من خلقني؟ ولماذا؟
އަހަރެން އުފެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ އަދި އެއީ ކޮން މަގުސަދެއްގައި ހެއްޔެވެ؟ ކޮންމެ އެއްޗެއްވެސް ދަލީލުކުރަނީ ހެއްދެވި ފަރާތް ވޮޑިގެންވާކަމަށެވެ. އުޑުތަކާއި ބިމާއި އެތަންތަނުގައި ވަށާނުލެވޭ ބޮޑެތި މަޚްލޫޤުން އުފެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ އުޑާއި ބިމުގައި މި ނާޒުކު މޮޅު ނިޒާމު އުފެއްދެވީ ކާކު ހެއްޔެވެ؟ އިންސާނާ އުފައްދަވައި، އަޑުއެހުމާއި ފެނުމާއި ބުއްދި ދެއްވައި، ޢިލްމު ހޯދުމާއި، ޙަޤީޤަތްތައް ވިސްނުމުގެ ޤާބިލުކަން ދެއްވީ ކާކު ހެއްޔެވެ؟ ތިބާގެ ހަށިގަނޑާއި އަދި ދިރޭ ތަކެތީގެ ހަށިތަކުގައިވާ ނިޒާމުތަކުގައިވާ މި ނާޒުކު ކަވި އުފެއްދެވުން ތިބާ ބަޔާންކޮށްދެނީ ކިހިނެއް ހެއްޔެވެ؟ އެ…
This PDF is generated automatically from the book's text; its layout may differ from the printed edition.
ކޮންމެ އެއްޗެއްވެސް ދަލީލުކުރަނީ ހެއްދެވި ފަރާތް ވޮޑިގެންވާކަމަށެވެ.
އުޑުތަކާއި ބިމާއި އެތަންތަނުގައި ވަށާނުލެވޭ ބޮޑެތި މަޚްލޫޤުން އުފެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟
އުޑާއި ބިމުގައި މި ނާޒުކު މޮޅު ނިޒާމު އުފެއްދެވީ ކާކު ހެއްޔެވެ؟
އިންސާނާ އުފައްދަވައި، އަޑުއެހުމާއި ފެނުމާއި ބުއްދި ދެއްވައި، ޢިލްމު ހޯދުމާއި، ޙަޤީޤަތްތައް ވިސްނުމުގެ ޤާބިލުކަން ދެއްވީ ކާކު ހެއްޔެވެ؟
ތިބާގެ ހަށިގަނޑާއި އަދި ދިރޭ ތަކެތީގެ ހަށިތަކުގައިވާ ނިޒާމުތަކުގައިވާ މި ނާޒުކު ކަވި އުފެއްދެވުން ތިބާ ބަޔާންކޮށްދެނީ ކިހިނެއް ހެއްޔެވެ؟ އެ ފަންނުވެރިކޮށް އުފެއްދެވީ ކާކު ހެއްޔެވެ؟
މި ބޮޑު ކައުނު، ނާޒުކުކޮށް ހިނގަމުންދާ ޤާނޫނުތަކާއެކު، އެއްވެސް މައްސަލައެއް ނުޖެހި އެތަކެއް އަހަރުތަކެއް ވަންދެން އިންތިޒާމުވެގެން ދަނީ ކިހިނެއް ހެއްޔެވެ؟
މިދުނިޔޭގައި ހިނގަމުންދާ ނިޒާމުތައް ލެއްވީ ކޮން ފަރާތަކުންހެއްޔެވެ؟ (ދިރިހުރުމާއި، މަރުވުމާއި، ނަސްލު އުފެއްދުމާއި، ރެއާއި ދުވާލާއި އަދި މޫސުން ބަދަލުވުން ފަދަ ކަންކަން)؟
މި ކައުނު އޭގެ ޒާތުގައި އަމިއްލައަށް އުފެއްދީ ހެއްޔެވެ؟ ނޫނީ އެއްވެސް އެއްޗަކަށް ނުވާ އެއްޗަކުން އައީ ހެއްޔެވެ؟ ނޫނީ އިއްތިފާޤުން ވުޖޫދުވީ ހެއްޔެވެ؟
އިންސާނާއަށް ނުފެންނަ އެއްޗެހި ވުޖޫދުގައި ވާކަމަށް ޤަބޫލުކުރަނީ ކީއްވެގެން ހެއްޔެވެ؟ މިސާލަކަށް (ނަގައިގަތުމުގެ ބާރު، ވިސްނުން، ފުރާނަ، އިޙްސާސްތައް، އަދި ލޯބި) އެއީ އެކަންކަމުގެ އަސަރުތައް އޭނާއަށް ފެނިގެން ނޫންހެއްޔެވެ؟ ދެންފަހެ ބޮޑުވެގެންވާ މި ކައުނު އުފެއްދެއްވި ފަރާތެއްވާކަމަށް އިންސާނާ އިންކާރުކުރާނީ ކިހިނަކުންހެއްޔެވެ!؟ އެއީ އެކަލާނގެ އުފެއްދެވި ތަކެތީގެ އަސަރުތަކާއި އަދި އެކަލާނގެ އުފެއްދެވުމާއި އެކަލާނގެ ރަޙްމަތުގެ އަސަރުތައް އޭނާއަށް ފެނިފެނި ހުރެއެވެ.
މިހިރަ ގެޔަކީ އެއްވެސް މީހަކު ޢިމާރާތް ނުކޮށް ހުރި ގެޔެކޭ ބުނެގެން އެކަން އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. ނުވަތަ މި ގެ ވުޖޫދަށް އައީ ނެތުމުގެ ތެރެއިންނޭ ބުނިނަމަވެސްމެއެވެ. ދެންފަހެ މި ބޮޑު ކައުނު އައީ އުފެއްދެވި އެއްވެސް ފަރާތެއް ނެތިކަމަށް ބުނާ މީހުންގެ ބަސް ބައެއް މީހުން ތެދުކުރާނީ ކިހިނަކުންހެއްޔެވެ؟ މި ނާޒުކު ރޭވުންތެރިކަމުގެ މައްޗަށް ކައުނު އައީ އިއްތިފާޤަކުން ކަމަށް ބުނެވުން ބުއްދިހުރި މީހަކު ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟
މާތް ﷲ ވަޙީކުރެއްވިއެވެ: (ނުވަތަ ހެއްދެވިފަރާތެއް ނެތި އެ މީހުން ހެދިގަތީހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ، ޚުދު އެ މީހުންހެއްޔެވެ؟ ނުވަތަ އުޑުތަކާއި، ބިން ހެދީ އެއުރެން ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، ޔަޤީން ނުކުރާ ބައެކެވެ.) [52 : 32].
ﷲ ސުބުޙާނަހޫ ވަތަޢާލާ
އެއްކައުވަންތަ ޚާލިޤުވަންތަ ރައްބެއް ވޮޑިގެންވެއެވެ. އެކަލާނގެ ފުރިހަމަކަމަށް ދަލީލުކޮށްދޭ މަތިވެރި އެތަކެއް ނަންތަކަކާއި ސިފަތަކެއް ވެއެވެ. އެގޮތުން އެކަލާނގެ ނަންފުޅުތަކުގެ ތެރޭގައި الخالق (އުފައްދަވާ ފަރާތް)، الرحيم (ރަޙުމްކުރެއްވުން ބޮޑު އިލާހު)، الرازق (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) ، الكريم (ދީލަތިވަންތަ އިލާހު)، އަދި ﷲ ހިމެނެއެވެ. އަދި އެނަންފުޅަކީ ހުސްޠާހިރުވަންތަ މަތިވެރި ރައްބުގެ ނަންފުޅުތަކުން އެންމެ މަޝްހޫރު ނަންފުޅެވެ. އޭގެ މާނައަކީ: އަޅުކަންކުރެވުން ޙައްޤުވެގެންވާ ފަރާތެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިއަކު ނުވެއެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. اللَّ هއީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.) [112: 1-4].
މަތިވެރި މާތް ރައްބުގެ ޞިފަފުޅުތައް
ރައްބަކީ ބިން އުފައްދަވާ އެ ބިން ނިކަމެތިކުރައްވާ ފަސޭހަކޮށް ލެއްވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ މަޚްލޫޤުންނަށް އެކަށީގެންވާ ތަނެއްކަމުގައި އެ ބިން ލެއްވިއެވެ. އަދި އެކަލާނގެއީ އުޑުތަކާއި އެ އުޑުތަކުގައިވާ ބޮޑެތި މަޚްލޫޤުން ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ މަތިވެރިވަންތަކަމަށް ދަލީލުކޮށްދޭ މި ނާޒުކު ބަރާބަރު ނިޒާމު؛ އިރު ހަނދާއި، ރެޔާއި ދުވާލަށް ލެއްވިއެވެ.
ރައްބަކީ އަހަރުމެންނަށް އެއާ ނުލައި ދިރުމެއް ނުވާ ވައި ދެއްވި އިލާހެވެ. އަދި އެއީ އަހަރުމެންގެ މައްޗަށް ވާރޭ ވެއްސަވައި، ކަނޑުތަކާއި ކޯރުތައް އަހަރުމެންނަށްޓަކައި ޚިދުމަތުގައި ލެއްވި ކަލާނގެއެވެ. އަދި އަހަރުމެންގެ މައިންގެ ބަނޑުތަކުގައި، އެއްވެސް ބާރެއް ނެތި ޅަދަރިންތަކެއްގެ ގޮތުގައި ވީއިރު އަހަރުމެންނަށް ކާނާ ދެއްވީ އެކަލާނގެއެވެ. އަދި އަހަރުމެންގެ ނާރުތަކުގައި ލޭ ދައުރުކުރާ ގޮތަށް ލެއްވީވެސް އެކަލާނގެއެވެ. އަދި އަހަރުމެން އުފަންވި ދުވަހުން ފަށައިގެން މަރުވަންދެން އަހަރުމެންގެ ހިތްތައް މެދުނުކެނޑި ވިންދު ޖަހަމުންދާ ގޮތަށް ލެއްވީވެސް ހަމަ އެކަލާނގެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުން، ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ހާލު، ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.) (16: 78)
އަޅުކަންވެވޭ ރައްބަކީ ފުރިހަމަކަމުގެ ސިފަތައްވާ ފަރާތަކަށް ވާންޖެހެއެވެ.
އަހަރުމެންގެ އުފެއްދެވި އިލާހު، އެއިލާހުގެ މަތިވެރިވަންތަކަން އަހަރުމެންނަށް ނަގައިގަނެވޭ ބުއްދިތަކެއް އެއިލާހު އަހަރުމެންނަށް ދެއްވިއެވެ. އަދި އެކަލާނގެ ފުރިހަމަކަމާއި، އަދި އުނިކަމުން އެކަލާނގެ ޞިފަ ނުކުރެވޭނެކަމަށް ދަލީލުކޮށްދޭ ފިޠުރަތެއް އެކަލާނގެ އަހަރުމެންގެ ކިބައިގައި އިންދެވިއެވެ.
