އެއީ ފިޠުރަތާއި ބުއްދިއާއި ބާއްޖަވެރިކަމުގެ ދީނެވެ. رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން (ފަށައިގަންނަމެވެ.)
ތިބާ އަމިއްލަ ނަފުސާ ސުވާލުކުރިން ހެއްޔެވެ؟
އުޑާއި ބިމާއި އެދެމެދު ވާހައި ބޮޑެތި މަޚުލޫޤާތުތައް ހެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ މި ފުރިހަމަ ނާޒުކު ނިޒާމު ހެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟
އަހަރުތަކުގެ ތެރޭގައި ވަށާ ޖެހޭ މި ބޮޑު ކައުނު، ނާޒުކުކޮށް ހިނގަމުންދާ ޤާނޫނުތަކާއެކު، އެއްވެސް މައްސަލައެއް ނުޖެހި އިންތިޒާމުވެގެން ދަނީ ކިހިނެއް ހެއްޔެވެ؟
މި ކައުނު އުފެދުނީ އޭގެ ޒާތުގައި އަމިއްލައަށް ހެއްޔެވެ؟
ނޫނީ އެއްވެސް އެއްޗަކުން ނޫންހެއްޔެވެ؟
ނޫނީ އިއްތިފާޤަކުން އުފެދުނީ ހެއްޔެވެ؟
ތިބާ ހެއްދެވީ ކޮން ފަރާތަކުންހެއްޔެވެ؟ ތިބާގެ ހަށިގަނޑުގެ ނިޒާމުތަކާއި ދިރޭތަކެތީގެ ހަށިތަކުގައި މި ސީދާ ނިޒާމު ލެއްވީ ކާކު ހެއްޔެވެ؟
މިހިރަ ގެޔަކީ އެއްވެސް މީހަކު ޢިމާރާތް ނުކޮށް ހުރި ގެޔެކޭ ބުނެގެން އެކަން އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެއެވެ. ނުވަތަ މި ގެ ވުޖޫދަށް އައީ ނެތުމުގެ ތެރެއިންނޭ ބުނިނަމަވެސްމެއެވެ. ދެންފަހެ
މި ބޮޑު ކައުނު އައީ އުފެއްދެވި އެއްވެސް ފަރާތެއް ނެތިކަމަށް ބުނާ މީހުންގެ ބަސް ބައެއް މީހުން ތެދުކުރާނީ ކިހިނަކުންހެއްޔެވެ؟ މި ނާޒުކު ރޭވުންތެރިކަމުގެ މައްޗަށް ކައުނު އައީ އިއްތިފާޤަކުން ކަމަށް ބުނެވުން ބުއްދިހުރި މީހަކު ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟
ޔަޤީނުންވެސް، މި ކައުނާއި މި ކައުނުގައި ވާހާ އެއްޗެއް ހައްދަވައި ތަދުބީރުކޮށް ހިންގަވާ މަތިވެރި އިލާހަކު އެބަ ވެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.
އަދި ހުސްޠާހިރުވަންތަ ރައްބު އަހަރުމެންގެ ގާތަށް ރަސޫލުން ފޮނުއްވިއެވެ. އަދި އެބޭކަލުންނަށް އިލާހީ ފޮތްތައް (ވަޙީ) ބާވައިލެއްވިއެވެ . އޭގެ އެންމެ ފަހު ފޮތަކީ، ﷲ ގެ ރަސޫލުންގެ ތެރެއިން އެންމެ ފަހުގެ ރަސޫލާ މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި ކީރިތި ޤުރްއާނެވެ. އަދި އެކަލާނގެ ފޮތްތަކާއި އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވާ:
އެކަލާނގެ ޒާތްޕުޅު އަހަރުމެންނަށް ތަޢާރަފްކޮށްދެއްވިއެވެ. އަދި އެކަލާނގެ ޞިފަފުޅުތައް ބަޔާންކޮށްދެއްވިއެވެ. އަދި އަހަރުމެންގެ މައްޗަށްވާ އެކަލާނގެ ޙައްޤުތަކާއި އަދި އެކަލާނގެ މައްޗަށްވާ އަހަރުމެންގެ ޙައްޤުތައް ބަޔާންކޮށްދެއްވިއެވެ.
