Skip to content
ތިބާގެ ނަފްސާ މިހެން ސުވާލުކޮށްލިންހެއްޔެވެ؟ ތިބާ އުފެއްދެވީ ކާކުހެއްޔެވެ؟ އަދި ކީއްކުރަންހެއްޔެވެ؟ އަދި މަރުވުމަށްފަހު ވަނީ ކޮންކަމެއްހެއްޔެވެ؟

ތިބާގެ ނަފްސާ މިހެން ސުވާލުކޮށްލިންހެއްޔެވެ؟ ތިބާ އުފެއްދެވީ ކާކުހެއްޔެވެ؟ އަދި ކީއްކުރަންހެއްޔެވެ؟ އަދި މަރުވުމަށްފަހު ވަނީ ކޮންކަމެއްހެއްޔެވެ؟

މި ފޮތުގައި އަލިއަޅުވާލެވި ވާހަކަދެކެވިފައިވަނީ ވުޖޫދުވުމާއި އުފެއްދެވުމުގެ ސުވާލުގެ މައްޗަށެވެ. އަދި ޙިކްމަތާއި ފުރިހަމަކަން ފުރާ ފުރިހަމަވެގެންވާ ޚާލިޤެއް ވޮޑިގެންވާކަން ބުއްދީގެ ހަމަތަކުން ޘާބިތުކޮށްދީ، އަދި ޙަޔާތުގެ މަޤްޞަދަކީ ﷲ އަށް އެއްކައުވަންތަކޮށް އަޅުކަންކުރުން ކަމާއި، އިސްލާމްދީނަކީ ރައްކާތެރިކުރެވިގެންވާ ޙައްޤު ދީންކަން (މި ފޮތުގައި) ސާފުކޮށްދެވެ. އަދި ހަމައެހެންމެ، ﷲ ގެ ރަސޫލާ މުޙައްމަދުގެފާނަށް އީމާންވެ، އެކަލޭގެފާނު އުނގަންނައިދެއްވި ކަންކަމަށް ތަބަޢަވުމަށް ގޮވާލާ، ޝިރުކާމެދު އިންޛާރުދީ، އަދި އާޚިރަތުގައި ޙިސާބު ބެއްލެވުމާއި ޖަޒާދެއްވުންވާކަން ކަށަވަރުކޮށްދެއެވެ.

Language: lang_dv
Prepared by: (އައް-ލަޖްނަތުލް-ޢިލްމިއްޔަތު ބިޖަމްޢިއްޔަތި ޚިދްމަތިލް-މުޙްތަވަލް-އިސްލާމީ ބިއް-ލުޣާތި) އެކި ބަސްބަހުން އިސްލާމީ އުފެއްދުންތަކަށް ޚިދުމަތްކުރާ ޖަމްޢިއްޔާގެ ޢިލްމީ ލަޖްނާ
Version: 2.0

ތިބާގެ ނަފްސާ މިހެން ސުވާލުކޮށްލިންހެއްޔެވެ؟ ތިބާ އުފެއްދެވީ ކާކުހެއްޔެވެ؟ އަދި ކީއްކުރަންހެއްޔެވެ؟ އަދި މަރުވުމަށްފަހު ވަނީ ކޮންކަމެއްހެއްޔެވެ؟

(އައް-ލަޖްނަތުލް-ޢިލްމިއްޔަތު ބިޖަމްޢިއްޔަތި ޚިދްމަތިލް-މުޙްތަވަލް-އިސްލާމީ ބިއް-ލުޣާތި) އެކި ބަސްބަހުން އިސްލާމީ އުފެއްދުންތަކަށް ޚިދުމަތްކުރާ ޖަމްޢިއްޔާގެ ޢިލްމީ ލަޖްނާ

އޭ މިހިރަ އިންސާނާއެވެ! ތިބާ އުފެއްދެވީ ކާކުހެއްޔެވެ؟ ބޮޑުވާ ބިއްލޫރި (ނުވަތަ މައިކުރޮސްކޯޕު) އަކުން ތިބާގެ ހަށިގަނޑަށް ބަލާލައިފިނަމަ؛ ތިބާއަށް ފެންނާނީ ކަވިކަމާ ފުރިހަމަކަމުން ފުރިގެންވާ، އަދި މުޢުޖިޒާތެއްކަހަލަ ޢާލަމެކެވެ. ފަހެ ތިބާގެ ހަށިގަނޑުގައިވާ ކޮންމެ ސެލްއެއްގެ ތެރޭގައި: ކަވިކޮށްވާ ވުރާޘީ ޖެނެޓިކް ކޯޑުތަކުގެ މަޢުލޫމާތުތައް ވެއެވެ. މި ކޯޑުތައް ލިޔުނީ ކާކުތޯ އާއި، އަދި އެ ކޯޑުތައް އޭގެ ޞައްޙަ ރަނގަޅު މަޤާމަށް ލެއްވީ ކާކުތޯ، ތިބާގެ ނަފްސާ ސުވާލުކޮށްލިންހެއްޔެވެ؟

ކޮންމެ އުސް ބިނާއެއް، އަދި ކޮންމެ އާދައިގެ ގެޔެއްވެސް ކިޔާދެނީ އެތަން އުފައްދާ ފަރުމާކުރި މީހާގެ ވާހަކައެވެ. މި ތަނަވަސް ފުޅާ ކައުނު، އޭގެ ރީތިކަމާއި، ކަވިކަމާ ފުރިހަމަކަމާއި، އޭގެ ތަފްޞީލުތައް އިންތިޒާމުވެ ހަމައަށްވުމާއެކު، އުފެއްދެވި އެއްވެސް ފަރާތެއް ނެތި ވުޖޫދުވެގެންވުމަކީ ވިސްނޭ ހަމަޖެހޭ ކަމެއްހެއްޔެވެ!؟

އޭ އިންސާނާއެވެ! ބަރާބަރު މޮޅު ސްމާރޓު ފޯނެއް، އެ ފަރުމާކޮށް އުފެއްދި މީހަކު ނެތި ހަމަ ކުުއްލިއަކަށް ފާޅުވީކަމަށް، ނުވަތަ އުނދަގޫ ނެޓްވޯކު ވަސީލަތްތަކެއް އެ ޕުރޮގްރާމްކުރި ނުވަތަ ސުޕަވައިޒްކުރާ މީހަކު ނެތި އަމިއްލައަށް ގުޅިލާމެހިގެން ކަވިކޮށް ސީދާލަށް މަސައްކަތްކުރަނީކަމަށް ތިބާގެ ގާތުގައި ބުނެވުން ބުއްދި ޤަބޫލު ނުކުރާގޮތަށް؛ ހަމަ "މި ބޮޑުވެގެންވާ ކައުނު، އޭގައިވާހާ ނިޒާމަކާއި، އުފެއްދުންތެރިކަމާއި، ފުރިހަމަ ކަވި ޤާނޫނުތަކާއި، ފުރާފުރިހަމަ ނިޒާމާއެކު އެ އުފެއްދެވި އެއްވެސް ފަރާތެއްނެތި ވުޖޫދުވެގެންވީ" ކަމަށް ބުނުންވެސް ބުއްދިން ޤަބޫލުނުކުރާނެއެވެ.

މި ކައުނުގައިވާ ކޮންމެ އެއްޗެއް -އެންމެ ކުޑަ ޛައްރާއަކުން ފަށައިގެން އެންމެ ބޮޑު މަޑިކިލަބަށް (ގެލެކްސީއަށް) ދާންދެން- ދަލީލުކުރަނީ އެ އުފެއްދެވި ފަރާތުގައި މަތިވެރިކަމާއި މާތްކަމަށެވެ. މި ކަވި ފުރިހަމަ ނިޒާމު، (އިންތިޒާމެއް ޤަވާޢިދެއްނެތި) އެގޮތްމިގޮތަށް އުފެދިގެން އައުމަކީ ބުއްދީގެގޮތުން މުސްތަޙީލު (ނުވާނޭ) ކަމެކެވެ. ނެތުމުގެ ތެރެއިން (އެއްވެސް ޚާލިޤަކު ނެތި) މި ކައުނު އުފެދިގެން އައުމަކީ، ނުވަތަ މި ފަންނުވެރި ދެނެގަންނަާން އުނދަނގޫ ނިޒާމު؛ ކަނު އިއްތިފާޤަކުން އުފެދިގެން އައި ނަތީޖާއެއްކަމުގައިވުމީ ބުއްދިއާއި ވިސްނުން ދެކޮޅުހަދާ ކަމެކެވެ.

ޞައްޙަ ބުއްދިއާއި، ސީދާކޮށް ހަމަކޮށްވާ ފިޠުރަތު؛ ކައުނު އުފެއްދެވި ޚާލިޤަކުވާކަމަށް އީމާންވުމަށް އިންސާނާ ގެންދާ ގޮތަށް؛ އެ ދޭތި (އެބަހީ: ޞައްޙަ ބުއްދިއާއި ސަލާމަތްތެރި ފިޠުރަތު)، މި ޚާލިޤުވަންތަ އިލާހުގެ ޞިފަފުޅުތަކާއި، އަދި އަހަރުމެންގެ މައްޗަށްވާ އެކަލާނގެ ޙައްޤުފުޅާމެދުވެސް ވިސްނާ ފިކުރުކުރުމަށް ގެންދެއެވެ.

ހަމަކަށަވަރުން މި ޚާލިޤުގެ ޞިފަފުޅުތަކާމެދު ވިސްނާ ފިކުރުކުރުމުން؛ މުޠުލަޤު ފުރިހަމަކަމަކުން އެކަލާނގެ ޞިފަކުރެވިގެންވާން ޖެހޭނެކަމާއި، ކޮންމެ އުނިކަމަކުން އެ ކަލާނގެ ހުސްޠާހިރުވެގެން ވާންޖެހޭނެކަމާ މެދު ފުންކޮށް ދެނެގަތުމުގެ ދޮރުތައް އަހަރުމެންނަށް ހުޅުވައިދެއެވެ.

މީގެ މާނައަކީ: ހުރިހާ ރިވެތިކަމާއި މަތިވެރިކަމުގެ ޞިފަތަކުން ޚާލިޤުވަންތަ ފަރާތް ޞިފަކުރެވިގެންވާކަމެވެ. ފަހެ، (އެންމެހައި އުނިކަމަކުން) ހުސްޠާހިރުވަންތަ، އެކަލާނގެއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ، ކޮންމެ ކަމެއް ދެނެވޮޑިގެންވާ، (އަދި) އެކަލާނގެ އުފައްދަވާ އަދި މިންވަރުކުރައްވާ ކޮންމެ ކަމެއްގައި ޙިކްމަތްވަންތަ އިލާހެވެ. މި ފުރިހަމަކަމަކީ ހަމައެކަނި (އެކަން ވާނެކަން ޔަޤީންނުވާ) އިޙްތިމާލެއް ނޫނެވެ. ކިއެއްތަ، އެއީ ބުއްދީގެ ގޮތުން ޟަރޫރީކޮށް އެނގޭ ކަމެކެވެ. އެހެނީ އެ އިލާހުގެ ޞިފަފުޅުތަކުގައި އެއްވެސް އުނިކަމެއްވާނަމަ، އެ މަގުފަހިވަނީ، ހެއްދެވުމާއި ރާއްވަވާ ހިންގެވުމުގައި މައްސަލަދިމާވުމަށް ކަމަށްވާތީއެވެ. (އެހެނަސް) އެއީ އަހަރުމެންނަށް މި ކައުނުން ފެންނަ، ފުރާ ފުރިހަމަކަމާ ފުށުއަރާކަމެކެވެ.

އެފަދައިންމެ އުނިކަމުން ހުސްދުރުވެގެންވުން ނިޔާކުރަނީ: ޚާލިޤުވަންތަ އިލާހު، އެއިލާހުގެ މަޚްލޫޤުންގެ ކިބައިން ފުދިވޮޑިގެންވުމެވެ. އެގޮތުން އެކަލާނގެ އެއްވެސް އެއްޗަކަށް ޙާޖަތް ޖެހިގެން ނުވެއެވެ. އޭގެ ބަދަލުގައި، އެންމެހައި މަޚްލޫޤުން ވުޖޫދުވުމާއި ދިރިހުރުމަށްވެސް އެކަލާނގެއަށް ޙާޖަތްޖެހިގެންވެއެވެ. އަދި، (އެންމެހައި އުނިކަމަކުން) ހުސްޠާހިރުވަންތަ، އެކަލާނގެ ވަނީ ބައިވެރިޔަކުވުމުންނާއި އަދި ދަރިކަލަކުވުމުން ހުސްޠާހިރުވެގެންނެވެ. އެހެނީ އެއީ އުނިކަމާއި ނުކުޅެދުންތެރިކަން ފާޅުވާ ކަމެކެވެ. އަދި ﷲ عز وجل ވަނީ އެ ހުރިހާ ކަމަކުން ހުސްޠާހިރުވެގެންނެވެ.

ދެންފަހެ ﷲ ތަޢާލާއީ: ފުރިހަމަކަމާއި މަތިވެރިވަންތަކަމުގެ ޞިފަތައް ލިބިގެންވާ މާތްވެގެންވާ ޚާލިޤުވަންތަ އިލާހުކަމުގައިވީހިނދު، އަދި އެކަލާނގެއީ؛ އަހަރުމެނާއި އަދި މި ކައުނުވެސް ނެތުމުގެ ތެރެއިން ވުޖޫދަށް ނެރުއްވި އިލާހުކަމުގައިވީހިނދު، އަދި އެ ކައުނުގައިވާހާ އެއްޗެއްގެ މިލްކުވެރި އިލާހުކަމުގައިވިހިނދު، އަދި އެކަލާނގެ ރަޙްމަތުން އަހަރުމެންނަށް ރިޒްޤުދެއްވާ އަދި އަހަރެމެން ވަށާލައްވައިގެންވާ ފަރާތްކަމުގައިވީހިނދު، އަދި ކޮންެމެ ކަމެއްގެ މައްޗަށް ބާރުފޯރުއްވަވާ، ތަދުބީރުކޮށް ހިންގަވާ އިލާހުކަމުގައިވީހިނދު؛ އެކަމަކަށްޓަކައި އަހަރުމެން އުފެއްދެވުނު މަޤްޞަދު ޙައްޤުކޮށް ޙާޞިލުކުރުމަށްޓަކައި، އަހަރުމެން އެކަލާނގެއަށް ޝުކުރުވެރިވެ، އަދި އެކަލާނގެ ރުއްސެވުން ލިބޭނެގޮތް ހޯދާ، އަދި އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވާ އެކަލާނގެ ޙައްޤުފުޅު އަދާކުރާނޭ ގޮތް ހޯދަން އުޅުން، އަޅެފަހެ އަހަރެމެނގެ މައްޗަށް ވާޖިބުވެގެން ނުވޭހެއްޔެވެ!؟

ﷲ އަހަރުމެން އުފައްދަވާފައި، ދެން އެކަލާނގެ އަހަރުމެންގެ ކިބައިން އެދިވޮޑިގަންނަވާ ކަމަކީ ކޮބައިކަން ބަޔާން ނުކުރައްވާ ދޫކުރެއްވުމަކީ ބުއްދި ހަމަޖެހޭ ކަމެއްހެއްޔެވެ؟ މިތަނުގައި އަހަރުމެން މި ތިބީ ކީއްވެހެއްޔެވެ؟ އަދި ޙަޔާތުގައި އަހަރުމެން ވުޖޫދުވެގެންވުމުގެ މަޤްޞަދާއި ލަނޑުދަނޑިއަކީ ކޮބައިހެއްޔެވެ؟ އަދި މަރުވުމަށްފަހު އަހަރުމެންނަށް ވާނީ ކީއްހެއްޔެވެ؟ (މި ކަންކަން ބަޔާންނުކުރައްވާ ދޫކޮށްލުން އެއީ ހަމަޖެހޭ ކަމެއްހެއްޔެވެ؟)

ނިކަން އަހަރެންނާއެކު ވިސްނާލަބަލާށެވެ: މީހަކު ޝާހީ ބޮޑު ގަނޑުވަރެއް އަޅާފައި، އެތަނުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ހަރުކޮށް، އެތަން ވަރުގަދަކޮށް ފުރިހަމަކޮށް ނިމޭހިނދު؛ ކުއްލިއަކަށް އެއްވެސް ސަބަބަކާ ނުލައި އެ ގަނޑުވަރު ހަލާކުކޮށް ފުނޑާލަން އުޅެފިނަމަ؛ މި އިންސާނާއަކީ ޙިކްމަތްތެރި މީހެއްކަމަށް އަހަރުމެންނަށް ޞިފަކުރެވޭނެހެއްޔެވެ؟ މިފަދަ އުޅުމަކީ ބުއްދިހުރި މީހަކަށް އެކަށީގެންނުވާ، ތާކުންތާކު ނުޖެހޭ ކޮސްކަމެއްކަމަށް ބެލުމަކީ މާ ބޮޑު ފިކުރަކާއި ނުލައިވެސް އެނގޭނެކަމެއް ނޫންހެއްޔެވެ؟

އިންސާނެއްގެ ނިސްބަތުން މިފަދަ ކަމެއް ޤަބޫލުކުރެވޭ ކަމެއް ކަމުގައި ނުވާހިނދު؛ ދެންފަހެ ޙިކްމަތްވަންތަ، ހުރިހައިކަމެއްގެ ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ، މި ފަންނުވެރި ކައުނު ކުޅަދާނަކަމާއި ފުރިހަމަކަމާއެކު އުފައްދަވާފައި، ދެން އެއްވެސް މަޤްޞަދެއް އަދި ޙިކްމަތެއްނެތި މި ކައުނު ހަލާކުކޮށްލެއްވުން އަހަރުމެންނަށް ޚިޔާލުކުރެވޭނީވެސް ކިހިނަކުންހެއްޔެވެ!؟

ﷲ އިންސާނުން އުފެއްދެވީ ބޮޑުވެގެންވާ ޙިކްމަތަކަށްޓަކައިއެވެ. އެއީ އެއްވެސް ޝަރީކަކު ނުލާ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެކަލާނގެ އެއުރެން އުފެއްދެވީ މި ދުނިޔޭގައި އެމީހުން އިމްތިޙާނު ކުރެއްވުމަށެވެ. އަދި އެމީހުންގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވުމަށް އެއުރެން އަލުން ދިރުއްވޭނެ ދުވަހެއްކަމުގައިވާ ޤިޔާމަތް ދުވަސް ލެއްވިއެވެ. ދެންފަހެ ﷲ އަށް އީމާންވެ، އެކަލާނގެ ދަޢުވަތަށް އިޖާބަދީފިމީހާއަށް ވަނީ ސުވަރުގޭގެ ނިޢުމަތްތަކެވެ. އޭނާ އެތަނުގައި ދެމިހުންނަ ގޮތަށެވެ. އަދި ޙައްޤަށް ފުރަގަސްދީފިމީހާ ވާހުށީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ.

އެހެންކަމުން އަޅުކަންކުރުމަކީ އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވާ ޙައްޤެކެވެ. އެހެނީ އެއީ އަހަރުމެން ވުޖޫދުކުރެވިގެންވުމުގެ މަޤްޞަދެވެ. އަދި އެއީ އަހަރުމެން ޝުކުރުވެރިވެ، ﷲ ގެ ރުބޫބިއްޔަތާއި އުލޫހިއްޔަތަށް އިޤުރާރުވާކަމުގެ ދަލީލެވެ.

ފަހެ ތިބާ ނިކަން ވިސްނާލަ ބަލާށެވެ! ތިބާ އުފައްދަވާ، ތިބާއަށް އިވުމާއި ފެނުމުގެ ނިޢުމަތްދެއްވާ، ގުނާ ޢަދަދުނުކުރެވޭހާ ނިޢުމަތްތައް ތިބާގެ ވަށައިގެން ލެއްވީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. އަދި ތިބާގެ ލޭނާރުތަކުގައި ލޭ ހިންގަވާ، ފެނާއި ވައިގެ ރޯދިދެއްވަނީވެސް އެކަލާނގެއެވެ. އަދި ތިބާވަނީ ކޮންމެ ހިނދުކޮޅެއްގައިވެސް އެކަލާނގެއަށް ޙާޖަތްޖެހިގެންނެވެ. އެކަލާނގެ ރަޙްމަތާއި، ޢިނާޔަތާއި އަޅާލެއްވުން ނުވީނަމަ؛ ތިބާ ހަލާކުވެގޮސް، ތިބާގެ ބާރުވެސް ނެތި ފިލައިދިޔައީހެވެ. ކިއެއްތަ، ތިބާގެ މަންމަގެ ބަނޑުގައި ގަރުބަގަނެފައިވާ ކުއްޖެއްގެ ގޮތުގައި، ތިބާގެ އެއްވެސް ކަމެއް އަމިއްލައަށް މިލްކުނުވާ ޙާލު ނުކުޅެދިގެންވަނިކޮށް ތިބާގެ ރިޒްޤުގެ ކަންތަކާ ހަވާލުވެވޮޑިގެންނެވީވެސް، (އެންމެހައި އުނިކަމަކުން) ހުސްޠާހިރުވަންތަ އެކަލާނގެއެވެ.

ތިބާ ބޭނުންވާ ގޮތް ދޫކޮށް، މި މަތިވެރިވެގެންވާ ޚާލިޤު އެދިވޮޑިގަންނަވާ ގޮތަށް ތިބާ އެކަލާނގެއަށް އަޅުކަންކުރުން ޙައްޤުވެގެން ނުވޭހެއްޔެވެ!؟ ވިސްނާލާށެވެ: ތިބާގެ މަންމައަށް ހަދިޔާއެއް ދޭން ތިބާ ބޭނުންވެއްޖެނަމަ؛ ތިބާ އިޚްތިޔާރުކުރާނީ ތިބާގެ އަމިއްލަ އެދުމަށް ފެންނަ ރުހޭ އެއްޗެއްހެއްޔެވެ؟ ނުވަތަ މަންމައާ އެކަށޭނެ އެއްޗެއްދީގެން މަންމަ އުފާކޮށްދިނުމަށްޓަކައި، މަންމަ ލޯބިވާކަހަލަ ގަޔާވާ އެއްޗަކީ ކޮބައިތޯ ބަލަން ތިބާ ގަދައަޅާ މަސައްކަތްކުރާނީހެއްޔެވެ!؟ އެފަދައިން، ﷲ جل وعلا އަށް އަޅުކަންކުރުމަކީވެސް، އަހަރުމެންގެ އަމިއްލަ އެދުންތައް ނުވަތަ ވާރުތަކޮށްފައިވާ އަހަރުމެންގެ ޢާދަކާދަތަކާ އެއްގޮތްވާ ގޮތަށް ކުރެވޭކަމަކަށް ވެގެން ނުވާނެއެވެ. އޭގެ ބަދަލުގައި، ވާންޖެހޭނީ (އެންމެހައި އުނިކަންކަމުން) ހުސްޠާހިރުވަންތަ އެކަލާނގެ އެދިވޮޑިގެންނެވި ގޮތަށެވެ. އަދި އެކަލާނގެ އަހަރުމެންނަށް އަމުރުކުރެއްވި ގޮތަށެވެ.

އަޅުކަން، އެއްވެސް ޝަރީކަކުނުލާ ހަމައެކަނި ﷲ ތަޢާލާއަށް ޚާލިޞްކޮށްވުން ވާޖިބުވެގެންވެއެވެ. ފަހެ އިންސާނާ އުފެއްދެވި ފަރާތް ފިޔަވައި އެހެން ފަރާތަކަށް އަޅުކަން އަނބުރާލުން އޭނާއަށް ހުއްދަވެގެން ނުވެއެވެ. ނަރަކައިގައި ދެމިއޮތުން ވާޖިބުކުރާ އެންމެ ބޮޑު ފާފައަކީ ﷲ އާ ޝަރީކު ކުރުމެވެ. އެއީ އިންސާނާ ﷲ ފިޔަވައި އެކަލާނގެ (ހެއްދެވި) އެހެން މަޚްލޫޤަކަށް އަޅުކަންކޮށްގެންނެވެ. މިސާލަކަށް: ބުދުތަކަށް ނުވަތަ އިރަށް ނުވަތަ ހަނދަށް އަޅުކަންކުރުން، ނުވަތަ އިންސާނަކަށް ނުވަތަ ޖަނަވާރަކަށް ނުވަތަ ޞާލިޙު މީހަކަށްވިޔަސް އަޅުކަންކުރުމެވެ. ފަހެ އެ ހުރިހާ ކަމަކީ ޝިރުކާއި ކުފުރުގެ ވައްތަރުތަކުގެ ތެރެއިންވާ ކަންކަމެވެ. އަދި އޭގެ މަތީގައި މަރުވެއްޖެ މީހާގެ ޖަޒާއެއްކަމުގައިވާނީ: ޖަހަންނަމައިގެ އަލިފާނުގައި ތާއަބަދަށް ދެމިއޮތުމެވެ.

އަހަރުމެން ދުނިޔޭގައި ވުޖޫދުވުމުގެ މަޤްޞަދާއި، އަދި ދިރިއުޅުމުގެ ޙަޔާތުގެ ލަނޑުދަނޑިއަކީ ކޮބައިކަން އަހަރުމެންނަށް ޚަބަރުދެއްވުމަށްޓަކައި ﷲ ގިނަގުނަ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވިއެވެ. އަދި ހުރިހާ ރަސޫލުންގެ ރިސާލަތުވެސްވީ އެކައްޗެއް ކަމުގައިއެވެ. އެއީ އިސްލާމްދީނުގެ ރިސާލަތާއި، ޝަރީކަކު ނުލާ އެއްކައުވަންތަ ޚާލިޤަށް އަޅުކަންކުރުމެވެ. ނަމަވެސް ކުރީގެ ރަސޫލުން ގެންނެވި ކަންކަން ބަދަލުކޮށް ގަޑުބަޑުކުރި ބަޔަކުވިއެވެ. ދެން ﷲ، ރަސޫލުކަން ޚަތިމުކުރެއްވި މުޙައްމަދުގެފާނު ފޮނުއްވާ، އަދި އިންސާނިއްޔަތަށްވާ އެންމެ ފަހުގެ ރިސާލަތު އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވިއެވެ. އެއީ ކީރިތި ޤުރްއާނެވެ. ޤުރްއާނަކީ ﷲ ގެ ކަލާމްފުޅު (ބަސްފުޅު އަދި ދެއްކެވި ވާހަކަފުޅު) ކަން ޘާބިތުކޮށްދޭ، އަދި ބަދަލުކޮށް އޮޅުވާލުމަށް ހުށަހެޅިފައި ނުވާ ހަމައެކަނި ފޮތަކީ އެއީކަން އަންގައިދޭ ގިނަގުނަ ބުއްދީގެ އަދި ޢިލްމީ ދަލީލުތައްވެއެވެ. އަދި ﷲ އަހަރުމެންނަށް ޤުރްއާނުގައި ޚަބަރުދެއްވާފައިވަނީ: އެކަލާނގެ އިންސާނާގެ ކިބައިން އިސްލާމްދީން ނޫން ދީނެއް ޤަބޫލުނުކުރައްވާނޭކަމަށާއި، އަދި ހުރިހާ ރަސޫލުންގެ ރިސާލަތުވެސްވީ އެކައްޗެއްގެ ގޮތުގައިކަމަށާއި، އެއީ ޚާލިޤުވަންތަ އިލާހު އެއްކައުވަންތަކޮށް، އަދި އެއްވެސް ޝަރީކަކުނުލާ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުންކަމެވެ. އަދިވެސް ޤުރްއާނުގައި، ﷲ އަހަރުމެންނަށް ޚަބަރުދެއްވާފައިވަނީ: މުއުމިނުންނަށް ލިބިގެންދާނޭ، ތާއަބަދަށް ދެމިގެންވާ ސުވަރުގެއަކާއި ނިޢުމަތެއްވާ ކަމަށެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރި، ނުވަތަ އިސްލާމްދީނަށް ވަނުމަށް ދެކޮޅުހެދި މީހާއަށް ނަރަކައާއި ވޭންދެނިވި ޢަޛާބެއްވާކަމަށެވެ.

އިސްލާމްދީން އެހެން ދީންތަކާ ތަފާތުކޮށްދޭ ކަމަކީ: އިތުބާރުހުރި މަޢުރިފާގެ މަޞްދަރުތަކަށް ބަރޯސާވެގެން، އެމީހުންގެ ކުރިމަތީގައި މިއަދު އޮތް ކީރިތި ޤުރްއާނަކީ، ގަޑުބަޑުކޮށް އޮޅުވާލެވުމުން ރައްކާތެރިކުރެވިގެންވާ، ޚާލިޤުވަންތަ ﷲ ސުބްޙާނަހޫގެ ބަސްފުޅުކަން ޘާބިތުކޮށްދޭން ބުއްދީގެ ދަލީލުތަކާއި، ޢިލްމީ ޙަޤީޤަތްތައް ހުށަހަޅާދިނުމަށް ކުޅަދާނަވެގެންވާ ހަަމައެކަނި ބަޔަކީ މުސްލިމުންކަމުގައިވުމެވެ.

ފަހެ ކީރިތި ޤުރްއާނަކީ ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު ﷺގެ މައްޗަށް ބާވައިލެއްވި ފޮތެވެ. އެ ޤުރްއާނާ އެއްފަދަ ފޮތެއް، ނުވަތަ އެއާ އެއްފަދަ ސޫރަތެއްހާ ހިސާބުވެސް ގެނައުމަށް އެކަލާނގެވަނީ މީގެ ސާދަ ޤަރުނު ކުރިން ފެށިގެން އިންސާނިއްޔަތަށް ގޮންޖައްސަވާފައިއެވެ. ދެން އެމީހުން އެކަމަށް ނުކުޅެދުނެވެ. އަދިއަދާ ހަމައަށްވެސް، ބަލާޣާތްތެރިކަމާއި، ފަޞާޙާތްތެރި ބަޔާނާއި، އިޢުޖާޒާއި، ތަޝްރީޢު ކުރުމުގައި (ޝަރީޢަތް ކަނޑައެޅުމުގައި) އެ ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އެ ގޮންޖެއްސެވުންވަނީ ޤާއިމުވެގެންނެވެ. އެއާއެކުވެސް ވޭތުވެދިޔަ ޒަމާންތަކުގެ ތެރޭގައި، އެ ޤުރްއާނާ އެއްފަދަ ނުވަތަ (ކުޑަމިނުން) އެއާ ކައިރިކުރާ އެއްޗެއްވެސް ގެންނަން އެކަކުވެސް ކުޅަދާނަނުވެއެވެ. ޤުރްއާނުގެ އިޢުޖާޒުވަނީކީ ހަމައެކަނި، ފަޞާޙާތްތެރިކަމާއި ބަޔާންކުރުމުގެ ކުންނަށް ފޯރާފައިވާ އެ ފޮތުގެ ބަހުރުވާގައި އެކަންޏެއް ނޫނެވެ. ކިއެއްތަ، އެއީ ﷲ ގެ ބަސްފުޅުކަން ކަށަވަރުކޮށްދޭ ބުއްދީގެ އަދި ޢިލްމީ (ނުވަތަ ސައިންޓީފިކު) ދަލީލުތައްވެސް ޝާމިލުވާގޮތަށް އެކަން ދެމިގެންވެއެވެ. ކީރިތި ޤުރްއާނަކީ ﷲ ގެ ބަސްފުޅުކަން ޘާބިތުކޮށްދޭ ސާފު ޞަރީޙަ ދަލީލުތައް އެ ފޮތުގައި އެކުލެވިގެންވާ ހިނދު؛ ދެންފަހެ ބުއްދިހުރި، ހަމަޖެހޭ ގޮތެއްކަމުގައިވާނީ: އިންސާނުން ތަދައްޚުލުވެ އަތް ބާނައިގެން އަސަރުކޮށްފައިވާ އެހެން ފޮތްތަކަށް ބަރޯސާވުމުގެ ބަދަލުގައި، އެއަށް (ޤުރުއާނަށް) އީމާންވެ، އަދި އޭގައި އައިސްފައިވާ އެއްޗަކަށް ތަބަޢަވުމެވެ.

ސަލާމަތް ބުއްދި އަހަރުމެން ގެންދަނީ: ކައުނު އުފައްދަވާ، އޭގެ ނިޒާމު ފުރިހަމަކުރެއްވި ޚާލިޤުވަންތަ އިލާހުގެ ބަސްފުޅަކީ، ޙަޤީޤަތް ދެނެގަތުމަށްވާ އެންމެ ތެދުވެރި މަޞްދަރުކަން (ބަޔާންކުރުމާ) ދިމާލަށެވެ. ބަހުގެ ގޮތުންވާ މި އިޢުޖާޒާއި، ޢިލްމީ ޙަޤީޤަތްތަކާއި، ފުރިހަމަކޮށްވާ ޝަރުޢުތަކާއި، އޭގެ އިތުރަށް ޒަމާންތަކުގެ ހިނގުމާއެކު އެ ފޮތަށް އެއްވެސް ބަދަލެއް އައުމުން ރައްކާތެރިވެގެންވާތަން އަހަރުމެންނަށް ފެންނަހިނދު؛ ފަހެ އެއީ ﷲ ގެ ބަސްފުޅުކަމަށް އެއްބަސްވެ އަމާންދިނުމުން ފިލައި ރައްކާވެވޭނެ ގޮތެއް ނެތެވެ.

އެއާ ވިދިގެން، ޤުރްއާނުގައި އައިސްފައިވާ ކަންކަމަށް އީމާންވުމަކީ ހަމައެކަނި އީމާންވުމުގެ އިޚްތިޔާރު އޮތްކަމެއް ނޫނެވެ. ކިއެއްތަ، އެއީ ޙަޤީޤަތް ހޯދުމަށްވާ ލޮޖިކާ އެއްގޮތަށް ހިނގާ، ބުއްދިހަމަޖެހޭ ޤަރާރެކެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ކީރިތި ޤުރްއާނުގައި، އަހަރުމެން ބޭކާރު ގޮތެއްގައި ނުހައްދަވާ ކަމަށް ބަޔާންކުރައްވާފައިއެވެ. އެކަލާނގެ އަހަރުމެން އުފެއްދެވިކަން ކަށަވަރީ އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައިއެވެ.

އަދި ޤުރްއާނުގައި ﷲ އަހަރުމެންނަށް ޚަބަރުދެއްވާފައިވަނީ: އަހަރުމެން ދިރިއުޅެމުން މިދާ ދުނިޔޭގެ ޙަޔާތަކީ ދާދި އަވަހަށް ނިމިދާނެ ވަޤުތީ މަރްޙަލާއެއް ކަމުގައިއެވެ. ނަމަވެސް ޙަޤީޤީ އަބަދީ ޙަޔާތްވަނީ އާޚިރަތުގައި، މުއުމިނުން ސުވަރުގެއަށް ވަންނަހިނދު އަދި ކާފަރުން ނަރަކައަށް ވަންނަހިނދުއެވެ.

ފަހެ ނެތުމުގެ ތެރެއިން އަހަރުމެން އުފެއްދެވި ޚާލިޤުވަންތަ އިލާހު، އަހަރުމެން މަރުވުމަށް ފަހު ދިރުމަށް އަނބުރާ އިޢާދަކުރައްވަން ޔަޤީނުންވެސް ކަށަކުޅަދުންވަންތައެވެ. އަދި އަހަރުމެންގެ ވަށައިގެން ކައުނުގައިވާ ﷲ ތަޢާލާގެ އާޔަތްތަކުން (ހެކިތަކާއި ޢަލާމާތްތަކުން)؛ މަރުވެފައިވާ ތަކެތި ދިރުއްވުމުގެ މައްޗަށް ﷲ ތަޢާލާގެ ނިމުމެއް އިމެއްނެތް ކުޅަދުންވަންތަކަމުގެ ދިރިހުރި މިސާލު ފެނެއެވެ. އެގޮތުން ﷲ ތަޢާލާ، ފެހި އާރޯ ގަހުން އަލިފާން ނެރުއްވާ ފަދައިން، ހިކި ހަނަފަސްބިމުން ގޮވާމާއި މޭވާ ނެރުއްވާ ފަދައިން، މަންމަގެ ބަނޑުގައި (މަނި) ތިއްކަކުން ޅަކުއްޖަކު އުފައްދަވާ ފަދައިން؛ ފަހެ މަރުވެފައިވާ މީހުން ދިރުއްވާ، ޤިޔާމަތްދުވަހު ޖަޒާދެއްވުމަށްޓަކައި އެމީހުންގެ ޤަބުރުތަކުން ނެރުއްވުމަށް، (އެންމެހައި އުނިކަމަކުން) ހުސްޠާހިރުވަންތަ، އެކަލާނގެ ކަށަކުޅަދުންވަންތަ ވެގެންވެއެވެ. ފަހެ ކޮންމެ ކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެގެންވެއެވެ. އަނިޔާވެރިޔާއާއި އަނިޔާ ލިބުނު މީހާ؛ އެއްވެސް ޙިސާބެއް ނުވަތަ ޖަޒާއެއްނެތި ޙަޔާތް ނިމިގެންދިޔުމަކީ ބޭއިންސާފާއި އަނިޔާވެރިކަމުގެ ތެރެއިންވާ ކަމެކެވެ.

ފަހަރެއްގައި މީހަކަށް ސުވާލު އުފެދިދާނެއެވެ: ހަމައެކަނި އިސްލާމްދީނަށް (ވަންނަންވީ) ކީއްވެހެއްޔެވެ؟ އެހެން ދީނަކަށް (ނުވަންނަންވީ) ކީއްވެހެއްޔެވެ؟

އިންސާނާ އެހެން ހުރިހާ މަޚްލޫޤުންނާ ތަފާތުކޮށް ފާހަގަކޮށްދޭ އެންމެ ބޮޑުކަމަކީ: ބުއްދިއެވެ. ބުއްދީގެ ވަޒީފާއަކީ ވިސްނާ ފިކުރުކޮށް، ޙަޤީޤަތްތައް ހޯދަން އުޅުމެވެ.

އިސްލާމްދީނަކީ ސަލާމަތް ބުއްދިއާއި، ސާދާ ފިޠުރަތާ އެއްބަސްވާ ދީނެކެވެ. ފަހެ ވުޖޫދުވުމާ ގުޅޭ ބޮޑެތި ސުވާލުތަކަށް އެ ދީނުން ހަމަޖެހޭ ބުއްދިއަށް ވިސްނޭ ޖަވާބުތައް ހުށަހަޅައެވެ: (އެ ސުވާލުތަކަކީ) އަހަރުމެން މިތަނުގައި މިތިބީ ކީއްވެހެއްޔެވެ؟ އަހަރުމެންގެ ދިރިއުޅުމުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ މަރުވުމަށްފަހު ވާނީ ކިހިނެއްހެއްޔެވެ؟

އިސްލާމްދީން ބިނާވެފައިވަނީ: އަޅުކަމުގައި ޚާލިޤުވަންތަ އިލާހު އެއްކައުވަންތަކުރުމަށާއި، ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމުގެ މައްޗަށެވެ. ޝަހާދަތުގެ ފުރަތަމަ ކަލިމައަކީ (ފުރަތަމަ ހެކިވުމަކީ) މިއެވެ. އަދި އެއީ އިސްލާމްދީނުގައި އީމާންކަމުގެ އަޞްލެވެ. އަދި އެ ކަލިމައިގެ މާނައަކީ ހަމައެކަނި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއް ނެތެވެ.

މި ހެކިވުމުގައި ހިމެނެނީ:

ތައުޙީދު: އެބަހީ: އެކަލާނގެއަށް ޝަރީކަކު، އަދި ދަރިކަލަކު އަދި އެއްފަދަ އެއްވެސް ފަރާތެއްނުވާ، އަޅުކަންކުރުން ޙައްޤުވެގެންވާ އިލާހަށް އީމާންވުމެވެ.

ޝިރުކުން ބަރީއަވުން: އެބަހީ: އިންސާނުން ހަދާފައިވާ ހުރިހާ ބުދުތަކާއި އިލާހުންތަކަށް އިންކާރުކުރުމެވެ.

އިސްލާމްދީން ހުރިހާ ރަސޫލުންނަށް އީމާންވުން ވާޖިބުކުރެއެވެ. އެގޮތުން ﷲ ތަޢާލާ ޤުރްއާނުގައި ޚަބަރުދެއްވާފައިވާ ގޮތަށް، ޢީސާގެފާނަކީ ﷲ ގެ އަޅެއްކަމާއި އެކަލާނގެ ރަސޫލާކަމަށާއި، އަދި އެއީ ﷲ ގެ ދަރިކަލެއް ނޫންކަމަށް މުސްލިމުން އީމާންވެއެވެ. އެހެނީ ﷲ އީ މާ މަތިވެރިވަންތަ ހައިބަތު ބޮޑުވެގެންވާ ފަރާތެކެވެ. އެކަލާނގެއަށް އަންބަކު ނުވަތަ ދަރިޔަކުވުމުން އެކަލާނގެ ހުސްޠާހިރުވެގެންވެއެވެ. ފަހެ އެފަދަ ކަމަކުން އަދި އެހެން ކޮންމެ އެއްޗަކުންވެސް އެކަލާނގެ ފުދިވޮޑިގެންވެއެވެ. ﷲ ތަޢާލާ ޤުރްއާނުގައި އަހަރުމެންނަށް ޚަބަރުދެއްވާފައިވަނީ ޢީސާގެފާނަކީ ﷲ އެކަލޭގެފާނަށް އެތަކެއް މުޢުޖިޒާތްތަކެއް ދެއްވި ނަބިއްޔެއްކަމާއި، ﷲ އެކަލޭގެފާނު ފޮނުއްވީ ﷲ އަށް އެއްވެސް ޝަރީކަކު ނުލާ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަންކުރުމަށް އެކަލޭގެފާނުގެ ޤައުމަށް ގޮވާލެއްވުމަށްޓަކައިކަމެވެ. އަދި އެކަލާނގެ އަހަރުމެންނަށް ޚަބަރުދެއްވާފައިވަނީ މީސްތަކުންގެ ކިބައިން އެކަލޭގެފާނަށް އަޅުކަންކުރުމަށް ޢީސާގެފާނު އެދިވަޑައިނުގަންނަވާކަމަށެވެ. ކިއެއްތަ، ޚުދު އެކަލޭގެފާނު އަޅުކަންކުރައްވަމުން ގެންދެވީ އެކަލޭގެފާނު ހެއްދެވި ފަރާތަށެވެ. ފަހެ ތިބާއީ ﷲ ލޯބިވެވޮޑިގަންނަވާ ގޮތަށް ޙަޤީޤަތުގައިވެސް ޢީސާގެފާނަށް އީމާންވާ މީހެއްކަމުގައި ވާން ބޭނުންނަމަ؛ ފަހެ ތިބާގެ މައްޗަށްވަނީ އިސްލާމްދީނަށް ވަނުމެވެ.

އަދި ﷲ ޤުރްއާނުގައި އަހަރުމެންނަށް ޚަބަރުދެއްވާފައިވަނީ: ޢީސާގެފާނު އެކަލޭގެފާނުގެ ޤައުމަށް އަމުރުކުރެއްވީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށްކަމެވެ. އަދި އެކަލޭގެފާނު ޝިރުކާމެދު އެމީހުންނަށް އިންޛާރުދެއްވިކަމެވެ.

ބުއްދިއެއް ހުރި މީހަކު، އޭނާފަދައިން؛ ބަނޑުހައިވެ، ކަރުހިއްކައި، އަދި އަމިއްލަ ނަފްސު މަރުން ސަލާމަތްނުކުރެވޭ އަދި ގެއްލުމެއްވެސް ދުރުކޮށްނުދެވޭ، އެހެން މަޚްލޫޤަކަށް އަޅުކަންކުރުމީ ބުއްދި ހަމަޖެހޭ ކަމެއްހެއްޔެވެ!؟ އޭ އިންސާނާއެވެ! މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަކީ ކާބޯތަކެއްޗަށް ބޭނުންވާ އިންސާނަކަށްވާއިރު، އަދި އެކަލޭގެފާނު އުފެއްދެވި ޚާލިޤަށް ކުރިމަތިލައްވައިގެން އެކަލޭގެފާނު ނަމާދުކުރައްވާއިރު، ދެންފަހެ ތިބާ އެކަލޭގެފާނަށް އަޅުކަންކުރާނީ ކިހިނަކުންހެއްޔެވެ!؟ ކަލާނގެ އަމިއްލަ ނަފްސަށް ނަމާދުކުރުމަކީ ބުއްދިން ތަޞައްވަރުކުރެވޭ ކަމެއްހެއްޔެވެ!؟ މަތިވެރި މާތްކަމުގެ ޞިފަ ލިބިގެންވާ، ފުރިހަމަކަމުގައި ދެވަނައެއްނެތް ފަރާތްކަމުގައި، ވައްތަރުވެ އެއްފަދަވާ އެއްވެސް ފަރާތެއްވުމުން ހުސްޠާހިރުވެގެންވާ، އަދި ކައުނުގައިވާހާ އެއްޗެއް އެފަރާތުގެ ކުޅަދުންވަންތަކަމާއި ބާރުގެ ދަށުގައިވާ ފަރާތަކީ ﷲ ނޫންހެއްޔެވެ!؟ އުޑުތަކާއި ބިން އުފެއްދެވި ޚާލިޤު، ކުޑަކުއްޖެއްގެ ގޮތުގައި އުފަންވެ، ދެން ޚަލްޤުތަކުން އެކަލާނގެ ޞަލީބަށް އެރުވުމަށް އަމިއްލަ ނަފްސުފުޅު ހަވާލުކުރައްވާ ހިސާބަށް އެކަލާނގެ ތިރިވެ ދަށްވުން ބުއްދިކުރެވޭނީ ކިހިނަކުންހެއްޔެވެ!؟ ހަމަކަށަވަރުން ޞަލީބަށް އެރުވި ޤަތުލުކުރެވޭ މީހުންނަކީ: ފަނާވަނިވި އިންސާނުންނެވެ. ދެންފަހެ ޚާލިޤުވަންތަ އިލާހު ދަންނައެވެ! އެކަލާނގެއީ މަރުވުމެއްނެތި ދިރިދެމިވޮޑިގެންވާ، އަދި ނިދިޖެހުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް ނެތި، އަބަދަށް ޤާއިމުވެވޮޑިގެންވާ ފަރާތެވެ. ފަހެ އެކަލާނގެ މާތްކަމާއި ޤަދަރުވެރިކަމުގެ ފުރިހަމަކަމުގެ ތެރޭގައި: މިފަދަ ކަންކަމުން އެކަލާނގެ ހުސްޠާހިރުވެގެންވުން ނުވޭހެއްޔެވެ؟

ކީރިތި ޤުރްއާނުގައި ﷲ އަހަރުމެންނަށް ޚަބަރުދެއްވާފައިވަނީ: ހުރިހާ ރަސޫލުންވެސް ވަޑައިގެންނެވީ އެއް ރިސާލަތަކާގެން ކަމުގައިއެވެ. އޭގެ ޚުލާޞާއަކީ: އެއްވެސް ޝަރީކަކު ނުލައި ﷲ އަށް އެކަނި އަޅުކަންކުރުމަށް، އެބޭކަލުންގެ ޤައުމުތަކަށް ގޮވާލެއްވުމެވެ. ނަމަވެސް ޒަމާން ފާއިތުވީ ވަރަކަށް ބައެއް މީހުން، ދެމިގެންވި މި ރިސާލަތު ބަދަލުކޮށް އޮޅުވާލިއެވެ. އަދި ނަބިއްޔުން އެކަމަކާގެން ވަޑައިގެންނެވި ތައުޙީދުގެ ނޫރުގެ އަލިކަން ދުއްވާލާ ގެއްލުވާލިއެވެ. ދެންފަހެ ﷲ އެންމެ ފަހުގެ ރަސޫލާ މުޙައްމަދު ﷺ ފޮނުއްވާ، އެކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި އެންމެހާ ރަސޫލުން ގެންނެވި ތައުޙީދުގެ ރިސާލަތު އާކުރެއްވުމަށްޓަކައި އެކަލޭގެފާނުގެ މައްޗަށް ކީތިރި ޤުރްއާން ބާވައިލެއްވިއެވެ.

އޭ އިންސާނާއެވެ! ނިންމާލަމުން އަހަރެން ބުނާނީ:

ހަމަކަށަވަރުން އިސްލާމްދީނަކީ ބުއްދިއާއި ފިޠުރަތުގެ ދީނެވެ. އަދި މަތިވެރިވަންތަ ޚާލިޤުވަންތަ އިލާހު، އިންސާނުންނަށް ޝަރުޢުކޮށްދެއްވި ހަމައެކަނި ދީންވެސްމެއެވެ. އެހެންކަމުން ބުއްދި ސަލާމަތުންހުރި ކޮންމެ އިންސާނަކު އިސްލާމްދީނަށް ވަނުމަށް އަވަސްވާންޖެހެއެވެ. އެއީ ﷲ އީ ރައްބުކަމުގައި، އަދި އިސްލާމްދީނަކީ ދީން ކަމުގައި، އަދި މުޙައްމަދުގެފާނީ ރަސޫލާ ކަމުގައި އީމާންވެގެންނެވެ. މިއީ އެއްވެސް އިންސާނަކަށް އޭގައި ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އޮތްކަމެއް ނޫނެވެ. އެހެނީ އޭނާ ރަސޫލުންނަށް ދިން ޖަވާބަކީ ކޮބައިކަމާމެދު ޤިޔާމަތްދުވަހު ﷲ އޭނާއާ ސުވާލުކުރައްވާނެއެވެ. ދެންފަހެ އޭނާއީ މުއުމިނެއްނަމަ ފަހެ އޭނާއަށް ކާމިޔާބާއި ބޮޑުވެގެންވާ ނަޞީބުވެއެވެ. އޭނާއީ ކާފަރެއްނަމަ ފަހެ އޭނާއަށްވަނީ ބަޔާންވެގެންވާ ގެއްލުމާއި ހަލާކެވެ.

ތިބާ ދުނިޔެމަތީގައި ޙަޤީޤީ އުފާވެރިކަމާއި، އާޚިރަތުގެ ކާމިޔާބު ހޯދަން އެދޭނަމަ؛ ފަހެ ތިބާ ދަންނަންވީ ކަމަކީ: ތިބާގެ ޙަޔާތުގައި ތިބާއަށް ނިންމޭނެ އެންމެ ބޮޑު ނިންމުމަކީ އިސްލާމްދީނަށް ވަނުންކަމެވެ. އީމާންވާ ތެދުވެރި ހިތަކާގެން އަންނަނިވި ކަލިމަތައް ކިޔާލުން ފިޔަވައި އެހެން ކަމެއް ތިބާގެ މައްޗަކަށް ނެތެވެ. (أشهد أن لا إله إلا الله . وأشهد أن محمدًا رسول الله) އެވެ. މާނައީ: "ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް އަޅު ހެކިވަމެވެ." ދެން އެއަށްފަހު ތިބާގެ ދީން އުނގެނި، އަދި ޝަހާދަތުގެ ދެ ކަލިމަ ވާޖިބުކުރާ ކަންތައް ކަމުގައިވާ: ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވުމާއި، އިސްލާމްކަމުގެ ރުކުންތަކުގައި ލާޒިމްވެ ހިފަހައްޓައިގެން ހުރުމުގެ މައްޗަށް ޢަމަލުކުރަން ފަށާށެވެ.

މިހާރުން މިހާރަށް އެ ކަލިމަ ކިޔާށެވެ. އަދި ފަސްނުޖެހޭށެވެ. އެހެނީ ކުއްލިއަކަށްވެސް މަރު އައިސްދާނެއެވެ. އެހެންކަމުން މިހާ އަހައްމިއްޔަތުކަން ބޮޑު ޤަރާރެއް ލަސްނުކުރާށެވެ. ހެޔޮކަމުން ބުރަޖައްސަން ޝައިޠާނާއަށް ތިބާ ފުރުސަތު ނުދޭށެވެ. ހިތްވަރުގަދަ ކެރޭ މީހަކަށްވާށެވެ. އަދި ނޫރާއި ހިދާޔަތަށްވާ މަގަށް ދިޔުމަށް ފަށާށެވެ.

މިހާރުން މިހާރަށް ތިބާގެ ޤަރާރު ނިންމާށެވެ! އަދި ހިތްހަމަޖެހުމާއި ރުހުމުން ފުރިގެންވާ އާ ޙަޔާތެއް ފަށާށެވެ.

"أشهد أن لا إله إلا الله، وأشهد أن محمدًا رسول الله މާނައީ: "ﷲ މެނުވީ ޙައްޤު ގޮތުގައި އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް އަހަރެން ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަހަރެން ހެކިވަމެވެ."