ޖ: ﷲ ތަޢާލާ އަށް އީމާންވުމަކީ:
ތިބާ އުފައްދަވާ ރިޒްޤުދެއްވި ފަރާތަކީ ﷲ ކަމަށާއި، އަދި މަޚްލޫޤުން މިލްކުވެގެންވާ ފަރާތަކީ އަދި އެމީހުންގެ ކަންކަން ތަދްބީރުކޮށް ހިންގަވަނީވެސް ހަމައެކަނި އެކަލާނގެ ކަމުގައި ތިބާ އީމާންވުމެވެ.
އަދި އެއީ އަޅުކަންވެވޭ އިލާހެވެ. އެ އިލާހު ނޫނީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއީ އެންމެހާ ތަކެތި ޚަލްޤުކުރެއްވުމާއި، އަމުރުކުރެއްވުމާއި، ޙުކުމް ކުރެއްވުމާއި، ޝަރުޢުކުރެއްވުން ހަމައެކަނި ވާ އިލާހެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ.
އަދި އެކަލާނގެއީ ހުރިހާ ޙަމްދެއް ލިބިވޮޑިގެންވާ މާތްވެގެންވާ، ބޮޑުވެގެންވާ، ފުރިހަމަ އިލާހެވެ. އަދި އެކަލާނގެއަށް ރިވެތިވެގެންވާ ނަންފުޅުތަކާއި މަތިވެރިވެގެންވާ ޞިފަފުޅުތައް ލިބިގެންވެއެވެ. އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއްވެސް އެއްޗެއް އެކަލާނގެއާ ވައްތަރުނުވެއެވެ. އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ.
މަލާއިކަތުންނަށް އީމާންވުން:
އެއީ ﷲ އަށް އަޅުކަންކޮށް، އެކަލާނގެ އަމުރުފުޅަށް ފުރިހަމައަށް ބޯލެނބުމަށްޓަކައި، އެކަލާނގެ ނޫރުން އުފެއްދެވި މަޚްލޫޤުންތަކެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ކިއެއްތަ! އެއީ މާތް ކުރެވިގެންވާ އަޅުންތަކެކެވެ.
އެބޭކަލުން އެކަލާނގެ ޙަޟްރަތަށް އިސްވެ ބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން ޢަމަލުކުރައްވަނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ.)
[އަލްއަންބިޔާއު: 26 - 27]
އަދި އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
“މަލާއިކަތުން އުފެއްދެވުނީ ނޫރުންނެވެ.”
ރިވާކުރެއްވީ މުސްލިމެވެ.
- އެބޭކަލުންގެ ތެރޭގައި: ނަބިއްޔުންގެ މައްޗަށް ވަޙީ ހިއްޕަވައިގެން ފައިބާވަޑައިގަންނަވާ ޖިބްރީލު عليه السلام ވެއެވެ.
(ހަމަކަށަވަރުން އެ ޤުރްއާނަކީ، ޢާލަމްތަކުގެ ވެރި ރައްބު ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ.
އެ ޤުރްއާނާގެން ފައިބައިވަޑައިގަތީ އައްރޫޙުލް އަމީން (ޖިބްރީލުގެފާނެވެ.)
އެއީ ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށެވެ. އެއީ (މީސްތަކުންނަށް) އިންޒާރުކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ.
ބަޔާން ވެގެންވާ ޢަރަބި ބަހުންނެވެ.)
[އައްޝުޢަރާއު: 192 - 195]
ފޮތްތަކަށް އީމާންވުން:
އެއީ ﷲ އެކަލާނގެ ރަސޫލުންގެ މައްޗަށް ބާވައިލެއްވި ފޮތްތަކެވެ.
- މިސާލަކަށް: މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވި ޤުރްއާން.
- ޢީސާ عَلَيْهِ السَّلَامُ ގެ މައްޗަށް ބާވައިލެއްވި އިންޖީލު.
- މޫސާ عَلَيْهِ السَّلَامُ ގެ މައްޗަށް ބާވައިލެއްވި ތައުރާތު.
- ދާވޫދު عَلَيْهِ السَّلَامُގެ މައްޗަށް ބާވައިލެއްވި ޒަބޫރު.
އިބްރާހީމު އާއި މޫސާعليهما السَّلَامُގެ މައްޗަށް ބާވައިލެއްވި ފަތްފުށްތައް.
ރަސޫލުންނަށް އީމާންވުން:
އެއީ ﷲ އެކަލާނގެ އަޅުތަކުންނަށް އުނގަންނައިދެއްވައި، ހެޔޮކަމާއި ސުވަރުގޭގެ ހެޔޮ ޚަބަރު ދެއްވައި، ނުބައިކަމާއި ނަރަކައާމެދު އިންޛާރު ދެއްވުމަށް އެމީހުންގެ ގާތަށް ފޮނުއްވި ބޭކަލުންނެވެ.
އޭގެ ތެރެއިން އެންމެ މާތް ބޭކަލުންނަކީ 'އުލުލް ޢަޒްމު' (ޢަޒްމުގެ ވެރި ބޭކަލުންނެވެ.) އެ ބޭކަލުންނީ:
- ނޫޙު عَلَيْهِ السَّلَامُ
- އިބްރާހީމް عَلَيْهِ السَّلَامُ
- މޫސާ عَلَيْهِ السَّلَامُ
ޢީސާ عَلَيْهِ السَّلَامُ
- މުޙައްމަދު صلى الله عليه وسلم.
އާޚިރަތް ދުވަހަށް އީމާންވުން:
އެއީ މަރުވުމަށްފަހު ޤަބުރުގައިވާ ކަންތަކާއި، ޤިޔާމަތްދުވަހާއި، އަލުން ދިރުއްވި ޙިސާބު ބެއްލެވޭ ދުވަހެވެ. ސުވަރުގޭގެ އަހުލުވެރިން އެމީހުންގެ ގެދޮރުގައި ވަޒަންވެރިވެ، ނަރަކައިގެ އަހުލުވެރިން އެމީހުންގެ ގެދޮރުގައި ވަޒަންވެރިވާ ދުވަހެވެ.
(ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވާނެކަން ކަށަވަރީ ޤިޔާމަތް ދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާކުރެވި، ސުވަރުގެއަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.)
[އާލްޢިމްރާނު: 185]
ޤަޟާޤަދަރަށް، އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން:
- ޤަދަރަކީ: ކައުނުގައި ހިނގާ ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވާ ކަމާއި، އެ ކަންކަން ލައުޙުލް މަޙްފޫޡުގައި އެކަލާނގެ ލިޔުއްވިކަމާއި، އެ ކަންކަން ވުޖޫދުވުމާއި އިރާދަކުރައްވާ، އުފެއްދެވިކަމަށް އިޢުތިޤާދުކޮށް ޤަބޫލުކުރުމެވެ.
(ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އެއްޗެއް ހައްދަވާފައި ވަނީ ގަޟާގަދަރުގައިވާ ގޮތަށް، ކަނޑައެޅިފައިވާ ވަކި މިންވަރަކަށެވެ.)
[އަލްޤަމަރު: 49]
އެކަންވަނީ ހަތަރު ދަރަޖައަކަށެވެ:
ފުރަތަމަ ކަމަކީ: ﷲ ތަޢާލާގެ ޢިލްމުފުޅެވެ. އޭގެ ތެރޭގައި: ކޮންމެ ކަމެއްގެ ކުރިން، ކަންކަން ހިނގުމުގެ ކުރިންނާއި ހިނގުމުގެ ފަހުންވެސް އެކަލާނގެ ދެނެވޮޑިގެންވުމެވެ.
އޭގެ ދަލީލަކީ: ﷲ ތަޢާލާގެ މި ބަސްފުޅެވެ:
(ހަމަކަށަވަރުން ޤިޔާމަތްވުމުގެ ވަޤުތު ދެނެވޮޑިގަތުން ވަނީ، ﷲ ގެ ޙަޟްރަތުގައެވެ. އަދި އެ އިލާހު ވާރޭ ވެއްސަވައެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.)
[ލުޤްމާނު: 34]
ދެވަނައީ: ﷲ ވަނީ އެ ކަންކަން އައްލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައިއެވެ. އެހެންކަމުން ވިމާވި، އަދި ދިމާވާނޭ ހުރިހާ ކަމެއްވަނީ އެކަލާނގެ ޙަޟްރަތުގައި ފޮތެއްގައި ލިޔުއްވިގެންނެވެ.
(އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެ އިލާހުގެ ޙަޟްރަތުގައެވެ. އެ އިލާހު މެނުވީ، އެ ކަންތައްތައް ދެނެވޮޑިގެންނުވެއެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެ އިލާހު ދެނެވޮޑިގެންވެއެވެ. އެ އިލާހު ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެއެވެ.)
[އަލްއަންޢާމު: 18]
ތިންވަނައީ: އެއީ ކޮންމެ ކަމެއްވެސް ހިނގަނީ ﷲ ގެ މަޝީއަތުން (އިރާދައިންނެވެ.) އަދި އެކަލާނގެ އިރާދަފުޅުން މެނުވީ އެކަލާނގެ ޙަޟްރަތުންވާ ކަމެއް ނުވަތަ އެކަލާނގެ ޚަލްޤުތަކުންގެ ފުށުންވެސް ކަމެއް ނުހިނގައެވެ.
އަޅާއަށް އިޚްތިޔާރެއް ލިބިގެންވެއެވެ. އަދި އިރާދައެއްވެސްވެއެވެ. އަދި އެދުމެއްވެސް އޭނާއަށްވެއެވެ. ނަމަވެސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަޝީއަތަށް ފަހު މެނުވީ (އަޅުންގެ ކިބައިންވާ) މި އިރާދައާއި މަޝީއަތުގެ އެދުމެއް ނުހިނގާނެއެވެ.
(ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ.
އާލަމްތަކުގެ ވެރި ﷲ އިރާދަ ކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެއެވެ.)
[އައްތަކްވީރު: 28 -29]
ހަތަރުވަނައީ: ހުރިހާ ކާއިނާތުތަކަކީ އުފެއްދެވިގެންވާ ތަކެތިކަމާއި، ﷲ އެ ތަކެތި އުފައްދަވާ، އެތަކެތީގެ ޒާތުތަކާއި، ޞިފަތަކާއި، ޙަރަކާތްތަކާއި އަދި އެ ތަކެތީގައިވާ ހުރިހާ އެއްޗެއްވެސް އެކަލާނގެ އުފެއްދެވިކަމަށް އީމާންވުމެވެ.
(އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާ ކަމެއް ހެއްދެވީ اللَّه އެވެ.)
[އައްޞާއްފާތު: 96]