާތަށް ވަދެ، ދެން ތިބާގެ އަމިއްލަ މަސައްކަތާއި ޢަމަލާމެދު ތިބާ އުފާކޮށް، އެކަމުގެ ފަޟްލު ތިބާގެ އަމިއްލަ ނަފްސަށް ނިސްބަތްކުރުމެވެ. އަދި ތިބާގެ އެ އުފާކުރުން، ﷲ ގެ ފަޟްލުވަންތަކަމާއި އެ އިލާހުގެ ރަޙްމަތާއި ދީލަތިވަންތަކަމުގެ މައްޗަށް ކަމުގައި ނުވުމެވެ. އެކަލާނގެއީ ތިބާއަށް އެ ހެޔޮކަން ގެންނަވާ ފޯރުކޮށްދެއްވައި، އެކަމަށް ލޯބިޖައްސަވައި، އަދި ތިބާއަށް އެކަން ފަސޭހަކޮށްދެއްވި އިލާހެވެ.
އަދި ތިިމާ ފެނި މޮޅުވުމުގެ ބަލި ޖެހިފައިވާކަމުގެ ޢަލާމާތަކީ: ފާޑުކިޔުމަށް ނަފުރަތުކުރުމާއި، ނަޞޭޙަތްތެރިޔާގެ ނަޞޭޙަތަށް ނުރުހުމެވެ.
[4](އެމީހުންގެ ދީނާއި ދުނިޔޭގައި އެމީހުންނަށް ފައިދާހުރި ވާހަކަދައްކާށެވެ.)
ތިބާގެ ކިބައިގައިވާ އެއްޗެއް އަޑުއެހުމަށް އައިސްތިބި މީހުންނަށް، އެބައިމީހުންގެ ދީނާއި ދުނިޔޭގައި މަންފާކުރަނިވި ކަންކަން އަޑުއިއްވާށެވެ. އަދި ތައްޔާރުވާ ހިނދު ތިބާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ: "މީސްތަކުން މިސްކިތުން ނިކުމެގެންދާ ހިނދު، އެބައިމީހުންގެ ދީނާއި އަޚްލާޤަށް އަހަރެންނަށް ފޯރުކޮށްދެވޭނީ ކޮން ފައިދާއެއް ހެއްޔެވެ؟"
އަދި އެކަމަކުން އެބައިމީހުންނަށް މަންފާއެއް ނުކުރާ ކަމެއްނަމަ؛ ފަހެ، އެކަމެއް ތިބާ ޛިކުރުނުކުރާށެވެ.
މިޘާލަކަށް، ސިޔާސީ ކަންކަމުގެ އެންމެ ނާޒުކު ހިމަ ކަންކަމާ ބެހޭގޮތުން އަހަރެން ވާހަކަދެއްކި ނަމަ، ނުވަތަ މުސްލިމުންނަށް ކުރިމަތިވެފައިވާ މުޞީބާތްތަކާ ބެހޭގޮތުން ވާހަކަދެއްކުން ގިނަކުރި ނަމަ، ފަހެ އެބައިމީހުންނަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟
އެ މައުޟޫޢުގެ ނާޒުކުކަމުގެ ސަބަބުންނާއި، އަދި ތިމަންގެ އަމިއްލަ ނަފްސުގެ މައްޗަށް ބިރުން އެކަން ފާޅުގައި ބަޔާންނުކޮށް، ޚާއްޞަ މީހުންގެ ތެރެއިންވެސް އެންމެ ޚާއްޞަ މީހުންނަށް މެނުވީ ފަހުމުނުވާނޭފަދަ އިޝާރާތްތަކާއި ނުސީދާ ބަސްތައް ގެނެސްދީގެން، ނުސާފުކަމާއި ވަންހަނާކަން އެކުލެވިގެންވާ މައުޟޫޢެއް ތިމަން ހުށަހެޅުމުން، ފަހެ އެ މީހުންނަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟
އަދި މީސްތަކުންގެ ކުރިމަތީގައި ޞަރީޙަކޮށް ނުވަތަ ނުސީދާކޮށް ވެރިންނަށް ތިމަން ނަޞޭޙަތްދޭ ހިނދު، އެބައިމީހުންނަށް ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ އަދި ފާޅުގައި ވެރިންނަށް ނަޞޭޙަތްދިނުމަކީ ސަލަފުއްޞާލިޙުން ނަހީކުރައްވާފައިވާ ކަމެކެވެ. އެހެނީ ހަމަކަށަވަރުން އޭގެ ސަބަބުން ގިނަފަހަރަށް ފިތުނަތައް ހިލިގެންދެއެވެ. އަދި ޚަޠީބަށް ގެއްލުން ފޯރައެވެ.
[5] (ޚުޠުބާގެ ތެރޭގައި ހިމޭންކަން ބެހެއްޓުމަށް ފަރުވާތެރިވުން)
ޚުޠުބާ ދޭއިރު، ތިބާ މަޑުމައިތިރިކަންމަތީ ހުންނަން ޖެހޭނެއެވެ. އަދި ޖޯޝާއި ފޯރި ތިބާގެ މައްޗަށް ގަދަވެ، މައުޟޫޢުން ބޭރުވެގެން ނުވާނެއެވެ. ނުވަތަ އޭގެ ފަހުން އެކަމާމެދު ހިތާމަކުރަންޖެހިދާނެ ފަދަ ވާހަކައެއް ދައްކައިގެންވެސް ނުވާނެއެވެ. އަދި ޚަޠީބުގެ ޖޯޝް ގަދަވެއްޖެނަމަ؛ ގިނަފަހަރަށް އޭނާގެ ސަމާލުކަންދިނުން ގެއްލި، އޭނާ ދައްކާ ވާހަކައިގެ މައްޗަށް އޮންނަ ކޮންޓްރޯލާއިި ބާރު ގެއްލިގެންދާނެއެވެ. އަދި ފަހަރެއްގައި ގިނަ އަޑުއެހުންތެރިންނަށް އުނދަގޫވާ ޙިސާބަށް އޭނާގެ އަޑު އުފުލިގެން ހިނގައިދާނެއެވެ.
[6](ޚުޠުބާ ދިގުކުރުމާމެދު ސަމާލުވެ ރައްކާތެރިވުން)
ނަބިއްޔާ ﷺ ޚުޠުބާ ކުރުކުރައްވަމުން ގެންދެވިއެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم އާއި، އެބޭކަލުންގެ ފަހުން ވަޑައިގެންނެވި އުއްމަތުގެ ސަލަފުން رحمهم الله تعالى ވެސް ކަންތައްކުރެއްވީ ހަމައެފަދައިންނެވެ.
އަބޫ ވާއިލް رحمه الله ވިދާޅުވިއެވެ: ޢައްމާރު رضي الله عنه އަހަރުމެންނަށް ޚުޠުބާއެއް ދެއްވިއެވެ. ފަހެ، އެކަލޭގެފާނު ވަރަށް ކުރުކޮށް އަދި ބަލާޣާތްތެރިކޮށް ޚުޠުބާ ދެއްވިއެވެ. ދެން އެކަލޭގެފާނު (މިންބަރުން) ފައިބައިވަޑައިގަތުމުން އަހަރުމެން ދެންނެވީމެވެ: "އޭ އަބުލް-ޔަޤްޡާންއެވެ! ހަމަކަށަވަރުން ތިބާ ވަރަށް ބަލާޣާތްތެރިކޮށް އަދި ކުރުކޮށް ޚުޠުބާ ދެއްވައިފީމުއެވެ. ފަހެ، ތިބާ ތަންކޮޅެއް ދިގުކޮށްލެއްވިނަމަ (ކިހާ ރަނގަޅުވީސްތޯއެވެ)؟" ދެން އެކަލޭގެފާނު ވިދާޅުވިއެވެ: ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: “ހަމަކަށަވަރުން މީހާގެ ނަމާދު ދިގުވެ، އޭނާގެ ޚުޠުބާ ކުރުވުމަކީ އޭނާގެ ފިޤުހުވެރިކަމުގެ ނިޝާނެކެވެ. ފަހެ ތިޔަބައިމީހުން ނަމާދު ދިގުކޮށް، ޚުޠުބާ ކުރުކުރާށެވެ. އަދި ހަމަކަށަވަރުން ބަޔާންކުރުމުގެ ތެރޭގައި ސިޙުރެއް ވެއެވެ.” [13]. - ރިވާކުރެއްވީ މުސްލިމް (869).
އެކަލޭގެފާނުގެ ބަސްފުޅު: (تَنَفَّسْتَ) އެބަހީ: ތިބާ ޚުޠުބާ ދިގުކޮށްފިއެވެ.
އެކަލޭގެފާނުގެ ބަސްފުޅުގައިވާ: (مَئِنَّةٌ): އެބަހީ ޢަލާމާތެކެވެ. (مِنْ فِقْهِهِ): "އެބަހީ: އެކަމަކުން މީހާގެ ފިޤުހުވެރިކަން އެނގިގެންދާ ކަންތައްތަކުގެ ތެރެއިންނެވެ. އަދި ކަމަކަށް ދަލީލުކޮށްދޭ ކޮންމެ ކަމަކީ ފަހެ، އެއީ އެކަމެއްގެ ޢަލާމާތެކެވެ."
ޚުޠުބާ ކުރުކުރުމުގައި އަގުހުރި ތިން ފައިދާއެއްވެއެވެ:
ފުރަތަމައީ: ސުންނަތަށް ތަބަޢަވުމެވެ.
ދެވަނައީ: ޚުޠުބާ ތައްޔާރުކުރުން ފަސޭހަވުމާއި، އެ ތައްޔާރުކުރާއިރުގައާއި، ޚުޠުބާ ދޭއިރުގައާއި، އަދި އެއިން އަވަދިވުމަށްފަހު ނަފްސާނީ ހަމަޖެހުން ޙާޞިލުވުމެވެ.
އަދި ޚަޠީބުންގެ ތެރެއިން ގިނަ ބޭފުޅުން ހުކުރު ދުވަހުގެ ފަތިހުން ފެށިގެން ނުވަތަ އޭގެ ކުރިންވެސް ޚުޠުބާއަށްޓަކައި ފިކުރުބޮޑުވުމެއް އިޙްސާސްކުރެއެވެ. އަދި އެކަމަށް ތައްޔާރުވުމުގައި އެބޭފުޅުންގެ ސިކުނޑިތައް މަޝްޣޫލުވެއެވެ. ނަމަވެސް އެބޭފުޅުން ޚުޠުބާ ކުރުކޮށް، އޭގައި ދިހަ މިނިޓަށްވުރެ އިތުރަށް ފަހަނައަޅައި ނުދާނަމަ؛ އެ ހުރިހާ ފިކުރުބޮޑުވުމެއް ނުވަތަ އޭގެ ބޮޑުބައެއް ފިލައިދެއެވެ.
ތިންވަނައީ: އަޑުއަހާ މީހުންނަށް ލުއިކޮށްދިނުމެވެ. ފަހެ، އޭނާގެ ޚުޠުބާ ކުރުކުރާ މީހާއާމެދު ހިތްހަމަޖެހޭކަމަށާއި، އަދި އެ ޚުޠުބާ ދިގުކުރާ މީހާއާމެދު ނަފުރަތްތެރިވާކަމަށް، އެންމެހައި މީސްތަކުންހެން އެއްބަސްވެއެވެ.
އަދި ޚަޠީބަށާއި އެހުންތެރިންނަށް މުނާސަބު ވަޤުތަކީ ގާތްގަނޑަކަށް ދިހަ މިނެޓާއި ފަނަރަ މިނެޓާ ދެމެދެވެ. ފަހެ ހަމަކަށަވަރުން، ޚުޠުބާ ދިގުވުމަށްވުރެ ޚުޠުބާ ކުރުވުމަކީ އެމީހުންނަށް ލޮބުވެތިކަން ބޮޑުވެފައި ލުއިކަން ބޮޑުވެގެންވާ ކަމަކާމެދު މީސްތަކުން ގާތްގަނޑަކަށް އިއްތިފާޤުވެއެވެ.
[7](ވާހަކަދެއްކުމުގައި ބީރައްޓެހި ބަސްތައް ބޭނުންކުރުމުން ދުރުހެލިވާށެވެ.)
ވާހަކަތަކުން ބީރައްޓެހި ނުދަންނަކަހަލަ ބަސްތައް ބުނުމުން އެއްކިބާވެ ދުރުހެލިވާށެވެ: ފަހެ، ތިބާގެ ފަރާތުން މިފަދަ ވާހަކަތަކަކަށް މީސްތަކުން ބޭނުމެއް ނުވާނެއެވެ. އަދި އެއިން އެމީހުންނަށް އެއްވެސް ފައިދާއެއްވެސް ނުވާނެއެވެ. އަދި ފަހަރެއްގައި އެ ވާހަކަތައް ގެނެސްދިނުމުގައާއި އެ ވާހަކަތައް ގިނަކުރުމުގައި އަމިއްލަ ނަފްސުގެ އެދުންތަކެއްވެސް އެކުލެވިގެން ވެދާނެއެވެ.