އަދި އެކަލާނގެ އަހަރުމެންނަށް އުނގަންނައިދެއްވީ އެކަލާނގެއަކީ ޚަލްޤުތައް އުފެއްދެވި ރަސްކަލާނގެ ކަމުގައިއެވެ. އަދި އެކަލާނގެއީ ދިރިދެމިވޮޑިގެންވާ ދުވަހަކުވެސް މަރުނުވާ ރަސްކަލާނގެ ކަމަށެވެ.
އަދި ޚަލްޤުތައްވަނީ އެކަލާނގެ އަތްޕުޅުގައި އަދި އެކަލާނގެ ބާރާއި ޤުދުރަތުގެ ދަށުގައިކަމަށެވެ.
އެކަލާނގެ އެއް ސިފަފުޅަކީ ޢިލްމު ކަމުގައި އަހަރުމެންނަށް ޚަބަރު ދެއްވިއެވެ. އެގޮތުން ހުރިހާ ކަމެއް އެކަލާނގެ ޢިލްމުން ވަށާލައްވާފައި ވެއެވެ. އެކަލާނގެއަކީ ހުރިހާ ކަމެއް އަޑުއައްސަވާ، ހުރިހާ ތަކެއްޗެއް ދެކެވޮޑިގެންވާ އިލާހެވެ. ބިމުގައި އަދި އުޑުގައިވެސް އެއްވެސް އެއްޗެއް އެކަލާނގެއަށް ވަންހަނާވެގެންނުވެއެވެ.
އަދި އެކަލާނގެ އަހަރުމެންނަށް ޚަބަރުދެއްވާފައިވަނީ އެކަލާނގެއަކީ ފުރިހަމަކަމުގެ ސިފަފުޅުތަކުން ސިފަ ލިބިވޮޑިގެންވާ ރަސްކަލާނގެ ކަމުގައެވެ. އެކަލާނގެ ޚަލްޤުތަކުންގެ އަޖައިބުތަކާއި އެކަލާނގެ ކުޅަދުންވަންތަކަމުގެ އަޖައިބުތައް ދެނެގަންނަން ބުއްދިތަކާއި ހިއްސުތައް އަހަރުމެންނަށް ދެއްވިއެވެ. އެއީ އެކަލާނގެ މަތިވެރިކަމާއި، ބާރުވެރިކަމާއި، އެކަލާނގެ ޞިފަފުޅުތަކުގެ ފުރިހަމަކަން އަހަރުމެންނަށް ދައްކައިދޭ ކަމެކެވެ. އަދި އެކަލާނގެ ފުރިހަމަކަމާއި، އަދި އުނިކަމުން އެކަލާނގެ ޞިފަ ނުކުރެވޭނެކަމަށް ދަލީލުކޮށްދޭ ފިޠުރަތެއް އެކަލާނގެ އަހަރުމެންގެ ކިބައިގައި އިންދެވިއެވެ.
އަދި އެކަލާނގެ އަހަރުމެންނަށް އަންގަވާފައިވަނީ: މާތްރަސްކަލާނގެ ވޮޑިގެންވަނީ އުޑުތަކުގެ މަތީގައިކަމަށެވެ. ޢާލަމުގެ ތެރޭގައި ނޫންކަމަށެވެ. އަދި ޢާލަމުވެސް އެކަލާނގެ ތެރޭގައި ނެތްކަމަށެވެ.
އަދި އެކަލާނގެ އަހަރުމެންނަށް އަންގަވާފައިވަނީ އެކަލާނގެއަށް ކިޔަމަންވެ ބޯލަނބަން ޖެހޭނެކަމަށެވެ. ފަހެ އެކަލާނގެއަކީ އަހަރުމެން އުފައްދަވާ އަދި ކައުނުވެސް ހައްދަވާ ހިންގަވާ ފަރާތެވެ.
