ޞައްޙަ ޢަޤީދާއާއި އެއާ އިދިކޮޅުވާ ކަންކަން
ފުރަތަމަ ރިސާލާ ލިޔުއްވީ: ސަމާޙަތުއް-ޝައިޚު: ޙަމްދުހުރީ އެއްކައުވަންތަ ﷲ އަށެވެ. ޞަލަވާތާއި ސަލާމް ހުރީ އެކަލޭގެފާނަށްފަހު އެހެން ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށެވެ. އެއަށްފަހު ދަންނައެވެ: ފަހެ ޞައްޙަ ޢަޤީދާއަކީ އިސްލާމްދީނުގެ އަޞްލުކަމުގަޔާއި އަދި މިއްލަތުގެ އަސާސްކަމުގައި ވީހިނދު؛ މި މައުޟޫޢާމެދު ވާހަކަދައްކާ، އަދި މިކަން ބަޔާންކޮށް ސާފުކޮށްދިނުމުގައި ލިޔެ ތައުލީފުކުރުމަކީ މުހިއްމުކަމެއް ކަމުގައި އަހަރެންނަށް ފެނުނެވެ.
These files are generated automatically from the book's text; their layout may differ from the printed edition.
ފުރަތަމަ ރިސާލާ
ޞައްޙަ ޢަޤީދާއާއި އެއާ އިދިކޮޅުވާ ކަންކަން
ލިޔުއްވީ: ސަމާޙަތުއް-ޝައިޚު:
ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒު،
ޙަމްދުހުރީ އެއްކައުވަންތަ ﷲ އަށެވެ. ޞަލަވާތާއި ސަލާމް ހުރީ އެކަލޭގެފާނަށްފަހު އެހެން ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށެވެ.
އެއަށްފަހު ދަންނައެވެ: ފަހެ ޞައްޙަ ޢަޤީދާއަކީ އިސްލާމްދީނުގެ އަޞްލުކަމުގަޔާއި އަދި މިއްލަތުގެ އަސާސްކަމުގައި ވީހިނދު؛ މި މައުޟޫޢާމެދު ވާހަކަދައްކާ، އަދި މިކަން ބަޔާންކޮށް ސާފުކޮށްދިނުމުގައި ލިޔެ ތައުލީފުކުރުމަކީ މުހިއްމުކަމެއް ކަމުގައި އަހަރެންނަށް ފެނުނެވެ.
އަދި ޤުރްއާނާއި ސުންނަތުގެ ޝަރުޢީ ދަލީލުތަކުން އެނގިގެންވާކަމަކީ: ޢަމަލުތަކާއި ބަސްތައް ޞައްޙަވެ ޤަބޫލުކުރެވޭހުށީ ޞައްޙަ ޢަޤީދާއަކުން އައިސްފިނަމައެވެ. ދެންފަހެ، ޢަޤީދާ ޞައްޙަވެގެން ނުވާނަމަ؛ އެއިން ފަޅައިގެން އަންނަ ޢަމަލުތަކާއި ބަސްތައް ބާޠިލުކޮށްލައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (...އަދި އީމާންކަމަށް ކާފަރުވާމީހާ ފަހެ، ހަމަކަށަވަރުން، އެމީހާގެ ޢަމަލު ބާޠިލުވެގެންވެއެވެ. އަދި އޭނާވަނީ އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.) [އަލްމާއިދާ: 5].
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަހީ ކުރެއްވުނެވެ: ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.) [އައްޒުމަރު: 65]
މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. ﷲ ތަޢާލާގެ ބަޔާންވެގެންވާ ފޮތާއި، އެކަލާނގެ އަމާނާތްތެރި ރަސޫލާ، -އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން އެކަލޭގެފާނުގެ މައްޗަށް އެންމެ ހެޔޮވެގެންވާ ޞަލަވާތާއި ސަލާމްހުއްޓެވެ- އެކަލޭގެފާނުގެ ސުންނަތް ދަލީލުކޮށްފައިވަނީ؛ ޞައްޙަ ޢަޤީދާ ޚުލާޞާވެގެންވަނީ ހަ ކަމެއްގައިކަމެވެ. އެއީ: ﷲ އަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ. މި ހަ ކަމަކީ: ﷲ ގެ ޢިއްޒަތްތެރިވެގެންވާ ފޮތް އެކަންކަމާގެން ބާވައިލެއްވުނު، އަދި ﷲ އެކަލާނގެ ރަސޫލާ މުޙައްމަދު عليه الصلاة والسلام އެކަންކަމާގެން ފޮނުއްވި ޞައްޙަ ޢަޤީދާގެ އަސާސްތަކެވެ.
ޤުރްއާނާއި ޞައްޙަ ސުންނަތުގައި، މި ހަ އަސާސްގެ މައްޗަށް ދަލީލުތައް ގިނަގުނަކޮށް އައިސްފައިވެއެވެ. އޭގެ ތެރޭގައި މިސާލަކަށް އަންނަނިވި ދަލީލުތައްވެއެވެ:
ފުރަތަމައަށް: ޤުރްއާނުންވާ ދަލީލުތައް. އޭގެ ތެރޭގައި ﷲ ޢައްޒަ ވަޖައްލަގެ މި ބަސްފުޅުވެއެވެ: (ހެޔޮކަމަކީ (ހަމައެކަނި) އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއްކަމަކު (ހުރިހާ) ހެޔޮކަމެއްވެސް ވާހުށީ، ﷲ އަށާއި އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި (ބާވައިލެއްވި) ފޮތްތަކަށާއި ނަބިއްޔުންނަށް އީމާންވި މީހާގެ ކިބައިގައެވެ...) [އަލްބަޤަރާ: 177]
އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ: (ރަސޫލާއަށް، އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުން ބާވައިލެއްވި (ކޮންމެ) އެއްޗަކަށްމެ ރަސޫލާއާއި މުއުމިނުން އީމާންވިއެވެ. އެ އެންމެންމެ، ﷲ އާއި އެއިލާހުގެ މަލާއިކަތުންނާއި (ބާވައިލެއްވި) ފޮތްތަކާއި ފޮނުއްވި ރަސޫލުންނަށް އީމާންވެއެވެ. (އެބައިމީހުން ބުނެއެވެ.) ތިމަންމެން، އެއިލާހުގެ ރަސޫލުންގެ ތެރެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމެވެ...) [އަލްބަޤަރާ: 285]
އަދި އެކަލާނގެ މި ބަސްފުޅެވެ: (އޭ އީމާންވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ ރަސޫލާއަށާއި، އެކަލާނގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި ފޮތަށާއި، އަދި، ކުރިން ބާވައިލެއްވި ފޮތަށް ތިޔަބައިމީހުން އީމާންވާށެވެ. (އީމާންވުންމަތީ ދެމިތިބޭށެވެ!) އަދި، اللَّه އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ފޮތްތަކަށާއި، އެކަލާނގެރަސޫލުންނަށާއި، އާޚިރަތް ދުވަހަށް ކާފަރުވާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.) [އައްނިސާއު: 136]
އަދި އެކަލާނގެ މި ބަސްފުޅެވެ: (ހަމަކަށަވަރުން އުޑާއި، ބިމުގައި ވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާއަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން އެ ކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން އެ ކަންތަކަކީ، ﷲ އަށް ދާދިފަސޭހަކަމެކެވެ.) [އަލްޙައްޖު: 70]
ދެވަނައަށް: ސުންނަތުންވާ ދަލީލުތައް: އޭގެ ތެރޭގައި މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވާ މަޝްހޫރު ޞައްޙަ ޙަދީޘްވެއެވެ. އެއީ، ޖިބްރީލު عليه السلام، ނަބިއްޔާ ﷺގެ އަރިހުން އީމާންކަމާމެދު ސުވާލުކުރެއްވި ކަމަށް، އަމީރުލް މުއުމިނީން ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. ފަހެ، ޖިބްރީލްގެފާނަށް، އެކަލޭގެފާނު ޙަދިޘްކުރެއްވިއެވެ: “އީމާންކަމަކީ ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް ތިބާ އީމާންވުމާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮމިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ." [1] މި ޙަދީޘެވެ. އަދި ދެ ޝެއިޚުން (ބުޚާރީ އާއި މުސްލިމް) -ކުޑަ ތަފާތަކާއެކު- އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން އެ ޙަދީޘް ނެރުއްވިއެވެ. [1] މި ޙަދީޘް ނެރުއްވީ މުސްލިމް، ނަންބަރު 8 ގައިއެވެ.
މި ހަ އަޞްލުން، ކަފިވެ ފަޅައިގެންދާ ކަންކަމުގެ ތެރޭގައި: ﷲ ޢައްޒަ ވަޖައްލަގެ ޙައްޤުފުޅުގައި، އަދި އެނބުރި ދާން އޮތްތަން (އާޚިރަތުގެ) ކަންކަމާއި، އަދި އެނޫންވެސް ﷲ ޢައްޒަ ވަޖައްލައާއި އެކަލާނގެ ރަސޫލާ ﷺ ޚަބަރުދެއްވާފައިވާ ޣައިބުގެ ކަންކަމުން، މުސްލިމް މީހާ ޤަބޫލުކޮށް އިޢުތިޤާދުކޮށް އަދި އީމާންވުން ވާޖިބުވެގެންވާ ކޮންމެ ކަމެއް ހިމެނެއެވެ.
މި ހަ އަޞްލު ބަޔާންވަނީ އަންނަނިވި ގޮތަށެވެ:
ފުރަތަމަ އަޞްލު: ﷲ ތަޢާލާއަށް އީމާންވުން
އޭގައި އެތަކެއް ކަމެއް ހިމެނެއެވެ. އޭގެ ތެރޭގައި: އެކަލާނގެއީ އެހެން ހުރިހާ ފަރާތްތައް ފިޔަވައި އަޅުކަން ޙައްޤުވެގެންވާ ޙައްޤު އިލާހުކަމުގައި އީމާންވުމެވެ. އެއީ އަޅުތަކުން އުފެއްދެވި ފަރާތަކީ އެކަލާނގެ ކަމުގައިވުމާއި، އަދި އެމީހުންނަށް އިޙްސާންތެރިވެ ވޮޑިގަންނަވާ، އެމީހުންގެ ރިޒްޤުތައް ދެއްވާ، އެމީހުންގެ ސިއްރާއި ފައުޅު ދެނެވޮޑިގެންވާ، އެމީހުންގެ ތެރެއިން ކިޔަމަންވި މީހުންނަށް ޘަވާބުދެއްވާ އަދި އުރެދުނު މީހުންނަށް ޢުޤޫބާތްދެއްވުމަށް ކުޅަދުންވަންތަވެގެންވާ އިލާހުކަމުގައި އެ އިލާހުވުމުންނެވެ.
ﷲ ތަޢާލާ އިންސީންނާއި ޖިންނީން އުފެއްދެވީ މި އަޅުކަންކުރުމަށެވެ. އަދި އެކަލާނގެ އެކަމަށް އެމީހުންނަށް އަމުރުވެސް ކުރެއްވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: "ތިމަންއިލާހު ޖިންނީންނާއި އިންސީން ތިމަންއިލާހަށް އަޅުކަންކުރުމަށްޓަކައި މެނުވީ ނުއުފައްދަވަމެވެ. އެއުރެންގެ ކިބަޔަކުން ތިމަންއިލާހު ރިޒްޤަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. (ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ރިޒްޤުދެއްވާ، ބާރުގެ ވެރި، ގަދަފަދަވަންތަ އިލާހެވެ.) [އައްޛާރިޔާތު: 56- 58]
އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިންވީ މީހުން އުފެއްދެވި ރައްބަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! (އެއީ) ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ. އެއިލާހީ ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން (ވާރޭ) ފެން ވެއްސަވައި އަދި އޭގެ ސަބަބުން ތިޔަބައިމީހުންނަށްޓަކައި ރިޒުޤުގެ ގޮތުގައި މޭވާގެ ބާވަތްތައް ނެރުއްވި އިލާހެވެ. ފަހެ (ﷲ ފިޔަވައި ޚަލްޤުކުރައްވާ އެހެން ފަރާތެއް ނުވާކަން) ތިޔަބައިމީހުން ދެނެތިބި ޙާލު، ﷲ އާ އެކު އެހެން ފަރާތްތަކެއް ބައިވެރިކޮށް، ޝަރީކު ނުކުރާށެވެ.) [އަލްބަޤަރާ: 21-22]
އަދި ﷲ ރަސޫލުން ފޮނުއްވާ، ފޮތްތައް ބާވައިލެއްވިއެވެ. އެއީ މި ޙައްޤު ބަޔާންކުރައްވާ، އަދި އެއަށް ދަޢުވަތުދެއްވާ، އަދި އެއާ އިދިކޮޅުވާ ކަންކަމާމެދު އިންޛާރުދެއްވުމަށްޓަކައިއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، ތިމަންއިލާޙު މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!) [އަލް އަންބިޔާއު: 25]
އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ: (ا ل ر .(މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައް ފުރިހަމަކުރެވި، ދެން ޙިކްމަތްވަންތަ، ޚަބަރު ލިބިވޮޑިގެންވާ ފަރާތެއްގެ ޙަޟްރަތުން ތަފްޞީލުކުރެވިފައިވެއެވެ. (އެއީ) ތިޔަބައިމީހުން اللَّه އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށްވާ އިންޛާރުދޭ އަދި ހެޔޮ ޚަބަރުދޭ މީހެކެވެ.) [ހޫދު: 1-2]
މި އަޅުކަމުގެ ޙަޤީޤަތަކީ: އަޅުތަކުން އެއިން އަޅުކަންކުރާ ހުރިހާ ކަމެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއްކައުވަންތަކުރުމެވެ. އެއީ ދުޢާކުރުމާއި، ބިރުވެތިވުމާއި، (ރަޙްމަތާއި ފުއްސެވުމަށް އެދި) އުއްމީދުކުރުމާއި، ނަމާދާއި، ރޯދައާއި، ޤުރުބާންކޮށް ކަތިލުމާއި، ނަދުރު ބުނުމާއި، އެނޫންވެސް އަޅުކަމުގެ ވައްތަރުތައް، އެކަލާނގެއަށް ބޯލަނބާ ނިކަމެތިވުމުގެ ގޮތުން، އަދި އެކަލާނގެ ޘަވާބަށް އެދޭ ޙާލު، އަދި އެކަލާނގެ ޢުޤޫބާތަށް ބިރުގަންނަ ޙާލުގައެވެ. އެއީ އެކަލާނގެދެކެ ލޯބިވުމުގެ ފުރިހަމަކަމާއި، އެކަލާނގެ މަތިވެރިކަމާއި ޤަދަރުވެރިކަމަށް ނިކަމެތިވުމާއެކުގައިއެވެ.
ކީރިތި ޤުރްއާނާމެދު ވިސްނާ ފިކުރުކޮށްފި މީހަކަށް؛ ފެނިގެންދާނީ އެ ފޮތުގެ ބޮޑުބައި ބާވައިލެއްވުނީ މި މަތިވެރިވެގެންވާ އަސާސާމެދުގައި ކަމެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅު ފަދައިންނެވެ: (ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ. (ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ނެގި މީހުން (ބުންޏެވެ:) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 2-3]
އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ: (އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރި ރައްބު ނިޔާ ކަނޑައެޅުއްވާ އެންގެވިއެވެ...) [އަލްއިސްރާއު: 23]
އަދި އެކަލާނގެ ޢައްޒަ ވަޖައްލަގެ މިބަސްފުޅެވެ: (ފަހެ، ތިޔަބައިމީހުން ދީން ޚާލިޞްކުރާ ޙާލު ﷲ އަށް ދުޢާކުރާށެވެ. ކާފަރުން ކިތަންމެ ނުރުހުނުކަމުގައި ވިޔަސްމެއެވެ.) [ޣާފިރު: 14]
މިފަދައިންމެ ނަބަވީ ސުންނަތާމެދު ވިސްނާ ފިކުރުކޮށްފި މީހަކަށްވެސް؛ މި ބޮޑުވެގެންވާ އަޞްލަށް އަހައްމިއްޔަތުކަން ދެވިފައިވާތަން ފެންނާނެއެވެ. އޭގެ ތެރޭގައި: ދެ ޞަޙީޙުގައި މުޢާޛު رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެވިގެންވާ ބަސްފުޅުވެއެވެ: "އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤުފުޅަކީ އެކަލާނގެއަށް އެމީހުން އަޅުކަންކޮށް، އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ." [2] [2] މި ޙަދީޘް ނެރުއްވީ އަލްބުޚާރީ، ނަންބަރު 2856 ގައި، އަދި މުސްލިމް، ނަންބަރު 30 ގައިއެވެ.
ﷲ އަށް އީމާންވުމުގެ ތެރެއަށް: އެކަލާނގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ ވާޖިބުކުރައްވާ، އަދި އެމީހުންގެ މައްޗަށް ފަރުޟުކުރެއްވި: އިސްލާމްކަމުގެ ފާޅުވެގެންވާ ފަސް ރުކުންވެސް ވަދެއެވެ.
އެއީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި، ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ދިޔުމަށް ކުޅަދާނަވެއްޖެ މީހާ އެ ގެފުޅަށް ޙައްޖުވުމާއި، އެނޫންވެސް ޠާހިރުވެގެންވާ ޝަރުޢުގައި އައިސްފައިވާ ފަރުޟުތަކެވެ.
މި ރުކުންތަކުގެ ތެރެއިން އެންމެ މުހިއްމު އަދި އެންމެ މަތިވެރި ރުކުނަކީ: لا إله إلا الله އާއި محمد رسول الله އަށް ހެކިވުމެވެ. މި ހެކިވުން ނިޔާކުރަނީ: އަޅުކަން ﷲ އަށް އެކަނި ޚާލިޞްކޮށް، އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުން އަޅުކަން ނަފީކުރުމެވެ. لا إله إلا الله ގެ މާނައަކީ މިއެވެ. އެ ގޮތުން އެ ކަލިމައިގެ މާނައަކީ -ޢިލްމުވެރިން رحمهم الله - ވިދާޅުވެފައިވާ ފަދައިން: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއް ނުވުމެވެ. އެކަމުގެ މައްޗަށް ބިނާކޮށް: ﷲ ފިޔަވައި އަޅުކަންކުރެވޭ ކޮންމެ އެއްޗެއް -އިންސާނެއް ނުވަތަ މަލާއިކަތެއް ނުވަތަ ޖިންނިއެއް ނުވަތަ އެނޫން އެއްޗެއްވެސް- ފަހެ އެއީ ބާޠިލުގޮތުގައި އަޅުކަންވެވޭ ފަރާތެކެވެ. ޙައްޤުގޮތުގައި އަޅުކަންވެވޭ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަލާނގެއާ އެއްވެސް ޝަރީކަކު ނުވެއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (އެހެނީ ހަމަކަށަވަރުން ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހު ފިޔަވާ، އެ މީހުން ދުޢާކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ...) [އަލްޙައްޖު: 62]
ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސީންނާއި ޖިންނީން އުފެއްދެވީ މި އަސާސީ އަޞްލަށްޓަކައި ކަމާއި، އެކަމަށް އެކަލާނގެ އެމީހުންނަށް އަމުރުކުރެއްވިކަމާއި، އެކަލާނގެ ރަސޫލުން އެކަމާގެން ފޮނުއްވާ، އެކަމާގެން އެކަލާނގެ ފޮތްތައް ބާވައިލެއްވިކަން އިސްވެ ބަޔާންވެއްޖެއެވެ. އެހެންކަމުން އަޅާގެ މައްޗަށް ވަނީ ރަނގަޅަށް އެކަމާމެދު ވިސްނާ، ގިނައިން އެކަމާމެދު ތަދައްބުރުކޮށް ފިކުރުކުރުމެވެ. އެއީ ގިނަ މުސްލިމުން މި އަޞްލާމެދު ވެއްޓިފައިވާ ބޮޑުވެގެންވާ ޖާހިލުކަން އޭނާއަށް ސާފުވެގެންދިޔުމަށެވެ. އެހެންގޮސް އެމީހުންވަނީ ﷲ އާއެކު އެހެން ފަރާތްތަކަށް އަޅުކަންކޮށް، އެކަލާނގެއަށް ޚާލިޞްވެގެންވާ ޙައްޤުފުޅު އެހެން ފަރާތްތަކަށް އަނބުރާލާފައިއެވެ. ފަހެ އެހީއަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ.
އަދިވެސް ހުސްޠާހިރުވަންތަ ﷲ އަށް އީމާންވުމުގެ ތެރޭގައި: އެކަލާނގެއީ ޢާލަމް އުފައްދަވާ، އެމީހުންގެ ކަންކަން ހިންގަވާ، އަދި އެކަލާނގެ ސުބްޙާނަހޫ އެދިވޮޑިގެންނެވި ގޮތަކަށް އެކަލާނގެ ޢިލްމުފުޅާއި ޤުދުރަތްފުޅުން އެމީހުންގެ މެދުގައި ކަންކަން ކުރައްވާ އިލާހުކަމަށާއި، އަދި އެކަލާނގެއީ ދުނިޔެއާއި އާޚިރަތުގެ މިލްކުވެރި ފަރާތްކަމާއި، ހުރިހާ ޢާލަމްތަކެއް އުފެއްދެވި ޚާލިޤުކަމަށް އީމާންވުންވެއެވެ. އެކަލާނގެ ފިޔަވައި ޚާލިޤެއް ނުވެއެވެ. އަދި އެކަލާނގެ މެނުވީ ރައްބެއް ނުވެއެވެ. އަދި އެކަލާނގެ ރަސޫލުން ފޮނުއްވާ، ފޮތްތައް ބާވައިލެއްވިއެވެ. އެއީ އަޅުތަކުން އިޞްލާޙުކުރުމަށާއި، އަދި މިހާރާއި ކުރިއަށް އޮތްތާގައި (އެބަހީ: ދުނިޔެއާއި އާޚިރަތުގައިވެސް) އެމީހުންނަށް ނަޖާވުމާއި ހެޔޮރަނގަޅުކަން އޮތް ކަންކަމަށް ދަޢުވަތުދިނުމަށެވެ. އަދި އެކަލާނގެ ސުބްޙާނަހޫއަށް އެއިން އެއްވެސް ކަމެއްގައި އެއްވެސް ބައިވެރިޔަކު ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (اللَّه އީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ހަވާލުވެގެންވާ ވަކީލަކުކަމުގައިވާ އިލާހެވެ.) [އައްޒުމަރު: 62]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރި ރައްބަކީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ ޢަރްޝުގެ މައްޗަށް އަރާވޮޑިގެންވިއެވެ. އަދި އެކަލާނގެ ރޭގަނޑުން ދުވާލު ފޮރުއްވާލައްވައެވެ. (އެއިން ކޮންމެ އެއްޗެއް) އަވަސްކަމާއެކު (އަނެކައްޗެއް) ހޯދައިގަނެއެވެ. އަދި އިރާއި، ހަނދާއި، ތަރިތައް ވަނީ އެކަލާނގެ އަމުރުފުޅުން ކިޔަމަން ކުރައްވާ ޚިދުމަތްތެރި ކުރެވިގެންނެވެ. ދަންނާށެވެ! ހެއްދެވުމާއި އަމުރުކުރެއްވުންވަނީ، އެކަލާނގެއަށެވެ. ޢާލަމްތަކުގެ ވެރި ރައްބު اللَّه މަތިވެރިވެ ވޮޑިގެންފިއެވެ.) [އަލްއަޢުރާފު: 54]
އަދިވެސް ﷲ ތަޢާލާއަށް އީމާންވުމުގެ ތެރޭގައި: އެކަލާނގެ އަގުހުރި ފޮތުގައި، އަދި އެކަލާނގެ އަމާނާތްތެރި ރަސޫލާގެ އަރިހުން ޘާބިތުވެގެންވާ، އެކަލާނގެ ރިވެތިވެގެންވާ ނަންފުޅުތަކާއި މަތިވެރިވެގެންވާ ޞިފަފުޅުތަކަށް އީމާންވުންވެއެވެ. އެއީ އެއްވެސް ބަދަލެއްކޮށް ތަޙުރީފުކުރުމެއްނެތި، އަދި އިންކާރުކޮށް ނަގައިލުމެއްނެތި، އަދި ވައްތަރާއި (އެ ޞިފަފުޅުތައް ވަނީ) ކިހިނަކުންތޯ ކިޔުމެއްނެތި، އަދި މިސާލުޖަހާ އެއްފަދަ ކުރުމެއް ނެތިއެވެ. (އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.) [އައްޝޫރާ: 11]
އެގޮތުން ގޮތްކިޔާ ކައިފިއްޔަތު ބަޔާންކުރުމެއްނެތި، އެ ޞިފަފުޅުތައް އައިސްފައިވާ ގޮތަށް ހިންގުން (އެބަހީ: އެގޮތަށް ޤަބުލުކުރުން) ވާޖިބުވެއެވެ. އެއީ އެއިން ދަލީލުކޮށްފައިވާ މަތިވެރި މާނަތައްކަމުގައިވާ: ﷲ ޢައްޒަ ވަޖައްލައަށް ލިބިވޮޑިގެންވާ ޞިފަފުޅުތަކަށް އީމާންވުމާ އެކުގައިއެވެ. އެކަލާނގެ ޞިފަފުޅުތަކުން އެއްވެސް ކަމެއްގައި އެކަލާނގެ މަޚްލޫޤުންނާ ވައްތަރުކުރެވުމެއް ނެތި، އެ ޞިފަތަކުން އެކަލާނގެ ތަޢާލާ އެންމެ އެކަށީގެންވާ ގޮތަށް ޞިފަކުރުން ވާޖިބުވެގެންވުމާއިވެސް އެކުގައެވެ. އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ: (ފަހެ، ތިޔަބައިމީހުން، އެއްވެސް އެއްޗެއް اللَّه އާ އެއްފަދަކޮށް މިސާލު ނުޖަހާށެވެ. ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.) [އައްނަޙްލު: 74]
ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި، ﷲ ގެ ރަސޫލާ ﷺ ގެ އަޞްޙާބުންނާއި، އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވި އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއަކީ މިއެވެ. އަދި އެއީ އިމާމު އަބުލް ޙަސަނު އަލްއަޝްޢަރީވެސް އެބޭފުޅާގެ ފޮތް "އަލްމަޤާލާތު" ގައި ޙަދީޘްގެ އަޞްޙާބުން އަދި ސުންނަތުގެ އަހުލުވެރިންގެ ކިބައިން ގެނައި ޢަޤީދާއެވެ. އަދި (މި ޢަޤީދާ) އެނޫންވެސް، ޢިލްމާއި އީމާންކަމުގެ އަހުލުވެރި ޢިލްމުވެރިންވެސް ގެންނެވިއެވެ.
އަލްއައުޒާޢީ رحمه الله ވިދާޅުވިއެވެ: (ޞިފަފުޅުތަކުގެ އާޔަތްތަކާމެދު އަލްޒުހްރީ އާއި މަކްޙޫލުގެ އަރިހުން ސުވާލުކުރެވުނެވެ. ދެން އެ ދެބޭކަލުން ވިދާޅުވިއެވެ: "އެ އައިސްފައިވާ ގޮތަށް ގެންދާށެވެ.) [3] [3] މި ރިވާޔަތް ނެރުއްވީ، އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 735 ގައިއެވެ. އަދި އިބްނު ޢަބްދުލް ބައްރު، ޖާމިޢުލް ޢިލްމި ވަފަޟްލިހީގެ ނަންބަރު 1801 ގައިއެވެ. އެކަމަކު އެއީ "ޞިފަފުޅުގެ އާޔަތްތަކުގެ" ލަފްޒުގެ ބަދަލުގައި، "ޞިފަފުޅުގެ ޙަދީޘްތަކޭ" ވާ ގޮތަށެވެ. އަދި އެ ލަފްަޒުގައިވަނީ: "މި ޙަދީޘްތައް އައިސްފައިވާ ގޮތަށް ތިޔަބައިމީހުން ރިވާކުރާށެވެ. އަދި އެކަމާމެދު މުނާޡަރާކޮށް ބަޙުޘްނުކުރާހުށިކަމެވެ."
އަދިވެސް އަލްއައުޒާޢީ رحمه الله ވިދާޅުވިއެވެ: "ތާބިޢީ ބޭކަލުން ބައިބޯކޮށް ގިނަވެގެންވީ ވަޤުތުގައި އަހަރުމެން ބުނަމުން ދިޔައީމެވެ: ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވޮޑިގެންވަނީ އެކަލާނގެ ޢަރްޝުގެ މަތީގައެވެ. އަދި ސުންނަތުގައި އައިސްފައިވާ (ﷲ ތަޢާލާގެ) ޞިފަފުޅުތަކަށް އަހަރުމެން އީމާންވަމެވެ." [4] [4] މި ރިވާޔަތް ނެރުއްވީ އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގެ، ނަންބަރު 865 ގައިއެވެ. އަދި އިބްނު ތައިމިއްޔާ، އަލްޙަމަވިއްޔާގެ ޞ: 269 ގައި އެ ރިވާޔަތުގެ ސަނަދު ޞައްޙަކުރެއްވިއެވެ. އަދި އައްޛަހަބީ، އަލްޢަރްޝުގައި (2/ 223) ގައި އެއާމެދު ވިދާޅުވިއެވެ: އެ އަޘަރު ރިވާކުރި ބޭފުޅުންނަކީ އިތުބާރުހުރި އިމާމުންނެވެ.
އަދި އަލްވަލީދު ބްނު މުސްލިމް رحمه الله ވިދާޅުވިއެވެ: (މާލިކުއާއި، އަލްއައުޒާޢީ އާއި، އައްލައިޘު ބްނު ސަޢުދު އާއި، ސުފްޔާނުއް ޘައުރީ رحمهم الله ގެ އަރިހުން، ޞިފަފުޅުތަކުގައި ވާރިދުވެގެން އައިސްފައިވާ ޚަބަރުތަކާމެދު ސުވާލުވެވުނެވެ. ދެން އެހުރިހާ ބޭކަލުންވެސް ވިދާޅުވިއެވެ: އެ ޚަބަރުތައް އައިސްފައިވާ ގޮތަށް، ގޮތް ކިޔުމެއްނެތި ހިންގާށެވެ. (އެބަހީ:އެގޮތަށް ޤަބޫލުކުރާށެވެ.) [5] [5] މި ރިވާޔަތް ނެރުއްވީ، އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 930 ގައިއެވެ. އަދި އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގައި، ނަންބަރު 955 ގައިއެވެ.
އަދި މާލިކުގެ ޝެއިޚު ކަމުގައިވާ: ރަބީޢާ ބްނު އަބީ ޢަބްދިއް ރަޙްމާނު رحمهما الله ގެ އަރިހުން އިސްތިވާވެވޮޑިގަތުމާމެދު ސުވާލުވެވުމުން ވިދާޅުވިއެވެ: "އިސްތިވާވުން (ﷲ ޢަރްޝުގެ މައްޗަށް އަރާވޮޑިގަތުން) އެއީ ނޭނގޭ ކަމެއް ނޫނެވެ. އަދި އޭގެ ކައިފިއްޔަތު ވިސްނިގެން ނުވެއެވެ. ﷲ ގެ ޙަޟްރަތުންވަނީ ރިސާލަތެވެ. އަދި ރަސޫލާގެ މައްޗަށްވަނީ ބަޔާންވެގެންވާ ފޯރުކޮށްދެއްވުމެވެ. އަދި އަހަރުމެންގެ މައްޗަށްވަނީ ތެދުކުރުމެވެ." [6] އަދި އިމާމް މާލިކު رحمه الله ގެ އަރިހުން އެކަމާމެދު ސުވާލުވެވުމުން ވިދާޅުވިއެވެ: (އިސްތިވާވެވޮޑިގަތުން (ﷲ ޢަރްޝުގެ މައްޗަށް އަރާވޮޑިގަތުން) ވަނީ އެނގިގެންނެވެ. އަދި އޭގެ ކައިފިއްޔަތު (ވައްތަރާއި ގޮތް) އެނގިގެން ނުވެއެވެ. އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަމާމެދު (ކައިފިއްޔަތާމެދު) ސުވާލުކުރުމަކީ ބިދުޢައެކެވެ.) ދެން ސުވާލުކުރި މީހާއަށް ވިދާޅުވިއެވެ: "ކަލޭ ތިޔައީ ނުބައި މީހެއްކަމުގައި ނޫނީ އަހަރެންނަކަށް ނުފެނެއެވެ!" ދެން އެކަލޭގެފާނު އަމުރުކުރައްވާ އޭނާ ނެރެވުނެވެ. [7] އުންމުލް މުއުމިނީން އުންމު ސަލަމާ رضي الله عنها ގެ އަރިހުންވެސް މި މާނައިގެ ބަހެއް ރިވާކުރެވުނެވެ. [8] [6] މި ރިވާޔަތް ނެރުއްވީ، އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 665 ގައިއެވެ. އަދި އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގައި، ނަންބަރު 868 ގައިއެވެ. [7] މި ރިވާޔަތް ނެރުއްވީ، އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 664 ގައި، އަދި އަބޫ ނުޢައިމު، ޙިލްޔަތުލް އައުލިޔާއު (6 / 325) ގައި، އަދި އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގައި، ނަންބަރު 867 ގައިއެވެ. [8] މި ރިވާޔަތް ނެރުއްވީ، އަލްމުޒައްކީ، އަލްމުޒައްކިޔާތުގައި، ނަންބަރު 29 ގައި، އަދި އިބްނު ބައްޠާ، އަލްއިބާނާ ނަންބަރު 120 ގައި، އަދި އައްލާލަކާއީ، ޝަރްޙު އުޞޫލިލް އިޢުތިޤާދުގައި، ނަންބަރު 663 ގައިއެވެ.
އަދި އިމާމް އަބޫ ޢަބްދިއް ރަޙްމާނު ބްނުލް މުބާރަކު رحمة الله عليه ވިދާޅުވިއެވެ: "އަހަރުމެންގެ ވެރި ރައްބު ސުބްޙާނަހޫ، އަހަރުމެންނަށް އެނގިގެންވަނީ އެކަލާނގެ އުޑުތަކުގެ މަތީގައި، އެކަލާނގެ ޢަރްޝުގެ މަތީގައި، އެކަލާނގެ ޚަލްޤުތަކުންނާ ވަކިވެވޮޑިގެންވާ ކަމުގައިއެވެ." [9] [9] މި ރިވާޔަތް ނެރުއްވީ، އައްދާރިމީ، އައްރައްދު ޢަލާ އައްޖަހްމިއްޔާގައި، ނަންބަރު 67 ގައިއެވެ. އަދި އަލްބައިހަޤީ، އަލްއަސްމާއު ވައްޞިފާތުގައި، ނަންބަރު 903 ގައިއެވެ.
މި ބާބުގައި، އިމާމުން ދައްކަވާފައިވާ ވާހަކަފުޅުތައް ވަރަށްވެސް ގިނަވެގެންވެއެވެ. އެ ހުރިހާ ބަސްފުޅުތަކެއް މި ދަރުސްގައި ނުގެނެވޭނެއެވެ. އޭގެ ގިނަ ބަސްފުޅުތަކެއް ބަލަން ބޭނުން މީހަކު؛ ފަހެ މި ބާބުގައި ސުންނަތުގެ ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް މުރާޖަޢާކުރާހުށިކަމެވެ. މިސާލަކަށް: އިމާމް އަޙްމަދުގެ ދަރިކަލުން ޢަބްދު ﷲ ގެ "އައްސުންނާ" ފޮތް، އަދި ޤަދަރުހުރި އިމާމް، މުޙައްމަދު ބްނު ޚުޒައިމާގެ "އައްތައުޙީދު" ފޮތް، އަދި އަބުލް ޤާސިމު އައްލާލަކާއީ އައްޠަބަރީގެ "އައްސުންނާ" ފޮތް، އަދި އަބޫބަކުރު ބްނު އަބީ ޢާޞިމުގެ "އައްސުންނާ" ފޮތް، އަދި ޙަމާގެ އަހުލުވެރިންނަށް ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ލިޔުއްވި ޖަވާބުފަދަ ފޮތްތައް ބަލާށެވެ. (ޝެއިޚުލް އިސްލާމް ލިޔުއްވި މި ޖަވާބަކީ) ފައިދާތައް ގިނަވެގެންވާ މަތިވެރި ޖަވާބެކެވެ. އެކަލޭގެފާނު رحمه الله އޭގައި ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާގެ ސާފުކޮށްދެއްވާ، ސުންނަތުގެ އަހުލުވެރިންގެ ގިނަ ބަސްފުޅުތަކަކާއި، އަދި ސުންނަތުގެ އަހުލުވެރިން ބުނެފައިވާ ބަސްތަކުގެ ޞައްޙަކަމާއި، އަދި އެމީހުންނާ ޚިލާފުވި ޚަޞްމުން ބުނި ބަސްތަކުގެ ބާޠިލުކަން ދޭހަކޮށްދޭ ޝަރުޢީ އަދި ބުއްދީގެ ދަލީލުތައް ގެންނަވާފައިވެއެވެ.
އެފަދައިންމެ 'އައްތަދްމުރިއްޔާ' ގެ ނަން ދެވިފައިވާ ރިސާލަތުވެސްމެއެވެ. އެކަލޭގެފާނުވަނީ އޭގައި މި މަޤާމު ތަފްޞީލުކުރައްވާ، އަދި ސުންނަތުގެ އަހުލުވެރިންގެ ޢަޤީދާ އޭގެ ނަޤުލީ (ޤުރްއާނާއި ސުންނަތުންވާ) އަދި ޢަޤުލީ (ބުއްދީގެ) ދަލީލުތަކާއެކު ބަޔާންކުރައްވާފައިއެވެ. އަދި ޙައްޤު ފާޅުކޮށްދޭ ގޮތަށް، އަދި ބާޠިލު ފުނޑާލާގޮތަށް، ޚިލާފުވާ މީހުންނަށް ރައްދުވެސް ދެއްވިއެވެ. އެއީ ރަނގަޅު ޤަޞްދަކާއެކު، އަދި ޙައްޤު ދެނެގަތުމަށް އެދިގެން އެއަށް ބަލައިފި، ޢިލްމުގެ އަހުލުވެރިންގެ ކޮންމެ މީހަކަށްވެސް ފެންނާނެ ގޮތަށެވެ. (ﷲ ތަޢާލާގެ) އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާގެ ޚުލާޞާއަކީ: ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ފޮތުގައި، ނުވަތަ އެކަލާނގެ ރަސޫލާ މުޙައްމަދު ﷺގެ ސުންނަތުގައި އެކަލާނގެ ނަފްސުފުޅަށް ޘާބިތުކުރައްވާފައިވާ ކަންކަން، އެއްވެސް މިސާލުޖެހުމެއް ވައްތަރުކުރުމެއްނެތިވާ ޘާބިތުކުރުމަކުން އެމީހުން ޘާބިތުކުރެއެވެ. އަދި ތަޢުޠީލުކުރުމުން (ﷲ ގެ ޞިފަފުޅުތަކަށް އިންކާރުކޮށް ނަގައިލާ، ނެތް އެއްޗަކަށް ހެދުމުން) ބަރީއަވެގެންވާ ހުސްދުރުކުރުމަކުން، އެމީހުން އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ޚަލްޤުތަކުންނާ ވައްތަރުވުމުން ހުސްދުރުކުރެއެވެ. ދެންފަހެ އެމީހުން ފުށުއެރުމާއި ދެކޮޅުނުޖެހުމުން ސަލާމަތްވުމުގެ ކާމިޔާބު ހޯދިއެވެ. އަދި ﷲ ގެ ޙަޟްރަތުން ދެއްވުނު ތައުފީޤުން، އެމީހުން (އެބަހީ: ސުންނަތުގެ އަހުލުވެރިން) ހުރިހާ ދަލީލުތަކަށް ޢަމަލުކުރިއެވެ. އެހެނީ ﷲ ތަޢާލާ އެކަލާނގެ ރަސޫލުން އެކަމަކާގެން ފޮނުއްވި ޙައްޤުގައި ހިފަހައްޓާ، އަދި އެމީހަކަށް ކުޅަދާނަވީ ވަރަކަށް އެކަމަށް މަސައްކަތްކޮށް، އަދި އެ ޙައްޤު ހޯދުމުގައި ﷲ އަށް އިޚްލާޞްތެރިވި މީހާއާމެދު އެކަލާނގެ ސުންނަތަކީ (ކަންކަން ހިންގަވާ ގޮތަކީ): އެ މީހަކަށް ޙައްޤަށް ތައުފީޤުދެއްވާ، އަދި އޭނާގެ ޙުއްޖަތް ފާޅުކުރެއްވުމެވެ. އެއީ އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ: (އަދި ކިއެއް! ތިމަންއިލާހު ބާޠިލުގެ މައްޗަށް ޙައްޤު އެއްލަވާ، ދެން އެ ޙައްޤު، އެ ބާޠިލު ހަލާކުކޮށްލަތެވެ. ފަހެ އެހާރުން އެ ބާޠިލު ނެތިހިނގައިދެތެވެ...) [އަލްއަންބިޔާއު: 18]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ކަލޭގެފާނުގެ އަރިހަށް އެމީހުން ގެންނަ ކޮންމެ މިސާލެއް (އެ ބާޠިލުވާނެ) ޙައްޤާއި އެއަށްވުރެ ސާފު ބަޔާން ތިމަންއިލާހު ގެނެސްނުދެއްވާ އެއްވެސް މިސާލެއް އެމީހުން ކަލޭގެފާނަށް އަރިހަށް ނުގެނެވޭނެއެވެ.) [އަލްފުރްޤާނު: 33]
ދެންފަހެ އަލްއަސްމާއު ވައްޞިފާތުގެ ބާބުގައި ސުންނަތުގެ އަހުލުވެރިން އިޢުތިޤާދުކުރި ގޮތާ ޚިލާފުވެއްޖެ މީހާ؛ ފަހެ އޭނާ ނަޤްލީ (ޤުރްއާނާއި ސުންނަތް) އަދި ބުއްދީގެ ދަލީލުތަކާ ޚިލާފުވުމަށް ކޮންމެހެންވެސް ވެއްޓޭނެއެވެ. އެއީ އަދި އޭނާ ޘާބިތުކޮށް އަދި ނަފީކުރާ ކޮންމެ ކަމެއްގައި ދެކޮޅުނުޖެހި ފުށޫއެރުންވެސް ސާފުކޮށްވުމާ އެކުގައިއެވެ. އަލްޙާފިޡު އިބްނު ކަޘީރު رحمه الله، އެކަލޭގެފާނުގެ މަޝްހޫރު ތަފްސީރުގައި މި މައުޟޫޢުގައި ރިވެތި ރަނގަޅު ވާހަކަތަކެއް ގެންނެވިއެވެ. އެއީ ﷲ ޢައްޒަ ވަޖައްލަގެ މި ބަސްފުޅާމެދު ވާހަކަދައްކަވަމުންނެވެ: (ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރި ރައްބަކީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ. އެއަށްފަހު، އެކަލާނގެ ޢަރްޝުގެ މައްޗަށް އަރާވޮޑިގެންނެވިއެވެ....) [އަލްއަޢުރާފު: 54]
އެ ވާހަކަތަކުގެ ފައިދާ ބޮޑުކަމަށްޓަކައި މިތަނުގައި އެ ވާހަކަތައް ގެނައުން ރަނގަޅުވެގެންވެއެވެ. އެގޮތުން އެކަލޭގެފާނު رحمه الله ވިދާޅުވި ބަސްފުޅުތަކީ މިއެވެ:
"މި މަޤާމުގައި މީސްތަކުންނަށް ވަރަށް ގިނަ ބުނުންތަކެއް ވެއެވެ. މިއީ އެ ބަސްތައް ތަފްޞީލުކުރަން އޮތް ދަނޑިވަޅެއް ނޫނެވެ. އެކަމަކު އަހަރުމެން މި މަޤާމުގައި ހިފާހުށީ ހެޔޮވެގެންވާ ސަލަފުންކަމުގައިވާ: މާލިކު، އަލްއައުޒާޢީ، އައްޘައުރީ، އައްލައިޘު ބްނު ސަޢުދު، އައްޝާފިޢީ، އަޙްމަދު ބްނު ޙަންބަލު، އިސްޙާޤު ބްނު ރާހަވައިހި އަދި އެނޫންވެސް އިހާއި ފަހުގެ މުސްލިމުންގެ އިމާމުންގެ މަޛްހަބުގައިއެވެ. އެއީ: ކައިފިއްޔަތާއި ގޮތް ކިޔުމެއްނެތި، އަދި ވައްތަރުކުރުމެއް ނެތި، އަދި އިންކާރުކޮށް ގެއްލުވާލުމެއްނެތި (ﷲ ގެ ޞިފަފުޅުތައްވާ) އެ ނައްޞުތައް އައިސްފައިވާ ގޮތަށް ހިންގުމެވެ. (އެބަހީ: އެގޮތަށް ޤަބޫލުކުރުމެވެ.) އަދި ވައްތަރުކުރާ މީހުންގެ ވިސްނުންތަކަށް އެންމެ އަވަހަށް އަންނަ ގޮތްވަނީ ﷲ ތަޢާލާއާމެދު ނަފީކުރެވިގެންނެވެ. އެހެނީ ﷲ އާ އެކަލާނގެ ޚަލްޤުތަކުންގެ ތެރެއިން އެކައްޗެއްވެސް ވައްތަރުވެގެން ނުވެއެވެ. އަދި (...އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.) [އައްޝޫރާ: 11] ކިއެއްތަ، ކަންތައް އޮތީ އިމާމުން ވިދާޅުވެފައިވާ ގޮތަށެވެ. އޭގެ ތެރޭގައި: އަލްބުޚާރީގެ ޝެއިޚުކަމުގައިވާ ނުޢައިމު ބްނު ޙައްމާދު ވިދާޅުވިއެވެ: "ﷲ އެކަލާނގެ ޚަލްޤުތަކުންނާ ވައްތަރުކޮށްފި މީހާ ކާފަރުވެއްޖެއެވެ. އަދި ﷲ އެކަލާނގެ ނަފްސުފުޅު ޞިފަކުރައްވާފައިވާ ކަމަކަށް އިންކާރުކޮށްފި މީހާވެސް ކާފަރުވެއްޖެއެވެ." [10] އަދި ﷲ އާއި އެކަލާނގެ ރަސޫލާ އެކަލާނގެއާމެދު ޞިފަކުރައްވާފައިވާ އެއްވެސް ކަމެއްގައި ވައްތަރުވުމެއް ނުވެއެވެ. އެހެންކަމުން ޞަރީޙަ އާޔަތްތަކާއި، ޞައްޙަ ޚަބަރުތަކުގައި އައިސްފައިވާ ކަންކަން، ﷲ ގެ ޖަލާލުވަންތަކަމާ އެކަށީގެންވެ ލާއިޤުވެގެންވާ ގޮތަށް ﷲ ތަޢާލާއަށް ޘާބިތުކޮށް، އަދި ﷲ ތަޢާލާގެ ކިބައިން އުނި ޞިފަތައް ނަފީކޮށްފި މީހާ؛ ފަހެ ހިދާޔަތުގެ މަގުގައި ހިފައިފިކަން ކަށަވަރެވެ." [11] އިބްނު ކަޘީރު رحمه الله ގެ ބަސްފުޅު ނިމުނީއެވެ. [10] މި ބަސްފުޅު ނެރުއްވީ އައްޛަހަބީ، އަލްޢުލުއްވު ފޮތުގައި، ނަންބަރު 464 ގައިއެވެ. އަދި މުޚްތަޞަރު އަލްޢުލުއްވުގެ (ޞ: 184) ގައި އަލްއަލްބާނީ ވިދާޅުވިއެވެ: މިއީ ޞައްޙަ ސަނަދެކެވެ. އެ ސަނަދުގެ ރާވީންނަކީ އެނގިގެންވާ އިތުބާރުހުރި ބޭކަލުންނެވެ. [11] ތަފްސީރު އިބްނު ކަޘީރު: (3 / 426-427)
އަދިވެސް، ﷲ އަށް އީމާންވުމުގެ ތެރެއަށް ވަންނަ އަނެއްކަމަކީ: އީމާންކަމަކީ ބަހާއި ޢަމަލުކަމާއި، ހެޔޮކަންކަމުން އީމާންކަން އިތުރުވެ، އަދި ފާފައާއި އުރެދުމުން އީމާންކަން އުނިވާކަމާއި، ޝިރުކާއި ކުފުރު ފިޔަވައި އެއްވެސް ފާފައެއް -މިސާލަކަށް ޒިނޭކުރުމާއި، ވައްކަންކުރުމާއި، ރިބާ ކެއުމާއި، މަސްތުވާތަކެތި ބުއިމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި އެނޫންވެސް ބޮޑެތި ފާފަތައް- ހުއްދަކޮށް ޙަލާލު ނުކުރަނީސް އޭގެ ސަބަބުން މުސްލިމުންގެ ތެރެއިން އެކަކުވެސް ކާފަރުކުރުން ހުއްދަވެގެންނުވާކަން ވަދެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅަށްޓަކައިއެވެ: (ހަމަކަށަވަރުން، اللَّه، އެކަލާނގެއާ ޝަރިކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ...) [އައްނިސާއު: 48] އަދި ﷲ ގެ ރަސޫލާ ﷺގެ އަރިހުންވާ މުތަވާތިރު ޙަދީޘްތަކުގައި ޘާބިތުވެފައިވާ ކަންކަމަށްޓަކައިއެވެ. އޭގެ ތެރޭގައި: "ހަމަކަށަވަރުން އެމީހެއްގެ ހިތުގައި ރެވިއޮށްޓަރެއްގެ ބަރުދަނަށްވެސް އީމާންކަން ހުރެއްޖެ މީހާ؛ ﷲ ނަރަކައިން ނެރުއްވާނެތެވެ." [12] [12] މި ޙަދީޘް ނެރުއްވީ އަލްބުޚާރީ، ނަންބަރު 22ގައި، އަބޫ ސަޢީދު އަލްޚުދްރިއްޔު رضي الله عنه ގެ ޙަދީޘުންނެވެ.
ދެވަނަ އަޞްލު: މަލާއިކަތުންނަށް އީމާންވުން
އޭގައި ދެ ކަމެއް އެކުލެވެއެވެ: ފުރަތަމަ ކަންތައް: އިޖުމާލީކޮށް (ޖުމްލަކޮށް) މަލާއިކަތުންނަށް އީމާންވުމެވެ. އެއީ ﷲ އަށް މަލާއިކަތުންތަކެއް ވާކަމަށް، އެކަލާނގެ އެބޭކަލުން ޚަލްޤުކުރެއްވީ އެކަލާނގެއަށް ކިޔަމަންވުމަށްކަމަށް އަދި އެކަލާނގެ މިފަދައިން އެބޭކަލުން ޞިފަކުރެއްވިކަމަށް އީމާންވުމެވެ: (އެ މީހުން ބުންޏެވެ. އައްރަޙްމާން ދަރިކަލަކު ހިއްޕެވިއެވެ. އެ އިލާހުގެ ހުސްތާހިރުވަންތަކަމާއެވެ. އަދި ކިއެއްތަ! އެއީ މާތް ކުރެވިގެންވާ އަޅުންތަކެކެވެ. އެބޭކަލުން އެކަލާނގެ ޙަޟްރަތަށް އިސްވެބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން ޢަމަލުކުރައްވަނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ. އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން ޝަފާޢަތްތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުން ތިއްބަވާނީ، އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ.) [އަލްއަންބިޔާއު: 26-28]
އެބޭކަލުންވަނީ ގިނަ ބާވަތްތަކަކަށެވެ؛ އޭގެ ތެރޭގައި: ޢަރްޝު އުފުއްލެވުން ހަވާލުކުރެވިގެންވާ ބޭކަލުންވެއެވެ. އަދި އޭގެ ތެރޭގައި ސުވަރުގެއާއި ނަރަކައިގެ ބަނޑޭރިންވެއެވެ. އަދި އޭގެ ތެރޭގައި އަޅުތަކުންގެ ޢަމަލުތައް ލިޔެ ރައްކާކުރުމާ ހަވާލުކުރެވިގެންވާ ބޭކަލުންވެއެވެ. ދެވަނަ ކަންތައް: ތަފްޞީލީ ގޮތެއްގައި މަލާއިކަތުންނަށް އީމާންވުމެވެ. އެއީ: އެބޭކަލުންގެ ތެރެއިން ﷲ އާއި އެކަލާނގެ ރަސޫލާ ނަންދެއްވާފައިވާ ބޭކަލުންނަށް އަހަރުމެން އީމާންވުމެވެ. މިސާލަކަށް: ވަޙީ އިއްވެވުމާ ހަވާލުކުރެވިގެންވާ ޖިބްރީލްގެފާނާއި، ވާރޭ ވެއްސެވުމާއި ހަވާލުކުރެވިގެންވާ މީކާއީލްގެފާނާއި، ނަރަކައިގެ ބަނޑޭރިކަމުގައިވާ މާލިކުގެފާނާއި، ތާޅިފިލި ފުމެލެއްވުމާ ހަވާލުކުރެވިގެންވާ އިސްރާފީލްގެފާނެވެ. އެއީ ޞައްޙަ ޙަދީޘްތަކުގައި އެބޭކަލުންގެ ނަންގަނެވިގެން އައިސްފައިވާ ފަދައިންނެވެ. އެ ޙަދީޘްތަކުގެ ތެރޭގައި: ޞަޙީޙުގައި ޢާއިޝާ رضي الله عنها ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވާ ޙަދީޘްފުޅުވެއެވެ: "މަލާއިކަތުން އުފެއްދެވުނީ ނޫރުންނެވެ. އަދި ޖިންނީން އުފެއްދެވުނީ އަލިފާނުގެ ހުޅުގަނޑުންނެވެ. އަދި އާދަމުގެފާނު އުފެއްދެވުނީ ތިޔަބައިމީހުންނަށް ޞިފަކޮށްދެވިފައިވާ އެތިންނެވެ." [13] މި ޙަދީޘް ނެރުއްވީ މުސްލިމް، އެކަލޭގެފާނުގެ ޞަޙީޙުގައިއެވެ. [13] މި ޙަދީޘް ނެރުއްވީ މުސްލިމް، ނަންބަރު 2996 ގައި، ޢާއިޝާ رضي الله عنها ގެ ޙަދީޘުންނެވެ.
ތިންވަނަ އަޞްލު: ބާވައިލެއްވުނު ފޮތްތަކަށް އީމާންވުން. އޭގައިވެސް ދެ ކަމެއް ހިމެނެއެވެ:
ފުރަތަމަ ކަމަކީ: އިޖުމާލީކޮށް ފޮތްތަކަށް އީމާންވުމެވެ. އެއީ ﷲ، އެކަލާނގެ ޙައްޤު ބަޔާންކުރައްވާ، އަދި އެކަމަށް ދަޢުވަތުދެއްވުމަށްޓަކައި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުންގެ މައްޗަށް ފޮތްތަކެއް ބާވައިލެއްވިކަމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކާއެކު ތިމަން އިލާހުގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެ ރަސޫލުންނާއެކު ފޮތާއި، (ޢަދުލު އިންސާފުގެ) ތިލަފަތް ބާވައިލެއްވީމެވެ. (އެއީ) މީސްތަކުން ޢަދުލު އިންސާފު ޤާއިމު ކުރުމަށް ޓަކައެވެ...) [އަލްޙަދީދު: 25] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (މީސްތަކުން އެއް އުންމަތެއްގެ ގޮތުގައި ވިއެވެ. ދެންފަހެ، އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލުންތަކެއްގެ ގޮތުގައްޔާ އަދި އިންޒާރުކުރައްވާ ބޭކަލުންތަކެއްގެ ގޮތުގައި، ﷲ ނަބީބޭކަލުން ފޮނުއްވިއެވެ. އަދި މީސްތަކުން އެބައިމީހުންގެ މެދުގައި ޚިލާފުވި ކަންތައްތަކުގައި ޙުކުމްކުރުމަށް، ޙައްޤު ގޮތުގައި އެބޭކަލުންނާ އެކުގައި ފޮތް ބާވައިލެއްވިއެވެ...) [އަލްބަޤަރާ: 213]
ދެވަނަ ކަމަކީ: ތަފްޞީލީ ގޮތެއްގައި ފޮތްތަކަށް އީމާންވުމެވެ. އެއީ އެ ފޮތްތަކުގެ ތެރެއިން ﷲ ތަޢާލާ ނަންދެއްވާފައިވާ ފޮތްތައް، މިސާލަކަށް ތައުރާތާއި، އިންޖީލާއި، ޒަބޫރާއި، ޤުރްއާންފަދަ ފޮތްތަކަށް އީމާންވުމެވެ. އަދި އެ ފޮތްތަކުން އެންމެ މާތްވެގެންވާ، އަދި އެ ފޮތްތައް ޚަތިމުކުރައްވާ، އެ ފޮތްތަކުގެ މައްޗަށް ފައިޞަލާކޮށް ތެދުކުރި ފޮތަކީ ޤުރްއާން ކަމުގައި އަހަރުމެން އިޢުތިޤާދުކުރަމެވެ. އަދި މުޅި އުއްމަތް އެ ފޮތަކަށް ތަބަޢަވެ، އެއަށް ޙުކުމްކުރަން ޖެހޭ ފޮތަކީ އެއީކަމަށްވެސް އިޢުތިޤާދުކުރަމެވެ. އެއީ ﷲ ގެ ރަސޫލާ ﷺގެ އަރިހުން ޞައްޙަވެގެންވާ ސުންނަތާވެސް އެކުގައިއެވެ. އެހެނީ ﷲ ސުބްޙާނަހޫ، އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ، ޖިންނީންނާއި އިންސީންގެ އެންމެންނަށްވާ ރަސޫލެއްގެ ގޮތުގައި ފޮނުއްވިއެވެ. އަދި އެމީހުންގެ މެދުގައި ޙުކުމްކުރުމަށްޓަކައި އެކަލޭގެފާނުގެ މައްޗަށް އެކަލާނގެ މި ޤުރްއާން ބާވައިލެއްވިއެވެ. އަދި އެ ފޮތަކީ މޭތަކުގައި (ހިތްތަކުގައި) ވާ އެއްޗަކަށްހުރި ޝިފާއެއްކަމުގައި، އަދި ކޮންމެ އެއްޗަކަށްހުރި ބަޔާންކޮށްދިނުމެއް ކަމުގައި، އަދި މުއުމިނުންނަށްހުރި ހިދާޔަތާއި ރަޙްމަތެއްކަމުގައި ލެއްވިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (މި ޤުރްއާނަކީ، ތިމަން އިލާހު ބާވައިލެއްވި، ބަރަކާތްތެރި ފޮތެކެވެ. ފަހެ ތިޔަބައިމީހުން، އެފޮތަށް ތަބަޢަވާށެވެ. އަދި ތިޔަބައިމީހުން ތަޤުވާވެރިވާށެވެ. (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވޭތޯއެވެ.) [އަލްއަންޢާމު: 155] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (...އަދި ތިމަންއިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި މުސްލިމުންނަށް އޮތް ހިދާޔަތެއް ކަމުގައްޔާއި، ރަޙްމަތެއް ކަމުގައްޔާއި، އުފާވެރި ޚަބަރެއް ކަމުގައެވެ.) [އައްނަޙްލު: 89]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި ރަސޫލާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، اللَّه އަށާއި އުއްމިއްޔަ (ލިޔަންކިޔަން ނުދަންނަ) ނަބިއްޔާ ކަމުގައިވާ އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! އެކަލޭގެފާނީ اللَّه އަށާއި އެކަލާނގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބަޢަވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.) [އަލްއަޢުރާފު: 158]. މި މާނާގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.
ހަތަރުވަނަ އަޞްލު: ރަސޫލުންނަށް އީމާންވުން
އޭގައިވެސް ހަމަ އެފަދައިން ދެ ކަމެއް ހިމެނެއެވެ: ފުރަތަމަ ކަމަކީ: އިޖުމާލީކޮށް ރަސޫލުންނަށް އީމާންވުމެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ ގާތަށް އެމީހުންގެ ތެރެއިން ރަސޫލުންތަކެއް ފޮނުއްވިކަމަށެވެ. އެއީ ހެޔޮ ޚަބަރުދެއްވާ، އަދި އިންޛާރުދެއްވާ، އަދި ޙައްޤަށް ގޮވާލައްވާ ބޭކަލުންތަކެއްގެ ގޮތުގައިއެވެ. ދެންފަހެ އެބޭކަލުންނަށް އިޖާބަދީފި މީހާ ބާއްޖަވެރިކަން ކާމިޔާބުކުރެއެވެ. އަދި އެބޭކަލުންނާ ޚިލާފުވެއްޖެ މީހާ؛ ނިކަމެތިކަމާއި ސަހަރޯވެރިކަމާއެކު އެނބުރި ދާހުއްޓެވެ. އަދި އެބޭކަލުންގެ އެންމެ ފަހު، ޚަތިމްކުރެއްވި، އަދި އެންމެ މާތް ބޭކަލަކީ: އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ބްނު ޢަބްދި ﷲ ﷺ އެވެ. އެއީ ﷲ ސުބްޙާނަހޫ ވަޙީކުރެއްވި ފަދައިންނެވެ: (ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އުފާވެރިކަމުގެ ޚަބަރު ދެއްވާ، އަދި އިންޛާރުކުރައްވާ ރަސޫލުންތަކެކެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށް ފަހު، ﷲ ގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށް ޓަކައެވެ...) [އައްނިސާއު: 165] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ...) [އަލްއަޙްޒާބު: 40].
ދެވަނަ ކަމަކީ: ތަފްޞީލީ ގޮތެއްގައި ރަސޫލުންނަށް އީމާންވުމެވެ. އެއީ އެބޭކަލުންގެ ތެރެއިން ﷲ ތަޢާލާ ނަން ހާމަކުރެއްވި ބޭކަލުން، ނުވަތަ ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން އެބޭކަލެއްގެ ނަން ޘާބިތުވި ބޭކަލުންނަށް ތަފްޞީލީކޮށް މުޢައްޔަންކޮށް އީމާންވުމެވެ. މިސާލަކަށް: ނޫޙު، ހޫދު، ޞާލިޙު، އިބްރާހީމު އަދި އެހެން ބޭކަލުންނެވެ. ﷲ ތަޢާލާ އެބޭކަލުންނަށާއި އެބޭކަލުންގެ އާލުންނާއި އެބޭކަލުންނަށް ތަބަޢަވީހާ ބަޔަކަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
ފަސްވަނަ އަޞްލު: އާޚިރަތް ދުވަހަށް އީމާންވުން
އެ އަޞްލުގައި ހިމެނެނީ:
މަރުވުމަށް ފަހު ވާނޭކަމަށް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ޚަބަރުދެއްވާފައިވާ ކޮންމެ ކަމަކަށް އީމާންވުމެވެ. ކަށްވަޅުގެ ފިތުނައާއި، ކަށްވަޅުގެ ޢަޛާބާއި ނިޢުމަތާއި، އަދި ޤިޔާމަތްދުވަހު ވާނޭ ބިރުވެރި ނާމާން ކަންކަމާއި، ގަދަފަދަ ކަންކަމާއި، ޞިރާޠު މަގާއި، ތިލަފަތާއި، ޙިސާބު ބެއްލެވުމާއި، ޖަޒާ ދެއްވުމާއި، މީސްތަކުންގެ މެދުގައި ޢަމަލުގެ ފަތްފުށްތައް ނިއުޅާލެވި؛ ކަނާތުން އެމީހެއްގެ ފަތުގައި ހިފާ މީހާއާއި، ވާތުން ނުވަތަ ފުރަގަހުން އެމީހެއްގެ ފަތުގައި ހިފާނޭ މީހާ ވާނޭކަމާއި، މިފަދަ ކަންކަމަށް އީމާންވުމެވެ.
އަދިވެސް އޭގެ ތެރެއަށް ވަންނަ ކަންތަކުގެ ތެރޭގައި: އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ އަށް ލިބިވަޑައިގެންވާ އެތަނަކަށް (މުއުމިންތަކުން ފެންބުއިމަށް) އަންނާނޭ ޙައުޟު ފެންގަނޑަށް އީމާންވުމާއި، ސުވަރުގެއާއި ނަރަކައަށް އީމާންވުމާއި، އަދި މުއުމިންތަކުންނަށް އެމީހުންގެ ވެރި ރައްބު ސުބްޙާނަހޫ ވަތަޢާލާ ފެންނާނޭކަމާއި، އެކަލާނގެ އެމީހުންނާ ވާހަކަފުޅު ދައްކަވާނޭކަމާއި، އެނޫންވެސް ކީރިތި ޤުރްއާނުގައި، އަދި ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން ޞައްޙަކޮށްވާ ސުންނަތުގައި އައިސްފައިވާ ކަންކަމަށް އީމާންވުންވެއެވެ. ފަހެ އެ ހުރިހާ ކަމަކަށް އީމާންވެ، އަދި ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އެ ކަންކަން ބަޔާންކުރައްވާފައިވާ ގޮތަށް އެ ކަންކަން ތެދުކުރުން އަޅާގެ މައްޗަށް ވާޖިބުވެގެންވެއެވެ.
ހަވަނަ އަޞްލު: ޤަދަރަށް އީމާންވުން
(ޤަޟާޤަދަރަށް) އީމާންވުމުގައި ހަތަރުކަމެއް ހިމެނެއެވެ:
ފުރަތަމަ ކަމަކީ: ކުރިން ވީ، އަދި ވާނޭ ހުރިހާ ކަމެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގެންވިކަމާއި، އަދި އެކަލާނގެ އަޅުތަކުންގެ ޙާލަތާއި، އެމީހުންގެ ރިޒްޤުތަކާއި އަޖަލުތަކާއި ޢަމަލުތަކާއި އެނޫންވެސް އެމީހުންގެ ކަންކަން އެކަލާނގެ ދެނެވޮޑިގެންވިކަމަށް އީމާންވުމެވެ. ފަހެ އެއިން އެއްވެސް ކަމެއް އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާއަށް ވަންހަނާވެގެން ނުވެއެވެ. އެއީ އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ: (...އަދި ﷲ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާކަން ތިޔަބައިމީހުން ދަންނާށެވެ.) [އަލްބަޤަރާ: 231] އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ: (...ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހުކަމާއި، ހަމަކަށަވަރުން، اللَّه ގެ ޢިލްމުފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ.) [އައްޠަލާޤު: 12].
ދެވަނަ ކަމަކީ: ﷲ މިންވަރު ކުރައްވާ ނިޔާ ކަނޑައެޅުއްވި ކޮންމެ ކަމެއް ލިޔުއްވާފައިވާކަމަށް އީމާންވުމެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (ހަމަކަށަވަރުން، ބިންގަނޑު އެއުރެންގެ ހަށިތަކުން އުނިކުރާ އެއްޗެއް ތިމަންއިލާހު ދެނެވޮޑިގެންވަމެވެ. އަދި ތިމަންއިލާހު ޙަޟްރަތުގައި (ހުރިހާ އެއްޗެއް) ރައްކާކުރެވިގެންވާ ފޮތެއްވެއެވެ.) [ޤާފު: 4] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (...އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންއިލާހު ހިމެނުއްވީމެވެ.) [ޔާސީން: 12] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން އުޑާއި، ބިމުގައި ވާހާކަމެއް، ﷲ ދެނެވޮޑިގެންވާކަން ތިބާއަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން އެ ކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން އެ ކަންތަކަކީ، ﷲ އަށް ދާދިފަސޭހަކަމެކެވެ.) [އަލްޙައްޖު: 70]
ތިންވަނަ ކަމަކީ: ﷲ ތަޢާލާގެ ތަންފީޒުވެގެންވާ މަޝީއަތަށް އީމާންވުމެވެ. އެގޮތުން އެކަލާނގެ އެދިވޮޑިގެންނެވި ކަމެއް ވެއެވެ. އަދި އެކަލާނގެ އެދިވޮޑިނުގަންނަވާ ކަމެއް ނުވެއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: (...ހަމަކަށަވަރުން، اللَّه، އެކަލާނގެ އެދިވޮޑިގެންވާ ކަމެއް ކުރައްވަތެވެ.) [އަލްޙައްޖު: 18]. އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ: (އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ އަމުރުފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] ވަޙީކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.) [ޔާސީން: 82] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އާލަމްތަކުގެ ވެރި ﷲ އިރާދަ ކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެއެވެ.) [އައްތަކްވީރު: 29]
ހަތަރުވަނަ ކަމަކީ: ވުޖޫދުވެގެންވާ ހުރިހާ އެއްޗެއް ﷲ ތަޢާލާ އުފެއްދެވިކަމަށް އީމާންވުމެވެ. ފަހެ އެކަލާނގެ ފިޔަވައި އުފައްދަވާ ޚާލިޤެއް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި ރައްބެއް ނުވެއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވި ގޮތަށެވެ: (اللَّه އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ.) [އައްޒުމަރު: 62] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އޭ މީސްތަކުންނޭވެ! اللَّه ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތް ހަނދުމަކުރާށެވެ! اللَّه މެނުވީ ތަކެތި ހައްދަވާ، އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤުދެއްވާ ކަލަކު ވޭހެއްޔެވެ؟ އެކަލާނގެ މެނުވީ (ޙައްޤުވެގެންވާ) އިލާހަކު ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އީމާންކަމާއި ޙައްޤުން) އެއްކިބާވެގަންނަނީ ކޮންފަދައަކުން ހެއްޔެވެ؟) [ފާޠިރު: 3]
އެހެންކަމުން ޤަދަރަށް އީމާންވުމުގައި: މި ހަތަރު ކަންތަކަށް އެއްކޮށް އީމާންވުން ޝާމިލުވެއެވެ. އެއީ އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާގައިވާ ގޮތަށެވެ. ބިދުޢާގެ އަހުލުވެރިންގެ ތެރެއިން އޭގެ ބައެއް ކަންކަމަށް އިންކާރުކުރި މީހުންނާ ޚިލާފަށެވެ.