ހަމަކަށަވަރުން، މުޢުތަބަރު އަދީބުންނާއި ބަލާޣާތްތެރިން، ޣަރީބު (ބީރައްޓެހި) ބަސްތަކާމެދު އިންޛާރުދެއްވާ ސަމާލުކުރައްވާފައިވެއެވެ.
[8] (ގަދަކަމުން ސަޖްޢުކުރަން އުޅުމުން ދުރުހެލިވާށެވެ.)
ސަޖްޢުއަކީ: "(ޅެންބަހުން ނޫންގޮތަށް އޮންނަ ޢާންމު) އަދަބީ ބަސްމަގުގެ ޖުމްލަތަކުގެ ފަހުބައިތައް އެއް ވަޒަނަކަށް އެއްގޮތްވުމެވެ." އަދި ޝަރުޢުކުރައްވާ ޙަކީމްވަންތަ އިލާހު ވަނީ ސަޖްޢު ގެނައުމުގައި ގަދަކަމުން ތަކްލީފުޖެހިގެން އުޅުން ނަހީކުރައްވާފައެވެ. އަދި އަދީބުންނާއި ބަލާޣާތްތެރިންވެސް އެކަމަށް ނުރުހުނެވެ. «އެހެނީ، މާނަތައް ފުރިހަމައަށް ފަހުމުވުމަށް އަޑުއަހާމީހުންގެ ސިކުނޑިތަކަށް ހުރަސްއަޅާފަދަ ލަފްޒުތަކެއް ގެނައުމުގައި ގަދަކަމުން ތަކްލީފުޖެހިގެން އުޅުމުން ސަޖްޢު ސަލާމަތްވެގެން ނުވާތީއެވެ. ފަހެ ސަޖްޢުކުރުމަށް ދޫދެވި ލުއިދެވޭނަމަ ދެވެނީ: ހަމައެކަނި ގަދަކަމުން ތަކްލީފުޖެހިގެން އުޅުމަކާ ނުލައި އަމިއްލަ ޒާތުގައި އަންނަ އައުމަކަށެވެ. އެބަހީ: ވާހަކަދައްކާމީހާ އަމިއްލައަށް ގެނެސް ހޯދަން އުޅޭ ސަޖްޢު ބަދަލުގައި، ސަޖްޢު އަމިއްލައަށް ވާހަކަދައްކާމީހާ ހޯދަމުން އައުމެވެ.» [14]. - "އުޞޫލުލް-އިންޝާއި ވަލް-ޚަޠާބާ"، އިބްނު ޢާޝޫރު: (ޞ. 126).
އެހެންކަމުން ގަދަކަމުން ވާހަކަތައް ވަޒަނަކަށް ފައްތަން އުޅުން ތިބާ ދޫކޮށްލާށެވެ. ފަހެ ހަމަކަށަވަރުން، އެގޮތަށް ގަދަކަމުން ތަކްލީފުން އުޅުމަކީ، އެ އުފެއްދުމުގެ ބުރަކަން ތިބާއަށް ޖައްސާނޭ ކަމެކެވެ. އަދި އަޑުއެހުންތެރިންނަށް އެ ފަހުމުކުރުމުގެ ތަކްލީފުވެސް ކުރިމަތިކުރުވާނޭ ކަމެކެވެ. ދެންފަހެ، ތިބާގެ ޚިޔާލަށް އެ ފަސޭހަކަމާއެކު އައިސް، އޭގެ ލަފްޒުތައް ތިބާގެ ދުލަށް ލުއިވެގެންވާ ޙާލު، އަދި އޭގެ އެހުންތެރިންނަށް ފަހުމުވާނޭ ގޮތުގައި އަތުވެއްޖެނަމަ؛ ފަހެ އޭގައި އެއްވެސް މައްސަލައެއް ނެތެވެ.
[9] (ބޭރުފުށް ރަނގަޅަށް ބެހެއްޓުމަށް ފަރުވާތެރިވުން)
ޚުޠުބާ ދޭ މީހާ އޭނާގެ ބޭރުފުށުގެ ޞިފަ އިޞްލާޙުކުރުމަށް ފަރުވާތެރިވެ ސަމާލުކަންދޭ މިންވަރު، އޭނާގެ އެތެރެފުށް އިޞްލާޙުކުރުމަށް ދޭ ސަމާލުކަމަށްވުރެ ވަކި ކުޑަވެގެން ނުވާނެއެވެ. އަދި ބޭރުފުށް އިޞްލާޙުވުން ނުވަތަ ފަސާދަވުމަކީ، އެތެރެފުށް އިޞްލާޙުވުން ނުވަތަ ފަސާދަވުމުން އަންނަ ނަތީޖާ ކަމުގައި މެނުވީ ނުވެއެވެ. އަދި ޚުޠުބާ ދޭ މީހާގެ ބޭރުފުށުގެ ޞިފަ އިޞްލާޙުވާނީ އަންނަނިވި ކަންކަމުންނެވެ:
ފުރަތަމައީ: ޙައްދުފަހަނަޅައިދިޔުމެއް ނުވަތަ އިސްރާފުކުރުމެއް ނެތި، އޭނާގެ އަންނައުނުގެ ރީތިކަމާއި ޞާފުޠާހިރުކަމެވެ.
ދެވަނައީ: ޞާފުޠާހިރުކުރުމާއި މީރުވަސްދުވާ ހުވަނދުލުމުން އޭނާގެ ހަށިގަނޑު ރީތިކުރުމާއި، މަތިމަސް ބޭލުން ނުވަތަ ކޮށުމާއި، ތުނބުޅި ދިގުކުރުމެވެ.
ތިންވަނައީ: މިސްކިތުން ބޭރުގައްޔާއި، ޚުޠުބާ ދިނުމަށް ވަންނަ ހިނދުގައްޔާއި، އަދި އެ ނިމުމަށްފަހު މީސްތަކުންނާ ސަލާމްކުރާ ހިނދު؛ އުފާވެރިކަމާއި ހިނިތުންވުމާއެކު އޭނާގެ މޫނު އުޖާލާކޮށް ބެހެއްޓުމެވެ. ފަހެ ހަމަކަށަވަރުން ތެދުވެރި ހިނިތުންވުމާއި، މޫނު އުޖާލާކޮށް ބެހެއްޓުމާއި، ރިވެތިވެގެންވާ އުފާވެރިކަމަކީ؛ ޚަޠީބުދެކެއާއި އޭނާގެ ޚުޠުބާއާއި ނަޞޭޙަތްތަކާމެދު މީސްތަކުން ލޯބިޖައްސުވައިދޭނެ ކަމެކެވެ. އަދި އެއީ އެކަމުގައި ﷲ އަށް އިޚްލާޞްތެރިވެއްޖެ މީހަކަށްވާ އަޅުކަމެކެވެ. އަދި އެއީ ވިސްނުންތަކާއި ބުއްދިތަކުގެ މައްޗަށް ގަދަވެގަންނަ ކަމެކެވެ. އަދި އުފާވެރި މޫނަކާގެންވާ މީހާގެ ޢަމަލުތައްވަނީ ތަޢުރީފު ލިބި، އަދި އޭނާގެ ކުދިކުދި އުނިކަންކަންވެސް ބަލައިގަނެވިގެންވެއެވެ. އެއީ މޫނުކުނިކޮށް ބުމަގޮށްޖަހައިގެން ހުންނަ މީހާއާ ޚިލާފަށެވެ. ފަހެ އޭނާއަކީ އޭނާގެ ކިބައިން ރައްކާތެރިކަމަށް އެދެވޭ މީހެކެވެ. އަދި އޭނާއާ ބައްދަލުވާހިނދު ހިތުގެ މައްޗަށް ދަތިކަމާއި ނުތަނަވަސްކަން ގަދަވެގަނެއެވެ.
އެހެންކަމުން އޭ އަހުރެންގެ އަޚު ޚަޠީބެވެ! ފަހެ ތިބާއަކީ ހިނިތުންވެ އުފާވެރި މޫނަކައިގެންވާ މީހަކު ކަމުގައި ވާށެވެ. އޭރުން ހިތްތަނަވަސްކަމާއި، މީސްތަކުން ތިބާއަށް ކުރިމަތިލާތަނާއި، އެބައިމީހުންގެ ގާތުގައި ތިބާގެ ރަނގަޅު ވާހަކަ ދެކެވޭތަނާއި، ތިބާގެ އިރުޝާދުތަކާއި ވަޢުޡުތައް އެބައިމީހުން ޤަބޫލުކުރާތަނާއި، ތިބާއަށް ކުރެވޭ ކުށްތަކާއި ކައްސާލެވޭ ކައްސާލުންތަކަށް އެބައިމީހުން އުޛުރު ހޯދައިދޭތަން ތިބާއަށް ފެންނާނެއެވެ.
ހަތަރުވަނައީ: ހިނގުމުގައްޔާއި، މިންބަރު މައްޗަށް އެރުމުގައްޔާއި، އޭގެ މަތީގައި އިށީނދެ އިނުމުގައި ތަވާޟުޢުވެރިކަމާއި އަދަބުވެރިކަން ބެހެއްޓުމެވެ. އަދި އިށީނދެ އިންނަ ވަގުތުގައްޔާއި ޚުޠުބާ ދޭ ވަގުތުގައި މީސްތަކުންނާ ރިވެތި ގޮތުގައި ކުރިމަތިލުމެވެ.
އަދި ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި: ބައެއް ޚަޠީބުން ޚުޠުބާގެ ކުރިން އިށީންނައިރު، މީސްތަކުންނަށް ފަރުވާލެއް ނުބަހައްޓާކަން ފާޅުވާފަދަ ގޮތަކަށް އިށީނދެ، މީސްތަކުންގެ މޫނުތައް ހޯދައިބެލުމުގައި މަޝްޣޫލުވެއެވެ. އަދި ޚުޠުބާ ފަށައިގަންނައިރު، އޭނާއަކީ އެމީހުންނާ މެދު ފަރުވާލެއް ނުބަހައްޓާ އަދި އަޅާލުމެއް ނެތް މީހެއްކަން އިޙުސާސްކޮށްދޭފަދަ ބެލުންތަކަކުން މީސްތަކުންނަށް ބަލަން ފަށައެވެ. އެއީ އޭނާއަކީ ހިތްވަރުގަދަ އަދި ކެރޭ މީހެއްކަން އެމީހުންނަށް އިޙުސާސްކޮށްދޭ ކަހަލައެވެ. އަދި ހަރުކަށިކަމާއި އަޑުހަރުކުރުން އެކުލެވިގެންވާ ރާގަކުން، ސީދާ އެމީހުންނަށް އޭނާގެ އަމުރުތަކާއި ނަހީތައް އަމާޒުކުރާގޮތަށް އޭނާ އެމީހުންނާ މުޚާޠަބުކުރެއެވެ. ނަމަވެސް މިއުސްލޫބަކީ ނަފްސުތައް ޤަބޫލުކުރާނެ ގޮތެއް ނޫނެވެ. އަދި ކިއެއްތަ، އޭގެ ސަބަބުން ނަފްސުތައް ނަފުރަތްތެރިވާނެއެވެ.
ފަސްވަނައީ: ބޭނުމަކާ ނުލައި ތުނބުޅީގައި ފިރުމުމާއި އަތްލުމުންނާއި، އަދި ޚާއްޞަކޮށް މިންބަރުމަތީގައި އިށީނދެ އިންނަ ވަގުތު ގިނަގިނައިން ފަރާތްފަރާތަށް އެނބުރުމުން ދުރުހެލިވުމެވެ. ފަހެ އޭގެ ސަބަބުން ޚަޠީބުގެ ހައިބަތު ކުޑަކޮށްދެއެވެ. ނުވަތަ އޭނާގެ ކުރިމަތީގައި ތިބޭ މީހުންނަށް އޭނާ އަޅާނުލާކަން ދޭހަކޮށްދެއެވެ.
ހަވަނައީ: މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ސިވާކުކުރުމެވެ. އަދި ބައެއް ޚަޠީބުން - ﷲ އެބައިމީހުންނަށް ހިދާޔަތް ދެއްވާށިއެވެ. - މިސްކިތަށް ވަންނައިރު ފާހަގަވާފަދަ ގޮތަކަށް ސިވާކުކުރަމުން ވަދެއެވެ. އަދި އެބައިމީހުންގެ ތެރެއިން ބައެއް މީހުން ޚުޠުބާ ފެށުމާ ގާތްވަންދެން ސިވާކުކުރުންމަތީ ދެމިތިބެއެވެ. ފަހެ އޭގެ ސަބަބުން އޭނާގެ އަނގައިގައި ސިވާކުގެ އެތިކޮޅުތަކެއް ހަރުލާފައި ހުރެއެވެ. ދެން ޚުޠުބާދޭން ހުންނަ ވަޤުތު އޭނާ އެ އެތިކޮޅުތައް ނެރެއެވެ. މިއީ ހުތުރުވެގެންވާ ކަމެކެވެ. އަދި އޭގެން މީސްތަކުންނަށާއި، ޚުޠުބާގެ މަތިވެރިވެގެންވާ މަޤާމަށް އޭނާ ކުޑައިމީސްކުރާކަމަށް ދޭހަކޮށްދެއެވެ.