ޚާލިޤުވަންތަ ރަސްކަލާނގެއަށް މަތިވެރިކަމުގެ ސިފަތައް ލިބިވޮޑިގެންވެތެވެ. ދުވަހަކުވެސް އެކަލާނގެ ކަމަކަށް ޙާޖަތްޖެހިގެންވާކަމަށް ނުވަތަ އުނިކަމެއްވާކަމަށް ޞިފަކުރެވުމަކީ ވާނެކަމެއް ނޫނެވެ. ފަހެ ރައްބަކީ ހަނދުމަފުޅު ނެތޭ އަދި އަވަހާރަފުޅު ލައްޕަވާ ފަރާތެއް ނޫނެވެ. އަދި ފަރިއްކުޅުވާ ފަރާތެއްވެސް ނޫނެވެ. އަދި އެކަލާނގެއަށް އަތްނބަކު ނުވަތަ ދަރިޔަކުވުމަކީ ވާނެ ކަމެެއް ނޫނެވެ. ޚާލިޤުވަންތަ ރަސްކަލާނގެ މަތިވެރިކަމާ ފުށޫއަރާ ގޮތަށްވާ އެއްވެސް ނައްޞަކީ، ސަލާމްލެއްވުނު ރަސޫލުން ގެނެސްދެއްވި ޞައްޙަ ވަޙީގެ ތެރެއިންވާ ކަންކަމެއް ނޫނެވެ.
ޚާލިޤުވަންތަ ވެރި ރައްބަށް ތިބާ އީމާންވާނަމަ... ދުވަހަކުވެސް ތިބާ ޚަލްޤު ކުރެއްވުމުގެ މަޤްޞަދާ މެދު ވިސްނާލިންތޯއެވެ؟ އަހަރުމެންގެ ކިބައިން ﷲ އެދިވޮޑިގަންނަވަނީ ކޮންކަމެއްތޯއެވެ؟ އަދި އަހަރުމެން ވުޖޫދުވެގެންވުމުގެ މަޤްޞަދަކީ ކޮބައިތޯއެވެ؟
الله އަހަރުމެން އުފެއްދެވުމަށްފަހު އަހަރުމެން ބޭކާރު ގޮތެއްގައި ދޫކޮށްލެއްވި ކަމަށް ވެދާނެ ހެއްޔެވެ؟ ﷲ މި ހުރިހާ މަޚްލޫޤުން އުފެއްދެވީ އެއްވެސް މަޤްޞަދެއް ނުވަތަ ބޭނުމެއް ނެތި ކަމަށް ވެދާނެ ހެއްޔެވެ؟
ޙަޤީޤަތަކީ ޚަލްޤުކުރެއްވި މާތް ރަސްކަލާނގެ، “ﷲ” އެކަލާނގެ އަހަރުމެން އުފެއްދެވި މަޤްޞަދު ބަޔާންކޮށްދެއްވިއެވެ. އެއީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމެވެ. އަހަރުމެންގެ ކިބައިން އެކަލާނގެ ބޭނުންވެވޮޑިގަންނަވާނީ ކޮންކަމެއް ހެއްޔެވެ! އަޅުކަން ކުރަން ޙައްޤުވަނީ ހަމައެކަނި އެކަލާނގެއަށް ކަމުގައި އެކަލާނގެ އަހަރުމެންނަށް ޚަބަރުދެއްވިއެވެ. އަދި އެކަލާނގެ ރަސޫލުންގެ ޒަރީޢާއިން އެކަލާނގެއަށް އަޅުކަން ކުރަންވީ ގޮތް ބަޔާންކޮށްދެއްވިއެވެ. އެކަލާނގެ އަމުރުކުރައްވާ ކަންތައްތަކާއި، އެކަލާނގެ މަނާކުރައްވާ ކަންކަމުން ދުރުހެލިވެ، އެކަލާނގެއާ ކުއްތަންވާނީ ކިހިނެއްކަމާއި، އެކަލާނގެ ރުހިވޮޑިގަތުން އަހަރުމެން ހޯދާނީ ކިހިނެއްކަން ޚަބަރުދެއްވިއެވެ. އަދި އެކަލާނގެ ޢުޤޫބާތާމެދު އަހަރުމެން ހުށިޔާރުވެ ބިރުވެތިވަމެވެ. އަދި މަރުވުމަށްފަހު އަހަރުމެންގެ ކަންތައް ދާނެގޮތް ބަޔާންކޮށްދެއްވިއެވެ.
އަދި މިދުނިޔޭގެ ޙަޔާތަކީ ހަމައެކަނި އިމްތިޙާނެއް ކަމުގައި އެކަލާނގެ ޚަބަރުދެއްވިއެވެ.
އަދި ޙަޤީޤީ، ފުރިހަމަ ޙަޔާތް އޮންނާނީ މަރުވުމަށްފަހު އާޚިރަތުގެ ޙަޔާތުގައި ކަން ބަޔާންކޮށްދެއްވިއެވެ.
އަދި އެކަލާނގެ އަމުރު ކުރެއްވި ގޮތަށް އެކަލާނގެއަށް އަޅުކަންކޮށް، އެކަލާނގެ މަނާކުރެއްވި ކަންކަމުން ދުރުހެލިވާ މީހަކަށް ދުނިޔޭގައި ހެޔޮ ޙަޔާތެއް ލިބި، އާޚިރަތުގައި ދާއިމީ ނިޢުމަތް ލިބިގެންދާނެކަމަށް އެކަލާނގެ އަހަރުމެންނަށް ޚަބަރުދެއްވިއެވެ. އަދި އެކަލާނގެއަށް ނުކިޔަމަންތެރިވެ އެކަލާނގެއަށް ކާފަރުވެއްޖެ މީހަކަށް ދުނިޔޭގައި އަބާއްޖަވެރިކަމާއި، އަދި އާޚިރަތުގައި ދާއިމީ ޢަޛާބުހުރިކަމަށްވެސް ޚަބަރުދެއްވިއެވެ.
އެހެނީ އަހަރުމެންނަށް އެނގޭ ކަމަކީ، އަހަރުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް، އެމީހަކު ކުރި ހެޔޮ ނުވަތަ ނުބައި ޢަމަލެއްގެ ޖަޒާ ނުލިބި ދިޔުމަކީ ނުވާނޭ ކަމެކެވެ. އެހެންވީމާ ފަހެ އަނިޔާވެރިންނަށް އެއްވެސް އަދަބެއް (އާޚިތަރުގައި) ނުލިބޭނެ ހެއްޔެވެ! އަދި ހެޔޮކަންތައް ކުރާ މީހުންނަށް (އާޚިރަތުގައި) އެއްވެސް ބަދަލެއް ނުލިބޭނެ ހެއްޔެވެ!
މިއަދު ގިނަ މީހުން އަޅުކަންކުރާ ތަކެއްޗަށް ބަލާ މީހަކަށް ފެންނާނީ: އެކަކު އިންސާނަކަށް އަޅުކަން ކުރަމުންދާތަން، އަނެކަކު ބުދަކަށް އަޅުކަންކުރާތަން، އަނެކަކު ތަރިއަކަށް އަޅުކަންކުރާތަނާއި މިހެންނެވެ.ހަމައެކަނި ޢާލަމުތަކުގެ ވެރި ރައްބަށް އަޅުކަންކުރުން މެނުވީ ބުއްދިހުރި އިންސާނަކަށް އެކަށީގެން ނުވެއެވެ. އެއީ އެކަލާނގެ ސިފަފުޅުތަކުގައި ފުރިހަމަ ރަސްކަލާނގެއެވެ. ތިމާ ފަދަ ނުވަތަ ތިމާއަށްވުރެވެސް ދަށް މަޚްލޫޤަކަށް އަޅުކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ އަޅުކަންކުރެވޭ ފަރާތެއްކަމުގައި: އިންސާނެއް، ނުވަތަ ބުދެއް، ނުވަތަ ގަހެއް، ނުވަތަ ޖަނަވާރެއް ވެގެން ނުވާނެއެވެ.
މިއަދު މީހުން އަޅުކަންކުރާ ހުރިހާ ދީންތަކަކީ - އިސްލާމްދީން ފިޔަވައި - މާތްالله ޤަބޫލުކުރައްވާ ދީނެއް ނޫނެވެ. ފަހެ އެއީ އިންސާނުން އުފެއްދި ދީންތަކެކެވެ. ނުވަތަ އިލާހީ ދީންތަކެއް ކަމުގައި ވަނިކޮށް ދެން އިންސާނުންގެ އަތުން ބަދަލުކޮށް ކުޅެފައިވާ ދީންތަކެކެވެ. ދެންފަހެ އިސްލާމްދީނަކީ ޢާލަމްތަކުގެ ވެރި ރައްބުގެ ދީނެވެ. އެ ދީން ތަޣައްޔަރުވެ ބަދަލެއް ނުވާނެއެވެ. އަދި މި ދީނުގެ ފޮތަކީ ކީރިތި ޤުރުއާނެވެ. އެއީ މާތް الله ބާވައިލެއްވި ގޮތަށް ރައްކާކުރެވިފައިވާ ފޮތެކެވެ. އެ ފޮތް އެންމެ ފަހުގެ ރަސޫލާއަށް ބާވައިލެއްވި ބަހުން މިއަދާ ހަމަޔަށް ވެސް މުސްލިމުންގެ އަތްމަތީގައިވުން މެދުނުކެނޑެއެވެ.