ސުންނަތުގެ އަހުލުވެރިން އިޢުތިޤާދުކުރާ ޞައްޙަ ޢަޤީދާގައިވާ މުހިއްމު ކަންތަކުގެ ތެރޭގައި: ﷲ އަށްޓަކައި ލޯބިވުމާއި، ﷲ އަށްޓަކައި ރުޅިއައުމާއި، ﷲ އަށްޓަކައި އެކުވެރިވެ ވާގިދިނުމާއި، ﷲ އަށްޓަކައި ދެކޮޅުވެރިވެ ޢަދާވާތްތެރިވުންވެއެވެ. މިއީ އަލްވަލާއު ވަލްބަރާއުގެ ޢަޤީދާއެވެ. އަދި އެއީ ﷲ ތަޢާލާާއަށް އީމާންވުމުގެ ތެރެއިންވާ ކަމެކެވެ.
އެގޮތުން މުއުމިނުއަޅާ، އެހެން މުއުމިނުންދެކެ ލޯބިވެ އެމީހުންނާ އެއްބައިވެ އެހީތެރިވެއެވެ. އަދި ކާފަރުންދެކެ ރުޅިއަރާ، އެމީހުންނާ ދެކޮޅުވެރިވެ ޢަދާވާތްތެރިވެއެވެ. މުއުމިނުންގެ އެންމެ އިސްކޮށް މި އުއްމަތުގައިވަނީ ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންނެވެ. އެއީ އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ގާތުގައި އެއްބަސްވެވިގެންވާ ގޮތަށެވެ. އެގޮތުން އެމީހުން އެބޭކަލުންދެކެ ލޯބިވެ އެބޭކަލުންނާ މުވާލާތުކުރެއެވެ. އަދި އެބޭކަލުންނީ ނަބިއްޔުންނަށް ފަހު އެންމެ ހެޔޮވެގެންވާ މީސްތަކުންކަމުގައި އިޢުތިޤާދުކުރެއެވެ. އެއީ ނަބިއްޔާ ﷺގެ ބަސްފުޅަށްޓަކައިއެވެ: "ޤަރުނުތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ތިމަންކަލޭގެފާނު މި ހުންެނެވި ޤަރުނެވެ. ދެން އެއާ ޖެހުނު މީހުންނެވެ. ދެން އެއާ ޖެހުނު މީހުންނެވެ." [14] އޭގެ ޞައްޙަކަމާމެދު އެއްބަސްވެވިގެންވާ ޙަދީޘެކެވެ. (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.) [14] މި ޙަދީޘް ނެރުއްވީ އަލްބުޚާރީ، ނަންބަރު 3651 ގައި، އަދި މުސްލިމް، ނަންބަރު 2533 ގައިއެވެ. އެއީ ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ ޙަދީޘުންނެވެ.
އަދި އެބޭކަލުންގެ ތެރެއިން އެންމެ މާތްވެގެންވަނީ: އަބޫބަކުރު އައްޞީއްދީޤުކަމުގައި، ދެން އެއަށްފަހު ޢުމަރު އަލްފާރޫޤުކަމުގައި، ދެން ޢުޘްމާނު ޛުއް ނޫރައިނި ކަމުގައި، ދެން ޢަލީ އަލްމުރްތަޟާ ކަމުގައި އެމީހުން (އެބަހީ: ސުންނަތުގެ އަހުލުވެރިން) އިޢުތިޤާދުކުރެއެވެ. ﷲ އެ ހުރިހާ ބޭކަލުންނަށް ރުއްސަވާށިއެވެ. ދެން އެބޭކަލުންނަށް ފަހުގައި (ސުވަރުގޭގެ ހެޔޮ ޚަބަރުދެއްވިގެންވާ) ދިހަ ބޭކަލުންގެ ތެރެއިން ބާކީ ތިއްބެވި ބޭކަލުންކަމުގައި، ދެން އެއަށްފަހު ބާކީ ތިއްބެވި އެހެން ޞަޙާބީންނެވެ. ﷲ އެ ހުރިހާ ބޭކަލުންނަށް ރުއްސަވާށިއެވެ. އަދި އެބޭކަލުން -އެބަހީ: ޞަޙާބީން- ގެ މެދުގައި އުފެދުނު ދެބަސްވުމާމެދު އެމީހުން (ވާހަކަދައްކާ އުޅުމުން) ދުރުވެ ހިފަހައްޓައެވެ. އަދި އެބޭކަލުންނީ އެކަމުގައި އިޖުތިހާދުކުރެއްވި ބައެއް ކަމުގައި އިޢުތިޤާދުކުރެއެވެ. ހެޔޮ ރަނގަޅު ގޮތާ ދިމާވި ބޭކަލަކަށް ދެ އަޖުރު ހުއްޓެވެ. އަދި ކުށްކުރެވުނު ބޭކަލަކަށް ފަހެ އެއް އަޖުރު ހުއްޓެވެ.
އަދި އެމީހުން ﷲ ގެ ރަސޫލާ ﷺގެ އަހުލުބައިތުންގެ ތެރެއިން އެކަލޭގެފާނަށް އީމާންވި މީހުންދެކެ ލޯބިވެ، އެމީހުންނާ މުވާލާތުކޮށް ވާގިދެއެވެ. އަދި ﷲ ގެ ރަސޫލާ ﷺގެ އަނބިއަނބިކަނބަލުންކަމުގައިވާ، މުއުމިންތަކުންގެ މަންމައިންނާވެސް މުވާލާތުކުރެއެވެ. އަދި އެހުރިހާ ކަނބަލުންނަށް ރުއްސުން ލެއްވުމަށް އެދި އެމީހުން ދުޢާކުރެއެވެ. އަދި ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންދެކެ ރުޅިއައިސް، އެބޭކަލުންނަށް ބަދުބަސްބުނެ، އަހުލުބައިތުންނާމެދު ޙައްދުފަހަނައަޅާ ގޮސް، ﷲ ޢައްޒަ ވަޖައްލަ އެބޭކަލުން ލެއްވި މަޤާމަށްވުރެ މަތިކޮށްގެން އުފުލާއުޅޭ ރާފިޟީންގެ މަގުން ސުންނަތުގެ އަހުލުވެރިން ބަރީއަވެއެވެ. ހަމަ އެފަދައިން، އަހުލު ބައިތުންނަށް ބަހުން ނުވަތަ ޢަމަލުން އުނދަގޫކޮށް ތުރާކުރާ ނާޞިބީންގެ މަގުންވެސް އެމީހުން ބަރީއަވެއެވެ.
ފަހެ އަހަރުމެން މި ގެނައި ކަންތައް: މި ހުރިހާ ކަމަކީވެސް ﷲ އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އެއާގެން ފޮނުއްވި ޞައްޙަ ޢަޤީދާގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި އެއީ އިޢުތިޤާދުކޮށް ޤަބޫލުކޮށް، އަދި އޭގައި ހިފަހައްޓާ، އަދި އޭގެ މަތީގައި ސީދާވެ ޘާބިތުވެ ހުރެ، އަދި އެއާ ޚިލާފުވާ ކަންކަމާމެދު ހުށިޔާރުވެ ދުރުވުން ވާޖިބުވެގެންވާ ޢަޤީދާއެވެ. އަދި އެއީ ނަޖާވާނޭ ފިރުޤާކަމުގައިވާ އަހުލުއް ސުންނާ ވަލްޖަމާޢަތުގެ ޢަޤީދާއެވެ. އެއީ އެމީހުންނާމެދު ނަބިއްޔާ ﷺ މިހެން ޙަދީޘްކުރެއްވި ޖަމާޢަތެވެ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ޖަމާޢަތެއް ޙައްޤުގެ މަތީގައި ފާޅުވެ ގަދަވެގެން ތިބުން ފިލައި ނުދެއެވެ. އެމީހުން ނިކަމެތިކޮށްލާ ބައެއްގެ ސަބަބުން އެމީހުންނަށް ގެއްލުމެއް ނުވެއެވެ. އެމީހުން އެގޮތުގައި ތިއްބާ ﷲ ގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެނެވެ." [15] އެހެން ރިވާޔަތެއްގައިވެއެވެ: "ތިމަންކަލޭގެފާނުގެ އުއްމަތުން ޖަމާޢަތެއް ޙައްޤުގެ މަތީގައި ނަޞްރު ލިބިގެންވާ ޙާލުވުން ފިލައިނުގޮސް ދެމިގެންވެއެވެ." [16] އަދިވެސް އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "ޔަހޫދީން ހަތްދިހަ އެއް ފިރުޤާއަށް ބައިބައިވެގެންދިޔައެވެ. އަދި ނަޞާރާއިން ހަތްދިހަ ދެ ފިރުޤާއަށް ބައިބައިވެގެންދިޔައެވެ. އަދި މި އުއްމަތް ހަތްދިހަ ތިން ފިރުޤާއަށް ބައިބައިވެގެންދާނެއެވެ. އެންމެ ބައިގަނޑެއް ފިޔަވައި އެ ހުރިހާ ބައިގަނޑުތައްވެސްވަނީ ނަރަކާގައިއެވެ." ދެން ޞަޙާބީން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކޮން ޖަމާޢަތެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުން އެކަންތަކެއްގެ މަތީގައި މި ތިއްބެވި ކަންތަކުގެ މަތީގައި ތިބި މީހުންނެވެ." [17] [15] މި ޙަދީޘް ނެރުއްވީ މުސްލިމް، ނަންބަރު 1920 ގައި، ޘައުބާނު رضي الله عنه ގެ ޙަދީޘުންނެވެ. [16] މި ޙަދީޘް ނެރުއްވީ އިބްނު މާޖާ، ނަންބަރު 3952 ގައި، ޘައުބާނު رضي الله عنه ގެ ޙަދީޘުންނެވެ. އަދި އިބްނު ޙިއްބާނު، ނަންބަރު 6714 ގައި، އަދި އަލްޙާކިމު، ނަންބަރު 8653 ގައި މި ޙަދީޘް ޞައްޙަކުރެއްވިއެވެ. [17] މި ޙަދީޘް ނެރުއްވީ އައްތިރްމިޛީ، ނަންބަރު 2641 ގައި، ޢަބްދު ﷲ ބްނު ޢަމްރު رضي الله عنه ގެ ޙަދީޘުންނެވެ. އަދި އަލްމުނާވީ، ފައިޟުލް ޤަދީރުގެ (5 / 347) ގައި ވިދާޅުވިއެވެ: "މި ސަނަދުގައި ޢަބްދުއް ރަޙްމާނު ބްނު ޒިޔާދު އަލްއިފްރީޤީވެއެވެ. އައްޛަހަބީ ވިދާޅުވިއެވެ: އެބޭކަލުން އޭނާ ބަލިކަށިކުރެއްވިއެވެ." އަދި އަލްއަލްބާނީ ވަނީ ޞަޙީޙުލް ޖާމިޢުގެ، ނަންބަރު 5343 ގައި މި ޙަދީޘް ޞައްޙަކުރައްވާފައިއެވެ.
ޞައްޙަ ޢަޤީދާއާ އިދިކޮޅުވާ ޢަޤީދާތައް
މި ޢަޤީދާއިން ކަސިޔާރުވެ، އެއާ އިދިކޮޅަށްދާ މީހުންވަނީ އެތައް ބާވަތްތަކަކަށެވެ. އޭގެ ތެރޭގައި: ބުދުތަކާއި، ވަޘަނުތަކާއި، މަލާއިކަތުންނާއި، ވަލީވެރިންނާއި، ޖިންނީންނާއި، ގަސްގަހާގެއްސާއި، ހިލަހިލަޔާއި އެހެން ތަކެއްޗަށް އަޅުކަންކުރާ މީހުންވެއެވެ. ފަހެ މި މީހުން ރަސޫލުންގެ ދަޢުވަތަށް އިޖާބައެއް ނުދިނެވެ. ކިއެއްތަ، އެބޭކަލުންނާ ޚިލާފުވެ ދެކޮޅުވެރިވީއެވެ. އެއީ ޤުރައިޝުންނާއި، ޢަރަބިންގެ އެހެން ފަންތިތައް އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ އާމެދު ކަންތައް ކުރި ގޮތަށެވެ. އެގޮތުން އެމީހުން އަޅުކަންކުރަމުންދިޔަ ތަކެތީގެ ފުށުން، ޙާޖަތްތައް ފުއްދާދިނުމަށާއި، ބަލިމީހުންނަށް ޝިފާ ދިނުމަށާއި، ޢަދުއްވުންގެ މައްޗަށް ނަޞްރުދިނުމަށް އެދި ދުޢާކޮށް، އަދި އެ ފަރާތްތަކަށް ޤުރުބާންކޮށް ކަތިލާ، އަދި ނަދުރު ބުނެއެވެ. ދެން ރަސޫލާ ﷺ އެމީހުންނަށް އެކަންކަމަށް އިންކާރުކުރައްވާ، ﷲ އަށް އެކަނި އަޅުކަން ޚާލިޞްކުރަން އަމުރުކުރެއްވިހިނދު؛ އެމީހުން އެކަމާމެދު ހައިރާންވެ ބީރައްޓެހިކޮށް ދެކި، އެކަލޭގެފާނަށް އިންކާރުކުރިއެވެ. އަދި އެމީހުން ބުންޏެވެ: (އޭނާ ހުރިހާ އިލާހުން އެއް އިލާހަކަށް ހެދީހެއްޔެވެ؟ ހަމަކަށަވަރުން މިއީ ނުހަނު އަޖާއިބު ވާފަދަ ކަމެއްކަން ކަށަވަރެވެ.) [ޞާދު: 5]
ދެންފަހެ އެކަލޭގެފާނު އެމީހުންނަށް ދަޢުވަތުދެއްވާ، އަދި ޝިރުކާމެދު އެމީހުންނަށް އިންޛާރުދެއްވާ، އެމީހުން އެ ތަކެއްޗަށް ދުޢާކޮށް ގޮވާއުޅޭ ތަކެތީގެ ޙަޤީޤަތް ޝަރަޙަކޮށްދެއްވަމުން ގެންދެވިއެވެ. އެއީ އެމީހުންގެ ތެރެއިން ﷲ ތެދުމަގު ދެއްކެވި ބަޔަކަށް ތެދުމަގު ފެންނަންދެނެވެ. ދެން އެއަށްފަހު އެމީހުން ﷲ ގެ ދީނަށް ފައުޖު ފައުޖަށް ވަނެވެ. އަދި ﷲ ގެ ދީން އެހެން ހުރިހާ ދީންތަކެއްގެ މައްޗަށް ފާޅުވެ ގަދަވެގެންދިޔައެވެ. އެއީ ﷲ ގެ ރަސޫލާ ﷺ އާއި، އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم އާއި، އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ ބޭކަލުން މެދުކެނޑުމެއްނެތި ދެއްވި ދަޢުވަތާއި، އަދި ދިގު މުއްދަތަކަށް ކުރެއްވި ޖިހާދަށް ފަހުގައިއެވެ. ދެން އެއަށްފަހު ޙާލަތްތައް ބަދަލުވެ، ގިނަ މީހުންގެ މައްޗަށް ޖާހިލުކަން ގަދަވެގެންދިޔައެވެ. ދެން ގިނަމީހުން އަނެއްކާ ޖާހިލިއްޔަތުގެ ދީނަށް އަނބުރާ ދިޔައެވެ. އެއީ ނަބިއްޔުންނާއި ވަލީވެރިންނާމެދު ޙައްދުފަހަނައަޅާ ގޮސް، އެމީހުންނަށް ދުޢާކޮށް ވާތްގަށް އެދި، އަދި އެނޫންވެސް އެކި ވައްތަރުތަކުގެ ޝިރުކު ކޮށްގެންނެވެ. އަދި لا إله إلا الله ގެ މާނައާމެދު ޢަރަބި ކާފަރުންނަށް އެނގުނުވަރަށްވެސް އެމީހުންނަށް އެ ކަލިމައިގެ މާނަ ނޭނގެއެވެ. އެހީތެރިކަމަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ.
ޖާހިލުކަން ގަދަވެ، ނަބީކަމުގެ ޒަމާނާއި ޒަމާން ދުރުވެގެންވުމުގެ ސަބަބުން؛ އަހަރުމެންގެ މި ޒަމާނާ ހަމައަށްވެސް މި ޝިރުކު މީސްތަކުންގެ ތެރޭގައި ފެތުރެމުން ދިޔުން ފިލައިނުދެއެވެ.
ފަހުން އައި މިވެރިންގެ ޝުބުހައަކީ ހަމަ އިހު އުޅުނު މީހުންގެ ވެސް ޝުބުހައެވެ. އެއީ އެމީހުންގެ މިބަހެވެ: (...މި ފަރާތްތަކަކީ ﷲ ގެ ޙަޟްރަތުގައި އަހަރުމެންނަށް ޝަފާޢަތްތެރިވާނޭ ފަރާތްތަކެކެވެ...) [ޔޫނުސް: 18] އަދި އެމީހުންގެ މި ބުނުމެވެ: (ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ...) [އައްޒުމަރު: 3] ﷲ ވަނީ މި ޝުބުހަ ބާޠިލުކުރައްވާ، އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރި މީހާ؛ އެއީ ކޮންމެފަދަ މީހަކަށްވިޔަސް އޭނާ އެވަނީ ޝިރުކުކޮށް ކާފަރުވެފައިކަން ބަޔާންކުރައްވާފައިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ފަރާތްތަކަކީ ﷲ ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ފަރާތްތަކެކެވެ...) [ޔޫނުސް: 18] ދެން ﷲ ސުބްޙާނަހޫ އެކަލާނގެ މި ބަސްފުޅުން އެމީހުންނަށް ރައްދުދެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް اللَّه ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރުދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.) [ޔޫނުސް: 18]
ފަހެ ﷲ ތަޢާލާ މި އާޔަތުގައި ބަޔާންކުރެއްވީ: އެކަލާނގެ ފިޔަވައި ނަބިއްޔުންނާއި ވަލީވެރިންނަށް، ނުވަތަ އެނޫން ފަރާތްތަކަށް އަޅުކަންކުރުމަކީ ބޮޑު ޝިރުކެއް ކަމަށެވެ. އެއީ އެކަން ކުރާ މީހުން އެހެން ނަމެއް އެޔަށް ދިނަސްމެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އެކަލާނގެ ފިޔަވައި ވާގިދޭ ވަލީވެރިންތަކެއް ނެގި މީހުން (ބުނެއެވެ.) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ...) [އައްޒުމަރު: 3] ދެން ﷲ ތަޢާލާ އެކަލާނގެ މި ބަސްފުޅުން އެމީހުންނަށް ރައްދުދެއްވިއެވެ: (...ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭ ކަންތަކާމެދު ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 3]
ފަހެ އެކަލާނގެ އެ ބަސްފުޅުން ބަޔާންކުރެއްވީ: އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް އެމީހުން ދުޢާކޮށް، ބިރުވެތިވެ، އެދި އުއްމީދުކޮށް އަދި އެފަދަ ކަންކަން ކޮށްގެން އަޅުކަންކުރުމީ އެކަލާނގެ ސުބްޙާނަހޫއަށް ކާފަރުވުން ކަމުގައިއެވެ. އަދި އެމީހުންގެ ބުނުންކަމުގައިވާ: އެމީހުންގެ އިލާހުން އެކަލާނގެއާ އެ ވެރިން ކުއްތަންކޮށްދޭކަމަށް ބުނިބަސް އެކަލާނގެ ދޮގުކުރެއްވިއެވެ.
ރަސޫލުން عليهم الصلاة والسلام އެ ޢަޤީދާއާގެން ވަޑައިގެންނެވި ޞައްޙަ ޢަޤީދާއާ އިދިކީލަވެ ޚިލާފުވާ ކުފުރުގެ ޢަޤީދާތަކުގެ ތެރޭގައި: މި ޒަމާނުގައި އުޅޭ މުލްޙިދުންކަމުގައިވާ: މާރކަސް އާއި ލެނީން އާއި އެނޫންވެސް އިލްޙާދާއި ކުފުރަށް ގޮވާލާ މީހުންނަށް ތަބަޢަވާ މީހުން އިޢުތިޤާދުކުރާ ކަންކަންވެއެވެ. އެއީ އެޔަށް އެމީހުން އިޝްތިރާކިއްޔާ (ސޯޝަލިޒަމް) އޭ، ނުވަތަ ޝުޔޫޢިއްޔާ (ކޮމިޔުނިޒަމް)އޭ، ނުވަތަ ބަޢުޘިއްޔާ (ބާތިޒަމް) އޭ ނުވަތަ އެނޫން ނަންތަކެއް ކިޔަސްމެއެވެ. ފަހެ މި މުލްޙިދުންގެ އަޞްލުތަކުގެ ތެރޭގައި: އެއްވެސް އިލާހަކު ނުވާކަމަށާއި، ދިރިއުޅުމުގެ ޙަޔާތަކީ ހުސް މާއްދިއްޔަތު ކަމުގައި ޤަބޫލުކުރުންވެއެވެ.
އެމީހުންގެ އަޞްލުތަކުގެ ތެރޭގައި: އާޚިރަތަށް އިންކާރުކުރުމާއި، ސުވަރުގެއާއި ނަރަކައަށް އިންކާރުކުރުމާއި، ހުރިހާ ދީންތަކަށް ކާފަރުވުންވެއެވެ. އެމީހުންގެ ފޮތްތަކަށް ބަލައި، އެމީހުން ތިބި ގޮތް ދިރާސާކޮށްފި މީހަކަށް އެކަން ޔަޤީނުންވެސް އެނގޭހުއްޓެވެ. ޝައްކެއްވެސް ނެތްގޮތުގައި މި ޢަޤީދާއަކީ ސަމާވީ ހުރިހާ ދީންތަކާ އިދިކޮޅުވާ، އަދި އެ ޢަޤީދާގެ އަހުލުވެރިން ދުނިޔެއާއި އާޚިރަތުގައި އެންމެ ނުބައި ނަތީޖާއަށް ގެންދާ ޢަޤީދާއެކެވެ.
އަދިވެސް ޙައްޤާ އިދިކޮޅުވާ އެފަދަ ޢަޤީދާތަކުގެ ތެރޭގައި: ބައެއް ޞޫފީން އިޢުތިޤާދުކުރާ ގޮތެއްކަމުގައިވާ: އެމީހުން ވަލީވެރިންކަމުގައި ނަންދޭ ބައެއް މީހުން، (ކައުނުގެ ކަންކަން ހިންގަވާ) ތަދުބީރުކުރެއްވުމުގައި ﷲ އާ ބައިވެރިވާކަމަށް، އަދި ދުނިޔޭގެ ކަންކަމަށް އެމީހުން ބާރުފޯރުވާކަމަށް ދެކޭ ދެކުންވެއެވެ. އަދި އެ ފަރާތްތަކަށް ޤުޠުބުންކަމުގައި، ވަތަދުންކަމުގައި، ޣައުޘުންކަމުގައި، އަދި އެނޫންވެސް އެމީހުންގެ އިލާހުންތަކަށް އުފައްދާފައިވާ އެފަދަ ނަންތައް ދެއެވެ. މިއީ ރުބޫބިއްޔަތުގައި ޝިރުކު ކުރުމެވެ. އަދި އެއީ ﷲ ތަޢާލާއާ ޝިރުކު ކުރުމުގެ އެންމެ ނުބައި ހުތުރު ވައްތަރުތަކުންވާ ކަމެކެވެ.
ކުރިން އުޅުނު ޖާހިލިއްޔަތުގެ އަހުލުވެރިން ކުރި ޝިރުކާމެދު ވިސްނާ ފިކުރުކޮށް، އަދި ފަހުގެ މީހުންގެ ތެރޭގައި ފެތުރިގެންވާ ޝިރުކާ އެއާ އަޅާކިޔައިފި މީހާއަށް ފެނިގެންދާނީ؛ ފަހުން އައި މީހުންގެ ޝިރުކު މާ ބޮޑުވެ ނުބައިވެގެންވާ ތަނެވެ. އެކަން ބަޔާންވަނީ އަންނަނިވި ގޮތަށެވެ: ޖާހިލިއްޔަތުގައި އުޅުނު ޢަރަބި ކާފަރުން ދެ ކަމަކުން ފާހަގަވިއެވެ: ފުރަތަމަ ކަމަކީ: އެމީހުން ރުބޫބިއްޔަތުގައި ޝިރުކުކޮށް ނޫޅެއެވެ. އެމީހުން ކުރި ޝިރުކުވީ އަޅުކަމުގައިއެވެ. އެގޮތުން އެމީހުން ﷲ ޢައްޒަ ވަޖައްލަގެ ރައްބުވަންތަކަމަށް އެކަލާނގެ އެއްކައުވަންތަކޮށް އިޢުތިރާފުވެގެންވިއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލުކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ...) [އައްޒުޚްރުފު: 87] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ: އުޑުންނާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކޮން ފަރާތަކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ފަހެ އެ މީހުން ބުނާނެއެވެ: ﷲ އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ: ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަޤުވާވެރި ނުވާނަންހެއްޔެވެ؟) [ޔޫނުސް: 31] މި މާނައިގައިވާ އާޔަތްތައް ވަރަށްވެސް ގިނަވެގެންވެއެވެ.
ދެވަނަ ކަމަކީ: އެމީހުން އަޅުކަމުގައި ކުރި ޝިރުކު އެއީ އަބަދު ކުރާ ކަމެއްކަމުގައި ނުވެއެވެ. އެކަމަކު އެކަން ކުރަނީ ފާގަތިކަމުގެ ޙާލަތުގައިއެވެ. ދެންފަހެ ދަތި އުނދަގޫ ޙާލަތުގައި، އެމީހުން ﷲ އަށް އަޅުކަން ޚާލިޞްކުރެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވިފަދައިންނެވެ: (ފަހެ އެ މީހުން ނަވަށް އަރާ ދުއްވާހިނދު، ދީން ޚާލިސްކޮށްގެން ﷲ އަށް ދުޢާ ކުރެއެވެ. ދެން އެ އިލާހު އެ މީހުން ސަލާމަތް ކުރައްވާ އެއްގަމަށް ގެންނެވުމުން، އެހާރުން އެ މީހުން (އަނެއްކާވެސް އެ އިލާހާ) ޝިރްކު ކުރެއެވެ.) [އަލްޢަންކަބޫތު: 65]
އަނެއްކޮޅުން ފަހުގެ މުޝްރިކުންނަށް ބަލާއިރު، އެމީހުން އިހުގެ މުޝްރިކުންގެ މައްޗަށް ދެ ގޮތަކުން އިތުރުކުރިއެވެ. ފުރަތަމަ ގޮތަކީ: އޭގެ ތެރެއިން ބައެއް މީހުން ރުބޫބިއްޔަތުގައިވެސް ޝިރުކު ކުރިއެވެ. ދެވަނަ ގޮތަކީ: ފާގަތި ތަނަވަސް ޙާލަތާއި ދަތި އުނދަގޫ ޙާލަތުގައިވެސް އެމީހުން ޝިރުކު ކުރިއެވެ. އެއީ އެމީހުންނާ އެކުވެ އުޅެ، އެމީހުންގެ ޙާލަތު ބަލައި، އަދި މިޞްރުގައި އަލްޙުސައިނު އާއި އަލްބަދަވީ އާއި އެނޫން މީހުންގެ ޤަބުރުގެ ކައިރީގައި، އަދި ޢަދްނުގައި އަލްޢައިދަރޫސްގެ ޤަބުރުގެ ކައިރީގައި، އަދި ޔަމަނުގައި އަލްހާދީގެ ޤަބުރުގެ ކައިރީގައި، އަދި ޝާމްކަރާގައި އިބްނު ޢަރަބީގެ ޤަބުރުގެ ކައިރީގައި، އަދި ޢިރާޤުގައި ޝެއިޚު ޢަބްދުލް ޤާދިރު އަލްޖީލާނީގެ ޤަބުރާއި، އަދި އެނޫންވެސް ޢާއްމުންގެ ތެރޭގައި މަޝްހޫރުވެގެން އެތަންތަނާމެދު ޙައްދުފަހަނައަޅާ ގޮސްފައިވާ ޤަބުރުތަކުގެ ކައިރީގައި ހިނގާ ކަންކަން ބަލައިފި މީހަކަށް އެނގޭނެ ފަދައިންނެވެ. ﷲ ޢައްޒަ ވަޖައްލަގެ ގިނަ ޙައްޤުތަކެއް އެމީހުން ވަނީ އެ ފަރާތްތަކަށް އަނބުރާލާފައިއެވެ. އަދި އެމީހުންނަށް އެކަންކަމަށް އިންކާރުކޮށް، އަދި ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު ﷺ، އަދި އެކަލޭގެފާނުގެ ކުރިންވީ ރަސޫލުން عليهم الصلاة والسلام އެކަމަކާގެން ފޮނުއްވުނު ތައުޙީދުގެ ޙަޤީޤަތް އެމީހުންނަށް ބަޔާންކޮށްދޭނެ މީހުން މަދުވެގެންވެއެވެ. ފަހެ إنا لله وإنا إليه راجعون އެވެ.
އަލްއަސްމާއު ވައްޞިފާތު (ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގެ) ބާބުގައި ޞައްޙަ ޢަޤީދާއާ އިދިކޮޅުވެގެންވާ ޢަޤީދާތަކުގެ ތެރޭގައި: ބިދުޢާގެ އަހުލުވެރިންގެ ތެރެއިންވާ ޖަހްމީންނާއި، މުޢުތަޒިލީންނާއި، އަދި ﷲ ޢައްޒަ ވަޖައްލަގެ ޞިފަފުޅުތައް ނަފީކުރުމުގައި، އަދި ﷲ ސުބްހާނަހޫ ވަތަޢާލާއަށް ނިސްބަތްވެގެންވާ ފުރިހަމަކަމުގެ ޞިފަފުޅުތައް ނަގައިލާ، އަދި އުފެދުމުގައިނުވާ، ދިރުންނެތް، މުސްތަޙީލުތަކެތީގެ ޞިފަތަކުން އެކަލާނގެ ޢައްޒަ ވަޖައްލަ ޞިފަކުރުމުގައި އެވެރިންގެ މަގުގައި ހިފައިގެންދިޔަ މީހުންގެ (މިސާލަކަށް އަޝްޢަރީންނާއި މާތުރީދީންގެ) ޢަޤީދާތައްވެއެވެ. އެމީހުން ބުނެއުޅޭ ބަސްތަކުން ﷲ ތަޢާލާ ބޮޑުވެގެންވާ މަތިވުމަކުން މަތިވެރިވެވޮޑިގެންވެއެވެ.
އަދިވެސް އޭގެ ތެރެއަށް ވަންނަ ޢަޤީދާތަކުގެ ތެރޭގައި: ބައެއް ޞިފަފުޅުތައް ނަފީކޮށްފައި އަނެއްބައި ޞިފަފުޅުތައް ޘާބިތުކުރުމުގެ ޢަޤީދާވެއެވެ. އެއީ އަޝްޢަރީންގެ ޢަޤީދާ ވާގޮތަށެވެ. މިވެރިން އެކަލާނގެއަށް ޘާބިތުކުރި ޞިފަފުޅުތަކުގައި، ހަމަ މިވެރިން ނަފީކުރި ޞިފަފުޅުތައް ނަފީކޮށް، އެ ޞިފަފުޅުތަކުގެ ދަލީލުތައް ތައުވީލުކޮށް މާނަ ބަދަލުކޮށްލުމަށްޓަކައި ފިލައި ރައްކާވި ކަންތައް ހަމަ ލާޒިމްވެއެވެ. ދެން އޭގެ ސަބަބުން ސަމްޢީ (ޤުރްއާނާއި ސުންނަތުގެ) ދަލީލުތަކާއި، ބުއްދީގެ ދަލީލުތަކާވެސް އެމީހުން ޚިލާފުވިއެވެ. އަދި ސާފުވެ ބަޔާންވެގެންވާ ފުށުއެރުމަކުން އެމީހުން އެކަމުގައި ދެކޮޅުނުޖެހި ފުށުއެރިއެވެ.
އަނެއްކޮޅުން އަހުލުއް ސުންނާ ވަލްޖަމާޢަތަށް ބަލާއިރު، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ނަފްސުފުޅަށް ޘާބިތުކުރެއްވި، ނުވަތަ އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އެކަލާނގެއަށް ޘާބިތުކުރެއްވި ނަންފުޅުތަކާއި ޞިފަފުޅުތައް އެންމެ ފުރިހަމަ ގޮތަށް އެމީހުން ޘާބިތުކުރިއެވެ. އަދި އެކަލާނގެ ޚަލްޤުތަކުންނާ ވައްތަރުވުމުން އެމީހުން އެކަލާނގެ ހުސްދުރުކުރިއެވެ. އެއީ ތަޢުޠީލުކޮށް (ޞިފަފުޅުތަކަށް އިންކާރުކޮށް ނަގައިލުމުގެ) ނުބައިކަމުން ބަރީއަވެގެންވާ ހުސްދުރުކުރުމަކުންނެވެ. އެގޮތުން އެމީހުން ހުރިހާ ދަލީލުތަކަށް ޢަމަލުކުރިއެވެ. އަދި ތަޙުރީފުކޮށް މާނަ ބަދަލެއް ނުކުރެއެވެ. އަދި އިންކާރުކޮށް ނަގައިނުލައެވެ. އަދި އެނޫން މީހުން ވެއްޓުނު ދެކޮޅުނުޖެހުމުން އެމީހުން ސަލާމަތްވިއެވެ. އެއީ އެކަން އިސްވެ ބަޔާންވި ގޮތަށެވެ.
ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ލިބޭނެ، ނަޖާވުމުގެ މަގަކީ މިއެވެ. އަދި މި އުއްމަތުގެ ސަލަފުންނާއި އިމާމުވެރި ބޭކަލުން ހިންގެވި ސީދާވެގެންވާ ތެދުމަގަކީވެސް މިއެވެ. އަދި މި އުއްމަތުގެ ކުރީކޮޅުގެ މީހުން އެކަމަކުން އިޞްލާޙުވެ ރަނގަޅުވެގެންދިޔަ ކަމަކުން ނޫނީ އުއްމަތުގެ ފަހުކޮޅުވެސް ރަނގަޅުވެ އިޞްލާޙުނުވާނެއެވެ. އެއީ ޤުރްއާނާއި ސުންނަތަށް ތަބަޢަވެ، އެއާ ޚިލާފުވި އެއްޗެއް ދޫކޮށްލުމެވެ. އަހަރުމެން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެދި ދަންނަވަނީ: މި އުއްމަތް ހެޔޮވިސްނުމަށް އަނބުރާ ރައްދުކުރައްވާ، އަދި ތެދުމަގަށް ގޮވާލާ ދަޢުވަތުދޭ މީހުން އުއްމަތުގައި ގިނަކޮށްދެއްވުމަށެވެ. އަދި އުއްމަތުގެ ލީޑަރުންނާއި، ޢިލްމުވެރިންނަށް ޝިރުކާ ދެކޮޅަށް ހަނގުރާމަކޮށް، ޝިރުކު ނައްތާލާ، އަދި އެއަށް މަގުފަހިކުރާ ވަސީލަތްތަކާމެދު އިންޛާރުދީ ހުށިޔާރުވުމަށް ތައުފީޤުދެއްވުމަށެވެ... ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ ގާތުގައިވޮޑިގެންވާ އިލާހެވެ. ތައުފީޤުދެއްވަނީ ﷲ އެވެ. އަދި އެކަލާނގެ އަހަރުމެންނަށް ފުދެއެވެ. ވަކީލުކުރެވޭ ފަރާތެއްކަމުގައި އެކަލާނގެ ހެޔޮކަމާއެވެ. އަދި އެއްވެސް އާރަކާއި ބާރެއް އެކަލާނގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وصلى الله وسلم على عبده ورسوله نبينا محمد، وعلى آله وصحبه.
ދެވަނަ ރިސާލާ: ނަބިއްޔާ ﷺ ގެ ކިބައިން ވާތްގަށް އެދުމުގެ ޙުކުމާމެދު
ޙަމްދުހުރީ ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ އަޞްޙާބުންނަށާއި، އެކަލޭގެފާނުގެ ތެދުމަގުން ތެދުމަގު ލިބިގަތް ބަޔަކަށެވެ.
އެއަށްފަހު ދަންނައެވެ: ހިޖުރައިން 19 / 4 / 1390ހ އަހަރު ޕަބްލިޝްކޮށްފައިވާ: "އަލްމުޖްތަމަޢުލް ކުވައިތިއްޔާ" ނޫހުގެ ޢަދަދު 15 ގައި، 'ޝަރަފުވެރި ޢީދު މީލާދުގެ ޛިކުރާގައި' ގެ ސުރުޚީ ދަށުން ޅެންބައިތުތަކެއް ވަނީ ޝާއިޢުކޮށް ފަތުރާފައިއެވެ. މި ޅެންބައިތުތަކުގައި ނަބިއްޔާ ﷺގެ އަރިހުން ވާތްގަށް އެދުމާއި، އެކަލޭގެފާނު މެދުވެރިކޮށް ނަޞްރަށް އެދުން ހިމެނިފައިއެވެ. އެއީ އުއްމަތް ވެއްޓިފައިވާ ބައިބައިވުމާއި އިޚްތިލާފުން ސަލާމަތްކޮށްދީ، ނަޞްރުލިބި، އުއްމަތާ އަރާހަމަކުރުމަށްޓަކައިއެވެ. މި ބައިތުތައް ލައިދީފައިވަނީ "އާމިނަތު" އޭ ކިޔުނު މީހެކެވެ. އިޝާރާތްކުރެވުނު ބައިތުތައް އޭގެ ނައްޞުން މިވަނީއެވެ:
يا رسول الله أدرك عالمًا... يشعل الحرب ويصلى مـن لظاها (އޭ ﷲ ގެ ރަސޫލާއެވެ. ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށް، އޭގެ އަނގުރު އަލިފާނަށް ވެއްޓިފައިވާ ޢާލަމަކާ އަރާހަމަކުރައްވާ ހިއްޕަވާށިއެވެ.)
يا رسول الله أدرك أمـة... في ظلام الشك قـد طـال سراها (އޭ ﷲ ގެ ރަސޫލާއެވެ! ޝައްކުގެ އަނދިރިކަމުގެ ތެރޭގައިވެ، އެ އަނދިރިގަނޑުގައި ހިނގުން ދިގުލާފައިވާ އުއްމަތާ އަރާހަމަކުރައްވާށެވެ.)
يا رسول الله أدرك أمـة... في متاهات الأسى ضاعت رؤاها (އޭ ﷲ ގެ ރަސޫލާއެވެ! ހިތާމައިގެ ވާދީގައި، ފެނުން ގެއްލިގޮސްފައިވާ އުއްމަތާ އަރާހަމަކުރައްވާށެވެ.)
އެހެންގޮސް އެކަނބުލޭގެ ކިޔެވެ:
عجل النصر كما عجلتـه... يوم بدر حين ناديت الإله (ބަދުރު ހަނގުރާމައިގެ ދުވަހު ކަލޭގެފާނު، އިލާހަށް ދަންނަވައިގެން ނަޞްރު އަވަސްކުރެއްވި ގޮތަށް ނަޞްރު އަވަސްކުރައްވާށިއެވެ.)
فاستحال الذل نصرًا رائعًا... إن لله جــنــودًا لا تـراهـا (ދެން އޭރުން ނިކަމެތިކަން، ކުޅަދާނަ ނަޞްރަކަށް ބަދަލުވެގެން ގޮސްދާނެއެވެ. ހަމަކަށަވަރުން ތިބާއަށް ނުފެންނަ ލަޝްކަރެއް ﷲ އަށް ލިބިވޮޑިގެންވެއެވެ.)
މިގޮތަށް މި ލިޔުންތެރިޔާގެ ނިދާއާއި ވާގިއެދުން ރަސޫލާ ﷺ އަށް އަމާޒުކޮށް ޤަޞްދުކުރިއެވެ. އުއްމަތަށް ނަޞްރު ދެއްވުން އަވަސްކޮށްދިނުމަށް އެކަލޭގެފާނުގެ އަރިހުން އެދޭ ޙާލުގައިއެވެ. އެއީ ނަޞްރުދެއްވުން ނަބިއްޔާ ﷺގެ އަތްޕުޅަކު، އަދި އެހެން އެއްވެސް މަޚްލޫޤެއްގެ އަތަކުވެސް ނުވާކަމާއި، ނަޞްރުދެއްވުންވަނީ ހަމައެކަނި ﷲ ގެ އަތްޕުޅުގައިކަމާމެދު އެކަނބުލޭގެ ހަނދާންނެތިގެން -ނުވަތަ އެކަމާމެދު ޖާހިލުވެގެންވާ- ޙާލުގައިއެވެ. އެއީ ﷲ ސުބްޙާނަހޫ އެކަލާނގެ ބަޔާންވެގެންވާ ފޮތުގައި ވަޙީކުރެއްވި ފަދައިންނެވެ: (...ޢަޒީޒުވަންތަ، ޙަކީމްވަންތަ، ﷲ ގެ ޙަޟްރަތުން މެނުވީ، ނަޞްރު ލިބުމެއް ނުވެއެވެ.) [އާލް ޢިމްރާން: 126] އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (ﷲ، ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނަމަ، ފަހެ ތިޔަބައިމީހުން ބަލިކުރެވޭނޭ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެއިލާހު ތިޔަބައިމީހުންނަށް ނަޞްރު ނުދެއްވައިފިނަމަ، އެއަށްފަހު ތިޔަބައިމީހުންނަށް ނަޞްރު ދޭނީ ފަހެ ކާކު ހެއްޔެވެ!...) [އާލް ޢިމްރާން: 160]
މި ޢަމަލަކީ ދުޢާކޮށް ވާތްގަށް އެދުމުގެ ތެރެއިންވާ ކަމެކެވެ. (އަދި) އެއީ: އަޅުކަމުގެ ވައްތަރުތަކުން ވައްތަރެއް ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަނބުރާލުމެވެ. ނައްޞުންނާއި އިޖްމާޢުން އެނގިގެންވަނީ: އެކަން ހުއްދަވެގެން ނުވާނޭކަމާއި، އަދި ﷲ ސުބްޙާނަހޫ ޚަލްޤުތަކުން އުފެއްދެވީ އެމީހުން އެކަލާނގެއަށް އަޅުކަންކުރަންކަމާއި، އަދި އެކަލާނގެ ރަސޫލުން ފޮނުއްވާ، ފޮތްތައް ބާވައިލެއްވީ އެ އަޅުކަން ބަޔާންކުރައްވާ، އަދި އެކަމަށް ދަޢުވަތުދެއްވުމަށްކަމެވެ. އެއީ އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ: (ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.) [އައްޛާރިޔާތު: 56] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!) [އަލްއަންބިޔާއު: 25] އަދިވެސް އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (ا ل ر .(މިއީ) ފޮތެކެވެ. އެ ފޮތުގެ އާޔަތްތައް ފުރިހަމަކުރެވި، ދެން ޙިކްމަތްވަންތަ، ޚަބަރު ލިބިވޮޑިގެންވާ ފަރާތެއްގެ ޙަޟްރަތުން ތަފްޞީލުކުރެވިފައިވެއެވެ. (އެއީ) ތިޔަބައިމީހުން اللَّه އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށްވާ އިންޛާރުދޭ އަދި ހެޔޮ ޚަބަރުދޭ މީހެކެވެ.) [ހޫދު: 1-2]
ފަހެ ﷲ ތަޢާލާ މި މުޙްކަމު ފުރިހަމަ އާޔަތްތަކުގައި ބަޔާންކުރައްވާފައި އެވަނީ: އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުލާ އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށް މެނުވީ އެކަލާނގެ ޖިންނީންނާއި އިންސީން ނުއުފައްދަވާކަމެވެ. އަދި އެކަލާނގެ ރަސޫލުން عليهم الصلاة والسلام ފޮނުއްވީ މި އަޅުކަމަށް އަމުރުކުރައްވާ، އަދި އޭގެ އިދިކޮޅު ނަހީކުރެއްވުމަށް ކަމުގައި ބަޔާންކުރެއްވިއެވެ. އަދި އެކަލާނގެ ޢައްޒަ ވަޖައްލަ، އެކަލާނގެ ފޮތުގެ އާޔަތްތައް ފުރިހަމަކުރައްވާ، ތަފްޞީލުކުރެއްވީ؛ އެކަލާނގެ ސުބްޙާނަހޫ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރެވުމަށް ކަމުގައިކަމަށް ޚަބަރުދެއްވިއެވެ.
އަދި އެނގިގެންވާކަމަކީ އަޅުކަމުގެ މާނައަކީ: ﷲ ގެ އަމުރުފުޅުތަކަށް ޢަމަލުކޮށް، އެކަލާނގެ ނަހީކުރެއްވި ކަންކަން ދޫކޮށްލައިގެން، އެކަލާނގެ އެއްކައުވަންތަކޮށް އެކަލާނގެއަށް ކިޔަމަންވުންކަމެވެ. ގިނަގުނަ އާޔަތްތަކެއްގައި ﷲ ތަޢާލާވަނީ އެކަމަށް އަމުރުކުރައްވާ، އަދި އެ ޚަބަރުދެއްވާފައިއެވެ. އޭގެ ތެރޭގައި: އެކަލާނގެ މި ބަސްފުޅުވެއެވެ: (އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...) [އަލްބައްޔިނާ: 5] އަދި އެކަލާނގެ ޢައްޒަ ވަޖައްލަގެ މިބަސްފުޅެވެ: (އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރި ރައްބު ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ...) [އަލްއިސްރާއު: 23] އަދި އެކަލާނގެ މި ބަސްފުޅެވެ: (ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ. (ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ނެގި މީހުން (ބުންޏެވެ:) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 2-3]
މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. އެ ހުރިހާ އާޔަތްތަކެއްވެސް ދަލީލުކުރަނީ ﷲ އަށް އެކަނި އަޅުކަން ޚާލިޞްކުރުމަށާއި، އެކަލާނގެ ފިޔަވައި ނަބިއްޔުންނާއި އެހެން ފަރާތްތަކަށް އަޅުކަންކުރުން ދޫކޮށްލުމަށެވެ.
ޝައްކެއް ނެތް ގޮތުގައި، ދުޢާއަކީ އަޅުކަމުގެ ބާވަތްތަކުން އެންމެ މުހިއްމު އަދި އަޅުކަން އެންމެ ޖަމަޢަވާ އެއް ބާވަތެވެ. އެހެންކަމުން ދުޢާކުރުން ﷲ އަށް އެކަނި ޚާލިޞްކުރުން ވާޖިބުވެގެންވެއެވެ. އެއީ އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވި ގޮތަށެވެ: (ފަހެ، ތިޔަބައިމީހުން ދީން ޚާލިޞްކުރާ ޙާލު ﷲ އަށް ދުޢާކުރާށެވެ. ކާފަރުން ކިތަންމެ ނުރުހުނުކަމުގައި ވިޔަސްމެއެވެ.) [ޣާފިރު: 14] އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ: (އަދި މިސްކިތްތައް ވަނީ اللَّهއަށެވެ. ފަހެ، ތިޔަބައިމީހުން اللَّهއާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ!) [އަލްޖިންނު: 18] ދުޢާކުރުމުގައި ﷲ އެއްކައުވަންތަކުރުމަށްވާ މި އިރުޝާދުގައި، ހުރިހާ މަޚްލޫޤުންވެސް، ނަބިއްޔުންނާއި އެހެން ފަރާތްތައްވެސް ޢާއްމުވެއެވެ. އަދި އެކަލާނގެ މިބަސްފުޅު: (އަދި ﷲ ފިޔަވާ ތިބާއަށް މަންފާއެއް ނުދެވޭ، އަދި ތިބާއަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ތިބާ ދުޢާނުކުރާށެވެ. ފަހެ ތިބާ އެހެން ކަންތައްކޮށްފިނަމަ؛ ހަމަކަށަވަރުން އޭރުން ތިބާ ވާހުށީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.) [ޔޫނުސް: 106]، މިއީ ނަބިއްޔާ ﷺ އަށްވާ ޚިޠާބެކެވެ. އަދި އެނގިގެންވާކަމަކީ ﷲ ސުބްޙާނަހޫ، އެކަލޭގެފާނު ޝިރުކުން ރައްކާތެރިކުރައްވާފައިވާ ކަމެވެ. އެ ބަސްފުޅުގެ މުރާދުކަން ކަށަވަރީ: އެހެން މީހުންނަށް އެކަމުގެ އިންޛާރުދެއްވުމެވެ. ދެން އެއަށްފަހު އެކަލާނގެ ޖައްލަ ޖަލާލުހޫ ވަޙީކުރެއްވިއެވެ: (އަދި ﷲ ފިޔަވާ ތިބާއަށް މަންފާއެއް ނުދެވޭ، އަދި ތިބާއަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށް، ތިބާ ދުޢާނުކުރާށެވެ. ފަހެ ތިބާ އެހެން ކަންތައްކޮށްފިނަމަ؛ ހަމަކަށަވަރުން އޭރުން ތިބާ ވާހުށީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.) [ޔޫނުސް: 106]، މިއީ ނަބިއްޔާ ﷺ އަށްވާ ޚިޠާބެކެވެ. އަދި އޭގައި މުރާދުކުރެވިގެންވަނީ އެކަލޭގެފާނު ފިޔަވައި އެހެން މީހުންވެ. އެހެނީ އެނގިގެންވާކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ ރަސޫލާ ޝިރުކުން ރައްކާތެރިކުރައްވާފައިވާ ކަމެވެ. ދެން ނަހީކުރެއްވުމާއި އިންޛާރުދެއްވުމުގައި ﷲ ތަޢާލާ ހަރުކަށިކޮށް ބަސްފުޅު ގެންނަވާ ވަޙީކުރެއްވިއެވެ: (...ފަހެ ތިބާ އެހެން ކަންތައްކޮށްފިނަމަ؛ ހަމަކަށަވަރުން އޭރުން ތިބާ ވާހުށީ އަނިޔާވެރިވި މީހުންގެ ތެރެއިންނެވެ.) އަނިޔާވެރިކަން މުޠުލަޤުކޮށް (ޤުރްއާނުގައި) އައިސްފިނަމަ ފަހެ އެއިން މުރާދުކުރެވެނީ: ބޮޑު ޝިރުކެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވިފަދައިންނެވެ: (...އަދި ކާފަރުންނީ ހަމަ އަނިޔާވެރިންނެވެ.) [އަލްބަޤަރާ: 254] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (...ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.) [ލުޤްމާނު: 13] ދެންފަހެ އާދަމުގެ ދަރިންގެ ސާހިބާ عليه الصلاة والسلام، ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާކުރެއްވިނަމަ އެކަލޭގެފާނުވެސް އަނިޔާވެރިންގެ ތެރެއިންވާނޭނަމަ؛ ދެން އެހެން މީހުން އަދި ކޮންފަދަހެއްޔެވެ!؟
އެހެންކަމުން މި އާޔަތްތަކުންނާއި އެހެން އާޔަތްތަކުން އެނގިގެންދަނީ: ﷲ ފިޔަވައި މައްޔިތުންނާއި، ގަސްގަހާގެއްސާއި، ބުދުތަކާއި އެނޫންވެސް ތަކެއްޗަށް ދުޢާކުރުމީ ﷲ ޢައްޒަ ވަޖައްލައާ ކުރެވޭ ޝިރުކެއްކަމެވެ. އަދި އިންސީންނާއި ޖިންނީން އެ މަޤްޞަދަކަށްޓަކައި ހެއްދެވުނު، އަދި ރަސޫލުން ފޮނުއްވެވި، ފޮތްތައް ބާވައިލެއްވުނު މަޤްޞަދުކަމުގައިވާ: އަޅުކަންކުރުމުގައި ﷲ އެއްކައުވަންތަކުރުން ނަފީކުރާ ކަމެއްކަމެވެ. އަދި لا إله إلا الله ގެ މާނައާ ފުށުއަރާކަމެއް ކަމެވެ. އެ ކަލިމައަކީ ﷲ ފިޔަވައި އެހެން ފަރާތްތަކުން އަޅުކަން ނަފީކޮށް، ހަމައެކަނި ﷲ އަށް އަޅުކަން ޘާބިތުކުރާ ކަލިމައެކެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: (އެހެނީ ހަމަކަށަވަރުން ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހު ފިޔަވާ، އެ މީހުން ދުޢާކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން ﷲ އީ މަތިވެރިވަންތަ، ބޮޑުވެގެންވާ އިލާހެވެ.) [އަލްޙައްޖު: 62]
ދީނުގެ އަޞްލަކީ، އަދި މިއްލަތުގެ އަސާސަކީ މިއެވެ. މި އަޞްލު ޞައްޙަވުމަށް ފަހުގައި މެނުވީ އަޅުކަންތައް ޞައްޙަ ނުވާނެއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވިފަދައިންނެވެ: (ހަމަކަށަވަރުން ކަލޭގެފާނަށާއި، ކަލޭގެފާނުގެ ކުރީގެ ރަސޫލުންނަށް ވަހީ ކުރެއްވުނެވެ: ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ. އަދި އޭރުން ކަލޭގެފާނު ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.) [އައްޒުމަރު: 65] އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ: (...އެ ބޭކަލުންވެސް ޝަރީކުކުރެއްވިނަމަ، އެ ބޭކަލުން ކޮށްއުޅުއްވި ޢަމަލުތައް ބާޠިލު ވީސްކަން ކަށަވަރެވެ.) [އަލްއަންޢާމު: 88]
އިސްވެދިޔަ ވާހަކަތަކުން ބަޔާންވެގެންދަނީ: އިސްލާމްދީނަށް، އަދި لا إله إلا الله އަށް ހެކިވުމަށް ބޮޑުވެގެންވާ ދެ އަޞްލެއްވާ ކަމެވެ:
އޭގެ އެއްކަމަކީ: ހަމައެކަނި ﷲ އަށް މެނުވީ އަޅުކަން ނުކުރެވުމެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. ދެންފަހެ ނަބިއްޔުންނާއި އެހެންވެސް މައްޔިތުންނަށް ދުޢާކޮށްފި މީހާ، ނުވަތަ ބުދުތަކަށް، ނުވަތަ ގަސްގަހާގެއްސަށް، ނުވަތަ ހިލަހިލަޔަށް، ނުވަތަ އެނޫންވެސް މަޚްލޫޤުންނަށް ދުޢާކޮށްފި މީހާ، ނުވަތަ އެ ފަރާތްތަކުން ވާތްގަށް އެދި ގޮވައިފި މީހާ، ނުވަތަ ޤުރުބާންކުރެވޭ ކަތިލުންތަކާއި ނަދުރުތައް ބުނެގެން އެ ފަރާތްތަކާ ކުއްތަންވެއްޖެ މީހާ، ނުވަތަ އެ ފަރާތްތަކަށް ނަމާދުކޮށް ނުވަތަ ސަޖިދަކޮށްފި މީހާ؛ ފަހެ ﷲ ފިޔަވައި ރައްބުންތަކެއްގެ ގޮތުގައި އެ ފަރާތްތައް ނަގައިފިކަން ކަށަވަރެވެ. އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާއަށް ވާ ޝަރީކުންތަކެއްގެ ގޮތުގައި އޭނާ އެ ފަރާތްތައް ހަދައިފިއެވެ. އަދި لا إله إلا الله ގެ މާނަ ނަފީކޮށް ގެއްލުވާލައިފިއެވެ.
ދެވަނައީ: ﷲ ތަޢާލާގެ ނަބިއްޔާ އަދި ރަސޫލާ ﷺގެ ޝަރީޢަތުން މެނުވީ އެކަލާނގެއަށް އަޅުކަންކުރެވިގެން ނުވުމެވެ. ދެންފަހެ ﷲ އިޛްނަ ދެއްވާފައި ނުވާކަމެއް ދީނުގެ ތެރެއަށް އަލަށް އުފައްދައިފި މީހާ؛ محمد رسول الله އަށް ހެކިވުމުގެ މާނަ ޘާބިތެއްނުކުރެއެވެ. އަދި އޭނާގެ ޢަމަލުން އޭނާއަށް ފައިދާއެއް ނުކުރާނެއެވެ. އަދި އޭނާގެ ކިބައިން ޤަބޫލުވެސް ނުކުރެއްވޭހުއްޓެވެ. ﷲ ޖައްލަ ޖަލާލުހޫ ވަޙީކުރެއްވިއެވެ: (އަދި ޢަމަލުގެ ތެރެއިން އެ މީހުން ކުރި ކަންތަކަށް، ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ.) [އަލްފުރްޤާނު: 23] އާޔަތުގައި ޛިކުރުކުރެވިގެންވާ ޢަމަލުތަކުގެ މަޤްޞަދަކީ: ﷲ ޢައްޒަ ވަޖައްލައާ ޝަރީކު ކުރުމުގެ މަތީގައި މަރުވާ މީހާގެ ޢަމަލުތަކެވެ.
އަދި، ﷲ އެ ކަންކަމަށް އިޛްނަ ދެއްވާފައި ނުވާ ބިދުޢަވެރި ޢަމަލުތައްވެސް އޭގެ ތެރެއަށް ވަދެއެވެ. އެގޮތުން އެ ޢަމަލުތައް ޤިޔާމަތްދުވަހު ވާހުށީ ވިއްސިވިހާލެވިގެންދާނޭ ކުނޑިތަކެއް ކަމުގައިއެވެ. އެއީ ޠާހިރުވެގެންވާ ޝަރީޢަތާ އެ ޢަމަލުތައް ދިމާނުވުމުންނެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ގޮތަށެވެ: "އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ އެމީހެއްގެ މައްޗަށް ރައްދުކުރެވިގެންނެވެ." އޭގެ ޞައްޙަކަމާމެދު އެއްބަސްވެވިގެންވާ ޙަދީޘެކެވެ. (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
ޚުލާޞާ ބަހަކީ: މި ލިޔުންތެރިޔާ އެވަނީ އެކަނބުލޭގެ ވާތްގަށް އެދުމާއި ދުޢާކުރުން ރަސޫލާ ﷺ އަށް އަމާޒުކޮށްފައިއެވެ. އަދި ނަޞްރުދެއްވުމާއި، ފައިދާއާއި ގެއްލުން ދެއްވުން އެ ފަރާތެއްގެ އަތްޕުޅުގައިވާ: ޢާލަމްތަކުގެ ވެރި ރައްބަށް ފުރަގަސްދީފައިއެވެ. އެއިން އެއްވެސް ކަމެއް އެކަލާނގެ ފިޔަވައި އެހެން ފަރާތެއްގެ އަތުގައި ނުވެއެވެ.
އެއްވެސް ޝައްކެއް ނެތްގޮތުގައި މިއީ ބޮޑުވެގެންވާ ނުބައިވެގެންވާ އަނިޔާއެކެވެ. ﷲ ޢައްޒަ ވަޖައްލަވަނީ އެކަލާނގެއަށް ދުޢާކުރުމަށް އަމުރުކުރައްވާ، އަދި އެކަލާނގެއަށް ދުޢާކުރާ މީހަކަށް އިޖާބަކުރައްވާނޭކަމަށް ވަޢުދުވެވޮޑިގެންފައިއެވެ. އަދި އެކަން ކުރަން ކިބުރުވެރިވެ ބޮޑާވާ މީހާ ޖަހަންނަމައަށް ވައްދަވާނޭކަމުގެ ވަޢީދުގެ ބަސް އެކަލާނގެ އިއްވެވިއެވެ. އެއީ އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވި ފަދައިންނެވެ: (އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.) [ޣާފިރު: 60]، އެބަހީ: ކުޑަކުރެވި ނިކަމެވިވެގެންވާ ބައެއްގެ ގޮތުގައިއެވެ. އެހެންކަމުން މި މާތް އާޔަތުން ދަލީލުކުރީ: ދުޢާކުރުމަކީ އަޅުކަމެއް ކަމުގައިއެވެ. އަދި ދުޢާގެ އަޅުކަންކުރަން ބޮޑާވެގަންނަ މީހާ އުޅޭނެތަނަކީ ޖަހަންނަމުކަމުގައިއެވެ. ﷲ އަށް ދުޢާކުރުމުން ބޮޑާވެގަންނަ މީހާގެ ޙާލަތަކީ މިއީނަމަ؛ ދެންފަހެ އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ދުޢާކޮށް، އެކަލާނގެއަށް ފުރަގަސްދޭ މީހާގެ ޙާލަތުވާނީ ކޮންފަދައަކުންހެއްޔެވެ! އެއީ އެކަލާނގެއީ (އަޅުތަކުންނާ) ކުއްތަންވެވޮޑިގެންވާ، ކޮންމެ ކަމެއް މިލްކުވެގެންވާ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަވެގެންވާ އިލާހުކަމުގައި ވުމާއެކުގައިއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވި ގޮތަށެވެ: (އަދި ތިމަންއިލާހާ މެދު، ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ ހަމަކަށަވަރުން ތިމަންއިލާހީ (އެބައިމީހުންނާ) ކުއްތަންވެވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާކުރުމުން، ދުޢާކުރި މީހާގެ ދުޢާ ތިމަންއިލާހު އިޖާބަކުރައްވަމެވެ. ފަހެ އެބައިމީހުން ތިމަންއިލާހަށް (ކިޔަމަންވުމުގައި) އިޖާބަދޭށެވެ! އަދި ތިމަންއިލާހަށް އީމާންވާށެވެ! (އެއީ) އެބައިމީހުންނަށް ތެދުމަގު ލިބުމަށްޓަކައެވެ.) [އަލްބަޤަރާ: 186]، ދުޢާއަކީ އަޅުކަންކަމުގައި ރަސޫލާ ﷺ ވަނީ ޞައްޙަ ޙަދީޘްގައި ޚަބަރުދެއްވާފައިއެވެ. އަދި އެކަލޭގެފާނުގެ ބޮޑުބޭބެގެ ދަރިކަލުން، ޢަބްދު ﷲ ބްނު ޢައްބާސް رضي الله عنهما އަށް ޙަދީޘްކުރެއްވިއެވެ: "ތިބާ ﷲ އަށް (އެކަލާނގެ އަމުރުފުޅުތަކާއި ނަހީތަކަށް) ރައްކާތެރިވާށެވެ. އޭރުން އެކަލާނގެ ތިބާ ރައްކާތެރިކުރައްވާނެއެވެ. ތިބާ ﷲ އަށް ރައްކާތެރިވާށެވެ. އޭރުން ތިބާއަށް ތިބާގެ ކުރިމަތިން އެކަލާނގެ (ރައްކާތެރިކުރެއްވުމާއި ބެލެހެއްޓެވުން) ފެންނާނެތެވެ. ތިބާ ކަމަކު ސުވާލުކޮށް އެދޭނަމަ ﷲ ގެ ޙަޟްރަތަށް އެދި ދަންނަވާށެވެ. އަދި ތިބާ އެހީތެރިކަމަށް އެދޭނަމަ ﷲ ގެ ޙަޟްރަތުން އެހީތެރިކަމަށް އެދޭށެވެ." މި ޙަދީޘް ނެރުއްވީ އައްތިރްމިޛީ އާއި އެހެން ބޭަކަލުންނެވެ.
އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ: "ﷲ އަށް ޝަރީކަކު ލައިގެން ދުޢާކުރާ ޙާލުހުރެ މަރުވެއްޖެ މީހާ ވަންނަހުށީ ނަރަކައަށެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ. އަދިވެސް ދެ ޞަޙީޙުގައިވެއެވެ. ނަބިއްޔާ ﷺގެ އަރިހުން ސުވާލުކުރެވުނެވެ: އެންމެ ބޮޑުވެގެންވާ ފާފައަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ﷲ ތިބާ ޚަލްޤުކުރައްވާފައި ވަނިކޮށް ތިބާ އެކަލާނގެއަށް 'ނިއްދެއް' (ޝަރީކަކު) ލުމެވެ." ނިއްދު އަކީ: އެއްފަދަ އެއްހަމަ އެއްޗެކެވެ. ދެންފަހެ ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާކޮށްފި ކޮންމެ މީހަކު، ނުވަތަ އެކަލާނގެ ފިޔަވައި އެ ފަރާތަކުން ވާތްގަށް އެދި، ނުވަތަ ނަދުރު ބުނެ، ނުވަތަ އެ ފަރާތަކަށް ޤުރުބާންކޮށް ކަތިލާ، ނުވަތަ އިސްވެދިޔަ ކަންކަން ނޫން އެހެން އަޅުކަމެއްވެސް އެ ފަރާތަކަށް އަނބުރާލައިފި މީހާ؛ ފަހެ އެވަނީ އެ ފަރާތެއް ނިއްދެއް ކަމުގައި ނަގާފައިއެވެ. އެއީ ނަބިއްޔެއް ވިޔަސް، ނުވަތަ ވަލީވެރިއެއް ވިޔަސް، ނުވަތަ މަލާއިކަތެއް ވިޔަސް، ނުވަތަ ޖިންނިއެއް ވިޔަސް، ނުވަތަ ބުދެއްވިޔަސް، ނުވަތަ އެނޫން މަޚްލޫޤެއްވިޔަސްމެއެވެ.
މިތަނުގައި ބުނާ މީހަކު ބުނެފާނެއެވެ: އެހެންވިއްޔާ ކުޅަދާނަކަންހުރި، ދިރިހުރި މިހެއްގެ ކިބައިން އޭނާއަށް ކުޅަދާނަވެގެންވާ ކަމަކަށް އެދި ސުވާލުކޮށް، އަދި އޭނާއަށް ކުޅަދާނަވާ ޙިއްސީ ކަންކަމުގައި އެހީއަށް އެދުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟ ޖަވާބަކީ: މިކަން ޝިރުކުގެ ތެރެއިން ނުވެއެވެ. ކިއެއްތަ، އެއީ މުސްލިމުންގެ މެދުގައި ހުއްދަވެގެންވާ ހަމަ ޢާދައިގެ ކަންކަމުގެ ތެރެއިންވާ ކަމެކެވެ. އެއީ މޫސާގެފާނުގެ ވާހަކާގައި ﷲ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: (....ފަހެ އެކަލޭގެފާނުގެ އަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުން އެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ...) [އަލްޤަޞަޞް: 15] އަދިވެސް މޫސާގެފާނުގެ ވާހަކައިގައި އެކަލާނގެ ވަޙީކުރެއްވި ފަދައިންނެވެ: (ފަހެ އެކަލޭގެފާނު ބިރުވެތިވެގެންވާ ޙާލު، (އަތުވެދާނެ ނުރައްކަލަކަށް) ބަލަބަލާ ފާރައަށް ހުންނަވާ ރަށުން ނުކުމެވަޑައިގެންނެވިއެވެ...) [އަލްޤަޞަޞް: 21] އަދި އެއީ އިންސާނާ، ހަނގުރާމައިގެ ޙާލަތުގައި، އަދި އެނޫންވެސް މީސްތަކުންނަށް ހުށަހެޅޭ، އަދި އެއްބަޔަކު އަނެއްބަޔަކުގެ އެހީއަށް ޙާޖަތްޖެހޭ ކަންކަމުގައި އެކުވެރިންގެ ގާތުން ވާތްގަށް އެދޭ ގޮތަށެވެ.
ﷲ ތަޢާލާވަނީ، އެކަލާނގެ ނަބިއްޔާ ﷺ އަށް އެއްވެސް މީހަކަށް ފައިދާއެއް އަދި ގެއްލުމެއް ދިނުމުގެ ބާރު މިލްކުވެގެން ނުވާކަމުގެ ޚަބަރު އެކަލޭގެފާނުގެ އުއްމަތަށް ދެއްވުމަށް އަމުރުކުރައްވާފައިއެވެ. އެގޮތުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު ދުޢާ ކުރައްވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ރައްބަށެވެ. އަދި ތިމަންކަލޭގެފާނު އެއްވެސް ފަރާތެއް އެ އިލާހާ ޝަރީކެއް ނުކުރައްވަމެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ.) [އަލްޖިންނު: 21، 22] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އިރާދަ ކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކު ވެގެނެއް ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު (ދުނިޔަވީ މޮޅާއި) ހެޔޮ ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. އިންޛާރުދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.) [އަލްއަޢުރާފު: 188]
މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.
އަދި އެނގިގެންވާކަމަކީ: ނަބިއްޔާ ﷺ އެކަލޭގެފާނުގެ ވެރި ރައްބަށް މެނުވީ ދުޢާ ނުކުރައްވާކަމެވެ. އެއީ ބަދުރު ހަނގުރާމައިގެ ދުވަހުގައި އެކަލޭގެފާނު ﷲ ގެ ޙަޟްރަތުން ވާތްގަށް އެދިވަޑައިގެން، އަދި އެކަލޭގެފާނުގެ ޢަދުއްވުންގެ މައްޗަށް ނަޞްރުދެއްވުމަށް އެދި ދަންނަވާ، އެކަމުގައި އެކަލޭގެފާނު އާދޭސް ދެންނެވިކަން ޘާބިތުވެގެންވާ ގޮތަށެވެ. އެކަލޭގެފާނު ދުޢާކުރެއްވިއެވެ: "އޭ އަޅުގެ ވެރި ރައްބެވެ! އިބައިލާހު މިއަޅާއަށް ވަޢުދުކުރެއްވި ކަންތައް ފުރިހަމަކޮށްދެއްވާށިއެވެ." އެހެންގޮސް އައްޞިއްދީޤުލް އަކްބަރު އަބޫބަކުރު رضي الله عنه މިހެން ވިދާޅުވެއްޖައުމަށް ދާންދެނެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ފުދިވަޑައިގެންފިއެވެ. ފަހެ ހަމަކަށަވަރުން ﷲ ކަލޭގެފާނަށް ވަޢުދުވެވަޑައިގެންނެވި ކަންތައް ކަލޭގެފާނަށް ފުއްދަވާ ދެއްވާނެތެވެ." އެކަމުގައި ﷲ ތަޢާލާގެ މި ބަސްފުޅު ބާވައިލެއްވުނެވެ: (ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތަށް އެހީއާއި ވާތްގަށް އެދި ތިޔަބައިމީހުން ދެންނެވިހިނދުއެވެ. ދެން އެ އިލާހު ތިޔަބައިމީހުންނަށް އިޖާބަ ދެއްވާ އެންގެވިއެވެ: ހަމަކަށަވަރުން މަލާއިކަތުންގެ ހާހަކުން ތިމަން އިލާހު ތިޔަބައިމީހުންނަށް މަދަދު ދެއްވާނަމެވެ. އެކަކަށް ފަހު އަނެކަކު އަންނަ ގޮތުގައެވެ.) [އަލްއަންފާލު: 9] ފަހެ އެކަލާނގެ ސުބްޙާނަހޫ އެވަނީ މި އާޔަތްތަކުގައި އެމީހުން ވާތްގަށް އެދުނު ވާހަކަ ޛިކުރުކުރައްވާ، ދެން އެކަލާނގެ އެމީހުންނަށް އިޖާބަދެއްވިކަމަށް ޚަބަރުދެއްވާފައިއެވެ. ދެން ނަޞްރުގެ ހެޔޮ ޚަބަރުދެއްވުމަށާއި، ހިތްހަމަޖެހުން ދެއްވުމަށް އެކަލާނގެ މަލާއިކަތުން މެދުވެރިކުރައްވާ އެމީހުންނަށް މަދަދުދެއްވިއެވެ. އަދި އެކަލާނގެ ސުބްޙާނަހޫ ބަޔާންކުރައްވާފައި އެވަނީ ނަޞްރުވަނީ މަލާއިކަތުންގެ ފުށަކުން ނޫންކަމަށެވެ. އެކަމަކު ނަޞްރުވާކަން ކަށަވަރީ ހަމައެކަނި އެކަލާނގެ ޙަޟްރަތުންނެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ﷲ ގެ ޙަޟްރަތުން މެނުވީ ނަޞްރު ލިބުމެއް ނުވެއެވެ...) [އާލްޢިމްރާން: 126] އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (އަދި ތިޔަބައިމީހުން ނިކަމެތި ޙާލުގައި ވަނިކޮށް، ހަމަކަށަވަރުން ބަދުރުގައި ﷲ ތިޔަބައިމީހުންނަށް ނަޞްރުދެއްވިއެވެ. ފަހެ ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ޝުކުރުވެރިވުމަށްޓަކައެވެ.) [އާލްޢިމްރާން: 123] ފަހެ ﷲ ތަޢާލާ މި އާޔަތުގައި ބަޔާންކުރައްވާފައިވަނީ: ބަދުރުގެ ދުވަހުގައި އެމީހުންނަށް ނަޞްރުދެއްވި ފަރާތަކީ އެކަލާނގެ ސުބްޙާނަހޫ ކަމެވެ. އެއިން އެނގިގެންދަނީ އެކަލާނގެ އެމީހުންނަށް ދެއްވި ހަތިޔާރާއި ބާރާއި، އަދި އެމީހުންނަށް މަދަދުގެ ގޮތުގައި ފޯރުކޮށްދެއްވި މަލާއިކަތުންނާއި، އެ ހުރިހާ ކަންކަމަކީ ނަޞްރާއި، ހެޔޮ ޚަބަރުދެއްވުމާއި، ހިތްހަމަޖެހުމުގެ ސަބަބުތަކުގެ ތެރޭގައިވާ ކަންކަން ކަމެވެ. އެކަމަކު ނަޞްރު ލިބެނީކީ އެ ކަންކަމަކުން ނޫނެވެ. ކިއެއްތަ، ނަޞްރު ލިބެނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ. ދެންފަހެ މި ލިޔުންތެރިޔާ ނުވަތަ އެހެން މީހަކުވިޔަސް، ކޮންމެ ކަމެއްގެ މިލްކުވެރިކަން ލިބިގެންވާ، އަދި ކޮންމެ ކަމަކަށް ކުޅަދުންވަންތަ، ޢާލަމްތަކުގެ ވެރި ރައްބަށް ފުރަގަސްދޭ ޙާލު، އޭނާގެ ވާތްގަށް އެދުމާއި ނަޞްރަށް އެދުން؛ ނަބިއްޔާ ﷺ އަށް އަނބުރާލަން ޖެހިލުންކުޑަވެ ކުރިމަތިލީ ކިހިނަކުންހެއްޔެވެ!؟
އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިއީ އެންމެ ހުތުރުވެގެންވާ ޖާހިލުކަމެވެ. ކިއެއްތަ، އެންމެ ބޮޑެތި ޝިރުކުގެ ތެރެއިންވާ ކަމެކެވެ. އެހެންކަމުން ލިޔުންތެރިޔާގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ -ސުބްޙާނަހޫ- އަށް ނަޞޫޙު ތައުބާއަކުން ތައުބާވުމެވެ. އަދި ނަޞޫޙު ތައުބާއަކީ އެތައް ކަމެއް އޭގައި ހިމެނިގެންވާ ތައުބާއެވެ. އެ ކަންކަމަކީ: ފުރަތަމައަށް: އެ ކަނބުލޭގެ ފުށުންވީ ކަންތަކުގެ މައްޗަށް ހިތާމަކުރުމެވެ. ދެވަނައަށް: އެކަނބުލޭގެ ފުށުން ދިމާވި ކަންތައް ދޫކޮށްލުމެވެ. ތިންވަނައަށް: އެފަދަ ކަމަކަށް އަނބުރާ ރުޖޫޢަ ނުވުމަށް ޢަޒުމްކަނޑައެޅުމެވެ. އެއީ ﷲ އަށް މަތިވެރިކޮށް މާތްކޮށް ހިތުމުގެ ގޮތުން، އަދި އެކަލާނގެއަށް އިޚްލާޞްތެރިވެ، އެކަލާނގެ އަމުރުފުޅަށް ބޯލަނބާ، އެކަލާނގެ ނަހީކުރެއްވި ކަންތަކުން ދުރުވެ އެއްކިބާވުމުގެ ގޮތުންނެވެ. ނަޞޫޙު ތައުބާއަކީ މިއެވެ. އެ ކުރެވުނު ކަމަކީ މަޚްލޫޤުންގެ ޙައްޤުގައި ކުރެވުނު ނުބައިކަމެއްނަމަ އަދި ހަތަރުވަނަ ޚާއްޞަކަމެއްވެސް އެއަށް އިތުރުވެއެވެ. އެއީ: ހަތަރުވަނައަށް: ޙައްޤު، އެ ޙައްޤުވާ ފަރާތަށް އަނބުރާ ރައްދުކޮށް، ނުވަތަ އޭނާގެ ފުށުން ހިތް ޙަލާލު ހޯދުމެވެ.
ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް ތައުބާވުމަށް އަމުރުކުރައްވާފައިއެވެ. އަދި ތައުބާ ޤަބޫލުކުރައްވާނޭކަމަށް އެކަލާނގެ އެމީހުންނަށް ވަޢުދުވެވޮޑިގެންނެވިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (...އޭ މުއުމިނުންނޭވެ. ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.) [އައްނޫރު: 31]. ނަޞާރާއިންގެ ޙައްޤުގައި އެކަލާނގެ ވަޙީކުރެއްވިއެވެ: (ފަހެ އެ މީހުން ﷲ އަށް ތައުބާވެ، އަދި ފާފަ ފުއްސެވުން އެދި އެ އިލާހުގެ ޙަޟްރަތަށް ނުދަންނަވާނަން ހެއްޔެވެ؟ ފަހެ ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.) [އަލްމާއިދާ: 74]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އެ މީހުންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނުހަދާމީހުންނެވެ. އަދި ﷲ، ޙަރާމް ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ލައިގެން މެނުވީ، ޤަތުލުނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެ ކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ. އެ މީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަ ކުރެވޭނެއެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގައި، އެ މީހަކު ދެމިހުންނާނެއެވެ. ތައުބާވެ، އީމާންވެ، ޞާލިޙު ޢަމަލުކުޅަ މީހަކު މެނުވީއެވެ. ފަހެ އެ މީހުންނާމެދު (ދަންނާށެވެ.) ﷲ، އެ މީހުންގެ ނުބައި ކަންތައް، ހެޔޮކަންތަކަށް ބަދަލު ކުރައްވާނެއެވެ. ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.) [އަލްފުރްޤާނު: 68-70] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އެ އިލާހީ، އެ އިލާހުގެ އަޅުތަކުންގެ ކިބައިން ތައުބާ ޤަބޫލު ކުރައްވާ، ނުބައިކަންތައް ޢަފޫކުރައްވާ އިލާހެވެ. އަދި ތިޔަބައިމީހުންކުރާ ކަންތައްތައް، އެ އިލާހު ދެނެވޮޑިގެންވެއެވެ.) [އައްޝޫރާ: 25]
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް އެކަލޭގެފާނުގެ އަރިހުން ޞައްޙަވެގެންވެއެވެ: "އިސްލާމްވުމުން އޭގެ ކުރިންވީ (ނުބައި ކަންކަން) ފުނޑާލައެވެ. އަދި ތައުބާވުމުން އޭގެ ކުރިންވީ (އުރެދުމާއި ފާފަތައް) ފުހެލާ ފޮރުވާލައެވެ."
އަހަރެން މި ޚުލާޞާ ކަލިމަތައް ލިޔުނީ: ޝިރުކުގެ ނުރައްކާ ބޮޑުކަމަށްޓަކައިއެވެ. އަދި އެއީ އެންމެ ބޮޑު ފާފަކަމުފައިވާތީއެވެ. އަދި މި ލިޔުންތެރިޔާގެ ކިބައިން އެ ފާޅުވި ކަންތަކާމެދު ހެއްލިގެންގޮސްދާނޭކަމުގެ ބިރަށްޓަކައިއެވެ. އަދި ﷲ އާއި އެކަލާނގެ އަޅުތަކުންނަށް އިޚްލާޞްތެރިވެ ނަޞޭޙަތްތެރިވުމުގެ ގޮތުންނެވެ. އަދި އަހަރެން ﷲ -ޖައްލަ ޖަލާލުހޫ- ގެ ޙަޟްރަތުން އެދެނީ މި ބަސްތަކުން މަންފާކޮށްދެއްވާ، އަދި އަހަރުމެންނާއި މުސްލިމު އެންމެންގެ ޙާލަތު އިޞްލާޙުކޮށް ދެއްވުމަށެވެ. އަދި ދީނުގައި ފިޤުހުވެރިވުމާއި، ދީން މަތީގައި ޘާބިތުވުމުގެ ނިޢުމަތް އަޅަމެން އެންމެންނަށް ދެއްވާ، އަޅަމެންނާއި އަދި މުސްލިމުން، އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި، ޢަމަލުތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެއީ އެކަންކަމުގެ ވަލީވެރި، އަދި އެކަމަށް ކުޅަދުންވަންތަ އިލާހެވެ.
ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. وصلى الله وسلم وبارك على عبده ورسوله نبينا محمد وآله وصحبه.
ތިންވަނަ ރިސާލާ
ޖިންނީންނާއި ޝައިޠާނުންގެ ކިބައިން ވާތްގަށް އެދުމާއި އެވެރިންނަށް ނަދުރު ބުނުމުގެ ޙުކުމާމެދު
ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒުގެ ފަރާތުން، މުސްލިމުންގެ ތެރެއިން މި ރިސާލާ ފެންނަ ބަޔަކަށް، ﷲ އަހަރެންނަށާއި އެމީހުންނަށް އެކަލާނގެ ދީނުގައި ހިފަހައްޓާ، ދީން މަތީ ޘާބިތުވުމުގެ ތައުފީޤުދެއްވާށިއެވެ. އާމީން.
السلام عليكم ورحمة الله وبركاته. ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި އެކަލާނގެ ބަރަކާތްތައްވެސް ހުއްޓެވެ.
އެއަށްފަހު ދަންނައެވެ: ބައެއް ޖާހިލުންކުރާ ކަމެއް ކަމުގައިވާ: ބޮޑެތި މުހިއްމު ކަންތައް ލައިގަންނަހިނދު؛ ﷲ ސުބްޙާނަހޫ ފިޔަވައި އެހެން ފަރާތްތަކަށް ދުޢާކޮށް، އެ ފަރާތެއްގެ ކިބައިން އެހީއާއި ސަލާމަތަށް އެދުން؛ މިސާލަކަށް ޖިންނީންނަށް ދުޢާކޮށް އެމީހުންގެ ކިބައިން ވާތްގަށް އެދި، އެމީހުންނަށް ނަދުރު ބުނެ، ޤުރުބާންކޮށް ކަތިލުންފަދަ ކަންކަމާ ބެހޭގޮތުން ބައެއް އަޚުން އަހަރެންނާ ސުވާލުކޮށްފިއެވެ. އެފަދަ ކަންކަމުގެ ތެރޭގައި: އޭގެ ބައެއް މީހުން ކިޔާ އުޅޭ މި ބަސްވެސްވެއެވެ: "އޭ ސަބްޢާއޭ -އެބަހީ: ޖިންނީންގެ ބޮޑުންގެ ތެރެއިން ހިމެނޭ ހަތް އެއްޗާއޭ- (މިވެނި އެވެނި މީހަކު) ހިފައިގަންނާށޭ، އަދި އޭނާގެ ކަށިތައް ބިންދާލާށޭ، އަދި އޭނާގެ ލޭ ބޯށޭ، އަދި އޭނާގެ ގުނަވަންތައް ތަފާތުވާގޮތަށް ބުރިބުރިކޮށްލާށޭ، އޭ ސަބްޢާ (ހަތް މީހުންނޭ) އޭނާއާމެދު އެހެން ކަންތައްކުރާށޭއެވެ." ނުވަތަ އޭގެ ބައެއް މީހުން ކިޔާއުޅޭ އެއްޗެއް ކަމުގައިވާ: "އޭ މެންދުރު ދަޅައިގެ ޖިންނީންތަކާއޭ، އޭނާ ގެންދާށޭ، އޭ ޢަޞްރު ދަޅައިގެ ޖިންނީންތަކާއޭ" މިއެވެ. މިއީ ދެކުނުގެ ބައެއް ސަރަޙައްދުތަކުގައި ގިނައިން އޮންނަ ކަމެކެވެ. މިއާ ގުޅިގެންދާ ކަމަކީ: ނަބިއްޔުންނާއި ޞާލިޙުންނާއި އެހެންވެސް މައްޔިތުންނަށް ދުޢާކުރުމާއި، މަލާއިކަތުންނަށް ދުޢާކޮށް އެ ފަރާތްތަކުގެ ކިބައިން ވާތްގަަށް އެދުމެވެ. ފަހެ، ޖާހިލުކަމާހުރެ، އަދި ކުރީގައި އުޅުނު މީހުންނަށް ތަޤްލީދުކޮށްގެން، އިސްލާމްދީނަށް ނިސްބަތްވެގެން ތިބި ގިނަބަޔަކުގެ ފުށުން މިހުރިހާ ކަންކަމާއި، މިއާ ވައްތަރުވެގެންވާ ކަންކަންވެސް ފާޅުވެ ހިނގަމުންދެއެވެ. އަދި ފަހަރެއްގައި، އޭގެ ތެރެއިން ބަޔަކު މީހުން އެއީ އާދައިގެ ފަސޭހަކަމަކަށް ހަދާލާފައި، "މިއީ ހަމަ ދޫ މަތިން ބުނެލެވޭ ބަސްތަކެކޭ، އަހަރުމެން އެއަށް ޤަޞްދެއް ނުކުރަމޭ، އަދި އެހެން ޤަބޫލެއްވެސް ނުކުރަމޭ" މިހެން ބުނެ ޙުއްޖަތް ދައްކާފާނެއެވެ.
އަދިވެސް އަހަރެންނާ ސުވާލުކުރެވުނު އަނެއްކަމަކީ: މިފަދަ ޢަމަލުތައް ކުރާކަން އެނގިގެންވާ މީހުންނާ ކައިވެނިކުރުމާއި، އެމީހުން ކަތިލާ ތަކެތި ކެއުމާއި، އެމީހުންގެ މައްޗަށް ކަށު ނަމާދުކުރުމާއި، އެމީހުން ފަހަތު ނަމާދުކުރުމުގެ ޙުކުމާ މެދުގައިއެވެ. އަދި ސިޙުރުވެރިންނާއި ފާލުބަލާ ބުރަންމާނީން؛ މިސާލަކަށް ބަލިމީހާގެ ހަށިގަނޑުގައި ބީހިފައިވާ ފަގުޑިއެއް، ނުވަތަ ހަރުވާޅެއް، ނުވަތަ ބުރުގަލެއް އަދި އެފަދަ އެއްޗެއް ހަމަ ބަލާލާފައި، ޖެހިފައި ހުރި ބައްޔާއި އަދި ބަލީގެ ސަބަބުތައް އެނގޭކަމަށް ދަޢުވާކުރާ މީހާފަދަ މީހުން ތެދުކުރުމުގެ ޙުކުމާމެދުވެސް އޭނާ އަހަރެންގެ ގާތުން ސުވާލުކުރިއެވެ.
ޖަވާބުގައި ބުނަމެވެ: ޙަމްދުހުރީ ހަމައެކަނި ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްހުރީ އެކަލޭގެފާނަށް ފަހު ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތްދުވަހާ ހަމައަށް އެބޭކަލުންގެ ތެދުމަގުން ހިދާޔަތް ލިބިގަތްހާ ބަޔަކަށްވެސްމެއެވެ.
އެއަށްފަހު ދަންނައެވެ: ފަހެ ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ، އިންސީންނާއި ޖިންނީން އުފެއްދެވީ؛ އެކަލާނގެ ފިޔަވައި އެހެން ފަރާތްތައް ދޫކޮށް، (ހަމައެކަނި) އެކަލާނގެއަށް އަޅުކަންކުރުމަށާއި، ދުޢާކުރުމާއި ވާތްގަށް އެދުމާއި، ޛަބަޙަކުރުމާއި، ނަދުރު ބުނުމާއި އެހެން ހުރިހާ އަޅުކަންތައްވެސް އެކަލާނގެއަށް ޚާއްޞަކުރުމަށްޓަކައިއެވެ. އަދި އެކަލާނގެ އެކަމާގެން ރަސޫލުން ފޮނުއްވާ، އެބޭކަލުންނަށް އެކަމަށް އަމުރުކުރައްވާ، ސަމާވީ ފޮތްތައް -އޭގެ އެންމެ މާތް ފޮތްކަމުގައި ޤުރްއާނުލް ކަރީމް ހިމެނޭހެން- ބާވައިލެއްވީ: އެކަންތައް ބަޔާންކުރައްވާ، އަދި އެކަމަށް ގޮވާލައްވާ، އަދި ﷲ އާ ޝަރީކުކުރުމާއި އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުމާމެދު މީސްތަކުންނަށް އިންޛާރު ދެއްވުމަށްޓަކައިއެވެ. މިއީ އަޞްލުތަކުގެ އަޞްލު، އަދި މިއްލަތާއި ދީނުގެ އަސާސެވެ. އަދި لا إله إلا الله އަށް ހެކިވުމުގެ މާނައަކީވެސް އެޔެވެ. އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއް ނުވެޔޭ ބުނުމުގެ ޙަޤީޤަތަކީވެސް އެޔެވެ. އެގޮތުން އެކަލިމައިން، ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކޮށް، އިލާހުވަންތަކަން ދިނުން ނަފީކޮށްފައި، ﷲ ފިޔަވައި އެހެން ހުރިހާ މަޚްލޫޤުންތައް ދޫކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ޘާބިތުކުރެއެވެ. ﷲ ގެ ފޮތާއި، އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތުން މިކަމުގެ މައްޗަށްވާ ދަލީލުތައް ވަރަށްވެސް ގިނަވެގެންވެއެވެ. އޭގެ ތެރޭގައި: އެކަލާނގެ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅުވެއެވެ: (ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.) [އައްޛާރިޔާތު: 56] އަދި އެކަލާނގެ ސުބްޙާނަހޫ ގެ މިބަސްފުޅެވެ: (އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރި ރައްބު ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ...) [އަލްއިސްރާއު: 23] އަދި ﷲ ތަޢާލާގެ މި ބަސްފުޅެވެ: (އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...) [އަލްބައްޔިނާ: 5] އަދި އެކަލާނގެ މި ބަސްފުޅެވެ: (އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.) [ޣާފިރު: 60]، އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އަދި ތިމަންއިލާހާ މެދު، ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ ހަމަކަށަވަރުން ތިމަންއިލާހީ (އެބައިމީހުންނާ) ކުއްތަންވެވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާކުރުމުން، ދުޢާކުރި މީހާގެ ދުޢާ ތިމަންއިލާހު އިޖާބަކުރައްވަމެވެ...) [އަލްބަޤަރާ: 186]،
ފަހެ، އެކަލާނގެ ސުބްޙާނަހޫ މި އާޔަތްތަކުގައި ބަޔާންކުރެއްވީ އެކަލާނގެ އިންސީންނާއި ޖިންނީން އުފެއްދެވީ އެކަލާނގެއަށް އަޅުކަންކުރުމަށް ކަމުގައިއެވެ. އަދި ޤުރްއާނުގެ މުޙްކަމު ފުރިހަމަ ސާފު އާޔަތްތަކުގައި، އަދި ރަސޫލާ عليه الصلاة والسلام ގެ ދޫފުޅު މަތިން އެކަލާނގެ އަޅުތަކުންގެ މައްޗަށް ނިޔާ ކަނޑައެޅުއްވީ -އެބަހީ: އަމުރުކުރައްވާ ވަޞިއްޔަތްކުރެއްވީ- އެމީހުންގެ ވެރި ރައްބަށް މެނުވީ އަޅުކަން ކުރެވިގެން ނުވާނޭކަމުގައިއެވެ.
އަދި އެކަލާނގެ -ޖައްލަ ވަޢަލާ- ސާފުކޮށް ބަޔާންކުރެއްވީ ދުޢާއަކީ ބޮޑުވެގެންވާ އަޅުކަމެއް ކަމުގައިއެވެ. އެކަމާމެދު ބޮޑާވެ ކިބުރުވެރިވެއްޖެ މީހާ ނަރަކައަށް ވަންނަ ހުއްޓެވެ. އަދި އެކަލާނގެ އަޅުތަކުންނަށް އަމުރުކުރެއްވީ ހަމައެކަނި އެކަލާނގެއަށް އެމީހުން ދުޢާކުރުމަށެވެ. އަދި އެކަލާނގެ އެމީހުންނާ ކުއްތަންވެވޮޑިގެންވެ، އެމީހުންގެ ދުޢާ އިޖާބަކުރައްވާނެ ކަމުގައި ޚަބަރުދެއްވިއެވެ. އެހެންކަމުން ހުރިހާ އަޅުތަކުންގެ މައްޗަށް ވާޖިބުވެގެންވަނީ: ދުޢާކުރުން އެމީހުންގެ ވެރި ރައްބަށް ޚާއްޞަކުރުމެވެ. އެހެނީ އެއީ އެމީހުން އެކަމަކަށްޓަކައި އުފެއްދެވުނު، އަދި އެމީހުން އެކަމެއް ކުރުމަށް އަމުރުކުރެވުނު އަޅުކަމުގެ ބާވަތެކެވެ. ﷲ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ: ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ނަމާދާއި، ތިމަންކަލޭގެފާނުގެ ޤުރުބާން ކުރެއްވުމާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރެއްވިގެންވަނީ އެ ގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި އުއްމަތުގެ) މުސްލިމުންކުރެ، އެންމެ ފުރަތަމަ މީހާއެވެ.) [އަލްއަންޢާމު: 162،163]
ފަހެ ﷲ އެކަލާނގެ ނަބިއްޔާ ﷺ އަށް އަމުރުކުރައްވާފައިވަނީ އެކަލޭގެފާނުގެ ނަމާދާއި ނުސުކު -އެބަހީ: ކަތިލުން- އަދި އެކަލޭގެފާނުގެ ދިރިހުރުމާއި މަރުވުންވެސްވަނީ؛ އެއްވެސް ޝަރީކަކު އެކަލާނގެއަށް ނުވާ ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށްކަމުގައި ކަމަށް މީސްތަކުންނަށް ޚަބަރުދެއްވުމަށެވެ. އެކަމުގެ މައްޗަށް ބިނާކޮށް؛ ފަހެ ﷲ ފިޔަވައި އެހެން ފަރާތަކަށް ޤުރުބާންކޮށް ކަތިލައިފި މީހާ ފަހެ ﷲ އާ ޝަރީކުކޮށްފިއެވެ. އެއީ އޭނާ ﷲ ފިޔަވައި އެހެން ފަރާތަކަށް ނަމާދުކުރުމާ އެއްގޮތަށެވެ. އެހެނީ ﷲ ސުބްޙާނަހޫ، ނަމާދާއި ކަތިލުން އެކީ ގުޅިގެންވާ ގޮތަށް އެވަނީ ލައްވާފައިއެވެ. އަދި އެ ދެކަންތައްވަނީ ހަމައެކަނި ﷲ އަށް ކަމުގައި ޚަބަރުދެއްވިއެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުލައެވެ. އެހެންކަމުން ﷲ ފިޔަވައި ޖިންނީންނާއި، މަލާއިކަތުންނާއި، މައްޔިތުންނާއި، އެނޫން މީހުންނަށް ޤުރުބާންކޮށް ކަތިލައި، އެކަން ކޮށްގެން އެ ފަރާތްތަކާ އޭނާ ކުއްތަންވެއްޖެނަމަ؛ ފަހެ އޭނާ ﷲ ފިޔަވައި އެހެން ފަރާތަކަށް ނަމާދުކުރި މީހެއް ފަދައެވެ. އަދި ޞައްޙަ ޙަދީޘްގައި، ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިކަމަށް ވެއެވެ: "ﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލައިފި މީހާއަށް ﷲ ލަޢުނަތްލައްވާށިއެވެ." އަދި އިމާމް އަޙްމަދު، ޙަސަނު ސަނަދަކުން، ޠާރިޤު ބްނު ޝިހާބު رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ނެރުއްވިއެވެ: "އެމީހުންނަށް ބުދެއް ލިބިގެންވާ ބަޔަކު މީހުންގެ ކައިރިން ލާފައި ދެ މީހަކު ހުރަސްކޮށް ދިޔައެވެ. އެ ބުދަށް އެއްޗެއް ޤުރުބާން ކޮށްފުމަށް ދާންދެން އެމީހުން އެއްވެސް މީހަކު ދިޔަނުދެއެވެ. ދެން އެތަނުން އެކަކަށް އެމީހުން ބުނެފިއެވެ: "ޤުރުބާންކުރާށެވެ." އޭނާ ބުނެފިއެވެ: "އަހަރެންގެ އަތުގައި ޤުރުބާންކުރާކަށް އެއްޗެއް ނެތެވެ." އެމީހުން ބުންޏެވެ: "މެއްސެއްވިޔަސް ޤުރުބާންކުރާށެވެ." ދެން އޭނާ މެއްސެއް ޤުރުބާންކުރިއެވެ. ދެން އެމީހުން އޭނާ ދިޔުމަށް ދޫކޮށްލިއެވެ. ދެންފަހެ އޭނާ ވަނީ ނަރަކައަށެވެ. އަނެއް މީހާއަށް އެމީހުން ބުނެފިއެވެ: "ޤުރުބާންކުރާށެވެ." އޭނާ ބުންޏެވެ: "ﷲ -ޖައްލަ ޖަލާލުހޫ- ފިޔަވައި އެހެން ފަރާތަކަށް އެއްވެސް އެއްޗެއް ޤުރުބާންކުރާނޭ މީހަކު ކަމުގައި އަހަރެން ނުވަމުއެވެ." ދެން އެމީހުން އޭނާގެ ކަނދުރާ ކަނޑާލިއެވެ. ދެންފަހެ އޭނާ ވަނީ ސުވަރުގެއަށެވެ."
އެހެންކަމުން ބުދަށް އަދި އެފަދަ އެއްޗަކަށް މެއްސެއްފަދަ އެއްޗެއް ޤުރުބާންކޮށްފި މީހާވެސް ނަރަކައަށް ވަނުން ޙައްޤު މުޝްރިކަކަށް ވާނަމަ؛ ދެންފަހެ ޖިންނީންނާއި މަލާއިކަތުންނާއި ވަލީވެރިންނަށް ދުޢާކޮށް އުޅޭ މީހާ އަދި ކޮންފަދަހެއްޔެވެ!؟ އަދި އެ ފަރާތްތަކުން ވާތްގަށް އެދި، ނަދުރު ބުނެ، އޭނާގެ މުދާ ރައްކާކުރުމަށް، ނުވަތަ ބަލިމީހާއަށް ޝިފާ ދިނުމަށް، ނުވަތަ އޭނާގެ ސަވާރީތަކާއި ދަނޑުގޮވާން ސަލާމަތްވުމަށް އެދިގެން ޤުރުބާންތައް ކަތިލައިގެން އެ ފަރާތްތަކާ ކުއްތަންވެގަންނަ މީހާ އަދި ކޮންފަދަހެއްޔެވެ!؟ އަދި ޖިންނީންގެ ފަރާތުން ލިބިދާނެ ނުބަޔަކަށް ބިރުން، ނުވަތަ އެފަދަކަމަކާ ހެދި އެހެން ކަންތައްކުރާ މީހާ ކޮންފަދަހެއްޔެވެ!؟ ޝައްކެއް ނެތް ގޮތުގައި، މިހެން އަދި މިފަދަ ކަންކަން ކުރާ މީހާ، ބުދަށް މެހި ޤުރުބާންކުރި މި މީހާއަށްވުރެ، ނަރަކައަށް ވަނުން ޙައްޤުވެގެންވާ މުޝްރިކަކަށްވުން މާ އައުލާވެގެންވެއެވެ.
އަދިވެސް އެކަމުގައި އައިސްފައިވާ ނައްޞުތަކުގެ ތެރޭގައި: އެކަލާނގެ -ޖައްލަ ޖަލާލުހޫ- ގެ މިބަސްފުޅުވެއެވެ: (ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ. (ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ނެގި މީހުން (ބުންޏެވެ:) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 2-3] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ފަރާތްތަކަކީ ﷲ ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ފަރާތްތަކެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް اللَّه ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރުދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.) [ޔޫނުސް: 18]
ފަހެ ﷲ ތަޢާލާ މި ދެ އާޔަތުގައި ޚަބަރުދެއްވާފައި އެވަނީ: މުޝްރިކުން އެކަލާނގެ ފިޔަވައި މަޚްލޫޤުންތަކެއް އެހީތެރި ވަލީވެރި ފަރާތްތަކެއްގެ ގޮތުގައި ނެގިކަމަށެވެ. ބިރުވެތިވެގެންނާއި، (ރަޙްމަތާއި ފުއްސެވުމަށް) އެދި އުއްމީދުކޮށްގެންނާއި، ކަތިލައިގެންނާއި، ނަދުރު ބުނެގެންނާއި، ދުޢާކޮށްގެން އަދި އެފަދަ ކަންކަން ކޮށްގެން އެކަލާނގެއާއެކު އެ ފަރާތްތަކަށް އެމީހުން އަޅުކަންކުރެއެވެ. އެއީ އެ ވަލީވެރި ފަރާތްތަކަށް އަޅުކަންކޮށްފި މީހަކު ﷲ އާ ކުއްތަންކޮށްދީ، އެކަލާނގެ ޙަޟްރަތުގައި އެ ފަރާތްތައް އޭނާއަށް ޝަފާޢަތްތެރިވާނޭކަމަށް ދަޢުވާކޮށްގެންނެވެ. ދެން ﷲ ސުބްޙާނަހޫ އެމީހުން ދޮގުކުރައްވާ، އަދި އެމީހުންގެ ބާޠިލު ހާމަކުރެއްވިއެވެ. އަދި އެމީހުންނީ ދޮގުވެރިންތަކެއްކަމަށް، އަދި ކާފަރުންތަކެއްކަމަށް އަދި މުޝްރިކުންތަކެއްކަމަށް ނަންދެއްވިއެވެ. އަދި އެމީހުންގެ ޝިރުކުން އެކަލާނގެ ނަފްސުފުޅު ހުސްދުރުކުރެއްވިއެވެ. އެގޮތުން އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (... އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.) [އައްނަޙްލު: 1] ފަހެ އެއިން އެނގިގެންދަނީ މަލާއިކަތެއް، ނުވަތަ ނަބިއްޔެއް، ނުވަތަ ޖިންނިއެއް، ނުވަތަ ގަހެއް، ނުވަތަ ހިލައެއް ނަގައިގެން ﷲ އާއެކު އެ ފަރާތަކަށް ނުވަތަ އެ އެއްޗަކަށް ދުޢާކޮށް، ވާތްގަށް އެދި، އެ ފަރާތަކަށް ނަދުރު ބުނެގެން އަދި ކަތިލައިގެން، ﷲ ގެ ޙަޟްރަތުގައި އެ ފަރާތެއް އޭނާއަށް ޝަފާޢަތްތެރިވެ، އޭނާ ކުއްތަންކޮށްދޭނެކަމަށް އުއްމީދުކޮށްގެން، ނުވަތަ ބަލިމީހަކަށް ޝިފާއަށް އެދިގެން، ނުވަތަ މުދާ ރައްކާކުރުމަށް، ނުވަތަ ދުރުގައި ގެއްލިގެންވާ މީހަކު ސަލާމަތްވެގެންވުމަށް އެދިގެން، ނުވަތަ އެއާ ވައްތަރުވެއްޖެ ކަމަކަށްޓަކައި އެ ފަރާތަކާ ކުއްތަންވާ މީހާ؛ ފަހެ ކަށަވަރުންވެސް އޭނާ އެވަނީ ބޮޑުވެގެންވާ މި ޝިރުކަށް، މި ނުބައިކަން ބޮޑު ބަލާވެރިކަމަށް ވެއްޓިފައިއެވެ. އެއީ ﷲ ތަޢާލާ އެއާމެދު މިހެން ވަޙީކުރެއްވި ކަންތަކެވެ: (ހަމަކަށަވަރުން ﷲ، އެ އިލާހަށް ޝަރީކު ކުރެވުމެއް ނުފުއްސަވައެވެ. އަދި އެ ނޫން ފާފަތައް، އެ އިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. އަދި ﷲ އަށް ޝަރީކު ކުރާ މީހާ، ފަހެ ބޮޑުވެގެންވާ ދޮގު ފާފައެއް އުފައްދައިފިކަން ކަށަވަރެވެ.) [އައްނިސާއު: 48] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ﷲ އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ، އެ މީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެ މީހަކު އުޅޭނެ ތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކުކުރި މީހުންނަށް) ނަޞްރު ދޭނޭ އެއްވެސް ބަޔަކު ނުވެއެވެ.) [އަލްމާއިދާ: 72]
ޤިޔާމަތްދުވަހު ޝަފާޢަތް ޙާޞިލުވާނީ ހަމައެކަނި ތައުޙީދާއި އިޚްލާޞްތެރިކަމުގެ އަހުލުވެރިންނަށެވެ. ޝިރުކުގެ އަހުލުވެރިންނަކަށް ނޫނެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ. އެއީ އެކަލޭގެފާނަށް މިހެން ދެންނެވުނު ހިނދެއެވެ: "އޭ ﷲ ގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ކަލޭގެފާނުގެ ޝަފާޢަތުން އެންމެ ބާއްޖަވެރިވެގެންވަނީ ކާކުތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "އެމީހެއްގެ ހިތުން އިޚްލާޞްތެރިވެގެން لَا إِلَهَ إِلَّا اللهُ ކިޔައިފި މީހާއެވެ." އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ: "ކޮންެމެ ނަބިއްޔަކަށް އިޖާބަވެވިގެންވާ ދުޢާއެއް ލިބިގެންވެއެވެ. ދެންފަހެ ކޮންމެ ނަބިއްޔަކު، އެ ނަބިއްޔަކަށް ލިބިގެންވާ ދުޢާއާމެދު އަވަސްވެލެއްވިއެވެ. އަދި ތިމަންކަލޭގެފާނުގެ ދުޢާ، ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ އުއްމަތަށް ހުރި ޝަފާޢަތެއްގެ ގޮތުގައި ފަހަށް ރައްކާކުރެއްވީމެވެ. ފަހެ ތިމަންކަލޭގެފާނުގެ އުއްމަތުން، ﷲ އާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާ ޙާލު މަރުވެއްޖެ މީހަކަށް އެ ޝަފާޢަތް إن شاء الله ލިބޭހުއްޓެވެ."
އިހުގައި އުޅުނު މުޝްރިކުން؛ ﷲ އީ އެމީހުންގެ ވެރި ރައްބުކަމުގައި، އަދި އުފެއްދެވި ޚާލިޤުކަމުގައި، އަދި ރިޒްޤުދެއްވާ ފަރާތްކަމުގައި އީމާންވެއެވެ. އެކަމަކު އެމީހުން ނަބިއްޔުންނާއި، ވަލީވެރިންނާއި، މަލާއިކަތުންނާއި، ގަސްގަހާގެއްސާއި، ހިލަތަކާއި އެފަދަ ތަކެއްޗާއި ފަރާތްތަކުން ﷲ ގެ ޙަޟްރަތުގައި އެމީހުންނަށް ޝަފާޢަތްތެރިވުމަށް، އަދި އެކަލާނގެ ޙަޟްރަތުގައި އެ ފަރާތްތައް ކުއްތަންވެގެންވާތީވެ، އެ ފަރާތްތަކުގައި އެލިގަތީއެވެ. އެއީ އިސްވެދިޔަ އާޔަތްތަކުގައި ބަޔާންވި ފަދައިންނެވެ. ދެންފަހެ އޭގެ ސަބަބުން ﷲ އެމީހުންނަށް ޢުޛުރެއް ނުދެއްވައެވެ. ކިއެއްތަ، އެކަލާނގެ މަތިވެރިވެގެންވާ ފޮތުގައި އެމީހުންނަށް އިންކާރު ކުރައްވާ، އެމީހުންނީ ކާފަރުންކަމުގައި އަދި މުޝްރިކުންކަމުގައި ނަންދެއްވާ، އަދި މި އިލާހުންތައް ﷲ ގެ ޙަޟްރަތުގައި އެމީހުންނަށްޓަކައި ޝަފާޢަތްތެރިވެ، ކުއްތަންކޮށްދޭކަމަށް ކުރާ ދަޢުވާ ދޮގުކުރެއްވިއެވެ. އަދި ﷲ ގެ ރަސޫލާ ﷺ އެމީހުންނަށް ޢުޛުރެއް ނުދެއްވައެވެ. ކިއެއްތަ، މި ޝިރުކުގެ މައްޗަށް އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރެއްވިއެވެ. އެއީ އެމީހުން އަޅުކަން ﷲ އަށް އެކަނި ޚާލިޞްކޮށްފުމަށް ދާންދެނެވެ. އެއީ އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅަށް ޢަމަލުކުރެއްވުމުގެ ގޮތުންނެވެ: (އަދި ފިތުނަވެރިކަން (އެބަހީ: ޝިރުކާއި ﷲގެ ދީނުން މީސްތަކުން އެއްކިބާކުރުވުން) ނެތިއްޖައުމަށް ދާންދެން އަދި ދީން، ﷲ އަށް ޚާލިޞްވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އެބައިމީހުންނާ ހަނގުރާމަކުރާށެވެ!..) [އަލްބަޤަރާ: 193] އަދި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: "މީސްތަކުން ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވެ، ނަމާދު ޤާއިމުކޮށް، ޒަކާތް ދީފުމަށް ދާންދެން އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނަށް އަމުރުވެވިގެންވެއެވެ. ދެންފަހެ އެމީހުން އެ ކަންކަން ކޮށްފިނަމަ އެމީހުންގެ ލެޔާއި މުދާތައް ތިމަންކަލޭގެފާނުގެ ކިބައިން ރައްކާކޮށްފިއެވެ. އިސްލާމްދީނުގެ ޙައްޤެއްވާ ކަމެއްގައި މެނުވީއެވެ. އަދި އެމީހުންގެ ޙިސާބު ބެއްލެވުންވަނީ ﷲ އަށެވެ." އަދި އެކަލޭގެފާނު ﷺ ގެ މި ބަސްފުޅުގެ މާނައަކީ: "އެމީހުން لَا إِلهَ إِلَّا اللهُ އަށް (ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް) ހެކިވެއްޖައުމަށް ދާންދެން." އެބަހީ: އަޅުކަން ކުރުމުގައި، ﷲ ފިޔަވައި އެހެން ފަރާތްތައް ދޫކޮށް، އެކަލާނގެއަށް ޚާއްޞަކޮށްފުމަށް ދާންދެނެވެ.
މުޝްރިކުން ޖިންނީންދެކެ ބިރުގަންނަ ކަމުގައިވިއެވެ. އަދި ޖިންނީންގެ ކިބައިން ރައްކަލަށް އެމީހުން އެދެއެވެ. ދެން އެކަމާމެދު ﷲ ތަޢާލާގެ މި ބަސްފުޅު ބާވައިލެއްވިއެވެ: (އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވިއެވެ. ފަހެ (އެ ކަމުގެ ސަބަބުން) އެ މީހުންނަށް (އެބަހީ: ޖިންނީންނަށް) އެ މީހުން (އެބަހީ: އިންސީން) ކާފަރުކަމާއި ބޮޑާކަން އިތުރުކުރިއެވެ.) [އަލްޖިންނު: 6] މި މާތް އާޔަތާމެދު ތަފްސީރުގެ އަހުލުވެރިން ވިދާޅުވިއެވެ. އެކަލާނގެ މި ބަސްފުޅުގެ މާނައީ: ﴿...فَزَادُوهُمْ رَهَقًا﴾ (...ފަހެ އެ ޖިންނީން އެމީހުންނަށް ރަހަޤު އިތުރުކުރިއެވެ) އެބަހީ: ބިރުވެރިކަމާއި ނާމާންކަން އިތުރުކުރިއެވެ. އެހެނީ އިންސީން ޖިންނީންގެ ކިބައިން ރައްކާތެރިކަމަށް އެދޭތަން ފެނިއްޖެނަމަ؛ ޖިންނީން މަތިވެގަނެ ބޮޑާވެގަނެއެވެ. އަދި އެހިނދު އިންސީންނަށް ހައްތަހާ ބިރުވެރިކަމާއި ނާމާންކަން އިތުރުކުރެއެވެ. އެއީ ޖިންނީންނަށް އަޅުކަންކުރުން ގިނަކޮށް، ޖިންނީންގެ ގާތުން ޙިމާޔަތަށް އެދުން ގިނަކުރުވުމަށެވެ.
އަދި ﷲ، މުސްލިމުންނަށް އޭގެ ބަދަލުގައި އެކަލާނގެ ސުބްޙާނަހޫގެ ޙަޟްރަތުން، އަދި އެކަލާނގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން ރައްކާތެރިކަމަށް އެދުން ކަނޑައެޅުއްވިއެވެ. އަދި އެކަމުގައި ﷲ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅު ބާވައިލެއްވިއެވެ: (އަދި ހަމަކަށަވަރުން ޝައިތާނާގެ ފުށުން ވަސްވާސްތެރިކަމެއް ތިބާއަށް ލައިގަންނަމަ، ﷲ ގެ ރައްކާތެރިކަމަށް އެދޭށެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ.) [އަލްއަޢުރާފު: 200] އަދި އެކަލާނގެ ޖައްލަ ޖަލާލުހޫގެ މި ބަސްފުޅެވެ: (ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) އަދި ނަބިއްޔާ ﷺ މިހެން ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ: "ތަނަކަށް ފައިބާ، ދެން: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِن شَرِّ ما خَلَقَ (ﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން، އެކަލާނގެ ޚަލްޤުކުރެއްވި ކޮންމެ ނުބަޔަކުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އެދެމެވެ.) މިހެން ކިޔައިފި މީހާ؛ އޭނާގެ އެ މަންޒިލުން ގޮސްފުމަށް ދާންދެން އެއްވެސް އެއްޗަކަށް އޭނާއަށް ގެއްލުމެއް ނުދެވޭނެއެވެ."
ނަޖާވުން ހޯދައިގަންނަ މީހާ، އަދި އޭނާގެ ދީނަށް ރައްކާތެރިވުމަށާއި، އަދި ޝިރުކު -އޭގެ ވަންހަނާ ނާޒުކު ވައްތަރާއި ފާޅުވެ ބޮޑުވެގެންވާ ވައްތަރުން- ސަލާމަތްވުމަށް ދަހިވެތިވާ މީހާއަށް އިސްވެދިޔަ އާޔަތްތަކާއި ޙަދީޘްތަކުން އެނގިގެންދާނީ: މައްޔިތުންނާއި މަލާއިކަތުންނާއި ޖިންނީންނާއި އެހެންވެސް މަޚްލޫޤުންނަށް (ބަރޯސާވެގެން) އެލިގެންވެ، އެ ފަރާތްތަކަށް ދުޢާކޮށް ރައްކާތެރިކަމަށް އެދުމާއި އެފަދަ ކަންކަމަކީ؛ ޖާހިލިއްޔަތުގެ އަހުލުވެރި މުޝްރިކުންގެ ޢަމަލެއްކަމާއި، ﷲ ސުބްޙާނަހޫއާ ކުރެވޭ އެންމެ ހުތުރު އެއް ޝިރުކުކަމެވެ. ފަހެ ވާޖިބުވެގެންވަނީ އެ ކަންކަން ދޫކޮށްލާ، އެ ކަންކަމާމެދު ހުށިޔާރުވެ ސަމާލުވެ، އެ ކަންކަން ދޫކޮށްލުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކޮށް، އެފަދަ ކަންކަން ކޮށްފި މީހަކަށް އިންކާރު ކުރުމެވެ.
ދެންފަހެ މި ޝިރުކީ ޢަމަލުތައް ކުރާކަމަށް މީސްތަކުންގެ ތެރެއިން އެނގިގެންވާ މީހެއްނަމަ؛ ފަހެ އޭނާއާ ކައިވެނިކުރުން ހުއްދަވެގެން ނުވެއެވެ. އަދި އޭނާ ކަތިލާ މަސް ކެއުމާއި، އޭނާގެ މައްޗަށް ކަށު ނަމާދުކުރުމާއި، އޭނާގެ ފަހަތުގައި ނަމާދުކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެއީ އޭނާ އެ ކަންކަމުން ﷲ ސުބްޙާނަހޫ އަށް ތައުބާވިކަމަށް އިޢުލާނުކޮށް، ހަމައެކަނި ﷲ އަށް ދުޢާއާއި އަޅުކަން ޚާލިޞްކޮށްފުމަށް ދާންދެނެވެ. ދުޢާއަކީ އަޅުކަމެވެ. ކިއެއްތަ، އަޅުކަމުގެ މަދެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ: "ދުޢާއަކީ އެއީ އަޅުކަމެވެ." އަދި އެހެން ލަފްޒެއްގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެވުނެވެ: "ދުޢާ އަކީ އަޅުކަމުގެ މަދެވެ." ދެންފަހެ މުޝްރިކުންނާ ކައިވެނިކުރުން ދަންނައެވެ، ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (މުޝްރިކު އަންހެނުންނާ ތިޔަބައިމީހުން ކައިވެނި ނުކުރާ ހުށިކަމެވެ! (އެއީ) އެ އަންހެންތަކުން އީމާންވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުން ހިތާވާ ކަމުގައިވިޔަސް، ހަމަކަށަވަރުން މުއުމިނު އަޅުއަންހެނަކުވެސް މުޝްރިކު އަންހެނަކަށް ވުރެ މާރަނގަޅެވެ. އަދި (މުއުމިނު އަންހެނުން) މުޝްރިކު ފިރިހެނުންނާ ތިޔަބައިމީހުން ކައިވެނިކޮށް ނުދޭށެވެ! (އެއީ) އެބައިމީހުން އީމާންވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުން އެމީހަކާ ރުހި ޤަބޫލު ވިޔަސް، ހަމަކަށަވަރުން މުއުމިނު ފިރިހެން އަޅަކުވެސް މުޝްރިކު ފިރިހެނަކަށް ވުރެ މާރަނގަޅެވެ. އެބައިމީހުން އެ ގޮވަނީ ނަރަކައަށް ވަނުމަށެވެ. ﷲ ގޮވައިލައްވަނީ އެއިލާހުގެ އިޛުނަފުޅުން ތިޔަބައިމީހުން ސުވަރުގެއަށާއި ފާފަފުއްސެވުމުގެ ތެރެއަށް ވަނުމަށެވެ. އަދި އެއިލާހުގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަނީ އެބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.) [އަލްބަޤަރާ: 221] ފަހެ ﷲ ސުބްޙާނަހޫ އެވަނީ: ބުދުތަކާއި ޖިންނީންނާއި މަލާއިކަތުންނާއި އެހެން ތަކެއްޗަށް އަޅުކަންކުރާ މުޝްރިކު އަންހެނުންނާ ކައިވެނިކުރުން މުސްލިމުން ފިރިހެނުންނަށް ނަހީކުރައްވާފައިއެވެ. އެއީ އެ އަންހެންތަކުން ހަމައެކަނި ﷲ އަށް އަޅުކަން އިޚްލާޞްތެރިކޮށް، ރަސޫލާ ﷺ ގެންނެވި ކަންތަކުގައި އެކަލޭގެފާނުގެ ތެދުކޮށް، އެކަލޭގެފާނުގެ މަގަށް ތަބަޢަވެގެން އީމާންވެއްޖައުމަށް ދާންދެނެވެ. އަދި މުޝްރިކު ފިރިހެނުން، މުސްލިމު އަންހެނުންނާ ކައިވެނިކުރުންވެސް ނަހީކުރެއްވިއެވެ. އެއީ ﷲ އަށް އެކަނި އަޅުކަން އިޚްލާޞްތެރިކޮށް، ރަސޫލާ ﷺ ތެދުކޮށް އެކަލޭގެފާނަށް ތަބަޢަވެގެން އީމާންވެއްޖައުމަށް ދާންދެނެވެ.
އަދި އެކަލާނގެ ސުބްޙާނަހޫ ޚަބަރުދެއްވާފައިވަނީ: މުއުމިނު އަޅު އަންހެނަކުވެސް، މުޝްރިކު މިނިވަން އަންހެނަކަށްވުރެ ހެޔޮވެގެންވާ ކަމުގައިއެވެ. އެއީ އެ އަންހެނަކު ފެންނަ މީހާ، އަދި އެ އަންހެނާގެ ވާހަކަ އަޑުއިވޭ މީހާއަށް، އެކަނބުލޭގެ ރީތިކަމާއި ވާހަކައިގެ ހިތްގައިމުކަމާހުރެ އާޝޯޚުކޮށްލިޔަސްމެއެވެ. އަދި މުއުމިނު އަޅު ފިރިހެނެއްވެސް، މުޝްރިކުން މިނިވަން ފިރިހެނަކަށްވުރެ ހެޔޮވެގެންވާ ކަމުގައިއެވެ. އެއީ އޭނާގެ އަޑުއަހާ، އަދި އޭނާ ފެންނަ މީހާއަށް، އޭނާގެ ރީތިކަމާއި، ފަޞާޙާތްތެރިކަމާއި، ހިތްވަރުގަދަކަމާއި އެފަދަ ކަންކަމާހުރެ ޢަޖައިބުވިޔަސްމެއެވެ. ދެން މި ގޮތަށް ހެޔޮވެ އިތުރުވެގެންވީ ސަބަބުތައް، އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅުން ބަޔާންކުރެއްވިއެވެ: (...އެމީހުން ދަޢުވަތުދީ ގޮވާލަނީ ނަރަކައަށެވެ...) [އަލްބަޤަރާ: 221] އެއިން އެ މާނަކުރައްވަނީ: މުޝްރިކު ފިރިހެނުންނާއި މުޝްރިކު އަންހެނުންގެ ވާހަކައެވެ. އެހެނީ އެމީހުންނީ އެމީހުންގެ ބަސްތަކާއި، ޢަމަލުތަކާއި، އުޅޭއުޅުމާއި، އަޚްލާޤުން ނަރަކައަށް ގޮވާލާ ބައެކެވެ. އަނެއްކޮޅުން މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނީ، އެމީހުންގެ އަޚްލާޤާއި، އެމީހުންގެ ޢަމަލުތަކާއި، އުޅޭއުޅުމުން ސުވަރުގެއަށް ގޮވާލާ ބައެކެވެ. ދެންފަހެ މި މީހުންނާއި، ދެން ތިބި މީހުންނާ ހަމަހަމަވާނީ ކިހިނަކުންހެއްޔެވެ!؟
ދެންފަހެ މުޝްރިކުންގެ މައްޗަށް ކަށު ނަމާދުކުރުމަށް ބަލާއިރު، ފަހެ މުނާފިޤުންނާމެދުގައި އެކަލާނގެ -ޖައްލަ ވަޢަލާ- ވަޙީކުރެއްވިއެވެ: (އެ މީހުންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކުވެސް ކަށުނަމާދު ނުކުރައްވާށެވެ. އަދި އެ މީހެއްގެ މަހާނަދޮށުގައިވެސް ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ. ހަމަކަށަވަރުން އެ މީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް ކާފަރުވިއެވެ. އަދި އެ މީހުން މަރުވީ، ފާސިޤުން ކަމުގައިވާ ޙާލުގައެވެ.) [އައްތައުބާ: 84] ފަހެ އެކަލާނގެ -ޖައްލަ ވަޢަލާ- މި މާތްވެގެންވާ އާޔަތުގައި ސާފުކޮށް ބަޔާންކުރެއްވީ: މުނާފިޤުމީހާއާއި ކާފަރުމީހާގެ މައްޗަށް ކަށު ނަމާދު ނުކުރެވޭނެކަމެވެ. އެއީ އެ ދެމީހުން ﷲ އާއި އެކަލާނގެ ރަސޫލާއަށް ކާފަރުވެގެން ވުމުންނެވެ. މިފަދައިންމެ، އެ ދެމީހުންގެ ފަހަތުގައިވެސް ނަމާދު ނުކުރެވޭނެއެވެ. އަދި މުސްލިމުންނަށް ހުރި އިމާމުންކަމުގައި އެ ދެމީހުން ނުހެދޭހުއްޓެވެ. އެއީ އެ ދެމީހުން ކާފަރުވެގެންވުމުން، އަދި އަމާނާތްތެރިކަމެއް ނެތުމުން، އަދި މުސްލިމުންނާ އެ ދެމީހުންނާ މެދުގައި އޮންނަ ބޮޑުވެގެންވާ ޢަދާވާތްތެރިކަމަށްޓަކައިއެވެ. އަދި އެ ދެމީހުންނީ ނަމާދާއި އަޅުކަމުގެ އަހުލުވެރިންނެއް ނޫނެވެ. އެހެނީ ކުފުރާއި ޝިރުކަކީ އެއާއެކު ދެން (ހެޔޮ) ޢަމަލެއް ބާކިކޮށް ނުދޭ ދެކަމެވެ. އަހަރުމެން ﷲ ގެ ޙަޟްރަތުން އެދެނީ އެއިން ޢާފިޔަތު ދެއްވުމަށެވެ. ދެން މުޝްރިކުން ކަތިލާ ތަކެތި ކެއުމަށް ބަލާއިރު، ފަހެ މުޅަ މަހާއި، މުޝްރިކުން ކަތިލާ މަސް ޙަރާމްވެގެންވާކަން ބަޔާންކުރައްވާ އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: ((ކަތިލާހިނދު) އެ އެއްޗެއްގެ މައްޗަށް، ﷲ ގެ އިސްމުފުޅު ނަންނުގަނެވިވާ އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެ ތަކެތިން ކެއުމަކީ، އުރެދުމެއްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންނާ ޖަދަލުކުރުމަށް ޝައިތާނުން އެ މީހުންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ. ތިޔަބައިމީހުން، އެ މީހުންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން ތިޔަބައިމީހުންނަކީ ވެސް، މުޝްރިކުންކަން ކަށަވަރެވެ.) [އަލްއަންޢާމު: 121] ފަހެ އެކަލާނގެ -ޖައްލަ ޖަލާލުހޫ- އެވަނީ މުޅަތަކެއްޗާއި މުޝްރިކުން ކަތިލާ ތަކެތި ކެއުން މުސްލިމުންނަށް ނަހީކުރައްވާފައިއެވެ. އެހެނީ އެއީ ނަޖިހެކެވެ. އެގޮތުން އޭނާ ކަތިލާ އެއްޗެއްވަނީ މުޅަ މަހުގެ ޙުކުމްގައިއެވެ. އޭގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންގަތަސް މެއެވެ. އެހެނީ އޭނާގެ ފުށުން ބިސްމި ކިޔުމަކީ އެއްވެސް އަސަރެއް އޭގައި ނެތް ބާޠިލު ކަމެކެވެ. ޝިރުކަކީ އަޅުކަން ބާޠިލުކޮށް ގެއްލުވާލާ ކަމެކެވެ. ޝިރުކު ކުރާ މީހާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތައުބާވެއްޖައުމަށް ދާންދެނެވެ. އެކަލާނގެ -ޖައްލަ ޖަލާލުހޫ- ފޮތުގެ އަހުލުވެރިންގެ ކާބޯތަކެތި، އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅުގައި ހުއްދަކުރެއްވީ: (...އަދި ފޮތް ލިބުނު މީހުންގެ ކާނާ ތިޔަބައިމީހުންނަށް ޙަލާލު ވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެ މީހުންނަށް ޙަލާލު ވެގެންވެއެވެ...) [އަލްމާއިދާ: 5]. އެހެނީ އެމީހުުންނީ ސަމާވީ ދީނަކަށް ނިސްބަތްވެ، އަދި މޫސާގެފާނާއި ޢީސާގެފާނަށް ތަބަޢަވީ މީހުންގެ ތެރެއިންވާ ބައެއްކަމަށް ދަޢުވާކުރާ ބައެއްކަމުގައި ވުމުންނެވެ. އެކަމުގައި އެމީހުން ދޮގުވެރިން ކަމުގައިވިޔަސްމެއެވެ. ﷲ ތަޢާލާވަނީ މުޙައްމަދު ﷺ ހުރިހާ މީސްތަކުންގެ ގާތަށް ފޮނުއްވައިގެން އެމީހުންގެ ދީން މަންސޫޚަ ކުރައްވާ، ބާޠިލުކުރައްވާފައިއެވެ. ނަމަވެސް ﷲ -ޖައްލަ ވަޢަލާ- ފޮތުގެ އަހުލުވެރިންގެ ކާބޯތަކެއްޗާއި އެމީހުންގެ އަންހެނުން އަހަރުމެންނަށް ހުއްދަކުރެއްވިއެވެ. އެއީ ބޮޑުވެގެންވާ ޙިކްމަތަކަށްޓަކައި، އަދި ރިޢާޔަތްކުރެއްވިފައިވާ ސިއްރުތަކަކަށްޓަކައިއެވެ. ޢިލްމުގެ އަހުލުވެރިންވަނީ އެކަންކަން ބަޔާންކުރައްވާފައިއެވެ. އެއީ ބުދުތަކާއި، މައްޔިތުންގެ ތެރެއިންވާ ނަބިއްޔުންނާއި ވަލީވެރިންނާއި އެހެން މީހުންނަށް އަޅުކަންކުރާ މުޝްރިކުންނާ ޚިލާފަށެވެ. އެހެނީ އެމީހުންގެ ދީނަކީ އެއަށް އެއްވެސް އަޞްލެއް އަދި ޝުބުހައެއް ނުވާ ދީނެކެވެ. ކިއެއްތަ، އޭގެ އަސާސުން އެ ވަނީ ބާޠިލުވެގެންނެވެ. ދެން އެ ދީނުގެ އަހުލުވެރިންގެ ކަތިލުން މުޅަ އެއްޗެއްކަމުގައިވިއެވެ. އަދި އެ ކެއުން ހުއްދަވެގެން ނުވެއެވެ.
ދެންފަހެ މުޚާޠަބުކުރާ މީހަކާ ދިމާލަށް: "ތިޔަހުރީ ޖިންނިއެއް އަވަލާފަޔޭ" "ޖިންނިއެއް ތިބާ ޖަހައިގަތީއޭ"، "ޝައިޠާނެއް ތިބާ ގޮވައިގެން އުދުހިގަތީއޭ"، އަދި މިއާ ވައްތަރު ޢިބާރާތްތައް ބުނުމަކީ؛ ބަދުބަސްބުނެ އެއްޗެހި ގޮވުމުގެ ބާބުގައިވާ ކަންތަކެކެވެ. އަދި އެއީ ބަދުބަސްބުނެ އެއްޗެހި ގޮވުމުގެ އެހެން ހުރިހާ ބަސްތައް ފަދައިން، މުސްލިމުންގެ މެދުގައި ކުރުން ހުއްދަކަމެއް ނޫނެވެ. އެކަމަކު އެއީ ޝިރުކުގެ ބާބުގައިވާ ކަމެއް ނޫނެވެ. އެހެން ބުނާ މީހާ، ﷲ ގެ އިޛްނަފުޅާއި އިރާދައާއި ނުލާ ޖިންނީން މީސްތަކުންގެ ތެރޭގައި ބާރުފޯރުކޮށް އުޅޭކަމަށް ޤަބޫލުކުރާނަމަ މެނުވީއެވެ. ދެންފަހެ ޖިންނީންނާމެދު، ނުވަތަ އެނޫން މަޚްލޫޤުންނާމެދުވެސް އެގޮތަށް އިޢުތިޤާދުކޮށް ޤަބޫލުކޮށްފި މީހާއީ؛ ފަހެ މި ޤަބޫލުކުރުމުގެ ސަބަބުން ކާފަރެކެވެ. އެހެނީ ﷲ ސުބްޙާނަހޫ އެއީ ކޮންމެ އެއްޗެއް މިލްކުވެވޮޑިގެންވާ، އަދި ކޮންމެ ކަމަކަށް ކުޅަދުންވަންތަވެގެންވާ އިލާހެވެ. އަދި ފައިިދާ ކޮށްދެއްވާ، ގެއްލުންދެއްވާ ފަރާތަކީވެސް އެއީއެވެ. އަދި އެކަލާނގެ އިޛްނަފުޅާއި، މަޝީއަތާއި، އެކަލާނގެ އިސްވެ ތަޤުދީރުކުރެއްވުމާ ލައިގެން މެނުވީ އެއްވެސް އެއްޗެއް ވުޖޫދު ނުވެއެވެ. އެއީ މި ބޮޑުވެގެންވާ އަޞްލުގެ ޚަބަރު މީސްތަކުންނަށް ދެއްވުމަށް އެކަލާނގެ -ޖައްލަ ޖަލާލުހޫ-، އެކަލާނގެ ނަބިއްޔާ ﷺ އަށް އަމުރުކުރައްވާ ވަޙީކުރެއްވިގޮތަށެވެ: (ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އިރާދަ ކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކު ވެގެނެއް ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު (ދުނިޔަވީ މޮޅާއި) ހެޔޮ ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުގައި ނުބީހުނީހެވެ. އިންޛާރުދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.) [އަލްއަޢުރާފު: 188] ދެންފަހެ ޚަލްޤުތަކުންގެ ސާހިބާ، އަދި ޚަލްޤުތަކުންގެ ތެރެއިން އެންމެ މާތްވެގެންވާ ކަލޭގެފާނު عليه الصلاة والسلام ވެސް، ﷲ އިރާދަކުރެއްވި ކަމެއް މެނުވީ، އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ފައިދާއެއް އަދި ގެއްލުމެއްވެސް މިލްކުވެގެން ނުވާހިނދު؛ ދެން އެނޫން ޚަލްޤުތަކުންނާ މެދުގައި އަދި ކޮންފަދަހެއްޔެވެ!؟ މި މާނާގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.
ދެންފަހެ، ޣައިބުގައިވާ ކަންކަމުން ޚަބަރުދިނުމުގައި އުޅޭ؛ ފާލުބަލާ މީހުންނާއި، ސިޙުރުވެރިންނާއި، ނުޖޫމީ ބުރައްމާނީންނާއި އެފަދަ މީހުންނާ ކަންކަމުގައި ސުވާލުކޮށް އެހުމަކީ، ހުއްދަވެގެން ނުވާ މުންކަރެކެވެ. އަދި އެމީހުން ތެދުކުރުމަކީ އެއަށްވުރެވެސް ގަދަވެގެންވާ، މުންކަރުކަން ބޮޑު ކަމެކެވެ. ކިއެއްތަ، އެއީ ކުފުރުގެ ކަފިތަކުގެ ތެރޭގައިވާ ކަމެކެވެ. ނަބިއްޔާ ﷺގެ މި ބަސްފުޅަށްޓަކައިއެވެ: "ޢައްރާފެއް (ކަހީނެއް ނުވަތަ ފާލުބަލާ މީހެއް) ގެ ގާތަށް ގޮސް، ކަމަކާމެދު އޭނާގެ ގާތުން ސުވާލުކޮށްފި މީހާ؛ ސާޅީސް ދުވަހުގެ ނަމާދު އޭނާގެ ކިބައިން ޤަބޫލު ނުކުރެވޭހުއްޓެވެ." ރިވާކުރެއްވީ މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައިއެވެ. އަދިވެސް އެކަލޭގެފާނުގެ ޞަޙީޙުގައި، މުޢާވިޔާ ބްނުލް ޙަކަމު އައްސުލަމީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: "ކާހިނުންގެ ގާތަށް ދިޔުމާއި، އެމީހުންގެ ގާތުން ކަންކަމުގައި ސުވާލުކޮށް އެހުން ނަބިއްޔާ ﷺ ނަހީކުރެއްވިއެވެ."
