Skip to content
މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި އަދި އޭގެ ޙުކުމްތަކާމެދުގައިވާ ކުރު ޚުލާޞާއެއް

މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި އަދި އޭގެ ޙުކުމްތަކާމެދުގައިވާ ކުރު ޚުލާޞާއެއް

މި ފޮތުގައި މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި ޙުކުމްތައް ޝަރަޙަކޮށްދެއެވެ. އަދި ނަބިއްޔުއާއި އެކަލޭގެފާނުގެ އަޞްޙާބުންގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރާނީ ކިހިނެއްކަން ބަޔާންކޮށްދެއެވެ. އަދި ޒިޔާރަތްކުރުމުގައި ބިދުޢަތައް ހެދުމާމެދު އިންޛާރުކޮށްދެއެވެ. އެއީ ސުންނަތުގައި ހިފަހައްޓައި، އަދި ޒިޔާރަތްކުރުމުގައިވާ ޝަރުޢީ އަދަބުތަކުގައިވެސް އިލްތިޒާމުވެ ހިފެހެއްޓުމުގެ މައްޗަށް ބާރުއެޅުމާ އެކުގައެވެ.

Language: lang_dv
Prepared by: (އައް-ލަޖްނަތުލް-ޢިލްމިއްޔަތު ބިޖަމްޢިއްޔަތި ޚިދްމަތިލް-މުޙްތަވަލް-އިސްލާމީ ބިއް-ލުޣާތި) އެކި ބަސްބަހުން އިސްލާމީ އުފެއްދުންތަކަށް ޚިދުމަތްކުރާ ޖަމްޢިއްޔާގެ ޢިލްމީ ލަޖްނާ
Version: 3.0

މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި އަދި އޭގެ ޙުކުމްތަކާމެދުގައިވާ ކުރު ޚުލާޞާއެއް

(އައް-ލަޖްނަތުލް-ޢިލްމިއްޔަތު ބިޖަމްޢިއްޔަތި ޚިދްމަތިލް-މުޙްތަވަލް-އިސްލާމީ ބިއް-ލުޣާތި) އެކި ބަސްބަހުން އިސްލާމީ އުފެއްދުންތަކަށް ޚިދުމަތްކުރާ ޖަމްޢިއްޔާގެ ޢިލްމީ ލަޖްނާ

ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްހުރިީ އަހަރުމެންގެ ނަބީ މުޙައްމަދުގެފާނުގެ މައްޗަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި، އެންމެހާ ޞަޙާބީންގެ މައްޗަށެވެ.

އެއަށްފަހުގައި ދަންނައެވެ:

ފަހެ މިއީ މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި އަދި އޭގެ ޙުކުމްތަކާމެދުގައިވާ ކުރު ޚުލާޞާ ރިސާލާއެކެވެ. އަހަރުމެން މީގައި ސަމާލުކަން ދީފައިވާނީ: މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާ މީހާއަށް، ޢާއްމުކޮށް ގިނަފަހަރު ޙާޖަތްޖެހި ބޭނުންވެގެންވާ ކަންކަން ބަޔާންކުރުމުގެ މައްޗަށެވެ.

މި ރިސާލާއަކީ، ﷲ ގެ މާތް ވަޖްހުފުޅު އަދައިގެން ކުރެވުނު އިޚްލާޞްތެރި ކަމެއްކަމުގައި ލެއްވުން އެދިއާއި، އަދި ޢާއްމު އެންމެހާ މުސްލިމުންނަށް މިއިން ނަފާކުރުމަށް އެދި ދަންނަވަނީ، ﷲ ގެ ޙަޟްރަތަށެވެ.

(އައް-ލަޖްނަތުލް-ޢިލްމިއްޔަތު ބިޖަމްޢިއްޔަތި ޚިދްމަތިލް-މުޙްތަވަލް-އިސްލާމީ ބިއް-ލުޣާތި) އެކި ބަސްބަހުން އިސްލާމީ އުފެއްދުންތަކަށް ޚިދުމަތްކުރާ ޖަމްޢިއްޔާގެ ޢިލްމީ ލަޖްނާ

މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި އަދި އޭގެ ޙުކުމްތަކާމެދުގައިވާ ކުރު ޚުލާޞާއެއް

ނަބީ ﷺ ގެ މިސްކިތްކޮޅަށް ޒިޔާރަތްކުރުމަކީ، މުސްތަޙައްބުވެ އެދެވިގެންވާ ކަމެކެވެ. އަދި އެކަމަށް ވަކި ކަނޑައެޅިގެންވާ ވަޤުތެއް ނުވެއެވެ. އަދި އެއީ ޙައްޖުގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެއްވެސް ނޫނެވެ. އަދި ޙައްޖުވެރިން -ފިރިހެނުންވިޔަސް ނޫނީ އަންހެނުންވިޔަސް- ރަސޫލު ﷺ ގެ ޤަބުރުކޮޅަށް، އަދި ބަޤީޢު ޤަބުރުސްތާނަށްވެސް ޒިޔާރަތްކުރުން ލާޒިމުވެގެން ނުވެއެވެ.

