ބަންގީގެ ލަފްޒުތަކުގެ ޝަރަޙަ
(އައް-ލަޖްނަތުލް-ޢިލްމިއްޔަތު ބިޖަމްޢިއްޔަތި ޚިދްމަތިލް-މުޙްތަވަލް-އިސްލާމީ ބިއް-ލުޣާތި)
އެކި ބަސްބަހުން އިސްލާމީ އުފެއްދުންތަކަށް ޚިދުމަތްކުރާ ޖަމްޢިއްޔާގެ ޢިލްމީ ލަޖްނާ
ބަންގިއަކީ، ކޮންމެ ދުވަހަކު ފަސްފަހަރު، މުސްލިމަކަށް އިވިގެންދާ ރައްބާނީ ގޮވާލުމެކެވެ. (އެ ބަންގިން) އޭނާއަށް ﷲ ގެ މަތިވެރިކަން ހަނދުމަކޮށްދީ، ހެވާއި ކާމިޔާބާއި ފަލާޙަށް ގޮވާލައެވެ. އެ ވަޤުތުކޮޅަކީ، އިންސާނާ، އޭނާ ހެއްދެވި ޚާލިޤު ފަރާތާ ގުޅުވައިލަދޭ ވަޤުތުކޮޅެކެވެ. ދުނިޔޭގެ ހަލަބޮލިކަމުން ވީއްލި، އޭނާގެ ވެރި ރައްބަށް މުނާޖާ ދެންނެވުމަށްޓަކައި ހުއްޓިހުންނަ ވަޤުތުކޮޅެކެވެ.
ބަންގީގައި ނުހަނު މަތިވެރި މާނަތަކެއް އެކުލެވިގެންވެއެވެ. (ބަންގި) ފެށިގެންދަނީ ﷲ ތަޢުޡީމުކޮށް މަތިވެރި ކުރުމުންނެވެ. އަދި ނިމިގެންދަނީ، މުސްލިމު އަޅާގެ ހިތްހަމަޖެހުން އެކަމަކުން ލިބިގެންދާ، ނަމާދަށް ދަޢުވަތު ދެމުންނެވެ.
اللَّهُ أَكْبَرُ اللَّهُ أَكْبَرُ، اللَّهُ أَكْبَرُ اللَّهُ أَكْبَرُ
އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ.
ލަފްޡުލް ޖަލާލާ: "ﷲ" ގެ މާނައަކީ، އަލް-މައުލޫހު (ޙައްޤުވެގެންވާ އިލާހު) އެވެ. އެބަހީ: އަޅުކަންކުރެވޭ ފަރާތެވެ. އަދި އެއީ ޚާލިޤުވަންތަ ރައްބު ﷻ ގެ އިސްމުފުޅެވެ. (އެބަހީ: އެއިލާހުގެ ނަންފުޅެވެ.) އަދި އިލާހީ (އެހެން) ހުރިހާ އިސްމުފުޅުތައްވަނީ، މި އިސްމުފުޅަށް ތަބަޢަވާ އަދި މި އިސްމުފުޅު ޞިފަކޮށްދޭ ނަންފުޅުތަކެއް ގޮތުގައެވެ. އަދި ﷲ އީ އެއްކައުވަންތަ އެކަހެރިވަންތަ ފަރާތެވެ. އެ އިލާހުއީ އެ އިލާހަށް އެއްވެސް އެއްޗެއް އުފަންވެގެން ނުވާ، އަދި އެއްވެސް އެއްޗަކަށް އެ އިލާހު އުފަންވެވޮޑިގެންނުވާ އިލާހެވެ. އަދި އެ އިލާހުއީ އުޑުތަކާއި ބިން ޚަލްޤުކުރައްވާ ހެއްދެވި ފަރާތްވެސްމެއެވެ.
އަދި "الله أكبر" (އެންމެ ބޮޑީ ﷲ އޭ) ބުނެވޭ ބަހުގެ މާނައަކީ، ހަމަކަށަވަރުން އެންމެހައި ތަކެއްޗަށްވުރެ، ﷲ ބޮޑުވެ މަތިވެރިވެގެންވުމެވެ. އަދި އެ އިލާހުގެ ކީރިތިކަމާއި ފުރިހަމަކަމާ ލާއިޤުވެގެންނުވާ ކަމެއް، އެ އިލާހަށް ނިސްބަތްކުރެވުމަށްވުރެ، އެ އިލާހު މާ މާތްވެ މަތިވެރިވެގެންވުމެވެ.