އަދި ސުނަނު ފޮތްތަކުގެ އަހުލުވެރިން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ނެރުއްވިއެވެ: "ކާހިނެއްގެ ގާތަށް ގޮސް، ދެން އޭނާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ؛ ފަހެ ހަމަކަށަވަރުން މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް ކާފަރުވެއްޖެއެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ. އެހެންކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ: ކާހިނުންނާއި ފާލުބަލާ މީހުންނާއި، އެނޫންވެސް، ޣައިބުގައިވާ ކަންކަމުގެ ޚަބަރުދީ، މުސްލިމުންނަށް އޮޅުވާލުމުގައި އުޅޭ ސިޙުރުވެރި ހާހޫރަވެރިންގެ ގާތުން ސުވާލުކުރުމާމެދު ސަމާލުވެ ދުރުވުމެވެ. އެއީ (ޑޮކްޓަރީ) ބޭސްވެރިކަމުގެ ނަމުގައި ނުވަތަ އެހެން ނަމެއްގައިވިޔަސްމެއެވެ. އެއީ އިސްވެދިޔަ ފަދައިން، ނަބިއްޔާ ﷺ އެކަން ނަހީކުރައްވާ، އެކަމާމެދު އިންޛާރުދެއްވާފައި ވުމުންނެވެ. އަދި އޭގެ ތެރެއަށް ވަންނަ އަނެއްކަމަކީ: ބޭސެވެރިކަމުގެ ނަމުގައި ބައެއް މީހުން ދަޢުވާކުރާ ޣައިބުގެ ކަމެއްކަމުގައިވާ: ބަލިމީހާގެ ފަގުޑި، ނުވަތަ ބަލި އަންހެނާގެ ބުރުގާގެ ވަސް ބަލާލާފައި "މި ބަލި ފިރިހެނާ ނުވަތަ ބަލި އަންހެނާ މިވެނި ކަމެއް ކުރިޔޭ، އެވެނި ގޮތެއް ހެދިޔޭ" ބުނުންފަދަ، ބަލިމީހާގެ ފަގުޑީގައި އަދި އެފަދަ އެއްޗެއްގައި އެކަމަށް އެއްވެސް ދަލީލެއް ނެތް ކަންކަމުގެ ވާހަކަ ދެއްކުމެވެ. އެކަމުގެ ޤަޞްދަކަށް ވާކަން ކަށަވަރީ: ޢާއްމު މީސްތަކުންނަށް އޮޅުވާލުމެވެ. އެއީ އޭނާއަކީ ބޭސްވެރިކަމާއި، ބަލިބަލީގެ ވައްތަރުތަކާއި ސަބަބުތައް ދަންނަ މީހެއްކަމަށް އެމީހުން ލައްވާ ބުނުވުމަށެވެ. ފަހަރެއްގައި އޭނާ އެމީހުންނަށް ބޭސްތަކެއް ދީވެސްފާނެއެވެ. އަދި ފަހަރެއްގައި ﷲ ގެ ޤަދަރާއި މިންވަރުން އެކަމުގައި އިއްތިފާޤުން ޝިފާ ލިބުންވެސް ދިމާވެދާނެއެވެ. ދެން އެމީހުން ހީކުރަނީ އެއީ އޭނާގެ ބޭސްފަރުވާތަކުގެ ސަބަބުން ވީ ކަމެއްކަމުގައިއެވެ. އަދި ފަހަރެއްގައި، އެ ބައްޔަކީ: ބޭސްފަރުވާ ކުރަނީކަމަށް ދަޢުވާކުރާ އެހެރަ މީހާއަށް ޚިދުމަތްކޮށްދޭ ބައެއް ޖިންނީންނާއި ޝައިޠާނުންގެ ސަބަބުންވާ ބައްޔެއްކަމުގައިވެސް ވެދާނެއެވެ. އަދި އެ ޖިންނީން ހޯދައިގަންނަ ބައެއް ޣައިބުގެ ކަންކަމުން އޭނާއަށް ޚަބަރުދެއެވެ. ދެން އޭނާ އެކަމަށް ބަރޯސާވެ، އެ ޖިންނީންނާއި ޝައިޠާނުންނަށް ކަމުދާ އަޅުކަމެއް (އެ މީހުންނަށް އަނބުރާލައިގެން) ރުއްސައެވެ. ދެން އެ ބަލިމީހާގެ ކިބައިން އެ ޖިންނީންތައް އުފުލި، އޭނާއަށް ޖައްސަމުންދިޔަ ދުއްތުރާތައް ދޫކޮށްލައެވެ. މިއީ ޖިންނީންނާއި ޝައިޠާނުންނާއި، އަދި އެވެރިން ލައްވާ ޚިދުމަތްކުރުވާ މީހުންގެ ކިބައިން އެނގިގެންވާ ކަމެކެވެ.
އަދިވެސް މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ: އެކަމާމެދު ހުށިޔާރުވެ ސަމާލުވެ، އެފަދަ ކަންކަން ކުރުން ދޫކޮށްލުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކޮށް، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބަރޯސާވެ، އަދި ހުރިހާ ކަމެއްގައި އެކަލާނގެއަށް ވަކީލުކުރުމެވެ. އަދި ޝަރުޢީ ރުޤްޔާތަކާއި، ހުއްދަ ފަރުވާތަކާއި، އަދި ޙިއްސީ ހަމަޖެހޭ ސަބަބުތަކުން ބަލިމީހާގެ ޙާލަތު ޗެކުކޮށް، އޭނާގެ ބަލި ބަލާ ދެނެގަންނަ ޑޮކްޓަރުންގެ ގާތުން ފަރުވާ ހޯދުން އެއީ މައްސަލައެއް ނޫނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ: "އެ ބައްޔަކަށް ޝިފާއެއް ނުވާ ގޮތަށް ﷲ އެއްވެސް ބައްޔެއް ބާވައިނުލައްވަތެވެ. އެ ޝިފާ އެނގުނު މީހަކަށް އެނގުނީއެވެ. ނޭނގުނު މީހަކަށް ނޭނގުނީއެވެ." އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ: "ކޮންމެ ބައްޔަކަށް ބޭސްފަރުވާވެއެވެ. ދެންފަހެ އެ ބައްޔެއްގެ ފަރުވާއާ ދިމާވެއްޖެނަމަ ﷲ ގެ އިޛްނަފުޅާއެކު ބަލި ފަސޭހަވެއެވެ." އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ: "ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ބޭސް ފަރުވާ ކުރާށެވެ. އަދި ޙަރާމް އެއްޗަކުން ފަރުވާ ނުކުރާށެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.
ފަހެ އަހަރުމެން ﷲ -ޖައްލަ ޖަލާލުހޫ- ގެ ޙަޟްރަތުން އެދި ދަންނަވަނީ: ހުރިހާ މުސްލިމުންގެ ޙާލަތު ރަނގަޅުކޮށްދެއްވާ، އެމީހުންގެ ހިތްތަކާއި ހަށިތައް ކޮންމެ ނުބައިކަމަކުން ޝިފާދެއްވާ، ތެދުމަގުގެ މައްޗަށް އެމީހުން ޖަމަޢަކުރައްވާ، މަގުފުރައްދަނިވި ފިތުނަތަކުންނާއި، ޝައިޠާނާއާއި އޭނާގެ އެކުވެރި އެހީތެރިންނަށް ކިޔަމަންވުމުން އަހަރުމެންނާއި އެމީހުން ރައްކާތެރިކޮށްދެއްވުމަށެވެ. ހަމަކަށަވަރުން އެކަލާނގެ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެގެންވެއެވެ. އަދި އެއްވެސް އާރަކާއި ބާރެއް، މަތިވެރިވަންތަ، މާތްވަންތަ ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ.
ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. وصلى الله وسلم وبارك على عبده ورسوله نبينا محمد وآله وصحبه.
ހަތަރުވަނަ ރިސާލާ:
ބިދުޢަވެރި އަދި ޝިރުކީ ވިރުދުތަކުން އަޅުކަންކުރުމުގެ ޙުކުމާމެދު
ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒުގެ ފަރާތުން، އިޙްތިރާމް ލިބިގެންވާ އަޚު (......) އަށް، ﷲ އޭނާއަށް ކޮންމެ ހެވަކަށް ތައުފީޤުދެއްވާށި. އާމީން.
ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި އެކަލާނގެ ބަރަކާތް ހުއްޓެވެ.
އެއަށްފަހު ދަންނައެވެ: ތިޔަބައިމީހުންގެ ޤަދަރުވެރި ސިޓީ އަހަރެންނަށް ފޯރައިފިއެވެ. -ﷲ އެކަލާނގެ ހިދާޔަތް ތިޔަބައިމީހުންނަށް ފޯރުކޮށްދެއްވާށިއެވެ- އަދި ތިޔަބައިީހުންގެ ރަށުގައި، ﷲ އެއަށް އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައި ނުވާ ވިރުދުތަކެއްގައި ހިފަހައްޓައިގެން ތިބި ބަޔަކު ވާކަމަށް ދިން މަޢުލޫމާތުވެސް ފޯރައިފިއެވެ. އެ ވިރުދުތަކުގެ ތެރޭގައި ބިދުޢީ ތަކެއްޗާއި، އަދި އޭގެ ތެރޭގައި ޝިރުކީ ތަކެތިވެސް ވާކަމަށެވެ. އަދި އެމީހުން އެތަކެތި ނިސްބަތްކުރަނީ އަމީރުލް މުއުމިނީން: ޢަލީ ބްނު އަބީ ޠާލިބު رضي الله عنه އާއި އެހެން ބޭކަލުންނަށް ކަމުގައިއެވެ. އަދި ޛިކުރުގެ މަޖްލީސްތަކުގައި، ނުވަތަ މިސްކިތްތަކުގައި މަޣުރިބު ނަމާދަށް ފަހުގައި އެމީހުން އެތަކެތި ކިޔަވާ ކަމުގައިއެވެ. އެއީ ﷲ އަށް ކުއްތަންވުމަށް ކުރެވޭ ކަމެއްކަމަށް ދަޢުވާކޮށްގެންނެވެ. އެއީ އެމީހުން ކިޔާ މިފަދަ ބަސްތަކެވެ: "ﷲ ގެ ޙައްޤުފުޅުން، ﷲ ގެ މީހުންނޭވެ! ﷲ ގެ އެހީއިން އަހަރުމެންނަށް އެހީވާށެވެ. އަދި ﷲ ގެ ޙަޟްރަތުން އަހަރުމެންގެ އެހީތެރިން ކަމުގައިވާށެވެ." އަދި އެމީހުން ކިޔާ މިފަދަ ބަސްތަކެވެ: "އޭ ޤުޠުބުންނޭވެ! އޭ ސާހިބުންނޭވެ! އަހަރުމެންގެ ތެރޭގައި މަދަދަށް ބޭނުންވާ މީހުންނަށް އިޖާބަދެއްވާށެވެ! އަދި ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާށެވެ. ތިޔަބޭފުޅުންގެ އަޅާ މިހުރީ ކޮޅަށެވެ. ތިޔަބޭފުޅުންގެ ދޮރާށިދޮށުގައި އިޢުތިކާފަށެވެ. އަދި ފަރުވާކުޑަކުރެވުނުކަމަށް ބިރުވެތިވެގެންނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅަމެންނަށް ވާގިދެއްވާށެވެ! ތިޔަބޭފުޅުން ފިޔަވައި އަހަރެން ދާނޭ އެހެން ތަނެއް ނެތެވެ. އަދި ބޭނުންވާ ކަންތައް ޙާޞިލުވާނީ ހަމައެކަނި ތިޔަ ބޭފުޅުންގެ އަރިހުންނެވެ! ތިޔައީ ﷲ ގެ އަހުލުންނެވެ. ޝަހީދުންގެ ސާހިބާ ޙަމްޒާގެ ކިބައިން، އަދިވެސް ތިޔަބޭފުޅުންގެ ތެރެއިން އަހަރުމެންނަށް ހުރި މަދަދެއްކަމުގައި ވާނޭ ބޭކަލުންގެ ކިބައިންނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅަމެންނަށް ވާގިދެއްވާށެވެ." އަދިވެސް އެމީހުން ކިޔާ މިބަސް ފަދައިންނެވެ: "އޭ ﷲ އެވެ! އިބައިލާހުގެ ޖަބަރޫތީ ސިއްރުތައް ފަޅައިގެން ދިޔުމަށް، އަދި އިބައިލާހުގެ ރަޙުމާނީ ނޫރުތައް ފަޅައިގެން ދިޔުމަށް ސަބަބެއްކަމުގައި އިބަ އިލާހު ލައްވާ، ދެން އިބައިލާހުގެ ރައްބާނީ ޙަޟްރަތުންވާ ނައިބެއްކަމުގައި، އަދި އިބައިލާހުގެ ޒާތީ ސިއްރުފުޅުތަކުގެ ޚަލީފާއެއްކަމުގައި ލެއްވި ފަރާތަށް ޞަލަވާތް ލައްވާށިއެވެ."
އަދި އެއާއެކު، ބިދުޢައަކީ ކޮބައިކަމާއި، ޝިރުކަކީ ކޮބައިކަމާއި، އެ ހުރިހާ ކަމެއް އެނގޭ ޙާލު، މި ދުޢާކުރާ އިމާމެއްގެ ފަހަތުގައި ކުރާ ނަމާދު ޞައްޙަވެގެންތޯ ބަޔާންވެގެންވުމަށް ތިޔަބައިމީހުން އެދޭކަމަށްވެސް އޭގައިވެއެވެ.
ޖަވާބުގައި ބުނަމެވެ: ޙަމްދުހުރީ ހަމައެކަނި ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްހުރީ އެކަލޭގެފާނަށް ފަހު ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނާއި، ޤިޔާމަތްދުވަހާ ހަމައަށް އެކަލޭގެފާނުގެ ތެދުމަގުން ހިދާޔަތް ލިބިގަތްހާ ބަޔަކަށްވެސްމެއެވެ.
އެއަށްފަހު ބުނަމެވެ: ދަންނާށެވެ! -ﷲ ތިބާއަށް ތައުފީޤުދެއްވާށިއެވެ- ﷲ ސުބްޙާނަހޫ ޚަލްޤުތަކުން އުފައްދަވާ، ރަސޫލުން عليهم الصلاة والسلام ފޮނުއްވީ އެކަލާނގެއަށް ޝަރީކަކު ނުލައި، އެކަލާނގެ ފިޔަވައި އެހެން ފަރާތްތައް ދޫކޮށް، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރެވިގެން ވުމަށެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ފަދައިންނެވެ: (ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.) [އައްޛާރިޔާތު: 56]
އަޅުކަމަކީ -އިސްވެ ބަޔާންވި ފަދައިން-: އެކަލާނގެއަށް ކިޔަމަންވުމާއި، އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އަށް ކިޔަމަންވުމެވެ. އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އަމުރުކުރެއްވި ކަންކަން ކޮށް، އަދި ﷲ އާއި އެކަލާނގެ ރަސޫލާ ނަހީކުރެއްވި ކަންކަން ދޫކޮށްލައިގެންނެވެ. އަދި ﷲ އާއި އެކަލާނގެ ރަސޫލާއަށް އީމާންވެގެން، އަދި ޢަމަލުކުރުމުގައި ﷲ އަށް އިޚްލާޞްތެރިވެގެންނެވެ. އެއީ ﷲ ދެކެ އިންތިހާއަށް ލޯބިވުމާއި، އެހެން ހުރިހާ ފަރާތްތައް ދޫކޮށް އެކަލާނގެއަށް އިންތިހާއަށް ނިކަމެތިވެގެންވުމާ އެކުގައިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: (އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށް ކަލޭގެފާނުގެ ވެރި ރައްބު ނިޔާ ކަނޑައަޅުއްވާ އެންގެވިއެވެ...) [އަލްއިސްރާއު: 23] އެބަހީ: އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށް އެކަލާނގެ އަމުރުކުރައްވާ ވަޞިއްޔަތް ކުރެއްވިއެވެ. އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު، ﷲ އަށެވެ. ރަޙްމާނުވަންތަ ރަޙީމްވަންތަ (ނުހަނު ރަޙުމްކުރެއްވުން ބޮޑުވެގެންވާ) އިލާހެވެ. ޤިޔާމަތްދުވަހުގެ ވެރި ރަސްކަލާނގެއެވެ. އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.) [އަލްފާތިޙާ: 2-5] ފަހެ ﷲ ސުބްޙާނަހޫ ވަތަޢާލާ މި އާޔަތްތަކުން ބަޔާންކުރެއްވީ: ހަމައެކަނި އަޅުކަންކުރެވުމަށް، އަދި ހަމައެކަނި އެހީއަށް އެދެވިގެންވުމަށް ޙައްޤުވެގެންވާ ފަރާތަކީ އެކަލާނގެ ކަމުގައިއެވެ. އަދިވެސް އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ. ދަންނާށެވެ! ޚާލިޞްވެގެންވާ ދީންވަނީ ﷲ އަށެވެ...) [އައްޒުމަރު: 2-3] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ފަހެ، ތިޔަބައިމީހުން ދީން ޚާލިޞްކުރާ ޙާލު ﷲ އަށް ދުޢާކުރާށެވެ. ކާފަރުން ކިތަންމެ ނުރުހުނުކަމުގައި ވިޔަސްމެއެވެ.) [ޣާފިރު: 14] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ!) [އަލްޖިންނު: 18] މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. އެ ހުރިހާ އާޔަތްތައްވެސް ދަލީލުކުރަނީ އަޅުކަމުގައި ﷲ އެއްކައުވަންތަކުރުން ވާޖިބުވެގެންވާކަމަށެވެ.
އެނގިގެންވާކަމަކީ: ދުޢާގެ ހުރިހާ ވައްތަރެއްވަނީ އަޅުކަމުގެ ތެރެއިންކަމެވެ. އެހެންކަމުން މީސްތަކުންގެ ތެރެއިން އެކަކުވެސް، އޭނާގެ ވެރި ރައްބަށް މެނުވީ ދުޢާކުރުން، އަދި އެކަލާނގެ ޙަޟްރަތުން މެނުވީ ވާތްގާއި އެހީތެރިކަމަށް އެދުން ހުއްދަވެގެން ނުވެއެވެ. އެއީ މި މާތްވެގެންވާ އާޔަތްތަކާއި، މި މާނައިގައި އައިސްފައިވާ އާޔަތްތަކަށް ޢަމަލުކުރުމުގެ ގޮތުންނެވެ. މިއީ ޙާޟިރުވެ ދިރިހުރި މަޚްލޫޤެއް، އެކަންކަމަށް ކުޅަދާނަވެގެންވާ ޢާދައިގެ ކަންކަމާއި، ޙިއްސީ ސަބަބުތައް ފިޔަވައިއެވެ. ފަހެ އެ ކަންކަމަކީ އަޅުކަމުގެ ތެރޭގައިވާ ކަންކަމެއް ނޫނެވެ. ކިއެއްތަ، އިންސާނާއަށް ކުޅަދާނަވެގެންވާ އާދައިގެ ކަންކަމުގައި، ކުޅަދާނަކަންހުރި ދިރިހުރި އިންސާނެއްގެ ކިބައިން އެހެން އިންސާނަކު އެހީހޯދުން ނައްޞުންނާއި އިޖްމާޢުން ހުއްދަވެގެންވެއެވެ. މިސާލަކަށް: މީހާގެ ދަރިން ނުވަތަ ޚާދިމުގެ ނުވަތަ ކުއްތާގެ ނުވަތަ އެއާ ވައްތަރު އެއްޗެއްގެ ނުބައިކަން ދުރުކުރަންވެގެން އެހެން މީހެއްގެ ކިބައިން އެހީއަށް ނުވަތަ ވާތްގަށް އެދުމެވެ. އަދި މިސާލަކަށް، ކުޅަދާނަކަންހުރި ދިރިހުރި ޙާޟިރުވެހުރި އިންސާނެއް، ނުވަތަ ޙާޟިރުވެ ނެތް މީހެއްގެ ކިބައިންވެސް ސިޓީބިޓީ ލިޔުންފަދަ ޙިއްސީ ސަބަބުތަކެއް މެދުވެރިކޮށްގެން؛ އޭނާގެ ގެ ބިނާކުރުމުގައި، ނުވަތަ ކާރު މަރާމާތުކުރުމުގައި، ނުވަތަ އެއާ އެއްފަދަ ކަންކަމުގައި އެހީއަށް އެދުމެވެ. އަދިވެސް އޭގެ ތެރޭގައި: ޖިހާދުގައާއި، ހަނގުރާމަކުރުމާއި އެފަދަ ކަންކަމުގައި އިންސާނާ އޭނާގެ އެކުވެރިންގެ ކިބައިން ވާގިހޯދުންވެއެވެ. އަދިވެސް މި ބާބުގެ ތެރޭގައި: މޫސާ عليه الصلاة والسلام ގެ ވާހަކައިގައި ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅުވެއެވެ: (....ފަހެ އެކަލޭގެފާނުގެ އަދުއްވުންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުން އެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ...) [އަލްޤަޞަޞް: 15]
ދެންފަހެ މައްޔިތުންނާއި، ޖިންނީންނާއި، މަލާއިކަތުންނާއި، ގަސްގަހާގެއްސާއި، ހިލަހިލައިން ވާތްގަށް އެދުން ދަންނައެވެ! އެކަންވަނީ ބޮޑު ޝިރުކުގެ ތެރެއިންނެވެ. އަދި އެއީ އިހުގެ މުޝްރިކުން އެމީހުންގެ އިލާހުންކަމުގައިވާ: އަލްޢުއްޒާއާއި އައްލާތުއާއި އެހެން ފަރާތްތަކާމެދު ކުރި ކަންތަކުގެ ޖިންސުގެ ކަމެކެވެ. އެފަދައިންމެ، ﷲ މެނުވީ އެކަމަކަށް ކުޅަދުންވަންތަވެގެން ނުވާ ކަންކަމުގައި، ދިރިހުރި މީހުންގެ ތެރެއިން ވަލިއްޔުންކަމުގައި އެމީހުންނާމެދު އިޢުތިޤާދުކުރެވޭ މީހުންގެ ފުށުން ވާތްގާއި އެހީއަށް އެދުންވެސް މީގައި ހިމެނެއެވެ. މިސާލަކަށް: ބަލިމީހުންނަށް ޝިފާދެއްވުމަށާއި، ހިތްތަކަށް ހިދާޔަތް ދެއްކެވުމާއި، ސުވަރުގެ ވެއްދެވުމާއި، ނަރަަކައިން ނަޖާކުރެއްވުމާއި އެއާ ވައްތަރު ކަންކަމެވެ.
އިސްވެދިޔަ އާޔަތްތަކާއި، އަދި އެ މާނައިގައި އައިސްފައިވާ ހުރިހާ އާޔަތްތަކާއި ޙަދީޘްތަކުން ދަލީލުކުރަނީ: ހުރިހާ ކަމެއްގައި ހިތްތައް ﷲ އަށް ކުރިމަތިކުރުވުމާއި، ހަމައެކަނި ﷲ އަށް އަޅުކަން ޚާލިޞްކުރުން ވާޖިބުވެގެންވުމުގެ މައްޗަށެވެ. އެހެނީ އަޅުތަކުން އުފެއްދެވުނީ އެކަމަށެވެ. އަދި -އިސްވެދިޔަ އާޔަތްތަކުގައި ދިޔަ ގޮތަށް- އެމީހުންނަށް އަމުރުކުރެވުނީވެސް އެކަމަށެވެ. އެއީ އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅުގައިވާ ގޮތަށެވެ: (...އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ...) [އައްނިސާއު: 36]. އަދި އެކަލާނގެ ސުބްޙާނަހޫ ގެ މިބަސްފުޅެވެ: (އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...) [އަލްބައްޔިނާ: 5] އަދި މުޢާޛު رضي الله عنه ގެ ޙަދީޘްގައި ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ބަސްފުޅުގައިވާ ގޮތަށެވެ: "އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤުފުޅަކީ: އެމީހުން އެކަލާނގެއަށް އަޅުކަންކޮށް، އަދި އެއްވެސް އެއްޗެއް އެކަލާނގެއާ ޝަރީކުކޮށް ބައިވެރި ނުކުރުމެވެ." އޭގެ ޞައްޙަކަމާމެދު އެއްބަސްވެވިގެންވާ ޙަދީޘެކެވެ. (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.) އަދި އިބްނު މަސްޢޫދު رضي الله عنه ގެ ޙަދީޘްގައި، އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވި ބަސްފުޅެވެ: "ﷲ އަށް ޝަރީކަކު ވާކަމަށް ދަޢުވާކުރާ ޙާލުހުރެ މަރުވެއްޖެ މީހާ ވަންނަހުށީ ނަރަކައަށެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ. އަދި ދެ ޞަޙީޙުގައި، އިބްނު ޢައްބާސް رضي الله عنهما ގެ ޙަދީޘްގައިވެއެވެ. ނަބިއްޔާ ﷺ، މުޢާޛުގެފާނު ޔަމަނަށް ފޮނުއްވިހިނދު އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ތިބާ ތިޔަ ދަނީ ފޮތުގެ އަހުލުވެރި ބައެއްގެ ގާތަށެވެ. ފަހެ ތިބާ އެމީހުންނަށް ގޮވާލާ ފުރަތަމަ ކަމެއްކަމުގައި: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުންކަމުގައި ހަދާހުށިކަމެވެ." އަދި އެހެން ލަފްޡެއްގައި ވެއެވެ: "ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމަށް ތިބާ އެމީހުންނަށް ގޮވާލާށެވެ." އަދި ބުޚާރީގައިވާ އެހެން ރިވާޔަތެއްގައިވެއެވެ: "ފަހެ ތިބާ އެމީހުންނަށް ގޮވާލާ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެމީހުން ﷲ އެއްކައުވަންތަ ކުރުންކަމުގައި ހަދާހުށިކަމެވެ." އަދި ޞަޙީޙު މުސްލިމްގައި، ޠާރިޤު ބްނު އަޝްޔަމު އަލްއަޝްޖަޢީ رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ވެއެވެ: "لَا إِلهَ إِلَّا اللهُ ކިޔާ، އަދި ﷲ ފިޔަވައި އަޅުކަންވެވޭ ފަރާތްތަކަށް ކާފަރުވެއްޖެ މީހާ؛ އޭނާގެ މުދަލާއި ލޭ ޙަރާމްވެއްޖެއެވެ. އަދި އޭނާގެ ޙިސާބު ބެއްލެވުންވަނީ ﷲ -ޖައްލަ ޖަލާލުހޫ- އަށެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.
މި ތައުޙީދަކީ: އިސްލާމްދީނުގެ އަޞްލެވެ. އަދި މިއްލަތުގެ އަސާސެވެ. އަދި އެއީ އެންމެ އިސް ކަންތައް، އަދި އެންމެ މުހިއްމު ފަރުޟެވެ. އަދި އިންސީންނާއި ޖިންނީން އުފެއްދެވުމުގެ ޙިކުމަތެވެ. އަދި ރަސޫލުން ފޮނުއްވުމުގެ ޙިކުމަތްވެސްމެއެވެ. އެއީ އިސްވެދިޔަ އެކަމަށް ދަލީލުކުރާ އާޔަތްތަކުގައިވާ ގޮތަށެވެ. އޭގެ ތެރޭގައި: ﷲ ސުބްޙާނަހޫގެ މި ބަސްފުޅުވެއެވެ: (ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.) [އައްޛާރިޔާތު: 56] އަދިވެސް އެކަމަށްވާ ދަލީލުތަކުގެ ތެރޭގައި: އެކަލާނގެ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅުވެއެވެ: (ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36] އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ: (ހަމަކަށަވަރުން، ތިމަންއިލާހު މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންއިލާހު ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންއިލާހަށް އަޅުކަން ކުރާށެވެ!) [އަލްއަންބިޔާއު: 25] އަދި ނޫޙު، ހޫދު، ޞާލިޙު އަދި ޝުޢައިބު عليهم الصلاة والسلام، އެބޭކަލުންގެ ޤައުމަށް ވިދާޅުވިކަމަށް ﷲ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (...ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އެ އިލާހު ފިޔަވައި އެހެން އިލާހެއް ތިޔަބައިމީހުންނަކަށް ނުވެއެވެ..) [އަލްއަޢުރާފު : 59] އިސްވެދިޔަ ދެ އާޔަތުން އެކަމަށް ދަލީލުކުރި ފަދައިން މިއީ ހުރިހާ ރަސޫލުންގެ ދަޢުވަތެވެ. އަދި ރަސޫލުންގެ ޢަދުއްވުންވެސްވަނީ، އަޅުކަމުގައި ﷲ އެއްކައުވަންތަކުރުމަށާއި، އެކަލާނގެ ފިޔަވައި އަޅުކަންވެވޭ އިލާހުންތައް ދޫކޮށްލުމަށް ރަސޫލުން އެމީހުންނަށް އަމުރުކުރެއްވިކަމަށް އިޢުތިރާފުވެފައިއެވެ. އެއީ ޢާދުބާގައިގެ މީހުންގެ ވާހަކައިގައި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވި ގޮތަށެވެ. އެއީ އެމީހުން ހޫދު عليه الصلاة والسلام އަށް ބުނިކަމަށެވެ: (...ތިބާ އަހަރުމެންގެ ގާތަށް ތިޔަ އައީ، ހަމައެކަނި ﷲ އަށް އަހަރުމެން އަޅުކަން ކުރުމަށާއި، އަހަރުމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި އަހަރުމެން ދޫކޮށްލުމަށް އަމުރުކުރުމަށްހެއްޔެވެ؟...) [އަލްއަޢުރާފު: 70] އަދި އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ، ޤުރައިޝުންނަށް ﷲ އެއްކައުވަންތަކޮށް އަޅުކަންކުރުމަށާއި، އެކަލާނގެ ފިޔަވައި އެމީހުން އަޅުކަން ކުރަމުންދިޔަ މަލާއިކަތުންނާއި، ވަލިއްޔުންނާއި، ބުދުތަކާއި، ގަސްގަހާގެއްސާއި އެނޫން ތަކެތި ދޫކޮށްލުމަށް ގޮވާލެއްވުމުން އެމީހުން ބުނި ކަމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ: (އޭނާ ހުރިހާ އިލާހުން އެއް އިލާހަކަށް ހެދީހެއްޔެވެ؟ ހަމަކަށަވަރުން މިއީ ނުހަނު އަޖާއިބު ވާފަދަ ކަމެއްކަން ކަށަވަރެވެ.) [ޞާދު: 5] އަދިވެސް އެމީހުންނާމެދު ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ﷲ މެނުވީ (އަޅުކަންކުރުން ޙައްޤުވެގެންވާ) އިލާހަކު ނުވާކަމަށް އެ މީހުންނަށް ބުނެވިއްޖެނަމަ އެ މީހުން ބޮޑާވެގަންނަކަމުގައިވިއެވެ. އަދި އެ މީހުން ބުނެއެވެ. ހަމަކަށަވަރުން މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ އިލާހުންތައް ތިމަންމެން ދޫކޮށްލާނެހެއްޔެވެ؟) [އައްޞާއްފާތު: 35-36] މި މާނައިގެ މައްޗަށް ދަލީލުކުރާ އާޔަތްތައް ގިނަވެގެންވެއެވެ.
-ﷲ އަހަރެންނާއި ތިބާއަށް ދީނުގައި ފިޤުހުވެރިވުމާއި، ޢާލަމްތަކުގެ ވެރި ރައްބުގެ ޙައްޤުފުޅު ފެނި ދެނެގަތުމަށް ތައުފީޤުދެއްވާށިއެވެ- އަހަރުމެން މި ބަޔާންކުރި އާޔަތްތަކާއި ޙަދީޘްތަކުން ތިބާއަށް ސާފުވެގެންދާނީ: ތިބާގެ ސުވާލުގައި ތިޔަ ބަޔާންކުރި ދުޢާތަކާއި އެކިކަހަލަ ވާތްގަށް އެދޭ ޢިބާރާތްތަކަކީ، ހުސް ބޮޑު ޝިރުކުގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ތަކެތި ކަމުގައިއެވެ. އެހެނީ އެއީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުމެވެ. އަދި އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ކުޅަދާނަވެގެން ނުވާ ކަންކަމުގައި، މައްޔިތުންނާއި ޣައިބުގައިވާ ފަރާތްތަކުން އެދުމެވެ. އެއީ އެންމެ އިހު އުޅުނު މީހުންގެ ޝިރުކަށްވުރެވެސް ހުތުރުވެގެންވާ ކަމެކެވެ. އެހެނީ އިހުގައި އުޅުނު މީހުން ޝިރުކުކޮށް އުޅުނީ ތަނަވަސްކަމާއި ފަސޭހަ ޙާލުގައިއެވެ. ދެންފަހެ ދަތި އުނދަގޫ ކަންކަން ލައިގަންނަ ޙާލަތުގައި، އެމީހުން ﷲ އަށް އަޅުކަން ޚާލިޞްކުރެއެވެ. އެހެނީ ދަތި އުނދަގޫކަމުން އެމީހުން ސަލާމަތްކޮށްދެއްވަން ކުޅަދުންވަންތަވެގެންވަނީ އެހެން ފަރާތްތައް ދޫކޮށް ހަމައެކަނި އެކަލާނގެ ސުބްޙާނަހޫ ކަން އެމީހުން ދަނެއެވެ. އެއީ އެ މުޝްރިކުންނާ މެދުގައި ﷲ ތަޢާލާ އެކަލާނގެ ބަޔާންވެގެންވާ ފޮތުގައި ވަޙީކުރެއްވި ގޮތަށެވެ: (ފަހެ އެ މީހުން ނަވަށް އަރާ ދުއްވާހިނދު، ދީން ޚާލިސްކޮށްގެން ﷲ އަށް ދުޢާ ކުރެއެވެ. ދެން އެ އިލާހު އެ މީހުން ސަލާމަތް ކުރައްވާ އެއްގަމަށް ގެންނެވުމުން، އެހާރުން އެ މީހުން (އަނެއްކާވެސް އެ އިލާހާ) ޝިރްކު ކުރެއެވެ.) [އަލްޢަންކަބޫތު: 65] އަދިވެސް އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ އެހެން އާޔަތެއްގައި އެމީހުންނާ މުޚާޠަބުކުރައްވާ ވަޙީކުރެއްވިއެވެ: (އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ގެއްލުން (ދަތިޙާލު) ޖެހިއްޖެހިނދަކު، އެކަލާނގެ ފިޔަވައި ތިޔަބައިމީހުން ދުޢާކޮށް ގޮވާ އުޅުނު ފަރާތްތައް ގެއްލިދެއެވެ. ދެންފަހެ އެ އިލާހު ތިޔަބައިމީހުން ސަލާމަތް ކުރައްވާ، އެއްގަމަށް ގެންނަވައިފިހިނދު ތިޔަބައިމީހުން ފުރަގަސްދެއެވެ. އިންސާނާ ވަނީ (ނިޢުމަތަށް) ކުފުރުވުން ބޮޑު މީހެއްކަމުގައިއެވެ.) [އަލްއިސްރާއު: 67]
ދެންފަހެ ފަހުޒަމާނުގެ މުޝްރިކުންގެ ތެރެއިން މީހަކު މިހެން ބުނެފިނަމަ: "އަހަރުމެން އެ ފަރާތްތައް އަމިއްލައަށް ފައިދާ ކޮށްދޭކަމަށް، އަދި އަމިއްލައަށް އަހަރުމެންގެ ބަލިމީހުންނަށް ޝިފާދޭކަމަށް، ނުވަތަ އަމިއްލަ ނަފްސުތަކުން ފައިދާދީ ނުވަތަ ގެއްލުންދޭ ކަމަށް ޤަޞްދެއް ނުކުރަމެވެ. އެކަމަކު އަހަރުމެން ޤަޞްދުކުރާކަން ކަށަވަރީ އެކަންކަމުގައި އެ ފަރާތްތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަފާޢަތްތެރިވުމެވެ."
ފަހެ މީގެ ޖަވާބަކީ މިހެން ބުނެވުމެވެ: ކުރިން އުޅުނު ކާފަރުންގެ މަޤްޞަދަކީ އަދި މުރާދަކީވެސް ހަމަ މިއެވެ. އެމީހުންގެ މުރާދަކީ އެމީހުންގެ އިލާހުންތައް ތަކެތި އުފައްދަވާ ނުވަތަ ރިޒްޤުދެއްވާ، ނުވަތަ އަމިއްލައަށް ފައިދާ ނުވަތަ ގެއްލުން ދިނުން ކަމުގައިއެއް ނުވެއެވެ. ފަހެ އެމީހުންނާމެދު ﷲ ޤުރްއާނުގައި އަންގަވާފައިވާ އާޔަތްތަކުން އެކަން ބާޠިލުވެއެވެ. އެމީހުންވެސް އެދުނީ އެ ފަރާތްތަކުގެ ޝަފާޢަތާއި ޖާހެވެ. އަދި ﷲ އާ ކުއްތަންވެގެންވާ މަޤާމަކަށް އެމީހުން ގާތްކޮށްދިނުމަށެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: (އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެތެވެ. މި ފަރާތްތަކަކީ ﷲ ގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ފަރާތްތަކެކެވެ...) [ޔޫނުސް: 18] ދެން ﷲ ގެ މިބަސްފުޅުން އެމީހުންނަށް ރައްދުދެއްވިއެވެ: (...ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކުގައިވެސް، އަދި ބިމުގައިވެސް اللَّه ދެނެވޮޑިގެންނުވާ ކަމެއްގެ ވާހަކައިން ތިޔަބައިމީހުން އެކަލާނގެއަށް ޚަބަރުދެނީހެއްޔެވެ؟ އެއުރެން އެ ޝަރީކުކުރާ ތަކެތިން އެކަލާނގެ ހުސްޠާހިރުވެ މަތިވެރިވެވޮޑިގެންވެއެވެ.) [ޔޫނުސް: 18] ފަހެ އެކަލާނގެ ބަޔާންކުރައްވާފައި އެވަނީ: މުޝްރިކުން އެ ޤަޞްދުކުރާ ގޮތަށް އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ ފަރާތެއް އުޑުތަކުގައިވެސް އަދި ބިމުގައިވެސް ވާކަން އެކަލާނގެ ދެނެވޮޑިގެންނުވާކަމަށެވެ. އަދި އެ އެއްޗެއް ވުޖޫދުވެގެންވާކަން ﷲ ދެނެވޮޑިގެން ނުވާ އެއްޗެއް އެއީ ވުޖޫދުގައިވާ އެއްޗެއް ނޫނެވެ. އެހެނީ އެކަލާނގެ ސުބްޙާނަހޫ އަށް އެއްވެސް އެއްޗެއް ފޮރުވި ވަންހަނާވެގެން ނުވެއެވެ. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ފޮތް ބާވައިލެއްވުނީ ޢަޒީޒުވަންތަ ޙަކީމްވަންތަ ﷲ ގެ ޙަޟްރަތުންނެވެ. ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީ ޙައްޤު ގޮތުގައިއެވެ. ފަހެ ﷲ އަށް ދީން ޚާލިސްކުރާ ހާލު، ކަލޭގެފާނު އެ އިލާހަށް އަޅުކަން ކުރައްވާށެވެ. ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް ނެގި މީހުން (ބުންޏެވެ:) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 1-3]
މިތަނުގައި ދީނުގެ މާނައަކީ: އަޅުކަމެވެ. އެއީ: އިސްވެދިޔަ ގޮތަށް؛ ﷲ އަށް ކިޔަމަންވުމާއި، އެކަލާނގެ ރަސޫލާ ﷺ އަށް ކިޔަމަންވުމެވެ. އަދި އޭގެ ތެރެއަށް: ދުޢާކުރުމާއި، ވާތްގަށް އެދުމާއި، ބިރުވެތިވުމާއި (ރަޙްމަތަށް) އުންމީދުކުރުމާއި، ޤުރުބާންކޮށް ކަތިލުމާއި، ނަދުރު ބުނުންވެސް ވަދެއެވެ. އެއީ ނަމާދާއި، ރޯދައާއި އެނޫންވެސް ﷲ އާއި އެކަލާނގެ ރަސޫލާ އަމުރުކުރެއްވި ކަންކަން އޭގެ ތެރެއަށް ވަންނަ ގޮތަށެވެ. އެހެންކަމުން އެކަލާނގެ ސުބްޙާނަހޫ ބަޔާންކުރައްވާފައި އެވަނީ: އަޅުކަންވަނީ ހަމައެކަނި އެކަލާނގެއަށް ކަމުގައިއެވެ. އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- އަށް އަޅުކަން ޚާލިޞްކުރުން އަޅުތަކުންގެ މައްޗަށް ވާޖިބުވެގެންވާ ކަމުގައިއެވެ. އެހެނީ އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމަށް އެކަލާނގެ ނަބިއްޔާ ﷺ އަށް ކުރެއްވި އަމުރަކީ: މި އުއްމަތުގެ ހުރިހާ ދަރިންނަށްވެސްވާ އަމުރުފުޅެކެވެ.
ދެން އެއަށްފަހުގައި ﷲ ޢައްޒަ ވަޖައްލަ ކާފަރުންގެ ކަންކަން ބަޔާންކުރައްވާ ވަޙީކުރެއްވިއެވެ: (އެކަލާނގެ ފިޔަވައި ވާގިދޭ ވަލީވެރިންތަކެއް ނެގި މީހުން (ބުނެއެވެ.) ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ފަރާތްތަކަށް އަޅުކަމެއް ނުކުރަމުއެވެ...) [އައްޒުމަރު: 3] ދެން ﷲ ސުބްޙާނަހޫގެ މި ބަސްފުޅުން އެމީހުންގެ މައްޗަށް ރައްދުދެއްވިއެވެ: (...ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭ ކަންތަކާމެދު ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 3] ފަހެ ﷲ ސުބްޙާނަހޫ، މި މާތް އާޔަތުގައި ޚަބަރުދެއްވާފައި އެވަނީ: ﷲ ގެ ޙަޟްރަތަށް ކުއްތަންކޮށްދިނުމަށް އެދިގެން މެނުވީ ކާފަރުންވެސް އެ ވަލިއްޔުންތަކަށް އަޅުކަން ނުކުރާ ކަމުގައިއެވެ. މިއީ އިހާއި ފަހުގެވެސް ކާފަރުންގެ މަޤްޞަދެވެ. ﷲ ތަޢާލާވަނީ އެކަލާނގެ މި ބަސްފުޅުން އެކަން ބާޠިލުކުރައްވާފައިއެވެ: (...ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭ ކަންތަކާމެދު ﷲ، އެ މީހުންގެ މެދުގައި ޙުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފަރުވުން ބޮޑު މީހަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އައްޒުމަރު: 3] ފަހެ، އެމީހުންގެ އިލާހުންތައް އެމީހުން ﷲ އާ ކުއްތަންކޮށްދޭކަމަށް ކުރި ދަޢުވާގެ ދޮގުކަމާއި، އަދި އެ ފަރާތްތަކަށް އަޅުކަން އަނބުރާލުމުން އެމީހުން ކާފަރުވެގެންވާކަން ﷲ ސުބްޙާނަހޫ އެވަނީ ސާފުކޮށް ބަޔާންކުރައްވާފައިއެވެ. ހެޔޮނުބައި ކިރިޔާވެސް ވަކިވާ މީހަކަށް އެއިން އެނގިގެންދާނީ: އިހު އުޅުނު ކާފަރުންގެ ކާފަރުކަންވެސްވީ؛ ނަބިއްޔުންނާއި ވަލިއްޔުންނާއި، ގަސްގަހާގެއްސާއި، ހިލަތަކާއި އެނޫންވެސް މަޚްލޫޤުން އެއީ ﷲ އާއި އެމީހުންނާ ދޭތެރޭ ޝަފާޢަތްތެރިވާ ބައެއްގެ ގޮތުގައި ނެގުމުން ކަމުގައިއެވެ. އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާގެ އިޛްނަފުޅާއި ރުއްސެވުމާއި ނުލައި އެ ފަރާތްތައް އެމީހުންގެ ޙާޖަތްތައް ފުއްދައިދޭކަމަށް އެމީހުން ޤަބޫލުކުރުމުންނެވެ. އެއީ ވަޒީރުން، ރަސްރަސްކަލުންގެ ގާތުގައި ޝަފާޢަތްތެރިވާ ގޮތަށެވެ. ފަހެ އެމީހުން އެކަލާނގެ -ޖައްލަ ޖަލާލުހޫ- ރަސްރަސްކަލުންނާއި ޒަޢީމުންގެ މައްޗަށް އަޅާކިޔާ ޤިޔާސްކުރިއެވެ. އަދި އެމީހުން ބުންޏެވެ: ރަސްކަލެއް އަދި ޒަޢީމެއްގެ ގާތަށް ޙާޖަތެއް ދަންނަވަން ބޭނުންވާ މީހާ؛ އެ ރަސްކަލެއްގެ ޚާއްޞަ އަރިސް މީހުންނާއި ވަޒީރުންގެ ޝަފާޢަތް ހޯދާ ގޮތަށް، އަހަރުމެންވެސް ﷲ ގެ ނަބިއްޔުންނާއި ވަލީވެރިންނަށް އަޅުކަންކޮށްގެން އެކަލާނގެއާ ކުއްތަންވާނީއެވެ. މިއީ އެންމެ ބޮޑު އެއް ބާޠިލު ކަންތަކެވެ. އެހެނީ އެކަލާނގެ ސުބްޙާނަހޫ އާ އެއްފަދަ އެއްޗެއް ނުވެއެވެ. އަދި އެކަލާނގެ ޚަލްޤުތަކުންނާ އެކަލާނގެ އަޅާކިޔާ ޤިޔާސް ނުކުރެވޭނެއެވެ. އަދި ޝަފާޢަތްތެރިވުމަށް އެކަލާނގެ ހުއްދަދެއްވާފައިވާ ފަރާތެއް މެނުވީ އެކަކުވެސް އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރި ނުވެވެއެވެ. އަދި ތައުޙީދުގެ އަހުލުވެރިންނަށް މެނުވީ އެކަލާނގެ އިޛްނަ ނުދެއްވައެވެ. އަދި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެގެންވެއެވެ. އަދި ކޮންމެ އެއްޗެއް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެއީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙުމްކުރެއްވުން ބޮޑު ފަރާތެވެ. އެއްވެސް ފަރާތެއްދެކެ އެކަލާނގެ ބިރުފުޅުވެތިނުލައްވައެވެ. އެހެނީ އެކަލާނގެ ސުބްޙާނަހޫ އެއީ އެކަލާނގެ އަޅުތަކުންގެ މަތީގައި، ގަދަވެވޮޑިގެންވާ، އަދި އެކަލާނގެ އެދިވޮޑިގެންނެވި ގޮތަކަށް އެމީހުންނާ މެދުގައި ކަންތައް ކުރައްވާ އިލާހެވެ. އެއީ ރަސްރަސްކަލުންނާއި ޒަޢީމުންނާ ޚިލާފަށެވެ. އެހެނީ އެމީހުންނީ ކޮންމެ ކަމެއްކުރަން ކުޅަދާނަ ބައެއް ނޫނެވެ. އެހެންވެގެން އެމީހުން ނުކުޅެދޭ ކަންތައް ކުރަން އެމީހުންނަށް އެހީވެދޭނެ، ވަޒީރުންނާއި، އަރިސް މީހުންނާއި، ސިފައިންނަށް ޙާޖަތް ޖެހެއެވެ. ހަމައެފަދައިން އެމީހަކު ޙާޖަތްޖެހިގެން ވާކަން އެމީހުންނަށް ނޭނގޭ މީހުންގެ ޚަބަރު އެމީހުންނަށް ފޯރުކޮށްދޭނެ މީހުންނަށްވެސް ބޭނުންޖެހެއެވެ. އަދި ވަޒީރުންނާއި އަރިސްމީހުންގެ ތެރެއިން، އެ ރަސްރަސްކަލުންނާއި ޒަޢީމުންގެ ހަމްދަރުދީވުމާއި ރުހުން ހޯދާނޭ މީހުންވެސް ބޭނުންވެއެވެ. އަނެއްކޮޅުން ރައްބު ޢައްޒަ ވަޖައްލައަށް ބަލާއިރު، ފަހެ އެކަލާނގެ ސުބްޙާނަހޫއީ އެކަލާނގެ ހުރިހާ ޚަލްޤުތަކުންނާ ނުލާ ފުދިވޮޑިގެންވާ އިލާހެވެ. އަދި އެމީހުންގެ މައިންނަށް ވުރެވެސް ބޮޑަށް އެކަލާނގެ އެމީހުންނަށް ރަޙުމްކުރައްވައެވެ. އަދި އެކަލާނގެއީ ޢަދުލުވެރިވެވޮޑިގެންވާ ޙުކުމްކުރައްވާ އިލާހެވެ. އެކަލާނގެ ޙިކްމަތްފުޅާއި، ޢިލްމުފުޅާއި، ކުޅަދުންވަންތަކަން ނިޔާކުރާ ގޮތަށް ތަކެތި އޭގެ (ޙައްޤު މުނާސަބު) މަޤާމުތަކަށް އެކަލާނގެ ލައްވައެވެ. އެހެންކަމުން އެއްވެސް ގޮތަކުން އެކަލާނގެ ޚަލްޤުތަކުންނާ އެކަލާނގެ ޤިޔާސްކޮށް އަޅާކިޔުން ހުއްދަވެގެން ނުވެއެވެ. މިހެންވެ އެކަލާނގެ ސުބްޙާނަހޫ އެކަލާނގެ ފޮތުގައި ޞަރީޙަކޮށް ބަޔާންކުރައްވާފައި ވަނީ: އެކަލާނގެއީ ޚަލްޤުކުރައްވާ، ރިޒްޤުދެއްވާ، ތަދްބީރުކޮށް ހިންގަވާ ފަރާތްކަމާއި، އަދި އެކަލާނގެ ދަތި ޙާލުގައި ޖެހިފައިވާ މީހާއަށް އިޖާބަދެއްވާކަމާއި، ނުބައިކަން ކަޝްފުކުރައްވާ، ދިރުއްވާ އަދި މަރުގަންނަވާކަމާއި، އަދި އެނޫންވެސް އެކަލާނގެ ސުބްޙާނަހޫ ކުރައްވާ މިފަދަ ކަންކަމަށް މުޝްރިކުން އިޤުރާރުވިކަމުގައިއެވެ. އަދި މުޝްރިކުންނާއި ރަސޫލުންނާ ދެމެދު ދެބަސްވުމާއި ޚިލާފުވުން އޮތީ އަޅުކަން ހަމައެކަނި ﷲ އަށް ޚާލިޞްކުރުމުގައިއެވެ. އެއީ އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވި ގޮތަށެވެ: (އެއުރެން ހެއްދެވީ ކާކުތޯ، އެއުރެންނާ ކަލޭގެފާނު ސުވާލުކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. اللَّه އެވެ...) [އައްޒުޚްރުފު: 87] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ: އުޑުންނާއި ބިމުން ތިޔަބައިމީހުންނަށް ރިޒްޤު ދެއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކޮން ފަރާތަކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ފަހެ އެ މީހުން ބުނާނެއެވެ: ﷲ އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ: ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަޤުވާވެރި ނުވާނަންހެއްޔެވެ؟) [ޔޫނުސް: 31] މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.
ރަސޫލުންނާއި އުއްމަތްތަކާ ދެމެދު ދެބަސްވުމާއި ޚިލާފު އޮތްކަން ކަށަވަރީ ﷲ އަށް އެކަނި އަޅުކަން ޚާލިޞްކުރުމާ މެދުގައިކަމަށް ދަލީލުކުރާ އާޔަތްތައް އިސްވެ ބަޔާންވެއްޖެއެވެ. އެއީ އެކަލާނގެ ސުބްޙާނަހޫގެ މި ބަސްފުޅުފަދައިންނެވެ: (ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. އެއީ، ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރުމަށާއި، ޠާޣޫތުންނާ އެއްކިބާވުމަށް އެންގެވުމަށެވެ...) [އައްނަޙްލު: 36] އަދިވެސް އެ މާނައިގައި އައިސްފައިވާ އާޔަތްތަކެވެ. އަދި އެކަލާނގެ ސުބްޙާނަހޫގެ މާތްވެގެންވާ ފޮތުގެ އެތައް ތަނެއްގައި ޝަފާޢަތުގެ ވާހަކަ ބަޔާންކުރެއްވިއެވެ. އެގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ: (...އެއިލާހުގެ އިޛުނަފުޅާ ނުލާ އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވެވޭނީ ކޮން ފަރާތަކަށް ހެއްޔެވެ!..) [އަލްބަޤަރާ: 255] އަދިވެސް އެކަލާނގެ ޢައްޒަ ވަޖައްލަ ވަޙީކުރެއްވިއެވެ: (އަދި ﷲ އިރާދަކުރައްވާ މީހަކަށް އެ އިލާހުގެ އިޛްނަ ދެއްވާ ރުހިވޮޑިގަތުމަށް ފަހުގައި މެނުވީ، އެ މީހުންގެ ޝަފާޢަތުން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް މަލާއިކަތުން އުޑުތަކުގައި ވޭހެއްޔެވެ؟) [އައްނަޖްމު: 26].
އަދިވެސް މަލާއިކަތުން ޞިފަކުރައްވާ އެކަލާނގެ ވަޙީކުރެއްވިއެވެ: (...އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން ޝަފާޢަތްތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުން ތިއްބަވާނީ، އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ.) [އަލްއަންބިޔާއު: 28]
އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ޚަބަރުދެއްވާފައިވަނީ، އެކަލާނގެ އަޅުތަކުންގެ ކިބައިން ކުފުރަށް އެކަލާނގެ ނުރުއްސަވާކަމެވެ. އެކަލާނގެ އެމީހުންގެ ފުށުން ރުއްސަވާކަން ކަށަވަރީ ޝުކުރުވެރިވެގެންވުމަށެވެ. އަދި ޝުކުރުވެރިވުމަކީ: އެކަލާނގެ އެއްކައުވަންތަކޮށް، އަދި އެކަލާނގެ އަށް ކިޔަމަންތެރިވެގެން ޢަމަލުކުރުމެވެ. އެގޮތުން އެކަލާނގެ ތަޢާލާ ވަޙީކުރެއްވިއެވެ: (ތިޔަބައިމީހުން ކާފަރު ވާނަމަ، ފަހެ ﷲ އީ، ތިޔަބައިމީހުންނާ ނުލައި، ފުދިވޮޑިގެންވާ އިލާހެވެ. އަދި އެ އިލާހުގެ އަޅުންނަށް ކާފަރުކަމަށް އެ އިލާހު ނުރުއްސަވައެވެ. އަދި ތިޔަބައިމީހުން ޝުކުރުކުރާނަމަ، އެ އިލާހު އެ ކަމަށް ތިޔަބައިމީހުންނަށް ރުހިވޮޑިގެންވެއެވެ...) [އައްޒުމަރު: 7]
އަދި އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އަބޫ ހުރައިރާ رضي الله عنه ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ ޝަފާޢަތުން އެންމެ ބާއްޖަވެރިވެގެންވާ މީހަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެމީހެއްގެ ހިތުން އިޚްލާޞްތެރިވެގެން لَا إِلَهَ إِلَّا اللهُ ކިޔައިފި މީހާއެވެ." ނުވަތަ ޙަދީޘްކުރެއްވިއެވެ: "އެމީހެއްގެ ނަފްސުން (އިޚްލާޞްތެރިވެގެންވާ ޙާލު)..."
އަދިވެސް ޞަޙީޙުގައި އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ: "ކޮންެމެ ނަބިއްޔަކަށް އިޖާބަވެވިގެންވާ ދުޢާއެއް ލިބިގެންވެއެވެ. ދެންފަހެ ކޮންމެ ނަބިއްޔަކު، އެ ނަބިއްޔަކަށް ލިބިގެންވާ ދުޢާއާއިގެން އަވަސްވެލެއްވިއެވެ. އަދި ތިމަންކަލޭގެފާނުގެ ދުޢާ، ޤިޔާމަތްދުވަހު ތިމަންކަލޭގެފާނުގެ އުއްމަތަށް ހުރި ޝަފާޢަތެއްގެ ގޮތުގައި ފަހަށް ރައްކާކުރެއްވީމެވެ. ފަހެ ތިމަންކަލޭގެފާނުގެ އުއްމަތުން، ﷲ އާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާ ޙާލު މަރުވެއްޖެ މީހަކަށް އެ ޝަފާޢަތް إن شاء الله ލިބޭހުއްޓެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.
އަހަރުމެން މި ނަންގަތް ހުރިހާ އާޔަތްތަކާއި ޙަދީޘްތައް ދަލީލުކުރަނީ: އަޅުކަމަކީ ހަމައެކަނި ﷲ ގެ ޙައްޤުފުޅެއް ކަމުގައިއެވެ. އަދި އެއިން އެއްވެސް ކަމެއް ﷲ ފިޔަވައި އެހެން ފަރާތަކަށް، ނަބިއްޔުންނަށްވެސް އެނޫން ބަޔަކަށްވިޔަސް އަނބުރާލުން ހުއްދަވެގެން ނުވާކަމެވެ. އަދި ޝަފާޢަތަކީ އެކަލާނގެ -ޖައްލަ ޖަލާލުހޫ-ގެ މިލްކެއްކަމެވެ. އެއީ އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވި ފަދައިންނެވެ: (ކަލޭގެފާނު ވިދާޅުވާށެވެ. ޝަފާޢަތްތެރިވުން އެކުއެކީ ވަނީ ﷲ އަށެވެ...) [އައްޒުމަރު: 44] އަދި ޝަފާޢަތްތެރިވާ މީހާއަށް އެކަލާނގެ އިޛްނަދެއްވާ، އަދި ޝަފާޢަތްތެރިވެވޭ މީހާއަށް އެކަލާނގެ ރުއްސެވުމަށްފަހު މެނުވީ އެއްވެސް މީހަކަށް ޝަފާޢަތް ޙައްޤުވެގެން ނުވެއެވެ. އަދި އިސްވެދިޔަ ގޮތަށް، ތައުޙީދަށް މެނުވީ އެކަލާނގެ ސުބްޙާނަހޫ ނުރުއްސަވައެވެ. އެކަމުގެ މައްޗަށް ބިނާކޮށް: ފަހެ މުޝްރިކުންނަށް ޝަފާޢަތުން އެއްވެސް ނަޞީބެއް ނުވެއެވެ. ﷲ ތަޢާލާގެ މި ބަސްފުޅުގައި އެކަން ސާފުކޮށްދެއްވިއެވެ: (ފަހެ ޝަފާޢަތްތެރިވާ މީހުންގެ ޝަފާޢަތަކުން، އެ މީހުންނަށް މަންފާއެއް ނުކުރާނެތެވެ.) [އަލްމުއްދައްޘިރު: 48] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (...(އެ ދުވަހުން) އަނިޔާވެރިންނަކަށް ރަޙުމަތްތެރިޔަކު އަދި ކިޔަމަންވެވޭނެ ޝަފާޢަތްތެރިޔަކުވެސް ނުވެއެވެ.) [ޣާފިރު: 18]
އެނގިގެންވާކަމަކީ: އަނިޔާވެރިކަން މުޠުލަޤުކޮށް އައިސްފިނަމަ އެއީ ﷲ އާ ޝިރުކު ކުރުމެވެ. އެއީ އެކަލާނގެ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: (...އަދި ކާފަރުންނީ ހަމަ އަނިޔާވެރިންނެވެ.) [އަލްބަޤަރާ: 254] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (...ހަމަކަށަވަރުން ޝިރުކަކީ ބޮޑުވެގެންވާ އަނިޔާއެކެވެ.) [ލުޤްމާނު: 13]
ދެންފަހެ ތިބާގެ ސުވާލުގައި ނަންގަތް ކަންތައް ކަމުގައިވާ: ބައެއް ޞޫފީން މިސްކިތްތަކާއި އެހެން ތަންތާގައި: اللهم صل على من جعلته سببًا لانشقاق أسرارك الجبروتية، وانفلاقًا لأنوارك الرحمانية، فصار نائبًا عن الحضرة الربانية، وخليفة أسرارك الذاتية (އޭ ﷲ އެވެ! އިބައިލާހުގެ ޖަބަރޫތީ ސިއްރުތައް ފަޅައިގެން ދިޔުމަށް، އަދި އިބައިލާހުގެ ރަޙުމާނީ ނޫރުތައް ފަޅައިގެން ދިޔުމަށް ސަބަބެއްކަމުގައި އިބަ އިލާހު ލައްވާ، ދެން އިބައިލާހުގެ ރައްބާނީ ޙަޟްރަތުންވާ ނައިބެއްކަމުގައި، އަދި އިބައިލާހުގެ ޒާތީ ސިއްރުފުޅުތަކުގެ ޚަލީފާއެއްކަމުގައި ލެއްވި ފަރާތަށް ޞަލަވާތް ލައްވާށިއެވެ.) މިހެން ކިޔުމާމެދު ދަންނައެވެ:
ފަހެ ޖަވާބަކީ: މި ބަސްތަކާއި މިއާ ވައްތަރު ތަކެއްޗަކީ: އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ އެކަމަކާމެދު އިންޛާރުދެއްވާފައިވާ: ގަދަކަމުން ތަކްލީފުޖެހިގެން އުޅުމާއި ޙައްދުފަހަނައަޅާ ދިޔުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެއީ މުސްލިމްގެ ޞަޙީޙުގައި، ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާކުރެއްވި ބަސްފުޅުގައިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ޙައްދުފަހަނައަޅައިގެން، (ބަހާއި ޢަމަލުގައި) މާ މަތިވެގެންނަން އުޅޭ މީހުން ހަލާކުވެއްޖެއެވެ." ތިންފަހަރު އެހެން ޙަދީޘްކުރެއްވިއެވެ.
އިމާމް ޚައްޠާބީ رحمه الله ވިދާޅުވިއެވެ: المتنطع 'މުތަނައްޠިޢު' އަކީ: އެއީ އެމީހުންނަށް މުހިއްމުކަމެއް ނެތް އަދި ޤަޞްދު ނުކުރެވޭ ކަންތަކުގެ ތެރެއަށް ވަދެގަނެ، އެމީހުންގެ ބުއްދިތައް އެއަށް ނުފޯރާ ކަންތަކުގައި ވާހަކަތައް ދައްކާ އުޅޭ ކަލާމްގެ އަހުލުވެރިންގެ މަޛްހަބުުތަކުގެ މަތީގައި؛ ކަމެއްގައި މާ ފުނަށްގޮސް، އެ ހޯދަން ގަދަކަމުން އުޅޭ މީހާއެވެ.
އަބުއް ސަޢާދާތު އިބްނުލް އަޘީރު ވިދާޅުވިއެވެ: "އެއީ ވާހަކައިގައި މާ ފުނަށްގޮސް، މާ މަތިވެގަންނަން އުޅޭ، ކަރުގެ އެންމެ އެތެރެއިން ވާހަކަދައްކާ މީހުންނެވެ. އެ ބަސް ނެގިފައިވަނީ: 'އައްނަޠްޢު' އިންނެވެ. އެއީ އަނގައިގެ އެންމެ މަތީގައިވާ އަޑިގަނޑެވެ. ދެން އެއަށްފަހު ބަހާއި ޢަމަލުގައި މާ ފުނަށް ދާން އުޅޭ ކޮންމެ މީހަކަށްވެސް އެ ބަސް ބޭނުން ކުރެވުނެވެ."
ބަހުގެ އިމާމުންގެ ތެރެއިންވާ މި ދެ އިމާމުން ޛިކުރުކުރެއްވި ކަންތަކުން ތިބާއަށާއި އަދި ބަޞީރަތެއް ކިރިޔާވެސް ހުރި މީހަކަށް ސާފުވެގެންދާނީ: އަހަރުމެންގެ ނަބިއްޔާ އަދި ސާހިބާ: ﷲ ގެ ރަސޫލާ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް ދުޢާކުރުމުގައިވާ މި ގޮތްގަނޑަކީ: ނަހީވެގެންވާ ގޮތަށް ގަދަކަމުން ތަކުލީފުޖެހިގެން، މާ ފުނަށް ޙައްދުފަހަނައަޅައިގެން ދިޔުމުގެ ތެރެއިންވާ ކަމެއް ކަމެވެ. މި ބާބުގައި މުސްލިމް މީހާއަށް ޝަރުޢުވެގެންވަނީ: ﷲ ގެ ރަސޫލާ ﷺ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުމުގައި އެކަލޭގެފާނުގެ އަރިހުން ޘާބިތުވެގެންވާ ކައިފިއްޔަތުގައި ހިފުމަށް ސަމާލުވެ ފަރުވާތެރިވުމެވެ. އޭގައި އެހެން ގޮތްތަކަށް ނުގޮސް ފުދުންތެރިކަންވެއެވެ.
އޭގެ ތެރޭގައި: އަލްބުޚާރީ އާއި މުސްލިމްގެ ދެ ޞަޙީޙުގައި، ކަޢުބު ބްނު ޢުޖްރާ رضي الله عنه ގެ އަރިހުން ރިވާކުރެއްވި ބަސްފުޅުވެއެވެ: އެއީ ޞަޙާބީން رضي الله عنهم ދެންނެވިކަމަށެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ﷲ ވަނީ އަހަރުމެންނަށް އަމުރުކުރައްވާފައިއެވެ. ފަހެ އަހަރުމެން ކަލޭގެފާނަށް ޞަލަވާތް ކިޔަވާނީ ކިހިނެއްތޯއެވެ؟" ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ކިޔާށެވެ: «اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إبراهيم، وعلى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إبراهيم، وعلى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ». (އޭ ﷲ! މުޙައްމަދުގެފާނު މައްޗަށާއި އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމުގެފާނަށާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ. އަދި މުޙައްމަދުގެފާނު މައްޗަށާއި، އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ.)
އަދިވެސް ދެ ޞަޙީޙުގައި، އަބޫ ޙުމައިދު އައްސާޢިދީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އަހަރުމެން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާނީ ކިހިނެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ކިޔާށެވެ: «اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ إِبرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ إِبرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ». (އޭ ﷲ އެވެ! މުޙައްމަދުގެފާނު މައްޗަށާއި، އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. އަދި މުޙައްމަދުގެފާނު މައްޗަށާއި، އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ.)
އަދި ޞަޙީޙު މުސްލިމްގައި، އަބޫ މަސްޢޫދު އަލްއަންޞާރީ رضي الله عنه ވިދާޅުވިކަމަށް އައިސްފައިވެއެވެ: ބަޝީރު ބްނު ސަޢުދު ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ﷲ ވަނީ އަހަރުމެންނަށް އަމުރުކުރައްވާފައިއެވެ. ފަހެ އަހަރުމެން ކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާނީ ކިހިނެއްތޯއެވެ؟" އެހިނދު އެކަލޭގެފާނު ހަނުހުންނެވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ކިޔާށެވެ: «اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ؛ كَمَا صَلَّيْتَ عَلَى آلِ إِبرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ؛ كَمَا بَارَكْتَ عَلَى آلِ إِبرَاهِيمَ فِي العَالَمِينَ، إِنَّكَ حَمِيدٌ مَجِيدٌ». (އޭ ﷲ އެވެ! މުޙައްމަދުގެފާނު މައްޗަށާއި އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. އަދި މުޙައްމަދުގެފާނު މައްޗަށާއި، އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އެއީ ޢާލަމްތަކުގެ ތެރޭގައި އިބައިލާހު އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަ އިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ.) އަދި ސަލާމްލެއްވުން އެދި ދެންނެވުންވަނީ ތިޔަބައިމީހުންނަށް އެނގިގެންވާ ގޮތަށެވެ."
މި ލަފްޒުތަކާއި، މިއާ ވައްތަރު ލަފްޒުތަކާއި، އަދި އެނޫންވެސް ނަބިއްޔާ ﷺގެ އަރިހުން ޘާބިތުވެގެންވާ ލަފްޒުތަކަކީ: މުސްލިމްއަޅާ ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރުމުގައި ބޭނުންކުރަން ޖެހޭނެ ލަފްޒުތަކެވެ. އެހެނީ ރަސޫލާ ﷺ ޙައްޤުފުޅުގައި ބޭނުންކުރެވުން ލާއިޤުވެ އެކަށޭނެ ބަސްތައް އެންމެ ބޮޑަށް ދެނެވަޑައިގަންނަވަނީ އެކަލޭގެފާނެވެ. އެފަދައިންމެ، އެކަލޭގެފާނުގެ ވެރި ރައްބުގެ ޙައްޤުފުޅުގައި ބޭނުންކުރެވޭނެ ލަފްޒުތައްވެސް މީސްތަކުންގެ ތެރެއިން އެންމެ ބޮޑަށް ދެނެވަޑައިގަންނަވަނީ އެކަލޭގެފާނެވެ.