ހަތްވަނައީ: ހެދުން ތަނބިކަށްޓަކަށްވުރެ ތިރިކުރުމުން ދުރުވެ ހެދުން އެޅުމުގައްޔާއި، އަދި ތުނބުޅި ދިގުކުރުމުގައި ސުންނަތަށް ތަބަޢަވުމެވެ. ފަހެ ޚަޠީބަކީ ނަމޫނާއެކެވެ. އެމީހެއްގެ ބަހާއި ޢަމަލު ޚިލާފުވާ މީހަކަށް މީސްތަކުން ތަބަޢަވާނީ ކިހިނަކުން ހެއްޔެވެ؟ އަދި އޭނާގެ އަމިއްލަ ނަފްސަށް އޭނާގެ ބަސްތަކުގެ އަޘަރުކޮށްފައިނުވާ މީހެއްގެ ބަސްތަކުން މީސްތަކުންނަށް އަޘަރުކުރާނީ ކިހިނަކުން ހެއްޔެވެ؟!
އަށްވަނައީ: ވާހަކަ ދައްކާ ވަޤުތު ހަށިގަނޑު ހިމޭނުން ހަމަޖެހިގެން ބެހެއްޓުމެވެ. އެހެނީ އެއީ ނަފުސު ހަމަޖެހި ހިމޭންވެގެންވާ ކަމުގެ ދަލީލެކެވެ.
[10](ޚުޠުބާ ތައްޔާރުކުރާ ވަޤުތު ތަފާތުވުން)
ޚުޠުބާ ތައްޔާރުކުރާނެ ވަޤުތު: ޚަޠީބުގެ ޘަޤާފަތާއި ޢިލްމަށާއި، އަދި އޭނާ ހުށަހަޅައިދޭ މާއްދާއަށް ބިނާކޮށް ތަފާތުވެއެވެ. އެގޮތުން އެ މާއްދާ ދެ ވައްތަރަކަށްވުމުން ނެތިނުދެއެވެ:
ފުރަތަމައީ: އެއީ ފިޤްހީ ނުވަތަ ޢަޤީދާގެ މައްސަލަތަކާއި އޭގެ އަސާސާއި ބިންގާއެޅުންފަދަ ޢިލްމީ ކަމަކަށް ވުމެވެ. ފަހެ، މިކަންކަމަށް އޭގެ މަޤާމާ އެކަށީގެންވާ ވަޤުތު ދޭން ޖެހޭނެއެވެ. އަދި އެކަންކަމާމެދު ފަރުވާކުޑަކޮށް، ޚުޠުބާގެ މަދު ގަޑިއިރުތަކެއް ކުރިން އެ ތައްޔާރުކޮށްގެން ނުވާނެއެވެ.
ދެވަނައީ: އެއީ ވަޢުޡު ނަޞޭޙަތެއް ނުވަތަ އިޖުތިމާޢީ ކަމެއްފަދަ ކަމެއް ކަމުގައި ވުމެވެ. ފަހެ އެ ބާވަތުގެ ޚުޠުބާތައް ޢާއްމުގޮތެއްގައި ތައްޔާރުކުރުމުގެ ވަޤުތު ކުރުވާނެއެވެ.
އަދި - ފުދޭވަރަށް ތަޖުރިބާއާއި ޢިލްމު ލިބިފައިނުވާ މީހުންގެ ތެރެއިން ޚުޠުބާ ދިނުމަށް އަލަށް ފަށާ މީހާއަށް - އަހަރެންގެ ނަޞޭޙަތަކީ: ފުރަތަމަކޮޅުގައި އޭނާގެ ކުރީގެ މީހުންގެ ޚުޠުބާތަކުން ފައިދާ ޙާޞިލުކުރުމެވެ. އަދި އެ މީހެއްގެ ފުށުން ފައިދާ ޙާޞިލުކުރާ މީހާގެ ޚުޠުބާތަކުގައި ތިން ޞިފައެއް އެކުލެވިގެންވުމެވެ:
ފުރަތަމައީ: އެ ޚުޠުބާ ދިނުން އޭނާގެ މައްޗަށް ބުރައަކަށް ނުވުމަށްޓަކައި ކުރުވެގެންވުމެވެ.
ދެވަނައީ: ބަހުގެ ޤަވާޢިދުގެ ގޮތުންނާއި ޢިލްމީ ގޮތުން ސަލާމަތްތެރި ޞައްޙަ އެއްޗެއް ކަމުގައިވުމެވެ.
ތިންވަނައީ: ލަފްޒުގެ ގޮތުންނާއި، އޭގައި އެކުލެވޭ މާނައިގެ ގޮތުން ގަދަކަމުން ތަކްލީފުޖެހިގެން ވުމުން ދުރުވެގެން ވުމެވެ.
އަދި ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، އޭނާއަށް އެކަށީގެންވާ ކަމަށް ފެންނަ ގޮތަކަށް ބަދަލުގެނައުމަކީ ނުވަތަ އިތުރުކުރުމަކީ މައްސަލައެއް ނޫނެވެ. ދެން އެއަށްފަހު، އޭނާގެ ކުރިން އިސްވެދިޔަ މީހުންގެ ކިބައިން ފައިދާ ލިބިގަންނަމުން، އަމިއްލައަށް ޚުޠުބާ ލިޔުމަށް އޭނާ މަސައްކަތްކުރާނީއެވެ.
[11](އަޑުއަހާ މީހުންނަށް ސީދާ އަމުރުތައް ކުރުމުން ދުރުހެލިވުން)
- ﷲ ތިބާ ރައްކާތެރިކޮށްދެއްވާ ސީދާކޮށްދެއްވާށިއެވެ. - ވާހަކަދައްކާ މީހާ ނުހިމެނޭގޮތަށް، ހަމައެކަނި އަޑުއަހާ މީހުންނަށް އަމުރުކުރެވިފައި ހުންނަ ލަފްޒުތަކާ ތިބާ ދުރުހެލިވާށެވެ. މިސާލަކަށް: "ތިޔަބައިމީހުން ކުރާށޭ" ނުވަތަ "ތިޔަބައިމީހުން ނުކުރާށޭ" އެވެ. އަދި އޭގެ ބަދަލުގައި: "އަހަރުމެން ކުރަމާ ހިނގާށެވެ"، އަދި "އަހަރުމެން ދޫކޮށްލަމާ ހިނގާށެވެ" އާއި މިފަދަ އެހެނިހެން ލަފްޒުތައް ބޭނުންކުރާށެވެ. ފަހެ، މި ޞީޣާއިން އަޑުއަހާ މީހުންނަށް އިޙްސާސްކޮށްދޭނީ ތިބާގެ ތަވާޟުޢުވެރިކަމާއި، ތިބާގެ އަމިއްލަ ނަފްސަށް ހެޔޮކަމަށް ލޯބިކުރާ ފަދައިން އެމީހުންނަށްވެސް ހެޔޮކަމަށް ތިބާ ލޯބިކުރާކަމާއި، އަދި ދީނީގޮތުންނާއި އަޚްލާޤީގޮތުން ވެސް ތިބާއަކީ އެމީހުންނަށްވުރެ މަތީގައިވާ މީހެއް ނޫންކަމެވެ.
އަދި ތައުފީޤު ލިބިގެންވާ ޚަޠީބަކީ: އެހެންމީހުންނަށް އޭނާގެ ވާހަކަތައް އަމާޒުކުރުމުގެ ކުރިން، އޭނާގެ އަމިއްލަ ނަފްސަށް އަމާޒުކުރާ މީހާއެވެ. އަދި އެހެންމީހުންނަށް ނަޞޭޙަތްތެރިވުމުގެ ކުރިން، އޭނާގެ އަމިއްލަ ނަފްސަށް ނަޞޭޙަތްތެރިވާ މީހާއެވެ. އެގޮތުން އޭނާގެ ޚުޠުބާތަކުގައި ދައްކާ ވާހަކަތައް މީސްތަކުންނަށް އަމާޒުކުރުމުގެ ކުރިން، އެންމެ ފުރަތަމަ އަމާޒުކުރެވިގެންވަނީ އޭނާއަށެވެ. އޭނާ އެފަދައިން ކަންތައް ކޮށްފިނަމަ، ﷲ އޭނާ މަތިވެރިކުރައްވައެވެ. އަދި އޭނާ އެ ބުނާ ބަސްތަކުން އޭނާއަށް ފައިދާކޮށްދެއްވައެވެ. އަދި އޭނާއަށް ހިދާޔަތާއި، ޤަބޫލުކުރެވިގެންވުމާއި، ތެދުވެރިކަން އިތުރުކޮށްދެއްވައެވެ.
[12](ޚުޠުބާ ދިނުމުގައި ތަޤްލީދުކޮށް ނަކަލުކުރުން ރަނގަޅުވަނީ އަދި ހުތުރުވަނީ ކޮން އިރަކު ހެއްޔެވެ؟)
ވަކި ޚަޠީބެއްގެ އުސްލޫބު ނުވަތަ އޭނާ ގެނެސްދޭ މާއްދާ ނަކަލުކޮށް ކޮޕީ ނުކުރާށެވެ. ފަހެ، އޭނާއަށް އެކަށީގެންވާ ކަންކަން ތިބާއަށް އެކަށީގެން ނުވެދާނެއެވެ. އަދި ނަކަލުކޮށް ކޮޕީކުރުމަކީ ތިބާގެ އުފެއްދުންތެރިކަމާއި ހުނަރުތައް ފާސިދުކޮށްލާ ކަމެކެވެ. ފަހެ، ކުޅަދާނަކަމާއި، ހުނަރުތަކާއި، ޢިލްމުގެ ތެރެއިން ތިބާގެ ރައްބު ތިބާއަށް ދެއްވާފައިވާ މިންވަރަކާ އެއްގޮތްވާ ގޮތުގެމަތިން ޚުޠުބާ ދޭށެވެ.
ފަހެ ފަށައިގަންނަ މީހާއަށް ބަލާއިރު: އެހެން މީހެއްގެ ކިބައިން އުސްލޫބާއި މާއްދާގެ ގޮތުން ފައިދާ ލިބިގަތުމަކީ، މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އޭނާއަކީ އެމީހެއްގެ ނަކަލަކަށް (ކޮޕީއަކަށް) ވެގެން ނުވާނެއެވެ. ކިއެއްތަ، އޭނާ އެ ކަންތައް ހަދަންޖެހޭނީ އޭނާގެ އަމިއްލަ ނަފްސު ކުރިއެރުވުމަށްޓަކައި ހުރި އެހީއެއް ކަމުގައެވެ.
[13](ތިބާގެ ގާތަށް ޙާޟިރުވާ މީހުން މަދުވުމުން ހިތާމަ ނުކުރާށެވެ. އަދި އެއުރެން ގިނަވުމުން އުފާވެސް ނުކުރާށެވެ.)
ދަންނާށެވެ! - ﷲ ތިބާގެ ފަރާތުން މަންފާ ލައްވާށިއެވެ! - ހަމަކަށަވަރުން އަޑުއަހާ މީހުންނާއި ޙާޟިރުވާ މީހުން ގިނަވުމަށް ނަފްސު ޝައުޤުވެރިވާނެއެވެ. އަދި ޚާއްޞަކޮށް ތިބާގެ ގާތްތިމާގެ މީހުންނާއި އެކުވެރިންގެ ތެރެއިންނެވެ. އަދި ބައެއް ފަހަރު އެ މީހުން ޙާޟިރުވިތޯ ތިބާއަށް ސުވާލުކުރެވިދާނެއެވެ. ނުވަތަ އެއިން މީހަކު ޙާޟިރުނުވުމުން - ތިބާގެ ހިތާހިތުން ކަމުގައި ވިޔަސް - ކުށްވެރިކޮށް ޝަކުވާކުރެވިދާނެއެވެ. ފަހެ، މި ބަލިން ސަލާމަތްވުމަށްޓަކައި ތިބާގެ އަމިއްލަ ނަފްސާ ދެކޮޅަށް ޖިހާދުކުރާށެވެ. އެހެނީ، އޭނާ ތިބާގެ ގާތަށް ޙާޟިރުނުވުމަކީ ތިބާ ބަލިކަށިކަން އަންގައިދޭ ކަމެއް ނޫނެވެ. އެހެނެއްކަމަކު އޭގެ ސަބަބަކީ، އެހެން ޚަޠީބެއްގެ ފަރާތުން އޭނާއަށް ހިތްހަމަޖެހުމާއި ފައިދާ ލިބުން ކަމުގައި ވެދާނެއެވެ. ނުވަތަ އޭނާގެ ގެޔާ އެތަން ކައިރިވުން ކަމުގައި ވެދާނެއެވެ. ނުވަތަ އެ ނޫންވެސް އެހެން ސަބަބުތަކަކާ ހުރެ ކަމުގައި ވެދާނެއެވެ.