"الله أكبر" (އެންމެ ބޮޑީ ﷲ އެވެ.).. މި ޢިބާރާތުން މުސްލިމު އަޅާއަށް ހަނދުމަކޮށްދެނީ، މި ޙަޔާތުގައި އޭނާ ހެއްދެވި ޚާލިޤުވަންތަ އިލާހު ދޫކޮށް، އޭނާ މަޝްޣޫލުކޮށްލާނެ އެއްވެސް އެއްޗެއް ހުރެގެން ނުވާނެކަމެވެ. އަދި އިންސާނާގެ މައްޗަށްވަނީ އޭނާގެ ޙަޔާތުގައި، ﷲ ގެ އިރާދަފުޅާއި އެ އިލާހުގެ ޝަރުޢާ އެއްގޮތްވާ ގޮތުގެ މަތީގައި ހިނގުންކަމެވެ. އޭނާގެ އަމިއްލަ އެދުމާއި ޝަހުވަތްތަކާ އެއްގޮތްވާގޮތަށް ހިނގުން ނޫންކަމެވެ. ފަހެ، ދުނިޔޭގައި ވާ ކޮންމެ އެއްޗަކަށްވުރެ، ﷲ ބޮޑުވެ މަތިވެރިވެވޮޑިގެންވެއެވެ.
أَشْهَدُ أَنْ لَا إِلَٰهَ إِلَّا اللَّهُ، أَشْهَدُ أَنْ لَا إِلَٰهَ إِلَّا اللَّهُ
ﷲ މެނުވީ (ޙައްޤުވެގެން) އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. ﷲ މެނުވީ (ޙައްޤުވެގެން) އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.
ﷲ މެނުވީ (ޙައްޤުވެގެން) އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ.
މިއީ ފުރަތަމަ ހެކިވުމެވެ. އަދި އެ ހެކިވުމުގެ މާނައަކީ؛ އެ އިލާހުއީ އެންމެހާ ތަކެތި ހެއްދެވި ފަރާތްކަމާއި، އެތަކެތީގެ ވެރި ރައްބުކަމާއި، އެތަކެތީގެ މިލްކުވެރި ފަރާތްކަމާއި، އެތަކެތީގެ ކަންކަން ތަދުބީރު ކުރައްވާ ހިންގަވާ ފަރާތްކަމަށް އިޤްރާރުވުމެވެ. އަދި އެހެން ހުރިހާ ފަރާތްތައް ދޫކޮށް، އެ ފަރާތަކަށް އަޅުކަންކުރުން ވާޖިބުވެގެންވާ ހަމައެކަނި ފަރާތަކީ، ހަމައެކަނި އެ އިލާހު ކަމަށް އިޤްރާރުވުމެވެ. އަދި ހަމައެކަނި އެ އިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން ފަރާތެއް ނުވާކަމަށާއި، އަދި އެ އިލާހުއީ އެއްވެސް ޝަރީކަކު ނުވާ އެއްކައުވަންތަ އިލާހުކަމަށާއި، އެ އިލާހަށް ދަރިއަކު ނުވާކަމަށާއި، އެ އިލާހުއާ އެއްފަދަކުރެވޭ އެއްވެސް ފަރާތެއް ނުވާކަމަށްވެސް އިޤްރާރުވުމެވެ. އެހެންކަމުން، ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން އަނބުރާ ނުލެވޭނެއެވެ. އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާވެސް ނުކުރެވޭނެއެވެ.
މި ހެކިވުމަކީ، ވުޖޫދުގައިވެސްވާ އެންމެ ބޮޑު ހެކިވުމެވެ. އަދި އެއީ ކޮންމެ އިލާހީ ރިސާލަތެއްގައިވާ އީމާންކަމުގެ އަޞްލުވެސްމެއެވެ. އެގޮތުން، ނޫޙުގެފާނާއި އިބްރާހީމްގެފާނާއި މޫސާގެފާނާއި ޢީސާގެފާނުން ގޮސް މުޙައްމަދު ﷺ އާ ހަމައަށް، (ފޮނުއްވެވުނު) ކޮންމެ ނަބީބޭކަލެއްވެސް عليهم السلام، އެ ބޭކަލުންގެ ޤައުމުތަކުގެ މީހުންނަށް އެކަމަކަށް އިޤުރާރުވެ ޤަބޫލުކޮށް އީމާންވުމަށް ގޮވާލެއްވީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާ ކަމަށެވެ. އަދި އެއީ އެ ކަލިމައަކަށްޓަކައި ﷲ ޚަލްޤުތަކުން ޚަލްޤުކުރައްވާ، އަދި އެ ކަލިމަ ޤަރާރުކޮށް ކަށަވަރުކުރެއްވުމަށް ރަސޫލުން ފޮނުއްވާ، އަދި އެ ކަލިމަ ބަޔާންކުރެއްވުމަށްޓަކައި ފޮތްތައް ބާވައިލައްވާ، އަދި ހިތުން އިޚްލާޞްތެރިކަމާއެކު އެ ކަލިމަ ގެނެސްފި މީހަކަށް ޘަވާބެއްގެ ގޮތުގައި ޖަންނަތު ލައްވާފައިވާ ކަލިމައެވެ.
މީސްތަކުން އެބައިމީހުންގެ ކަށްވަޅުތަކުން ނެރެވި، އަދި ޤިޔާމަތްދުވަހުން އެބައިމީހުން ޙިސާބު ބެއްލެވެނީވެސް ހަމަ މިކަލިމައަށްޓަކައެވެ. ފަހެ، އެ ކަލިމައިގެ މަތީގައި ދިރިއުޅެ، އަދި އެމީހެއް ޙަޔާތް އެ ކަލިމައަކުން ނިމިގެންދާ މީހާ؛ ފަހެ ބޮޑުވެގެންވާ ކާމިޔާބަކުން ކާމިޔާބުވެއްޖެއެވެ. އަދި އެ ކަލިމައަށް އިންކާރުކޮށް، އަދި ދުލުން އެ ކަލިމަ ނުކިޔައިފި މީހަކަށް ނަރަކައިގައި ދާއިމަށް ދެމިގެންވުން ޙައްޤުވެގެންވެއެވެ.
أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ، أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.
މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.
މި ހެކިވުމުގެ މާނައަކީ؛ ﷲ ﷻ، މުޙައްމަދުގެފާނު ރަސޫލުކަމާއިގެން ފޮނުއްވީ، އިލާހީ ރިސާލަތްތައް ޚަތިމްކުރައްވާ، މީސްތަކުންގެ ވެރި ރައްބު އެބައިމީހުންނަށް (ބާވައިލެއްވި) ރިސާލަތު، އެބައިމީހުންނަށް ފޯރުކޮށްދެއްވުމަށްޓަކަައިކަމަށް މުސްލިމު އަޅާ ހެކިވުމެވެ. އަދި ރަސޫލާ ﷺ ގެ ރިސާލަތަށް ހެކިވުމާއި، އެކަލޭގެފާނަށް ތަބަޢަވެ އެކަލޭގެފާނު ދެއްކެވި މަގުން ހިނގައި، އަދި ރަސޫލާ މުޙައްމަދު ﷺ ފޯރުކޮށްދެއްވި ޝަރީޢަތާ އެއްގޮތަށް ﷲ އަށް އަޅުކަންކޮށްގެން މެނުވީ؛ ﷲ އަށް އަޅުކަންކުރުމަށާއި، އެއިލާހުގެ ރުއްސެވުން ކާމިޔާބުކުރުމަށް އެހެން އެއްވެސް މަގެއް ނެތްކަމަށް މުސްލިމް އަޅާ ކަށަވަރުކޮށް ޔަޤީންކުރުމެވެ.
އަދި ރަސޫލާ ﷺ ވަޑައިގެންނެވީ: އެކަލޭގެފާނުގެ ކުރިން އިބްރާހީމްގެފާނާއި މޫސާގެފާނާއި ޢީސާގެފާނު عليهم السلام ވެސް ކަންކުރެއްވިފަދައިން؛މީސްތަކުން ތައުޙީދަށް އަނބުރާ އިޢާދަކުރެއްވުމަށްޓަކައިކަމަށް ހެކިވުން (މި ޝަހާދަތުގައި) އެކުލެވިގެންވެއެވެ. ފަހެ އެކަލޭގެފާނީ ޢާލަމްތަކުގެ ވެރި ރައްބުގެ ރަސޫލެވެ. އެކަލޭގެފާނު ހިންގެވީ، އެކަލޭގެފާނުގެ ކުރިން އިސްވެދިޔަ އެންމެހައި ނަބިއްޔުން، އެބޭކަލުންގެ ވެރި ރައްބުގެ ރިސާލަތުތައް ފޯރުކޮށްދެއްވުމުގައި ހިންގެވި މަގުގެ މަތީގައެވެ. ތަފާތަކީ، އެކަލޭގެފާނަށް ފަހު އިތުރު އެހެން ނަބިއްޔެއް ނުވާކަމެވެ.
حَيَّ عَلَى الصَّلَاةِ، حَيَّ عَلَى الصَّلَاةِ
ނަމާދަށް އަވަހަށް އަންނާށެވެ. ނަމާދަށް އަވަހަށް އަންނާށެވެ.
ނަމާދަށް އަވަހަށް އަންނާށެވެ.
މި ޖުމްލައިގެ މާނައަކީ: އޭ މުއުމިނުންނޭވެ! ތިޔަބައިމީހުންގެ ވެރި ރައްބަށް އަޅުކަންކުރުމަށް ކުރިމަތިލާ އަންނާށެވެ. ފަހެ ހަމަކަށަވަރުން އެ އިލާހުއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހެވެ. އަދި އެއިލާހު، ތައުބާ ޤަބޫލުކުރައްވާ އަދި ފާފަތައް ޢަފޫކޮށްދެއްވައެވެ.
ހަމަކަށަވަރުން އެއީ މުއުމިންތަކުންނަށް، އެ މީހުންގެ ވެރި ރައްބުގެ ކުރިމަތީގައި ނަމާދުގައި ހުއްޓުމުގެ ވަޤުތު ޖެހިއްޖެކަން ހަނދުމަކޮށްދިނުމެއް އަދި ނިދާއެކެވެ.
حَيَّ عَلَى الفَلَاحِ، حَيَّ عَلَى الفَلَاحِ
ފަލާޙާއި ކާމިޔާބަށް އަވަހަށް އަންނާށެވެ. ފަލާޙާއި ކާމިޔާބަށް އަވަހަށް އަންނާށެވެ.
ފަލާޙާއި ކާމިޔާބަށް އަވަހަށް އަންނާށެވެ.
ފަލާޙުގެ މާނައަކީ؛ ދުނިޔެއާއި އާޚިރަތުގައި ރުއްސެވުމާއި ކާމިޔާބާއި ސަލާމަތާއި ނަޖާވުން ލިބިގެންދިޔުމެވެ.
އަދި އޭގެ މާނަތަކުގެ ތެރޭގައި: ﷲ ގެ ރުއްސެވުން ކާމިޔާބުވުމާއި، ޖަންނަތު ލިބި ކާމިޔާބުވުމާއި، ނަރަކައިން ނަޖާވެގެންދިޔުން ހިމެނެއެވެ. އެހެނީ އީމާންވެ ނަމާދު އަދާކޮށްފި މީހާ؛ ފަހެ އޭނާ (ދެ ދުނިޔޭގައި) ކާމިޔާބު ވެއްޖެއެވެ. އަދި (ދެ ދުނިޔޭގައި) ކާމިޔާބުވެއްޖެ މީހާ، ފަހެ (ނަރަކައިން) އޭނާ ނަޖާވެއްޖެކަން ގައިމެވެ. އަދި ޖަންނަތުގައި ދާއިމަށް ދެމިހުރުމުގެ (ނިޢުމަތް) ކާމިޔާބުކޮށްފިއެވެ.
اللَّهُ أَكْبَرُ اللَّهُ أَكْبَرُ، لَا إِلَٰهَ إِلَّا اللَّهُ
އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވެއެވެ.
ނިންމާލެވިފައިވަނީ ތަކްބީރުންނާއި ތައުޙީދުންނެވެ.
ބަންގި ނިމެނީ "الله أكبر" މި ޖުމްލަ ތަކުރާރުކުރެވިގެންނެވެ. އަދި "لا إله إلا الله" ޖުމްލަ ތާކީދުކޮށް ބަވަސްކޮށް ގަދަކޮށްދެމުންނެވެ. މި ދެ ޖުމްލައަކީ، އިސްވެދިޔަ މާނަތައް ބަވަސްކޮށް ތާކީދުކޮށް ބާރުދޭ ދެ ޖުމްލައެވެ. އަދި އިންސާނީ ވުޖޫދުވުން އެނބުރެނީ އެ ދެޖުމްލައިގެ މަތީގައެވެ. މި ޙަޤީޤަތަކީ، ޒަމާން ކިތަންމެ ދިގުލައިގެންދިޔަޔަސް، ފުލުފުލުން ކިތަންމެ ޙާދިޘާތަކަކާއި ކަންކަން ހިނގިޔަސް ތަޣައްޔަރުވެ ބަދަލުވާނޭ ޙަޤީޤަތެއްނޫނެވެ. އެ ޙަޤީޤަތަކީ؛ ހަމަކަށަވަރުން ކޮންމެ އެއްޗަކަށްވުރެ ﷲ ބޮޑުވެގެންވާކަމާއި، އަދި ﷲ އީ ޙައްޤު އިލާހުކަމާއި، އަދި އެ އިލާހުއީ އަޅުކަން ޙައްޤުވެގެންވާ ހަމައެކަނި އިލާހު ކަމާއި، އަދި އެ އިލާހު ފިޔަވައި އެހެން ފަރާތްތަކަށް ކުރެވޭ އަޅުކަން ބާޠިލުވެގެންވާކަމެވެ.
ނިންމާލަމުންވެސް (ތަކުރާރުކޮށްލާނީ): ބަންގިއަކީ ހަމައެކަނި ނަމާދަށް ގޮވާލެވޭ ނިދާއެއް ނޫންކަމެވެ. ކިއެއްތަ، އެއީ ފަލާޙާއި ކާމިޔާބާއި މިންޖުވުމަށް ގޮވާލެވޭ ނިދާއެކެވެ. އެއީ (ނިދާފައިވާ) ހިތްތައް ހޭލައްވާލުމަށް، ދުވަހުން ދުވަހަށް ކޮންމެ ދުވަހަކު ފަސްފަހަރު މިސްކިތްތަކުގައި ތަކުރާރުކުރެވޭ ރިސާލަތެކެވެ. އަދި އެއިން އަހަރުމެންނަށް ހަނދާންކޮށްދެނީ، ހަމަކަށަވަރުން ﷲ ވަނީ އަހަރުމެންނާ ދާދި ގާތުގައި ކަމެވެ.
އީމާންކަމަށް ތިބާގެ ހިތް ހުޅުވާލާށެވެ. އަދި ބުނާށެވެ: “أشهد أن لا إله إلا الله، وأشهد أن محمدًا رسول الله” (ﷲ މެނުވީ (ޙައްޤުވެގެން) އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލުކަމަށްވެސް އަޅު ހެކިވަމެވެ.) އޭރުން ﷲ ގެ ރަޙްމަތުގެ ތެރެއަށް ތިބާ ވަދެގެންދާނެއެވެ. އަދި ދުނިޔޭގައި ސަޢާދަތާއި އުފާވެރިކަން އަދި އާޚިރަތުގައި ސަލާމަތްކަމާއި ނަޖާވުން ތިބާއަށް ކާމިޔާބުކުރެވޭނެއެވެ. އަދި ޤިޔާމަތްދުވަހުން ތިބާ އަލުން ދިރުއްވިގެންދާނީ، މުއުމިންތަކުންގެ ޖަމާޢަތުގެ ތެރެއިންނެވެ.