الإسلام - نبذة موجزة عن الإسلام (مجردة من الأدلة)
ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. އިސްލާމްދީން ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގައި އައިސްފައިވާ ގޮތަށް އިސްލާމްދީނާ ބެހޭ ލުއި ފޮތެއް (ދަލީލު ނުހިމެނޭ ކޮޕީ)[1] [1] މި ފޮތުގައިވާ ކޮންމެ މައްސަލައަކަށް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލުތަކެއް އެކުލެވިގެންވާގޮތަށް މި ފޮތުގެ އެހެން ކޮޕީއެއް ވާނެއެވެ. ލިންކް މެދުވެރިކޮށް ބައްލަވާ! https://islamhouse.com/ar/books/2830071. މިއީ އިސްލާމްދީނުގެ ކުރު ތަޢާރަފެއް ހިމެނޭ މުހިއްމު ލުއި ފޮތެކެވެ. އެއީ އެ ދީނުގެ މުހިއްމު އުޞޫލުތަކާއި ތަޢުލީމުތަކާއި ރިވެތި ސިފަތައް ދީނުގެ އަޞްލު މަޞްދަރުތައްކަމުގައިވާ ކީރިތި ޤުރުއާނާއި ނަބަވީ…
This PDF is generated automatically from the book's text; its layout may differ from the printed edition.
ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
އިސްލާމްދީން
ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުގައި އައިސްފައިވާ ގޮތަށް އިސްލާމްދީނާ ބެހޭ ލުއި ފޮތެއް
(ދަލީލު ނުހިމެނޭ ކޮޕީ)[1] [1] މި ފޮތުގައިވާ ކޮންމެ މައްސަލައަކަށް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލުތަކެއް އެކުލެވިގެންވާގޮތަށް މި ފޮތުގެ އެހެން ކޮޕީއެއް ވާނެއެވެ. ލިންކް މެދުވެރިކޮށް ބައްލަވާ! https://islamhouse.com/ar/books/2830071.
މިއީ އިސްލާމްދީނުގެ ކުރު ތަޢާރަފެއް ހިމެނޭ މުހިއްމު ލުއި ފޮތެކެވެ. އެއީ އެ ދީނުގެ މުހިއްމު އުޞޫލުތަކާއި ތަޢުލީމުތަކާއި ރިވެތި ސިފަތައް ދީނުގެ އަޞްލު މަޞްދަރުތައްކަމުގައިވާ ކީރިތި ޤުރުއާނާއި ނަބަވީ ސުންނަތުން ނެގިފައިވާ ފޮތެކެވެ. މި ރިސާލާ އަމާޒުކުރެވިފައިވަނީ ޙާލަތްތައް ތަފާތުވެގެންވާ ގޮތުގެ މައްޗަށް، ކޮންމެ ޒަމާނެއް އަދި ކޮންމެ ތަނެއްގައިވާ، މުސްލިމުންނާއި ޣައިރު މުސްލިމުންނަށް އެމީހުންގެ އަމިއްލަ ބަހުރުވައިންނެވެ.
1. އިސްލާމްދީނަކީ ހުރިހާ މީސްތަކުންނަށް الله ފޮނުއްވި ރިސާލަތަކެވެ. ފަހެ އެއީ އަބަދަށް ދެމިގެންވާނޭ އިލާހީ ރިސާލަތެވެ.
2. އިސްލާމްދީނަކީ ވަކި ނަސްލަކަށް ނުވަތަ ޤައުމަކަށް ޚާއްޞަ ދީނެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ހުރިހާ މީސްތަކުންނަށްޓަކައިވާ މާތް الله ގެ ދީނެވެ.
3. އިސްލާމްދީނަކީ ކުރީގެ ނަބިއްޔުންނާއި ރަސޫލުން عليهم الصلاة والسلام އެބޭކަލުންގެ ޤައުމުތަކަށް ގެންނެވި ރިސާލަތުތައް ފުރިހަމަކުރުމަށް އައި އިލާހީ ރިސާލަތެވެ.
4. ސަލާމްލެއްވި ނަބިއްޔުންގެ ދީނަކީ އެއް ދީނެކެވެ. އެބޭކަލުންގެ ޝަރީޢަތްތައްވަނީ ތަފާތުވެގެންނެވެ.
5. އިސްލާމްދީން ގޮވާލަނީ - ހުރިހާ ނަބިއްޔުން -ނޫޙު، އިބްރާހީމް، މޫސާ، ސުލައިމާނު، ދާވޫދު އަދި ޢީސާވެސް - ގޮވާލެއްވި ފަދައިން: ރައްބަކީ ޚާލިޤުވަންތަ، ރިޒުޤު ދެއްވާ، ދިރުން ދެއްވާ، މަރު ގެންނަވާ، ރަސްކަން މިލްކުވެގެންވާ އިލާހު، ﷲ ކަމަށް އީމާންވުމަށެވެ. އަދި އެކަލާނގެއީ ކަންކަން ތަދުބީރު ކުރައްވާ އިލާހެވެ. އަދި އެކަލާނގެއީ އޯގާވަންތަ ރަޙީމްވަންތަ އިލާހެވެ.
6. ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ ޚާލިޤުވަންތަ އިލާހެވެ. އަޅުކަން ޙައްޤުވެގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ. އަދި އެކަލާނގެއާއެކު އެހެން ފަރާތަކަށް އަޅުކަންކުރެވިގެން ނުވާނެއެވެ.
7. ކައުނުގައިވާ ހުރިހާ އެއްޗެއް، އަހަރުމެންނަށް ފެންނަ ތަކެއްޗާއި ނުފެންނަ ތަކެތި ވެސް ހެއްދެވި ފަރާތަކީ މާތް الله އެވެ. އެކަލާނގެ ނޫން ކޮންމެ އެއްޗަކީ އެކަލާނގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤެކެވެ. އަދި ﷲ އުޑުތަކާއި ބިން ހެއްދެވީ ހަ ދުވަހުގެ ތެރޭގައެވެ.
8. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިލްކުވެރިކަމުގައި، ނުވަތަ އުފެއްދެވުމުގައި، ނުވަތަ ހިންގެވުމުގައި، ނުވަތަ އަޅުކަންކުރެވުމުގައިވެސް އެއްވެސް ބައިވެރިއެއް އެކަލާނގެއަށް ނުވެއެވެ.
9. ހުސްޠާހިރުވަންތަ ﷲ އަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުވެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ، އެއްހަމަވެގެންވާ ހަމައެކަކުވެސް ނުވެތެވެ.
10. ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްވެސް އެއްޗެއްގެ ތެރޭގައި ވޮޑިއެއް ނުގަންނަވައެވެ. އަދި އެކަލާނގެ ޚަލްޤުތަކުންގެ ތެރެއިން އެކައްޗެއްގެ ހަށިގަނޑުގައިވެސް ބައްޓަންވެ ވޮޑިނުގަންނަވައެވެ.
11. ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ އެކަލާނގެ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަޙުމްކުރެއްވުން ބޮޑު އިލާހެވެ. އެހެންވެ އެކަލާނގެ ރަސޫލުން ފޮނުއްވާ، ފޮތްތައް ބާވައިލެއްވިއެވެ.
12. ﷲ އީ ރަޙީމުވަންތަ ރައްބެވެ. ޤިޔާމަތް ދުވަހު ހުރިހާ މަޚްލޫޤުންގެ ޤަބުރުތަކުން އަލުން ދިރުއްވުމަށް ފޮނުއްވާ ދުވަހު މަޚްލޫޤުންގެ ޙިސާބު ބައްލަވާނީ ހަމައެކަނި އެކަލާނގެއެވެ. އެގޮތުން ކޮންމެ މީހަކަށްވެސް ހެޔޮކަމެއް ވިޔަސް ނުބައިކަމެއް ވިޔަސް އެމީހަކު ކުރި ކަމަކަށް ޖަޒާދެއްވާނެއެވެ. ދެންފަހެ މުއުމިނެއްގެ ގޮތުގައި ހުރެ ޞާލިޙު ޢަމަލުތައް ކުރި މީހަކަށް ސުވަރުގޭގައި ދާއިމީ ނިޢުމަތްވެއެވެ. އަދި ކާފަރުވެ ނުބައި ޢަމަލުތައް ކުރި މީހަކަށް ނަރަކައިގައި ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ.
13. ﷲ ސުބްޙާނަހޫ ވަތަޢާލާ އާދަމުގެފާނު ވެލިން ހެއްދެވިއެވެ. އަދި އެކަލޭގެފާނަށް ފަހު އެކަލޭގެފާނުގެ ދަރިފަސްކޮޅު ގިނަވާގޮތަށް ލެއްވިއެވެ. ހުރިހާ މީސްތަކުން، އެމީހުންގެ އަޞްލުގައިވަނީ ހަމަހަމަވެގެންނެވެ. އެއް ޖިންސެއްގެ މައްޗަށް އަނެއް ޖިންސަށް، އަދި އެއް ޤައުމުގެ މައްޗަށް އަނެއް ޤައުމަށް މޮޅުކަމެއް ނެތެވެ. ތަޤުވާވެރިކަމުން މެނުވީއެވެ.
14. އަލަށް އުފަންވާ ކޮންމެ ކުއްޖަކު އުފަންވަނީ ފިޠުރަތުގެ މައްޗަށެވެ.
15. އެއްވެސް އިންސާނަކު އުފަންވުމުގައި ފާފަވެރިއެއްގެ ގޮތުގައި ނުވަތަ އެހެން މީހެއްގެ ފާފަ ވާރުތަކުރާ މީހެއްގެ ގޮތުގައި އުފަންނުވެއެވެ.
16. މީސްތަކުން ޚަލްޤުކުރެއްވުމުގެ މަޤްޞަދަކީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމެވެ.
17. އިސްލާމްދީންވަނީ އިންސާނުން- އަންހެނުންނާއި ފިރިހެނުންވެސް- މާތްކުރައްވާފައިއެވެ. އަދި އިންސާނާއަށް އޭނާގެ ޙައްޤުތައް ފުރިހަމައަށް ޖާމިނުކޮށްދީފައިއެވެ. އަދި އޭނާގެ ހުރިހާ އިޚްތިޔާރުތަކާއި، ޢަމަލުތަކާއި، ކުރާ ކަންތަކުގެ ޒިންމާވާން ޖެހޭ މީހެއްގެ ގޮތުގައި އޭނާ ލެއްވިއެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހުންނަށް ގެއްލުންވާ ކޮންމެ ޢަމަލަކަށް އޭނާ ޒިންމާދާރުކުރުވިއެވެ.
18. އަދި ޒިންމާއާއި ޖަޒާއާއި ޘަވާބުގެ ގޮތުން އަންހެނާއާއި ފިރިހެނާ ހަމަހަމަ ކުރެއްވިއެވެ.
19. އިސްލާމްދީން އަންހެނުންނަށް ކަރާމާތް ދެއްވިއެވެ. އަދި އަންހެނުންނަކީ ފިރިހެނުންނާ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތަށް ބެލުނެވެ. އަދި ފިރިހެނާ ކުޅަދާނަވެގެންވާނަމަ އަންހެނާއަށް ޚަރަދުކުރުން ދީނުން ލާޒިމްކުރިއެވެ. އެގޮތުން އަންހެން ދަރިފުޅަށް ޚަރަދުކުރުން އެކުއްޖާގެ ބައްޕައަށް ވާޖިބުވެގެންވެއެވެ. އަދި ފިރިހެން ދަރިފުޅު ބާލިޣުވެ ކުޅަދާނަކަން ހުރިނަމަ އޭނާގެ މަންމައަށް ޚަރަދުކުރުން ވާޖިބުވިއެވެ. އަދި އަނބިމީހާއަށް ޚަރަދުކުރުން ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވެއެވެ.
20. މަރަކީ އަބަދަށް ފަނާވެ ދިޔުމެއް ނޫނެވެ. ކިއެއްތަ، އެއީ ޢަމަލުގެ ގޮވެތިން، ޖަޒާ ލިބުމުގެ ގޮވެއްޗަށް ބަދަލުވުމެވެ. މަރަކީ ހަށިގަނޑާއި ރޫޙަށްވެސް އަންނަ ކަމެކެވެ. އަދި ރޫޙު މަރުވުމަކީ އެ ރޫޙު ހަށިގަނޑާ ވަކިވެދިޔުމެވެ. ދެން އަލުން ދިރުއްވުމުން ޤިޔާމަތްދުވަހު އެ ފުރާނަ ހަށިގަނޑަށް އަނބުރާ ރުޖޫޢަވެއެވެ. އަދި މަރުވުމަށް ފަހު ފުރާނަ އެހެން ހަށިގަނޑަކަށް ނުދެއެވެ. އަދި އެހެން ހަށިގަނޑެއްގައި އަލުން އަނބުރާ އެ ފުރާނަ ނާދެއެވެ.