އަދި ތެދުވެރި ޚަޠީބަކީ: އެހެން މީހެއްގެ ގާތަށް މީސްތަކުން ޙާޟިރުވާކަން އަޑުއިވިއްޖެނަމަވެސް އުފާކުރާ، އަދި އެ މީހަކަށް ސީދާކަމާއި ފައިދާކުރުން ދެއްވުމަށް އެދި ﷲ އަށް ދުޢާކުރާ، އަދި އެ މީހަކާމެދު ހެޔޮކަމެއް އެނގިއްޖެނަމަ އެ މީހަކަށް ޘަނާކިޔާ މީހާއެވެ.
އަދި ތިބާގެ ގާތަށް ޙާޟިރުވާ މީހުން މަދުކަމާއި، މީހުން ތިބާއާ ދުރުހެލިވާތަން ފެނިއްޖެނަމަ؛ ފަހެ ތިބާގެ ނަފްސު ޙިސާބުކުރާށެވެ. ފަހެ އެ އުނިކަން ވަނީ ތިބާގެ ކިބައިގައި ކަމަށް ވެދާނެއެވެ. އެއީ ތިބާގެ އުސްލޫބު ބަލިކަށިވުމުން، ނުވަތަ ތިބާ ހުށަހަޅައިދޭ މައުޟޫޢުގެ ބަލިކަށިކަމުން، ނުވަތަ ތިބާ ޚުޠުބާ ދިގުކުރުމުގެ ސަބަބުން، ނުވަތަ ތިބާގެ އިޚްލާޞްތެރިކަން ބަލިކަށިވުމުން، ނުވަތަ އެނޫންވެސް ސަބަބުތަކަކާ ހުރެ ކަމަށް ވެދާނެއެވެ.
އަދި ތެދުވެރި ނަޞީޙަތްތެރި އަޚުންތަކެއްގެ ކިބައިން ނަޞީޙަތަށް އެދޭށެވެ. އަދި ތިބާގެ ގާތަށް ޙާޟިރުވުމަށް، ނުވަތަ ތިބާގެ ޚުޠުބާ އަޑުއެހުމަށް އެމީހުންގެ ކިބައިން އެދޭށެވެ. އަދި އެ މީހުންނަށް ފާހަގަކުރެވޭ ކަންކަމާއި އެމީހުންގެ ޚިޔާލުތައް ތިބާއަށް ދިނުމަށް ތެދުވެރިކަމާއެކު އެމީހުންގެ ކިބައިން އެދޭށެވެ. އޭރުން ﷲ ތަޢާލާގެ އިޛްނަފުޅާއެކު ފައިދާހުރި ނަތީޖާތަކެއް ނިކުންނާނެއެވެ.
[14](ރަނގަޅަށް ތައްޔާރުވުމުގެ އަހައްމިއްޔަތުކަމާއި މުހިއްމުކަން)
ތިބާއަކީ ލިޔުމަކަށް ނުބަލައި އަމިއްލައަށް ޚުޠުބާދޭ މީހުންގެ ތެރެއިން މީހެއްކަމުގައި ވާނަމަ: ފަހެ، އެ ޚުޠުބާ ރަނގަޅަށް ތައްޔާރުކުރުން ތިބާގެ މައްޗަށް ލާޒިމުވެގެންވެއެވެ. އަދި އެ މައުޟޫޢަކީ ލުއިފަސޭހަ މައުޟޫޢެއްކަމުގައި ތިބާއަށް ހީވިކަމުގައި ވިޔަސް، އަދި މީގެ ކުރިން ތިބާ އެ މައުޟޫޢަށް އަލިއަޅުވާލާފައި ވީނަމަވެސް، އެކަމުގައި އެއްގޮތަކަށްވެސް ތިބާ ފަރުވާކުޑަކޮށްލައިގެން ނުވާނެއެވެ.
އަދި ރަނގަޅަށް ތައްޔާރުވުމަކީ: ޚަޠީބުންގެ ގާތުގައި އެންމެ ލައްޛަތުހުރި ކަންތައްތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ކިއެއްތަ، އެބައިމީހުން ތައްޔާރުކޮށް، އެކަމަށްޓަކައި ބުރަ މަސައްކަތްކުރި އެއްޗެއް ހުށަހެޅުމަށްޓަކައި، ހުކުރު ދުވަހަށް އެބައިމީހުން ނުހަނު ޝައުޤުވެރިކަމާއެކު އިންތިޒާރުކުރާނެއެވެ.
ދެންފަހެ ތައްޔާރުނުވުމުގެ މަތީގައި ދެމިހުރެ، އެހެން މީހުންގެ ޚުޠުބާތަކުން ފުއްދާލުން ދަންނައެވެ. ފަހެ އެކަމުގައި ނޭދެވޭ ގިނަ ކަންތައްތަކެއް އެކުލެވިގެންވެއެވެ. އޭގެ ތެރޭގައި:
ފުރަތަމައީ: އޭގެ ސަބަބުން ހިތްވަރު އެލުމާއި، ޢަޒުމް ބަލިކަށިވުމާއި، ނަފްސު ނިކަމެތިވުން މެދުވެރިކުރުވުމެވެ. އެއީ އެހެން މީހުންނަށް ތަޤްލީދުކުރުމުން އެ ނަފްސު ފުއްދާލުމުންނެވެ.
ދެވަނައީ: އެކަމުގެ ސަބަބުން ތިބާގެ ކިބައިން ޖޯޝާއި، ހީވާގިކަމާއި، ލައްޒަތު ގެއްލިގެންދެއެވެ. އެހިނދު އެކަމަކީ ތިބާގެ ކިބައިން ދުރުކުރުމަށް އެދޭ ބުރައެއް އަދި ކަންބޮޑުވުމެއް ފަދަ ކަމަކަށް ވެގެންދެއެވެ. އަދި މިކަމުގެ ސަބަބުން ތިބާގެ އުސްލޫބަށާއި، މީސްތަކުން ތިބާ ބަލައިގަތުމަށް އަސަރުކުރެއެވެ.
ތިންވަނައީ: ޚަޠީބު އޭނާ އަމިއްލައަށް ޚުޠުބާ ތައްޔާރު ނުކުރާކަމާއި، އޭނާ އެހެން މީހެއްގެ ކިބައިން އެ ނަކަލުކޮށްފައިވާކަން މީސްތަކުންގެ ތެރެއިން ގިނަ ބަޔަކަށް އިޙުސާސްކުރެވެއެވެ. އެއީ ޚުޠުބާގެ އުސްލޫބާއި މާއްދާ، އޭނާގެ އުސްލޫބާއި ފެންވަރާ ތަފާތުވުމުގެ ސަބަބުންނެވެ. ދެންފަހެ އެ މީހުންގެ ގާތުގައި އެ ޚުޠުބާއަށް ޤަބޫލުކަމެއް ނުލިބެއެވެ.
ހަތަރުވަނައީ: ތިބާއަށް އެއިން ފައިދާއެއް ނުކުރާނޭކަމެވެ. އަދި ފައިދާއެއް ކުރިކަމުގައި ވިޔަސްމެ، އެއީ ވަރަށް ކުޑަ ފައިދާއެކެވެ. ފަހެ، ހޯދައިބެލުމާއި ތައްޔާރުވުމުގެ ގޮތުން އެ ޢަމަލެއްގެ ވެރިމީހާ ގަދައަޅައި މަސައްކަތްނުކުރާ ޢަމަލު، ވަރަށް އަވަހަށް ހަނދާންނެތި ނެތިދާނެއެވެ.
ﷲ ތަޢާލާ އިރާދަކުރެއްވުމުން މެނުވީ، ތިބާ ކުރިއަރައި ނުދާނެއެވެ. އަދި ތިބާގެ އުއްމީދު އިތުރުވެ، ތިބާގެ ޢަޒުމް މަތިވެރިވެ، ތިބާގެ ޢިލްމުން މަންފާއެއްވެސް ލިބިގެން ނުދާނެއެވެ.
އެކަމަށްޓަކައި، ތިބާ ފަރުވާތެރިކަމާއެކު ރަނގަޅަށް ތައްޔާރުކޮށްފައިވާ ޚުޠުބާއަށް ބަލާލާށެވެ. ތިބާ އެ ޚުޠުބާ ހަނދާންނެތިފައި ނުވާކަން ތިބާއަށް ފެންނާނެއެވެ. އަދި އަހަރުތަކަކަށްފަހު އެއަށް ރުޖޫޢަވިކަމުގައި ވިޔަސް، އޭގައިވާ ކަންކަން ތިބާއަށް އެނގޭނެއެވެ. ހަމަ ދާދިފަހުން ތިބާ އެ ޚުޠުބާ ހުށަހަޅައިދީފައިވާކަހަލައެވެ.
ދެންފަހެ އެހެން މީހުންގެ ކިބައިން ތިބާ ނަކަލުކޮށް ނަޤުލުކޮށްފައިވާ ޚުޠުބާތަކަށް ބަލާއިރު، ފަހެ ތިބާ އެ ޚުޠުބާތައް ހަނދާންނެތުން އަވަސްކަމާއެވެ. އަދި މިކަން ތަޖުރިބާކޮށްލާ ބަލާށެވެ. ހަތަރު ނުވަތަ ފަސް އަހަރު ފާއިތުވެފައިވާ ޚުޠުބާތަކަށް އެނބުރި ރުޖޫޢަވާށެވެ. ފަހެ، ތިބާ އެ ޚުޠުބާތައް ހަނދާންނެތިފައިވާކަން، ނުވަތަ އޭގައި އައިސްފައިވާ ކަންކަމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް މެނުވީ ތިބާގެ ހަނދާނަށް ނާންނަކަން ތިބާއަށް ފެންނާނެއެވެ.
އަދި އެއިން މަންފާކުރާނޭ ފޮތަކަށް އެވުމަށްޓަކައި، އޭގެ މާއްދާ ޖަމަޢަކުރުމުގައިވެސް ތިބާއަށް އެއިން ފައިދާއެއް ނުކުރާނެއެވެ.
އެހެންކަމުން ތިބާ އެ ޚުޠުބާ ފޮތެއްގެ ޞިފައިގައި ނެރެން އުޅޭ ފަދައިން، (ފަރުވާތެރިކަމާއެކު ރަނގަޅަށް) ޚުޠުބާ ތައްޔާރުކުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. އެގޮތުން ބައެއް މުޙައްދިޘުންގެ ބަސްފުޅުތަކުގެ އެހީގައި ޙަދީޘްތައް ތަޚްރީޖުކޮށް، އޭގެ ޞައްޙަކަމުގެ ދަރަޖަވެސް ބަޔާންކުރާށެވެ. އަދި ތިބާ ރުޖޫޢަވި މަރުޖިޢުތަކާއި މަޞްދަރުތައް ތައުޘީޤުކުރާށެވެ. އަދި ބަހުގެ ޤަވާޢިދުގެ ގޮތުންނާއި، އިމްލާއީ ގޮތުންނާއި، ބަހަވީގޮތުން އެއަށް ސަމާލުކަންދޭށެވެ.
[15](ލިޔުމުގެ ނިޝާންތަކަށް ފަރުވާތެރިވުން)
- ތިބާ ޚުޠުބާ ކިޔާނަމަ - ކޮމާއާއި އެނޫންވެސް އެފަދަ، ވަޤުފުކުރާ (ހުއްޓާ) ނިޝާންތަކަށާއި ލިޔުމުގެ ޢަލާމާތްތަކަށް ފަރުވާތެރިވެ ސަމާލުކަންދޭންވާނެއެވެ. އަދި ތިބާގެ ނޭވާއަށް ރިޢާޔަތްކޮށް، ހުއްޓުމަށްޓަކައި ޚާއްޞަ ނިޝާންތަކެއް އަމިއްލައަށް ކަނޑައަޅަންވާނެއެވެ. އެއީ މުނާސަބު ނޫން ތަންތަނުގައި ގިނަގިނައިން ހުއްޓަން ޖެހުމުގެ ސަބަބުން ދަތިކަމަކާ ކުރިމަތިނުވުމަށްޓަކައެވެ.
[16](މައުޟޫޢުތަކާއި އުސްލޫބުތައް ތަފާތުކުރުމުގެ މުހިއްމުކަން)
މައުޟޫޢުތައް ހުށަހެޅުމުގައި ތަފާތުކޮށްލާށެވެ. އަދި ހަމައެކަނި އެއް ވައްޓަފާޅިއަކަށް ހަނިނުކުރާށެވެ. މިޘާލަކަށް: ތިބާގެ ޚުޠުބާތައް ހަމައެކަނި ހިތްތަކުގެ ޙާލަތްތަކާ ބެހޭގޮތުން، ނުވަތަ އުއްމަތުގެ ޢާއްމު ކަންކަމާ ބެހޭގޮތުން، ނުވަތަ އެނޫންވެސް އެފަދަ ކަމަކާ ބެހޭގޮތުން ހުރުމެވެ. އަދި މީސްތަކުންގެ ދީނާއި ދުނިޔޭގެ ކަންކަމުގައި އެ މީހުންގެ ޙާޖަތްތައް ހުރި ގޮތް ބަލާހުށިކަމެވެ.
އޭގެ ބަދަލުގައި ތަފާތުކޮށްލުން ގިނަކޮށްގެންވާށެވެ. އެއީ މީސްތަކުންގެ ހިތްތަކުގައި ތިބާގެ ޚުޠުބާތަކަށް ޝައުޤުވެރިކަން އުފެއްދުމަށެވެ.
އަދި ތިބާ އެ ޚުޠުބާތައް ގުޅިފައިވާ ސިލްސިލާއެއް ކަމުގައި ހެދިނަމަވެސް، ފަހެ ޙާޖަތް ޖެހިގެންވާ ހިނދު އެ ކެނޑުން މަނާވެގެން ނުވެއެވެ.
އަދި ދަންނާށެވެ! ހަމަކަށަވަރުން، ޤުރްއާނާއި، ޞައްޙަ ސުންނަތާއި، މާތްވެގެންވާ ޞަޙާބީން - رضي الله عنهم - ގެ ބަސްފުޅުތަކުން ނެގިފައިވާ ވާހަކަތަކުން އަޑުއަހާ މީހުންނަށް އޭގެ އެންމެ ބޮޑު އަޘަރެއް ކުރުވައެވެ. އަދި އޭގައި އެންމެ ބޮޑެތި ފިލާވަޅުތަކާއި ޢިބްރަތްތަކާއި، ވަޢުޡުތަކާއި އަގުހުރި މުތްތައް ވެއެވެ. އެހެންކަމުން އެ ވާހަކަތަކަށާއި، ޝައުޤުވެރިކުރުވަނިވި އުސްލޫބަކުން އެ ވާހަކަތައް ހުށަހެޅުމަށް ތިބާ ފަރުވާތެރިވާށެވެ. އަދި އެއިން ފައިދާތަކާއި ޢިބްރަތްތައް ނެރެ އިސްތިންބާޠުކުރާށެވެ.
އަދި ތިބާގެ ޚުޠުބާއަކީ ޙާދިޘާތަކާއި، ވާހަކަތަކާއި، ޙަޤީޤީ މިޘާލުތަކާއި މިނޫންވެސް މިފަދަ ކަންކަން ބަޔާންކުރުމުން ހުސްވެގެންވާ އެއްޗެއް ކަމުގައި ހަދައިގެން ނުވާނެއެވެ. އެއީ ތިބާގެ ޚުޠުބާތަކަކީ ފޫހި އަދި ބުރަބޮޑު އެއްޗަކަށް ނުވުމަށްޓަކައެވެ.
އަދި ވާހަކަތަކާއި ޙާދިޘާތައް ހުށަހެޅުމުގައި އެންމެ ފުރިހަމަ އުސްލޫބު ގެންގުޅުމަށާއި، ތިބާގެ ޝުޢޫރާއި އިޙްސާސްތަކުން އޭގެ ތެރެއަށް ވަދެ ގުޅިލާމެހުމަށާއި، ތިބާގެ މޫނުމަތީގެ ކުލަވަރުންނާއި އަޑުގެ ރާގުތަކުން އެކަން ފާޅުވާން ހުރުމަށް، އިންތިހާއަށް ފަރުވާތެރިވެ ސަމާލުކަންދޭހުށިކަމެވެ.
އަދި މީސްތަކުންގެ ޙާލަތާއި އެބައިމީހުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި އުޅުމަށް ފަރުވާތެރިވެ ސަމާލުކަންދޭށެވެ. އެއީ ތިބާ އެއް ވާދީއެއްގައި އަދި އެ މީހުން މުޅިން އެހެން ވާދީއެއްގައި ވިޔަ ނުދިނުމަށެވެ.
[17](ވާހަކަދެއްކުމާއި އަސަރުފޯރުވުމުގެ ހުނަރުތަކާއި ފަންނުތައް ލިބިގަތުމުގެ މުހިއްމުކަން)
މީސްތަކުންގެ ތެރެއިން ހުށަހަޅައިދިނުމުގެ ހުނަރުތަކާއި ފަންނުތައް ލިބިގަތުމަށް އެންމެ އައުލާކަންބޮޑު މީހަކީ ޚަޠީބެވެ. އެހެނީ، ޚަޠީބު މީސްތަކުންނަށް ބުނާ ބަސްތައް އެ މީހުން ޤަބޫލުކުރުމަށްޓަކައި، އެމީހުންނަށް ވިސްނައިދީ ބަލައިގަނެވޭވަރު ކުރުމަށާއި، އެ މީހުންގެ ސަމާލުކަން ހޯދަން ޚަޠީބަށް ޖެހެއެވެ.
އަދި ވަރުގަދަ އުސްލޫބަކާއި ފުރިހަމަ އުފެއްދުންތެރި ހުށަހެޅުމެއްގެ ވެރި ޚަޠީބުގެ ފުށުން، އެ ޞިފަތައް ލިބިފައިނުވާ މީހަކަށްވުރެ ބޮޑަށް -ގިނަފަހަރަށް- މީސްތަކުންނަށް ފައިދާކުރާނެއެވެ. އެއީ މި މީހާއަކީ ޢިލްމު މާ ގިނަ، އަދި މަޤާމުގެ ގޮތުން މާ މަތީ މީހަކަށް ވީނަމަވެސްމެއެވެ.
އެހެންކަމުން ވާހަކަދެއްކުމާއި ހުށަހެޅުމުގެ ފަންނާގުޅޭ ދަރުސްތަކެއް އަޑުއަހަން ޚަޠީބަށް ޖެހެއެވެ. އަދި އެ ދަރުސްތަކަށް އޭނާ ޙާޟިރުވެއްޖެނަމަ އެ ގޮތް މޮޅުއިތުރެވެ. ނުވަތަ އެކަމާ ގުޅޭގޮތުން ލިޔެވިފައިވާ ފޮތްތައް ކިޔަން ޖެހެއެވެ.
އަދި ﷲ އަށް ތެދުވެރިވެ، އޭނާގެ ނަފްސާއި ވަޤުތު އެ އިލާހަށްޓަކައި ހިބަކޮށްފި މީހާއަށް؛ އޭނާ ހީވެސްކޮށްފައިނުވާ، އަދި އޭނާގެ ހިތަށްވެސް އަރާފައިނުވާ ފަދަ މިންވަރަކަށް ﷲ އެ އިލާހުގެ އޯގާވަންތަކަމާއި ފަޟްލަވަންތަކަމުގެ ތެރެއިން އެ މީހަކަށް ދެއްވާނެއެވެ. އަދި ﷲ ލޯބިވެވޮޑިގެންވާ ކަންކަން އެ އިލާހަށް ހަދިޔާކޮށް (އެބަހީ: އެފަދަ ޢަމަލުތައްކޮށްފި މީހާއަށް)، އެ މީހަކު ލޯބިވާ މިންވަރަށްވުރެ މާ މަތިން ﷲ އެ މީހަކަށް ދެއްވާނެއެވެ. އަދި ﷲ އަށްޓަކައި އެ މީހެއްގެ ނަފްސު ޚިދުމަތްތެރިކޮށްފި މީހާއަށް، ﷲ އެ އިލާހުގެ މަޚްލޫޤުން އޭނާއަށްޓަކައި ޚިދުމަތްކޮށްދެއްވާނެއެވެ. އަދި އުފާވެރިކަމާއި، މަތިވެރިކަމާއި، ބާރުވެރިކަމުގެ ސަބަބުތައް އޭނާއަށްޓަކައި ފަހިކޮށްދެއްވާނެއެވެ.
އެހެންކަމުން ޖަލާލަތުކަން ބޮޑުވެގެންވާ ރައްބުގެ ދަރުމަތަކާއި ތިބާއާ ދެމެދުގައި، ތެދުވެރި ޢަޒުމާއި، ﷲ އަށްޓަކައިވާ ވަރުގަދަ އިރާދައާއި، ﷲ ލޯބިވެވޮޑިގެން އަދި ރުހިވޮޑިގަންނަވާ ކަންކަމަށްޓަކައި ތިބާ ލޯބިކޮށް އަމިއްލަ އެދުން ގަޔާވާ ކަންތައްތައް ދޫކޮށްލުމާއި، އެކަލާނގެ ދީނާއި ޝަރީޢަތް މަތިވެރިކުރުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުން މެނުވީ ނުވެއެވެ. އެއީ އެކަމުގެ ސަބަބުން، ދުނިޔަވީ އުފާތަކާއި، އަމިއްލަ އެދުންތަކާއި މަންޞިބުތަކުގެ އަހުލުވެރިންގެ ގާތުގައި ތިބާގެ މަޤާމު ދަށްވުމަށް މެދުވެރިވިކަމުގައި ވީނަމަވެސްމެއެވެ.
[18] (ތަޖްދީދުކޮށް އައުކުރުމުގެ އަސާސް)
ހަމަކަށަވަރުން، ﷲ ތަޢާލާ އިންސާނާ ހައްދަވާފައިވަނީ، ކުރިއަށްވުރެ ރަނގަޅު ގޮތަކަށް ކަންކަން އައުކުރުމަށާއި ބަދަލުކުރުމަށް ލޯބިކުރާ މީހެއްގެ ގޮތުގައެވެ. އެގޮތުން މީސްތަކުން އެއް ޙާލަތެއްގެ މަތީގައި ޤާއިމުވެ ނުތިބޭތަން ތިބާއަށް ފެންނާނެއެވެ. އަދި ދިރިއުޅުމުގައި އައު ކަމެއް މެދުވެރިވާ ކޮންމެ ފަހަރަކު، އެބައިމީހުންނަށް ކުޅަދާނަކަން ލިބިގެންވާހިނދު، އެކަމެއް ޙާޞިލުކުރުމަށް އެބައިމީހުން އަވަސްވެގަނެއެވެ.
ފަހެ، މިއަދުގެ މީހާއަކީ މީގެ ދިހަ އަހަރު ކުރިން އޭނާ ހުރި މީހާއެއް ނޫނެވެ. އަދި ކިއެއްތަ، މިއަދު ތިބާއަށް ފެންނާނީ އޭނާގެ ޙަޔާތާއި، ދިރިއުޅުމާއި، ދުއްވާ އުޅަނދުފަހަރާއި، ގެދޮރުގެ ކަންކަން ކުރިއަށްވުރެ ރަނގަޅު ގޮތަކަށް އައުކޮށް ބަދަލުކޮށްފައިވާ ތަނެވެ.
އަދި ހުކުރު ޚުޠުބާދޭ މީހާއަކީ: އޭނާގެ އުސްލޫބު އާކޮށް ރަނގަޅުކުރުމަށާއި، ހުށަހެޅުމާއި އަޘަރުފޯރުވުމުގެ ހުނަރުތައް ތަރައްޤީކުރުމަށް އެންމެ އައުލާކަން ބޮޑު އެކަކެވެ. ފަހެ ހަމަކަށަވަރުން، ޚުޠުބާދިނުމުގެ މަސްއޫލިއްޔަތާ ޙަވާލުވީއްސުރެ އޭނާ ހޭނިފައިވާ އެއް ގޮތަކަށް ކަންކަން ކުރިއަށް ގެންދާނަމަ، ފަހެ އެއްވެސް ޝައްކެއްނެތް ގޮތުގައި އޭނާއަށް އެންމެ ރަނގަޅު މޮޅު އިތުރުގޮތަށް ބަދަލުވުމެއް ނާންނާނެއެވެ. އަދި ކިއެއްތަ، އޭނާ ދާނީ ފަހަތަށެވެ. އެހެނީ އިންސާނާގެ ޠަބީޢަތުގައިވެސް، ޢުމުރުން ދުވަސްވެ މުސްކުޅިވުމުން އޭނާގެ ހިތްވަރާއި ޖޯޝު ބަލިކަށިވެ، އޭނާގެ ރޫޙު މިލާމޯޅިވެ، އަދި އޭނާގެ އަޘަރު ފޯރުވުން ކުޑަވެގެންދެއެވެ. އެހެންކަމުން، އޭނާ ތާޒާކޮށްދީ އޭނާގެ ހިތްވަރާއި ރޫޙު ވަރުގަދަކުރާނެ ކަންތައްތަކަށާއި، އޭނާގެ ހުނަރުތަކާއި އުސްލޫބުތައް ތަރައްޤީކުރާނެ ކަންތައްތަކަށް އޭނާވަނީ ބޭނުންޖެހިގެންނެވެ. އެއީ އޭނާއަށާއި އޭނާގެ ޙިއްސުތަކަށާއި އޭނާގެ ހިތްވަރަށް މެދުވެރިވާ ބަލިކަށިކަމުގެ ޙާލަތްތަކުގެ މައްޗަށް ގަދަވެ ކުރިހޯދުމަށްޓަކައެވެ.
އަދި ގިނަ ޚަޠީބުން ޚަޠީބުކަން ކުރަން ފެށީއްސުރެ، އެމީހުންނަށް ފާޅުކަންބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ފަހެ އޭގެ މާނައަކީ، އެ މީހުން ފެށުނީއްސުރެ ފުރިހަމަކަމަށް ވާޞިލުވެފައިވުން ހެއްޔެވެ؟
ނޫނެކެވެ.