ދެންފަހެ ގަދަކަމުން ގެނެސްފައިވާ އަދި އަލަށް އުފައްދާފައިވާ ލަފްޒުތަކާއި، ޞައްޙަ ނޫން މާނައެއް އެއިން ނެގުމުގެ ފުރުސަތު އޮންނަ ލަފްޒުތައް -މިސާލަކަށް ސުވާލުގައި ޛިކުރުކުރެވިގެންވާފަދަ ލަފްޒުތައް- ފަހެ އެ ލަފްޒުތައް ބޭނުންކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ އޭގައި ގަދަކަމުން ތަކްލީފު ޖެހިގެންވުން ވާތީއެވެ. އަދި އެއީ ބާޠިލު މާނަތަކުން ތަފްސީރު ކުރެވިދާނޭ ލަފްޒުތަކަކަށް ވާތީއެވެ. އެއީ ﷲ ގެ ރަސޫލާ ﷺ އިޚްތިޔާރުކުރައްވާ، އަދި އެކަލޭގެފާނުގެ އުއްމަތަށް އެއަށް އިރުޝާދުދެއްވި ލަފްޒުތަކާ އެލަފްޒުތައް ޚިލާފުވުމާވެސް އެކުގައިއެވެ. ޚަލްޤުތަކުންގެ ތެރެއިން އެންމެ ބޮޑަށް ދެނެވަޑައިގެންވާ، އަދި އެންމެ ނަޞޭޙަތްތެރި، އަދި ތަކްލީފުން އުޅުމުން އެންމެ ދުރުވެގެންވާ ބޭކަލަކީ އެކަލޭގެފާނެވެ. އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން އެންމެ ހެޔޮވެގެންވާ ޞަލަވާތާއި ސަލާމް އެކަލޭގެފާނަށް ހުއްޓެވެ.
މިއެވެ. ތައުޙީދުގެ ހަޤީޤަތާއި، ޝިރުކުގެ ޙަޤީޤަތް ބަޔާންކުރުމުގައި، އަދި އިހުގެ މުޝްރިކުންނާއި، ފަހުގެ މުޝްރިކުން މި ބާބުގައި ތިބި ގޮތުގެ ތަފާތާއި، އަދި ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ޝަރުޢުވެގެންވާ ޞަލަވާތް ކިޔެވުމުގައި އަހަރުމެން މި ބަޔާންކުރި ދަލީލުތަކުގައި: ޙައްޤު ހޯދާ މީހަކަށް ފުދޭނެ މިންވަރު އަދި ރުހި ޤަބޫލުކުރެވޭނެ މިންވަރު ވާނޭކަމަށް އުއްމީދުކުރަމެވެ. ދެންފަހެ ޙައްޤު ދެނެގަންނަން އެއްވެސް ޝައުޤުވެރިކަމެއް އަދި ދަހިވެތިކަމެއް ނެތް މީހާ؛ ފަހެ މީނާއީ އޭނާގެ އަމިއްލަ އެދުމަށް ތަބަޢަވާ މީހެކެވެ. ﷲ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (ފަހެ އެމީހުން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ ފަހެ ދެނެވަޑައިގަންނަވާށެވެ: ހަމަކަށަވަރުން އެމީހުން އެ ތަބަޢަވާކަން ކަށަވަރީ އެމީހުންގެ އަމިއްލަ އެދުންތަކަށެވެ. އަދި ﷲ ގެ ޙަޟްރަތުންވާ ތެދުމަގަކާ ނުލާ، އެ މީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވީ މީހަކަށްވުރެ މަގުފުރެދުން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.) [އަލްޤަޞަޞް: 50]
ފަހެ އެކަލާނގެ ސުބްޙާނަހޫ މި މާތްވެގެންވާ އާޔަތުގައި ބަޔާންކުރެއްވީ: ﷲ އެކަލާނގެ ނަބިއްޔާ މުޙައްމަދު ﷺ އެކަމަކާގެން ފޮނުއްވި ތެދުމަގާއި ޙައްޤު ދީނާމެދު މީސްތަކުންގެ ނިސްބަތުން (އެމީހުން ކަންތައް ކުރި ގޮތަށް) ބަލާއިރު އެމީހުންވަނީ ދެ ބަޔަކަށެވެ:
އެއް ބަޔަކީ: ﷲ އާއި އެކަލާނގެ ރަސޫލާއަށް އިޖާބަދިން މީހުންނެވެ.
ދެވަނަ ބަޔަކީ: އަމިއްލަ އެދުމަށް ތަބަޢަވީ މީހުންނެވެ. ދެން އެއަށްފަހު އެކަލާނގެ ސުބްޙާނަހޫ ޚަބަރުދެއްވީ، ﷲ ގެ ޙަޟްރަތުންވާ ހިދާޔަތެއް ނެތި، އެމީހެއްގެ އަމިއްލަ އެދުމަށް ތަބަޢަވި މީހަކަށްވުރެ މަގުފުރެދުން ބޮޑުވެގެންވާ މީހަކު ނުވާކަމަށެވެ.
އެހެންކަމުން އަހަރުމެން ﷲ -ޖައްލަ ޖަލާލުހޫ- ގެ ޙަޟްރަތުން އެދި ދަންނަވަނީ: އަމިއްލަ އެދުމަށް ތަބަޢަވުމުން އަޅަމެން ސަލާމަތްކޮށްދެއްވާ، އަދި އަޅަމެންނާއި، ތިޔަބައިމީހުންނާއި، އަދި އަޅަމެންގެ ހުރިހާ އަޚުންވެސް، ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އަށް އިޖާބަދިން މީހުންގެ ތެރޭގައި، އަދި އެކަލާނގެ ޝަރުޢަށް ޤަދަރުކޮށް މާތްކޮށް ހިތާ މީހުންގެ ތެރޭގައި، އަދި އެކަލާނގެ ޝަރުޢާ ޚިލާފުވެގެންވާ ހުރިހާ ބިދުޢައަކާއި އަމިއްލަ އެދުންތަކާމެދު އިންޛާރުދޭ މީހުންގެ ތެރޭގައި ލެއްވުމަށެވެ....ހަމަކަށަވަރުން އެކަލާނގެއީ ނުހަނު ދީލަތިވަންތަ އޯގާވަންތަ މާތް އިލާހެވެ.
ﷲ ތަޢާލާ، އެކަލާނގެ އަޅާ އަދި ރަސޫލާ ކަމުގައިވާ: އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް އަދި ޤިޔާމަތް ދުވަހާ ހަމައަށް އިޙްސާންތެރިކަމާއެކު އެކަލޭގެފާނަށް ތަބަޢަވީހާ ބަޔަކަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وصلى الله على عبده ورسوله؛ نبينا محمد وآله وأصحابه وأتباعه بإحسان إلى يوم الدين.
ފަސްވަނަ ރިސާލާ:
އަލްމައުލިދުއް ނަބަވީ (ނަބިއްޔާގެ ޢީދު މީލާދު) އާއި އެހެނިހެން އުފަންދުވަސްތައް ފާހަގަކުރުމުގެ ޙުކުމް
ޙަމްދުހުރީ ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ އަޞްޙާބުންނަށާއި، އެކަލޭގެފާނުގެ ތެދުމަގުން ތެދުމަގު ލިބިގަތް ބަޔަކަށެވެ.
އެއަށް ފަހު ދަންނައެވެ: ނަބިއްޔާ ﷺގެ ޢީދު މީލާދު ފާހަގަކުރުމާއި، އެކަމުގެ ތެރޭގައި އެކަލޭގެފާނަށް (އިސްތިޤުބާލުކުރުމުގެ ގޮތުން) ކޮޅަށް ހުރުމާއި، އެކަލޭގެފާނަށް ސަލާމް ދެންނެވުމާއި، އެނޫންވެސް ޢީދު މީލާދުތަކުގައި ކުރާ ކަންކަން ކުރުމުގެ ޙުކުމާމެދު ގިނަ ބަޔަކުގެ ސުވާލު ތަކުރާރުވެއްޖެއެވެ.
ޖަވާބަކީ މިހެން ބުނުމެވެ: ރަސޫލާ ﷺގެ ޢީދު މީލާދު އަދި އެހެން މީހެއްގެ އުފަންދުވަސް ވެސް ފާހަގަކުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ އެއީ ދީނުގައި އަލަށް އުފައްދާފައިވާ ބިދުޢަތަކުގެ ތެރެއިންވާ ކަމެކެވެ. އެހެނީ ރަސޫލާ ﷺ އެކަމެއް ނުކުރައްވައެވެ. އަދި އެކަލޭގެފާނުގެ ތެދުމަގު ލިބިވަޑައިގެންވި ޚަލީފާއިންވެސް، އަދި އެނޫން ޞަޙާބީން رضي الله عنهم ވެސް، އަދި ހެޔޮވެގެންވާ ޤަރުނުތަކުގައިވި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ ބޭކަލުންވެސް ނުކުރައްވައެވެ. އެބޭކަލުންނީ އޭގެ ފަހުން އައި މީހުންނަށްވުރެ ބޮޑަށް ސުންނަތް ދެނެވަޑައިގަންނަވާ، އަދި ﷲ ގެ ރަސޫލާ ﷺ އަށް ލޯބިވުމާއި، އެކަލޭގެފާނުގެ ޝަރުޢަަށް ތަބަޢަވުން މާ ބޮޑަށް ފުރިހަމަވެގެންވާ ބޭކަލުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ ބަޔާންވެގެންވާ ފޮތުގައި ވަޙީކުރައްވާފައިވެއެވެ:
(...އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ!..) [އަލްޙަޝްރު: 7] އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (...ފަހެ އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވާ މީހުންނަށް ފިތުނައެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެ މީހުން ހުށިޔާރުވެ ބިރުވެތިވާހުށިކަމެވެ.) [އައްނޫރު: 63]. އަދިވެސް ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ އާއި އާޚިރަތަށް އެދޭ، ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ.) [އަލްއަޙްޒާބު: 21]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން ކުރިއަރާ ދިޔަ ބޭކަލުންނާއި، ހެޔޮގޮތުގައި އެ ބޭކަލުންނަށް ތަބަޢަވީ މީހުން (ދަންނާށެވެ.) ﷲ، އެ މީހުންނަށް ރުހިވޮޑިގެންފިއެވެ. އަދި އެ މީހުން އެ އިލާހަށް ރުހުނެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ބަގީޗާތައް، އެ އިލާހު އެ މީހުންނަށްޓަކައި ތައްޔާރު ކުރެއްވިއެވެ. އެ ތާނގައި، އެ މީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.) [އައްތައުބާ: 100] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ...) [އަލްމާއިދާ: 3] މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވެއެވެ: "އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." އެބަހީ: އެމީހާގެ މައްޗަށް އަނބުރާ އެކަމެއް ރައްދުވެގެންވެއެވެ. އެހެން ޙަދީޘެއްގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި، ތިމަންކަލޭގެފާނަށް ފަހު ތެދުމަގުގައިވާ ހިދާޔަތު ލިބިގެންވާ ޚަލީފާއިންގެ ސުންނަތެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ކޮލު ދަތްތަކުން އޭގައި ދަތްއަޅާހުށިކަމެވެ. އަދި (ދީނުގެ ތެރެއަށް) އަލަށް އުފެއްދޭ ކަންކަމާމެދު ތިޔަބައިމީހުން ހުށިޔާރުވެ ޚަބަރުދާރުވާށެވެ. ފަހެ ހަމަކަށަވަރުން އަލަށް އުފެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." ފަހެ މި ދެ ޙަދީޘްގައި، ބިދުޢަތައް އުފައްދާ، އެއަށް ޢަމަލުކުރުމާމެދު ހަރުކަށިކޮށް އިންޛާރުދެވިގެންވެއެވެ.
މިފަދަ ޢީދު މީލާތުތައް އުފެއްދުމުން އެއިން ދޭހަވަނީ ﷲ ސުބްޙާނަހޫ މި އުއްމަތަށް ދީން ފުރިހަމަކޮށް ނުދެއްވާ ކަމަށެވެ. އަދި އުއްމަތް އެއަށް ޢަމަލުކުރަން ޖެހޭ ކަންކަން ރަސޫލާ عليه الصلاة والسلام ފޯރުކޮށް ނުދެއްވާކަމަށެވެ. ފަހުން އައިސް މިއުޅޭ މީހުންތައް އައިސް، ﷲ އިޛްނަދެއްވާފައި ނުވާ ކަންތަކެއް އެކަލާނގެ ޝަރުޢުގެ ތެރެއަށް އަލަށް އުފައްދައިގެން އިތުރުކޮށްފުމަށް ދާންދެނެވެ. (އެމީހުން އެކަންކުރީ) އެކަމަކީ އެމީހުން ﷲ ގެ ޙަޟްރަތަށް ކުއްތަންކޮށްދޭނެ ކަމެއްކަމަށް ދަޢުވާކުރާ ޙާލުގައިއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ ބޮޑުވެގެންވާ ނުރައްކަލެކެވެ. އަދި ﷲ ސުބްޙާނަހޫ އާއި އެކަލާނގެ ރަސޫލާ ﷺ އަށް އިޢުތިރާޟުކުރުން (އިންކާރުކޮށް ފުރަގަސްދިނުން) އޭގައިވާ ކަމެކެވެ. ހުސްޠާހިރުވަންތަ ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް ދީން ފުރިހަމަކޮށްދެއްވާ، އަދި އެމީހުންގެ މައްޗަށް ނިޢުމަތް ފުރިހަމަކުރައްވާފައިކަން ކަށަވަރެވެ. އަދި ރަސޫލާ ﷺ ވަނީ ބަޔާންވެގެންވާ ފޯރުކޮށްދެއްވުމުން ފޯރުކޮށްދެއްވާފައިކަން ގައިމެވެ. އަދި ސުވަރުގެއަށް ވާޞިލުކޮށްދޭނޭ، އަދި ނަރަކައިން ދުރުކޮށްދޭނެ މަގެއް، އެކަލޭގެފާނުގެ އުއްމަތަށް ބަޔާންކޮށްދެއްވާފައި މެނުވީ އެކަލޭގެފާނު ދޫކުރައްވާފައި ނުވެއެވެ. އެއީ ޞައްޙަ ޙަދީޘްގައި، ޢަބްދު ﷲ ބްނު ޢަމްރު رضي الله عنه ވިދާޅުވިކަމަށް ޘާބިތުވެގެންވާ ފަދައިންނެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށެވެ: "ﷲ ފޮނުއްވި ކޮންމެ ނަބިއްޔަކު ވެސް، އެ ނަބިއްޔެއްގެ އުއްމަތަށް، އެ ނަބިއްޔަކަށް އެނގިވަޑައިގަންނަވާ ހެޔޮ ކަންކަމަށް މަގުދެއްކެވުމާއި، އެ ނަބިއްޔަކަށް އެނގިވަޑައިގަންނަވާ ނުބައި ކަންކަމާމެދު އިންޒާރުކުރެއްވުން އެ ނަބިއްޔެއްގެ މައްޗަށް ޙައްޤުވެގެންވާ ގޮތުގައި މެނުވީ އެއްވެސް ނަބިއްޔަކު އެކަލާނގެ ނުފޮނުއްވަތެވެ." ރިވާކުރެއްވީ މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައިއެވެ.
އަދި އެނގިގެންވާނޭ ފަދައިން، އަހަރުމެންގެ ނަބިއްޔާ ﷺ އީ ނަބިއްޔުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ކަލޭގެފާނެވެ. އަދި އެބޭކަލުން ޚަތިމުކުރައްވާ، އަދި ފޯރުކޮށްދެއްވުމާއި ނަޞޭޙަތްތެރިވުންވެސް އެންމެ ފުރިހަމަ ކަލޭގެފާނެވެ. ދެންފަހެ ޢީދު މީލާދުތައް ފާހަގަކުރުމަކީ: ﷲ ސުބްޙާނަހޫ އެކަމަށް ރުހިވޮޑިގެންވާ ދީނުގެ ތެރެއިންވާ ކަމެއްނަމަ؛ ރަސޫލާ ﷺ އުއްމަތަށް އެކަން ބަޔާންކޮށްދެއްވީހެވެ. ނުވަތަ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަން ކުރެއްވީހެވެ. ނުވަތަ އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم އެފަދައިން ކަންތައް ކުރެއްވީހެވެ. ދެންފަހެ އެއިން އެއްވެސް ކަމެއް ހިނގާފައިނުވުމުން އެނގިގެންދަނީ؛ އެއީ އެއްވެސް ގޮތަކުން އިސްލާމްދީނުގައިވާ ކަމެއް ނޫންކަމެވެ. ކިއެއްތަ، އެއީ ރަސޫލާ ﷺ އެ ކަންކަމާމެދު އެކަލޭގެފާނުގެ އުއްމަތަށް އިންޛާރުދެއްވި، (ދީނުގެ ތެރެއަށް) އަލަށް ވެއްދޭ ކަންކަމުގެ ތެރެއިންވާ ކަމެއްކަމެވެ. އެއީ ޙަދީޘްތަކުގައި އިސްވެ ބަޔާންވި ފަދައިންނެވެ. މި ބާބުގައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަވެގެންވެއެވެ.
ޢިލްމުވެރިންގެ ޖަމާޢަތެއްވަނީ ޢީދު މީލާދުތަކަށް އިންކާރުކުރައްވާ، އަދި އެއާމެދު ޞަރީޙަކޮށް އިންޛާރުދެއްވާފައިއެވެ. އެއީ ބަޔާންކުރެވުނު ދަލީލުތަކާއި އެހެން ދަލީލުތަކަށް ޢަމަލުކުރެއްވުމުގެ ގޮތުންނެވެ. އަދި ފަހުން އައިސް އުޅޭ ބައެއް މީހުން އެއާ ޚިލާފުވެ، މުންކަރާތުން ކަމެއް އޭގައި ނުހިމެނޭ ގޮތަށް އެކަން ކުރުން ހުއްދަކުރިއެވެ. މިސާލަކަށް: ﷲ ގެ ރަސޫލާ ﷺ އާމެދު (މަތިކޮށް މާތްކުރުމުގައި) ޙައްދުފަހަނައަޅާ ދިޔުމާއި، (ހިލޭ) އަންހެނުންނާއި ފިރިހެނުން މަސްހުނިވުމާއި، މިޔުޒިކު ސާމާނު ބޭނުންކުރުމާއި، އެނޫންވެސް ޠާހިރުވެގެންވާ ޝަރުޢު އެ ކަންކަމަށް އިންކާރުކުރާ ކަންކަން ނުހިމެނޭނަމައެވެ. އަދި (އޭރުން) އެވެރިން ހީކުރީ އެއީ ހެޔޮ ރަނގަޅު ބިދުޢަތަކުގެ ތެރެއިންވާ ކަމެއްކަމަށެވެ.
ޝަރުޢީ ޤަވާޢިދަކީ: މީސްތަކުން އެކަމެއްގައި ދެބަސްވެ ޚިލާފުވާ ކަމެއް، ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ ގެ ސުންނަތަށް ރައްދުކުރުމެވެ. އެއީ ﷲ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިފަދައިންނެވެ: (އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިންވާ ވެރިންނަށް ވެސް ކިޔަމަންވާށެވެ. ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އާއި ރަސޫލާއަށް އެ ކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި އެ އިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެ ގޮތަށް ޢަމަލުކުރާށެވެ.) އެއީ ތިޔަބައިމީހުން ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ.) [އައްނިސާއު: 59]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އަދި ތިޔަބައިމީހުން އެ ކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުން ވަނީ، ﷲ އަށެވެ...) [އައްޝޫރާ: 10]
އަދި އަހަރުމެން މި މައްސަލަ -އެ މައްސަލައަކީ: ޢީދު މީލާދުތައް ފާހަގަކުރުން- ﷲ ސުބްޙާނަހޫގެ ފޮތަށް ރައްދުކުރީމެވެ. ދެން އަހަރުމެންނަށް ފެނުނީ ރަސޫލާ ﷺ ގެންނެވި ކަންކަމަށް ތަބަޢަވުމަށް އެ ފޮތުން އަމުރުކުރައްވާ، އަދި އެކަލޭގެފާނުގެ ނަހީކުރެއްވި ކަންކަމާމެދު އަހަރުމެންނަށް އިންޛާރުދެއްވާ ތަނެވެ. އަދި އެ ފޮތުން އަހަރުމެންނަށް ޚަބަރުދެނީ: ﷲ ސުބްޙާނަހޫ މި އުއްމަތަށް، މި އުއްމަތުގެ ދީން ފުރިހަމަކޮށްދެއްވާފައިވާ ކަމެވެ. އަދި މިގޮތަށް ޢީދު މީލާދުތައް ފާހަގަކޮށް އިޙްތިފާލުކުރުމަކީ ރަސޫލާ ﷺ ގެންނެވި ކަންކަމުގެ ތެރޭގައިވާ ކަމެއް ނޫނެވެ. އެހިނދުން، ﷲ އަހަރުމެންނަށް ފުރިހަމަކޮށްދެއްވާ، އަދި އެ ކަމުގައި ރަސޫލާއަށް ތަބަޢަވުމަށް އަހަރުމެންނަށް އަމުރުކުރެއްވި ދީނުގެ ތެރެއިން އެ ކަންތައް ނުވެއެވެ.
އަދި އަހަރުމެން އެކަންތައް ރަސޫލާ ﷺގެ ސުންނަތަށްވެސް ރައްދުކުރީމެވެ. ދެންފަހެ އެކަލޭގެފާނު އެކަންތައް ކުރެއްވިކަމެއް، އަދި އެކަމަށް އަމުރުކުރެއްވިކަމެއްވެސް، އަދި އެކަލޭގެފާނުގެ އަޞްޙާބުން ވެސް އެކަން ކުރެއްވިކަމެއް އަހަރުމެންނަކަށް ނުފެނުނެވެ. ދެން އެއިން އަހަރުމެންނަށް އެނގިގެންދިޔައީ އެއީ ދީނުގެ ތެރެއިންވާ ކަމެއް ނޫންކަމެވެ. ކިއެއްތަ، އެއީ އަލަށް އުފައްދާފައިވާ ބިދުޢަތަކުން ބިދުޢައެއް ކަމާއި، އަދި ފޮތުގެ އަހުލުވެރިން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތަކުގައި އެމީހުންނާ އެއްގޮތްވުމުގެ ތެރެއިންވާ ކަމެއްކަމެވެ.
އެމީހަކަށް ކިރިޔާވެސް ހެޔޮ ވިސްނުމެއް، އަދި ޙައްޤު ހޯދުމުގެ ދަހިވެތިކަމެއް އޮތް، އަދި ޙައްޤު ހޯދުމުގައި އިންސާފުވެރިކަން އޮތް މީހަކަށް އެއިން ސާފުވެގެންދަނީ: ޢީދު މީލާދުތައް (އުފަންދުވަސްތައް) ފާހަގަކުރުމީ އިސްލާމްދީނުގެ ތެރެއިންވާ ކަމެއް ނޫންކަމެވެ. ކިއެއްތަ، އެއީ ﷲ ސުބްޙާނަހޫ އާއި އެކަލާނގެ ރަސޫލާ ﷺ އެ ކަންކަން ދޫކޮށްލުމަށާއި، އެކަންކަމާމެދު ހުށިޔާރުވެ ސަމާލުވުމަށް އަމުރުކުރައްވާފައިވާ، އަލަށް އުފައްދާފައިވާ ބިދުޢަތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކަން ކުރަމުން އަންނަ މީހުންގެ ގިނަކަމާހުރެ، ބުއްދިވެރިޔާ ހެއްލިގެންގޮސްގެން ނުވާނެއެވެ. އެހެނީ ޙައްޤަކީ އެކަން ކުރާ މީހުންގެ ގިނަކަމަށް ބަލާފައި އެނގޭ އެއްޗެއް ނޫނެވެ. ޙައްޤު އެނގޭނީ ހަމައެކަނި ޝަރުޢީ ދަލީލުތަކުންނެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންނާމެދުގައި ﷲ ތަޢާލާ ވަޙީކުރެއްވިގޮތަށެވެ: (އެބައިމީހުން ބުންޏެވެ. ޔަހޫދީއަކު ކަމުގައި ނުވަތަ ނަޞާރާއަކު ކަމުގައިވާ މީހަކު މެނުވީ ސުވަރުގެއަށް ނުވަންނާނެއެވެ. އެއީ، އެބައިމީހުންގެ (ދޮގު) އުންމީދުތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ ތެދުވެރިންކަމުގައިވާނަމަ، ތިޔަބައިމީހުން (އެކަމުގެ ހެއްކާއި) ބުރުހާނު ގެންނާށެވެ!) [އަލްބަޤަރާ: 111] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެ މީހުން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ...) [އަލްއަންޢާމު: 116]
ދެން އެއަށްފަހު ޢީދު މީލާދުތަކަކީ ބިދުޢައެއް ކަމުގައިވުމާއެކު، މީގެ ގިނަ ފާހަގަކުރުންތަކުގައި އެހެން މުންކަރާތްތައް ނުހިމެނި ނުދެއެވެ. އަންހެނުންނާއި ފިރިހެނުން މަސްހުނިވުމާއި، ލަވަޔާއި މިޔުޒިކު ސާމާނުތައް ބޭނުންކުރުމާއި، މަސްތުވާތަކެތި ބުއިމާއި އެނޫންވެސް އެފަދަ ނުބައި ކަންކަމެވެ. އަދި އެއަށްވުރެ މާ ބޮޑުވެގެންވާ ކަންތަކެއްވެސް އެ ޙަފްލާތަކުގެ ތެރޭގައި ހިނގާފާނެއެވެ. އެއީ ބޮޑު ޝިރުކެވެ. އެއީ ﷲ ގެ ރަސޫލާ ﷺ އާމެދު ނުވަތަ އެނޫން ވަލީވެރިންގެ ބަޔަކު މަތިކޮށްގެން ޙައްދުފަހަނައަޅާ، އަދި ވާތްގަށް އެދި ދަންނަވާ، މަދަދަށް އެދި، އެ ފަރާތަކަށް ޣައިބު އެނގޭކަމަށް ޤަބޫލުކުރުމާއި، އެނޫންވެސް ނަބިއްޔާ ﷺގެ މައުލިދާއި އެމީހުން ވަލިއްޔުންކަމުގައި ނަންދޭ މީހުންގެ މީލާދުތައް ފާހަގަކުރާއިރު، މީސްތަކުންގެ ތެރެއިން ގިނަބަޔަކު އަރައިގަންނަ އެފަދަ ކުފުރުގެ ޢަމަލުތަކެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ: "ދީނުގައި ޙައްދުފަހަނައަޅާ ދިޔުމާމެދު ތިޔަބައިމީހުން ނަމަނަމަ ޚަބަރުދާރުވާށެވެ! ފަހެ ތިޔަބައިމީހުންގެ ކުރިން އުޅުނު މީސްތަކުން ހަލާކުވެގެންދިޔަކަން ކަށަވަރީވެސް ދީނުގައި ޙައްދުފަހަނައެޅުމުގެ ސަބަބުންނެވެ." އަދިވެސް އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "ނަޞާރާއިން މަރްޔަމްގެފާނުގެ ދަރިކަލުން (ޢީސާގެފާނު) މަތިކުރުމުގައި ޙައްދުފަހަނައަޅާ ދިޔަ ގޮތަށް ތިޔަބައިމީހުން ތިމަންކަލޭގެފާނު މަތިކުރުމުގައި ޙައްދުފަހަނައަޅާ ނުދާހުށިކަމެވެ. ތިމަންކަލޭގެފާނު ވާކަން ކަށަވަރީ އަޅެއްކަމުގައިއެވެ. އެހެންކަމުން "ﷲ ގެ އަޅާ އަދި އެކަލާނގެ ރަސޫލާއޭ" ތިޔަބައިމީހުން ބުނާށެވެ." މި ޙަދީޘް ނެރުއްވީ އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި، ޢުމަރު رضي الله عنه ގެ ޙަދީޘުންނެވެ.
ޢަޖައިބުހުރި އާދަޔާ ޚިލާފުކަމަކީ: މިފަދަ ބިދުޢަވެރި ޙަފްލާތަކަށް ޙާޒިރުވުމަށް ގިނަ ބަޔަކު ހީވާގިވެ ހޭވައްޓާލާފައި އުޅެ، އަދި އެކަންކަން ދިފާޢުވެސް ކުރެއެވެ. އަނެއްކޮޅުން ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަންކަން ކަމުގައިވާ: ހުކުރާއި ޖަމާޢަތުގެ ނަމާދަށް ޙާޒިރުވުމުން ފަސްޖެހި ނުގޮސް ހުރެއެވެ. އަދި އެކަމާމެދު އެއްވެސް ސަމާލުކަމެއްދޭން ބޯ ހިއްލާވެސް ނުލައެވެ. އަދި އެ ކުރެވުނީ ބޮޑު މުންކަރާތެއްކަމުގައިވެސް ނުދެކެއެވެ. ޝައްކެއްނެތް ގޮތުގައި އެ ކަންވަނީ އީމާންކަން ބަލިކަށިވުމާއި، ބަޞީރަތާއި ޢިލްމު މަދުވުމާއި، އެކި ބާވަތްތަކުގެ އުރެދުންތަކާއި ފާފަތަކުން ހިތްތަކުގައި ދަބަރުޖަހާފައިވުން ގިނަވުމުންނެވެ. އަހަރުމެންނަށާއި، ހުރިހާ މުސްލިމުންނަށް ޢާފިޔަތުދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ.
އަދިވެސް އޭގެ ތެރޭގައި: އޭގެ ބައެއް މީހުން ހީކުރާ ގޮތުގައި ﷲ ގެ ރަސޫލާ ﷺ، ޢީދު މީލާދު ފާހަގަކުރެވޭ ތަނަށް ޙާޟިރުވެ ވަޑައިގަންނަވައެވެ. މިހެންވެ އެކަލޭގެފާނަށް ސަލާމްކޮށް މަރުހަބާ ކިޔަން އެމީހުން ތެދުވެއެވެ. މިއީ އެންމެ ބޮޑެތި ބާޠިލު ކަންތަކުގެ ތެރެއިން، އަދި އެންމެ ހުތުރުވެގެންވާ ޖާހިލުކަމުގެ ތެރެއިންވާ ކަމެކެވެ. އެހެނީ ރަސޫލާ ﷺ، ޤިޔާމަތްދުވަހުގެ ކުރިން އެކަލޭގެފާނުގެ ޤަބުރުފުޅުން ނިކުމެވަޑައިނުގަންނަވާނެއެވެ. އަދި މީސްތަކުންގެ ތެރެއިން އެކަކާވެސް ނުގުޅުއްވާނެއެވެ. އަދި އެމީހުންގެ އެއްވުމަކަށްވެސް ޙާޟިރުވެވަޑައިނުގަންނަވައެވެ. ކިއެއްތަ، އެކަލޭގެފާނު ޤިޔާމަތްދުވަހާ ހަމައަށްވަނީ އެކަލޭގެފާނުގެ ޤަބުރުފުޅުގައި ޤާއިމުވެގެންނެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅުވަނީ އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުގައި ކަރާމާތްތެރިކަމުގެ ގޮވެތީގައި، ޢިއްލިއްޔޫންގެ އެންމެ މަތީގައިއެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވިފަދައިންނެވެ: (ދެން ހަމަކަށަވަރުން ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ. ދެން ހަމަކަށަވަރުން ތިޔަބައިމީހުން ޤިޔާމަތް ދުވަހުން، އަލުންދިރުއްވައި މަޙުޝަރަށް ފޮނުވޭނެއެވެ.) [އަލްމުއުމިނޫން: 15- 16]
އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނީ ޤިޔާމަތް ދުވަހު އެމީހަކުގެ މަތިން ޤަބުރު އެންމެ ފުރަތަމަ ފަޅައިގެންދާނޭ މީހާއެވެ. އަދި އެންމެ ފުރަތަމަ ޝަފާޢަތްތެރިވާނޭ ބޭކަލަކީވެސް، އަދި އެންމެ ފުރަތަމަ ޝަފާޢަތްތެރިވެވޭނެ ބޭކަލަކީވެސް ތިމަންކަލޭގެފާނެވެ." އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން އެންމެ ހެޔޮ ޞަލަވާތާއި ސަލާމް އެކަލޭގެފާނުގެ މައްޗަށް ހުއްޓެވެ.
މި މާތް ދެ އާޔަތާއި، ޝަރަފުވެރި ޙަދީޘާއި، އަދި އެ މާނައިގައި އައިސްފައިވާ ހުރިހާ އާޔަތްތަކާއި ޙަދީޘްތައް ދަލީލުކުރަނީ: ނަބިއްޔާ ﷺ އާއި އެހެންވެސް މައްޔިތުން، އެބޭފުޅުންގެ ޤަބުރުތަކުން ނިކުންނަހުށީ ޤިޔާމަތްދުވަހު ކަމެވެ. މިއީ މުސްލިމުންގެ ޢިލްމުވެރިންގެ މެދުގައި އިޖްމާޢުވެވިގެންވާ ކަމެކެވެ. އެކަމުގައި އެބޭކަލުންގެ މެދުގައި ދެބަސްވުމެއް ނުވެއެވެ. އެހެންކަމުން ކޮންމެ މުސްލިމަކުވެސް މި ކަންކަމަށް ސަމާލުވެ، އަދި ޖާހިލުންނާއި އެފަދަ މީހުން އުފައްދައިގެން އުޅޭ ބިދުޢަތަކާއި ޚުރާފާތްތަކާމެދު ހުށިޔާރުވެ ދުރުވާންޖެހެއެވެ. އެ ކަންކަމަކީ އެކަންކަމުގައި ﷲ އެއްވެސް ޙުއްޖަތެއް ބާވައިލައްވާފައި ނުވާ ކަންކަމެވެ. އެހީތެރިކަމަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ އެކަލާނގެއަށެވެ. އަދި އެއްވެސް އާރަކާއި ބާރެއް އެކަލާނގެ ޙަޟްރަތުން މެނުވީ ނުވެއެވެ.
ދެންފަހެ ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރުމީ އެންމެ މަތިވެރިވެގެންވާ ކުއްތަންކުރަނިވި ޢަމަލުތަކުގެ ތެރޭގައި، އަދި ޞާލިޙު ޢަމަލުތަކުގެ ތެރޭގައިވާ ކަމެކެވެ. އެއީ ﷲ ތަޢާލާ ވަޙީކުރެއްވި ގޮތަށެވެ: (ހަމަކަށަވަރުން ﷲ އާއި އެ އިލާހުގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުއާ ކުރާށެވެ.) [އަލްއަޙްޒާބު: 56]. އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހަކަށް ﷲ އޭގެ ސަބަބުން ދިހަ ޞަލަވާތް ލައްވަތެވެ." އެއީ ހުރިހާ ވަޤުތެއްގައިވެސް ޝަރުޢުވެގެންވާ ކަމެކެވެ. އަދި ކޮންމެ ނަމާދެއްގެ ފަހުގައި ސުންނަތްކަން ގަދަވެގެންވާ، އަދި ކިއެއްތަ، ޢިލްމުގެ އަހުލުވެރިންގެ ޖަމާޢަތެއްގެ ގާތުގައި ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި ވާޖިބުވެސް ވެގެންވާ ކަމެކެވެ. އަދި ގިނަ މަޤާމުތަކެއްގައި އޭގެ ސުންނަތްކަން ގަދަވެގެންވެއެވެ. އޭގެ ތެރޭގައި: ބަންގީގެ ފަހުން، އަދި އެކަލޭގެފާނު عليه الصلاة والسلام ގެ ނަންފުޅު ގަނެވޭހިނދު، އަދި ހުކުރު ދުވަހާއި ހުކުރު ވިލޭރޭ ހިމެނެއެވެ. އެއީ ގިނަ ޙަދީޘްތަކަކުން އެކަމަށް ދަލީލުކޮށްފައިވާ ގޮތަށެވެ.
އަހަރުމެންނާއި ހުރިހާ މުސްލިމުން، ﷲ ގެ ދީނުގައި ފިޤުހުވެރިވެ އަދި އެ ދީނުގައި ޘާބިތުވުމަށް ތައުފީޤުދެއްވާ، އަދި ހުރިހާ އެންމެން ސުންނަތުގައި ހިފަހައްޓާ، ބިދުޢައާމެދު ސަމާލުވެ ދުރުވުމުގެ ނިޢުމަތް ދެއްވުމަށް އެދި ދަންނަވަނީ ﷲ ގެ ޙަޟްރަތުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ ދީލަތިވަންތަ މާތްވަންތަ އޯގާވަންތަ އިލާހެވެ.
އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وصلى الله وسلم على نبينا محمد وعلى آله وصحبه.
ހަވަނަ ރިސާލާ:
އިސްރާ މިޢުރާޖުގެ ރޭ ފާހަގަކުރުމުގެ ޙުކުމް
ޙަމްދުހުރީ ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ އަޞްޙާބުންނަށެވެ.
އެއަށްފަހު ދަންނައެވެ: އެއްވެސް ޝައްކެއް ނެތް ގޮތުގައި، އިސްރާއާއި މިޢުރާޖަކީ ﷲ ގެ ރަސޫލާ މުޙައްމަދު ﷺގެ ތެދުވެރިކަމަށް، އަދި ﷲ -ޖައްލަ ޖަލާލުހޫ- ގެ ޙަޟްރަތުގައި އެކަލޭގެފާނުގެ މަޤާމާއި ދަރަޖައިގެ މަތިވެރިކަމަށް ދަލީލުކުރާ އެކަލާނގެ މަތިވެރި ހެކިތަކުގެ ތެރެއިންވާ ހެއްކެކެވެ. އެފަދައިންމެ، އެއީ ﷲ ގެ ޢަޖައިބުކުރުވަނިވި ކުޅަދުންވަންތަކަމާއި، ހުރިހާ ޚަލްޤުތަކުންގެ މަތީގައި އުހުގައި އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާކަމަށްވެސް ދަލީލުކުރާ ކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ: (ތިމަން އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް ދެއްކެވުމަށްޓަކައި، އަލްމަސްޖިދުލް ޙަރާމުން، އެތާނގެ ވަށައިގެން، ތިމަންއިލާހު ބަރަކާތް ލެއްވި އަލްމަސްޖިދުލް އަޤްޞާއަށް އެ އިލާހުގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން އެ އިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.) [އަލްއިސްރާއު: 1]
އަދި ﷲ ގެ ރަސޫލާ ﷺ އާގެން އުޑުތަކަށް އަރާވަޑައިގަނެވުނުކަމާއި، ހަތްވަނަ އުޑު ފަހަނައަޅާ ވަޑައިގަންނަވަންދެން އެ އުޑުތަކުގެ ދޮރާށިތައް އެކަލޭގެފާނަށްޓަކައި ހުޅުވުނުކަމާއި، ދެން އެކަލޭގެފާނުގެ ވެރި ރައްބު ސުބްޙާނަހޫ އިރާދަކުރެއްވި ވާހަކަފުޅަކުން އެކަލޭގެފާނާ ވާހަކަފުޅުދެއްކެވިކަމާއި، އަދި އެކަލޭގެފާނުގެ މައްޗަށް ފަސް ނަމާދު ފަރުޟުކުރެއްވިކަން މުތަވާތިރުކޮށް އައިސްފައިވެއެވެ. އަދި ﷲ ސުބްޙާނަހޫ އެންމެ ފުރަތަމަ އެ ނަމާދުތައް ފަރުޟުކުރެއްވީ ފަންސާސް ނަމާދުގެ ގޮތުގައިއެވެ. ދެން އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺ، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެވަޑައިގެން، ލުއިކޮށްދެއްވުމަށް އެދިވަޑައިގެން ދަންނަވަމުން ގެންދެވިއެވެ. އެހެންގޮސް އެކަލާނގެ ފަސް ނަމާދުގެ ގޮތުގައި އެ ނަމާދުތައް ލައްވަންދެނެވެ. ފަހެ ފަރުޟުވުމުގައި އެއީ ފަސް ނަމާދެވެ. އަދި އަޖުރުގެ ގޮތުން އެއީ ފަންސާސް ނަމާދެވެ. އެހެނީ ހެޔޮކަމަށް، އެއާ އެއްފަދަ ދިހަ ހެޔޮކަންވެއެވެ. ފަހެ ﷲ ގެ ހުރިހާ ނިޢުމަތްތަކަށްޓަކައި އެކަލާނގެއަށް ޙަމްދާއި ޝުކުރު ހުއްޓެވެ.
އިސްރާއާއި މިޢުރާޖުގެ ކަންތައް ހިނގި މި ރެޔަކީ ކޮން ރެޔެއްކަން ކަނޑައެޅިގެން ޞައްޙަ ޙަދީޘްތަކުގައި އައިސްފައި ނުވެއެވެ. ރަޖަބު މަހަށްވެސް އެހެން މަހަކަށްވިޔަސްމެއެވެ. އެއީ ކޮން ރެޔެއްކަން ކަނޑައެޅިފައި އައިސްފައިވާ ކޮންމެ އެއްޗަކީ، ޙަދީޘް ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި ނަބިއްޔާ ﷺގެ އަރިހުން ޘާބިތުނުވާ ތަކެއްޗެވެ. މީސްތަކުންނަށް އެ ރެޔަކީ ކޮބައިކަން ހަނދުމަނެތި ކުރެއްވުމުގައި ﷲ ގެ ބޮޑުވެގެންވާ ޙިކްމަތެއްވެއެވެ. އަދި އެއީ ކޮން ރެޔެއްކަން (މިސާލަކަށް) ކަނޑައެޅިގެން ޘާބިތުވިޔަސް؛ އަޅުކަމުން އެއްވެސް ކަމެއް އެ ރެޔަށް ޚާއްޞަކޮށްގެން ކުރުން މުސްލިމުންނަށް ހުއްދަވެގެން ނުވެއެވެ. އަދި އެ ރޭ ފާހަގަކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެހެނީ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންވެސް އެ ރޭ ފާހަގައެއް ނުކުރައްވައެވެ. އަދި އެއްވެސް ކަމަކުން އެބޭކަލުން އެ ރޭ ޚާއްޞަ ނުކުރައްވައެވެ. އެ ރޭ ފާހަގަކުރުމަކީ ޝަރުޢުވެގެންވާ ކަމެއްނަމަ؛ ރަސޫލާ ﷺ އުއްމަތަށް އެކަން ބަޔާންކޮށްދެއްވީހެވެ. ބަސްފުޅުން ނުވަތަ ޢަމަލުފުޅުންވިޔަސްމެއެވެ. އަދި އެފަދަ ކަމެއް ހިނގިނަމަ؛ އެކަމެއް އެނގި މަޝްހޫރުވީހެވެ. އަދި ޞަޙާބީން رضي الله عنهم އަހަރުމެންނަށް އެކަމެއް ނަޤުލުކުރެއްވީހެވެ. ފަހެ އެބޭކަލުންވަނީ، އުއްމަތް އެކަމަކަށް ޙާޖަތްޖެހޭ ކޮންމެ ކަމެއް ނަބިއްޔާ ﷺގެ އަރިހުން ނަޤުލުކުރައްވާފައިއެވެ. އަދި ދީނުގެ އެއްވެސް ކަމެއްގައި އެބޭކަލުން ފަރުވާކުޑަ ނުކުރައްވައެވެ. ކިއެއްތަ، އެބޭކަލުންނީ ކޮންމެ ހެޔޮކަމަށް އިސްވެ ކުރިއަރާދިޔަ ބޭކަލުންނެވެ. އެހެންކަމުން މި ރޭ ފާހަގަކުރުމަކީ ޝަރުޢުވެގެންވާ ކަމެއްނަމަ؛ ،މީސްތަކުންގެ ތެރެއިން އެކަމަށް އެންމެ ފުރަތަމަ ކުރިއަރާދިޔައީހީ އެބޭކަލުންނެވެ. އަދި މީސްތަކުންނަށް އެންމެ ނަޞޭޙަތްތެރިވެ ވަޑައިގަންނަވާ ބޭކަލަކީ ނަބިއްޔާ ﷺ އެވެ. އެކަލޭގެފާނު ވަނީ ރިސާލަތު އެންމެ ފުރިހަމަ ފޯރުކޮށްދެއްވުމުން ފޯރުކޮށްދެއްވާ، އަދި އެ އަމާނާތް އަދާކުރައްވާފައިއެވެ. ދެންފަހެ މި ރޭ މަތިވެރިކޮށްގެން ފާހަގަކުރުމަކީ ﷲ ގެ ދީނުގެ ތެރެއިންވާ ކަމެއްނަމަ؛ ނަބިއްޔާ ﷺ އެކަމާމެދު ޣާފިލުވެވަޑައިނުގަތީހެވެ. އަދި އެކަން ވަންހަނާ ނުކުރެއްވީހެވެ. ދެންފަހެ އެއިން އެއްވެސް ކަމެއް ހިނގާފައި ނެތުމުން؛ އެނގިގެންދަނީ އެ ރޭ ފާހަގަކުރުމާއި، އެ ރޭ މަތިކޮށް މާތްކޮށްގެން އުޅުމަކީ އެއްވެސް ގޮތަކުން އިސްލާމްދީނުގެ ތެރޭގައި އޮތްކަމެއް ނޫންކަމެވެ. ﷲ ވަނީ މި އުއްމަތަށް މި އުއްމަތުގެ ދީން ފުރިހަމަކޮށްދެއްވާ، ނިޢުމަތްވެސް ފުރިހަމަކޮށްދެއްވާފައިއެވެ. އަދި ﷲ އިޛްނަދެއްވާފައި ނުވާ ކަމެއް ދީނުގެ ތެރެއަށް ކަނޑަޅައިގެން ޝަރުޢުކުރާ މީހުންނަށް އެކަލާނގެ އިންކާރުކުރެއްވިއެވެ. އެގޮތުން އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ ބަޔާންވެގެންވާ ފޮތުގައި ވަޙީކުރެއްވިއެވެ: (...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ...) [އަލްމާއިދާ: 3] އަދި އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (ނުވަތަ ﷲ، އިޛްނަ ދެއްވާފައި ނުވާކަމެއް، ދީނުން އެ މީހުންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެ މީހުންނަށް ވޭހެއްޔެވެ؟ ޖަޒާދެއްވުން ކަނޑައެޅިގެންވާ ދުވަހަށް ލަސް ކުރެއްވުމުގެ ކަލިމަފުޅުނުވާނަމަ، އެ މީހުންގެ މެދުގައި ނިޔާކަނޑައެޅުނީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.) [އައްޝޫރާ: 21]
އަދި ރަސޫލާ ﷺ ގެ އަރިހުން ޞައްޙަ ޙަދީޘްތަކުގައި، ބިދުޢަތަކާމެދު އިންޛާރުދެއްވުމާއި، އެއީ މަގުފުރެދުމެއްކަން ޞަރީޙަކޮށް ސާފުކޮށްދެއްވުން ޘާބިތުވެގެންވެއެވެ. އެއީ ބިދުޢައިގެ ނުރައްކާ ބޮޑުކަމުގެ މައްޗަށް އުއްމަތް ސަމާލުކުރުވުމާއި، އެއަށް އަރައިގަތުމާމެދު އެމީހުން ނަފުރަތްތެރިކުރުވާ ދުރުކުރުވުމަށެވެ. އޭގެ ތެރޭގައި، ދެ ޞަޙީޙުގައި ޢާއިޝާ رضي الله عنها ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޘާބިތުވެގެންވާ ބަސްފުޅުވެއެވެ: "އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." އަދި މުސްލިމްގެ އެހެން ރިވާޔަތެއްގައިވެއެވެ: "އަހަރުމެންގެ ކަންތައް އެ ގޮތަކަށް ނުވާ ގޮތަކަށް ޢަމަލެއްކޮށްފި މީހާ؛ ފަހެ އެ ކަމެއްވަނީ ރައްދުކުރެވިގެންނެވެ." އަދިވެސް ޞަޙީޙު މުސްލިމްގައި ޖާބިރު رضي الله عنه ވިދާޅުވިކަމަށްވެއެވެ: ﷲ ގެ ރަސޫލާ ﷺ، ހުކުރު ދުވަހު ދެއްވާ ޚުޠުބާގައި ޙަދީޘްކުރައްވައެވެ: "އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ވާހަކަތަކަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ މުޙައްމަދު ﷺ ގެ ހިދާޔަތެވެ. އަދި އެންމެ ނުބައިވެގެންވާ ކަންކަމަކީ: އަލަށް އުފެއްދިގެންވާ ކަންކަމެވެ. އަދި (ދީީނުގެ ތެރެއަށް އަލަށް އުފެއްދޭ) ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." އަދި ރަނގަޅު ސަނަދަކުން އައްނަސާއީ އިތުރުކުރެއްވިއެވެ: "އަދި ކޮންމެ މަގުފުރެދުމެއްވަނީ ނަރަކާގައިއެވެ." އަދި ސުނަނު ފޮތްތަކުގައި، އަލްޢިރްބާޟު ބްނު ސާރިޔާ رضي الله عنه ވިދާޅުވިކަމަށް އައިސްފައިވެއެވެ: "ﷲ ގެ ރަސޫލާ ﷺ އަހަރުމެންނަށް ބަލާޣާތްތެރި ވަޢުޡު ނަޞޭޙަތެއް ދެއްވިއެވެ. އެއިން ހިތްތައް ބިރުވެތިކޮށްލާ، ލޯތަކުން ކަރުނަތައް އޮހިގެންދިޔައެވެ. ދެން އަހަރުމެން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލާއެވެ! (ތިޔަ ދެއްވި ނަޞޭޙަތް) އަލްވަދާޢު ކިޔާ މީހެއްގެ ވަޢުޡު ނަޞޭޙަތެއް ފަދައެވެ. ފަހެ އަހަރުމެންނަށް ވަޞިއްޔަތް ކުރައްވާށެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ﷲ އަށް ތަޤުވާވެރިވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އަޅަކު އިސްކުރެވުނަސް އަޑުއަހާ ކިޔަމަންވުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ދިރިހުންނަ މީހަކަށް ގިނަ އިޚްތިލާފުތަކެއް ފެންނާނެއެވެ. ފަހެ ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި، ތިމަންކަލޭގެފާނަށް ފަހު ތެދުމަގުގައިވާ ހިދާޔަތު ލިބިގެންވާ ޚަލީފާއިންގެ ސުންނަތެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓާހުށިކަމެވެ. އަދި ތިޔަބައިމީހުންގެ ކޮލު ދަތްތަކުން އޭގައި ދަތްއަޅާހުށިކަމެވެ. އަދި (ދީނުގެ ތެރެއަށް) އަލަށް އުފެއްދޭ ކަންކަމާމެދު ތިޔަބައިމީހުން ހުށިޔާރުވެ ޚަބަރުދާރުވާށެވެ. ފަހެ ހަމަކަށަވަރުން އަލަށް އުފެއްދޭ ކޮންމެ ކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.
ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންގެ އަރިހުން، އަދި އެބޭކަލުންގެ ފަހުން އުޅުއްވި ހެޔޮވެގެންވާ ސަލަފުންގެ އަރިހުންވެސް؛ ބިދުޢަތަކާމެދު އިންޛާރުދެއްވުމާއި، އެކަމާމެދު ބިރުގެންނެވުމުގެ ބަސްތައްވަނީ ޘާބިތުވެގެންނެވެ. އެކަން އެހެންވީ: އެއީ ދީނުގެ ތެރެއަށް އިތުރުކުރުންކަމުގައި ވުމުންނާއި، އަދި ﷲ އިޛްނަ ދެއްވާފައި ނުވާ ކަންތަކެއް ޝަރުޢުކުރުންކަމުގައި ވުމުންނާއި، އަދި ﷲ ގެ ޢަދުއްވުންކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިން އެމީހުންގެ ދީނަށް އިތުރުކޮށް، އަދި ﷲ އިޛްނަދެއްވާފައި ނުވާ ކަންތަކެއް ދީނުގެ ތެރެއަށް އެމީހުން އަލަށް އުފައްދައިގެން ގެނައި ގެނައުމާ ވައްތަރުވެގަތުން ކަމުގައިވުމުންނެވެ. އަދި އެއިން ލާޒިމްކުރަނީ އިސްލާމްދީނަށް އުނިބަސްބުނެ ފާޑުކިޔުންކަމުގައި، އަދި ދީން ފުރިހަމަވެގެން ނުވާކަމަށް ތުހުމަތުކުރުން ކަމުގައިވާތީއެވެ. މި ކަމުގައިހުރި ބޮޑުވެގެންވާ ފަސާދައާއި، ހުތުރުވެގެންވާ މުންކަރާތާއި، ﷲ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅާ ދިމާއިދިކޮޅުވެގެންވާކަން ވަނީ އެނގިގެންނެވެ: (...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ...) [އަލްމާއިދާ: 3] އަދި ބިދުޢަތަކާމެދު އިންޛާރުދެއްވާ، ނަފްރަތްތެރިކުރައްވާ އައިސްފައިވާ، ރަސޫލާ عليه الصلاة والسلام ގެ ޙަދީޘްތަކާ އެކަން ޞަރީޙަކޮށް ޚިލާފުވާކަންވެސް އެނގިގެންވެއެވެ.
މިއެވެ. އަހަރެން އެދެނީ މި ބިދުޢައަށް -އެބަހީ: އިސްރާއާއި މިޢުރާޖުގެ ރޭ ފާހަގަކުރުމުގެ ބިދުޢައަށް- އިންކާރުކުރުމުގައި، އަދި އެއާމެދު އިންޛާރުދީ، އަދި އެއީ އިސްލާމްދީނުގައި އެއްގޮތަކަށްވެސް ވާ ކަމެއް ނޫންކަމުގެ މައްޗަށް އަހަރުމެން މި ޛިކުރުކުރި ދަލީލުތަކުގައި، ޙައްޤު ހޯދާ މީހަކަށް ޤަބޫލުކުރެވި ފުދޭނެ މިންވަރު ވާނޭކަމަށެވެ.
މުސްލިމުންނަށް ނަޞޭޙަތްތެރިވެ، އަދި ﷲ އެމީހުންނަށް ދީނުން ޝަރުޢުކުރެއްވި ކަންތައް ބަޔާންކޮށްދިނުން ﷲ ވާޖިބުކުރައްވާފައިވުމުންނާއި، އަދި ޢިލްމު ފޮރުވުން ޙަރާމްވެގެންވުމުން؛ މި ބިދުޢައާމެދު އަހަރެންގެ މުސްލިމު އަޚުން ސަމާލުކުރުވުމަށް އަހަރެންނަށް ފެނުނެވެ. އެ ބިދުޢައަކީ: ގިނަ ރަށްތަކެއްގައި ފެތުރިގެންގޮސް، މީސްތަކުންގެ ތެރެއިން ބަޔަކު އެއީ ދީނުގެ ތެރޭގައިވާ ކަމެއްކަމަށްވެސް ހީކުރާ ހިސާބަށް ކަންތައްގޮސްފައިވާ ބިދުޢައެކެވެ.
ހުރިހާ މުސްލިމްތަކުންގެ ޙާލަތުތައް އިޞްލާޙުކުރައްވާ، އަދި އެމީހުންނަށް ދީނުގައި ފިޤުހުވެރިކަން ދެއްވާ، އަދި އަހަރުމެންނާއި އެމީހުންނަށްވެސް ޙައްޤުގައި ހިފަހައްޓާ، ޙައްޤުގައި ޘާބިތުވެ، އަދި އެއާ ޚިލާފުވާ އެއްޗެއް ދޫކޮށްލުމުގެ ތައުފީޤުދެއްވުމަށް އެދި ދަންނަވަނީ ﷲ ގެ ޙަޟްރަތުންނެވެ. ހަމަކަށަވަރުން އެކަމުގެ ވަލީވެރި އަދި އެކަމަށް ކުޅަދުންވަންތަ ފަރާތަކީ އެކަލާނގެއެވެ.
ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ. وصلى الله وسلم وبارك على عبده ورسوله نبينا محمد وآله وصحبه.
ހަތްވަނަ ރިސާލާ:
ޝަޢުބާން މަސް ދެބައިވާ ރޭ (15 ވަނަ ވިލޭރޭ) ފާހަގަކުރުމުގެ ޙުކުމް
ޙަމްދުހުރީ އަހަރުމެންނަށް ދީން ފުރިހަމަކޮށްދެއްވާ، އަދި ނިޢުމަތް އަހަރުމެންނަށް ފުރިހަމައަށް ދެއްވި ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ އެކަލާނގެ ނަބިއްޔާ އަދި ރަސޫލާކަމުގައިވާ: ތައުބާ އާއި ރަޙްމަތުގެ ނަބިއްޔާ މުޙައްމަދުގެފާނަށެވެ.
އެއަށްފަހު ދަންނައެވެ: ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ...) [އަލްމާއިދާ: 3] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ނުވަތަ ﷲ، އިޛްނަ ދެއްވާފައި ނުވާކަމެއް، ދީނުން އެ މީހުންނަށް، ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެ މީހުންނަށް ވަނީ ހެއްޔެވެ؟..) [އައްޝޫރާ: 21] އަދި ދެ ޞަޙީޙުގައި ޢާއިޝާ رضي الله عنها ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާވެގެންވެއެވެ: "އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." އަދި ޞަޙީޙު މުސްލިމްގައި ޖާބިރު رضي الله عنه ގެ އަރިހުންވެއެވެ: ނަބިއްޔާ ﷺ، ހުކުރު ޚުޠުބާގައި ޙަދީޘްކުރައްވައެވެ: "އެއަށްފަހު ދަންނައެވެ. ފަހެ ހަމަކަށަވަރުން އެންމެ ހެޔޮވެގެންވާ ވާހަކަތަކަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ މުޙައްމަދު ﷺ ގެ ހިދާޔަތެވެ. އަދި އެންމެ ނުބައިވެގެންވާ ކަންތަކަކީ: އަލަށް އުފެއްދިގެންވާ ކަންކަމެވެ. އަދި (ދީީނުގެ ތެރެއަށް އަލަށް އުފެއްދޭ) ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." މި މާނައިގައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަވެގެންވެއެވެ. އެ ހުރިހާ ބަސްފުޅެއްވެސް ޞަރީޙަކޮށް ދަލީލުކުރަނީ: ﷲ ސުބްޙާނަހޫ ވަތަޢާލާ މި އުއްމަތަށް، މި އުއްމަތުގެ ދީން ފުރިހަމަކޮށްދެއްވާ، ނިޢުމަތްވެސް ފުރިހަމަކޮށްދެއްވާފައިވާ ކަމެވެ. އަދި ބަޔާންވެގެންވާ ފޯރުކޮށްދެއްވުމުން ފޯރުކޮށްދެއްވާ، އަދި ﷲ އުއްމަތަށް ޝަރުޢުކޮށްދެއްވާފައިވާ ހުރިހާ ބަސްތަކާއި ޢަމަލުތައް ބަޔާންކޮށްދެއްވުމަށްފަހު މެނުވީ އެކަލާނގެ ނަބިއްޔާ عليه الصلاة والسلام އަވަހާރަނުވެއެވެ. އަދި އެކަލޭގެފާނު ސާފުކޮށްދެއްވާފައިވަނީ: އެކަލޭގެފާނަށް ފަހުގައި މީސްތަކުން އަލަށް އުފައްދައިގެން ދީނަށް ނިސްބަތްކުރާ އެންމެހައި ބަސްތަކާއި ނުވަތަ ޢަމަލުތަކަކީ؛ އެ ކަމެއް އުފެއްދި މީހަކު ކިތަންމެ މަޤްޞަދު ހެޔޮވެގެންވިޔަސް އޭނާގެ މައްޗަށް އަނބުރާ ރައްދުކުރެވިގެންވާ ކަންތަކެއްކަމެވެ. ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންނަށްވަނީ މިކަން އެނގިވަޑައިގެންފައިއެވެ. އެފަދައިންމެ އެބޭކަލުންގެ ފަހުންވީ އިސްލާމްދީނުގެ ޢިލްމުވެރިންވެސްމެއެވެ. ފަހެ އެ ބޭކަލުން ބިދުޢަތަކަށް އިންކާރުކުރައްވާ، އެއާމެދު އިންޛާރުދެއްވިއެވެ. އިބްނު ވައްޟާޙު، އައްޠަރްޠޫޝީ، އަބޫ ޝާމާ އަދި އެނޫންވެސް ސުންނަތުގެ ޤަދަރު މަތިކޮށް މާތްކުރުމުގައި، އަދި ބިދުޢައަށް އިންކާރުކުރުމުގައި ލިޔުއްވި ކޮންމެ ބޭކަލަކުވެސް އެކަން ޛިކުރުކުރައްވާފައިވާ ފަދައިންނެވެ.
އަދި މީސްތަކުންގެ ތެރެއިން ބަޔަކުމީހުން އުފައްދާފައިވާ ބިދުޢަތަކުގެ ތެރެއިން އެއްކަމަކީ: ޝަޢުބާންމަސް ދެބައިވާ ރޭ ފާހަގަކޮށް، އެ ދުވަސް ރޯދަހިފުމަށް ޚާއްޞަކުރުމުގެ ބިދުޢައެވެ. އެކަމުގެ މައްޗަށް ބަރޯސާވުން ހުއްދަވާނޭ ދަލީލެއް ނެތެވެ. އެ ރޭގެ މާތްކަމާމެދު ބަލިކަށި ޙަދީޘްތަކެއް އައިސްފައިވެއެވެ. އެއަށް ބަރޯސާވުން ހުއްދަވެގެން ނުވެއެވެ.
ދެންފަހެ އެ ރޭގައި ނަމާދުކުރުމުގެ މާތްކަމާމެދު އައިސްފައިވާ ތަކެއްޗަށް ބަލާއިރު؛ ފަހެ އެ ހުރިހާ އެއްޗަކީވެސް ހަދާފައިވާ ދޮގު ވާހަކަތަކެކެވެ. ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ގިނަބަޔަކު އެކަމަށް ސަމާލުކުރުވާފައިވާ ގޮތަށެވެ. ﷲ އިރާދަކުރެއްވިއްޔާ އޭގެ ބައެއް ބޭކަލުންގެ ބަސްތައް ޛިކުރުކުރުން އަންނަހުއްޓެވެ.
އަދިވެސް އެ ރެޔާމެދު، ޝާމްކަރައިގެ އަހުލުވެރިންގެ ތެރެއިންވާ އަދި އެހެންވެސް ބައެއް ސަލަފުންގެ އަރިހުން އަޘަރުތަކެއް އައިސްފައިވެއެވެ.
ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެލައްވާފައިވާ ގޮތަކީ: އެ ރޭ ފާހަގަކުރުމަކީ ބިދުޢައެއްކަމެވެ. އަދި އެ ރޭގެ މާތްކަމާމެދު އައިިސްފައިވާ ހުރިހާ ޙަދީޘްތަކަކީ ބަލިކަށިވެގެންވާ، އަދި އޭގެ ބައެއް ޙަދީޘްތަކަކީ ހަދާފައިވާ ދޮގު ޙަދީޘްތަކެއްކަމެވެ. އެކަން ސަމާލުކަމަށް ގެންނެވި ބޭފުޅުންގެ ތެރޭގައި: އަލްޙާފިޡު އިބްނު ރަޖަބު، އެކަލޭގެފާނުގެ ފޮތް 'ލަޠާއިފުލް މަޢާރިފު' ގައި، އަދި އެހެން ބޭކަލުންވެސްވެއެވެ. އަދި އެނގިގެންވާކަމަކީ: އަޅުކަންތަކުގައި ބަލިކަށި ޙަދީޘްތަކަށް ޢަމަލުކުރެވޭހުށީ ހަމައެކަނި އެ ކަންކަމުގެ އަޞްލު ޞައްޙަ ދަލީލުތަކުން ޘާބިތުވެގެންވާ އަޅުކަންތަކުގައިއެވެ. ދެންފަހެ ޝަޢުބާން މަސް ދެބައިވާ ރޭ ފާހަގަކުރުމަކީ، ބަލިކަށި ޙަދީޘްތަކުން އެއަށް މުނިއަވަހެއް (އެހީއެއް) ހޯދާކަށް، ޞައްޙަ އަޞްލެއް އެއަށްވާ ކަމެއް ނޫނެވެ. އިމާމް އަބުލް ޢައްބާސް، ޝެއިޚުުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވަނީ މި އަގުހުރި ޤަވާޢިދު ޛިކުރުކުރައްވާފައިއެވެ.
އޭ ކިޔުންތެރިޔާއެވެ. މި މައްސަލާގައި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވި ބަސްފުޅުތައް އަހަރެން ތިބާއަށް ގެނެސްދޭނަމެވެ. އެއީ އެކަމާމެދު ތިބާ ސާފު ޙުއްޖަތެއްގެ މަތީގައި ހުރުމަށްޓަކައިއެވެ.
މީސްތަކުން އެ މައްސަލަތަކެއްގައި ދެބަސްވެ ޚިލާފުވެގެންވާ ކަންތަކުގައި ވާޖިބުވެގެންވަނީ ﷲ -ޖައްލަ ޖަލާލުހޫ- ގެ ފޮތަށާއި، ﷲ ގެ ރަސޫލާ ﷺގެ ސުންނަތަށް އެކަންކަން ރައްދުކުރުން ކަމުގައި ޢިލްމުވެރިން رحمهم الله އިޖްމާޢުވެގެންވެއެވެ. ދެން އެ ދޭތިން ނުވަތަ އެތަނުން އެކަތި އެ މައްސަލައެއްގައި ކުރި ޙުކުމެއް އެއީ ފަހެ ތަބަޢަވުން ވާޖިބުވެގެންވާ ޝަރުޢެވެ. އަދި އެ ދެއެއްޗާ ޚިލާފުވި އެއްޗެއް ދޫކޮށްލަންޖެހެއެވެ. އަދި އެ ދޭތީގައި އައިސްފައި ނުވާ އަޅުކަންތަކަކީ ފަހެ އެއަށް ދަޢުވަތުދީ ހިތްވަރުދިނުން ކީއްކުރަން، އެކަންކަން ކުރުންވެސް ހުއްދަވެގެން ނުވާ ބިދުޢައެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ: (އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިންވާ ވެރިންނަށް ވެސް ކިޔަމަންވާށެވެ. ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އާއި ރަސޫލާއަށް އެ ކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި އެ އިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެ ގޮތަށް ޢަމަލުކުރާށެވެ.) އެއީ ތިޔަބައިމީހުން ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ.) [އައްނިސާއު: 59]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ތިޔަބައިމީހުން އެ ކަމަކާމެދުގައި ޚިލާފުވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުން ވަނީ، ﷲ އަށެވެ...) [އައްޝޫރާ: 10] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައިވާނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ...) [އާލްޢިމްރާން: 31] އަދިވެސް އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވިއެވެ: (ފަހެ އެހެންނަކުން ނޫނެވެ. ކަލޭގެފާނުގެ ވެރި ރައްބު ގަންދެއްވަމެވެ. އެ މީހުންގެ މެދުގައި އުފެދޭ ޚިލާފުތަކުގައި، ޙުކުމްކުރާ ފަރާތަކީ ކަލޭގެފާނު ކަމުގައި އެ މީހުން ހަދާ، ދެން ކަލޭގެފާނު ނިޔާކުރައްވާ ގޮތާމެދު އެ މީހުންގެ ހިތްތަކުގައި އެއްވެސް އުނދަގޫކަމެއް ނުދެކޭ ޙާލު، ފުރިހަމަ ކިޔަމަންތެރިކަމަކުން އެ މީހުން ކިޔަމަންތެރިނުވާހާ ހިނދަކު، އެ މީހުން އީމާންވި ކަމުގައި ނުވާނެއެވެ.) [އައްނިސާއު: 65] މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ. އެއީ ޚިލާފުވާ މައްސަލަތައް ޤުރްއާނާއި ސުންނަތަށް ރައްދުކުރުމަށާއި، އެ ދެ މަޞްދަރުން ނިންމާ ޙުކުމަށް ރުހުމުގެ ވާޖިބުވާކަމާއި، އަދި އެއީ އީމާންކަން ނިޔާކުރާ ގޮތްކަމާއިި، އަދި އެއީ މިހާރާއި ފަހަށް އޮތްތާގައި (ދުނިޔެއާއި އާޚިރަތުގައި) އަޅުތަކުންނަށް އެންމެ ހެޔޮވެގެންވާ ގޮތް، އަދި އެންމެ ނަތީޖާވެސް ރަނގަޅުގޮތް ކަމުގެ މައްޗަށްވާ ނައްޞެކެވެ.
އަލްޙާފިޡު އިބްނު ރަޖަބު رحمه الله އެކަލޭގެފާނުގެ ފޮތް: 'ލަޠާއިފުލް މަޢާރިފު' ގައި މި މައްސަލާގައި -އިސްވެދިޔަ ވާހަކަތަކަށް ފަހުގައި- ވިދާޅުވި ބަސްފުޅުގެ ނައްޞުގައިވެއެވެ:
"ޝަޢުބާންމަސް ދެބައިވާ ރޭގައި، ޚާލިދު ބްނު މަޢުދާނު އާއި، މަކްޙޫލު އާއި، އަދި ލުޤްމާނު ބްނު ޢާމިރު ފަދަ؛ ޝާމްކަރައިގެ އަހުލުވެރިންގެ ތެރެއިންވާ ތާބިޢީ ބޭކަލުންނާއި، އަދި އެހެން ބޭކަލުންވެސް އެ ރޭގެ ޤަދަރު މަތިވެރިކޮށް، އަދި އަޅުކަންކުރުމުގައި ގަދައަޅާ މަސައްކަތްކުރައްވައެވެ. މީސްތަކުން އެ ރޭގެ މާތްކަމާއި، ޤަދަރު މަތިކުރުން ނެގީ އެބޭކަލުންގެ ފުށުންނެވެ. އަދި ބުނެވުނެވެ: އެބޭކަލުންނަށް އެކަމުގައި އިސްރާއީލީ ރިވާޔަތްތަކެއް ފޯރިއެވެ. ދެންފަހެ އެބޭކަލުންގެ އަރިހުން އެކަން ރަށްތަކުގައި މަޝްހޫރުވިހިނދު؛ މީސްތަކުން އެކަމުގައި ޚިލާފުވިއެވެ. އެގޮތުން އޭގެ ތެރޭގައި އެބޭކަލުންގެ ކިބައިން އެކަން ޤަބޫލުކޮށް، އަދި އެ ރޭ މަތިކުރުމަށް އެއްބަސްވި މީހުންވެއެވެ. އޭގެ ތެރޭގައި: ބަޞްރާގެ އަހުލުވެރިންގެ އަޅުވެރިންގެ ޖަމާޢަތަކާއި އެހެން މީހުންވެއެވެ. އަނެއްކޮޅުން ޙިޖާޒުކަރައިގެ ގިނަ ޢިލްމުވެރިން އެކަމަށް އިންކާރުކުރެއްވިއެވެ. އޭގެ ތެރޭގައި: ޢަޠާއު އަދި އިބްނު އަބީ މުލައިކާވެއެވެ. އަދި ޢަބްދުއް ރަޙްމާނު ބްނު ޒައިދު ބްނު އަސްލަމު، މަދީނާގެ އަހުލުވެރިންގެ ފިޤުހުވެރިންގެ ކިބައިން އެކަން ނަޤުލުކުރެއްވިއެވެ. އަދި އެއީ މާލިކުގެ އަޞްޙާބުންނާއި އެހެން ބޭކަލުންގެވެސް ބަސްފުޅެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި: އެ ހުރިހާކަމަކީވެސް ބިދުޢައެވެ.
ޝާމްކަރައިގެ ޢިލްމުވެރިން، އެ ރޭ އިޙްޔާކުރުމުގެ ޞިފައާމެދު ދެ ބަސްފުޅަކަށް ޚިލާފުވިއެވެ:
އެއް ބަސްފުޅަކީ: މިސްކިތްތަކުގައި ޖަމާޢަތެއްގެ ގޮތުގައި އެ ރޭ އިޙްޔާކުރުން އެދެވިގެންވާ ކަމަށް ބުނުމެވެ. ޚާލިދު ބްނު މަޢުދާނު އާއި، ލުޤްމާނު ބްނު ޢާމިރު އާއި އެހެން ބޭކަލުން، އެ ރޭގައި އެންމެ ރިވެތި އަންނައުނު ތުރުކުރައްވާ، އަދި މީރުވަސްދުވާ ދުން ޖައްސަވާ، އަނދުން އަޅުއްވައެވެ. އަދި އެ ރޭގައި މިސްކިތުގައި ރޭ އަޅުކަންކުރައްވައެވެ. އިސްޙާޤު ބްނު ރާހަވައިހިވެސް އެކަމުގެ މައްޗަށް އެބޭކަލުންނާ އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މިސްކިތްތަކުގައި ޖަމާޢަތުގައި އެ ރޭގައި ރޭއަޅުކަން ކުރުމާމެދު އެއީ ބިދުޢައެއް ނޫންކަމުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ޙަރްބު އަލްކިރްމާނީގެ މަސާއިލުގައި އެކަލޭގެފާނުގެ އަރިހުން އެބަސްފުޅު ނަޤުލުކުރެއްވިއެވެ.
ދެވަނަ ބަހަކީ: އެ ރޭގައި މިސްކިތްތަކުގައި ނަމާދުކުރުމަށާއި، ދަރުސްދިނުމަށާއި، ދުޢާކުރުމަށް ޖަމަޢަވުން މަކްރޫހަވެގެންވެއެވެ. އެކަމަކު މީހާ އަމިއްލައަށް އެ ރޭގައި ނަމާދުކުރުން މަކްރޫހަވެގެން ނުވެއެވެ. މިއީ ޝާމްކަރައިގެ އިމާމު، އަދި އެމީހުންގެ ފަޤީހު އަދި ޢިލްމުވެރިޔާ: އަލްއައުޒާޢީގެ ބަސްފުޅެވެ. ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ އެންމެ ކައިރިކުރާ ބަސްފުޅަކީ އެޔެވެ." އެހެންގޮސް އެކަލޭގެފާނު (އެބަހީ: އިބްނު ރަޖަބު) ވިދާޅުވިއެވެ: "ޝަޢުބާން މަސް ދެބައިވާ ރެޔާމެދު އިމާމް އަޙްމަދުގެ އަރިހުން އެއްވެސް ބަސްފުޅެއް އެނގިގެން ނުވެއެވެ. އަދި އެ ރޭގައި ރޭއަޅުކަން ކުރުން އެދެވިގެންވާކަމުގެ މައްޗަށް އެކަލޭގެފާނުގެ އަރިހުން، ދެ ޢީދު ވިލޭރޭގައި ރޭއަޅުކަން ކުރުމާމެދުވާ ދެ ރިވާޔަތުގެ މައްޗަށް ދެ ރިވާޔަތް ނެރެވިދާނެއެވެ. އެގޮތުން އެއް ރިވާޔަތުގައިވާ ގޮތުން: އެ ރޭގައި ޖަމާޢަތުގައި ރޭ އަޅުކަންކުރުން އެދެވިގެން ނުވެއެވެ. އެހެނީ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ އަރިހުން އެގޮތަށް ނަޤުލުވެގެން ނުވާތީއެވެ. އެހެން ރިވާޔަތެއްގައި އެކަލޭގެފާނު އެކަން (ޢީދުގެ ވިލޭރޭ ރޭއަޅުކަންކުރުން) މުސްތަޙައްބުކުރެއްވިއެވެ. އެއީ ޢަބްދުއް ރަޙްމާނު ބްނު ޔަޒީދު ބްނު އަލްއަސްވަދު އެފަދައިން ކަންތައް ކުރެއްވުމުންނެވެ. އެކަލޭގެފާނަކީ ތާބިޢީންގެ ތެރެއިންވާ ބޭކަލެކެވެ. ފަހެ، (ޝަޢުބާން މަސް) ދެބައިވާ ރޭވެސް ހަމަ އެފަދައިންނެވެ. އެކަމުގައި ނަބިއްޔާ ﷺ އަރިހުން، އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ އަރިހުންވެސް އެއްވެސް އެއްޗެއް ޘާބިތުވެގެން ނުވެއެވެ. އަދި ޝާމްކަރައިގެ އަހުލުވެރި ފިޤުހުވެރިންގެ ފާހަގަކޮށްލެވޭ ތާބިޢީންގެ ޖަމާޢަތެއްގެ އަރިހުން އެ ރެޔާމެދު ޘާބިތުވެގެންވެއެވެ."
އަލްއިމާމު އަލްޙާފިޡު އިބްނު ރަޖަބުގެ ބަސްފުޅުން ޤަޞްދުކުރެވޭ މިންވަރު މި ނިމުނީއެވެ. އެ ވާހަކައިގައި، ނަބިއްޔާ ﷺގެ އަރިހުން، އެދި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم ގެ އަރިހުންވެސް، ޝަޢުބާން މަސް ދެބައިވާ ރެޔާމެދު އެއްވެސް އެއްޗެެއް ޘާބިތުވެގެން ނުވާކަމަށް ޞަރީޙަކޮށްވެއެވެ.
ދެންފަހެ ފަރުދީކޮށް ވަކިން އެ ރޭ ރޭއަޅުކަންކުރުން އެދެވިގެންވާކަމަށް އަލްއައުޒާޢީ އިޚްތިޔާރުކުރެއްވުމާއި، އަދި އަލްޙާފިޡު އިބްނު ރަޖަބުވެސް މި ބަސްފުޅު އިޚްތިޔާރުކުރެއްވުމީ ފަހެ ޣަރީބު ބަލިކަށި ބަހެކެވެ. އެހެނީ އެކަމެއް ޝަރުޢުވެގެންވާ ކަމަށް ޝަރުޢީ ދަލީލުތަކުން ޘާބިތުނުވާ ކޮންމެ ކަމެއް؛ ﷲ ދީނުގައި އެކަމެއް އުފެއްދުން މުސްލިމުމީހާއަށް ހުއްދަވެގެން ނުވެއެވެ. ފަރުދީކޮށް ވަކިންކުރިޔަސް ނުވަތަ ޖަމާޢަތެއްގައި ކުރިޔަސްމެއެވެ. ސިއްރުންކުރިޔަސް ފާޅުކޮށް އިޢުލާނުކުރިޔަސްމެއެވެ. އެއީ ނަބިއްޔާ ﷺގެ ބަސްފުޅުގެ ޢާއްމު މާނައަށްޓަކައިއެވެ. "އަހަރުމެންގެ ކަންތައް އެ ގޮތަކަށް ނުވާ ގޮތަކަށް ޢަމަލެއްކޮށްފި މީހާ؛ ފަހެ އެ ކަމެއްވަނީ ރައްދުކުރެވިގެންނެވެ." އަދި އެނޫންވެސް ބިދުޢައަށް އިންކާރުކުރުމާއި އެއާމެދު އިންޛާރުކުރުމަށް ދަލީލުކުރާ އެހެން ދަލީލުތަކެވެ.
އިމާމު އަބޫބަކުރު އައްޠަރްޠޫޝީ ގެ ފޮތް: 'އަލްޙަވާދިޘް ވަލްބިދަޢު" ގައި ވިދާޅުވި ބަސްފުޅުގެ ނައްޞުގައިވެއެވެ:
"އިބްނު ވައްޟާޙު، ޒައިދު ބްނު އަސްލަމު ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ: އަހަރުމެންގެ ޝެއިޚުންނާއި ފިޤުހުވެރިންގެ ތެރެއިން އެކަކުވެސް ޝަޢުބާން މަސް ދެބައިވާ ރެޔަށް ފަސްއެނބުރި ބަލާލިކަމަށް ދިމާނުވެއެވެ. އަދި މަކްޙޫލުގެ ޙަދީޘަށް އެބޭކަލުން ނުބައްލަވައެވެ. އަދި އެހެން ރޭތަކުގެ މައްޗަށް އެ ރެޔަށް މާތްކަމެއްވާކަމަށް ދެކެނުލައްވައެވެ.
އަދި އިބްނު އަބީ މުލައިކާއަށް ދެންނެވުނެވެ: ޒިޔާދު އައްނުމައިރީ އެބަ ބުނެއެވެ: "ޝަޢުބާން މަސް ދެބައިވާ ރޭގެ ފަހުކޮޅުގެ އަޖުރު، ލައިލަތުލް ޤަދްރި ވިލޭރޭގެ އަޖުރު ފަދައެވެ." އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ: "އަހަރެންގެ އަތުގައި އަސާގަނޑެއް އޮއްވާ، އެހެން ބުނި އަޑުއިވުނުނަމަ؛ އޭނާގެ ގައިގައި ޖެހީމުހެވެ." ޒިޔާދުވީ ޤާއްޞެއް (ހިތްމަޑުކުރުމަށްޓަކައި ވާހަކަކިޔާ ދަރުސްދީ ހަދާ މީހެއް) ކަމުގައިއެވެ." ޤަޞްދުކުރެވޭ ބަސް މި ނިމުނީއެވެ.
ޢައްލާމާ އައްޝައުކާނީ رحمه الله، "އަލްފަވާއިދުލް މަޖްމޫޢާ" ފޮތުގައި ވިދާޅުވި ބަސްފުޅުގެ ނައްޞުގައިވެއެވެ:
"މި ޙަދީޘް: "އޭ ޢަލީއެވެ! ޝަޢުބާންމަސް ދެބައިވާ ރޭގައި ސަތޭކަ ރަކްޢަތްކޮށް، އެއިން ކޮންމެ ރަކްޢަތެއްގައި ފާތިޙާ ސޫރަތާއި قل هو الله أحد ސޫރަތް ދިހަ ފަހަރު ކިޔަވައިފި މީހާ؛ ﷲ އޭނާގެ ކޮންމެ ޙާޖަތެއް ފުއްދަވާދެއްވާނެެތެވެ." މި ޙަދީޘް ނިމެންދެނެވެ. މިއީ ހަދާފައިވާ މައުޟޫޢު ދޮގު ޙަދީޘެކެވެ. އަދި އޭގެ ލަފްޒުތަކުގައި ޞަރީޙަކޮށް އެވާ، އެ ނަމާދެއްކުރާ މީހަކަށް ލިބޭނެކަމަށް އެވާ ޘަވާބަކީ: ހެޔޮނުބައި ވަކިވާ އިންސާނަކު އެއީ ހަދާފައިވާ ދޮގެއްކަމާމެދު ޝައްކުނުކުރާނޭ ކަންތަކެކެވެ. އަދި (ސަނަދުގެ) ރިޖާލުންނަކީ ކާކުކަން ނޭނގޭ މަޖްހޫލު މީހުންނެވެ. ދެވަނަ އަދި ތިންވަނަ މަގަކުންވެސް އެ ޙަދީޘް ރިވާކުރެވުނެވެ. އެ ހުރިހާ މަގުތަކުންވާ ޙަދީޘްތަކަކީވެސް ހުސް ހަދާފައިވާ ދޮގު ޙަދީޘްތަކެވެ. އަދި ރިވާކުރި މީހުންނަކީ ކާކުކަން ނޭނގޭ މަޖްހޫލު މީހުންނެވެ." އަދި "އަލްމުޚްތަޞަރު" ގައި ވިދާޅުވިއެވެ: "ޝަޢުބާންމަސް ދެބައިވާ ރޭގެ ނަމާދުވާ ޙަދީޘަކީ ބާޠިލު ޙަދީޘެކެވެ. އަދި އިބްނު ޙިއްބާނަށް ލިބިފައިވާ، ޢަލީގެފާނުގެ (އަރިހުން ރިވާކުރެވުނު) ޙަދީޘްގައިވެއެވެ: "ޝަޢުބާން މަސް ދެބައިވާ ރޭވެއްޖެނަމަ ފަހެ ތިޔަބައިމީހުން އެ ރޭ ތެދުވެ އަޅުކަންކުރާށެވެ. އަދި އެ ރޭގެ ދުވާލު ރޯދަހިފާށެވެ." މިއީ ބަލިކަށި ޙަދީޘެކެވެ. އަދި "އައްލައާލިއު" ފޮތުގައި ވިދާޅުވިއެވެ: އައްދައިލަމީ އާއި އެހެން ބޭފުޅުން ރިވާކުރެއްވި: "ޝަޢުބާންމަހުގެ ދެބައިވާ ރޭގައި، އަލްއިޚްލާޞް ސޫރަތް ދިހަ ފަހަރު ކިޔައިގެން ސަތޭކަ ރަކުޢަތް ކުރުމަށް އޮތް ޙަދީޘް"، އެކަމުގެ މާތްކަން ދިގުކޮށްވާ އެޙަދީޘް އެއީ ހަދާފައިވާ ދޮގު ޙަދީޘެކެވެ. އަދި އެ ޙަދީޘް ރިވާކުރެވުނު ތިން މަގުގައިވެސް ހިމެނޭ ގިނަ ރާވީންނަކީ މަޖްހޫލު ބަލިކަށި މީހުންނެވެ." ވިދާޅުވިއެވެ: "އަދި އަލްއިޚްލާޞް ސޫރަތް ތިރީސް ފަހަރު ކިޔައިގެން ބާރަ ރަކްޢަތް ކުރަން އޮތް" ޙަދީޘަކީވެސް ހަދާފައިވާ ދޮގު ޙަދީޘެކެވެ. އަދި "ސާދަ ރަކްޢަތް" (ކުރަންއޮތް ޙަދީޘަކީވެސް) ހަމަ ހަދާފައިވާ ދޮގެކެވެ.
ފިޤުހުވެރިންގެ ޖަމާޢަތެއް މި ޙަދީޘްގެ ކެހީގައި ޖެހި ހެއްލުންތެރިވިއެވެ. 'އަލްއިޙްޔާއު' ފޮތުގެ މުއައްލިފާއި އެހެން ބޭފުޅުންނެވެ. ހަމަ އެގޮތަށް ތަފްސީރު ޢިލްމުވެރިންގެ ބަޔަކުވެސްމެއެވެ. މި ރޭ -އެބަހީ: ޝަޢުބާން ދެބައިވާ ރޭ- ގެ ނަމާދު ތަފާތު އެކި ގޮތްގޮތަށް ރިވާކުރެވުނެވެ. އެ ހުރިހާ ޙަދީޘްތަކަކީވެސް ހުސް ބާޠިލު ދޮގު ޙަދީޘްތަކެކެވެ. މި ކަމަކުން، އައްތިރްމިޛީ، ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރެއްވި ޙަދީޘް ނަފީކޮށް ފުށުނާރައެވެ. އެއީ އެކަލޭގެފާނު ﷺ ބަޤީޢުއަށް ވަޑައިގެންނެވިކަމާއި، ޝަޢުބާން ދެބައިވާ ރޭގައި ރައްބު ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވާކަމާއި، ކަލްބު ވަންހައިގެ ބަކަރިތަކުގެ ކެހެރިތަކުގެ ޢަދަަދަށްވުރެ ގިނަ ބަޔަކަށް އެކަލާނގެ ފާފަފުއްސަވާނެކަމަށްވާ ޙަދީޘެވެ. ފަހެ މިތަނުގައި ވާހަކަ މިދެކެވެނީ މި ރޭގައި ކުރުމަށް ހަދާފައި މިވާ ނަމާދާ މެދުގައިއެވެ. އެއީ އެއާއެކު ޢާއިޝަތުގެފާނުގެ މި ޙަދީޘްގައިވެސް ބަލިކަށިކަމަކާއި، މެދުކެނޑުމެއް ވުމާއެކުގައިއެވެ. އެފަދައިންމެ އިސްވެދިޔަ، އެ ރޭގައި ރޭއަޅުކަން ކުރުމަށްވާ ޢަލީގެފާނުގެ ޙަދީޘްވެސް، މި ނަމާދަކީ ހަދާފައިވާ ދޮގު އެއްޗެއްކަމަށްވުން ނަފީ ނުކުރެއެވެ. އެއީ އަހަރުމެން ނަންގަތްގޮތަށް އެ ޙަދީޘްގައިވެސްވާ ބަލިކަށިކަމާ އެކުގައިއެވެ." (އައްޝައުކާނީގެ ވާހަކައިން) ޤަޞްދުކުރެވޭ ހިސާބަށް މި ނިމުނީއެވެ.
އަލްޙާފިޡު އަލްޢިރާޤީ ވިދާޅުވިއެވެ: "(ޝައުބާން މަސް) ދެބައިވާ ރޭގެ ނަމާދުވާ ޙަދީޘަކީ: ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ހަދާފައިވާ ޙަދީޘެކެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ހަދާފައިވާ ދޮގެއްވެސްމެއެވެ." އަދި އިމާމު އައްނަވަވީ "އަލްމަޖްމޫޢު" ފޮތުގައި ގެނައެވެ: "ރަޖަބުމަހުގެ ފުރަތަމަ ހުކުރު ވިލޭރޭ، މަޣުރިބާއި ޢިޝާއާ ދެމެދު ބާރަ ރަކްޢަތުގެ މައްޗަށް ކުރެވޭ، އައްރަޣާއިބު ނަމާދުގެ ނަމުން އެނގިގެންވާ ނަމާދާއި، ޝަޢުބާން ދެބައިވާ ރޭގައި ސަތޭކަ ރަކްޢަތުގެ މައްޗަށްކުރާ ނަމާދާއި، މި ދެނަމާދަކީ މުންކަރުވެގެންވާ ދެ ބިދުޢައެވެ. އަދި "ޤޫތުލް ޤުލޫބު" އާއި "އިޙްޔާއު ޢުލޫމިއް ދީން" ފޮތުގައި އެ ދެނަމާދު ޛިކުރުކުރެވިފައިވުމުންނާއި، އަދި އެ ދެފޮތުގައި ޛިކުރުވެގެންވާ ޙަދީޘްގެ ސަބަބުން، ހެއްލިގެން ނުދާހުށިކަމެވެ. ފަހެ އެ ހުރިހާ އެއްޗަކީ ހުސް ބާޠިލެވެ. އަދި އެ ދެނަމާދުގެ ޙުކުމް އޮޅުންއެރުމުގެ ސަބަބުން، އެ ދެނަމާދުކުރުން ސުންނަތްވެގެންވާކަމަށް ކަރުދާސްތަކެއް ލިޔުއްވި އިމާމުންގެ ތެރެއިން ބޭފުޅުންނާ ހެދި، ހެއްލުންތެރިނުވާށެވެ. ފަހެ އެމީހަކު އެވަނީ އެކަމުގައި ގޯސްހަދާފައިއެވެ."
އަދި އައްޝެއިޚު އަލްއިމާމު: އަބޫ މުޙައްމަދު ޢަބްދުއް ރަޙްމާނު ބްނު އިސްމާޢީލު އަލްމަޤްދިސީ ވަނީ އެ ދެނަމާދު ބާޠިލުވެގެންވާކަމަށް ބަޔާންކުރައްވާ އަގުހުރި ފޮތެއް ލިޔުއްވާފައިއެވެ. އަދި އެބޭފުޅާ އެ ފޮތުގައި ފުރިހަމަކޮށް ރިވެތިކުރައްވާ ރަނގަޅު ބަސްތަކެއް ގެންނެވިއެވެ. މި މައްސަލާގައިވާ ޢިލްމުގެ އަހުލުވެރިންގެ ވާހަކަތައް ވަރަށްވެސް ގިނައެވެ. މި މައްސަލާގައި އަހަރުމެންނަށް ފެނިފައިވާ ހުރިހާ ބަސްތަކެއް ގެންނަން އަހަރުމެން އުޅެފިނަމަ؛ ވާހަކަ ދިގުވެގެން ދިޔައީހެވެ. އަހަރުމެން މި ބަޔާންކުރި މިންވަރުގައި، ޙައްޤު ހޯދާ މީހަކަށް ފުދޭވަރާއި ރުހި ޤަބޫލުވާވަރު ވާނޭކަމަށް ބެލެވެއެވެ.
އިސްވެދިޔަ އާޔަތްތަކާއި ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްތަކުން ޙައްޤު ހޯދާ މީހަކަށް ސާފުވެގެންދާނީ؛ ޝަޢުބާން މަސް ދެބައިވާ ރޭގައި ނަމާދުކޮށްގެން ނުވަތަ އެހެން ކަމަކުންވެސް ފާހަގަކުރުމާއި، އަދި އެ ދުވަސް ރޯދަހިފުމަށް ޚާއްޞަކުރުމަކީ؛ ގިނަ ޢިލްމުވެރިންތަކެއް އަރިހުގައި މުންކަރު ބިދުޢައެއްކަމެވެ. އަދި ޠާހިރުވެގެންވާ ޝަރުޢުގައި އެއަށް އެއްވެސް އަޞްލެއް ނުވެއެވެ. ކިއެއްތަ، އެއީ ޞަޙާބީން رضي الله عنهم ގެ ޒަމާނަށް ފަހުގައި އިސްލާމްދީނުގައި އުފެދުނު ކަންތަކުން ކަމެކެވެ. މި ބާބުގައާއި، އެހެން ބާބުތަކުގައިވެސް ޙައްޤު ހޯދަން އުޅޭ މީހަކަށް ﷲ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅު ފުދެއެވެ: (...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ...) [އަލްމާއިދާ: 3] އަދި މި މާނައިގައި އައިސްފައިވާ އާޔަތްތަކާއި، ނަބިއްޔާ ﷺގެ މި ބަސްފުޅުވެސްމެއެވެ: "އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." އަދި އެ މާނައިގައި އައިސްފައިވާ ޙަދީޘްތައްވެސްމެއެވެ.
އަދި ޞަޙީޙު މުސްލިމްގައި، އަބޫ ހުރައިރާ رضي الله عنه ގެ އަރިހުންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ރޭތަކުގެ ތެރެއިން ހުކުރު ވިލޭރޭ ރޭއަޅުކަން ކުރަން ތެދުވަން ޚާއްޞަ ނުކުރާށެވެ. އަދި ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ރޯދަހިފަން ޚާއްޞަ ނުކުރާށެވެ. އެކަމަކު އެއީ ތިޔަބައިމީހުންކުރެ މީހަކު ހިފާ ރޯދައަކާ އެ ދުވަސް ދިމާވެއްޖެއްޔާ މެނުވީއެވެ." ފަހެ، ރޭތަކުން ރެޔެއްގައި، އަޅުކަމުން ކަމެއް ކުރުމަށް ޚާއްޞަކުރުން ހުއްދަވެގެންވާނަމަ؛ ހުކުރު ވިލޭރޭ އެހެން ރޭތަކަށްވުރެ އެކަމަށް މާ އައުލާވެގެންވެއެވެ. އެހެނީ އެ ރޭ އަލިވިލޭ ދުވަހަކީ އިރު އެ ދުވަހެއްގެ މައްޗަށްއަރާ އެންމެ ހެޔޮ ދުވަހެވެ. ﷲ ގެ ރަސޫލާ ﷺގެ އަރިހުންވާ ޞައްޙަ ޙަދީޘްތަކުގެ ނައްޞުންވާ ގޮތަށެވެ. ދެންފަހެ ރޭތަކުގެ ތެރެއިން ހުކުރު ވިލޭރޭ ޤިޔާމުއް ލައިލަށް ތެދުވަން ޚާއްޞަކުރުމާމެދު ނަބިއްޔާ ﷺ އިންޛާރުދެއްވިހިނދު؛ އެއިން ދަލީލުކުރަނީ އެނޫން ރޭރޭ އަދި އެއަށްވުރެ މާއައުލާވެގެންވާ ކަމެވެ. އެއިން އެއްވެސް ރެޔެއް، އަޅުކަމުން އެއްވެސް ކަމަކަށް ޚާއްޞަކުރުން ހުއްދަވެގެން ނުވެއެވެ. ޚާއްޞަކުރުމަށް ދަލީލުކުރާ ޞައްޙަ ދަލީލަކުން މެނުވީއެވެ.
ލައިލަތުލް ޤަދްރި އާއި، ރަމަޟާންމަހުގެ ރޭތަކުގައި ރޭ އަޅުކަންކޮށް، ގަދައަޅާ އަޅުކަންކުރުން ޝަރުޢުވެގެންވުމުން؛ ނަބިއްޔާ ﷺ އެކަން ސަމާލުކަމަށް ގެންނެވިއެވެ. އަދި އެ ރޭތަކުގައި ޤާއިމުވުމަށް އުއްމަތަށް ބާރުއަޅުއްވާ، ޚުދު އެކަލޭގެފާނު އަމިއްލަފުޅަށްވެސް އެކަން ކުރެއްވިއެވެ. އެއީ ދެ ޞަޙީޙުގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް އައިސްފައިވާ ފަދައިންނެވެ: "އީމާންކަމާއި އަޖުރަށް އުއްމީދުކުރުމާއެކު ރަމަޟާންމަހުގައި (ރޭއަޅުކަން) ޤާއިމުކޮށްފި މީހާ؛ އޭނާގެ އިސްވެދިޔަ ފާފަތައް އޭނާއަށްޓަކައި ފުއްސެވިގެންދެއެވެ. އަދި ލައިލަތުލް ޤަދްރިވިލޭރޭ ، އީމާންކަމާއި އަޖުރަށް އެދުމާއެކު ރޭއަޅުކަންކުރަން ޤާއިމުވެއްޖެ މީހާއަށް؛ އޭނާގެ އިސްވެދިޔަހާ ފާފަތައް ފުއްސެވޭހުއްޓެވެ." ދެންފަހެ ޝަޢުބާން މަސް ދެބައިވާ ރޭ، ނުވަތަ ރަޖަބު މަހުގެ ފުރަތަމަ ހުކުރުވިލޭރޭ، ނުވަތަ އިސްރާއާއި މިޢުރާޖުގެ ރޭ، ފާހަގަކުރުން ނުވަތަ އަޅުކަމުން ކަމެއް ކުރަން ޚާއްޞަކުރުން ޝަރުޢުވެގެންވާނަމަ؛ ނަބިއްޔާ ﷺ އުއްމަތަށް އެކަމަށް އިރުޝާދުދެއްވީހެވެ. ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެކަން ކުރެއްވީހެވެ. އަދި އެއިން ކަމެއް ހިނގިނަމަ؛ ޞަޙާބީން رضي الله عنهم އުއްމަތަށް އެކަމެއް ނަޤުލުކުރެއްވީހެވެ. އަދި އެބޭކަލުން އެކަމެއް އުއްމަތަށް ވަންހަނާ ނުކުރެއްވީހެވެ. އެބޭކަލުންނީ އެންމެ ހެޔޮވެގެންވާ މީހުންނެވެ. އަދި ނަބިއްޔުން عليهم الصلاة والسلام އަށްފަހުގައި މީސްތަކުންނަށް އެންމެ ނަޞޭޙަތްތެރިވެލައްވާ ބޭކަލުންނެވެ. ﷲ ގެ ރަސޫލާ ﷺގެ އަޞްޙާބުންނަށް ﷲ ރުއްސަވާ، އަދި އެބޭކަލުންވެސް ރުހިވަޑައިގަންނަވާ ގޮތަށް ލައްވާށިއެވެ.
ޢިލްމުވެރިންގެ ބަސްފުޅުތަކުން ދެންމެ މިދިޔަ ވާހަކަތަކުން ތިބާއަށް އެނގިގެންދާނީ: ރަޖަބުމަހުގެ އެންމެ ފުރަތަމަ ހުކުރުވިލޭރޭ، އަދި ޝަޢުބާން މަސް ދެބައިވާ ރޭގެ މާތްކަމާއިމެދު އެއްވެސް އެއްޗެއް ﷲ ގެ ރަސޫލާ ﷺގެ އަރިހުން، އަދި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم ގެ އަރިހުންވެސް ޘާބިތުވެގެން ނުވާކަމެވެ. އެހެންކަމުން އެނގިގެންދަނީ: އެ ދެރޭ ފާހަގަކުރުމަކީ އިސްލާމްދީނަށް އަލަށް އުފައްދާފައިވާ ބިދުޢައެއްކަމެވެ. އަދި އެ ރޭ އެއްވެސް އަޅުކަމެއް ކުރުމަށް ޚާއްޞަކުރުމަކީވެސް ހަމަ މިފަދައިން މުންކަރުވެގެންވާ ބިދުޢައެކެވެ. މިފަދައިން، އިސްރާއާއި މިޢުރާޖުގެ ރޭކަމަށް ބައެއް މީހުން ޤަބޫލުކުރަމުންދާ: ރަޖަބުމަހުގެ ހަތާވީސްވިލޭރޭވެސް، އަޅުކަމުން އެއްވެސް ކަމަކަށް ޚާއްޞަކުރުން ހުއްދަވެގެން ނުވެއެވެ. އެފަދައިންމެ، އެ ރޭ ފާހަގަކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެއީ އިސްވެދިޔަ ދަލީލުތަކަށްޓަކައިއެވެ. މިއީ އަދި އެއީ ކޮން ރެޔެއްކަން އެނގިގެންވާނަމައެވެ. ދެންފަހެ ޢިލްމުވެރިންގެ ބަސްފުޅުތަކުން ޞައްޙަ ބަހަކީ އެއީ ކޮން ރެޔެއްކަން އެނގިގެންވެސް ނުވުންކަމުގައިވާއިރު އަދި ކޮންފަދަހެއްޔެވެ!؟ އެއީ ރަޖަބުމަހުގެ ހަތާވީސްވިލޭރޭކަމަށް ބުނި ބަޔަކުގެ ބަހަކީ، ޞައްޙަ ޙަދީޘްތަކުން އެއަށް އެއްވެސް އަސާސެއް ނުވާ ބާޠިލު ބަހެކެވެ. އަދި އަންނަނިވި ބަސް ބުނި މީހާ ރިވެތި ރަނގަޅު ބަސްތަކެއް ބުނެފިއެވެ:
"އެންމެ ހެޔޮ ރަނގަޅު ކަންތަކަކީ ހިދާޔަތުގެ މަތީގައި އިސްވެގޮސްފައިވާ ކަންކަމެވެ. އަދި އެންމެ ނުބައި ކަންކަމީ (ދީނުގެ ތެރެއަށް) އަލަށް އުފައްދާފައިވާ ކުޅަދާނަ ކަންކަމެވެ."
އަހަރުމެންނާއި ހުރިހާ މުސްލިމުންނަށް، ސުންނަތުގައި ހިފަހައްޓާ އޭގެ މަތީގައި ޘާބިތުވުމަށާއި، އަދި އެއާ ޚިލާފުވެއްޖެ އެއްޗަކާމެދު ހުށިޔާރުވެ ސަމާލުވުމަށް ތައުފީޤު ދެއްވުމަށް އެދި ދަންނަވަނީ ﷲ ގެ ޙަޟްރަތުންނެވެ. ހަމަކަށަވަރުން އެކަލާނގެއީ ދީލަތިވަންތަ މާތްވަންތަ އޯގާވަންތަ އިލާހެވެ.
ﷲ އެކަލާނގެ އަޅާ އަދި ރަސޫލާކަމުގައިވާ، އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އެންމެހާ އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وصلى الله وسلم على عبده ورسوله نبينا محمد وعلى آله وصحبه أجمعين.
އަށްވަނަ ރިސާލާ:
ނިސްބަތްކުރެވޭ ވަޞިއްޔަތް ދޮގުވެގެންވާކަމުގެ މައްޗަށްވާ މުހިއްމު ސަމާލުކުރުވުމެއް.
އެއީ ޝަރަފުވެރި ނަބަވީ ޙަރަމުގެ ޚާދިމުކަމުގައިވާ ޝެއިޚު އަޙްމަދަށް ނިސްބަތްކުރެވޭ ވަޞިއްޔަތެކެވެ.
ޢަބްދުލް ޢަޒީޒު ބްނު ޢަބްދު ﷲ ބްނު ބާޒުގެ ފަރާތުން، މުސްލިމުންގެ ތެރެއިން މި ރިސާލާ ފެންނަ ބަޔަކަށް، ﷲ އެމީހުން އިސްލާމްދީން މަތީގައި ރައްކާތެރިކުރައްވާށިއެވެ. އަދި ދަށުދަރަޖައިގެ ޖާހިލުންގެ ބުހުތާނުތަކުން އަހަރުމެންނާއި އެމީހުން ޙިމާޔަތްކުރައްވާށިއެވެ. އާމީން.
ތިޔަބައިމީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި އެކަލާނގެ ބަރަކާތް ހުއްޓެވެ.
އެއަށްފަހު ދަންނައެވެ: ޝަރަފުވެރި ޙަރަމްކަމުގައިވާ: މަސްޖިދުއް ނަބަވީގެ ޚާދިމު ޝެއިޚު އަޙްމަދަށް ނިސްބަތްކުރެވިފައިވާ ބަސްތަކެއް އަހަރެންނަށް ފެނިއްޖެއެވެ. އެއީ: "މަދީނަތުލް މުނައްވަރާއިން، ޝަރަފުވެރި ނަބަވީ ޙަރަމުގެ ޚާދިމު: ޝެއިޚު އަޙްމަދުގެ ފަރާތުންވާ ވަޞިއްޔަތެއް" މި ސުރުޚީގެ ދަށުންނެވެ. އެބޭފުޅާ ވިދާޅުވިކަމަށް އޭއޭގައި ވެއެވެ:
"އަހަރެން ހުކުރުވިލޭރޭ ޤުރްއާން ކިޔަވަން ރޭގަނޑު ހޭލާ ހުރީމެވެ. އެއަށްފަހު ﷲ ގެ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް ކިޔަވާ، ދެން އެކަންކަން ނިމުމުން ނިދުމަށް އަހަރެން ތައްޔާރުވީމެވެ. ދެން އަހަރެންނަށް، އުޖާލާ މޫނުފުޅުގެ ވެރި ކަލޭގެފާނުކަމުގައިވާ: ﷲ ގެ ރަސޫލާ ﷺ ފެނުނެވެ. އެއީ ޤުރްއާނުގެ އާޔަތްތަކާއި، ޝަރަފުވެރި ޙުކުމްތަކާގެން، ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި ވަޑައިގެންނެވި އަހަރުމެންގެ ސާހިބާ މުޙައްމަދު ﷺ އެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އޭ ޝެއިޚު އަޙްމަދެވެ." ދެން އަހަރެން ދެންނެވީމެވެ: "އިޖާބަދީފީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އޭ ﷲ ގެ ޚަލްޤުތަކުންގެ ތެރެއިން އެންމެ މާތް ޚަލްޤެވެ" ދެން އެކަލޭގެފާނު އަހަރެންނަށް ޙަދީޘްކުރެއްވިއެވެ: "މީސްތަކުން ކުރަމުންދާ ހުތުރު ކަންކަމުގެ ސަބަބުން ތިމަންކަލޭގެފާނު މިހުންނެވީ ލަދުފުޅުގަނެގެންނެވެ. އަދި ތިމަންކަލޭގެފާނުގެ ވެރި ރައްބާއި އަދި މަލާއިކަތުންނާވެސް ބައްދަލުކުރައްވާކަށް ތިމަންކަލޭގެފާނަށް ލާހިކެއް ނޫނެވެ. އެހެނީ އެއް ހުކުރުން އަނެއް ހުކުރަށް، އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ މަތީގައި ސަތޭކަ ފަސްދޮޅަސްހާސް މީހުން މަރުވެއްޖެއެވެ. -ދެން މީސްތަކުން ވެއްޓިފައިވާ އުރެދުންތަކުގެ ވާހަކަ ޛިކުރުކުރެއްވިއެވެ- ދެން ޙަދީޘްކުރެއްވިއެވެ: "ފަހެ މިއީ ޢަޒީޒުވަންތަ ޖައްބާރުވަންތަ އިލާހުގެ ޙަޟްރަތުން އެމީހުންނަށް ރަޙްމަތެއްގެ ގޮތުގައިވާ ވަޞިއްޔަތެކެވެ." ދެން ޤިޔާމަތުގެ ބައެއް ޢަލާމާތްތައް ޛިކުރުކުރައްވާފައި، ޙަދީޘްކުރެއްވިކަމަށެވެ: "އޭ ޝެއިޚު އަޙްމަދެވެ! ތިބާ އެމީހުންނަށް މި ވަޞިއްޔަތުގެ ޚަބަރުދޭށެވެ. އެހެނީ މިއީ ލައުޙުލް މަޙްފޫޡުން، ޤަދަރުގެ ޤަލަމުން ނަޤުލުވެފައިވާ ވަޞިއްޔަތެކެވެ. އަދި މި ވަޞިއްޔަތް ލިޔެފައި، އެއް ރަށުން އަނެއް ރަށަށް، އަދި އެއް ތަނުން އަނެއް ތަނަށް ފޮނުވާ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވިގެންދާނެއެވެ. އަދި މި ވަޞިއްޔަތް ނުލިޔެ އަދި ނުވެސް ފޮނުވާ މީހާގެ މައްޗަށް ތިމަންކަލޭގެފާނު ޤިޔާމަތްދުވަހު ޝަފާޢަތްތެރިވުން ޙަރާމްވެއްޖެއެވެ. އަދި މި ލިޔެފި މީހާ، އޭނާއަކީ ފަޤީރެއްކަމުގައިވާނަމަ ﷲ އޭނާ ފުދުންތެރިކުރައްވާނެއެވެ. ނުވަތަ ދަރަނިވެރިވެގެންވާނަމަ ﷲ އޭނާގެ ދަރަނި ފުއްދަވާދެއްވާނެއެވެ. ނުވަތަ ފާފައެއް ކުރެވިފައިވާނަމަ ﷲ އޭނާއަށާއި އޭނާގެ މައިންބަފައިންނަށްވެސް ފާފަފުއްސަވާދެއްވާނެއެވެ. މި ވަޞިއްޔަތުގެ ބަރަކާތުންނެވެ. ﷲ ގެ އަޅުތަކުންގެ ތެރެއިން މި ވަޞިއްޔަތް ނުލިޔާ މީހާ، ދުނިޔެއާއި އާޚިރަތުގައި އޭނާގެ މޫނު ކަޅުވެގެންދާނެއެވެ." އަދި (ޝެއިޚު ޢަހްމަދު) ވިދާޅުވިކަމަށެވެ: "މަތިވެރިވެގެންވާ ﷲ ގަންދީ ބުނަމެވެ! -ތިންފަހަރު ހުވާކުރައްވާ ވިދާޅުވިކަމަށެވެ- މިއީ ހަމަ ޙަޤީޤަތެވެ. އަދި އަހަރެންނީ ދޮގުވެރިއެއްނަމަ؛ އަހަރެން ދުނިޔެއިން ނިކުންނާނީ އިސްލާމްކަމުގެ މަތީގައެއް ނޫނެވެ. އަދި މި ވަޞިއްޔަތް ތެދުކޮށްފި މީހާ؛ ނަރަކައިގެ ޢަޛާުބުން މިންޖުވާނެއެވެ. އަދި މި ވަޞިއްޔަތް ދޮގުކޮށްފި މީހާ ކާފަރުވެއްޖެއެވެ."
ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ހަދާފައިވާ މި ދޮގު ވަޞިއްޔަތުގައިވާ ވާހަކަތަކުގެ ޚުލާޞާއަކީ މިއެވެ. އެތައް އަހަރުތަކެއް ކުރިން އެތައް ފަހަރަކު މި ދޮގުވެރި ވަޞިއްޔަތް އަހަރުމެން އަޑުއަހައިފީމެވެ. މީސްތަކުންގެ ތެރޭގައި އެހެން އުޅެލާފައި އެކި ދުވަސްވަރު މި ފެތުރެއެވެ. އަދި ޢާއްމުންގެ ގިނަ ބަޔަކުގެ ތެރޭގައި ވަރަށް ޕުރޮމޯޓުވެއެވެ. އަދި އޭގެ ލަފްޒުތަކުގައި ތަފާތުތަކެއްވެއެވެ. އެ ދޮގު އުފެއްދި މީހާ އެ ބުނަނީ: އޭނާއަށް ނަބިއްޔާ ﷺ ނިދީގައި ފެނި، ދެން މި ވަޞިއްޔަތް އެކަލޭގެފާނު ލައިދެއްވީކަމަށެވެ. އެންމެ ފަހުން ފެތުރިފައިވާ މިވާ ގޮތުގައި: އަހަރުމެން ތިޔަ ކިޔުންތެރިޔާއަށް މި ގެނެސްދިންގޮތަށް، ބުހުތާނުހެދި މީހާ ދަޢުވާކޮށްފައިވާ އެވަނީ އޭނާ ނިދަން ތައްޔާރުވިތަނާ ނަބިއްޔާ ﷺ ފެނުނުކަމަށެވެ. އޭގެ މާނައަކީ: އޭނާ ހޭލާހުއްޓާ ފެނުނުކަމަށެވެ!
މި ދޮގުވެރިޔާ، މި ވަޞިއްޔަތުގައި ގިނަ ކަންތަކަކަށް ވަނީ ދަޢުވާކޮށްފައިއެވެ. އެ ކަންކަން ވަނީ އެންމެ ސާފު ދޮގުތަކުގެ ތެރެއިން، އަދި އެންމެ ބަޔާންވެގެންވާ ބާޠިލުގެ ތެރެއިންނެވެ. އަހަރެން މި ވާހަކައިގައި އެ ކަންކަން ކައިރި ހިސާބެއްގައި إن شاء الله ތިބާގެ ސަމާލުކަމަށް ގެންނާނަމެވެ. މިދިޔަ އަހަރުތަކުގައިވެސް އަހަރެންވާނީ އެ ކަންކަން ފާހަގަކޮށްފައިއެވެ. އަދި އެއީ އެންމެ ސާފު ދޮގުތަކުގެ ތެރެއިންވާ ކަންތައްތަކެއްކަމާ، އަދި ބަޔާންވެގެންވާ ބާޠިލުގެ ތެރެއިންވާ ކަންތަކެއްކަން އަހަރެން މީސްތަކުންނަށް ބަޔާންކޮށްދިނީމެވެ. ދެން މި ފަހުން ފެތުރުނު ލިޔުމަށް އަހަރެން ނަޒަރުހިނގާލި ހިނދު؛ އެއާމެދު އެއްޗެއް ލިޔަން އަހަރެން ދެއަތަށް ކިރުނެވެ. އެއީ އޭގެ ބާޠިލުކަން އެހާވެސް ސާފުވުމުންނެވެ. އަދި އެ ބުހުތާނު ހެދި މީހާ ދޮގުހެދުމަށް ޖެހިލުންކުޑަކަން ބޮޑުކަމުންނެވެ. ކިރިޔާވެސް ދުރު ވިސްނުމެއް، ނުވަތަ ސަލާމަތްތެރި ފިޠުރަތެއް ހުރި މީހަކު އެ ބާޠިލަށް ހެއްލިގެންދާނޭކަމަށް އަހަރެން ހިއެއް ނުކުރަމެވެ. ނަމަވެސް މީސްތަކުންގެ ތެރެއިން ގިނަބަޔަކުގެ މައްޗަށް އޭތި ޕުރޮމޯޓުވެގެންދިޔަކަމާއި، އަދި އެމީހުންގެ ތެރޭގައި އެ ދައުރުކޮށް، އަދި ބައެއް މީހުން އެ ތެދުވެސް ކުރިކަމަށް ގިނަ އަޚުންތަކެއް އަހަރެންނަށް ޚަބަރުދިނެވެ. އެކަމަށްޓަކައި، އަހަރެންފަދަ މީހުންގެ މައްޗަށް އޭގެ ބާޠިލުކަން ބަޔާންކުރުމަށްޓަކައި، އަދި އެއީ ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ހަދާފައިވާ ބުހުތާނެއްކަން ހާމަކުރުމަށްޓަކައި ލިޔަންޖެހޭނެކަމަށް ފެނުނެވެ. އެއީ އެއްވެސް މީހަކު އެއާމެދު ހެއްލުންތެރިވެގެން ނުދިޔުމަށްޓަކައިއެވެ. ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ތެރެއިން، ނުވަތަ ސަލާމަތްތެރި ފިޠުރަތަކާއި ޞައްޙަ ބުއްދިއެއްގެ ވެރިންގެ ތެރެއިން އެ ވަޞިއްޔަތާމެދު ވިސްނާ ފިކުރުކޮށްފި މީހަކަށް؛ އެއީ އެތައް ގޮތަކަށް ހަދާފައިވާ ދޮގު ބުހުތާނެއްކަން އެނގޭނެއެވެ.
އަދި މި ބުހުތާނު ދޮގު އެމީހަކަށް ނިސްބަތްވާ ޝެއިޚު އަޙްމަދުގެ ބައެއް ތިމާގެ މީހުންގެ ގާތުން، މި ވަޞިއްޔަތާމެދު އަހަރެން ސުވާލުކޮށްލީމެވެ. ދެން އެމީހުން ޖަވާބުދިނީ އެއީ ޝެއިޚު އަޙްމަދުގެ މައްޗަށް ހަދާފައިވާ ދޮގެއްކަމަށެވެ. އަދި އޭނާ އަޞްލު އެހެން ނުވެސް ބުނާކަމަށެވެ. އަދި ނަންގަނެވިފައިވާ ޝެއިޚު އަޙްމަދުވަނީ އެތައް އަހަރެއް ކުރިން ނިޔާވެފައިއެވެ. މިސާލަކަށް މި ބުނާ ޝެއިޚު އަޙްމަދު، ނުވަތަ އެއަށްވުރެ ބޮޑު މީހަކުވިޔަސް؛ ހުވަފެނުގައި ނުވަތަ ހޭލާހުއްޓާ އެމީހަކަށް ނަބިއްޔާ ﷺ ފެނި، ދެން މި ވަޞިއްޔަތްކުރުމަށް އެކަލޭގެފާނު ވަޞިއްޔަތްކުރެއްވިކަމަށް ދަޢުވާކޮށްފިނަމަ؛ އޭނާއީ ދޮގުވެރިއެއްކަން، ނުވަތަ އެހެން އޭނާގެ ގާތުގައި އެބުނީ ރަސޫލާ ﷺ އެއް ނޫންކަމާއި އެކަމަކު ޝައިޠާނެއްކަން އަހަރުމެންނަށް ޔަޤީންކޮށް އެނގުނީހެވެ. އެއީ އެތައް ކަމަކަށްޓަކައިއެވެ. އޭގެ ތެރޭގައި:
ފުރަތަމައަށް: ރަސޫލާ ﷺ އަވަހާރަވުމަށް ފަހު، މީހަކު ހޭލާހުއްޓާ އެކަލޭގެފާނު ﷺ އެއް ނުފެންނާނެއެވެ. ޖާހިލު ޞޫފީންގެ ތެރެއިން އެމީހަކު ހޭލާހުއްޓާ ނަބިއްޔާ ﷺ ފެންނަކަމަށް، ނުވަތަ އެކަލޭގެފާނު ޢީދު މީލާދު ފާހަގަކުރެވޭ ތަނަށް ޙާޟިރުވެވަޑައިގަންނަވާކަމަށް، ނުވަތަ އެފަދަ ކަމަކަށް ދަޢުވާކޮށްފި މީހާ؛ ފަހެ އެންމެ ހުތުރު ނުބައި ގޯސްހަދައިފިއެވެ. އަދި އޮޅޭނެ އެންމެ ބޮޑަށް އޭނާއަށް އެވަނީ އޮޅިފައިއެވެ. އަދި އޭނާ އެވަނީ ބޮޑުވެގެންވާ ކުށަކަށް ވެއްޓި، ޤުރްއާނާއި ސުންނަތާއި ޢިލްމުގެ އަހުލުވެރިންގެ އިޖްމާޢުއާ ޚިލާފުވެފައިއެވެ. އެހެނީ މަރުވެފައިވާ މީހުން، އެމީހުންގެ ޤަބުރުތަކުން ނިކުންނާނޭކަން ކަށަވަރީ ޤިޔާމަތްދުވަހުއެވެ. ދުނިޔެއަކު ނޫނެވެ. އެއާ ޚިލާފަށް ބުނެފި މީހަކު އެއީ ބަޔާންވެގެންވާ ދޮގުހަދާ ދޮގުވެރިއެކެވެ. ނުވަތަ އޮޅިފައި، ގޯސްހެދިގެންވާ މީހެކެވެ. ހެޔޮވެގެންވާ ސަލަފުންނަށް އެނގިވަޑައިގެންނެވި، އަދި ﷲ ގެ ރަސޫލާ ﷺ ގެ އަޞްޙާބުންނާއި، އިޙްސާންތެރިކަމާއެކު އެކަލޭގެފާނަށް ތަބަޢަވެވަޑައިގެންނެވި ބޭކަލުން އެގޮތެއްގެ މަތީގައި ހިންގެވި ޙައްޤު އޭނާއަށް އެނގިފައެއް ނެތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ދެން ހަމަކަށަވަރުން ތިޔަބައިމީހުން އޭގެ ފަހުގައި މަރުވާނެކަން ކަށަވަރެވެ. ދެން ހަމަކަށަވަރުން ތިޔަބައިމީހުން ޤިޔާމަތް ދުވަހުން، އަލުންދިރުއްވައި މަޙުޝަރަށް ފޮނުވޭނެއެވެ.) [އަލްމުއުމިނޫން: 15- 16] އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނީ ޤިޔާމަތް ދުވަހު އެމީހަކުގެ މަތިން ޤަބުރު އެންމެ ފުރަތަމަ ފަޅައިގެންދާނޭ މީހާއެވެ. އަދި އެންމެ ފުރަތަމަ ޝަފާޢަތްތެރިވާނޭ ބޭކަލަކީވެސް، އަދި އެންމެ ފުރަތަމަ ޝަފާޢަތްތެރިވެވޭނެ ބޭކަލަކީވެސް ތިމަންކަލޭގެފާނެވެ." މި މާނާގައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަވެގެންވެއެވެ.
ދެވަނައީ: ރަސޫލާ ﷺ ޙައްޤާ ޚިލާފަށް ބަސް ވިދާޅުނުވާނެއެވެ. އެކަލޭގެފާނުގެ ދިރިހުންނަވާވެސް އަދި އަވަހާރަވުމަށް ފަހުވެސްމެއެވެ. އެކަމަކު މި ވަޞިއްޔަތް، އެކަލޭގެފާނުގެ ޝަރީޢަތާ ފާޅުކަން ބޮޑުކޮށް ޚިލާފުވެއެވެ. އެއީ -އަދި (މި ރިސާލާގައި އިތުރަށް ބަޔާންވެގެން) އަންނާނޭފަދައިން- އެތައް ގޮތަކުންނެވެ. އަދި އެކަލޭގެފާނު ﷺ ނިދީގައި ހުވަފެނުގައި މީހަކަށް ފެނިދާނެއެވެ. އަދި ހުވަފެނުގައި އެކަލޭގެފާނުގެ ޝަރަފުވެރި ޞޫރަފުޅުގައި ފެނިއްޖެ މީހަކަށް އެކަލޭގެފާނު އެވަނީ ފެނިފައިއެވެ. އެހެނީ ޞައްޙަ ޝަރަފުވެރި ޙަދީޘްގައި އައިސްފައިވާފަދައިން، ޝައިޠާނާއަށް އެކަލޭގެފާނުގެ ޞޫރަފުޅުގައި ސިފަ ނުޖެހެވޭނެތީއެވެ. ނަމަވެސް ހުރިހާވެސް (މުހިއްމު) ކަމަކީ: އެ ފެނުނު މީހާގެ އީމާންތެރިކަމާއި، ތެދުވެރިކަމާއި، ޢަދުލުވެރިކަމާއި، ރަނގަޅަށް ރައްކާކުރުމާއި، ދީންވެރިކަމާއި، އަމާނާތްތެރިކަމާއި، އަދި އޭނާއަށް ނަބިއްޔާ ﷺ އެ ފެނުނީ ހަމަ އެކަލޭގެފާނުގެ ޞޫރައަށްތޯ ނުވަތަ އެހެން ގޮތަކަށްތޯ އާއި، މި ކަންކަމެވެ.
ނަބިއްޔާ ﷺ ދިރިހުންނެވިއިރު ޙަދީޘްކުރެއްވި ބަސްފުޅެއް، އިތުބާރުހުރި، ޢަދުލުވެރި، ހިތުދަސްކޮށް ރައްކާކުރުމުގެ ބާރުގަދަ މީހުން ނޫން އެހެން މަގަކުން އައިސްފިނަމަ އެއަށް ބަރޯސާއެއް ނުވެވޭނެއެވެ. އަދި ޙުއްޖަތެއްކަމުގައިވެސް ނުބެލެވޭނެއެވެ. ނުވަތަ ހިތުދަސްކޮށް ރައްކާކުރުމުގެ ބާރުގަދަ އިތުބާރުހުރި މީހުންގެ މަގުން އަޔަސް، އެއަށްވުރެ މާ ބޮޑަށް ހިތުދަސް، އަދި މާ އިތުބާރުބޮޑު ބަޔަކުގެ ރިވާޔަތާ، ދެ ރިވާޔަތް ޖަމުޢުނުކުރެވޭ ފަދަ ޚިލާފުވުމަކުން ޚިލާފުވާނަމަ، އެތަނުން އެއް ރިވާޔަތް އެއީ އެއަށް ޢަމަލުނުކުރެވޭ މަންސޫޚު ރިވާޔަތަކަށްވެއެވެ. އަނެއް ރިވާޔަތްވާނީ: އެއަށް ޢަމަލުކުރެވޭ ނާސިޚު ރިވާޔަތަކަށެވެ. އެއީ އޭގެ ޝަރުޠުތަކާއެކު އެކަން ވާންއޮތުމުންނެވެ. ދެންފަހެ ޖަމަޢަކުރުންވެސް، އަދި މަންސޫޚުކުރުންވެސް ވާންނެތްނަމަ؛ ޙިތުދސްކުރުމާއި ޢަދުލުވެރިކަމުގެ ގޮތުން އުނި މީހާގެ ރިވާޔަތް އެއްލާލެވި (ދޫކޮށްލެވި)، އަދި އެއީ އެއަށް ޢަމަލު ނުކުރެވޭ ޝާއްޛު އެކަހެރި ރިވާޔަތެއްކަމުގައި ޙުކުމްކުރަން ޖެހެއެވެ.
ދެންފަހެ ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން ނަޤުލުކުރި މީހާއަކީ ކާކުކަންވެސް ނޭނގޭ، އަދި އޭނާގެ ޢަދުލުވެރިކަމެއް އަދި އަމާނާތްތެރިކަމެއްވެސް ނޭނގޭ މީހަކު ގެންނަ ވަޞިއްޔަތެއް އަދި ކޮންފަދަހެއްޔެވެ!؟ ފަހެ މިފަދައިން ޙާލަތުވާހިނދު އެ ވަޞިއްޔަތެއް އެއްލާލެވި، އެއަށް އެނބުރި ބަލާލުންވެސް ޙައްޤުނުވާ އެއްޗެއްކަމުގައިވެއެވެ. އެއީ ޝަރުޢާ ޚިލާފުވާ އެއްޗެއް އޭގައި ނެތްނަމަވެސްމެއެވެ. ދެންފަހެ އެ ވަޞިއްޔަތަކީ ބާޠިލު އެއްޗެއްކަމަށް، އަދި ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގެއްކަމަށް، އަދި ﷲ އިޛްނަދެއްވާފައި ނުވާ ދީނެއް ޝަރުޢުކުރުން އޭގައި ހިމެނިގެންވާކަމަށް ދަލީލުކުރާ އެތައްކަމެއް އޭގައި އެކުލެވޭނަމަ ދެން ކަންތައްވާނީ ކިހިނަކުންހެއްޔެވެ!؟
އަދި ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "ތިމަންކަލޭގެފާނު ވިދާޅުނުވާ އެއްޗެއް، ތިމަންކަލޭގެފާނުގެ މައްޗަށް (ނިސްބަތްކޮށްގެން) ބުނެފި މީހާ؛ ފަހެ އޭނާ ނަރަކައިގައި އިންނާނޭ ޖާގަ ތައްޔާރުކުރާށެވެ." މި ވަޞިއްޔަތް ހަދާފައިވާ މީހާ އެވަނީ ﷲ ގެ ރަސޫލާ ﷺ ޙަދީޘްނުކުރައްވާ އެއްޗެއް އެކަލޭގެފާނުގެ މައްޗަށް ބުނެ، އަދި ޞަރީޙަކޮށް ނުރައްކާ ދޮގު އެކަލޭގެފާނުގެ މައްޗަށް ހަދާފައިއެވެ. ފަހެ މި ބޮޑުވެގެންވާ ވަޢީދު އޭނާގެ މައްޗަށްވުން އައުލާކަން ބޮޑުކަމާއެވެ. އަދި އޭނާ ތައުބާވާން އަވަސްވެނުގަނެ، އަދި ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ނިސްބަތްކޮށްފައިވާ މި ވަޞިއްޔަތް ދޮގުވެގެންވާކަމަށް މީސްތަކުންނަށް ނުފަތުރައިފިނަމަ؛ އެ ވަޢީދު އޭނާގެ މައްޗަށް ޙައްޤުވުން ބޮޑުކަމާއެވެ. އެހެނީ މީސްތަކުންގެ ތެރޭގައި ބާޠިލެއް ފަތުރާ، އެކަންތައް ދީނަށް ނިސްބަތްކޮށްފި މީހާ؛ އޭނާ ތައުބާ ފާޅުކޮށް އިޢުލާނުކޮށްފުމަށް ދާންދެން އޭނާގެ ތައުބާ ޞައްޙަނުވާނެއެވެ. އެއީ އޭނާ ހެދި ދޮގުން ރުޖޫޢަވިކަމާއި، އޭނާގެ ނަފްސު ދޮގުކުރިކަން މީސްތަކުންނަށް އެނގިގެންދިޔުމަށެވެ. އެއީ ﷲ -ޖައްލަ ޖަލާލުހޫ- ގެ މި ބަސްފުޅަށްޓަކައިއެވެ: (ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ހިދާޔަތުގެ ތެރެއިން ތިމަންއިލާހު ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ތިމަންއިލާހުގެ ފޮތުގައި (އެބަހީ: ތައުރާތާއި އިންޖީލުގައި) ބަޔާންކޮށްދެއްވުމަށް ފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނައެވެ!) އެބައިމީހުންނަށް ﷲ ލަޢުނަތް ލައްވައެވެ. އަދި ލަޢުނަތްދޭ މީހުންވެސް އެބައިމީހުންނަށް ލަޢުނަތް ދެއެވެ. ތައުބާވެ (އެބައިމީހުންގެ ޢަމަލުތައް) އިޞްލާޙުކޮށް (ވަންހަނާކުރި ކަންތައް) ބަޔާންކުރި މީހުން މެނުވީއެވެ. ފަހެ އެބައިމީހުންނަށް ތިމަން އިލާހު ތައުބާ ލައްވާ ހުށީމެވެ. ތިމަން އިލާހީ ގިނަގިނައިން ތައުބާ ލައްވާ (އަދި ތައުބާ ޤަބޫލުކުރައްވާ)، ރަޙީމުވަންތަ އިލާހެވެ.) [އަލްބަޤަރާ: 159- 160] މި މާތްވެގެންވާ އާޔަތުގައި، އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ސާފުކޮށްދެއްވީ: ޙައްޤުން އެއްޗެއް ވަންހަނާކޮށްފި މީހާ؛ އޭނާ އިޞްލާޙުކޮށް، ބަޔާންކުރުމަށްފަހު މެނުވީ އޭނާ އެކަމުން ތައުބާވިކަން ޞައްޙަ ނުވާނޭކަމެވެ. ﷲ ސުބްޙާނަހޫވަނީ އެކަލާނގެ އަޅުތަކުންނަށް ދީން ފުރިހަމަކޮށްދެއްވާ، އަދި އެމީހުންގެ މައްޗަށް ނިޢުމަތް ފުރިހަމަކުރައްވާފައިއެވެ. އެއީ އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ ފޮނުއްވައިގެންނާއި، އަދި އެކަލޭގެފާނަށް އެކަލާނގެ ވަޙީއިން ބާވައިލެއްވި ފުރިހަމަ ޝަރީޢަތް މެދުވެރިކުރައްވައެވެ. އަދި ފުރިހަމަކޮށްދެއްވާ ބަޔާންކޮށްދެއްވުމަށް ފަހު މެނުވީ އެކަލާނގެ އެކަލޭގެފާނުގެ ފުރާނަ ނުހިއްޕަވައެވެ. އެއީ އެކަލާނގެ -ޖައްލަ ޖަލާލުހޫ- ވަޙީކުރެއްވި ފަދައިންނެވެ: (...މިއަދު ތިމަން އިލާހު، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި ތިމަން އިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަން އިލާހު ރުހިވޮޑިގެންފީމެވެ...) [އަލްމާއިދާ: 3]
އަދި މި ވަޞިއްޔަތް ހެދި މީހާ ފާޅުވީ؛ ސާދަވަނަ ޤަރުނުގައެވެ. އޭނާ ބޭނުންވީ މީސްތަކުންނަށް އާ ދީނެއް އޮޅުވާލާށެވެ. އެއީ އޭނާ ކަނޑަޅައިދިން ދީނުގައި ހިފައިފި މީހާ ސުވަރުގެ ވަނުމާއި، އަދި އޭނާ ކަނޑައަޅައިދިން ގޮތުގައި ނުހިފައިފި މީހާ ނަރަކައަށް ވަނުން އޭގެ މައްޗަށް ބިނާވެގެންވާ ގޮތުގައެވެ. އަދި އޭނާ ބޭނުންވަނީ އޭނާ ބުހުތާނު ހަދައިގެން ގެނައި މި ވަޞިއްޔަތަކީ ޤުރްއާނަށްވުރެވެސް މާތް އަދި މަތިވެރި އެއްޗަކަށް ހަދާށެވެ. އެއީ އޭނާ ދޮގު ހަދައިގެން މީގައި މިހެން ބުނެގެންނެވެ: މި ވަޞިއްޔަތް ލިޔެފައި، އެއް ރަށުން އަނެއް ރަށަށް، އަދި އެއް ތަނުން އަނެއް ތަނަށް ފޮނުވާ މީހަކަށް ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރެވިގެންދާނެއެވެ. އަދި މި ވަޞިއްޔަތް ނުލިޔެ އަދި ނުވެސް ފޮނުވާ މީހާގެ މައްޗަށް ޤިޔާމަތްދުވަހު ނަބިއްޔާ ﷺ ގެ ޝަފާޢަތް ޙަރާމްވެއްޖެކަމަށެވެ. މިއީ އެންމެ ހުތުރު އެއް ދޮގެވެ. އަދި މި ވަޞިއްޔަތަކީ ދޮގެއްކަމާއި، މި އުފެއްދި މީހާގެ ޙަޔާތްކުޑަ ކަމާއި، ދޮގުހެދުމަށް ޖެހިލުމެއްވެސް ނެތްކަމަށް ދަލީލުކޮށްދޭ އެންމެ ސާފު އެއް ހެއްކެވެ. އެހެނީ މާތްވެގެންވާ ޤުރްއާން ލިޔެ، އެއް ރަށުން އަނެއް ރަށަށް، ނުވަތަ އެއް ތަނުން އަނެއް ތަނަށް ފޮނުވިޔަސް؛ ޤުރްއާނަށް އޭނާ ޢަމަލުނުކުރާނަމަ އޭނާއަށް މިފަދަ މާތްކަމެއް ނުލިބޭނެއެވެ. ދެންފަހެ މި ބުހުތާނު ލިޔުނު މީހަކަށާއި، އެއް ރަށުން އަނެއް ރަށަށް މި ބުހުތާނު ގެންދާ މީހަކަށް އެފަދަ މާތްކަމެއް ލިބޭނީ ކިހިނަކުންހެއްޔެވެ!؟ އަދި ޤުރްއާން ނުލިޔުނަސް، އަދި އެއް ރަށުން އަނެއް ރަށަށް ނުފޮނުވިޔަސް، އޭނާ އެ ޤުރްއާނަށް އީމާންވެ، އޭގެ ޝަރީޢަތަށް ތަބަޢަވެގެންވާނަމަ ނަބިއްޔާ ﷺގެ ޝަފާޢަތުން އޭނާ މަޙުރޫމު ނުވެއެވެ. މި ވަޞިއްޔަތުގައިވާ މި ބުހުތާނުން އެކަނިވެސް؛ އެ ވަޞިއްޔަތުގެ ބާޠިލުކަމާއި އެ ފެތުރި މީހާގެ ދޮގުވެރިކަމާއި، ލަދުޙަޔާތް ނެތްކަމާއި، ގަމާރުކަމާއި، އަދި ރަސޫލާ ﷺ ގެންނެވި ހިދާޔަތުން ދުރުވެގެންވާކަމަށް ދަލީލުކުރުމަށް ފުދެއެވެ.
މި ނަންގަތް ކަންތައް ފިޔަވައިވެސް މި ވަޞިއްޔަތުގައި އެހެން ކަންކަންވެއެވެ. އެ ހުރިހާ ކަންކަން ދަލީލުކުރަނީ މި ވަޞިއްޔަތުގެ ބާޠިލުކަމާއި، ދޮގުކަމަށެވެ. އެ ބުހުތާނު ހެދި މީހާ ހާސް ފަހަރު ނުވަތަ އެއަށްވުރެ ގިނައިން އެ ވަޞިއްޔަތަކީ ތެދެއްކަމަށް ހުވާކުރިޔަސް، އަދި އޭނާއީ ތެދުވެރިއެއްކަމުގައި ދައްކަންވެގެން (ދޮގެއްނަމަ) އެންމެ ބޮޑުވެގެންވާ ޢަޛާބާއި، އެންމެ ހަރުކަށި ޢުޤޫބާތް އޭނާގެ މައްޗަށް ހުރިކަމަށް ގޮވާ ނެގިޔަސް އޭނާ ތެދުވެރިއަކަށް ނުވާނެއެވެ. އަދި އެ ވަޞިއްޔަތްވެސް ޞައްޙަ އެއްޗަކަށް ނުވާނެއެވެ. ކިއެއްތަ، ﷲ ގަންދީ ބުނަމެވެ! ދެންވެސް ﷲ ގަންދީ ބުނަމެވެ! އެއީ އެންމެ ބޮޑެތި، ހުތުރު ބާޠިލު ކަންތަކުގެ ތެރެއިންވާ ކަމެކެވެ. އަހަރުމެން ﷲ ސުބްޙާނަހޫއާއި، އަހަރުމެންގެ ގާތަށް ޙާޟިރުވެގެން ތިއްބެވި މަލާއިކަތުންވެސް މިކަމަށް ހެކިކުރަމެވެ. އަދި މުސްލިމުންގެ ތެރެއިން މި ލިޔުން ފެނުނު ބަޔަކުވެސް ހެކިކުރަމެވެ. އެއީ އަހަރުމެންގެ ވެރި ރައްބު -ޖައްލަ ޖަލާލުހޫ-އާ، އެ ހެކިބަހަކުން އަހަރުމެން ބައްދަލުކުރާނޭ ހެކިބަހަކުންނެވެ: (އަހަރުމެން ހެކިވެ ހުވާކުރާކަމަކީ) މި ވަޞިއްޔަތަކީ ﷲ ގެ ރަސޫލާ ﷺގެ މައްޗަށް ހަދާފައިވާ ބުހުތާނު ދޮގެއްކަމުގައިއެވެ. މި ދޮގު އުފެއްދި މީހަކު ﷲ ނިކަމެތިކުރައްވާ، އަދި އޭނާށް ޙައްޤުވާ ގޮތަކަށް އެކަލާނގެ އެމީހަކާމެދު ކަންތައް ކުރައްވާށިއެވެ.
އިސްވެދިޔަ ކަންކަމުގެ އިތުރުން މި ވަޞިއްޔަތް ދޮގުވެ، ބާޠިލުވެގެންވާކަމަށް ގިނަ ކަންތަކެއް ދަލީލުކުރެއެވެ. ނަންގަނެވުނު ކަންތަކުގެ އިތުރުން އޭގެ ތެރޭގައިވެއެވެ:
ފުރަތަމަ ކަމަކީ: އޭގައި އޭނާ ބުނެފައިވާ ބަހެވެ: "އެހެނީ ހުކުރުން އަނެއް ހުކުރަށް އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ މަތީގައި ސަތޭކަ ފަސްދޮޅަސްހާސް މީހުން މަރުވެއްޖެއެވެ." އެހެނީ މިއީ ޣައިބުގެ ޢިލްމުގެ ތެރެއިންވާ ކަމެކެވެ. އަދި ރަސޫލާ ﷺ އަވަހާރަވުމުން އެކަލޭގެފާނުގެ ކިބައިން ވަޙީ މެދުކެނޑިގެން ދިޔައީއެވެ. އެކަލޭގެފާނު ދިރިހުންނެވިއިރުވެސް އެކަލޭގެފާނަށް ޣައިބުގެ ޢިލްމު އެނގިވަޑައިގެން ނުވެއެވެ. ދެން އަވަހާރަވުމަށްފަހު އަދި ކޮންފަދަހެއްޔެވެ؟ އެއީ ﷲ ސުބްޙާނަހޫގެ މި ބަސްފުޅަށްޓަކައިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނުގެ ގާތުގައި ﷲ ގެ ޚަޒާނާތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް ޣައިބު އެނގޭކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ...) [އަލްއަންޢާމު: 50] އަދި ﷲ ތަޢާލާގެ މި ބަސްފުޅެވެ: (ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާ ކަމެއް ނޭނގޭނެތެވެ...) [އައްނަމްލު: 65] އަދި ޞައްޙަ ޙަދީޘްގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް އައިސްފައިވެއެވެ: "ޤިޔާމަތްދުވަހު، ތިމަންކަލޭގެފާނުގެ ޙައުޟު ފެންގަނޑުގެ ގާތުން ބަޔަކު މީހުން ފައްސާ ދުރަށްލެވޭނެއެވެ. ދެން ތިމަންކަލޭގެފާނު ދަންނަވާނަމެވެ: "އޭ އަޅުގެ ވެރި ރައްބެވެ! މިއަޅާގެ އަޞްޙާބުންނެވެ. މިއަޅާގެ އަޞްޙާބުންނެވެ." ދެން ތިމަންކަލޭގެފާނަށް ވަޙީކުރެއްވޭނެއެވެ: "އެމީހުން ކަލޭގެފާނުގެ ފަހުން އުފެއްދި ކަންތަކެއް ކަލޭގެފާނަށް އެނގިވަޑައިނުގަންނަވައެވެ." ދެން ޞާލިޙު އަޅާ (ޢީސާގެފާނު) ވިދާޅުވި ފަދައިން ތިމަންކަލޭގެފާނު ދަންނަވަމެވެ: (އެ މީހުންގެ ތެރޭގައި، މިއަޅާ ހުރިހާ ހިނދަކު، އެ މީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި މިއަޅާ ވީމެވެ. ދެން އިބަ އިލާހު، މިއަޅާ ގެންދެވިހިނދު، އެ މީހުންގެ މައްޗަށް ބައްލަވާވޮޑިގެންވާ އިލާހަކު ކަމުގައި، އިބަ އިލާހު ވޮޑިގެންވީމުއެވެ. އިބަ އިލާހީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ އިލާހެވެ.) " [އަލްމާއިދާ: 117]
މި ވަޞިއްޔަތް ބާޠިލުވެގެންވާކަމާއި، މިއީ ދޮގުކަމަށް ދަލީލުކުރާ ކަންތަކުގެ ތެރެއިން ދެވަނަ ކަމަކީ: އޭނާ އޭގައި ބުނެފައިވާ ބަހެވެ: "އަދި މި ލިޔެފި މީހާ، އޭނާއަކީ ފަޤީރެއްކަމުގައިވާނަމަ ﷲ އޭނާ ފުދުންތެރިކުރައްވާނެއެވެ. ނުވަތަ ދަރަނިވެރިވެގެންވާނަމަ ﷲ އޭނާގެ ދަރަނި ފުއްދަވާދެއްވާނެއެވެ. ނުވަތަ ފާފައެއް ކުރެވިފައިވާނަމަ ﷲ އޭނާއަށާއި އޭނާގެ މައިންބަފައިންނަށްވެސް ފާފަފުއްސަވާދެއްވާނެއެވެ. މި ވަޞިއްޔަތުގެ ބަރަކާތުންނެވެ." މިހެންގޮސް ނިމެންދެނެވެ. މިއީ އެންމެ ހުތުރު އެއް ދޮގެވެ. އަދި މި ވަޞިއްޔަތް ހެދި މީހާގެ ދޮގުވެރިކަމާއި، މި އުފެއްދި މީހާ ﷲ ދެކެ އަދި އެކަލާނގެ އަޅުތަކުންދެކެވެސް ލަދެއް ނުގަންނަކަމަށް ދަލީލުކުރާ އެންމެ ސާފު އެއް ކަންތަކެވެ. އެހެނީ މި ތިން ކަމަކީ މާތްވެގެންވާ ޤުރްއާން ހަމައެކަނި ލިޔެގެންވެސް ލިބޭނެ ކަމެއް ނޫނެވެ. ދެންފަހެ މި ބާޠިލު ވަޞިއްޔަތް ލިޔުނު މީހަކަށް އެ ކަންކަން ޙާޞިލުވާނީ ކިހިނަކުންހެއްޔެވެ!؟ އެކަމަކު މި ނުބައި ޚަބީޘް މީހާ ހަމައެކަނި ބޭނުންވަނީ މީސްތަކުންނަށް އޮޅުވާލާ، އެ މީހުން މި ވަޞިއްޔަތުގައި ގުޅުވާފައި ބެހެއްޓުމަށެވެ. އެއީ އެމީހުން މި ވަޞިއްޔަތް ލިޔެ، އަދި އެ ދަޢުވާކޮށްގެން އުޅޭ މާތްކަމުގައި އެމީހުންގެ (ހިތްތައް) ގުޅުވައިފުމަށް ދާންދެނެވެ. އަދި ﷲ އެކަލާނގެ އަޅުތަކުންނަށް ޝަރުޢުކުރައްވާފައިވާ؛ ފުދުންތެރިކަމާއި، ދަރަނި ފުދިގެންދިޔުމާއި، ފާފަފުއްސެވުމަށް ވާޞިލުކޮށްދޭ ގޮތަށް އެކަލާނގެ ލެއްވި ސަބަބުތައް އެމީހުން ދޫކޮށްލުމަށް ދާންދެނެވެ. ފަހެ ނިކަމެތިކަމުގެ ސަބަބުތަކާއި، އަމިއްލަ އެދުމާއި ޝައިޠާނާއަށް ކިޔަމަންވުމުން އަހަރުމެން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ.
މި ވަޞިއްޔަތަކީ ބާޠިލުކަމަށް ދަލީލުކުރާ ކަންތަކުގެ ތެރެއިން ތިންވަނަ ކަމަކީ: އޭނާ އޭގައި ބުނެފައިވާ މި ބަހެވެ: "ﷲ ގެ އަޅުތަކުންގެ ތެރެއިން މި ވަޞިއްޔަތް ނުލިޔާ މީހާ، ދުނިޔެއާއި އާޚިރަތުގައި އޭނާގެ މޫނު ކަޅުވެގެންދާނެއެވެ." މިއީވެސް އެންމެ ހުތުރު އެއް ދޮގެވެ. އަދި މި ވަޞިއްޔަތުގެ ބާޠިލުކަމާއި، އެ ހެދި މީހާގެ ދޮގުވެރިކަމަށް ދަލީލުކުރާ އެންމެ ސާފު އެއް ދަލީލެވެ. އެހެނީ ސާދަވަނަ ޤަރުނުގައި އައި ކާކުކަން ނޭނގޭ މީހަކު، ﷲ ގެ ރަސޫލާ ﷺ ގެ މައްޗަށް ދޮގުހަދައިގެން މި ވަޞިއްޔަތް ލިޔެ، ދެން އެ ނުލިޔާ މީހަކުގެ މޫނު ދުނިޔެއާއި އާޚިރަަތުގައި ކަޅުވެ އަނދިރިވެގެންދާނޭކަމަށާއި، އަދި އެ ލިޔުނު މީީހާ ފަޤީރުކަމަށްފަހު މުއްސަނދިވާނޭކަމަށާއި، ދަރަނިތައް ފުނިޖެހިގެންވުމަށް ފަހު ދަރަނިން ސަލާމަތްވެގެން ވާނޭކަމަށާއި، އަރައިގަނެފައިވާ ފާފަތައް ފުއްސެވިގެންވާ މީހަކަށް ވާނޭކަމަށް ދަޢުވާކުރުން؛ ބުއްދިއެއް ހުރި މީހެއްގެ ބުއްދީގައި ހުއްދަވާނީ ކިހިނަކުންހެއްޔެވެ!؟
އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ ބުހުތާނެކެވެ!! ދަލީލުތަކާއި ކަންކަން ހިނގަމުންދާ ވާޤިޢުވެސް ހެކިދެނީ މި އުފެއްދި މީހާގެ ދޮގުވެރިކަމަށާއި، ﷲ ގެ މައްޗަށް ޖެހިލުންކުޑަކަމަށާއި، އަދި ﷲ ދެކެ އަދި މީސްތަކުންދެކެވެސް މީނާ ލަދެއް ނުގަންނަކަމެވެ. ފަހެ މި ވަޞިއްޔަތް ނުލިޔާ އެތައް ބައިވަރު އުއްމަތްތައް މި ވަނީއެވެ. އެކަމަކު އެމީހުންގެ މޫނުތައް ކަޅުނުވެއެވެ. އަދި މިހިރަ އުޅެނީ އެތައް ފަހަރަކު އެ ވަޞިއްޔަތް ލިޔުނު، ﷲ އަށް މެނުވީ ގުނާ ޢަދަދުނުކުރެވޭހާ ގިނަބަޔަކެވެ. އެކަމަކު އެމީހުންގެ ދަރަނިތައް ފުދިގެންނުދެއެވެ. އަދި ފަޤީރުކަން ފިލައި ނުދެއެވެ. ފަހެ ހިތްތައް ކަސިޔާރުވެގެން ދިޔުމާއި، ފާފަތައް ގަދަވެގެންދިޔުމުން ރައްކާތެރިކޮށްދެއްވުމަށް އަހަރުމެން ﷲ ގެ ޙަޟްރަތަށް ދަންނަވަމެވެ. މިއީ އެންމެ މާތްވެގެންވާ އެންމެ ހެޔޮ ފޮތްކަމުގައިވާ: ކީރިތި ޤުރްއާން ލިޔުނު މީހަކަށް ލިބޭނެކަމަށްވެސް ޝަރަފުވެރި ޝަރުޢުގައި އައިސްފައިވާ ޞިފަތަކަކާއި ޖަޒާއެއް ނޫނެވެ. ދެންފަހެ ބާޠިލުގެ އެކި ވައްތަރުތަކާއި، ކުފުރުގެ އެކި ކަހަލަ ގިނަ ޖުމްލަތަކެއްވެސް ޝާމިލުވެގެންވާ ދޮގުވެރި ވަޞިއްޔަތެއް ލިޔުނު މީހަކަށް އެ ކަންކަން ލިބޭނީ ކިހިނަކުންހެއްޔެވެ!؟ ސުބްޙާނަ ﷲ އެވެ! ﷲ ގެ މައްޗަށް ދޮގުހަދަން ޖެހިލުންކުޑަ މީހާއާމެދުވެސް އެކަލާނގެ ޙިލްމުވެރިކަމުގެ ބޮޑުކަމާއެވެ.
މި ވަޞިއްޔަތަކީ އެންމެ ބާޠިލުކަން ބޮޑު ބާޠިލެއްކަމުގައި އަދި ސާފު ދޮގުކަމަށް ދަލީލުކޮށްދޭ ކަންކަމުގެ ތެރެއިން ހަތަރުވަނަ ކަމަކީ: އޭނާ އޭގައި ބުނެފައިވާ މި ބަހެވެ: "އަދި މި ވަޞިއްޔަތް ތެދުކޮށްފި މީހާ؛ ނަރަކައިގެ ޢަޛާުބުން މިންޖުވާނެއެވެ. އަދި މި ވަޞިއްޔަތް ދޮގުކޮށްފި މީހާ ކާފަރުވެއްޖެއެވެ." މިވެސް ދޮގުހެދުމަށް އެއްވެސް ޖެހިލުމެއްނެތްކަން ދައްކައިދޭ ކަމެކެވެ. އަދި އެންމެ ހުތުރު އެއް ބާޠިލެވެ. މި ދޮގުވެރި ކަލޭގެ ހުރިހާ މީސްތަކުންނަށް އެ ގޮވާލަނީ: އޭނާ އުފެއްދި ބުހުތާނު ތެދުކުރުމަށެވެ. އަދި އޭނާ ދަޢުވާކުރަނީ؛ އޭގެ ސަބަބުން އެމީހުން ނަރަކައިގެ ޢަޛާބުން މިންޖުވާނޭކަމަށާއި، އަދި އެ ވަޞިއްޔަތް ދޮގުކޮށްފި މީހަކު ކާފަރުވާނޭކަމަށެވެ. ﷲ ގަންދީ ބުނަމެވެ! މި ދޮގުވެރި ކައްޛާބު ﷲ ގެ މައްޗަށް ބޮޑުވެގެންވާ ބުހުތާނު ދޮގުހެދިއެވެ. އަދި ﷲ ގަންދީ ބުނަމެވެ! އޭނާ އެ ބުނީ ޙައްޤެއް ނޫނެވެ. އަދި ކާފަރެއްކަމުގައިވުން ޙައްޤުވަނީ މި ތެދުކުރި މީހާއެވެ. ދޮގުކުރި މީހާއެއް ނޫނެވެ. އެހެނީ މިއީ ޞައްޙަވުމުގެ އެއްވެސް އަސާސެއް ނެތް، ބުހުތާނެއް އަދި ބާޠިލެއް އަދި ދޮގެކެވެ. އަދި މިއީ ދޮގެއްކަމަށާއި، މި އުފެއްދި މީހަކީ ދޮގުވެރި ކައްޛާބެއްކަމަށް އަހަރުމެން ﷲ ހެކިކުރަމެވެ. އޭނާ ބޭނުންވަނީ ﷲ އިޛްނަ ދެއްވާފައިނުވާ ކަމެއް މީސްތަކުންނަށް ޝަރުޢުކޮށް ކަނޑައަޅާ، އަދި ދީނުގައި ނުވާ ކަމެއް އެމީހުންގެ ދީނަށް ވައްދާށެވެ. އަދި މި ބުހުތާނު ދޮގު އައުމުގެ ސާދަ ޤަރުނު ކުރިން، ﷲ ވަނީ މި އުއްމަތަށް ދީން ފުރިހަމަކޮށްދެއްވާފައެވެ. އެހެންކަމުން އޭ ކިޔުންތެރިންނޭވެ! އަދި އަޚުންނޭވެ! ތިޔަބައިމީހުން ސަމާލުވެ ތިބޭށެވެ! އަދި މިފަދަ ބުހުތާނު ދޮގުތައް ތެދުކުރުމާމެދު، އަދި ތިޔަބައިމީހުންގެ ތެރޭގައި އެ ޕުރޮމޯޓުވެގެން ދިޔުމާމެދު ތިޔަބައިމީހުން ޚަބަރުދާރުވާށެވެ! ފަހެ ހަމަކަށަވަރުން ޙައްޤުގެ މަތީގައި، އެ ޙައްޤު ހޯދާ މީހާއަށް އޮޅިގެންނުދާނޭ ނޫރެއްވެއެވެ. ފަހެ ޙައްޤު އޭގެ ދަލީލުން ހޯދައިގަންނާށެވެ. އަދި ތިޔަބައިމީހުންނަށް އޮޅުންއަރައިފި ކަމެއްގައި ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ. އަދި ދޮގުވެރި ކައްޛާބުން ކުރާ ހުވަޔާމެދު ހެއްލުންތެރި ނުވާށެވެ. ފަހެ ލަޢުނަތް ލެއްވިގެންވާ އިބްލީސްވަނީ، ތިޔަބައިމީހުން ބައްޕައާއި މަންމަ ކަމުގައިވާ އާދަމްގެފާނާއި ޙައްވާގެފާނަށްވެސް، އޭނާއަކީ އެ ދެބޭކަލުންނަށް ނަޞޭޙަތްތެރިވާ މީހެއްކަމަށް ހުވާކޮށްފައިއެވެ. އެއީ އޭނާއަކީ އެންމެ ބޮޑު ޚިޔާނާތްތެރިޔާ ކަމުގައި، އަދި އެންމެ ދޮގުވެރި ކައްޛާބުކަމުގައި ވާއިރުއެވެ. އެއީ ﷲ އޭނާއާމެދު އެ ވާހަކަ ކިޔާދެއްވި ގޮތަށެވެ. އެގޮތުން އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ: (އަދި އެކަލޭގެ ހުވާކޮށް، އެ ދެ ބޭކަލުންނަށް ބުންޏެވެ: ހަމަކަށަވަރުން ތިމަންނާވަނީ، ތިޔަ ދެ މީހުންނަށް ހެޔޮ ނަޞޭޙަތް ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.) [އަލްއަޢުރާފު : 21] އެހެންކަމުން ތިޔަބައިމީހުން އޭނާއާމެދު ހުށިޔާރުވާށެވެ. އަދި އެ އިބްލީހަށް ތަބަޢަވެގެން އުޅޭ ދޮގުވެރިންނާމެދުވެސް ހުށިޔާރުވެ ސަމާލުވާށެވެ. ފަހެ މަގުފުރައްދާ، ވާވެއްދުމަށްޓަކައި: ދޮގުވެރި ކިހާ ހުވާތަކެއް، އަދި ކެހިވެރި ކިހާ ޢަހްދުތަކެއް، އަދި ޖަރީކޮށް ޗާލުކޮށްފައިވާ ކިހާ ބަސްތަކެއް އެކަލޭގެއާއި އެމީހުންނަށް ވޭހެއްޔެވެ!؟ ދެންފަހެ މި ދޮގުވެރިޔާ ނަންގަނެފައިވާ ގޮތަށް މުންކަރާތްތައް ފާޅުވެގެންވާ ވާހަކައަކީ: ފަހެ ހަމަ ހިނގާފައިވާ ކަމެކެވެ. މާތްވެގެންވާ ޤުރްއާނާއި، ޠާހިރުވެގެންވާ ސުންނަތްވަނީ އިންތިހާއަށް އެ މުންކަރާތްތަކާމެދު އިންޛާރުކޮށްފައިއެވެ. އެ ދެ މަޞްދަރުގައި ހިދާޔަތާއި ފުދޭނެވަރު ވެއެވެ.
ދެންފަހެ އޭނާ ގެނެސްފައިވާ ޤިޔާމަތުގެ ޢަލާމާތްތަކަށް ބަލާއިރު، ނަބަވީ ޙަދީޘްތަކުންވަނީ ޤިޔާމަތުގެ ޢަލާމާތްތައް ސާފުކޮށްދީފައިއެވެ. އަދި ކީރިތި ޤުރްއާނުންވެސް އޭގެ ބައެއް ކަންކަމަށް އިޝާރާތްކޮށްފައިވެއެވެ. ދެންފަހެ އެ ކަންކަން ދެނެގަންނަން ބޭނުންވާ މީހަކަށް ސުންނަތުގެ ފޮތްތަކާއި، ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ލިޔުންތަކާއި ފޮތްތަކުން އެ ފެންނާނެއެވެ. މި ބުހުތާނުހަދާ ދޮގުވެރިޔާގެ ބަޔާނާއި، އޮޅުވާލުމާއި، ޙައްޤާއި ބާޠިލު މަސްހުނިކޮށްލުމަކަށް މީސްތަކުން އެއްވެސް ޙާޖަތެއް ޖެހިގެން ނުވެއެވެ. ޝައިޠާނުންގެ ނުބައިކަމާއި، މަގުފުރައްދާ މީހުންގެ ފިތުނަތަކާއި، މަގުފުރެދިގެންވާ މީހުންގެ ފުރެދުމާއި، ބާޠިލުގޮތުގައި ތިބި، ﷲ ގެ ދުޝްމަނުންގެ އޮޅުވާލުމުން؛ އަހަރެންނާއި ތިޔަބައިމީހުންނާއި އަދި ހުރިހާ މުސްލިމުން ﷲ ރައްކާތެރިކުރައްވާށިއެވެ. އެމީހުންނީ އެމީހުންގެ އަނގަތަކުން ﷲ ގެ ނޫރު ނިއްވާލުމަށް، އަދި މީސްތަކުންނަށް އެމީހުންގެ ދީން އޮޅުވާލުމަށް އުޅޭ މީހުންނެވެ. ﷲ އެކަލާނގެ ނޫރު ފުރިހަމަކުރައްވާ، އަދި އެކަލާނގެ ދީނަށް ނަޞްރުދެއްވާނެއެވެ. ﷲ ގެ ޢަދުއްވުންކަމުގައިވާ ޝައިޠާނުންނާއި، އެ ޝައިޠާނުންނަށް ތަބަޢަވީ ކާފަރުންނާއި މުލްޙިދުން ކިތަންމެ ނުރުހުނަސްމެއެވެ. އަދި އަހަރުމެން ﷲ ގެ ޙަޟްރަތަށް އެދި ދަންނަވަނީ މުސްލިމުންގެ ޙާލަތުތައް އިޞްލާޙުކޮށްދެއްވާ، ޙައްޤަށް ތަބަޢަވުމާއި، ޙައްޤުގައި ޘާބިތުވެ ސީދާވުމާއި، ހުރިހާ ފާފަތަކުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތައުބާވުމުގެ ނިޢުމަތް އެމީހުންނަށް ދެއްވުމަށެވެ. ފަހެ ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ތައުބާ ލައްވާ، ރަޙީމްވަންތަ، ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އަދި އަހަރުމެންނަށް ﷲ ފުދެއެވެ. ވަކީލުކުރެވޭ ފަރާތެއްގެ ގޮތުގައި އެކަލާނގެ ހެޔޮކަމާއެވެ. އަދި އެއްވެސް އާރަކާއި ބާރެއް، މަތިވެރިވެގެންވާ މާތްވަންތަ ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ.
ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށް ޙަމްދުހުއްޓެވެ. އަދި ﷲ އެކަލާނގެ އަޅާ، އަދި ރަސޫލާ ކަމުގައިވާ އައްޞާދިޤުލް އަމީންއަށް (ތެދުވެރި އަމާނާތްތެރި ކަލޭގެފާނަށް)، އަދި އެކަލޭގެފާނުގެ އާލުންނަށާއި، ޤިޔާމަތްދުވަހާ ހަމައަށް އިޙްސާންތެރިކަމާއެކު އެކަލޭގެފާނަށް ތަބަޢަވީހާ ބަޔަކަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. والحمد لله رب العالمين، وصلى الله وسلم على عبده ورسوله الصادق الأمين، وعلى آله وأصحابه وأتباعه بإحسان إلى يوم الدين.
ނުވަވަނަ ރިސާލާ: ސިޙުރާއި ކަހީނުކަމުގެ ޙުކުމާއި އެއާ ގުޅިފައިވާ ކަންކަން [1]
[1] މި ވަޞިއްޔަތް ޝާއިޢުކޮށް ފަތުރާފައިވަނީ، އައްރިޔާސަތުލް ޢާއްމާ ލިއިދާރާތިލް ބުޙޫޘިލް ޢިލްމިއްޔާ ވަލްއިފްތާއު ވައްދަޢުވާ ވަލްއިރްޝާދު އިން ހިޖުރައިން 1402 ވަނަ އަހަރުގައި 17 ވަނަ ނަންބަރުގެ ލީފްލެޓެއްގައިއެވެ.
ޙަމްދުހުރީ އެއްކައުވަންތަ ﷲ އަށެވެ. ޞަލަވާތާއި ސަލާމް ހުރީ އެކަލޭގެފާނަށްފަހު އެހެން ނަބިއްޔެއް ނުވާ ކަލޭގެފާނަށެވެ. އެއަށްފަހު ދަންނައެވެ:
މިހާރަކަށް އައިސް ޑޮކްޓަރީކަމަށް ދަޢުވާކުރާ މީހުންގެ ތެރޭގައި ސިޙުރުވެރިން ގިނަކަމަށް ފެނި، އަދި ސިޙުރުވެރިކަން ނުވަތަ ކަހީނުކަމުން ލާފައި އެމީހުން ފަރުވާކޮށް، އަދި ބައެއް ބިންތަކުގައި އެމީހުން ފެތުރި، އަދި ޖާހިލުކަން ގަދަވެފައިވާ ބައެއް ރޯނުފިލާ ޢާއްމުން އެމީހުން ވާވައްދައިގެން އުޅޭތީވެ؛ ﷲ އާއި އެކަލާނގެ އަޅުތަކުންނަށް އިޚްލާޞްތެރިވެ ނަޞޭޙަތްތެރިވުމުގެ ބާބުން؛ އެކަމުގައި އިސްލާމްދީނަށާއި މުސްލިމުންގެ މައްޗަށް ހުރި ބޮޑުވެގެންވާ ނުރައްކާ ބަޔާންކޮށްދިނުމަށް އަހަރެންނަށް ފެނުނެވެ. އެއީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ގުޅި ބަރޯސާވުމާއި، އެކަލާނގެ އަމުރުފުޅާއި އެކަލާނގެ ރަސޫލާ ﷺގެ އަމުރުފުޅާ ޚިލާފުވުން އެކަމުގައި ވާކަމަށްޓަކައިއެވެ.
އެގޮތުން ﷲ ތަޢާލާގެ ޙަޟްރަތުން އެހީ ހޯދާޙާލު އަހަރެން ބުނަމެވެ: ބޭސްފަރުވާ ކުރުމަކީ އިއްތިފާޤުން ހުއްދަ ކަމެކެވެ. މުސްލިމްމީހާ؛ އެތެރެހަށީގެ ބަލިތައް ބަލާ ޑޮކްޓަރެއް ގާތަށް، ނުވަތަ އޮޕަރޭޝަނާ، ނުވަތަ ނާރުތަކާ ބެހޭ، ނުވަތަ އެނޫންވެސް އެފަދަ ޑޮކްޓަރެއްގެ ގާތަށް އޭނާގެ ބަލި ބަލާ، އަދި އެއާ މުނާސަބުވާ، އަދި ޑޮކްޓަރީ ޢިލްމުގައި އެނގިފައިވާ މިންވަރަކުން ޝަރުޢީގޮތުން ހުއްދަވެގެންވާ ބޭސްތަކުން ފަރުވާކުރަން ހަމަ ދާންވީއެވެ. އެހެނީ އެއީ ޢާދައިގެ މައްޗަށްވާ ސަބަބުތަކުގައި ހިފުމުގެ ބާބުގައިވާ ކަމެކެވެ. އަދި ﷲ އަށް ވަކީލުކުރުން އެކަން ނަފީ ނުކުރެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ބަލިމަޑުކަން ބާވައިލެއްވިއެވެ. އަދި އެއާއެކު އޭގެ ފަރުވާވެސް ބާވައިލެއްވިއެވެ. އެނގުނު މީހަކަށް އެ ފަރުވާ އެނގެއެވެ. އަދި ނޭނގުނު މީހަކަށް ނޭނގުނީއެވެ. ނަމަވެސް އަޅުތަކުންނަށް އެކަލާނގެ ޙަރާމްކުރައްވާފައިވާ ކަމެއްގައި، އެކަލާނގެ އެމީހުންނަށް ޝިފާ ލައްވާފައި ނުވެއެވެ.
އެގޮތުން ޣައިބުގެ ކަންކަން އެނގޭކަމަށް ދަޢުވާކުރާ ކާހިނުންގެ ގާތަށް؛ ޖެހިފައިވާ ބަލި ދެނެގަތުމަށްޓަކައި ދިޔުން ބަލިމީހާއަށް ހުއްދަވެގެން ނުވެއެވެ. އެފަދައިންމެ، އެމީހުން ޚަބަރުދޭ ކަންކަން ތެދުކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެހެނީ އެމީހުންނީ ހީއަކަށް ޣައިބުގެ ވާހަކަތައް ދައްކާ، ނުވަތަ އެމީހުން ބޭނުންވާ ކަންތަކަށް އެހީހޯދަން ޖިންނިން ގެނެސް އުޅޭ ބައެކެވެ. މިވެރިން ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކޮށްފިނަމަ މި މީހުންގެ ޙުކުމަކީ ކާފަރުވެ މަގުފުރެދިގެންވުމެވެ.
މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ: "ޢައްރާފެއް (ކަހީނެއް ނުވަތަ އަތްބަލާ މީހެއް) ގެ ގާތަށް ގޮސް، ކަމަކާމެދު އޭނާގެ ގާތުން ސުވާލުކޮށްފި މީހާ؛ ސާޅީސް ދުވަހުގެ ނަމާދު އޭނާގެ ކިބައިން ޤަބޫލު ނުކުރެވޭހުއްޓެވެ."
އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެވުނެވެ: "ކާހިނެއްގެ ގާތަށް ގޮސް، ދެން އޭނާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ؛ ފަހެ ހަމަކަށަވަރުން މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް ކާފަރުވެއްޖެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ. އަދި ހަތަރު ސުނަނުގެ އަހުލުވެރިން (އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ، އިބްނު މާޖާ) އެ ޙަދީޘް ނެރުއްވިއެވެ. އަދި އަލްޙާކިމު، ނަބިއްޔާ ﷺގެ އަރިހުން މި ލަފްޒުން ޞައްޙަކުރެއްވިއެވެ: "ޢައްރާފެއް (ފާލުބަލާ، ރަމަލުޖަހާ ބުރަންމާނިއެއް) ނުވަތަ ކާހިނެއްގެ ގާތަށް ގޮސް، ދެން އޭނާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ؛ ފަހެ ހަމަކަށަވަރުން މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް ކާފަރުވެއްޖެއެވެ."
އަދި ޢިމްރާނު ބްނު ޙުޞައިނު رضي الله عنه ވިދާޅުވިކަމަށް ރިވާކުރެވުނެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ސުންޕާކަމެއްކަމުގައި ބަލައިފި ނުވަތަ އެމީހަކަށް ސުންޕާކަން ހުރިތޯ ބަލައިދެވޭ މީހާ، ނުވަތަ ކަހީނުކަންކޮށް ނުވަތަ އެމީހަކަށް ކަހީނުކަން ބަލައިދެވޭ މީހާ، ނުވަތަ ސިޙުރުހަދާ ނުވަތަ އެމީހަކަށްޓަކައި ސިޙުރު ހަދައިދެވޭ މީހާ އަހަރުމެންގެ ތެރެއިން ނުވެއެވެ. އަދި ކާހިނެއްގެ ގާތަށް ގޮސް، އޭނާ ބުނާ އެއްޗެއް ތެދުކޮށްފި މީހާ؛ ފަހެ މުޙައްމަދު ﷺގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށް ކާފަރުވެއްޖެއެވެ." އަލްބައްޒާރު، ރަނގަޅު އިސްނާދަކުން މި ހަދިޘް ރިވާކުރެއްވިއެވެ.
މި ޝަރަފުވެރި ޙަދީޘްތަކުގައި އެވަނީ: ފާލުބަލާ މީހުންނާއި، ކާހިނުންނާއި، ސިޙުރުވެރިންނާއި އެފަދަ މީހުންގެ ގާތަށް ދިޔުމާއި، އެމީހުންގެ ގާތުން ސުވާލުކޮށް އެމީހުން ތެދުކުރުން ނަހީކުރެވިގެންނެވެ. އަދި އެކަމުގެ މައްޗަށް ވަޢީދުގެ ބަސްވެސް އެވަނީއެވެ.
އެހެންކަމުން ބައެއް ކަންކަމުގައި އެމީހުން ތެދުހެދިކަމަށްޓަކައި (ނުވަތަ އެމީހުން ބުނި ބަސް ތެދުވިކަމަށްޓަކައި)، އަދި މީސްތަކުންގެ ތެރެއިން އެމީހުންގެ ގާތަށް ދާ މީހުންގެ ގިނަކަމާހުރެވެސް ކެހީގައި ޖެހި ހެއްލިދިޔުން ހުއްދަވެގެން ނުވެއެވެ. ފަހެ އެމީހުންނީ ޖާހިލުންނެވެ. އެމީހުންނާހުރެ މީސްތަކުން ހެއްލުންތެރިވެގެން ނުވާނެއެވެ. އެހެނީ ރަސޫލާ ﷺ ވަނީ އެވެރިންގެ ގާތަށް ދިޔުމާއި، އެވެރިންގެ ގާތުން ސުވާލުކޮށް އެހުމާއި، ތެދުކުރުންވެސް ނަހީކުރައްވާފައިއެވެ. އެއީ އެކަމުގައިވާ ބޮޑުވެގެންވާ މުންކަރާތަށްޓަކައިއެވެ. އަދި ބޮޑުވެގެންވާ ނުރައްކަލާއި ނުބައި ނަތީޖާތަކަށްޓަކައިއެވެ. އެހެނީ އެމީހުންނީ ފާޖިރު ދޮގުވެރިންނެވެ.
އެފަދައިންމެ މި ޙަދީޘްތަކުގައި: ކާހިނުންނާއި ސިޙުރުވެރިން ކާފަރުވެގެންވާކަމަށް ދަލީލުވެއެވެ. އެއީ އެމީހުން ޣައިބުގެ ޢިލްމު އެނގޭކަމަށް ދަޢުވާކުރުމުންނެވެ. އަދި އެއީ ކުފުރެކެވެ. އަދި އެއީ، ޖިންނީންނަށް ޚިދުމަތްކޮށް، ﷲ ފިޔަވައި ޖިންނީންނަށް އަޅުކަންކޮށްގެން މެނުވީ އެމީހުންގެ މަޤްޞަދަށް ވާޞިލުނުވާތީއެވެ. އެއީ ﷲ އަށް ކާފަރުވެ، އަދި އެކަލާނގެ ސުބްޙާނަހޫ އާ ޝިރުކު ކުރުމެވެ. އަދި އެމީހުންނަށް ޣައިބު އެނގޭކަމަށް ކުރާ ދަޢުވާގައި އެމީހުން ތެދުކުރާ މީހާވެސްވަނީ އެމީހުން ފަދައިންނެވެ. އަދި މިހިރަ ކަންކަންކުރާ މީހުންގެ ކިބައިން މި ކަންކަން ނަގައިގަނެފި ކޮންމެ މީހަކު؛ ފަހެ ﷲ ގެ ރަސޫލާ ﷺ ވަނީ އެމީހެއްގެ ކިބައިން ބަރީއަވެވަޑައިގެންނެވެ.
އެފަދައިންމެ، އެމީހުން ފަރުވާއެއްކަމަށް ދަޢުވާކުރާ ކަންކަމަށް މުސްލިމްމީހާ ބޯލެނބުން ހުއްދަވެގެން ނުވެއެވެ. އެއީ އެމީހުން ކުރަހާ، ޖަހާ އަކަތައް ނުވަތަ ތިމަރަ އެޅުމާއި، އަދިވެސް އެމީހުން ކުރަމުންދާ އެފަދަ ޚުރާފީ ކަންކަމެވެ. ފަހެ މި ކަންކަމީ ކަހީނުކަމުގެ ތެރެއިންވާ، އަދި މީސްތަކުންނަށް އޮޅުވާލުމުގެ ތެރެއިންވާ ކަންކަމެވެ. އަދި އެކަމަށް ރުހިއްޖެ މީހާ؛ ފަހެ އެމީހުންގެ ބާޠިލާއި ކުފުރުގެ މައްޗަށް އެހީވެއްޖެއެވެ.
އެފަދައިންމެ، މުސްލިމުންގެ ތެރެއިން އެއްވެސް މީހަކު އެމީހުންގެ ގާތަށް ދިޔުން ހުއްދަވެގެން ނުވެއެވެ. އެއީ އެމީހެއްގެ ދަރިފުޅު ނުވަތަ ތިމާގެ މީހާ ކައިވެނިކުރާނީ ކާކާތޯ އެހުމަށްޓަކައި، ނުވަތަ ދެމަފިރިންނާއި ދެމަފިރިންގެ ޢާއިލާގެ ދެމެދުގައިވާ ލޯތްބާއި ވަފާތެރިކަން، ނުވަތަ ޢަދާވާތްތެރިކަމާއި ވަކިވުމާއި އެފަދަ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމަށްޓަކައިއެވެ. އެހެނީ މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް މެނުވީ އެނގިވޮޑިގެންނުވާ ޣައިބުގެ ތެރެއިންވާ ކަންކަމެވެ.
ފަހެ ވެރިންނާއި، ޙިސްބާގެ އަހުލުވެރިން (އަމްރު މަޢުރޫފު ހިންގާ މީހުން) އަދި އެނޫންވެސް ކުޅަދާނަކަމާއި ބާރު ލިބިގެންވާ މީހުންގެ މައްޗަށް ވާޖިބުވެގެންވަނީ: ކާހިނުންނާއި ފާލުބަލާ މީހުންނާއި އެފަދަ މީހުންގެ ގާތަށް މީހުން ދިޔުމަށް އިންކާރުކޮށް، އަދި ބާޒާރުތަކާއި އެހެން ތަންތާގައިވެސް އެއިން ކަމެއް ކުރާ މީހެއް މަނާކޮށް ހުއްޓުވާ، އަދި އެންމެ ގަދައަށް އެމީހުންނަށް އިންކާރުކޮށް، އަދި އެމީހުންގެ ގާތަށް ދާ މީހުންނަށްވެސް އިންކާރު ކުރުމެވެ.
އަދި ސިޙުރުވެސް ވަނީ މިފަދައިންނެވެ. އެހެނީ ސިޙުރަކީ ކާފަރުވާ ޙަރާމް ކަންތަކުގެ ތެރެއިންވާ ކަމެކެވެ. ދެ މަލާއިކަތުންނާއި ބެހޭގޮތުން ﷲ ޢައްޒަ ވަޖައްލަ ވަޙީކުރެއްވި ފަދައިންނެވެ: (...ތިމަންމެން ވާކަން ކަށަވަރީ (އީމާންކަން ހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ އިމްތިޙާނެއް) ފިތުނައެއް ކަމުގައޭ، ފަހެ (ސިހުރު ދަސްކޮށްގެން) ކާފަރު ނުވާށޭ ވިދާޅުވެފައި (ނަސޭހަތް ދެއްވުމަށް ފަހުގައި) މެނުވީ އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން (ސިހުރު) އުނގަންނަވައި ނުދެއްވައެވެ. ފަހެ އެ ދެ ބޭކަލުންގެ އަރިހުން އެބައިމީހުން އުނގެނި އުޅުނީ (ސިހުރު ބޭނުންކޮށްގެން) މީހަކާއި އެމީހެއްގެ އަނބިމީހާއާ ދެމެދު (ރުޅިވެރިކަން އުފައްދާ) ދުރުކުރުވާނޭ ގޮތެވެ. ﷲގެ އިޒުނަފުޅާ އެކުގައި މެނުވީ އެބައިމީހުންނަށް އެއްވެސް މީހަކަށް އެއިން ގެއްލުމެއް ނުދެވޭނެއެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީހުންނަށް ގެއްލުންދޭ އަދި އެބައިމީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. އަދި އެ ހޯދައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް މިންވަރެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައި ވެއެވެ. އަދި ހަމަކަށަވަރުން އެބައިމީހުންގެ ނަފުސުތައް އެ އެއްޗަކަށް ވިއްކައިލި އެއްޗެއްގެ ނުބައިކަމުގެ ބޮޑުކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައިވި ނަމައެވެ.) [އަލްބަޤަރާ: 102]
މި މާތްވެގެންވާ އާޔަތްތަކުން ދަލީލުކުރީ: ސިޙުރަކީ ކުފުރެއްކަމަށެވެ. އަދި ސިޙުރުވެރިންނަކީ މީހާއާ އޭނާގެ އަނބިމީހާ ވަކިކުރާ ބައެއް ކަމުގައިއެވެ. ހަމައެފަދައިން، ސިޙުރަކީ އޭގެ ޒާތުގައި ފައިދާއެއް އަދި ގެއްލުމަކުންވެސް އަސަރުކުރުވާ އެއްޗެއް ނޫންކަމާއި، އެއިން އަސަރުކުރަނީ ﷲ ގެ ކައުނީ ޤަދަރުގެ އިޛްނަފުޅުންކަމުގައި ކަން ދަލީލުކުރިއެވެ. އެހެނީ ހެވާއި ނުބައި އުފެއްދެވި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.
އޭގެ އިތުރުން މި މާތް އާޔަތުން ދަލީލުކުރީ: ސިޙުރު އުނގެނި ދަސްކުރާ މީހުން އެ އުނގެނޭކަން ކަށަވަރީ އެމިހުންނަށް ފައިދާއެއް ނުކުރާ އެކަމަކު ގެއްލުންލިބޭ އެއްޗެއް ކަމުގައިއެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެމީހުންނަށް އެއްވެސް ނަޞީބެއް ނުވާކަމެވެ. މިއީ ދުނިޔެއާއި އާޚިރަތުގައި އެމީހުން ގެއްލެނިވުން ބޮޑުވެގެންވާކަމަށާއި، އަދި އެންމެ އަގުދެރަ އެއްޗަކަށް އެމީހުންގެ ނަފްސުތައް ވިއްކާލިކަމަށް ދަލީލުކުރާ ވަރުގަދަ ވަޢީދުގެ ބަސްފުޅެކެވެ. މިހެންވެ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމުގެ މައްޗަށް އެމީހުން ނުބައިކުރައްވާ ބަސްވަޙީކުރެއްވިއެވެ: (...އަދި ހަމަކަށަވަރުން އެބައިމީހުންގެ ނަފްސުތައް އެ އެއްޗަކަށް ވިއްކައިލި އެއްޗެއްގެ ނުބައިކަމުގެ ބޮޑުކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައިވި ނަމައެވެ.) [އަލްބަޤަރާ: 102] މި ތަނުގައި الشراء ގެ މާނައަކީ ވިއްކާލުމެވެ.
މުޝްރިކުންގެ ކިބައިން މިހިރަ ޢިލްމުތައް ވާރުތަކޮށް، ބުއްދި ބަލިކަށި މީހުންނަށް އެއިން އޮޅުވާލި މިތިބަ ބުހުތާނުވެރިންނާހުރެ ގެއްލުން ބޮޑުވެ، ކަންކަންވަނީ ބޮއްސުން ލާފައިއެވެ. إنا لله وإنا إليه راجعون، وحسبنا الله ونعم الوكيل (އަޅަމެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރި ދާހުށީ އެކަލާނގެ ޙަޟްރަތަށެވެ. އަދި ﷲ އަޅަމެންނަށް ފުދެއެވެ. ވަކީލަކުކަމުގައި އެކަލާނގެ ހެޔޮކަމާއެވެ.)
ސިޙުރުވެރިންނާއި، ކާހިނުންނާއި އެންމެހާ ހާހޫރަވެރިންގެ ނުބައިކަމުން ސަލާމަތާއި ޢާފިޔަތު ދެއްވުމަށް އަހަރުމެން ﷲ ގެ ޙަޟްރަތުން އެދެމެވެ. އަދި އެމީހުންގެ ނުބައިކަމުން މުސްލިމުން ރައްކާތެރިކޮށްދެއްވާ، އަދި އެމީހުންނާމެދު ހުށިޔާރުވެ އިންޛާރުކުރުވުމަށް، އަދި އެމީހުންނާމެދު ﷲ ގެ ޙުކުމްފުޅު ތަންފީޒުކުރުމަށް މުސްލިމު ވެރިންނަށް ތައުފީޤުދެއްވުމަށް އެކަލާނގެ ޙަޟްރަތަށް އެދި ދަންނަވަމެވެ. އެއީ އެމީހުންގެ ގެއްލުމާއި، ނުބައި ޢަމަލުތަކުން އަޅުތަކުން ސަލާމަތްވެ ރާޙަތު ލިބިގެންދިޔުމަށެވެ....ހަމަކަށަވަރުން އެކަލާނގެއީ ދީލަތިވަންތަ މާތް އޯގާވަންތަ އިލާހެވެ.
ސިޙުރުގެ ނުބައިކަން ދިމާވުމުގެ ކުރިން އެއިން ރައްކާތެރިވާނޭ ގޮތް، ﷲ ތަޢާލާވަނީ އެކަލާނގެ އަޅުތަކުންނަށް ޝަރުޢުކޮށްދެއްވާފައިއެވެ. އަދި ސިޙުރު ޖެހުމަށްފަހު އެއަށް ފަރުވާކުރާނޭ ގޮތްވެސް އެކަލާނގެ ސުބްޙާނަހޫ އެމީހުންނަށް ސާފުކޮށްދެއްވިއެވެ. އެއީ އެކަލާނގެ ޙަޟްރަތުން އެމީހުންނަށްވާ ރަޙްމަތެއްގެ ގޮތުންނާއި، އަދި އިޙްސާންތެެރިވެވޮޑިގަތުމެއްގެ ގޮތުންނާއި، އަދި އެމީހުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަކުރެއްވުމުގެ ގޮތުންނެވެ.
މިތަނުގައި މިވަނީ ސިޙުރު ޖެހުމުގެ ކުރިން އޭގެ ނުރައްކާއިން ރައްކާތެރިވާން ކުރާނޭ ކަންކަމާއި، އަދި ސިޙުރު ޖެހުމަށްފަހު އެއަށް ފަރުވާކުރުމަށް ކުރާނޭ ޝަރުޢީގޮތުން ހުއްދަ ކަންކަމުގެ ބަޔާނެކެވެ. އޭގެ ބަޔާންވަނީ އަންނަނިވި ގޮތަށެވެ:
ފުރަތަމައަށް: ސިޙުރު ޖެހުމުގެ ކުރިން އޭގެ ނުރައްކާއިން ރައްކާތެރިވުމަށް ކުރާނޭ ކަންކަން: އޭގެ އެންމެ މުހިއްމު އަދި އެންމެ ފައިދާހުރި ގޮތަކީ: ޝަރުޢީ ޛިކުރުތަކާއި، ވާރިދުވެގެން އައިސްފައިވާ ދުޢާތަކާއި ރައްކާތެރިވުމަށް އެދި ދަންނަވާ ޛިކުރުތަކުން ޙިމާޔަތް ލިބިގަތުމެވެ. އޭގެ ތެރޭގައި: އާޔަތުލް ކުރްސި -އެއީ ކީރިތި ޤުރްއާނުގައިވާ އެންމެ މާތް އާޔަތެވެ- މި އާޔަތް ކޮންމެ ފަރުޟު ނަމާދެއްގައި ސަލާމްދިނުމަށް ފަހު ކިޔެވުންވެއެވެ. އެ އާޔަތަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ: ﴿ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ﴾ (ﷲ އީ، އެއިލާހު ފިޔަވާ އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވާ ފަރާތެވެ. (އެއީ) ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް އެއިލާހަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާ އަދި ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ އެއިލާހަށެވެ. އެއިލާހުގެ އިޛުނަފުޅާ ނުލާ އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނީ ކާކުހެއްޔެވެ! (އެބަހީ: އެއިލާހުގެ އިޛުނަފުޅާ ނުލާ އެއްވެސް ފަރާތަކަށް އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރި ނުވެވޭނެއެވެ.) އެބައިމީހުންގެ ކުރިން އިސްވެގޮސްފައި ވާހާ ކަމަކާއި، އެބައިމީހުންގެ ފަހުން ވާނޭހާ ކަމެއްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޢިލްމުފުޅުގެ ތެރެއިން އިރާދަކުރެއްވި މިންވަރެއް ފިޔަވާ އެބައިމީހުންނަކަށް އެނގިގެން ނުވެއެވެ. އެއިލާހުގެ ކުރުސިކޮޅު، އުޑުތަކާއި ބިމަށް ވުރެ ތަނަވަސްވެގެންވެއެވެ. އެ އުޑުތަކާއި ބިން ރައްކާތެރި ކުރެއްވުމުގައި އެއިލާހަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި އެކަލާނގެއީ މަތިވެރިވެ، މާތްވެގެންވާ އިލާހެވެ.) [އަލްބަޤަރާ: 255] އަދި ނިދާއިރުގައިވެސް އެ އާޔަތް ކިޔެވުމެވެ. އެގޮތުން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ: "ރެޔެއްގައި އާޔަތުލް ކުރްސި ކިޔަވައިފި މީހާ؛ ﷲ ގެ ޙަޟްރަތުން ރައްކާތެރިކުރައްވާނެ ބޭކަލެއް އޭނާގެ މައްޗަށްވުން ފިލައިނުދާނެއެވެ. އަދި ފަތިސް ވެއްޖައުމަށް ދާންދެން ޝައިޠާނަކު އޭނާއާ ގާތްނުވާނެއެވެ."
އަދި އޭގެ ތެރޭގައި އަންނަނިވި ބައިތައް ކިޔެވުންވެއެވެ: ﴿قُلۡ هُوَ ٱللَّهُ أَحَدٌ﴾ [އަލްއިޚްލާޞް:1]. މި ސޫރަތް އަދި ﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ﴾ [އަލްފަލަޤް: 1]، މި ސޫރަތް އަދި ﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ﴾ [އައްނާސް:1] މި ސޫރަތް ކިޔެވުންވެއެވެ. އެއީ ކޮންމެ ފަރުޟު ނަމާދެއް ފަހުގައިއެވެ. އަދި މި ތިން ސޫރަތް ދުވާލުގެ ކުރީކޮޅު، ފަތިސް ނަމާދަށް ފަހުގައި، އަދި ރޭގަނޑުގެ ކުރީކޮޅު، މަޣުރިބު ނަމާދަށް ފަހުގައި ތިން ފަހަރު ކިޔެވުމެވެ.
އަދި އޭގެ ތެރޭގައި: ރޭގަނޑުގެ ކުރީކޮޅުގައި އަލްބަޤަރާ ސޫރަތުގެ އެންމެ ފަހު ދެ އާޔަތް ކިޔެވުންވެއެވެ. އެ ދެ އާޔަތަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ: (ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٖ مِّن رُّسُلِهِۦۚ وَقَالُواْ سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ.) (ރަސޫލާއަށް، އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުން ބާވައިލެއްވުނު (ކޮންމެ) އެއްޗަކަށްމެ ރަސޫލާއާއި މުއުމިނުން އީމާންވެއެވެ. އެ އެންމެންމެ، ﷲ އާއި އެއިލާހުގެ މަލާއިކަތުންނާއި (ބާވައިލެއްވި) ފޮތްތަކާއި ފޮނުއްވި ރަސޫލުންނަށް އީމާންވެއެވެ. (އެބައިމީހުން ބުނެއެވެ.) ތިމަންމެން، އެއިލާހުގެ ރަސޫލުންގެ ތެރެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމެވެ. (އެބަހީ: ބައެއް ބޭކަލުންނަށް އީމާންވެފައި އަނެއްބައި ބޭކަލުންނަށް ކާފަރު ނުވަމެވެ.) އަދި އެބައިމީހުން ބުނެއެވެ. ތިމަންމެން އަޑުއަހައި ކިޔަމަންވެއްޖައީމެވެ. އަޅަމެންގެ ރައްބެވެ! އަޅަމެންގެ ފާފަފުއްސަވާށިއެވެ! އަދި އެނބުރި ދިއުންވަނީ އިބައިލާހުގެ ޙަޟްރަތަށެވެ.) އެހެން ގޮސް ސޫރަތް ނިމެންދެނެވެ. [އަލްބަޤަރާ: 285]
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވާ ބަސްފުޅަށްޓަކައިއެވެ: "ރޭގަނޑެއްގައި، އަލްބަޤަރާ ސޫރަތުގެ އެންމެ ފަހުކޮޅުގެ ދެ އާޔަތް ކިޔަވައިފި މީހާ، އެ ދެ އާޔަތް އޭނާއަށް ފުދޭހުއްޓެވެ." އޭގެ މާނައަކީ -والله أعلم- އެ ދެ އާޔަތް، ކޮންމެ ނުބައިކަމަކުން އޭނާއަށް ފުއްދައިދޭނެއެވެ. އަދި އޭގެ ތެރޭގައި: ރެޔާއި ދުވާލު، އަދި ޢިމާރާތެއް ނުވަތަ ސަހަރާއެއް، ނުވަތަ ޖައްވުގައި ނުވަތަ ކަނޑުމަތީގައިވެސް ތަނަކަށް ފައިބާއިރު (ﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން، އެކަލާނގެ އުފެއްދެވި ކޮންމެ ނުބައިކަމަކުން ރައްކާތެރިކޮށްދެއްވުމަށް) އެދުން ގިނަކުރުންވެއެވެ. އެއީ ނަބިއްޔާ ﷺގެ މިބަސްފުޅަށްޓަކައިއެވެ: "ތަނަކަށް ފޭބުމަށްފަހު، ދެން: أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِن شَرِّ ما خَلَقَ (ﷲ ގެ ފުރިހަމަވެގެންވާ ކަލިމަފުޅުތަކުން، އެކަލާނގެ ޚަލްޤުކުރެއްވި ކޮންމެ ނުބަޔަކުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އެދެމެވެ.) މިހެން ކިޔައިފި މީހާ؛ އޭނާގެ އެ މަންޒިލުން ގޮސްފުމަށް ދާންދެން އެއްވެސް އެއްޗަކަށް އޭނާއަށް ގެއްލުމެއް ނުދެވޭނެއެވެ."
އަދިވެސް އޭގެ ތެރޭގައި: މުސްލިމްއަޅާ، ދުވާލުގެ ކުރީކޮޅާއި، ރޭގަނޑުގެ ކުރީކޮޅު ތިން ފަހަރު މިހެން ކިޔުންވެއެވެ: «بِسْمِ اللهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيءٌ فِي الأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ العَلِيمُ». (ﷲ ގެ އިސްމުފުޅާއިއެކު، ބިމުގައި އަދި އުޑުގައިވެސް އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެ އެކަލާނގެ އިސްމުފުޅުން އެހީއާއި ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެއީ (އެންމެމޮޅަށް) އައްސަވާވޮޑިގެންވާ އަދި (އެންމެމޮޅަށް) ދެނެވޮޑިގެންވާ އިލާހެވެ.)
އެއީ ﷲ ގެ ރަސޫލާ ﷺގެ އަރިހުން އެގޮތަށް ބާރުއަޅުއްވާފައިވުން ޞައްޙަވެގެންވާތީއެވެ. އަދި އެއީ ކޮންމެ ނުބައިކަމަކުން ސަލާމަތްވުމަށްވާ ސަބަބެކެވެ.
ދެވަނައަށް: ސިޙުރު ޖެހުމަށްފަހު އެއަށް ފަރުވާކުރާނޭ ގޮތް: މިކަންވެސް ވަނީ އެކި ކަންކަމުންނެވެ:
ފުރަތަމައީ: ﷲ ގެ ޙަޟްރަތަށް ނިކަމެތިވުން ގިނަކޮށް، ގެއްލުން ދުރުކޮށްދެއްވާ، ދަތިކަން ފިއްލެވުމަށް އެކަލާނގެ ޙަޟްރަތަށް އެދި ދެންނެވުމެވެ.
ދެވަނައީ: ބިމެއްގައި ނުވަތަ ފަރުބަދައެއްގައި ނުވަތަ އެނޫންވެސް ތަނެއްގައި އެ ސިޙުރު އޮތްތަނެއް ދެނެގަތުމަށް ގަދަޔަށް މަސައްކަތްކުރުމެވެ. ދެންފަހެ އެ އޮތްތަނެއް އެނގި، އެ އެއްޗެއް ނެރެވި ހަލާކުކޮށްލެވިއްޖެނަމަ؛ ސިޙުރު ބާޠިލުވެއެވެ. މިއީ ސިޙުރަށް ކުރެވޭނެ އެންމެ ފައިދާހުރި އެއް ފަރުވާއެވެ.
ތިންވަނައީ: ޛިކުރުތަކާއި ޝަރުޢީ ވިރުދުތަކުން ރުޤްޔާކުރުމެވެ. އެތަކެތި ގިނަވެގެންވެއެވެ. އޭގެ ތެރޭގައި:
ﷲ ގެ ރަސޫލާ ﷺގެ އަރިހުން ޘާބިތުވެގެންވާ މި ދުޢާއެވެ: «اللَّهُمَّ رَبَّ النَّاسِ، أَذْهِبِ الْبَأْسَ، وَاشْفِ أَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا» (އޭ ﷲ އެވެ! މީސްތަކުންގެ ވެރި ރައްބެވެ! ދަތި އުނދަގޫކަން ފިއްލަވާށިއެވެ. އަދި ޝިފާދެއްވާށިއެވެ. ޝިފާދެއްވަނީ އިބައިލާހެވެ. އިބައިލާހުގެ ޝިފާ ފިޔަވައި އެހެން ޝިފާއެއް ނުވެއެވެ. ބައްޔެއް ފަހަތަށް ދޫނުކުރާ ޝިފާއަކުން (ފުރިހަމަ ޝިފާދެއްވާށިއެވެ.) ) ތިންފަހަރު އެހެން ކިޔާނީއެވެ.
އަދިވެސް އޭގެ ތެރޭގައި: ޖިބްރާއީލުގެފާނު ނަބިއްޔާ ﷺ އަށް އެއިން ރުޤްޔާކުރެއްވި ރުޤްޔާވެއެވެ. އެއީ އެކަލޭގެފާނު މި ބަސްފުޅެވެ: «بِسْمِ اللَّهِ أَرْقِيكَ، مِنْ كُلِّ شَيْءٍ يُؤْذِيكَ، وَمِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ، اللَّهُ يَشْفِيكَ، بِسْمِ اللَّهِ أَرْقِيكَ» (ﷲ ގެ އިސްމުޅުން އަހަރެން ތިބާއަށް ރުޤްޔާކުރަމެވެ. ތިބާއަށް ގެއްލުންވެ ތުރާވާ ކޮންމެ ކަމަކުންނެވެ. އަދި ކޮންމެ ނަފްސެއް ނުވަތަ ޙަސަދަވެރި ލޮލެއްގެ ނުބައިކަމުންނެވެ. ﷲ ތިބާއަށް ޝިފާދެއްވާށިއެވެ. ﷲ ގެ އިސްމުފުޅުން އަހަރެން ތިބާއަށް ރުޤްޔާކުރަމެވެ.) ތިން ފަހަރު އެ ޛިކުރު ތަކުރާރު ކުރާނީއެވެ.
އަދިވެސް އޭގެ ތެރޭގައި -އަދި މިއީ ފިިރިހެނާ އޭނާގެ އަނބިމީހާއާ ޖިމާޢުވުމުން ހިފެހެއްޓި ހުރަސްއެޅިއްޖެނަމަ ފައިދާހުރި ފަރުވާއެކެވެ- އެއީ: ފެހި ކުންނާރު ފަތުން ހަތް ފަތް ނަގާ، ދެން ހިލަޔަކުން ނުވަތަ އެފަދަ އެއްޗަކުން ހިމުންކޮށް ފުނޑާލާފައި، ކަންވާރަކަށް އަޅާލާފައި، ދެން ފެންވަރަން ފުދޭނެވަރަށް އޭގެ ތެރެއަށް ފެން އަޅާފައި، އެއަށް މި ތަންތަން ކިޔެވުމެވެ:
އާޔަތުލް ކުރްސި އަދި ﴿قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ﴾ [އަލްކާފިރޫން:1] ސޫރަތް، އަދި ﴿قُلۡ هُوَ ٱللَّهُ أَحَدٌ﴾ [އަލްއިޚްލާޞް:1]، މި ސޫރަތް އަދި ﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ﴾ [އަލްފަލަޤް: 1]، މި ސޫރަތް އަދި ﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ﴾ [އައްނާސް:1] މި ސޫރަތް،
އަދި އަލްއަޢުރާފު ސޫރަތުގައިވާ ސިޙުރުގެ އާޔަތްތަކެވެ. އެއީ ﷲ ތަޢާލާގެ މި ބަސްފުޅުތަކެވެ: ﴿وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَلۡقِ عَصَاكَۖ فَإِذَا هِيَ تَلۡقَفُ مَا يَأۡفِكُونَ. (ތިމަން އިލާހު މޫސާގެފާނަށް ވަޙީ ކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅު އެއްލަވާށެވެ. ދެން (އެކަލޭގެފާނުގެ އަސާކޮޅު އެއްލެވީމާ) އެހާރުން އެ އަސާކޮޅު އެ މީހުން ދޮގުން ހަދާގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ.) فَوَقَعَ ٱلۡحَقُّ وَبَطَلَ مَا كَانُواْ يَعۡمَلُونَ. (ދެން ޙައްޤު ތެދު ފާޅުވިއެވެ. އަދި އެ މީހުން ކޮށްއުޅުނު ކަންތައް ބާޠިލު ވެގެން ހިނގައްޖެއެވެ.) فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَٰغِرِينَ﴾ (ފަހެ އެ ތާނގައި އެ މީހުން ދެރަވެ ބަލިވެއްޖެއެވެ. އަދި އެ މީހުން ނިކަމެތީންކަމުގައި ވެގެންދިޔައެވެ.) [އަލްއަޢުރާފު : 117-119]
އަދި ޔޫނުސް ސޫރަތުގައިވާ އާޔަތްތައްވެސްމެއެވެ. އެއީ އެކަލާނގެ މި ބަސްފުޅުތަކެވެ: ﴿وَقَالَ فِرۡعَوۡنُ ٱئۡتُونِي بِكُلِّ سَٰحِرٍ عَلِيمٖ. (އަދި ފިރްޢައުނު ބުންޏެވެ. މޮޅަށް ދަންނަ ކޮންމެ ސިޙުރުވެރިޔަކު ތިމަންގެ ގާތަށް ކަލޭމެން ގެންނާށެވެ.) فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلۡقُواْ مَآ أَنتُم مُّلۡقُونَ. (ދެން އެ ސިޙުރުވެރިން އައި ހިނދު އެ މީހުންނަށް މޫސާގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން (ސިޙުރު ހަދަން) އުކަންހުރި އެއްޗެއްވިއްޔާ އުކާބަލާށެވެ.) فَلَمَّآ أَلۡقَوۡاْ قَالَ مُوسَىٰ مَا جِئۡتُم بِهِ ٱلسِّحۡرُۖ إِنَّ ٱللَّهَ سَيُبۡطِلُهُۥٓ إِنَّ ٱللَّهَ لَا يُصۡلِحُ عَمَلَ ٱلۡمُفۡسِدِينَ. (ދެންފަހެ އެ މީހުން (އެ ތަކެތި) އުކިހިނދު، މޫސާގެފާނު ވިދާޅުވިއެވެ: ތިޔަބައިމީހުން ތިޔަ ގެނައި ސިޙުރެއް، ހަމަކަށަވަރުން ﷲ، އެ ބާޠިލު ކުރައްވާނެއެވެ. ހަމަކަށަވަރުން ފަސާދަކުރާ މީހުންގެ ޢަމަލު، ﷲ އިޞްލާޙެއް ނުކުރައްވާހުއްޓެވެ.) وَيُحِقُّ ٱللَّهُ ٱلۡحَقَّ بِكَلِمَٰتِهِۦ وَلَوۡ كَرِهَ ٱلۡمُجۡرِمُونَ﴾ (އަދި ﷲ އެ އިލާހުގެ ކަލިމަފުޅުތަކުން ޙައްޤު، ޘާބިތުކުރައްވާ ޙައްޤުކުރައްވާނެއެވެ. މުޖުރިމުން ކިތަންމެ ނުރުހުނަސްމެއެވެ.) [ޔޫނުސް: 79-82]
އަދި ޠާހާ ސޫރަތުގައިވާ އާޔަތްތައްވެސްމެއެވެ: ﴿قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ. (އެ މީހުން ބުނެފިއެވެ. އޭ މޫސާއެވެ. އެއްގޮތަކީ ތިބާ އެންމެ ފުރަތަމަ އެއްލުމެވެ. އަނެއްގޮތަކީ އެންމެ ފުރަތަމަ އެއްލާބަޔަކީ ތިމަންމެން ކަމުގައިވުމެވެ.) قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ. (އެކަލޭގެފާނު ވިދާޅުވިއެވެ: ކިއެއްތަ، ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ދެން (އެ މީހުން އެއްލިހިނދު) އެހާރުން އެ މީހުންގެ ވާބުރިތަކާއި، އަސާތައް އެ މީހުންގެ ސިޙުރުގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.) فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ. (ދެންފަހެ މޫސާގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަމެއް ހިނގިއެވެ.) قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ. (ތިމަން އިލާހު ވަހީ ކުރެއްވީމެވެ: ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން (ކާމިޔާބު ލިބި) އެންމެ މަތިވެރި ވާނީ ހަމަ ކަލޭގެފާނެވެ.) وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ.﴾ (އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ. އޭރުން، އެ އަސާ އެ މީހުން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން އެ މީހުން ހެދި އެއްޗެހި ވާކަން ކަށަވަރީ ސިޙުރުވެރިޔެއްގެ މަކަރު ކަމުގައެވެ. އަދި ސިޙުރުވެރިޔާ ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ.) [ޠާހާ: 65-69]
އިސްވެދިޔަ ތަންތަން އެ ފެނަށް ކިޔެވުމަށްފަހު، ދެން ތިން ކޯވަރު އެއިން ބޮއެލައި، އަނެއްބައިން ފެންވަރާނީއެވެ. ﷲ އިރާދަކުރެއްވިއްޔާ އެއިން އެ ބަލިމަޑުކަން ފިލައިދާނެއެވެ. އަދި ދެ ފަހަރު ނުވަތަ އެއަށްވުރެ ގިނައިން އެ ބޭނުންކުރުމަށް ޙާޖަތް ޖެހިއްޖެއްނަމަ، ބަލި ފިލައިދަންދެން ހަމަ ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ.
މި ޛިކުރުތަކާއި، ރައްކާތެރިކަމަށް ކިޔާ ދުޢާތަކާއި، މި ގޮތްތަކަކީ ސިޙުރުގެ ނުބައިކަމާއި އެނޫންވެސް ނުބައިތަކުން ރައްކާތެރިވުމަށްވާ އެންމެ ބޮޑު އެއް ސަބަބެވެ. އަދި ސިޙުރު ޖެހުމަށްފަހު އެ ފިލުވާލަން ބޭނުންކުރެވޭނެ އެންމެ ބޮޑު ހަތިޔާރަކީވެސް އެޔެވެ. އެއީ ތެދުވެރިކަމާއި އީމާންކަމާއި، ﷲ އަށް އިތުބާރުކޮށް އެކަލާނގެއަށް ބަރޯސާވުމާއެކު، އަދި އެ އާޔަތްތަކާއި ޛިކުރުތަކުން ދަލީލުކުރި ކަންކަމަށް މޭ ތަނަވަސްވެގެންވުމާއެކު އެ ޛިކުރުތަކަށް ރައްކާތެރިވެއްޖެ މީހަކަށެވެ.
ސިޙުރުން ރައްކާތެރިވުމަށާއި، އެއަށް ފަރުވާކުރުމުގައި ކުރެވޭނެ ކަންކަމުން ބަޔާންކުރަން ފަސޭހަވި މިންވަރަކީ މިއެވެ. ތައުފީޤުދެއްވުމަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ.
އަދި މިތަނުގައި މުހިއްމު މައްސަލައެއް އާދެއެވެ. އެއީ، ސިޙުރުވެރިން ކުރާ ކަންކަން ކޮށްގެން ސިޙުރަށް ފަރުވާކުރުމެވެ. އެއީ ޖިންނީންނަށް ޤުރުބާން ކޮށްގެން އަދި އެނޫންވެސް އެތަކެއްޗާ ކުއްތަންވުމަށް ކުރެވޭ ކަންކަން މެދުވެރިކޮށެވެ. ފަހެ މިކަން ހުއްދަވެގެން ނުވެއެވެ. އެހެނީ އެއީ ޝައިޠާނާގެ ޢަމަލެކެވެ. އަދި ކިއެއްތަ، އެއީ ބޮޑު ޝިރުކެކެވެ. އެފަދައިންމެ، ކާހިނުންނާއި، ފާލުބަލާ މީހުންނާއި، ކިޔެވެލިކިޔަވާ ފަންޑިތަވެރިންގެ ގާތުން އެހީއަށްއެދި، އަދި އެމީހުން ބުނާގޮތަށް ހަދައިގެން އެއަށް ފަރުވާކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެހެނީ އެމީހުންނީ އިތުބާރުކުރެވޭ ބައެއް ނޫނެވެ. އަދި އެމީހުންނީ ޣައިބުގެ ޢިލްމަށް ދަޢުވާކޮށް، މީސްތަކުންނަށް އޮޅުވާލާ ދޮގުވެރި ނުބައި ފާޖިރުންތަކެކެވެ. ރަސޫލާ ﷺ ވަނީ އެމީހުންގެ ގާތަށް ދިޔުމާއި، އެމީހުންގެ ގާތުން ސުވާލުކުރުމާއި، އެމީހުން ތެދުކުރުމާމެދު އިންޛާރުދެއްވާފައިއެވެ. އެއީ މި ރިސާލާގެ ކުރީކޮޅުގައި އެކަން އިސްވެ ބަޔާންވި ފަދައިންނެވެ. އެހެންކަމުން ވާޖިބުވެގެންވަނީ އެކަމުން ދުރުވެ ހުށިޔާރުވުމެވެ. ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން "ނުޝްރާ" (ފަންޑިތަ ބޭނުންކޮށްގެން ސިޙުރަށް ފަރުވާކުރުމާމެދު) ސުވާލުކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ޞައްޙަވެގެންވެއެވެ: "އެއީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ކަމެކެވެ." މި ހަދީޘް، އިމާމް އަޙްމަދާއި އަބޫ ދާވޫދު، ރަނގަޅު އިސްނާދަކުން ރިވާކުރެއްވިއެވެ.
'ނުޝްރާ' އަކީ: ސިޙުރުޖެހިފައިވާ މީހާގެ ކިބައިން ސިޙުރު މޮހައިލާ ޙައްލުކުރުމެވެ. އެކަލޭގެފާނު ﷺ ގެ މިބަސްފުޅުގެ މުރާދަކީ: ޖާހިލިއްޔަތުގެ އަހުލުވެރިން ކުރަމުންދިޔަ ނުޝްރާގެ ޢަމަލެވެ. އެއީ: ސިޙުރު މޮހައިލުމަށްޓަކައި ސިޙުރުވެރިޔާގެ ގާތުގައި އެދުމެވެ. ނުވަތަ އެހެން ސިޙުރުވެރިއެއް ލައްވާ ހަމަ އެފަދަ ސިޙުރަކުން އެ ސިޙުރު މޮހައިލުމެވެ.
ދެންފަހެ ރުޤްޔާ ކޮށްގެންނާއި، ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވާ ޝަރުޢީ ޛިކުރުތަކާއި، ހުއްދަ ބޭސްތަކުން ސިޙުރު މޮހެައިލުމަކީ، އިސްވެދިޔަ ފަދައިން އޭގައި މައްސަލައެއް އޮތް ކަމެއްނޫނެވެ. އަލްޢައްލާމާ އިބްނުލް ޤައްޔިމު އާއި، އައްޝެއިޚު ޢަބްދުއް ރަޙްމާނު ބްނު ޙަސަނު رحمهما الله ފަތުޙުލް މަޖީދު ފޮތުގައި ވަނީ އެކަމަށް ނައްޞުކުރައްވާ ވިދާޅުވެފައިއެވެ. އަދި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އެހެން ބޭކަލުންވެސްވަނީ އެގޮތަށް ވިދާޅުވެފައިއެވެ.
މުސްލިމުންނަށް ކޮންމެ ނުބަޔަކުން ޢާފިޔަތާއި ސަލާމަތްކަމަށް ތައުފީޤުދެއްވާ، އަދި އެމީހުންގެ ދީން އެމީހުންނަށް ރައްކާތެރިކޮށްދެއްވާ، ދީނުގައި ފިޤުހުވެރިކަން ދެއްވާ، އަދި ޝަރުޢާ ޚިލާފުވެގެންވާ ކޮންމެ ކަމަކުން ޢާފިޔަތު ދެއްވުމަށް އެދި ދަންނަވަނީ ﷲ ގެ ޙަޟްރަތުންނެވެ.
ﷲ އެކަލާނގެ އަޅާ އަދި ރަސޫލާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وصلى الله وسلم على عبده ورسوله محمد، وعلى آله وصحبه.
ދިހަވަނަ ރިސާލާ: ޤަބުރު މަތީގައި މިސްކިތް ބިނާކުރުމާމެދު އިންޛާރުދިނުން
ﷲ ގެ އިސްމުފުޅުން ފަށަމެވެ. އަދި އެކަލާނގެއަށް ޙަމްދު ހުއްޓެވެ. ޞަލަވާތާއި ސަލާމްހުރީ ﷲ ގެ ރަސޫލާއަށެވެ.
އެއަށްފަހު ދަންނައެވެ: ރާބިޠަތުލް ޢުލޫމިލް އިސްލާމިއްޔާ މަޖައްލާގެ ތިންވަނަ ޢަދަދުގައި ޝާއިޢުކޮށްފައިވާ ވާހަކައެއް އަހަރެން ބަލައިފީމެވެ. އެއީ "މުސްލިމުންގެ ޚަބަރުތައް އެއް މަހުން" ކޮލަމްގައި: މަމްލަކަތުލް އުރްދުނިއްޔާ އަލްހާޝިމިއްޔާ (އެބަހީ: އުރުދުން) ގައިވާ ރާބިޠަތުލް ޢުލޫމިލް އިސްލާމިއްޔާއިން، އައްރުޙައިބު ސަހަރުގައި، މިފަހުން އަލަށް ފެނިގެން އުޅޭ ހޮހޮޅައެއްގެ މަތީގައި މިސްކިތެއް އެޅުމަށް ނިޔަތްގަނެ ޤަޞްދުކުރާކަމަށެވެ. އެއީ ކީރިތި ޤުރްއާނުގައި ކަހްފުގެ އަހުލުވެރިންކަމުގައި އައިސްފައިވާ މީހުން ނިދާފައި ތިބި ހޮހޮޅަކަމަށް ބުނެވޭކަމަށެވެ. މިއެވެ.
ﷲ އަށާއި އެކަލާނގެ އަޅުތަކުންނަށް އިޚްލާޞްތެރިވެ ނަޞޭޙަތްތެރިވުމުގެ ވާޖިބަށްޓަކައި؛ ހަމަ އެ މަޖައްލާގައި، އުރުދުންގައިވާ ރާބިޠަތުލް ޢުލޫމިލް އިސްލާމިއްޔާއަށް ބަހެއް އަމާޒުކުރަން އަހަރެންނަށް ފެނުނެވެ. އޭގައި އެކުލެވޭނީ: އެ ނަންގަނެފައިވާ ހޮހޮޅައިގެ މަތީގައި މިސްކިތެއް އެޅުމަށް ރާބިޠާއިން ކުރާ ޤަޞްދު ތަންފީޒުކުރުމާމެދު ނަޞޭޙަތެއް ދިނުމެވެ. އެހެން އެކަންކުރި ސަބަބަކީ: އެހެނީ ނަބިއްޔުންނާއި ޞާލިޙުންނާއި އެބޭކަލުންގެ އަޘަރުތަކުގެ މަތީގައި މިސްކިތްތައް އެޅުމަކީ ފުރިހަމަވެގެންވާ އިސްލާމީ ޝަރީޢަތުގައި އެކަން މަނާވެ، އަދި އިންޛާރާއި، އެކަންކުރާ ބަޔަކަށް ލަޢުނަތްވެސް އައިސްފައިވާކަމަކަށް ވުމުންނެވެ. އެއީ ޝިރުކުގެ ވަސީލަތްތަކުގެ ތެރޭގައި، އަދި ނަބިއްޔުންނާއި ޞާލިޙުންނާމެދު ޙައްދުފަހަނައެޅުމަށް ގެންދާ ވަސީލަތްތަކުގެ ތެރޭގައިވާ ކަމަކަށްވުމުންނެވެ. ކަންކަން މިހާރު ހިނގަމުންދާ ވާޤިޢު، ޝަރީޢަތުގައި އައިސްފައިވާ ކަންތަކުގެ ޞައްޙަކަމަށް ހެކިދެއެވެ. އަދި އެއީ ﷲ ޖައްލަ ޖަލާލުހޫގެ ޙަޟްރަތުންވާ ޝަރީޢަތެއްކަމަށްވާ ދަލީލެކެވެ. އަދި ﷲ ގެ ރަސޫލާ ﷺ، ﷲ ގެ ޙަޟްރަތުން ގެންނަވާ، އަދި އުއްމަތަށް ފޯރުކޮށްދެއްވި ކަންތަކުގައި ތެދުވެރިވެގެންވާކަމަށްވާ އަލިގަދަ ބުރުހާނެއް އަދި ކަނޑައެޅިގެންވާ ޙުއްޖަތެކެވެ. އިސްލާމީ ދުނިޔޭގެ ޙާލަތު ހުރި ގޮތާައި، އަދި ޒިޔާރަތްތަކުގެ މަތީގައި މިސްކިތްތައް އަޅާ، އެ ތަންތަން މަތިކޮށް ކާރޕެޓުއަޅާ، ޖަރީކޮށް އަދި އެ ތަންތަނަށް ޚިދުމަތްކުރަން މީހުން ހަމަޖައްސާ، މި ކަންކަމާހެދި ހިނގާފައިވާ ޝިރުކާއި ޙައްދުފަހަނައެޅުމުގެ ކަންކަމާމެދު ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށް ޔަޤީންކޮށް އެނގިގެންދާނީ އެ ކަންކަމީ ޝިރުކުގެ ވަސީލަތްތަކެއް ކަމެވެ. އަދި އެކަންކަން މަނާކޮށް، މިސްކިތްތައް (ޤަބުރާއި ޒިޔާރަތްތަކުގެ މަތީގައި) އެޅުމާމެދު އިންޛާރުދެވިގެންވުމީ އިސްލާމީ ޝަރީޢަތުގެ ރިވެތި ރަނގަޅު ޞިފަތަކުންވާ ކަމެއްކަމެވެ.
އެކަމުގައި އައިސްފައިވާ ޚަބަރުތަކުގެ ތެރޭގައި: -ދެ ޝެއިޚުން- އަލްބުޚާރީ އާއި މުސްލިމް رحمة الله عليهما ، ޢާއިޝާ رضي الله عنها ވިދާޅުވިކަމަށް ރިވާކުރެއްވި ޙަދީޘްވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ލަޢުނަތް ލައްވާށިއެވެ. އެއުރެންގެ ނަބިއްޔުންގެ ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި އެއުރެން ހެދިއެވެ." ޢާއިޝާ ވިދާޅުވިއެވެ: އެކަލޭގެފާނު އެމީހުން އެކުރި ކަންތަކާމެދު އިންޛާރުދެއްވަނީއެވެ. އެކަމަނާ ވިދާޅުވިއެވެ: އެކަންތައް ނުވިނަމަ (އެބަހީ: އެކަލޭގެފާނުގެ ޤަބުރުކޮޅު މިސްކިތެއްގެ ގޮތުގައި ނަގާފާނޭކަމުގެ ބިރު ނެތްނަމަ) އެކަލޭގެފާނުގެ ޤަބުރުކޮޅު ފާޅުކޮށް ނެރެވުނީހެވެ. ނަމަވެސް އެކަލޭގެފާނުގެ ޤަބުރުކޮޅު މިސްކިތެއްގެ ގޮތުގައި ނަގާފާނޭކަމަށް ބިރުހީކުރެވުނީއެވެ." އަދިވެސް ދެ ޞަޙީޙުގައިވެއެވެ: "އުންމު ސަލަމާ އާއި އުންމު ޙަބީބާ رضي الله عنهما އަށް ޙަބަޝާއިން އެ ދެކަނބަލުންނަށް ފެނިވަޑައިގެންނެވި، ތަޞްވީރުތަކެއް ހުރި ފައްޅިއެއްގެ ވާހަކަ ﷲ ގެ ރަސޫލާ ﷺގެ އަރިހުގައި ނަންގަތެވެ. ދެން އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ: “އެމީހުންގެ ތެރޭގައިވާ ޞާލިޙު މީހެއް މަރުވާހިނދު؛ އޭނާގެ ޤަބުރުގެ މަތީގައި މިސްކިތެއް އަޅައެވެ. އަދި އެތަނުގައި އެ ޞޫރަތައް ޞޫރަކޮށް ބަހައްޓައެވެ. ފަހެ އެމީހުންނީ ﷲ ގެ ޙަޟްރަތުގައި، ޚަލްޤުތަކުންގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހުންނެވެ."
އަދި ޞަޙީހު މުސްލިމްގައި، ޖުންދުބު ބްނު ޢަބްދި ﷲ رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ އަވަހާރަވުމުގެ ފަސް ދުވަހުގެ ކުރިން މިހެން ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ގާތްއެކުވެރި ޚަލީލެއް ތިމަންކަލޭގެފާނަށް ވުމުން ﷲ ޙަޟްރަތަށް ތިމަންކަލޭގެފާނު ބަރީއަވެވަޑައިގަންނަވަމެވެ. ފަހެ ﷲ ވަނީ ތިމަންކަލޭގެފާނު ގާތް ޚަލީލެއްގެ ގޮތުގައި ނަންގަވާފައިއެވެ. އެއީ އެކަލާނގެ އިބްރާހީމުފާނުގެ ގާތް އެކުވެރިއެއްކަމުގައި ނެންގެވި ގޮތަށެވެ. ތިމަންކަލޭގެފާނުގެ އުއްމަތުން ގާތްއެކުވެރި ޚަލީލެއް ތިމަންކަލޭގެފާނު ނަންގަވާނޭނަމަ؛ އަބޫބަކުރުއީ ޚަލީލެއްގެ ގޮތުގައި ނެންގެވީމުހެވެ. ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިންވީ މީހުން، އެއުރެންގެ ނަބިއްޔުންނާއި ޞާލިޙުންގެ ޤަބުރުތަކަކީ މިސްކިތްތަކެއް ކަމުގައި ހަދައި އުޅުނެވެ. ދަންނާށެވެ! ފަހެ ތިޔަބައިމީހުން ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި ނުހަދާހުށިކަމެވެ. ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެކަން ނަހީކުރައްވަމެވެ.” މި ބާބުގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.
ހަތަރު މަޛްހަބާއި އެނޫންވެސް މުސްލިމު ޢިލްމުވެރިންގެ ތެރޭގައިވާ އިމާމުންވަނީ ޤަބުރުތަކުގެ މަތީގައި މިސްކިތްތައް އެޅުން ނަހީވެގެންވާކަމަށް ވިދާޅުވެ، އެކަމާމެދު އިންޛާރުދެއްވާފައިއެވެ. އެއީ ރަސޫލާ ﷺގެ ސުންނަތަށް ޢަމަލުކުރުމުގެ ގޮތުންނާއި، އަދި އުއްމަތަށް ނަޞޭޙަތްތެރިވެ، އަދި ކުރިން އުޅުނު ޔަހޫދީންނާއި ނަޞާރާއިންގެ ޙައްދުފަހަނައެޅި މީހުންނާއި، އަދި މި އުއްމަތުން އެމީހުންނާ ވައްތަރުވެގެން މަގުފުރެދިގެންދިޔަ މީހުން ވެއްޓުނު ކަންތަކަށް ވެއްޓުމާމެދު އިންޛާރުދީ ސަމާލުކުރުވުމުގެ ގޮތުންނެވެ.
އެހެންކަމުން އުރްދުންގައިވާ ރާބިޠަތުލް ޢުލޫމިލް އިސްލާމީއްޔާގެ މައްޗަށް، އަދި އެނޫންވެސް މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ: ސުންނަތުގައި ހިފަހައްޓާ، އަދި އިމާމުންގެ މަންހަޖުގެ މަތީގައި ހިނގާ، އަދި ﷲ އާއި އެކަލާނގެ ރަސޫލާ އިންޛާރުދެއްވި ކަންކަމުން ދުރުވެ އެއްކިބާވުމެވެ. ފަހެ އެހެން ހެދުމުގައިވަނީ: އަޅުތަކުން އިޞްލާޙުވެ، އެމީހުން ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިވެ ނަޖާވުމެވެ. ބައެއް މީހުން މި ބާބުގައި، މަތިވެރިވެގެންވާ އަރަހުށި ﷲ ތަޢާލާ ކަހްފުގެ އަހުލުވެރިންގެ ވާހަކާގައި ވަޙީކުރެއްވި މި ބަސްފުޅުގައި އެލިގަތެވެ: (...އެމީހުންގެ ކަންތަކުގެ މައްޗަށް ގަދަވި މީހުން ބުނޫއެވެ: ހަމަކަށަވަރުން ތިމަންމެން އެއުރެން ތިބިތާގެ މަތީގައި މިސްކިތެއް އަޅާހުށީމެވެ.) [އަލްކަހްފު: 21]
އެއަށްވާ ޖަވާބަކީ: މިހެން ބުނުމެވެ: ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ޚަބަރުދެއްވާފައިވަނީ: އެ ޒަމާނުގައި ތިބި ބޮޑުންނާއި ބާރުގެ ވެރިން މިހެން ބުނިކަމަށެވެ. އެއީ އެކަމަށް އެކަލާނގެ ރުއްސަވާ، އެެމީހުންނަށް އިޤުރާރުވެވޮޑިގަތުމުގެ ގޮތުންވާ ބަސްފުޅެއް ނޫނެވެ. އެކަމަކު އެ ބަސްފުޅުވާކަން ކަށަވަރީ އެމީހުން ކުރި ކަންތައް ނުބައިކުރައްވާ، ޢައިބުގެ ބަސް ވަޙީކުރައްވާ، އަދި އެކަމުން ދުރުކުރުވުމުގެ ގޮތުންނެވެ. އެކަމަށްަ ދަލީލުކުރަނީ: މި އާޔަތް އެބޭކަލެއްގެ މައްޗަށް ބާވައިލެއްވުނު ރަސޫލާ ﷺ، އެކަލޭގެފާނީ މީސްތަކުންގެ ތެރެއިން އެ އާޔަތުގެ މާނައާއި ތަފްސީރު އެންމެ ބޮޑަށް ދެނެވަޑައިގެންވާ އިންސާނާއެވެ. އެކަލޭގެފާނު އެވަނީ ޤަބުރުތަކުގެ މަތީގައި މިސްކިތްތައް އެޅުން އެކަލޭގެފާނުގެ އުއްމަތަށް ނަހީކުރައްވާ، އަދި އެކަމާމެދު އިންޛާރުދެއްވާ، އަދި އެފަދައިން ކަންތައްކުރި މީހުންނަށް ލަޢުނަތްލައްވާ، ނުބައިކުރައްވާފައިއެވެ.
އެއީ ހުއްދަކަމެއް ކަމުގައިވާނަމަ؛ ﷲ ގެ ރަސޫލާ ﷺ އެހާވަރަށް އެކަމުގައި ހަރުކަށިވެވަޑައިނުގަތީހެވެ. އަދި އެކަމުގެ ނުބައިކަން ބޮޑުކުރައްވާ، އެހެންގޮސް އެކަންކުރި މީހުންނަށް ލަޢުނަތް ދެއްވާ، އަދި އެމީހުންނީ ﷲ ޢައްޒަ ވަޖައްލަގެ ޙަޟްރަތުގައި ޚަލްޤުތަކުންގެ ތެރެއިން އެންމެ ނުބައި މީހުންގެ ތެރޭގައިވާ ބައެއްކަމަށް ޚަބަރުދެއްވާ ހިސާބަށް ނުގެންދެވީހެވެ. ޙައްޤު ހޯދަން އުޅޭ މީހަކަށް މިކަމުގައި ފުދޭވަރު، އަދި ރުހި ޤަބޫލުކުރެވޭނެ މިންވަރުވެއެވެ. އަދި މިސާލަކަށް ޤަބުރުތަކުގެ މަތީގައި މިސްކިތް އެޅުމަކީ އަހަރުމެންގެ ކުރިން އުޅުނު އުއްމަތްތަކަށް ހުއްދަކަމެއް ކަމުގައި އަހަރުމެން ބެލިނަމަވެސް؛ އެކަމުގައި އެމީހުން ނަމޫނާއަކަށް ބެލުން އަހަރުމެންނަށް ހުއްދައެއް ނުވާނެއެވެ. އެހެނީ އަހަރުމެންގެ ޝަރީޢަތަކީ އޭގެ ކުރިންވީ ޝަރީޢަތްތައް މަންސޫޚަކުރި ޝަރީޢަތެވެ. އަދި އަހަރުމެންގެ ރަސޫލާ عليه الصلاة والسلام އީ ރަސޫލުކަން ޚަތިމުކުރެއްވި ކަލޭގެފާނެވެ. އަދި އެކަލޭގެފާނުގެ ޝަރީޢަތަކީ ފުރިހަމަވެ ޢާއްމުވެގެންވާ ޝަރީޢަތެކެވެ. އެކަލޭގެފާނުވަނީ ޤަބުރުތަކުގެ މަތީގައި މިސްކިތްތައް އެޅުން އަހަރުމެންނަށް ނަހީކުރައްވާފައިއެވެ. އެހެންކަމުން އެކަލޭގެފާނާ ޚިލާފުވުން އަހަރުމެންނަށް ހަމަހިލާ ހުއްދަ ނުވާނެއެވެ. އަދި އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަލޭގެފާނަށް ތަބަޢަވެ، އެކަލޭގެފާނު ގެންނެވި ކަންތަކުގައި ހިފަހައްޓާ، އެއާ ޚިިލާފުވެއްޖެ ކުރީގެ ޝަރީޢަތްތަކާއި، އެކަންކަން ރަނގަޅުކަމަށް ދެކިގެން މީހުން ކުރަމުން އަންނަ ޢާދަކާދަތައްވެސް ދޫކޮށްލުމެވެ. އެހެނީ ﷲ ގެ ޝަރުޢަށްވުރެ ފުރިހަމަ އެއްޗެއް ނުވެއެވެ. އަދި ﷲ ގެ ރަސޫލާ ﷺގެ ހިދާޔަތަށްވުރެ ރިވެތިވެ ރަނގަޅުވެގެންވާ އެހެން ހިދާޔަތެއް ނުވެއެވެ.
އަހަރުމެންނާއި އެންމެހާ މުސްލިމުންނަށް ﷲ ގެ ދީނުގައި ޘާބިތުވުމަށާއި، އަދި ބަހާއި ޢަމަލާއި، އެތެރެފުށާއި ބޭރުފުށުން، އަދި ހުރިހާ ކަމެއްގައި އެކަލާނގެ ރަސޫލާ މުޙައްމަދު عليه الصلاة والسلام ގެ ޝަރީޢަތުގައި ހިފެހެއްޓުމަށް އަހަރުމެންނަށް ތައުފީޤުދެއްވުމަށް އެދި ދަންނަވަނީ ހަމައެކަނި އެކަލާނގެއަށެވެ. އެއީ އަހަރުމެން ﷲ ޖައްލަ ޖަލާލުހޫއާ ބައްދަލުވެއްޖައުމަށް ދާންދެނެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، ކުއްތަންވެ ވޮޑިގެންވާ އިލާހެވެ.
ﷲ ތަޢާލާ، އެކަލާނގެ އަޅާ އަދި ރަސޫލާ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި، ޤިޔާމަތްދުވަހާ ހަމައަށް އެކަލޭގެފާނުގެ ތެދުމަގުން ތެދުމަގު ހޯދިހާ ބަޔަކަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وصلى الله وسلم على عبده ورسوله محمد وآله وصحبه ومن اهتدى بهداه إلى يوم الدين.
އެގާރަވަނަ ރިސާލާ: މިސްކިތްތަކުގައި މައްޔިތުން ވަޅުލުން
ﷲ ގެ އިސްމުފުޅުން ފަށަމެވެ. އަދި އެކަލާނގެއަށް ޙަމްދު ހުއްޓެވެ. ޞަލަވާތާއި ސަލާމްހުރީ ﷲ ގެ ރަސޫލާއަށެވެ. އަދި އެކަލޭގެފާނުގެ އާލުންނަށާއި، އެކަލޭގެފާނުގެ ތެދުމަގުން ހިދާޔަތު ލިބިގަތް ބަޔަކަށެވެ. އެއަށްފަހު ދަންނައެވެ:
ފަހެ ހިޖުރީ ތާރީޚުން 17 / 4 / 1415 ގައި ޗާޕުކޮށްފައިވާ (ސޫދާނުގެ ނޫހެއްކަމުގައިވާ) "އަލްޚުރްޠޫމު" ނޫސް އަހަރެން ބަލައިފީމެވެ. ދެން އަހަރެންނަށް ފެނުނީ: އުންމު ދުރްމާނު ސަހަރުގައި ހުންނަ އެމީހުންގެ މިސްކިތު ތެރޭގައި، ސައްޔިދު މުޙައްމަދު އަލްޙަސަނު އަލްއިދްރީސީ އޭނާގެ ބައްޕަގެ މަހާނަ ކައިރީގައި ވަޅުލިކަމުގެ ބަޔާނެއް ފަތުރާފައިވާތަނެވެ...އހ
މުސްލިމުންނަށް ނަޞޭޙަތްތެރިވެ، މުންކަރާތަށް އިންކާރުކުރުން ﷲ ތަޢާލާ ވާޖިބުކުރައްވާފައިވާކަމުން؛ މިސްކިތްތަކުގައި މީހުން ވަޅުލުން ހުއްދަވެގެން ނުވާކަން ސަމާލުކަމަށް ގެންނަން އަހަރެންނަށް ފެނުނެވެ. ކިއެއްތަ، އެއީ ޝިރުކަށް މަގުފަހި ކުރާ ވަސީލަތްތަކުގެ ތެރޭގައިވާ ކަމެކެވެ. އަދި އެއީ، ﷲ އެ ކަންތަކެއްގެ މައްޗަށް ޔަހޫދީންނާއި ނަޞާރާއިން ކުށްވެރިކުރައްވާ ނުބައިކުރައްވާ، އަދި އެކަލާނގެ ރަސޫލާ ﷺ ވެސް އެމީހުންނަށް ލަޢުނަތްލެއްވި، އެމީހުންގެ ޢަމަލުތަކުންވާ ކަމެކެވެ. އެއީ ދެ ޞަޙީޙުގައި، ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާވެގެންވާ ގޮތަށެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: “ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ލަޢުނަތް ލައްވާށިއެވެ. އެއުރެންގެ ނަބިއްޔުންގެ ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި އެއުރެން ހެދިއެވެ.” އަދި ޞަޙީޙު މުސްލިމްގައި، ޖުންދުބު ބްނު ޢަބްދި ﷲ ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް އައިސްފައިވެއެވެ: “ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ މީހުން، އެއުރެންގެ ނަބިއްޔުންނާއި ޞާލިޙުންގެ ޤަބުރުތަކަކީ މިސްކިތްތަކެއް ކަމުގައި ހަދައި އުޅުނެވެ. ދަންނާށެވެ! ފަހެ ތިޔަބައިމީހުން ޤަބުރުތައް މިސްކިތްތަކެއްގެ ގޮތުގައި ނުހަދާހުށިކަމެވެ. ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެކަން ނަހީކުރައްވަމެވެ.” މި މާނައިގައިވާ ޙަދީޘްތައް ގިނަވެގެންވެއެވެ.
އެހެންކަމުން ކޮންމެ ތަނެއްގައިވާ މުސްލިމުންނަށް -ސަރުކާރުތަކާއި ރައްޔިތުންގެ މައްޗަށްވެސް- ވާޖިބުވެގެންވަނީ ﷲ އަށް ތަޤުވާވެރިވެ، އެކަލާނގެ ނަހީކުރެއްވި ކަންތަކުން ދުރުވެ، އެމީހުންގެ ތެރެއިން މަރުވާ މީހުން މިސްކިތްތަކުގެ ބޭރުގައި ވަޅުލުމެވެ. އެއީ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم ވެސް މައްޔިތުން، މިސްކިތްތަކުގެ ބޭރުގައި ފަސްދާނުލައްވަމުން ގެންދެވިގޮތަށެވެ. އަދި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ ބޭކަލުންވެސް މިފަދައިން ކަންތައް ކުރެއްވި ގޮތަށެވެ.
ދެންފަހެ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ ދެ ޞަޙާބީންކަމުގައިވާ އަބޫބަކުރު އަދި ޢުމަރު رضي الله عنهما ޤަބުރުކޮޅުތައް އެކަލޭގެފާނު ﷺގެ މިސްކިތްކޮޅުގައި ވުން ދަންނައެވެ! ފަހެ މިސްކިތުގައި މައްޔިތުން ވަޅުލާކަށް އެއިން ޙުއްޖަތެއް ނުވެއެވެ. އެހެނީ ނަބިއްޔާ ﷺ ފަސްދާނުލެވުނީ އެކަލޭގެފާނުގެ ގެކޮޅުގައިއެވެ. އެއީ ޢާއިޝާ رضي الله عنها ގެ ގެކޮޅެވެ. ދެން އެކަލޭގެފާނުގެ ދެ ޞަޙާބީން އެކަލޭގެފާނާއެކު ފަސްދާނުލެވުނެވެ. ދެން ހިޖުރައިން ފުރަތަމަ ސަތޭކައިގެ ފެށުނުކޮޅު އަލްވަލީދު ބްނު ޢަބްދުލް މަލިކު، މިސްކިތްކޮޅުގެ ޖާގަބޮޑުކޮށް ތަނަވަސްކުރިހިނދު؛ މިސްކިތްކޮޅަށް (ޢާއިޝަތުގެފާނުގެ) ކޮޓަރިކޮޅުވެސް ވެއްދިއެވެ. ޢިލްމުގެ އަހުލުވެރިން އެކަމަށް އޭނާއަށް އިންކާރުކުރެއްވިއެވެ. ނަމަވެސް އޭނާ ދެކުނީ އޭގެ ސަބަބުން ޖާގަ ތަނަވަސްކުރަން ހުރަހެއް ނޭޅޭނެކަމަށާއި، އަދި އެކަންތައް އެއްވެސް އޮޅުމެއްނެތި ސާފުކޮށްވާ ކަމަށެވެ.
އެއިން ކޮންމެ މުސްލިމަކަށް ސާފުވެގެންދަނީ: އެކަލޭގެފާނު ﷺ އާއި އެކަލޭގެފާނުގެ ދެ ޞަޙާބީން رضي الله عنهما މިސްކިތުގެ ތެރޭގައި ފަސްދާނު ނުލެވޭކަމެވެ. އަދި މިސްކިތުގެ ޖާގަ ތަނަވަސްކުރުމުގެ ސަބަބުން އެބޭކަލުންގެ ޤަބުރުކޮޅުތައް މިސްކިތް ތެރެއަށް ވެއްދުމަކީ މިސްކިތުގައި މީހުން ވަޅުލުން ހުއްދަވެގެންވާކަމަށް ޙުއްޖަތް ނެގޭނެ ކަމެއް ނޫންކަމެވެ. އެހެނީ އެބޭކަލުން ފަސްދާނުލެވިގެންވީކީ މިސްކިތްކޮޅަކު ނޫނެވެ. އެކަމަކު އެބޭކަލުންވީ އެކަލޭގެފާނު عليه الصلاة والسلام ގެ ގެކޮޅުގައިއެވެ. އަދި އަލްވަލީދު އެ ކުރި ކަންތަކަކީ އެކަމުގައި އެއްވެސް މީހަކަށް ޙުއްޖަތަކަށް ނެގޭނެ ކަމެއް ނޫނެވެ. ޙުއްޖަތްވަނީ ހަމައެކަނި ޤުރްއާނާއި ސުންނަތާއި، އުއްމަތުގެ ސަލަފުންގެ އިޖްމާޢުގައިއެވެ. ﷲ އެބޭކަލުންނަށް ރުއްސަވާށިއެވެ. އަދި އަޅަމެން އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީ މީހުންގެ ތެރެއިން ލައްވާށިއެވެ!
ނަޞޭޙަތްތެރިވުމަށްޓަކައި، އަދި ޒިންމާ ބަރީއަކުރުމަށްޓަކައި މި ރިސާލާ ލިޔެވުނީ: ހިޖުރައިން 14 / 5 / 1415 ގައިއެވެ.
ތައުފީޤަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ. وصلى الله وسلم على نبينا محمد، وآله وصحبه، وأتباعهم بإحسان.
ބާރަވަނަ ރިސާލާ: އެއްވެސް މީހަކު މުޙައްމަދު ﷺގެ ޝަރީޢަތުން ބޭރުވުން ހުއްދަވެގެންވާކަމަށް ދަޢުވާކޮށްފި މީހާގެ ކާފަރުކަމާއި މަގުފުރެދުން ބަޔާންކުރުން
ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމްހުރިީ ނަބިއްޔުންނާއި ރަސޫލުން ޚަތިމްކުރެއްވި އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނަށެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި، އެންމެހާ ޞަޙާބީންގެ މައްޗަށެވެ.
އެއަށްފަހު ދަންނައެވެ: 'އައްޝަރްޤުލް އަވްސަޠު' ނޫހުގެ ޢަދަދު ނަންބަރު: 5824، ތާރީޚު 5 / 6 / 1415ހ ގައި ޝާއިޢުކޮށްފައިވާ މަޒުމޫނެއް އަހަރެން ބަލައިފީމެވެ. އެ ލިޔެފައިވަނީ: ޢަބްދުލް ފައްތާޙު އަލްޙާޔިކުއޭ ކިޔޭ މީހަކު، "އަލްފަހްމުލް ޚާޠިއު" (ނުބައި ފަހްމު) ސުރުޚީގެ ދަށުންނެވެ.
އެ މަޒުމޫނުގެ ޚުލާޞާއަކީ: އިސްލާމްދީނުގެ ޟަރޫރީކޮށް، އަދި ނައްޞުންނާއި އިޖްމާޢުންވެސް އެނގިގެންވާ ކަމަކަށް އިންކާރު ކުރުމެވެ. އެއީ މުޙައްމަދު ﷺގެ ރިސާލަތު ހުރިހާ މީސްތަކުންނަށް ޢާއްމުވެގެންވާކަމެވެ. އަދި އޭނާ ދަޢުވާކޮށްފައިވަނީ މުޙައްމަދު ﷺ އަށް ތަބަޢަނުވެ، އަދި އެކަލޭގެފާނަށް ކިޔަމަންނުވެ، އޭގެ ބަދަލުގައި ޔަހޫދީއެއް ނުވަތަ ނަޞާރާއެއްގެ ގޮތުގައި ދެމިހުރެއްޖެ މީހާވެސް ފަހެ އެވަނީ ޙައްޤު ދީނެއްގެ މަތީގައިކަމަށެވެ. ދެން އެއަށްފަހު، ކާފަރުންނާއި އުރެދުންތެރިންނަށް ޢާލަމްތަކުގެ ވެރި ރައްބު ސުބްޙާނަހޫ ޢަޛާބުދެއްވުމުގައިވާ އެކަލާނގެ ޙިކްމަތްފުޅަށް އޭނާ އަރައިގަނެ، އެކަމަކީ ބޭކާރުކަމެއް ކަމުގައި ކަނޑައެޅިއެވެ.
އަދި ޝަރުޢީ ނައްޞުތައް ތަޙުރީފުކޮށް، އެ ނައްޞުތައް އޭގެ މަޤާމު ނޫން ތަންތަނަށް ފައްތާ، އޭނާގެ އަމިއްލަ އެދުން ލައިދޭގޮތަށް އެ ނައްޞުތައް ތަފްސީރުކޮށް މާނަކުރިއެވެ. އަދި މުޙައްމަދު ﷺގެ ރިސާލަތު ޢާއްމުވެގެންވާކަމާއި، އެކަލޭގެފާނުގެ އަޑުއަހާ ދެން ތަބަޢަނުވެއްޖެ މީހާ ކާފަރުވެގެންވާކަމަށް ދަލީލުކުރާ ޞަރީޙަ ސާފު ޝަރުޢީ ދަލީލުތަކާއި ނައްޞުތަކަށް އޭނާ ފުރަގަސްދިނެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއް ﷲ ޤަބޫލުނުކުރައްވާނޭކަމާއި، އެނޫންވެސް ޞަރީޙަ ނައްޞުތަކުން އޭނާ މޫނު އަނބުރާލިއެވެ. އެއީ ތަންދޮރު ނުދަންނަ ޖާހިލުން އޭނާގެ ވާހަކަތަކުގެ މަޅީގައި ޖެހި ކެހިވެރިވެގެން ދިޔުމަށެވެ. އޭނާ ކޮށްފައިވާ މި ކަމަކީ ޞަރީޙަ ކުފުރުގެ ޢަމަލެކެވެ. އަދި އިސްލާމްދީނުން ބޭރުވެ މުރުތައްދުވުމެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި އެކަލާނގެ ރަސޫލާ ﷺ ދޮގުކުޅައުމެވެ. އެއީ ޢިލްމާއި އީމާންކަމުގެ އަހުލުވެރިންގެ ތެރެއިން އެ މަޒުމޫނު ކިޔައިފި މީހަކަށް އެނގޭނެ ފަދައިންނެވެ.
ވަލިއްޔުލް އަމްރު (ވެރިމީހާ) ގެ މައްޗަށް ވާޖިބުވެގެންވަނީ: އޭނާގެ ކަންތައް ކޯޓަށް ފޮނުވުމެވެ. އެއީ އޭނާ ލައްވާ ތައުބާވުމަށް، އަދި ޠާހިރުވެގެންވާ ޝަރުޢު ނިޔާކުރާ ގޮތެއްގެ މަތިން އޭނާގެ މައްޗަށް ޙުކުމް ކުރުމަށެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ، މުޙައްމަދު ﷺ ގެ ރިސާލަތު ޢާއްމުވެގެންވާކަމާއި، އެކަލޭގެފާނަށް ތަބަޢަވުން އިންސީންނާއި ޖިންނީންގެ މައްޗަށް ވާޖިބުވެގެންވާކަން ބަޔާންކުރައްވާފައިއެވެ. އެއީ މުސްލިމުންގެ ތެރެއިން ޢިލްމުގެ ކަންފުޅެއް ހުރި މީހަކުވެސް ޖާހިލުނުވާނޭ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި ރަސޫލާއެވެ. އެކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިކަން އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. ދިރުއްވަނީވެސް އަދި މަރުގަންނަވަނީވެސް، އެކަލާނގެއެވެ. ފަހެ، اللَّه އަށާއި އުއްމިއްޔަ (ލިޔަންކިޔަން ނުދަންނަ) ނަބިއްޔާ ކަމުގައިވާ އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން އީމާންވާށެވެ! އެކަލޭގެފާނީ اللَّه އަށާއި އެކަލާނގެ ބަސްފުޅުތަކަށް އީމާންވާ ނަބިއްޔާއެވެ. އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބަޢަވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.) [އަލްއަޢުރާފު: 158] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (....ތިޔަބައިމީހުންނަށާއި، އެ މީހަކާ ހަމައަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު އިންޒާރުކުރެއްވުމަށް ތިމަންކަލޭގެފާނަށް މި ޤުރްއާން ވަޙީކުރެއްވުނެވެ...) [އަލްއަންޢާމު: 19] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައިވާނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ! އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.) [އާލްޢިމްރާން: 31] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނައެވެ!) ފަހެ އެމީހާގެ ކިބައިން (އެކަން) ޤަބޫލު ނުކުރެވޭހުއްޓެވެ. އަދި އާޚިރަތުގައި އެމީހަކު ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.) [އާލްޢިމްރާން: 85] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންއިލާހު، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ނުފޮނުއްވަމެވެ...) [ސަބައު: 28] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ޢާލަމްތަކަށްހުރި ރަޙްމަތެއްކަމުގައި މެނުވީ ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.) [އަލްއަންބިޔާއު: 107] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (...އަދި ފޮތުގެ އަހުލުވެރިން (ޔަހޫދީންނާއި ނަޞާރާއިން) ނާއި އެބައިމީހުންގެ މައްޗަށް އޭގެ ކުރިން ފޮތް ބާވައި ނުލެއްވޭ މީހުންނަށް (އެބަހީ: ޢަރަބީންގެ މުޝްރިކުންނަށް) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އިސްލާމްވެއްޖައީމު ހެއްޔެވެ؟ ފަހެ އެބައިމީހުން އިސްލާމްވެއްޖެނަމަ، އެބައިމީހުން ތެދުމަގު ލިބިގެންފިކަން ކަށަވަރެވެ. އަދި އެބައިމީހުން އެނބުރި ފުރަގަސްދީފިނަމަ، ކަލޭގެފާނަށް އޮތްކަން ކަށަވަރީ (ކަލޭގެފާނަށް ބާވައިލެއްވި އެއްޗެއް މީސްތަކުންނަށް) ފޯރުކޮށްދެއްވުމެވެ. ﷲ އީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.) [އާލްޢިމްރާން: 20] އަދިވެސް އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (ޢާލަމްތަކަށް އިންޛާރުކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް ޤުރްއާން ބާވައިލެއްވި ކަލާނގެ، ބަރަކާތްތެރިވެވޮޑިގެން މަތިވެރިވެވޮޑިގެންފިއެވެ) [އަލްފުރްޤާނު: 1]
އަދި އަލްބުޚާރީ އާއި މުސްލިމު، ޖާބިރު رضي الله عنه ގެ އަރިހުން، ނަބިއްޔާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ ކުރިން އެކަކަށްވެސް ނުދެއްވޭ ފަސް ކަމެއް ތިމަންކަލޭގެފާނަށް ދެއްވުނެވެ: ބިރުވެރިކަމުގެ ސަބަބުން (ދުޝްމަނުންގެ ހިތްތަކުގައި ބިރުވެރިކަން ލެއްވިގެން) މަސްދުވަހުގެ ރާސްތާއަށް ތިމަންކަލޭގެފާނަށް ނަޞްރުދެއްވުނެވެ. އަދި ބިމަކީ މިސްކިތެއްކަމުގައި އަދި ޠާހިރުވުމަށް ބޭނުންކުރެވޭ ތަނެއްކަމުގައި ލެއްވުނެވެ. ފަހެ ތިމަންކަލޭގެފާނުގެ އުއްމަތުގެ އެއްވެސް މީހަކަށް ނަމާދުގެ ވަޤުތު ލައްވާލައިފިނަމަ؛ ފަހެ (ހުރި ތަނެއްގައި) އޭނާ ނަމާދުކުރާހުށިކަމެވެ. އަދި ތިމަންކަލޭގެފާނަށް ޣަނީމާ ހުއްދަކުރެއްވުނެވެ. ތިމަންކަލޭގެފާނުގެ ކުރިން އެކަކަށްވެސް ޣަނީމާ މުދާ ހުއްދަ ނުކުރެއްވެއެވެ. އަދި ތިމަންކަލޭގެފާނަށް ޝަފާޢަތް ދެއްވުނެވެ. އަދި ނަބިއްޔުން ފޮނުއްވެމުންދިޔައީ އެބޭކަލެއްގެ ޤައުމެއްގެ ގާތަށް ޚާއްޞަކޮށެވެ. ތިމަންކަލޭގެފާނު ފޮނުއްވުނީ ޢާއްމުކޮށް އެންމެހާ މީސްތަކުންގެ ގާތަށެވެ."
މިއީ އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺގެ ރިސާލަތު ހުރިހާ އިންސާނުންނަށް ޢާއްމުވެ ޝާމިލުވެގެންވާކަމާއި، އަދި އެ ރިސާލަތުން އިސްވެދިޔަ ހުރިހާ ޝަރީޢަތްތައް މަންސޫޚަކުރި ކަމާއި، އަދި މުޙައްމަދު ﷺ އަށް ތަބަޢަނުވެ، އެކަލޭގެފާނަށް ކިޔަމަންނުވެއްޖެ މީހާއީ؛ ޢުޤޫބާތް އެމީހެއްގެ މައްޗަށް ޙައްޤުވެގެންވާ އުރެދުންތެރި ކާފަރެއްކަމުގައި ޞަރީޙަކޮށް ބަޔާންވެގެންވާ ބަސްފުޅެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (...އަދި ބައިގަނޑުތަކުގެ ތެރެއިން އެ ފޮތަށް ކާފަރުވާ މީހާ، ފަހެ އެ މީހަކަށް ވަޢުދުވެވިގެންވާ ތަނަކީ، ނަރަކައެވެ...) [ހޫދު: 17] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (...ފަހެ އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވާ މީހުންނަށް ފިތުނައެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެ މީހުން ހުށިޔާރުވެ ބިރުވެތިވާހުށިކަމެވެ.) [އައްނޫރު: 63]. އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އަދި، اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބުހުށްޓެވެ.) [އައްނިސާއު: 14] އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (...އަދި އީމާންކަން ކާފަރުކަމަށް ބަދަލުކުރާ މީހާ (ދަންނައެވެ!) ފަހެ އެމީހަކު ސީދާވެގެންވާ މަގުން ފުރެދިގެން ގޮސްފިކަން ކަށަވަރެވެ.) [އަލްބަޤަރާ: 108]، މި މާނައިގައިވާ އާޔަތްތައް ގިނަވެގެންވެއެވެ.
އަދި ﷲ ސުބްޙާނަހޫ ވަނީ ރަސޫލާ ﷺ އަށް ކިޔަމަންވުން އެކަލާނގެއަށް ކިޔަމަންވުމާ ގުޅުވާލައްވާފައިއެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއް އިޢުތިޤާދުކޮށް ޤަބޫލުކޮށްފި މީހާއީ ގެއްލި ހަލާކުވެގެންވާ މީހެއްކަމާއި، އޭނާގެ ކިބައިން ފަރުޟެއްވެސް ސުންނަތެއްވެސް، އެއްވެސް ޢަމަލެއް ޤަބޫލު ނުކުރައްވާނޭކަން ބަޔާންކުރެއްވިއެވެ. އެގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ: (ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނައެވެ!) ފަހެ އެމީހާގެ ކިބައިން (އެކަން) ޤަބޫލު ނުކުރެވޭހުއްޓެވެ. އަދި އާޚިރަތުގައި އެމީހަކު ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.) [އާލްޢިމްރާން: 85] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ.) [އައްނިސާއު: 80] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ރަސޫލާއަށްވެސް ކިޔަމަންވާށެވެ. ފަހެ އެ މީހުން ފުރަގަސްދީ ހިނގައްޖެނަމަ، ފަހެ އެކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ އެކަލޭގެފާނާ މަތިކުރެއްވުނު ކަންތަކެވެ. (އެއީ ރިސާލަތު ފޯރުކޮށްދިނުމެވެ.) އަދި ތިޔަބައިމީހުންގެ މައްޗަށްއޮތީ ތިޔަބައިމީހުންނާ މަތިކުރެވުނު ކަންތަކެވެ. (އެއީ އީމާންވެ ކިޔަމަންގަތުމެވެ.) އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެއެވެ.) [އައްނޫރު: 54]. އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، ފޮތުގެ އަހުލުވެރިންނާއި، މުޝްރިކުންގެ ތެރެއިން ކާފަރުވި މީހުންވަނީ ޖަހަންނަމައިގެ އަލިފާނުގެ ތެރޭގައެވެ. އެތާނގައި އެއުރެން ދެމިތިބެނިވިގޮތުގައެވެ. އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ނުބައިމީހުންނެވެ.) [އަލްބައްޔިނާ: 6]
މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި، ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިކަމަށް ރިވާކުރެއްވިއެވެ: (ތިމަންކަލޭގެފާނުގެ ނަފްސު އެ އިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދެއްވާ ވިދާޅުވަމެވެ: މި އުއްމަތުގެ އެއްވެސް މީހަކު، ޔަހޫދީއެއް ކަމުގައި ވިޔަސް އަދި ނަޞާރާއެއް ކަމުގައި ވިޔަސް، ތިމަންކަލޭގެފާނުގެ ވާހަކަ އަޑުއަހާފައި، ދެން ތިމަންކަލޭގެފާނު އެކަންތަކާގެން ފޮނުއްވުނު ކަންތަކަށް އީމާންނުވެ ހުރެ މަރުވެއްޖެ ނަމަ؛ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން މެނުވީ އޭނާ ނުވާނެއެވެ.)
ﷲ ގެ ރަސޫލާ ﷺ ވަނީ އެކަލޭގެފާނުގެ ޢަމަލުފުޅުންނާއި ބަސްފުޅުން، އިސްލާމްދީނަށް ނުވަންނަ މީހާގެ ދީން ބާޠިލުވެގެންވާކަން ބަޔާންކުރައްވާފައިއެވެ. އެގޮތުން އެކަލޭގެފާނު ޔަހޫދީންނާއި ނަޞާރާއިންނާ ދެކޮޅަށް ހަނގުރާމަކުރެއްވިއެވެ. ހަމަ އެފަދައިން، އެނޫން ކާފަރުންނާ ދެކޮޅަށްވެސް ހަނގުރާމަ ކުރެއްވިއެވެ. އަދި އެމީހުންގެ ތެރެއިން ޖިޒްޔަ ދިން މީހުންގެ ކިބައިން ޖިޒްޔަވެސް ހިއްޕެވިއެވެ. އެއީ އެމީހުންގެ ތެރެއިން ބާކީ ތިބި މީހުންނަށް ދަޢުވަތު ފޯރުން އެމީހުން މަނާކުރިޔަ ނުދިނުމަށާއި، އަދި ޤައުމުގެ މީހުން އެމީހަކަށް ހުރަސްއަޅާ، ނުވަތަ މަނާކޮށް، ނުވަތަ ޤަތުލުކޮށްލާފާނޭކަމުގެ ބިރެއްނެތި، އެމީހުންގެ ތެރެއިން ބޭނުން މީހަކު އިސްލާމްދީނަށް ވަނުމަށް ފުރުސަތު ދިނުމަށެވެ.
އަލްބުޚާރީ އާއި މުސްލިމު، އަބޫ ހުރައިރާ رضي الله عنه ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ: އަހަރުމެން މިސްކިތުގައި ތިއްބާ، ﷲ ގެ ރަސޫލާ ﷺ ނިކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ: "ޔަހޫދީންގެ ގާތަށް ހިނގާށެވެ." ދެން އެކަލޭގެފާނާ އެކުގައި އަހަރުމެން ނިކުތީމެވެ. ބައިތުލް މިދްރާސްއާ (އެމީހުން ތައުރާތު ކިޔަވާ ދަސްކުރާ ތަނާ) ހަމައަށް އަހަރުމެންނަށް އާދެވިއްޖައުމަށް ދާންދެނެވެ. ދެން ނަބިއްޔާ ﷺ ތެދުވެވަޑައިގެން، އެމީހުންނަށް ގޮވާލައްވާ ޙަދީޘްކުރެއްވިއެވެ: "އޭ ޔަހޫދީންނޭވެ! އިސްލާމްވާށެވެ! އޭރުން ތިޔަބައިމީހުން ސަލާމަތްވާނެއެވެ." ދެން އެމީހުން ބުނެފިއެވެ: "އޭ އަބުލް ޤާސިމެވެ! ތިބާ (ރިސާލަތު) ފޯރުކޮށްދީފިއެވެ." ދެން ﷲ ގެ ރަސޫލާ ﷺ އެމީހުންނަށް ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނު އެދިވަޑައިގެންނެވީ އެކަމެވެ. އިސްލާމްވާށެވެ! އޭރުން ތިޔަބައިމީހުން ސަލާމަތްވާނެއެވެ." ދެން އެމީހުން ބުނެފިއެވެ: "އޭ އަބުލް ޤާސިމެވެ! ތިބާ (ރިސާލަތު) ފޯރުކޮށްދީފިއެވެ." ދެން ﷲ ގެ ރަސޫލާ ﷺ އެމީހުންނަށް ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނު އެދިވަޑައިގެންނެވީ އެކަމެވެ. ދެން ތިންވަނަ ފަހަރު އެކަލޭގެފާނު އެހެން ޙަދީޘްކުރެއްވިއެވެ...." މި ޙަދީޘެވެ.
މީގެ މަޤްޞަދަކީ: އެކަލޭގެފާނު ﷺ، ދީންތަކުގެ އަހުލުވެރިންގެ ތެރެއިން ޔަހޫދީންގެ ގާތަށް އެމީހުންގެ ބައިތުލް މިދްރާސަށް ވަޑައިގަންނަވާ، އެމީހުންނަށް އިސްލާމްދީނަށް ދަޢުވަތުދެއްވާ، އެމީހުންނަށް "ތިޔަބައިމީހުން އިސްލާމްވާށޭ، އޭރުން ތިޔަބައިމީހުން ސަލާމަތްވާނޭ" ޙަދީޘްކުރައްވާ، އެ ބަސްފުޅު ތަކުރާރުކުރެއްވި ކަމެވެ.
އެފަދައިންމެ، އެކަލޭގެފާނުގެ ސިޓީކޮޅާގެން ހިރަޤުލްގެ އަރިހަށް، އޭނާއަށް އިސްލާމްދީނަށް ގޮވާލައްވާ، އަދި އޭނާ އިސްލާމްވުމުން މަނާވެއްޖެނަމަ، އޭނާގެ ސަބަބުން އިސްލާމްވުމުން މަނާވިހާ ބައެއްގެ ފާފަތައް އޭނާގެ ބޮލުގައި އެޅޭނެކަމުގެ ޚަބަރުދެއްވާ، ފޮނުއްވިއެވެ. އެގޮތުން އަލްބުޚާރީ އާއި މުސްލިމް، އެ ދެބޭކަލުންގެ ޞަޙީޙުގައި ރިވާކުރެއްވިއެވެ: ﷲ ގެ ރަސޫލާ ﷺ ގެ ސިޓީކޮޅު، ހިރަޤުލު ގެނެސް އޭގައިވާ އެއްޗެއް ކިޔެވެ. ދެންފަހެ އޭގައިވީ: "ރަޙްމާނުވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﷲ ގެ ރަސޫލާ މުޙައްމަދުގެ އަރިހުން، ރޯމަނުގެ ވެރިޔާ ހިރަޤުލަށް، ތެދުމަގަށް ތަބަޢަވެއްޖެ މީހަކަށް ސަލާމްހުއްޓެވެ. އެއަށް ފަހު ދަންނައެވެ: ފަހެ އިސްލާމްދީނުގެ ދަޢުވަތުން ތިމަންކަލޭގެފާނު ތިބާއަށް ދަޢުވަތު ދެއްވަމެވެ. ތިބާ އިސްލާމްވާށެވެ. އޭރުން ސަލާމަތްވާނެއެވެ. އަދި އިސްލާމްވާށެވެ. އޭރުން ﷲ ތިބާގެ އަޖުރު ދެ ގުނައަށް ދެއްވާނެއެވެ. ދެންފަހެ ތިބާ ފުރަގަސްދީފިނަމަ؛ ފަހެ އަރީސީންގެ ފާފަ ތިބާގެ ބޮލުގައި އެޅޭހުއްޓެވެ. އަދި (އޭ ފޮތުގެ އަހުލުވެރިންނޭވެ! އަހަރެމެންގެ މެދުގައްޔާއި ތިޔަބައިމީހުންގެ މެދުގައި ހަމަހަމަވެގެންވާ ކަލިމައަކަށް އަންނާށެވެ! (އެއީ) ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށާއި އެއިލާހާ އެއްވެސް ފަރާތެއް ބައިވެރިކޮށް، ޝަރީކު ނުކުރުމަށެވެ. އަދި އަހަރެމެންގެ ތެރެއިން އެއް ބަޔަކު އަނެއް ބަޔަކީ ﷲ ފިޔަވައި އިލާހުންތަކެއް ކަމުގައި ނުހެދުމެވެ. ފަހެ އެބައިމީހުން (އެކަމަށް) ފުރަގަސްދީފިނަމަ ތިޔަބައިމީހުން ބުނާށެވެ! ހަމަކަށަވަރުން ތިމަންމެންނީ މުސްލިމުންކަމުގައި ތިޔަބައިމީހުން ހެކިވާށެވެ!) [އާލްޢިމްރާން: 64]."
ދެން އެމީހުން އެނބުރި ފުރަގަސްދީ، އަދި އިސްލާމްދީނަށް ވަންނަން ދެކޮޅުހެދިހިނދު؛ އެކަލޭގެފާނު ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން رضي الله عنهم އެމީހުންނާ ދެކޮޅަށް ހަނގުރާމަކުރައްވާ، އަދި އެމީހުންގެ މައްޗަށް ޖިޒްޔަ ފަރުޟުކުރެއްވިއެވެ.
އަދި އެމީހުން މަގުފުރެދިގެންވާކަން ކަށަވަރުކުރުމަށް، އަދި މުޙައްމަދު ﷺ ގެ ދީން މެދުވެރިކުރައްވާ އެމީހުންގެ ދީން މަންސޫޚަވުމަށްފަހު، އެމީހުން އެތިބީ ބާޠިލު ދީނެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން؛ މުސްލިމްމީހާ ކޮންމެ ދުވަހަކު، އަދި ކޮންމެ ނަމާދެއްގައި، އަދި ކޮންމެ ރަކްޢަތެއްގައި: ޤަބޫލުވަނިވި ޞައްޙަ ސީދާ މަގުކަމުގައިވާ: އިސްލާމްދީނަށް ތެދުމަގު ދެއްކެވުމަށް ﷲ ގެ ޙަޟްރަތަށް އެދި ދެންނެވުމަށް އެކަލާނގެ އަމުރުކުރެއްވިއެވެ. އަދި އެބަޔެއްގެ މައްޗަށް ކޯފާވެވޮޑިގެންވެގެންވާ މީހުންގެ މަގުން އޭނާ އެއްކިބާކުރެއްވުމަށް އެދި ދެންނެވުމަށްވެސް އަމުރުކުރެއްވިއެވެ. އެއީ ޔަހޫދީންނެވެ. އަދި އެމީހުން ފަދައިން ބާޠިލުގެ މަތީގައި ވާކަން އެނގިހުރެވެސް އެގޮތުގެ މަތީގައި ދެމިތިބޭ މީހުންނެވެ. އަދި މަގުފުރެދިގެންވާ މީހުންގެ މަގުން އޭނާ އެއްކިބާކުރެއްވުމަށް އެދި ދެންނެވުމަށްވެސް އަމުރުކުރެއްވިއެވެ. އެއީ ޢިލްމެއްނެތި އަޅުކަންކޮށް، އަދި މަގުފުރެދުމުގެ މަގެއްގެ މަތީގައި ތިބި ޙާލު، ހިދާޔަތުގެ މަގުގައި ތިބިކަމަށް ދަޢުވާކުރާ މީހުންނެވެ. އެއީ ނަޞާރާއިންނެވެ. އަދި، އެހެން އުންމަތްތަކުގެ ތެރެއިން، މަގުފުރެދުމާއި ޖާހިލުކަމުގެ މަތީގައި އަޅުކަންކޮށް، އެމީހުންނާ ވައްތަރުުވި މީހުންވެސްމެއެވެ. އެހުރިހާ ކަމެއްވެސް އެއީ: އިސްލާމްދީން ފިޔަވައި އެހެން ކޮންމެ ދީނަކީ ބާޠިލު ދީނެއްކަން މުސްލިމްމީހާ ޔަޤީންކޮށް އެނގުމަށެވެ. އަދި އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ މަތީގައި ﷲ އަށް އަޅުކަންކުރާ މީހަކީ މަގުފުރެދިގެންވާ މީހެއްކަން ދެނެގަތުމަށެވެ. އެގޮތަށް އިޢުތިޤާދު ނުކުރާ މީހާއީ ފަހެ މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ. މި ބާބުގައި، ޤުރްއާނާއި ސުންނަތުން އައިސްފައިވާ ދަލީލުތައް ގިނަވެގެންވެއެވެ.
އެހެންކަމުން އެ މަޒުމޫނު ލިޔުނު މީހާކަމުގައިވާ: ޢަބްދުލް ފައްތާޙުގެ މައްޗަށް ވާޖިބުވެގެންވަނީ އިޚްލާޞްތެރި ނަޞޫޙު ތައުބާއަކުން ތައުބާވުމަށް އަވަސްވެގަނެ، އޭނާގެ ތައުބާ އިޢުލާނުކޮށް މަޒުމޫނެއް ލިޔުމެވެ. އަދި ތެދުވެރި ތައުބާއަކުން ﷲ އަށް ތައުބާވެއްޖެ މީހާ؛ ﷲ އޭނާއަށް ތައުބާ ލައްވާނެއެވެ. އެއީ ﷲ ސުބްޙާނަހޫގެ މި ބަސްފުޅަށްޓަކައިއެވެ: (...އޭ މުއުމިނުންނޭވެ. ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާ ވާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވޭތޯއެވެ.) [އައްނޫރު: 31]. އަދި އެކަލާނގެ މި ބަސްފުޅެވެ: (އެ މީހުންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނުހަދާމީހުންނެވެ. އަދި ﷲ، ޙަރާމް ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ލައިގެން މެނުވީ، ޤަތުލުނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެ ކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ. އެ މީހަކަށް ޤިޔާމަތް ދުވަހުން ޢަޛާބު ގިނަގުނަ ކުރެވޭނެއެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޛާބުގައި، އެ މީހަކު ދެމިހުންނާނެއެވެ. ތައުބާވެ، އީމާންވެ، ޞާލިޙު ޢަމަލުކުޅަ މީހަކު މެނުވީއެވެ. ފަހެ އެ މީހުންނާމެދު (ދަންނާށެވެ.) ﷲ، އެ މީހުންގެ ނުބައި ކަންތައް، ހެޔޮކަންތަކަށް ބަދަލު ކުރައްވާނެއެވެ. ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.) [އަލްފުރްޤާނު: 68-70] އަދި ނަބިއްޔާ ﷺ ގެ މި ބަސްފުޅަށްޓަކައިއެވެ: "އިސްލާމްވުމުން އޭގެ ކުރިންވީ (ނުބައި ކަންކަން) ފުނޑާލައެވެ. އަދި ތައުބާވުމުން އޭގެ ކުރިންވީ (އުރެދުމާއި ފާފަތައް) ފުނޑާލައެވެ." އަދި އެކަލޭގެފާނު ﷺ ގެ މި ބަސްފުޅެވެ: "ފާފައިން ތައުބާވާ މީހާ؛ ފާފައެއް ނެތް މީހެއް ފަދައެވެ."
މި މާނާގައިވާ އާޔަތްތަކާއި ޙަދީޘްތައް ގިނަވެގެންވެއެވެ.
އަހަރެން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެދެނީ: ޙައްޤު، ޙައްޤުގެ ގޮތުގައި އަޅަމެންނަށް ދައްކަވާ، އަދި އެއަށް ތަބަޢަވުމުގެ ރިޒްޤު އަޅަމެންނަށް ދެއްވުމެވެ. އަދި ބާޠިލު، ބާޠިލުގެ ގޮތުގައި އަޅަމެންނަށް ދައްކަވާ، އެއިން އެއްކިބާވުމުގެ ރިޒްޤު އަޅަމެންނަށް ދެއްވުމެވެ. އަދި އަޅަމެންނަށާއި، ލިޔުންތެރިޔާ ޢަބްދުލް ފައްތާޙު އަށާއި، ހުރިހާ މުސްލިމުންނަށް އިޚްލާޞްތެރި ނަޞޫޙު ތައުބާއެއް މިންވަރުކުރައްވާ، މަގުފުރައްދަނިވި ފިތުނަތަކުންނާއި، އަމިއްލަ އެދުމާއި ޝައިޠާނާއަށް ކިޔަމަންވުމުން އަޅަމެން އެންމެން ރައްކާތެރި ކޮށްދެއްވުމަށެވެ. އެކަންކަން ކޮށްދެއްވާނޭ ވަލީވެރި ފަރާތަކީ، އަދި އެކަމަށް ކުޅަދުންވަންތަ ވެގެންވަނީ (ހަމައެކަނި) އެ އިލާހެވެ.
އަހަރުމެންގެ ނަބިއްޔާ މުޙައްމަދުގެފާނާއި، އެކަލޭގެފާނުގެ އާލުންނާއި އެކަލޭގެފާނުގެ ހުރިހާ ޞަޙާބީންނާއި، ޤިޔާމަތްދުވަހާ ހަމައަށް އިޙްސާންތެރިކަމާއެކު އެބޭކަލުންނަށް ތަބަޢަވީހާ ބަޔަކަށް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ. وصلى الله وسلم على نبينا محمد، وعلى آله وصحبه، ومن تبعهم بإحسان إلى يوم الدين.
Related books
All books
ތިން އުޞޫލާއި އޭގެ ދަލީލުތައް73 languagesތިން އުޞޫލާއި އޭގެ ދަލީލުތައް
މިފޮތް އެކުލެވިގެންވަނީ، ކޮންމެ މުސްލިމެއްގެ މައްޗަށް އުނގެނުން ވާޖިބުވެގެންވާ މައިގަނޑު އަސާސްތަކުގެ ތެރެގައި ހިމެނޭ: ﷲ ﷻ މަޢުރިފާކޮށް ދެނެގަތުމާއި، އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމާއި، ނަބިއްޔާ މުޙައްމަދު ﷺ މަޢުރިފާކޮށް ދެނެގަތުމުގެ މައްޗަށެވެ. އަދި ހަމައެހެންމެ، ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުގެ އަލީގައި، އީމާންކަމާއި ހެޔޮ ޞާލިޙު ޢަމަލުތައް މި އަސާސްތަކުގެ މަތީގައި ބިނާކުރުމުގެ މުހިންމުކަމަށް މި ފޮތުގައި ޚާއްޞަ އަހަންމިއްޔަތުކަމެއް ދެވިފައިވެއެެވެ.
الدروس المهمة لعامة الأمة78 languagesالدروس المهمة لعامة الأمة
يهدف الكتاب إلى تعليم المسلمين أساسيات دينهم بطريقة مبسطة وشاملة. يتناول مجموعة من الدروس المهمة مثل قراءة الفاتحة وقصار السور، وأركان الإسلام والإيمان، وأقسام التوحيد والشرك، وشروط وأركان وواجبات الصلاة، بالإضافة إلى مبطلاتها، مع بيان مختصر لشروط الوضوء وفروضه ونواقضه. كما يسلط الضوء على التحلي بالأخلاق الإسلامية والآداب الشرعية، ويقدم إرشادات لطيفة حول تجهيز الميت والصلاة عليه ودفنه.
نبذة في العقيدة الإسلامية (شرح أصول الإيمان)75 languagesنبذة في العقيدة الإسلامية (شرح أصول الإيمان)
رسالة لطيفة تتناول أصول العقيدة الإسلامية بأسلوب مبسط وميسر. تبدأ بمقدمة حول أهمية علم التوحيد، كونه أشرف العلوم وأجلّها، ثم تتناول مفهوم الدين الإسلامي وأركانه الخمسة: الشهادتان، والصلاة، والزكاة، والصوم، والحج. كما يشرح الإيمان بالله، وملائكته، وكتبه، ورسله، واليوم الآخر، ويؤكد على أهمية التوحيد في بناء دين المسلم بشكل سليم. الكتاب يهدف إلى تعزيز الفهم الصحيح للعقيدة الإسلامية وتطبيقها في حياة المسلم اليومية.
އިސްލާމްދީން89 languagesއިސްލާމްދީން
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން (ފަށައިގަންނަމެވެ.) ތިބާ އަމިއްލަ ނަފުސާ ސުވާލުކުރިން ހެއްޔެވެ؟ އުޑާއި ބިމާއި އެދެމެދު ވާހައި ބޮޑެތި މަޚުލޫޤާތުތައް ހެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ މި ފުރިހަމަ ނާޒުކު ނިޒާމު ހެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