Filter results
279 cards
الموضوعات
التصنيف الشرعي
Filter ▾
حجم المحتوى4
ޖ: 1. އަހަރެންނަށް ވޭނެއް އިޙްސާސް ކުރެވޭ ވަޤުތު؛ އަހަރެންގެ ކަނާތް އެތަނުގައި ބާއްވާ، ތިން ފަހަރު «بسم الله» ކިޔަމެވެ. އަދި ހަތްފަހަރު މިހެން ކިޔަމެވެ: «أعوذ بعزة الله وقدرته من شر ما أجد وأحاذر» (މާނައީ: އަހަރެންނަށް މި ފެންނަ އަދި ބިރުގަންނަ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޢިއްޒަތާއި ޤުދުރަތްޕުޅުން އެދެމެވެ.)
- އަދި ﷲ މިންވަރު ކުރައްވާ ކަންކަމަށް އަހަރެން ރުހި ކެތްތެރިވަމެވެ.
އުންމު އަލްޢަލާއު رضي الله عنها ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ: "އަހަރެން ބަލިވެ އުޅެނިކޮށް ﷲ ގެ ރަސޫލާ ﷺ އަހަރެންގެ ގާތަށް ޒިޔާރަތްކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ:
“އޭ އުންމުލް ޢަލާއު އެވެ! އުފާކުރާށެވެ! ފަހެ މުސްލިމަކު ބަލިވެއްޖެނަމަ އަލިފާނުން ރަނާއި ރިހީގެ ދަގޫ ފިލުވާލާ ގޮތަށް، ﷲ އޭނާގެ ކުށްފާފަތައް ފިއްލަވައެވެ."
ރިވާކުރެއްވީ އަބޫ ދާވޫދެވެ.
- ބަލިވެއުޅޭ އަހަރެންގެ އަޚާއަށް ޒިޔާރަތްކުރުމަށް އަހަރެން އަވަސްވެގަންނަމެވެ. އަދި އޭނާއަށް ހެޔޮދުޢާކޮށްދެމެވެ. އަދި އަހަރެން އޭނާއާއެކު މާ ގިނައިރު އިށީނދެގެން ނީންނަމެވެ.
- އޭނާ އަހަރެންގެ ގާތުން ނޭދެނީސް އަހަރެން އޭނާއަށް ރުޤްޔާ ކޮށްދެމެވެ.
- ކެތްތެރިވެ ދުޢާކުރުމަށާއި، އޭނާއަށް ކުޅަދާނަވީ ގޮތަކަށް ޠާހިރުވެ ނަމާދުކުރުމަށް އަހަރެން އޭނާއަށް ވަޞިއްޔަތް ކުރަމެވެ.
- ބަލިމީހާއަށް ކޮށްދޭނެ ދުޢާ:
«أسأل الله العظيم رب العرش العظيم أن يشفيك» ހަތް ފަހަރު. (ބޮޑުވެގެންވާ ޢަރްޝުގެ ވެރި، މަތިވެރި މާތްވެގެންވާ ﷲ ތިބާއަށް ޝިފާދެއްވުމަށް އަހަރެން އެކަލާނގެ ޙަޟްރަތަށް އެދި ދަންނަވަމެވެ.)
ޖ: 1. ﷲ ޢައްޒަ ވަޖައްލައަށް ނިޔަތް އިޚްލާޞްތެރިކުރުން.
ޙަދީޘްގައިވެއެވެ:
“ޢިލްމުވެރިންގެ މައްޗަށް ފަޚުރުވެރިވެ މަތިވުމަށް، އަދި ބުއްދި ކޮސް މޮޔައިންނާ އަރައިރުންވެ ވާދަކުރުމަށް، އަދި މީސްތަކުންގެ މޫނުތައް އޭނާއާ ދިމާލަށް އަނބުރާލުމަށްޓަކައި ޢިލްމު އުނގެނިއްޖެ މީހާ؛ ﷲ އޭނާ ޖަހަންނަމައަށް ވައްދަވާނެތެވެ."
ރިވާކުރެއްވީ އިބްނު މާޖާއެވެ.
- އަހަރެން އުނގެނުނު ޢިލްމުގެ މައްޗަށް ޢަމަލުކުރަމެވެ.
“ހަތަރު ކަމަކާމެދު ސުވާލުވެވިއްޖައުމަށް ދާންދެން، އަޅާގެ ފައިތިލަ ޤިޔާމަތް ދުވަހު ހުރިތަނުން ހިއްލައިނުލެވޭނެއެވެ. -އޭގެ ތެރޭގައި ޛިކުރުކުރެއްވިއެވެ- އަދި އޭނާގެ ޢިލްމާމެދު، އޭނާ އެއާމެދު ޢަމަލުކުރީ ކިހިނެއްތޯ ސުވާލުވެވިއްޖައުމަށް ދާންދެނެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އައްދާރިމީއެވެ.
- މުދައްރިސްގެ ޙާޟިރުގައި އަދި ނެތްތަނުގައިވެސް މުދައްރިސަށް ޤަދަރުކޮށް އިޙްތިރާމްކުރަމެވެ.
- އަދަބުވެރިކަމާއެކު އަހަރެން އޭނާގެ ކުރިމަތީގައި އިށީންނަމެވެ.
- އަހަރެން އޭނާގެ ވާހަކަ ރަނގަޅަށް ކަނުލައި އަޑުއަހަމެވެ. އަދި އޭނާ ފިލާވަޅު ކިޔާދޭއިރު ވާހަކަ މެދުކަނޑާ ނުލަމެވެ.
- ސުވާލު ކުރާއިރު އަދަބުވެރިވަމެވެ.
- އަހަރެން އޭނާއަށް އޭނާގެ ނަމުން ނުގޮވަމެވެ.
"ބޯ ނުރަވެފައިހުރި މުސްކުޅި މުސްލިމަކަށް، އަދި ޤުރްއާން އުފުލާ މީހާއަށް (އެބަހީ: ޤުރްއާން ދަސްކޮށް އުނގެނިފައި ހުރި މީހަކަށް) ކަމޭހިތާ ޤަދަރުކުރުމީ؛ ﷲ އަށް ޤަދަރުކޮށް މާތްކޮށް ހިތުމުގެ ތެރޭގައިވާ ކަމެކެވެ."
ރިވާކުރެއްވީ އަބޫ ދާވޫދެވެ.
ޖ: 1. މަޖްލީހުގެ އަހުލުވެރިންނަށް އަހަރެން ސަލާމްކުރަމެވެ.
- އަހަރެން އިށީންނަނީ މަޖްލީހުން އަހަރެންނަށް ދެވުނު ހިސާބެއްގައިއެވެ. އެއްވެސް މީހަކު އިށީންދެގެން އިންތަނުން އަހަރެން ނުނަގަމެވެ. ނުވަތަ ހުއްދަ ހޯދައިގެން މެނުވީ ދެ މީހުންގެ ދެމެދުގައި ނުއިށީންނަމެވެ.
- އެހެން މީހުން އިށީންނަން އަހަރެން ޖާގަދީ ތަން ދައްކަމެވެ.
- މަޖްލީހުގެ ވާހަކަ މެދުކަނޑާނުލަމެވެ.
- މަޖްލީސް ދޫކޮށް ދިޔުމުގެ ކުރިން އަހަރެން ހުއްދަ ހޯދާ ސަލާމްކުރަމެވެ.
ފަހެ އިބްނު ޢުމަރު رضي الله عنهما ނަބިއްޔާ ﷺ ގެ އަރިހުން ރިވާކުރެއްވިއެވެ:
"މީހަކު އިށީންދެގެން އިންތަނުން ތެދުކުރުމަށްފަހު، އެހެން މީހަކު އެތަނުގައި އިށީންނުން އެކަލޭގެފާނު ނަހީކުރެއްވިއެވެ. ނަމަވެސް ތިޔަބައިމީހުން ޖާގަހަދައި ތަނަވަސްކުރާށެވެ."
ރިވާކުރެއްވީ އަލްބުޚާރީއެވެ.
ޙަދީޘްގައިވެއެވެ:
“ތިޔަބައިމީހުންގެ ތެރެއިން މީހަކު މަޖްލީހަށް އަތުވެއްޖެނަމަ ސަލާމް ގޮވާށެވެ. ދެން އޭނާ ތެދުވެގެން ދާން ޤަޞްދުކުރާހިނދުވެސް ސަލާމްކުރާހުށިކަމެވެ. ފަހެ ފުރަތަމަ ސަލާމް ވަކި ފަހު ސަލާމަށްވުރެ ޙައްޤުކަން ބޮޑެއް ނޫނެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
- މަޖިލިސް ނިމުމުން އަހަރެން މަޖްލީހުގެ ކައްފާރާ ދުޢާ ކިޔަމެވެ. އެއީ:
«سبحانك اللهم وبحمدك، أشهد أن لا إله إلا أنت، أستغفرك وأتوب إليك». (އިބައިލާހު ހުސްޠާހިރުވަންތައެވެ. އޭ ﷲ އެވެ. އިބައިލާހަށް ޙަމްދުކުރުމާ އެކުގައިއެވެ. އިބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބައިލާހުގެ ޙަޟްރަތުން އަޅު ފާފަފުއްސެވުމަށް އެދެމެވެ. އަދި އިބައިލާހަށް ތައުބާވަމެވެ.)
ޖ: 1. އަހަރެން އަވަހަށް ނިދަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
އަބޫ ބަރްޒާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޢިޝާ ނަމާދުގެ ކުރިން ނިދުމަށާއި، އޭގެ ފަހުން ވާހަކަދެއްކުމަށް ނުރުހިވަޑައިގަންނަވައެވެ."
ރިވާކުރެއްވީ އަލްބުޚާރީއެވެ.
- އަހަރެން ނިދަނީ ޠާހިރުކަންމަތީގައެވެ.
- އަހަރެން ބަނޑުދަށަށް އޮވެގެން ނުނިދަމެވެ.
- އަހަރެން ނިދަނީ ކަނާތު ފަޅިއަށެވެ. އަދި އަހަރެންގެ ކަނާތް އަހަރެންގެ ކަނާތު ކޯތާފަތް ދަށުގައި ބާއްވަމެވެ.
- އަހަރެންގެ ތަންމަތި ފޮޅަމެވެ.
ޙަދީޘްގައިވެއެވެ:
އަލްބަރާއު ބްނު ޢާޒިބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ވިދާޅުވިއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ތިބާގެ ތަންމައްޗަށް ތިބާ އަތުވެއްޖެނަމަ؛ ފަހެ ނަމާދަށް ވުޟޫކުރާ ގޮތަށް ވުޟޫކުރާށެވެ. ދެން ތިބާގެ ކަނާތް ފަޅިއަށް އޮށޯންނާށެވެ."
އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ އަށް މީހަކު ބަންޑުން އޮއްވާ ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ:
"ހަމަކަށަވަރުން މިއީ ﷲ ލޯބިވެވޮޑިގެން ނުވާ އޮށޯތުމެކެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އަޙްމަދެވެ.
އަދިވެސް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ތިޔަބައިމީހުންކުރެ މީހަކު ތަންމައްޗަށް ގޮސްފިނަމަ؛ ފަހެ އޭނާގެ ހެދުމުގެ އެތެރެބައިން ތަންމަތި ފޮޅާލާހުށިކަމެވެ. އެހެނީ އޭނާ އެތަނަށް (ކުރީ ރޭ) ފަހަތަށް ދޫކޮށްފައި ދިޔައީ ކޮން އެއްޗެއްކަން ނޭނގެއެވެ."
- ނިދުމުގެ ޛިކުރުތައް ކަމުގައިވާ: އާޔަތުލް ކުރްސީ، ސޫރަތުލް އިޚްލާސް، އަދި އަލްމުޢައްވިޛަތައިނި (ފަލަޤި ނާސް ސޫރަތް) ތިން ފަހަރު ކިޔަވަމެވެ. އަދި އަހަރެން މިހެން ކިޔަމެވެ:
«باسمك اللهم أموت وأحيا». "އޭ ﷲ އެވެ! މިއަޅާ މަރުވަނީ އަދި މިއަޅާ ދިރެނީވެސް އިބަ އިލާހުގެ އިސްމުފުޅުންނެވެ."
- ފަތިސް ނަމާދަށް އަހަރެން ހޭލަމެވެ.
- އަދި ހޭލުމަށްފަހު އަހަރެން މިހެން ކިޔަމެވެ:
«الحمد لله الذي أحيانا بعدما أماتنا وإليه النشور». (އަހަރުމެން މަރުގެންނެވުމަށް ފަހު ދިރުއްވި ﷲ އަށް ޙަމްދުހުއްޓެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.)
ޖ: 1. ކެއުމާއި ބުއިމުން އަހަރެން ނިޔަތް ގަންނަނީ ﷲ ޢައްޒަ ވަޖައްލައަށް ކިޔަމަންތެރިވެ ހެޔޮ ޢަމަލުކުރުމަށް ނަފްސު ވަރުގަދަކުރުމެވެ.
- ކެއުމުގެ ކުރިން ދެ އަތްދޮވުން.
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ: ﷲ ގެ ރަސޫލާ ﷺ:
"އެކަލޭގެފާނު ފަރީއްކުޅުވުމަށް އަދި ބުއިން ހިއްޕެވުމަށް ޤަޞްދުކުރައްވާހިނދު؛ ދެ އަތްޕުޅު ދޮންނަވައެވެ. ދެން ފަރީއްކުޅުވާ، ހިއްޕަވައެވެ."
ރިވާކުރެއްވީ އަޙުމަދެވެ.
- އަހަރެން "بسم الله" ކިޔަމެވެ. އަދި އަހަރެން ކަނީ އަހަރެންގެ ކަނާތުން، އަދި އަހަރެންނާ ގާތަށްވީ ފަޅިން ކަމެވެ. އަދި ތަށީގެ މެދުތެރެއިން، ނުވަތަ އެހެން މީހުންގެ ކުރިމަތީގައި ހުރި ކާތަކެތި ނުކަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
“އޭ ކޮއެފުޅާއެވެ! ﷲ ގެ އިސްމުފުޅު ގަނެ ބިސްމި ކިޔާށެވެ. އަދި ތިބާގެ ކަނާތުން ކާށެވެ. އަދި ތިބާއާ ކައިރީގައިވީ ފަޅިން ކާށެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ބިސްމި ކިޔަން ހަނދާން ނެތިއްޖެނަމަ އަހަރެން މިހެން ކިޔަމެވެ: " بسم الله أوله وآخره ".
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ. އެކަމަނާ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
“ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާއެއްޗެއް ކާނަމަ، باسم الله ކިޔާށެވެ. އަދި ފަށައިގަތުމުގައި އެހެން ކިޔަން ހަނދާންނެތިއްޖެނަމަ، باسم الله في أوله وآخره ކިޔާށެވެ.”
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އަޙްމަދެވެ.
- ލިބިފައިވާ ކާނާއަށް އަހަރެން ރުހެމެވެ. އަދި ކާބޯތަކެއްޗަށް ފާޑުނުކިޔަމެވެ. އަހަރެންނަށް ކަމުދާނަމަ ކަމެވެ. ކަމުނުދާނަމަ ދޫކޮށްލަމެވެ.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ:
"ނަބިއްޔާ ﷺ ދުވަހަކުވެސް ކާއެއްޗަކަށް ޢައިބެއް ވިދާޅެއްނުވެއެވެ. އެކަލޭގެފާނު އެ އެއްޗަކަށް ހިތްޕުޅު ހަމަޖެހޭނަމަ ފަރީކުޅުއްވައެވެ. ނޫންނަމަ ދޫކޮށްލައްވައެވެ."
- އަހަރެން ކަނީ މަދު ސުވާކޮޅެކެވެ. އަދި އެހާ ގިނައިން ނުކަމެވެ.
ޙަދީޘްގައިވެއެވެ:
“އާދަމުގެ ދަރިޔާ، ބަނޑަށް ވުރެ ނުބައި ކަންވާރެއް ނުފުރައެވެ. އާދަމުގެ ދަރިޔާގެ މައިބަދަ ސީދާކޮށްލެވޭ ވަރަށް ސުވާކޮޅެއް އޭނާއަށް ފުދިގެންވެއެވެ. ދެން ނަފްސު، އާދަމުގެެ ދަރިޔާގެ މައްޗަށް ގަދަވެ (އެވަރުން ހިތްހަމަ ނުޖެހި އިތުރުކުރަން ބޭނުންވެއްޖެނަމަ)، ފަހެ ކެއުމަށް ތިންބައިކުޅަ އެއްބައެވެ. އަދި ބުއިމަށް ތިންބައިކުޅަ އެއްބައެވެ. އަދި ނޭވާލުމަށް ތިންބައިކުޅަ އެއްބައެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.
- ކާތަކެއްޗަށް ނުވަތަ ބުއިންތަކަށް އަހަރެން ނުފުމެވެ. ހިހޫވާންދެން އަހަރެން އެ ބަހައްޓަނީއެވެ.
"ކާބޯތަކެއްޗަށް ފުމުން، ﷲ ގެ ރަސޫލާ ﷺ ނަހީކުރެއްވިއެވެ."
ރިވާކުރެއްވީ އަޙްމަދު އަދި އިބްނު މާޖާއެވެ.
- ކެއުމުގައި އަހަރެން އެހެން މީހުންނާ އެއްތަންވަމެވެ. ޢާއިލާ ނުވަތަ މެހުމާނަކު ބައިވެރިކޮށްގެންނެވެ.
މީހަކު ނަބިއްޔާ ﷺ އަށް ދެންނެވިއެވެ: "އަހަރުމެން ކައިކައިވެސް ބަނޑެއް ނުފުރެއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
"ފަހަރެއްގައި ތިޔަބައިމީހުން ކަނީ ވަކިވަކިން ތިބެގެންކަމަށް ވެދާނެއެވެ. ތިޔަބައިމީހުން ކާބޯތަކެއްޗަށް ޖަމާޢަތް ހަދާފައި އެއްތަންވާށެވެ. އަދި ﷲ ތަޢާލާގެ އިސްމުފުޅު އޭގެ މައްޗަށް ނަންގަަންނާށެވެ. އޭރުން ތިޔަބައިމީހުންނަށްޓަކައި އޭގައި ބަރަކާތް ލެއްވޭނެއެވެ."
ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއެވެ.
- އަހަރެންނަށް ވުރެ ޢުމުރުން ދުވަސްވީ އެހެން މީހެއްގެ ކުރިން އަހަރެން ކާން ނުފަށަމެވެ.
- އަހަރެން ބޯއިރު ﷲ ގެ އިސްމުފުޅު ކިޔަމެވެ. އަދި އަހަރެން ބޮނީ އިށީންދެގެން އިނދެ، ތިންފަހަރު މަތިންނެވެ. އަދި ތަށީތެރެއަށް އަހަރެން ނޭވާ ނުލަމެވެ.
“ތިޔަބައިމީހުންގެ ތެރެއިން މީހަކު ބޯނަމަ،ފަހެ ކަންވާރު ތެރެއަށް ނޭވާ ނުލާށެވެ.”
އަދި އަނަސް رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ:
"ނަބިއްޔާ ﷺ، ކޮޅަށްހުރެގެން ބުއިން މަނާކުރެއްވިއެވެ."
ރިވާކުރެއްވީ މުސްލިމެވެ.
އަދި މި ޙަދީޘަށްޓަކައިއެވެ:
"ﷲ ގެ ރަސޫލާ ﷺ ބުއިން ހިއްޕަވަނީ ތިން ނޭވާއިންނެވެ."
- އަހަރެން ކެއުން ނުވަތަ ބުއިން ނިމުމުން ﷲ އަށް ޙަމްދުކުރަމެވެ.
“ކާއެއްޗެއް ކައިގެން އެކަމުގެ މައްޗަށް ﷲ އަށް ޙަމްދުކުރުމަށް، ނުވަތަ ބުއިމެއް ބޮއެ އެކަމުގެ މައްޗަށް އެކަލާނގެއަށް ޙަމްދު ކުރުމަށް، އަޅާއަށް އެކަލާނގެ ރުއްސަވަތެވެ."
ޖ: 1. އަހަރެންގެ ހެދުން އަޅަން ފަށަނީ ކަނާތްފަޅީންނެވެ. އެކަމަށްޓަކައި الله އަށް ޙަމްދުކުރަމެވެ.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ތިޔަބައިމީހުން ހެދުންލާއިރު، އަދި ތިޔަބައިމީހުން ވުޟޫކުރާއިރު؛ ތިޔަބައިމީހުންގެ ކަނާތްފަޅިން ފަށާހުށިކަމެވެ."
ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.
- ދެ ތަނބިކަށިން ތިރިއަށްދާ ގޮތަށް އަހަރެން ހެދުން ދިގު ނުކުރަމެވެ.
ޙަދީޘްގައިވެއެވެ:
"އިޒާރުން (އުނަގަނޑުން ތިރިއަށް ހުންނަ ހެދުމުން)، ދެ ތަނބިކަށިން ތިރިއަށް ހުންނަބައި ވަނީ ފަހެ ނަރަކާގައިއެވެ."
ރިވާކުރެއްވީ އަލްބުޚާރީއެވެ.
الكعبان (ދެ ތަނބިކަށްޓަކީ): ފައިތިލައިގެ ދެ ފަރާތުން ނިކުމެފައިވާ ދެ ކަށިގަނޑެވެ.
- ފިރިހެން ކުދިން އަންހެން ކުދިންގެ ހެދުން ލައިގެން ނުވާނެއެވެ. އަދި އަންހެން ކުދިން ފިރިހެން ކުދިންގެ ހެދުން ލައިގެން ނުވާނެއެވެ.
“އަންހެނުންގެ ހެދުން އަޅާ ފިރިހެނާއާއި، ފިރިހެނުންގެ ހެދުން އަޅާ އަންހެނާއަށް ﷲ ގެރަސޫލާ ﷺ ލަޢުނަތް ލެއްވިއެވެ.”
- ކާފަރުން ނުވަތަ ފާސިޤުން ލައިއުޅޭ ހެދުމާ އެއްގޮތް ނުވުމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"ބަޔަކު މީހުންނާ ވައްތަރުވެއްޖެ މީހާވަނީ ފަހެ އެބަޔަކުގެ ތެރެއިންނެވެ."
ރިވާކުރެއްވީ އަބޫ ދާވޫދެވެ.
- ހެދުން ބާލާއިރު ބިސްމި ކިޔުމެވެ.
"އާދަމުގެ ދަރީންގެ ޢައުރަތަކާއި، ޖިންނީންނާ ދެމެދުވާ ނިިވަލަކީ: ތިޔަބައިމީހުންކުރެ މީހަކު ހެދުން ބާލާއިރު ބިސްމި ﷲ ކިޔުމެވެ."
ރިވާކުރެއްވީ އައްޠަބަރާނީ އަދި އިބްނު އަބީ ޝައިބާއެވެ.
- ފައިވާނަށް އަރާއިރު ފުރަތަމަ ކަނާތު ކިބައަށް އެރުމެވެ. އަދި ބާލާއިރު ފުރަތަމަ ވައަތު ކިބަ ބޭލުމެވެ.
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ. އެކަމަނާ ވިދާޅުވިއެވެ:
"ނަބިއްޔާ ﷺ ފައިވާން ތުރުކުރެއްވުމާއި، ފުނާއެޅުއްވުމާއި، ޠާހިރުވެލެއްވުމާއި އަދި އެކަލޭގެފާނުގެ ހުރިހާ ކަމެއްގައިވެސް ކަނާތް ފަރާތް އިސްކުރެއްވުމަށް ހިތްޕުޅާކުރައްވައެވެ."
ޖ: 1. އަހަރެން (ސަވާރުވާހިނދު) «بسم الله، الحمد لله» ބުނަމެވެ،
﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ. (މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާ ޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ޙުސްޠާހިރުވަންތަކަމާއެވެ!)
وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ.﴾ (އަދި އަޅަމެން އެނބުރި ދިޔުންވަނީ އަޅަމެންގެ ރައްބުގެ ޙަޟްރަތަށެވެ.)
[އައްޒުޚްރުފު: 13-14]
- އަހަރެން މުސްލިމެއްގެ ކައިރިން ލާފައި ދާއިރު؛ އެމީހާއަށް ސަލާމް ކުރަމެވެ.
ޖ: 1. އަހަރެންގެ ހިނގުމުގައި މެދުމިންވެ، ހިތްތިރިކޮށް ތަވާޟަޢުވެރިވަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ.)
[އަލްއިސްރާއު: 57]
- އަހަރެންނާ ސަލާމްކުރާ މީހަކަށް ސަލާމްކުރަމެވެ.
ނަބިއްޔާ ﷺ އާ ސުވާލުކުރެވުނެވެ: "އިސްލާމްކަމުން އެންމެ ހެޔޮވެގެންވަނީ ކޮންކަމެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ:
“ތިބާ މީސްތަކުންނަށް ކާންދިނުމެވެ. އަދި ތިބާ ދަންނަ މީހުންނާއި ނުދަންނަ މީހުންނާވެސް ސަލާމްކުރުމެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- އަހަރެންގެ ބެލުން ތިރިކުރަމެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުދެމެވެ.
- އަހަރެން ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރަމެވެ.
ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައިވެއެވެ:
“ފަހެ މަގަށް އޭގެ ޙައްޤު ތިޔަބައިމީހުން ދޭށެވެ." އެބޭކަލުން ދެންނެވިއެވެ: "މަގުގެ ޙައްޤަކީ ކޮބައިތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ބެލުން ތިރިކުރުމާއި، އުނދަގޫކުރުމުން ދުރުވުމާއި، ސަލާމަށް ޖަވާބުދިނުމާއި، ހެޔޮކަމަށް އަމުރުކުރުމާއި، މުންކަރާތް ނަހީކުރުމެވެ."
- މަގުގައި ހުންނަ އުނދަގޫވާ ކަހަލަ ތަކެތި އަހަރެން އެއްފަރާތްކުރަމެވެ.
ޙަދީޘްގައިވެއެވެ:
“މަގުމަތިން ގެއްލުން ހުރި އެއްޗެހި ދުރުކުރުމަކީ ޞަދަޤާތެކެވެ."
ޖ: 1. އަހަރެން ނިކުންނަނީ ވާތު ފައިތިލަ އަޅަމުންނެވެ. އަދި މިހެން ކިޔަމެވެ:
«بسم الله، توكلت على الله، لا حول ولا قوة إلا بالله، اللهم إني أعوذ بك أن أضل أو أضل، أو أزل أو أزل، أو أظلم أو أظلم، أو أجهل أو يجهل عليَّ». (الله ގެ ނަންފުޅުން އަޅު ފަށަމެވެ. الله އަށް ހުރިހާ ކަމެއް އަޅު ހަވާލުކޮށް ވަކީލުކުރަމެވެ. އެއްވެސް އާރަކާއި ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. އޭ ﷲ އެވެ! ހަމަކަށަވަރުން (އެހެން މީހުން) މަގުފުރެއްދުމުން ނުވަތަ މަގުފުރެދިގެން ދިއުމުން، ނުވަތަ ކައްސުވާލުމާއި ނުވަތަ ކައްސާލެވުމުން، ނުވަތަ އަނިޔާވެރިވުމުން ނުވަތަ އަނިޔާ ލިބުމުން، ނުވަތަ ޖާހިލުކޮށް އުޅުމާއި ނުވަތަ މިއަޅާއާ ދެކޮޅަށް ޖާހިލުކޮށް ކަންތައް ކުރެވުމުން އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.)
- އަހަރެން ގެއަށް ވަންނަނީ ކަނާތު ފައި އިސްކުރަމުންނެވެ. އަދި މިހެން ކިޔަމެވެ:
«بسم الله ولجنا، وبسم الله خرجنا، وعلى ربنا توكلنا». (ﷲ އިސްމުފުޅުން އަހަރުމެން ވަންނަމެވެ. އަދި ﷲ ގެ އިސްމުފުޅުން އަހަރުމެން ނިކުންނަމެވެ. އަދި އަހަރުމެންގެ ވެރި ރައްބަށް އަހަރުމެން ވަކީލުކުރަމެވެ.)
- އަދި އަހަރެން ފަށަނީ ސިވާކުކޮށް ދަތް އުނގުޅައިގެންނެވެ. ދެން ގޭގެ އަހުލުވެރިންނާ ސަލާމްކުރަމެވެ.
ޙަދީޘްގައިވެއެވެ:
“އެކަލޭގެފާނު ގެއަށް ވަދެވަޑައިގެންފިނަމަ ފައްޓަވަނީ ސިވާކުކޮށް ދަތް އުނގުޅުއްވުމުންނެވެ."
ރިވާކުރެއްވީ އިބްނު މާޖާއެވެ.
ޖ: 1. އަހަރެން ޤަޟާ ޙާޖާކުރަން ވަންނަނީ ވާތު ފައި އިސްކޮށްގެންނެވެ.
- އަދި ވަނުމުގެ ކުރިން އަހަރެން މިހެން ކިޔަމެވެ:
«بسم الله، اللهم إني أعوذ بك من الخبث والخبائث». (ﷲ ގެ ނަންފުޅުންނެވެ. އޭ ﷲ އެވެ. ފިރިހެން ޝައިޠާނުންނާއި އަންހެން ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އިބަ އިލާހުގެ ޙަޟްރަތަށް އެދިދަންނަވަމެވެ.)
- ﷲ ގެ ޛިކުރު ހިމެނޭ އެއްވެސް އެއްޗެއް އަހަރެން އެތަނަށް ނުވައްދަމެވެ.
އަނަސް رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:
“ނަބިއްޔާ ﷺ ފާޚާނާއަށް ވަދެވަޑައިގަންނަވާ ހިނދު އަނގޮޓިފުޅު ނަންގަވައެވެ.”
ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއެވެ.
- ޤަޟާ ޙާޖާކުރާ ޙާލަތުގައި އަހަރެން ނިވާވެ ފަރުދާވަމެވެ.
ޙަދީޘްގައިވެއެވެ:
"ﷲ ގެ ރަސޫލާ ﷺޤަ ޟާޙާޖާ ކުރައްވާއިރު ނިވާވުމަށް ބޭނުންކުރައްވަން އެންމެ ލޯބިކުރައްވަނީ: ބިމުން އުފުލިފައި ހުންނަ ބައެއް ނުވަތަ ކަދުރު ރުއްގަނޑެކެވެ."
ރިވާކުރެއްވީ މުސްލިމެވެ.
- ޤަޟާ ޙާޖާކުރާ ތަނުގައި އަހަރެން ވާހަކައެއް ނުދައްކަމެވެ.
- ކުޑަކަމުދާއިރު ނުވަތަ ބޮޑުކަމުދާއިރު، ޤިބްލާއަށް ކުރިމަތިލައިގެން އަދި ފުރަގަސްދީގެންވެސް އަހަރެން ނުއިންނަމެވެ.
އެއީ ނަބިއްޔާ ﷺގެ ޙަދީޘަށްޓަކައިއެވެ:
“ބޮޑުކަމުދާއިރު ނުވަތަ ކުޑަކަމުދާއިރު ޤިބްލާއާ ކުރިމަތި ނުލާށެވެ. ނަމަވެސް އިރުމަތީ ފަރާތަށް ނުވަތަ ހުޅަނގަށް ކުރިމަތިލާށެވެ.”
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ނަޖިސް ފިލުވާލުމަށް އަހަރެން ބޭނުންކުރަނީ ވައަތެވެ. އަދި ކަނާތް ބޭނުން ނުކުރަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"އަހަރުމެންގެ ކަނާތުން އިސްތިންޖާކުރުން އެކަލޭގެފާނު އަހަރުމެންނަށް ނަހީކުރެއްވިއެވެ.."
- މީހުން ހިނގާބިގާވާ މަގުގައި ނުވަތަ އެމީހުންގެ ހިޔަލުގައި އަހަރެން ޤަޟާޙާޖާ ނުކުރަމެވެ.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ.: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ލަޢުނަތް ލިބޭ ދެ ކަންތަކާމެދު ތިޔަބައިމީހުން ބިރުވެތިވެ އެއްކިބާވާށެވެ." އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ލަޢުނަތް ލިބޭ ދެކަމަކީ ކޮބައިތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "މީސްތަކުންގެ މަގުގައި، ނުވަތަ އެމީހުންގެ ހިޔަލުގައި ޤަޟާޙާޖާކުރާ މީހާއެވެ."
- ޤަޟާ ޙާޖާކުރުމަށްފަހު އަހަރެންގެ އަތް ދޮންނަމެވެ.
އެއީ ޖަރީރު رضي الله عنه ގެ ޙަދީޘަށްްޓަކައިއެވެ: (ވިދާޅުވިއެވެ) "އަހަރެން ނަބިއްޔާ ﷺ އާއެކު ހުރީމެވެ. ދެން އެކަލޭގެފާނު ގިފިއްޔަށް ވަޑައިގެން ޤަޟާ ޙާޖާކުރެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ:
"އޭ ޖަރީރެވެ! ޠާހިރު ފެން ގެންނާށެވެ!" ދެން އަހަރެން އެކަލޭގެފާނުގެ އަރިހަށް ފެން ގެނެސްދިނީމެވެ. ދެން އެކަލޭގެފާނު ފެނުން އިސްތިންޖާކުރެއްވިއެވެ. އަދި އެކަލޭގެފާނު އަތްޕުޅުން، ބިމުގައި އުނގުޅާލެއްވިއެވެ."
ރިވާކުރެއްވީ އައްނަސާއީއެވެ.
- އަހަރެން ނިކުންނައިރު ވާތުފައި އިސްކުރަމެވެ. އަދި «غفرانك» މިހެން ކިޔަމެވެ.
ޖ: 1. އަހަރެން މިސްކިތަށް ވަންނަނީ ކަނާތު ފައި އިސްކޮށްގެންނެވެ. އަދި މިހެން ކިޔަމެވެ:
«بسم الله، اللهم افتح لي أبواب رحمتك». (ﷲ ގެ އިސްމުފުޅުން އަޅު ވަންނަމެވެ. އޭ ﷲ އެވެ! އިބަ އިލާހުގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުވާދެއްވާށިއެވެ.)
- ދެ ރަކުޢަތް ނަމާދެއް ނުކޮށް އަހަރެން ނުއިށީންނަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
“ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެނަމަ ދެ ރަކުޢަތް ކޮށްފުމަށް ދާންދެން ނުއިށީންނަހުށިކަމެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ނަމާދުކުރަންތިބި މީހުންގެ ކުރިމަތިން އަހަރެން ހުރަސް ނުކުރަމެވެ. ނުވަތަ ގެއްލިފައިވާ އެއްޗެއް ހޯދަން މިސްކިތުގައި އިޢުލާނު ނުކުރަމެވެ. ނުވަތަ މިސްކިތުގައި ގަނެވިއްކާ ނުހަދަމެވެ.
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
“ނަމާދުކުރާ މީހެއްގެ ކުރިމަތިން ހުރަސްކުރާ މީހަކަށް އޭނާއަށް ހުރި ކަންތައް އެނގޭނަމަ އޭނާގެ ކުރިމަތިން ހުރަސްކުރުމަށްވުރެ ސާޅީސް ވަންދެން ހުއްޓިހުރުންވެސް މާ ރަނގަޅުވީހެވެ."
އަދި ﷲ ގެ ރަސޫލާ ﷺ ގެ މި ބަސްފުޅެވެ:
“ގެއްލިފައިވާ އެއްޗެއް ހޯދަން މިސްކިތުގައި އިޢުލާނުކުރާ މީހާގެ އަޑުއަހައިފި މީހާ އޭނާއަށް ބުނާހުށިކަމެވެ: "ﷲ އެ އެއްޗެއް ތިބާއަށް ރައްދު ނުކުރައްވާށިއެވެ." ފަހެ މިސްކިތްތަށް ބިނާކުރެވުނީ މި ކަމަށްޓަކައިއެއް ނޫނެވެ."
ރިވާކުރެއްވީ މުސްލިމެވެ.
އަދި ޙަދީޘްގައި ވެއެވެ:
“މިސްކިތުގައި މީހަކު ވިއްކާތަން ނުވަތަ ގަންނަތަން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ ބުނާށެވެ: ކަލޭގެ ވިޔަފާރިން ﷲ ފައިދާއެއް ނުކުރައްވާށިއެވެ.”
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އައްދާރިމީއެވެ.
- މިސްކިތުގެ ސާފުތާހިރުކަމަށް އަހަރެން ފަރުވާތެރިވަމެވެ.
އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ އަރިހުންވާ ޙަދީޘްގައިވެއެވެ: އެކަމަނާ ވިދާޅުވިއެވެ:
"ގޭގޭގައި މިސްކިތްތައް ބިނާކުރެވުމަށާއި، އެ ތަންތަން ސާފުކޮށް، ހުވަނދުލާ މީރުވަސްދުއްވުމަށް ﷲ ގެ ރަސޫލާ ﷺ އަމުރުކުރެއްވިއެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދާއި އަޙްމަދެވެ.
- އަހަރެން މިސްކިތުން ނިކުންނަނީ ވާއަތު ފައި އިސްކޮށްގެންނެވެ. އަދި މިހެން ބުނަމެވެ:
«اللهم إني أسألك من فضلك». "އޭ ﷲ އެވެ! އިބައިލާހުގެ ފަޟްވަންތަކަން ދެއްވުމަށް މިއަޅާ އެދި ދަންނަވަމެވެ."
ޖ: 1. އަހަރެންނާ މުސްލިމަކާ ބައްދަލުވުމުން އަހަރެން އިސްވެ ސަލާމްކުރަމެވެ. އެއީ މިހެންނެވެ: «السلام عليكم ورحمة الله وبركاته» ސަލާމްކުރުން ނޫން ކަމަކުން ނުފެށެއެވެ. އަދި ހަމައެކަނި އަހަރެންގެ އަތުން އިޝާރާތްވެސް ކޮށްނުލަމެވެ.
- އަހަރެން ސަލާމް ކުރާ މީހާގެ މޫނުމަތީ ހިނިތުންވަމެވެ.
ޙަދީޘްގައިވެއެވެ:
"ހެޔޮކަމުން އެއްވެސް ކަމެއް ތިބާ ދަށްކޮށްނުލާށެވެ. އެއީ ތިބާގެ އަޚާއާ އުފާވެރި މޫނަކާގެން ބައްދަލުކުރުންވިޔަސްމެއެވެ."
ރިވާކުރެއްވީ މުސްލިމެވެ.
- އަދި އަހަރެންގެ ކަނާތުން އޭނާއާ އަތާ އަތްޖޯޑުކުރަމެވެ.
- މީހަކު އަހަރެންނާ ސަލާމްކޮށްފިނަމަ، އެއަށްވުރެ ރަނގަޅު ސަލާމަކުން، ނުވަތަ އެފަދަ ސަލާމަކުން ޖަވާބުދެމެވެ.
އެއީ އެކަލާނގެ މިބަސްފުޅަށްޓަކައިއެވެ:
(އަދި ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކުރެވިއްޖެ ނަމަ، ފަހެ އެ އަށްވުރެ ރަނގަޅަށް، ނުވަތަ އެއާއި އެއްވަރަށް ސަލާމް ދޭށެވެ. ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.)
[އައްނިސާއު: 80]
- އަހަރެން ކާފަރުންނަށް އިސްވެ ސަލާމް ނުކުރަމެވެ. އަދި އޭނާ އަހަރެންނަށް ސަލާމްކޮށްފިނަމަ އަހަރެން ޖަވާބުދެނީ "وعليكم".އެވެ
އެއީ މި ޙަދީޘަށްޓަކައިއެވެ:
“ޔަހޫދީންނާއި ނަޞާރާއިންނަށް އިސްވެ ސަލާމް ނުކުރާށެވެ."
- ކުޑަކުއްޖާ ބޮޑުމީހާއަށް، އަދި ސަވާރުވެ ހުންނަ މީހާ ހިނގާބިނގާވެ އުޅޭ މީހާއަށް ، އަދި ހިގަމުންދާ މީހާ އިށީދެ އިންނަ މީހާއަށް ، އަދި މަދުމީހުން ގިނަ މީހުންނަށް ސަލާމްކުރާނީއެވެ.
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ސަވާރުވެ އިންނަ މީހާ ހިނގާބިގާވެ އުޅޭ މީހާއަށް ، އަދި ހިނގަމުންދާ މީހާ އިށީނދެ އިންނަ މީހާއަށް، އަދި މަދުމީހުން ގިނަ މީހުންނަށް ސަލާމްކުރާށެވެ."
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- އަންހެނާ އޭނާގެ މަޙްރަމުން ފިޔަވައި، ދެން ހުއްދަ ނުވާ މީހުންނާ އަތާ އަތްޖޯޑު ނުކުރުމެވެ.
އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ އަރިހުންވާ ޙަދީޘްގައިވެއެވެ: އެކަމަނާ ވިދާޅުވިއެވެ:
"ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ! ﷲ ގެ ރަސޫލާ ﷺ ގެ އަތްޕުޅު ދުވަހަކުވެސް (ހިލޭ) އަންހެނެއްގެ އަތުގައި ބީހިފައި ނުވެއެވެ."
ޖ: 1. ތަނަކަށް ވަނުމުގެ ކުރިން އަހަރެން ހުއްދައަށް އެދެމެވެ.
- އަހަރެން ތިން ފަހަރު ހުއްދައަށް އެދެމެވެ. އަދި އެއަށްވުރެ އިތުރެއް ނުކުރަމެވެ. އެއަށްފަހު އަހަރެން އެނބުރިދާނީއެވެ.
ޙަދީޘްގައިވެއެވެ:
“ތިޔަބައިމީހުންކުރެ މީހަކު ތިން ފަހަރު ހުއްދައަށް އެދި، ދެން ހުއްދަ ނުދެވުނުނަމަ؛ ފަހެ އެނބުރި ދާށެވެ.”
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- އަހަރެން ދޮރުގައި ޓަކި ޖަހަނީ މަޑުންނެވެ. އަދި ދޮރާ ދިމާލަށްވާ ގޮތަށް ނުހުންނަމެވެ. އޭގެ ބަދަލުގައި، ދޮރުގެ ކަނާތްފަރާތުގައި ނުވަތަ ވާތްފަރާތުގައި ހުންނަމެވެ. އަދި އަހަރެން ބުނަމެވެ: السلام عليكم.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"ﷲ ގެ ރަސޫލާ ﷺ، ބަޔަކު މީހުންގެ ދޮރުމައްޗަށް ވަޑައިގެންފިނަމަ؛ އެކަލޭގެފާނުގެ މޫނުފުޅު ދޮރު ކުރިމައްޗަށްވާ ގޮތަށް ނުހުންނަވައެވެ. އެކަމަކު އޭގެ ކަނާތް ނުވަތަ ވާތު ކަނީގައި ވާގޮތަށް ހުއްޓިވަޑައިގަންނަވައެވެ. އަދި ވިދާޅުވެއެވެ: السلام عليكم، السلام عليكم»"
ރިވާކުރެއްވީ އަބޫ ދާވޫދެވެ.
- ބައްޕައާއި މަންމަގެ ގާތަށް، ނުވަތަ އެއްވެސް ކޮޓަރިއަކަށް ހުއްދަ ނުހޯދައި އަހަރެން ނުވަންނަމެވެ. ޚާއްޞަކޮށް ފަތިހުގެ ކުރިންނާއި މެންދުރު ފަހުން ނިދާލާ ގަޑީގައިއާއި، އަދި ޢިޝާ ނަމާދަށް ފަހު އެވެ.
އެއީ އެކަލާނގެ މިބަސްފުޅަށްޓަކައިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާއި، ތިޔަބައިމީހުންކުރެ ބާލިޣު ވުމުގެ ޢުމުރާ ހަމައަށް ނުފޯރާ ކުޑަކުދިންވެސް، ތިން ވަޤުތެއްގައި ތިޔަބައިމީހުންގެ ކިބައިން އިޛުނަ ލިބިގަންނަހުށިކަމެވެ. އެއީ ފަތިސްނަމާދުގެ ކުރިންނާއި، މެންދުރު ވަޤުތު ތިޔަބައިމީހުންގެ ފޭރާން ލުއިކޮށްގެން ތިބޭ ވަގުތުގައްޔާއި، ޢިޝާ ނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިން ވަޤުތެކެވެ. އެވަޤުތުތަކަށް ފަހު، ތިޔަބައިމީހުންގެ މައްޗަކަށްވެސް، އަދި އެ މީހުންގެ މައްޗަކަށްވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ. (އެ މީހުންނީ) ތިޔަބައިމީހުންގެ އެއްބަޔަކު ތިބޭތަނަކަށް އަނެއް ބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ. އެފަދައިން ﷲ، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާން ކޮށްދެއްވައެވެ. އަދި ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.)
[އައްނޫރު: 27].
- މީހުން ދިރި ނޫޅޭ ތަންތަނަށް، މިސާލަކަށް: ހޮސްޕިޓަލެއް ނުވަތަ ފިހާރައެއް ފަދަ ތަންތަނަށް ހުއްދަ ނުހޯދައި އަހަރެންނަށް ވަދެވޭނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އެ ގެތަކުގައި ތިޔަބައިމީހުންނަށް ބޭނުމެއްވާ، އަދި މީހުންނޫޅޭ ގެތަކަށް ތިޔަބައިމީހުން ވަނުމަކުން، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.)
ޖ: 1. އަހަރެން ޖަނަވާރަށް ކާންދީ ފެންދެމެވެ.
ޙަދީޘްގައިވެއެވެ:
އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އަހަރުމެންނަށް ޖަނަވާރުތަކުގައި އަޖުރެއް ލިބެން އޮވޭތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: “ތެތް ކޮންމެ ފުރަމޭއެއްގައި ވެސް އަޖުރުވެއެވެ.”
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އޭގެ ބަނޑުގައި ބުރަކަށި ޖެހި ތަތްލާފައިވާ ޖަމަލެއްގެ ކައިރިން ﷲ ގެ ރަސޫލާ ﷺ ހުރަސްކުރެއްވިއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ:
“މި ޖަނަވާރުތަކާ މެދު ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ.”
ރިވާކުރެއްވީ އަބޫ ދާވޫދެވެ.
- ރަޙުމްކޮށް، ކުލުނު ބަހައްޓާ، އަދި އެސޮރުމެންނަށް ކުޅަދާނަނުވާވަރުގެ ކަންކަން ނުޖެއްސުމެވެ.
ޙަދީޘްގައިވެއެވެ: އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
“މި ޖަމަލުގެ ވެރިޔަކީ ކާކު ހެއްޔެވެ؟ މި ޖަމަލަކީ ކާކުގެ އެއްޗެއް ހެއްޔެވެ؟" އެހިނދު އަންޞާރުންގެ ޒުވާނަކު އައިސް ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! މިއީ ތިމަންނަގެ ޖަމަލެކެވެ." ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިބާއަށް ﷲ މިލްކުވެރިކުރައްވާފައިވާ މި ޖަނަވާރާމެދު ތިބާ ﷲ އަށް ބިރުވެތިނުވަނީ ހެއްޔެވެ! ފަހެ އޭތި ތިމަންކަލޭގެފާނުގެ އަރިހުގައި ތިބާ އޭތި ބަނޑުހައިކުރުވައި ވަރުބަލިކޮށްލާކަމަށް ޝަކުވާ ކޮށްފިއެވެ."
ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.
تدئبه: އެބަހީ، ވަރުބަލިކުރުވުމެވެ.
- އަހަރެން ޖަނަވާރުތަކަށް އެއްވެސް ކަހަލަ އަނިޔާއެއް އަދި ގެއްލުމެއް ދީގެން އަނިޔާއެއް ނުކުރަމެވެ.
އަދި ޖާބިރު رضي الله عنه ގެ އަރިހުންވާ ޙަދީޘްގައިވެއެވެ: ނަބިއްޔާ ﷺ ގެ އަރިހުން ލާފައި، އޭގެ މޫނުމަތީގައި އަލިފާނުން ތައްގަނޑު ޖެހިގެންވާ ޙިމާރެއް ހުރަސްކޮށްފައި ދިޔައެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ:
“ޖަނަވާރެއްގެ މޫނުގައި ނިޝާން ޖަހާ، ނުވަތަ މޫނުގައި ތަޅާ މީހާއަށް ތިމަންކަލޭގެފާނު ލަޢުނަތްދެއްވިކަން ތިޔަބައިމީހުންނަށް ޚަބަރު ނުފޯރާހެއްޔެވެ؟" ދެން އެކަލޭގެފާނު އެކަން ނަހީކުރެއްވިއެވެ."
ރިވާކުރެއްވީ މުސްލިމު އަދި އަބޫ ދާވޫދެވެ. އަދި ލަފްޒުވަނީ އަބޫ ދާވޫދަށެވެ.
ޖ: 1. އަހަރެން ކުޅިވަރާއި ކަސްރަތުން ނިޔަތްގަންނަނީ ﷲ އަށް ކިޔަމަންވެ އެކަލާނގެ ރުއްސަވާ ކަންތައްކުރުމަށްޓަކައި ހަށިގަނޑު ވަރުގަދަކުރުމެވެ.
- އަހަރުމެން ނަމާދު ގަޑީގައި ނުކުޅެމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
فَوَيْلٌ لِلْمُصَلِّينَ (ފަހެ، ނަމާދުކުރާ މީހުންނަށް ހަލާކުހުއްޓެވެ.)
الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ (އެއީ އެމީހުންގެ ނަމާދާމެދު ޣާފިލުވެގެން ތިބެ ނަމާދުކުރާ މީހުންނެވެ.)
[އަލްމާޢޫން: 4-5]
- ފިރިހެން ކުދިން އަންހެން ކުދިންނާއެކު ކުޅިވަރު ނުކުޅެއެވެ.
- އަހަރެންގެ ޢައުރަ ނިވާކޮށްދޭ ގޮތަށް ހުންނަ ކުޅިވަރު ހެދުން އަހަރެން ލަމެވެ.
- މޫނުގައި ޖެހުމާއި ޢައުރަތް ހާމަކުރުންފަދަ ކަންކަންވާ، ޙަރާމް ކުޅިވަރުތަކުން އަހަރެން ދުރުހެލިވަމެވެ.
ޙަދީޘްގައިވެއެވެ:
“ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާއާ ހަނގުރާމަކުރިނަމަ ފަހެ އޭނާގެ މޫނުމަތިން (ޖެހުމުން) ދުރުވެ އެއްކިބާވާށެވެ."
ރިވާކުރެއްވީ މުސްލިމެވެ.
ޖ: 1. ސަމާސާ ކުރާއިރު ތެދުވެރިވުމާއި ދޮގު ނުހެދުމެވެ.
ޙަދީޘްގައިވެއެވެ:
“މީހުން ހެއްވާލަން ދޮގުހަދާ މީހާއަށް ހަލާކު ހުއްޓެވެ. އެ މީހާއަށް ހަލާކު ހުއްޓެވެ. އެ މީހާއަށް ހަލާކު ހުއްޓެވެ."
ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދާއި އައްތިރްމިޛީއެވެ.
- މަލާމާތްކޮށް ފުރައްސާރަކުރުމާއި، ޖެއްސުންކޮށް އުނދަގޫކުރުމާއި، ބިރުދެއްކުމެއް ނެތް ސަމާސާއެއް ކަމުގައިވުމެވެ.
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
“މުސްލިމަކު އެހެން މުސްލިމަކު ބިރުގެންނެވުން ހުއްދަވެގެން ނުވެއެވެ.”
ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.
- ސަމާސާކުރުން މާ ގިނަ ނުކުރުމެވެ.
"އަދި ހުނުން ގިނަ ނުކުރާށެވެ. ފަހެ ހުނުން ގިނަކުރުމީ ހިތް މަރާލާ ކަމެކެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.