އިސްލާމްދީނުގެ އެއް އަސާސަކީ މާތް الله ފޮނުއްވި ހުރިހާ ރަސޫލުންނަށް އީމާންވުމެވެ.
އެ ހުރިހާ ބޭކަލުންވެސް ވީ އިންސާނުން ކަމުގައިއެވެ. ﷲ އެބޭކަލުންނަށް އާޔަތްތަކާއި މުޢުޖިޒާތްތަކުން ބާރުދެއްވިއެވެ. އަދި އެކަލާނގެ އެބޭކަލުން ފޮނުއްވީ އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުލާ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށް ގޮވާލެއްވުމަށެވެ. ރަސޫލުންގެ ތެރެއިން އެންމެ ފަހު ރަސޫލަކީ މުޙައްމަދު، صَلَّى اللهُ عَلَيْهِ وَسَلَّمَ އެވެ. ﷲ އެކަލޭގެފާނު ފޮނުއްވީ އެކަލޭގެފާނުގެ ކުރީގައި އުޅުއްވި ރަސޫލުންގެ ޝަރީޢަތްތައް މަންސޫޚަކޮށް އުވާލާ އެންމެ ފަހުގެ އިލާހީ ޝަރީޢަތާއެކުގައެވެ. އަދި ބޮޑެތި ހެކިތަކުން އެކަލާނގެ އެކަލޭގެފާނަށް ތާއީދުދެއްވިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ ކީރިތި ޤުރުއާނެވެ. އެއީ ޢާލަމުތަކުގެ ވެރިރަސްކަލާނގެ ބަސްފުޅެވެ. އިންސާނީ ދަރިފަސްކޮޅަށް އެނގިފައިވާ އެންމެ މަތިވެރި މާތް ފޮތެވެ. އެ ފޮތުގައި އެކުލެވިގެންވާ ބައިތަކާއި، ލަފްޒުގައާއި، އެމުނުމުގައާއި، ޙުކުމްތަކުގައިވެސް މުޢުޖިޒާތެއް ކަމުގައިވާ ފޮތެކެވެ. އޭގައި ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަމަށް ވާޞިލުކޮށްދޭނެ ޙައްޤަށް ހިދާޔަތު ވެއެވެ. އަދި އެ ފޮތް ބާވައިލެއްވުނީ ޢަރަބި ބަހުންނެވެ.
މި ޤުރުއާނަކީ ހުސްޠާހިރުވަންތަ ޚާލިޤުވަންތަ ރަސްކަލާނގެ ބަސްފުޅުކަމާއ، އަދި އިންސާނުން އުފެއްދި އެއްޗެއްކަމުގައި އެ ފޮތް ނުވާނޭކަމަށް، ޝައްކެއްނެތް ގޮތުގައި ސާބިތުކޮށްދޭ ބުއްދީގެ އަދި ޢިލްމީ ގިނަ ދަލީލުތަކެއްވެއެވެ.
އަދި އިސްލާމްދީނުގެ އަސާސްތަކުގެ ތެރޭގައި މަލާއިކަތުންނަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުން ހިމެނެއެވެ. އެގޮތުން މީސްތަކުން ކުޅަ ޢަމަލުތަކުގެ ޙިސާބު ބެއްލެވުމަށްޓަކައި، ޤިޔާމަތްދުވަހު ﷲ ތަޢާލާ އެމީހުން އަލުން ދިރުއްވާނެއެވެ. ދެންފަހެ މުއުމިނެއްގެ ގޮތުގައި ހުރެ ޞާލިޙު ޢަމަލުތައް ކުރި މީހަކަށް ސުވަރުގޭގައި ދާއިމީ ނިޢުމަތްވެއެވެ. އަދި ކާފަރުވެ ނުބައި ޢަމަލުތައް ކުރި މީހަކަށް ނަރަކައިގައި ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ. އަދިވެސް އިސްލާމްދީނުގެ އަސާސްތަކުގެ ތެރޭގައި ﷲ ތަޢާލާ މިންވަރުކޮށް ޤަދަރުކުރެއްވި ހެޔޮ މިންވަރު ނުވަތަ ނުބައި މިންވަރަށް އީމާންވުންވެއެވެ.