އަޅުކަން ކުރަންޖެހޭނީ ހަމައެކަނި އެއްކައުވަންތަ ﷲ އަށެވެ.ފަހެ އަޅުކަންކުރުން ޙައްޤުވެގެންވާ ފުރިހަމަ ފަރާތަކީ އެއީއެވެ. އަދި އެކަލާނގެ ފިޔަވައި އަޅުކަން ކުރެވުނު ކޮންމެ އެއްޗަކީ ބާޠިލު، އުނި، އަދި މަރާއި ފަނާވުމަށް ހުށަހެޅިފައިވާ އެއްޗެކެވެ.
އަޅުކަންކުރެވޭ ފަރާތަކީ: އިންސާނެއް، ނުވަތަ ބުދެއް، ނުވަތަ ގަހެއް، ނުވަތަ ޖަނަވާރެއްކަމުގައި ނުވާނެއެވެ.
ބުއްދިވެރި މީހަކު ފުރިހަމަ ފަރާތަށް ނޫނީ އަޅުކަންކުރުން އެކަށީގެން ނުވެއެވެ. ވީއިރު އޭނާއަށް ވުރެ ދަށުދަރަޖައިގެ މަޚްލޫޤަކަށް އޭނާ އަޅުކަން ކުރާނީ ކިހިނެއް ހެއްޔެވެ!
ރައްބަކީ އަންހެނެއްގެ ބަނޑުގައި ޅަކުއްޖެއް ގޮތަށް އޮވެ، އަދި ކުދިން އުފަންވާ ގޮތަށް އުފަންވާ ފަރާތެއްކަމުގައި ވުމީ ވާނޭކަމެއް ނޫނެވެ.
ރައްބަކީ ޚަލްޤުތައް އުފެއްދެވި ރަސްކަލާނގެއެވެ. ޚަލްޤުތަކުން އެކަލާނގެ އަތްޕުޅުގައި އަދި އެކަލާނގެ ބާރުގެ ދަށުގައިވާ ބަޔަކަށްވާހިނދު ދެން އިންސާނުންނަކަށް އެކަލާނގެއަށް ގެއްލުމެއް ނުދެވޭނެއެވެ. އެއްވެސް މީހަކަށް އެކަލާނގެ ޞަލީބަށް އަރުވައި، އަނިޔާއެއްދީ، ނިކަމެތި ނުކުރެވޭނެއެވެ!
ރައްބަކީ އެއްވެސް ޙާލެއްގައި މަރުވާނޭ ފަރާތެއްނޫނެވެ!
ރައްބަކީ ހަނދާން ނެތޭ، ނިދާ، އަދި ކާތަކެތި ކައިބޮއެ އުޅޭ ފަރާތެއް ނޫނެވެ. އެއީ މަތިވެރި ފަރާތެކެވެ. އެ ފަރާތަށް އަތްނބަކު ނުވަތަ ދަރިޔަކު ވުމަކީ ވާނޭކަމެއް ނޫނެވެ. ޚާލިޤުވަންތަ ރަސްކަލާނގެއަށް މަތިވެރިކަމުގެ ސިފަތައް ލިބިވޮޑިގެންވެތެވެ. ދުވަހަކުވެސް އެކަލާނގެ ކަމަކަށް ޙާޖަތްޖެހިގެންވާކަމަށް ނުވަތަ އުނިކަމެއްވާކަމަށް ޞިފަކުރެވުމަކީ ވާނެކަމެއް ނޫނެވެ. ޚާލިޤުވަންތަ ރަސްކަލާނގެ މަތިވެރިކަމާ ފުށުއަރާ ގޮތުން ނަބިއްޔުންނަށް ނިސްބަތްކުރެވޭ ލިޔުންތަކަކީ އޮޅުވާލެވި ބަދަލުކުރެވިފައިވާ ނައްޞުތަކެކެވެ. މޫސާގެފާނާއި ޢީސާގެފާނާއި އެހެން ނަބިއްޔުން عليهم الصلاة والسلام ގެނެސްދެއްވި ޞައްޙަ ވަޙީގައިވާ ނައްޞުތަކެއް ނޫނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: އޭ މީސްތަކުންނޭވެ! މިސާލެއް ޖެހިއްޖެއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި ދުޢާކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ. (73) اللَّهއަށް قدرކުރުން حقވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް قدرއެއް ނުކުރެތެވެ. ހަމަކަށަވަރުން، اللَّهއީ، ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެކަން ކަށަވަރެވެ. (74) [22: 73, 74].
ޚާލިޤުވަންތަ ރަސްކަލާނގެ އަހަރުމެންނަށް ވަޙީއެއް ނެތި ދޫކޮށްލެއްވުމަކީ ހަމަޖެހޭ ކަމެއް ހެއްޔެވެ؟
މިހުރިހާ މަޚްލޫޤުން އެއްވެސް މަޤްޞަދެއް ނެތި ﷲ އުފެއްދެވި ކަމުގައި ވުމަކީ ހަމަޖެހޭ ކަމެއް ހެއްޔެވެ؟ އެކަލާނގެއީ އެންމެ ޙިކްމަތްވަންތަ، ހުރިހާކަމެއް ދެނެވޮޑިގެންވާ އިލާހުކަމުގައި ވުމާއެކު އެކަލާނގެ ބޭކާރު ގޮތެއްގައި އެތަކެތި އުފައްދަވާފައިވާނެ ހެއްޔެވެ؟
މިފަދަ ސީދާކަމާއި ފުރިހަމަކަމާއެކު އަހަރުމެން ހައްދަވައި އަދި އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއް އަހަރުމެންގެ ޚިދުމަތުގައި ލެއްވި ފަރާތެއް، އެއްވެސް މަޤްޞަދެއް ނުވާގޮތަށް އަހަރުމެން އުފައްދަވާފައިވާނޭކަމަށް ޤަބޫލުކުރެވޭހެއްޔެވެ؟ ނުވަތަ އަހަރުމެންނާ ގުޅޭ އެންމެ މުހިންމު ސުވާލުތަކަށް ޖަވާބު ނުލިބޭ ގޮތަށް އަހަރުމެން ދޫކޮށްލައްވާނެހެއްޔެވެ؟ މިސާލަކަށް: އަހަރުމެން މިތާގައި (މިދުނިޔޭގައި) މިތިބީ ކީއްވެގެން ހެއްޔެވެ؟ މަރުވުމަށްފަހު ވަނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެން އުފެއްދެވުނު މަޤްޞަދަކީ ކޮބައި ހެއްޔެވެ؟
އަދި ކިއެއްތަ! ވުޖޫދުގެ މަޤްޞަދު އަންގަވައި ދެއްވުމަށް، އަދި ﷲ އަހަރުމެންގެ ކިބައިން އެދިވޮޑިގަންނަވާ ކަންތައް އަންގަވާދެއްވުމަށް އަހަރުމެންގެ ގާތަށް ރަސޫލުން ފޮނުއްވިއެވެ.
ﷲ ރަސޫލުން ފޮނުއްވީ ޙައްޤުގޮތުގައި އަޅުކަންވެވޭ ހަމައެކަނި އިލާހަކީ އެކަލާނގެކަން އަހަރުމެންނަށް އެބޭކަލުން ލައްވާ ޚަބަރުދެއްވުމަށެވެ. އަދި އެކަލާނގެއަށް އަޅުކަން ކުރަންޖެހޭގޮތް ބަޔާންކޮށްދެއްވުމަށެވެ. އަދި އެކަލާނގެ އަމުރުފުޅުތަކާއި ނަހީތައް އަހަރުމެންނާ ހަމައަށް ފޯރުކޮށްދެއްވުމަށެވެ. އަދި އެކަންކަމުގައި އަހަރުމެން ހިފައިފިނަމަ އަހަރުމެންގެ ދިރިއުޅުން ރަނގަޅުވެ، ނިޢުމަތްތަކާއި ބަރަކާތުން ފުރިގެންދާނެ މަތިވެރި އުޞޫލުތައް އަހަރުމެންނަށް ދަސްކޮށްދެއްވުމަށެވެ.
ﷲ ވަނީ އެތަކެއް ރަސޫލުން ފޮނުއްވާފައިއެވެ. މިސާލަކަށް: (ނޫޙު، އިބްރާހީމް، މޫސާ، އަދި އީސާގެފާނު) އެވެ. އަދި އެބޭކަލުންގެ ތެދުވެރިކަމަށާއި، އަދި އެބޭކަލުންނީ ޚާލިޤުވަންތަ އިލާހުގެ ޙަޟްރަތުން ފޮނުއްވުނު ރަސޫލުންކަމަށް ދަލީލުކޮށްދޭ ހެކިތަކާއި މުޢުޖިޒާތްތައް ﷲ މި ރަސޫލުންނަށް ދެއްވިއެވެ.
ރަސޫލުންގެ ތެރެއިން އެންމެ ފަހު ރަސޫލަކީ މުޙައްމަދު ﷺ އެވެ. الله އެކަލޭގެފާނަށް ކީރިތި ޤުރުއާން ބާވައިލެއްވިއެވެ.
މި ޙަޔާތަކީ އިމްތިޙާނެއްކަން ރަސޫލުން އަހަރުމެންނަށް ސާފުކޮށް ކިޔައިދެއްވިއެވެ. އަދި ޙަޤީޤީ ދިރިއުޅުން އޮންނާނީ މަރުވުމަށް ފަހުގައިކަން ޚަބަރުދެއްވިއެވެ.
އަދި މުއުމިނުންނަށްޓަކައި ސުވަރުގެއެއް ވާކަން އަންގަވައިދެއްވިއެވެ. އެމީހުންނީ ޝަރީކަކު ނުލައި ހަމައެކަނި ﷲ އަށް އަޅުކަންކޮށް ހުރިހާ ރަސޫލުންނަށް އީމާންވި މީހުންނެވެ. އަދި އެކަލާނގެ ކާފަރުންނަށްޓަކައި ނަރަކައެއް ތައްޔާރުކުރެއްވިކަން އަންގަވައިދެއްވިއެވެ. އެމީހުންނީ ﷲ އާއެކު އެހެން އިލާހުންތަކަކަށް އަޅުކަންކުރި ނުވަތަ ﷲ ގެ ރަސޫލުންކުރެ އެއްވެސް ރަސޫލަކަށް ކާފަރުވި މީހުންނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
އޭ آدمގެދަރިންނޭވެ! ތިމަންރަސްކަލާނގެ آيةތައް، ތިޔަބައިމީހުންނަށް ކިޔައިދެއްވާ رسولންތަކެއް، ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިނަމަ، ފަހެ، تقوىވެރިވެ، އަދި (عملތައް) إصلاحކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ، ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. އަދި ތިމަންރަސްކަލާނގެ آيةތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ أهلވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބޭނޭ މީހުންނެވެ. [7 : 35,36].