ފަހެ އެހެންކަމަށްވާނަމަ؛ އޭނާގެ ދިރިއުޅުމާއި ދުނިޔޭގެ ކަންކަން ރަނގަޅުކުރުމަށްޓަކައި އޭނާ ގަދައަޅާ މަސައްކަތްކޮށްފައިވާއިރު، ދެން (ޚުޠުބާ ކިޔުމުގައި) އޭނާ އާދަވެފައިވާ ގޮތުގެ މަތީގައި ދެމިހުރެ، އޭނާގެ އުސްލޫބާއި ހުށަހަޅާ ވައްޓަފާޅީގެ ކަންކަންހުރި ގޮތް ދެނެގަނެ؛ ރަނގަޅުކުރުމާއި، އާކުރުމާއި، އުފެއްދުންތެރިކަން ގެނައުމަށްޓަކައި ރަނގަޅު ފިޔަވަޅުތައް ނާޅައި ދެމިހުންނަންވީ ކީއްވެހެއްޔެވެ؟
އަދި ޚުޠުބާގެ މަޤާމަކީ އޭނާގެ ޙަޔާތުގައި ކުރާ އެންމެޝަރަފުވެރި އަދި އެންމެ މަތިވެރި ކަންކަމުގެ ތެރެއިން ހިމެނޭ ކަމަކަށް ވާއިރު، އެކަމަށްޓަކައި އޭނާ މަސައްކަތް ނުކުރާންވީ ކީއްވެހެއްޔެވެ؟
[19](އަޘަރު ފޯރުވުމުގެ ވަސީލަތްތަކުގެ ތެރެއިން ދެ ވަސީލަތްކަމުގައިވާ: އަޑާއި ބެލުމަށް ސަމާލުކަން ދިނުން)
ކާމިޔާބު ޚަޠީބަކު މި ދެ ވަސީލަތް ބޭނުންކުރުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވެއެވެ:
1- އަޑު، އެއީ އަޘަރު ފޯރުވުމުގެ އެންމެ ވަރުގަދަ ވަސީލަތެވެ. އަދި އޭގެ އަޘަރު ފުރިހަމަވެގެންދަނީ، އަންނަނިވި ކަންކަމަށް ރިޢާޔަތްކުރުމުންނެވެ:
ހ- އަޑު އުފުލުމާއި މަޑުކުރުމުގައާއި، އަވަސްކުރުމާއި ލަސްކުރުމުގައި، އަޑުގެ މިންވަރު މެދުމިނެއްގައި ވުން. އެގޮތުން އަޑުއެހުންތެރިން ފޫހިވެ، ކަންނެތްވާފަދަ ގޮތަކަށް އަޑު މާ މަޑުވެފައި ނުވަތަ ލަސްވެގެން ނުވާނެއެވެ. އަދި އެމީހުންނަށް އުނދަގޫވާ، ނުވަތަ ސަމާލުކަންދިނުމާއި ނަގައިގަތުމަށް ނުކުޅެދޭ ޙިސާބަށް އަޑު މާ ބާރުވެފައި ނުވަތަ އަވަސްވެގެންވެސް ނުވާނެއެވެ.
ށ- އަޑު އެއް ހަމައެއްގައި ނުވުމެވެ. އެގޮތުން ބައެއް ޚަޠީބުންގެ އަޑު މުޅި ޚުޠުބާގައި ހުންނަނީ އެއްވަރެއްގައެވެ. ފަހެ އެ އަޑު ބަލިކަށިވެގެންވާނަމަ؛ އަޑުއަހާ މީހުންނަށް ފޫހިކަން ގެނުވައެވެ. އަދި ބާރުވެ އަޑު އުފުލިފައިވާނަމަ؛ އެމީހުންނަށް އުނދަގޫކުރުވައެވެ.
އެއް ހަމައެއްގައި އެއް ވައްޓަފާޅިއަކުން ވާހަކަދެއްކުމަކީ، އޭގެ ސަބަބުން ޚަޠީބުގެ ވާހަކައާއެކު އަޑުއެހުންތެރިންނަށް އޮންނަ ގުޅުން (ރިއެކްޝަން) ގެއްލިގެންދާ ކަމެކެވެ. އެހެނީ، މުހިއްމު މަޤާމުތަކާއި އެނޫން ތަންތަން ވަކިކޮށް އެ މީހުންނަށް ފާހަގަނުކުރެވޭނެތީއެވެ. އަދި އެއްވެސް ޝައްކެއްނެތް ގޮތުގައި، މުހިންމު އަދި އަޘަރުގަދަ ވާހަކަތަކަށް ބޭނުންވަނީ އަވަސްކުރުމާއެކު ފާހަގަކުރެވޭ މިންވަރަކަށް އަޑު އުފުލުމެވެ. ނުވަތަ ލަސްކުރުމާއެކު އަޑު ދަށްކުރުމެވެ.
ނ- ޖުމްލަތައް އެ އޮންނަ މަޤާމަކާ ގުޅޭގޮތުން އޭގެ އަޑު ބައްޓަންކުރުމެވެ. އެގޮތުން އެއީ ސުވާލެއްކަމުގައި ވާނަމަ، ސުވާލުކުރާ މީހެއްގެ ސިޔާޤާއި ރާގަށް އެ ގެންނާށެވެ. އަދި އެއީ ޙައިރާންވެ ޢަޖައިބުވުމެއްކަމުގައި ވާނަމަ، ޙައިރާންވެ ޢަޖައިބުވާ މީހެއްގެ ސިޔާޤާއި ރާގަށް ގެންނާށެވެ. އަދި މިގޮތުގެ މަތިންނެވެ.
ރ- ޢާދައިގެ މަތިން ވާހަކަދައްކާއިރު އަނގަ ހުޅުވާ މިންވަރަށްވުރެ ބޮޑަށް ތިބާގެ އަނގަ ހުޅުވާށެވެ. ފަހެ، ހަމަކަށަވަރުން މިކަމުގެ ސަބަބުން އަކުރުތަކުގެ މަޚްރަޖުތައް ސާފުވުމަށާއި، އަކުރުތައް އެކަތި އަނެކައްޗާ މަސްހުނިނުވުމަށާއި، އަދި އަޑުގެ މައްޗަށް ބާރުފޯރުވާ ކޮންޓުރޯލުކުރުމުގެ ކުޅަދާނަކަން ލިބުމުގެ ފައިދާކުރާނެއެވެ. އެހެންނަމަވެސް، އެއީ މާ މައްޗަށް އެކަން ގެންދިޔުމަކާ ނުލައެވެ. ފަހެ، އަނގަ ހުޅުވުމުގައި މާ މައްޗަށް ގެންދިޔުމަކީ، ޙައްދަށްވުރެ ބޮޑަށް ޖޯޝު އައުމަށާއި، ޚަޠީބާ އެކަށީގެންނުވާފަދަ މަންޒަރެއް ފެނުމަށް މެދުވެރިކުރާ ކަމެކެވެ.
ބ- ތިބާގެ އާދައިގެ އަޑުން ޚުޠުބާ ދޭށެވެ. އަދި ޚުޠުބާއަށް ޚާއްޞަ އަޑަކާއި ހުށަހެޅުމެއް ކަނޑަނާޅާށެވެ. ފަހެ އެކަން ވެގެންދާނީ، ތިބާއާއި މީސްތަކުންނާ ދެމެދު ހުސްކަމެއް އުފެދުމުގެ ސަބަބަކަށެވެ. އަދި އަޑުއެހުންތެރިންނަށް އަޘަރުފޯރުވުމަށް އޮތް އެންމެ ވަރުގަދަ ވަސީލަތް ތިބާގެ ކިބައިން ގެއްލިގެންދިއުމުގެ ސަބަބަކަށްވެސް މެއެވެ.
އަދި މަޑުކޮށްލުން ރިވެތިވެގެންވާ ޙާލަތްތަކުގައި ކުޑަކޮށް މަޑުކޮށްލުމެވެ. ފަހެ، އަޑުއެހުންތެރިންގެ ސިކުނޑިތަކުގައި ހަރުލެއްވުމަށް ޚަޠީބު ބޭނުންވާ މުހިއްމު ފިކުރަކާ ހަމައަށް އާދެވިއްޖެނަމަ؛ އެމީހުންނާ ދިމާއަށް ކުރިމަތިލާށެވެ. އަދި އެއްވެސް އެއްޗެއް ބުނުމަކާ ނުލައި، ކުޑަ ހިނދުކޮޅަކަށް ސީދާ އެ މީހުންގެ ލޯތަކަށް ބަލައިލާށެވެ.
އަދި މި ކުއްލި ހަނުހުރުމުގައި އެބައިމީހުންނަށް ކުރާ ބޮޑު އަޘަރެއް ހުރެއެވެ. އެކަމުގެ ސަބަބުން އެބައިމީހުންގެ ސަމާލުކަން ދަމައިގަނެ، ދެން އަންނާނެ އެއްޗަކަށް ސަމާލުވެ، ފޯރިލިބިގެންވާ މީހަކު ކަމުގައި އެ އިން ކޮންމެ މީހަކު ހަދައެވެ.
އެހެންނަމަވެސް އެ ހުއްޓާލުމަކީ: ދިގު މެދުކެނޑުމެއް ނެތި، އަދި ގަދަކަމުން ތަކްލީފުން އުޅުމެއް ނެތިވާ ހުއްޓުމެއް ކަމުގައި ވާންޖެހޭނެއެވެ.
އޭގެ މިޘާލަކީ: (ޢަލީ رَضِيَ اللَّهُ عَنْهُ، ނަބިއްޔާ ﷺ ގެ އަރިހަށް ރަންގަނޑެއް ފޮނުއްވިއެވެ. ދެން އެކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން ބައެއް ބޭކަލުންގެ މެދުގައި އެ ބެއްސެވިއެވެ.)
ދެން މީހަކު ކުރިމަތިލާފައި ބުނެފިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ﷲ އަށް ތަޤުވާވެރިވެބަލާށެވެ! (...)"
ތެދުވެރި އަމާނާތްތެރިޔާ ﷺ ގެ ޙައްޤުގައި މިއީ ކޮންފަދަ ބޮޑުވެގެންވާ ޖެހިލުންކުޑަކަމެއް ހެއްޔެވެ!!
އެހެންވެގެން، މި ޖެހިލުންކުޑަކަމާމެދު ޢަޖައިބުވެވަޑައިގެން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "(...) ތިމަންކަލޭގެފާނު އުރެދިއްޖެނަމަ، ދެން ﷲ އަށް ކިޔަމަންވާނީ ކާކު ހެއްޔެވެ!؟ ބިމުގެ އަހުލުވެރިންގެ މައްޗަށް ﷲ ތިމަންކަލޭގެފާނަށް އިތުބާރުކުރައްވާއިރު، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އިތުބާރު ނުކުރަނީހެއްޔެވެ!؟"
ދެ ބުރެކެޓްގެ ދެމެދުގައިވާ ބައިން އިޝާރާތްކުރަނީ އިރުކޮޅަކު މަޑުކޮށްލުމަށެވެ. އެހެނީ އެ ޙާލަތު އެކަމަށް ނިޔާކުރާތީއެވެ. އެއީ އަޑުއަހާ މީހުންގެ ސަމާލުކަން ހޯދުމަށާއި، އޭގެ ފަހުން ބުނެވޭނެ އެއްޗަކަށް އެބައިމީހުން ޝައުޤުވެރިކުރުވުމަށެވެ.
އަދި ފުރަތަމަ ޖުމްލަ: (ތެދުވެރި އަމާނާތްތެރިޔާ ﷺގެ ޙައްޤުގައި އެއީ ކޮންފަދަ ބޮޑު ޖެހިލުންކުޑަކަމެއް ހެއްޔެވެ!!) އެއީ ޢަޖައިބުވެ ޙައިރާންވުމުގެ އުސްލޫބެކެވެ. އެހެންކަމުން އެ މަޤާމު ނިޔާކުރަނީ، ޢަޖައިބުވާ މީހެއްގެ ޢިބާރާތުން އެ ޖުމްލަ އެކުލަވާލުމަށެވެ.
އަދި ދެވަނަ ޖުމްލަ: "ތިމަންކަލޭގެފާނު (ﷲ އަށް) އުރެދިއްޖެނަމަ، ދެން ﷲ އަށް ކިޔަމަންވާނީ ފަހެ ކާކުހެއްޔެވެ؟ ބިމުގެ އަހުލުވެރިންގެ މައްޗަށް ﷲ ތިމަންކަލޭގެފާނަށް އަމާނާތްތެރިކުރައްވައި އިތުބާރުކުރައްވާއިރު، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އިތުބާރު ނުކުރަނީ ހެއްޔެވެ؟" އެއީ އިންކާރީ އިސްތިފްހާމްގެ (އިންކާރުކުރުމުގެ ގޮތުން ކުރެވޭ ސުވާލުގެ) އުސްލޫބެކެވެ. ފަހެ، އެ މަޤާމު ނިޔާކުރަނީ، އިންކާރުކުރާ ޙާލު ސުވާލުކުރާ މީހެއްގެ ޢިބާރާތުން އެ ޖުމްލަ އެކުލަވައިލުމަށެވެ.
2- ބެލުން: އެއީ އަޑުއަހަން ތިބޭ އެންމެންނަށް ބެލުން ބަހައިލުމާއި، ތިމާ ދައްކަމުންދާ ވާހަކައަކާ ގުޅޭގޮތަށް ދެލޮލުން ޝުޢޫރު ފާޅުކުރުމެވެ. އަދި އެކަން ކުރާނީ އަންނަނިވި ގޮތަށެވެ:
ހ- އަވަސްއަވަހަށް ނުވަތަ ގިނަގިނައިން އެނބުރުމުގައި ޙައްދުފަހަނައަޅައި ނުދާގޮތަށް، ކުޑަކޮށް ކަނާތަށާއި ވާތަށް އެނބުރުމެވެ. ފަހެ، ޚާއްޞަގޮތެއްގައި ޚަޠީބުގެ ކިބައިން އެކަން ފެނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނީ، އެކަމުން ދަލީލުކޮށްދެނީ ޚަޠީބުގެ ޖަޒުބާތުތައް އޭނާގެ މައްޗަށް ގަދަވެ، އޭގެ ބާރު އޭނާގެ މައްޗަށް ފޯރާފައިވާކަމެވެ. އަދި އެކަމުގެ ސަބަބުން ސަމާލުކަން ދިނުމުގައި އޮންނަންޖެހޭ ސީދާކަން ގެއްލިގެން ދިއުމަށް މަގުފަހިކުރުވައެވެ.
ށ- ލޯ ހުޅުވައިގެން، ނުވަތަ ކުޑަކޮށް ލޮލަށް ބާރުކޮށް ޕުރެޝަރުކޮށްލައިގެންނެވެ. އަދި ލޮލުގެ ޙަރަކާތްތަކަކީ ޙާޟިރުވެ ތިބޭ މީހުންގެ މައްޗަށް އޭގެ އެންމެ ބޮޑު އަޘަރެއް ފޯރުވާ ކަމެކެވެ. އަދި ދުލުން ބަޔާންކޮށް ނުދެވިދާނެ ފަދަ މާނަތަކެއް އެބައިމީހުން އެއިން ނަގައިގަނެއެވެ.
އަޑާއި ބެލުމަކީ: އަޑުއަހާ މީހުންގެ މައްޗަށް ޚަޠީބު އަޘަރުކުރުވުމުގެ ތަނބުތަކުގެ ތެރެއިން އަސާސީ ދެ ތަނބެވެ. އަދި އެ ދެކަންތަކާ ނުލައި، އޭނާ ބޭނުންވާ ކަންކަން އެމީހުންނަށް ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ގެއްލިގެންދެއެވެ. އަދި އެމީހުންނަށް ޤަބޫލުކުރުވުމާއި، އެމީހުންގެ ސަމާލުކަން ހޯދުމާއި، އަދި އެމީހުންގެ ޖޯޝާއި ފޯރި ގެނައުމުގެ ކުޅަދާނަކަންވެސް ގެއްލިގެންދެއެވެ.
އަދި ކޮންމެ ޚަޠީބަކަށްވެސް، އެއްވެސް ދަތިކަމެއް އަދި ގަދަކަމުން އުޅުމެއް ނެތި އެ ދެކަންތައް ބޭނުންކުރެވިދާނެއެވެ. އެހެންނަމަވެސް، އެއީ މާ މައްޗަށް ގެންދިޔުމާ ނުލައެވެ. ފަހެ، އެކަމުގައި މައްޗަށްގޮސް ޙައްދުން ނެއްޓުމަކީ ބުއްދިކޮށިކަމާއި ވިސްނުންކުޑަކަން ދޭހަކޮށްދޭ ކަމެކެވެ. ހަމައެފަދައިން، މަޑުމަޑުންހުރެ ހިމޭންކަމުގައި މާ މައްޗަށް ދިޔުމަކީ ފޫހިކަމާއި ގަޔާނުވުމަށް މަގުފަހިކުރުވާ ކަމެކެވެ. އަދި ކަންކަމުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ އެކަމެއްގެ މެދުމިންގޮތެވެ.
އަދި ހުކުރު ޚަޠީބަށް އެކަށީގެންނުވާ ބައެއް ވަސީލަތްތައް ވެއެވެ. އޭގެ ތެރޭގައި:
1- ދެއަތް ޙަރަކާތްކުރުން.
2- ބިޝްތު (ޢަރަބިން އަޅާ ފޭރާމެއް) ނުވަތަ ފަގުޑި ހެލުވުމާއި، އަޑުގަދަކުރާއާ ކުޅުމާއި، ކުރިއަށް ފަހަތަށް ޖެހުމާއި، މިފަދަ ކަންކަން ކުރުމެވެ.
[20](ޞައްޙަ ސުންނަތުން ޘާބިތުވެފައިނުވާ ވަކި ޚާއްޞަ ޢިބާރާތެއްގައި ހިފެހެއްޓި ހަރުލާ ނުހުންނާށެވެ.)
ޞައްޙަ ސުންނަތުން ޘާބިތުވެފައިވާ އެއްޗެއް މެނުވީ، ވަކި ޞީޣާއެއް ޢިބާރާތެއްގައި ނުނެއްޓި ހަރުލާހުރުން އެކަށީގެން ނުވެއެވެ. އެއީ ސުންނަތެއް ކަމުގައި ހީކުރެވިޔަ ނުދިނުމަށެވެ. އެއީ ފުރަތަމަ ޚުޠުބާގެ ނިމުމުގައި: «بَارَكَ اللهُ لِي وَلَكُمْ فِي القُرْآنِ العَظِيم..» ބުނުން ފަދައިންނެވެ.
އަދި ގިނަފަހަރަށް، ބައެއް ޚަޠީބުން ޚުޠުބާގެ ނިމުމުގައި ވަކި ދުޢާއެއް ކުރުމުގައި ޘާބިތުވެ ހަރުލާހުރެއެވެ. އެއިން އެމީހުން ބޭރުނުވާ ކަހަލަ ގޮތަކަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ތަކުރާރުވާ މި ދުޢާ ދިގުކުރެއެވެ. އެހެންގޮސް ޚަޠީބު ދުޢާކުރަން ފެށުމާއެކު، ގިނަ މީސްތަކުންނަށް ނުތަނަވަސްކަމާއި ފޫހިކަން އިޙުސާސްކުރެވޭ ޙިސާބަށެވެ. އެހެނީ، އެއްގޮތަކަށް ބަސްތައް އަމުނަމުންދިއުން ގަދަވެފައިވާ، އަދި ދުޢާގައި އެދެވިގެންވާ ޝުޢޫރާއި އަޘަރުކުރުން ނުހިމެނޭ އުސްލޫބަކުން، ގިނަގިނައިން އެ ދުޢާ ތަކުރާރުކުރުމުގެ ސަބަބުން މީސްތަކުން އެކަމާ ފޫހިވެފައިވާތީއެވެ.
[21] (އަކުރުތަކުގެ މަޚްރަޖުތަކަށް ފަރުވާތެރިވުމާއި، އެ އަކުރުތައް އެކަތި އަނެކައްޗާ މަސްހުނިވިޔަ ނުދިނުން)
އަކުރުތައް އޭގެ މަޚްރަޖުތަކުން ފުރިހަމައަށް އަދާކުރުމަށް ފަރުވާތެރިވާށެވެ. ފަހެ، ހަމަކަށަވަރުން ފަޞާޙަތްތެރިކަމަށާއި، ބަޔާންކުރުމަށާއި، އަދި ވާހަކައިގެ ބާރުގަދަކަމަށް އެކަމުން ބޮޑުވެގެންވާ އަސަރެއް ކުރެއެވެ.
އަދި ޚަޠީބާމެދު ފާޑުކިޔޭ ކަންކަމުގެ ތެރޭގައި: ފުރަތަމަ އަކުރު ނުވަތަ ލަފްޒު އޭގެ މަޤާމުގައި ހަމަޖެހުމުގެ ކުރިން، އެ އަކުރެއް ނުވަތަ ލަފްޒެއް ޖެހިގެން އަންނަ އަކުރާ ނުވަތަ ލަފްޒާ ގުޅިގެންދާހާ އަވަސްއަރުވާލައިގެން ލަފްޒުތައް ކިޔުން ހިމެނެއެވެ. އަދި ރިވެތިވެގެންވާ އަދަބަކީ، އަކުރުތައް އެންމެ ފުރިހަމައަށް އަދާކުރުމާއި، ކަލިމަތައް ވަކިވަކިން ސާފުކޮށް ބަޔާންކުރުމެވެ. [15]. - "އަލް-ޚަޠާބާ ޢިންދަލް-ޢަރަބި"، މުޙައްމަދު އަލް-ޚިޟްރު ޙުސައިން: 189.
ޚަލްޤުތަކުންކުރެ އެންމެ ފަޞާޙަތްތެރި ކަލޭގެފާނު صلوات الله وسلامُه عليه ގެ ބަސްފުޅުތައްވެސް ހުރީ އެފަދައިންނެވެ.
އުއްމުލް-މުއުމިނީން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: "ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ، ތިޔަބައިމީހުން ވާހަކަތައް އަމުނާލާ ފަދައިން ވާހަކަފުޅު (މެދުކެނޑުމެއްނެތި) އަމުނާލައްވާކަމުގައި ނުވެއެވެ." [16]. - ރިވާކުރެއްވީ އަލް-ބުޚާރީ: (3568)، އަދި މުސްލިމު: (2493).
[22](ޚުޠުބާގެ މަޤްޞަދާއި، ޚަޠީބު އަލިއަޅުވައިލަންޖެހޭ އެންމެ މުހިއްމު މައުޟޫޢުތައް)
މީސްތަކުން ދުނިޔޭގެ ޢާލަމާއި އެތަނުގެ ފިކުރުތަކާއި ޙާދިޘާތަކުގެ ތެރެއިން ނެރެ، އާޚިރަތުގެ ޢާލަމަށާއި އެ ދުވަހަށް ތައްޔާރުވުމުގެ ޚަޠީބު ގެންދަން ޖެހެއެވެ. އަދި މިސްކިތަކީ އެތަނުގައި ޚަޠީބު ސިޔާސީ ކަންކަމަށް އަލިއަޅުވާލައި، އަދި އަޑުއަހާ މީހުންނަށް އެ މީހުންގެ ދީނާއި ދުނިޔޭގައިވެސް ފައިދާއެއް ނުކުރާ ކަންކަމުގެ ތެރެއަށް ވަދެގަނެގެން ވާހަކަދައްކާ، ޚަބަރުފަތުރާ މިންބަރަކަށް ވެގެން ނުވާނެއެވެ.
އަދި ތައުފީޤު ލިބިގެންވާ ޚަޠީބެއްނަމަ، އޭނާގެ ގިނަ ޚުޠުބާތައް ހުންނާނީ އީމާންކަން އިތުރުކޮށްދިނުމާއި، ﷲ ތަޢާލާއާ އޮންނަ ގުޅުން ބަދަހިކޮށްދޭ ކަންކަމުގެ މައްޗަށެވެ. އެހެނީ މީސްތަކުންގެ އީމާންކަން އިތުރުވެ، އެ މީހުންގެ ރައްބާ އޮންނަ ގުޅުން މަތިވެރިވެއްޖެނަމަ؛ އެކަން ވެގެންދާނީ އެމީހުން ފާފަތަކާއި ބޭކާރު ވިޔާނުދާ ކަންތައްތައް ދޫކޮށްލުމަށް މެދުވެރިވާނޭ އެންމެ ބޮޑު ސަބަބަށެވެ.
އަދި ޚަޠީބު އެކަންކަމާމެދު ޣާފިލުވެގެން ނުވާނޭ، އަދި އަބަދުވެސް ތަކުރާރުކުރަންޖެހޭ މައުޟޫޢުތަކުގެ ތެރޭގައި:
ތައުޙީދާއި އިސްލާމްދީނުގެ ރުކުންތައް.
ނަމާދުގެ ޞިފައާއި، ނަމާދުގައި ޚުޝޫޢަތްތެރިވުމުގެ މުހިއްމުކަން.
މޫސުންތަކުގެ މައުޟޫޢުތައް، މިޘާލަކަށް ރަމަޟާންމަހުގެ ވަޤުތު ޖެހުމުން އެ މަހުގެ މާތްކަމާ ބެހޭގޮތުން ވާހަކަދެއްކުން.
ފިތުނަތަކާމެދު އިންޛާރުދިނުމާއި، އެކަންކަމާމެދު ޢަމަލުކުރާނެ ގޮތް.
ބިދުޢަތަކާމެދު އިންޛާރުދިނުން.
ޝައިޠާނާގެ މަކަރުވެރިކަމާއި، އެކަލޭގެ މަގުފުރައްދާ ފޭކޮށް ކަސިޔާރުކުރާ ގޮތްތަކާމެދު އިންޛާރުކުރުން.
އަޚްލާޤާއި އަދަބުސަދަބު، އަދި އެއާ ގުޅުންހުރި ކަންކަން.
އީމާންކަމާއި ﷲ އާ އޮންނަ ގުޅުން އިތުރުކޮށްދޭ މައުޟޫޢުތަކުގެ ތެރޭގައި:
1- ﷲ ގެ ޞިފަފުޅުތަކާއި އެކަލާނގެ ނިޢުމަތްތައް ޛިކުރުކޮށް ހަނދުމަކޮށްދީގެން، މީސްތަކުންގެ ހިތްތަކުގައި އެކަލާނގެއަށް އޮންނަ ޤަދަރު މަތިކޮށް މާތްކުރުން.
2- އެކަލާނގެ ބަސްފުޅުކަމުގައިވާ ޤުރްއާން މަތިވެރިކުރުން.
3- ނަބީބޭކަލުން عليهم السلام އާއި، އަދި އެބޭކަލުންގެ އެންމެ އިސްކޮށްވާ، އެ ނަބީބޭކަލުން ޚަތިމްކުރެއްވި ކަލޭގެފާނު، އަހަރުމެންގެ ނަބިއްޔާ މުޙައްމަދު -ﷺ- އާއި، މާތްވެގެންވާ ޞަޙާބީން -رضي الله عنهم- ގެ ވާހަކަތައް ބަޔާންކުރުން.
4- ޖަންނަތާއި އެތަނުގެ ޞިފަތަކާއި، އެތަނަށް ވަނުމުގެ ސަބަބުތަކާއި، އަދި ހަމައެފަދައިން ނަރަކައިގެ ވާހަކަވެސް ބަޔާންކޮށް ކިޔާދިނުން.
5. ހިތުގެ އަޅުކަންތަކަށް ފަރުވާތެރިވުން: މިޘާލަކަށް ވަކީލުކުރުމާއި، (ﷲ ގެ ޙަޟްރަތަށް) އެނބުރި ރުޖޫޢަވުމާއި، ތައުބާވުމާއި، ބިރުވެތިވުމާއި، ޚުޝޫޢަތްތެރިވުންފަދަ ކަންކަމެވެ.
އަލް-ޢައްލާމާ އިބްނުލް ޤައްޔިމް رَحِمَهُ اللهُ ވިދާޅުވެފައިވެއެވެ: «ނަބިއްޔާ ﷺ ގެ ޚުޠުބާތަކާއި، އެކަލޭގެފާނުގެ އަޞްޙާބުންގެ ޚުޠުބާތަކާމެދު ފުންކޮށް ވިސްނައިފި މީހަކަށް، އެ ޚުޠުބާތަކަކީ ހިދާޔަތާއި ތައުޙީދު ބަޔާންކޮށްދިނުމަށާއި، ރައްބު -ޖައްލަ ޖަލާލުހޫ- ގެ ޞިފަފުޅުތަކާއި އީމާންކަމުގެ މައިގަނޑު އަޞްލުތައް ޛިކުރުކުރުމަށާއި، ﷲ އަށް ދަޢުވަތު ދިނުމަށާއި، އެކަލާނގެ ޚަލްޤުތަކުންނަށް އެކަލާނގެދެކެ ލޯބިޖައްސާނެ އެކަލާނގެ ނިޢުމަތްތައް ހަނދުމަކޮށްދިނުމަށާއި، އެކަލާނގެ ގަދަފަދަ ކޯފާއާމެދު އެބައިމީހުން ބިރުވެތިކުރުވާނޭފަދަ ދުވަސްތައް ހަނދުމަކޮށްދިނުމަށާއި، އަދި އެކަލާނގެ ޙަޟްރަތުގައި އެބައިމީހުން ލޮބުވެތިކުރުވާނޭފަދައިން އެކަލާނގެއަށް ޛިކުރުކުރުމަށާއި ޝުކުރުކުރުމަށް އަމުރުކުރުމަށް ފުދިގެންވާ ޚުޠުބާތަކެއްކަން ފެނިގެންދާނެއެވެ. ފަހެ، ﷲ ގެ މަތިވެރިކަމާއި، އެކަލާނގެ ސިފަފުޅުތަކާއި ނަންފުޅުތަކުގެ ތެރެއިން، އެކަލާނގެ ޚަލްޤުތަކުން އެކަލާނގެދެކެ ލޯބިވުމަށް މެދުވެރިކުރާނޭ ކަންކަން އެބޭކަލުން ޛިކުރުކުރައްވައެވެ. އަދި އެކަލާނގެ ޙަޟްރަތުގައި އެ މީހުން ލޮބުވެތިވެގެންވާނޭ ކަންކަންކަމުގައިވާ އެކަލާނގެއަށް ކިޔަމަންތެރިވުމާއި، ޝުކުރުކުރުމާއި، ޛިކުރުކުރުމަށް އެބޭކަލުން އަމުރުކުރައްވައެވެ. ދެން އަޑުއެހުންތެރިން އެތަނުން އެނބުރިދަނީ، އެބައިމީހުން އެކަލާނގެދެކެ ލޯބިވާ ޙާލުގައާއި، އަދި އެކަލާނގެ އެބައިމީހުންދެކެ ލޯބިވެވޮޑިގެންވާ ޙާލުގައެވެ.»
ދެން އެއަށްފަހު ޒަމާން ދިގުވެ، ނަބަވީ ނޫރު ފަނޑުވެގެން ދިޔައެވެ. އަދި ޝަރީޢަތްތަކާއި އަމުރުތައް، އޭގެ ޙަޤީޤަތްތަކާއި މަޤްޞަދުތަކަށް ރިޢާޔަތްކުރުމެއް ނެތި ޤާއިމުކުރެވޭ ރަސްމުތަކަކަށް ދެލިގަނޑު ޙަރަކާތްތަކަކަށް ވެގެން ދިޔައެވެ. އެގޮތުން އެބައިމީހުން އެކަންކަމަށް އޭގެޞިފަތަކާއި ޞޫރަތައް ދިނެވެ. އަދި އެކަންކަން އެބައިމީހުން ޒީނަތްތެރިކުރި ގޮތަކަށް ޒީނަތްތެރިކުރިއެވެ. ދެން އެ ރަސްމުތަކާއި ޙަރަކާތްކަކަކީ އުނިކޮށް ގެއްލުވާލައިގެން ނުވާނޭ ސުންނަތްތަކެއް ކަމުގައި ހެދިއެވެ. އެއާއެކު އުނިކޮށް ގެއްލުވާލައިގެން ނުވާނޭ މަޤްޞަދުތައް އެވެރިން ގެއްލުވާލާ އުނިކޮށްލިއެވެ. އެގޮތުން އެބައިމީހުން ޚުޠުބާތައް ސަޖްޢުތަކުން (ވަޒަން ހަމަކޮށް ނިމުން އެއްގޮތްވާ ބަސްތަކުންނާއި)، ޢިލްމުލް-ބަދީޢުން (ބަހަވީ ބަލާޣަތްތެރި އުސްލޫބުތަކުން) ޖަރީކުރިއެވެ. ދެން އެއިން ހިތްތަކަށް ލިބެންޖެހޭ ނަޞީބު އުނިވިއެވެ. އަދި ކިއެއްތަ، އެއްކޮށް ނެތިގެން ދިޔައެވެ. އަދި އޭގެ މަޤްޞަދު ފާއިތުވެ ގެއްލިގެން ދިޔައެވެ.” (ބަސްފުޅު ނިމުނީ). [17] - "ޒާދުލް-މަޢާދު ފީ ހަދްޔި ޚައިރިލް-ޢިބާދު": 1/ 409-410.
އަދި ޚުޠުބާގެ މަޤްޞަދާ ބެހޭގޮތުން އެކަލޭގެފާނު -رحمه الله- ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ: «އެއިން ޤަޞްދުކުރެވެނީ: ﷲ އަށް ޘަނާކިޔުމާއި އެކަލާނގެ މަތިވެރިކޮށް މަތިކުރުމާއި، އެކަލާނގެ އެއްކައުވަންތަކަމަށާއި އެކަލާނގެ ރަސޫލާ ﷺ ގެ ރިސާލަތަށް ހެކިވުމާއި، އަދި އަޅުތަކުންނަށް (ﷲ ގެ) ނިޢުމަތްތައް ހަނދާންކޮށްދިނުމާއި، އެކަލާނގެ ގަދަފަދަ ޢަޛާބާއި ޢުޤޫބާތުން އެބައިމީހުންނަށް އިންޛާރުކުރުމާއި، އަދި އެކަލާނގެ ޙަޟްރަތަށާއި އެކަލާނގެ ސުވަރުގެއަށް ކުއްތަންކޮށްދޭނެ ކަންކަމަށް އެބައިމީހުންނަށް ވަޞިއްޔަތްކުރުމާއި، އަދި އެކަލާނގެ ކޯފާއާއި ނަރަކައަށް ގާތްކުރާނެ ކަންކަމުން އެބައިމީހުންނަށް ނަހީކުރުމެވެ. ފަހެ ޚުޠުބާގެ އަދި އެކަމަށްޓަކައި އެއްވުމުގެ މަޤްޞަދަކީ މިއީއެވެ.» އ.ހ [18]. - "އިސްވެދިޔަ މަޞްދަރު": 1/ 386.
އަދި ޚަޠީބު، ޢަޤީދާއާއި، އަޅުކަންތަކާއި، އަޚްލާޤާއި، މުޢާމަލާތްކުރުމާއި، ދިރިއުޅުމާއި، ތަރުބިއްޔަތާއި މިފަދަ ކަންކަމުގައި މީސްތަކުންގެ މެދުގައި ފެތުރިފައިވާ ކުށްތަކަށް އެމީހުން ސަމާލުކުރުވައި، ފިތުނަތަކުގެ ތެރެއަށް ވަދެގަތުމާމެދު އެމީހުންނަށް އިންޛާރުދީ، އެމީހުންނަށް އެމީހުންގެ ދީނުގެ ކަންކަން އުނގަންނައިދޭން ޖެހެއެވެ.
އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނުގެ މައްޗަށާއި، އެކަލޭގެފާނުގެ އާލުންގެ މައްޗަށާއި، އަދި އެކަލޭގެފާނުގެ އެންމެހާ އަޞްޙާބުންގެ މައްޗަށް، ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. والله أعلم، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.
Related books
All books
އިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ85 languagesއިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ
އިސްލާމްކަމަކީ: ކައުނު އުފެއްދެވި ޚާލިޤު އަދި އެ ކައުނު ތަދުބީރުކުރައްވާ ﷲ އަށް ބޯލަނބާ އަމާންދިނުމެވެ. އަދި އެކަލާނގެއަށް ލޯތްބާއި ޤަދަރާއެކު ކިޔަމަންވުމެވެ. އިސްލާމްކަމުގެ އަސާސަކީ މާތް الله އަށް އީމާންވެ، އަދި އެކަލާނގެއީ ޚާލިޤުކަމާއި އެނޫން ހުރިހާ އެއްޗެއް އެއީ އުފެއްދެވިގެންވާ މަޚްލޫޤުންކަމާއި، އަދި އެކަލާނގެއީ އެއްވެސް ބައިވެރިއެއްނެތި އަޅުކަން ހަމައެކަނި ޙައްޤުވާ ފަރާތްކަމަށް އީމާންވުމެވެ. އެކަލާނގެ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ ފަރާތެއް ނުވެއެވެ. އެންމެ ރިވެތި ނަންފުޅުތަކާއި އެންމެ މަތިވެރި ޞިފަފުޅުތައް އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. އަދި އެއްވެސް އުނިކަމެއް ނެތި، މުޠުލަޤު…
الإسلام دين رب العالمين
ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު79 languagesނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު
'ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު' ކިޔޭ މިފޮތުގައި، ނަބީ ﷺ ގެ ނަމާދު އެކަލޭގެފާނު ކުރެއްވި ގޮތާއި ޞިފަ، ސަމާޙަތުއް-ޝައިޚު ޢަބްދުލް-ޢަޒީޒު ބްނު ބާޒް رحمه الله ޚުލާޞާ ކުރައްވާ ގެންނަވާފައި ވެއެވެ. އެއީ ސާދާ އުސްލޫބަކުންނެވެ. އަދި ސީދާ މަންހަޖަކުންނެވެ. އެއީ ޞައްޙަ ނައްޞުތަކަށް ބިނާކުރައްވައިގެންނެވެ. އެއީ މުސްލިމް މީހާއަށް، އޭނާގެ ނަމާދުކުރުމަށް ރަނގަޅު މަގު ދައްކުވައި ދިނުމަށްޓަކައެވެ. ޝެއިޚުވަނީ ނަމާދުގެ ރުކުންތަކާއި، އޭގެ ސުންނަތްތަކާއި އަދި އޭގެ ޞިފަތައް، ވުޟޫކުރުމުން ފެށިގެން ގޮސް ސަލާމް ދިނުމާއި ހަމައަށް މިފޮތުގައި ބަޔާންކުރައްވާފައިއެވެ. އެއީ ދަލީލު ދެއްކުމާއި އަދި ބަޔާން ކުރުމާ…
الشهادتين78 languagesالشهادتين
އިސްލާމްދީނަށް ވަންނަން ބޭނުންނަމަ، ތިބާގެ މައްޗަށް އޮތީ އަޑުއިވޭ ވަރަށް އަންނަނިވި ޝަހާދަތް ކިޔުމެވެ: أشهد أن لا إله إلا الله، މާނައީ: "ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ." އަޝްހަދު އައް ލާ އިލާހަ އިއްލައްލޯހް وأشهد أن محمدًا رسول الله، މާނައީ: "އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ."