نبذة في العقيدة الإسلامية (شرح أصول الإيمان)
*
These files are generated automatically from the book's text; their layout may differ from the printed edition.
އިސްލާމީ ޢަޤީދާގެ ޚުލާޞާއެއް
ލިޔުއްވީ: ފަޟީލަތުއް ޝައިޚު އަލްޢައްލާމާ
މުޙައްމަދު ބްނު ޞާލިޙު އަލްޢުޘައިމީން
އެބޭފުޅާއަށާއި އެބޭފުޅާގެ މައިންބަފައިންނާއި، އަދި މުސްލިމުންނަށް الله ފާފަ ފުއްސަވާށިއެވެ.
ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
މުޤައްދިމާ
ﷲ އަށް ޙަމްދު ހުއްޓެވެ. އަހަރުމެން އެކަލާނގެއަށް ޙަމްދުކުރަމެވެ. އަދި އެކަލާނގެ ޙަޟްރަތުން އެހީތެރިކަމަށް އެދެމެވެ. އަދި އެކަލާނގެ ޙަޟުރަތުން ފާފަ ފުއްސެވުމަށް އެދެމެވެ. އަދި އެކަލާނގެއަށް ތައުބާވަމެވެ. އަހަރުމެންގެ އަމިއްލަ ނަފްސުތަކުގެ ނުބައިކަމުންނާއި، އަހަރުމެންގެ ޢަމަލުތަކުގެ ނުބައިކަމުން الله ގެ ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ. ފަހެ الله ތެދުމަގު ދައްކަވައިފި މީހަކު މަގުފުރެއްދޭނެ މީހަކު ނުވެއެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދެއްކޭނެ މީހަކުވެސް ނުވެއެވެ. الله ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި، އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބަޢަވީހާ ބައެއްގެ މައްޗަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
އެއަށްފަހު ބުނަމެވެ: ހަމަކަށަވަރުން [ތައުޙީދުގެ ޢިލްމު] އެއީ ޢިލްމުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި، އެންމެ ޤަދަރުހުރި، އަދި ހޯދުން އެންމެ ވާޖިބުކަން ބޮޑު ޢިލްމެވެ. އެހެނީ އެއީ الله ތަޢާލާއާމެދު، އަދި އެކަލާނގެ އިސްމުފުޅުތަކާއި، ޞިފަފުޅުތަކާއި، އަޅުތަކުންގެ މައްޗަށް ވާ އެކަލާނގެ ޙައްޤުފުޅުތަކާމެދުވާ ޢިލްމުކަމުގައިވާތީއެވެ. އަދި އެއީ ﷲ ތަޢާލާގެ މަގަށް ވާޞިލުވެވޭ ތަޅުދަނޑިކަމާއި، އެކަލާނގެ ޝަރީޢަތްތަކުގެ އަސާސް ކަމުގައި ވާތީއެވެ.
އެކަމަށްޓަކައި، ހުރިހާ ރަސޫލުން ވެސް އެކަމަށް ގޮވާލެއްވުމުގައި އެއްބަސްވެފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلاَّ نُوحِي إِلَيْهِ أَنَّهُ لاَ إِلَهَ إِلاَّ أَنَا فَاعْبُدُون} މާނައީ: "ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!" [އަލްއަންބިޔާއު: 25]
އަދި އެކަލާނގެ އަމިއްލަ ނަފްސުފުޅަށް، އެއްކައުވަންތަކަމުގެ މައްޗަށް ހެކިވެވޮޑިގެންނެވިއެވެ. އަދި މަލާއިކަތުންނާއި ޢިލްމުވެރިންވެސް އެކަމަށް ހެކިވެވަޑައިގެންނެވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {شَهِدَ اللّهُ أَنَّهُ لاَ إِلَـهَ إِلاَّ هُوَ وَالْمَلاَئِكَةُ وَأُوْلُواْ الْعِلْمِ قَائِمَاً بِالْقِسْطِ لاَ إِلَـهَ إِلاَّ هُوَ الْعَزِيزُ الْحَكِيم} މާނައީ: "ހަމަކަށަވަރުން ﷲ، އެއިލާހު ފިޔަވައި (އަޅުކަން ޙައްޤުވާ) އިލާހަކު ނުވާކަމަށް ހެކިވޮޑިގެންނެވިއެވެ. އަދި މަލާއިކަތުންނާއި ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެއިލާހު ޚަލްޤުކުރެއްވި ތަކެތި ތަދުބީރުކުރެއްވުމުގައި) ޢަދުލުވެރިކަމާއެކު އެއިލާހު ޤާއިމުވެވޮޑިގެންވެއެވެ. އެއިލާހު ފިޔަވައި (އަޅުކަން ޙައްޤުވާ) އިލާހަކު ނުވެއެވެ. (އެއިލާހީ) ޢިއްޒަތްވަންތަ، ޙިކުމަތްވަންތަ އިލާހެވެ." [އާލްޢިމްރާނު: 18].
ތައުޙީދުގެ ކަންތައް (ޤަދަރާއި މުހިއްމުކަން) މިހެން ހުރިހިނދު ކޮންމެ މުސްލިމަކަށްވެސް އެކަން އުނގެނުމާއި، އުނގަންނައިދިނުމާއި، އެކަމާމެދު ވިސްނާ ފިކުރުކުރުމާއި، އިޢުތިޤާދު ކުރުމުގައި އަހައްމިއްޔަތުކަން ދިނުން ލާޒިމްވެގެންވެއެވެ. އެއީ އޭނާގެ ދީން، ހިތްހަމަ ޖެހުމާއި ކިޔަމަންތެރިކަމާއެކު ޞައްޙަ ބިންގަލެއްގެ މަތީގައި ބިނާކުރުމަށްޓަކައެވެ. އޭގެ ސަބަބުން އޭގެ މޭވާއާއި ނަތީޖާތަކުން އޭނާއަށް އުފާވެރިކަން ލިބުމަށެވެ.
ތައުފީޤުދެއްވާ ފަރާތަކީ ﷲ އެވެ.
މުއައްލިފު
އިސްލާމް ދީން
އިސްލާމް ދީނަކީ: އެ ދީނާއިގެން ﷲ މުޙައްމަދު ﷺ ފޮނުއްވި ދީނެވެ. އަދި އެކަލާނގެ އެ ދީނުން އެހެން ހުރިހާ ދީންތަކެއް ޚަތިމުކުރެއްވިއެވެ. އަދި އެކަލާނގެ އެ ދީން ފުރިހަމަކޮށްދެއްވާ، އަދި އެ ދީނުން އެމީހުންގެ މައްޗަށް ނިޢުމަތް ފުރިހަމަކޮށްދެއްވިއެވެ. އަދި ދީނެއްގެ އެކަލާނގެ އެމީހުންނަށް އެ ދީނަށް ރުއްސެވިއެވެ. ފަހެ އެއްވެސް މީހެއްގެ ކިބައިން އެނޫން ދީނެއް އެކަލާނގެ ޤަބޫލެއް ނުކުރައްވާނެތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا} މާނައީ: "ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّهވޮޑިގެންވެއެވެ." [އަލްއަޙްޒާބު: 40].
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا} މާނައީ: "މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ." [އަލްމާއިދާ: 3].
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ} މާނައީ: "ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ." [އާލް ޢިމްރާނު: 19]
އަދިވެސް ވަޙީކުރެއްވިއެވެ: {وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِين} މާނައީ: "ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނައެވެ!) ފަހެ އެމީހާގެ ކިބައިން (އެކަން) ޤަބޫލު ނުކުރެވޭހުއްޓެވެ. އަދި އާޚިރަތުގައި އެމީހަކު ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." [އާލް ޢިމްރާން: 85]
އިސްލާމް ދީނުން ދީންވެރި ވުމަކީ الله ތަޢާލާ ހުރިހާ މީސްތަކުންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ކަމެކެވެ. އެކަން އަންގަވާ އެކަލާނގެ ރަސޫލާ ﷺ އާ މުޚާޠަބު ކުރައްވައި ވަޙީކުރެއްވިއެވެ: {قُلْ يَاأَيُّهَا النَّاسُ إِنِّي رَسُولُ اللّهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالأَرْضِ لا إِلَـهَ إِلاَّ هُوَ يُحْيِـي وَيُمِيتُ فَآمِنُواْ بِاللّهِ وَرَسُولِهِ النَّبِيِّ الأُمِّيِّ الَّذِي يُؤْمِنُ بِاللّهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُون} މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި ރަސޫލާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، اللَّه އަށާއި އުއްމިއްޔަ (ލިޔަންކިޔަން ނުދަންނަ) ނަބިއްޔާ ކަމުގައިވާ އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! އެކަލޭގެފާނީ اللَّه އަށާއި އެކަލާނގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބަޢަވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ." [އަލްއަޢުރާފު: 158]
އަދި ޞަޙީޙް މުސްލިމްގައިވެއެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «والّذي نفس محمّدٍ بيـده لا يسمع بي أحدٌ مـن هـذه الأمّة يهوديٌّ ولا نصرانيٌّ ثمّ يموت ولم يؤمن بالّذي أرسلت به إلّا كان من أصحاب النّار». މާނައީ: "މުޙައްމަދުގެފާނުގެ ނަފްސު އެ އިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވާ ވިދާޅުވަމެވެ: މި އުއްމަތުގެ އެއްވެސް މީހަކު، ޔަހޫދީއެއް ކަމުގައި ވިޔަސް އަދި ނަޞާރާއެއް ކަމުގައި ވިޔަސް، ތިމަންކަލޭގެފާނުގެ ވާހަކަ އަޑުއަހާފައި، ދެން ތިމަންކަލޭގެފާނު އެކަންތަކާގެން ފޮނުއްވުނު ކަންތަކަށް އީމާންނުވެ ހުރެ މަރުވެއްޖެ ނަމަ؛ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން މެނުވީ އޭނާ ނުވާނެއެވެ."
އެކަލޭގެފާނަށް އީމާންވުމަކީ: އެކަލޭގެފާނުގެ ގެންނެވި ކަންތައް ޤަބޫލުކޮށް ބޯލެނބުމާއެކު ތެދުކުރުމެވެ. އެއީ ހުސްއެކަނި ތެދުކޮށްލުމެއް ނޫނެވެ. މިހެންވެ، ރަސޫލާ ﷺ ގެންނެވި ކަންތައް އަބޫ ޠާލިބު ތެދުކޮށްގެންވެ، އަދި އެއީ އެންމެ ރަނގަޅު ދީންކަމުގައި އޭނާ ހެކިވުމާއެކުވެސް އޭނާ ރަސޫލާ ﷺއަށް އީމާންވި މީހަކު ކަމުގައި ނުވިއެވެ.
އިސްލާމް ދީނުގައި، ކުރީގެ ދީންތަކުގައި ހިމެނޭ ހުރިހާ މަޞްލަޙަތުތަކެއް ހިމެނެއެވެ. އޭގެ އިތުރަށް އިސްލާމްދީނަށް ލިބިފައިވާ އިމުތިޔާޒަކީ އެއީ ކޮންމެ ޒަމާނަކަށްވެސް، އަދި ކޮންމެ ތަނަކަށްވެސް އަދި ކޮންމެ އުއްމަތަކަށްވެސް އެކަށީގެންވާ އެއްޗަކަށް ވުމެވެ. ﷲ ތަޢާލާ އެކަލާނގެ ރަސޫލާއާ މުޚާޠަބު ކުރައްވައި ވަޙީކުރެއްވިއެވެ: {وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ} މާނައީ: "އަދި ތިމަންއިލާހު ޙައްޤު ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެ ފޮތްތަކުގެ މައްޗަށް ހެކިވަނިވި ބާރުހިންގަނިވި ފޮތެއް ކަމުގައެވެ." [އަލްމާއިދާ: 48].
ކޮންމެ ޒަމާނަކާއި، ތަނަކާއި، ބަޔަކަށްވެސް އެކަށީގެންވާ ދީނެކޭ ބުނެވޭބަހުގެ މާނައަކީ: އެ ދީނުގައި ހިފެހެއްޓުމަކުން އެއްވެސް ޒަމާނެއްގައި، ނުވަތަ އެއްވެސް ތަނެއްގައި އުއްމަތުގެ މަޞްލަޙަތުތަކާ ފުށުނާރާނެކަމެވެ. ކިއެއްތަ، މީސްތަކުން އިޞްލާޙުވުން ވަނީ އެ ދީނަށް އުޅުމުގައެވެ. އެއްވެސް ޙާލެއްގައި އެބަހުގެ މާނައަކީ، ބައެއް މީހުން ބޭނުންވާ ގޮތަށް އެ ދީން، ކޮންމެ ޒަމާނަކާއި ތަނަކަށް އަދި ބަޔަކަށް ދީލާލައިގެން (ބޭނުންގޮތަކަށް ހެދެން) ނިކަމެތިވެގެންވާ ވާހަކައެއް ނޫނެވެ.
އަދި އިސްލާމްދީނަކީ، ﷲ ތަޢާލާ އެ ދީނުގައި ޙައްޤުގޮތުގައި ހިފަހައްޓާ ކޮންމެ މީހަކަށް، ނަޞްރު ދެއްވާނެކަމާއި، އެހެން ދީންތަކުގެ މައްޗަށް އެ ދީން ފާޅުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ދީނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَلَوْ كَرِهَ الْمُشْرِكُون} މާނައީ: "އެ އިލާހީ، ތެދުމަގާއި، ޙައްޤު ދީނާއިގެން އެ އިލާހުގެ ރަސޫލާ ފޮނުއްވި އިލާހެވެ. އެއީ އެންމެހާ ދީންތަކުގެ މައްޗަށް އެ ދީން ފާޅު ކުރެއްވުމަށް ޓަކައެވެ. މުޝްރިކުން ކިތަންމެ ނުރުހުނަސްމެއެވެ." [އައްޞައްފު: 9].
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ި{وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُم فِي الأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَى لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا يَعْبُدُونَنِي لاَ يُشْرِكُونَ بِي شَيْئًا وَمَن كَفَرَ بَعْدَ ذَلِكَ فَأُوْلَئِكَ هُمُ الْفَاسِقُون} މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވެ ޞާލިހު ޢަމަލުތައްކޮށް އުޅުނު މީހުން، ހަމަކަށަވަރުން އެ މީހުން ބިމުގައި ޚަލީފާވެރިކުރައްވާނެ ކަމަށް ﷲ ވަޢުދުކުރެއްވިއެވެ. އެއީ އެ މީހުންގެ ކުރިން އުޅުނު މީހުން ވެސް ޚަލީފާވެރި ކުރެއްވި ފަދައިންނެވެ. އަދި އެމީހުންނަށް ޓަކައި އެ އިލާހު ރުއްސެވި އެމީހުންގެ ދީން، އެމީހުންނަށްޓަކައި ހަރުލައްވައި ޤާއިމުކުރައްވާނެކަން ކަށަވަރެވެ. އަދި އެމީހުންގެ ބިރުވެރިކަމަށް ފަހު، އަމާންކަމަކަށް އެމީހުން ބަދަލު ކުރައްވާނެކަން ކަށަވަރެވެ. އެމީހުން ތިމަން އިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކޮށް، ތިމަން އިލާހަށް އަޅުކަން ކުރާނެއެވެ. އެއަށް ފަހު ކާފަރު ވެއްޖެ މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ ހަމަ ފާސިޤުންނެވެ." [އައްނޫރު: 55].
އިސްލާމްދީނަކީ: ޢަޤީދާއެއް އަދި ޝަރީޢަތެކެވެ. ފަހެ އެއީ ޢަޤީދާއާއި، ޝަރުޢުތަކުގައިވެސް ފުރިހަމަވެގެންވާ ދީނެކެވެ:
1- އެ ދީން، ﷲ ތަޢާލާ އެއްކައުވަންތަކުރުމަށް އަމުރުކޮށް، ޝިރުކުކުރުން ނަހީކުރެއެވެ.
2- ތެދުވެރިކަމަށް އަމުރުކޮށް، ދޮގުހެދުން ނަހީ ކުރެއެވެ.
3- އެ ދީން ޢަދުލުވެރިކަމަށް އަމުރުކޮށް އަނިޔާވެރިކަން މަނާކުރެއެވެ. ޢަދުލުވެރިކަމަކީ އެއްގޮތް ތަކެއްޗާއި ކަންކަމުގެ މެދުގައި ހަމަހަމަކުރުމާއި، ތަފާތު ކަންކަމުގެ މެދުގައި ފަރަޤުކުރުމެވެ. އެއީ ބައެއް މީހުން ބުނާ ފަދައިން ހުރިހާ ކަމެއްގައި މުޠުލަޤުކޮށް ހަމަހަމަ ކުރުމެއް ނޫނެވެ. އެ މީހުން ބުނެއެވެ: އިސްލާމްދީނަކީ ހަމަހަމަކަމުގެ ދީނެވެ. މިހެން ބުނެ ޢާއްމުކޮށްލައެވެ. ފަހެ ތަފާތު ކަންކަމުގެ މެދުގައި ހަމަހަމަކުރުމަކީ އަނިޔާވެރިކަމެކެވެ. އެއީ އިސްލާމްދީން ގެނެސްދީފައިވާ ކަމެއްނޫނެވެ. އަދި އެކަން ކުރާ ބަޔަކަށް ތައުރީފެއްވެސް ނުކުރެއެވެ.
4- އެ ދީން ތެދުވެރިކަމަށް އަމުރުކޮށް، ޚިޔާނާތްތެރިވުން ނަހީކުރެއެވެ.
5- ވަފާތެރިކަމަށް އަމުރުކޮށް، ޣައްދާރުވުން ނަހީކުރެއެވެ.
6- މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކޮށް، އެބައިމީހުންނަށް ނުކިޔަމަންތެރިވުން ނަހީކުރެއެވެ.
7- އެ ދީން، ރަޙިމުގެ ގުޅުންތައް -އެއީ ގާތްތިމާގެ މީހުންގެ ގުޅުންތައް- ދަމަހައްޓަން އަމުރުކޮށް، ގުޅުންކެނޑުން ނަހީކުރެއެވެ.
8- ހެޔޮ އަވަށްޓެރިކަމަށް އަމުރުކޮށް، ނުބައި އަވަށްޓެރިކަން ނަހީކުރެއެވެ.
ކުރުކޮށް ބުނާނަމަ: އިސްލާމްދީން ކޮންމެ ހެޔޮ ރަނގަޅު ޚުލްޤަކަށް އަމުރުކޮށް، އަދި ކޮންމެ ދަށް ނުބައި އަޚްލާޤެއް ނަހީކުރެއެވެ. ހަމަ އެހެންމެ ކޮންމެ ހެޔޮ ޢަމަލަކަށް އަމުރުކޮށް، ކޮންމެ ނުބައި ޢަމަލެއް ނަހީ ކުރެއެވެ.
الله ތަޢާލާ ވަޙީކުރެއްވިއެވެ: {إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ وَإِيتَاء ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُون} މާނައީ: ހަމަކަށަވަރުން، ޢަދުލުވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، ވަޢުޡު ނަޞޭޙަތް އިއްވަވައެވެ. އެއީ ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ." [އައްނަޙްލު: 90].
އިސްލާމްކަމުގެ ރުކުންތައް
އިސްލާމްކަމުގެ ރުކުންތަކަކީ: އޭގެ މައްޗަށް މި ދީން ބިނާވެފައިވާ އަސާސްތަކެވެ. އަދި އެއީ ފަސް ރުކުނެވެ: އެއީ އިބްނު ޢުމަރު رضي الله عنهما ރަސޫލާ صلى الله عليه وسلم ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްގައި ޛިކުރުކުރެވިފައިވާ ރުކުންތަކެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ”އިސްލާމްކަން ބިނާވެގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ﷲ އެއްކައުވަންތަކުރުމުގެ މައްޗަށެވެ. -އެހެން ރިވާޔަތެއްގައިވަނީ- ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި (ޙައްޤުވެގެން އަޅުކަންވެވޭ) އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެ އިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި، ޙައްޖުކުރުމެވެ." އެހިނދު މީހަކު ބުނެފިއެވެ: "ޙައްޖުވުން، ދެން ރަމަޟާން މަހު ރޯދަ ހިފުމެވެ." (އިބްނު ޢުމަރު) ވިދާޅުވިއެވެ: "ނޫނެކެވެ. ރަމަޟާންމަހުގެ ރޯދަ ހިފުން ދެން ޙައްޖުވުމެވެ. ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން އަހަރެން އަޑުއެހީ މިގޮތަށެވެ."
1- ﷲ ފިޔަވައި (ޙައްޤުވެގެން އަޅުކަންވެވޭ) އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެ އިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމަށް ބަލާއިރު: ފަހެ އެއީ: ދުލުން މި ހެކިވުން ފާޅުކޮށްދޭގޮތަށް (ހިތުން) ޔަޤީންކޮށް ކަނޑައެޅިގެން އިޢުތިޤާދުކުރުމެވެ. އޭނާ އެ ހެކިވާ ކަންތައް ދެކިގެންވާ ޙާލު އެކަން ޔަޤީން ކުރާ ފަދައިންނެވެ. ހެކިވެވޭ ކަންތައް (އެއްކަމަށްވުރެ) ގިނަވެގެންވުމާއެކު މި ހެކިވުން އެއް ރުކުންކަމުގައި ލެއްވުނީ:
އެއްގޮތަކީ: އެހެނީ ރަސޫލާ ﷺ އަކީ ﷲ ތަޢާލާގެ ޙަޟްރަތުން ފޯރުކޮއްދެއްވާ ފަރާތްކަމުގައިވުމުންނެވެ. އެހެންކަމުން އެކަލޭގެފާނަށް (ﷲ ތަޢާލާގެ) އަޅުވެތިކަމަށް އަދި ރިސާލަތަށް ހެކިވުމަކީ: ހަމަ لا إله إلّا الله އަށް ހެކިވުން ފުރިހަމަވުމުގެ ތެރެއިންވާ ކަމެކެވެ.
އަނެއް ގޮތަކީ: މި ދެ ހެކިވުމަކީ ޢަމަލުތައް ޞައްޙަވުމާއި ޤަބޫލުވުމުގެ އަސާސް ކަމުގައި ވާތީއެވެ. އެހެނީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ، އެކަލާނގެ ރަސޫލާ ﷺ އަށް ތަބަޢަވެގެން މެނުވީ ޢަމަލަކަށް ޞައްޙަވުމެއް އަދި ޤަބޫލުވުމެއް ނެތެވެ.
އެގޮތުން ﷲ އަށް އިޚުލާސްތެރިވުމުން، لا إله إلّا الله އަށް ހެކިވުން ޙައްޤުކޮށް ޙަޤީޤަތަކަށް ހެދެއެވެ. އަދި ﷲ ގެ ރަސޫލާއަށް ތަބަޢަވުމުން، މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުން ޙައްޤުކޮށް ޙަޤީޤަތަށް ހެދެއެވެ.
މި މަތިވެރިވެގެންވާ ހެކިވުމުން ލިބޭ ފައިދާތަކުގެ ތެރޭގައި: ހިތާއި ނަފްސު މަޚުލޫގުންގެ އަޅުވެތިކަމުން މިނިވަންވާނެއެވެ. ހަމަ އެހެންމެ ފޮނުއްވިގެންވާ ރަސޫލުން ނޫން ބަޔަކަށް ތަބަޢަވުމުންވެސް މިނިވަން ވާނެއެވެ.
2- ނަމާދު ޤާއިމް ކުރުމަށް ބަލާއިރު: އެއީ އޭގެ ވަޤުތުތަކުގައި، އަދި އެ ނަމާދުކުރަން އޮންނަ ޞިފައަށް، ސީދާކޮށް އަދި ފުރިހަމަގޮތުގައި އެކަންކުރުމުން ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ.
ނަމާދުން ލިބޭ ފައިދާތަކުގެ ތެރޭގައި: މޭ ތަނަވަސްވުން (ހިތަށް ފަސޭހަކަމާއި ހަމަޖެހުން) ލިބުމާއި، ލޮލަށް ފިނިކަންލިބުން އަދި ފާޙިޝް ޢަމަލުތަކާއި ނުބައި ކަންކަމުން ދުރުހެލިކުރުވުން ހިމެނެއެވެ.
3- ދެން ޒަކާތްދިނުމަށް ބަލާއިރު: އެއީ ޒަކާތް ނެރުން ޙައްޤުވާ މުދަލުގެ ވާޖިބުވާ މިންވަރު ހޭދަކޮށްގެން ﷲ ތަޢާލާއަށް އަޅުކަންކޮށް ކުއްތަންވުމެވެ.
ޒަކާތުން ލިބޭ ފައިދާތަކުގެ ތެރޭގައި: ނުބައި ޚުލުޤެއްކަމަށްވާ (ދަހިވެތިކަމުން) ނަފްސު ޠާހިރުކޮށްދީ، އިސްލާމްދީނާއި މުސްލިމުންގެ ބޭނުންތައް ފުއްދައިދިނުން ހިމެނެއެވެ.
4- ރަމަޟާންމަހު ރޯދަ ހިފުމާމެދު ދަންނައެވެ! އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމުގެ ގޮތުން ރަމަޟާންމަހުގެ ދުވާލުގެ ވަޤުތުގައި ރޯދަ ގެއްލޭ އެންމެހާ ކަންކަމުން ދުރުހެލިވެގެން ހުރުމެވެ.
ރޯދައިން ލިބޭ ފައިދާތަކުގެ ތެރޭގައި: ﷲ ޢައްޒަ ވަޖައްލަގެ ރުހިވޮޑިގަތުން ހޯދުމަށް ހިތް އެދޭ ލޯބިވާކަންކަން ދޫކޮށްލުމަށް ނަފްސު ހޭނުވުން ހިމެނެއެވެ.
5- ދެންފަހެ ގެފުޅަށް ޙައްޖުވުމަށް ބަލާއިރު، އެއީ: ﷲ ތަޢާލާއަށް އަޅުކަންކުރުމުގެ ގޮތުން ޙައްޖުގެ ޝިޢާރުތައް އަދާކުރުމަށްޓަކައި ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޤަޞްދުކޮށް ދިޔުމެވެ.
ޙައްޖުން ލިބޭ ފައިދާތަކުގެ ތެރޭގައި: ﷲ ތަޢާލާއަށް ކިޔަމަންވުމުގައި، މުދަލާއި ޖިސްމުން ބުރަ އުފުލުމުގެ މައްޗަށް ނަފްސު ހޭނުވުން ހިމެނެއެވެ. މިހެންވެގެން، الله ގެމަގުގައި ކުރެވޭ ޖިހާދުގެ ވައްތަރަކަށް ޙައްޖުވިއެވެ.
މި އަސާސްތަކުގައި އަހަރުމެން ޛިކުރު މިކުރި ފައިދާތަކާއި އަދި ޛިކުރުނުކުރާ އެހެނިހެން ކަންކަމުގެ ސަބަބުން މި އުންމަތުން އިސްލާމީ، ޠާހިރު، ސާފު އުންމަތެއް ނެރެދެއެވެ. އެމީހުން ޙައްޤު ދީނުން ﷲ އަށް ބޯލަނބާ ދީންވެރިވެ، އަދި ޢަދުލުވެރިކަމާއި ތެދުވެރިކަމާއެކު ޚަލްޤުތަކުންނާ މުޢާމަލާތްކުރެއެވެ. އެހެނީ މި އަސާސްތައް ރަނގަޅުވުމުން، އިސްލާމްދީނުގެ ދެންހުރި އެހެން ކަންތައްތައް ރަނގަޅުވެދެއެވެ. އަދި އުއްމަތުގެ ޙާލަތު ރަނގަޅުވާނީ އުއްމަތުގެ ދީނުގެ ކަންކަން ރަނގަޅުވެގެންނެވެ. އަދި ދީނުގެ ކަންކަން އިޞްލާޙު ނުކުރެވި ފާއިތުވާ ވަރަކުން، އުއްމަތުގެ ޙާލަތުވެސް ހަމަ އެޔާ އެއްވަރަށް އިޞްލާޙުނުވެ ބީވެގެންދެއެވެ.
އެކަން ސާފުކޮށް ބަޔާންވެގެންވުމަށް އެދޭ މީހާ؛ ފަހެ ﷲ ތަޢާލާގެ މި ބަސްފުޅު ކިޔާހުށިކަމެވެ: {وَلَوْ أَنَّ أَهْلَ الْقُرَى آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِنَ السَّمَاءِ وَالْأَرْضِ وَلَكِنْ كَذَّبُوا فَأَخَذْنَاهُمْ بِمَا كَانُوا يَكْسِبُونَ أَفَأَمِنَ أَهْلُ الْقُرَى أَنْ يَأْتِيَهُمْ بَأْسُنَا بَيَاتًا وَهُمْ نَائِمُونَ أَوَأَمِنَ أَهْلُ الْقُرَى أَنْ يَأْتِيَهُمْ بَأْسُنَا ضُحًى وَهُمْ يَلْعَبُونَ أَفَأَمِنُوا مَكْرَ اللَّهِ فَلَا يَأْمَنُ مَكْرَ اللَّهِ إِلَّا الْقَوْمُ الْخَاسِرُونَ} މާނައީ: "ރަށްތަކުގެ އަހުލުވެރިން އީމާންވެ ތަޤުވާވެރިވީނަމަ، ހަމަކަށަވަރުން އުޑުންނާއި، ބިމުން ތިމަން އިލާހު އެ މީހުންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމުހެވެ. އެހެނެއްކަމަކު އެ މީހުން ދޮގުކުރިއެވެ. ދެން އެ މީހުން ހޯދައި އުޅުނު ޢަމަލުތަކަށްޓަކައި، ތިމަން އިލާހު (ޢަޛާބުން) އެ މީހުން ހިއްޕެވީމެވެ. ފަހެ ރަށްތަކުގެ އަހުލުވެރިން އެ މީހުން ރޭގަނޑުގައި ނިދާފައި ތިއްބާ، އެ މީހުންގެ ގާތަށް ތިމަން އިލާހުގެ ކޯފާ އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެ މީހުން ކުޅެކުޅެ ތިއްބާ ދުވާލުގެ ޟުޙާ ވަގުތުގައި، އެ މީހުންގެ ގާތަށް ތިމަން އިލާހުގެކޯފާ އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ފަހެ ﷲ ގެ ރޭއްވެވުމާއި މަކަރާމެދު އެ މީހުން (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ފަހެ ގެއްލެނިވެގެންވާ މީހުން މެނުވީ، ﷲ ގެ މަކަރުފުޅާ ރޭއްވެވުމާމެދު (ބިރެއްނެތި) އަމާންވެގެންނެއް ނުތިބޭނެތެވެ." [އަލްއަޢުރާފު: 96-99]
އަދިވެސް (އޮޅުން ފިލުވުމަށް) އިސްވެދިޔަ އުންމަތްތަކުގެ ތާރީޚަށް އޭނާ ބަލާހުށިކަމެވެ. ފަހެ ތާރީޚަކީ ބުއްދީގެ އަހުލުވެރިންނަށް ވާ ޢިބުރަތެކެވެ. އަދި ހިތްތަކުގައި ފަރުދާއެއް ލެވިފައި ނުވާ ކޮންމެ މީހަކަށް ވާ އަލިވެގެންވާ ދަލީލެކެވެ. އާދެ، އެހީދެއްވާ ފަރާތަކީ ﷲ އެވެ.
އިސްލާމީ ޢަޤީދާގެ އަސާސްތައް
އަހަރުމެން އިސްވެ ބަޔާން ކުރި ފަދައިން އިސްލާމްދީނަކީ: ޢަޤީދާއެއް އަދި ޝަރީޢަތެކެވެ. އެ ދީނުގެ ބައެއް ޝަރީޢަތްތަކަށް އަހަރުމެން އިޝާރާތްކޮށްފީމެވެ. އަދި އެ ޝަރީޢަތްތަކުގެ އަސާސެއްކަމުގައި ބެލެވޭ ރުކުންތައްވެސް ޛިކުރުކޮށްފީމެވެ.
އިސްލާމީ ޢަޤީދާއާ ބެހޭގޮތުން ދަންނަހުއްޓެވެ. ފަހެ އޭގެ އަސާސްތަކަކީ: ﷲ އަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ.
މި އަސާސްތަކަށް اللهُ ގެ ފޮތާއި އެކަލާނގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުން ދަލީލު ލިބެއެވެ.
އެގޮތުން ﷲ ތަޢާލާގެ ފޮތުގައި އެކަލާނގެ ވަޙީކުރައްވަނީ: {لَّيْسَ الْبِرَّ أَن تُوَلُّواْ وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـكِنَّ الْبِرَّ مَنْ آمَنَ بِاللّهِ وَالْيَوْمِ الآخِرِ وَالْمَلائِكَةِ وَالْكِتَابِ وَالنَّبِيِّينَ} މާނައީ: "ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާންވިވި މީހާއެވެ.." [އަލްބަޤަރާ: 177] މިންވަރަށް އީމާންވުމާ ބެހޭގޮތުން ވަހީކުރައްވާފައިވެއެވެ: {إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ وَمَا أَمْرُنَا إِلَّا وَاحِدَةٌ كَلَمْحٍ بِالْبَصَرِ} މާނައީ: (ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އެއްޗެއް ހައްދަވާފައި ވަނީ ގަޟާގަދަރުގައިވާ ގޮތަށް، ކަނޑައެޅިފައިވާ ވަކި މިންވަރަކަށެވެ. އަދި ތިމަންއިލާހުގެ އަމުރުފުޅު އެއީ، އެއް އަމުރުފުޅެއް ކަމުގައި މެނުވީ ނުވެއެވެ. ލޮލުގެ އެސްފިޔަޖަހައިލުން ފަދައިންނެވެ." [އަލްޤަމަރު: 49-50]
އަދި ﷲ ގެ ރަސޫލާ ﷺ ގެ ސުންނަތުގައި ވެއެވެ. އެގޮތުން ޖިބްރީލްގެފާނު އީމާންކަމާ ބެހޭ ގޮތުން ސުވާލު ކުރެއްވުމުން ޖަވާބުގައި ޙަދީޘްކުރެއްވިއެވެ: “އީމާންކަމަކީ ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް ތިބާ އީމާންވުމާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮމިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ."
ﷲ ތަޢާލާއަށް އީމާންވުން.
ﷲ އަށް އީމާންވުމަށް ބަލާއިރު، އޭގައި ހަތަރު ކަމެއް ހިމެނެއެވެ:
ފުރަތަމަ ކަމަކީ: ﷲ ތަޢާލާ ވޮޑިގެންވާ ކަމަށް އީމާންވުމެވެ:
ހަމަކަށަވަރުން އެ އިލާހު ވުޖޫދުގައި ވޮޑިގެންވާކަމަށް: ފިޠުރަތާއި، ބުއްދިއާއި، ޝަރީޢަތާއި، ޙިއްސުތަކުން ދަލީލު ކުރެއެވެ.
1 - އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވުޖޫދުވެގެންވާކަމަށް ފިޠުރަތުން ދަލީލުކުރާ ގޮތަށް ބަލާއިރު: ފަހެ ކޮންމެ މަޚްލޫޤެއްވެސްވަނީ އިސްވެ ފިކުރުކުރުމެއް ނެތި، ނުވަތަ އެއްޗެއް ދަސްކޮށްދެވި ތަޢުލީމެއްނެތިވެސް އޭނާ އުފެއްދެވި ޚާލިޤަށް އީމާންވުމަށް ފިޠުރަތުގައި ލެއްވިގެންނެވެ. އަދި މި ފިޠުރަތުން މީހާ އަނބުރާލާ ކަހަލަ ކަމެއް އެމީހެއްގެ ހިތަށް ހުށަހެޅިގެންވާ މީހަކު ނޫނީ، މި ފިޠުރަތު ނިޔާކުރާގޮތުން މޫނު އަނބުރާ ނުލާނެއެވެ. ނަބިއްޔާ ﷺގެ ބަސްފުޅަށްޓަކައިއެވެ: “ފިޠުރަތުގެ މައްޗަށް ނޫނީ އެއްވެސް ކުއްޖަކު އުފަން ނުވެއެވެ. ދެން އޭނާގެ މައިންބަފައިން އޭނާ ޔަހޫދީއަކަށް، ނުވަތަ ނަޞާރާއަކަށް، ނުވަތަ މަޖޫސީއަކަށް ހަދައެވެ.”
2- ދެން ﷲ ތަޢާލާ ވޮޑިގެންވާކަމަށް ބުއްދިން ދަލީލުކުރާ ގޮތަށް ބަލާއިރު: އެހެނީ ފަހެ އުފެއްދެވިފައި މިހިރަ މަޚްލޫޤުތައް -އޭގެ ކުރީގެ ތަކެއްޗާއި ފަހުގެ ތަކެތިވެސް- އެތަކެތި އީޖާދުކުރެއްވި ޚާލިޤެއް ކޮންމެހެންވެސް ވާންޖެހޭނެއެވެ. އެހެނީ، އެތަކެއްޗަށް އޭގެ އަމިއްލަ ނަފްސުން ވުޖޫދަށް އައުމަކީ ވާނެކަމެއް ނޫނެއެވެ. އަދި އިއްތިފާޤަކުން އައުމަކީވެސް ވާނޭކަމެއް ނޫނެވެ
އެއްވެސް އެއްޗަކަށް އަމިއްލައަށް އޭގެ ނަފްސު އުފެދުއްމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ އެއްވެސް އެއްޗަކަށް އަމިއްލަ ނަފްސެއް ނުހެދޭނެތީއެވެ. އެހެނީ، އެ އެއްޗެއް ވުޖޫދުވުމުގެ ކުރިން އެ އެއްޗެއް ނެތް އެއްޗެއް ގޮތުގައި ވާއިރު، ދެންފަހެ އަމިއްލައަށް ހައްދަވާ ފަރާތަކަށް ވާނީ ކިހިނެއް ހެއްޔެވެ؟!
ހަމަ އެގޮތަށް އެއީ އިއްތިފާޤުން އުފެދިދާނެ އެއްޗެއްވެސް ނޫނެވެ. ސަބަބަކީ، އަލަށް އުފެދިގެން އަންނަ ކޮންމެ އެއްޗަކަށް، އެ އުފައްދަވާ ލެއްވި ފަރާތެއްވާން ޖެހޭނެއެވެ. އެހެނީ، މި ފަންނުވެރި ނިޒާމާއި، ނުކިއްސަރުކަމެއް ނެތް ގުޅިލާމެހުމާއި، ސަބަބުތަކާއި އެއިން އަންނަ ނަތީޖާތަކާއި، އަދި ކާއިނާތުތައްވެސް އެކަތި އަނެކައްޗާ ނުހަނު ބޮޑަށް ގުޅިފައިވުމީ: އެތަކެތީގެ ވުޖޫދުވުން އިއްތިފާޤަކުންވުން ކަނޑައެޅިގެން އެއްކޮށް މަނާކުރާ ކަމެކެވެ. އެހެނީ އިއްތިފާޤަކުން ވުޖޫދުވާ އެއްޗެއް އޭގެ ވުޖޫދުގެ އަޞްލުގައިވެސް ނިޒާމެއްގެ މަތީގައި ނުވެއެވެ. ދެންފަހެ އެ އެއްޗެއް (ވުޖޫދުވެ އެތައް ޒަމާނެއް ވަންދެން) ދެމިއޮތުމާއި، ކުރިއަރާ ތަރައްޤީވުމުގައި ނިޒާމެއްގެ މަތީގައި ހިނގަމުންދާނީ ކިހިނަކުންހެއްޔެވެ!؟
އަދި މި މަޚްލޫޤުންތައް އަމިއްލައަށް އެތަކެތީގެ ނަފްސު އުފެއްދުމަކީ ވާނޭކަމެއް ނޫންނަމަ، އަދި އިއްތިފާޤުން ވުޖޫދަށް އައުމަކީ ވެސް ނުވާނެކަމެއްނަމަ؛ އެހިނދުން އެތަކެތި ވުޖޫދަށް ގެންނެވި ފަރާތެއްވުން ލާޒިމުވެއެވެ. އެއީ ޢާލަމްތަކުގެ ވެރި ރައްބު ﷲ އެވެ.
ﷲ ތަޢާލާވަނީ، ބުއްދީގެ މި ދަލީލު، އަދި ކަނޑައެޅިގެންވާ ޔަޤީން ބުރުހާނު، އައްޠޫރު ސޫރަތުގައި ޛިކުރުކުރައްވާފައިއެވެ. އެގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ ٣٥﴾ މާނައީ: "ކިއެއްހޭ، ހެއްދެވި ފަރާތެއް ނެތިވެ އެކައްޗަކާއިވެސް ނުލައި އެމީހުން ޚަލްޤުވެގަތީ ހެއްޔެވެ؟ ނޫނީ ޚަލްޤުކުރި ފަރާތްތަކަކީ، އެމީހުން ހެއްޔެވެ؟" [އައް-ޠޫރު: 35]. އެބަހީ: ޚާލިޤަކު ނެތި އެމީހުން ނުއުފެއްދެވެއެވެ. އަދި އެމީހުންގެ އަމިއްލަ ނަފްސުތައް އުފެއްދީކީވެސް އެމީހުންނެއް ނޫނެވެ. އެހިނދުން؛ އެމީހުން އުފެއްދެވި ފަރާތަކީ ﷲ ތަބާރަކަ ވަތަޢާލާ ކަމުގައިވުން ކަނޑައެޅިގެންދެއެވެ. މިސަބަބަށްޓަކައި، ﷲ ގެ ރަސޫލާ ﷺ އައްޠޫރު ސޫރަތް ކިޔަވާ ވިދާޅުވާ އަޑު، ޖުބައިރު ބްނު މުޠުޢިމު رضي الله عنه އެއްސެވިހިނދު، އަދި މި އާޔަތްތަކަށް ފޯރިހިނދު: ﴿أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ. أَمۡ خَلَقُواْ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۚ بَل لَّا يُوقِنُونَ. أَمْ عِنْدَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ﴾ މާނައީ: "ކިއެއްހޭ، ހެއްދެވި ފަރާތެއް ނެތިވެ އެކައްޗަކާއިވެސް ނުލައި އެމީހުން ޚަލްޤުވެގަތީ ހެއްޔެވެ؟ ނޫނީ ޚަލްޤުކުރި ފަރާތްތަކަކީ، އެމީހުން ހެއްޔެވެ؟ ނުވަތަ އުޑުތަކާއި، ބިން ހެދީ އެއުރެން ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ، ޔަޤީން ނުކުރާ ބައެކެވެ. ނުވަތަ ކަލޭގެފާނުގެ ރައްބުގެ ޚަޒާނާތައް އެ މީހުންގެ ގާތުގައި ވަނީހެއްޔެވެ؟ ނުވަތަ އެ ކަންކަމުގެ މައްޗަށް ބާރުހިންގާ، ގަދަވެފައިވާ ބަޔަކީ އެމީހުންހެއްޔެވެ!؟" [އައްޠޫރު: 35-37].
އެ ދުވަހު ޖުބައިރު ހުރީ މުޝްރިކެއްގެ ގޮތުގައިއެވެ. ވިދާޅުވިއެވެ: "(އެ އާޔަތްތައް އަޑުއިވުމުން) އަހަރެންގެ ހިތް އުދުހިގެން ދިޔަކަހަލައެވެ! އަދި އެއީ އަހަރެންގެ ހިތުގައި އީމާންކަން އެންމެ ފުރަތަމަ ހަރުލި ފަހަރެވެ."
މިކަން ހާމަވާ މިސާލެއް ޖަހާލަމާހެއްޔެވެ: ބަގީޗާތަކުން ވަށާލެވިފައިވާ، އެ ދެމެދުގައި ކޯރުތައް ހިނގަހިނގާހުރެ، ދާންތަކާއި އެނދުތަކުން ފުރިފައިވާ، އަދި ފުރިހަމަކޮށްދޭ ޤާއިމުކޮށްދޭ އެކިކަހަލަ ޒީނަތްތަކުން ޖަރީވެފައިވާ، ވަރުގަދަ ގަނޑުވަރެއްގެ ވާހަކަ ތިބާގެ ގާތުގައި މީހަކު ކިޔާދިނީއެވެ. އަދި އޭނާ ތިބާގެ ގާތުގައި: "މި ގަނޑުވަރާއި އޭގެ ތެރޭގައިވާ ފުރިހަމަކަން އެއީ އެތަކެތި އަމިއްލައަށް އީޖާދުވެ، ނުވަތަ މިގޮތަށް އުފެދިގެން އައީ އުފެއްދި ފަރާތެއް ނެތި އިއްތިފާޤުންނޭ" މިހެން ބުނެފިނަމަ؛ ތިބާ އެކަމަށް އިންކާރުކޮށް، އޭނާ ދޮގުކުރަން އަވަސްވީހެވެ. އަދި އޭނާ އެދައްކަނީ ތާކުންތާކު ނުޖެހޭ ކޮސް ވާހަކައެއް ކަމުގައި ބެލީހެވެ. ދެންފަހެ އެއަށްފަހު؛ ފުޅާވެ ތަނަވަސްވެގެންވާ މި ކައުނު، އޭގެ ބިމާއި، އޭގެ އުޑާއި، އޭގެ ފަލަކުތަކާއި، އޭގެ ޙާލަތްތަކާއި، އޭގެ އަޖައިބު ކުރުވަނިވި ނިޒާމާއި މި ހުރިހާ ކަމަކާއެކު އަމިއްލައަށް އުފެދިފައި އޮތް، ނުވަތަ ޚާލިޤަކު ނެތި އިއްތިފާޤަކުން އުފެދިފައިވާ ތަނަކަށްވުމަކީ ވާނޭކަމެއް ހެއްޔެވެ!؟
3- ދެންފަހެ ﷲ ތަޢާލާ ވުޖޫދުވެގެންވާކަމަށް ދަލީލުކުރާ ޝަރުޢުގެ ދަލީލަށް ބަލާއިރު: އެހެނީ ސަމާވީ ހުރިހާ ފޮތެއްގައިވެސް އެކަމުގެ ވާހަކަ ދައްކާފައިވާތީއެވެ. އަދި އެ ފޮތްތަކުގައި ޚަލްޤުތަކުންގެ މަޞްލަޙަތުތައް ހިމެނޭގޮތަށް އައިސްފައިވާ ޢަދުލުވެރި ޙުކުމްތަކަކީ: އެއީ ޚަލްޤުތަކުންގެ މަޞްލަޙަތުތައް ދެނެވޮޑިގެންވާ ޙިކްމަތްތެރި ރައްބެއްގެ ޙަޟްރަތުން އައިސްފައިވާ ފޮތްތަކެއްކަން ދަލީލުކޮށްދޭ ކަމެކެވެ. އަދި އެ ފޮތްތަކުގައި އައިސްފައިވާ، އަދި އެ ޚަބަރުތަކުގެ ތެދުކަމަށް، ކަންކަން ހިނގަމުންދާ ޙާލަތާއި ވާޤިޢު ހެކިދީފައިވާ ކައުނީ ޚަބަރުތަކަކީ: އެއީ އެ ޚަބަރުދެއްވި ކަންތައް އުފެއްދެވުމަށް ކުޅަދުންވަންތަ ރައްބެއްގެ ޙަޟްރަތުން އެ ޚަބަރުތައް އައިސްފައިވާކަމުގެ ދަލީލެކެވެ.
4- ދެން ﷲ ވުޖޫދުވެގެންވާކަމުގެ މައްޗަށް ޙިއްސުންވާ ދަލީލުތަކަށް ބަލާއިރު؛ ފަހެ އެއީ ދެ ގޮތަކުންނެވެ:
އެއް ގޮތަކީ: އަހަރުމެންނަށް އަޑުއިވި އަދި ފެންނަގޮތަށް، ދުޢާކުރާ މީހުންނަށް ދުޢާ އިޖާބަވުމާއި، ޙާލުގައި ޖެހިފައިވާ މީހުންނަށް އަންނަ އެހީއާ، މި ކަންކަމަކީ އެކަލާނގެ ތަޢާލާ ވުޖޫދުވެގެންވާކަމަށް ދަލީލުކުރާ ޤަޠަޢީ ޔަޤީން ދަލީލެކެވެ. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: {وَنُوحًا إِذْ نَادَى مِن قَبْلُ فَاسْتَجَبْنَا لَهُ} މާނައީ: "އަދި އޭގެކުރިން، ނޫޙުގެފާނު (ތިމަންއިލާހަށް) ދުޢާކުރެއްވިހިނދު، ފަހެ ތިމަންއިލާހު އެކަލޭގެފާނަށް އިޖާބަދެއްވީމެވެ." [އަލްއަންބިޔާއު: 76] އަދިވެސް ވަޙީކުރެއްވިއެވެ: {إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ} މާނައީ: "ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވިއެވެ.." [އަލްއަންފާލު: 9].
އަދި ޞަޙީޙު އަލްބުޚާރީގައި އަނަސް ބްނު މާލިކު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: "ހުކުރު ދުވަހު ނަބިއްޔާ ﷺ ޚުޠުބާދެއްވަން ހުންނަވަނިކޮށް އަޢުރާބީއަކު ވަނެވެ. އަދި އޭނާ ދަންނަވައިފިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! މުދާތައް ހަލާކުވެއްޖެއެވެ! އަނބިދަރިން ތިބީ ބަނޑުހައިހޫނުކަމުގައެވެ. ފަހެ އަހަރުމެންނަށްޓަކައި الله އަށް ދުޢާ ކޮށްދެއްވާށެވެ." ދެން އެކަލޭގެފާނު ދެއަތް އުފުއްލަވައި ދުޢާކުރެއްވިއެވެ. ދެން ފަރުބަދަތަކެއްފަދަ ވިލާތައް ފެތުރިގެންދިޔައެވެ. ދެންފަހެ އެކަލޭގެފާނު މިންބަރުކޮޅުގައި ހުންނަވާ ފައިބާވަޑައިނުގަންނަވަނީސް (ވާރޭ ވެހެން ފަށާ) އެކަލޭގެފާނުގެ ތުނބުޅިފުޅުން ވާރޭ ތިކިޖަހަމުން ދިޔަތަން އަހަރެންނަށް ފެނުނެވެ."
ދެވަނައަށްވީ ހުކުރުގައި އެ ބަދަވީ މީހާ، ނުވަތަ އެހެން މީހަކު ތެދުވެ ދެންނެވިއެވެ: "އޭ الله ގެ ރަސޫލާއެވެ. ބިނާތައް ފުނޑިއްޖެއެވެ. މުދާތައް ޣަރަޤުވެއްޖެއެވެ. ފަހެ އަހަރުމެންނަށްޓަކައި ﷲ އަށް ދުޢާކޮށްދެއްވާށެވެ." ދެން އެކަލޭގެފާނު ދެ އަތް އުފުއްލެވިއެވެ. އަދި ކިޔުއްވިއެވެ: «اللّهمّ حوالينا ولا علينا» (އޭ ﷲ އެވެ! އަޅަމެންގެ ވަށައިގެންނެވެ. އަޅަމެންގެ މައްޗަށް (ދެކޮޅަކަށް) ނޫނެވެ.) ދެން އެކަލޭގެފާނު އެއްވެސް ދިމާލަކަށް އިޝާރާތް ކުރައްވާހިނދު؛ (ވާރޭ ބޯ ވިލާތައް) ފެޅިގެންގޮސް އަލިވިލެއެވެ.
ދުޢާކުރާ މީހުންނަށް އިޖާބަ ލިބުމަކީ މިއަދާ ހަމައަށްވެސް އަހަރުމެންނަށް ފެންނަމުން އަންނަ ކަމެކެވެ. އެއީ ތެދުވެރިކަމާއެކު ﷲ ތަޢާލާއަށް ކުރިމަތިލާ، އަދި އިޖާބަވުމުގެ ޝަރުޠުތައް ގެނެސްފި މީހަކަށެވެ.
(ޙިއްސީގޮތުން ދަލީލުކުރާ) ދެވަނަ ގޮތަކީ: މުޢުޖިޒާތުގެ ނަމުން ނަންދެވިފައިވާ، އަދި މީސްތަކުންނަށް ފެންނަ ނުވަތަ އަޑުއިވޭ، ނަބިއްޔުންގެ ހެކިތަކާއި އާޔަތްތަކަކީ: އެބޭކަލުން ފޮނުއްވި ފަރާތެއް ވުޖޫދުވެގެންވާކަމަށް ދަލީލުކުރާ ޔަޤީން ބުރުހާނެކެވެ. އެހެނީ އެއީ (އެބަހީ: މުޢުޖިޒާތްތަކަކީ) ﷲ ތަޢާލާ، އެކަލާނގެ ރަސޫލުންނަށް ތާއީދުދެއްވާ، އަދި އެބޭކަލުންނަށް ނަޞްރުދެއްވުމަށްޓަކައި ހިންގަވާ، އިންސާނުންގެ ކުޅަދާނަކަމުގެ ދާއިރާއިން ބޭރުގައިވާ ކަންތައްތަކެކެވެ.
އޭގެ މިސާލަކީ: މޫސާ عليه السلام ގެ އާޔަތެވެ. އެއީ އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް ﷲ ތަޢާލާ އަމުރުކުރެއްވިހިނދެވެ. ދެން އެކަލޭގެފާނު ކަނޑުގައި ޖެއްސެވުމުން ހިކި ބާރަ މަގަށް ކަނޑު ފަޅައިގެންދިޔައެވެ. އަދި އެ މަގުތަކުގެ ދެމެދުގައި ފަރުބަދަތަކެއްހެން ފެންގަނޑު ހުއްޓެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {فَأَوْحَيْنَا إِلَى مُوسَى أَنِ اضْرِب بِّعَصَاكَ الْبَحْرَ فَانفَلَقَ فَكَانَ كُلُّ فِرْقٍ كَالطَّوْدِ الْعَظِيم} މާނައީ: "ފަހެ ތިމަން އިލާހު މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖައްސަވާށެވެ. ދެން (މޫސާގެފާނު ޖެއްސެވުމުން، ބާރަ ބަޔަށް) އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް، ބޮޑު ފަރުބަދައެއް ފަދައިންވިއެވެ." [އައްޝުޢަރާއު: 63]
ދެވަނަ މިސާލަކީ: ޢީސާ عليه السلام ގެ އާޔަތެވެ. އެގޮތުން ﷲ ގެ އިޛްނަފުޅާއެކު އެކަލޭގެފާނު މަރުވެފައިވާ މީހުން ދިރުއްވައި، އެމީހުންގެ ޤަބުރުތަކުން ނެރެދެއްވިއެވެ. އެކަލޭގެފާނާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَأُحْيِـي الْمَوْتَى بِإِذْنِ اللّهِ} މާނައީ: "އަދި ﷲ ގެ އިޛްނަފުޅާއެކު، ތިމަންކަލޭގެފާނު މަރުވެފައިވާ މީހުންނަށް ދިރުންގެންނަމެވެ." [އާލްޢިމްރާން: 49]. އަދިވެސް ވަޙީކުރެއްވިއެވެ: {وَإِذْ تُخْرِجُ الْمَوتَى بِإِذْنِي} މާނައީ: " އަދި ތިމަންއިލާހުގެ އިޛްނަފުޅާއެކު، ކަލޭގެފާނު، މަރުވެފައިތިބި މީހުން ދިރުއްވައި، ނެރުއްވިހިނދެވެ" [އަލްމާއިދާ: 110]
ތިންވަނަ މިސާލު: މުޙައްމަދު ﷺ އަށް ދެއްވިގެންވާ އާޔަތެވެ. އެއީ ޤުރައިޝުންގެ މީހުން، އެކަލޭގެފާނުގެ އަރިހުން ހެއްކަކަށް އެދުނު ހިނދުއެވެ. ދެން އެކަލޭގެފާނު ހަނދަށް އިޝާރާތްކުރެއްވިއެވެ. އެހިނދު ހަނދު ދެފަޅިވެގެންދިޔައެވެ. އަދި މީސްތަކުންނަށް އެތަން ފެނުނެވެ. ﷲ ތަޢާލާގެ މި ބަސްފުޅުވަނީ އެކަމުގައިއެވެ: {اقْتَرَبَتِ السَّاعَةُ وَانْشَقَّ الْقَمَرُ وَإِنْ يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُسْتَمِرٌّ} މާނައީ: "ޤިޔާމަތްވުމުގެ ވަޤުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. އަދި އެއުރެންނަށް ހެއްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ސިޙުރެކެވެ." [އަލްޤަމަރު: 1- 2]
މިއީ ﷲ ތަޢާލާ، އެކަލާނގެ ރަސޫލުންނަށް ތާއީދުދެއްވާ، އަދި އެބޭކަލުންނަށް ނަޞްރުދެއްވުމުގެ ގޮތުން ހިންގަވާ، ޙިއްސީ އާޔަތްތަކެވެ. (ހެކިތަކެވެ.) އެއިން، އެކަލާނގެ ތަޢާލާ ވުޖޫދުގައިވާކަމަށް ޤަޠަޢީކޮށް ޔަޤީންކޮށް ދަލީލުކުރެއެވެ.
ﷲ އަށް އީމާންވުމުގައި ހިމެނޭ ދެވަނަ ކަމަކީ: އެކަލާނގެ ރުބޫބިއްޔަތަށް އީމާންވުމެވެ. އެބަހީ: ހަމައެކަނި ރައްބަކީ އެކަލާނގެކަމާއި، އެކަލާނގެއަށް އެއްވެސް ޝަރީކަކު އަދި ވާގިވެރިޔަކު ނުވާކަމެވެ.
"އައްރައްބު" އަކީ: ޚަލްޤުކުރެއްވުމާއި، މިލްކުވެރިކަމާއި، އަމުރުވެރިކަން ލިބިގެންވާ ފަރާތެވެ. ފަހެ ﷲ މެނުވީ ޚަލްޤުކުރައްވާ ފަރާތެއް ނުވެއެވެ. އަދި އެކަލާނގެ މެނުވީ މިލްކުވެރިވެގެންވާ ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއަށް މެނުވީ އަމުރުވެރިކަން ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {أَلاَ لَهُ الْخَلْقُ وَالأَمْرُ} މާނައީ: "ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުންވަނީ، އެކަލާނގެއަށް ޚާއްޞަވެގެންނެވެ." [އަލްއަޢުރާފު: 54] އަދިވެސް ވަޙީކުރެއްވިއެވެ: {ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِير} މާނައީ: "އެއީ اللَّه އެވެ. (އެކަލާނގެއީ) ތިޔަބައިމީހުންގެ ވެރިރައްބެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެތެވެ." [ފާޠިރު: 13]
ޚަލްޤުތަކުންގެ ތެރެއިން އެކަކުވެސް ﷲ ސުބްޙާނަހޫގެ ރުބޫބިއްޔަތަށް އިންކާރުކުރިކަން އެނގިގެން ނުވެއެވެ. ދުލުން ބުނާ އެއްޗެއް އަމިއްލައަށް ޤަބޫލުނުކުރާ ޙާލު، ބޮޑާވެ ކިބުރުވެރިވެގަންނަ މީހަކު މެނުވީއެވެ. އެއީ ފިރްޢައުނުގެ ކަންތަކުގައި ވީގޮތަށެވެ. އޭނާގެ ޤައުމަށް މިހެން ބުނިހިނދެވެ: "އަހަރެންނަކީ ތިޔަބައިމީހުންގެ އެންމެ މަތިވެރި ރައްބެވެ." [އައްނާޒިޢާތު: 24] އަދިވެސް އޭނާ ބުންޏެވެ: "އޭ ބޮޑުންނޭވެ! އަހަރެން ފިޔަވައި އިލާހެއް ކަލޭމެންނަށްވާ ކަމެއް އަހަރެން ނުދެނަހުރީމެވެ." [އަލްޤަޞަޞު: 38] ނަމަވެސް އެއީ އެގޮތަށް ޤަބޫލުކޮށް ޢަޤީދާ ބަހައްޓައިގެން ބުނި އެއްޗެއް ނޫނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنفُسُهُمْ ظُلْمًا وَعُلُوًّا} މާނައީ: "އަދި އެއީ، ތެދުކަން އެ މީހުންގެ ނަފްސުތަކަށް ޔަޤީން ވެތިބެ، އަނިޔާވެރިކަމާއި، ބޮޑާވެގަތުމުގެ ގޮތުން، އެ އާޔަތްތަކަށް އެ މީހުން އިންކާރުކުރިއެވެ." [އައްނަމްލު: 14] އަދި މޫސާގެފާނު ފިރުޢައުނަށް ވިދާޅުވި ބަސްފުޅު ކިޔާދެއްވާ ﷲ ވަޙީކުރެއްވިއެވެ: {لَقَدْ عَلِمْتَ مَا أَنزَلَ هَـؤُلاء إِلاَّ رَبُّ السَّمَاوَاتِ وَالأَرْضِ بَصَائِرَ وَإِنِّي لأَظُنُّكَ يَافِرْعَونُ مَثْبُورًا} މާނައީ: "ހަމަކަށަވަރުން މިއާޔަތްތައް ބާވައިލެއްވީ ބަޔާންވެގެންވާ ހެކިތަކެއްގެ ގޮތުގައި، އުޑުތަކާއި ބިމުގެ ވެރި ރައްބު ފިޔަވާ އެހެން ފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނެއެވެ. އޭ ފިރްޢައުނެވެ. ހަމަކަށަވަރުން އަހަރެންނަށް ހީވަނީ، ކަލެއަކީ ގެއްލި ހަލާކުވެފައިވާ މީހެއް ކަމުގައެވެ." [އަލްއިސްރާއު: 102] މިހެންވެގެން، މުޝްރިކުންވެސް ﷲ ތަޢާލާގެ ރުބޫބިއްޔަތަށް އިޤުރާރުވެ އިޢުތިރާފުވެއެވެ. އެއީ އުލޫހިއްޔަތުގައި އެމީހުން އެކަލާނގެއާ ޝަރީކު ކުރުމާއެކުގައިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ. قُلْ مَنْ رَبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ. سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُونَ . قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ. سَيَقُولُونَ لِلَّهِ قُلْ فَأَنَّى تُسْحَرُونَ} މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ބިމާއި، އެތާނގައިވާހާ ބަޔަކާއި، ތަކެއްޗެއް މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ތިޔަބައިމީހުން އެކަން ދަންނަކަމުގައި ވާނަމައެވެ. އެއުރެން ބުނާނެއެވެ: اللَّه އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަތް އުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ ޢަރްޝުގެ ވެރިޔަކީ ކާކުހެއްޔެވެ؟ އެއުރެން ބުނާނެއެވެ: ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެޔަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެފަރާތެއްގެ އަތްޕުޅުގައި އެންމެހާ ތަކެތީގެ މިލްކުވެރިކަންވާ ފަރާތަކީ، ކޮބައިހެއްޔެވެ؟ އެންމެހާ ތަކެތި ރައްކާތެރިކުރައްވަނީ، އެކަލާނގެއެވެ. އެކަލާނގެއާ ދެކޮޅަށް (އެއްވެސް މީހަކަށް) ރައްކާތެރިކަމެއް ނުދެވޭނެތެވެ. ތިޔަބައިމީހުން (އެކަން) ދަންނަކަމުގައި ވާނަމައެވެ. އެއުރެން ބުނާނެއެވެ: ﷲ އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ދެން، ތިޔަބައިމީހުންނަށް (އެކަންކަން) އޮޅެނީ ކޮންފަދައަކުން ހެއްޔެވެ؟" [އަލްމުއުމިނޫން: 84 - 89]
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالأَرْضَ لَيَقُولُنَّ خَلَقَهُنَّ الْعَزِيزُ الْعَلِيم} މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން ހެއްދެވީ ކާކުހޭ، ކަލޭގެފާނު އެއުރެންނާ ސުވާލުކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. އެތަކެތި ހެއްދެވީ، ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." [އައްޒުޚްރުފު: 9]
އަދިވެސް ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: {وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُون} މާނައީ: "އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލުކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ދެން އެމީހުން ޙައްޤުން ކަސިޔާރުވެގެން އެދަނީ ކިހިނަކުންހެއްޔެވެ؟" [އައްޒުޚްރުފު: 87]
ﷲ ސުބްޙާނަހޫގެ އަމުރުފުޅުގައި، ކައުނީ އަމުރާއި އަދި ޝަރުޢީ އަމުރު ޝާމިލުވެގެންވެއެވެ. އެގޮތުން ކައުނު ހިންގަވާ، އަދި އެކަލާނގެ ޙިކްމަތްފުޅު ނިޔާކުރާ ގޮތަކަށް، އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް އެ ކައުނުގައި ކަންކަން ނިންމަވާ ފަރާތަކީ އެކަލާނގެ ކަމުގައިވާގޮތަށް؛ ފަހެ އެކަލާނގެ ޙިކްމަތްފުޅު ނިޔާކުރާގޮތަކަށް އަޅުކަންތަކާއި، މުޢާމަލާތުގެ ޙުކުމްތައް ޝަރުޢުކުރައްވައިގެން، އެ ކައުނުގައި ޙުކުމްކުރައްވާ ފަރާތަކީވެސް ހަމަ އެކަލާނގެއެވެ. ދެންފަހެ ﷲ ތަޢާލާއާ އެކުގައި، އަޅުކަންތައް ޝަރުޢުކުރާ އެހެން ފަރާތެއް ހިފައިފި މީހާ، ނުވަތަ މުޢާމަލާތްތަކުގައި ޙުކުމްކުރައްވަން އެހެން ފަރާތެއް ބައިވެރިކޮށްފި މީހާ؛ ފަހެ އޭނާ އެކަލާނގެއާ ޝަރީކުކޮށްފިއެވެ. އަދި އޭނާ އީމާންކަން ޙައްޤުކުރިކަމުގައި ނުވެއެވެ.
ﷲ އަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ތިންވަނަ ކަމަކީ: އެކަލާނގެ އުލޫހިއްޔަތަށް އީމާންވުމެވެ. އެބަހީ: ހަމައެކަނި ޙައްޤު އިލާހަކީ އެކަލާނގެކަމަށް، އެކަލާނގެއާ އެއްވެސް ޝަރީކަކުނުވާ ކަމަށް އީމާންވުމެވެ. އަދި "އިލާހު" އަކީ "މައުލޫހު" ގެ މާނައިގައިވާ ކަލިމައެކެވެ. އެބަހީ: ލޯތްބާއި، ޤަދަރުކޮށް މާތްކުރުމުގެ ގޮތުން އެ ފަރާތަކަށް އަޅުކަންވެވޭ އަޅުވެތިވެވޭ ފަރާތެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَإِلَـهُكُمْ إِلَهٌ وَاحِدٌ لاَّ إِلَهَ إِلاَّ هُوَ الرَّحْمَنُ الرَّحِيم} މާނައީ: "އަދި ތިޔަބައިމީހުންގެ އިލާހަކީ އެއްކައުވަންތަ އިލާހެވެ. އެއިލާހު ފިޔަވާ (ޙައްޤުގޮތުގައި އަޅުކަންވެވޭ) އިލާހަކު ނުވެއެވެ. އެއީ ރަޙްމާނުވަންތަ، ރަޙީމުވަންތަ އިލާހެވެ." [އަލްބަޤަރާ: 163] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {شَهِدَ اللّهُ أَنَّهُ لاَ إِلَـهَ إِلاَّ هُوَ وَالْمَلاَئِكَةُ وَأُوْلُواْ الْعِلْمِ قَائِمَاً بِالْقِسْطِ لاَ إِلَـهَ إِلاَّ هُوَ الْعَزِيزُ الْحَكِيم} މާނައީ: "ހަމަކަށަވަރުން ﷲ، އެއިލާހު ފިޔަވައި (އަޅުކަން ޙައްޤުވާ) އިލާހަކު ނުވާކަމަށް ހެކިވޮޑިގެންނެވިއެވެ. އަދި މަލާއިކަތުންނާއި ޢިލްމުގެ އަހުލުވެރިންވެސް (އެކަމަށް) ހެކިވިއެވެ. (އެއިލާހު ޚަލްޤުކުރެއްވި ތަކެތި ތަދުބީރުކުރެއްވުމުގައި) ޢަދުލުވެރިކަމާއެކު އެއިލާހު ޤާއިމުވެވޮޑިގެންވެއެވެ. އެއިލާހު ފިޔަވައި (އަޅުކަން ޙައްޤުވާ) އިލާހަކު ނުވެއެވެ. (އެއިލާހީ) ޢިއްޒަތްވަންތަ، ޙިކުމަތްވަންތަ އިލާހެވެ." [އާލްޢިމްރާނު: 18] އަދި ﷲ އާއެކު އިލާހެއް ނަގައިގެން، އެކަލާނގެ ފިޔަވައި އެ ފަރާތަކަށް އަޅުކަންކޮށްފި ކޮންމެ މީހެއް؛ ފަހެ އެފަރާތަކަށްވެވޭ އުލޫހިއްޔަތުވަނީ ބާޠިލުވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِير} މާނައީ: "އެހެނީ ހަމަކަށަވަރުން ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހު ފިޔަވާ، އެ މީހުން ދުޢާކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން ﷲ އީ މަތިވެރިވަންތަ، ބޮޑުވެގެންވާ އިލާހެވެ." [އަލްޙައްޖު: 62] އެތަކެއްޗަށް އިލާހުންނޭ ނަންދެވުމަކީ އަދި އެތަކެއްޗަށް އުލޫހިއްޔަތު (އިލާހުވަންތަކަމުގެ) ޙައްޤު ދެވޭކަމެއް ނޫނެވެ. "އައްލާތު، އަލްޢުއްޒާ އަދި މަނާތު" އާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {إِنْ هِيَ إِلاَّ أَسْمَاء سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ} މާނައީ: "އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެތެވެ. ﷲ އެއާމެދު އެއްވެސް ޙުއްޖަތެއް ބާވައި ނުލައްވައެވެ." [އައްނަޖްމު: 23].
އަދި ހޫދު عليه السلام، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވިދާޅުވިކަމަށް އެކަލާނގެ ޚަބަރުދެއްވާ ވަޙީކުރެއްވިއެވެ: {أَتُجَادِلُونَنِي فِي أَسْمَاء سَمَّيْتُمُوهَا أَنتُمْ وَآبَاؤكُم مَّا نَزَّلَ اللّهُ بِهَا مِن سُلْطَانٍ} މާނައީ: "ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެން އުޅޭ ނަންތަކަކާމެދު ތިޔަބައިމީހުން ތިމަންކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟ އެތަކެއްޗަށް (އަޅުކަން ކުރުމަށް) އެއްވެސް ޙުއްޖަތެއް اللَّه ބާވައެއް ނުލައްވަތެވެ." [އަލްއަޢުރާފު : 71]
އަދި ޔޫސުފު عليه السلام، އެކަލޭގެފާނާއެކު ޖަލުގައި ހުރި ދެ އެކުވެރިންނަށް ވިދާޅުވިކަމަށް ﷲ ތަޢާލާ ޚަބަރުދެއްވާ ވަޙީކުރެއްވިއެވެ: {يَاصَاحِبَيِ السِّجْنِ أَأَرْبَابٌ مُتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّارُ مَا تَعْبُدُونَ مِنْ دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ} މާނައީ: "އޭ ޖަލުގެ ދެ އެކުވެރިންނޭވެ! ވަކިވަކިވެގެންވާ ކަލާނގެ ތަކެއްހޭ ރަނގަޅީ، ނުވަތަ އެއްކައުވަންތަ، ބާރުވެރިވަންތަ اللَّهހެއްޔެވެ؟ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗިއްސަށް ނަންދީފައިވާ އެއްޗެހިތަކަކަށް މެނުވީ، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަމެއް ނުކުރަމުއެވެ. އެ ތަކެއްޗަކަށް (އަޅުކަންކުރުމަށް) އެއްވެސް ޙުއްޖަތެއް اللَّه ބާވައެއްނުލައްވަތެވެ." [ޔޫސުފު: 39-40].
މިހެންވެގެން، ރަސޫލުން عليهم الصلاة والسلام އެބޭކަލުންގެ ޤައުމުތަކަށް ވިދާޅުވަމުން ގެންދެވިއެވެ: {اعْبُدُواْ اللَّهَ مَا لَكُم مِّنْ إِلَـهٍ غَيْرُهُ} މާނައީ: "ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ." [އަލްއަޢުރާފު: 59] ނަމަވެސް މުޝްރިކުން އެކަމާ ދެކޮޅު ހެދިއެވެ. އަދި ﷲ ފިޔަވައި އެހެން އިލާހުންތަކެއް އެމީހުން ނެގިއެވެ. އެމީހުން ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެކުގައި އެ ފަރާތްތަކަށް އަޅުކަންކޮށް، ނަޞްރަށް އެދި، އަދި ވާތްގާއި މަދަދަށް އެދެމުން ދިޔައެވެ.
ﷲ ތަޢާލާވަނީ، މުޝްރިކުން މިގޮތަށް އިލާހުންތަކެއް ނެގި ނެގުން، ބުއްދީގެ ދެ ދަލީލުން ބާޠިލުކުރައްވާފައިއެވެ.
ފުރަތަމަ ދަލީލަކީ: އެމީހުން އިލާހުންތަކެއްގެ ގޮތުގައި ނެގި މި ފަރާތްތަކުގެ ކިބައިގައި އިލާހުވަންތަކަމުގެ އެއްވެސް ޚާއްޞަ ޞިފައެއް ނުވެއެވެ. އެގޮތުން އެއީ ޚަލްޤުކުރެވިގެންވާ ތަކެއްޗެވެ. ޚަލްޤުކޮށް އުފައްދާ ތަކެއްޗެއް ނޫނެވެ. އަދި އެތަކެއްޗަށް އަޅުކަންކުރާ މީހުންނަށް އެއްވެސް ފައިދާއެއްވެސް ގެނެސް ނުދެއެވެ. އަދި އެމީހުންގެ ކިބައިން ގެއްލުމެއްވެސް ދުރުކޮށްނުދެވެއެވެ. އަދި ދިރުމެއްވެސް، މަރުވުމެއްވެސް އެމީހުންނަށްޓަކައި މިލްކުކޮށްދެވޭ ފަރާތްތަކެއް ނޫނެވެ. އަދި އުޑުތަކުން އެއްވެސް އެއްޗެއް މިލްކުވެގެން ނުވާ، އަދި އޭގައި ހިއްސާވެ ބައިވެރިވާ ފަރާތްތަކެއްވެސް ނޫނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَاتَّخَذُوا مِن دُونِهِ آلِهَةً لاَّ يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلاَ يَمْلِكُونَ لأَنفُسِهِمْ ضَرًّا وَلاَ نَفْعًا وَلاَ يَمْلِكُونَ مَوْتًا وَلاَ حَيَاةً وَلاَ نُشُورًا} މާނައީ: "އެ މީހުން، އެ އިލާހު ފިޔަވާ އެހެން އިލާހުންތަކެއް ހިފިއެވެ. އެއްވެސް އެއްޗެއް ނެހެދޭ އިލާހުންތަކެކެވެ. އަދި އެ ފަރާތްތަކަކީ އުފެއްދިގެންވާ ފަރާތްތަކެކެވެ. އަދި އެ ތަކެތީގެ އަމިއްލަ ނަފްސުތަކަށް ގެއްލުމެއް ދިނުމެއްވެސް، އަދި މަންފާއެއް ކުރުމެއްވެސް އެ ތަކެއްޗަކަށް މިލްކުވެގެނެއް ނުވެއެވެ. އަދި މަރުހިފުމެއްވެސް، އަދި ދިރުވުމެއްވެސް، އަދި އަލުން ދިރުމަކަށް ފޮނުވުމެއްވެސް، އެ ތަކެއްޗަށް މިލްކުވެގެނެއް ނުވެއެވެ." [އަލްފުރްޤާނު: 3]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِ اللَّهِ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِنْ شِرْكٍ وَمَا لَهُ مِنْهُمْ مِنْ ظَهِيرٍ وَلَا تَنْفَعُ الشَّفَاعَةُ عِنْدَهُ إِلَّا لِمَنْ أَذِنَ لَهُ} މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ފިޔަވައި ތިޔަބައިމީހުން އެކަލާނގެއަށް (ޝަރީކުންކަމަށް) ދަޢުވާކުރި ފަރާތްތަކަށް ތިޔަބައިމީހުން ގޮވައިބަލާށެވެ! އުޑުތަކާއި، ބިމުގައި ޛައްރެއްގެ މިންވަރުވެސް އެއުރެންނަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި އެ ދެތާނގައި އެއުރެންނަކަށް ބައިވެރިވުމެއްވެސް ނެތެވެ. އަދި އެކަލާނގެއަށް އެއްވެސް އެހީތެރިޔަކު އެއުރެންގެ ތެރެޔަކުން ނުވެތެވެ. އަދި އެމީހަކަށް އެކަލާނގެ އިޛްނަ ދެއްވައިފި މީހަކަށް މެނުވީ، އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިކަމުން މަންފާއެއް ނުކުރާނެތެވެ." [ސަބައު: 22-23] އަދިވެސް ވަޙީކުރެއްވިއެވެ: {أَيُشْرِكُونَ مَا لَا يَخْلُقُ شَيْئًا وَهُمْ يُخْلَقُونَ وَلَا يَسْتَطِيعُونَ لَهُمْ نَصْرًا وَلَا أَنْفُسَهُمْ يَنْصُرُونَ} މާނައީ: "އެއްވެސް އެއްޗެއް ހެދުމަށް ކުޅަދާނަވެގެންނުވާ ފަރާތްތަކެއް، އެއުރެން (އެކަލާނގެއަށް) ޝަރީކު ކުރަނީހެއްޔެވެ؟ ޚުދު އެފަރާތްތަކަކީވެސް އުފެއްދެވިގެންވާ ފަރާތްތަކެކެވެ. އަދި އެއުރެންނަށް އެއްވެސް ނަޞްރެއް ދިނުމަކަށް އެފަރާތްތަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. އަދި އެފަރާތްތަކުގެ އަމިއްލަ ޒާތަށްވެސް، ނަޞްރެއް ނުދެވޭނޭމެއެވެ." [އަލްއަޢުރާފު: 191- 192]
އެމީހުންގެ އިލާހުންތަކުގެ ޙާލަތަކީ މިއީކަމަށްވާ ނަމަ؛ ދެންފަހެ އެ ފަރާތްތައް އިލާހުންތަކެއްގެ ގޮތުގައި ނެގުމަކީ އެންމެ ބޮޑު ކޮސްކަމުގެ ތެރެއިން، އަދި އެންމެ ބާޠިލުކަން ބޮޑު ބާޠިލުގެ ތެރެއިންވާ ކަމެކެވެ.
ދެވަނައީ: މި މުޝްރިކުން، ﷲ ތަޢާލާއީ އެކަލާނގެ އަތްޕުޅުގައި ހުރިހާ އެއްޗެއްގެ މިލްކުވެރިކަންވާ، އަދި ޙިމާޔަތްދެއްވާ އަދި އެކަލާނގެއާ ދެކޮޅަށް ޙިމާޔަތްނުދެވޭ، ހަމައެކަނި އުފައްދަވާ ޚާލިޤުވަންތަ ރައްބުކަމުގައި އިޢުތިރާފުވެ އިޤުރާރުވެއެވެ. މިއިން ލާޒިމްކުރަނީ އިލާހުވަންތަކަމުގައިވެސް އެމީހުން އެކަލާނގެ އެއްކައުވަންތަކުރުމެވެ. އެއީ ރައްބުވަންތަކަމުގައި އެކަލާނގެ އެއްކައުވަންތަކުރި ގޮތަށެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: {يَاأَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلَا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ} މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިންވީ މީހުން އުފެއްދެވި ރައްބަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ. އެއިލާހީ ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން (ވާރޭ) ފެން ވެއްސަވައި އަދި އޭގެ ސަބަބުން ތިޔަބައިމީހުންނަށްޓަކައި ރިޒުޤުގެ ގޮތުގައި މޭވާގެ ބާވަތްތައް ނެރުއްވި އިލާހެވެ. ފަހެ (ﷲ ފިޔަވައި ޚަލްޤުކުރައްވާ އެހެން ފަރާތެއް ނުވާކަން) ތިޔަބައިމީހުން ދެނެތިބި ޙާލު، ﷲ އާ އެކު އެހެން ފަރާތްތަކެއް ބައިވެރިކޮށް، ޝަރީކު ނުކުރާށެވެ." [އަލްބަޤަރާ: 21-22]
އަދިވެސް ވަޙީކުރެއްވިއެވެ: {وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُون} މާނައީ: "އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލުކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ. ދެން އެމީހުން ޙައްޤުން ކަސިޔާރުވެގެން އެދަނީ ކިހިނަކުންހެއްޔެވެ؟" [އައްޒުޚްރުފު: 87]
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّهُ فَقُلْ أَفَلَا تَتَّقُونَ فَذَلِكُمُ اللَّهُ رَبُّكُمُ الْحَقُّ فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ فَأَنَّى تُصْرَفُونَ} މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ: އުޑުންނާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކޮން ފަރާތަކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ފަހެ އެ މީހުން ބުނާނެއެވެ: ﷲ އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ: ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަޤުވާވެރި ނުވާނަންހެއްޔެވެ؟ ފަހެ، އެއީ ތިޔަބައިމީހުންގެ ޙައްޤު ރައްބުކަމުގައިވާ اللَّه އެވެ. ފަހެ، ޙައްޤަށްފަހުގައި ވަނީ މަގުފުރެދުންނޫން ދެން ކޮންއެއްޗެއް ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން (ޙައްޤު ދޫކޮށް) އެނބުރިދަނީ، ކޮންފަދައަކުން ހެއްޔެވެ؟" [ޔޫނުސް: 31-32]
ﷲ އަށް އީމާންވުމުގައި ހިމެނޭ ހަތަރުވަނަ ކަމަކީ: އެކަލާނގެ ނަންފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމެވެ.
އެބަހީ: ﷲ ފޮތުގައި އެކަލާނގެ އަމިއްލަފުޅަށް، ނުވަތަ އެކަލާނގެ ރަސޫލާ ﷺގެ ސުންނަތުގައި ޘާބިތުކުރައްވާފައިވާ ނަންފުޅުތަކާއި ޞިފަފުޅުތައް، އެއްވެސް ބަދަލެއްކޮށް ތަޙުރީފުކުރުމެއްނެތި، އަދި އިންކާރުކޮށް ނަގައިލުމެއްނެތި، އަދި ވައްތަރާއި ކައިފިއްޔަތު ކިޔުމެއްނެތި، އަދި މިސާލުޖަހާ އެއްފަދަ ކުރުމެއް ނެތި، އެކަލާނގެއަށް އެކަށީގެންވާ ލާއިޤުގޮތުގައި ޘާބިތުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُون} މާނައީ: "އެންމެ ރިވެތިވެގެންވާ ނަންފުޅުތައް ވަނީ ﷲ އަށެވެ. ފަހެ ތިޔަބައިމީހުން އެ ނަންފުޅުތައް މެދުވެރިކޮށް އެކަލާނގެއަށް ދުޢާކުރާށެވެ. އަދި އެކަލާނގެ ނަންފުޅުތަކުގައި އިލްޙާދުކޮށް (ޙައްޤުން ފޭވާ) މީހުން ދޫކޮށްލާށެވެ. ފަހެ އެއުރެން ކުރަމުންދިޔަ ކަންތަކުގެ ޖަޒާ އެއުރެންނަށް ދެއްވާނެއެވެ." [އަލްއަޢުރާފު: 180] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {وَلَهُ الْمَثَلُ الأَعْلَى فِي السَّمَاوَاتِ وَالأَرْضِ وَهُوَ الْعَزِيزُ الْحَكِيم} މާނައީ: "އުޑުތަކާއި ބިމުގައި އެންމެ ފުރިހަމަ މިސާލުވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމްންތަ އިލާހެވެ." [އައްރޫމު: 27] އަދިވެސް ވަޙީކުރެއްވިއެވެ: {لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِير} މާނައީ: "އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."[އައްޝޫރާ: 11]
މިކަމުގައި ދެ ބަޔަކު މަގުފުރެދިގެން ދިޔައެވެ:
އޭގެ ތެރެއިން އެއްބަޔަކީ: މުޢައްޠިލާއިންނެވެ. (އިންކާރުކޮށް ނަގައިލާ މީހުންނެވެ). އެމީހުންނީ (ﷲ ތަޢާލާގެ) އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް، ނުވަތަ އެއިން ބަޔަކަށް އިންކާރުކުރި މީހުންނެވެ. އެ މީހުންގެ ދަޢުވާއަކީ އެ ނަންފުޅުތަކާއި ޞިފަފުޅުތައް ޘާބިތުކުރުމަކީ ވައްތަރުކުރުން -އެބަހީ: ﷲ ތަޢާލާ އެކަލާނގެ ޚަލްޤުތަކުންނާ ވައްތަރުކޮށް އެއްގޮތްކުރުން- ލާޒިމުވާ ކަމެއްކަމަށެވެ. މި ދަޢުވާއަކީ އެތައް ގޮތަކުން ބާޠިލު ދަޢުވާއެކެވެ. އޭގެ ތެރޭގައި:
ފުރަތަމަ ކަމަކީ: އެއިން، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅުގައި އެކަތި އަނެކައްޗާ ފުށުއެރުންވުންފަދަ ބާޠިލު ކަންތަކެއް ލާޒިމްކުރެއެވެ. އެހެނީ ﷲ ތަޢާލާވަނީ އެކަލާނގެ ނަފްސުފުޅަށް އިސްމުފުޅުތަކާއި ޞިފަފުޅުތައް ޘާބިތުކުރައްވާފައިއެވެ. ހަމަ އެއާއެކު އެކަލާނގެއާ އެއްފަދަ، އެއްމިސާލެއްގެ އެއްޗެއްވުން ނަފީވެސް ކުރެއްވިއެވެ. އެކަން ޘާބިތުކުރުމުން އެއްވައްތަރުވުން ލާޒިމުވާނަމަ؛ الله ގެ ބަސްފުޅުގައި ފުށުއެރުން ލާޒިމުވާނެއެވެ. އަދި އެއް އާޔަތުން އަނެއް އާޔަތް ދޮގުކުރުމަށް ގެންދާނެއެވެ.
ދެވަނައީ: ނަމެއްގައި ނުވަތަ ޞިފައެއްގައި ދެ އެއްޗެއް އިއްތިފާޤުވުމަކީ އެއީ އަދި އެ ދެ އެއްޗެއް އެއްގޮތްވެ އެއްމިސާލަކަށްވުން ލާޒިމުވާކަމެއް ނޫނެވެ. އެގޮތުން ދެ މީހަކު އިއްތިފާޤުވެގެންވެ، އެއިން ކޮންމެ މީހަކީ އަޑުއިވޭ، ލޮލަށް ފެންނަ، ވާހަކަދައްކާ މީހެއްކަމުގައިވާތަން ތިބާއަށް ފެންނާނެއެވެ. އެކަމަކު އެއިން، އިންސާނީ މާނަތަކާއި، އަޑުއިވުމާއި، ފެނުމާއި، ވާހަކަދެއްކުމުގައި (ހުރިހާ ގޮތަކުން) ދެ މީހުން ވައްތަރުވެގެންވުން ލާޒިމެއް ނުވެއެވެ.
ތިބާއަށް ޖަނަވާރުތަކުގެ އަތާއި، ފައި އަދި ލޯ ހުންނަތަން ފެންނާނެއެވެ. ނަމަވެސް މި އިއްތިފާޤުވުމުގައި ކޮންމެހެން އެ ތަކެތީގެ އަތާއި ފައި އަދި ލޯ އެއްގޮތްވާކަށް ނުޖެހެއެވެ.
މަޚްލޫޤުން އިއްތިފާޤުވާ ނަންތަކެއް ނުވަތަ ޞިފަތަކެއްގައިވެސް އެތަކެތީގެ މެދުގައި ތަފާތުވެގެންވުން ފާޅުވެ ބަޔާންވެއްޖެނަމަ؛ ދެންފަހެ ޚާލިޤާއި މަޚްލޫޤުގެ ދެމެދުގައިވާ ތަފާތުވުން މާ ބޮޑަށްވެސްވެ މަތިވެ، ބޮޑުވެގެންވެއެވެ.
ދެވަނަ ބަޔަކީ: މުޝައްބިހާއިންނެވެ. (ވައްތަރުކުރާ މީހުންނެވެ.) އެމީހުންނީ އިސްމުފުޅުތަކާއި ޞިފަފުޅުތައް ޘާބިތުކުރުމާއެކު ﷲ ތަޢާލާ އެކަލާނގެ ޚަލްޤުތަކުންނާ ވައްތަރުކޮށް އެއްގޮތްކުރި މީހުންނެވެ. އެމީހުންގެ ދަޢުވާއަކީ: މިއީ ނައްޞުތަކުން ދަލީލުކުރާ ގޮތްކަމުގައިއެވެ. އެހެނީ ﷲ ތަޢާލާ އަޅުތަކުންނާ މުޚާޠަބު ކުރައްވަނީ އެމީހުންނަށް ވިސްނޭ އެއްޗަކުން ކަމަށްވަތީއެވެ. މި ދަޢުވާއަކީ އެތައް ގޮތަކުން ބާޠިލު ދަޢުވާއެކެވެ. އޭގެ ތެރޭގައި:
ފުރަތަމަ ކަމަކީ: ﷲ ތަޢާލާ އެކަލާނގެ ޚަލްޤުތަކުންނާ ވައްތަރުވުމަކީ ބުއްދިއާއި ޝަރީޢަތުން އެކަން ބާޠިލުކުރާ ކަމެކެވެ. އަދި ޤުރްއާނާއި ސުންނަތުގެ ނައްޞުތައް ދަލީލުކުރާ ގޮތް ބާޠިލު ކަމެއްކަމުގައި ނުވާނެއެވެ.
ދެވަނައީ: ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނާ މުޚާޠަބު ކުރެއްވީ މާނައިގެ އަޞްލުގެ ގޮތުން އެމީހުންނަށް ވިސްނި ފަހުމްވާނޭ ގޮތަށެވެ. ނަމަވެސް ﷲ ތަޢާލާގެ ޛާތުފުޅާއި ޞިފަފުޅުތަކާ ގުޅޭ ކަންތަކުގައި، އެ މާނަ އޭގެ މައްޗަށްވާ ޙަޤީޤަތާއި ކުންހު (ސާފުސީދާ އަޞްލު) އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް (އިންސާނުންނަށް ނޭނގޭގޮތަށް) ޚާއްޞަކުރައްވާފައިވާ ކަމެކެވެ.
އެގޮތުން ﷲ ތަޢާލާއީ އައްސަވާވޮޑިގެންވާ ފަރާތެއްކަން އެކަލާނގެ ނަފްސުފުޅަށް ޘާބިތުކުރައްވައިފިނަމަ؛ ދެންފަހެ އަޑުއިވުމަކީ އޭގެ އަޞްލު މާނައިން އެނގިގެންވާ ކަމެކެވެ. (އެއީ އަޑުތައް ނަގައިގަނެ އެނގުމެވެ.) ނަމަވެސް ﷲ ތަޢާލާގެ އަޑުއެއްސެވުމުގެ ނިސްބަތުން އެކަމުގެ ޙަޤީޤަތް އެނގިގެން ނުވެއެވެ. އެހެނީ އަޑުއިވުމުގެ ޙަޤީޤަތް، މަޚްލޫޤުންގެ ތެރޭގައިވެސް ތަފާތުވެ ޚިލާފުވެގެންވެއެވެ. ދެންފަހެ ޚާލިޤާއި މަޚްލޫޤާ ދެމެދު އެ ޞިފައިގައި ތަފާތު މާ ބޮޑުވެ ހާމަވެގެންވެއެވެ.
އަދި ﷲ ތަޢާލާގެ ނަފްސުފުޅާމެދު އެކަލާނގެ ޢަރްޝަށް (ތަޚްތަށް) އިސްތިވާވެވޮޑިގެންނެވިކަމަށް (އަރާވޮޑިގެންނެވިކަމަށް) ޚަބަރުދެއްވިނަމަ؛ ފަހެ އިސްތިވާވުން އޭގެ މާނައިގެ އަޞްލުންވަނީ އެނގިގެންނެވެ. ނަމަވެސް ﷲ އެކަލާނގެ ޢަރްޝުގެ މައްޗަށް އަރާވޮޑިގެންނެވުމުގެ ނިސްބަތުން އޭގެ ޙަޤީޤަތް (ކައިފިއްޔަތާއި ވައްތަރާއި ގޮތް) އަހަރުމެންނަށް އެނގިގެން ނުވެއެވެ. އެހެނީ މަޚްލޫޤުންގެ ޙައްޤުގައިވެސް (ތަންތަނަށް އަދި އެއްޗިއްސަށް) އެރުމާއި މަތިވުން ތަފާތުވެއެވެ. އެގޮތުން ހަމައަށް، މަޑުންހުރި ގޮނޑިއަކަށް އަރާ އިންނަގޮތާއި، ނުކިޔަމަންތެރި އުނދަގޫ، ތެޅިފޮޅޭ ޖަމަލެއްގެ ބުރިކަށި ގޮނޑިއެއްގައި އަރާއިންނަ ގޮތާ އެއްފަދައެއް ނޫނެވެ. ދެންފަހެ މަޚްލޫޤުންގެ ނިސްބަތުންވެސް މިކަން ތަފާތުވެއްޖެނަމަ؛ ފަހެ ޚާލިޤާއި މަޚްލޫޤާ ދެމެދުވާ ތަފާތު މާ ސާފުވެ ބޮޑުވެގެންވެއެވެ.
އަހަރުމެން މި ޞިފަކުރި ގޮތަށް ﷲ ތަޢާލާއަށް އީމާންވުމަކީ މުއުމިނުންނަށް އަގުހުރި ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އޭގެ ތެރޭގައި:
ފުރަތަމަކީ: ﷲ ތަޢާލާ އެއްކައުވަންތަ ކުރެވުން ޙައްޤުކޮށް ޙާޞިލުވުމެވެ. އެއީ (ފުއްސެވުމާއި ރަޙްމަތަށް) އުއްމީދުކޮށްގެން، އަދި ބިރުވެތިގެން އެކަލާނގެ ފިޔަވައި އެހެން ފަރާތަކާ ނުގުޅި، އަދި އެކަލާނގެއަށް މެނުވީ އަޅުކަން ނުކޮށެވެ.
ދެވަނައީ: ﷲ ތަޢާލާގެ ރިވެތިވެގެންވާ ނަންފުޅުތަކާއި، މަތިވެރިވެގެންވާ ޞިފަފުޅުތައް ނިޔާކުރާގޮތަށް އެކަލާނގެދެކެ ފުރިހަމައަށް ލޯބިވެ، ޤަދަރުކޮށް މަތިވެރިކުރުމެވެ.
ތިންވަނައީ: އެކަލާނގެ އަމުރުކުރެއްވި ކަންތައްކޮށް، އެކަލާނގެ މަނާކުރެއްވި ކަންކަމުން ދުރުހެލިވެ ހުރެގެން އެކަލާނގެއަށް އަޅުވެތިވުން ޙައްޤުކުރުމެވެ.
*
މަލާއިކަތުންނަށް އީމާންވުން
މަލާއިކަތުން: އެއީ ﷲ ތަޢާލާއަށް އަޅުވެތިވެގެންވާ، އުފެއްދެވިގެންވާ، ޣައިބުގެ (ނުފެންނަ) ޢާލަމެކެވެ. ރުބޫބިއްޔަތާއި އުލޫހިއްޔަތުގެ ޚާއްޞަ ޞިފަތަކުން އެއްވެސް ކަމެއް އެބޭކަލުންނަށް ލިބިގެން ނުވެއެވެ. ﷲ ތަޢާލާ އެބޭކަލުން އުފެއްދެވީ ނޫރުންނެވެ. އަދި އެކަލާނގެ އަމުރުފުޅަށް ފުރިހަމައަށް ބޯލެނބުމާއި، އެ އަމުރުފުޅުތައް ތަންފީޛުކުރުމުގެ އާރާއި ބާރު އެކަލާނގެ އެބޭކަލުންނަށް ދެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَمَنْ عِنْدَهُ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِ وَلَا يَسْتَحْسِرُونَ يُسَبِّحُونَ اللَّيْلَ وَالنَّهَارَ لَا يَفْتُرُونَ} މާނައީ: "އެކަލާނގެ ޙަޟްރަތުގައިވާ ބޭކަލުން (އެބަހީ: މަލާއިކަތުން)، އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެތެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ. އެބޭކަަލުން ރެޔާދުވާލު ފޫހިވުމެއްނެތި ތަސްބީޙަ ދަންނަވަތެވެ." [އަލްއަންބިޔާއު: 19-20]
އެބޭކަލުންގެ ޢަދަދު ﷲ ތަޢާލާއަށް މެނުވީ ގުނާ ޢަދަދުނުކުރެވޭހާ ގިނައެވެ. ދެ ޞަޙީޙުގައި، އަނަސް رضي الله عنهގެ އަރިހުން، މިޢުރާޖުގެ ވާހަކައިގައި ޘާބިތުވެގެންވާ ގޮތުގައި: ނަބިއްޔާ ﷺއަށް، އުޑުގައިވާ 'އަލްބައިތުލް މަޢުމޫރު' ދެއްކެވުނެވެ. އެތަނުގައި ކޮންމެ ދުވަހަކު ހަތްދިހަހާސް މަލާއިކަތުން ނަމާދުކުރައްވައެވެ. އެބޭކަލުން އެތަނުން ނިކުމެވަޑައިގެންފިނަމަ؛ ދެން -އެބޭކަލުންގެ ޢަދަދު ނިމެންދެން- ދުވަހަކުވެސް އަނބުރާ ވަޑައިނުގަންނަވައެވެ.
މަލާއިކަތުންނަށް އީމާންވުމުގައި ހަތަރު ކަމެއް ހިމެނެއެވެ:
ފުރަތަމަ ކަމަކީ: އެބޭކަލުން ވުޖޫދުވެގެންވާކަމަށް އީމާންވުމެވެ.
ދެވަނައީ: އެބޭކަލުންގެ ތެރެއިން އަހަރުމެންނަށް އެބޭކަލެއްގެ ނަން އެނގުނު (ޖިބްރީލް ފަދަ) ބޭކަލުންނަށް އީމާންވުމެވެ. އަދި އެބޭކަލުންގެ ނަން އަހަރުމެންނަށް ނޭނގޭ ބޭކަލުންނަށް އިޖްމާލީކޮށް އަހަރުމެންނަށް އީމާންވަމެވެ.
ތިންވަނައީ: އެބޭކަލުންގެ ޞިފަފުޅުތަޖުން އަހަރުމެންނަށް އެނގުނު އެއްޗަކަށް އީމާންވުމެވެ. މިސާލަކަށް ޖިބްރީލްގެފާނު ޞިފަފުޅެވެ. އެގޮތުން ނަބިއްޔާ ﷺ ޚަބަރުދެއްވާފައިވާ ގޮތުގައި، އެކަލޭގެފާނަށް ޖިބްރީލްގެފާނު އުފެއްދެވިގެންވީ ޞިފަފުޅުގައި ފެނިވަޑައިގެންނެވިކަމަށެވެ. އެއީ ހަސަތޭކަ ފިޔަފުޅުވާ ގޮތަށް، މުޅި އުދަރެސް ބައްދާލައިގެންވާ ގޮތަށެވެ.
އަދި ފަހަރެއްގައި މަލާއިކަތާ، ﷲ ތަޢާލާގެ އަމުރުފުޅަށް އިންސާނެއްގެ ސޫރައަށް ބަދަލުވެދާނެއެވެ. މިސާލަކަށް: ﷲ ތަޢާލާ ޖިބްރީލުގެފާނު، މަރްޔަމުގެފާނުގެ އަރިހަށް ފޮނުއްވިހިނދު ކަންތައްވީ ގޮތަށެވެ. އެގޮތުން ސާދާ އިންސާނެއްގެ ޞޫރާގައި އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އަދި ހަމައެގޮތަށް، ނަބިއްޔާ ﷺ އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރޭގައި އިށީންދެވަޑައިގެން އިންނަވަނިކޮށް، ޖިބްރީލުގެފާނު ވަޑައިގެންނެވިއިރު ވަޑައިގެންނެވީ ހެދުމުގެ ހުދުކަން ގަދަ، ބޮލުގެ އިސްތަށިގަނޑުގެ ކަޅުކަން ގަދަ މީހެއްގެ ޞިފައިގައިއެވެ. އޭނާގެ ކިބައިން ދަތުރުގެ އަސަރެއް ނުފެންނަ މީހެއް ގޮތަށެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން އެކަކުވެސް އެމީހަކު ނުދަނެއެވެ. ދެން އެކަލޭގެފާނު، ނަބިއްޔާ ﷺ ގެ އަރިހުގައި އިށީންދެވަޑައިގެން، ދެ ކަކޫފުޅު އެކަލޭގެފާނުގެ ކަކޫފުޅުގައި ޖެއްސެވިއެވެ. އަދި ދެ އަތްތިލަ އެކަލޭގެފާނުގެ ފަލަމަސްގަނޑުފުޅުގައި ބޭއްވެވިއެވެ. އަދި ނަބިއްޔާ ﷺ ގެ އަރިހުން އިސްލާމްކަމާއި، އީމާންކަމާއި، އިޙްސާންކަމާއި، ޤިޔާމަތް ދުވަހާއި އެދުވަހުގެ ޢަލާމާތްތަކާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އަދި ނަބިއްޔާ ﷺ ޖަވާބުދެއްވުމުން، ދެން ޖިބްރީލްގެފާނު ވަޑައިގެންނެވީއެވެ. ދެން ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "އެއީ ޖިބްރީލެވެ. އެކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް އެ ވަޑައިގެންނެވީ، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އުނގަންނައިދެއްވުމަށެވެ."
ހަމައެފަދައިން އިބްރާހީމްގެފާނާއި ލޫޠުގެފާނުގެ އަރިހަށް ﷲ ތަޢާލާ ފޮނުއްވި މަލާއިކަތުންވެސް ތިއްބެވީ ފިރިހެނުންތަކެއް ޞޫރާގައިއެވެ.
މަލާއިކަތުންނަށް އީމާންވުމުގައި ހިމެނޭ ހަތަރުވަނަ ކަމަކީ: ﷲ ތަޢާލާގެ އަމުރުފުޅުގެ މައްޗަށް އެބޭކަލުން ކުރައްވާ ޢަމަލުތަކުން އަހަރުމެންނަށް އެނގުނު އެއްޗަކަށް އީމާންވުމެވެ. އެބޭކަލުން އެކަލާނގެއަށް ތަސްބީޙަ ކިޔުއްވުމާއި، އެއްވެސް ފޫހިކަމެއް ވަރުބަލިވެ ހިތްވަރު އެލުމެއްނެތި، ރެޔާއި ދުވާލު އެކަލާނގެއަށް އަޅުކަންކުރުންފަދަ ކަންކަމެވެ.
އޭގެ ތެރެއިން ބައެއް ބޭކަލުންނަށް ޚާއްޞަ ވަޒީފާތަކެއް ވެދާނެއެވެ.
މިސާލަކަށް: ﷲ ތަޢާލާގެ ވަޙީގެ މައްޗަށް އަމާނާތްތެރިކުރެވިގެންވާ ޖިބްރީލެވެ. ނަބިއްޔުންނާއި ރަސޫލުންގެ އަރިހަށް ވަޙީއާގެން ﷲ އެކަލޭގެފާނު ފޮނުއްވައެވެ.
އަދި މިސާލަކަށް: ވާރޭ ވެއްސެވުމާއި، ގަސްގަހާގެހީގެ ކަންތައް ހަވާލުކުރެއްވިގެންވާ މީކާއީލެވެ.
އަދި މިސާލަކަށް: ޤިޔާމަތް ޤާއިމުވާހިނދު، އަދި ޚަލްޤުތަކުން އަލުން ދިރުއްވޭހިނދު ތާޅިފިލި ފުމެލެއްވުމާ ހަވާލުކުރެވިގެންވާ އިސްރާފީލެވެ.
އަދި މިސާލަކަށް: މަރުވާހިނދު ފުރާނަތައް ހިއްޕެވުން ހަވާލުކުރެވިގެންވާ މަލަކުލް މައުތުއެވެ. (މަރުގެ މަލާއިކަތާއެވެ.)
އަދި މިސާލަކަށް: ނަރަކައިގެ ކަންތައް ހަވާލުކުރެވި، ނަރަކައިގެ ބަނޑޭރިކަމުގައިވާ މާލިކުއެވެ.
އަދި މިސާލަކަށް: ރަޙިމުގައިވާ ދަރިންގެ ކަންތައް ހަވާލުކުރެވިގެންވާ މަލާއިކަތުންނެވެ. އިންސާނާ، މަންމަގެ ބަނޑުގައި ހަތަރު މަސް ދުވަސް ފުރިހަމަވުމުން، ﷲ އޭނާގެ ގާތަށް މަލާއިކަތެއް ފޮނުއްވާ، އަދި އޭނާގެ ރިޒްޤާއި، އޭނާގެ އަޖަލާއި، އޭނާގެ ޢަމަލާއި، އޭނާއަކީ ބާއްޖަވެރިއެއްތޯ ނުވަތަ އަބާއްޖަވެރިއެއްތޯ ލިޔުއްވުމަށް އަމުރުކުރައްވައެވެ.
އަދި މިސާލަކަށް: އާދަމުގެ ދަރިންގެ ޢަމަލުތައް ރައްކާތެރިކޮށް ލިޔުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ މަލާއިކަތުންނެވެ. ކޮންމެ އިންސާނަކަށް ދެ މަލާއިކަތުން ވެއެވެ. އެއް މަލާއިކަތާ ކަނާތްފަރާތުގައި، އަދި އަނެއް މަލާއިކަތާ ވާތްފަރާތުގައިއެވެ.
އަދި މިސާލަކަށް: މައްޔިތާ އޭނާގެ ޤަބުރަށް ލެވުމުން، ސުވާލުކުރުމުގެ މަސައްކަތް ހަވާލުކުރެވިގެންވާ މަލާއިކަތުންނެވެ. ދެ މަލާއިކަތުން އޭނާގެ ގާތަށް ވަޑައިގަންނަވާ، އޭނާގެ ރައްބަކީ ކޮބައިތޯ، އަދި އޭނާގެ ދީނަކީ، އަދި އޭނާގެ ނަބިއްޔަކީ ކޮބައިތޯ ސުވާލުކުރައްވާނެއެވެ.
މަލާއިކަތުންނަށް އީމާންވުމުން ބޮޑެތި ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި:
ފުރަތަމައީ: ﷲ ތަޢާލާގެ މަތިވެރިކަމާއި ބޮޑުކަމާއި، އެކަލާނގެ ބާރާއި، ވެރިކަމާއި ރަސްކަން އެނގިގެންދެއެވެ. އެހެނީ މަޚްލޫޤުގެ މަތިވެރިކަމާއި ބޮޑުކަން ދަލީލުކުރަނީ ހެއްދެވި ފަރާތުގެ މަތިވެރިކަމާއި ބޮޑުކަމަށެވެ.
ދެވަނައީ: އާދަމުގެ ދަރިންނަށް ދެއްވި އިނާޔަތުގެ މައްޗަށް ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. އެއީ އެމީހުން ރައްކާތެރިކުރެއްވުމަށާއި، އެމީހުންގެ ޢަމަލުތައް ލިޔުއްވުމާއި، އެނޫންވެސް އެމީހުންގެ މަޞްލަޙަތުތައް ހޯދާދެއްވުމަށް މި މަލާއިކަތުންގެ ތެރެއިން ބޭކަލުންނާ އެކަލާނގެ ހަވާލުކުރައްވާފައިވުމުންނެވެ.
ތިންވަނައީ: ﷲ ތަޢާލާއަށް އަޅުވެތިވެ އަޅުކަންކުރައްވާ ކަމުގެ މައްޗަށް މަލާއިކަތުންދެކެ ލޯބިވުމެވެ.
މަގުފުރެދި ކަސިޔާރުވެގެންވާ މީހުންގެ ބަޔަކުވަނީ: މަލާއިކަތުންނަކީ ހަށިތަކެއް، ޖިސްމުތަކެއްކަމަށްވުމަށް އިންކާރުކޮށްފައިއެވެ. އެމީހުން ބުނޫއެވެ: "އެއީ (އެބަހީ: މަލާއިކަތުންނަކީ) މަޚްލޫޤުންގެ ތެރޭގައި، އެތެރޭގައިވާ ހެޔޮކަމުގެ ބާރުތައް ތަމްސީލުކުރުމަށް ބުނާ ޢިބާރާތަކެވެ." މިއީ ﷲ ތަޢާލާގެ ފޮތާއި، އެކަލާނގެ ރަސޫލާ ﷺގެ ސުންނަތާއި، މުސްލިމުންގެ އިޖްމާޢުވެސް ދޮގުކުރުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالأَرْضِ جَاعِلِ الْمَلاَئِكَةِ رُسُلاً أُولِي أَجْنِحَةٍ مَّثْنَى وَثُلاَثَ وَرُبَاعَ} މާނައީ: "ޙަމްދުހުރީ، އިސްވެދިޔަ މިސާލަކާ ނުލާ އުޑުތަކާއި ބިން އުފައްދަވާ، އަދި މަލާއިކަތުންނަކީ، ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތައް ލިބިގެންވެ، (އެކިއެކި ކަންކަމާއިގެން) ފޮނުއްވޭ ބޭކަލުންތަކެއް ކަމުގައި ލެއްވި ﷲ އަށެވެ." [ފާޠިރު: 1]
އަދިވެސް ވަޙީކުރެއްވިއެވެ: {وَلَوْ تَرَى إِذْ يَتَوَفَّى الَّذِينَ كَفَرُواْ الْمَلائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ} މާނައީ: "މަލާއިކަތުން، ކާފަރުވި މީހުންގެ މަރު ހިއްޕަވާހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. އެ މީހުންގެ މޫނުތަކުގައްޔާއި، ބުރިކަށިތަކުގައި އެ މަލާއިކަތުން ތަޅުއްވާ ހާލުގައެވެ." [އަލްއަންފާލު: 50]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {وَلَوْ تَرَى إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلائِكَةُ بَاسِطُواْ أَيْدِيهِمْ أَخْرِجُواْ أَنفُسَكُمُ} މާނައީ: "އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. މަލާއިކަތުން އެހިނދު ތިއްބަވާނީ އެބޭކަލުންގެ އަތްޕުޅު ދިއްކުރައްވައިގެންނެވެ. (މިހެން ވިދާޅުވަމުންނެވެ.) ތިޔަބައިމީހުންގެ ނަފްސުތައް (ފުރާނަތައް) ނެރޭށެވެ." [އަލްއަންޢާމު: 93]
އަދިވެސް ވަޙީކުރެއްވިއެވެ: {حَتَّى إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا مَاذَا قَالَ رَبُّكُمْ قَالُوا الْحَقَّ وَهُوَ الْعَلِيُّ الْكَبِير} މާނައީ: "އެބޭކަލުންގެ ހިތްތަކުން ބިރުވެރިކަން ކެނޑިއްޖައުމަށް ދާންދެނެވެ. (އެ ހިނދު) އެބޭކަލުން (އެކަކު އަނެކަކަށް) ދަންނަވާނެއެވެ: ތިޔަބައިމީހުންގެ ރައްބު ވަޙީ ކުރެއްވީ ކީކޭހެއްޔެވެ؟ އެބޭކަލުން (އެކަކު އަނެކަކަށް) ދަންނަވާނެއެވެ: (އެ އިލާހު ވަޙީ ކުރެއްވީ) ޙައްޤު ބަސްފުޅެވެ. އެ އިލާހީ މަތިވެރިވަންތަ، ބޮޑުވެގެންވާ އިލާހެވެ." [ސަބައު: 23]
އަދި ސުވަރުގޭގެ އަހުލުވެރިންނާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: وَالْمَلَائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ . سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ فَنِعْمَ عُقْبَى الدَّارِ} މާނައީ: "އަދި އެތާނގެ ހުރިހާ ދޮރަކުން، މަލާއިކަތުން އެ މީހުންގެ ގާތަށް ވަދެވަޑައިގަންނަވާނެއެވެ. (އެ ބޭކަލުން ވިދާޅުވާނެއެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށް ޓަކައި، ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ފަހެ އާޚިރަތުގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ." [އައްރަޢުދު: 23-24]
އަދި ޞަޙީޙުލް ބުޚާރީގައި، އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށެވެ: "ﷲ އަޅަކުދެކެ ލޯބިވެވޮޑިގެންފިނަމަ ޖިބްރީލުގެފާނަށް ނިދާއިއްވަވައެވެ: "ހަމަކަށަވަރުން ﷲ މިވެނި އެވެނި މީހެއްދެކެ ލޯބިވެވޮޑިގަންނަވައެވެ. ފަހެ ތިބާވެސް އޭނާދެކެ ލޯބިވާށެވެ!" ދެން ޖިބްރީލު އެމީހަކަށް ލޯބިކުރައްވައެވެ. އަދި އުޑުގެ އަހުލުވެރިންގެ ތެރޭގައި ޖިބްރީލު ގޮވާލައްވާނެއެވެ: "ހަމަކަށަވަރުން ﷲ މިވެނި އެވެނި މީހެއްދެކެ ލޯބިވެވޮޑިގަންނަވައެވެ. ފަހެ ތިޔަބައިމީހުންވެސް އޭނާދެކެ ލޯބިވާށެވެ!" ދެން އުޑުގެ އަހުލުވެރިން އޭނާއަށް ލޯބިކުރައްވާނެއެވެ. ދެން ބިމުގައި އޭނާއަށް މަޤުބޫލުކަން ލެއްވެއެވެ."
އަދިވެސް އެފޮތުގައި އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: “ހުކުރު ދުވަސް އައުމުން މިސްކިތުގެ ދޮރުތަކުން ކޮންމެ ދޮރެއް ކައިރީގައި މަލާއިކަތުން ހުއްޓިވަޑައިގެން ތިއްބަވައެވެ. އެބޭކަލުން މީހުން އަންނަ ތަރުތީބުން ލިޔުއްވައެވެ. ދެން އިމާމު މީހާ މިންބަރުގައި އިށީންނުމުން ފަތްފުށްތައް އޮޅާލައްވާފައި، ޛިކުރު (ޚުޠުބާ) އަޑުއެއްސެވުމަށް ވަޑައިގަންނަވައެވެ."
މިއީ މަލާއިކަތުންނަކީ ހަށިތަކެއް، އަދި ޖިސްމުތަކެއްކަމަށް ޞަރީޙަކޮށްވާ ނައްޞުތަކެވެ. މަގުފުރެދިގެންވާ މީހުން ބުނާ ފަދައިން އެއީ މަޢުނަވީ ބާރުތަކެއްނޫނެވެ. މި ނައްޞުތައް ދަލީލުކުރި ގޮތަށް މުސްލިމުންވަނީ އިޖްމާޢުވެގެންނެވެ.
*
ފޮތްތަކަށް އީމާންވުން
الكتب ފޮތްތައް: އެއީ كتاب ގެ ޖަމްޢުއެވެ. މާނައީ (ލިޔެފައިވާ) ތަކެއްޗެވެ.
މިތަނުގައި އޭގެ މުރާދަކީ: ޚަލްޤުތަކުންނަށް ރަޙްމަތެއްގެ ގޮތުގައި، އަދި އެމީހުންނަށް ހިދާޔަތެއްގެ ގޮތުގައި ﷲ ތަޢާލާ އެކަލާނގެ ރަސޫލުންގެ މައްޗަށް ބާވައިލެއްވި ފޮތްތަކެވެ. އެއީ އެ ފޮތްތައް މެދުވެރިކޮށް ދުނިޔެއާއި އާޚިރަތުގައި އެމީހުންގެ އުފާވެރިކަމަށް ވާޞިލުވުމަށެވެ.
ފޮތްތަކަށް އީމާންވުމުގައި ހަތަރު ކަމެއް ހިމެނެއެވެ.
ފުރަތަމަ ކަމަކީ: އެ ފޮތްތައް ހަމަ ޙައްޤު ގޮތުގައިވެސް ބާވައިލެއްވުނީ ﷲ ގެ ޙަޟްރަތުންކަމަށް އީމާންވުމެވެ.
ދެވަނައީ: އެ ފޮތްތަކުން އަހަރުމެންނަށް އޭގެ ނަން އެނގުނު ފޮތަކަށް އޭގެ ނަމުން އީމާންވުމެވެ. މިސާލަކަށް: މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވުނު ޤުރްއާނާއި، މޫސާ ﷺގެ މައްޗަށް ބާވައިލެއްވުނު ތައުރާތެވެ. އަދި ޢީސާ ﷺގެ މައްޗަށް ބާވައިލެއްވުނު އިންޖީލެވެ. އަދި ދާވޫދު ﷺ އަށް ދެއްވުނު ޒަބޫރެވެ. ދެން އޭގެ ނަން އަހަރުމެންނަށް ނޭނގޭ ފޮތްތައް ދަންނައެވެ، އަހަރުމެން އެއަށް އިޖުމާލީކޮށް އީމާންވަމެވެ.
ތިންވަނައީ: އެއިން ޞައްޙަވެގެންވާ ޚަބަރުތައް ތެދުކުރުމެވެ. މިސާލަކަށް ޤުރްއާނުގެ ޚަބަރުތަކާއި، އިސްވެދިޔަ ފޮތްތަކުން ބަދަލުނުކުރެވޭ އަދި އޮޅުވާނުލެވޭ ބައިތަކުގެ ޚަބަރުތަކެވެ.
ހަތަރުވަނައީ: އެ ފޮތްތަކުން މަންސޫޚަވެގެން ނުވާ ޙުކުމްތަކަށް ޢަމަލުކޮށް، އެއަށް ރުހި ޤަބޫލުވުމެވެ. އެ ކަންކަމުގެ ޙިކްމަތް އަހަރުމެންނަށް ފަހުމްވިޔަސް ނުވަތަ ފަހުމްނުވިޔަސްމެއެވެ. ކުރީގެ ހުރިހާ ފޮތްތައްވަނީ ކީރިތި ޤުރްއާނުން މަންސޫޚަވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ} މާނައީ: "އަދި ތިމަންއިލާހު ޙައްޤު ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެ ފޮތްތަކުގެ މައްޗަށް ބާރުހިންގަނިވި ފޮތެއް ކަމުގައެވެ." [އަލްމާއިދާ: 48] އެބަހީ: އޭގެ މައްޗަށް ޙުކުމްކުރާ ފޮތެއްގެ ގޮތުގައިއެވެ.
މިކަމުގެ މައްޗަށް ބިނާކޮށް: ކުރީގެ ފޮތްތަކުގެ ޙުކުމްތަކުން، އެ ޙުކުމެއް ޞައްޙަވެ އަދި ޤުރްއާނުން އެކަމަށް އިޤުރާރުވެފައިވާ ޙުކުމެއް މެނުވީ، ދެން އެއްވެސް ޙުކުމަކަށް ޢަމަލުކުރުން ހުއްދަވެގެން ނުވެއެވެ.
ފޮތްތަކަށް އީމާންވުމުން ބޮޑެތި ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި:
ފުރަތަމައީ: ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ބަހައްޓަވާ އަޅާލުމާއި ޢިނާޔަތްތެރިކަން އެނގުމެވެ. އެއީ ކޮންމެ ބަޔަކަށް، އެއިން އެމީހުންނަށް ހިދާޔަތު ލިބޭނެ ފޮތެއް ބާވައިލެއްވިކަމުންނެވެ.
ދެވަނައީ: ﷲ ތަޢާލާގެ ޝަރުޢުކުރެއްވުމުގައި އެކަލާނގެ ޙިކުމަތްތެރިކަން އެނގުމެވެ. އެއީ ކޮންމެ ބަޔަކަށްވެސް އެބަޔަކުގެ ޙާލަތްތަކާ މުނާސަބު އެކަށޭނެ ގޮތަށް އެކަލާނގެ ޝަރުޢުކުރެއްވިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވިގޮތަށެވެ: {لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا} މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، ޝަރީޢަތަކާއި، މަންހަޖެއް ތިމަންއިލާހު ލެއްވީމެވެ." [އަލްމާއިދާ: 48]
ތިންވަނައީ: އެކަމުގައި ﷲ ތަޢާލާ ދެއްވި ނިޢުމަތަށް ޝުކުރުވެރިވުމެވެ.
*
ރަސޫލުންނަށް އީމާންވުން
(الرّسل) އަކީ (رسولٍ) ގެ ޖަމްޢުއެވެ. އޭގެ މާނައަކީ: (مرسلٍ) އެވެ. އެބަހީ: ކަމެއް ފޯރުކޮށްދިނުމަށްޓަކައި ފޮނުވިފައިވާ މީހާއެވެ.
މިތަނުގައި މުރާދަކީ: އިންސާނުންގެ ތެރެއިން އެމީހަކަށް ޝަރީޢަތެއް ވަޙީއިން އިއްވެވި، އަދި އެ ފޯރުކޮށްދިނުމަށް އަމުރުކުރެވިގެންވާ މީހާއެވެ.
ރަސޫލުންގެ ތެރެއިން އެންމެ ފުރަތަމަ ރަސޫލަކީ ނޫޙު عليه السلام އެވެ. އަދި އެންމެ ފަހު ރަސޫލަކީ މުޙައްމަދު ﷺ އެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِن بَعْدِهِ} މާނައީ: "ނޫޙުގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންއިލާހު ވަޙީ އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނަށްވެސް ވަޙީއިއްވެވީމެވެ." [އައްނިސާއު: 163]
ޞަޙީޙުލް ބުޚާރީގައި، އަނަސް ބްނު މާލިކު رضي الله عنه ގެ އަރިހުން، ޝަފާޢަތުގެ ޙަދީޘްގައިވެއެވެ. ނަބިއްޔާ ﷺ ޛިކުރުކުރެއްވިއެވެ: އާދަމުގެފާނުގެ އަރިހަށް، އެކަލޭގެފާނު ޝަފާޢަތްތެރިވުމަށް އެދިގެން މީސްތަކުން އަންނާނޭކަމަށާއި، ދެން އެކަލޭގެފާނު އެމީހުންނަށް ޢުޛުރުވެރިވެލައްވާ މިހެން ވިދާޅުވާނޭކަމަށް ޛިކުރުކުރެއްވިއެވެ: "ތިޔަބައިމީހުން، ﷲ ފޮނުއްވި ފުރަތަމަ ރަސޫލާ، ނޫޙުގެ ގާތަށް ދާށެވެ. " -ދެން އެ ޙަދީޘް ފުރިހަމައަށް ޛިކުރުކުރެއްވިއެވެ.
އަދި މުޙައްމަދު ﷺ އާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ} މާނައީ: "ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ." [އަލްއަޙްޒާބު: 40]
ﷲ ތަޢާލާ، މީސްތަކުންނަށް މުސްތަޤިއްލު ވަކި ޝަރީޢަތަކާގެން ރަސޫލަކު ނުފޮނުއްވާ، ނުވަތަ އޭގެ ކުރިންވީ ބޭކަލެއްގެ ޝަރީޢަތް އާކުރެއްވުމަށްޓަކައި ވަޙީއިން އިއްވެވޭގޮތަށް ނަބިއްޔަކު ނުފޮނުއްވާ އުއްމަތެއް ހުސްކޮށް ނުދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللّهَ وَاجْتَنِبُواْ الطَّاغُوتَ} މާނައީ: "ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ." [އައްނަޙްލު: 36]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {وَإِن مِّنْ أُمَّةٍ إِلاَّ خلاَ فِيهَا نَذِير} މާނައީ: "އަދި އެ އުއްމަތަކަށް އިންޛާރުކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް އުއްމަތެއް ނުވެތެވެ." [ފާޠިރު: 24]
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُواْ لِلَّذِينَ هَادُواْ} މާނައީ: "ހަމަކަށަވަރުން، ތިމަންއިލާހު ތައުރާތު ބާވައިލެއްވީމެވެ. އޭގައި ތެދުމަގާއި، ނޫރެއް ވެއެވެ. ކިޔަމަންތެރިވެގެން ތިއްބެވި ނަބިއްޔުން އެފޮތުން ޔަހޫދީންގެ މައްޗަށް ޙުކުމްކުރައްވަތެވެ." [އަލްމާއިދާ: 44]
ރަސޫލުންނަކީ ޚަލްޤުކުރެވިގެންވާ އިންސާނުންނެވެ. ރުބޫބިއްޔަތާއި އުލޫހިއްޔަތުގެ ޚާއްޞަ އެއްވެސް ޞިފައެއް އެބޭކަލުންނަށް ލިބިގެން ނުވެއެވެ. ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާ މުޙައްމަދުގެފާނާ ބެހޭގޮތުން ވަޙީކުރެއްވިއެވެ. އެކަލޭގެފާނީ ރަސޫލުންގެ ސާހިބާ، އަދި ﷲ ގެ ޙަޟްރަތުގައި އެބޭކަލުންގެ ތެރެއިން އެންމެ މަޤާމާއި ދަރަޖަ މަތިވެރި ކަލޭގެފާނު ކަމުގައިވުމާއެކުގައިއެވެ. {قُل لاَّ أَمْلِكُ لِنَفْسِي نَفْعًا وَلاَ ضَرًّا إِلاَّ مَا شَاء اللّهُ وَلَوْ كُنتُ أَعْلَمُ الْغَيْبَ لاَسْتَكْثَرْتُ مِنَ الْخَيْرِ وَمَا مَسَّنِيَ السُّوءُ إِنْ أَنَاْ إِلاَّ نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُون} މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އިރާދަ ކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކު ވެގެނެއް ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު (ދުނިޔަވީ މޮޅާއި) ހެޔޮ ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުގައި ނުބީހުނީހެވެ. އިންޛާރުދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ." [އަލްއަޢުރާފު: 188]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا. قُلْ إِنِّي لَنْ يُجِيرَنِي مِنَ اللَّهِ أَحَدٌ وَلَنْ أَجِدَ مِنْ دُونِهِ مُلْتَحَدًا} މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުން (އެކަލާނގެ ޢަޛާބުން)، ތިމަންކަލޭގެފާނަށް ޙިމާޔަތްދެވޭނެ ހަމަ އެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެން ފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ." [އަލްޖިންނު: 21-22]
އަދި އެ ބޭކަލުންނަށް އިންސާނީ ޞިފަތައް ޖެހެއެވެ. މިސާލަކަށް: ބަލިމަޑުކަމާއި، މަރުވުމާއި، ކާބޯތަކެއްޗަށް ޙާޖަތްޖެހުމާއި، އެނޫންވެސް އެފަދަ ކަންތަކެވެ. އިބްރާހީމު عليه الصلاة والسلام އެކަލޭގެފާނުގެ ވެރި ރައްބު ޞިފަކުރެއްވި ގޮތް ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ وَإِذَا مَرِضْتُ فَهُوَ يَشْفِينِ وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ} މާނައީ: "އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ އިލާހެވެ. އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ. އަދި ތިމަން މަރުގެންނަވާ، ދެން ދިރުއްވަނީވެސް އެކަލާނގެއެވެ." [އައްޝުޢަރާއު: 79-81]
އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނު ވާކަންކަށަވަރީ ހަމަ ތިޔަބައިމީހުންފަދަ އިންސާނެއް ކަމުގައިއެވެ. ތިޔަބައިމީހުން ހަނދާން ނެތޭ ފަދައިން ތިމަންކަލޭގެފާނުވެސް ހަނދުމަފުޅު ނެތެއެވެ. ދެންފަހެ ތިމަންކަލޭގެފާނު ހަނދުމަފުޅު ނެތިއްޖެނަމަ؛ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ހަނދާންކޮށްދޭށެވެ."
އަދި ﷲ ތަޢާލާ، އެބޭކަލުންގެ އެންމެ މަތީ މަޤާމުތަކުގައި ތެރޭގައި، އަދި އެބޭކަލުންނަށް ޘަނާގެ ބަސް ވަޙީކުރެއްވުމުގެ ތެރޭގައި؛ އެބޭކަލުން އެކަލާނގެއަށް އަޅުވެތިވެގެންވާކަމަށް ޞިފަކުރެއްވިއެވެ. އެގޮތުން ﷲ ތަޢާލާ ނޫޙު ﷺ އާމެދު ވަޙީކުރެއްވިއެވެ: {إِنَّهُ كَانَ عَبْدًا شَكُورًا} މާނައީ: "ހަމަކަށަވަރުން އެކަލޭގެފާނުވީ ޝުކުރުވެރިވާ އަޅެއްކަމުގައިއެވެ." [އަލްއިސްރާއު: 3] އަދި މުޙައްމަދުގެފާނާމެދު ވަޙީކުރެއްވިއެވެ: {تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا} މާނައީ: "ޢާލަމްތަކަށް އިންޛާރު ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް ޤުރްއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ." [އަލްފުރްޤާނު: 1]
އަދި އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު صلّى الله عليهم وسلّم- ގެ ވާހަކަފުޅުގައި އެކަލާނގެ ވަޙީކުރެއްވިއެވެ: {وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ. إِنَّا أَخْلَصْنَاهُمْ بِخَالِصَةٍ ذِكْرَى الدَّارِ. وَإِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ} މާނައީ: "އަދި ތިމަންއިލާހުގެ އަޅުން ކަމުގައިވާ އިބްރާހީމާއި، އިސްޙާޤާއި، ޔަޢުޤޫބު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ ހެޔޮ ޢަމަލުކުރެއްވުމަށް) ބާރުގަދަ، ބުއްދީގެ ވެރިންނެވެ. ހަމަކަށަވަރުން، ތިމަންއިލާހު އެބޭކަލުން ސާފު ޞިފައަކުން މާތްކުރައްވައި، ޚިޔާރުކުރެއްވީމެވެ. އެއީ އާޚިރަތް ހަނދުމަކޮށް ހަނދުމަކޮށްދިނުމުގެ ޞިފައެވެ. އަދި ހަމަކަށަވަރުން، އެބޭކަލުންވަނީ، ތިމަންއިލާހުގެ ޙަޟްރަތުގައި ޚިޔާރުކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ." [ޞާދު: 45-47]
މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނާ ބެހޭގޮތުން الله ވަޙީކުރެއްވިއެވެ: {إِنْ هُوَ إِلاَّ عَبْدٌ أَنْعَمْنَا عَلَيْهِ وَجَعَلْنَاهُ مَثَلاً لِّبَنِي إِسْرَائِيل} މާނައީ: "ތިމަންއިލާހު، އެކަލޭގެފާނަށް ނިޢުމަތްދެއްވި އަޅަކުކަމުގައި މެނުވީ އެކަލޭގެފާނު ނުވެތެވެ. އަދި އިސްރާއީލުގެ ދަރިންނަށްވާ ޢިބުރަތެއް ކަމުގައި އެކަލޭގެފާނު ލެއްވީމެވެ." [އައްޒުޚްރުފު: 59]
ރަސޫލުންނަށް އީމާންވުމުގައި ހަތަރު ކަމެއް ހިމެނެއެވެ:
ފުރަތަމަ ކަމަކީ: އެބޭކަލުންގެ ރިސާލަތަކީ ﷲ ތަޢާލާގެ ޙަޟްރަތުން އައިސްފައިވާ ޙައްޤު ކަމުގައި އީމާންވުމެވެ. ދެންފަހެ އެތަނުން އެއް ބޭކަލެއްގެ ރިސާލަތަކަށް ކާފަރުވެއްޖެ މީހާ؛ ހުރިހާ ރަސޫލުންނަށް ކާފަރުވެއްޖެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: {كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِين} މާނައީ: "ނޫޙުގެފާނުގެ ޤައުމުގެމީހުން ރަސޫލުން ދޮގުކުރޫއެވެ." [އައްޝުޢަރާއު: 105] ފަހެ، ނޫޙުގެފާނު ފިޔަވައި އެހެން ރަސޫލަކު އެ ވަޤުތު ނެތް ނަމަވެސް (އެމީހުން އެކަލޭގެފާނު ދޮގުކުރިކަމުގެ މައްޗަށް) އެމީހުން އެންމެހާ ރަސޫލުން ދޮގުކުރި ބައެއްކަމުގައި ﷲ ކަނޑައެޅުއްވިއެވެ. މިކަމުގެ މައްޗަށް ބިނާކޮށް، މުޙައްމަދު ﷺ ދޮގުކޮށް، އެކަލޭގެފާނަށް ތަބަޢަނުވި ނަޞާރާއިން ވާހުށީ މަރިޔަމްގެފާނުގެ ދަރިކަލުން އަލްމަސީޙު (ޢީސާގެފާނަށް) ވެސް ކާފަރުވެ، އެކަލޭގެފާނަށް ތަބަޢަނުވާ ބައެއްކަމުގައިއެވެ. ޚާއްޞަކޮށް ޢީސާގެފާނު އެމީހުންނަށް މުޙައްމަދު ﷺ ގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާއިރުއެވެ. އެކަލޭގެފާނަކީ އެމީހުންގެ ގާތަށްވެސް ރަސޫލެއްގެ ގޮތުގައި ވަޑައިގަންނަވާ، އެކަލޭގެފާނު މެދުވެރިކުރައްވާ ﷲ އެމީހުން މަގުފުރެދުމުން ސަލާމަތްކުރައްވާ، އަދި ސީދާވެގެންވާ ތެދުމަގަށް އެމީހުންނަށް މަގުދައްކަވާނޭ ބޭކަލަކު ކަމުގައި ނުވާނަމަ؛ ޢީސާގެފާނު އެމީހުންނަށް އެ ހެޔޮޚަބަރު ދެއްވުމުގެ މާނައެއް ނެތެވެ.
ދެވަނައީ: އެބޭކަލުންގެ ތެރެއިން އަހަރުމެންނަށް އެބޭކަލެއްގެ ނަންފުޅު އެނގިފައިވާ ބޭކަލުންގެ ނަމުން އީމާންވުމެވެ. މިސާލަކަށް: މުޙައްމަދު، އިބްރާހީމް، މޫސާ، ޢީސާ، އަދި ނޫޙު عليهم الصّلاة والسّلام އެވެ. މި ފަސް ބޭކަލުންނަކީ ރަސޫލުންގެ ތެރެއިން އުލުލްޢަޒްމުގެ (ޢަޒުމްގެ ވެރި) ފަސް ބޭކަލުންނެވެ. ﷲ ތަޢާލާ ޤުރުއާނުގައި ދެ ތަނެއްގައި އެބޭކަލުންގެ ޛިކުރުކުރެއްވިއެވެ. އެއީ މި ބަސްފުޅުގައިއެވެ: {وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَاهِيمَ وَمُوسَى وَعِيسَى ابْنِ مَرْيَمَ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا} މާނައީ: "ނަބީބޭކަލުންގެ ކިބައިންނާއި، ކަލޭގެފާނާއި ނޫޙުގެފާނާއި، އިބްރާހީމުގެފާނާއި، މޫސާގެފާނާއި، މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ކިބައިން ތިމަންއިލާހު ކަށަވަރުވެގެންވާ ޢަހްދު ހިއްޕެވިހިނދު ހަނދުމަކުރާށެވެ! އެބޭކަލުންގެ ކިބައިން ގަދަވެ ކަށަވަރުވެގެންވާ ޢަހްދެއް ތިމަންއިލާހު ހިއްޕެވީމެވެ." [އަލްއަޙްޒާބު: 7] އަދި މި ބަސްފުޅުގައިއެވެ: {شَرَعَ لَكُم مِّنَ الدِّينِ مَا وَصَّى بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَى وَعِيسَى أَنْ أَقِيمُوا الدِّينَ وَلاَ تَتَفَرَّقُوا فِيهِ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ اللَّهُ يَجْتَبِي إِلَيْهِ مَن يَشَاء وَيَهْدِي إِلَيْهِ مَن يُنِيب} މާނައީ: "ތިޔަބައިމީހުންނަށްޓަކައި އެ އިލާހު ޝަރުއު ކުރެއްވި ދީނަކީ، އެ އިލާހު ނޫޙުގެފާނަށް ވަޞިއްޔަތް ކުރެއްވި ދީނެވެ. އަދި ތިމަން އިލާހު ކަލޭގެފާނަށްވެސް ވަޙީކުރެއްވި ދީނެވެ. އަދި އިބްރާހީމްގެފާނަށާއި، މޫސާގެފާނަށާއި، ޢީސާގެފާނަށް ވަޞިއްޔަތް ކުރެއްވި ދީނެވެ. (އެ ވަޞިއްޔަތަކީ) ތިޔަބައިމީހުން ދީން ޤާއިމު ކުރާށެވެ. އަދި އޭގައި ތިޔަބައިމީހުން ބައިބައި ނުވާށެވެ. ތިޔަބައިމީހުން އެ ކަމަކަށް ތިޔަ ގޮވައިލާ ކަންތައް، މުޝްރިކުންގެ މައްޗަށް ބޮޑު ކަމަކަށް ވިއެވެ. ﷲ، އެ އިލާހު އިރާދަކުރައްވާ އަޅަކު އެކަމަށް ޚިޔާރު ކުރައްވައެވެ. އަދި އެ އިލާހަށް (ތައުބާވެ) ރުޖޫޢަވާ މީހާއަށް ތެދުމަގު ދައްކަވައެވެ." [އައްޝޫރާ: 13]
ދެންފަހެ އެބޭކަލުންގެ ތެރެއިން އަހަރުމެންނަށް އެބޭކަލެއްގެ ނަންފުޅު ނޭނގޭ ބޭކަލުންނަށް، އިޖުމާލީކޮށް ޖުމްލަކޮށް އީމާންވަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَلَقَدْ أَرْسَلْنَا رُسُلاً مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ} މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންއިލާހު ރަސޫލުން ފޮނުއްވީމެވެ. އެ ރަސޫލުންގެ ވާހަކަ ތިމަންއިލާހު، ކަލޭގެފާނަށް ކިޔައިދެއްވާފައިވާ ރަސޫލުން، އޭގެތެރެއިންވެއެވެ. އަދި އެ ރަސޫލުންގެ ވާހަކަ، ތިމަންއިލާހު ކަލޭގެފާނަށް ކިޔައިދެއްވާފައިނުވާ ރަސޫލުންވެސް އޭގެތެރެއިންވެއެވެ." [ޣާފިރު: 78]
ތިންވަނައީ: އެބޭކަލުންގެ އަރިހުން އައިސްފައިވާ ޚަބަރުތަކުން ޞައްޙަވި އެއްޗެއް ތެދުކުރުމެވެ.
ހަތަރުވަނައީ: އެބޭކަލުންގެ ތެރެއިން އަހަރުމެންގެ ގާތަށް ފޮނުއްވުނު ރަސޫލާގެ ޝަރީޢަތަށް ޢަމަލުކުރުމެވެ. އެއީ ރަސޫލުކަން ޚަތިމުކުރެއްވި، ހުރިހާ މީސްތަކުންގެ ގާތަށް ފޮނުއްވުނު މުޙައްމަދު ﷺ އެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّىَ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُواْ فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُواْ تَسْلِيمًا} މާނައީ: "ފަހެ އެހެންނަކުން ނޫނެވެ. ކަލޭގެފާނުގެ ވެރި ރައްބު ގަންދެއްވަމެވެ. އެ މީހުންގެ މެދުގައި އުފެދޭ ޚިލާފުތަކުގައި، ޙުކުމްކުރާ ފަރާތަކީ ކަލޭގެފާނު ކަމުގައި އެ މީހުން ހަދާ، ދެން ކަލޭގެފާނު ނިޔާކުރައްވާ ގޮތާމެދު އެ މީހުންގެ ހިތްތަކުގައި އެއްވެސް އުނދަގޫކަމެއް ނުދެކޭ ޙާލު، ފުރިހަމަ ކިޔަމަންތެރިކަމަކުން އެ މީހުން ކިޔަމަންތެރިނުވާހާ ހިނދަކު، އެ މީހުން އީމާންވި ކަމުގައި ނުވާނެއެވެ." [އައްނިސާއު: 65]
ރަސޫލުންނަށް އީމާންވުމަކީ ބޮޑެތި ފައިދާތަކެއް ލިބިގެންދާ ކަމެކެވެ. އޭގެ ތެރޭގައި:
ފުރަތަމަ ކަމަކީ: ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށް ރަޙުމްކުރައްވާ އަދި އަޅާލައްވާ ޢިނާޔަތްތެރިކަން ބަހައްޓަވާކަން އެނގިގެންދެއެވެ. އެއީ ﷲ ތަޢާލާގެ މަގަށް އެމީހުންނަށް މަގުދެއްކެވުމަށް، އަދި ﷲ އަށް އަޅުކަންކުރާނެ ގޮތް ބަޔާންކޮށްދެއްވުމަށްޓަކައި އެކަލާނގެ އެމީހުންގެ ގާތަށް ރަސޫލުން ފޮނުއްވައިގެންނެވެ. އެހެނީ (ރަސޫލުންގެ އިރުޝާދާ ނުލައި) އިންސާނީ ބުއްދި އަމިއްލައަށް މުސްތަޤިއްލުކޮށް އެކަން ދެނެނުގަނެވޭނެއެވެ.
ދެވަނައީ: މި ބޮޑު ނިޢުމަތަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވުން.
ތިންވަނައީ: ރަސޫލުން -عليهم الصّلاة والسّلام- ދެކެ ލޯބިވުމާއި، އެބޭކަލުންނަށް ޤަދަރުކޮށް މަތިކުރުމާއި، އެބޭކަލުންނާ ލާއިޤުވެ އެކަށޭނެގޮތަށް ޘަނާ ކިޔުމެވެ. އެހެނީ އެބޭކަލުންނީ ﷲ ތަޢާލާގެ ރަސޫލުންނެވެ. އަދި އެހެނީ އެބޭކަލުން އެކަލާނގެއަށް އަޅުވެތިކަން އާދަކުރައްވާ، އެކަލާނގެ ރިސާލަތު ފޯރުކޮށްދެއްވާ، އެކަލާނގެ އަޅުތަކުންނަށް ނަޞޭޙަތްތެރިވެލެއްވިއެވެ.
ގޮތްދޫނުކޮށް ދެކޮޅުހެދި މީހުން، ރަސޫލުން ދޮގުކުރިއެވެ. އެއީ ﷲ ތަޢާލާގެ ރަސޫލުން ވާންޖެހޭނީ އިންސާނުން ނޫން ކަމަށް ދަޢުވާކޮށްގެންނެވެ. ﷲ ތަޢާލާވަނީ، މި ދަޢުވާގެ ވާހަކަ ގެންނަވާ، އެ ބާޠިލުކުރައްވާފައިއެވެ. އެއީ އެކަލާނގެ މި ބަސްފުޅުންނެވެ: {وَمَا مَنَعَ النَّاسَ أَنْ يُؤْمِنُوا إِذْ جَاءَهُمُ الْهُدَى إِلَّا أَنْ قَالُوا أَبَعَثَ اللَّهُ بَشَرًا رَسُولًا . قُلْ لَوْ كَانَ فِي الْأَرْضِ مَلَائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِمْ مِنَ السَّمَاءِ مَلَكًا رَسُولًا } މާނައީ: "މީސްތަކުންގެ ގާތަށް ތެދުމަގު އައިހިނދު، اللَّه، ރަސޫލަކު ކަމުގައި އާދަމުގެ ދަރިޔަކު ފޮނުއްވީހޭ، އެއުރެން ބުނާ ބުނުން މެނުވީ، އެއުރެން އީމާންވުން މަނައެއް ނުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ބިމުގައި ހިންގަވައި، ދިރިއުޅުއްވަނީ މަލާއިކަތުން ކަމުގައިވީނަމަ، އެބޭކަލުންގެ ގާތަށް ރަސޫލަކު ކަމުގައި ތިމަންއިލާހު އުޑުން މަލާއިކަތަކު ބާވައިލެއްވީމުހެވެ." [އަލްއިސްރާއު: 94-95]
އެހެންކަމުން ﷲ ތަޢާލާ އެވަނީ، ރަސޫލާއަކީ އިންސާނެއްކަމުގައި ކޮންމެހެންވެސް ވާންޖެހޭނެކަން ބަޔާންކުރައްވާ މި ދަޢުވާ ބާޠިލުކުރައްވާފައިއެވެ. އެހެނީ އެބޭކަލަކު އެ ފޮނުއްވެނީ ބިމުގެ އަހުލުވެރިންގެ ގާތަށްކަމުގައިވެ، ބިމުގެ އަހުލުވެރިންނަކީ އިންސާނުން ކަމުގައިވުމުންނެވެ. ބިމުގެ އަހުލުވެރިންނީ މަލާއިކަތުން ކަމުގައިވީނަމަ؛ ﷲ އެބޭކަލުންގެ މައްޗަށް އުޑުން ރަސޫލެއްގެ ގޮތުގައި މަލާއިކަތަކު ތިރިއަށް ފޮނުއްވީހެވެ. އެއީ އެބޭކަލުންނާ އެއްފަދައިން ވުމަށްޓަކައިއެވެ. މިފަދައިންމެ، ރަސޫލުން ދޮގުކުރި މީހުން މިހެން ބުނިކަމަށް ﷲ ތަޢާލާ ޚަބަރުދެއްވާ ވަޙީކުރެއްވިއެވެ: {إِنْ أَنْتُمْ إِلَّا بَشَرٌ مِثْلُنَا تُرِيدُونَ أَنْ تَصُدُّونَا عَمَّا كَانَ يَعْبُدُ آبَاؤُنَا فَأْتُونَا بِسُلْطَانٍ مُبِينٍ. قَالَتْ لَهُمْ رُسُلُهُمْ إِنْ نَحْنُ إِلَّا بَشَرٌ مِثْلُكُمْ وَلَكِنَّ اللَّهَ يَمُنُّ عَلَى مَنْ يَشَاءُ مِنْ عِبَادِهِ وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ} މާނައީ: "ތިމަންމެންކަހަލަ އިންސާނުން ކަމުގައި މެނުވީ ކަލޭމެން ނުވަމުއެވެ. ކަލޭމެން ތިޔަ ބޭނުންވަނީ ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތިން ތިމަންމެންނަށް ހުރަސްއަޅާ ދުރުކުރާށެވެ. ފަހެ ބަޔާންވެގެންވާ ޙުއްޖަތެއް ތިމަންމެންނަށް ނިކަން ކަލޭމެން ގެނެސްބަލާށެވެ. އެ މީހުންގެ ރަސޫލުން އެ މީހުންނަށް ވިދާޅުވިއެވެ: ތިޔަބައިމީހުން ކަހަލަ އިންސާނުން ކަމުގައި މެނުވީ، ތިމަންމެން ނުވަމުއެވެ. އެހެނެއްކަމަކު، ﷲ، އެ އިލާހުގެ އަޅުންކުރެ އިރާދަ ކުރެއްވި ބަޔަކަށް ނިޢުމަތް ދެއްވައެވެ. އަދި ﷲ ގެ އިޛުނަފުޅާ ލައިގެން މެނުވީ، ތިޔަބައިމީހުންނަށް ޙުއްޖަތެއް ގެނެސްދިނުމަކީ، ތިމަންމެންނަށް އޮތްކަމެއް ނޫނެވެ." [އިބްރާހީމު: 10-11]
*
އާޚިރަތް ދުވަހަށް (އެންމެ ފަހު ދުވަހަށް) އީމާންވުން
އާޚިރަތްދުވަހަކީ: ޙިސާބު ބެއްލެވުމާއި ޖަޒާ ދެއްވުމަށް މީސްތަކުން އަލުން ދިރުއްވޭނެ ޤިޔާމަތް ދުވަހެވެ.
އެދުވަހަށް އެ ނަން (އެބަހީ: އާޚިރަތް ދުވަސް ނުވަތަ އެންމެ ފަހު ދުވަސް) ކިޔުނީ އެހެނީ އޭގެ ފަހުން އެހެން ދުވަހެއް ނުވާނެތީއެވެ. އެއީ ސުވަރުގޭގެ އަހުލުވެރިން އެމީހުންގެ ގެދޮރުގައި ވަޒަންވެރިވެ، އަދި ނަރަކައިގެ އަހުލުވެރިން އެމީހުންގެ ގެދޮރުގައި ވަޒަންވެރިވާ ދުވަހެވެ.
އާޚިރަތް ދުވަހަށް އީމާންވުމުގައި ތިން ކަމެއް ހިމެނެއެވެ:
ފުރަތަމައީ: އަލުން ދިރުއްވުމަށް އީމާންވުމެވެ. އެއީ ދެވަނަ ތާޅަފިލި ފުމެލެވޭހިނދު މަރުވެފައިވާ މީހުންތައް ދިރުއްވި، ދެން ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތަށް މީސްތަކުން ތެދުވުމެވެ. ފައިވާނަށް ނާރާ ހުސްފަޔާ، ޢައުރަ ނިވާނުވެ އޮރިޔާމުން، ޚިތާނު ނުކުރެވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِين} މާނައީ: "އެންމެ ފުރަތަމަ އުފެއްދެވުން ތިމަންއިލާހު ފެށްޓެވިފަދައިން، ތިމަންއިލާހު އެ ތަކެތި އަލުން އިޢާދަކުރައްވާ ހުށީމެވެ. އެއީ ތިމަންއިލާހުގެ މައްޗަށްއޮތް ވަޢުދެކެވެ. ހަމަކަށަވަރުން، ތިމަންއިލާހު އެކަންތައް ކުރައްވާހުށީމެވެ." [އަލްއަންބިޔާއު: 104]
އަލުންދިރުއްވުމަކީ: ޘާބިތުވެގެންވާ ޙައްޤު ކަމެކެވެ. ޤުރްއާނާއި، ސުންނަތާއި، މުސްލިމުންގެ އިޖްމާޢުން އެކަމަށް ދަލީލުކުރިއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {ثُمَّ إِنَّكُمْ بَعْدَ ذَلِكَ لَمَيِّتُونَ. ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ } މާނައީ: "ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ. ދެން ހަމަކަށަވަރުން ތިޔަބައިމީހުން ޤިޔާމަތް ދުވަހުން، އަލުންދިރުއްވައި މަޙުޝަރަށް ފޮނުވޭނެއެވެ." [އަލްމުއުމިނޫން: 15-16]
އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ޤިޔާމަތް ދުވަހު މަޙުޝަކުރެއްވި އެއްކުރެވޭނީ: ހުސްފަޔާ، ބަރަހަނާކޮށް، ޚިތާނު ނުކުރެވިއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީ އާއި މުސްލިމް ނެރުއްވާ އިއްތިފާޤުވެގެންވާ ޙަދީޘެއް)
އަލުން ދިރުއްވުން ޘާބިތުވެގެންވާކަމަށް މުސްލިމުން އިޖްމާޢުވެގެންވެއެވެ. އަދި އެއީ (ﷲ ތަޢާާލާގެ) ޙިކްމަތްވެސް ނިޔާކުރާ ގޮތެވެ. އެހެނީ އެ ޙިކްމަތް ނިޔާކުރަނީ: ﷲ ޚަލްޤުތަކުންގެ ގާތަށް އެކަލާނގެ ރަސޫލުން ފޮނުއްވައިގެން ޝަރުޢުކުރެއްވި ކަންތަކުގެ މައްޗަށް އެމީހުންނަށް ޖަޒާދެއްވުމަށްޓަކައި، އެމީހުން އެނބުރި ދާނޭ ދުވަހެއް ލެއްވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ﴿أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ١١٥﴾ މާނައީ: "ހަމަކަށަވަރުން ތިމަން އިލާހު، ތިޔަބައިމީހުން ޚަލްޤު ކުރައްވާ ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން ތިޔަބައިމީހުން ތިމަން އިލާހުގެ ޙަޟްރަތަށް އެނބުރި ރުޖޫޢަ ނުކުރެވޭނެކަމަށް، ތިޔަބައިމީހުން އަޅެ ފަހެ ހީކުޅައީހެއްޔެވެ؟" [އަލްމުއުމިނޫން: 115] އަދި އެކަލާނގެ ނަބިއްޔާ ﷺ އަށް ވަޙީކުރެއްވިއެވެ: {إِنَّ الَّذِي فَرَضَ عَلَيْكَ الْقُرْآنَ لَرَادُّكَ إِلَى مَعَادٍ} މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނަށް ޤުރްއާން ފަރުޟުކުރައްވާ ކަނޑައެޅުއްވި އިލާހު، ކަލޭގެފާނު އެނބުރިދާނޭ ދުވަހަށް (އެބަހީ: ޤިޔާމަތްދުވަހު އަލުން ދިރުއްވުމަށް) ރައްދުކުރައްވާނޭކަން ކަށަވަރެވެ." [އަލްޤަޞަޞު: 85]
ދެވަނައީ: ޙިސާބު ބެއްލެވުމާއި ޖަޒާދެއްވޭނެކަމަށް އީމާންވުމެވެ. އަޅާ ކޮށްފައިވާ ޢަމަލުތަކުގެ ޙިސާބު ބެއްލެވި، އެކަމުގެ މައްޗަށް ޖަޒާދެއްވޭނެއެވެ. ޤުރްއާނާއި ސުންނަތާއި، މުސްލިމުންގެ އިޖްމާޢުވަނީ އެކަމަށް ދަލީލުކޮށްފައިއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {إِنَّ إِلَيْنَا إِيَابَهُمْ ثُمَّ إِنَّ عَلَيْنَا حِسَابَهُمْ} މާނައީ: "ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންއިލާހުގެ ޙަޟްރަތަށެވެ. ދެން އެއުރެންގެ ޙިސާބު ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންއިލާހަށެވެ." [އަލްޣާޝިޔާ: 25-26] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {مَن جَاء بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا وَمَن جَاء بِالسَّيِّئَةِ فَلاَ يُجْزَى إِلاَّ مِثْلَهَا وَهُمْ لاَ يُظْلَمُون} މާނައީ: "ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ޘަވާބުހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަށް އަނިޔާވެރި ނުވެވޭނެއެވެ." [އަލްއަންޢާމު: 160] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلاَ تُظْلَمُ نَفْسٌ شَيْئًا وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا وَكَفَى بِنَا حَاسِبِين} މާނައީ: "ތިމަން އިލާހު ޤިޔާމަތް ދުވަހުން ޢަދުލުވެރިކަމުގެ ތިލަފަތްތައް ޤާއިމު ކުރައްވާހުށީމެވެ. ފަހެ އެއްވެސް ނަފްސަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރެވޭނެއެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ އިލާހަކު ކަމުގައި ތިމަން އިލާހު ފުދެއެވެ." [އަލްއަންބިޔާއު: 47]
އަދި އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން (ޤިޔާމަތްދުވަހު) ﷲ މުއުމިނާ ގާތްކުރައްވާ، ދެން އެކަލާނގެ އެއްފަރާތް -އެބަހީ: ފަރުދާ- އޭނާގެ މައްޗަށް އަޅުއްވާ ފޮރުއްވާނެއެވެ. އަދި ވަޙީކުރައްވާނެއެވެ: "ތިބާކުރި މިވެނި އެވެނި ފާފައެއް އެނގޭހެއްޔެވެ؟ އެވެނި ފާފައެއް ދަންނަންހެއްޔެވެ؟" ދެން އޭނާ ދަންނަވާނެއެވެ: "އާނއެކެވެ. އަޅުގެ ވެރި ރައްބެވެ! އެހެންގޮސް އޭނާގެ ފާފަތަކަށް އިޢުތިރާފުވެ، އަދި އޭނާ މި ހަލާކުވީކަމަށް ނަފްސުން (ހީކުރެވި) ފެނިއްޖައުމަށް ދާންދެންނެވެ. (ދެން) އެކަލާނގެ ވަޙީކުރައްވާނެއެވެ: "ތިމަންއިލާހު ދުނިޔޭގައި ތިބާއަށް އެކަންކަން ފޮރުވާދެއްވީމެވެ. އަދި މިއަދު ތިމަންއިލާހު ތިބާއަށް އެކަންކަން ފުއްސަވާހުށީމެވެ." ދެން އޭނާގެ ހެޔޮކަމުގެ ފަތްފުށްދެވޭނެއެވެ. ދެންފަހެ ކާފަރުންނާއި މުނާފިޤުން ދަންނައެވެ، އެމީހުންނާމެދު އެންމެހާ ޚަލްޤުތަކުންގެ ތެރޭގައި ގޮވާލެވޭނެއެވެ: "މި ތިބީ އެމީހުންގެ ވެރި ރައްބުގެ މައްޗަށް ދޮގު ހެދި މީހުންނެވެ! ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދިވެސް ނަބިއްޔާ ﷺގެ އަރިހުން ޞައްޙަވެގެންވާ ބަސްފުޅެއްގައިވެއެވެ: "ހެޔޮކަމެއް ކުރުމަށް ޤަޞްދުކޮށް ވިސްނާ، ދެން އެކަމެއް ކޮށްފި މީހާ؛ ﷲ ގެ ޙަޟްރަތުގައި، އެކަންތައް ދިހަ ހެޔޮކަމުން ގޮސް ހަތްސަތޭކަ ގުނައިން ގޮސް އެތައް ގުނައަކަށް ލިޔުއްވާނެއެވެ. އަދި ނުބައިކަމެއް ކުރަން ޤަޞްދުކޮށް ވިސްނާ، ދެން އެކަމެއް ކޮށްފި މީހާ؛ ﷲ އެކަން އެއީ ނުބައި އެންމެ ކަމެއްގެ ގޮތުގައި ލިޔުއްވައެވެ."
ޢަމަލުތަކުގެ ޙިސާބު ބެއްލެވުމާއި ޖަޒާދެއްވޭނެކަން ޘާބިތުކުރުމުގެ މައްޗަށް މުސްލިމުންވަނީ އިޖްމާޢުވެގެންނެވެ. އަދި އެއީ ޙިކްމަތްވެސް ނިޔާކުރާ ގޮތެވެ. އެހެނީ ﷲ ތަޢާލާ ފޮތްތައް ބާވައިލައްވާ، ރަސޫލުން ފޮނުއްވާ، އަދި އެބޭކަލުން ގެންނެވި ކަންތައް ޤަބޫލުކޮށް، އަދި ޢަމަލުކުރުން ވާޖިބު ކަންކަމަށް ޢަމަލުކުރުން އަޅުތަކުންގެ މައްޗަށް ފަރުޟުކުރެއްވިއެވެ. އަދި އެކަންކަމާ ދެކޮޅުހަދާ މީހުންނާ ދެކޮޅަށް ހަނގުރާމަކުރުން ވާޖިބުކުރައްވާ، އެމީހުންގެ ލެޔާއި، އެމީހުންގެ ދަރިންނާއި، އަނބީންނާއި، މުދާތައްވެސް ނިގުޅައިގަތުން ހުއްދަކުރެއްވިއެވެ. ޙިސާބު ބެއްލެވުމެއް އަދި ޖަޒާ ލިބުމެއްވެސް ނުވާނަމަ؛ މި ހުރިހާ ކަމެއްވެސް ވާހުށީ؛ ޙިކްމަތްވަންތަ ރައްބު އެކަމަކުން ހުސްދުރުކޮށް ޠާހިރުކުރެވޭ ބޭކާރު، ތާކުންތާކު ނުޖެހޭ ކަންތަކެއް ކަމުގައިއެވެ. ﷲ ތަޢާލާ، މި ބަސްފުޅުން އެކަމަށް އިޝާރާތްކުރެއްވިއެވެ: {فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ. فَلَنَقُصَّنَّ عَلَيْهِمْ بِعِلْمٍ وَمَا كُنَّا غَائِبِينَ} މާނައީ: "ހަމަކަށަވަރުން، އެއުރެންގެ ގާތަށް ރަސޫލުން ފޮނުއްވުނު މީހުންނާ ތިމަންއިލާހު ސުވާލުކުރައްވާ ހުށީމެވެ. އަދި ރަސޫލުންނާވެސް، ހަމަކަށަވަރުން، ތިމަންއިލާހު ސުވާލުކުރައްވާ ހުށީމެވެ. އަދި (އެއުރެން ކުރި ހުރިހާކަމެއް) ދެނެވޮޑިގެންވާ ޙާލުގައި، ހަމަކަށަވަރުން، ތިމަންއިލާހު އެއުރެންނަށް ކިޔައިދެއްވާ ހުށީމެވެ. އަދި ތިމަންއިލާހު (އެމީހުންގެ ޢަމަލުތައް ދެނެވޮޑިގަނެ، ބައްލަވާ އައްސަވާވޮޑިގަތުމުން) ނެތިނުވަމެވެ." [އަލްއަޢުރާފު: 6-7]
ތިންވަނައީ: ސުވަރުގެއާއި ނަރަކައަށް އީމާންވުމާއި، އަދި އެއީ ޚަލްޤުތަކުން ތާއަބަދަށް ދެމި ތިބުމަށްޓަކައި ދާނޭ ދެތަން ކަމަށް އީމާންވުމެވެ.
އެގޮތުން ސުވަރުގެއަކީ: ތަޤުވާވެރި މުއުމިނުންނަށްޓަކައި ﷲ ތަޢާލާ ތައްޔާރުކުރައްވާފައިވާ ނިޢުމަތުގެ ގޮވައްޗެވެ. އެމީހުންނީ ﷲ އެމީހުންގެ މައްޗަށް އީމާންވުން ވާޖިބުކުރެއްވި ކަންކަމަށް އީމާންވެ، ﷲ އަށް އިޚްލާޞްތެރިވެ، އަދި އެކަލާނގެ ރަސޫލާއަށް ތަބަޢަވެގެންވާ ޙާލު، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުން ޤާއިމުކުރި މީހުންނެވެ. އެ ސުވަރުގޭގައި: "އެއްވެސް ލޮލަކަށް ފެނިފައި ނުވާ، އަދި އެއްވެސް ކަންފަތެއް އަޑުއަހާފައި ނުވާ، އަދި އިންސާނެއްގެ ހިތަށް ޚިޔާލުވެސް ކޮށްލެވިފައި ނުވާ" އެކި ވައްތަރުގެ ނިޢުމަތްތައްވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَئِكَ هُمْ خَيْرُ الْبَرِيَّةِ . جَزَاؤُهُمْ عِنْدَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ذَلِكَ لِمَنْ خَشِيَ رَبَّهُ} މާނައީ: "ހަމަކަށަވަރުން އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ.) އެ މީހުންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ. އެ މީހުންގެ ރައްބުގެ ޙަޟްރަތުގައި، އެ މީހުންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ޢަދްނޭ ކިޔުނު ސުވަރުގެތަކެވެ. އެ ތާނގައި އެ މީހުން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. ﷲ އެ މީހުންނަށް ރުހިވޮޑިގެންވެއެވެ. އަދި އެ މީހުން އެ އިލާހަށް ރުހިގެންވެއެވެ. އެކަންވަނީ، އެ މީހާގެ ރައްބަށް ބިރުވެތިވި މީހަކަށެވެ." [އަލްބައްޔިނާ: 7-8] އަދިވެސް ވަޙީކުރެއްވިއެވެ: ﴿فَلَا تَعۡلَمُ نَفۡسٞ مَّآ أُخۡفِيَ لَهُم مِّن قُرَّةِ أَعۡيُنٖ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ17﴾ މާނައީ: "ފަހެ އެ މީހުންނަށްޓަކައި ފޮރުވިގެންވާ ލޮލުގެ ފިނިކަން (އެބަހީ: ޖަންނަތުގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. އެއީ އެމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުގައެވެ." [އައްސަޖްދާ: 17]
ދެންފަހެ ނަރަކައާމެދު ދަންނައެވެ! އެއީ އަނިޔާވެރި ކާފަރުންނަށް ﷲ ތަޢާލާ ތައްޔާރުކުރެއްވި ޢަޛާބުގެ ގޮވެއްޗެވެ. އެމީހުންނީ އެކަލާނގެއަށް ކާފަރުވެ، އެކަލާނގެ ރަސޫލުންނަށް އުރެދުނު މީހުންނެވެ. އެތަނުގައި ޚިޔާލަށް ވިސްނުމަށްވެސް ނާންނަކަހަލަ ޢަޛާބުގެ ވައްތަރުތަކާއި، ޢުޤޫބާތްތައް ވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَاتَّقُواْ النَّارَ الَّتِي أُعِدَّتْ لِلْكَافِرِين} މާނައީ: "އަދި، ކާފަރުންނަށްޓަކައި ތައްޔާރުކުރެވިގެންވާ ނަރަކައަށް ތިޔަބައިމީހުން ބިރުވެތިވެބަލާށެވެ." [އާލްޢިމްރާނު: 131] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {وَقُلِ الْحَقُّ مِن رَّبِّكُمْ فَمَن شَاء فَلْيُؤْمِن وَمَن شَاء فَلْيَكْفُرْ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا وَإِن يَسْتَغِيثُوا يُغَاثُوا بِمَاء كَالْمُهْلِ يَشْوِي الْوُجُوهَ بِئْسَ الشَّرَابُ وَسَاءتْ مُرْتَفَقًا} މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ. (އެއީ) ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން އައިސްފައިވާ ޙައްޤެވެ. ފަހެ ބޭނުންމީހަކު އީމާންވާންވީއެވެ. އަދި ބޭނުންމީހަކު ކާފަރުވާންވީއެވެ. ހަމަކަށަވަރުން އަނިޔާވެރިވެގަތް މީހުންނަށް، ތިމަން އިލާހު ނަރަކަ ތައްޔާރު ކުރެއްވީމެވެ. އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެ މީހުން ވަށާލައިގެންވެއެވެ. އެ މީހުން ފެނަށްއެދި ގޮވާލައިފިނަމަ، އެ މީހުންނަށް ދެއްވޭނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެ މީހުންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ. އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ." [އަލްކަހްފު: 29] އަދިވެސް ވަޙީކުރެއްވިއެވެ: {إِنَّ اللَّهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا. خَالِدِينَ فِيهَا أَبَدًا لَا يَجِدُونَ وَلِيًّا وَلَا نَصِيرًا . يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَالَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا} މާނައީ: "ހަމަކަށަވަރުން، اللَّه، ކާފަރުންނަށް ލަޢުނަތް ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ. އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ ނަޞްރުދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ. އެއުރެންގެ މޫނުތައް، ނަރަކައިގައި އެފުށްމިފުށަށް ފުރޮޅޭ ދުވަހު އެއުރެން ބުނާނެތެވެ. ތިމަންމެން اللَّه އަށް ކިޔަމަންވެ، އަދި ރަސޫލާން ކިޔަމަންވެވުނުނަމަ ކިހާ ރަނގަޅުވީސްހެވެ." [އަލްއަޙްޒާބު؛ 64-65]
އާޚިރަތް ދުވަހަށް އީމާންވުމުން ބޮޑެތި ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި:
ފުރަތަމަ ކަމަކީ: އެ ދުވަހުގެ ޘަވާބަށް އެދިގެން ކިޔަމަންތެރިވެ ހެޔޮ ޢަމަލުތައް ކުރުމަށް ޝައުޤުވެރިވެ، އެކަމަށް ފަރުވާތެރިވެވުމެވެ.
ދެވަނައީ: އެ ދުވަހުގެ ޢުޤޫބާތަށް ބިރުން، އުރެދުންތެރިވެ ފާފަކުރުމަށް، އަދި ފާފައަށް ރުހުމަށްވެސް ފަސްހެހި ބިރުވެތިވުމެވެ.
ތިންވަނައީ: ދުނިޔޭގައި މުއުމިނާއަށް ނުލިބި ގެއްލިގެންދާ ތަކެއްޗާމެދު ތަސައްލީލިބި ހިތްހަމަޖެހުމެވެ. އެއީ އާޚިރަތުގެ ނިޢުމަތާއި ޘަވާބަށް އޭނާ އުއްމީދުކުރާތީއެވެ.
މަރުވުމަށްފަހު އަލުން ދިރުމަކީ ވާނޭކަމެއް ނޫންކަމަށް ދަޢުވާކޮށްގެން ކާފަރުން އެކަމަށް އިންކާރުކުރިއެވެ.
މިއީ ބާޠިލު ދަޢުވާއެކެވެ. އޭގެ ބާޠިލުކަމަށް ޝަރުޢުއާއި، ޙިއްސާއި، ބުއްދިންވެސް ދަލީލުކުރިއެވެ.
ޝަރުޢީ ދަލީލަށް ބަލާއިރު، ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا قُلْ بَلَى وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ وَذَلِكَ عَلَى اللَّهِ يَسِير} މާނައީ: "ކާފަރުވި މީހުން، އެއުރެން އަލުން ދިރުއްވައި ނުފޮނުއްވޭނޭކަމަށް ދަޢުވާކުރިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރައްބު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވޭނެއެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި ޢަމަލުތަކުގެ ޚަބަރު، ތިޔަބައިމީހުންނަށް އަންގަވާހުށްޓެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ." ސަމާވީ ހުރިހާ ފޮތްތަކެއްވެސްވަނީ އެކަމަށް އިއްތިފާޤުވެގެންނެވެ.
ޙިއްސީ ދަލީލަށް ބަލާއިރު: ﷲ ތަޢާލާވަނީ ދުނިޔެ މަތީގައިވެސް، މަރުވެފައިވާ މީހުން ދިރުއްވާތަން އެކަލާނގެ އަޅުތަކުންނަށް ދައްކަވާފައިއެވެ. އަލްބަޤަރާ ސޫރަތުގައި އެކަމުގެ މައްޗަށް ފަސް މިސާލެއްވެއެވެ. އެއީ:
ފުރަތަމަ މިސާލު: މޫސާގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް މިހެން ބުނި ހިނދެއެވެ: {لَن نُّؤْمِنَ لَكَ حَتَّى نَرَى اللَّهَ جَهْرَةً} މާނައީ: "އަހަރުމެންނަށް ހަމަލޮލަށް ފާޅުކޮށް ﷲ ފެނިއްޖައުމަށް ދާންދެން ކަލޭގެފާނަށް އީމާނެއް ނުވާނަމެވެ." [އަލްބަޤަރާ: 55] އެހިނދު ﷲ ތަޢާލާ އެމީހުން މަރުގެންނެވިއެވެ. ދެން އެއަށްފަހު އަނެއްކާ ދިރުއްވިއެވެ. މިކަމާ ގުޅޭގޮތުން ﷲ ތަޢާލާ، އިސްރާއީލުގެ ދަރިންނާ މުޚާޠަބު ކުރައްވައި ވަޙީކުރެއްވިއެވެ: {وَإِذْ قُلْتُمْ يَا مُوسَى لَنْ نُؤْمِنَ لَكَ حَتَّى نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنْتُمْ تَنْظُرُونَ. ثُمَّ بَعَثْنَاكُمْ مِنْ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ} މާނައީ: "އަދި އޭ موسىގެފާނޭ، ފާޅުގައި އަހަރެމެން اللَّه ދެކެފުމަށްދާނދެން އަހަރެމެން ކަލޭގެފާނަކަށް އީމާނެއް ނުވާނޫއޭ ތިޔަބައިމީހުން ބުނިހިނދު، ހަނދުމަކުރާށެވެ! ދެން ތިޔަބައިމީހުން ބަލަބަލައިތިއްބައި، ހޮނުގުގުރި ތިޔަބައިމީހުންގެ މަރު ހިފައިފިއެވެ. ދެން ތިޔަބައިމީހުން މަަރުވުމަށްފަހު، ތިމަންއިލާހު ތިޔަބައިމީހުން އަލުން ދިރުއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ." [އަލްބަޤަރާ: 55-56]
ދެވަނަ މިސާލު: އެ މީހަކާމެދު ބަނީ އިސްރާއީލުގެ މީހުން ދެބަސްވި، ޤަތުލުކޮށްލެވުނު މީހާގެ ވާހަކައިގައިވެއެވެ. ދެން ﷲ ތަޢާލާ އެމީހުންނަށް އަމުރުކުރެއްވީ ގެރިއެއް ކަތިލާފައި، އޭގެ ބަޔަކުން އޭނާގެ ގައިގައި ޖެހުމަށެވެ. އެއީ (އޭނާ އަލުން ދިރިގެން ތެދުވެ) އޭނާ ޤަތުލުކޮށްލީ ކާކުކަން އެމީހުންނަށް ޚަބަރުދިނުމަށެވެ. އެކަމާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَإِذْ قَتَلْتُمْ نَفْسًا فَادَّارَأْتُمْ فِيهَا وَاللَّهُ مُخْرِجٌ مَا كُنْتُمْ تَكْتُمُونَ. فَقُلْنَا اضْرِبُوهُ بِبَعْضِهَا كَذَلِكَ يُحْيِ اللَّهُ الْمَوْتَى وَيُرِيكُمْ آيَاتِهِ لَعَلَّكُمْ تَعْقِلُونَ } މާނައީ: "ތިޔަބައިމީހުން މީހަކު މަރާލާފައި، އެ މަރާމެދު ދެބަސްވެ ޚިލާފުވިހިނދު، ކަންތައްވީ ގޮތް ހަނދާންކޮށްބަލާށެވެ. -ތިޔަބައިމީހުން ވަންހަނާކޮށް އުޅުނު ކަންތައް، اللَّه ހާމަކުރައްވައި، ނެރުއްވާހުށްޓެވެ- ދެން ތިމަންއިލާހު ވަޙީކުރެއްވީމެވެ. އޭގެ (އެބަހީ: އެ ކަތިލި ގެރީގެ) އެތިކޮޅަކުން، އެ (މަރުވެފައިވާ) މީހާގެ ގައިގައި ތިޔަބައިމީހުން ޖަހާށެވެ! (ދެން އެއުރެން ޖެހި ހިނދު، އެމީހާ އަލުން ދިރިއްޖެއެވެ.) މަރުވެފައިވާ މީހުން، اللَّه އަލުން ދިރުއްވަނީ އެފަދައިންނެވެ. އަދި ތިޔަބައިމީހުންނަށް، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ދައްކަވަނީވެސް، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ވިސްނައި ދެނެގަތުމަށްޓަކައެވެ." [އަލްބަޤަރާ: 72-73]
ތިންވަނަ މިސާލު: މަރުން ފިލައި ރައްކާވުމަށް ގެދޮރުތައް ދޫކޮށް ދިޔަ މީހުންގެ ވާހަކައެވެ. އެއީ އެތަކެއްހާސް ބައެކެވެ. ދެން ﷲ ތަޢާލާ އެމީހުން މަރުގެންނެވިއެވެ. ދެން އަލުން ދިރުއްވިއެވެ. އެކަމާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {أَلَمْ تَرَ إِلَى الَّذِينَ خَرَجُواْ مِن دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللّهُ مُوتُواْ ثُمَّ أَحْيَاهُمْ إِنَّ اللّهَ لَذُو فَضْلٍ عَلَى النَّاسِ وَلَـكِنَّ أَكْثَرَ النَّاسِ لاَ يَشْكُرُون} މާނައީ: "އެތައްހާސް ބަޔަކުކަމުގައިވާ ޙާލު، މަރަށް ބިރުން އެއުރެންގެ ގޯތިގެދޮރުން ނުކުމެގެންދިޔަ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ ފަހެ، اللَّه، އެއުރެންނަށް ވަޙީކުރެއްވިއެވެ: ތިޔަބައިމީހުން މަރުވާށެވެ! (ދެން، އެއުރެން މަރުވީއެވެ.) ދެން، އެކަލާނގެ އެއުރެން ދިރުއްވިއެވެ. ހަމަކަށަވަރުން، اللَّهއީ، މީސްތަކުންގެ މައްޗަށް ފަޟްލަވަންތަވެރި އިލާހު ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުން ކުރެ ގިނަ މީހުން ޝުކުރެއް ނުކުރެތެވެ." [އަލްބަޤަރާ: 243]
ހަތަރުވަނަ މިސާލު: މަރުވެފައިވާ ރަށެއްގެ ކައިރިން ހުރަސްކޮށް ދިޔަ މީހާގެ ވާހަކައެވެ. ދެން ﷲ ތަޢާލާ އެ ރަށުގެ މީހުން، އަލުން ދިރުއްވުމަކީ ދުރުކަމެއްގެ ގޮތުގައި އޭނާ ދެކުނެވެ. ދެން ﷲ ތަޢާލާ އޭނާ ސަތޭކަ އަހަރުވަންދެން މަރުގެންނަވާފައި، ދެން ދިރުއްވިއެވެ. އެކަމާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {أَوْ كَالَّذِي مَرَّ عَلَى قَرْيَةٍ وَهِيَ خَاوِيَةٌ عَلَى عُرُوشِهَا قَالَ أَنَّى يُحْيِي هَذِهِ اللَّهُ بَعْدَ مَوْتِهَا فَأَمَاتَهُ اللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ قَالَ كَمْ لَبِثْتَ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ قَالَ بَلْ لَبِثْتَ مِائَةَ عَامٍ فَانْظُرْ إِلَى طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ وَانْظُرْ إِلَى حِمَارِكَ وَلِنَجْعَلَكَ آيَةً لِلنَّاسِ وَانْظُرْ إِلَى الْعِظَامِ كَيْفَ نُنْشِزُهَا ثُمَّ نَكْسُوهَا لَحْمًا فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ} މާނައީ: "ނުވަތަ، ހިޔާވަހިކަންދޭ ފުރާޅުތަކާއި އިމާރާތްތައް ވެއްޓި ފަޅުވެފައިވާ ރަށެއްގެ ކައިރިންލާފައި ވަޑައިގަތް މީހާގެ ވާހަކަ (ކަލޭގެފާނަށް އެނގިވަޑައި ނުގަންވާތޯއެވެ؟) އޭނާ ދެންނެވިއެވެ: މިރަށް މަރުވުމަށް ފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށް ފަހު) ﷲ، އަލުން އެރަށް ދިރުއްވާނީ ކޮންފަދައަކުންހެއްޔެވެ؟ ދެން، ﷲ، ސަތޭކަ އަހަރަށް، އޭނާ މަރުގެންނެވިއެވެ. ދެން އަލުން އޭނާ ދިރުއްވައި ޙަޔާތަށް ފޮނުއްވިއެވެ. އެ އިލާހު ވަހީކުރެއްވިއެވެ: ތިބާ މަރުވެ އޮތީ ކިހާ ދުވަހެއް ވަންދެންހެއްޔެވެ؟ އޭނާ ދެންނެވިއެވެ: މި އަޅާ އޮތީ އެންމެ ދުވަހަކު، ނުވަތަ ދުވަހަކުން ބަޔެއްގައެވެ. އެ އިލާހު ވަހީކުރެއްވިއެވެ: އަދި ކިޔެއްހެއްޔެވެ! ސަތޭކަ އަހަރު ވާންދެން ތިބާ އޮތެވެ. ފަހެ ތިބާގެ ކާތަކެއްޗަށާއި ބޯތަކެއްޗަށް ބަލާށެވެ. އެ ތަކެއްޗަށް ބަދަލެއްނާދެއެވެ. އަދި ތިބާގެ ހިމާރަށް ބަލާށެވެ. އަދި (އެކަން އެ ގޮތަށް ކުރެއްވީ) މީސްތަކުންނަށް ހެއްކެއްކަމުގައި ތިމަންއިލާހު ތިބާ ލެއްވުމަށެވެ. އަދި ތިމަންއިލާހު އެ ކަށިތައް އެއް ކުރައްވާ، ދެން، އެ ކަށިތަކުގައި މަސް ލައްވަނީ ކޮންފަދައަކުންކަން ތިބާ ދެކެބަލާށެވެ. ދެން، އޭނާއަށް އެކަން ބަޔާންވިހިނދު ދެންނެވިއެވެ: ހަމަކަށަވަރުން ﷲ އީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހުކަން ޔަޤީންކޮށް ދެނެގަންނަމެވެ." [އަލްބަޤަރާ: 259]
ފަސްވަނަ މިސާލު: އަލްޚަލީލު (ﷲ ގެ ގާތްއެކުވެރި) އިބްރާހީމްގެފާނުގެ ވާހަކައެވެ. އެއީ މަރުވެފައިވާ މީހުން ﷲ ތަޢާލާ ދިރުއްވާގޮތް އެކަލޭގެފާނަށް ދެއްކެވުމަށް އެދިވަޑައިގެންނެވިހިނދުއެވެ. ދެން ﷲ ތަޢާލާ އެކަލޭގެފާނަށް އަމުރުކުރެއްވީ ހަތަރު ދޫނި ކަތިލައި، ވަށައިގެންވާ ފަރުބަދަތަކުގައި ބައިބަޔަށް އެތަކެތި ވަކިކޮށްލައްވާ ބަހައްޓަވާފައި، ދެން އެ ދޫނިތަކަށް ގޮވާލެއްވުމަށެވެ. ދެން އެތަކެތީގެ ބައިތައް އެއްބައި އަނެއްބަޔާ ގުޅިލާމެހި، އަވަސް އަވަހަށް އިބްރާހީމްގެފާނުގެ އަރިހަށް އަންނާނޭކަމަށެވެ. އެކަމާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَإِذْ قَالَ إِبْرَاهِيمُ رَبِّ أَرِنِي كَيْفَ تُحْيِـي الْمَوْتَى قَالَ أَوَلَمْ تُؤْمِن قَالَ بَلَى وَلَـكِن لِّيَطْمَئِنَّ قَلْبِي قَالَ فَخُذْ أَرْبَعَةً مِّنَ الطَّيْرِ فَصُرْهُنَّ إِلَيْكَ ثُمَّ اجْعَلْ عَلَى كُلِّ جَبَلٍ مِّنْهُنَّ جُزْءًا ثُمَّ ادْعُهُنَّ يَأْتِينَكَ سَعْيًا وَاعْلَمْ أَنَّ اللّهَ عَزِيزٌ حَكِيم} މާނައީ: "އަދި އިބްރާހީމްގެފާނު ދެންނެވި ހިނދު ހަނދުމަކުރާށެވެ! އަޅުގެ ރައްބެވެ. އިބަ އިލާހު، މަރުވެފައިވާ ތަކެތި ދިރުއްވަނީ ކޮންފަދައަކުންކަން އިބަ އިލާހު މިއަޅާއަށް ދައްކަވައިފާނދޭވެ. އެ އިލާހު ވަޙީކުރެއްވިއެވެ: ފަހެ ކަލޭގެފާނު އީމާންވެވަޑައި ނުގަންނަވަނީތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ: ނޫނެކެވެ! (މިއަޅާވަނީ އީމާން ވެގެންނެވެ.) އެހެނެއްކަމަކު، މިއަޅާގެ ހިތްހަމަޖެހުމަށް ޓަކައެވެ. އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ ކަލޭގެފާނު، ހަތަރު ދޫންޏެއް، ހިއްޕަވާށެވެ. ދެން އެ އެއްޗެތި ކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނަވައި، ކަތިލައްވައި، ކޮށްޓަވައި، މޮޑުއްވައި، އެކަތި އަނެކައްޗާ އެއް ކުރައްވާ ހައްދަވާށެވެ. ދެން (ބައިކުރައްވާ) އެއިން ބައެއް ކޮންމެ ފަރުބަދަޔެއްގެ މައްޗަށް ލައްވާށެވެ. ދެން، އެ އެއްޗިއްސަށް ކަލޭގެފާނު ގޮވައިލައްވާށެވެ. އެ ހިނދު، އެ އެއްޗެތި ކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އަންނަ ހުއްޓެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހުކަން ދަންނާށެވެ." [އަލްބަޤަރާ: 160]
މިއީ މަރުވެފައިވާ މީހުން ދިރުއްވުމަކީ ވާނޭކަމެއްކަމަށް ދަލީލުކޮށްދޭ، ހިނގާފައި ހުރި ޙިއްސީ މިސާލުތަކެކެވެ. އަދި މަރްޔަމުގެ ދަރިކަލުން ޢީސާގެފާނުގެ މުޢުޖިޒާތްތަކުގެ ތެރޭގައި، މަރުވެފައިވާ މީހުން، ﷲ ތަޢާލާގެ އިޛްނަފުޅާއެކު ދިރުއްވާ، އެމީހުންގެ ޤަބުރުތަކުން ނެރުއްވުން އެކަލާނގެ ލެއްވިކަމަށް އިސްވެ އިޝާރާތްކުރެވިއްޖެއެވެ.
ދެން ބުއްދިން ދަލީލުކުރާ ގޮތަށް ބަލާއިރު، އެއީ ދެ ގޮތަކުންނެވެ:
އޭގެ ތެރެއިން އެއްގޮތަކީ: އުޑުތަކާއި ބިމާއި އެ ތަންތަނުގައިވާ ހުރިހާ އެއްޗެއް ނެތުމުގެ ތެރެއިން ނެރުއްވާ، ފެށުމުގައިވެސް އެތަކެތި ހެއްދެވީ ﷲ ތަޢާލާއެވެ. އަދި ނެތުމުގެ ތެރެއިން އުފެއްދެވުން ފައްޓަވަން ކުޅަދުންވަންތަ ފަރާތް، އަނބުރާ އެތަކެތި އިޢާދަކުރައްވަން ނުކުޅެދިގެން ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ} މާނައީ: "އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) ޚަލްޤުތަކުން އަލަށް އުފައްދަވައި ދެން އަލުން އެ އިޢާދަކުރައްވާ އިލާހެވެ. އަދި އެކަން އެކަލާނގެއަށް މާ ލުއިފަސޭހަވެގެންވެއެވެ." [އައްރޫމު: 27] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {كَمَا بَدَأْنَا أَوَّلَ خَلْقٍ نُّعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِين} މާނައީ: "ތިމަންއިލާހު އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން އިޢާދަކުރައްވާ ހުށީމެވެ. އެއީ ތިމަންއިލާހުގެ މައްޗަށްއޮތް ވަޢުދެކެވެ. ހަމަކަށަވަރުން، ތިމަންއިލާހު އެކަންތައް ކުރައްވާހުށީމެވެ." [އަލްއަންބިޔާއު: 104] އަދި ކަށިތައް ފީވެ ހަލާކުވުމަށްފަހު ދިރުއްވޭނެކަމަށް އިންކާރުކުރާ މީހުންނަށް ރައްދުދެއްވުމަށް އަމުރުކުރައްވާ ވަޙީކުރެއްވިއެވެ: {قُلْ يُحْيِيهَا الَّذِي أَنشَأَهَا أَوَّلَ مَرَّةٍ وَهُوَ بِكُلِّ خَلْقٍ عَلِيم} މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެ ކަށިތައް އަލުން ދިރުއްވާނީ، ފުރަތަފަހަރު އެކަށިތައް އުފެއްދެވި އިލާހެވެ. އަދި އެކަލާނގެއީ، ހުރިހާ މަޚްލޫޤުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ." [ޔާސީން: 79]
ދެވަނައީ: ބިން މަރުވެ އަދި ދިރުމެއް ނެތި، އޭގައި ފެހި ގަހެއް ވެސް ނެތި ވަނިކޮށް، ދެން އެބިމަށް ވާރޭ ވެހި، ދެން ފެހިކަން ލިބި ދިރިގެންގޮސް، އަދި ހިތަށް އުފާދެވޭފަދަ ހުރިހާ ބާވަތެއްގެ ގަސްތައްވެއެވެ. އެ ބިން މަރުވެފައި ވަނިކޮށް ދިރުއްވަން ކުޅަދުންވަންތަ ފަރާތް، މަރުވެފައިވާ ތަކެތި ދިރުއްވަންވެސް ކުޅަދުންވަންތަ ވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَمِنْ آيَاتِهِ أَنَّكَ تَرَى الأَرْضَ خَاشِعَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاء اهْتَزَّتْ وَرَبَتْ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَى إِنَّهُ عَلَى كُلِّ شَيْءٍ قَدِير} މާނައީ: "ގަހެއްނެތި ހިކިފައިވާ ބިން، ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންއިލާހު ވާރޭ ވެއްސަވައިފިހިނދު، އެބިމުގެ ގަސްތަކުގެ ޙަރަކާތް ފެށި، ގަސްތައް އިތުރުވެއެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ބިންގަނޑު ދިރުއްވި އިލާހުއީ، މަރުވެފައިވާ ތަކެތި ދިރުއްވާ އިލާހެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށްމެ ކުޅަދުންވަންތަ އިލާހެވެ." [ފުއްޞިލަތު: 39] އަދިވެސް ވަޙީކުރެއްވިއެވެ: {وَنَزَّلْنَا مِنَ السَّمَاءِ مَاءً مُبَارَكًا فَأَنْبَتْنَا بِهِ جَنَّاتٍ وَحَبَّ الْحَصِيدِ. وَالنَّخْلَ بَاسِقَاتٍ لَهَا طَلْعٌ نَضِيدٌ. رِزْقًا لِلْعِبَادِ وَأَحْيَيْنَا بِهِ بَلْدَةً مَيْتًا كَذَلِكَ الْخُرُوجُ} މާނައީ: "އަދި ތިމަންއިލާހު އުޑުން ބަރަކާތްތެރި ފެނެއް ވެއްސެވީމެވެ. އަދި އެއިން ބަގީޗާތަކާއި، ކަނޑައި ރައްކާކުރެވޭ ގޮވާމުގެ އޮށްޓަރު ފެޅުއްވީމެވެ. އަދި މަތިމައްޗަށްހުރި އެތްތައް ނުކުމެފައިވާ ދިގު ކަދުރުރުއްތައްވެސް (ފެޅުއްވީމެވެ.) އެއީ އަޅުތަކުންނަށް ރޯއްޖެއް ކަމުގައެވެ. އަދި މަރުވެފައިވާ ރަށެއް އެ ފެނުން، ތިމަންއިލާހު ދިރުއްވީމެވެ. (ކަށްވަޅުތަކުން) ނުކުތުންވެސް ވަނީ އެފަދައިންނެވެ." [ޤާފު: 9-11]
މަރުވުމަށް ފަހު ވާނޭ ކޮންމެ ކަމަކަށް އީމާންވުން، އާޚިރަތްދުވަހަށް އީމާންވުމާ ގުޅިގެންދެއެވެ. މިސާލަކަށް:
(ހ) ޤަބުރުގެ ފިތުނަ: އެއީ މަރުވެފައިވާ މީހާ ވަޅުލުމަށްފަހު އޭނާގެ ވެރިރައްބާއި، އޭނާގެ ދީނާއި، އޭނާގެ ނަބިއްޔާއާ ބެހޭގޮތުން ސުވާލުކުރެވުމެވެ. ދެން ﷲ، އީމާންވި މީސްތަކުން ޘާބިތުވެގެންވާ ބަހުން ޘާބިތުކުރައްވާނެއެވެ. އެގޮތުން އޭނާ ބުނާނެއެވެ: "އަހަރެންގެ ރައްބަކީ ﷲ އެވެ. އަހަރެންގެ ދީނަކީ އިސްލާމްދީނެވެ. އަދި އަހަރެންގެ ނަބިއްޔަކީ މުޙައްމަދު ﷺ އެވެ." އަދި الله އަނިޔާވެރިން މަގުފުރައްދަވާނެއެވެ. އެގޮތުން ކާފަރުމީހާ ބުނާނެއެވެ: "ހާހް، ހާހް، އަހަރެންނަކަށް ނޭނގެއެވެ." އަދި މުނާފިޤު ނުވަތަ ޝައްކުކުރާ މީހާ ބުނާނެއެވެ: "ނޭނގެއެވެ. މީސްތަކުން އެއްޗެއް ބުނާއަޑު އަހަރެންނަށް އިވިގެން ދެން އެހެން ބުނީމެވެ."
(ށ) ޤަބުރުގެ ޢަޛާބާއި ނިޢުމަތް: އެގޮތުން އަނިޔާވެރިވެގެންވާ މުނާފިޤުންނާއި ކާފަރުންނަށްވަނީ (ޤަބުރުގެ ޢަޛާބެވެ). ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَلَوْ تَرَى إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلائِكَةُ بَاسِطُواْ أَيْدِيهِمْ أَخْرِجُواْ أَنفُسَكُمُ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللّهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُون} މާނައީ: "އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭ ހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. މަލާއިކަތުން އެ ހިނދު ތިއްބަވާނީ އެ ބޭކަލުންގެ އަތްޕުޅު ދިއް ކުރައްވާގެންނެވެ. (އަދި ވިދާޅުވާނެއެވެ.) ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ! މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރި ޢަޛާބުން ޖަޒާ ދެއްވާނެއެވެ. (އެއީ) ތިޔަބައިމީހުން، ﷲ އާމެދު ބުނެއުޅުނު ޙައްޤު ނޫން ބަސްތަކުގެ ސަބަބުންނާއި، އެ އިލާހުގެ އާޔަތްތަކަށް (އީމާން ނުވެ) ބޮޑާވެގަނެގެން އުޅުނުކަމުގެ ސަބަބުންނެވެ." [އަލްއަންޢާމު: 93]
އަދި ފިރްޢައުނުގެ އާލުންނާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَاب} މާނައީ: "އެ މީހުން ހެނދުނާއި، ހަވީރު އަލިފާނަށް (އެބަހީ: ކަށްވަޅުގެ ޢަޛާބަށް) ހުށަހެޅޭނެއެވެ. އަދި ޤިޔާމަތް ޤާއިމުވާ ދުވަހު (މަލާއިކަތުންނަށް އަންގަވާނެއެވެ.) ފިރްޢައުނުގެ މީހުން އެންމެ ގަދަފަދަވެގެންވާ ޢަޛާބަށް (އެބަހީ: ނަރަކައަށް) ވައްދަވާށެވެ." [ޣާފިރު: 46]
އަދި ޞަޙީޙް މުސްލިމްގައި، ޒައިދު ބްނު ޘާބިތު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ފަހެ ތިޔަބައިމީހުން (މަރުވާމީހުން) ވަޅުނުލާފާނޭކަމަށް ނުވާނަމަ؛ ތިމަންކަލޭގެފާނަށް ޤަބުރުގެ ޢަޛާބުން އިވިވަޑައިގަންނަވާ އެއްޗެއް ތިޔަބައިމީހުންނަށްވެސް އިއްވަވާދިނުމަށް ﷲ އަށް ދުޢާކުރެއްވީހެވެ." ދެން އެކަލޭގެފާނުގެ މޫނުފުޅު ކުރިމަތިލައްވާ ޙަދީޘްކުރެއްވިއެވެ: "ޤަބުރުގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް ތިޔަބައިމީހުން ﷲ ގެ ޙަޟްރަތަށް ދަންނަވާށެވެ." އެބޭކަލުން ދެންނެވިއެވެ: "ޤަބުރުގެ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އަހަރުމެން ﷲ ގެ ޙަޟްރަތުން އެދެމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ފިތުނަތަކުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތަށް ދަންނަވާށެވެ. އެއިން ފާޅުވެގެންވާ އެއްޗަކުންނާއި، ފޮރުވި ވަންހަނާވެގެންވާ އެއްޗަކުންވެސްމެއެވެ." އެބޭކަލުން ދެންނެވިއެވެ: "އަޅަމެން ފިތުނަތަކުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތަށް ދަންނަވަމެވެ. އެއިން ފާޅުވެފައިވާ އެއްޗަކުންނާއި އަދި ފޮރުވިގެންވާ އެއްޗަކުންވެސްމެއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް ތިޔަބައިމީހުން ﷲ ގެ ޙަޟްރަތަށް އެދި ދަންނަވާށެވެ." އެބޭކަލުން ދެންނެވިއެވެ: "ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އަޅަމެން ﷲ ގެ ޙަޟްރަތުން އެދެމެވެ."
ދެންފަހެ ޤަބުރުގައި ލިބޭ ނިޢުމަތަށް ބަލާއިރު، އެ ވަނީ ތެދުވެރި މުއުމިނުންނަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلاَئِكَةُ أَلاَّ تَخَافُوا وَلاَ تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنتُمْ تُوعَدُون} މާނައީ: "ހަމަކަށަވަރުން، ތިމަންމެންގެ ވެރިރައްބަކީ އޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބިމީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. ވިދާޅުވަމުންނެވެ. ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުވެވުނު ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!" [ފުއްޞިލަތު: 30]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ. وَأَنْتُمْ حِينَئِذٍ تَنْظُرُونَ . وَنَحْنُ أَقْرَبُ إِلَيْهِ مِنْكُمْ وَلَكِنْ لَا تُبْصِرُونَ. فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ. تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ . فَأَمَّا إِنْ كَانَ مِنَ الْمُقَرَّبِينَ فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ} މާނައީ: "ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ. އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ. އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންއިލާހެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ. ފަހެ، ތިޔަބައިމީހުންނީ، ޢަމަލުތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ. ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ! ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ ރިޒްޤުގެ ސުވަރުގެ ހުށްޓެވެ." [އަލްވާޤިއާ: 83-89]
އަލްބަރާއު ބްނު ޢާޒިބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: މުއުމިނާގެ ކަށްވަޅުގައި ދެ މަލާއިކަތުންގެ ސުވާލުތަކަށް ޖަވާބުދޭހިނދު ކަންތައްވާނެ ގޮތް ބަޔާންކުރައްވާ ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "އުޑުން ނިދާއިއްވަވާ ފަރާތެއް ނިދާ އިއްވަވާނެއެވެ: "ތިމަންއިލާހުގެ އަޅާ ތެދުހަދައިފިއެވެ. ފަހެ ތިބޭކަލުން ސުވަރުގެއިން އޭނާއަށް ތަންމަތިއަޅާދޭށެވެ. އަދި ސުވަރުގެއިން އޭނާ (އަންނައުނާއި ހެދުން) ލައްވާށެވެ. އަދި ސުވަރުގެއަށް ދޮރެއް ހުޅުވާށެވެ." -ޙަދީޘްކުރެއްވިއެވެ- ދެން އެ ސުވަރުގެއިން ވައިރޯޅިތަކާއި މީރުވަސް އޭނާއަށް އަންނާނެއެވެ. އަދި އޭނާގެ ލޮލުކޮޅަށް ފެންނަވަރަށް ޤަބުރު ފުޅާވެ ތަނަވަސްވެގެންދާނެއެވެ." ރިވާކުރެއްވީ އަޙްމަދު އަދި އަބޫ ދާވޫދު ދިގު ޙަދީޘެއްގައިއެވެ.
ކަސިޔާރުވެފައިވާ މީސްތަކުންގެ ބަޔަކު އިތުރަށް މަގުފުރެދި، ޤަބުރުގެ ޢަޛާބާއި ނިޢުމަތަށް އިންކާކުރިއެވެ. އެއީ ކަންކަން ފެނި ހިނގާ ވާޤިޢުއާ ޚިލާފުވާތީވެ، ވާނޭކަމެއް ނޫންކަމަށް ދަޢުވާކޮށްގެންނެވެ. އެއުރެން ބުންޏެވެ: "ޤަބުރުގައި އޮތް މަރުވެފައިވާ މީހާ ހާމަކުރާއިރު ފެންނަނީ އޭނާ ހަމަ ކުރިން ހުރި ގޮތަށެވެ. އަދި ޤަބުރު ތަނަވަސްކަމާއި ހަނިވުމުން ވެސް ބަދަލެއް އައިސްފައި ނުވެއެވެ."
މި ދަޢުވާއަކީޝަރުޢުންނާއި، ޙިއްސުތަކުންނާއި، ބުއްދިންވެސް ބާޠިލުވެގެންވާ ދަޢުވާއެކެވެ:
ޝަރުޢަށް ބަލާއިރު، ޤަބުރުގެ ޢަޛާބާއި ނިޢުމަތް ޘާބިތުވެގެންވާކަމަށް ދަލީލުކުރާ ނައްޞުތައް އިސްވެ ހިނގައްޖެއެވެ.
އަދި ޞަޙީޙުލް ބުޚާރީގައި އިބްނު ޢައްބާސް رضي الله عنهما ގެ ޙަދީޘްގައިވެއެވެ. ވިދާޅުވިއެވެ: “ނަބިއްޔާ ﷺ މަދީނާގެ ދަނޑުތަކުން ދަނޑަކުން ނިކުމެވަޑައިޑައިގަތެވެ. އެ ވަޤުތު އެކަލޭގެފާނަށް އިވިވަޑައިގަތީ ދެ މީހަކަށް ޤަބުރުގައި ޢަޛާބު ލިބެމުންދާ އަޑެވެ. -ދެން ޙަދީޘް ޛިކުރުކުރެއްވިއެވެ- އޭގައިވެއެވެ: "އެއިން އެކަކު ކުޑަކަމުދާ ތަކެތިން -އެހެން ރިވާޔަތެއްގައި: އޭނާގެ ކުޑަކަމުދާތަކެތިން- ޠާހިރުވެ ރައްކާތެރި ނުވެއެވެ. އަނެކަކު އެއީ ވާހަކަ ހިފައިގެން ދެބައޮޑުވަމުން ހިނގާ އުޅޭ މީހެކެވެ." -މުސްލިމްގެ އެހެން ރިވާޔަތެއްގައިވެއެވެ: "އޭނާ ކުޑަކަމުދާތަކެތިން ދުރުވެ ރައްކާތެރިނުވެއެވެ."
ޙިއްސީ ދަލީލަށް ބަލާއިރު: ނިދާފައި އޮންނަ މީހާއަށް ހުވަފެނުގައި، އޭނާ ތަނަވަސް، އުފާވެރި ތަނެއްގައި، އުފާކުރާ މަންޒަރު، ނުވަތަ ހަނި އެކަނިވެރި ތަނެއްގައި، ވޭން ތަހައްމަލު ކުރަމުންދާ މަންޒަރުތައް ފެނެއެވެ. އަދި ފަހަރެއްގައި އޭނާއަށް ފެނުނު އެއްޗެއްގެ ސަބަބުން ހޭވެސް ލެވިދާނެއެވެ. އެއާއެކު އޭނާ އޮތީ އޭނާގެ ކޮޓަރީގައި، އޭނާގެ އެނދުމަތީގައި، ހަމަ އެ އޮތް ގޮތަށެވެ. ނިންޖަކީ މަރުގެ އަޚާއެވެ. މިހެންވެ ﷲ ތަޢާލާ ނިންޖަކީ މަރެއްކަމުގައި ނަންދެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {اللَّهُ يَتَوَفَّى الأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا فَيُمْسِكُ الَّتِي قَضَى عَلَيْهَا الْمَوْتَ وَيُرْسِلُ الأُخْرَى إِلَى أَجَلٍ مُسَمًّى} މާނައީ: "ނަފްސުތައް މަރުވާހިނދު، އެ ނަފްސުތައް މަރުގަންނަވަނީ، އަދި މަރުނުވެ ނިދާވަގުތުގައި ނިދާމީހުން މަރުގަންނަވަނީވެސް ﷲ އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފި މީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫން މީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ." [އައްޒުމަރު: 42]
ބުއްދީގެ ދަލީލަށް ބަލާއިރު: ނިދާފައި އޮންނަ މީހާއަށް އޭނާގެ ހުވަފެނުގައި، ޙަޤީޤަތާ ދިމާވާ ތެދު ހުވަފެން ފެނިދާނެއެވެ. ފަހަރެއްގައި ހުވަފެނުގައި، ނަބިއްޔާ ﷺ ޞިފަފުޅުގައިވެސް ފެނި ދާނެއެވެ. އެކަލޭގެފާނުގެ ޞިފަފުޅުގައި ފެނިއްޖެ މީހަކަށް، އެވަނީ އެކަލޭގެފާނު ހަމަ ރަނގަޅަށްވެސް (ހުވަފެނުގައި) ފެނިފައިއެވެ. އެއާއެކު، ނިދާފައި އޮންނަ މީހާ އޮންނަނީ އޭނާގެ ކޮޓަރީގައި، އޭނާގެ ތަންމަތީގައި، އޭނާއަށް ފެނުނު ކަންކަމާ ދުރުގައިއެވެ. ދުނިޔޭގެ ޙާލަތްތަކުގައި މިކަން މިގޮތަށް ދިމާވުމަކީ ހަމަ ވާކަމެއްނަމަ، ދެންފަހެ އާޚިރަތުގެ ޙާލަތްތަކުގައި އެކަން ނުވާންވީ ކީއްވެހެއްޔެވެ!؟
ދެން އެމީހުން ކުރި ދަޢުވާގައި ބަރޯސާވި ކަންތައްކަމުގައިވާ: މައްޔިތާގެ ޤަބުރު ހާމަކުރާއިރު، ޤަބުރު ތަނަވަސްވެ ހަނިވެ ބަދަލެއް ނައިސް، އޭނާ ހަމަ އެ އޮތްގޮތަށް އޮންނަތަން ފެންނަކަމަށް ބުނުމާމެދު ޖަވާބު އެކި ގޮތްގޮތުން ދެވޭނެއެވެ. އޭގެ ތެރޭގައި:
ފުރަތަމައީ: މިފަދަ ބާޠިލު ޝުބުހަތަކުން ޝަރީޢަތުގައި އައިސްފައިވާ ކަމަކަށް އިޢުތިރާޟުކޮށް ދެކޮޅުހެދުން ހުއްދަވެގެން ނުވެއެވެ. މި ކަންކަން ހިފައިގެން ޝަރުޢުގައި އައިސްފައިވާ ކަންކަމަށް އިޢުތިރާޟުކުރާ މީހާ، ރަނގަޅަށް ވިސްނާ ފިކުރުކޮށްފިނަމަ؛ މި ޝުބުހަތަކުގެ ބާޠިލުކަން އޭނާއަށް އެނގިގެންދާނެއެވެ. އަދި ބުނެވިފައި ޅެމެއްގައިވެއެވެ:
ރަނގަޅު ޞައްޙަ ބަހަކަށް ފާޑުކިޔާ ކިތައް ކިތައް މީހުން،
އޭނާއަށް ޖެހުނު އާފާތަކީ: ބަލިކަށި ކޮށި ފަހުމްވުން ކަމުގައިވޭހެއްޔެވެ؟
ދެވަނައީ : ބަރުޒަޚުގެ ޙާލަތްތަކަކީ ޙިއްސުތަކަށް ނަގައިނުގަނެވޭ ޣައިބުގެ ކަންކަމެވެ. އެކަންތައް ޙިއްސުތަކުން ނަގައިގަނެވޭނަމަ، ޣައިބަށް އީމާންވުމުގެ ފައިދާ ގެއްލިގެން ދިޔައީހެވެ. އަދި އެކަންކަން ތެދުކުރުމުގައި، ޣައިބަށް އީމާންވާ މީހުންނާއި (އެއަށް އީމާންވުމަށް) އިންކާރުކުރާ މީހުން ހަމަހަމަވެގެން ދިޔައީހެވެ.
ތިންވަނައީ: ޢަޛާބާއި، ނިޢުމަތާއި، ޤަބުރުގެ ފުޅާކަމާއި، އޭގެ ހަނިކަން ފެންނާނީ ހަމައެކަނި މަރުވެފައިވާ މީހާއަށެވެ. އެހެން މީހުންނަކަށް ނޫނެވެ. އެއީ ހަމަ ނިދާފައި އޮންނަ މީހާއަށް ހުވަފެނުގައި އޭނާ ދަތި ބީރައްޓެހި ތަނެއްގައި، ނުވަތަ ފުޅާ ހިތްހަމަޖެހޭ ތަނެއްގައި ވާތަން ފެންނައިރު، އޭނާގެ ވަށައިގެން ތިބި މީހުންނަށް އެކަންކަން ނުފެނި، އަދި އިޙްސާސްވެސް ނުވާ ގޮތަށެވެ. ނަބިއްޔާ ﷺ، އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރޭގައި ހުންނަވަނިކޮށް އެކަލޭގެފާނަށް ވަޙީ އިއްވެވި، އަދި އެކަލޭގެފާނަށް އަޑުއިވިވަޑައިގަންނަވައެވެ. އެކަމަކު ޞަޙާބީންނަށް ނީވެއެވެ. އަދި ފަހަރެއްގައި މަލާއިކަތަކު އިންސާނެއްގެ ގޮތުގައި އެކަލޭގެފާނުގެ އަރިހަށް ފާޅުވެ ވާހަކަ ދައްކާއިރު، ޞަޙާބީންނަށް އެ މަލާއިކަތާ ނުފެނެއެވެ. އަދި އަޑު ވެސް ނުއިވެއެވެ.
ހަތަރުވަނައީ: ޚަލްޤުތަކުންނަށް ނަގައިގަނެވޭނީ ﷲ ތަޢާލާ އެމީހުންނަށް ކުޅަދާނަކަން ދެއްވި މިންވަރަކަށް ވަކި އިމަކަށެވެ. ވުޖޫގައިވާ ކޮންމެ އެއްޗެއް ނަގައިގަތުމަކީ އެމީހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެގޮތުން ހަތް އުޑާއި، ބިމާއި އެތަންތަނުގައިވާހާ އެއްޗެއް، އަދި ކޮންމެ އެއްޗެއްވެސް ﷲ އަށް ހަމަ ޙަޤީޤަތަށް ތަސްބީޙަ ކިޔައެވެ. އެކަލާނގެ ޚަލްޤުތަކުންގެ ތެރެއިން އެކަލާނގެ އެދިވޮޑިގެންނެވި މީހަކަށް ބައެއް ފަހަރު އެކަން އިއްވަވާފާނެއެވެ. އެއާއެކު އެކަން (އެބަހީ: ހުރިހާ އެއްޗެއް ތަސްބީޙަކިޔާ އަޑުއިވުން) އަހަރުމެންގެ ކިބައިންވަނީ ފަރުދާކުރެވިގެންނެވެ. އެކަމާމެދު ﷲ ތަޢާާލާ ވަޙީކުރެއްވިއެވެ: {تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالأَرْضُ وَمَن فِيهِنَّ وَإِن مِّن شَيْءٍ إِلاَّ يُسَبِّحُ بِحَمْدِهِ وَلَـكِن لاَّ تَفْقَهُونَ تَسْبِيحَهُمْ} މާނައީ: "ހަތް އުޑާއި، ބިމާއި، އެ ތަންތާނގައި ވާހާ ބަޔަކު، އެ އިލާހަށް ތަސްބީޙަ ކިޔަތެވެ. އަދި އެ އިލާހަށް ޙަމްދުކުރުމާއެކުގައި، ތަސްބީޙަ ނުކިޔާ އެއްވެސް އެއްޗެއް ނުވެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެ ތަކެތީގެ ތަސްބީޙައެއް ނުވިސްނެއެވެ." [އަލްއިސްރާއު: 44] އަދި ހަމައެފަދައިން، ޝައިޠާނުންނާއި ޖިންނީން ބިމުގައި އެތަން މިތާގައި ގޮސް އައިސް އުޅެއެވެ. އަދި ﷲ ގެ ރަސޫލާ ﷺ ގެ އަރިހަށްވެސް ޖިންނީން އައިސް، އެކަލޭގެފާނުގެ ކިޔެވުން އަޑުއަހާ، އެއަށް ކަނުލާ އަޑުއަހަން ތިއްބެވެ. އަދި އެ ޖިންނިންތަކުގެ ޤައުމަށް އިންޛާރުދޭ ބައެއްގެ ގޮތުގައި އެނބުރި ދިޔައެވެ. މިއާއެކު އެ ޖިންނީންވަނީ އަހަރުމެންގެ ކިބައިން ފަރުދާކުރެވިގެންނެވެ. އެކަމާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {يَابَنِي آدَمَ لاَ يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لاَ تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاء لِلَّذِينَ لاَ يُؤْمِنُون } މާނައީ: "އޭ އާދަމުގެ ދަރިންނޭވެ. ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (އާދަމުގެފާނާއި ޙައްވާގެފާނާއި) ދެބޭކަލުންގެ ޢައުރަ އެ ދެބޭކަލުންނަށް ދެއްކުމަށް ޓަކައި، އެ ދެބޭކަލުންގެ ފޭރާން ބާލައި، އެ ދެބޭކަލުން ސުވަރުގެއިން ނެރެލި ފަދައިން، ޝައިތާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެ ޝައިތާނުން ނުފެންނަހިނދުގައި، އެ ޝައިތާނާއާއި، އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން އީމާން ނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަން އިލާހު ޝައިތާނުން ލެއްވީމެވެ." [އަލްއަޢުރާފު: 27] ވުޖޫދުގައިވާ ކޮންމެ ކަމެއް ޚަލްޤުތަކުންނަށް ނަގައިނުގަނެވޭނަމަ؛ ދެންފަހެ ޣައިބުގެ ކަންކަމުން ޘާބިތުވެ، އެކަމަކު އެމީހުންނަށް ނަގައިނުގަނެވުނު ކަންކަމަށް އިންކާރުކުރުން ހުއްދަވެގެން ނުވެއެވެ.
*
ޤަދަރަށް އީމާންވުން
ޤަދަރަކީ: ﷲ ގެ ޢިލްމުފުޅު އިސްވެ ގޮސްފައިވާ ގޮތަށް، އަދި އެކަލާނގެ ޙިކްމަތްފުޅު ނިޔާކުރި ގޮތަކަށް؛ އެކަލާނގެ ކާއިނާތުތައް މިންވަރުކުރައްވާ ތަޤުދީރުކުރެއްވުމެވެ.
ޤަދަރަށް އީމާންވުމުގައި ހަތަރު ކަމެއް ހިމެނެއެވެ:
ފުރަތަމަ ކަމަކީ: ﷲ ތަޢާލާ، ކޮންމެކަމެއް ޖުމްލަކޮށް އަދި ތަފްޞީލުކޮށް، ފެށުމެއްނެތި ތާއަބަދަށް، ދެނެވޮޑިގެންވާކަމަށް އީމާންވުމެވެ. އެއީ އެކަލާނގެ ކުރައްވާ ކަންކަމާ ގުޅިފައިވާ ކަމެއްކަމުގައިވިޔަސް، ނުވަތަ އެކަލާނގެ އަޅުތަކުން ކުރާ ކަންތަކާ ގުޅުންހުރި ކަންތައްވިޔަސްމެއެވެ.
ދެވަނައީ: ﷲ ތަޢާލާ އެކަންކަން އައްލައުޙުލް މަޙްފޫޡު (ރައްކާތެރިކުރެވިގެންވާ ފިލައިގައި) ލިޔުއްވާފައިވާކަމަށް އީމާންވުމެވެ. މި ދެކަންތަކާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {أَلَمْ تَعْلَمْ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاء وَالأَرْضِ إِنَّ ذَلِكَ فِي كِتَابٍ إِنَّ ذَلِكَ عَلَى اللَّهِ يَسِير} މާނައީ: "ހަމަކަށަވަރުން، އުޑާއި، ބިމުގައިވާހާ ކަމެއް، اللَّه ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން، އެ ކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން، އެކަންތަކަަކީ، اللَّه އަށް ދާދިފަސޭހަކަމެކެވެ." [އަލްޙައްޖު: 70]
އަދި ޞަޙީޙް މުސްލިމްގައި ޢަބްދު ﷲ ބްނު ޢަމްރު ބްނުލް ޢާޞް رضي الله عنهما ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: "އުޑުތަކާއި ބިން ހެއްދެވުމުގެ ފަންސާސް ހާސް އަހަރުކުރިން ޚަލްޤުތަކުންގެ މިންވަރުތައް ﷲ ލިޔުއްވިއެވެ."
ތިންވަނައީ: ހުރިހާ ކާއިނާތުތައް (ކައުނުގައި ހުރިހާ ކަމެއް) ﷲ ތަޢާލާގެ އިރާދަފުޅާއި މަޝީއަތުން މެނުވީ ނުވާނޭކަމަށް އީމާންވުމެވެ. އެކަލާނގެ ކުރައްވާ ކަމަކާ ގުޅުންހުރި، ނުވަތަ މަޚްލޫޤުންކުރާ ކަންތަކާ ގުޅުންހުރި ކަމެއްވިޔަސްމެއެވެ. ﷲ ތަޢާލާގެ ޢަމަލުފުޅާ ގުޅުންހުރި ކަންތަކާމެދު ވަޙީކުރެއްވިއެވެ: {وَرَبُّكَ يَخْلُقُ مَا يَشَاء وَيَخْتَارُ} މާނައީ: "ކަލޭގެފާނުގެ ވެރިރައްބު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވައި، އަދި އިޚްތިޔާރު ކުރައްވަތެވެ." [އަލްޤަޞަޞު: 68] އަދިވެސް ވަޙީކުރެއްވިއެވެ: {وَيَفْعَلُ اللّهُ مَا يَشَاء} މާނައީ: "އަދި ﷲ އެދިވޮޑިގަންނަވާ ކަމެއް ކުރައްވަތެވެ." [އިބްރާހީމު: 27] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {هُوَ الَّذِي يُصَوِّرُكُمْ فِي الأَرْحَامِ كَيْفَ يَشَاء} މާނައީ: "އެކަލާނގެއީ ރަޙިމްތަކުގައި، އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ތިޔަބައިމީހުން ޞޫރަކުރައްވާ އިލާހެވެ." [އާލްޢިމްރާނު: 6] އަދި މަޚްލޫޤުންކުރާ ކަންތަކާ ގުޅޭގޮތުން ވަޙީކުރެއްވިއެވެ: {وَلَوْ شَاء اللّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ} މާނައީ: "އަދި اللَّه އިރާދަކުރެއްވިނަމަ، އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެއުރެން ފާކުރައްވައިފީސްކަން ކަށަވަރެވެ. އޭރުން އެމީހުން ތިޔަބައިމީހުންނާ ހަނގުރާމަކުރީސްކަން ކަށަވަރެވެ." [އައްނިސާއު: 90] އަދިވެސް ވަޙީކުރެއްވިއެވެ: {وَلَوْ شَاء رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُون} މާނައީ: "ކަލޭގެފާނުގެ ވެރިރައްބު އިރާދަކުރެއްވިނަމަ، އެއުރެން އެކަންތަކެއް ނުކުރީހެވެ. ފަހެ، އެއުރެން ހަދާ ދޮގުތަކާއެކު، ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ!" [އަލްއަންޢާމު: 112]
ހަތަރުވަނަ ކަމަކީ: ހުރިހާ ކާއިނާތުތަކަކީ އޭގެ ޛާތުތަކާއި، ޞިފަތަކާއި، ޙަރަކާތްތައްވެސް ﷲ ތަޢާލާ އުފެއްދެވި ތަކެތިކަމަށް އީމާންވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ عَلَى كُلِّ شَيْءٍ وَكِيل} މާނައީ: "اللَّه އީ، ހުރިހާއެއްޗެއް ޚަލްޤުކުރެއްވި އިލާހެވެ. އަދި އެކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ހަވާލުވެވޮޑިގެން ރައްކާތެރިކުރައްވާ އިލާހެވެ." [އައްޒުމަރު: 62] އަދިވެސް އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: {وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا} މާނައީ: "އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެކަލާނގެ އެތަކެތި (ވަރަށް ފުރިހަމަ ނާޒުކު) މިންވަރުކުރެއްވުމަކުން މިންވަރު ކުރެއްވިއެވެ." [އަލްފުރްޤާނު: 2] އަދި އެކަލާނގެ ނަބިއްޔާ އިބްރާހީމު عليه الصلاة والسلام އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިކަމަށް ވަޙީކުރެއްވިއެވެ: {وَاللَّهُ خَلَقَكُمْ وَمَا تَعْمَلُون} މާނައީ: "އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާކަމެއް ހެއްދެވީ اللَّه އެވެ." [އައްޞާއްފާތު: 96]
އަހަރުމެން މި ޞިފަކުރި ގޮތަށް، ޤަޟާޤަދަރަށް އީމާންވުމަކީ: އަޅާގެ އިޚްތިޔާރުގައިވާ ކަންކަމުގައި އޭނާއަށް އެކަންކަމަށް އިޚްތިޔާރެއް އަދި ކުޅަދާނަކަމެއް އޮތުން ނަފީކުރާ ކަމެއް ނޫނެވެ. އެހެނީ ޝަރުޢުއާއި ކަންކަން ހިނގަމުންދާ ވާޤިޢުވެސް އޭނާއަށް އެކަން ޘާބިތުކުރުމަށް ދަލީލުކުރެއެވެ.
އެގޮތުން ޝަރުޢަށް ބަލާއިރު، ﷲ ތަޢާލާ (މަޚްލޫޤުންގެ ބޭނުންވުމާއި އިޚްތިޔާރާމެދު) ވަޙީކުރެއްވިއެވެ: {فَمَن شَاء اتَّخَذَ إِلَى رَبِّهِ مَآبًا} މާނައީ: "ފަހެ، ބޭނުންމީހަކު އެމީހާގެ ވެރި ރައްބުގެ ޙަޟްރަތަށް ރުޖޫޢަވުމެއް ހިފައިފާހުށިކަމެވެ!" [އައްނަބައު: 39] އަދިވެސް ވަޙީކުރެއްވިއެވެ: {فَأْتُواْ حَرْثَكُمْ أَنَّى شِئْتُمْ} މާނައީ: "ފަހެ ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ!" [އަލްބަޤަރާ: 223] އަދި (މަޚްލޫޤުންނަށް ލިބިފައިވާ) ކުޅަދާނަކަމާމެދު ވަޙީކުރެއްވިއެވެ: {فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا} މާނައީ: "ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ކިޔަމަންވާށެވެ!" [އައްތަޣާބުނު: 16] އަދިވެސް ވަޙީކުރެއްވިއެވެ: {لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ} މާނައި: "ﷲ އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. އެ ނަފްސެއް ހޯދި ހެޔޮކަމެއް (ގެ ޘަވާބު) އެ ނަފްސަކަށް ވެއެވެ. އަދި، އެ ނަފްސެއް ހޯދި ނުބައިކަމެއް (ގެ ޢުޤޫބާތް) އެ ނަފްސެއްގެ މައްޗަށްވެއެވެ." [އަލްބަޤަރާ: 286]
ދެން ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު: ފަހެ ކޮންމެ އިންސާނަކަށްވެސް އޭނާގެ އަމިއްލަ އިޚްތިޔާރަކާއި ކުޅަދާނަކަމެއް އޮތްކަން އެނގެއެވެ. އެ ދެކަންތައް މެދުވެރިކޮށް އޭނާ ކަންކަންކުރެއެވެ. އަދި އެކަން މެދުވެރިކޮށް އޭނާ ކަންކަން ދޫކޮށްލައެވެ. އަދި އޭނާގެ އިޚްތިޔާރުން ކުރާ ހިނގާބިގާވެ އުޅުންފަދަ ކަންކަމާއި، އޭނާގެ އިޚްތިޔާރަކާ ނުލައި ހިނގާ: ތުރުތުރުއަޅާ ހީބިހިނެގުންފަދަ ކަންކަން އޭނާ ވަކިކުރެއެވެ. ނަމަވެސް އަޅާގެ އިޚްތިޔާރީ އެދުމާއި، ކުޅަދާނަކަން އަންނަނީ ﷲ ތަޢާލާގެ މަޝީއަތާއި ކުޅަދުންވަންތަކަމުންނެވެ. އެކަލާނގެ މި ބަސްފުޅަށްޓަކައިއެވެ: {لِمَنْ شَاءَ مِنْكُمْ أَنْ يَسْتَقِيمَ . وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ} މާނައީ: "ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ. އަދި ޢާލަމްތަކުގެ ވެރި ރައްބު ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ." [އައްތަކްވީރު: 28-29] އަދި އެހެނީ މުޅި ކައުނަކީ ﷲ ތަޢާލާއަށް މިލްކުވެގެންވާ އެއްޗެކެވެ. އަދި އެކަލާނގެ ޢިލްމާއި އިރާދަފުޅެއް ނެތި އެކަލާނގެ މިލްކުގައި އެއްވެސް ކަމެއް ނުވާނެއެވެ.
އަހަރުމެން މި ޞިފަކުރި ގޮތުގެ މައްޗަށް ޤަޟާޤަދަރަށް އީމާންވުމަކީ: ދޫކޮށްލި ވާޖިބުތަކަށް، ނުވަތަ ކުރި ފާފަތަކަށް ދެއްކޭނެ ޙުއްޖަތެއްގެ (ބަހަނާއެއްގެ) ގޮތުގައި ދައްކަން އަޅާއަށް ލިބޭކަމެއް ނޫނެވެ. މިކަމުގެ މައްޗަށް ބަލާއިރު؛ އޭނާ އެއިން (އެބަހީ: ވާޖިބުތައް ދޫކޮށްލާ، ފާފަތައްކުރުމަށް ޤަޟާޤަދަރުން) ޙުއްޖަތެއް ދެއްކުމަކީ އެތައް ގޮތަކުން ބާޠިލުކަމެކެވެ:
ފުރަތަމައީ: ﷲ ތަޢާލާ މި ބަސްފުޅެވެ: {سَيَقُولُ الَّذِينَ أَشْرَكُواْ لَوْ شَاء اللّهُ مَا أَشْرَكْنَا وَلاَ آبَاؤُنَا وَلاَ حَرَّمْنَا مِن شَيْءٍ كَذَلِكَ كَذَّبَ الَّذِينَ مِن قَبْلِهِم حَتَّى ذَاقُواْ بَأْسَنَا قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَا إِن تَتَّبِعُونَ إِلاَّ الظَّنَّ وَإِنْ أَنتُمْ إَلاَّ تَخْرُصُون} މާނައީ: "ޝަރީކުކުރި މީހުން ބުނާނެއެވެ. ﷲ އިރާދަ ކުރެއްވިނަމަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިންވެސް، ޝަރީކެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް ޙާރާމް ކޮށެއްވެސް ނުހެދީމުހެވެ. އެ މީހުންގެ ކުރީގެ މީހުން ވެސް، ތިމަން އިލާހުގެ ޢަޛާބުގެ ރަހަ ލިބިއްޖައުމަށް ދާންދެން (ރަސޫލުން) ދޮގުކުރީ ހަމަ އެފަދައިންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން، އަހުރެމެންނަށް ނެރެދައްކައިދޭނޭ އެއްވެސް ޢިލްމެއް، ތިޔަބައިމީހުންގެ ކިބައިގައި ވޭހެއްޔެވެ؟ ތިޔަބައިމީހުން ތަބާ ވަނީ، ހީއަކަށް ކަމުގައި މެނުވީ ނުވެއެވެ. އަދި ތިޔަބައިމީހުންނީ ދޮގުހަދާ ބަޔަކު ކަމުގައި މެނުވީ ނުވެއެވެ." [އަލްއަންޢާމު: 148] ޤަޟާޤަދަރުގައި ހިފައިގެން އެމީހުންނަށް ޙުއްޖަތްދެއްކެން އޮތްނަމަ؛ ﷲ އެކަލާނގެ ޢަޛާބުގެ ރަހަ އެމީހުންނަށް ނުދެއްކެވީހެވެ.
ދެވަނައީ: ﷲ ތަޢާލާގެ މި ބަސްފުޅެވެ: {رُّسُلاً مُّبَشِّرِينَ وَمُنذِرِينَ لِئَلاَّ يَكُونَ لِلنَّاسِ عَلَى اللّهِ حُجَّةٌ بَعْدَ الرُّسُلِ وَكَانَ اللّهُ عَزِيزًا حَكِيمًا} މާނައީ: "އުފާވެރިކަމުގެ ޚަބަރު ދެއްވާ، އަދި އިންޒާރުކުރައްވާ ރަސޫލު ބޭކަލުންނެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށް ފަހު، ﷲ ގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށް ޓަކައެވެ. އަދި ޢަޒީޒުވަންތަ ޙަކީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ." [އައްނިސާއު: 165] (ރަސޫލުންނާ) ޚިލާފުވާ މީހުންނަށް ދެއްކެން އޮތް ޙުއްޖަތެއްކަމުގައި ޤަޟާޤަދަރުވީނަމަ؛ ރަސޫލުން ފޮނުއްވުމަކުން އަދި އެ ޙުއްޖަތް ނަފީވެ ނެތިގެން ނުދާނެއެވެ. އެހެނީ ރަސޫލުން ފޮނުއްވުމަށްފަހުވެސް އެމީހުންގެ ޚިލާފުވުން އެއީ ހަމަ ﷲ ތަޢާލާގެ ޤަދަރުން ހިނގިކަމަކަށް ވުމުންނެވެ.
ތިންވަނައީ: އަލްބުޚާރީ އާއި މުސްލިމް، ޢަލީ ބްނު އަބީ ޠާލިބު رضي الله عنهގެ އަރިހުން ރިވާކުރެއްވި ޙަދީޘެވެ. -މިއީ ބުޚާރީގެ ލަފްޒެވެ- ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: “ތިޔަބައިމީހުންގެ ތެރެއިން ނަރަކައިން ނުވަތަ ސުވަރުގެއިން އޭނާގެ ޖާގަ ލިޔެވިފައިވާ މީހަކު މެނުވީ ނެތެވެ.” އެހިނދު އެތަނުން ބޭކަލަކު ދެންނެވިއެވެ: "އޭ الله ގެ ރަސޫލާ އެވެ! އަހަރުމެން ބަރޯސާވެލައިގެން ތިބުން ކިހިނެއް ހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ: "ނޫނެކެވެ. ތިޔަބައިމީހުން ޢަމަލުކުރާށެވެ. ފަހެ ކޮންމެ މީހަކަށްވަނީ (އެމީހެއްގެ ޖާގައަށް ދިޔުމަށްވާ ޢަމަލު) ފަހިކުރެވި ފަސޭހަކުރެވިގެންނެވެ." ދެން ކިޔަވާ ވިދާޅުވިއެވެ: {فَأَمَّا مَن أَعْطَى وَاتَّقَى} މާނައީ: "ފަހެ (މުދަލުން) ހޭދަކޮށް ތަޤުވާވެރިވި މީހާ ދަންނާށެވެ!" [އައްލައިލު: 5] މުސްލިމްގެ ލަފްޒެއްގައިވެއެވެ: “ކޮންމެ މީހަކަށްވެސް ވަނީ އޭނާ އުފެއްދެވިފައިވާ ތަނަށް ފަސޭހަކުރެވިގެންނެވެ." އެހެންކަމުން ނަބިއްޔާ ﷺ އެވަނީ ޢަމަލުކުރުމަށް އަމުރުކުރައްވާފައިއެވެ. އަދި ތަޤުދީރަށް ބަރޯސާވުން ނަހީކުރައްވާފައިއެވެ.
ހަތަރުވަނައީ: ﷲ ތަޢާލާ އަޅާއަށް ކަންކަމަށް އަމުރުކުރައްވާ އަދި ނަހީކުރެއްވިއެވެ. އަދި އޭނާއަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ތަކްލީފު ނުޖައްސަވައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ وَاسْمَعُوا وَأَطِيعُوا} މާނައީ: "ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަޑުއަހާށެވެ! އަދި ކިޔަމަންވާށެވެ!" [އައްތަޣާބުނު: 16] އަދިވެސް ވަޙީކުރެއްވިއެވެ: {لاَ يُكَلِّفُ اللّهُ نَفْسًا إِلاَّ وُسْعَهَا} މާނައި: "ﷲ އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ." [އަލްބަޤަރާ: 286] ައަޅާ (ވަކި ގޮތަކަށް ޢަމަލުކުރަން އަމިއްލަ އިޚްތިޔާރެއްނެތި) މަޖުބޫރުކުރެވިގެންވާނަމަ؛ އޭނާއަށް އެވަނީ ސަލާމަތްނުވެވޭނެ ކަންތަކަކުން ތަކްލީފު ޖެއްސެވިގެންނެވެ. އަދި މިއީ ބާޠިލު ކަމެކެވެ. އެހެންވެގެން، ނޭނގުމެއްގެ ތެރެއިން، ނުވަތަ ހަނދާންނެތިގެން، ނުވަތަ މަޖުބޫރުކުރެވިގެން އޭނާގެ ފުށުން ފާފައެއް ހިނގައިފިނަމަ؛ އޭނާގެ މައްޗަށް ކުށެއް ފާފައެއް ނުވެއެވެ. އެހެނީ އޭނާއަކީ ޢުޛުރުވެރިޔަކަށް ވުމުންނެވެ.
ފަސްވަނައީ: ﷲ ތަޢާލާގެ ޤަޟާޤަދަރަކީ ފޮރުވި ވަންހަނާކުރެވިގެންވާ ސިއްރެކެވެ. ނިޔާކުރެވުނު ކަންތައް ހިނގުމަށްފަހު މެނުވީ އެކަން ނޭނގެއެވެ. އަދި އަޅާ ކުރަން އުޅޭ ކަންތަކަށް ޤަޞްދުކޮށް އެދުން، އެއީ އޭނާގެ ޢަމަލުގެ ކުރިއަށް އިސްވެގެންވާ ކަމެކެވެ. އެހެންކަމުން އޭނާގެ ޢަމަލުކުރުމުގެ އިޚްތިޔާރު ބިނާވެފައިވަނީ ﷲ ގެ ޤަދަރުގައިވާ ގޮތް އޭނާއަށް އެނގިގެންވުމުގެ މައްޗަކަށް ނޫނެވެ. އެހިނދުން ޤަޟާޤަދަރުން (އޭނާ ކުރާ ފާފަތަކަށް) ޙުއްޖަތް ދެއްކުން ނަފީވެއެވެ. އެހެނީ އޭނާއަށް އެނގިގެންނުވާ ކަންތަކެއްގައި މީހާއަށް ދެއްކޭނެ ޙުއްޖަތެއް ނުވެއެވެ.
ހަވަނައީ: އަހަރުމެންނަށް ފެންނަނީ އިންސާނާ އޭނާގެ ދުނިޔޭގެ ކަންކަމާ ގުޅޭގޮތުން އޭނާއަށް ކަމުދާ ގުޅޭ ކަންކަމާ މެދު ސަމާލުވެ ފަރުވާތެރިވެގެން އުޅޭތަނެވެ. އެއީ އެކަންކަން ހޯދައިގަތުމަށެވެ. އަދި އެ ގޮތް ދޫކޮށްފައި އޭނާއަށް ކަމުނުދާ އަދި ނުގުޅޭ ގޮތަކަށް އެނބުރި، ދެން އެގޮތަށް އެނބުރުނީ ޤަޟާޤަދަރުންނޭ ކިޔައިގެން ޙުއްޖަތެއް ނުދައްކައެވެ. އެހެންކަމަށްވާނަމަ؛ ދެން އޭނާގެ ދީނުގެ ކަންތަކުން ފައިދާހުރި ގޮތް ދޫކޮށް، އޭނާއަށް ގެއްލުންހުރި ގޮތަށް އެނބުރިގަނެ، ޤަޟާޤަދަރުންނޭ ކިޔާ ބަހަނާ ދައްކަންވީ ކީއްވެހެއްޔެވެ؟ ފަހެ ދެ މައްސަލާގައިވެސް ކަންތައް އޮތީ އެއްގޮތަކަށް ނޫންހެއްޔެވެ!؟
މިކަން ހާމަކޮށްދޭ މިސާލެއް ތިބާއަށް ދައްކާލަމެވެ:
މީހެއްގެ ކުރިމަތީގައި އޮތީ ދެ މަގެކެވެ. އޭގެ ތެރެއިން އެއް މަގުން ގޮސް ނިމެނީ ކަންކަން މުޅިން ބޮއްސުންލާފައިވާ ޤައުމަކަށެވެ. އެތަނުގައި ވަނީ މީހުން މެރުމާއި، ފޭރުމާއި، އަބުރު ނަގައިލުމާއި، ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމެވެ. ދެވަނަ މަގު ގޮސް ނިމެނީ ހުރިހާކަމެއް އިންތިޒާމުވެގެންވާ ޤައުމަކަށެވެ. އެތަނުގައި ވަނީ ހަމަޖެހުމާއި އަމާންކަމާއި، ފާގަތި ދިރިއުޅުމަކާއި، ނަފްސާއި އަބުރާއި މުދަލަށް އިޙްތިރާމްކުރުމެވެ. ދެންފަހެ އެ ދެމަގުން އޭނާ ހިފާނީ ކޮން މަގެއްހެއްޔެވެ؟
އޭނާ އިޚްތިޔާރުކުރާނީ، ނިޒާމުން ހިނގާ، އަމާން ޤައުމަށް ނިމޭނެ ދެވަނަ މަގުކަން ޔަޤީނެވެ. އަދި ކަންކަން ބޮއްސުންލާފައި އޮތް ބިރުވެރި ރަށަށް ދެވޭ މަގު ހިފައިގެން، އަދި އެކަމަށް ޤަޟާޤަދަރުން ޙުއްޖަތްދެއްކުމަކީ އެއްވެސް ގޮތަކަށް ބުއްދިވެރިޔަކު ކުރާނޭކަމެއް ނޫނެވެ. ދެންފަހެ އާޚިރަތުގެ ކަންކަމުގައި، ސުވަރުގޭގެ މަގު ދޫކޮށް ނަރަކައިގެ މަގު ހިފައިގެން އެކަމަށް ޤަޟާޤަދަރުން ޙުއްޖަތް ދައްކަންވީ ކީއްވެހެއްޔެވެ؟
އެހެން މިސާލެކެވެ: އަހަރުމެންނަށް ފެންނަނީ ބަލިމީހާއަށް ބޭސް ބުއިމަށް އަމުރުކުރެވުމުން، ދެން އޭނާގެ ނަފްސު އެކަމަށް ގަޔާނުވިޔަސް އެ ބޭސް ބޯތަނެވެ. އަދި އޭނާއަށް ގެއްލުންވާ ކާނާ މަނާކުރެވުމުން، އޭނާގެ ނަފްސު އެތަކެއްޗަށް ޝައުޤުވެރިވެ ގަޔާވިޔަސް އެތަކެތި ދޫކޮށްލާތަނެވެ. އެ ހުރިހާ ކަމެއްވެސް ކުރަނީ ޝިފާއާއި ސަލާމަތްކަން ލިބުމަށް އެދިގެންނެވެ. އަދި ބޭސް ބުއިމުން ދުރުވެ، ނުވަތަ އޭނާއަށް ގެއްލުންވާ ކާނާ ކައިފައި ދެން ޤަދަރު ބަހަނާއެއްގެ ގޮތުގައި ދެއްކުމަކީ ކުރާނޭކަމެއް ނޫނެވެ. ދެންފަހެ އިންސާނާ، ﷲ އާއި އެކަލާނގެ ރަސޫލާ އަމުރުކުރެއްވި ކަންތައް ދޫކޮށްފައި، ނުވަތަ ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރެއްވި ކަންކަން ކޮށްފައި، ދެން ޤަޟާޤަދަރުން ޙުއްޖަތް ދައްކަންވީ ކީއްވެހެއްޔެވެ؟
ހަތްވަނައީ: ދޫކޮށްލި ވާޖިބުތަކަށް، ނުވަތަ ކޮށްފައިވާ ފާފަތަކަށް ޤަޟާޤަދަރުން ޙުއްޖަތްދައްކާ މީހާ؛ މީނާގެ މައްޗަށް މީހަކު ހަމަލާދީ މީނާގެ މުދާތައް ނިގުޅައިގަނެފިނަމަ، ނުވަތަ މީނާގެ ޙުރުމަތްތެރިކަން ނަގައިލައިފިނަމަ؛ ދެން އޭނާ (އެބަހީ: އެކަންކުރި މީހާ) ޤަޟާޤަދަރުން ޙުއްޖަތް ދައްކާ، "ތިމަންނާ ކުށްވެރިނުކުރާށޭ، ތިމަންނަ މިގޮތަށް އަނިޔާވެރިވެ ޙަމަލާދިނުމަކީ ﷲ ގެ ޤަދަރުންވީ ކަމެކޭ" ބުނެފިނަމަ؛ އޭނާ އެ ޙުއްޖަތް ޤަބޫލު ނުކުރީހެވެ. ފަހެ އެހެން މީހުން އޭނާގެ މައްޗަށް އަރައިގަނެ އަނިޔާވެރިވުމަށް ޤަދަރުން ބަހަނާ ދެއްކުން ޤަބޫލު ނުކޮށްފައި، އޭނާ ﷲ ތަޢާލާގެ ޙައްޤުފުޅަށް އަރައިގަންނަން އެއިން އޭނާއަށް ނަފްސަށް ޙުއްޖަތްދައްކާނީ ކިހިނަކުންހެއްޔެވެ!؟
ޛިކުރުކުރެވޭގޮތުގައި، އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްޠާބު رضي الله عنهގެ އަރިހަށް، އަތްކެނޑުން ޙައްޤުވެގެންވާ ވަގެއް ގެނެވުނެވެ. ދެން އެކަލޭގެފާނު އޭނާގެ އަތްކެނޑުމަށް އަމުރުކުރެއްވުމުން އޭނާ ބުނެފިއެވެ: "އޭ އަމީރުލް މުއުމިނީނެވެ! މަޑުކޮށްބަލާށެވެ! އަހަރެން ވައްކަންކުރިކަން ކަށަވަރީ ﷲ ގެ ޤަދަރުގެ ނިޔާއިންނެވެ." އެހިނދު ޢުމަރު ވިދާޅުވިއެވެ: "އަދި އަހަރުމެން (ކަލޭގެ) އަތް ބުރިކުރަނީވެސް ﷲ ގެ ޤަދަރުގެ ނިޔާއިންނެވެ."
ތަޤްދީރަށް އީމާންވުމަކީ ބޮޑެތި ފައިދާތަކެއް ހުރި ކަމެކެވެ. އޭގެ ތެރޭގައި:
ފުރަތަމަ ކަމަކީ: ސަބަބުތަކުގައި ހިފާއިރު ﷲ ތަޢާލާއަށް ބަރޯސާވުމެވެ. އެއީ ސީދާ އެ ސަބަބަށް ބަރޯސާ ނުވެއެވެ. އެހެނީ ކޮންމެ ކަމެއްވެސްވަނީ ﷲ ތަޢާލާގެ ޤަދަރުންކަމަށްވުމުންނެވެ.
ދެވަނައީ: މީހަކު ބޭނުންވާ ކަންތައްތައް ޙާޞިލުވުމުން ތިމާއަށް ތިމާ ފެނި މޮޅުނުވުމެވެ. އެހެނީ އެކަން ޙާޞިލުވުމަކީ ﷲ ތަޢާލާ މިންވަރުކުރެއްވި ހެޔޮކަމާއި ކާމިޔާބީގެ ސަބަބުތަކުން، އެކަލާނގެ ޙަޟްރަތުން ލިބުނު ނިޢުމަތެކެވެ. އަދި ތިމާއަށް ތިމާ ފެނި މޮޅުވެގަތުމަކީ މި ނިޢުމަތަށް ޝުކުރުވެރިވުން ހަނދާން ނައްތާލާކަމެކެވެ.
ތިންވަނައީ: އޭނާގެ މައްޗަށް ހިނގާ، ﷲ ތަޢާލާގެ ޤަޟާޤަދަރުގެ ނިޔާތަކާމެދު ހިތްހަމަޖެހި، ނަފްސުގެ ރާޙަތު ލިބުމެވެ. އެގޮތުން އޭނާ ލޯބިވެ ގަޔާވާ ކަމެއް ގެއްލިގެން، ނުވަތަ އޭނާ ނުރުހޭ ކަމެއް ދިމާވެގެން ކަންބޮޑުވެ ހާސްނުވެއެވެ. އެހެނީ އެއީ އުޑުތަކާއި ބިމުގެ މިލްކުވެރިކަން އެ ފަރާތަކަށްވާ ﷲ ތަޢާލާގެ ޤަޟާޤަދަރުންވީ ކަމެކެވެ. އަދި ކޮންމެގޮތަކަށްވިޔަސް އެކަންވާނޭ ކަމެވެ. އެކަމާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {مَا أَصَابَ مِنْ مُصِيبَةٍ فِي الْأَرْضِ وَلَا فِي أَنْفُسِكُمْ إِلَّا فِي كِتَابٍ مِنْ قَبْلِ أَنْ نَبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ لِكَيْلَا تَأْسَوْا عَلَى مَا فَاتَكُمْ وَلَا تَفْرَحُوا بِمَا آتَاكُمْ وَاللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ} މާނައީ: "އެއްވެސް މުޞީބާތެއް، ތިމަން އިލާހު އެ މުޞީބާތެއް ވުޖޫދަށް ނެރުއްވުމުގެކުރިން ފޮތެއްގައި (އެބަހީ: އައްލައުޙުލް މަޙްފޫޡުގައި) ލިޔުއްވާފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން އެ ކަންތަކަކީ ﷲ އަށް ދާދިފަސޭހަ ކަމެކެވެ. އެއީ ތިޔަބައިމީހުންގެ ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުރުމަށާއި، އަދި އެ އިލާހު ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށް ޓަކައެވެ. ކިބުރުވެރިވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ." [އަލްޙަދީދު: 22-23] އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "މުއުމިނާގެ ކަންތަކާމެދު ޢަޖައިބުހުއްޓެވެ. ހަމަކަށަވަރުން އޭނާއަށް ދިމާވާ އެންމެހައި ކަންތައްތައް އޭނާއަށް ހެޔޮވެގެންވެއެވެ. އަދި މުއުމިނާއަށް ނޫނީ އެހެން އެކަން ނުވެއެވެ. އޭނާއަށް އުފަލެއް މެދުވެރިވެއްޖެނަމަ ޝުކުރުވެރިވެއެވެ. ދެންފަހެ އެކަންތައްވަނީ އޭނާއަށް ހުރި ހެވަކަށެވެ. އަދި އޭނާއަށް ދެރަގޮތެއް ދިމާވެއްޖެނަމަ ކެތްތެރިވެއެވެ. ދެން އެކަންވެސް ވަނީ އޭނާއަށް ހުރި ހެވަކަށެވެ."
ތަޤްދީރާމެދު ދެ ބައިގަނޑެއް މަގުފުރެދިގެންދިޔައެވެ:
އޭގެ ތެރެއިން އެއް ބަޔަކީ: އަލްޖަބްރިއްޔާއެވެ. އެމީހުންނީ މިހެން ބުނި މީހުންނެވެ: "ހަމަކަށަވަރުން އަޅާއަށްވަނީ އޭނާކުރާ ޢަމަލުތަކަށް މަޖުބޫރުކުރެވިގެންނެވެ. އަދި އެކަމުގައި އޭނާއަށް އަމިއްލަ އިޚްތިޔާރެއް އެދުމެއް އަދި ކުޅަދާނަކަމެއްވެސް ނުވެއެވެ.
ދެވަނައީ: އަލްޤަދަރިއްޔާއެވެ. އެމީހުންނީ މިހެން ބުނި މީހުންނެވެ: "ހަމަކަށަވަރުން އަޅާއަކީ އޭނާގެ އަމިއްލަ އިޚްތިޔާރާއި ކުޅަދާނަކަމުން ޢަމަލުކުރުމުގައި މުސްތަޤިއްލުވެގެންވާ މީހެކެވެ. އަދި ﷲ ތަޢާލާގެ މަޝީއަތާއި، ކުޅަދުންވަންތަކަމުގައި އޭނާއަށް (އޭނާ ކުރާ ޢަމަލުތަކަށް) އަސަރެއް ނުވެއެވެ."
ފުރަތަމަ ބައިގަނޑު "އަލްޖަބްރިއްޔާ" އަށް ޝަރުޢުންނާއި ކަންކަން ހިނގާ ވާޤިޢުންވާ ރައްދު:
ޝަރުޢަށް ބަލާއިރު: ﷲ ތަޢާލާވަނީ އަޅާއަށް އަމިއްލަ އިޚްތިޔާރަކާއި ޤަޞްދެއް ޘާބިތުކުރައްވާފައިއެވެ. އަދި ޢަމަލުވެސް އޭނާއަށް ނިސްބަތްކުރައްވާފައިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {مِنكُم مَّن يُرِيدُ الدُّنْيَا وَمِنكُم مَّن يُرِيدُ الآخِرَةَ} މާނައީ: "ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެ އެދޭ މީހުންވެއެވެ. އަދި، ތިޔަބައިމީހުންގެ ތެރޭގައި އާޚިރަތް އެދޭމީހުންވެސްވެއެވެ." [އާލްޢިމްރާނު: 152] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: {وَقُلِ الْحَقُّ مِن رَّبِّكُمْ فَمَن شَاء فَلْيُؤْمِن وَمَن شَاء فَلْيَكْفُرْ إِنَّا أَعْتَدْنَا لِلظَّالِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا} މާނައީ: "އަދި ކަލޭގެފާނު ވިދާޅުވާށެވެ. (އެއީ) ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން އައިސްފައިވާ ޙައްޤެވެ. ފަހެ ބޭނުންމީހަކު އީމާންވާންވީއެވެ. އަދި ބޭނުންމީހަކު ކާފަރުވާންވީއެވެ. ހަމަކަށަވަރުން އަނިޔާވެރިވެގަތް މީހުންނަށް، ތިމަން އިލާހު ނަރަކަ ތައްޔާރު ކުރެއްވީމެވެ. އެ ނަރަކައިގެ (އަލިފާނުގެ) ފާރުތައް އެ މީހުން ވަށާލައިގެންވެއެވެ..." [އަލްކަހްފު: 29] މި އާޔަތެވެ. އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {مَنْ عَمِلَ صَالِحًا فَلِنَفْسِهِ وَمَنْ أَسَاء فَعَلَيْهَا وَمَا رَبُّكَ بِظَلاَّمٍ لِّلْعَبِيد} މާނައީ: "ޞާލިޙު ޢަމަލުކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ ނަފްސަށެވެ. އަދި ނުބައި ޢަމަލުކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ ނަފްސުގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރައްބުއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ." [ފުއްޞިލަތު: 46]
ދެން ކަންކަން އޮތް ވާޤިޢުއަށް ބަލާއިރު: ކޮންމެ އިންސާނަކަށްވެސް އޭނާގެ އިޚްތިޔާރުގައި ކުރާ ޢަމަލުތަކުގެ ތަފާތާއި -މިސާލަކަށް ކެއުމާއި ބުއިމާއި ގަތުމާއި ވިއްކުން ފަދަ ކަންކަމާއި- އޭނާގެ އިޚްތިޔާރަކާ ނުލައި އޭނާއަށް ދިމާވާ ކަންތައްތަކުގެ ތަފާތު -މިސާލަކަށް ހުންއައުމުން ހީކަރުވާގެން ހަށިގަނޑު ތެޅުމާއި ފުރާޅުންވެއްޓުން ފަދަ ކަންތަކުގެ ތަފާތު- އެނގެއެވެ.ފުރަތަމަ ޙާލަތުގައި އޭނާއަކީ މަޖުބޫރުވުމެއް ނެތި އޭނާގެ އިޚްތިޔާރުން އެކަމެއް ކުރާ މީހެކެވެ. ދެވަނަ ޙާލަތުގައި އޭނާއަކީ އިޚްތިޔާރަކާ ނުލައި، އަދި އޭނާއަށް ދިމާވި ކަންތަކަށް އެދި ޤަޞްދުކުރި މީހެއްވެސް ނޫނެވެ.
ދެވަނަ ބައިގަނޑު "އަލްޤަދަރިއްޔާ" އަށް ޝަރުޢުންނާއި ކަންކަން ހިނގާ ވާޤިޢުންވާ ރައްދު:
ޝަރުޢުގެ ދަލީލަށް ބަލާއިރު: ފަހެ ﷲ ތަޢާލާއީ ހުރިހާ އެއްޗެއްގެ ޚާލިޤެވެ. އަދި ކޮންމެ ކަމެއްވެސްވަނީ އެކަލާނގެ އިރާދަފުޅާއި މަޝީއަތުންނެވެ. ﷲ ތަޢާލާވަނީ، އަޅުތަކުންގެ ޢަމަލުތައް ހިނގަނީ އެކަލާނގެ އިރާދަފުޅުންކަން އެކަލާނގެ ފޮތުގައި ބަޔާންކުރައްވާފައިއެވެ. އެގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ: {وَلَوْ شَاء اللّهُ مَا اقْتَتَلَ الَّذِينَ مِن بَعْدِهِم مِّن بَعْدِ مَا جَاءتْهُمُ الْبَيِّنَاتُ وَلَـكِنِ اخْتَلَفُواْ فَمِنْهُم مَّنْ آمَنَ وَمِنْهُم مَّن كَفَرَ وَلَوْ شَاء اللّهُ مَا اقْتَتَلُواْ وَلَـكِنَّ اللّهَ يَفْعَلُ مَا يُرِيد} މާނައީ: "ﷲ އިރާދަކުރެއްވިނަމަ، އެބޭކަލުންގެ ފަހުން އައި މީހުން އެއުރެންނަށް ބަޔާންވެގެންވާ ހެކިތަކާއި، ޙުއްޖަތްތައް އައުމަށްފަހު އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު އެއުރެން ޚިލާފުވިއެވެ. ފަހެ، އެއުރެންގެ ތެރެއިން، އީމާންވި މީހުންނާއި، އަދި، ކާފަރުވި މީހުންވެސް ވެއެވެ. އަދި، اللَّه އިރާދަކުރެއްވިނަމަ، އެއުރެން އެކަކު އަނެކަކާ ހަނގުރާމަޔެއް ނުކުރީހެވެ. އެހެނެއްކަމަކު اللَّه އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވައެވެ." [އަލްބަޤަރާ: 253] އަދިވެސް ވަޙީކުރެއްވިއެވެ: {وَلَوْ شِئْنَا لآتَيْنَا كُلَّ نَفْسٍ هُدَاهَا وَلَكِنْ حَقَّ الْقَوْلُ مِنِّي لأَمْلأَنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ أَجْمَعِين} މާނައީ: "އަދި ތިމަންއިލާހު އިރާދަކުރެއްވިނަމަ، ކޮންމެ ނަފްސަކަށްމެ އެނަފްސެއްގެ ހިދާޔަތު ދެއްވީމުހެވެ. އެހެނެއްކަމަކު (ފާފަކުރާ) ޖިންނީންނާއި އިންސީން އެއްކޮށް، ހަމަކަށަވަރުން، ނަރަކަ ފުރުއްވާނޭކަމުގެ ބަސްފުޅު ތިމަންއިލާހުގެ ޙަޟްރަތުން އިސްވެގޮސްފައިވެއެވެ." [އައްސަޖްދާ: 13]
ބުއްދީގެ ދަލީލަށް ބަލާއިރު: ފަހެ ހަމަކަށަވަރުން މުޅި ކައުނަކީ ﷲ ތަޢާލާއަށް މިލްކުވެގެންވާ ތަނެކެވެ. އަދި އިންސާނާއަކީވެސް ކައުނުގެ ތެރެއިންވާ މީހެކެވެ. އެހެންކަމުން އޭނާއީވެސް ﷲ ތަޢާލާއަށް މިލްކުވެގެންވާ އެއްޗެކެވެ. އަދި މިލްކުވެގެންވާ އެއްޗެއް، މިލްކުވެގެންވާ ފަރާތުގެ އިޛްނަފުޅާއި އިރާދަފުޅާ ލައިގެން މެނުވީ އެ ފަރާތުގެ މިލްކުގައި ކަންކަން ނުކުރެވޭނެއެވެ.
*
އިސްލާމީ ޢަޤީދާގެ އަމާޒުތައް
الهدف ބަހުގެ ގޮތުން އެކި މާނަތަކަށް ބުނެވެއެވެ. އޭގެ ތެރޭގައި: ދުނިޖަހަން ނަގާ އަމާޒުފަތްގަނޑު، އަދި ޤަޞްދުކުރެވޭ ކޮންމެ އެއްޗެއް ހިމެނެއެވެ.
އިސްލާމީ ޢަޤީދާގެ އަމާޒުތަކަކީ: އޭގެ މަޤްޞަދުތަކާއި، އޭގައި ހިފެހެއްޓުމުގެ މައްޗަށް ތަރުތީބުވެގެންވާ މަތިވެރި ލަނޑުދަނޑިތަކެވެ. އެއީ ތަފާތު ގިނަ މަޤްޞަދުތަކެކެވެ. އެގޮތުން އޭގެ ތެރޭގައި:
ފުރަތަމައީ: ހަމައެކަނި ﷲ ތަޢާލާއަށް ނިޔަތާއި އަޅުކަން ޚާލިޞްކުރުމެވެ. އެހެނީ އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވާ ޚާލިޤުވަންތަ އިލާހެވެ. އެހެންކަމުން ޤަޞްދާއި އަޅުކަން ހަމައެކަނި އެކަލާނގެއަށްޓަކައިވުން ވާޖިބުވެގެންވެއެވެ.
ދެވަނައީ: ހިތް މި ޢަޤީދާއިން ހުސްވެ އެއްކިބާވުމުގެ ސަބަބުން އުފެދޭ ވާނުވާ އޮޅުންބޮޅުންތަކުން ވިސްނުމާއި ފިކުރު މިނިވަންވުމެވެ. އެހެނީ އެމީހެއްގެ ހިތް އެ ޢަޤީދާއިން އެއްކިބާވެފައިވާ މީހާއަކީ: ކޮންމެ ޢަޤީދާއަކުން ހިތް ހުސްވެގެންވެ، ހަމައެކަނި ޙިއްސީ މާއްދިއްޔަތަށް އަޅުވެތިވާ މީހެކެވެ. ނުވަތަ މަގުފުރެދިފައިވާ ޢަޤީދާތަކާއި ޚުރާފާތްތަކުގެ ތެރެއަށް ގެއްލިފައިވާ މީހެކެވެ.
ތިންވަނައީ: ނަފްސާނީ އަދި ފިކުރީ އަރާމާއި ރާޙަތު ލިބުމެވެ. އެގޮތުން ނަފްސުގައި އެއްވެސް ހާސްކަމެއް، އަދި ފިކުރުގައި އެއްވެސް ހަމަނުޖެހި އޮޅުންބޮޅުމެއް ނުވެއެވެ. އެހެނީ މި ޢަޤީދާއަކީ މުއުމިނާ އޭނާގެ ހެއްދެވި ފަރާތާ ގުޅުވައިދޭ ޢަޤީދާއެކެވެ. ދެން ތަދުބީރުކުރައްވާ ރައްބުކަމުގައި، އަދި ޝަރުޢުކުރައްވާ ޙުކުމްކުރައްވާ ފަރާތްކަމުގައި އޭނާ އެކަލާނގެއަށް ރުހެއެވެ. ދެން އެކަލާނގެ ޤަޟާޤަދަރަށް އޭނާގެ ހިތްހަމަޖެހި، އިސްލާމްކަމަށް އޭނާގެ މޭ ތަނަވަސްވެއެވެ. ދެންފަހެ އޭގެ ބަދަލުގައި އެހެން އެއްޗެއް އޭނާ ހޯދަން ނޫޅޭނެއެވެ.
ހަތަރުވަނައީ: ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި، ނުވަތަ މަޚްލޫޤުންނާމެދު މުޢާމަލާތްކުރުމުގައި: ނިޔަތާއި ޢަމަލު ނަޒާހަތްތެރިވެގެންވުމެވެ. އެހެނީ އެ ޢަޤީދާގެ އެއް އަސާސަކީ ރަސޫލުންނަށް އީމާންވުމެވެ. އޭގެ ތެރޭގައި: ޤަޞްދާއި ޢަމަލު ސަލާމަތްތެރިވެގެންވާ، އެބޭކަލުންގެ މަގަށް ތަބަޢަވުން ހިމެނެއެވެ.
ފަސްވަނައީ: ކަންކަމުގައި ހަރުދަނާވުމާއި ޒިންމާދާރުކަން ޙާޞިލުވުމެވެ. އެގޮތުން ޘަވާބަށް އެދި އުއްމީދުކުރާތީވެ، ހެޔޮ ޢަމަލުކުރުމަށް ލިބޭ އެއްވެސް ފުރުޞަތެއްގެ ފައިދާ ނުނަގައި ފާއިތުކޮށްނުލައެވެ. އަދި ޢުޤޫބާތަށް ބިރުވެތިވާތީވެ، ފާފަވެރިވާނޭކަމަށް ފެންނަ ތަނެއްވިއްޔާ އޭނާ އެތަނަކުން ދުރުވެއެވެ. އެހެނީ އެ ޢަޤީދާގެ އެއް އަސާސަކީ: އަލުން ދިރުއްވުމަށާއި، ޢަމަލުތަކަށް ޖަޒާލިބޭނެކަމަށް އީމާންވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُواْ وَمَا رَبُّكَ بِغَافِلٍ عَمَّا يَعْمَلُون} މާނައީ: "އަދި ކޮންމެ ބަޔަކަށްމެ އެބަޔަކު ކުޅަ ޢަމަލުތަކާ އެއްގޮތަށް ދަރަޖަތަކެއް ހުށްޓެވެ. އަދި އެއުރެން ކުރާ ޢަމަލުތަކާމެދު، ކަލޭގެފާނުގެ ވެރިރައްބު ޣާފިލުވެ ވޮޑިގެނެއްނުވެއެވެ." [އަލްއަންޢާމު: 132] އަދި ނަބިއްޔާ ﷺވެސް ވަނީ މި މަޤްޞަދަށް ބާރުއަޅުއްވާފައިއެވެ. އެއީ އެކަލޭގެފާނުގެ މި ބަސްފުޅުގައިއެވެ: "ވަރުގަދަ މުއުމިނަކު ބަލިކަށި މުއުމިނަކަށް ވުރެ ހެޔޮވެ، އަދި ﷲ ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އަދި ކޮންމެ މީހެއްގައިވެސް ހެޔޮކަންވެއެވެ. ތިބާއަށް ފައިދާ ކުރަނިވި ކަންތައްތައް ކުރަން ފަރުވާތެރިވެ ސަމާލުކަންދޭށެވެ. އަދި ﷲ ގެ ޙަޟްރަތުން އެހީތެރިކަމަށް އެދޭށެވެ. އަދި ނުކުޅެދި ނުގަންނާށެވެ. އަދި ތިބާއަށް (ދެރަ) ކަމެއް ދިމާވެއްޖެއްޔާ ފަހެ "މިވެނިކަމެއް ތިމަންނައަށް ކުރެވުނު ނަމަ މިހެން އެހެން ވީހޭ" ނުބުނާށެވެ. ނަމަވެސް ތިބާ ބުނާށެވެ: "ﷲ ތަޤުދީރުކުރައްވާ މިންވަރު ކުރެއްވިގޮތެވެ. އަދި އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައްކުރައްވައެވެ." ފަހެ "ނަމަ ކިޔުމަކީ" ޝައިޠާނާގެ މަސައްކަތަށް ދޮރުހުޅުވާ ކަމެކެވެ." ރިވާކުރެއްވީ މުސްލިމެވެ.
ހަވަނައީ: ދީން ޤާއިމުކޮށް، އޭގެ ބިންގާތައް ވަރުގަދަ ކުރުމަށްޓަކައި، އަގުހެޔޮ އަދި އަގުބޮޑު ކޮންމެ އެއްޗެއް ޤުރުބާންކޮށް (ކުރެވެން އޮތް ހުރިހާ މަސައްކަތެއްކޮށް)، އަދި އެކަންކުރުމުގެ މަގުގައި ޖެހިދާނޭކަމަކާމެދު (އުނދަގުލާއި ހުރަސްތަކާމެދު) ފަރުވާލެއް ނުބަހައްޓާނެ ވަރުގަދަ އުއްމަތެއް އެކުލެވިގެންދިޔުމެވެ. މިކަމާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ أُوْلَئِكَ هُمُ الصَّادِقُون} މާނައީ: "މުއުމިނުން ކަމުގައިވާކަން ކަށަވަރީ، ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އީމާންވެ، ދެން (އެ އީމާންކަމާމެދު) ޝައްކުނުކޮށް، އަދި އެ މީހުންގެ މުދާތަކާއި، ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދުކުރި މީހުންނެވެ. ތެދުވެރިންނަކީ ހަމަ އެމީހުންނެވެ." [އަލްޙުޖްރާތު: 15]
ހަތްވަނައީ: ވަކިވަކި ފަރުދުންނާއި ޖަމާޢަތްތައް އިޞްލާޙުކޮށްގެން ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމަށް ވާޞިލުވުމާއި، ޘަވާބާއި މާތް މަތިވެރި ކަންކަން ލިބިގެންދިޔުމެވެ. އެކަމާމެދު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: ﴿مَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَلَنُحۡيِيَنَّهُۥ حَيَوٰةٗ طَيِّبَةٗۖ وَلَنَجۡزِيَنَّهُمۡ أَجۡرَهُم بِأَحۡسَنِ مَا كَانُواْ يَعۡمَلُونَ.﴾ މާނައީ: "ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، އަދި އޭނާއީ މުއުމިނަކު ކަމުގައިވާ ޙާލު، ޞާލިޙު ޢަމަލު ކޮށްފިމީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ޙަޔާތެއް، ތިމަން އިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެމީހުން ޢަމަލު ކޮށްއުޅުނު އެންމެ ހެޔޮގޮތުގެ މަތީން އެބައިމީހުންގެ އަޖުރު، ތިމަން އިލާހު އެބައިމީހުންނަށް ޖަޒާ ދެއްވާހުށީމެވެ." [އައްނަޙްލު: 97]
މިއީ އިސްލާމީ ޢަޤީދާގެ ބައެއް މަޤްޞަދުތަކެވެ. އަހަރުމެން ﷲ ތަޢާލާގެ ޙަޟްރަތުން އެދި އުއްމީދުކުރަނީ އެކަލާނގެ އަހަރުމެންނަށާއި އަދި އެންމެހާ މުސްލިމުންނަށް މި ކަންކަން ޙައްޤުކޮށްދެއްވާނެކަމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ ދީލަތިވަންތަ މާތް އިލާހެވެ. ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބަށެވެ.
އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި، އެންމެހާ އަޞްޙާބުންނަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وصلّى الله وسلّم على نبيّنا محمّدٍ وعلى آله وصحبه أجمعين.
މުއައްލިފުގެ ގަލަމުން ލިޔެ ނިމުނީ.
މުޙައްމަދު އައްޞާލިޙް އަލްޢުޘައިމީން
Related books
All books
އާ މުސްލިމަށް ބޭނުންތެރި ޚުލާޞާއެއް32 languagesއާ މުސްލިމަށް ބޭނުންތެރި ޚުލާޞާއެއް
ތައްޔާރުކުރީ މުޙައްމަދު އައްޝަހުރީ 1441 – 2020 رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން (ފަށައިގަންނަމެވެ.) މުޤައްދިމާ
ތިން އުޞޫލާއި އޭގެ ދަލީލުތައް73 languagesތިން އުޞޫލާއި އޭގެ ދަލީލުތައް
މިފޮތް އެކުލެވިގެންވަނީ، ކޮންމެ މުސްލިމެއްގެ މައްޗަށް އުނގެނުން ވާޖިބުވެގެންވާ މައިގަނޑު އަސާސްތަކުގެ ތެރެގައި ހިމެނޭ: ﷲ ﷻ މަޢުރިފާކޮށް ދެނެގަތުމާއި، އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމާއި، ނަބިއްޔާ މުޙައްމަދު ﷺ މަޢުރިފާކޮށް ދެނެގަތުމުގެ މައްޗަށެވެ. އަދި ހަމައެހެންމެ، ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުގެ އަލީގައި، އީމާންކަމާއި ހެޔޮ ޞާލިޙު ޢަމަލުތައް މި އަސާސްތަކުގެ މަތީގައި ބިނާކުރުމުގެ މުހިންމުކަމަށް މި ފޮތުގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވިފައިވެއެެވެ.
އިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ85 languagesއިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ
އިސްލާމްކަމަކީ: ކައުނު އުފެއްދެވި ޚާލިޤު އަދި އެ ކައުނު ތަދުބީރުކުރައްވާ ﷲ އަށް ބޯލަނބާ އަމާންދިނުމެވެ. އަދި އެކަލާނގެއަށް ލޯތްބާއި ޤަދަރާއެކު ކިޔަމަންވުމެވެ. އިސްލާމްކަމުގެ އަސާސަކީ މާތް الله އަށް އީމާންވެ، އަދި އެކަލާނގެއީ ޚާލިޤުކަމާއި އެނޫން ހުރިހާ އެއްޗެއް އެއީ އުފެއްދެވިގެންވާ މަޚްލޫޤުންކަމާއި، އަދި އެކަލާނގެއީ އެއްވެސް ބައިވެރިއެއްނެތި އަޅުކަން ހަމައެކަނި ޙައްޤުވާ ފަރާތްކަމަށް އީމާންވުމެވެ. އެކަލާނގެ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ ފަރާތެއް ނުވެއެވެ. އެންމެ ރިވެތި ނަންފުޅުތަކާއި އެންމެ މަތިވެރި ޞިފަފުޅުތައް އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. އަދި އެއްވެސް އުނިކަމެއް ނެތި، މުޠުލަޤު…
الدروس المهمة لعامة الأمة78 languagesالدروس المهمة لعامة الأمة
يهدف الكتاب إلى تعليم المسلمين أساسيات دينهم بطريقة مبسطة وشاملة. يتناول مجموعة من الدروس المهمة مثل قراءة الفاتحة وقصار السور، وأركان الإسلام والإيمان، وأقسام التوحيد والشرك، وشروط وأركان وواجبات الصلاة، بالإضافة إلى مبطلاتها، مع بيان مختصر لشروط الوضوء وفروضه ونواقضه. كما يسلط الضوء على التحلي بالأخلاق الإسلامية والآداب الشرعية، ويقدم إرشادات لطيفة حول تجهيز الميت والصلاة عليه ودفنه.