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرةއަށް رجوع ނުކުރެއްވޭނެކަމަށް ތިޔަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟ [23: 115].
ކީރިތި ޤުރްއާން
ޤުރްއާނުލް ކަރީމްއަކީ އެންމެ ފަހުގެ ރަސޫލާ މުޙައްމަދުގެފާނުގެ މައްޗަށް ﷲ ތަޢާލާ ބާވައިލެއްވި އެކަލާނގެ ކަލާމްފުޅެވެ. އަދި އެއީ މުޙައްމަދު ﷺ ގެ ނަބީކަން ތެދުވެގެންވާކަމަށް ދަލީލުކޮށްދޭ އެންމެ ބޮޑު މުޢުޖިޒާތެވެ. ފަހެ އެ ފޮތަކީ އެ ފޮތުގެ ޙުކުމްތަކުގައި ޙައްޤުކަމުގައިވާ، އަދި އެ ފޮތުގެ ޚަބަރުތައް ތެދުކަމުގައިވާ ފޮތެވެ. އަދި ﷲ ތަޢާލާވަނީ، މި ޤުރްއާން ފަދަ އެންމެ ސޫރަތެއް ވެސް ގެނައުމަށް ދޮގުކުރާ މީހުންނަށް ގޮންޖައްސަވާފައިއެވެ. ނަމަވެސް، އެ ފޮތުގެ އުސްލޫބުގެ ރީތިކަމާއި، އޭގެ ބަސްތަކުގެ ހުނަރުވެރިކަމުން އެމީހުންނަށް އެކަން ނުކުރެވުނެވެ. މި ފޮތުގައި އިންސާނުން އުފެއްދި ފޮތެއް ނޫންކަން ދޭހަވާ، އަދި އެއީ އިންސާނުންގެ ވެރި ރައްބު ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅުކަމަށް ދަލީލުކުރާ ވަރަށް ގިނަ ބުއްދީގެ ހެކިތަކާއި ޢިލްމީ ޙަޤީޤަތްތައް ޝާމިލުވެގެންވެއެވެ.
ރަސޫލުބޭކަލުންގެ ޢަދަދު ގިނަވެގެންވީ ކީއްވެގެންހެއްޔެވެ؟
ޒަމާން ފެށުނީއްސުރެ ﷲ ވަނީ ރަސޫލުން ފޮނުއްވާފައިއެވެ. އެއީ މީސްތަކުންނަށް އެމީހުންގެ ވެރިރައްބަށް ގޮވާލައްވާ، އަދި އެކަލާނގެ އަމުރުފުޅުތަކާއި ނަހީތައް އެއުރެންނަށް ފޯރުކޮށްދެއްވުމަށެވެ. އެ ހުރިހާ ބޭކަލުންގެ ގޮވާލުމަކީ ހަމައެކަނި ﷲ ޢައްޒަ ވަޖައްލައަށް އަޅުކަންކުރުމެވެ. އުއްމަތެއްގެ ރަސޫލަކު ގެނެސްދެއްވި އެއްޗެއް ދޫކޮށްލާ ނުވަތަ އޮޅުވާލަން ފަށާ ކޮންމެ ފަހަރަކު، ﷲ އެ މަގު އިސްލާހު ކުރައްވާ، ﷲ އެއްކައުވަންތަކޮށް އެކަލާނގެއަށް ކިޔަމަންވެގެން އަންނަ ސަލާމަތްތެރި ފިޠުރަތަށް މީސްތަކުން އަނބުރާ ރުޖޫޢަކުރުމަށްޓަކައި އެހެން ރަސޫލަކާ ޙަވާލުކުރައްވައެވެ. އެހެންގޮސް މުޙައްމަދު عليه السلام މެދުވެރިކުރައްވާ ރަސޫލުކަން ޚަތިމުކުރެއްވުމަށް ދާންދެނެވެ. އެއީ އެއިން ކުރީގެ ހުރިހާ ޝަރީޢަތްތައް މަންސޫޚަކޮށް ފުރިހަމަކުރެއްވުމަށް، ހުރިހާ އިންސާނުންނަށް ޢާންމުވާ އަދި ޤިޔާމަތް ދުވަހާއި ހަމައަށްވާ ދާއިމީ ޝަރީޢަތާގެން ވަޑައިގެންނެވި ކަލޭގެފާނެވެ. އަދި މި ޝަރީޢަތާއި ރިސާލަތު ޤިޔާމަތްދުވަހާއި ހަމައަށް ދެމިއޮތުމުގައި ލެއްވުމަށް ރައްބު ޖައްލަ ވަޢަލާ ޙަވާލުވެވޮޑިގެންނެވިއެވެ.
އެހެންކަމުން އަހަރުމެން މުސްލިމުން- الله އެންގެވި ފަދައިން - ކުރީގެ ހުރިހާ ރަސޫލުންނާއި ފޮތްތަކަށްވެސް އީމާންވަމެވެ.
ހުރިހާ ރަސޫލުންނަށް އީމާންވެއްޖައުމަށް ދާންދެން މީހާ މުއުމިނެއް ކަމުގައި ނުވެއެވެ.
ރަސޫލުން ފޮނުއްވި ފަރާތަކީ الله އެވެ. އެއިން އެންމެ ބޭކަލެއްގެ ރިސާލަތަށް ކާފަރުވެއްޖެ މީހަކުވެސް އެވަނީ ހުރިހާ ރަސޫލުންނަށް ކާފަރުވެފައިއެވެ. ފަހެ ﷲ ގެ ވަޙީއަށް އިންސާނާ ދެކޮޅުދާ އެކަލާނގެއަށް ރައްދުކުރުމަށްވުރެ ބޮޑު ފާފައެއް ނުވެއެވެ. އެހެންކަމުން ސުވަރުގެ ވަނުމަށްޓަކައި ކޮންމެހެންވެސް ހުރިހާ ރަސޫލުންނަށް އީމާންވާން ޖެހެއެވެ.
މި ޒަމާނުގައި ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ވާޖިބަކީ الله ގެ ހުރިހާ ރަސޫލުންނަށް އީމާންވުމެވެ. އެ ބޭކަލުންގެ ތެރެއިން އެންމެ ފަހުގެ އަދި ރަސޫލުކަން ޚަތިމުކުރެއްވި ސާހިބާ މުޙައްމަދު صَلّى اللهُ عَلَيْهِ وسَلَّم އަށް އީމާންވެ އެކަލޭގެފާނަށް ތަބަޢަވެގެން މެނުވީ އެކަން ނުކުރެވޭނެއެވެ.
ﷲ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ﷲގެ އެއްވެސް ރަސޫލަކަށް އީމާންވުމަށް ދެކޮޅު ހަދާ މީހަކީ ﷲ އަށް ކާފަރުވެ، އެކަލާނގެ ވަޙީ ދޮގުކުރާ މީހެކެވެ.
އަންނަނިވި އާޔަތް ކިޔަވާށެވެ: "ހަމަކަށަވަރުން، اللَّهއާއި، އެކަލާނގެ رسولންނަށް كافرވާ މީހުންނާއި، اللَّهއާއި އެކަލާނގެ رسولންނާ ދެމެދު (إيمانވުމުގައި) ތަފާތުކުރަން އެދޭމީހުންނާއި، ތިމަންމެން އެއްބަޔަކަށް إيمانވަމުއޭ އަދި އަނެއްބަޔަކަށް كافرވަމުއޭ ބުނެ، އެދެމެދުން މަގެއް ހިފުމަށް އެދޭމީހުން، (ދަންނާށެވެ!) އެއުރެންނަކީ، ކަނޑައެޅިގެން އެނގޭގޮތުގައި ތިބި كافرންނެވެ. كافرންނަށް އިހާނެތި عذاب، ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.) [4: 150,151].
އިސްލާމްދީނަކީ ކޮބައި ހެއްޔެވެ؟
އިސްލާމްދީނަކީ ތައުޙީދުގެ ތެރެއިން ﷲ ތަޢާލާއަށް ކިޔަމަންވެ އަމާންދިނުމެވެ. އަދި ކިޔަމަންތެރިކަމާއެކު އެކަލާނގެއަށް ބޯލެނބުމެވެ. އަދި އެކަލާނގެ ޝަރީޢަތަށް ރުހުމާއި ޤަބޫލުކުރުމާއެކު ތަބާވުމެވެ.
الله ރަސޫލުން ފޮނުއްވީ އެއް ރިސާލަކާގެންނެވެ. އެއީ: ޝަރީކުކުރުމެއް ނެތި، ހަމައެކަނި ﷲ އަޅުކަން ކުރުމަށް ގޮވާލުމަށެވެ.
އިސްލާމްދީނަކީ ހުރިހާ ނަބިއްޔުންގެ ދީނެވެ. ފަހެ އެބޭކަލުންގެ ދަޢުވަތަކީ އެއް ދަޢުވަތެކެވެ. އެކަމަކު އެބޭކަލުންގެ ޝަރީޢަތްތައް ތަފާތުވެގެންވެއެވެ. ހުރިހާ ނަބިއްޔުން ގެންނެވި ޞައްޙަ ދީނުގައި މިއަދު ހިފަހައްޓައިގެން ތިބި ހަމައެކަނި ބަޔަކީ މުސްލިމުންނެވެ. މި ޒަމާނުގައި ޙައްޤަކީ (ހަމައެކަނި) އިސްލާމްދީނުގެ ރިސާލަތެވެ. ފަހެ އިބްރާހީމްގެފާނާއި މޫސާގެފާނާއި ޢީސާގެފާނު ފޮނުއްވި ރައްބަކީ، އެންމެ ފަހުގެ ރަސޫލާ މުޙައްމަދުގެފާނުވެސް ފޮނުއްވި ރައްބެވެ. އިސްލާމްދީނުގެ ޝަރީޢަތް އައީ އޭގެ ކުރީގައިވާ ޝަރީޢަތްތައް މަންސޫޚަކޮށް އުވާލުމަށެވެ.