އަދި އިސްލާމްދީނަކީ، އިންސާނާގެ ފިޠުރަތާއި ބުއްދިއާ އެއްގޮތްވާ، އަދި ހަމައަށް ސީދާކޮށްވާ ނަފްސުތައް ޤަބޫލުކުރާނޭ، މުޅި ދިރިއުޅުމަށް ޝާމިލުވެގެންވާ ވައްޓަފާޅިއެކެވެ. މަތިވެރިވެގެންވާ ޚާލިޤު، އެކަލާނގެ ޚަލްޤުތަކުންނަށްޓަކައި އެ ދީން ޝަރުޢުކޮށްދެއްވިއެވެ. އެއީ ހުރިހާ މީސްތަކުންނަށް ދުނިޔެއާއި އާޚިރަތުގައި، ހެޔޮކަމާއި ބާއްޖަވެރިކަން ލިއްބައިދޭ ދީނެވެ. އެ ދީނުގައި އެއް ނަސްލު އަނެއް ނަސްލުގެ މައްޗަށް، އަދި އެއް ކުލަ އަނެއް ކުލައިގެ މައްޗަށް ތަފާތެއް ނުކުރެއެވެ. ހުރިހާ މީސްތަކުން އެ ދީނުގައި ވަނީ ހަމަހަމަވެގެންނެވެ. އިސްލާމްދީނުގައި އެމީހެއްގެ ހެޔޮ ޢަމަލުތަކުގެ މިންވަރުން މެނުވީ އެކަކުވެސް އަނެކަކުގެ މައްޗަށް ފާހަގަވެ ތަފާތުނުވެތެވެ.
ކީރިތި ޤުރުއާނުގައި މާތް الله ކަށަވަރުކޮށްދެއްވާފައިވާ ކަމަކީ: ﷲ އީ ރައްބު އަދި އަޅުކަންވެވޭ ފަރާތްކަމުގައި އީމާންވުމާއި، އަދި އިސްލާމްދީނަކީ ދީން ކަމުގައި އާއި، އަދި މުޙައްމަދުގެފާނީ ރަސޫލެއް ކަމުގައި އީމާންވާންޖެހޭނެކަމާއި، އިސްލާމްދީނަށް ވަނުމަކީ އެއްވެސް އިންސާނަކަށް އޭގައި އެނޫން އިޚްތިޔާރެއް ނެތް، ކޮންމެހެން ކުރުން ލާޒިމްވެގެންވާ ކަމެއްކަމެވެ. އަދި ޤިޔާމަތް ދުވަހު ޙިސާބު ބެއްލެވުމާއި ޖަޒާދެއްވުން އޮންނާނެކަމަށެވެ. ދެންފަހެ ތެދުވެރި މުއުމިނެއްކަމުގައި ވީ މީހަކަށް ކާމިޔާބާއި ބޮޑުވެގެންވާ ނަޞީބުވެއެވެ. އަދި ކާފަރެއްކަމުގައި ވީ މީހާއަށްވަނީ ފަހެ ބަޔާންވެގެންވާ ގެއްލުމާއި ހަލާކެވެ.
އިސްލާމްދީނަށް ވަންނަން ބޭނުން މީހަކުގެ މައްޗަށް އޮތީ މިހެން ކިޔުމެވެ: (أشهد أن لا إله إلا الله وأشهد أن محمدًا رسول الله)
(މާނައީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް އަޅު ހެކިވަމެވެ.)
އެއީ އެކަލިމައިގެ މާނަ އެނގި އެއަށް އީމާންވާ ޙާލުގައިއެވެ. މިއިން އޭނާ މުސްލިމަކަށް ވެދެއެވެ. ދެން އޭނާ އިސްލާމްދީނުގެ ބާކީ ހުރި ޝަރީޢަތްތައް މަޑުމަޑުން ކަމަކަށް ފަހު ކަމެއް ދަސްކުރަމުން ގެންދާނީއެވެ. އެއީ الله އޭނާއަށް ވާޖިބުކުރައްވާފައިވާ ކަންތައް އަދާކުރުމަށްޓަކައިއެވެ.
އިތުރު މަޢުލޫމާތައްޓަކައި: