މަސްޖިދުއް ނަބަވީގެ އިތުރު މާތްކަމާއި އަދަބުތަކާއި، އަދި ނަބިއްޔާ ﷺ ގެ ޤަބުރުފުޅާއި އެކަލޭގެފާނުގެ ދެ ޞާޙިބުން رضي الله عنهما ގެ ޤަބުރުފުޅަށް ޒިޔާރަތްކުރުމުގެ ޙުކުމްތައް
މި ފޮތުގައި މަސްޖިދުއް ނަބަވީގެ އިތުރު މާތްކަމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް ބަޔާންކޮށްދެއެވެ. ހަމައެފަދައިން، ނަބިއްޔާ ﷺ ގެ ޤަބުރުފުޅަށާއި، އެކަލޭގެފާނުގެ ދެ ޞާޙިބުން رضي الله عنهما ގެ ދެ ޤަބުރުފުޅަށް ޒިޔާރަތްކުރުމުގެ އަދަބުތައްވެސް ހުށަހަޅާދެއެވެ. އެއީ ޒިޔާރަތްކުރުމުގެ ތެރޭގައި، މަޑުމައިތިރިވެ ޠާހިރުކަންމަތީގައި ދެމިތިބުމާއި، އަދި ބިދުޢަވެރި ޢަމަލުތަކުން ދުރުހެލިވުމުގެ މުހިއްމުކަމުގެ މައްޗަށް ބާރުއެޅުމާ އެކުގައެވެ.
This PDF is generated automatically from the book's text; its layout may differ from the printed edition.
މަސްޖިދުއް ނަބަވީގެ ފަޟާއިލުތަކާއި އަދަބުތަކާއި، އަދި ނަބިއްޔާ ﷺ ގެ ޤަބުރުފުޅަށާއި، އެކަލޭގެފާނުގެ ދެ ޞާޙިބުން رضي الله عنهما ގެ ޤަބުރުފުޅަށް ޒިޔާރަތްކުރުމުގެ ޙުކުމްތައް
ތައްޔާރުކުރީ
މަސްޖިދުލް ޙަރާމް އާއި މަސްޖިދުއް ނަބަވީގެ ދީނީ ކަންތަކާ ބެހޭ މަޖްލީހުގެ ރިޔާސަތުގެ ދަށުންވާ ޢިލްމީ ކޮމިޓީ
1447ހ
މުޤައްދިމާ
ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ކަލޭގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާ، އަދި ޤިޔާމަތާ ހަމައަށް އެކަލޭގެފާނުގެ ސުންނަތުގައި ހިފައި، އެކަލޭގެފާނުގެ ހިދާޔަތުން ހިދާޔަތް ލިބިގަތް މީހުންވެސް މި ޞަލަވާތުގައި ޝާމިލުކުރަމެވެ. އެއަށްފަހު ދަންނައެވެ:
ފަހެ މިއީ، މަސްޖިދުއް ނަބަވީގެ އެންމެ މުހިއްމު މާތް ކަންތަކާއި، އެ ތަނަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި، އަދި ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ ދެ އެކުވެރިންގެ ޤަބުރުފުޅުތަކަށް ޒިޔާރަތްކުރުމުގެ އަދަބުތައް ހިމެނޭ ކުރު ރިސާލާއެކެވެ. އަހަރުމެން އެ ކަންކަން ޖަމަޢަކުރީ، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާ މީހުންނަށްޓަކައެވެ. އެއީ މި އުއްމަތުގެ ނަބިއްޔާ ﷺ ގެ މިސްކިތްކޮޅުގެ މާތްކަމާއި، އެ ތަނަށް ޒިޔާރަތްކުރުމާއި އެތަނުގައި ނަމާދުކުރުމުގެ އަދަބުތަކާމެދު ޢިލްމާއި ބަޞީރަތުގެ މަތީގައި އެމީހުން ވުމަށްޓަކައެވެ. މިކަން މިކުރަނީ މިއިން ފައިދާކުރުމަށާއި، ޞާލިޙު ޢަމަލެއްކަމުގައި ލެއްވުމަށާއި، އަދި އެއިލާހުގެ ވަޖްހުފުޅު އެދިގެން ޚާލިޞްކޮށް ކުރެވުނު ކަމެއްކަމުގައި ލެއްވުން އެދި، ދީލަތިވަންތަ، ގިނަގިނައިން ދެއްވާ އިލާހުގެ ޙަޟްރަތުގައި ދަންނަވާ ޙާލުގައެވެ. ހަމަކަށަވަރުން އެއިލާހުއީ (ކަންކަމަށް އެދި) ސުވާލުވެވޭ އެންމެ ހެޔޮ ފަރާތެވެ. އަދި (ހެޔޮކަމަށް އެދި އެ ފަރާތެއްގެ ޙަޟްރަތުން) އުއްމީދުކުރެވޭ އެންމެ މާތް ފަރާތެވެ.
ޢިލްމީ ކޮމިޓީ
ފުރަތަމައަށް: މަސްޖިދުއް ނަބަވީގެ މާތްކަންތައް
الله ތަޢާލާ ވަޙީކުރެއްވިއެވެ: ﴿وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِيَرَةُۚ سُبۡحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشۡرِكُونَ﴾ މާނައީ: "ކަލޭގެފާނުގެ ވެރިރައްބު، އެއިލާހު އިރާދަކުރައްވާ އެއްޗެއް ހައްދަވައި، އަދި އިޚްތިޔާރު ކުރައްވަތެވެ. އެއުރެންނަކަށް އިޚްތިޔާރު ލިބިގެނެއް ނުވެއެވެ. އެއުރެން ޝަރީކުކުރާ ތަކެތިން ﷲ ހުސްޠާހިރުވެ، މަތިވެރިވެވޮޑިގެންވެއެވެ." [އަލް-ޤަޞަޞް: 68]، ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ މިތަން އެއިލާހުގެ ނަބިއްޔާ ﷺ އަށްޓަކައިވާ މިސްކިތެއްގެ ގޮތުގައިވުމަށް އިޚްތިޔާރުކުރައްވައި، ގިނަގުނަ މާތްކަންތަކަކުން ޚާއްޞަކުރައްވާފައެވެ. އޭގެ ތެރޭގައި:
އެއީ، އެ ތަންތަނަށް ދަތުރުހަދައިގެން ދެވޭ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތްކަމެވެ:
އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ފޯރާފައިވާކަމަށެވެ: "ތިން މިސްކިތަކަށް މެނުވީ ދަތުރުމަތި ނުހެދޭނެއެވެ: ތިމަންކަލޭގެފާނުގެ މި މިސްކިތްކޮޅާއި، މަސްޖިދުލް ޙަރާމްއާއި، އަދި މަސްޖިދުލް އަޤްޞާއެވެ." [1]. [1] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަމްބަރު 1189 ގައެވެ. އަދި މުސްލިމް، ނަމްބަރު 1397 ގައެވެ. އަދި މިއީ މުސްލިމްގެ ލަފްޒެވެ.
އެތާނގައި (ނަބަވީ މިސްކިތުގައި) ކުރާ ނަމާދު، މަސްޖިދުލް ޙަރާމް ފިޔަވައި، އެ ނޫން ތަންތާނގައި ކުރާ އެއްހާސް ނަމާދަށްވުރެ ހެޔޮވެގެންވެއެވެ.
އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ކަމުގައެވެ: "ތިމަންކަލޭގެފާނުގެ މި މިސްކިތްކޮޅުގައި ކުރާ ނަމާދެއް، އެނޫން އެހެން ހުރިހާ ތަނެއްގައި ކުރާ އެއް ހާސް ނަމާދަށްވުރެ ހެޔޮވެގެންވެއެވެ. އެއީ މަސްޖިދުލް-ޙަރާމް ފިޔަވައެވެ." [2]. [2] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަމްބަރު 1190 ގައެވެ. އަދި މުސްލިމް، ނަމްބަރު 1395 ގައެވެ. އަދި މި ލަފުޒު ވަނީ އަލް-ބުޚާރީ އަށެވެ.
އެއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ތަޤުވާވެރިކަމުގެ މައްޗަށް ބިންގާ އެޅިގެންވާ މިސްކިތް:
އެގޮތުން އަބޫ ސަޢީދުލް-ޚުދްރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: އެބޭފުޚާ ވިދާޅުވިއެވެ: އަހަރެން، ﷲ ގެ ރަސޫލާ ﷺ ގެ އަރިހަށް ވަނީމެވެ. އެއީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ތެރެއިން ބޭކަނބަލެއްގެ ގެކޮޅެއްގައެވެ. ދެން، އަހަރެން ދެންނެވީމެވެ: "އޭ ﷲ ގެ ރަސޫލާއެވެ، ތަޤްވާގެ މައްޗަށް ބިންގާއެޅިފައިވަނީ ދެ މިސްކިތުގެ ތެރެއިން ކޮން މިސްކިތެއްތޯއެވެ؟" - (އަބޫ ސަޢީދު) ވިދާޅުވިއެވެ: - ދެން، އެކަލޭގެފާނު ކުދި ހިލަ މުށެއް ނަންގަވައި، އެއިން ބިންގަނޑުގައި ޖެއްސެވުމަށްފަހު، ޙަދީޘްކުރެއްވިއެވެ: "އެއީ ތިޔަބައިމީހުންގެ މިހިރަ މި މިސްކިތެވެ." އެއީ މަދީނާގެ މިސްކިތްކޮޅަށެވެ. [3]. [3] މި ޙަދީޘް ނެރުއްވީ މުސްލިމް، ނަމްބަރު (1398) ގައެވެ.
އެ މިސްކިތުގައި ޢިލްމު އުނގެނުމުގެ އަޖުރު، ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދެއްގެ އަޖުރާ އެއްފަދައެވެ:
އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: "ތިމަންކަލޭގެފާނުގެ މި މިސްކިތްކޮޅަށް، ހެޔޮކަމެއް އުނގެނުމަށް ނުވަތަ އުނގަންނައިދިނުމަށްޓަކައި މެނުވީ ނާންނަ މީހާ؛ ފަހެ އޭނާ ވަނީ ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދެއްގެ ދަރަޖައިގައެވެ. އަދި އެ ނޫން ކަމަކަށް އަތުވެއްޖެ މީހާ، ފަހެ، އެމީހާ ވަނީ އެހެން މީހެއްގެ މުދަލަށް ބަލަން ހުންނަ މީހެއްގެ މަންޒިލުގައެވެ."[4]. [4] މި ޙަދީޘް ނެރުއްވީ އިބްނު މާޖާ، ނަމްބަރު (227) ގައި ޞައްޙަ ސަނަދަކުންނެވެ.
އެތަނުގައި ޝަރަފުވެރިވެގެންވާ ރަޥްޟާވެއެވެ:
އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ ގެކޮޅާއި ތިމަންކަލޭގެފާނުގެ މިންބަރުކޮޅާ ދެމެދުގައިވަނީ: ޖަންނަތުގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެކެވެ. އަދި ތިމަންކަލޭގެފާނުގެ މިންބަރުކޮޅު ވަނީ ތިމަންކަލޭގެފާނުގެ ޙައުޟު (ޤިޔާމަތްދުވަހު އެކަލޭގެފާނަށް ދެއްވިގެންވާ ފެންގަނޑު) ގެ މަތީގައެވެ."[5]. [5] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަމްބަރު 1195 ގައެވެ. އަދި މުސްލިމް، ނަމްބަރު 1390 ގައެވެ.
ދެވަނައީ: ޝަރަފުވެރި މަސްޖިދުއް-ނަބަވީއަށް ޒިޔާރަތްކުރުން އެދެވި މުސްތަޙައްބުކަން
މި މާތްކަންތަކާއި އެނޫންވެސް ކަންކަމަށްޓަކައި، މަސްޖިދުއް-ނަބަވީގައި ނަމާދުކުރުމަށާއި އަޅުކަންކުރުމަށް ޒިޔާރަތްކުރުން މުސްތަޙައްބުވެގެންވެއެވެ.
- ފަހެ އެގޮތުން ޙައްޖުވެރިޔާއަށާއި އެނޫން މީހުންނަށް، ޙައްޖުގެ ކުރިން ނުވަތަ ފަހުންވެސް މަސްޖިދުއް-ނަބަވީއަށް ޒިޔާރަތްކުރުން ސުންނަތްވެގެންވެއެވެ. އަދި މި ޒިޔާރަތަކީ، ޙައްޖުގެ ޝަރުޠުތަކުގެ ތެރެއިން، ނުވަތަ އޭގެ ރުކުންތަކުގެ ތެރެއިން، ނުވަތަ އޭގެ ވާޖިބުތަކުގެ ތެރެއިންވާ ކަމެއްވެސް ނޫނެވެ. އަދި ޙައްޖާ މިކަމާ އެއްވެސް ގުޅުމެއްވެސް ނުވެއެވެ.
- އަދި ނަބިއްޔާ ﷺ ގެ މިސްކިތްކޮޅަށް ޒިޔާރަތްކުރުމަށް، ވަކި ޢަދަދަކަށް ނަމާދުކުރާކަށް، ނުވަތަ މަދީނާގައި ވަކި މުއްދަތަކަށް ޤާއިމުވެގެން ހުންނާކަށް ޝަރުޠުވެގެން ނުވެއެވެ. ކިއެއްތަ، ފަރުޟެއްވިޔަސް ސުންނަތެއްވިޔަސް، (އެތަނުގައި) އެންމެ ނަމާދެއް ކުރުމުންވެސް އެ ޒިޔާރަތް ޙާޞިލުވެއެވެ. ނަމަވެސް، އެތަނުގައި ކުރާ ނަމާދު ގިނަވިވަރަކަށް، އަޖުރުވެސް އިތުރުވެއެވެ.
- މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރާ މީހާ، އެތަނުގައި ހުރިހާ ފަރުޟު ނަމާދުތަކާއި، އަދި ސުންނަތް ނަމާދުތައްވެސް އަދާކުރުން މުސްތަޙައްބުވެގެންވެއެވެ. އެއީ ކުރިން އިސްވެފައިވާ ފަދައިން، އެތަނުގައި ކުރާ ނަމާދު، މަސްޖިދުލް-ޙަރާމް ފިޔަވައި، އެ ނޫން މިސްކިތްތަކުގައި ކުރާ އެއްހާސް ނަމާދަށްވުރެ ހެޔޮވެގެންވާތީއެވެ.
ތިންވަނައީ: މަސްޖިދުއް-ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތައް
މުސްލިމްމީހާ މަސްޖިދުއް-ނަބަވީއަށް އަތުވެއްޖެނަމަ، ފަހެ ޢާއްމުކޮށް މިސްކިތްތަކާއި އަދި ޚާއްޞަކޮށް މަސްޖިދުއް-ނަބަވީއާ ގުޅުންހުރި ޝަރުޢީ އަދަބުތަކުން ޒީނަތްތެރިވުން އޭނާއަށް އެދެވި މުސްތަޙައްބުވެގެންވެއެވެ. އެއީ:
މަޑުމައިތިރިކަމާއި ހަމަހިމޭންކަމާއެކު، ޠާހިރުވެ، ރިވެތި ޞިފައެއްގައި، އަދި މީރުވަސް ދުވާ ޙާލުގައި މިސްކިތަށް އައުމެވެ. އެގޮތުން، އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ނަމާދަށް ޤަމަތްދެވިއްޖެނަމަ؛ ފަހެ ތިޔަބައިމީހުން އަވަސްއަރުވާގަނެގެން ނަމާދަށް ނާންނަހުށިކަމެވެ. އެކަމަކު ތިޔަބައިމީހުން ހަމަހިމޭންކަމާއެކު ނަމާދަށް އަންނަހުށިކަމެވެ. ދެންފަހެ ތިޔަބައިމީހުންނަށް ނަމާދުން ލިބުނު މިންވަރެއް ކުރާނީއެވެ. އަދި ތިޔަބައިމީހުންނަށް ފާއިތުވި މިންވަރެއް ފުރިހަމަކުރާނީއެވެ. ފަހެ ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު ނަމާދަށް އައުމަށް ޤަޞްދުކޮށް ކުރިމަތިލައިފިނަމަ؛ ފަހެ އޭނާ އެވަނީ ނަމާދުގައެވެ." [6]، އަބޫ ސަޢީދުލް-ޚުދްރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: “ހުކުރު ދުވަހު ހިނައިގަތުމަކީ ބާލިޣުވެފައިވާ ކޮންމެ މީހެއްގެ މައްޗަށްވާ ވާޖިބެކެވެ. އަދި ސިވާކުކޮށް، އަދި އޭނާއަށް ލިބިއްޖެނަމަ، ހުވަނދުލާ ހުއްޓެވެ.”[7]، އަންހެނާއާމެދު ދަންނައެ، އެކަނބުލޭ މިސްކިތަށް އަތުވެއްޖެނަމަ؛ އެކަނބުލޭގެ ޙިޖާބުން ނިވާވެ ފަރުދާވެގެންވުން ވާޖިބުވެގެންވެއެވެ. އަދި އެކަނބުލޭގެ މީރުވަސްދުވާ ތަކެތި ނުވަތަ ޢަތަރު ލުން ހުއްދަވެގެންނުވެއެވެ. އެއީ ނަބިއްޔާ ﷺ ގެ ބަސްފުޅަށްޓަކައެވެ: «ތިޔަ ކަނބަލުންގެ ތެރެއިން ކަނބަލަކު މިސްކިތަށް ހާޟިރުވެއްޖެނަމަ؛ ފަހެ މީރުވަސްދުވާ އެއްޗެއް ނުލާހުށިކަމެވެ.»[8]. [6] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަމްބަރު 636 ގައެވެ. އަދި މުސްލިމް، ނަމްބަރު 602 ގައެވެ. [7] އެޙަދީޘްގެ މައްޗަށް އިއްތިފާޤުވެފައެވެ. އެއީ އަލް-ބުޚާރީ، ނަމްބަރު: (846)، އަދި މުސްލިމް، ނަމްބަރު: (858) ގައެވެ. އަދި އަލް-މުޙްތަލިމްއަކީ ބާލިޣުވެފައިވާ މީހާއެވެ. [8] މި ޙަދީޘް ނެރުއްވީ މުސްލިމް ނަމްބަރު 443 ގައެވެ.
މަސްޖިދުއް-ނަބަވީއަށް ވަންނައިރު ކަނާތުފައި އިސްކުރުމާއި، މިސްކިތަށް ވަނުމުގެ ދުޢާ ކިޔުން. ފަހެ އެގޮތުން ޒިޔާރަތްކުރާ މީހާ، އެހެނިހެން މިސްކިތްތަކެކޭ އެއްފަދައިން މަސްޖިދުއް-ނަބަވީއަށް ވަންނައިރުވެސް، އޭނާގެ ކަނާތުފައި އިސްކުރުން މުސްތަޙައްބުވެގެންވެއެވެ. އަދި އޭނާ މި ދުޢާ ކިޔާނީއެވެ: «بِسْمِ اللَّهِ، وَالسَّلَامُ عَلَى رَسُولِ اللَّهِ، اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ»[9]، މާނައީ: "ﷲ ގެ އިސްމުފުޅުން ވަންނަމެވެ. އަދި ﷲ ގެ ރަސޫލާގެ މައްޗަށް ސަލާމްހުއްޓެވެ. ﷲ އޭވެ! މި އަޅާގެ ފާފަތައް ފުއްސަވާށިއެވެ! އަދި އިބަ އިލާހުގެ ރަޙްމަތުގެ ދޮރުކޮޅުތައް މި އަޅާއަށްޓަކައި ހުޅުއްވާދެއްވާށިއެވެ." [9]، އަދި ހަމައެފަދައިން މިހެން ކިޔާހުށިކަމެވެ: «أَعُوذُ بِاللَّهِ العَظِيمِ، وَبِوَجْهِهِ الكَرِيمِ، وَسُلْطَانِهِ القَدِيمِ، مِنَ الشَّيْطَانِ الرَّجِيمِ»[10]. މާނައީ: "މަތިވެރި ﷲ ގެ ޙަޟްރަތުން، އަދި އެކަލާނގެ މާތްވެގެންވާ މޫނުފުޅާއި، އެއިލާހު އިސްވެގެންވާ ބާރު މެދުވެރިކޮށް: ލަޢުނަތް ލެއްވި ރަޙްމަތުން ފައްސާލެވިގެންވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދެމެވެ." [9] މި ޙަދީޘް ނެރުއްވީ އިބްނު މާޖާ، ނަމްބަރު (771) ގައި، ޞައްޙަ ސަނަދަކުންނެވެ. [10] މި ޙަދީޘް ނެރުއްވީ އަބޫ ދާވޫދު، ނަމްބަރު (466) ގައި، ޞައްޙަ ސަނަދަކުންނެވެ.
މިސްކިތުގެ ތަޙިއްޔާ އަދާކުރުން: މަސްޖިދުއް-ނަބަވީއަށް ނަމާދުކުރުމަށް ވަންނަ މީހަކު، އިށީންނުމުގެ ކުރިން ތަޙިއްޔަތުލް-މަސްޖިދުގެ ދެ ރަކްޢަތް ކުރުން ސުންނަތްވެގެންވެއެވެ. އެގޮތުން، އަބޫ ޤަތާދާ އަލް-ޙާރިޘް ބްނު ރިބްޢިއްޔު އަލް-އަންޞާރީ رضي الله عنه، ވިދާޅުވިއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: “ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަދެއްޖެނަމަ؛ ފަހެ ދެ ރަކުޢަތް ނަމާދުކޮށްފުމަށް ދާންދެން ނުއިށީންނަހުށިކަމެވެ.”[11]. [11] މުއްތަފަޤުން ޢަލައިހި. ރިވާކުރެއްވީ އަލް-ބުޚާރީ، ނަމްބަރު: (1171) ގައެވެ. އަދި މުސްލިމް، ނަމްބަރު: (714) ގައެވެ.
ފުރަތަމަ ސަފުތަކުގައި ނަމާދުކުރުމަށް ފަރުވާބެހެއްޓުން. އެއީ އެ ސަފުތަކުގައިވާ ބޮޑުވެގެންވާ މާތްކަމަށްޓަކައެވެ. އަދި އެ ސަފުތަކަށް ދިޔުމަށް ކުރިޔާލައި އަވަސްވެގެން މެނުވީ އެކަން ނުވާނެއެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘްގައި، ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް އައިސްފައިވާތީއެވެ: "މީސްތަކުންނަށް ބަންގިއާއި ފުރަތަމަ ސަފުގައިވާ ކަންކަން އެނގޭނަމަ؛ ދެން އެކަމަށް ގުރުއަތު ލައިގެން މެނުވީ އެކަން ނުވީނަމަ، އެމީހުން އެކަންވެސް ކުރީހެވެ."[12]، އަދި އެކަލޭގެފާނު ﷺ އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم އަށް ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައެވެ: “ތިޔަބައިމީހުން ކުރިއަށް ޖެހި، ތިމަންކަލޭގެފާނު އިމާމެއްގެ ގޮތުގައި ބަލައިގެން ތަބަޢަވާށެވެ. އަދި ތިޔަބައިމީހުންގެ ފަހުން ދެންތިބި މީހުން ތިޔަބައިމީހުންނަށް ތަބަޢަވާހުށިކަމެވެ. ބަޔަކުމީހުން ފަހަތަށް ޖެހި ލަސްވުމުގައި ދެމިތިބެއެވެ. އެހެންގޮސް ﷲ އެމީހުން ފަސްކުރައްވައިފުމަށް ދާންދެނެވެ.”[13]. [12] މުއްތަފަޤުން ޢަލައިހި. ރިވާކުރެއްވީ އަލް-ބުޚާރީ، ނަމްބަރު: (615) ގައެވެ. އަދި މުސްލިމް، ނަމްބަރު: (437) ގައެވެ. [13] މި ޙަދީޘް ނެރުއްވީ މުސްލިމް ނަމްބަރު 438 ގައެވެ.
ދެންފަހެ އަންހެނުންނަށް ބަލާއިރު، އެކަނބަލުންނަށް އެންމެ ހެޔޮވެގެންވަނީ އެންމެ ފަހަތު ސަފުތަކުގައި ނަމާދުކުރުމާއި، ފިރިހެނުންނާ ދުރުގައި ތިބުމެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘަށްްޓަކައިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ފިރިހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ އެންމެ ކުރީ ސަފެވެ. އަދި އެންމެ ނުބައިވެގެންވަނީ އެންމެ ފަހަތު ސަފެވެ. އަދި އަންހެނުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ އެންމެ ފަހަތު ސަފެވެ. އަދި އެންމެ ނުބައިވެގެންވަނީ ކުރީ ސަފެވެ.”[14]، ނަމަވެސް، އެ އަންހެންތަކުން ވަކިން ނަމާދުކުރާނަމަ، ނުވަތަ -މަސްޖިދުއް ނަބަވީގައި ވާ ފަދައިން- އެ އަންހެންތަކުންނާއި ފިރިހެނުންނާ ދެމެދު ފަރުދާއެއް ވާނަމަ، ފަހެ އެހިނދުން އެކަނބަލުންގެ ސަފުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ އެންމެ ކުރީ ސަފެވެ. އެއީ އެކަމުގައިވާ ޢިއްލަތް ނެތިގެންދާތީއެވެ. [14] މި ޙަދީޘް ނެރުއްވީ މުސްލިމް ނަމްބަރު 440 ގައެވެ.
އިމާމުގެ ފަހަތުގައި ނަމާދުކުރުމާއި، އޭނާގެ ކުރިއަށް އެރުމާމެދު ހުށިޔާރުވެ ދުރުވުން. އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: «ހަމަކަށަވަރުން އިމާމު ޢައްޔަނުކުރެވުނުކަން ކަށަވަރީ އޭނާއަށް ތަބަޢަވެވުމަށެވެ» [15]. [15] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަންބަރު 722 ގައެވެ. އަދި މުސްލިމް، ނަމްބަރު 417 ގައެވެ.
ނަމާދުކުރާ މީހާ އިމާމުގެ ކުރިއަށް އެރުން ހުއްދަވެގެން ނުވެއެވެ. އެއީ ޟަރޫރީ ޙާލަތެއްގައި، ނަމާދުކުރާ މީހުންނާގެން މިސްކިތް ފުރިފައިވުމުގެ ސަބަބުން، އިމާމުގެ ކުރިމަތިން ފިޔަވައި ނަމާދުކުރާނޭ ޖާގައެއް ނުލިބޭ ޙާލަތުގައި މެނުވީއެވެ.
ސަފުތަކުގެ ދޭތެރޭގައި ހުންނަ ހުސްތަންތަން ފުރުމަށާއި، ސަފުތައް ސީދާކުރުމަށް ސަމާލުކަންދިނުން. އެކަމަކު އެއީ މީސްތަކުންނާ ތޮއްޖެހި އެމީހުންނަށް ދަތި އުނދަގޫކުރުމާއި، އެމީހުންގެ ކަނދުރާތައް ހުރަސްކުރުމާއި، އަދި ނަމާދަށް ތިބޭ މީހުންގެ ކުރިމަތިން ހުރަސްކުރުން ފަދަ ކަންކަމުން ރައްކާތެރިވުމާއެކުގައެވެ. އެހެނީ އެކަންކަމުގެ ސަބަބުން އޭނާ ފާފައަށް ވައްޓާލާނެއެވެ.
ޝަރަފުވެރި ރަޥްޟާގައި ނަމާދުކުރަން ފަހިވެ ފަސޭހަވެއްޖެ މީހަކު އެތަނުގައި ނަމާދުކުރުން. އެއީ އަބޫ ހުރައިރާ رضي الله عنه، ނަބިއްޔާ ﷺ ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘަށްޓަކައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ ގެކޮޅާއި ތިމަންކަލޭގެފާނުގެ މިންބަރުކޮޅާ ދެމެދުގައިވަނީ: ޖަންނަތުގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެކެވެ. އަދި ތިމަންކަލޭގެފާނުގެ މިންބަރުކޮޅު ވަނީ ތިމަންކަލޭގެފާނުގެ ޙަޥްޟުކޮޅުގެ މަތީގައެވެ."[16]. [16] މުތައްފަޤުން ޢަލައިހި. (އަލް-ބުޚާރީ އާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.) އަލް-ބުޚާރީ، ނަމްބަރު 1195 ގައެވެ. އަދި މުސްލިމް، ނަމްބަރު 1390 ގައެވެ.
ރަޥްޟާގައި ނަމާދުކުރުމުގެ މާތްކަމާ ގުޅޭގޮތުން ވަކި ޚާއްޞަ މާތްކަމެއް ވާރިދުވެފައެއް ނުވެއެވެ. އެހެނެއްކަމަކު -ކުރިން އިސްވެދިޔަ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘުން ދަލީލުކުރި ފަދައިން- އެއީ ޖަންނަތުގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްކަން ޘާބިތުވެފައިވެއެވެ. އަދި އަޅުކަމެއް ކުރެވޭ ޒަމާނާއި ތަނުގެ މާތްކަމުން، އަޅުކަންތައްވެސް މާތްވެ ހެޔޮވެގެންދެއެވެ.
* ޒިޔާރަތްކުރާ މީހާ، ރަޥްޟާގައި ނަމާދުކުރުމަށް މުނާސަބު ވަޤުތުތައް އިޚްތިޔާރުކޮށް، ތޮއްޖެހުން މަދު ވަޤުތުތަކަށް ފަރުވާތެރިވެ ބަލަންވާނެއެވެ. ފަހެ، އެތަނުގައި ނަމާދުކުރުމުގެ ބޭނުމުގައި، އޭނާގެ މުސްލިމު އަޚުންނަށް ދަތިކޮށް ތޮއްޖެހުމާއި، މީސްތަކުންގެ ކޮނޑުތަކަށް އަރައި ހުރަސްކޮށްގެން ދިޔުމާއި، އަދި ނަމާދަށް ތިބޭ މީހުންެ ކުރިމަތިން ހުރަސްކޮށް ދިޔުން ހުއްދަވެގެންނެއްނުވެއެވެ. ފަހެ ރަޥްޟާގައި ނަމާދުކުރުމަކީ ނާފިލާ (ސުންނަތް) ކަމެކެވެ. އެހެންކަމުން ޙަރާމްކަމެއް ކޮށްގެން އެކަމަކަށް ވާޞިލެއްނުވެވޭނެއެވެ. ހަމައެފަދައިން ޒިޔާރަތްކުރާ މީހާ، ރަޥްޟާއަށް ވަނުމަށްޓަކައި ހަމަޖެހިފައިވާ ޚާއްޞަ ޤަވާޢިދުތަކާއި އިންތިޒާމުތަކުގައި ހިފެހެއްޓުމަށާއި، މުނާސަބު ވަޤުތުތައް އިޚްތިޔާރުކުރުމަށާއި، އަދި ޒިޔާރަތްކުރާ މީހުން ވެއްދުން އިންތިޒާމްކުރާ ފަރާތްތަކަށް އެހީތެރިވުމަށްވެސް ސަމާލުކަން ދޭންވާނެއެވެ.
ނަމާދުކުރުމާއި، ޤުރްއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ދުޢާކުރުމާއި، ޛިކުރުގެ މަޖްލިސްތަކަށާއި، ޢިލްމީ ދަރުސްތަކާއި، ކީރިތި ޤުރްއާން އުނގަންނައިދޭ ޙަލަޤާތަކަށް ޙާޟިރުވުމާއި، އަދި އެނޫންވެސް އޭނާ ހެއްދެވި ފަރާތް ސުބްޙާނަހޫ އާ ކުއްތަންކޮށްދޭ ޞާލިޙު ޢަމަލުތައް ގިނަކުރުމުގައި ވަޤުތުތަކުގެ ބޭނުން ހިފުމެވެ.
ﷲ ޢައްޒަ ވަޖައްލަގެ ފޮތަށް އިޙްތިރާމްކުރުމާއި، އެ ފޮތުގެ ގަނޑުތަކާ ކުޅުމުންނާއި، އޭގައި ލިޔުމުން، ނުވަތަ އެ ފޮތް ކައިރީގައި ފައިވާން ބަހައްޓާ ނުވަތަ ބިންމަތީގައި ބޭއްވުމާ އެފަދަ ގޮތްގޮތުން އެފޮތުގެ ޙުރުމަތް ކަނޑައި އިހާނެތިކޮށް ހިތުމުން އެފޮތް ރައްކާތެރިކުރުމެވެ. ﷲ ތަޢާލާގެ ބަސްފުޅަށްޓަކައެވެ: ﴿ذَٰلِكَۖ وَمَن يُعَظِّمۡ شَعَٰٓئِرَ ٱللَّهِ فَإِنَّهَا مِن تَقۡوَى ٱلۡقُلُوبِ﴾ މާނައީ: "އެކަންއޮތީ އެފަދައިންނެވެ. އަދި ﷲ ގެ ޝިޢާރުތަކަށް މާތްކުރުމީ، ފަހެ ހަމަކަށަވަރުން އެއީ ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިންވާ ކަމެކެވެ." [އަލް-ޙައްޖު: 32].
ﷲ ޢައްޒަ ވަޖައްލަ ޙަރާމްކުރެއްވި ތަކެތިން ބެލުންތިރިކުރުން: އެގޮތުން މަސްޖިދުއް-ނަބަވީއަށް ޒިޔާރަތްކުރާ މީހާ، އޭނާ ބެލުން ޙަލާލުވެގެންނުވާ ތަކެތިން އޭނާގެ ބެލުން ތިރިކުރުން ވާޖިބުވެގެންވެއެވެ. އަދި މި މާތް ބިންތަކުގައި ފާފައަކަށް އަރައިގަތުމުގެ ބޮޑުކަމާއި، އޭގެ ސަބަބުން ލިބޭނެ ޢުޤޫބާތްތައް ދެނެގަތުން ހުއްޓެވެ. އެހެނީ ޒަމާނާއި ތަނުގެ މާތްކަމުން، ފާފަތައް ބޮޑުވެ ގަދަފަދަވެގެންދެއެވެ. އެފަދައިން ކިޔަމަންތެރިކަމުގެ ހެޔޮ ޢަމަލުތައްވެސްމެއެވެ. އަދި މުސްލިމު އަންހެނާ ޝަރުޢީ ޙިޖާބުވުމުގައި ހަރުލައި ލާޒިމްވުމަށާއި، ފިރިހެނުން ފިތުނަވެރިވިޔަ ނުދިނުމަށްޓަކައި ޒީނަތްތެރިކަން ފާޅުނުކުރުމަށް ފަރުވާތެރިވެ ސަމާލުކަން ދޭހުށިކަމެވެ. އެހެނީ ހަމަކަށަވަރުން މިކަމުގެ ފާފަ ބޮޑުވެގެންވެއެވެ.
ފޮޓޯ ނެގުން ނުވަތަ ފޯނުން ފޮޓޯތަކާއި ވީޑިއޯތައް ބެލުމުގައި މަޝްޣޫލުވުމުން ހުށިޔާރުވެ ރައްކާތެރިވުމެވެ. އަދި އެ ޞޫރަތަކާއި ވީޑިއޯތަކަކީ ޙަރާމް ތަކެތި ކަމުގައި ވާނަމަ؛ އެކަމުގެ ނުރައްކާތެރިކަން އިތުރަށް ބޮޑުވެގެންދެއެވެ.
މަސްޖިދުއް-ނަބަވީ އެތަނާ އެކަށީގެން ނުވާ ކޮންމެ ކަމަކުން ރައްކާތެރިކުރުމެވެ. އަރާރުންވުންތަކާއި، އަޑުއުފުލުމާއި، ގެއްލިފައިވާ އެއްޗެއް ހޯދުމަށް އިޢުލާނުކުރުމާއި، ވިޔަފާރިކުރުން ފަދަ، އެތަނުގައާއި އެނޫން މިސްކިތްތަކުގައިވެސް ކުރުން އެކަށީގެންނުވާ އެންމެހައި ކަންކަމުން ޠާހިރުކޮށް ބެހެއްޓުމެވެ. އެއީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް އައިސްފައިވާ ޙަދީޘްފުޅުގައިވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “މިސްކިތުގައި މީހަކު ވިއްކާތަން ނުވަތަ ގަންނަތަން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ ބުނާށެވެ: 'ކަލޭގެ ވިޔަފާރިން ﷲ ފައިދާއެއް ނުކުރައްވާށިއެވެ.' އަދި ގެއްލިފައިވާ އެއްޗެއް ހޯދަން އެތަނުގައި އިޢުލާނުކުރާ މީހަކު ތިޔަބައިމީހުންނަށް ފެނިއްޖެނަމަ ބުނާށެވެ: ﷲ އެ އެއްޗެއް ތިބާއަށް ރައްދު ނުކުރައްވާށިއެވެ.” [17]. [17] މި ޙަދީޘް ނެރުއްވީ އައް-ތިރްމިޛީ، ނަމްބަރު (1321) ގައެވެ. އަދި އިބްނު ޚުޒައިމާ، ނަމްބަރު (1305) ގައި، ޞައްޙަ ސަނަދަކުންނެވެ.
އަމިއްލަ ސާފުތާހިރުކަމަށް ފަރުވާތެރިވުމާއި، އަދި ލޮނުމެދާއި، ފިޔައާއި، ދުން، އަދި ދާ ފަދަ، ނަމާދަށް ތިބޭ އޭނާގެ އަޚުންނަށް އުނދަގޫޖެހޭ ނުބައި ވަސްތަކުން ރައްކާތެރިވުމެވެ. އެއީ ޖާބިރު ބްނު ޢަބްދު ﷲ رضي الله عنه ވިދާޅުވި ޙަދީޘަށްޓަކައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «ލޮނުމެދު ނުވަތަ ފިޔާ ކައިފިމީހާ، ފަހެ ތިމަންމެންނާ އެއްކިބާވާހުށިކަމެވެ - ނުވަތަ ޙަދީޘްކުރެއްވިއެވެ: ފަހެ ތިމަންމެންގެ މިސްކިތާ އެއްކިބާވާހުށިކަމެވެ.- އަދި އޭނާގެ ގޭގައި އިށީންދެ އިންނަހުށިކަމެވެ.»[18]. [18] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަމްބަރު 7359 ގައެވެ. އަދި މުސްލިމް، ނަމްބަރު 564 ގައެވެ.
މަސްޖިދުއް-ނަބަވީގެ ސާފުތާހިރުކަމަށް ފަރުވާތެރިވުމާއި، އަދި ޚާއްޞަކޮށް ރަމަޟާންމަހު ކާތަކެތީގެ ބާކީއާއި ރޯދަވީއްލާ ސުފުރާތަކުގެ ބާކީ ފަދަ ކުނި މިސްކިތުގެ އެތެރެއަށާއި ގޯތިތެރެއަށް ނޭޅުމާއި، މަގުތަކާއި ގޯތިތެރެއަށް ކުޅުޖެހުން ފަދަ ކަންކަމުން ދުރުހެލިވުން.
ހިނގާބިގާވުމަށް އޮންނަތަނާއި، ދޮރުތަކުގެ ވަންނަ ދިމާލުގައްޔާއި، ތޮއްޖެހޭ ތަންތަނުގައި ނަމާދުކުރުމުން އެއްކިބާވުމެވެ. އެއީ އެކަމުގެ ސަބަބުން ފަސާދަތައް އުފެދުމާއި، މަގުތައް ބަންދުވުމާއި، އަދި މުސްލިމުންނަށް އުނދަގޫވުންފަދަ ކަންކަން މެދުވެރިވާތީއެވެ.
ފިރިހެނުންނާއި އަންހެނުން ނަމާދުކުރަންވާނީ -މަސްޖިދުއްނަބަވީގެ އެތެރޭގައި ނުވަތަ ގޯތިތެރޭގައި ވިޔަސް- އެއިން ކޮންމެ ބަޔަކަށް ޚާއްޞަކުރެވިފައިވާ ތަންތަނުގައެވެ. ފިރިހެނަކު އަންހެނަކާ ޖެހިގެން، އަދި އަންހެނަކު ފިރިހެނަކާ ޖެހިގެން ނަމާދު ނުކުރާހުއްޓެވެ. އަދި ވީ މިންވަރަކުން އިމާމަށްވުރެ ކުރިއަށް އެރުމުން ސަމާލުވެ ރައްކާތެރިވާން ވާނެއެވެ.
މިސްކިތުން ނިކުންނައިރު ވާތު ފައި އިސްކޮށް، މިފަދައިން ކިޔާހުއްޓެވެ: «اللهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ» "ﷲ އޭވެ! އިބައިލާހުގެ ފަޟްލަވަންތަކަން ދެއްވުމަށް މިއަޅާ އެދި ދަންނަވަމެވެ." [19]، ނުވަތަ ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔަވާފައި މިހެން ކިޔާނީއެވެ: «رَبِّ اغْفِرْ لِي ذُنُوبِي، وَافْتَحْ لِي أَبْوَابَ فَضْلِكَ» މާނައީ: "އަޅުގެ ވެރި ރައްބެވެ! މި އަޅާގެ ފާފަތައް ފުއްސަވާށިއެވެ! އަދި އިބަ އިލާހުގެ ފަޟްލުވަންތަކަމުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުވާދެއްވާށިއެވެ!" [20]. [19] މި ޙަދީޘް ނެރުއްވީ މުސްލިމް ނަމްބަރު 713 ގައެވެ. [20] މި ޙަދީޘް ނެރުއްވީ އައް-ތިރްމިޛީ، ނަމްބަރު (314) ގައި، ޞައްޙަ ސަނަދަކުންނެވެ.
ހަތަރުވަނައީ: ނަބިއްޔާ ﷺ ގެ ޤަބުރުކޮޅާއި، އެކަލޭގެފާނުގެ ދެ ޞަޙާބީން رضي الله عنهما ގެ ޤަބުރުކޮޅަށް ޒިޔާރަތްކުރުމުގެ ޙުކުމްތަކާއި އަދަބުތައް
* ނަބިއްޔާ ﷺ ގެ ޤަބުރުކޮޅަށާއި، އެކަލޭގެފާނުގެ ދެ ޞަޙާބީންކަމުގައިވާ: އަބޫ ބަކުރާއި ޢުމަރު رضي الله عنهما ގެ ޤަބުރުކޮޅަށް ޒިޔާރަތްކުރުން، މަދީނާގެ އަހުލުވެރިންނަށާއި އަދި އެ ރަށަށް ޒިޔާރަތްކުރަން އަދި ވަފްދުތަކުގައި އަންނަ މީހުންނަށް މުސްތަޙައްބުވެ އެދެވިގެންވެއެވެ. އެއީ ޤަބުރުތަކަށް ޒިޔާރަތްކުރުން ޝަރުޢުވެގެންވާކަމަށް ދަލީލުކުރާ ޢާއްމު ދަލީލުތަކަށްޓަކައެވެ. އޭގެ ތެރޭގައި އެކަލޭގެފާނު ﷺ ގެ މި ޙަދީޘްފުޅު ހިމެނެއެވެ: "ތިމަންކަލޭގެފާނު ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާރަތްކުރުން ނަހީކުރެއްވީމެވެ. ފަހެ (ދެން މީގެ ފަހުން) ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާރަތްކުރާށެވެ."[21]. [21] މި ޙަދީޘް ނެރުއްވީ މުސްލިމް ނަމްބަރު 977 ގައެވެ.
އަދި ނަބިއްޔާ ﷺ އަވަހާރަވުމަށްފަހު، އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުމަށް ދެންނެވުމުގެ މާތްކަމުގެ މައްޗަށް، އެކަލޭގެފާނު ﷺ ގެ މި ބަސްފުޅު ދަލީލުކުރިއެވެ: "އެއްވެސް މީހަކު ތިމަންކަލޭގެފާނާ ސަލާމްކޮށްފިނަމަ؛ އޭނާއަށް ސަލާމްގެ ޖަވާބުދެއްވުމަށްޓަކައި ތިމަންކަލޭގެފާނުގެ ފުރާނަފުޅު ތިމަންކަލޭގެފާނަށް ﷲ ޢައްޒަ ވަޖައްލަ އަނބުރާ ރައްދުކުރައްވައިގެން މެނުވީ ނުވެއެވެ." [22]. [22] މި ޙަދީޘް ނެރުއްވީ އަޙްމަދު، މުސްނަދު (10815) ގައި، ޙަސަނު ސަނަދަކުންނެވެ.
* އަދި އަންހެނުން އެކަލޭގެފާނު ﷺ ގެ ޤަބުރުކޮޅަށް، އަދި އެނޫން މުސްލިމުންގެ ޤަބުރަކަށްވެސް ޒިޔާރަތްކުރުން ޝަރުޢުވެގެން ނުވެއެވެ. ފަހެ ހަމަކަށަވަރުން ޤަބުރުތަކަށް ޒިޔާރަތްކުރުން ޝަރުޢުވެގެންވަނީ ފިރިހެނުންނަށެވެ. ދެންފަހެ އަންހެނުން ޤަބުރުތަކަށް ޒިޔާރަތްކުރުމުން ވަނީ ނަހީކުރެވިފައެވެ. އެގޮތުން އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ: «ޤަބުރުތަކަށް ޒިޔާރަތްކުރާ އަންހެނުންނަށާއި، އަދި އެ ޤަބުރުތަކުގެ މަތީގައި މިސްކިތްތަކާއި ބައްތިތައް ހަދާ މީހުންނަށް ﷲ ގެ ރަސޫލާ ﷺ ލަޢުނަތް ލެއްވިއެވެ»[23]، އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: «ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ، ޤަބުރުތަކަށް ގިނަގިނައިން ޒިޔާރަތްކުރާ އަންހެނުންނަށް ލަޢުނަތް ލެއްވިއެވެ.»[24]. [23] މި ޙަދީޘް ނެރުއްވީ އަބޫ ދާވޫދު، ނަމްބަރު (3236) ގައި، އަދި އައް-ތިރްމިޛީ، ނަމްބަރު (320) ގައި، އަދި އައް-ނަސާއީ، ނަމްބަރު (2043) ގައެވެ. [24] މި ޙަދީޘް ނެރުއްވީ އައް-ތިރްމިޛީ، ނަމްބަރު 1056 ގައެވެ. އަދި އިބްނު މާޖާ، ނަމްބަރު 1576 ގައި، ޙަސަން ސަނަދަކުންނެވެ.
* އަދި އޭނާގެ ދަތުރުން ހަމައެކަނި ޤަބުރުކޮޅަށް ޒިޔާރަތްކުރުމަށް ނިޔަތްގަނެގެން، ނަބިއްޔާ ﷺ ގެ ޤަބުރުކޮޅަށް ޒިޔާރަތްކުރުމަށްޓަކައި ދަތުރުހަދައިގެން ދިޔުން ހުއްދަވެގެން ނުވެއެވެ. އެކަމަކު އޭނާގެ ދަތުރުން ނިޔަތްގަންނަ ހުށީ، މިސްކިތަށް ޒިޔާރަތްކުރުމަށާއި އަދި އެތާނގައި ނަމާދުކުރުމަށެވެ. ދެން އޭނާ މަދީނާގައި ޤަރާރުވެއްޖެ ހިނދު، އޭނާއަށް ޤަބުރުކޮޅަށް ޒިޔާރަތްކުރުން ޝަރުޢުވެގެންވެއެވެ. އެއީ މަދީނާގެ އަހުލުވެރިންގެ ތެރެއިން، އެތާނގެ ވަޒަންވެރިންނަށް އެކަން ޝަރުޢުވެގެންވާ ފަދައިންނެވެ. ނަބިއްޔާ ﷺ ގެ މި ބަސްފުޅަށްޓަކައެވެ: "ތިން މިސްކިތަކަށްޓަކައި މެނުވީ ދަތުރުހަދައިގެން ނުދެވޭނެއެވެ: ތިމަންކަލޭގެފާނުގެ މި މިސްކިތްކޮޅާއި، މަސްޖިދުލް-ޙަރާމްއާއި، އަދި މަސްޖިދުލް-އަޤްޞާއެވެ."[25]. [25] މި ޙަދީޘް ނެރުއްވީ އަލް-ބުޚާރީ، ނަމްބަރު 1189 ގައެވެ. އަދި މުސްލިމް، ނަމްބަރު 1397 ގައެވެ. އަދި މިލަފްޒުވަނީ މުސްލިމްއަށެވެ.
ނަބިއްޔާ ﷺ ގެ ޤަބުރުފުޅަށާއި، އެކަލޭގެފާނުގެ ދެ ޞަޙާބީން رضي الله عنهما ގެ ޤަބުރުކޮޅަށް ޒިޔާރަތްކުރާހިނދު ޝަރުޢުވެގެންވާ އަދަބުތައް.
ޒިޔާރަތްކުރާ މީހާ ނަބިއްޔާ ﷺ ގެ ޤަބުރުކޮޅުގެ ކުރިމަތީގައި، އެ ޤަބުރުކޮޅަށް ކުރިމަތިލައިގެން ހުއްޓޭނީއެވެ. ދެން އަދަބުވެރިކަމާއި އަޑު މަޑުކުރުމާއެކު، މިހެން ކިޔަމުން ނަބިއްޔާ ﷺ ގެ މައްޗަށް ސަލާމްގޮވާނީއެވެ: "السلامُ عليك يا رسول الله، ورحمة الله وبركاته" (މާނައީ: އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި އެ އިލާހުގެ ބަރަކާތްތައް ހުއްޓެވެ.). އަދި އޭގެ އިތުރަށް މިފަދައިން ބުނެފިނަމަ: "أشهد أنك قد بلغت الرسالة، وأديت الأمانة، ونصحت الأمة، وجاهدت في الله حق الجهاد" (މާނައީ: ހަމަކަށަވަރުން ކަލޭގެފާނު ރިސާލަތު ފޯރުކޮށްދެއްވައި، އަމާނާތް އަދާކުރައްވައި، އުއްމަތަށް ނަޞޭޙަތްތެރިވެވަޑައިގެން، ﷲ ގެ މަގުގައި ޙައްޤު ޖިހާދުން ޖިހާދުކުރެއްވިކަމަށް އަޅު ހެކިވަމެވެ.) ފަހެ އެކަމުގައި މައްސަލައެއް ނެތެވެ. އެހެނީ މި ހުރިހާ ކަމަކީވެސް ޙައްޤުކަމުގައިވާތީއެވެ.
ދެން އަބޫބަކުރު އައް-ޞިއްދީޤު رضي الله عنه ގެ ޤަބުރުފުޅަށް ކުރިމަތިލައިގެން ވުމަށް ކަނާތްފަރާތަށް ފިޔަވަޅެއް އަޅާފައި ދެން މިހެން ކިޔާނީއެވެ: (السلام عليك يا أبا بكر الصديق، السلام عليك يا خليفة رسول الله ﷺ رضي الله عنك وأرضاك، وجزاك عن أمة محمد ﷺ خيرًا) (މާނައީ: އޭ އަބޫބަކުރު އައް-ޞިއްދީޤެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. އޭ ﷲ ގެ ރަސޫލާ ﷺ ގެ ޚަލީފާއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. ﷲ ކަލޭގެފާނަށް ރުއްސުންލައްވައި، އަދި ކަލޭގެފާނު ރުއްސަވައިދެއްވާށިއެވެ. އަދި މުޙައްމަދު ﷺ ގެ އުއްމަތުގެ ފަރާތުން ކަލޭގެފާނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.)
ދެން ޢުމަރު ބްނު އަލް-ޚައްޠާބު رضي الله عنه ގެ ޤަބުރުފުޅަށް ކުރިމަތިލައިގެން ވުމަށް ކަނާތަށް ފިޔަވަޅެއް އަޅާފައި މިހެން ކިޔާނީއެވެ: (السلامُ عليك يا عمر الفاروق رضي الله عنك وأرضاك، وجزاك عن أمة محمد ﷺ خيرًا) (މާނައީ: "އޭ ޢުމަރު އަލް-ފާރޫޤެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. ﷲ ތަޢާލާ ކަލޭގެފާނަށް ރުއްސަވާ، އަދި ކަލޭގެފާނު ރުއްސަވާށިއެވެ. އަދި މުޙައްމަދު ﷺ ގެ އުއްމަތުގެ ފަރާތުން ﷲ ތަޢާލާ ކަލޭގެފާނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.")
އަދި އިބްނު ޢުމަރު رضي الله عنهما، ދަތުރުފުޅަކުން ވަޑައިގަންނަވާ ހިނދު، ނަބިއްޔާ ﷺ ގެ ޤަބުރުފުޅު ދޮށަށް ވަޑައިގަންނަވައި ވިދާޅުވެއެވެ: «السلام عليك يا رسول الله، السلام عليك يا أبا بكر، السلام عليك يا أبتاه» މާނައީ: "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމްހުއްޓެވެ. އޭ އަބޫބަކުރެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމްހުއްޓެވެ. އޭ ބައްޕާފުޅާއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމްހުއްޓެވެ." ދެން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވަނީއެވެ." [26]. [26] މި ޙަދީޘް ނެރުއްވީ އަލް-ބައިހަޤީ އައް-ސުނަނުލް-ކުބްރާގައި، ނަމްބަރު (10271) ގައި ޞައްޙަ ސަނަދަކުންނެވެ.
ޤަބުރުގެ ފާރުތަކާއި ފުޅަފުގައި ނުބީހޭ ހުއްޓެވެ. އަދި އެތަންތަނުގައި ބޮސްވެސް ނުދޭނެއެވެ:
އިމާމް މާލިކު رحمه الله ވިދާޅުވިއެވެ: "އޭނާ ނަބިއްޔާ ﷺ އަށް ސަލާމްގޮވައިފިނަމަ، ހުންނާނީ ޤަބުރުކޮޅަށް ކުރިމަތިލައިގެންނެވެ. ޤިބްލައަކަށް ނޫނެވެ. އަދި ކައިރިވެ ސަލާމްގޮވާނީއެވެ. އަދި ޤަބުރުކޮޅުގައި އަތް ނުލާނެއެވެ." [27]. [27] އައް-ޝިފާ ލިލް-ޤާޟީ ޢިޔާޟް (2/ 199).
ނަބިއްޔާ ﷺ ގެ ޤަބުރުފުޅުގައި އަތްނުލުމަށާއި، ބޮސްނުދިނުމުގެ މައްޗަށް އިމާމުން އިއްތިފާޤުވެގެންވެއެވެ.
ޤަބުރު ކައިރީގައި ގިނައިރު މަޑުކުރުމެއް ނުވެއެވެ. އޭގެ ބަދަލުގައި ސަލާމް ކޮށްފައި، ދެން އެނބުރި ދާނީއެވެ.
އިމާމް މާލިކު رحمه الله ވިދާޅުވިއެވެ: "ނަބިއްޔާ ﷺ ގެ ޤަބުރުކޮޅު ކައިރީގައި ދުޢާކުރަން ހުރެވޭނެކަމަށް އަހަރެން ނުދެކެމެވެ. ނަމަވެސް އޭނާ ސަލާމްކޮށްފައި ދާނީއެވެ." [28]. [28] އައް-ޝިފާ ލިލް-ޤާޟީ ޢިޔާޟް (2/ 199).
އަދި ނާފިޢު رحمه الله ވިދާޅުވިއެވެ: "އިބްނު ޢުމަރު ޤަބުރުފުޅަށް ސަލާމް ގޮވާލައްވާކަމުގައި ވިއެވެ.. ތިމަން އެކަލޭގެފާނު ސަތޭކަ ފަހަރާއި އެއަށްވުރެ ގިނައިން ޤަބުރުފުޅު ކައިރިއަށް ވަޑައިގެން މިހެން ވިދާޅުވަނިކޮށް ދެކުނީމެވެ: "السلام على النبي ﷺ، السلام على أبي بكر، السلام على أبي"(މާނައީ: ނަބިއްޔާ ﷺ ގެ މައްޗަށް ސަލާމެވެ. އަބޫބަކުރުގެ މައްޗަށް ސަލާމެވެ. ބައްޕާފުޅުގެ މައްޗަށް ސަލާމެވެ.) ދެން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވަނީއެވެ." [29]. [29] މި ރިވާޔަތް ނެރުއްވީ އަލް-އާޖުއްރީ، ކިތާބުއް-ޝަރީޢާ (5/2374) ގައި، ނަމްބަރު (1853) ގައެވެ.
އަދި (ޤަބުރުކޮޅަށް) ޒިޔާރަތްކުރާ ބައެއް މީހުން ކުރާ ކަމެއްކަމުގައިވާ: އެކަލޭގެފާނު ﷺ ގެ ޤަބުރުކޮޅުގެ ކައިރީގައި އަޑުއުފުލުމާއި، އަދި އެތަނުގައި ކޮޅަށްހުރުން ދިގުކުރުމާ މެދު ދަންނައެވެ. ފަހެ އެއީ ޝަރުޢުވެގެންވާ ގޮތާ ޚިލާފު ކަންކަމެވެ.
ރަސޫލާ ﷺ އަށް ނުވަތަ އެކަލޭގެފާނު ފިޔަވައި އެހެން އެއްވެސް މަޚްލޫޤަކަށް، މަންފާއެއް ގެނެސްދިނުމަށް، ނުވަތަ ގެއްލުމެއް ދުރުކޮށްދިނުމަށް، ނުވަތަ ޙާޖަތެއް ފުއްދައިދިނުމަށް، ނުވަތަ މުޞީބާތެއް ފިލުވައިދިނުމަށް، ނުވަތަ ބަލިމީހަކަށް ޝިފާ ދެއްވުމަށް، ނުވަތަ ޝަފާޢަތަށް އެދުމަށް، ނުވަތަ ޢަޛާބުން ސަލާމަތްކޮށްދިނުމަށް، ނުވަތަ އެފަދަ އެހެން ދުޢާތައް ކޮށް އެދުން ހުއްދަވެގެން ނުވެއެވެ. އެހެނީ، ﷲ މެނުވީ އެކަމަކަށް ކުޅަދުންވަންތަވެވޮޑިގެން ނުވާ ކަންކަމުގައި، އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ދުޢާކުރުމަކީ ޙަރާމްވެގެންވާ ބޮޑު ޝިރުކެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ﴿وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ﴾ މާނައީ: "އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ." [ޣާފިރު: 60]، އަދިވެސް އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: ﴿إِنَّ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ عِبَادٌ أَمۡثَالُكُمۡۖ فَٱدۡعُوهُمۡ فَلۡيَسۡتَجِيبُواْ لَكُمۡ إِن كُنتُمۡ صَٰدِقِينَ﴾ މާނައީ: "ހަމަކަށަވަރުން، اللَّه ފިޔަވައި ތިޔަބައިމީހުން ދުޢާކޮށްއުޅޭ ފަރާތްތަކަކީ، ތިޔަބައިމީހުންނާ އެއްފަދަ އަޅުންތަކެކެވެ. ފަހެ، ތިޔަބައިމީހުން އެފަރާތްތަކަށް ގޮވާ ދުޢާކޮށްބަލާށެވެ! ފަހެ، ތިޔަބައިމީހުންނީ ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، އެފަރާތްތަކުން ތިޔަބައިމީހުންނަށް އިޖާބަދޭހުށިކަމެވެ!" [އަލް-އަޢުރާފު: 194]، އަދިވެސް އެކަލާނގެ -ޖައްލަ ފީ ޢުލާހު- ވަޙީކުރެއްވިއެވެ: ﴿وَأَنَّ ٱلۡمَسَٰجِدَ لِلَّهِ فَلَا تَدۡعُواْ مَعَ ٱللَّهِ أَحَدٗا.﴾ މާނައީ: "އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް (އަޅުކަންކޮށް) ދުޢާކޮށް ނުކުރާހުށިކަމެވެ!" [އަލް-ޖިންނު: 18].
ޤަބުރު ކައިރީގައި ﷲ އަށް ދުޢާ ނުކުރާނެއެވެ. ދެންފަހެ، އޭނާ ދުޢާކުރަން ބޭނުންވެއްޖެނަމަ ޤަބުރަށްވުރެ ކުރިއަށްޖެހި، ޤިބުލައަށް ކުރިމަތިލައި ދުޢާކުރާނީއެވެ. އަދި ދުޢާކުރުމުގައި ޤަބުރަށް ކުރިމަތިނުލާނެއެވެ.
އަދި އިމާމް މާލިކު رحمه الله ވިދާޅުވިއެވެ: "ނަބިއްޔާ ﷺ ގެ ޤަބުރުކޮޅުގެ ކައިރީގައިހުރެ ދުޢާކުރެވޭނެކަމަށް އަހަރެން ނުދެކެމެވެ."
މިސްކިތަށް ވަންނަ ހިނދު ނުވަތަ ނުކުންނަ ހިނދުގައި ޤަބުރުކޮޅަށް ގިނަގިނައިން ގޮސް އައިސްއުޅުން، މަދީނާގެ އަހުލުވެރިންނަކަށްވެސް އަދި ބޭރުން ޒިޔާރަތްކުރާ މީހުންނަކަށްވެސް ޝަރުޢުވެގެން ނުވެއެވެ. ފަހެ ހަމަކަށަވަރުން އެއީ ޤަބުރު ޢީދެއް ކަމުގައި ހެދުމުގެ ތެރެއިން ވެދާނެކަމަށް ބިރުވެތިވެވެއެވެ.
އަދި ﷲ ގެ ރަސޫލާ ﷺ ވަނީ އެކަން މަނާކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ ޤަބުރުފުޅު، ޢީދެއްގެ ގޮތުގައި ނުހަދާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ގެތައް ޤަބުރުތަކެއް ކަމުގައި ނުހަދާހުށިކަމެވެ. އަދި ތިޔަބައިމީހުން ވީ ކޮންމެތާކުން، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން، ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ފޯރަތެވެ."[30]. [30] މި ޙަދީޘް ނެރުއްވީ އަޙްމަދު، މުސްނަދު (8804) ގައި، ޙަސަނު އިސްނާދަކުންނެވެ.
"لا تتخذوا قبري عيدًا" ގެ މާނައަކީ؛ ވަކި ޚާއްޞަ ވަޤުތެއްގައި ނުވަތަ ޙާލަތެއްގައި އެތަނަށް ތަކުރާރުކޮށް ޒިޔާރަތްކުރުމެވެ. މިސާލަކަށް ކޮންމެ ދުވަހަކު، ނުވަތަ ހަފުތާއަކު، ނުވަތަ މަހަކު ޒިޔާރަތްކުރުން ޚާއްޞަކުރުމެވެ. ނުވަތަ ވަކި ޙާލަތެއް ވުޖޫދުވާހިނދު ޒިޔާރަތްކުރުމަށް ޚާއްޞަކުރުމެވެ. އަދި ބުނެވިފައިވެއެވެ: އެބަހީ، ތިޔަބައިމީހުން އެއްވެއުޅޭ މޫސުމެއްގެ ގޮތުގައި އެތަން ނުހަދާށެވެ. [31]. [31] ބައްލަވާ: އައް-ރާޣިބުލް-އަޞްފަހާނީގެ އަލް-މުފްރަދާތު (ޞ: 594)، އަދި އައް-ޝައުކާނީގެ ޝަރްޙުއް-ޞުދޫރި ބިތަޙްރީމި ރަފްޢިލް-ޤުބޫރި (ޞ:16).
އަދި އިމާމް މާލިކު رحمه الله ވިދާޅުވިއެވެ: "މަދީނާގެ އަހުލުވެރިންގެ ތެރެއިން، މިސްކިތަށް ވަދެ ނުކުންނަ މީހާގެ މައްޗަށް ޤަބުރުކޮޅު އަރިހުގައި މަޑުކުރުން ލާޒިމުވެގެންނެއް ނުވެއެވެ. އެކަން ޚާއްޞަވެގެންވަނީ ހަމައެކަނި ބީރައްޓެހިންނަށެވެ." [32]. [32] އައް-ޝިފާ ލިލް-ޤާޟީ ޢިޔާޟް (2/ 204)، އަލް-މަދްޚަލް ލިބްނިލް-ޙާއްޖް (1/ 262).
އަދި އެކަލޭގެފާނު رحمه الله ވިދާޅުވެފައިވާ "އެކަންވަނީ ހަމައެކަނި ބީރައްޓެހިންނަށެވެ." މި ބަސްފުޅުގެ މުރާދަކީ މުޠްލަޤު ޒިޔާރަތެވެ. ވަދެނުކުންނަ ކޮންމެ ފަހަރަކު ޒިޔާރަތް ތަކުރާރުކުރުމެއް ނޫނެވެ.
ނަމާދުކުރާ މީހާ ހުންނަގޮތަށް، މޭ މަތީގައި ނުވަތަ މޭ ދަށުގައި އެއް އަތް އަނެއް އަތްމަތީ ބާއްވައިގެން ޤަބުރުގެ ކުރިމަތީގައި ނުހުންނަހުއްޓެވެ. ފަހެ މިޞިފައަކީ ނަމާދަށް ޚާއްޞަވެގެންވާ ޞިފައެކެވެ. އަދި އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށްޓަކައި މެނުވީ އެކަށީގެން ނުވާގޮތަށްވާ، ނިކަމެތިވެ އަދަބުކުރުނީސްކޮށް ހުރުމުގެ ޞިފައެކެވެ.
ބައެއް މީހުން ކަންތައްކުރާ ފަދައިން، ނަބިއްޔާ ﷺ ގެ މައްޗަށް ސަލާމްގޮވުމަށްޓަކައި މާ ދުރުން ޤަބުރުކޮޅަށް ކުރިމަތިލައިގެން ނުވާނެއެވެ. އެހެނީ އެއީ ޞަޙާބީން رضي الله عنهم އާއި، އަދި ހަތަރު އިމާމުންނާއި އެނޫންވެސް ހެޔޮވެގެންވާ ސަލަފުން ކުރައްވާފައިވާ ކަމެއް ނޫނެވެ.
ދުޢާއަކުން ނުވަތަ ޤުރުއާން ކިޔެވުމަކުން އަދި އެފަދަ ކަމަކުން، ކޮންމެ ފަރާތަކުން ކަމުގައިވިޔަސް ޝަރަފުވެރި ޤަބުރުކޮޅަށް ކުރިމަތިނުލުން. ފަހެ މިކަމަކީވެސް ވަނީ، އޭގެ ކުރިން ބަޔާންވެދިޔަ ފަދަ އަލަށް އުފައްދާފައިވާ ކަންތަކުގެ ތެރެއިންނެވެ. އަދި މުސްލިމަކު، ﷲ އިޛުނަ ދެއްވާފައިނުވާ ކަމެއް އޭނާގެ ދީނުގައި އަލަށް އުފެއްދުން ހުއްދަވެގެންނުވެއެވެ. އިމާމު މާލިކު رحمه الله ވަނީ މިފަދަ ކަންކަމަށް އިންކާރުކުރައްވާފައެވެ. އަދި ވިދާޅުވިއެވެ: "މި އުއްމަތުގެ ފުރަތަމަކޮޅު އިޞްލާޙުކުރި ކަމަކުން މެނުވީ، އޭގެ ފަހުކޮޅު އިޞްލާޙެއް ނުވާނެއެވެ." [33]. [33] މަޖުމޫޢު ފަތާވާ އިބްނު ބާޒު: (16/ 110).
ނަބިއްޔާ ﷺ އަށް ސަލާމް ދަންނަވާ ވަޤުތު، ފޮޓޯ ނެގުމާއި ވަޤުތުން ލައިވުކޮށް ދައްކަން އުޅުމުގައި މަޝްޣޫލުނުވުމެވެ.
އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وصلى الله وسلم على نبينا محمد وعلى آله وصحبه وسلم
Related books
All books
މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި އަދި އޭގެ ޙުކުމްތަކާމެދުގައިވާ ކުރު ޚުލާޞާއެއް7 languagesމަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި އަދި އޭގެ ޙުކުމްތަކާމެދުގައިވާ ކުރު ޚުލާޞާއެއް
މި ފޮތުގައި މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމުގެ އަދަބުތަކާއި ޙުކުމްތައް ޝަރަޙަކޮށްދެއެވެ. އަދި ނަބިއްޔުއާއި އެކަލޭގެފާނުގެ އަޞްޙާބުންގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރާނީ ކިހިނެއްކަން ބަޔާންކޮށްދެއެވެ. އަދި ޒިޔާރަތްކުރުމުގައި ބިދުޢަތައް ހެދުމާމެދު އިންޛާރުކޮށްދެއެވެ. އެއީ ސުންނަތުގައި ހިފަހައްޓައި، އަދި ޒިޔާރަތްކުރުމުގައިވާ ޝަރުޢީ އަދަބުތަކުގައިވެސް އިލްތިޒާމުވެ ހިފެހެއްޓުމުގެ މައްޗަށް ބާރުއެޅުމާ އެކުގައެވެ.
އިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ85 languagesއިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ
އިސްލާމްކަމަކީ: ކައުނު އުފެއްދެވި ޚާލިޤު އަދި އެ ކައުނު ތަދުބީރުކުރައްވާ ﷲ އަށް ބޯލަނބާ އަމާންދިނުމެވެ. އަދި އެކަލާނގެއަށް ލޯތްބާއި ޤަދަރާއެކު ކިޔަމަންވުމެވެ. އިސްލާމްކަމުގެ އަސާސަކީ މާތް الله އަށް އީމާންވެ، އަދި އެކަލާނގެއީ ޚާލިޤުކަމާއި އެނޫން ހުރިހާ އެއްޗެއް އެއީ އުފެއްދެވިގެންވާ މަޚްލޫޤުންކަމާއި، އަދި އެކަލާނގެއީ އެއްވެސް ބައިވެރިއެއްނެތި އަޅުކަން ހަމައެކަނި ޙައްޤުވާ ފަރާތްކަމަށް އީމާންވުމެވެ. އެކަލާނގެ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ ފަރާތެއް ނުވެއެވެ. އެންމެ ރިވެތި ނަންފުޅުތަކާއި އެންމެ މަތިވެރި ޞިފަފުޅުތައް އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. އަދި އެއްވެސް އުނިކަމެއް ނެތި، މުޠުލަޤު…
الإسلام دين رب العالمين
ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު79 languagesނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު
'ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު' ކިޔޭ މިފޮތުގައި، ނަބީ ﷺ ގެ ނަމާދު އެކަލޭގެފާނު ކުރެއްވި ގޮތާއި ޞިފަ، ސަމާޙަތުއް-ޝައިޚު ޢަބްދުލް-ޢަޒީޒު ބްނު ބާޒް رحمه الله ޚުލާޞާ ކުރައްވާ ގެންނަވާފައި ވެއެވެ. އެއީ ސާދާ އުސްލޫބަކުންނެވެ. އަދި ސީދާ މަންހަޖަކުންނެވެ. އެއީ ޞައްޙަ ނައްޞުތަކަށް ބިނާކުރައްވައިގެންނެވެ. އެއީ މުސްލިމް މީހާއަށް، އޭނާގެ ނަމާދުކުރުމަށް ރަނގަޅު މަގު ދައްކުވައި ދިނުމަށްޓަކައެވެ. ޝެއިޚުވަނީ ނަމާދުގެ ރުކުންތަކާއި، އޭގެ ސުންނަތްތަކާއި އަދި އޭގެ ޞިފަތައް، ވުޟޫކުރުމުން ފެށިގެން ގޮސް ސަލާމް ދިނުމާއި ހަމައަށް މިފޮތުގައި ބަޔާންކުރައްވާފައިއެވެ. އެއީ ދަލީލު ދެއްކުމާއި އަދި ބަޔާން ކުރުމާ…