މިއަދު މީހުން އަޅުކަންކުރާ ހުރިހާ ދީންތަކަކީ - އިސްލާމްދީން ފިޔަވައި - ހުސް އިންސާނުން އުފެއްދި ދީންތަކެކެވެ. ނުވަތަ އިލާހީ ދީންތަކެއް ކަމުގައި ވަނިކޮށް ދެން އިންސާނުންގެ އަތުން ބަދަލުކޮށް ކުޅެފައިވާ ދީންތަކެކެވެ. ދެން ޚުރާފީ އެއްޗެހިތަކަކާއި، ވާރުތަކޮށްފައިވާ ފުލޯކު ވާހަކަތަކަކާއި، އިންސާނީ އިޖްތިހާދުތަކުން މަސްހުނިވެފައިވާ ދީންތަކެއް ކަމުގައި އެ ދީންތައް ވިއެވެ. ދެންފަހެ މުސްލިމުންގެ ޢަޤީދާއަށް ބަލާއިރު، ފަހެ އެއީ ބަދަލެއް ނާންނަ ސާފު އެއް ޢަޤީދާއެވެ. ނިކަން ކީރިތި ޤުރްއާނަށް ބަލާލާށެވެ. އެއީ މުސްލިމު ހުރިހާ ބިންތަކެއްގައިވެސް ހަމަ އެއް ފޮތެކެވެ.
ﷲ ތަޢާލާ ޤުރްއާނުގައި ވަޙީކުރެއްވިއެވެ:
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންމެން اللَّهއަށާއި، އަދި ތިމަންމެންގެ މައްޗަށް ބާވައިލެއްވި އެއްޗަކަށް إيمانވެއްޖައީމުއެވެ. އަދި، إبراهيمގެފާނާއި، إسماعيلގެފާނާއި، إسحاقގެފާނާއި، يعقوبގެފާނާއި، އެކަލޭގެފާނުގެ ދަރިކޮޅަށް ބާވައިލެއްވި އެއްޗަކަށާއި، موسىގެފާނާއި، عيسىގެފާނާއި، އެނޫންވެސް ނަބީބޭކަލުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرةން ދެއްވި އެއްޗަކަށްވެސްމެއެވެ. އެބޭކަލުންގެ ތެރެއިން އެއްވެސްބޭކަލަކާ މެދުގައި ތިމަންމެން ތަފާތެއް ނުކުރަމުއެވެ. އަދި، ތިމަންމެންވަނީ އެކަލާނގެޔަށް ބޯލަނބައި ކިޔަމަންވެގެންނެވެ. دينއެއްގެ ގޮތުގައި إسلام دين ނޫން دينއެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން އެކަން ޤަބޫލެއް ނުކުރެވޭހުށްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. [3: 84,85].
މުސްލިމުން ޢީސާ عليه السلام އާމެދު އިޢުތިޤާދުކުރަނީ ކޮން ގޮތަކަށް ހެއްޔެވެ؟
މުސްލިމުން ﷲ ގެ ނަބިއްޔާ ޢީސާގެފާނަށް އީމާންވެ، އެކަލޭގެފާނަށް ލޯބިކޮށް އެކަލޭގެފާނަށް އިޙްތިރާމްކޮށް، އެކަލޭގެފާނުގެ ރިސާލަތް ކަމުގައިވާ: ﷲ އަށް އެއްވެސް ބައިވެރިޔަކު ނުލާ އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށް ދަޢުވަތުދިނުމުގެ ރިސާލާއަށް އީމާންވުން ވާޖިބުވެގެންވާކަން ތިބާއަށް އެނގޭ ހެއްޔެވެ؟ މުސްލިމުން ޤަބޫލުކުރާ ގޮތުގައި ނަބިއްޔާ ޢީސާގެފާނާއި މުޙައްމަދު ނަބިއްޔާ (ﷲ އެ ދެ ބޭކަލުންނަށް ޞަލަވާތާއި ސަލާމް ލައްވާށި) އަކީ ދެ ނަބިއްޔުންކަމާއި، އަދި އެ ދެބޭކަލުން ފޮނުއްވުނީ ﷲ ގެ މަގާއި ސުވަރުގެއަށްވާ މަގަށް މީސްތަކުންނަށް ތެދުމަގުދައްކައި ދިނުމަށްޓަކައިއެވެ.
އަހަރުމެން ޤަބޫލުކުރާ ގޮތުގައި ޢީސާ عليه السلام އަކީ ﷲ ތަޢާލާ ފޮނުއްވި އެންމެ މާތް ރަސޫލުންގެ ތެރެއިން ބޭކަލެކެވެ. އަދި އަހަރުމެން ޤަބޫލުކުރަނީ: އެކަަލޭގެފާނު އުފަންވީ މުޢުޖިޒާތެއްގެ ގޮތަށެވެ. ﷲ އަހަރުމެންނަށް ޤުރްއާނުގައި ޚަބަރުދެއްވާފައިވަނީ އެކަލާނގެ ޢީސާގެފާނު އުފެއްދެވީ ބައްޕައަކާ ނުލައިކަމަށެވެ. އެއީ ބައްޕައެއް އަދި މަންމައެއްވެސް ނެތި އާދަމްގެފާނު އެކަލާނގެ އުފެއްދެވި ފަދައިންނެވެ. ފަހެ ﷲ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެގެންވެއެވެ.
އަދި އަހަރުމެން ގަބޫލުކުރާ ގޮތުގައި އީސާގެފާނަކީ ކަލާނގެއެއް ނޫނެވެ. އަދި ﷲ ގެ ދަރިކަލެއް ވެސް ނޫނެވެ. އަދި އެކަލޭގެފާނު ޞަލީބަކަށް ނޭރުވެއެވެ. ކިއެއްތަ، އެކަލޭގެފާނު ދިރިއެބަހުއްޓެވެ. ﷲ އެކަލާނގެ ހަޟްރަތަށް އެކަލޭގެފާނު އުފުއްލެވިއެވެ. އެއީ ފަހު ޒަމާނުގައި ޢަދުލުވެރިކޮށް ޙުކުމްކުރައްވާ ބޭކަލެއްގެ ގޮތުގައި ފައިބާވަޑައިގަތުމަށެވެ. އަދި އެކަލޭގެފާނު ހުންނަވާނީ މުސްލިމުންނާއެކުގައިއެވެ. އެއީ ޢީސާގެފާނާއި ހުރިހާ ނަބިއްޔުން ގެންނެވި ތައުޙީދަށް އީމާންވެގެން ތިބި ބަޔަކީ މުސްލިމުންކަމުގައި ވުމުންނެވެ.
ޢީސާގެފާނުގެ ރިސާލަތު ނަޞާރާއިން އޮޅުވާލި ކަމަށާއި، އަދި އިންޖީލު އޮޅުވާލައި ބަދަލުކޮށް، ޢީސާގެފާނު ވިދާޅުނުވާ ބަސްތަކެއް އެއަށް އިތުރުކުރި ބަޔަކު މަގުފުރެދިފައިވާ މީހުންގެ ތެރޭގައި ތިބި ކަމަށް ﷲ އަހަރުމެންނަށް ކީރިތި ޤުރުއާނުގައި ޚަބަރުދެއްވިއެވެ. އެކަން ތެދުވެގެންވާކަމުގެ ހެއްކަކީ: އިންޖީލުގެ ޢަދަދުތައް ގިނަވުމާއި އޭގައި ގިނަ ފުށޫއެރުންތަކެއް ހުރިކަމެވެ.
ﷲ އަހަރުމެންނަށް ޚަބަރު ދެއްވާފައިވަނީ ހަމަކަށަވަރުން ޢީސާގެފާނު އަޅުކަން ކުރެއްވީ އެކަލޭގެފާނުގެ ވެރި ރައްބަށްކަމުގައިއެވެ. އަދި އެއްވެސް މީހެއްގެ ކިބައިން އެކަލޭގެފާނަށް އަޅުކަން ކުރުމަކަށް އެކަލޭގެފާނު އެދިވަޑައިގެންފައެއް ނުވެއެވެ. އަދި ކިއެއްތަ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް އަމުރުކުރައްވަމުން ގެންދެވީ އެކަލޭގެފާނު ހެއްދެވި ފަރާތަށް އަޅުކަންކުރުމަށެވެ. އެކަމަކު ޝައިޠާނާ ނަޞާރާއިން ލައްވާ ޢީސާގެފާނަށް އަޅުކަން ކުރުވިއެވެ. އަދި الله އަހަރުމެންނަށް ޤުރުއާނުގައި އަންގަވާފައިވަނީ الله ނޫން އެހެން ފަރާތަކަށް އަޅުކަންކޮށްފި އެއްވެސް މީހަކުގެ ފާފަ (އެގޮތުގައި މަރުވެއްޖެނަމަ) ނުފުއްސަވާނެ ކަމަށެވެ. އަދި ޢީސާގެފާނު ޤިޔާމަތް ދުވަހު އެކަލޭގެފާނަށް އަޅުކަންކުރި މީހުންގެ ކިބައިން ބަރީއަވެވަޑައިގަންނަވާނެއެވެ. އަދި އެއުރެންނަށް ވިދާޅުވާނެއެވެ: ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ޚާލިޤުވަންތަ ރަސްކަލާނގެއަށް އަޅުކަން ކުރުމަށް އަމުރުކުރީމެވެ. އަދި ތިމަންކަލޭގެފާނަށް އަޅުކަން ކުރުމަކަށް ތިޔަބައިމީހުންގެ ކިބައިން އެދިވަޑައެއް ނުގަންނަވަމެވެ. މިކަމުގެ ހެއްކަކީ ﷲ ތަޢާލާގެ ބަސްފުޅެވެ:
އާޚިރަތުގައި ކާމިޔާބީއަށް ބޭނުންވާ ކޮންމެ މީހަކު އިސްލާމްދީނަށް ވަދެ ނަބިއްޔާ މުޙައްމަދު صَلّى اللهُ عَلَيْهِ وسَلَّم އަށް ތަބާވާން ޖެހެއެވެ.
ސަލާމްލެއްވި ނަބިއްޔުންނާއި ރަސޫލުން އެއްބަސްވެވަޑައިގެންނެވި އެއް ޙަޤީޤަތަކީ: އާޚިރަތުގައި ސަލާމަތްވާނީ ހަމައެކަނި މުސްލިމުން ކަމެވެ. އެމީހުންނީ މާތް الله އަށް އީމާންވެ، އެކަލާނގެއަށް އަޅުކަންކުރުމުގައި އެއްވެސް ފަރާތެއް ބައިވެރިނުކޮށް، އަދި ހުރިހާ ނަބިއްޔުންނާއި ރަސޫލުންނަށް އީމާންވި މީހުންނެވެ. އެގޮތުން މޫސާގެފާނުގެ ޒަމާނުގައި ތިބެ އެކަލޭގެފާނަށް އީމާންވެ އެކަލޭގެފާނުގެ އުނގަންނައިދެއްވުންތަކަށް ތަބަޢަވި މީހުންނަކީ ފަހެ މުސްލިމު އަދި ހެޔޮ މުއުމިނުންނެވެ. ނަމަވެސް ﷲ ޢީސާގެފާނު ފޮނުއްވުމަށްފަހު މޫސާގެފާނަށް ތަބަޢަވީމީހުންނަށްވެސް ވާޖިބުވެގެންވީ ޢީސާގެފާނަށް އީމާންވެ އެކަލޭގެފާނަށް ތަބަޢަވުމެވެ. ދެންފަހެ ޢީސާގެފާނަށް އީމާންވި މީހުންވީ ޞާލިޙު މުސްލިމުންކަމުގައިއެވެ. އަދި ޢީސާގެފާނަށް އީމާންވުމަށް ދެކޮޅު ހަދައި ތިމަންނާ މޫސާގެފާނުގެ ދީނުގައި ދެމިހުންނާނީއޭ ބުނެފި މީހާއީ ފަހެ މުއުމިނެއް ނޫނެވެ. އެހެނީ ﷲ ފޮނުއްވި ނަބިއްޔަކަށް އީމާންވުމަށް އޭނާ ދެކޮޅުހަދައިފިއެވެ. ދެން ﷲ ތަޢާލާ އެންމެ ފަހުގެ ރަސޫލާ މުޙައްމަދުގެފާނު ފޮނުއްވުމަށްފަހު އެންމެންވެސް އެކަލޭގެފާނަށް އީމާންވުން ވާޖިބުވިއެވެ. މޫސާގެފާނާއި ޢީސާގެފާނު ފޮނުއްވީ ﷲ ކަމުގައި ވާއިރު، ރަސޫލުކަން ޚަތިމުކުރެއްވި މުޙައްމަދު صَلّى اللهُ عَلَيْهِ وسَلَّم ފޮނުއްވީ ވެސް ހަމަ އެކަލާނގެއެވެ. ދެންފަހެ މުޙައްމަދު ﷺ ގެ ރިސާލަތަށް ކާފަރުވެ، “އަހަރެން މޫސާގެފާނު ނުވަތަ ޢީސާގެފާނަށް ތަބަޢަވުމުގައި ދެމިހުންނާނީއޭ” ބުނެފި މީހަކީ މުއުމިނެއް ނޫނެވެ.
އަދި މީހަކު ތިމަންނާ މުސްލިމުންނަށް އިޙްތިރާމް ކުރަމޭ ބުނުމަކުން ނުފުދޭނެއެވެ. އަދި ޞަދަޤާތް ދީ ނިކަމެތިންނަށް އެހީތެރިވެދިނުމަކީ އަދި އާޚިރަތުގައި އޭނާ ނަޖާވުމަށް ފުދޭނެ ކަމެއް ނޫނެވެ. ކިއެއްތަ، އޭނާ ކޮންމެހެންވެސް ﷲ އާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް އީމާންވާ މީހެއްކަމުގައި ވާންޖެހޭނެއެވެ. އެއީ އެކަން މާތް الله އެ މީހެއްގެ ކިބައިން ޤަބޫލުކުރެއްވުމަށެވެ. ފަހެ ޝިރުކުކުރުމާއި الله އަށް ކާފަރުވުމާއި، الله ބާވައިލެއްވި ވަޙީއާ ދެކޮޅުހެދުމާއި، ނުވަތަ އެކަލާނގެ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ﷺގެ ނަބީކަމަށް އިންކާރުކުރުމަށްވުރެ ބޮޑު ފާފައެއް ނެތެވެ. އެގޮތުން ﷲ ގެ ރަސޫލާ މުޙައްމަދު ﷺ ރިސާލަތުގެ ވާހަކަ އަޑުއެހުމަށްފަހު، އެކަލޭގެފާނަށް އީމާންވުމަށް ދެކޮޅު ހަދައި، އިސްލާމްދީނަށް ވަނުމަށް ދެކޮޅު ހެދި ޔަހޫދީންނާއި ނަޞާރާއިން ވާހުށީ ޖަހަންނަމައިގެ އަލިފާނުގައި، ތާ އަބަދަށް ދެމިތިބޭނެ ބައެއްގެ ގޮތުގައިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ:
ހަމަކަށަވަރުން، ފޮތުގެ أهلވެރިންނާއި، مشركންގެ ތެރެއިން كافرވިމީހުންވަނީ ނަރަކައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ. [98: 6].
އިންސާނިއްޔަތަށް މާތް الله ދެއްވި އެންމެ ފަހުގެ ރިސާލަތު ބާވައިލެއްވުމުން، އިސްލާމްދީނުގެ ވާހަކަ އަޑުއަހާ އަދި އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ﷺގެ ވާހަކަ އަޑުއަހައިފި ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނުގެ ޝަރީޢަތަށް ތަބަޢަވެ، އެކަލޭގެފާނުގެ އަމުރުތަކާއި ނަހީތަކުގައި އެކަލޭގެފާނަށް ކިޔަމަންވުމެވެ. އެހެންކަމުން އެންމެ ފަހުގެ މި ރިސާލަތު އަޑުއެހުމަށްފަހު އެ ރިސާލަތާ ދެކޮޅު ހަދައިފި މީހެއްގެ ކިބައިން ފަހެ ﷲ އެއްވެސް ކަމެއް ޤަބޫލެއް ނުކުރައްވާނެތެވެ. އަދި އާޚިރަތުގައި އެކަލާނގެ އޭނާއަށް ޢަޛާބު ދެއްވާނެއެވެ. އެކަމުގެ ދަލީލުތަކުގެ ތެރޭގައި ﷲ ތަޢާލާގެ މި ބަސްފުޅުވެއެވެ:
އަހަރެން މުސްލިމެއްގެ ގޮތުގައިވުމަށްޓަކައި އަހަރެންނަށް ލާޒިމްވަނީ ކޮންކަމެއްހެއްޔެވެ؟
އިސްލާމްދީނަށް ވަނުމަށްޓަކައި މި ހަ ރުކުނަށް އީމާންވާން ޖެހެއެވެ:
މާތް الله އަށް އީމާންވުމެވެ. އަދި އެކަލާނގެއީ ޚަލްޤުކުރައްވާ، ރިޒްޤުދެއްވާ، ތަދުބީރުކުރައްވާ، މިލްކުވެރި ފަރާތްކަމުގައި އީމާންވުމެވެ. އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އެކަލާނގެއަށް އަނބިކަނބަލެއް އަދި ދަރިކަލެއް ނުވެއެވެ. އަދި އަޅުކަން ޙައްޤުވަނީ ހަމައެކަނި އެކަލާނގެއަށެވެ.
މަލާއިކަތުންނަށް އީމާންވުމެވެ. އެބޭކަލުންނީ ﷲ ތަޢާލާގެ އަޅުންކަމުގައާއި، އަދި އެކަލާނގެ އެބޭކަލުން ހެއްދެވީ ނޫރުންކަމުގައި އީމާންވުމެވެ. އަދ އެބޭކަލުންގެ މަސައްކަތްތަކުގެ ތެރޭގައި: އެކަލާނގެ ނަބިއްޔުންގެ އަރިހަށް ވަޙީއާގެން ފައިބާވަޑައިގަތުން ލެއްވިއެވެ.
ﷲ އެކަލާނގެ ނަބިއްޔުންނަށް ބާވައިލެއްވި ހުރިހާ ފޮތްތަކާއި (ތައުރާތާއި އިންޖީލު ފަދަ) އަދި އެންމެ ފަހުގެ ފޮތް ކަމަށްވާ ކީރިތި ޤުރުއާނަށް އީމާންވުމެވެ.
ނޫޙު، އިބްރާހީމް، މޫސާ، އީސާ، އަދި އެންމެ ފަހުގެ ރަސޫލާ މުޙައްމަދުގެފާނު ފަދަ ހުރިހާ ރަސޫލުންނަށް އީމާންވުމެވެ. އެ އެންމެ ބޭކަލުންނަކީ އިންސާނުންނެވެ. އެކަލާނގެ ވަޙީއިން އެބޭކަލުންނަށް ތާއީދު ދެއްވިއެވެ. އަދި އެބޭކަލުންގެ ތެދުވެރިކަން ދައްކުވައިދޭ ނިޝާންތަކާއި މުޢުޖިޒާތްތައް އެކަލާނގެ އެބޭކަލުންނަށް ދެއްވިއެވެ.
އާޚިރަތް ދުވަހަށް އީމާންވާންޖެހެއެވެ. އެއީ އެންމެ އިހުގެ މީހުންނާއި އެންމެ ފަހުގެ މީހުން، ﷲ އަލުން ދިރުއްވާ ދުވަހެވެ. އަދި ﷲ ގެ ޚަލްޤުތަކުންގެ މެދުގައި އެދުވަހު އެކަލާނގެ ޙުކުމް ކުރައްވައެވެ. އަދި އެކަލާނގެ މުއުމިނުން ސުވަރުގެއަށް ވައްދަވައެވެ. އަދި ކާފަރުން ނަރަކައަށް ވައްދަވާނެއެވެ.
ތަޤްދީރަށް އީމާންވުމެވެ. އަދި ހުރިހާ ކަމެއް، މާޒީގައިވި ކަންކަމާއި ކުރިއަށް އޮތްތަނުގައި ވާނެ ކަންކަން الله ދެނެވޮޑިގެންވާކަމާއި، الله އެކަންތައް ލިޔުއްވައި، އިރާދަކުރައްވައި، ހުރިހާ އެއްޗެއް އުފެއްދެވިކަމަށް އީމާންވުމެވެ.
އިސްލާމްދީނަކީ އުފާވެރިކަމުގެ މަގެވެ
އިސްލާމްދީނަކީ ހުރިހާ ނަބިއްޔުންގެ ދީނެވެ. އެއީ ޢަރަބިންނަށް ޚާއްޞަ ދީނެއް ނޫނެވެ.
އިސްލާމްދީނަކީ ދުނިޔޭގައި ޙަޤީޤީ އުފަލާއި އާޚިރަތުގައި ދާއިމީ ނިޢުމަތް ލިބޭނެ މަގެވެ.
ރޫޙާއި ހަށިގަނޑުގެ ބޭނުންތައް ފުއްދައިދިނުމާއި، އިންސާނުންގެ ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގެ ޤާބިލުކަން ހުރި ހަމައެކަނި ދީނަކީ އިސްލާމްދީނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
އެކަލާނގެ وحىކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑަައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް عداوةތެރިން ކަމުގައިވާ حالގައެވެ. ފަހެ، ތިމަންރަސްކަލާނގެ حضرةން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންރަސްކަލާނގެ ތެދުމަގަށް تبعވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ. އަދި ތިމަންރަސްކަލާނގެ ޛިކުރުން ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި قيامة ދުވަހުން އެމީހަކު ކަނު މީހެއްގެ ގޮތުގައި محشرއަށް ފޮނުއްވާހުށީމެވެ. [20: 123 ,124].
އިސްލާމްދީނަށް ވަނުމުން އަހަރެންނަށް ލިބެނީ ކޮން ފައިދާއެއް ހެއްޔެވެ؟
އިސްލާމްދީނަށް ވަނުމުން ބޮޑެތި ފައިދާތަކެއް ލިބެއެވެ.އޭގެ ތެރޭގައި:
- މާތް الله ގެ އަޅަކަށް ވުމުން އެ މީހަކަށް މިދުނިޔޭގައި ލިބޭ ކާމިޔާބީއާއި ޝަރަފެވެ. އެހެންނޫނީ އޭނާ ވާހުށީ އަމިއްލަ އެދުމާއި ޝައިޠާނާއާއި ޝަހުވަތްތަކުގެ އަޅެއްކަމުގައިއެވެ.
- އާޚިރަތުގެ އެންމެ ބޮޑު ކާމިޔާބަކީ ނަރަކައިގެ ޢަޛާބުން ސަލާމަތްވެ، ސުވަރުގެއަށް ވަދެވި، ސުވަރުގޭގައި ﷲ ގެ ރުއްސެވުމާއި ދާއިމީކަން ހޯދުމެވެ.
- މާތް الله ސުވަރުގެއަށް ވައްދަވާ މީހުން މަރުވުމެއް ނުވަތަ އެއްވެސް ކަހަލަ ބައްޔެއް، ވޭނެއް، ހިތާމައެއް، މުސްކުޅިވުމެއް ނެތި ދާއިމީ ނިޢުމަތުގައި ދިރިއުޅޭނެއެވެ. އަދި އެމީހުން ބޭނުންވާ ހުރިހާ އެއްޗެއް ލިބިގެންދާނެއެވެ.
ސުވަރުގޭގައި އެއްވެސް ލޮލަކަށް ނުފެންނަ، އެއްވެސް ކަންފަތެއް އަޑުއަހާފައި ނުވާ، އަދި އެއްވެސް އިންސާނަކުގެ ވިސްނުމަށްވެސް އައިސްފައި ނުވާ އުފާތަކާއި އަރާމުތަކެއް ވެއެވެ.
އެކަމުގެ ދަލީލުތަކުގެ ތެރޭގައި ﷲ ތަޢާލާގެ މިބަސްފުޅުވެއެވެ: مؤمنއަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عملއެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عملކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. [16 : 97].
އިސްލާމްދީނާ ދެކޮޅު ހަދައިފިއްޔާ އަހަރެންނަށް ގެއްލޭނީ ކޮން އެއްޗެއް ހެއްޔެވެ؟
އެކަމުގެ ސަބަބުން އިންސާނާއަށް އެ ގެއްލެނީ އެންމެ ބޮޑު ޢިލްމާއި މަޢުރިފާވެރިކަމެވެ. އެއީ ﷲ މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމެވެ. އަދި ދުނިޔޭގައި އެ މީހަކަށް އަމާންކަމާއި ހަމަޖެހުން ލިބިދީ، އާޚިރަތުގައި ދާއިމީ ނިޢުމަތް ލިބިދޭ ކަންތައްކަމުގައިވާ: ﷲ އަށް އީމާންވުން ގެއްލިގެންދާނެއެވެ.
އަދި الله މީސްތަކުންނަށް ބާވައިލެއްވި އެންމެ މަތިވެރި ފޮތް އެނގި ފެނުމާއި، މި މަތިވެރި ފޮތަށް އީމާންވުމުގެ ނިޢުމަތް އިންސާނާއަށް ގެއްލޭނެއެވެ.
ނަބިއްޔުންނަށް އީމާންވުމުގެ ފުރުސަތު އޭނާއަށް ގެއްލޭނެއެވެ. އެފަދައިންމެ ޤިޔާމަތް ދުވަހު ސުވަރުގޭގައި އެބޭކަލުންގެ އަރިހުގައި އުޅުމުގެ ނިޢުމަތްވެސް އޭނާއަށް ގެއްލޭނެއެވެ. އަދި އޭނާވާހުށީ ޖަހަންނަމައިގެ އަލިފާނުގައި ޝައިޠާނުންނާއި ކުށްވެރިންނާއި ޠާޣޫތުންނާ އެކުގައިއެވެ. އެ އުޅެންޖެހުނު ގޮވެތީގެ ނުބައިކަމާއެވެ! އަދި އެކުގައިވި މީހުންގެވެސް ނުބައިކަމާއެވެ!
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލެނިވެގެންވާ ބަޔަކީ قيامة ދުވަހުން އެއުރެންގެ އަމިއްލަ نفسތަކާއި، އެއުރެންގެ أهلވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ. (ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ! [39: 15 ,16].
ނިންމުން ލަސްނުކުރާށެވެ!
ދުނިޔެއަކީ ދާއިމީ ވަޒަނެއް ނޫނެވެ..
އޭނާގެ ކިބައިން ހުރިހާ ރީތިކަމެއް ނެތިގެން ގޮސް ކޮންމެ ޝަހުވަތެއް ނިވިގެންދާނެއެވެ...
ތިބާ ކުރި ކޮންމެ ކަމެއްގެ ހިސާބު ބެލޭނެ ދުވަސް އަންނާނެއެވެ. އެއީ ޤިޔާމަތް ދުވަހެވެ. މާތް الله ވަޙީކުރެއްވިއެވެ: އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ عملތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާމެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عملތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ. [18 : 49].
ﷲ ޢައްޒަ ވަޖައްލަ ޚަބަރުދެއްވާފައިވަނީ އިސްލާމް ނުވާ އިންސާނާ، ފަހެ އޭނާގެ ނިމިދިޔުން އޮތީ ޖަހަންނަމައިގެ އަލިފާނުގައި ތާއަބަދަށް ދެމިއޮތުމަށެވެ.
އެ ގެއްލުމަކީ އާދައިގެ ކަމެއް ނޫނެވެ. ކިއެއްތަ، އެއީ ބޮޑުވެގެންވާ ކަމެކެވެ. دينއެއްގެ ގޮތުގައި إسلام دين ނޫން دينއެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން އެކަން ޤަބޫލު ނުކުރެވޭހުއްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. [3 : 85].
ފަހެ އިސްލާމްދީނަކީ އެ ދީން ފިޔަވައި އެހެން ދީނެއް الله ޤަބޫލުނުކުރައްވާ ދީނެވެ.
ފަހެ ﷲ އަހަރުމެން އުފެއްދެވިއެވެ. އަދި އަހަރުމެން އެނބުރި ދާހުށީ އެކަލާނގެ ޙަޟްރަތަށެވެ. އަދި މި ދުނިޔެއަކީ އަހަރުމެންނަށް އިމްތިޙާނެކެވެ.
ޔަޤީންކުރަންވީ ކަމަކީ: މި ޙަޔާތަކީ ހުވަފެނެއް ފަދަ ކުރު ދިރިއުޅުމެކެވެ.....އަދި އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަޤުތެއް ނޭނގެއެވެ.
ދެންފަހެ ޤިޔާމަތް ދުވަހު ތިބާ ހެއްދެވި ފަރާތް ތިބާގެ ގާތުން މިހެން އައްސަވައިފިނަމަ ތިބާ ދޭނެ ޖަވާބަކީ ކޮބައިހެއްޔެވެ؟ ތިބާ ޙައްޤަށް ތަބަޢަނުވީ ކީއްވެގެން ހެއްޔެވެ؟ ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނަށް ތިބާ ތަބަޢަނުވީ ކީއްވެގެން ހެއްޔެވެ؟
ފަހެ ޤިޔާމަތް ދުވަހު ތިބާގެ ވެރިރަސްކަލާނގެއަށް އިޖާބަ ދޭނީ ކިހިނެއް ހެއްޔެވެ؟ އެކަލާނގެވަނީ އިސްލާމްދީނަށް ކުފުރުވުމުގެ ނަތީޖާއާ މެދު ތިބާއަށް އިންޒާރު ދެއްވާފައިއެވެ. އަދި ކާފަރުންގެ ނިމުމަކީ ނަރަކައިގައި އަބަދަށްޓަކައި ހަލާކުވުންކަން އެކަލާނގެވަނީ ތިބާއަށް ޚަބަރުދެއްވާފައިއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: އަދި كافرވެ ތިމަންރަސްކަލާނގެ آيةތައް ދޮގުކުޅަ މީހުންނީ، ނަރަކަވަންތަ ވެރިންނެވެ. އެއުރެންނީ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ. [2: 39].
ޙައްޤު ދޫކޮށް، ކާބަފައިންނަށް ތަބަޢަވެ ތަޤުލީދުކުރި މީހުންނަށް އެއްވެސް ޢުޛުރެއް ނުވެއެވެ.
ﷲ ޢައްޒަ ވަޖައްލަ އަހަރުމެންނަށް އަންގަވާފައިވާ ގޮތުގައި ގިނަ ބަޔަކު އިސްލާމްދީނަށް ވަނުމަށް ދެކޮޅު ހަދަނީ އެމީހުން ދިރިއުޅޭ މާހައުލަށް ބިރުގަނެގެންނެވެ.
ގިނަ ބަޔަކު އިސްލާމްދީނާ ދެކޮޅު ހަދަނީ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އަދި އާދަވެފައިވާ ޢަޤީދާ ބަދަލުކުރަން ބޭނުން ނުވާތީއެވެ. އަދި ގިނަ ބަޔަކު ތަޢައްޞުބުވެ، އަދި ވާރުތަވެފައިވާ ބާޠިލުގެ ދިފާޢުގައި އޮންނަ ޢިއްޒަތަކަށްޓަކައި އިސްލާމްދީނަށް ވަނުން މަނާކުރެއެވެ.
މި ހުރިހާ އެންމެން އެގޮތަށް ކަންތައް ކުރުމަށް އެއްވެސް ޢުޛުރެއް ލިބިގެން ނުވެއެވެ. އަދި އެއްވެސް ޙުއްޖަތެއް ނެތި އެމީހުން ﷲ ގެ ކުރިފުޅުމަތީގައި ހުއްޓޭނެއެވެ.