ނަބީ ﷺ ގެ ޤަބުރުކޮޅަށް ޒިޔާރަތްކުރުމަށްޓަކައި ދަތުރުފަތުރު ހަދައިގެން އައުމަކީ، ހުއްދަކަމެއް ނޫނެވެ. ފަހެ އެހެނީ، ހަމަކަށަވަރުން، އަޅުކަމުގެ ވަޖުހުގެ މައްޗަށް (އެބަހީ: އަޅުކަމެއްގެ ގޮތަށް ބަލައިގެން) ދަތުރުހަދައިގެން، ޤަބުރުތަކަށް ޒިޔާރަތްކުރުމެއް ނުވެއެވެ. އަދި އެކަން ކުރެވޭނެކަން ކަށަވަރީ، ހަމައެކަނި ތިން މިސްކިތަށްޓަކައި އެކަންޏެވެ. ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: "ތިން މިސްކިތަށްޓަކައި މެނުވީ ތިޔަބައިމީހުން ދަތުރުހަދައިގެން ނުދާހުށިކަމެވެ: ތިމަންކަލޭގެފާނުގެ މި މިސްކިތްކޮޅާއި، މަސްޖިދުލް ޙަރާމްއާއި އަދި މަސްޖިދުލް އަޤްޞާއެވެ." [1] [1] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަމްބަރު 1189 ގައެވެ. އަދި މުސްލިމް، ނަމްބަރު 827 ގައެވެ. އަދި މިލަފްޒުވަނީ މުސްލިމްއަށެވެ.

ފަހެ އެހެންކަމުން، މަދީނާއާ މާ ދުރުގައިވާ މީހަކު، ޤަބުރަށް ޒިޔާރަތްކުރުމުގެ ޤަޞްދުގައި އޭނާ ދަތުރުހަދައިގެން އައުމެއް ނެތެވެ. އަދި އެހެންނަމަވެސް، ޝަރަފުވެރި މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރުމުގެ ޤަޞްދުގައި ދަތުރުހަދައިގެން އައުން، އޭނާއަށް ޝަރުޢުވެގެންވެއެވެ. ފަހެ ދެން އޭނާ އެ މިސްކިތަށް ފޯރައިފިހިނދު، އެކަލޭގެފާނު ﷺ ގެ ޤަބުރުކޮޅާއި އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ ޤަބުރުކޮޅުތަކަށް އޭނާ ޒިޔާރަތްކުރާނީއެވެ. ފަހެ އެގޮތުން އެކަލޭގެފާނުގެ ޤަބުރުކޮޅަށް ޒިޔާރަތްކުރުން އެ ވަދެގެންދަނީ، އެކަލޭގެފާނު ﷺ ގެ މިސްކިތްކޮޅަށް ޒިޔާރަތްކުރުމުގެ ދަށުން، އެއަށް ތަބަޢަވެގެން އަންނަ ކަމެއްގެ ގޮތުގައެވެ.

ނަބީ ﷺ ގެ ޤަބުރުކޮޅަށް، އަދި އެނޫން ޤަބުރަކަށްވެސް ޒިޔާރަތްކުރުން، އަންހެނާއަށް ޝަރުޢުވެގެން ނުވެއެވެ. އެހެނީ ހަމަކަށަވަރުން، ޤަބުރުތަކަށް ޒިޔާރަތްކޮށް ގޮސް އުޅޭ އަންހެނުންނަށް، އެކަލޭގެފާނު ﷺ ވަނީ ލަޢުނަތް ލައްވާފައެވެ. އެއީ އެ އަންހެންތަކުންގެ ފުށުން ފާޅުވެދާނޭ: ހިތާމަކޮށް އަޑުނަގާ ރުއިމާއި، ތަބައްރުޖުވެ ޒީނަތްތެރިކަން ފާޅުކުރުމާއި އަދި އެނޫންވެސް ޝަރުޢާ ޚިލާފުވެގެންވާ ކަންތައްތައް ޙާޞިލުވެދާނެ ކަމަށްޓަކައެވެ. އަދި އެހެންނަމަވެސް، އެ މިސްކިތުގައި އަދި އެހެން ތަންތާގައިވެސް، ﷲ ގެ ރަސޫލު ﷺ ގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުން ގިނަކުރުން، އެ އަންހެންތަކުންނަށް މުސްތަޙައްބުވެ އެދެވިގެންވެއެވެ. ފަހެ އެގޮތުން އެ އަންހެނާ، އޭނާ ހުރި ކޮންމެ ތާކުގައިވިޔަސް، އޭނާގެ ޞަލަވާތާއި ސަލާމް، ނަބީ ﷺ ފޯރާނެތެވެ. އެއީ އެކަލޭގެފާނު ﷺ ގެ މި ބަސްފުޅަށްޓަކައިއެވެ: "ތިޔަބައިމީހުންގެ ގެތައް ޤަބުރުތަކެއް ކަމުގައި ތިޔަބައިމީހުން ނަހަދާހުށިކަމެވެ. އަދި ތިމަންކަލޭގެފާނުގެ ޤަބުރުކޮޅު، ޢީދެއްގެ ގޮތުގައި ނަހަދާހުށިކަމެވެ. އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން، ތިޔަބައިމީހުންވީ ކޮންމެ ތާކުން، ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ފޯރަތެވެ." [2] އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ: "ހަމަކަށަވަރުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭ މަލާއިކަތުންތަކެއް ﷲ އަށްވެއެވެ. އެބޭކަލުން، ތިމަންކަލޭގެފާނުގެ އުއްމަތުގެ ފަރާތުން، ތިމަންކަލޭގެފާނަށް ސަލާމް ފޯރުކޮށްދެއްވަތެވެ." [3] [2] މި ޙަދީޘް ރިވާކުރެއްވީ އަބޫ ދާވޫދު، ނަމްބަރު 2042 ގައެވެ. [3] މި ޙަދީޘް ރިވާކުރެއްވީ، އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި، ނަމްބަރު 4320 ގައިއެވެ.

ޝަރަފުވެރި މަސްޖިދުއް ނަބަވީއަށް އޭނާ ވަންނަހިނދު، އޭނާގެ ކަނާތުފައި އިސްކުރުން އެނާއަށް މުސްތަޙައްބުވެގެންވެއެވެ. އަދި އޭނާ ކިޔާނީއެވެ: «اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ». (މާނައީ: "ﷲ އޭވެ! އިބަ އިލާހުގެ ރަޙުމަތުގެ ދޮރުކޮޅުތައް، މިއަޅާއަށްޓަކައި ހުޅުއްވާދެއްވާށިއެވެ.) އެއީ ހަމަ އެހެން މިސްކިތްތަކަށް ވަންނައިރުވެސް އެ ދުޢާ ކިޔާފަދައިންނެވެ.

އަދި އެކަލޭގެފާނު ﷺ ގެ މިސްކިތްކޮޅަށް ވަންނައިރު ކިޔާކަށް ވަކި ކާއްޞަ ޛިކުރެއް ނުވެއެވެ.

ދެން ތަޙިއްޔަތުލް މަސްޖިދުގެ ދެ ރަކްޢަތް އޭނާ ކުރާނީއެވެ.

އަދި އެއީ ނަމާދުކުރުން ނަހީވެގެންވާ ވަޤުތެއްކަމުގައި ނުވާނަމަ؛ އޭނާ ބޭނުންވަރަކަށް ސުންނަތް ނަމާދު، ދެ ރަކްޢަތުން ދެ ރަކްޢަތުން ކުރަންވީއެވެ. ﷲ ގެ ރަސޫލު ﷺ ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ މި މިސްކިތްކޮޅުގައި ކުރާ ނަމާދެއް، އެތަން ނޫން އެހެން ހުރިހާ ތަނެއްގައި ކުރާ އެއް ހާސް ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. އެއީ މަސްޖިދުލް ޙަރާމް ފިޔަވައެވެ." [4] [4] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަމްބަރު 1190 ގައެވެ. އަދި މުސްލިމް، ނަމްބަރު 1394 ގައެވެ.

އަދި ރަޥްޟާގައި ނަމާދުކުރެވޭތޯ ފަރުވާތެރިވެ ބަލަންވާނެއެވެ. -އަދި އެއީ ނަބީ ﷺ ގެ މިންބަރުކޮޅާއި އެކަލޭގެފާނުގެ ކޮޓަރިކޮޅާ ދެމެދުގައިވާ ތަންކޮޅެވެ.- އެއީ އޭނާއަށް އެކަން ކުރަން ފަސޭހަވެ ފަހިވެއްޖެނަމައެވެ. އެއީ އެކަލޭގެފާނު ﷺ ގެ މި ބަސްފުޅަށްޓަކައެވެ: "ތިމަންކަލޭގެފާނުގެ ގެކޮޅާއި އަދި ތިމަންކަލޭގެފާނުގެ މިންބަރުކޮޅާ ދެމެދުގައިވަނީ: ޖަންނަތުގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެކެވެ." [5] [5] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަމްބަރު 1195 ގައެވެ. އަދި މުސްލިމް، ނަމްބަރު 1390 ގައެވެ.

އަދި އެކަން އޭނާއަށް ފަހިވެ ފަސޭހަ ނުވެއްޖެނަމަ؛ މިސްކިތުގެ ކޮންމެ ދިމާލެއްގައިވެސް ނަމާދުކުރާނީއެވެ. އަދި މިއީ ޖަމާޢަތުގެ ނަމާދު ފިޔަވައި ދެން ހުރި ނަމާދުތަކުގައިއެވެ. ދެންފަހެ ޖަމާޢަތުގެ ނަމާދަށް ބަލާއިރު ދަންނައެވެ. ފަހެ އިމާމާ ޖެހިގެން އޮންނަ ފުރަތަމަ ޞަފަށް އެރުމަށް ރައްކާތެރިވާހުށިކަމެވެ. އެއީ އެކަމުގައި އައިސްފައިވާ ޢާއްމު ދަލީލުތަކަށްޓަކައިއެވެ.

އަދި ނަބީ ﷺ ގެ ޤަބުރުކޮޅާއި، އެކަލޭގެފާނުގެ ދެ ޞަޙާބީން (އަބޫ ބަކުރުއާއި ޢުމަރުގެ) ޤަބުރުކޮޅަށް ޒިޔާރަތްކުރަން އޭނާ ބޭނުންވެއްޖެނަމަ:

އަދަބުވެރިކަމާއި، ހިމޭންވެ މަޑުމައިތިރިކަމާއި އަދި އަޑު މަޑުކުރުމާ އެކުގައި އެކަލޭގެފާނު ﷺ ގެ ޤަބުރުކޮޅުގެ ކުރިމަތީގައި ހުއްޓޭނީއެވެ. ދެން މިހެން ކިޔަމުން އެކަލޭގެފާނު ﷺ ގެ މައްޗަށް ސަލާމްގޮވާނީއެވެ: "السلام عليك يا رسول اللَّه ورحمة اللَّه وبركاته" (މާނައީ: އޭ ﷲ ގެ ރަސޫލުއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި އެއިލާހުގެ ބަރަކާތްތައް ހުއްޓެވެ.) އަދި އޭގެ އިތުރަށް މިހެން ކިޔަސް ފަހެ މައްސަލައެއް ނެތެވެ: "أشهد أنك رسول اللَّه حقًّا، وأنك قد بلّغت الرسالة، وأدّيت الأمانة، وجاهدت في اللَّه حق جهاده، ونصحت الأمة، فجزاك اللَّه عن أمتك أفضل ما جزى نبيًا عن أمته" (މާނައީ: ކަލޭގެފާނީ ހަމަ ޙައްޤުގޮތުގައިވެސް ﷲ ގެ ރަސޫލުކަމަށާއި، އަދި ކަލޭގެފާނު ރިސާލަތު ފޯރުކޮށްދެއްވާ، އަމާނާތް އަދާކުރައްވާ، ﷲ ގެ މަގުގައި ޙައްޤު ޖިހާދުން ޖިހާދުކުރައްވާ، އަދި އުއްމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވިކަމަށް އަހަރެން ހެކިވަމެވެ. ފަހެ ކަލޭގެފާނުގެ އުއްމަތުގެ ފަރާތުން، ނަބީކަށް އެބޭކަލެއްގެ އުއްމަތަށް ލިބޭނެ އެންމެ ހެޔޮ ޖަޒާ ﷲ ތަޢާލާ ކަލޭގެފާނަށް ދެއްވާށިއެވެ.)

ދެން ކުޑަކޮށް ކަނާތަށް ޖެހިލާފައި، ފަހެ އަބޫ ބަކުރު އައް-ޞިއްދީޤު رضي الله عنه ގެ މައްޗަށް ސަލާމްގޮވާނީއެވެ.

ދެން އަނެއްކާވެސް ކުޑަކޮށް ކަނާތަށް ޖެހިލާފައި، ފަހެ ޢުމަރު ބްނު އަލް-ޚައްޠާބުގެ މައްޗަށް ސަލާމްގޮވާނީއެވެ. އަދި އިބްނު ޢުމަރު رضي الله عنهما، ރަސޫލު ﷺ ގެ މައްޗަށާއި، އެކަލޭގެފާނުގެ ދެ ޞާޙިބުންގެ މައްޗަށް ސަލާމްގޮވައިލައްވާހިނދު: (السلام عليك يا رسول اللَّه، السلام عليك يا أبا بكر، السلام عليك يا أبتاه) (މާނައީ: "ﷲ ގެ ރަސޫލުއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. އޭ އަބޫ ބަކުރެވެ! ތިބާގެ މައްޗަށްވެސް ސަލާމެވެ. އޭ ބައްޕާފުޅާއެވެ! ބައްޕަގެ މައްޗަށްވެސް ސަލާމެވެ.) ގިނަފަހަރު މިހެން ކިޔުއްވުމަށްވުރެ އިތުރުނުކުރައްވަތެވެ. ދެން އެބޭފުޅާ އެނބުރި ވަޑައިގަންނަވަނީއެވެ.

އަދި ރަސޫލު ﷺ ގެ ޤަބުރުކޮޅާއި، އެކަލޭގެފާނުގެ ދެ ޞާޙިބުންގެ ޤަބުރުކޮޅުގެ ކައިރީގައި ކޮޅަށްހުރުން ނުވަތަ ދުޢާކުރަން ހުރުން ދިގުކުރުން އެކަށީގެން ނުވެއެވެ. ފަހެ ގައިމު މާލިކު ވަނީ އެކަމަށް ނުރުއްސަވާފައެވެ. އަދި އެބޭފުޅާ ވިދާޅުވިއެވެ: "އެއީ ސަލަފުންގެ ބޭކަލުން ކުރައްވާފައި ނުވާ، ބިދުޢައެކެވެ. އަދި މި އުއްމަތުގެ ކުރީކޮޅު އިޞްލާޙުވި ކަމަކުން މެނުވީ އުއްމަތުގެ ފަހުކޮޅު އިޞްލާޙުނުވާނެއެވެ."

އަދި (ޤަބުރުކޮޅަށް) ޒިޔާރަތްކުރާ ބައެއް މީހުން ކުރާ ކަމެއްކަމުގައިވާ: އެކަލޭގެފާނު ﷺ ގެ ޤަބުރުކޮޅުގެ ކައިރީގައި އަޑުއުފުލުމާއި، އަދި އެތަނުގައި ކޮޅަށްހުރުން ދިގުކުރުމާ މެދު ދަންނައެވެ. ފަހެ އެއީ ޝަރުޢުވެގެންވާ ގޮތާ ޚިލާފު ކަންކަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرۡفَعُوٓاْ أَصۡوَٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُواْ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ.} މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނެވެ. ނަބީގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ! އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ގަދައަޑުން ވާހަކަދައްކާފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސްނުދަންނަވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ނޭނގި ތިއްބާ، ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލު ވެދާނެތީއެވެ." {إِنَّ ٱلَّذِينَ يَغُضُّونَ أَصۡوَٰتَهُمۡ عِندَ رَسُولِ ٱللَّهِ أُوْلَٰٓئِكَ ٱلَّذِينَ ٱمۡتَحَنَ ٱللَّهُ قُلُوبَهُمۡ لِلتَّقۡوَىٰۚ لَهُم مَّغۡفِرَةٞ وَأَجۡرٌ عَظِيمٌ} މާނައީ: "ހަމަކަށަވަރުން ﷲ ގެ ރަސޫލުގެ އަރިހުގައި އެ މީހުންގެ އަޑު މަޑުކުރާ މީހުންނީ، އެ މީހުންގެ ހިތްތައް ތަޤުވާވެރިވުމަށް، ﷲ، އިމްތިޙާނު ކުރައްވާ ފަހިކޮށްދެއްވި މީހުންނެވެ. އެ މީހުންނަށް ފާފަ ފުއްސެވުމަކާއި، ބޮޑުވެގެންވާ ދަރުމައެއްހުއްޓެވެ." [އަލް-ޙުޖްރާތު: 2-3] އަދި އެހެނީ އެކަލޭގެފާނު ﷺ ގެ ޤަބުރުކޮޅު ދޮށުގައި މަޑުކޮށްގެން ހުރުން ދިގުކޮށް، އަދި ތަކުރާރުކޮށް ސަލާމްކުރުން މެދުވެރިކުރާނީ: އެކަލޭގެފާނު ﷺ ގެ ޤަބުރުކޮޅުގެ ކައިރީގައި ތޮއްޖެހި، އަޑުފަށްގަނޑު ގަދަވުމަށެވެ. އަދި އެއީ މި މުޙްކަމު ސާފު އާޔަތްތަކުގައި، ﷲ ތަޢާލާ މުސްލިމުންނަށް ޝަރުޢުކުރައްވާފައިވާ ގޮތާ ޚިލާފުވާ ކަމެކެވެ. އަދި އެކަލޭގެފާނު ﷺ އީ ދިރިހުންނެވި ހިނދާއި މައްޔިތެއްގެ ގޮތުގައިވެސް އިޙްތިރާމް ކުރެވިގެންވާ ބޭކަލެކެވެ. ފަހެ އެހެންކަމުން އެކަލޭގެފާނުގެ ޤަބުރުކޮޅުގެ ކައިރީގައި ޝަރުޢީ އަދަބުވެރިކަމާ ޚިލާފު ކަންކަން ކުރުން މުއުމިނަކަށް އެކަށީގެން ނުވެއެވެ.

އަދި މިފަދައިން، ޒިޔާރަތްކުރާ ބައެއް މީހުންނާއި އަދި އެހެން މީހުން ކުރާ ކަމެއްކަމުގައިވާ: އެކަލޭގެފާނުގެ ޤަބުރުކޮޅުގެ ކައިރީގައި، ޤަބުރުކޮޅަށް ކުރިމަތިލައިގެން ހުރެ، ދެ އަތް އުފުލައިގެން ދުޢާކުރުމާ ފަހެ މިހުރިހާ ކަމަކީވެސް، ހެޔޮވެގެންވާ ސަލަފުންކަމުގައިވާ، ﷲ ގެ ރަސޫލުގެ އަޞްޙާބުންނާއި، އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ ބޭކަލުން، އެގޮތެއްގެ މަތީގައި ތިއްބެވި ގޮތާ ޚިލާފުވެގެންވާ ކަންކަމެވެ. ކިއެއްތަ، އެކަންވަނީ އަލަށް އުފައްދާފައިވާ ބިދުޢަތަކުގެ ތެރެއިންނެވެ.

އަދި އެފަދައިންމެ، ޒިޔާރަތްކުރާ ބައެއް މީހުން އެކަލޭގެފާނު ﷺ ގެ މައްޗަށް ސަލާމްގޮވާހިނދު، ނަމާދުކުރާ މީހާ ހުންނަގޮތަށް، އޭނާގެ މޭ މަތީގައި ނުވަތަ މޭ ދަށުގައި، އޭނާގެ ވާތްމަތީގައި ކަނާތް ބާއްވައިގެން ހުރުން، ފަހެ އެކަލޭގެފާނު ﷺ ގެ މައްޗަށް ސަލާމްގޮވާހިނދު މި ޞިފައަށް ހުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ އެއީ ﷲ ތަޢާލާއަށްޓަކައި މެނުވީ އެކަށީގެން ނުވާގޮތަށް، ނިކަމެތިވެ އަދަބުކުރުނީސްކޮށް އަޅުކަންކުރުމަށް ހުރުމުގެ ގޮތެކެވެ. އެއީ އަލް-ޙާފިޡު އިބްނު ޙަޖަރު، އަލް-ފަތުޙުގައި، ޢިލްމުވެރިންގެ ކިބައިން ކިޔާދެއްވި ގޮތަށެވެ.

އަދި އެއްވެސް މީހަކު، ކޮޓަރިކޮޅުގައި އަތް ކާއްތައިގެން ނުވަތަ އެތަން ވަށައިގެން ޠަވާފުކޮށްގެން، ﷲ އާ ކުއްތަންވުން ހުއްދަވެގެން ނުވެއެވެ. އަދި އެމީހަކުގެ ޙާޖަތް ފުއްދައިދިނުމަށް، ނުވަތަ އޭނާގެ ބަލިމީހާއަށް ޝިފާ ދެއްވުމާއި އަދި އެފަދަ ކަންކަމަށް ރަސޫލު ﷺ ގެ އަރިހުން އެދިގެން ނުވާނެތެވެ. އެހެނީ އެ ހުރިހާ ކަންކަންވެސް، ހަމައެކަނި އެއްކައުވަންތަ ﷲ ގެ ޙަޟްރަތުން މެނުވީ ނޭދެވޭނެއެވެ.

މަދީނާއަށް ޒިޔާރަތްކުރާ މީހާ، އެތަނުގައި ހުންނަ ދުވަސްވަރުގައި، ޤުބާ މިސްކިތަށް ޒިޔާރަތްކޮށް އެތަނުގައި ނަމާދުކުރުން މުސްތަޙައްބުވެ އެދެވިގެންވެއެވެ. އެހެނީ ނަބީ ﷺ ސަވާރުވެވަޑައިގެން، އަދި ފައިމަގުގައިވެސް އެތަނަށް ވަޑައިގަންނަވާ، ދެ ރަކްޢަތް ކުރައްވައެވެ. އަދި ސަހްލު ބްނު ޙުނައިފުގެ އަރިހުންވެއެވެ. އެބޭފުޅާ ވިދާޅުވިއެވެ: ﷲ ގެ ރަސޫލު ﷺ ޙަދީޘްކުރެއްވިއެވެ: "އެމީހެއްގެ ގެއިން ޠާހިރުވެގަނެ، ދެން ޤުބާ މިސްކިތަށް އައިސް، ފަހެ އެތަނުގައި ނަމާދެއް ކޮށްފިނަމަ؛ ޢުމްރާއެއްގެ އަޖުރުފަދަ އަޖުރެއް އޭނާއަށް ވެއެވެ." [6] [6] މި ޙަދީޘް ރިވާކުރެއްވީ އިބްނު މާޖާ، ނަމްބަރު (1412) ގައެވެ.

އަދި ފިރިހެނުން އަލް-ބަޤީޢުގެ ޤަބުރުސްތާނަށް -އެއީ މަދީނާގެ މަޤްބަރާއަށް- އަދި، ޝަހީދުންގެ ޤަބުރުތަކާއި، ޙަމްޒާ رضي الله عنه ގެ ޤަބުރުކޮޅަށް ޒިޔާރަތްކުރުން ސުންނަތް ވެގެންވެއެވެ. އެހެނީ ނަބީ ﷺ އެބޭކަލުންގެ ޤަބުރުތަކަށް ޒިޔާރަތްކުރައްވާ، އެބޭކަލުންނަށްޓަކައި ދުޢާކޮށްދެއްވައެވެ. އަދި އެއީ އެކަލޭގެފާނު ﷺ ގެ މި ބަސްފުޅަށްޓަކައިއެވެ: "ޤަބުރުތަކަށް ޒިޔާރަތްކުރުން ތިމަންކަލޭގެފާނުވާނީ (ކުރިން) ތިޔަބައިމީހުންނަށް ނަހީކުރައްވާފައިއެވެ. ދެންފަހެ (މި ޙިސާބުން ފެށިގެން) ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާރަތްކުރާށެވެ. ފަހެ ހަމަކަށަވަރުން، އެއީ ތިޔަބައިމީހުންނަށް އާޚިރަތް ހަނދުމަކޮށްދޭ ކަމެކެވެ." [7] [7] މި ޙަދީޘް ރިވާކުރެއްވީ އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި، ނަމްބަރު 1236 ގައެވެ.

އަދި އެހެން ޤަބުރުތަކަށް ޒިޔާރަތްކުރާހިނދުވެސް އޭނާ ކިޔާ ދުޢާ، އެ ޤަބުރުތަކަށް ޒިޔާރަތްކުރާހިނދުވެސް އޭނާ ކިޔާނީއެވެ: "السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ، مِنَ المُؤْمِنِينَ وَالمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ، يَرْحَمُ اللَّهُ المُسْتَقْدِمِينَ مِنَّا وَالمُسْتَأْخِرِينَ، نَسْأَلُ اللَّهَ لَنَا وَلَكُمُ العَافِيَةَ" (މާނައީ: އޭ މުއުމިނުންނާއި މުސްލިމުންގެ ތެރެއިން މި މަހާނަތަކުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުއްޓެވެ. އަދި ހަމަކަށަވަރުން އަހަރުމެންނީ ﷲ އިރާދަކުރެއްވިއްޔާ ތިޔަބައިމީހުންނާ އަރާހަމަކުރާނޭ މީހުންނެވެ. އަހަރުމެންގެ ތެރެއިން ކުރިން ދިޔަ މީހުންނަށާއި ފަހުން ދާނެ މީހުންނަށް ﷲ ރަޙްމަތްލައްވާށިއެވެ! ﷲ ގެ ޙަޟްރަތުން އަހަރުމެންނަށާއި ތިޔަބައިމީހުންނަށް ޢާފިޔަތު ދެއްވުމަށް އެދި ދަންނަވަމެވެ.)

އަދި ޝައްކެއް ނެތްގޮތުގައި ޤަބުރުތަކަށް ޒިޔާރަތްކުރުމުގެ މަޤްޞަދަކީ: އާޚިރަތް ހަނދުމަކުރުމާއި، މައްޔިތުންނަށް ހެޔޮދުޢާ ކޮށްދީގެން އެމީހުންނަށް އިޙްސާންތެރިވުމާއި، އަދި ނަބީ ﷺ ގެ ސުންނަތަށް ތަބަޢަވުމެވެ. އަދި ޝަރުޢީ ޒިޔާރަތްކުރުމަކީ މިއީ އެވެ.

ދެންފަހެ އެ ޤަބުރުތަކުގެ ގާތުގައި (ބަރަކާތްހުރިކަމަށް ދެކިގެން) ދުޢާކުރުމަށްޓަކައި، ނުވަތަ އެމީހުން މެދުވެރިކޮށް، ނުވަތަ އެމީހުންގެ ޖާހާއި މަޤާމު މެދުވެރިކޮށް، ﷲ ގެ ޙަޟްރަތަށް ކަންކަމު އެދުމަށްޓަކައި، އަދި އެފަދަ ކަންކަމަށްޓަކައި ޒިޔާރަތްކުރުމާ މެދުގައި ދަންނައެވެ. ފަހެ މިއީ ﷲ އަދި އެއިލާހުގެ ރަސޫލުވެސް ޝަރުޢުކުރައްވާފައި ނުވާ، އަދި ހެޔޮވެގެންވާ ސަލަފުންވެސް ކުރައްވާފައިނުވާ މުންކަރު ބިދުޢީ ޒިޔާރަތެކެވެ. އަދި އަނެއްކޮޅުން އެ މައްޔިތުންގެ ގާތުގައި ޙާޖަތްތައް ފުއްދާދިނުމަށް، ނުވަތަ ބަލިމީހުންގެ ބަލި ފަސޭހަކޮށްދިނުމަށް، އަދި އެފަދަ ކަންކަމު އެދުމާ މެދުގައި ދަންނައެވެ. ފަހެ އެކަންވަނީ ބޮޑު ޝިރުކުގެ ތެރެއިންނެވެ.

އޭ ކިޔުންތެރިޔާއެވެ! މި ބާބުގައި ހަދާފައިވާ ދޮގު މަޥްޟޫޢު ޙަދީޘްތަކުން ބައެއް ތަކެތި ތިބާއަށް އަދި ހުށަހަޅާލާނަމެވެ. އެއީ ތިބާ އެ ކަންކަން ދެނެގަނެ، އަދި އެ ޙަދީޘްތަކާމެދު ހެއްލުންތެރިވުމުން ހުށިޔާރުވެ ސަމާލުވުމަށްޓަކައެވެ:

ފުރަތަމައީ: "ޙައްޖުކޮށް، އަދި ތިމަންކަލޭގެފާނުގެ އަރިހަށް (އެބަހީ: ޤަބުރުކޮޅަށް) ޒިޔާރަތް ނުކުރި މީހާ؛ ފަހެ އޭނާ ތިމަންކަލޭގެފާނު ދުރުކޮށްލާ ބާކީކޮށްލައިފިކަން ކަށަވަރެވެ."

ދެވަނައީ: "ތިމަންކަލޭގެފާނު އަވަހާރަވުމަށް ފަހު ތިމަންކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރި މީހާ؛ ފަހެ ތިމަންކަލޭގެފާނު ދިރިހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރި މީހާފަދައެވެ."

ތިންވަަނައީ: "އެއް އަހަރެއްގެ ތެރޭގައި ތިމަންކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކޮށް، އަދި ތިމަންކަލޭގެފާނުގެ ބައްޕާފުޅު؛ އިބްރާހީމްގެފާނުގެ އަރިހަށް ޒިޔާރަތްކޮށްފި މީހާ، އޭނާއަށް ޖަންނަތު ހުރިކަމަށް ތިމަންކަލޭގެފާނު، ﷲ ގެ މައްޗަށް އޭނާއަށް ޖާމިނުވެ ގެރެންޓީދެއްވަމެވެ."

ހަތަރުވަނައީ: "ތިމަންކަލޭގެފާނުގެ ޤަބުރުކޮޅަށް ޒިޔާރަތްކޮށްފި މީހާއަށް، ތިމަންކަލޭގެފާނުގެ ޝަފާޢަތް އޭނާއަށް ވާޖިބުވެއްޖެއެވެ."

ފަހެ މި ޙަދީޘްތަކާއި، މިއާ ވައްތަރު ތަކެތިން އެއްވެސް އެއްޗެއް ނަބީ ﷺ ގެ އަރިހުން ޘާބިތުވެގެން ނުވެއެވެ. އަލް-ޙާފިޡު އަލް-ޢުޤައިލީ ވިދާޅުވިއެވެ: "މި ބާބުގައި އެއްވެސް އެއްޗެއް ޞައްޙަވެގެން ނުވެއެވެ." އަދި އަލް-ޙާފިޡު އިބްނު ޙަޖަރު، އައް-ތަލްޚީޞްގައި -މީގެ ގިނަ ރިވާޔަތްތައް ޛިކުރުކުރުމަށް ފަހުގައި- ވިދާޅުވިއެވެ: "މި ޙަދީޘްގެ ހުރިހާ މަގުތަކެއްވަނީ ޟަޢީފް ބަލިކަށިވެގެންނެވެ." ޙައްޖު ނުވަތަ ޢުމްރާގެ ކުރިންވެސް ނުވަތަ ފަހުންވެސް، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމަކީ، ޙައްޖު ނުވަތަ ޢުމްރާގެ ސުންނަތްތަކުގެ ތެރެއިންވާ، ނުވަތަ އެ ދެކަންތައް ފުރިހަމަކޮށްދޭ ކަމެއްވެސް ނޫނެވެ. އެހެނީ މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމަކީ، މުޠުލަޤުކޮށް މުސްތަޙައްބުވެ އެދެވިގެންވާ ކަމެކެވެ. ދެންފަހެ ޙައްޖުވެރިޔާ ނުވަތަ ޢުމްރާވެރިޔާ އެ މިސްކިތަށް ޒިޔާރަތް ނުކުރިނަމަވެސް، ފަހެ އޭނާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި ޙައްޖުވުން ނުވަތަ ޢުމްރާކުރުމާ، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމާ އެއްވެސް ގުޅުމެއް ނުވެއެވެ. ފަހެ އެއީ ވަކިވެގެންވާ މުސްތަޤިއްލު އަޅުކަންތަކެކެވެ. ފަހެ އެގޮތުން ޙައްޖު ނުވަތަ ޢުމްރާކޮށްފި މީހާ، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުން އޭނާއަށް ލާޒިމްވެގެން ނުވެއެވެ. އަދި ހަމަ އެގޮތަށް، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާ މީހަކު، ޙައްޖު ނުވަތަ ޢުމްރާ ކުރާކަށްވެސް ލާޒިމެއް ނުވެއެވެ. އަދި ޙައްޖާއި ޢުމްރާއާއި، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުން އެއް ދަތުރެއްގައި ޖަމަޢަކުރިޔަސް، ފަހެ މައްސަލައެއް ނެތެވެ.

މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގައި ހިނގާ (ދީނާއި ޝަރުޢާ) ޚިލާފުވެގެންވާ މުޚާލަފާތުތައް

ރަސޫލު ﷺ ގެ ޤަބުރުކޮޅަށް ޒިޔާރަތްކުރާހިނދު ބަރަކާތް ޙާޞިލުކުރުމުގެ ގޮތުން، ފާރުތަކުގައްޔާއި ދަގަނޑު ދަނޑިތަކުގައި އަތްލައި ބީހި، ރޮދިފަށްފަށާއި އެފަދަ ތަކެތި ކުޑަދޮރުތަކުގައި އައްސާ ހެދުމެވެ.

އަދި ބަރަކާތްވަނީ، ﷲ އާއި އެއިލާހުގެ ރަސޫލު ﷺ ޝަރުޢުކުރެއްވި ގޮތުގައެވެ. ބިދުޢަތަކުގައެއް ނޫނެވެ.

އުޙުދު ފަރުބަދައިގެ ހޮހޮޅަތަކާއި، އެފަދައިން ޙިރާ ފަރުބަދައާއި އަދި މައްކާގެ ޘަޥްރު ފަރުބަދައިގެ ހޮހޮޅައަށް ގޮސް، އެތަންތަނުގައި ފޮތިފޮތި އައްސާ، އަދި ﷲ އިޛްނަ ދެއްވާފައި ނުވާ ފާޑުފާޑުގެ ދުޢާތަކުން ދުޢާކޮށް، އަދި އެކަމުގައި އުނދަގުލާއި ބުރަ އުފުލުމެވެ.

އަދި މި ހުރިހާ ކަމަކީ، ޠާހިރުވެގެންވާ ޝަރުޢުގައި އެ ކަންކަމަށް އެއްވެސް އަޞްލެއް ނުވާ ހުސް ބިދުޢައެވެ.

ރަސޫލު ﷺ ގެ އަޘަރުތަކެއްކަމުގައި އެމީހުން ދަޢުވާކުރާ ބައެއް ތަންތަނަށް ޒިޔާރަތްކުރުމެވެ. މިޘާލަކަށް (އެކަލޭގެފާނުގެ) ޖަމަލު ބަނޑުޖެހިކަމަށްވާ ތަނާއި، "ބިއުރު އަލް-ޚާތަމު" (ރަސޫލު ﷺ ގެ އަނގޮޓިކޮޅު ވެއްޓުނުކަމަށް ބުނާ ވަޅު) ނުވަތަ ބިއުރު ޢުޘްމާނަށް ޒިޔާރަތްކޮށް، އަދި ބަރަކާތް ހޯދުމަށްޓަކައި މި ތަންތަނުން ވެލި ނެގުމެވެ.

އަލް-ބަޤީޢުގެ ޤަބުރުތަކާއި، އުޙުދުގެ ޝަހީދުންގެ މަޤުބަރާއަށް ޒިޔާރަތްކުރާހިނދު މައްޔިތުންނަށް ދުޢާކުރުމާއި، އެ ޤަބުރުތަކަށް ކުއްތަންވެ، އަދި އެ ޤަބުރުތަކުގެ އަހުލުވެރިންގެ ކިބައިން ބަރަކާތް ހޯދުމަށްޓަކައި އެ ތަންތަނުގައި ލާރި އުކުމެވެ.

އަދި މިއީ ބޮޑެތި ބިޔަ ކުށްތަކުގެ ތެރެއިން، ކިއެއްތަ، ބޮޑު ޝިރުކުގެ ތެރެއިންވާ ކަންކަމެވެ. އެއީ ޢިލްމުގެ އަހުލުވެރިން ޛިކުރުކުރެއްވި ގޮތަށެވެ. އަދި ﷲ ގެ ފޮތާއި އެއިލާހުގެ ރަސޫލު ﷺ ގެ ސުންނަތުން އެކަމުގެ މައްޗަށް ދަލީލުކުރި ގޮތަށެވެ. އެހެނީ އަޅުކަންވަނީ، ހަމައެކަނި ﷲ އަށެވެ. އެއިން އެއްވެސް ކަމެއް، މިޘާލަކަށް ދުޢާކުރުމާއި ޤުރުބާންކޮށް ކަތިލުމާއި ނަދުރުބުނުމާއި އަދި އެފަދަ އެއްވެސް ކަމެއް އެއިލާހު ފިޔަވައި އެހެން ފަރާތަކަށް އަނބުރާލުން ހުއްދަވެގެން ނުވެއެވެ. އެއީ އެއިލާހުގެ މި ބަސްފުޅަށްޓަކައިއެވެ: {وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ} މާނައީ: "އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް ދީން ޚާލިޞްކުރާ ޙާލު އެއިލާހުއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ." [އަލް-ބައްޔިނާ: 5].

އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އަހަރުމެންގެ ނަބީ މުޙައްމަދުގެފާނުގެ މައްޗަށާއި، އެކަލޭގެފާނުގެ އާލުންގެ މައްޗަށާއި، އަދި އެކަލޭގެފާނުގެ އެންމެހާ އަޞްޙާބުންގެ މައްޗަށް، ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. والله أعلم، وصلى الله وسلم على نبينا محمد، وعلى آله وصحبه أجمعين.