21. އިސްލާމްދީން ގޮވާލަނީ އީމާންކަމުގެ ބޮޑެތި އުސޫލުތަކަށް އީމާންވުމަށެވެ. އެއީ މާތްﷲއާއި އެކަލާނގެ މަލާއިކަތުންނާއި، ތައުރާތާއި، އިންޖީލާއި، ޒަބޫރާއި ( އެ ފޮތްތައް އޮޅުވާލުމުގެ ކުރިން ) އަދި ޤުރުއާން ފަދަ އިލާހީ ފޮތްތަކަށް އީމާންވުމެވެ. އަދި ހުރިހާ ނަބިއްޔުންނާއި ރަސޫލުންނަށް އީމާންވުމެވެ. އެބޭކަލުންގެ ތެރެއިން ނަބިއްޔުންނާއި ރަސޫލުން ޚަތިމުކުރެއްވި ކަލޭގެފާނު ކަމުގައިވާ މުޙައްމަދުގެފާނަށް އީމާންވުމެވެ. އަދި އާޚިރަތް ދުވަހަށް އީމާންވުމެވެ. ދުނިޔޭގެ ޙަޔާތަކީ ފަހުގެ ނިމުންކަމުގައިވާނަމަ ދެން ދިރިއުޅުމާއި ވުޖޫދުވުންވާނީ މުޅިން ބޭކާރުކަމެއްކަމުގައިކަން އަހަރުމެން ދަންނަން ޖެހެއެވެ. އަދި ޤަޟާޤަދަރަށް އީމާންވުމެވެ.
22. ނަބިއްޔުންނަކީ ﷲ ގެ ޙަޟްރަތުން ފޯރުކޮށްދެއްވާ ކަންކަމުގައި މަޢުޞޫމު ބައެކެވެ. އަދި ބުއްދިއާ ފުށޫއަރާ ނުވަތަ ރަނގަޅު އަޚްލާޤާ ނުބައްދަލު ކޮންމެ ކަމަކުން މަޢުޞޫމު ބައެކެވެ. އަދި ނަބިއްޔުންނަކީ ﷲ ގެ އަމުރުފުޅުތައް އެކަލާނގެ އަޅުންނަށް ފޯރުކޮށްދިނުމުގެ ތަކުލީފު ޖެއްސެވިގެންވާ ބޭކަލުންނެވެ. ރުބޫބިއްޔަތު ނުވަތަ އުލޫހިއްޔަތުގެ ޚާއްޞަ އެއްވެސް ކަމެއް ނަބިއްޔުންނަށް ނުވެއެވެ. ކިއެއްތަ، އެބޭކަލުންނީ އެހެން ހުރިހާ އިންސާނުންނެކޭ އެއްފަދަ އިންސާނުންނެވެ. ﷲ ތަޢާލާގެ ރިސާލާތުތައް އެކަލާނގެ އެބޭކަލުންނަށް ވަޙީއިން އިއްވަވައެވެ.
23. އިސްލާމްދީން ގޮވާލަނީ ހަމައެކަނި الله އަށް އަޅުކަން ކުރުމަށެވެ. އެއީ ބޮޑެތި އަޅުކަންތަކުގެ އަޞްލުންނެވެ. އެއީ: ނަމާދުކުރުމުންނެވެ. ނަމާދަކީ ކޮޅަށް ހުރުމާއި، ރުކޫޢުކުރުމާއި، ސަޖިދަކުރުމާއި، ޒިކުރުކުރުމާއި، ﷲ އަށް ޘަނާކިޔުމާއި، ދުޢާކުރުމުގެ މައްޗަށްވާ އަޅުކަމެކެވެ. އިންސާނާ ކޮންމެ ދުވަހަކު ފަސް ފަހަރު ނަމާދު ކުރަންޖެހެއެވެ. އެ ނަމާދުތަކުގެ ތެރޭގައި ތަފާތުކުރުންތައް ނެތިގެންދެއެވެ. އެގޮތުން މުއްސަނދި މީހާއާއި ފަޤީރު މީހާއާއި، ވެރިމީހާއާއި ރައްޔިތުމީހާއާއި، އެންމެންވެސް ނަމާދުގައި ތިބެނީ އެއް ސަފެއްގައިއެވެ. އަދި ޒަކާތް ދިނުމެވެ. ޒަކާތަކީ މުދަލުން މަދު މިންވަރެއް- ﷲ ކަނޑައަޅުއްވާފައިވާ ޝަރުޠުތަކާއި މިންގަނޑުތަކާ އެއްގޮތަށް- މުއްސަނދިންގެ ފައިސާގައި ނެރުން ވާޖިބުވެގެންވާ އަޅުކަމެކެވެ. އެ ނެރެވެނީ އަހަރަކު އެއް ފަހަރު، ފަޤީރުންނާއި އެނޫން މީހުންނަށެވެ. އަދި ރޯދަ ހިފުމެވެ. ރޯދައަކީ ރަމަޟާން މަހު ދުވާލު ރޯދަ ގެއްލޭ ކަންކަމުން ދުރުހެލިވެ ހުރުމެވެ. އެއީ ނަފްސުގައި އެދުން (ކޮންޓުރޯލުކުރުމާއި) ކެތްތެރިކަން އާލާކޮށްދޭ ކަމެކެވެ. އަދި ޙައްޖު ކުރުމެވެ. ޙައްޖަކީ ޢުމުރުން އެއް ފަހަރު ކުޅަދާނަކަންހުރި ޤާބިލުމީހާ މާތްވެގެންވާ މައްކާގައިވާ ﷲ ގެ ގެފުޅަށް ޤަޞްދުކޮށްގެން ދިޔުމެވެ. އަދި މި ޙައްޖުގައި ޚާލިޤުވަންތަ ރަސްކަލާނގެއަށް ކުރިމަތިލުމުގައި އެންމެން ހަމަހަމަވެއެވެ. އަދި މިއަޅުކަމުގައި ތަފާތުކުރުންތަކާއި ނިސްބަތްވާ ނިސްބަތްވުންތައް ފިލައިދެއެވެ.
24. އިސްލާމްދީނުގައި އަޅުކަންތަކުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއްކަމަކީ: އެ އަޅުކަންތައް ކުރަންވީ ގޮތްތަކާއި، ވަޤުތުތަކާއި، ޝަރުޠުތަކަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ޝަރުޢުކުރައްވާ، އަދި އެކަލާނގެ ރަސޫލާ ﷺ ފޯރުކޮށްދެއްވި ކަންކަންކަމެވެ. މިއަދާ ހަމައަށްވެސް އިންސާނުން އެ ކަންކަމަށް އުނިއިތުރު ގެނެސްގެން ބޭނިފައި ނުވެއެވެ. ސަލާމް ލެއްވުނު ހުރިހާ ނަބިއްޔުން ވެސް މި ހުރިހާ ބޮޑެތި އަޅުކަންތަކަށް ގޮވާލައްވާފައިވެއެވެ.
25. އިސްލާމްދީނުގެ ރަސޫލާއަކީ، އިސްމާޢީލް ބްނު އިބްރާހީމްގެ ދަރިފަސްކޮޅުން ވަޑައިގެންނެވި މުޙައްމަދު ބްނު ޢަބްދި الله އެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 571 ވަނަ އަހަރު މައްކާގައިއެވެ. ރަސޫލުކަމާގެން ފޮނުއްވުނީ އެތަނުންނެވެ. އަދި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. ވަޘަނީ ބުދުތަކާ ގުޅޭ ކަންކަމުގައި އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ ބައިވެރިވެ ވަޑައިގެންފައި ނުވެއެވެ. އެކަމަކު އެކަލޭގެފާނު އެމީހުންނާއެކު ބައިވެރިވެވަޑައިގަންނަވާފައިވަނީ އަގުހުރި ޤަދަރުހުރި ކަންކަމުގައިއެވެ. އަދި ރަސޫލުކަމާގެން ފޮނުއްވުމުގެ ކުރިންވެސް އެކަލޭގެފާނު ހުންނެވީ މަތިވެރި އަޚްލާޤެއްގެ މަތީގައިއެވެ. އެގޮތުން އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން އެކަލޭގެފާނަށް ކިޔަމުން ދިޔައީ 'އަލްއަމީން' (އަމާނާތްތެރިޔާ) ގެ ނަމުންނެވެ. އަދި އެކަލޭގެފާނުގެ ޢުމުރުފުޅުން ސާޅީސް އަހަރަށް ފޯރިހިނދު ﷲ އެކަލޭގެފާނު ރަސޫލުކަމާގެން ފޮނުއްވިއެވެ. އަދި މަތިވެރި އާޔަތްތަކުން (މުޢުޖިޒާތްތަކުން) ﷲ އެކަލޭގެފާނަށް ބާރުދެއްވިއެވެ. އޭގެ އެންމެ ބޮޑު މުޢުޖިޒާތަކީ ކީރިތި ޤުރްއާނެވެ. އެއީ ނަބިއްޔުންނަށް ދެއްވުނު ހެކިތަކުން އެންމެ މަތިވެރިވެގެންވާ ހެއްކެވެ. އަދި ނަބިއްޔުންގެ އާޔަތްތަކާއި ހެކިތަކުން މިއަދާ ހަމައަށް ބާކީއޮތް ހެއްކަކީ އެޔެވެ. ﷲ އެކަލޭގެފާނަށް ދީން ފުރިހަމަކޮށްދެއްވާ، އަދި ރަސޫލާ ﷺ އެ ދީން އެންމެ ފުރިހަމައަށް ފޯރުކޮށްދެއްވާ ނިންމެވިހިނދު؛ އެކަލޭގެފާނު އަވަހާރަވިއެވެ. އެއީ ޢުމުރުފުޅުން ފަސްދޮޅަސް ތިން އަހަރުގައިއެވެ. އަދި އެކަލޭގެފާނު ﷺ ފަސްދާނުލެވުނީ މަދީނާގައިއެވެ. ރަސޫލާ މުޙައްމަދު ﷺ އީ ނަބިއްޔުންނާއި ރަސޫލުން ޚަތިމްކުރެއްވި ކަލޭގެފާނެވެ. ﷲ އެކަލޭގެފާނު ހިދާޔަތާއި ޙައްޤު ދީނާގެން ފޮނުއްވިއެވެ. އެއީ ވަޘަނިއްޔަތާއި ކުފުރާއި ޖާހިލުކަމުގެ އަނދިރިކަމުން ތައުޙީދާއި އީމާންކަމުގެ ނޫރަށް މީސްތަކުން ނެރުއްވުމަށްޓަކައިއެވެ. އަދި ﷲ އެކަލޭގެފާނަށް ހެކިވެވޮޑިގެންފައިވަނީ އެއީ އެކަލާނގެ އިޛްނަފުޅާއެކު އެކަލާނގެ މަގަށް ގޮވާލެއްވުމަށް ފޮނުއްވި ބޭކަލެއްކަމުގައިއެވެ.
26. ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ގެންނެވި އިސްލާމްދީނުގެ ޝަރީޢަތަކީ އިލާހީ ރިސާލަތުތަކާއި ރައްބާނީ ޝަރީޢަތްތަކުގެ ނިމުމެވެ. އަދި އެއީ ފުރިހަމަކަމުގެ ޝަރީއަތެވެ. އަދި އޭގައި މީސްތަކުންގެ ދީނާއި ދުނިޔޭގެ ކަންކަން ހެޔޮވެ އިޞްލާޙުވުންވެއެވެ. އަދި އެ ޝަރީޢަތުގައި އެންމެ އިސް ދަރަޖައެއްގެ ދީގެން، މީސްތަކުންގެ ދީނާއި، ލެޔާއި، މުދަލާއި، ބުއްދިއާއި، ދަރިފަސްކޮޅު ރައްކާތެރިކޮށްދެއެވެ. އަދި އެއީ އިސްވެދިޔަ ކޮންމެ ޝަރީޢަތެއް މަންސޫޚަކުރި ޝަރީޢަތެވެ. އެއީ ކުރިންވީ ޝަރީޢަތްތައްވެސް އެކަތި އަނެކަތި މަންސޫޚަކުރި ގޮތަށެވެ.
27. ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمَ ގެންނެވި އިސްލާމްދީން ފިޔަވައި އެހެން ދީނެއް اللهُ سُبْحَانَهُ وَتَعَالى ޤަބޫލެއް ނުކުރައްވައެވެ. އިސްލާމްދީން ނޫން އެހެން ދީނެއް ބަލައިގަތް މީހަކު އޭނާގެ ކިބައިން އެ ދީނެއް ޤަބޫލުނުކުރެވޭ ހުއްޓެވެ.
28. ކީރިތި ޤުރުއާނަކީ ރަސޫލާ މުޙައްމަދު ﷺ ގެ މައްޗަށް ﷲ ތަޢާލާ ވަޙީއިން ބާވައިލެއްވި ފޮތެވެ. އަދި އެއީ ޢާލަމުތަކުގެ ވެރިރަސްކަލާނގެ ބަސްފުޅެވެ. އެފަދަ ފޮތެއް ނުވަތަ އެއާ އެއްފަދަ ސޫރަތެއްގެ މިންވަރުވިޔަސް އުފައްދައިގެން ގެނައުމަށް މާތް الله އިންސާނުންނަށާއި ޖިންނީންނަށް ގޮންޖެއްސެވިއެވެ. އެ ގޮންޖެހުން މިއަދާ ހަމައަށްވެސް އެބައޮތެވެ. ކީރިތި ޤުރުއާނުގައި އެތައް މިލިއަން ބަޔަކަށް އޮޅުން ބޮޅުން ބޮޑުވާ މުހިއްމު އެތައް ސުވާލަކަށް ޖަވާބު ދީފައިވެއެވެ. އަދި ކީރިތި ޤުރުއާން މިއަދާ ހަމައަށްވެސް ވަނީ ރައްކާކުރެވިފައިއެވެ. އެއީ އެ ޤުރުއާން ބާވައިލެއްވުނު ޢަރަބި ބަހުންނެވެ. އެއިން އެންމެ އަކުރެއްވެސް އުނިވެފައި ނެތެވެ. އެ ފޮތްވަނީ ޗާޕުކޮށް ޝާއިޢު ކުރެވިފައިއެވެ. އެއީ އެ ފޮތް ކިޔުން ނުވަތަ އެ ފޮތުގެ މާނަތަކުގެ ތަރުޖަމާއެއް ކިޔުމަށް ޙައްޤުކަން ބޮޑު، މަތިވެރި އިޢުޖާޒީ ފޮތެކެވެ. އެފަދައިންމެ ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތާއި، އެކަލޭގެފާނުގެ އުނގަންނަވައިދެއްވުންތަކާއި، އެކަލޭގެފާނުގެ ސިޔަރަތުވެސް ރައްކާތެރިކުރެވި، އަދި އިތުބާރުހުރި ރާވީންގެ ސިލްސިލާއަކުން ނަޤުލުކޮށް އައިސްފައިވެއެވެ. އަދި ރަސޫލާ ﷺ ވާހަކަދެއްކެވި ބަސްކަމުގައިވާ ޢަރަބި ބަހުން އެ ސުންނަތް ޗާޕުކުރެވި، އަދި އެތަކެއް ބަސްތަކަށް ތަރުޖަމާވެސް ކުރެވިފައިވެއެވެ. ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ސުންނަތަކީ އިސްލާމީ ޙުކުމްތަކާއި ޝަރުޢުތަކުގެ ހަމައެކަނި މަޞްދަރެވެ. ފަހެ އިސްލާމްދީނަކީ އެދީނަށް ނިސްބަތްވެގެން ތިބި މީހުންގެ ޢަމަލުތަކުން ނެގިގެންވާނޭ އެއްޗެއް ނޫނެވެ. އެކަމަކު އެ ދީން ނެގޭނެކަން ކަށަވަރީ އިލާހީ ވަޙީކަމުގައިވާ: މަތިވެރި ޤުރްއާނާއި ނަބަވީ ސުންނަތުންނެވެ.
29. އިސްލާމްދީން އަމުރުކުރަނީ މައިންބަފައިންނަށް ހެޔޮކޮށްހިތާ އިޙްސާންތެރިވުމަށެވެ. އެއީ އެ ދެމީހުންނީ މުސްލިމުން ކަމުގައި ނުވިޔަސްމެއެވެ. އަދި ދަރިންނާމެދު ހެޔޮކޮށް ކަންތައްކުރުމަށްވެސް ވަޞިއްޔަތް ކުރެއްްވިއެވެ.
30. އިސްލާމްދީން އަމުކުރަނީ ދުޝްމަނުންނާ މެދުގައިވެސް ބަހާއި ޢަމަލުގައި ޢަދުލުވެރިވުމަށެވެ.
31. އިސްލާމްދީން ހުރިހާ ޚަލްޤުތަކުންނަށް ހެޔޮ ފޯރުކޮށްދީ އިޙްސާންތެރިވުމަށް އަމުރުކުރެއެވެ. އަދި ރިވެތި އަޚްލާޤާއި މޫރިތި ޞިފަތަކަށް ގޮވާލައެވެ.
32. އަދި އިސްލާމްދީން އަމުރުކުރަނީ ތެދުވެރިކަމާއި، އަމާނާތް އަދާކުރުމާއި، ޢިއްފަތްތެރިކަމާއި، ލަދުވެތިކަމާއި، ހިތްވަރާއި، ހޭދަކުރުމަށާއި، ދީލަތިކަމާއި، ޙާޖަތް ޖެހިފައިވާ މީހާއަށް އެހީތެރިވުމާއި، ޙާލުގައި ޖެހިފައިވާ މީހާއަށް ވާގިވެރިވުމާއި، ބަނޑުހައިވެފައިވާ މީހާއަށް ކާންދިނުމާއި، ރަނގަޅު އަވަށްޓެރިކަމާއި، ރަޙިމުގެ ގުޅުންތައް ދެމެހެއްޓުމާއި، ޖަނަވާރަށް އޯގާތެރިވުންފަދަ ރިވެތި ރަނގަޅު އަޚްލާޤަށެވެ.
33. އިސްލާމްދީންވަނީ ކާބޯތަކެތިން ހެޔޮ ރަނގަޅު ތަކެތި ޙަލާލުކުރައްވާފައިއެވެ. އަދި ހިތާއި ހަށިގަނޑާއި ގޭގެ ސާފުތާހިރުކަމަށް އަމުރުކުރެއްވިއެވެ. އެހެންވެގެން ކައިވެނިކުރުން ހުއްދަކުރެއްވިއެވެ. އެއީ ނަބިއްޔުށް އެކަމަށް އަމުރުކުރެއްވި ގޮތަށެވެ. ފަހެ އެބޭކަލުން އަމުރުކުރައްވަނީ ކޮންމެ ހެޔޮ ރަނގަޅު ކަމަކަށެވެ.
34. އިސްލާމްދީންވަނީ ޙަރާމް ކަންކަމުގެ މައިގަނޑު އަޞްލުތައް ޙަރާމްކޮށްފައިއެވެ. ﷲ އާ ޝަރީކުކޮށް ކުފުރުވުމާއި، ބުދަށް އަޅުކަންކުރުމާއި، ޢިލްމެއް ނެތި ﷲ ގެ މައްޗަށް ބަސްބުނުމާއި، ކުޑަކުދިން މެރުމާއި، ޙުރުމަތްތެރިވެގެންވާ ނަފްސެއް ޤަތުލުކުރުމާއި، ބިމުގައި ފަސާދަކުރުމާއި، ސިޙުރުހެދުމާއި، ފާޅުކަން ބޮޑު އަދި ފޮރުވިފައިވާ ފާހިޝް ކަންތަކާއި، ޒިނޭއާއި، ލިވާޠުކުރުންފަދަ ކަންކަމެވެ. އަދި ރިބާ ކެއުން ޙަރާމްކުރައްވާ، މުޅަ ތަކެއްޗާއި، ބުދުތަކަށް ޤުރުބާން ކުރެވޭ ތަކެތި ކެއުން ޙަރާމްކުރެއްވިއެވެ. އަދި އޫރު މަހާއި، ނުބައި ނަޖިސްތަކެތި ޙަރާމްކުރެއްވިއެވެ. އަދި ޔަތީމު ކުއްޖާގެ މުދާ ކެއުމާއި، މިނެކިރުމުގައި މަކަރުހެދުން ޙަރާމްކުރެއްވިއެވެ. އަދި ރަޙިމުގެ ގުޅުންތައް ކެނޑުން ޙަރާމްކުރެއްވިއެވެ. ސަލާމްލެއްވުނު އެންމެހާ ނަބިއްޔުން، މި ޙަރާމް ކަންތައްތައް ޙަރާމްވެގެންވާކަމާމެދު އިއްތިފާޤުވެގެންވެއެވެ.
35. އިސްލާމްދީން ވަނީ ދޮގުހެދުމާއި، މަކަރާއި ޙީލަތާއި، ޣައްދާރުވުމާއި، ޚިޔާނާތާއި، އޮޅުވާލުމާއި، ހަސަދަވެރިކަމާއި، ނުބައި ރޭވުމާއި، ވައްކަމާއި، މަގުފޭރުމާއި، އަނިޔާވެރިކަން ފަދަ ނުބައި އަޚްލާޤުތައް މަނާކޮށްފައިއެވެ.
36. އިސްލާމްދީނުގައި ރިބާ، ނުވަތަ ގެއްލުމެއް، ނުވަތަ އޮޅުވާލުމެއް، ނުވަތަ އަނިޔާއެއް، ނުވަތަ މަކަރެއް ހިމެނޭ، ނުވަތަ މުޖުތަމަޢުތަކާއި ރައްޔިތުންނާއި ފަރުދުންނަށް މުޞީބާތްތަކާއި ޢާންމު ގެއްލުންތައް މެދުވެރިވާނޭ ފައިސާގެ މުޢާމަލާތްތައް މަނާކޮށްފައިވެއެވެ.
37. އިސްލާމްދީން އައީ ބުއްދި ޙިމާޔަތްކޮށް، އެ ބުއްދި ފަސާދަކުރާ ކޮންމެ ކަމެއް، މިސާލަކަށް ބަނގުރާ ބުއިން ފަދަ ކަންކަން ޙަރާމްކުރުމަށެވެ. އަދި އިސްލާމްދީން ބުއްދީގެ ޤަދަރު މަތިކޮށް، އެއީ ތަކްލީފުތައް ޖެއްސެވުން ގުޅިގެންދާ ކަންތައް ކަމުގައި ހެދިއެވެ. އަދި ޚުރާފާތްތަކާއި ވަޘަނިއްޔަތުގެ ކަސްތަޅުތަކުން ބުއްދި މިނިވަންކުރިއެވެ. އަދި އިސްލާމްދީނުގައި އެއް ފަންތިއަށް ނުލިބި އަނެއް ފަންތީގެ ބަޔަކަށް ޚާއްޞަވާ ސިއްރުތަކެއް ނުވަތަ ޙުކުމްތަކެއް ނުވެއެވެ. އިސްލާމްދީނުގެ ހުރިހާ ޙުކުމްތަކާއި ޝަރުޢުތަކަކީ ޞައްޙަ ބުއްދިއާ އެއްގޮތްވެ އެއްބަސްވާ ކަންކަމެވެ. އަދި އެ ކަންކަންވަނީ ޢަދުލުވެރިކަމާއި ޙިކްމަތް ނިޔާކުރާ ގޮތަށެވެ.
38- ބާޠިލު ދީންތަކަށް ތަބަޢަވާ މީހުން، އެ ދީންތަކުގައިވާ ފުށޫއެރުންތަކާއި އަދި ބުއްދި ޤަބޫލުނުކުރާ ކަންތައް ނަގައިނުގަނެ ނުވިސްނިއްޖެނަމަ؛ އެ ދީނުގެ ބޮޑުން އެމީހުންނަށް ވިސްނައިދެނީ ދީންވަނީ ބުއްދިއަށްވުރެ މަތީގައިކަމަށެވެ. އަދި ދީން ފަހުމްވެ ނަގައިގަތުމުގައި ބުއްދިއަށް އެއްވެސް ޖާގައެއް ނުވާކަމަށެވެ. އަނެއްކޮޅުން އިސްލާމްދީނުގައި، ދީނަކީ ބުއްދިއަށް ދާންވީ މަގު އަލިކޮށްދޭ އެއްޗެއްކަމުގައި ބެލިއެވެ. ބާޠިލު ދީންތަކުގެ އަހުލުވެރިން އިިންސާނާގެ ކިބައިން ބޭނުންވަނީ ބުއްދި ދޫކޮށްލާފައި އެމީހުންނަށް ތަބަޢަވުމަށެވެ. އިސްލާމްދީން އިންސާނާގެ ފުށުން ބޭނުންވަނީ އޭނާގެ ބުއްދި ހޭލައްވާލުމަށެވެ. އެއީ ކަންކަން އޭގެ ޙަޤީޤަތްތަކާ އެއްގޮތަށް އެނގިގެންދިޔުމަށެވެ.
39. އިސްލާމްދީން ޞައްޙަ ޢިލްމުގެ ޤަދަރު މަތިކުރިއެވެ. އަދި އަމިއްލަ އެދުންތަކުން ވަކިވެގެންވާ ގޮތަށް ޢިލްމީގޮތުން ކަންކަން ހޯދާ ބެލުމަށް ބާރުއަޅައެވެ. އަދި އެ ދީން ގޮވާލަނީ އަހަރުމެންގެ ނަފްސުތަކާމެދު އަދި އަހަރުމެންގެ ވަށައިގެންވާ ކައުނާމެދު ނަޒަރު ހިންގާ ބަލާ ފިކުރުކުރުމަށެވެ. ޢިލްމީ ޞައްޙަ ނަތީޖާތަކަކީ އިސްލާމްދީނާ ފުށޫއަރާ ކަންކަމެއް ނޫނެވެ.
40. މާތް الله އަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވެ، އެކަލާނގެ ރަސޫލުން عليهم الصلاة والسلام ތެދުކުރި މީހުންގެ ކިބައިން މެނުވީ، އާޚިރަތުގައި ﷲ އެ ޢަމަލެއް ޤަބޫލެއް ނުކުރައްވާނެއެވެ. އަދި ޘަވާބެއްވެސް ނުދެއްވާނެއެވެ. އަދި ﷲ ޝަރުޢުކުރައްވާފައިވާ ކަމެއް ނުވީ އަޅުކަންތަކުން އެކަލާނގެ ޤަބޫލު ނުކުރައްވައެވެ. ދެންފަހެ އިންސާނާ ﷲ އަށް ކާފަރުވެ ހުރެގެން އެކަލާނގެ އޭނާކުރި ޢަމަލަށް ހެޔޮ ބަދަލު ދެއްވާނޭކަމަށް އުންމީދު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި ސަލާމްލެއްވި ހުރިހާ ނަބިއްޔުންނަށް އީމާންވެ، މުޙައްމަދު ﷺ ގެ ރިސާލަތަށް އީމާންވެގެން ނޫނީ މީސްތަކުންގެ ތެރެއިން އެކަކުގެ އީމާންކަމެއްވެސް ﷲ ޤަބޫލެއް ނުކުރައްވައެވެ.
41. އިލާހީ ހުރިހާ ރިސާލަތެއްގެ މަޤްޞަދަކީ: ޙައްޤު ދީނާގެން އިންސާނާ މަތިވުމެވެ. ދެން އޭނާވާހުށީ ޢާލަމްތަކުގެ ވެރި ރައްބު ﷲ ގެ ޚާލިޞް އަޅެއްކަމުގައިއެވެ. އަދި އިންސާނުންނަށް ނުވަތަ މާއްދިއްޔަތަށް ނުވަތަ ޚުރާފާތްތަކަށް އަޅުވެތިވުމުން އޭނާ މިނިވަންކުރުމެވެ. ތިބާއަށް ފެންނާނޭ ފަދައިން އިސްލާމްދީނަކީ ޝަޚްޞުންތަކެއް މާތްކޮށް މުޤައްދަސްކޮށްގެން، އެމީހުންގެ މަޤާމަށްވުރެ މަތިކޮށްގެން އުޅޭ ދީނެއް ނޫނެވެ. އަދި އެމީހުންނީ ރައްބުންތަކެއް ކަމުގައި އަދި އިލާހުންތަކެއް ކަމުގައި ނުހަދައެވެ.
42- އިސްލާމްދީނުގައި ﷲ ވަނީ ތައުބާވުން ޝަރުޢުކުރައްވާފައިއެވެ. އެއީ: އިންސާނާ އޭނާގެ ވެރި ރައްބަށް ރުޖޫޢަވެ، ފާފަ ދޫކޮށްލުމެވެ. އަދި އިސްލާމްވުމަކީ އޭގެ ކުރިން ކޮށްފައިވާ ހުރިހާ ފާފަތައް ފުނޑާލާ ކަމެކެވެ. އަދި ތައުބާވުމަކީ އޭގެ ކުރިންވާ ފާފަތައް ފޮހެލާ ކަމެކެވެ. އެހެންކަމުން އިންސާނާ ކޮށްފައިވާ ކުށްތަކުގެ ވާހަކަ މީސްތަކުންގެ ކުރިމަތީގައި ދައްކާ އިޢުތިރާފުވާކަށް ނުޖެހެއެވެ.
43- އެގޮތުން އިސްލާމްދީނުގައި އިންސާނާއާއި ﷲ އާ ދެމެދު އޮންނަ ގުޅުމަކީ ސީދާ ގުޅުމެކެވެ. ފަހެ ތިބާއާއި ﷲ އާ ދެމެދު މެދުވެރިޔަކަށް ވާން އެއްވެސް މީހަކަށް ތިބާ ބޭނުން ނުވެއެވެ. ފަހެ އިސްލާމްދީނުގައި އިންސާނުން އިލާހުންކަމުގައި ހެދުން ނުވަތަ ﷲ ގެ ރުބޫބިއްޔަތުގައި ނުވަތަ އުލޫހިއްޔަތުގައި އެކަލާނގެއާ ބައިވެރިވާ ބައެއްކަމުގައި ހެދުން މަނާކުރެއެވެ.
44- މި ރިސާލާގެ ނިމުމުގައި އަހަރުމެން ހަނދާން އާކޮށްލާނީ: މީސްތަކުން ޒަމާނާއި ޤައުމިއްޔަތާއި ބިންތައް ތަފާތުވުމުގެ މައްޗަށް، ކިއެއްތަ މުޅި އިންސާނީ މުޖްތަމަޢުވެސްވަނީ ފިކުރުތަކާއި މަޤްޞަދުތަކުގައި ތަފާތުވެގެންނެވެ. އަދި މާހައުލާއި ޢަމަލުތަކުގައިވެސް އެކި ގޮތްގޮތަށެވެ. ފަހެ އިންސާނީ މުޖްތަމަޢުއަށް މަގުދައްކާނޭ ފަރާތަކަށް، އަދި އެއްބައިވަންތަކުރާނޭ ނިޒާމަކަށް، ޙިމާޔަތްކުރާނޭ ޙާކިމަކަށްވަނީ ބޭނުންޖެހިގެންނެވެ. ސަލާމާއި ޞަލަވާތް ލެއްވުނު މާތް ރަސޫލުން، ﷲ ގެ ވަޙީއާއެކު އެކަމާ ހަވާލުވެވަޑައިގަތެވެ. ހެޔޮކަމާއި ތެދުމަގަށް އެބޭކަލުން މީސްތަކުންނަށް މަގުދައްކަވާ، އަދި ﷲ ގެ ޝަރީއަތުގެ މައްޗަށް މީސްތަކުން ޖަމަޢަކުރައްވާ، އަދި ޙައްޤުން އެމީހުންގެ މެދުގައި ޙުކުމްކުރައްވަމުން ގެންދެވިއެވެ. ދެން އެމީހުން މި ރަސޫލުންނަށް އިޖާބަދިން މިންވަރެއްގެ މައްޗަށް، އަދި އިލާހީ ރިސާލަތްތަކާ އެމީހުންގެ ދުވަސްވަރު ކައިރިވެގެންވީ ވަރަކަށް އެމީހުންގެ ކަންކަން ސީދާވެގެންދެއެވެ. އަދި ރަސޫލާ މުޙައްމަދު ﷺ ގެ ރިސާލަތުން ﷲ ރިސާލަތުތައް ޚަތިމުކުރެއްވިއެވެ. އަދި އެ ރިސާލަތު ދާއިމަށް ދެމިގެންވުމަށް ކަނޑައަޅުއްވާ ލިޔުއްވިއެވެ. އަދި އެއީ މީސްތަކުންނަށް ހުރި ހިދާޔަތެއްކަމުގައި، އަދި ރަޙްމަތާއި، އަލިކަމާއި، އެކަލާނގެއަށް ވާޞިލްވާ މަގަށް ހުރި އިރުޝާދެއް ކަމުގައި ލެއްވިއެވެ.
45. އެހެންކަމުން އޭ އިންސާނާއެވެ. އަހަރެން ތިބާއަށް މި ގޮވާލަނީ ތަޤުލީދުކުރުމާއި ޢާދަކާދަތަކުން އެއްކިބާވެގެން ހުރެ ތެދުވެރި އިޚްލާޞްތެރި ތެދުވުމަކުން ﷲ އަށްޓަކައި ތެދުވުމަށެވެ. އަދި ތިބާ މަރުވުމަށްފަހު ތިބާގެ ވެރި ރައްބުގެ ޙަޟްރަތަށް ރުޖޫޢަވާނޭކަން ދަންނާށެވެ. އަދި ތިބާގެ ނަފްސަށާއި، އަދި ތިބާ ވަށައިގެންވާ އުދަރެހަށް ބެލުމަށް ގޮވާލަމެވެ. ފަހެ ތިބާ އިސްލާމްވާށެވެ. އޭރުން ތިބާގެ ދުނިޔެއާއި އާޚިރަތުގައި ތިބާ ބާއްޖަވެރިވާނެއެވެ. ތިބާ އިސްލާމްދީނަށް ވަންނަން ބޭނުންނަމަ ތިބާ ހަމައެކަނި ކުރަންޖެހޭ ކަމަކީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، އަދި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ﷲ ފިޔަވައި އަޅުކަންވެވޭ އެހެން ހުރިހާ ފަރާތްތަކުން ބަރީއަވެ، ޤަބުރުތަކުގައިވާ މީސްތަކުން ﷲ އަލުން ދިރުއްވާނޭކަމަށް ތިބާ އީމާންވެ، އަދި ޙިސާބު ބެއްލެވުމާއި ޖަޒާދެއްވުމީ ޙައްޤުކަމަށް އީމާންވާހުށިއެވެ. ދެންފަހެ ތިބާ މިފަދައިން ހެކިވެއްޖެނަމަ ތިބާ ތިވަނީ މުސްލިމަކަށް ވެފައިއެވެ. ދެން އެއަށްފަހު ތިބާގެ މައްޗަށް އޮތްކަމަކީ ﷲ ޝަރުޢުކުރެއްވި ގޮތަށް އެކަލާނގެއަށް އަޅުކަންކުރުމެވެ. އެއީ ނަމާދާއި، ޒަކާތާއި، ރޯދައާއި، އަދި ތިބާ ކުޅަދާވެގެންވާނަމަ ޙައްޖުވެގެންނެވެ.
19 -11- 1441 ތާރީޚު ގެ ކޮޕީއެކެވެ
ލިޔުއްވީ އަލްއުސްތާޛު ޑރ. މުޙައްމަދު ބްނު ޢަބްދު ﷲ އަލްސުޙައިމް
ޑިޕާޓްމަންޓް އޮފް އިސްލާމިކް ސްޓަޑީޒްގެ ޢަޤީދާ އުސްތާޛެއް (ކުރިން)
ތަރުބިއްޔަތާ ބެހޭ ފެކަލްޓީ، ކިންގް ސުޢޫދު ޔުނިވާސިޓީ
ރިޔާޟު، ސުޢޫދީ ޢަރަބިއްޔާ
Related books
All books
ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގައި އައިސްފައިވާ ގޮތަށް އިސްލާމްދީނާ ބެހޭ ކުރު ޚުލާޞާއެއް71 languagesކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގައި އައިސްފައިވާ ގޮތަށް އިސްލާމްދީނާ ބެހޭ ކުރު ޚުލާޞާއެއް
އިސްލާމްދީން މިއީ އިސްލާމްދީނުގެ ކުރު ތަޢާރަފެއް ހިމެނޭ މުހިއްމު ފޮތެކެވެ. އެއީ އެ ދީނުގެ މުހިއްމު އުޞޫލުތަކާއި، ތަޢުލީމުތަކާއި، ރިވެތި ޞިފަތައް ދީނުގެ އަޞްލު މަޞްދަރުތައްކަމުގައިވާ: ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުން ބަޔާންކޮށްދޭ ފޮތެކެވެ. މި ފޮތް އަމާޒުކުރެވިފައިވަނީ ޙާލަތްތައް ތަފާތުވެގެންވާ ގޮތުގެ މައްޗަށް، ކޮންމެ ޒަމާނެއް އަދި ކޮންމެ ތަނެއްގައިވާ، މުސްލިމުންނާއި ޣައިރު މުސްލިމުންނަށް އެމީހުންގެ އަމިއްލަ ބަހުރުވައިންނެވެ. (ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގެ ދަލީލުތައް އެކުލެވިގެންވާ ކޮޕީ) 1- އިސްލާމްދީނަކީ ހުރިހާ މީސްތަކުންނަށްވާ الله ގެ ރިސާލަތެވެ. ފަހެ އެއީ ރައްބާނީ ރިސާލަތްތައް…
މުލްޙިދަށް (ކަލަކުވާކަމަށް ޤަބޫލުނުކުރާ އޭތީސްޓަށް) ވާ ކުރު ރިސާލާއެއް31 languagesމުލްޙިދަށް (ކަލަކުވާކަމަށް ޤަބޫލުނުކުރާ އޭތީސްޓަށް) ވާ ކުރު ރިސާލާއެއް
(މިއީ) މުލްޙިދަކަށް ނުވަތަ އޭތީސްޓަކަށް އަމާޒުކުރެވިފައިވާ ކުރު ރިސާލާއެކެވެ. މި ރިސާލާގައި، ކައުނާއި އޭގެ ނިޒާމުގެ ނާޒުކު ފުރިހަމަކަން އެއީ އިއްތިފާޤަކުން (ކަލަކު ނެތި) ކައުނު އުފެދުން ނަފީކުރާ ކަމެއްކަމާއި، އަދި އެއިން ދަލީލުކުރަނީ ޙިކުމަތްތެރި ޚާލިޤަކުވާކަމަށްކަން ބުއްދިއަށް މުޚާޠަބުކޮށް ކިޔާދެއެވެ. ފަހެ މި ހުރިހާ އެއްޗެއް (ކަލަކު ނުވާގޮތަށް) ނެތުމުގެ ތެރެއިން އައުމަކީ ބުއްދި ހަމަޖެހޭ ކަމެއް ހެއްޔެވެ؟ ފަހެ ފުންކޮށް ވިސްނާ ފިކުރު ކުރުމަށް ތިބާގެ ހިތް ހުޅުވާހުށިކަމެވެ. އަދި ތިބާ ޙައްޤު ހޯދާށެވެ. ފަހެ ޙައްޤުގައި ތިބާއަށް މަގުދައްކާނޭ ނޫރެއް އަލިކަމެއް ތިބާއަށް ފެންނާނެއެވެ.
އިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ85 languagesއިސްލާމްދީނަކީ މާތް الله ގެ ރަސޫލުންގެ ދީނެވެ
އިސްލާމްކަމަކީ: ކައުނު އުފެއްދެވި ޚާލިޤު އަދި އެ ކައުނު ތަދުބީރުކުރައްވާ ﷲ އަށް ބޯލަނބާ އަމާންދިނުމެވެ. އަދި އެކަލާނގެއަށް ލޯތްބާއި ޤަދަރާއެކު ކިޔަމަންވުމެވެ. އިސްލާމްކަމުގެ އަސާސަކީ މާތް الله އަށް އީމާންވެ، އަދި އެކަލާނގެއީ ޚާލިޤުކަމާއި އެނޫން ހުރިހާ އެއްޗެއް އެއީ އުފެއްދެވިގެންވާ މަޚްލޫޤުންކަމާއި، އަދި އެކަލާނގެއީ އެއްވެސް ބައިވެރިއެއްނެތި އަޅުކަން ހަމައެކަނި ޙައްޤުވާ ފަރާތްކަމަށް އީމާންވުމެވެ. އެކަލާނގެ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަންވެވޭ ފަރާތެއް ނުވެއެވެ. އެންމެ ރިވެތި ނަންފުޅުތަކާއި އެންމެ މަތިވެރި ޞިފަފުޅުތައް އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. އަދި އެއްވެސް އުނިކަމެއް ނެތި، މުޠުލަޤު…
الإسلام دين رب العالمين