ތިމަންނާ އުފަންވީ ދީން ޤަބޫލުނުކުރާ އޭތީސްޓު މުލްޙިދު ޢާއިލާއަކަށޭ އެހެންވީމާ ދީން ޤަބޫލުނުކުރުން މަތީގައި ހުންނާނީއޭ ބުނަން އޭތިސްޓަކަށް ޢުޛުރެއް ނުވެއެވެ. ކިއެއްތަ، ﷲ އޭނާއަށް ދެއްވި ވިސްނުން ބޭނުންކޮށް، އަދި އުޑުތަކާއި ބިމުގެ ބޮޑުކަމާމެދު ވިސްނާ ފިކުރުކޮށް، އަދި މި ކައުނު އުފެއްދެވި ފަރާތެއް ވާކަން ދެނެގަތުމަށްޓަކައި އޭނާއަށް ދެއްވުނު ބުއްދިން ފިކުރުކުރުން ލާޒިމްވެގެންވެއެވެ. އެފަދައިންމެ ހިލަތަކާއި ބުދުތަކަށް އަޅުކަންކުރާ މީހާގެ ކާބަފައިން ނަކަލުކުރުމަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތެވެ. ކިއެއްތަ، އޭނާ ޙައްޤު ހޯދަން އުޅެ އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހެއެވެ: އަހަރެންގެ އަޑު ނީވޭ، ނުފެންނަ، އަދި އެއްގޮތަކަށްވެސް ފައިދާއެއް ނުކޮށްދެވޭ ދިރުމެއް ނެތް އެއްޗަކަށް އަހަރެން އަޅުކަން ކުރާނީ ކިހިނެއް ހެއްޔެވެ؟!
ހަމައެފަދައިން ފިޠުރަތާއި ބުއްދިއާ ޚިލާފުވާ ކަންތަކެއް ޤަބޫލުކުރާ ނަޞާރާއަކު އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހެއެވެ: އެހެން މީސްތަކުންގެ ފާފަތަކަށްޓަކައި ފާފައެއް ނުކޮށް ހުރި އެކަލާނގެ ދަރިކަލުން ރައްބު ޤަތުލުކޮށްލައްވާނީ ކިހިނެއް ހެއްޔެވެ! މިއީ އަނިޔާއެކެވެ! އިންސާނުން މާތްރަސްކަލާނގެ ދަރިކަލުން ޞަލީބަށް އަރުވައި މަރާލާނީ ކިހިނެއް ހެއްޔެވެ! ރައްބުގެ ދަރިކަލުން ޤަތުލުކޮށްލުމަށް ފުރުސަތު ނުދެއްވާ، އިންސާނިއްޔަތުގެ ފާފަތައް ފުއްސަވައިދެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެގެން ވޭނޫންހެއްޔެވެ؟ އެކަލާނގެ ދަރިކަލުން ދިފާއު ކުރެއްވުމުގެ ކުޅަދާނަކަން އެކަލާނގެއަށް ނެތީ ހެއްޔެވެ؟
ބުއްދިވެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ ޙައްޤަށް ތަބަޢަވުމެވެ. އަދި ބާޠިލުގެ މަތީގައި ކާބަފައިންނަށް ތަބަޢަނުވުމެވެ.
އިސްލާމްދީނަށް ވަނުމަށް ބޭނުންވެ އެއާއެކު ގާތްތިމާގެ މީހުން ގެއްލުމެއް ދީފާނެކަމުގެ ބިރުހީވެއްޖެ މީހަކު ކަންތައްކުރާނީ ކިހިނެއްހެއްޔެވެ؟
އިސްލާމްވާން ބޭނުންވެ އެކަމަކު ވަށައިގެންވާ މާހައުލަށް ބިރުގަންނަ މީހަކު ނަމަ އިސްލާމްވެ އެކަން ވަންހަނާކުރެވޭނެއެވެ. އެއީ އޭނާ އަމިއްލައަށް މުސްތަޤިއްލުވެ އޭނާގެ އިސްލާމްކަން ފާޅުކުރުމަށް الله އޭނާއަށް ރަނގަޅު މަގެއް ފަހިކޮށްދެއްވަންދެނެވެ.
ފަހެ ވަޤުތުން އިސްލާމްދީން ޤަބޫލުކުރުމަކީ ތިބާގެ މައްޗަށްވާ ވާޖިބެކެވެ. އެކަމަކު ތިބާ އިސްލާމްވި ވާހަކަ ތިބާގެ ވަށައިގެން ތިބި މީހުންނަށް ކިޔައިދީ ނުވަތަ އެކަން އާންމުކޮށް އިޢުލާނުކުރުމަކީ ވާޖިބެއް ނޫނެވެ. އެއީ އެކަމުގައި ތިބާއަށް ގެއްލުމެއް ހުރިނަމައެވެ.
އަދި ދަންނަންވީ ކަމަކީ، ތިބާ އިސްލާމްވެއްޖެނަމަ ތިބާވާހުށީ އެތައް މިލިއަން މުސްލިމުންގެ އަޚެއް ކަމުގައިއެވެ. އަދި ތިބާގެ ޤައުމުގެ މިސްކިތާ ނުވަތަ އިސްލާމީ މަރުކަޒާ ގުޅައިގެން ލަފައާއި އެހީތެރިކަން ހޯދޭނެއެވެ. ފަހެ އެއީ އެމީހުންނަށް ހުރި އުފަލެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
އަދި اللَّهއަށް تقوىވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزق ދެއްވާނެތެވެ. [65 : 2، 3]
އޭ ޤަދަރުވެރި ކިޔުންތެރިޔާއެވެ!
ތިބާއަށް ހުރިހާ ނިޢުމަތްތައް ދެއްވާ، އަދި ތިބާގެ މަންމަގެ ބަނޑުގައި ވަނިކޮށް ތިބާއަށް ކާނާ މިންވަރުކުރައްވާ، އަދި ތިބާ މިހާރުވެސް ތިޔަ ނޭވާލަމުންދާ ވައި ދެއްވި، ތިބާ އުފެއްދެވި ޚާލިޤުކަމުގައިވާ ﷲ ގެ ރުއްސެވުން ހޯދުން މީހުންގެ ރުހުން ހޯދުމަށްވުރެ ތިބާއަށް މާ މުހިއްމުކަން ބޮޑުވެގެން ވެޔެއް ނޫންހެއްޔެވެ؟
ދުނިޔަވީ އަދި އާޚިރަތުގެ ކާމިޔާބީއަކީ ދިރިއުޅުމުގެ ފިލައިދަނިވި ހުރިހާ އުފާތަކެއް ޤުރުބާންކޮށްލައިގެންވެސް ހޯދުން މާ ޙައްޤުވެގެންވާ ކަމެއް ނޫންހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ! އެހެންނެވެ.
ތިބާގެ ގޯސް މަގު އިސްލާހުކޮށް އަދި ރަނގަޅު ކަންކަން ކުރުމަށް އޮތް ހުރަހެއްކަމުގައި ތިބާގެ މާޒީ ނުހަދާށެވެ.
މިއަދުން މިއަދަށް ޙަޤީޤީ މުއުމިނަކަށް ވާށެވެ! އަދި ޙައްޤަށް ތަބަޢަވުމާމެދު ތިބާ ހުއްޓުން އަރުވާލަން ޝައިޠާނާއަށް ފުރުސަތު ނުދޭށެވެ!
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން حجّةއެއް، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. އަދި، ފާޅުވެ بيانވެގެންވާ نورއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ. ފަހެ، اللَّهއަށް إيمانވެ، އެކަލާނގެ ރައްކާތެރި ކަމުގައި ހިފަހައްޓައިގެން ތިބިމީހުން ދަންނާށެވެ! ފަހެ، އެކަލާނގެ رحمةއާއި فضلވަންތަކަމުގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. އަދި، އެ މަގަށް ދިއުމަށް ސީދާވެގެންވާ ތެދުމަގެއް އެއުރެންނަށް އެކަލާނގެ ދައްކަވާނެތެވެ. [4: 174 ,175].
ހަޔާތުގެ އެންމެ ބޮޑު ނިންމުން ނިންމަން ތިބާ ތިޔަހުރީ ތައްޔާރަށް ހެއްޔެވެ؟
އިސްވެދިޔަ މި ބަޔާންކުރި ހުރިހާ ވާހަކަތަކެއް ތިބާއަށް ހަމަޖެހޭ ވިސްނޭ ކަންކަން ކަމުގައިވާނަމަ، ފަހެ ތިބާގެ ހިތުން ތިވަނީ ޙަޤީޤަތަށް އިޢުތިރާފުވެފައިއެވެ. ދެން ތިބާގެ މައްޗަށް އޮތްކަމަކީ މުސްލިމަކަށް ވުމަށްޓަކައި އެދިމާލަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅުމެވެ. ތިބާގެ ޙަޔާތުގައި ނިންމާނޭ އެންމެ ހެޔޮ ރަނގަޅު ނިންމުން ނިންމުމަށް، އަދި ތިބާ މުސްލިމަކަށް ވާނޭ ގޮތާމެދު އިރުޝާދު ހޯދުމަށް އަހަރެންގެ ކިބައިން އެހީތެރިކަމެއް ބޭނުންހެއްޔެވެ؟
ތިބާގެ ފާފަތަކަކީ އިސްލާމްދީނަށް ވަނުމަށް އޮތް ހުރަހަކަށް ނަހަދާށެވެ. ފަހެ އިންސާނާ އިސްލާމްވެ، އޭނާ ހެއްދެވި ފަރާތަށް ތައުބާވެއްޖެނަމަ، އޭނާގެ ހުރިހާ ފާފައެއް ފުއްސަވައިދެއްވާނެ ކަމަށް މާތް الله ވަނީ ޤުރްއާނުގައި އަހަރުމެންނަށް ޚަބަރުދެއްވާފައިއެވެ. އަދި ތިބާ އިސްލާމްދީން ޤަބޫލުކުރުމަށްފަހުވެސް ބައެއް ފާފަތަކަށް އަރައިގަނެވުމަކީ ހަމަ ޠަބީޢީ ކަމެކެވެ. އެހެނީ އަހަރުމެންނަކީ އިންސާނުންނެވެ. މަލާއިކަތުންނެއް ނޫނެވެ. އެކަމަކު އަހަރުމެންގެ ކިބައިން ލާޒިމުވާ ކަމަކީ ﷲ ގެ ފުއްސެވުމަށް އެދި، އެކަލާނގެ ޙަޟްރަތުގައި ތައުބާވުމެވެ. އަދި ތިބާ ޙައްޤު ޤަބޫލުކުރުމަށް އަވަސްވެގަނެ، އިސްލާމްދީނަށް ވަދެ، ޝަހާދަތުގެ ދެކަލިމަ ކިޔެވިކަން ﷲ ތިބާގެ ފުށުން ދެކެވޮޑިގެންފިނަމަ؛ ދެން އެހެން ފާފަތައް ދޫކޮށްލުމަށް އެކަލާނގެ ތިބާއަށް އެހީތެރިވެވޮޑިގަންނަވާނެއެވެ. ފަހެ ﷲ ގެ ޙަޟްރަތަށް ޤަޞްދުކޮށް، ޙައްޤަށް ތަބަޢަވެއްޖެ މީހާއަށް އެކަލާނގެ އިތުރު ހެޔޮ ކަންކަމަށް ތައުފީޤު ދެއްވާނެއެވެ. ވީމާ އިސްލާމްދީނަށް ވަނުމަށް ދެން ފަސްނުޖެހޭށެވެ.
އެކަމުގެ ދަލީލުތަކުގެ ތެރޭގައި ﷲ ތަޢާލާގެ މިބަސްފުޅުވެއެވެ: كافرވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، كافرކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސެވޭހުއްޓެވެ. [8 : 38].
މުސްލިމަކަށް ވާން އަހަރެން ކުރަންވީ ކޮންކަމެއް ހެއްޔެވެ؟
އިސްލާމްދީނަށް ވަނުމަކީ ނުހަނު ފަސޭހަ ކަމަކެވެ. އެކަމަށް ކިޔެވެލި ރިޗުއަލްތަކަކާއި، ރަސްމީ ކަންތައްތަކަކާއި، އެހެން މީހަކު ޙާޒިރުވުމެއްވެސް ބޭނުމެއް ނުވެއެވެ. އިންސާނާ ހަމައެކަނި ކުރަން ޖެހޭ ކަމަކީ: ޝަހާދަތުގެ ދެ ކަލިމައިގެ މާނަ އެނގިހުރެ، އަދި އެއަށް އީމާންވެ ޤަބޫލުކުރާ ޙާލު ޝަހާދަތުގެ ދެކަލިމަ ކިޔުމެވެ. އެއީ މިހެން ކިޔައިގެންނެވެ: (أشهد أن لا إله إلا الله وأشهد أن محمدًا رسول الله) (މާނައީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް އަޅު ހެކިވަމެވެ.) ޢަރަބި ބަހުން ބުނެވޭނަމަ އެގޮތް މާ ރަނގަޅެވެ. ތިބާއަށް އެކަން އުނދަގޫނަމަ ތިބާގެ ބަހުންވެސް އެހެން ކިޔުމުން ފުދޭނެއެވެ. ދެން އޭރުން ތިބާ މުސްލިމަކަށް އެވީއެވެ. ދެން ތިބާގެ މައްޗަށް އޮތްކަމަކީ ދުނިޔޭގައި ތިބާއަށް ބާއްޖަވެރިކަން ލިބި، އަދި އާޚިރަތުގައި ތިބާގެ ނަޖާވުންވާ މަޞްދަރުކަމުގައިވާނޭ ތިބާގެ ދީން އުނގެނި ދަސްކުރުމެވެ.
އިސްލާމްދީނާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް މި ވެބްސައިޓު ބަލާލުމަށް އަހަރެން ތިބާއަށް ވަޞިއްޔަތް ކުރަމެވެ:
އަދި އިސްލާމްދީނަށް ޢަމަލުކުރާނެ ގޮތް ދަސްކުރުމަށް މި ވެބްސައިޓަށް ޒިޔާރަތްކުރުމަށް އަހަރުމެން ތިބާއަށް ވަޞިއްޔަތް ކުރަމެވެ:
Related books
All books
ކަޥްނު ޚަލްޤުކުރީ ކާކު ހެއްޔެވެ؟ އަދި އަހަރެން ޚަލްޤުކުރީ ކާކު ހެއްޔެވެ؟ އަދި އެއީ ކީއްވެގެން ހެއްޔެވެ؟52 languagesކަޥްނު ޚަލްޤުކުރީ ކާކު ހެއްޔެވެ؟ އަދި އަހަރެން ޚަލްޤުކުރީ ކާކު ހެއްޔެވެ؟ އަދި އެއީ ކީއްވެގެން ހެއްޔެވެ؟
މިފޮތުގައި މުނާޤަޝާ ކުރެވެނީ، ކަޥްނާއި އަދި އިންސާނާގެ އަޞްލާ މެދުގައެވެ. އެ އަޞްލަށް މަތިވެރިވެގެންވާ ޚާލިޤެއްވާކަން ކަށަވަރު ކުރަމުންނެވެ. އެއީ ﷲ އެވެ. އެކަލާނގެއީ ޙަޔާތަށް ޙުކުމްކުރާ ޤާނޫނުތައް ލެއްވެވި އިލާހެވެ. އަދި (މިފޮތުގައި)، ﷲ ގެ ޞިފަތައް ވާޟިޙުކޮށް ސާފުކޮށްދެއެވެ. އަދި ރަސޫލުންނަށާއި، ސަމާވީ ފޮތްތަކަށް އީމާންވުމުގެ މުހިއްމުކަންވެސް ސާފުކޮށްދެއެވެ. އަދި ދުނިޔެއާއި އާޚިރަތުގައި، އުފާވެރިކަން ޙަޤީޤަތަކަށް ހަދާދޭ ދީނަކީ، އިސްލާމްދީން ކަން ކަށަވަރުކޮށްދެއެވެ.
ތިބާގެ ނަފްސާ މިހެން ސުވާލުކޮށްލިންހެއްޔެވެ؟ ތިބާ އުފެއްދެވީ ކާކުހެއްޔެވެ؟ އަދި ކީއްކުރަންހެއްޔެވެ؟ އަދި މަރުވުމަށްފަހު ވަނީ ކޮންކަމެއްހެއްޔެވެ؟57 languagesތިބާގެ ނަފްސާ މިހެން ސުވާލުކޮށްލިންހެއްޔެވެ؟ ތިބާ އުފެއްދެވީ ކާކުހެއްޔެވެ؟ އަދި ކީއްކުރަންހެއްޔެވެ؟ އަދި މަރުވުމަށްފަހު ވަނީ ކޮންކަމެއްހެއްޔެވެ؟
މި ފޮތުގައި އަލިއަޅުވާލެވި ވާހަކަދެކެވިފައިވަނީ ވުޖޫދުވުމާއި އުފެއްދެވުމުގެ ސުވާލުގެ މައްޗަށެވެ. އަދި ޙިކްމަތާއި ފުރިހަމަކަން ފުރާ ފުރިހަމަވެގެންވާ ޚާލިޤެއް ވޮޑިގެންވާކަން ބުއްދީގެ ހަމަތަކުން ޘާބިތުކޮށްދީ، އަދި ޙަޔާތުގެ މަޤްޞަދަކީ ﷲ އަށް އެއްކައުވަންތަކޮށް އަޅުކަންކުރުން ކަމާއި، އިސްލާމްދީނަކީ ރައްކާތެރިކުރެވިގެންވާ ޙައްޤު ދީންކަން (މި ފޮތުގައި) ސާފުކޮށްދެވެ. އަދި ހަމައެހެންމެ، ﷲ ގެ ރަސޫލާ މުޙައްމަދުގެފާނަށް އީމާންވެ، އެކަލޭގެފާނު އުނގަންނައިދެއްވި ކަންކަމަށް ތަބަޢަވުމަށް ގޮވާލާ، ޝިރުކާމެދު އިންޛާރުދީ، އަދި އާޚިރަތުގައި ޙިސާބު ބެއްލެވުމާއި ޖަޒާދެއްވުންވާކަން ކަށަވަރުކޮށްދެއެވެ.
އިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ85 languagesއިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ
އިސްލާމްކަމަކީ: ކައުނު އުފެއްދެވި ޚާލިޤު އަދި އެ ކައުނު ތަދުބީރުކުރައްވާ ﷲ އަށް ބޯލަނބާ އަމާންދިނުމެވެ. އަދި އެކަލާނގެއަށް ލޯތްބާއި ޤަދަރާއެކު ކިޔަމަންވުމެވެ. އިސްލާމްކަމުގެ އަސާސަކީ މާތް الله އަށް އީމާންވެ، އަދި އެކަލާނގެއީ ޚާލިޤުކަމާއި އެނޫން ހުރިހާ އެއްޗެއް އެއީ އުފެއްދެވިގެންވާ މަޚްލޫޤުންކަމާއި، އަދި އެކަލާނގެއީ އެއްވެސް ބައިވެރިއެއްނެތި އަޅުކަން ހަމައެކަނި ޙައްޤުވާ ފަރާތްކަމަށް އީމާންވުމެވެ. އެކަލާނގެ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ ފަރާތެއް ނުވެއެވެ. އެންމެ ރިވެތި ނަންފުޅުތަކާއި އެންމެ މަތިވެރި ޞިފަފުޅުތައް އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. އަދި އެއްވެސް އުނިކަމެއް ނެތި، މުޠުލަޤު…
މުލްޙިދަށް (ކަލަކުވާކަމަށް ޤަބޫލުނުކުރާ އޭތީސްޓަށް) ވާ ކުރު ރިސާލާއެއް31 languagesމުލްޙިދަށް (ކަލަކުވާކަމަށް ޤަބޫލުނުކުރާ އޭތީސްޓަށް) ވާ ކުރު ރިސާލާއެއް
(މިއީ) މުލްޙިދަކަށް ނުވަތަ އޭތީސްޓަކަށް އަމާޒުކުރެވިފައިވާ ކުރު ރިސާލާއެކެވެ. މި ރިސާލާގައި، ކައުނާއި އޭގެ ނިޒާމުގެ ނާޒުކު ފުރިހަމަކަން އެއީ އިއްތިފާޤަކުން (ކަލަކު ނެތި) ކައުނު އުފެދުން ނަފީކުރާ ކަމެއްކަމާއި، އަދި އެއިން ދަލީލުކުރަނީ ޙިކުމަތްތެރި ޚާލިޤަކުވާކަމަށްކަން ބުއްދިއަށް މުޚާޠަބުކޮށް ކިޔާދެއެވެ. ފަހެ މި ހުރިހާ އެއްޗެއް (ކަލަކު ނުވާގޮތަށް) ނެތުމުގެ ތެރެއިން އައުމަކީ ބުއްދި ހަމަޖެހޭ ކަމެއް ހެއްޔެވެ؟ ފަހެ ފުންކޮށް ވިސްނާ ފިކުރު ކުރުމަށް ތިބާގެ ހިތް ހުޅުވާހުށިކަމެވެ. އަދި ތިބާ ޙައްޤު ހޯދާށެވެ. ފަހެ ޙައްޤުގައި ތިބާއަށް މަގުދައްކާނޭ ނޫރެއް އަލިކަމެއް ތިބާއަށް ފެންނާނެއެވެ.