حقوق دعت إليها الفطرة
رسالة لطيفة تقدم شرحًا مفصلًا لعشرة حقوق أساسية تشمل حقوق الله تعالى، وحقوق النبي صلى الله عليه وسلم، وحقوق الوالدين، والأولاد، والأقارب، والجيران، والزّوجين، والرّعية والولاة، والمسلمين عمومًا، وغير المسلمين. يهدف الكتاب إلى تعزيز الفهم الصحيح للعلاقات الاجتماعية والواجبات الفردية تجاه الآخرين، مستندًا إلى نصوص الوحي من القرآن الكريم والسنة النبوية، مما يجعله مرجعًا مهمًا لكل مسلم يسعى لتطبيق الشريعة في حياته اليومية مع ربه ومع الآخرين.
These files are generated automatically from the book's text; their layout may differ from the printed edition.
ދެން ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިޔަބައިމީހުން އެދޭނަމަ (މި އާޔަތް) ކިޔަވާށެވެ: ފަހެ (ﷲ ގެ ހުކުމަށް) ތިޔަބައިމީހުން ފުރަގަސްދީ އެނބުރިގޮސްފި ނަމަ، ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، ތިޔަބައިމީހުންގެ ރަހިމުގެ ގުޅުންތައް ކަނޑާލުން ގާތްވެގެންވޭ ނޫންހެއްޔެވެ؟“ [މުޙައްމަދު: 22-23]
ފިތުރަތުން އެ ކަންކަމަށް ގޮވާލާ އަދި ޝަރީއަތުން އެ ކަންކަން ކަނޑައަޅާފައިވާ ހައްގުތައް
*
ﷲ ގެ އިސްމުފުޅުން (ފަށަމެވެ.) އެއީ އައްރަޙްމާން، އައްރަޙީމެވެ. (ރަހްމާންވަންތަ ރަޙީމްވަންތަ އިލާހެވެ.)
މުގައްދިމާ
ހަމަކަށަވަރުން އެންމެހާ ހަމްދެއް ލިބިގެންވަނީ ﷲ އަށެވެ. އަޅަމެން އެ އިލާހަށް ހަމްދުކުރަމެވެ. އަދި އެ އިލާހުގެ އެހީއާއި މަދަދަށް އެދި ދަންނަވަމެވެ. އަދި އެ އިލާހު އަޅަމެންނަށް ފާފަ ފުއްސަވައިދެއްވުން އެދި ދަންނަވަމެވެ. އަދި އަޅަމެން އެ އިލާހަށް ތައުބާވަމެވެ. އަދި އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި، އަޅަމެންގެ އަމަލުތަކުގެ ނުބައިކަމުން، ﷲ ގެ ހަޒްރަތަށް ރައްކާތެރިކަން އެދެމެވެ. ﷲ ތެދުމަގު ދައްކަވައިފި މީހަކު، ފަހެ އޭނާ މަގުފުރައްދާނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެ އިލާހު މަގުފުރައްދަވައިފި މީހަކަށް، ފަހެ ތެދުމަގު ދައްކާނެ ފަރާތަކު ނުވެއެވެ. الله ފިޔަވާ އެހެން އިލާހަކު ނެތްކަމަށް އަޅު ހެކިވަމެވެ. އަދި އެ އިލާހު އެއްކައުވަންތައެވެ. އެ އިލާހަށް ޝަރީކަކު ނެވެއެވެ. އަދި މުޙައްމަދުގެފާނީ އެ އިލާހުގެ އަޅާ އަދި ރަސޫލުކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަސްހާބުންނާއި، އަދި އިހްސާންތެރިކަމާއެކު އެ ބޭކަލުންނަށް ތަބާވި އެންމެހާ މީހުންގެ މައްޗަށް ﷲ ގެ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.
އެއަށްފަހު ދަންނާށެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާގެ ޝަރީއަތުގެ ރިވެތިކަމުގެ ތެރޭގައި ހިމެނެނީ، އަދުލު އިންސާފަށް ރިއާޔަތްކުރުމާއި ކޮންމެ ހައްގުވެރިއަކަށްމެ އޭނާގެ ހައްގު ދިނުމެވެ. އެއީ ހައްދުފަހަނަޅައި ދިޔުމެއް އަދި އުނިކުރުމެއް ވެސް ނެތިއެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އަމުރުކުރައްވާފައި ވަނީ، އަދުލުވެރިވުމަށާއި، ހެޔޮކޮށް ކަންތައް ކުރުމަށާއި، ގާތްތިމާގެ މީހުންނަށް (އެ މީހުންގެ ހައްގުތައް) ދިނުމަށެވެ. އަދި އެ ކަމަކައިގެން ރަސޫލުން ފޮނުއްވައި، ފޮތްތައް ބާވައިލައްވައި، އަދި ދުނިޔެއާއި އާޚިރަތުގެ އެންމެހާ ކަންތައް ގާއިމްވެފައި ވަނީ، އަދުލުވެރިކަމުގެ މައްޗަށެވެ.
އަދި އަދުލަކީ، ކޮންމެ ހައްގުވެރިއަކަށް އޭނާގެ ހައްގު ދިނުމާއި، ކޮންމެ މަގާމެއްގެ ވެރިއަކަށް އޭނާގެ މަގާމު ދިނުމެވެ. އަދި ހައްގުތައް މައުރިފާކޮށް އެނގި، އެ ހައްގުތައް އޭގެ އަހުލުވެރިންނަށް ދިނުމުން މެނުވީ، އެ ކަން ފުރިހަމައެއް ނުވާނެއެވެ. އެހެންކަމުން އެ ހައްގުތަކުގެ ތެރެއިން މުހިއްމު ހައްގުތައް ބަޔާންކުރުމުގެ ގޮތުން މި ބަސްތައް ލިޔުނީމެވެ. އެއީ އަޅާއަށް ކުޅަދާނަވީ މިންވަރަކުން، އެ ހައްގުތަކުން އޭނާއަށް އެނގުނު އެއްޗެއް މަތީ ގާއިމުވުމަށް ޓަކައެވެ. އަދި އެ ހައްގުތަކުގެ ޚުލާސާ ވަނީ އަންނަނިވި ފަދައިންނެވެ:
ﷲ ތަޢާލާގެ ހައްގުތައް
ނަބީ ﷺ ގެ ހައްގުތައް
މައިންބަފައިންގެ ހައްގުތައް
ދަރިންގެ ހައްގުތައް
ގާތްތިމާގެ މީހުންގެ ހައްގުތައް
ދެމަފިރިންގެ ހައްގުތައް
ވެރިންނާއި ރައްޔިތުންގެ ހައްގުތައް
އަވައްޓެރިންގެ ހައްގުތައް
އާއްމު ގޮތެއްގައި މުސްލިމުންގެ ހައްގުތައް
ޣައިރު މުސްލިމުންގެ ހައްގުތައް
މިއީ އޭގެ ތެރެއިން ކޮންމެވެސް މިންވަރެއް ޒިކުރުކޮށްގެން، ކުރު ގޮތެއްގައި އަހަރެމެން ދިރާސާކޮށްލަން ބޭނުންވާ ހައްގުތަކެވެ.
*
ފުރަތަމަ ހައްގު: ﷲ ތަޢާލާގެ ހައްގު
މިއީ އެންމެ ހައްގުކަން ވެސް ބޮޑު، އެންމެ ވާޖިބު އަދި އެންމެ ބޮޑުވެގެންވާ ހައްގެވެ. އެހެނީ ހަމަކަށަވަރުން އެއީ ޚާލިގުވަންތަ ޢަޡަމަތްތެރިވަންތަ، ހުރިހާ ކަމެއް މިލްކުވެގެންވާ އަދި ރާއްވަވާ ހިންގަވާ ތަދްބީރުކުރައްވާ އިލާހުގެ ހައްގެވެ. ރަސްވަންތަ އިލާހުގެ ހައްގެވެ. ބަޔާންވެވޮޑިގެންވާ އިލާހުގެ ހައްގެވެ. އެ އިލާހަކީ ދިރިދެމިވޮޑިގެންވާ، ގާއިމްވެވޮޑިގެންވާ އިލާހެވެ. އަދި އެ އިލާހުގެ ސަބަބުން އުޑުތަކާއި ބިން ވެސް ގާއިމްވާ އިލާހެވެ. އެ އިލާހު ކޮންމެ އެއްޗެއް ހެއްދެވިއެވެ. އަދި މަތިވެރި ހިކުމަތަކާއެކު އެ ތަކެތި މިންވަރުކުރައްވާ ތަގްދީރުކުރެއްވިއެވެ. އެއީ ތިބާ ޒިކުރުކުރެވޭ އެއްޗެއް ކަމުގައި ނުވަނީސް، ތިބާ ނެތުމުގެ ތެރެއިން ވުޖޫދުކުރެއްވި، ﷲ ގެ ހައްގެވެ. ތިބާގެ މަންމަގެ ބަނޑުގައި ތިން އަނދިރިކަމެއްގެ ތެރޭގައި ވަނިކޮށް، މަޚްލޫގުންގެ ތެރެއިން އެކަކަށް ވެސް ތިބާގެ ކާނާއާއި ހެދިބޮޑުވުމާއި ދިރިހުރުމަށް ބޭނުންވާ ތަކެތި ތިބާއާ ހަމައަށް ފޯރުކޮށް ނުދެވޭ ހާލު، ނިއުމަތްތަކުން ތިބާއަށް ކާންދެއްވާ، ހައްދަވާ ގެންގުޅުއްވި، ﷲ ގެ ހައްގެވެ. އެ އިލާހު، (މައިމީހާގެ) ދެ އުރަމަތި މެދުވެރިކޮށް ތިބާއަށް ބޯންދެއްވިއެވެ. އަދި (ހެޔޮކަމާއި ނުބައިކަމުގެ) ދެ މަގު ތިބާއަށް ދައްކެވިއެވެ. އަދި މައިންބަފައިން ތިބާއަށް ޚިދުމަތްތެރިކުރެއްވިއެވެ. އެ އިލާހު ތިބާއަށް މަދަދުދެއްވާ ތައްޔާރުކުރެއްވިއެވެ. އެ ގޮތުން ނިއުމަތްތަކާއި، ބުއްދިއާއި، ވިސްނުމުން ތިބާއަށް މަދަދުދެއްވިއެވެ. އަދި އެ ކަންކަން ގަބޫލުކޮށް، އޭގެ މަންފާ ލިބުމަށް ތިބާ ތައްޔާރުކުރެއްވިއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴾وَاللّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لاَ تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ الْسَّمْعَ وَالأَبْصَارَ وَالأَفْئِدَةَ لَعَلَّكُمْ تَشْكُرُون﴿ [النحل:78] މާނައީ:”އަދި ތިޔަބައިމީހުންގެ މައިންގެ ބަނޑުތަކުން، ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭ ހާލު، ތިޔަބައިމީހުން ނެރުއްވީ ﷲ އެވެ. އަދި އެ އިލާހު ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރޭތޯއެވެ.“ ފަހެ ލޮލުގެ އެސްފިޔަ ޖަހާލާހާ ހިނދުކޮޅަކަށް، ތިބާގެ ކިބައިން އެ އިލާހުގެ ފަޟްލުވަންތަކަން މަނާކުރައްވައިފި ނަމަ، ތިބާ ހަލާކުވީސްކަން ކަށަވަރެވެ. އަދި އެ އިލާހުގެ ރަހްމަތް ތިބާއަށް މަނާކުރައްވައިފި ނަމަ، ތިބާއަށް ދިރިވެސް ނުހުރެވުނީހެވެ. ދެން މިއީ ތިބާގެ މައްޗަށް އޮތް ﷲ ގެ ފަޟްލާއި ރަހްމަތް ކަމުގައިވާ ހިނދު، ފަހެ ހަމަކަށަވަރުން ތިބާގެ މައްޗަށް އޮތް އެ އިލާހުގެ ހައްގު ވާނީ، އެންމެ ބޮޑު ހައްގަށެވެ. އެހެނީ އެއީ ތިބާ ވުޖޫދަށް ގެނައުމާއި، ތައްޔާރުކުރެއްވުމާއި، މަދަދު ދެއްވިކަމުގެ ހައްގެވެ. އަދި ހަމަކަށަވަރުން އެ އިލާހު ތިބާގެ ފަރާތުން އެދިވޮޑިގަންނަވަނީ ރިޒުގަކަށް ނުވަތަ ކާންދެއްވުމަކަށް ވެސް ނޫނެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿لاَ نَسْأَلُكَ رِزْقًا نَّحْنُ نَرْزُقُكَ وَالْعَاقِبَةُ لِلتَّقْوَى﴾ [طه:132] މާނައީ: ”ތިމަން އިލާހު، ކަލޭގެފާނުގެ ކިބައިން ރިޒްގު ދެއްވުމަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުގު ދެއްވަނީ ތިމަން އިލާހެވެ. އަދި ހެޔޮ ނިމުން ވަނީ ތަގްވާވެރިކަމަށެވެ.“
އެހެނެއްކަމަކު ހަމަކަށަވަރުން އެ އިލާހު ތިބާގެ ފަރާތުން އެދިވޮޑިގަންނަވަނީ ހަމައެކަނި އެންމެ ކަމެކެވެ. އެ ކަމުގެ މަސްލަހަތު އަނބުރާ އަންނަނީ ވެސް ހަމަ ތިބާއަށެވެ. އެ އިލާހު ތިބާގެ ފަރާތުން އެދިވޮޑިގަންނަވަނީ، އެ އިލާހަށް އެއްވެސް ޝަރީކަކު ނުވާ ގޮތުގައި ތިބާ އެ އިލާހަށް އަޅުކަންކުރުމަށެވެ.“ ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُون مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ﴾ [الذاريات:56-58] ”އަދި ތިމަން އިލާހަށް އަޅުކަންކުރުމަށް ޓަކައި މެނުވީ، ތިމަން އިލާހު ޖިންނީންނާއި އިންސީން ނަހައްދަވަމެވެ. އެ މީހުންގެ ކިބަޔަކުން އެއްވެސް ރިޒްގަކަށް ތިމަން އިލާހު އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި އެ މީހުން ތިމަން އިލާހަށް ކާންދިނުމަކަށް ވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ރިޒްގު ދެއްވާ، ގަދަފަދަވަންތަ ބާރުގެ ވެރި އިލާހެވެ.“ އެ އިލާހު ތިބާގެ ފަރާތުން އެދިވޮޑިގަންނަވަނީ، އަޅުވަންތަކަމުގެ ހުރިހާ މާނައެއްގައި، އެ އިލާހަށް އަޅަކު ކަމުގައި ވުމަށެވެ. އެއީ ހަމަ އެ އިލާހަކީ ރައްބުވަންތަކަމުގެ ހުރިހާ މާނައެއްގައި ތިބާގެ ރައްބު ކަމުގައިވާ ފަދައިންނެވެ. ނިކަމެތިވެ ކިޔަމަންތެރިވާ ހާލު، އެ އިލާހުގެ އަމުރުފުޅުތަކަށް ތަބާވެ، ނަހީކުރެއްވި ކަންކަމުން ދުރުވެ، އެ އިލާހު އެންގެވި ޚަބަރުތައް ތެދުކުރާ އަޅަކު ކަމުގައި ތިބާ ވުމަށެވެ. އެހެނީ ހަމަކަށަވަރުން އެ އިލާހުގެ ގިނަގުނަ ނިއުމަތްތައް ތިބާއަށް ހުއްޓުމެއް ނެތި ލިބޭ ތަން ތިބާ ދެކޭނެކަން ކަށަވަރެވެ. ދެން ފަހެ މި ކަންކަމުގެ ބަދަލުގައި ތިބާ ނިއުމަތްތަކަށް ކާފަރުވާން ލަދުނުގަންނަނީހެއްޔެވެ؟!
އިންސާނުން ކުރެ މީހެއްގެ ފަޟްލެއް ތިބާގެ މައްޗަށް އޮތް ނަމަ، އެ މީހަކާ ދެކޮޅަށް އުރެދުންތެރިވެ، ފާޅުގައި އޭނާއާ އިދިކޮޅު ހެދުމަށް ތިބާ ލަދުގަންނާނެކަން ކަށަވަރެވެ. ދެން ތިބާގެ މައްޗަށް އޮތް ހުރިހާ ފަޟްލެއް، އެ އިލާހުގެ ފަޟްލުވަންތަކަމުން އައިސްފައި ވާއިރު، އަދި ތިބާގެ ކިބައިން ދުރުކުރެވޭ ހުރިހާ ނުބައެއް، އެއީ އެ އިލާހުގެ ރަހްމަތުންވާ ކަމެއް ކަމުގައި ވާއިރު، ފަހެ ތިބާގެ ރައްބާ މެދު އެ ފަދައިން ކަންކުރެވޭނީ ކިހިނަކުންހެއްޔެވެ؟! ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللّهِ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُون﴾ [النحل:53] މާނައީ: ”އަދި ތިޔަބައިމީހުންނަށް ލިބިގެންވާ ހުރިހާ ނިއުމަތެއް ލިބިފައި ވަނީ، ފަހެ ﷲ ގެ ހަޒްރަތުންނެވެ. ދެން ތިޔަބައިމީހުންނަށް ދަތިކަމެއް ޖެހިއްޖެ ނަމަ، ތިޔަބައިމީހުން ދުއާ ދަންނަވަން އަވަސްވެގަންނަނީ، ހަމަ އެ އިލާހަށެވެ.“
އަދި ހަމަކަށަވަރުން ﷲ ތަޢާލާ، އެ އިލާހުގެ އަމިއްލަ ނަފްސުފުޅަށް ވާޖިބުކުރެއްވި މި ހައްގަކީ، އެ އިލާހު ފަސޭހަކޮށްދެއްވައިފި މީހަކަށް ވަރަށް ވެސް ލުއި، ފަސޭހަ ކަމަކަށް ވާނެކަން ކަށަވަރެވެ. އެހެނީ ﷲ އެ ކަމުގައި އެއްވެސް ދަތިކަމެއް، އުނދަގުލެއް، އަދި ބުރައެއް ވިޔަސް ލައްވާފައި ނުވެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَجَاهِدُوا فِي اللَّهِ حَقَّ جِهَادِهِ هُوَ اجْتَبَاكُمْ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ مِّلَّةَ أَبِيكُمْ إِبْرَاهِيمَ هُوَ سَمَّاكُمُ الْمُسْلِمينَ مِن قَبْلُ وَفِي هَذَا لِيَكُونَ الرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا شُهَدَاء عَلَى النَّاسِ فَأَقِيمُوا الصَّلاَةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلاَكُمْ فَنِعْمَ الْمَوْلَى وَنِعْمَ النَّصِير﴾ [الحج:78] މާނައީ: ”އަދި ﷲ ގެ މަގުގައި، ޖިހާދުކުރުން ހައްގު ގޮތުގައި ތިޔަބައިމީހުން ޖިހާދުކުރާށެވެ. ތިޔަބައިމީހުން ޚިޔާރުކުރެއްވީ އެ އިލާހެވެ. އަދި ދީނުގައި ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ދަތިކަމެއް އެ އިލާހު ނުލައްވައެވެ. (އެއީ) ތިޔަބައިމީހުންގެ ބައްޕަ އިބްރާހީމްގެ މިއްލަތެވެ. ކުރިން ވެސް (އެބަހީ: ކުރިން ބާވައިލެއްވި ފޮތްތަކުގައި ވެސް) އަދި މި ފޮތުގައި ވެސް، ތިޔަބައިމީހުންނަށް މުސްލިމުންގެ ނަން ދެއްވީ އެ އިލާހެވެ. އެއީ ރަސޫލު ތިޔަބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި ވުމަށާއި، އަދި މީސްތަކުންގެ މައްޗަށް ތިޔަބައިމީހުން ހެކިވެރިން ކަމުގައި ވުމަށެވެ. ފަހެ، ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ﷲ އަށް ވަކީލުކޮށް (އެ އިލާހުގެ ދީނުގައި) ހިފަހައްޓާށެވެ. އެ އިލާހީ ތިޔަބައިމީހުންގެ މައުލާއެވެ. (ނަސްރާއި އެހީ ދެއްވާ ފަރާތެވެ.) ފަހެ އެއީ ހާދަހާ ރަނގަޅު މައުލާއެކެވެ. އަދި ހާދަހާ ރަނގަޅު ނަސްރުވެރިއެކެވެ.“
ހަމަކަށަވަރުން މި (އިސްލާމީ) އަގީދާއަކީ އެންމެ މަތިވެރި އަގީދާއެވެ. އަދި އެއީ ހައްގަށް އީމާންވުމެވެ. އަދި ފައިދާކުރަނިވި ސާލިހު އަމަލެވެ. މިއީ ޣައިބަށް އީމާންވުމުގެ އަގީދާއެވެ. އަދި ހަގީގަތަށް އީމާންވުމެވެ. އެ އަގީދާ ބިނާވެފައި ވަނީ ލޯބިވުމާއި މަތިވެރިކުރުމުގެ މައްޗަށެވެ. އަދި އޭގެ ނަތީޖާއަކީ އިޚްލާސްތެރިވުމާއި ސާބިތުވުމެވެ. (އެ ގޮތުން ބަލާއިރު) ދުވާލާއި ރޭގަނޑު ކުރާ ފަސް ނަމާދެއް ވެއެވެ. އޭގެ ސަބަބުން ﷲ ފާފަތައް ފުއްސަވާ، ދަރަޖަތައް އުފުއްލަވައެވެ. އަދި އެ ނަމާދުތަކުން ހިތްތަކާއި ހާލަތްތައް ވެސް އިސްލާހުކުރައްވައެވެ. އަޅާ އެ ނަމާދުތައް އޭނާއަށް ކުޅަދާނަވީ މިންވަރަކުން އަދާކުރެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾ [التغابن: 16] މާނައީ: ”ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީ ވަރަކުން ﷲ އަށް ތަގްވާވެރިވާށެވެ.“ މި އާޔަތެވެ.
އަދި ނަބީ ﷺ، ޢިމްރާން ބިން ޙުޞައިނަށް ޙަދީޘްކުރެއްވިއެވެ. އެއީ ޢިމްރާން رَضِيَ اللَّهُ عَنْهُ ބަލިހާލުގައި ވަނިކޮށެވެ: ”ކޮޅަށްހުރެ ނަމާދުކުރާށެވެ. އެ ކަން ނުކުރެވޭ ނަމަ، ފަހެ އިށީނދެގެން ކުރާށެވެ. އެ ކަން ނުކުރެވޭ ނަމަ، ފަހެ އެއްފަރާތަށް އޮށޯވެގެން ކުރާށެވެ.“
(ދެން އޮތީ) ޒަކާތެވެ. އަދި އެއީ ތިބާގެ މުދަލުން ވަރަށް ކުޑަ ބައެކެވެ. މުސްލިމުންގެ ހާޖަތްތަކުގައި، ފަގީރުންނާއި، މިސްކީނުންނާއި، ހާލުގައި ޖެހިފައިވާ ދަތުރުވެރިންނާއި، ދަރަނިވެރިންނާއި، އަދި ޒަކާތް ހައްގުވާ އެހެން ފަރާތްތަކަށް އެ ދެވެއެވެ. އެ އިލާހު ވަހީކުރެއްވިއެވެ: ﴿فَأَقِيمُوا الصَّلاَةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلاَكُمْ فَنِعْمَ الْمَوْلَى وَنِعْمَ النَّصِير﴾ [الحج:78] މާނައީ: ”ފަހެ ތިޔަބައިމީހުން ނަމާދު ގާއިމުކުރާށެވެ. އަދި ޒަކާތްދޭށެވެ. އަދި ﷲ އަށް ވަކީލޮކޮށް (އެ އިލާހުގެ ދީނުގައި) ހިފަހައްޓާށެވެ. އެ އިލާހީ ތިޔަބައިމީހުންގެ މައުލާއެވެ. (ނަސްރާއި އެހީ ދެއްވާ ފަރާތެވެ.) ފަހެ އެއީ ހާދަހާ ރަނގަޅު މައުލާއެކެވެ. އަދި ހާދަހާ ރަނގަޅު ނަސްރުވެރިއެވެ.“
(ދެން އޮތީ) އަހަރެއްގެ ތެރޭގައި އެންމެ މަހު ރޯދަހިފުމެވެ. އަދި މީހަކު ބަލިވާނަމަ ނުވަތަ ދަތުރުމަތީގައި އުޅޭނަމަ، ފަހެ އެހެން ދުވަސްތަކެއްގައި އެ އަދަދު ހަމަކުރާނީއެވެ. އަދި މީހަކު ދާއިމީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ރޯދަނުހިފޭ ނަމަ، ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ.
(ދެން އޮތީ) ކުޅަދާނަވެގެންވާ މީހާ، އުމުރުގައި އެއް ފަހަރު ގެފުޅަށް ހައްޖުވުމެވެ.
މިއީ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ހައްގުގެ އަސާސުތަކެވެ. އަދި މި ނޫން ކަންކަމަށް ބަލާއިރު، ފަހެ އެއިން ކަމެއް ވާޖިބުވަނީ ޢާރިޟުވެގެންނެވެ. (އެބަހީ: ކަމެއް ޖެހިގެންނެވެ.) މިސާލަކަށް ﷲ ގެ މަގުގައި ޖިހާދުކުރުން ފަދައިންނެވެ. ނުވަތަ އެއިން ކަމެއް ވާޖިބުކުރުވާ ސަބަބެއް ހުރެގެންނެވެ. މިސާލަކަށް އަނިޔާލިބިގެންވާ މީހާއަށް ނަސްރުދިނުން ފަދައިންނެވެ.
ނިކަން ބަލާށެވެ. - އޭ އަޚާއެވެ. - މި ހައްގަކީ، އަމަލުކުރަން ފަސޭހަ އަދި ގިނަ އަޖުރު ވެސް ލިބޭ ހައްގެކެވެ. ތިބާ މި ކަންކަމައިގެން ގާއިމުވެއްޖެ ނަމަ، ތިބާ ދުނިޔެއާއި އާޚިރަތުގައި ވެސް އުފާވެރިވާނެއެވެ. އަދި ނަރަކައިން ސަލާމަތްވެ، ސުވަރުގެ ވަންނާނެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَما الْحَيَاةُ الدُّنْيَا إِلاَّ مَتَاعُ الْغُرُور﴾ [آل عمران:185] މާނައީ: ”ފަހެ ނަރަކައިން ދުރުކުރެވި، ސުވަރުގެއަށް ވެއްދެވުނު މީހާ، ފަހެ ހަމަކަށަވަރުން ކާމިޔާބުވެއްޖެއެވެ. އަދި ދުނިޔޭގެ ހަޔާތަކީ، ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.“
*
ދެވަނަ ހައްގު: ރަސޫލު ﷲ ﷺ ގެ ހައްގު
އަދި މި ހައްގަކީ، މަޚްލޫގުންގެ އެންމެހާ ހައްގުތަކުގެ ތެރެއިން އެންމެ ބޮޑު ހައްގެވެ. ފަހެ ރަސޫލު ﷲ ﷺ ގެ ހައްގަށް ވުރެ ބޮޑު ހައްގެއް އެއްވެސް މަޚްލޫގަކަށް ނުވެއެވެ. ﷲ ވަތަޢާލާ ވަހީކުރެއްވިއެވެ: ﴿إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا﴾ [الفتح:8-9] މާނައީ: ”ހަމަކަށަވަރުން ތިމަން އިލާހު، ކަލޭގެފާނު ފޮނުއްވީ (އުއްމަތުގެ މައްޗަށް) ހެކިވެރިއެއްގެ ގޮތުގައްޔާއި، އުފާވެރި ޚަބަރުދެއްވާ ބޭކަލެއްގެ ގޮތުގައްޔާއި، އިންޒާރުކުރައްވާ ބޭކަލެއްގެ ގޮތުގައެވެ.“ މި އާޔަތެވެ. އަދި އެހެންކަމުން، އެންމެހާ މީސްތަކުން ދެކެ ވާ ލޯތްބަށް ވުރެ، ނަބީ ﷺ ދެކެ ވާ ލޯބި އިސްކުރަންޖެހެއެވެ. އެއީ އަމިއްލަ ނަފްސާއި، ދަރިންނާއި، މައިންބަފައިންނަށް ދާންދެން ވާ ލޯތްބަށް ވުރެ ވެސް މެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިޔަބައިމީހުންގެ ތެރެއިން އެ މީހެއްގެ ދަރިންނާއި، މައިންބަފައިންނާއި، އެންމެހާ މީސްތަކުންނަށް ވުރެ، ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖައުމަށް ދާންދެން (ފުރިހަމައަށް) އީމާންވީ ކަމުގައެއް ނުވާނެއެވެ.“
އަދި ނަބީ ﷺ ގެ ހައްގުތަކުގެ ތެރޭގައި ހިމެނެނީ، އެކަލޭގެފާނަށް ގަދަރުކުރުމާއި، އިހްތިރާމްކުރުމާއި، މަތިވެރިކުރުމެވެ. އެއީ އެކަލޭގެފާނާ އެކަށީގެންވާ ގޮތަށް، ހައްދުފަހަނައެޅުމެއް އަދި ފަރުވާކުޑަކުރުމެއް ވެސް ނެތިއެވެ. ފަހެ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެކަލޭގެފާނަށް ގަދަރުކުރުމަކީ، އެކަލޭގެފާނުގެ ސުންނަތާއި މާތް ޝަޚްސައް ގަދަރުކުރުމެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށް ފަހު އެކަލޭގެފާނަށް ގަދަރުކުރުމަކީ، އެކަލޭގެފާނުގެ ސުންނަތާއި ސީދާވެގެންވާ ޝަރީއަތަށް ގަދަރުކުރުމެވެ. އަދި ސަހާބީން، ރަސޫލު ﷲ ﷺ އަށް ދެއްކެވި އިހްތިރާމާއި މާތްކޮށް ހިއްތެވުން ފެންނަ މީހަކަށް، މި މާތް ފަޟްލުވެރި ބޭކަލުން، އެ ބޭކަލުންގެ މައްޗަށް އޮތް، ރަސޫލު ﷲ ﷺ އަށް އަދާކޮށްދޭންޖެހޭ ވާޖިބުތައް، އަދާކުރެއްވީ ކިހިނަކުންކަން އެނގިގެންދާނެއެވެ. ޞުލްޙުލް ޙުދައިބިއްޔާގެ ހާދިސާގައި، (މުސްލިމުންނާއެކު) އެއްބަސްވުމަކަށް އައުމަށް، ގުރައިޝުންގެ ފަރާތުން، ނަބީ ﷺ ގެ އަރިހަށް ޢުރްވާ ފޮނުއްވި ހިނދު، (އަނބުރާ ވަޑައިގެން) ޢުރްވާ ބިން މަސްޢޫދު، ގުރައިޝުންނަށް ވިދާޅުވީ މި ފަދައިންނެވެ: (އެކިއެކި) ރަސްކަލުންގެ އަރިހަށް ތިމަން ވަދެފީމެވެ. - އެއީ ކިސްރާއާއި، ގައިޞަރު އަދި ނަޖާޝީ ފަދައިންނެވެ.- ނަމަވެސް މުޙައްމަދުގެ އަސްހާބުން އެކަލޭގެފާނު މަތިވެރިކުރާ ފަދައިން، އެއްވެސް މީހެއްގެ އަސްހާބުން އެ މީހަކު މަތިވެރިކުރާ ތަނެއް ތިމަން ނުދެކެމެވެ. އެކަލޭގެފާނު އެބައިމީހުންނަށް އަމުރެއް ކުރައްވައިފި ނަމަ، އެބައިމީހުން އެ އަމުރެއް ތަންފީޒުކުރަން އަވަސްވެގަނެއެވެ. އަދި އެކަލޭގެފާނު ވުޟޫކުރައްވައިފި ނަމަ، އެކަލޭގެފާނުގެ ވުޟޫގެ ފެންފޮދު ހޯދުމަށް އެބައިމީހުން ތަޅާނުފޮޅާ ހުންނަނީ ކިރިޔާއެވެ. އަދި އެކަލޭގެފާނު ވާހަކަފުޅުދައްކަވާ ހިނދު، އެކަލޭގެފާނުގެ އަރިހުގައި އެބައިމީހުންގެ އަޑުތައް މަޑުކުރެއެވެ. އަދި އެކަލޭގެފާނަށް ކުރާ ގަދަރެއްގެ ސަބަބުން އެބައިމީހުން އެކަލޭގެފާނާ ދިމާލަށް (ސީދާ) ނުބަލައެވެ.
އެ ބޭކަލުން، އެކަލޭގެފާނަށް އިހްތިރާމުކޮށް މާތްކޮށް ހިއްތަވާ އުޅުއްވީ މި ފަދައިންނެވެ. رَضِيَ اللَّهُ عَنْهُمْ. އެއީ އެކަލޭގެފާނުގެ ކިބައިގައި ﷲ ލެއްވި މާތް އަޚްލާގާއި، ހިތްހެޔޮކަމާއި، ފަސޭހަ މިޒާޖާފުޅާ އެކުގައެވެ. އަދި އެކަލޭގެފާނަކީ ޚުލްގު ނުބައި، ހިތްހަރުކަށި ބޭކަލަކު ކަމުގައި ވީނަމަ، އެ ބޭކަލުން އެކަލޭގެފާނުގެ އަރިހުން ވަކިވެގެން ހިނގައްޖައީސްކަން ކަށަވަރެވެ.
އަދި ހަމަކަށަވަރުން ނަބީ ﷺ ގެ ހައްގުތަކުގެ ތެރޭގައި ހިމެނެނީ، އިސްވެދިޔަ ކަންކަމާއި، މުސްތަގުބަލުގައި ހިނގާނޭ ކަންކަމާ ބެހޭ ގޮތުން، އެކަލޭގެފާނު ދެއްވި ޚަބަރުތައް ތެދުކުރުމެވެ. އަދި އެކަލޭގެފާނު އަމުރުކުރެއްވި ކަންތައްތަކަށް ތަބާވުމެވެ. އަދި އެކަލޭގެފާނު ނަހީކުރައްވާ މަނާކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ. އަދި އެކަލޭގެފާނުގެ ހިދާޔަތަކީ އެންމެ ފުރިހަމަ ހިދާޔަތް ކަމާއި، އެކަލޭގެފާނުގެ ޝަރީއަތަކީ އެންމެ ފުރިހަމަ ޝަރީއަތްކަމަށް އީމާންވުމެވެ. އަދި ކޮންމެ މަސްދަރަކުން އައި އެއްޗެއް ކަމުގައި ވިޔަސް، އެއްވެސް ޝަރުއުކުރުމެއް ނުވަތަ ނިޒާމެއް، އެކަލޭގެފާނުގެ ޝަރީއަތުގެ މައްޗަށް އިސްނުކުރުމެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّىَ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُواْ فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُواْ تَسْلِيمًا﴾ [النساء:65] މާނައީ: ”ފަހެ އެހެނަކުން ނޫނެވެ. ކަލޭގެފާނުގެ ރައްބު ގަންދެއްވަމެވެ. އެ މީހުންގެ މެދުގައި އުފެދޭ ޚިލާފުތަކުގައި، ހުކުމްކުރާ ފަރާތަކީ ކަލޭގެފާނު ކަމުގައި އެ މީހުން ހަދާ، ދެން ކަލޭގެފާނު ނިޔާކުރައްވާ ގޮތާމެދު އެ މީހުންގެ ހިތްތަކުގައި އެއްވެސް އުނދަގޫކަމެއް ނުވާ ހާލު، ފުރިހަމަ ކިޔަމަންތެރިކަމަކުން އެ މީހުން ކިޔަމަންތެރިނުވާހާ ހިނދަކު، އެ މީހުން އީމާންވި ކަމުގައި ނުވާނެއެވެ.“ ﴿قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِي يُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيم﴾ [آل عمران:31] މާނައީ: ”ކަލޭގެފާނު ވިދާޅުވާށެވެ: ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނާ ތަބާވާށެވެ. އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް، ތިޔަބައިމީހުންނަށް ޓަކައި ފުއްސަވާދެއްވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.“
އަދި ނަބީ ﷺ ގެ ހައްގުތަކުގެ ތެރެއިން، އެކަލޭގެފާނުގެ ޝަރީއަތާއި، އެ ކަލޭގެފާނު ދެއްކެވި ގޮތް ދިފާއުކުރުން ހިމެނެއެވެ. އެއީ ހާލަތާ އެކަށީގެންވާ ހަތިޔާރުތަކާއެކު، އިންސާނާއަށް ކުޅަދާނަވެގެންވާ މިންވަރަކުންނެވެ. ފަހެ، އަދުއްވު ހަމަލާދެނީ (ބާތިލު) ހުއްޖައްތަކާއި ޝުބުހަތަކުން ކަމުގައި ވާނަމަ، އެ ހިނދު އެކަލޭގެފާނު ދިފާއުކުރުން ވަނީ، އިލްމުންނެވެ. އަދި އެ އަދުއްވެއްގެ ހުތްޖަތްތަކާއި ޝުބުހަތައް ބާތިލުކޮށް އޭގެ ފާސިދުކަން ބަޔާންކޮށްގެންނެވެ. އަދި އެ އަދުއްވު ހަމަލާދެނީ ހަތިޔާރާއި އައްޑަނައިން ކަމުގައި ވާނަމަ، ފަހެ އެ ހިނދު އެކަލޭގެފާނު ދިފާއުކުރުން ވަނީ، ހަމަ އެ ފަދައިންނެވެ.
އަދި ނަބީ ﷺ ގެ ޝަރީއަތަށް ނުވަތަ އެކަލޭގެފާނުގެ މާތްވެގެންވާ ޒާތުފުޅަށް ބަޔަކު ހަމަލާދޭތަން އަޑުއަހާ، އެ މީހަކަށް ދިފާއުކުރުމުގެ ކުޅަދާނަކަން ހުރެމެ، އެ ކަމާމެދު ހަނުހުރުމަކީ، އެއްވެސް މުއުމިނަކަށް ކުރެވޭނެ ކަމެއް ނޫނެވެ.
*
ތިންވަނަ ހައްގު: މައިންބަފައިންގެ ހައްގުތައް
ދަރިންގެ މައްޗަށް މައިންބަފައިންނަށް އޮންނަ ފަޟްލަށް އެއްވެސް މީހަކު އިންކާރެއް ނުކުރެވޭނެއެވެ. އެހެނީ މައިންބަފައިންނަކީ ދަރި ވުޖޫދަށް އައުމުގެ ސަބަބެވެ. އަދި އެ ދަރިފުޅުގެ މައްޗަށް، އެ ދެ މީހުންނަށް ބޮޑު ހައްގެއް ލިބިގެންވެއެވެ. އެހެނީ ހަމަކަށަވަރުން ކުޑައިރު ދަރިފުޅު ބަލާބޮޑުކުރީ އެ ދެ މީހުންނެވެ. އަދި ދަރިފުޅުގެ އަރާމަށް ޓަކައި ވަރުބަލިވީ އެ ދެ މީހުންނެވެ. އަދި ދަރިފުޅު ނިދުމަށް ޓަކައި ނުނިދާ ތިބީ ވެސް އެ ދެ މީހުންނެވެ. ތިބާގެ މަންމަ އެ ކަނބުލޭގެ ބަނޑުގައި ތިބާ އުފުލިއެވެ. އަދި ތިބާ ދިރިއުޅުނީ އެ މަންމަގެ ކާނާއާއި ސިއްހަތަށް ބަރޯސާވެގެންނެވެ. އެއީ އާއްމު ގޮތެއްގެ މަތިން 9 މަސް ދުވަހުގެ މުއްދަތަށެވެ. ﷲ އެ ކަމަށް އިޝާރާތްކުރައްވާ ވަހީކުރެއްވި ފަދައިންނެވެ: ﴿حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ﴾ [لقمان:14] މާނައީ: ”އޭނާގެ މަންމަ، އޭނާ ބަނޑުގައި އުފުލީ، ބަލިކަށިކަމުގެ މަތިން ބަލިކަށިކަމާ އެކުގައެވެ.“ މި އާޔަތެވެ. އެއަށްފަހު ދެ އަހަރު ވަންދެން، ދަތި އުނދަގޫކަމާއި ވަރުބަލިކަމާއި އެކު (ދަރިފުޅު) ގެންގުޅެ ކިރުދިނެވެ.
އަދި ހަމައެފަދައިން ކުޑައިރުއްސުރެ ފެށިގެން، ތިބާއަށް އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން، ތިބާގެ ދިރިއުޅުމާއި ކާބޯތަކެއްޗަށް ޓަކައި މަސައްކަތްކުރީ ބައްޕައެވެ. އަދި ތިބާ ތަރުބިއްޔަތުކޮށް ރަނގަޅު މަގު ދެއްކުމަށް މަސައްކަތްކުރީ ވެސް އެ ބައްޕައެވެ. އެއީ ތިބާގެ އަމިއްލަ ނަފްސަށް ގެއްލުމެއް އަދި މަންފާއެއް ވެސް ހޯދުމުގެ ކުޅަދާނަކަން ތިބާއަށް ލިބިގެން ނުވާ ހާލުގައެވެ. އެހެންކަމުން މައިންބަފައިންނާ މެދު ހެޔޮކޮށް ހިތުމަށާއި ޝުކުރުވެރިވުމަށް ﷲ، ދަރިއަށް އަމުރުކުރެއްވިއެވެ. ފަހެ އެ އިލާހު ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَوَصَّيْنَا الإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِير﴾ [لقمان:14] މާނައީ: ”އަދި ތިމަން އިލާހު، އިންސާނާއަށް އޭނާގެ މައިންބަފައިންނާމެދު (ހެޔޮކޮށް ހިތުމަށް) ވަސިއްޔަތްކުރެއްވީމެވެ. ބަލިކަށިކަމުގެ މަތިން ބަލިކަށިކަމާ އެކު، އޭނާގެ މަންމަ، އޭނާ ބަނޑުގައި އުފުލިއެވެ. އަދި އޭނާ ކިރުތުނބުން ވީއްލުންވަނީ ދެ އަހަރުގައެވެ. ތިމަން އިލާހަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރިދިޔުން ވަނީ، ތިމަން އިލާހުގެ ހަޒްރަތަށެވެ.“ އަދި އެ އިލާހު ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَا أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا﴾ [الإسراء:23-24] މާނައީ: ”އަދި ތިބާގެ ރައްބު ކަނޑައަޅުއްވާ އަމުރުކުރެއްވީ، އެ އިލާހު ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ ދެ މީހުން ވިޔަސް ތިބާގެ ގާތުގައި މުސްކުޅިވެއްޖެ ނަމަ، އެ ދެ މީހުންނަށް ”އުފް“ ވެސް ނުބުނާށެވެ. އަދި އެ ދެ މީހުންނާ ހަރުކަށި ބަހުން ވާހަކަ ނުދައްކާށެވެ. އަދި އެ ދެ މީހުންނާ މާތްވެގެންވާ ރިވެތި ބަހުން ވާހަކަދައްކާށެވެ.“
ހަމަކަށަވަރުން، ތިބާގެ މައްޗަށްވާ މައިންބަފައިންގެ ހައްގުތަކުގެ ތެރެއިން ހިމެނެނީ: އެ ދެ މީހުންނާމެދު ހެޔޮކޮށް ހިތުމެވެ. އެއީ ބަހުންނާއި އަމަލުން، އަދި މުދަލުންނާއި ހަށިގަނޑުން ވެސް އެ ދެ މީހުންނަށް އިހްސާންތެރިވެގެންނެވެ. އަދި ﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައާއި، ތިބާއަށް ގެއްލުމެއް ނުވާ ކަންކަމުގައި، އެ ދެ މީހުންގެ އަމުރަށް ކިޔަމަންވާށެވެ. އަދި އެ ދެ މީހުންނާ މަޑުމައިތިރި ބަހުން ވާހަކަދައްކާށެވެ. އަދި ހިނިތުންވެފައިވާ މޫނަކުން އެ ދެ މީހުންނާ ބައްދަލުކުރާށެވެ. އަދި އެ ދެ މީހުންނާ އެކަށީގެންވާ ގޮތުގައި ޚިދުމަތްކުރުންމަތީ ގާއިމުވާށެވެ. އަދި އެ ދެ މީހުން މުސްކުޅިވެ، ބަލިވެ، ބަލިކަށިވުމުން، އެ ދެ މީހުންނާމެދު ކެތްމަދުވެ އުނދަގޫވެގެން ނޫޅޭށެވެ. އަދި އެއީ ބުރައެއްކަމުގައި ނުދެކޭށެވެ. އެހެނީ ހަމަކަށަވަރުން ތިބާ ވެސް ކުރިއަށް އޮތް ތާނގައި އެ ދެ މީހުން ހުރި މަގާމުގައި ވާނެއެވެ. އެ ދެ މީހުން މައިންބަފައިންގެ ގޮތުގައި ވީ ފަދައިން، ތިބާ ވެސް ބައްޕައަކަށް ވާނެއެވެ. އަދި ތިބާ ދިރިހުރަމަށް ﷲ އިރާދަކުރައްވައިފި ނަމަ، އެ ދެ މީހުން ތިބާގެ ގާތުގައި މުސްކުޅިވި ފަދައިން، ތިބާ ވެސް ތިބާގެ ދަރިންގެ ގާތުގައި މުސްކުޅިވާނެއެވެ. އަދި ތިބާގެ ހެޔޮކޮށްހިތުމަށް އެ ދެ މީހުން ބޭނުންޖެހުނު ފަދައިން، ތިބާގެ ދަރިން ތިބާއާ މެދު ހެޔޮކޮށް ހިތުމަށް ތިބާ ވެސް ބޭނުންޖެހޭނެއެވެ. ފަހެ ތިބާ އެ ދެ މީހުންނަށް ހެޔޮކޮށް ހިތައިފައިވާ ނަމަ، މަތިވެރި ދަރުމައާއި އެ ކަމާ އެއްފަދަ ޖަޒާއެއްގެ އުފާވެރި ޚަބަރު ލިބިގަންނާށެވެ. އެހެނީ އެ މީހެއްގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާ މީހަކާ މެދު، އެ މީހެއްގެ ދަރިން ވެސް ހެޔޮކޮށް ހިތާނެއެވެ. އަދި މައިންބަފައިންނަށް އުރެދޭ މީހެއްގެ ދަރިން އެ މީހަކަށް ވެސް އުރެދޭނެއެވެ. އަދި ކުރާ ކަމަކާ އެއްފަދައިން ޖަޒާ ލިބޭނެއެވެ. ފަހެ ތިބާ އަމަލުކުރާ ފަދައިން ތިބާއާ މެދު ވެސް އަމަލުކުރެވޭނެއެވެ.
އަދި ހަމަކަށަވަރުން ﷲ ވަނީ، މައިންބަފައިންގެ ހައްގުގެ މަގާމު ވަރަށް މަތިވެރި އަދި މާތް މަގާމެއްގެ ގޮތުގައި ލައްވާފައެވެ. އެއީ ﷲ އާއި އެ އިލާހުގެ ރަސޫލު ﷺ ގެ ހައްގު ހިމެނޭ، ﷲ ގެ ހައްގަށް ފަހު އޮންނަ ހައްގެއްގެ ގޮތުގައި، އެ ދެ މީހުންގެ ހައްގު ލައްވައިގެންނެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَاعْبُدُواْ اللّهَ وَلاَ تُشْرِكُواْ بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا﴾ [النساء: 36] މާނައީ: ”އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި އެ އިލާހާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި އިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ.“ މި އާޔަތެވެ. އަދި ﷲ ވަހީކުރެއްވިއެވެ: ﴿أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِير﴾ [لقمان: 14] މާނައީ: ”ތިބާ ތިމަން އިލާހަށް ޝުކުރުކުރާށެވެ. އަދި ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ. އެނބުރި އައުން ވަނީ ތިމަން އިލާހުގެ ހަޒްރަތަށެވެ.“ އަދި ﷲ ގެ މަގުގައި ކުރާ ޖިހާދުގެ މައްޗަށް، މައިންބަފައިންނާ މެދު ހެޔޮކޮށް ހިތުން، ނަބީ ﷺ އިސްކުރެއްވިއެވެ. އެއީ އިބްނު މަސްޢޫދު رَضِيَ اللَّهُ عَنْهُ ގެ ޙަދީޘްގައި ވާ ފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލެވެ. ﷲ އަށް އެންމެ ލޮބުވެތި އަމަލަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ”ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ.“ އަހަރެން ދެންނެވީމެވެ: ދެން ކޮން ކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ”މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ.“ އަހަރެން ދެންނެވީމެވެ: ދެން ކޮން ކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ”ﷲ ގެ މަގުގައި ޖިހާދުކުރުމެވެ.“ ރިވާކުރީ ބުޚާރީއާއި މުސްލިމެވެ. އަދި މީގެން މައިންބަފައިންގެ ހައްގުގެ މުހިއްމުކަން ދަލީލުކޮށްދެއެވެ. ގިނަ މީސްތަކުން ވަނީ އެ ހައްގު ގެއްލުވާލާފައެވެ. އަދި އެ މީހުން ވަނީ އުރެދުމާއި ގުޅުން ކެނޑުމަށް ގޮސްފައެވެ. ފަހެ އެފަދަ މީހަކު، އޭނާގެ މަންމައާއި ބައްޕައަށް އެއްވެސް ހައްގެއް ވާކަމަށް ދެކެނިކޮށް ތިބާއަކަށް ނުފެންނާނެއެވެ. އަދި ފަހަރުގައި އެ ދެ މީހުންނަށް ދެރަކޮށް ހިތާ، ނިކަމެތިކޮށް ހަދާ، އެ ދެ މީހުންގެ މައްޗަށް ބޮޑާވެގަނެ ވެސް ދާނެއެވެ. އަދި މި ފަދަ މީހަކަށް އެ މީހެއްގެ ޖަޒާ އަވަހަށް ނުވަތަ ފަހުން ވިޔަސް ލިބޭނެކަށް ކަށަވަރެވެ.
*
ހަތަރުވަނަ ހައްގު: ދަރިންގެ ހައްގު
ދަރިންގެ ތެރޭގައި އަންހެން އަދި ފިރިހެން ދަރިން ވެސް ހިމެނެއެވެ. އަދި ދަރިންގެ ހައްގުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ތަރުބިއްޔަތުކުރުމެވެ. އަދި އެއީ އެ ކުދިންގެ ހިތްތަކުގައި ދީނާއި އަޚްލާގު އަށަގެންނެވުމެވެ. އޭގެ ބޭނުމަކީ، އެ ކަންކަމުގައި އެ ކުދިން މަތިވެރި ދަރަޖައެއްގައި ތިބުމެވެ. ﷲ ތަޢާލާ ވަވަހީކުރެއްވިއެވެ: ﴿يَاأَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ﴾ [التحريم:6] މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން (އެބަހީ: އާއިލާ) ނަރަކައިގެ އަލިފާނުން ސަލާމަތްކުރާށެވެ. އެ އަލިފާނުގެ ދަރަކީ މީހުންނާއި ހިލައެވެ.“ މި އާޔަތެވެ. އަދި ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިޔަ ހުރިހާ މީހުންނަކީ ވެސް ބަލަހައްޓާ މީހުންނެވެ. އަދި ތިޔަ ހުރިހާ މީހުން ވެސް އެ މީހުން ބަލަހައްޓާ ބަޔަކާމެދު ސުވާލުކުރެވޭނެއެވެ. އަދި ފިރިމީހާއަކީ އޭނާގެ އަހުލުވެރިންގެ ބަލަދުވެރިޔާއެވެ. އަދި އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާމެދު އޭނާއާ ސުވާލުކުރެވޭނެއެވެ.“ ފަހެ ދަރިންނަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އަމާނާތެކެވެ. ގިޔާމަތް ދުވަހު އެ ދަރިންނާމެދު މައިންބަފައިންނާ ސުވާލުކުރެވޭނެއެވެ. އަދި ދީނީ އަދި އަޚްލާގީ ތަރުބިއްޔަތަކުން އެ ދަރިން ތަރުބިއްޔަތުކުރުމުން، އެ ކުދިން ބެލެހެއްޓުމުގެ ޒިންމާ މައިންބަފައިންނަށް އަދާކުރެވި، ދަރިން ވެސް އިސްލާހުވާނެއެވެ. އޭރުން ދުނިޔެއާއި އާޚިރަތުގައި ވެސް އެ ކުދިންނަކީ މައިންބަފައިންގެ ލޮލުގެ ފިނިކަން ކަމުގައި ވެގެންދާނެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُم بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُم مِّنْ عَمَلِهِم مِّن شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِين﴾ [الطور:21] މާނައީ: ”އަދި އީމާންވި މީހުންނާއި، އެ މީހުންގެ ދަރިން ވެސް އީމާންކަމާއެކު އެ މީހުންނާ ތަބާވި މީހުން (ދަންނައެވެ.) ތިމަން އިލާހު، އެ މީހުންގެ ދަރިން ވެސް އެ މީހުންނާ އެއް ދަރަޖައިގައި (ސުވަރުގޭގައި) ލައްވާހުށީމެވެ. އަދި އެ މީހުންގެ އަމަލުތަކުން އެއްވެސް މިންވަރެއް ތިމަން އިލާހު އުނި ނުކުރައްވާހުށީމެވެ. ކޮންމެ މީހަކު ވެސް އޭނާ ހޯދި އަމަލަކަށް ވަނީ ރަހީނުވެފައެވެ. (އެބަހީ: އެހެން މީހެއްގެ ފާފައެއް ނުއުފުލާނެއެވެ.)“ {أَلَتْنَاهُم} ގެ މާނައަކީ: ތިމަން އިލާހު، އެ މީހުންގެ ކިބައިން އުނި ނުކުރައްވާހުށީމެވެ. އަދި ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”އާދަމުގެ ދަރިޔާ މަރުވާ ހިނދު، ތިން ކަމަކުން މެނުވީ އޭނާގެ އަމަލުތައް ކެނޑިގެންދެއެވެ: (އެއީ) ދެމިގެންވާ ސަދަގާތެކެވެ. ނުވަތަ އޭނާއަށް ފަހު (މީސްތަކުންނަށް) މަންފާކުރާނެ އިލްމެކެވެ. ނުވަތަ އޭނާއަށް ޓަކައި ދުއާކުރާނެ ސާލިހު ދަރިއެކެވެ.“ މިއީ ކުއްޖާ އަދަބުވެރިކޮށް ރަނގަޅަށް ތަރުބިއްޔަތަކުން ތަރުބިއްޔަތުކުރެވުމުގެ ނަތީޖާއެކެވެ. އެ ގޮތުން މައިންބަފައިން މަރުވެގެންދާ ފަހުން ވެސް، އެ ކުދިންގެ ސަބަބުން އެ މައިންބަފައިންނަށް މަންފާކުރާނެވެ.
އަދި ހަމަކަށަވަރުން މިއަދު ވަރަށް ގިނަ މައިންބަފައިން ވަނީ މި ހައްގާމެދު އިހާނަތްތެރިވެފައެވެ. އެ ގޮތުން އެ މީހުންގެ ދަރިން ނާގާލައި އެ ކުދިން ހަނދާންނައްތާލާފައި ވެއެވެ. އެ ކުދިންނާ މެދު އެ މީހުންގެ އެއްވެސް ޒިންމާއެއް ނެތް ފަދައިންނެވެ. އެ ކުދިން ދިޔައީ ކޮން ތާކަށްތޯ، އައީ ކޮން އިރަކުތޯ ވެސް އެ މީހުން ސުވާލެއް ނުކުރެއެވެ. އަދި އެ ކުދިންގެ ރައްޓެހިންނާއި އެކުވެރިންނަކީ ކޮން ބައެއްތޯ ސުވާލެއް ނުކުރެއެވެ. އަދި ހެޔޮ ކަންކަމަށް އެ ކުދިންނަށް އިރުޝާދެއް ނުދެއެވެ. އަދި ނުބައި ކަންކަމުން އެ ކުދިން މަނައެއް ވެސް ނުކުރެއެވެ.
އަދި އަޖައިބުވެގެންވާ ކަމަކީ، މި މީހުންނަކީ އެ މީހުންގެ މުދާތައް ރައްކާތެރިކޮށް، އިސްތިސްމާރުކޮށް، ރޭގަނޑު ހޭލާހުރެ ވެސް އެ އިތުރަށް ރަނގަޅުކުރުމަށް ވަރަށް ބޮޑަށް ފަރުވާ ބަހައްޓާ ބަޔެއް ކަމެވެ. އަދި މި މީހުން އެ މުދާތައް އިސްތިސްމާރުކުރާ އިރު، ގިނަފަހަރު އެ ތަކެތި އެ ރަނގަޅުކޮށް ހަދާ ދެނީ ވެސް އެހެން މީހުންނަށެވެ. އެކަމަކު (އަމިއްލަ) ދަރިންގެ ކަންތަކަށް ބަލާއިރު، މި މީހުންނާ ބެހޭ ވެސް ކަމެއް ކަމުގައެއް ނުވެއެވެ. އެއީ އެ ކުދިން ރައްކާތެރިކޮށް ރަނގަޅަށް ބެލުމަކީ، ދުނިޔެއާއި އާޚިރަތުގައި ވެސް މާ އައުލާ އަދި ފައިދާހުރި ކަމަކަށް ވާއިރު ވެސް މެއެވެ. އަދި މައިންބަފައިން، އެ މީހުންގެ ދަރިންގެ ހަށިގަނޑަށް ކާނާއާއި ބުއިން ދީ، ފޭރާމުން ނިވާކޮށްދިނުން ވާޖިބުވާ ފަދައިން، ހަމަ އެ ކުދިންގެ ހިތަށް އިލްމާއި އީމާންކަމުގެ ތެރުބިއްޔަތު ދީ، ތަގުވާވެރިކަމުގެ ލިބާސް އެ ކުދިންގެ ފުރާނަގައި އަޅުވައިދިނުން ވެސް ވާޖިބެވެ. ފަހެ އެއީ އަދި މާ ރަނގަޅު ކަމެކެވެ.
އަދި ހަމަކަށަވަރުން ދަރިންގެ ހައްގުތަކުގެ ތެރޭގައި ހިމެނެނީ: އިސްރާފު ނުކޮށް އަދި އިހުމާލު ނުވެ، ރަނގަޅު ގޮތުގައި އެ ކުދިންނަށް ޚަރަދުކުރުމެވެ. އެހެނީ ހަމަކަށަވަރުން އެއީ އެ މައިންބަފައިންގެ މައްޗަށް ވާޖިބުވެގެންވާ ދަރިންގެ ހައްގެކެވެ. އަދި އެއީ އެ މީހަކަށް މުދަލުން ﷲ ދެއްވި ނިއުމަތްތަކަށް ޓަކައި ޝުކުރުވެރިވުމުގެ ތެރެއިން ހިމެނޭ ކަމެއް ވެސް މެއެވެ. އާޚިރުގައި އޭނާ މަރުވުމުން، އެ އެއްކުރިހާ މުދަލެއް އެ ކުދިން އަތުލާނެ އިރު، ދެން އެ މީހަކު ދިރިހުއްޓާ، އެ ކުދިންނަށް މުދާ ނުދީ މަނާކޮށް، އޭގެން އެ ބަޚީލުވަނީ ކޮންފަދައަކުންހެއްޔެވެ؟ އަދި އޭނާ ބަޚީލުވެ އެ ކުދިންގެ މައްޗަށް ދޭންޖެހޭ ވާޖިބު މިންވަރުން ނުދިނެއް ކަމަކު، އެ ކުދިންނަށް ބޭނުން ޖެހޭ މިންވަރަށް، އޭނާގެ މުދަލުން ހެޔޮ ގޮތުގައި ނެގުމުގެ ހައްގު އެ ކުދިންނަށް ލިބިގެންވެއެވެ. އެއީ ރަސޫލު ﷲ ﷺ، ހިންދު ބިންތު ޢުތްބާ رَضِيَ اللَّهُ عَنْهَا އަށް ފަތުވާދިން ފަދައިންނެވެ.
އަދި ދަރިންގެ ހައްގުތަކުގެ ތެރޭގައި ހިމެނެނީ: ދޭ ތަކެއްޗާއި ހަދިޔާތަކުގައި، އެއިން އެއްވެސް ކުއްޖަކު އަނެއް ކުއްޖެއްގެ މައްޗަށް އިސްނުކުރުމެވެ. އެ ގޮތުން އޭނާގެ ދަރިންގެ ތެރެއިން އެއް ބަޔަކަށް އެއްޗެއް ދީފައި، އަނެއް ބަޔަކަށް ނުދީ މަހްރޫމް ނުކުރާށެވެ. އެހެނީ ހަމަކަށަވަރުން އެއީ އަނިޔާވެރިކަމާއި އިންސާފުވެރިނުވުމެވެ. އަދި ﷲ އަނިޔާވެރިން ދެކެ ލޯބިވެވޮޑި ނުގަންނަވައެވެ. އަދި އެއީ ހަމަކަށަވަރުން އެ ކަމުގެ ސަބަބުން މަހްރޫމްވެފައިވާ ކުދިން ނަފްރަތްތެރިވުމަށާއި، އެ ކުދިންނާ އަދި ހަދިޔާ ލިބިފައިވާ ކުދިންނާ ދެމެދު އަދާވާތްތެރިކަން އުފެދުމަށް މަގުފަހިވާތީއެވެ. އަދި ކިއެއް، ފަހަރެއްގައި މަހްރޫމްވެފައިވާ ކުދިންނާއި އެ ކުދިންގެ ބަފައިންނާ ދެމެދުގައި ވެސް އަދާވާތްތެރިކަން އުފެދިދާނެއެވެ.
އަދި ބައެއް މީހުން ކުރާ ކަމަކީ، އެ މީހުންގެ ދަރިންގެ ތެރެއިން އެކަކު، އެހެން ދަރިންނާ ޚިލާފަށް، މައިންބަފައިންނަށް ހެޔޮކޮށް ހިތާ އޯގާތެރިވާތީ، އެ ކަމުގެ ސަބަބުން އެ ކުއްޖާއަށް ޚާއްސަކޮށް ހަދިޔާއާއި އެހެން ތަކެތި ދެއެވެ. ނަމަވެސް މި ކަމާ ހެދި އެ ކުއްޖާ ޚާއްސަކުރާކަށް ނުވާނެއެވެ. އެހެނީ ހެޔޮކޮށް ހިތާ ކުއްޖާއަށް، އޭނާގެ ހެޔޮކޮށްހިތުމުގެ ބަދަލުގައި (އިތުރު އެއްޗެއް) ދިނުން ހުއްދަވެގެން ނުވެއެވެ. އެހެނީ އޭނާގެ ހެޔޮކޮށްހިތުމުގެ އަޖުރު ދިނުން ވަނީ ﷲގެ ހަޒްރަތުންނެވެ. އަދި ހެޔޮކޮށް ހިތާ ކުއްޖާއަށް ތަކެތި ދިނުމުގައި އިސްކަން ދިނުމުގެ ސަބަބުން، އޭނާގެ ހެޔޮކޮށް ހިތުމާ ހެދި އަމިއްލަ ނަފްސާމެދު އަޖައިބުވެ، އޭނާއަށް މާތްކަމެއް ވާކަމަށް ދެކި، އަދި ދެން ތިބި ކުދިން ނަފުރަތުވެ، މައިންބަފައިންނަށް އުރެދުމުގައި ދެމިހުރުމަށް މަގުފަހިވެދާނެއެވެ. އެއަށްފަހު ހަމަކަށަވަރުން އަހަރެމެންނަކަށް ކަން ވާނެ ގޮތެއް ނޭނގެއެވެ. ފަހަރެއްގައި ހާލަތްތައް ބަދަލުވެ، ހެޔޮކޮށް ހިތާ ކުއްޖާ އުރެދޭ ކުއްޖަކަށް ބަދަލުވެ، އަދި އުރެދޭ ކުއްޖާ ހެޔޮކޮށް ހިތާ ކުއްޖަކަށް ބަދަލުވެދާނެއެވެ. އެހެނީ ހިތްތައް ވަނީ ﷲ ގެ އަތްޕުޅުގައެވެ. އެ އިލާހު އިރާދަކުރައްވާ ގޮތަކަށް އެ ހިތްތައް ބަދަލުކުރައްވައެވެ.
އަދި ދެ ސަހީހު (އެބަހީ: ބުޚާރީއާއި މުސްލިމް) ގައި، ނުޢުމާން ބިން ބަޝީރުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އޭނާގެ ބައްޕަ ބަޝީރު ބިން ސަޢްދު، އޭނާއަށް އަޅަކު ހަދިޔާކުރިއެވެ. ދެން ބަޝީރު، އެ ކަމުގެ ޚަބަރު ނަބީ ﷺ އަށް ދިނެވެ. ފަހެ ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިބާގެ ހުރިހާ ދަރިންނަށް މި ފަދައިން ހަދިޔާ ދިނިންހެއްޔެވެ؟“ އޭނާ ދެންނެވިއެވެ: ނޫނެކެވެ. ދެން ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ފަހެ އެ އަނބުރާ ގެންދާށެވެ.“ އަދި އެހެން ރިވާޔަތެއްގައި ވެއެވެ: ”ތިޔަބައިމީހުން ﷲ އަށް ތަގްވާވެރިވާށެވެ. އަދި ތިޔަބައިމީހުންގެ ދަރިންގެ މެދުގައި އަދުލުވެރިވާށެވެ.“ އަދި އެހެން ލަފްޒަކުން އައިސްފައި ވެއެވެ: "މި ކަމުގެ މައްޗަށް ތިމަން ކަލޭގެފާނު ނޫން އެހެން މީހަކު ހެކިކުރުވާށެވެ. އެހެނީ ހަމަކަށަވަރުން އަނިޔާވެރިކަމުގެ މައްޗަށް ތިމަން ކަލޭގެފާނު ހެކި ނުވާނަމެވެ.“ ފަހެ ބައެއް ދަރިން، އަނެއްބައި ދަރިންގެ މައްޗަށް އިސްކުރުމަކީ، އަނިޔާވެރިކަން ކަމުގައި ރަސޫލު ﷲ ﷺ ނަންދެއްވިއެވެ. އަދި އަނިޔާވެރިކަމަކީ ބޭއިންސާފެކެވެ. އަދި ހަރާމް ކަމެކެވެ.
ނަމަވެސް އެ ކުދިންގެ ތެރެއިން ކުއްޖަކަށް، އޭނާ ބޭނުންޖެހޭ އެއްޗެއް ދީފައި، ދެވަނަ ކުއްޖަކު އެ އެއްޗެކަށް ބޭނުން ނުޖެހޭ ނަމަ، ފަހެ ކުރިން ދެންނެވުނު ކުއްޖާއަށް ބޭނުން ޖެހޭ އެއްޗެހި ވަކިން ދިނުމަކީ މައްސަލައެއް ނޫނެވެ. މިސާލަކަށް ދަރިންގެ ތެރެއިން ކުއްޖަކަށް ކިޔަވާ ސާމާނު ނުވަތަ ބޭސްފަރުވާ ނުވަތަ ކައިވެންޏަށް ބޭނުންޖެހިފައި ވުމެވެ. އެހެނީ ހަމަކަށަވަރުން އެ ފަދައިން މި ޚާއްސަކުރަނީ ހާޖަތަކަށް ޓަކައެވެ. އެހެންކަމުން އެ ވާނީ (ކުރަން ޖެހޭ) ޚަރަދެއް ފަދައިންނެވެ.
އަދި ދަރިއަކަށް ޓަކައި ތަރުބިއްޔަތާއި ޚަރަދުކުރުމުގެ ގޮތުން ބައްޕަގެ ކިބައިން ވާޖިބުވެގެންވާ ކަންކަމައިގެން އޭނާ ގާއިމުވެއްޖެ ހިނދު، ފަހެ ހަމަކަށަވަރުން އެ ދަރިއަކު އޭނާގެ ބައްޕައަށް ހެޔޮކޮށް ހިތުމަށާއި، އޭނާގެ ހައްގުތައް ރިއާޔަތްކުރުމަށް ތައުފީގު ދެއްވުމަކީ ގާތްވެގެންވާ ކަމެކެވެ. އަދި (އެއާ ޚިލާފަށް) ބައްޕަގެ ކިބައިން ވާޖިބުވެގެންވާ އެ ކަންކަމުގައި އޭނާ އިހުމާލުވެއްޖެ ނަމަ، އުގޫބާތްލިބުމާއި، އެ ދަރިއަކު އޭނާގެ ބައްޕަގެ ހައްގަށް އިންކާރުކުރުމާއި، އަދި (އެ ބައްޕަގެ) އަމަލާ އެއްފަދަ ޖަޒާއެއްގެ ގޮތުގައި އެ ދަރިއަކު އޭނާއަށް އުރެދުމުގެ މުސީބާތުން އިމްތިހާނުކުރެވުމަކީ، ގާތްވެގެންވާ ކަމެކެވެ. އަދި ތިބާ ކަންތައް ކުރާ ގޮތަކަށް ތިބާއާމެދު ވެސް ކަންތައް ކުރެވޭނެއެވެ.
*
ފަސްވަނަ ހައްގު: ގާތްތިމާގެ މީހުންގެ ހައްގުތައް
އެއީ ތިބާއާ ގާތްތިމާގެކަމުން ގުޅިފައިވާ މީހުންނަށް ވާ ހައްގެވެ.އެއީ އަޚާއި، ބައްޕަ ފަރާތު ބޮޑުބޭބެއިންނާއި، މަންމަ ފަރާތު ބޮޑުބޭބެއިންނާއި، އަދި އެ މީހުންގެ ދަރިން ފަދަ މީހުންނެވެ. އަދި ތިބާއާ ތިމާގެކަމުން ގުޅުމަކުން ނިސްބަތްވާ ކޮންމެ މީހަކު ވެސް މެއެވެ. އެ މީހެއްގެ ތިމާގެކަން ހުރި މިންވަރަކުން، މި ތިމާގެކަމުގެ ހައްގު އެ މީހަކަށް ލިބިގެންވެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَآتِ ذَا الْقُرْبَى حَقَّهُ﴾ [الإسراء:26] މާނައީ: ”އަދި ގާތްތިމާގެ މީހާއަށް އޭނާގެ ހައްގު ދޭށެވެ.“ މި އާޔަތެވެ. އަދިވެސް ވަހީކުރެއްވިއެވެ: ﴿وَاعْبُدُواْ اللّهَ وَلاَ تُشْرِكُواْ بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَى﴾ [النساء:36] މާނައީ: ”އަދި ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އަދި އެ އިލާހާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ. އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތާށެވެ.“ އެހެންކަމުން ކޮންމެ ގާތްތިމާގެ މީހަކު ވެސް، އޭނާގެ ތިމާގެ މީހުންނާ ހެޔޮ ގޮތުގައި ގުޅުން ބަދަހިކުރަންޖެހެއެވެ. އެއީ މަގާމުގެ އެހީތެރިކަމާއި، ޖިސްމާނީ އެހީތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދީގެންނެވެ. އަދި އެއީ ތިމާގެކަމުގެ ގުޅުމުގެ ބޮޑުކަމާއި، ހާޖަތާ އެކަށީގެންވާ މިންވަރަކުންނެވެ. އަދި ޝަރީއަތާއި، ބުއްދިއާއި، ފިތުރަތުގައި ވެސް އޮތް ގޮތަކީ މިއީއެވެ.
އަދި ހަމަކަށަވަރުން ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރުމަށް ބާރުއަޅާ ހިތްވަރުދޭ ގިނަގުނަ ނައްސުތަކެއް އައިސްފައިވެއެވެ. އަދި ސަހީހައިންގައި، އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”ހަމަކަށަވަރުން ﷲ، މަޚްލޫގުން ޚަލްގުކުރެއްވިއެވެ. ދެން އެއުރެން ޚަލްގުކުރެއްވުން ނިމިވަޑައިގަތުމުން، ރަހިމު ތެދުވެ ދެންނެވިއެވެ: މިއީ (ރަހިމުގެ ގުޅުން) ކެނޑުމުން ރައްކާތެރިކަން އެދި، އިބަ އިލާހުގެ ހަޒްރަތުގައި ދަންނަވާ ފަރާތެއްގެ ތެދުވުމެވެ. ދެން ﷲ ވަހީކުރެއްވިއެވެ: އާއެކެވެ. ތިބާ ގުޅުވައިފި މީހަކާ، ތިމަން އިލާހު ގުޅުން ބަދަހިކުރައްވާ، އަދި ތިބާއާ ގުޅުން ކަނޑާލާ މީހަކާ، ތިމަން އިލާހު ގުޅުން ކަނޑުއްވާލެއްވުމަށް، ތިބާ ނުރުހޭނަމުހެއްޔެވެ؟ އެ ރަހިމު ދެންނެވިއެވެ: އަދި ކިއެއްތޯއެވެ. (ރުހޭނަމެވެ.) އެ އިލާހު ވަހީކުރެއްވިއެވެ: ފަހެ އެ ކަން ވަނީ ތިބާއަށެވެ.“ އަދި ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އެ މީހެއްގެ ރަހިމުގެ ގުޅުން ބަދަހިކުރާ ހުށިކަމެވެ.“
އަދި ގިނަ މީސްތަކުން ވަނީ މި ހައްގު ގެއްލުވައިލާ، އޭގައި އިހުމާލުވެފައެވެ. އެ މީހުންކުރެ މީހަކު، އޭނާގެ ގާތްތިމާގެ މީހުންނާ ގުޅުމެއް ނުބާއްވާ ތަން ތިބާއަށް ފެންނާނެއެވެ. އެއީ މުދަލަކުން، ނުވަތަ މަގާމަކުން، ނުވަތަ ހެޔޮ އަޚްލާގަކުން ވިޔަސް މެއެވެ. ދުވަސްތަކާއި މަސްތައް ފާއިތުވެގެން ދާއިރު، އެ މީހުން ދެކިވެސް ނުލާނެއެވެ. އަދި އެ މީހުންނަށް ޒިޔާރަތެއް ވެސް ނުކުރާނެއެވެ. އަދި ލޯބި އާލާކޮށް ހަދިޔާއެއް ވެސް ނުދޭނެއެވެ. އަދި ޟަރޫރަތެއް ނުވަތަ ހާޖަތެއް ވެސް އެ މީހުންނަށް ފުއްދައެއް ނުދޭނެއެވެ. އަދި ކިއެއް، ފަހަރެއްގައި ބަހުން ނުވަތަ އަމަލުން، ނުވަތަ ބަހާއި އަމަލާ ދޭތިން ވެސް، އެ މީހުންނާމެދު ނުބައިކޮށް ކަންތައް ކޮށްފާނެއެވެ. (އަދި) އެ ފަދަ މީހަކު، ދުރު މީހަކާ ގުޅުން ބަދަހިކޮށް، ގާތްތިމާގެ މީހާއާ ގުޅުން ކަނޑާލަފާނެއެވެ.
އަދި މީހުންގެ ތެރެއިން، ބައެއް މީހުން ގާތްތިމާގެ މީހުންނަށް ހެޔޮކޮށްހިތަނީ، ހަމައެކަނި އެ މީހުން އޭނާއަށް ހެޔޮކޮށްހިތާ ނަމައެވެ. އަދި އެ މީހުން އޭނާއާ ގުޅުން ކަނޑާލައިފި ނަމަ، އޭނާ ވެސް އެ މީހުންނާ ގުޅުން ކަނޑާލައެވެ. ނަމަވެސް މިއީ ހަގީގަތުގައި ގުޅުން ބަދަހިކުރުމެއް ނޫނެވެ. މިއީ ހަމައެކަނި ހެޔޮކަމެއްގެ ބަދަލުގައި އެ ފަދަ ކަމެއް އަނބުރާ ކޮށްދިނުމެވެ. އަދި މި ކަން ގާތްތިމާގެ މީހުންނަށާއި އެހެން މީހުންނަށް ވެސް ކުރެވިދާނެއެވެ. އެހެނީ ހަމަކަށަވަރުން ހެޔޮކަމެއްގެ ބަދަލުގައި އެ ފަދަ ކަމެއް ކުރުން ގާތްތިމާގެ މީހުންނަށް ޚާއްސަވެގެން ނުވެއެވެ. އަދި ހަގީގީ ގުޅުން ބަދަހިކުރުމަކީ، ﷲ އަށް ޓަކައި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރުމެވެ. އަދި އެ މީހުން އޭނާއާ ގުޅުން ބަދަހިކުރިޔަސް ނުކުރިޔަސް އެ ކަމަކަށް އަޅައެއް ނުލައެވެ. ޞަޙީޙު ބުޚާރީގައިވާ ފަދައިން، ޢަބްދު ﷲ ބިން ޢަމްރު ބިން އަލްޢާޞް رَضِيَ اللَّهُ عَنْهُمَا ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”ގުޅުން ބަދަހިކުރުމަކީ، ހެޔޮކަމަށް ހެޔޮކަމެއް ކޮށްދިނުމެއް ނޫނެވެ. އެހެނެއްކަމަކު، ގުޅުން ބަދަހިކުރާ މީހަކީ، ތިމާގެ މީހާ އޭނާއާ ގުޅުން ކަނޑާލުމުން ވެސް، އޭނާއާ ގުޅުން ބަދަހިކުރާ މީހާއެވެ.“ އަދި މީހަކު އެކަލޭގެފާނާ ސުވާލުކޮށް ދެންނެވިއެވެ: ”އޭ ﷲގެ ރަސޫލެވެ. ހަމަކަށަވަރުން އަހަރެންގެ ގާތްތިމާގެ ބަޔަކު ވެއެވެ. އަހަރެން އެ މީހުންނާ ގުޅުން ބަދަހިކުރަމެވެ. ނަމަވެސް އެ މީހުން އަހަރެންނާ ގުޅުން ކަނޑާލައެވެ. އަދި އަހަރެން އެ މީހުންނަށް ހެޔޮކޮށްހިތަމެވެ. އެކަމަކު އެ މީހުން އަހަރެންނަށް ނުބައިކޮށް ހިތައެވެ. އަދި އަހަރެން އެ މީހުން ދެކެ ރުޅިނައިސް ކެތްތެރިވަމެވެ. އެކަމަކު އެ މީހުން އަހަރެންނާ މެދު ޖާހިލު ގޮތްތައް ދައްކައެވެ.“ ފަހެ ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިބާ ތިޔަ ބުނާ ގޮތަށް ކަންތައް ކުރާނަމަ، ފަހެ ތިބާ އެ މީހުންގެ އަނގައަށް ހޫނު އަޅި އަޅުވާ ފަދައެވެ. (އެބަހީ: ތިބާ އެހާ ރަނގަޅަށް ކަންތައް ކުރާއިރު ވެސް، އެ މީހުންގެ އަމަލުގެ ސަބަބުން އެ މީހުންނަށް ވަނީ ނިކަމެތިކަމާއި ފާފައެވެ.) އަދި ތިބާ އެ ގޮތުގައި ދެމިހުރިހާ ހިނދަކު، ﷲ ގެ ހަޒްރަތުން ތިބާއަށް އެ މީހުންގެ މައްޗަށް ނަސްރުދެއްވާނެ އެހީތެރިއަކު މެދުނުކެނޑި ވާނެއެވެ.“ ރިވާކުރީ މުސްލިމެވެ.
އަދި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރުމުގެ ސަބަބުން، އެހެން އެއްވެސް ފައިދާއެއް ނުލިބި، ހަމައެކަނި ހާސިލުވާ ފައިދާއަކީ، އެ ގުޅުން ބަދަހިކުރާ މީހާއަށް ﷲ ދުނިޔެއާއި އާޚިރަތުގައި ގުޅުން ބަދަހިކުރައްވާ، އޭނާއަށް އެ އިލާހުގެ ރަހުމަތް ދަމަހައްޓަވާ، އޭނާގެ ކަންތައްތައް ފަސޭހަކޮށްދެއްވާ، އަދި އޭނާގެ ދަތިކަންތައްތައް ފިލުވައިދެއްވުން ކަމުގައި ވީ ނަމަވެސް، އެ ވަރު ފުދުނީހެވެ. އަދި މީގެ އިތުރުން، ގާތްތިމާގެކަމުގެ ގުޅުން ބަދަހިކުރުމުގެ ސަބަބުން އާއިލާ ގާތްވެ، އެކަކު އަނެކަކު ދެކެ ލޯބިވެ، އެކަކު އަނެކަކަށް އޯގާތެރިވެ، އަދި އުފަލާއި ހިތާމައިގައި ވެސް އެކަކު އަނެކަކަށް އެހީތެރިވެ، އެ ކަންކަމުން ހާސިލުވާ އުފަލަކީ ތަޖުރިބާއިން އެނގިފައިވާ ކަމެކެވެ. އެހެންނަމަ ވެސް މި ހުރިހާ ފައިދާތަކެއް އިދިކޮޅަށް ޖެހި ގެއްލިގެންދާނީ ގުޅުން ކަނޑާލާ، ދުރުވުން މެދުވެރިވާ ހިސާބުންނެވެ.
*
ހަވަނަ ހައްގު: ދެމަފިރިންގެ ހައްގުތައް
ކާވެނިކުރުމުގެ މުހިއްމު ނަތީޖާތަކަކާއި، ބޮޑެތި ޒިންމާތަކެއް ވެއެވެ. އެއީ ފިރިމީހާއާއި އަނބިމީހާއާ ދެމެދު އޮންނަ ގުޅުމެކެވެ. މި ގުޅުމުގައި ކޮންމެ މީހަކަށްމެ އަނެކާގެ ހައްގުތަކެއް ލާޒިމުވެގެންވެއެވެ: ޖިސްމާނީ ހައްގުތަކާއި، އިޖްތިމާއީ ހައްގުތަކާއި، އަދި މާލީ ހައްގުތައް ވެސް މެއެވެ.
ފަހެ ދެމަފިރިންގެ މައްޗަށް ވާޖިބުވެގެންވަނީ، ދެ މީހުން އެކަކު އަނެކަކާއެކު ހެޔޮކޮށް (ރިވެތިކޮށް) މުއާމަލާތްކުރުމެވެ. އަދި ކޮންމެ މީހަކު ވެސް އަނެކާއަށް ދޭންޖެހޭ ހައްގު ދިނުމުގައި ހިތްހެޔޮކަމާއި ފަސޭހަކަމާއެކު އެ ކަން ކުރުމެވެ. އެއީ ދިނުމަށް ނުރުހި، ފަސްޖެހި ލަސްކުރުމަކާ ނުލައެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَعَاشِرُوهُنَّ بِالْمَعْرُوفِ﴾ [النساء:19] މާނައީ: ”އަދި ތިޔަބައިމީހުން ހެޔޮގޮތުގައި އެ ކަނބަލުންނާއެކު އުޅޭށެވެ.“ މި އާޔަތެވެ. އަދި ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ﴾ [البقرة:228] ”އަދި ޝަރުއީ ހަމައިން އެ ކަނބަލުންގެ މައްޗަށް ވާ (ފިރިންގެ) ހައްގުތަކާ އެއްފަދަ ހައްގުތަކެއް، (ފިރިންގެ ފަރާތުން) އެ ކަނބަލުންނަށް ވެސް ލިބިގެންވެއެވެ. އަދި ފިރިހެނުންނަށް އެ ކަނބަލުންގެ މައްޗަށް މަތިވެރިކަމެއް ލިބިގެންވެއެވެ.“ މި އާޔަތެވެ. އެއީ އަންހެނާ، އޭނަގެ ފިރިމީހާއަށް އަދާކުރަން ވާޖިބުވާ ކަންތައްތައް، ދޭން ޖެހުން ފަދައިންނެވެ.
އަދި ދެމަފިރިން ކުރެ ކޮންމެ މީހަކު ވެސް އަނެކާއަށް ދޭންޖެހޭ ހައްގުތައް އަދާކުރާ ނަމަ، އެ ދެމަފިރިންގެ ދިރިއުޅުން އުފާވެރިވެ، އެ ދެ މީހުން ގުޅިގެން އެއްކޮށް އުޅުން ދެމިގެންދާނެއެވެ. އަދި މި ކަން އޭގެ އިދިކޮޅަށް ހިނގާ ނަމަ، ޚިލާފުވުމާއި ޒުވާބުކުރުން ކުރިމަތިވެ، އެއިން ކޮންމެ މީހެއްގެ ދިރިއުޅުން ނުތަނަވަސްވެގެން ދާނެއެވެ.
އަދި އަންހެނުންނާމެދު ހެޔޮކޮށް ހިތުމަށާއި، އެ ކަނބަލުންގެ ހާލަތަށް ރިއާޔަތްކުރުމަށާއި، (އެއްވެސް މައްސަލައެއް ނެތް) ފުރިހަމަ ހާލަތެއްގައި (އެ ކަނބަލުން) ވުމަކީ ނުވާނެ ކަމެއްކަން ބަޔާންކޮށްދެއްވާ، ގިނަ ނައްސުތަކެއް އައިސްފައިވެއެވެ. ފަހެ ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”އަންހެނުންނަށް ތިޔަބައިމީހުން ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ވަސިއްޔަތްކުރަމެވެ. އެހެނީ ހަމަކަށަވަރުން އަންހެނާ ހެއްދެވިފައި ވަނީ އަރިކަށީގެ ކަށިގަނޑަކުންނެވެ. އަދި ހަމަކަށަވަރުން އެ ކަށިގަނޑުގެ އެންމެ ކަތި ބައަކީ އޭގެ މަތީ ބައެވެ. ފަހެ ތިބާ އެ ސީދާކުރަން އުޅެފިނަމަ، ތިބާއަށް އެ ބިންދާލެވޭނެއެވެ. އަދި ތިބާ އެ ދޫކޮށްލައިފިނަމަ، އެ ކަތިކޮށް ދެމިއޮންނާނެއެވެ. ވީމާ ތިޔަބައިމީހުން އަންހެނުންނަށް ހެޔޮކޮށް ހިތާށެވެ.“ އަދި އެހެން ރިވާޔަތެއްގައި ވެއެވެ: ”ހަމަކަށަވަރުން އަންހެނާ ހެއްދެވިފައި ވަނީ އަރިކަށީގެ ކަށިގަނޑަކުންނެވެ. އަދި ތިބާއަށް ޓަކައި އޭނާ ދުވަހަކު ވެސް ސީދާ ގޮތެއްގައި ނުހުންނާނެއެވެ. ފަހެ ތިބާ އޭނާއާއެކު އުފާވެރިކަން ހާސިލުކުރާ ނަމަ، ތިބާ އޭނާއާއެކު އުފާވެރިކަން ހާސީލުކުރާނީ، އޭނާގެ ކިބައިގައި ހުރި ކަތިކަމާއެކުގައެވެ. އަދި ތިބާ އޭނާ ސީދާކުރަން އުޅެފިނަމަ، ތިބާ އޭނާ ބިންދާލާނެއެވެ. އަދި އޭނާ ބިންދާލުމަކީ އޭނާ ވަރިވުމެވެ.“ އަދި ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”މުއުމިން ފިރިހެނަކު، މުއުމިން އަންހެނަކަށް ނަފުރަތެއް ނުކުރާނެއެވެ. އެ ކަނބުލޭގެ ކިބައިން އަޚްލާގު ކަމަކަށް އޭނާ ނުރުހުނު ކަމުގައިވިޔަސް، އެ ކަނބުލޭގެ ކިބައިގައި ހުރި އަޚުލާގުގެ އެހެން ކަމަކަށް އޭނާ ރުހޭނެއެވެ.“ (މިތާ) ”ލާ ޔަފްރަކު“ ގެ މާނައަކީ ނަފުރަތެއް ނުކުރާނެއެވެ. ފަހެ މި ޙަދީޘްތަކުގައި ވަނީ، ފިރިހެނަކު އަންހެނަކާ މުއާމަލާތް ކުރަންވީ ގޮތާމެދު، ނަބީ ﷺ އެކަލޭގެފާނުގެ އުއްމަތަށް ދެއްވާފައިވާ އިރުޝާދެވެ. އަދި ހަމަކަށަވަރުން އެ ކަނބުލޭގެ ކިބައިން ލިބެން ހުރި ކަންތައްތައް ނަގަންވާނެކަމެވެ. ސަބަބަކީ އެ ކަނބުލޭގެ ޚަލްގުކުރެވިފައިވާ ތަބީއަތަކީ، ފުރިހަމަ ގޮތުގައި އެ ކަނބުލޭގެ ނުހުރުމެވެ. އަދި ކިއެއް، އެ ކަނބުލޭގެ ކިބައިގައި އުނިކަމެއް ހުރުން ލާޒިމެވެ. އަދި ފިރިހެނަކަށް އެ ކަނބުލޭގެއާއެކު އުފާވެރިކަން ލިބެން ހުންނާނީ، އެ ކަނބުލޭގެ ޚަލްގުކުރެވިފައި އެ ހުރި ތަބީއަތުގެ މައްޗަށް އެކަންޏެވެ.
އަދި މި ޙަދީޘްތަކުގައި ވަނީ، އަންހެނުންގެ ކިބައިގައި ހުރި ރަނގަޅާއި ނުބައި ކަންތައް އިންސާނާ އަޅާކިޔަންވާނެކަމެވެ. އެހެނީ ހަމަކަށަވަރުން އަންހެނާގެ ކިބައިގައި ހުރި އަޚްލާގަކާމެދު އޭނާ ނުރުހޭ ނަމަ، ފަހެ އޭނާއަށް އޮތީ، އެ ކަނބުލޭގެ ކިބައިގައި ހުރި އޭނާ ރުހޭ އެހެން އަޚްލާގަކާ އެ ކަންތައް އަޅާކިޔުމެވެ. އަދި ހަމައެކަނި ނަފުރަތާއި ރުޅިވެރިކަމުގެ ނަޒަރަކުން އެ ކަނބުލޭގެއަށް އޭނާ ނުބަލާހުއްޓެވެ.
އަދި ހަމަކަށަވަރުން ގިނަ ފިރިންތައް ބޭނުންވަނީ އެންމެ ފުރިހަމަ ހާލުގައި އެ މީހުންގެ އަނބިން ވުމަށެވެ. ނަމަވެސް މިއީ ވާނެ ކަމެއް ނޫނެވެ. އަދި އޭގެ ސަބަބުން، އެ މީހުން ވޭނާއި ހިތާމައިގެ ތެރެއަށް ވެއްޓި، އެ މީހުންގެ އަނބިންގެ ކިބައިން އުފާވެރިކަމާއި އަރާމު ހޯދޭ ގޮތެއް ނުވެއެވެ. އަދި އެ ކަމުގެ ސަބަބުން ވަރިވެސް ވެދާނެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ: ”އަދި ތިބާ ގޮސް އެ ކަނބުލޭގެ ސީދާކުރަން އުޅެއްޖެ ނަމަ، އެ ކަނބުލޭގެ ބިންދައިގެންދާނެއެވެ. އަދި އެ ކަނބުލޭގެ ބިންދައިގެން ދިޔުމަކީ އެ ކަނބުލޭގެ ވަރިވުމެވެ.“ އެހެންކަމުން ފިރިމީހާ، އަނބިމީހާ ކުރާ ކަންތައްތަކަށް މާފުކޮށް ދޫދިނުން ރަނގަޅެވެ. އެއީ ދީނަށް ނުވަތަ ޝަރަފަށް އުނިކަމެއް ނުލިބޭނަމައެވެ.
އަދި ފިރިމީހާގެ މައްޗަށް، އަނބިމީހާއަށް ލިބިގެންވާ ހައްގުތަކުގެ ތެރޭގައި ހިމެނެއެވެ: ކާނާއާއި، ބުއިމާއި، ފޭރާމާއި، ހިޔާވަހިކަމާއި، އެ ނޫން ވެސް އެ ކަނބުލޭގެއަށް ވާޖިބު ޚަރަދުތައް ކޮށްދިނުމެވެ. އެއީ ﷲ ތަޢާލާގެ ވަހީ ބަސްފުޅަށް ޓަކައެވެ: ﴿وَعلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ﴾ [البقرة:233] މާނައީ: ”އަދި ކުއްޖާގެ ބައްޕަގެ މައްޗަށް ވާޖިބުވެގެން ވަނީ، އެކަށީގެންވާ ހެޔޮ ގޮތުގައި އެ ކަނބަލުންނަށް ކާންދިނުމާއި އަންނައުނު ދިނުމެވެ.“ އަދި ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”އަދި އެ ކަނބަލުންނަށް ކާނާއާއި އަންނައުނު ހެޔޮ ގޮތުގައި ދިނުމަކީ، ތިޔަބައިމީހުންގެ މައްޗަށް އޮތް ވާޖިބެކެވެ.“ އަދި އެކަލޭގެފާނާ ސުވާލުކުރެވުނެވެ: އަހަރެމެން ކުރެ މީހެއްގެ މައްޗަށްވާ، އޭނާގެ އަނބިމީހާގެ ހައްގަކީ ކޮބައިތޯއެވެ؟ ފަހެ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: ”ތިބާ ކާ ހިނދު، އެ ކަނބުލޭގެއަށް ވެސް ކާންދިނުމެވެ. އަދި ތިބާ ހެދުން ލާ ހިނދު، އެ ކަނބުލޭގެއަށް ވެސް ހެދުން ލައިދިނުމެވެ. އަދި މޫނުގައި ތިބާ ނުޖަހާށެވެ. އަދި މޫނު ހުތުރުކުރަން ނުބުނާށެވެ. އަދި ގޭގައި މެނުވީ އެ ކަނބުލޭގެ ހަޖުރުނުކުރާށެވެ.“ (އެބަހީ: އެ ކަނބުލޭގެ ބަސްނާހައިގެން ބޮއިކޮޓުކުރަން ޖެހިއްޖެނަމަ، ފަހެ އެއް އެނދެއްގައި އޮވެގެން ތިބާ އެ ކަނބުލޭގެއަށް ބުރަކަށި ދައްކާށެވެ. ނުވަތަ ނިދަން އެހެން ތަނަކަށް ތިބާ ދާށެވެ. ނަމަވެސް އެހެން ގެއަކަށް އެ ކަނބުލޭގެ ނުފޮނުވާށެވެ.) ރިވާކުރީ އަބޫ ދާވޫދެވެ.
އަދ ފިރިމީހާގެ މައްޗަށް، އަނބިމީހާއަށް ލިބިގެންވާ ހައްގުތަކުގެ ތެރެއިން ވެއެވެ: ފިރިމީހާއަށް ދެވަނަ އަތްނބަކު ވާނަމަ، އެ ދެ އަނބީންގެ މެދުގައި އަދުލުވެރިވުމެވެ. ޚަރަދުކުރުމާއި، ދިރިއުޅޭނެ ތަނެއް ދިނުއި، ނިދުމާއި، އަދި އޭނާއަށް އަދުލުވެރިވުމަށް ކުޅަދާނަވާ ހުރިހާ ކަމެއްގައި ހަމަހަމަކުރަންވާނެއެވެ. އެހެނީ ހަމަކަށަވަރުން އެ ކަނބަލުންކުރެ އެކަކަށް ބޮޑަށް ލެނބުމަކީ ބޮޑެތި ފާފައިގެ ތެރެއިން ފާފައެކެވެ. ނަބީ ﷺ ޙަދީޘް ކުރެއްވިއެވެ: ”މީހެއްގެ ދެ އަނބިން ހުރެފައި، އެ ދެ އަންހެނުންކުރެ އެކަކަށް އޭނާ ލެނބިއްޖެނަމަ، ގިޔާމަތް ދުވަހު އެ މީހަކު އަންނާނީ، އޭނާގެ އެއް ފަރާތް ލެނބިފައިވާ ހާލުގައެވެ.“ ދެން އަދުލުވެރި ނުވެވޭނެ ކަންތައްތަކަށް ބަލާއިރު؛ އެ ގޮތުން ލޯބިވުމާއި ނަފްސު ހިތްހަމަޖެހުން ފަދަ ކަންތައްތަކުގައި، ފަހެ ހަމަކަށަވަރުން އެ މީހެއްގެ މައްޗަށް ފާފައެއް ނެތެވެ. އެހެނީ ހަމަކަށަވަރުން މި ކަންތައްތައް ވަނީ އޭނާގެ ބާރުގެ ތެރޭގައެއް ނޫނެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَلَن تَسْتَطِيعُواْ أَن تَعْدِلُواْ بَيْنَ النِّسَاء وَلَوْ حَرَصْتُمْ﴾ [النساء:129] މާނައީ: ”އަދި ތިޔަބައިމީހުން ކިތަންމެ ގަދައަޅައި މަސައްކަތް ކުރިކަމުގައި ވިޔަސް، (ފުރިހަމަ ގޮތުގައި، ހުރިހާ ކަމެއްގައި) އަނބިންގެ މެދުގައި ހަމަހަމަކުރުމަށް ތިޔަބައިމީހުންނަކަށް ކުޅަދާނައެއް ނުވާނެއެވެ.“ އަދި ރަސޫލު ﷲ ﷺ، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން رَضِيَ اللَّهُ عَنْهُنَّ ގެ މެދުގައި، ކަންތައް ބެއްސެވުމުގައި ހަމަހަމަކުރައްވައެވެ. އަދި އެކަލޭގެފާނު (ދުއާކުރައްވާ) ވިދާޅުވެއެވެ: އޭ ﷲ އެވެ. މިއީ ތިމަން ކަލޭގެފާނަށް މިލްކުވެގެންވާ ކަންތަކުގައި، ތިމަން ކަލޭގެފާނު ބައްސަވާފައިވާ ގޮތެވެ. އެހެންކަމުން އިބަ އިލާހަށް މިލްކުވެގެންވާ އަދި ތިމަން ކަލޭގެފާނަށް މިލްކުވެގެންނުވާ ކަންތަކުގައި، ތިމަން ކަލޭގެފާނު ކުށްވެރި ނުކުރައްވާށިއެވެ."
އެހެނަސް، އަނބިންނަށް ދޭ ރޭތަކުގައި، އެއް އަތްނބެއްގެ ރުހުމުގައި، އަނެއް އަތްނބަކަށް އިތުރަށް ދީފިނަމަ، މައްސަލައެއް ނެތެވެ. އެއީ ރަސޫލު ﷲ ﷺ، ޢާއިޝާއަށް، އެ ކަމަނާގެ ދުވަހާއި ސައުދާގެ ދުވަސް ވެސް ބައްސަވާފައިވާ ފަދައިންނެވެ. އެއީ ސައުދާ، އެ ކަމަނާގެ ދުވަސް ޢާއިޝާއަށް ހިބަކޮށްދެއްވުމުންނެވެ. އަދި ރަސޫލު ﷲ ﷺ، އެކަލޭގެފާނު އަވަހާރަވީ އާލާސްކަންފުޅުގައި އޮންނަވައިގެން، ސުވާލުކުރައްވަމުން ގެންދެވިއެވެ: ”މާދަމާ ތިމަން ކަލޭގެފާނު ހުންނަންވީ ކޮންތާކުހެއްޔެވެ؟ މާދަމާ ތިމަން ކަލޭގެފާނު ހުންނަންވީ ކޮންތާކު ހެއްޔެވެ؟“ (އެބަހީ: ކޮން އަނބިކަނބަލެއްގެ ގެކޮޅެއްގައި ހެއްޔެވެ؟) ދެން އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން، އެކަލޭގެފާނު ބޭނުންފުޅު ތަނެއްގައި ހުންނެވުމަށް އިޒުނަދެއްވިއެވެ. ފަހެ އެކަލޭގެފާނު އަވަހާރަވަންދެން ހުންނެވީ ޢާއިޝާގެ ގެކޮޅުގައެވެ.
އަނބިމީހާގެ މައްޗަށްވާ ފިރިމީހާގެ ހައްގުތަކަށް ބަލާއިރު، އެ ހައްގުތައް، ފިރިމީހާގެ މައްޗަށްވާ އަނބިމީހާގެ ހައްގުތަކަށްވުރެ މާ ބޮޑެވެ. އެއީ ﷲ ތަޢާލާގެ ވަހީ ބަސްފުޅަށް ޓަކައެވެ: ﴿وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ﴾ [البقرة:228] މާނައީ: ”އަދި ޝަރުއީ ހަމައިން އެ ކަނބަލުންގެ މައްޗަށް ވާ (ފިރިންގެ) ހައްގުތަކާ އެއްފަދަ ހައްގުތަކެއް، (ފިރިންގެ ފަރާތުން) އެ ކަނބަލުންނަށް ވެސް ލިބިގެންވެއެވެ. އަދި ފިރިހެނުންނަށް އެ ކަނބަލުންގެ މައްޗަށް މަތިވެރިކަމެއް ލިބިގެންވެއެވެ.“ އަދި ފިރިހެނާއަކީ އަންހެނާގެ މައްޗަށް ހުންނަ ގައްވާމެކެވެ.(ބެލެހެއްޓުންތެރިއެކެވެ.) އޭނާ އަންހެނާގެ މަސްލަހަތް ހުރި ކަންކަމުގައި ގާއިމުވެ، އެ ކަނބުލޭގެ އަދަބުވެރިކޮށް، އިރުޝާދު ދެއެވެ. އެއީ ﷲ ތަޢާލާ ވަހީކުރެއްވި ފަދައިންނެވެ: ﴿الرِّجَالُ قَوَّامُونَ عَلَى النِّسَاء بِمَا فَضَّلَ اللّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُواْ مِنْ أَمْوَالِهِمْ﴾ [النساء:34] މާނައީ: ”ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށްވާ ގައްވާމުންނެވެ. (އެބަހީ: އެ ކަނބަލުންގެ މައްޗަށް އިސްވެ، ބާރުވެރިވެ، އެ ކަނބަލުން އަދަބުވެރިކޮށް ސީދާކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުމައިގެން އަބަދުމެ ގާއިމުވެ ތިބޭ ބަޔެކެވެ.) އެއީ ﷲ، އޭގެ އެއް ބަޔަކު (އެބަހީ: ފިރިހެނުން)، އަނެއް ބަޔެއް (އެބަހީ: އަންހެނުން) ގެ މައްޗަށް މާތްކުރައްވާ މޮޅުކުރައްވާފައިވާ ކަމަށް ޓަކައެވެ. އަދި އެ މީހުންގެ މުދަލުން (އަންހެނުންނަށް) ހޭދަކޮށްފައިވާ ކަމަށް ޓަކައެވެ.“
ފަހެ ފިރިމީހާގެ ހައްގުތަކުގެ ތެރެއިން އޭނާގެ އަނބިމީހާގެ މައްޗަށްވާ ހައްގުތަކަކީ: ﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައި އޭނާގެ އަމުރަށް ކިޔަމަންވުމެވެ. އަދި އޭނާގެ ސިއްރުތަކާއި މުދަލުގައި އޭނާއަށް ރައްކާތެރިވުމެވެ. ފަހެ ހަމަކަށަވަރުން ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”މީހަކު އެހެން މީހަކަށް ސަޖިދަކުރުމަށް ތިމަންކަލޭގެފާނު އަމުރުކުރާނަމަ، ހަމަކަށަވަރުން އަންހެނާ އޭނާގެ ފިރިމީހާއަށް ސަޖިދަކުރުމަށް ތިމަންކަލޭގެފާނު އަމުރުކުރެއްވީމުހެވެ.“ އަދި ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ” ފިރިހެނަކު، އޭނާގެ އަނބިމީހާ އޭނާގެ އެނދަށް އައުމަށް (އެބަހީ: ޖިމާއުވުމަށް) ގޮވާލުމުން، ފަހެ އެ ކަނބުލޭގެ އައުމަށް އިންކާރުކޮށް، ދެން އެ ކަނބުލޭގެއާމެދު ރުޅިއައިސްފައިވާ ހާލު އޭނާ ރޭގަނޑު ހޭދަކޮށްފިނަމަ، ފަތިސްވަންދެން މަލާއިކަތުން އެ ކަނބުލޭގެއަށް ލައުނަތްލައްވާނެއެވެ.“
އަދި އެ ކަނބުލޭގެ މައްޗަށްވާ އޭނާގެ ހައްގުތަކުގެ ތެރެއިން ވެއެވެ: އޭނާއަށް ފުރިހަމައަށް އަރާމު ލިބިގަތުން ގެއްލުވާލާނޭފަދަ އަމަލެއް ނުކުރުމެވެ. އެ ކަމަކީ އަޅުކަމުގެ ގޮތުން ކުރާ ސުންނަތް ކަމެއް ކަމުގައި ވިޔަސްމެއެވެ. އެއީ ނަބީ ﷺ ޙަދީޘް ބަސްފުޅަށް ޓަކައެވެ: ”އަންހެނަކަށް، އެ ކަނބުލޭގެ ފިރިމީހާ ހާޒިރުގައި ވަނިކޮށް، އޭނާގެ އިޒުނަޔާ ނުލާ ރޯދަހިފުން ހުއްދަވެގެން ނުވެއެވެ. އަދި އޭނާގެ އިޒުނަޔާ ނުލާ، އޭނާގެ ގެއަށް އެއްވެސް މީހަކު ވަނުމަށް އެ ކަނބުލޭގެ އިޒުނަދިނުން ވެސް ހުއްދަވެގެން ނުވެއެވެ.“
އަދި ހަމަކަށަވަރުން ރަސޫލު ﷲ ﷺ ވަނީ، ފިރިމީހާ، އޭނާގެ އަނބިމީހާއާ މެދު ރުހުން، އެއީ އެ ކަނބުލޭގެ ސުވަރުގެ ވަނުމުގެ ސަބަބެއް ކަމުގައި ލައްވާފައެވެ. ފަހެ ތިރުމިޛީ ރިވާކުރެއްވި ހަދީޘެއްގައި، އުއްމު ސަލަމާ رَضِيَ اللَّهُ عَنْهَاގެ އަރިހުން އައިސްފައިވެއެވެ. ހަމަކަށަވަރުން ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”އޭނާގެ ފިރިމީހާ، އޭނާއާ މެދު ރުހިގެންވާ ހާލު، މަރުވާ ކޮންމެ އަންހެނަކު ސުވަރުގެ ވަންނާނެއެވެ.“
*
ހަތްވަނަ ހައްގު: ވެރިންނާއި ރައްޔިތުންގެ ހައްގުތައް
ވެރިންނަކީ: މުސްލިމުންގެ ކަންތައްތަކުގެ މައްޗަށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ މީހުންނެވެ. އެ ވެރިކަމަކީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ ފަދައިން އާއްމު ވެރިކަމަކަށް ވިޔަސް، ނުވަތަ ވަކި އިދާރާއެއް ނުވަތަ ވަކި މަސައްކަތެއްގެ މައްޗަށް ހުންނަ ވެރިއެއް ފަދައިން ޚާއްސަ ވެރިކަމަކަށް ވިޔަސް މެއެވެ. މިއިން ކޮންމެ މީހަކަށް ވެސް، އެ މީހުންގެ ރައްޔިތުން އަދާކުރަން ވާޖިބުވާ ހައްގުތަކެއް ވެއެވެ. އަދި އެ މީހުންގެ ރައްޔިތުންނަށް ވެސް، އެ މީހުން އަދާކުރަން ޖެހޭ ހައްގުތަކެއް ވެއެވެ.
ފަހެ ވެރިންގެ މައްޗަށްވާ، ރައްޔިތުންގެ ހައްގުތަކަކީ: އެ ވެރިންގެ މައްޗަށް ﷲ ހަވާލުކުރައްވާފައިވާ އަދި އެ ކަންކަމައިގެން ގާއިމުވާން ލާޒިމްކުރައްވާފައިވާ އަމާނާތްތައް އަދާކުރުމެވެ. އެއީ ރައްޔިތުންނަށް ނަސޭހަތްތެރިވުމާއި، ދުނިޔެއާއި އާޚިރަތުގެ މަސްލަހަތުތައް ހިމާޔަތްކޮށްދެނިވި ސީދާ މަގުން އެ މީހުން ގެންދިއުމެވެ. އެއީ މުއުމިނުންގެ މަގަށް ތަބާވެގެންނެވެ. އެއީ ރަސޫލު ﷲ ﷺ ހުންނެވި މަގެވެ. ފަހެ ހަމަކަށަވަރުން އެ ވެރިންނަށާއި، އެ މީހުންގެ ރައްޔިތުންނަށާއި، އެ މީހުންގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބާއްޖަވެރިކަން ވަނީ އެ މަގުގައެވެ. އަދި މިއީ އެންމެ ބޮޑަށް ރައްޔިތުން އެ މީހުންގެ ވެރިންނާމެދު ރުހުން ހާސިލުކުރެވޭނެ ގޮތެވެ. އަދި އެ މީހުންގެ މެދުގައި ގުޅުން ގާއިމުކޮށް، އެ ވެރިންގެ އަމުރުތަކަށް ކިޔަމަންތެރިކޮށް، އެ މީހުންނާ ހަވާލުކުރާ ކަންކަމުގައި އަމާނާތްތެރިކަން ހިފެހެއްޓޭނެ އެންމެ ރަނގަޅު ގޮތެވެ. ފަހެ ހަމަކަށަވަރުން ﷲ އަށް ތަގްވާވެރިވާ މީހާއަށް، މީސްތަކުން ވެސް ބިރުވެތިވާނެއެވެ. އަދި ﷲ ރުއްސަވައިފި މީހާއަށް، މީސްތަކުންގެ ކަންކަމުން ﷲ އޭނާ ފުއްދަވައިދެއްވާ، އޭނާއާމެދު މީސްތަކުން ރުހޭ ގޮތް މެދުވެރިކުރައްވާނެއެވެ. އެހެނީ ހަމަކަށަވަރުން ހިތްތައް ވަނީ ﷲ ގެ އަތްޕުޅުގައެވެ. އެ އިލާހު އިރާދަކުރައްވާ ގޮތަކަށް އެ ހިތްތައް އަނބުރުއްވައެވެ.
އަދި ރައްޔިތުންގެ މައްޗަށްވާ ވެރިންގެ ހައްގުތަކައް ބަލާއިރު، ފަހެ އެއީ: އެ މީހުންގެ ކަންކަމުގައި ވެރިޔާ ބަލަހައްޓާ މަސްއޫލިއްޔަތުތަކުގައި އެ ވެރިންނަށް ނަސޭހަތްތެރިވުމެވެ. އަދި ޣާފިލުވެއްޖެނަމަ އެ ވެރިންނަށް ހަނދާންކޮށްދިނުމެވެ. އަދި ހައްގުން އެއްކިބާވެއްޖެނަމަ އެ ވެރިންނަށް ހެޔޮ ދުއާކުރުމެވެ. އަދި ﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައި އެ ވެރިންގެ އަމުރަށް ކިޔަމަންވުމެވެ. އެހެނީ ހަމަކަށަވަރުން ކަންކަން ހަރުދަނާވެ އިންތިޒާމުވުން ވަނީ އެ ފަދައިންނެވެ. އަދި އެ ވެރިންނާ ޚިލާފުވުމާއި އުރެދުމުގައި ވަނީ އަރާރުންވުން ފެތުރުމާއި ކަންކަން ފަސާދަވުމެވެ. އެހެންކަމުން ﷲ ވަނީ އެ އިލާހަށާއި، އެ އިލާހުގެ ރަސޫލަށާއި، އަދި ވެރިންނަށް ވެސް ކިޔަމަންވުމަށް އަމުރުކުރައްވާފައެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿يَاأَيُّهَا الَّذِينَ آمَنُواْ أَطِيعُواْ اللّهَ وَأَطِيعُواْ الرَّسُولَ وَأُوْلِي الأَمْرِ مِنكُمْ﴾ [النساء:59] މާނައީ: ”އޭ އީމާންވެއްޖެ މީހުންނޭވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށް ވެސް ކިޔަމަންވާށެވެ.“ މި އާޔަތެވެ. އަދި ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”މުސްލިމު މީހާގެ މައްޗަށް އޮތީ، އޭނާ ލޯބިވާ ލޯބިވާ ކަންކަމާއި ނުރުހޭ ކަންކަމުގައި ވެސް (ވެރިންގެ ބަސް) އަހައި ކިޔަމަންވުމެވެ. އެއީ ފާފައަކަށް އަމުރުކުރެވޭ ހިނދެއްގައި މެނުވީއެވެ. ފަހެ ފާފައަކަށް އަމުރުކޮށްފިނަމަ، ފަހެ (އެ ކަމަކަށް) އަޑުއެހުމެއް އަދި ކިޔަމަންވުމެއް ވެސް ނުވެއެވެ.“ މުއްތަފަގުން ޢަލައިހި.
އަދި ޢަބްދު ﷲ ބިން ޢަމްރު رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ. އަހަރެމެން، ރަސޫލު ﷲ ﷺ ގެ އަރިހުގައި ދަތުރެއްގައި ވީމެވެ. ފަހެ އަހަރެމެން ތަނެއްގައި މަޑުކޮށްލީމެވެ. ދެން ރަސޫލު ﷲ ﷺ ގެ ގޮވާލާ މީހާ ގޮވައިލައިފިއެވެ. ”ނަމާދަށް އެއްވަނީއެވެ.“ ދެން އަހަރެމެން ރަސޫލު ﷲ ﷺ ގެ އަރިހަށް އެއްވީމެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ހަމަކަށަވަރުން ﷲ ފޮނުއްވި ކޮންމެ ނަބިއްޔަކު ވެސް، އެ ނަބިއްޔެއްގެ އުއްމަތަށް، އެ ނަބިއްޔަކަށް އެނގިވަޑައިގަންނަވާ ހެޔޮ ކަންކަމަށް މަގުދެއްކެވުމާއި، އެ ނަބިއްޔަކަށް އެނގިވަޑައިގަންނަވާ ނުބައި ކަންކަމާމެދު އިންޒާރުކުރެއްވުން ވާޖިބު ވެގެންވެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ މި އުއްމަތުގެ ދުޅަހެޔޮކަން ލެއްވިފައި ވަނީ އޭގެ ފުރަތަމަ ކޮޅުގައެވެ. (އެބަހީ: ކުރީ ޖީލުތަކުގައެވެ.) އަދި އޭގެ ފަހުކޮޅަށް (އެބަހީ: ފަހުން އަންނާނެ ބަޔަކަށް) ބަލާތައް ޖެހޭނެއެވެ. އަދި ތިޔަބައިމީހުން އިންކާރުކުރާ ކަންތައް މެދުވެރިވާނެއެވެ. އަދި ފިތުނަ، އެއް ފިތުނައަކަށް ފަހު އަނެއް ފިތުނައެއް އަންނާނެއެވެ. އެ ގޮތުން ފިތުނައެއް އައުމުން، މުއުމިނު މީހާ ބުނާނެއެވެ: ”މިއީއެވެ. މިއީއެވެ.“ (އެބަހީ: މިއީ ތިމަން ހަލާކުކޮށްލާނެ ފިތުނައެވެ.) ފަހެ ނަރަކައިން ދުރުކުރެވި، ސުވަރުގެ ވަނުމަށް ލޯބިކުރާ މީހާ، ފަހެ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ ހާލު އޭނާގެ މަރާ ބައްދަލުކުރާހުށިކަމެވެ. އަދި އޭނާއާ މެދު ކަންތައް ކުރެވެން އޭނާ ލޯބިކުރާ ގޮތަށް، މީސްތަކުންނާ މެދު އޭނާ ވެސް ކަންތައްކުރާހުށިކަމެވެ. އަދި ވެރިއަކަށް ބައިއަތު ދީ، އެ މީހެއްގެ އަތާއި އޭނާގެ ހިތުގެ މޭވާ (އެބަހީ: ތެދުވެރިކަމާއި އިޚްލާސްތެރިކަން) އެ ވެރިއަކަށް ދީފި މީހާ، ފަހެ އޭނާއަށް ކުޅަދާނަވީ މިންވަރަކުން އެ ވެރިއަކަށް ކިޔަމަންވާހުށިކަމެވެ. އަދި އެހެން މީހަކު އައިސް، އެ ވެރިއާގެ ވެރިކަން ހޯދަން އުޅެފިނަމަ، ފަހެ ތިޔަބައިމީހުން، އެ ދެވަނަ މީހާގެ ކަނދުރާގައި ޖަހާށެވެ.“ ރިވާކުރީ މުސްލިމެވެ. އަދި މީހަކު، ނަބީ ﷺ ގެ އަރިހު ސުވާލުކުރައްވައި ދެންނެވިއެވެ: ”އޭ ﷲ ގެ ނަބިއްޔެވެ. ކަލޭގެފާނު ދެކެވަޑައިގަންނަވަމުތޯއެވެ. އަހަރުމެންގެ މައްޗަށް ވެރިންތަކެއް ގާއިމުވެ، އެ ވެރިންނަށް ވާ ހައްގު އަދާކޮށްދިނުމަށް އަހަރުމެންގެ ކިބައިން އެ މީހުން އެދި، އަދި އަހަރުމެންނަށް ވާ ހައްގު އެ ވެރިން ނުދޭނަމަ، ފަހެ ކަލޭގެފާނު “އަހަރުމެންނަށް އަމުރުކުރައްވަނީ ކިހިނަކުންތޯއެވެ؟ ދެން އެކަލޭގެފާނު، އޭނާގެ ކިބައިން މޫނުފުޅު އަނބުރާލެއްވިއެވެ. އެއަށްފަހު، ދެވަނަ ފަހަރަށް އޭނާ އެކަލޭގެފާނު އަރިހު ސުވާލުކުރިއެވެ. ދެން ރަސޫލު ﷺ ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން އަޑުއަހައި ކިޔަމަންވާށެވެ. އެހެނީ ހަމަކަށަވަރުން އެ މީހުންގެ މައްޗަށް އޮތީ ހަމައެކަނި އެ މީހުންނާ ހަވާލުކުރެވުނު ކަންތައްތަކެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް އޮތީ ތިޔަބައިމީހުންނާ ހަވާލުކުރެވުނު ކަންތައްތަކެވެ.“ (އެބަހީ: އެ ވެރިންނަށް ތަކުލީފުޖެއްސެވުނު އަދުލުވެރިކަމާއި ރައްޔިތުންގެ ހައްގުތައް ދިނުމުގެ ޒިންމާ، އެ މީހުންގެ ކޮނޑުގައި އެޅިފައިވާނެއެވެ. އަދި އެ ކަންކަން އަދާނުކޮށްފި ނަމަ، އޭގެ ފާފަ އުފުލާނީ ހަމަ އެ މީހުންނެވެ. އަދި ތިޔަބައިމީހުންނަށް ތަކުލީފު ޖެއްސެވުނީ، ކިޔަމަންވުމަށާއި ބަލާވެރިކަމުގައި ކެއްތެރިވުމަށެވެ. ވީމާ އެހެން މީހުން ކަންތައް ކުރާ ގޮތަށް ނުބަލާ، ތިޔަބައިމީހުން ކުރަން ޖެހޭ ކަންތައް ތިޔަބައިމީހުން ކުރާށެވެ.)
އަދި ރައްޔިތުންގެ މައްޗަށް ވާ ވެރިންގެ ހައްގުތަކުގެ ތެރޭގައި ވަނީ: އެ މީހުންގެ ވެރިންނަށް އެ އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވުމެވެ. އެއީ އެ ވެރިންނަށް ހަވާލުކުރެވިފައިވާ ކަންތައްތައް ތަންފީޒުކުރުމުގައި، ރައްޔިތުންނަކީ އެ މީހުންނަށް އެހީތެރިވެދޭ ބަޔަކު ކަމުގައި ވެގެންނެވެ. އަދި މުޖްތަމައުގައި ކޮންމެ މީހެއްގެ ދައުރަކީ ކޮބައިކަމާއި، އޭނާގެ މަސްއޫލިއްޔަތަކީ ކޮބައިކަން ކޮންމެ މީހަކު ވެސް ދެނެގަނެގެންނެވެ. އެއީ ބޭނުންވާ ގޮތަށް ކަންތައްތައް ކުރިއަށް ދިއުމަށް ޓަކައެވެ. އެހެނީ ހަމަކަށަވަރުން ވެރިންނަށް އެ މީހުންގެ މަސްއޫލިއްޔަތުތަކުގައި ރައްޔިތުން އެހީތެރިނުވާނަމަ، އެ ކަންތައްތައް ބޭނުންވާ ގޮތަށް ނާންނާނެއެވެ.
*
އަށްވަނަ ހައްގު: އަވައްޓެރިންގެ ހައްގު
އަވައްޓެރިޔާއަކީ: ތިބާގެ ގެއާ ކައިރީގައި އުޅޭ މީހާއެވެ. އަދި ތިބާގެ މައްޗަށް އޭނާއަށް ވަނީ ބޮޑު ހައްގެއް ލިބިގެންނެވެ. އެ ގޮތުން އެ މީހަކީ ތިބާއާ ނަސަބުގެ ގޮތުން ގާތް މީހަކު ކަމުގައިވެފައި، އަދި އޭގެ އިތުރުން މުސްލިމެއް ކަމުގައިވާނަމަ، ފަހެ އޭނާއަށް ތިން ހައްގެއް ވެއެވެ. އެއީ އަވައްޓެރިކަމުގެ ހައްގާއި، ގާތްތިމާގެކަމުގެ ހައްގާއި، އިސްލާމްކަމުގެ ހައްގެވެ. އަދި އަވައްޓެރިޔާއަކީ، މުސްލިމެއް ކަމުގައި ވެފައި، ނަސަބުގެ ގޮތުން ތިމާގެ މީހެއް ކަމުގައި ނުވިޔަސް، އޭނާއަށް ދެ ހައްގެއް ވެއެވެ. އެއީ އަވައްޓެރިކަމުގެ ހައްގާއި، އިސްލާމްކަމުގެ ހައްގެވެ. އަދި ހަމަ އެފަދައިން އަވައްޓެރިޔާއަކީ، ގާތްތިމާގެ މީހަކަށް ވެފައި، މުސްލިމަކަށް ނުވިޔަސް، ފަހެ އޭނާއަށް ދެ ހައްގެއް ވެއެވެ. އެއީ އަވައްޓެރިކަމުގެ ހައްގާއި، ގާތްތިމާގެ ކަމުގެ ހައްގެވެ. އަދި އަވައްޓެރިޔާއަކީ، ދުރު މީހެއް ކަމުގައި ވެފައި، މުސްލިމަކަށް ނުވިޔަސް، ފަހެ އޭނާއަށް އެއް ހައްގު ވެއެވެ. އެއީ އަވައްޓެރިކަމުގެ ހައްގެވެ.
ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ﴾ [النساء:36] މާނައީ: ”އަދި މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތްތިމާގެކަމުގެ ގުޅުން ހުރި އަވައްޓެރިޔާއަށާއި، ތިމާގެ ކަމުގެ ގުޅުމެއް ނެތް އަވައްޓެރިޔާއަށް ހެޔޮކޮށް ހިތާށެވެ.“ މި އާޔަތެވެ. އަވައްޓެރިޔާއަށް ހެޔޮކޮށް ހިތުމަށް، ޖިބްރީލު މެދުނުކެނޑި ވަސިއްޔަތްކުރައްވަމުން ގެންދެވިއެވެ. އެއީ އެކަލޭގެފާނު އަވައްޓެރިޔާއަށް ވާރުތަވާ ގޮތަށް ހައްދަވާފާނެ ކަމަށް، ތިމަން ނަބީއަށް ހީފުޅުކުރެއްވުމަށް ދާންދެނެވެ.“ މުއްތަފަގުން ޢަލައިހި.
ފަހެ އެއް އަވައްޓެރިއެއްގެ މައްޗަށް އަނެއް އަވައްޓެރިޔާއަކަށް ވާ ހައްގުތަކުގެ ތެރޭގައި: މުދަލާއި، ޖާހާއި، ފައިދާކުރުމައިގެން އޭނާއަށް ކުޅަދާނަވީ މިންވަރަކުން އަނެކާއަށް ހެޔޮކޮށް ހިތުން ހިމެނެއެވެ. އެހެނީ ހަމަކަށަވަރުން ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ﷲ ގެ ހަޒްރަތުގައި އެންމެ ހެޔޮ އަވައްޓެރިޔަކީ، އެ މީހެއްގެ އަވައްޓެރިޔާއަށް އެންމެ ހެޔޮ މީހާއެވެ.“ އަދި ޙަދީޘްކުރެއްވިއެވެ. ”ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އޭނާގެ އަވައްޓެރިޔާއަށް ހެޔޮކޮށް ހިތާށެވެ.“ އަދިވެސް ޙަދީޘްކުރެއްވިއެވެ: ”ތިބާ ރިހަފޮދެއް ކައްކައިފި ހިނދު، ފަހެ އޭގެ ފެން ތިބާ ގިނާކުރާށެވެ. އަދި ތިބާގެ އަވައްޓެރިންނަށް ހަދިޔާކުރާށެވެ.“
އަދި އަވައްޓެރިޔާއަށް އިހްސާންތެރިވުމުގެ ތެރޭގައި، މުނާސަބަތުތަކުގައި އޭނާއަށް ހަދިޔާ ދިނުން ހިމެނެއެވެ. އެހެނީ ހަމަކަށަވަރުން ހަދިޔާއަކީ ލޯބި ގެނެސްދޭ، އަދާވާތްތެރިކަން ނައްތާލާ އެއްޗެކެވެ.
އަދި އެއް އަވައްޓެރިއެއްގެ މައްޗަށް، އަނެއް އަވައްޓެރިއަކަށް އޮތް ހައްގުތަކުގެ ތެރޭގައި: ބަހުންނާއި އަމަލުން އޭނާއަށް އުނދަގޫ ނުކުރުން ހިމެނެއެވެ. ފަހެ ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ﷲ ގަންދީ ބުނަމެވެ. އޭނާ އީމާނެއް ނުވެއެވެ. ﷲ ގަންދީ ބުނަމެވެ. އޭނާ އީމާނެއް ނުވެއެވެ. ﷲ ގަންދީ ބުނަމެވެ. އޭނާ އީމާނެއް ނުވެއެވެ.“ ފަހެ މީސްތަކުން ދެންނެވިއެވެ: ”ކާކުތޯއެވެ؟ އޭ ﷲ ގެ ރަސޫލެވެ.“ ޙަދީޘްކުރެއްވިއެވެ: "އެ މީހެއްގެ އަވައްޓެރިޔާ، އޭނާގެ ނުބައިކަމުން އަމާންކަން ލިބިގެން ނުވާ މީހާއެވެ.“ އަދި އެހެން ރިވާޔަތެއްގައި ވެއެވެ: ”އެ މީހެއްގެ އަވައްޓެރިޔާ، އޭނާގެ ނުބައިކަމުން އަމާންކަން ލިބިގެން ނުވާ މީހާ، ސުވަރުގެއަށް ނުވަންނާނެއެވެ.“ އަދި (ޙަދީޘްގައި ވާރިދުވެފައިވާ) ބަވާއިގު (މި ލަފްޒުގެ މާނަ) އަކީ: ނުބައިކަމެވެ. އެހެންކަމުން، އެ މީހެއްގެ އަވައްޓެރިޔާ، އޭނާގެ ނުބައިކަމުން އަމާންކަން ލިބިގެން ނުވާ މީހަކީ މުއުމިނެއް ނޫނެވެ. އަދި ސުވަރުގެ ނުވަންނާނެއެވެ.
އަދި މިހާރު ވަރަށް ގިނަ މީހުން އަވައްޓެރިންގެ ހައްގުތަކަށް އަޅާނުލައެވެ. އަދި އެ މީހުންގެ އަވައްޓެރިން، އެ މީހުންގެ ނުބައިކަމުން އަމާންކަން ލިބިގެން ނުވެއެވެ. ފަހެ ތިބާއަށް އަބަދުވެސް އެ މީހުން ފެންނާނީ، އެ މީހުންގެ އަވައްޓެރިންނާ އަރާރުންވެ، ދެބަސްވެ، ހައްގުތަކަށް އަރައިގަނެ، އަދި ބަހުން ނުވަތަ އަމަލުން އުނދަގޫކުރުމުގައެވެ. މި ހުރިހާކަމަކީ ވެސް، ﷲ އާއި އެ އިލާހުގެ ރަސޫލު އަމުރުކުރެއްވި ކަންތައްތަކާ ޚިލާފު ކަންކަމެވެ. އަދި މުސްލިމުން ބައިބައިކޮށް، އެ މީހުންގެ ހިތްތައް ދުރުކޮށް، އެއްބަޔަކު އަނެއްބައެއްގެ ހަރުމަތް ކެނޑުމަށް މެދުވެރިކުރުވާ ކަންކަމެވެ.
*
ނުވަވަނަ ހައްގު: މުސްލިމުންގެ އާންމު ހައްގުތައް
އަދި މި ހައްގުތައް ވަރަށް ގިނައެވެ. ފަހެ އޭގެ ތެރޭގައި، ޞަޙީޙުގައި ސާބިތުވެފައިވާ ގޮތުގައި، ނަބީ ﷺ ޙަދީޘްކުރެއްވިއެވެ: ”މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމެއްގެ ހަ ހައްގެއް ވެއެވެ. ތިބާ އޭނާއާ ބައްދަލުވެއްޖެނަމަ، އޭނާއަށް ސަލާމްދޭށެވެ. އަދި ތިބާއަށް ދައުވަތު ދީފިނަމަ، އޭނާއަށް އިޖާބަދޭށެވެ. އަދި ތިބާގެ ކިބައިން ނަސޭހަތަށް އެދިއްޖެނަމަ، އޭނާއަށް ނަސޭހަތްތެރިވާށެވެ. އަދި އޭނާ ކިނބިއްސެއް އަޅައި، ﷲއަށް ހަމްދުކޮށްފިނަމަ، ތިބާ އޭނާއަށް ތަޝްމީތުކުރާށެވެ. (އެބަހީ: يَرحَمُكَ اللَّهُ ކިޔާށެވެ.) އަދި އޭނާ ބަލިވެއްޖެނަމަ، އޭނާއަށް ޒިޔާރަތްކުރާށެވެ. އަދި އޭނާ މަރުވެއްޖެނަމަ، އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ.“ ފަހެ މި ޙަދީޘްގައި، މުސްލިމުންގެ މެދުގައިވާ އެތަކެއް ހައްގު ބަޔާންވެގެންވެއެވެ.
ފުރަތަމަ ހައްގު: ސަލާމްކުރުމެވެ. ފަހެ ސަލާމްކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި އެއީ، ފެންނަން އޮތް ފަދައިން، މުސްލިމުންގެ މެދުގައި އެކުވެރިކަމާއި ލޯބި އުފެދުމުގެ ސަބަބެކެވެ. އެއީ ނަބީ ﷺ ގެ ޙަދީޘް ބަސްފުޅުން ދަލީލުކޮށްދޭ ފަދައިންނެވެ. (އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:) ”ﷲ ގަންދީ ބުނަމެވެ. ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން، ތިޔަބައިމީހުން ސުވަރުގެއަށް ނުވަންނާނެއެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވުމަށް ދާންދެން، ތިޔަބައިމީހުން އީމާނެއް ނުވާނެއެވެ. ފަހެ ތިޔަބައިމީހުން އެ ކަމެއް ކޮށްފިނަމަ، ތިޔަބައިމީހުން އެކަކު އަނެކަކު ދެކެ ލޯބިވާނެ ކަމެއް، ތިމަން ކަލޭގެފާނު ތިޔަބައިމީހުންނަށް އަންގަވާދެއްވަންތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ.“
އަދި ރަސޫލު ﷲ ﷺ، އެކަލޭގެފާނާ ބައްދަލުވާ މީހާކާ ފުރަތަމަ ސަލާމްކުރައްވާ ހައްދަވައެވެ. އަދި ކުޑަކުދިންގެ ކައިރިންލާފައި ވަޑައިގަންނަވަމުން ވެސް އެ ކުދިންނާ ސަލާމްކުރައްވައެވެ.
އަދި ސުންނަތް ގޮތަކީ، ކުޑަކުދިން، ބޮޑެތި މީހުންނަށް އިސްވެ ސަލާމްދިނުމެވެ. އަދި މަދު މީހުން، ގިނަ މީހުންނަށް އިސްވެ ސަލާމްދިނުމެވެ. އަދި ސަވާރީގައި އިންނަ މީހާ، ހިނގާފައިދާ މީހާއަށް އިސްވެ ސަލާމްދިނުމެވެ. ނަމަވެސް ސުންނަތުގައި ވާގޮތަށް، ސަލާމްދިނުމަށް އެންމެ އައުލާކަން ބޮޑު މީހާ އިސްވެ އެ ކަން ނުކޮށްފިނަމަ، ފަހެ އަނެއް ފަރާތުން އެ ސަލާމް ދޭންވާނެއެވެ. އެއީ ސަލާމްކުރުން ގެއްލުނަ ނުދިނުމަށް ޓަކައެވެ. އެ ގޮތުން ކުޑަކުދިން އިސްވެ ސަލާމް ނުދީފިނަމަ، ފަހެ ބޮޑެތި މީހުން ސަލާމް ދޭންވާނެއެވެ. އަދި މަދު މީހުން އިސްވެ ސަލާމް ނުދީފިނަމަ، ފަހެ ގިނަ މީހުން ސަލާމް ދޭންވާނެއެވެ. އެއީ އަޖުރު ލިބިގަތުމަށް ޓަކައެވެ.
ޢައްމާރު ބިން ޔާސިރު رَضِيَ اللَّهُ عَنْهُمَا ވިދާޅުވިއެވެ: ”ތިން ކަމެއް (އެ މީހެއްގެ ކިބައިގައި) ޖަމާކޮށްފި މީހާ، ފަހެ އީމާންކަން ފުރިހަމަ ކޮށްފިއެވެ: އެއީ އަމިއްލަ ނަފްސަށް އިންސާފުވެރިވުމާއި، އާލަމުގެ އެންމެންނަށް ސަލާމް ފެތުރުމާއި، އަދި ފަގީރުކަމުގެ ހާލުގައި ވެސް ހޭދަކުރުމެވެ.“
އަދި އިސްވެ ސަލާމް ދިނުމަކީ ސުންނަތެއް ކަމުގައި ވާއިރު، ފަހެ ހަމަކަށަވަރުން ސަލާމް ރައްދުކުރުމަކީ ފަރުޟު ކިފާޔަތެކެވެ. އެ ކަމަށް ފުދޭ ވަރަށް ބަޔަކު ކަން ކޮށްފިނަމަ، ބާކީ ތިބި މީހުންގެ ކިބައިން އެ ކަން ފުދޭނެއެވެ. އެ ގޮތުން ގިނަ ބަޔަކަށް ސަލާމް ގޮވުމުން، އެ މީހުން ކުރެ އެކަކު ސަލާމް ރައްދުކޮށްފި ނަމަ، ބާކީ ތިބި މީހުންގެ ކިބައިން އެ ކަން ފުދޭނެއެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ. ﴿وَإِذَا حُيِّيْتُم بِتَحِيَّةٍ فَحَيُّواْ بِأَحْسَنَ مِنْهَا أَوْ رُدُّوهَا﴾ [النساء:86] މާނައީ: ”އަދި ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކުރެވިއްޖެ ނަމަ، ފަހެ އެ އަށްވުރެ ރަނގަޅަށް، ނުވަތަ އެއާއި އެއްވަރަށް ސަލާމް ދޭށެވެ.“ އެހެންކަމުން ސަލާމުގެ ޖަވާބުގައި ހަމައެކަނި «أّهلًا وَسَهلًا» (ނުވަތަ މަރުހަބާ) ބުނުމަކުން ނުފުދޭނެއެވެ. އެހެނީ ހަމަކަށަވަރުން އެއީ ސަލާމަށްވުރެ ރަނގަޅު ނުވަތަ އެއާ އެއްވަރު އެއްޗެއް ވެސް ނޫނެވެ. ފަހެ މީހަކު ބުނެފިނަމަ: އައްސަލާމު ޢަލައިކުމް، ފަހެ އޭނާއަށް ބުނާށެވެ: ވަ ޢަލައިކުމުއް ސަލާމް. އަދި އޭނާ ބުނެފިނަމަ: އަހްލަން (ނުވަތަ މަރުހަބާ)، ފަހެ އޭނާއަށް ހަމަ އެއްހަމައަކުން ބުނާށެވެ: އަހްލަން (ނުވަތަ މަރުހަބާ) އެވެ. އަދި ތަހިއްޔާއެއް އިތުރުކޮށްފިނަމަ، އެ ގޮތް މާ ހެޔޮވެގެން ވެއެވެ.
ދެވަނަ ހައްގު: ”އޭނާ ތިބާއަށް ދައުވަތު ދީފިނަމަ، ފަހެ ތިބާ އެ ދައުވަތަށް އިޖާބަދޭށެވެ.“ އެބަހީ: ކެއުމަކަށް ނުވަތަ އެ ނޫން ކަމަކަށް، އޭނާގެ ގެއަށް ދިއުމަށް ތިބާއަށް ދައުވަތު ދީފިނަމަ، ފަހެ ތިބާ އެ ދައުވަތަށް އިޖާބަދޭށެވެ. އަދި ދައުވަތަށް އިޖާބަދިނުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެއީ އެ ކަމުގައި ދައުވަތު ދިން މީހާގެ ހިތްހަމަޖައްސައިދިނުން ވާތީއެވެ. އަދި އެކުވެރިކަމާއި، ގުޅުން ބަދަހިވުން ގެނެސްދޭތީއެވެ.
އަދި އެއިން (އެބަހީ: ސުންނަތް ކަމުން) އިސްތިސްނާ ވަނީ ކައިވެނީގެ ވަލީމާއެވެ. އެހެނީ ހަމަކަށަވަރުން، ވަލީމާއަކަށް ދާން ދައުވަތު ލިބިއްޖެނަމަ، އެއަށް އިޖާބަދިނުމަކީ ވާޖިބެކެވެ. އެއީ އެނގިގެންވާ ޝަރުތުތަކާއެކުއެވެ. (އެބަހީ: ހަރާމް ކަމެއް ނެތް ނަމައެވެ.) އަދި ނަބީ ﷺ ޙަދީޘް ބަސްފުޅަށް ޓަކައެވެ: ”އަދި (އެ ދައުވަތަށް) އިޖާބަ ނުދީފި މީހާ، ފަހެ ހަމަކަށަވަރުން ﷲ އަށާއި އެ އިލާހުގެ ރަސޫލަށް އުރެދިއްޖެއެވެ.“
އަދި އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅު: ”އޭނާ ތީބާއަށް ގޮވައިލައިފިނަމަ، ފަހެ އޭނާއަށް އިޖާބަދޭށެވެ.“ (މި ބަސްފުޅުން) އޭނާއަށް އެހީވުމަށާއި، ވާގިވެރިވުމަށް ގޮވާލާ ގޮވާލުން ވެސް ޝާމިލުވެއެވެ. އެހެނީ ހަމަކަށަވަރުން އޭނާއަށް އިޖާބަ ދިނުމަށް ތިބާއަށް އަމުރުވެވިގެން ވެއެވެ. އެހެންކަމުން އެއްޗެއް އުފުލުމަށް، ނުވަތަ އެއްޗެއް ބޭލުމަށް، ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދިނުމަށް އޭނާ ތިބާއަށް ގޮވާލައިފިނަމަ، ފަހެ ތިބާއަށް އަމުރުވެވިގެންވަނީ އޭނާއަށް އެހީވެދިމަށެވެ. އެއީ ނަބީ ﷺ ގެ ޙަދީޘް ބަސްފުޅަށް ޓަކައެވެ: ”މުއުމިނަކު އަނެއް މުއުމިނަކަށް ވަނީ އިމާރާތެއް ފަދައިންނެވެ. އޭގެ އެއްބައި އަނެއްބަޔަށް ބާރުދީ ގަދަކޮށްދެއެވެ.“
ތިންވަނަ ހައްގު: ”ތިބާގެ ކިބައިން ނަސޭހަތަކަށް އެދިއްޖެނަމަ، ފަހެ އޭނާއަށް ނަސޭހަތްތެރިވާށެވެ.“ އެބަހީ: އޭނާ ތިބާގެ ގާތަށް ކަމަކާ މެދު ނަސޭހަތް ހޯދުމަށް އަތުވެއްޖެނަމަ، ފަހެ އޭނާއަށް ނަސޭހަތް ދޭށެވެ. އެހެނީ ހަމަކަށަވަރުން މިއީ ދީނުގެ ތެރެއިންވާ ކަމެކެވެ. އެއީ ނަބީ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ: ”ދީނަކީ ނަސޭހަތެވެ. އެއީ ﷲ އަށާއި، އެ އިލާހުގެ ފޮތަށާއި، އެ އިލާހުގެ ރަސޫލަށާއި، މުސްލިމުންގެ ވެރިންނަށާއި، އެ މީހުންގެ އާންމުންނަށެވެ“.
ދެން ނަސޭހަތް ހޯދުމަށް އޭނާ ތިބާގެ ގާތަށް ނާންނަ ނަމަ، ފަހެ އޭނާ ކުރަން އުޅޭ ކަމެއްގައި އޭނާއަށް ގެއްލުމެއް ނުވަތަ ފާފައެއް ވާނަމަ، ތިބާ އޭނާއަށް ނަސޭހަތް ދިނުން ވާޖިބުވެގެން ވެއެވެ. އެއީ ތިބާގެ ގާތަށް ނައިކަމުގައި ވިޔަސްމެއެވެ. އެހެނީ ހަމަކަށަވަރުން މިއީ މުސްލިމުންގެ ކިބައިން ގެއްލުމާއި މުންކަރާތް ދުރުކުރުމުގެ ތެރެއިންވާ ކަމެކެވެ. ދެން އޭނާ ކުރަން އުޅޭ ކަމަކުން އޭނާއަށް ގެއްލުމެއް އަދި ފާފައެއް ވެސް ނުވާ ހާލު، އެހެނަސް ތިބާއަށް ފެންނަނީ އެ ނޫން ގޮތެއް މާ ފައިދާ ބޮޑުކަމަށް ކަމުގައި ވާނަމަ، ފަހެ ހަމަކަށަވަރުން އޭނާ ތިބާގެ ކިބައިން ނަސޭހަތަށް އެދިއްޖައުމަށް ދާންދެން، އޭނާއަށް އެއްވެސް އެއްޗެކޭ ބުނުން ތިބާގެ މައްޗަށް ވާޖިބުވެގެން ނުވެއެވެ. އެ ގޮތުން (އޭނާ ނަސޭހަތަކަށް އެދިއްޖެ ނަމަ) ފަހެ ތިބާ ނަސޭހަތް ދިނުން ލާޒިމުވާނެއެވެ.
ހަތަރުވަނަ ހައްގު: ”އޭނާ ކިނބިހި އަޅާފައި، الحَمدُ للَّهِ ކިޔައިފި ނަމަ، ފަހެ އޭނާއަށް ތަޝްމީތުކުރާށެވެ.“ އެބަހީ: ތިބާ އޭނާއަށް يَرْحَمُكَ اللَّهُ ބުނާށެވެ. އެއީ އޭނާ ކިނބިހި އެޅުމުން، ދެން އޭނާ ހަމްދުކުރިކަމަށް ޓަކައި ، އެ ކަމަށް ޝުކުރުކުރުމުގެ ގޮތުންނެވެ. ނަމަވެސް އޭނާ ކިނބިހި އާޅާފައި، ﷲ އަށް ހަމްދުނުކޮށްފި ނަމަ، ފަހެ އޭނާއަށް އެ ހައްގު ލިބިގެނެއް ނުވެއެވެ. އެ ހިނދު ތިބާ އޭނާއަށް ތަޝްމީތު ނުކުރާށެވެ. އެހެނީ ހަމަކަށަވަރުން އޭނާ ﷲ އަށް ހަމްދު ނުކުރުމުން، އޭނާއަށް އޮތް ޖަޒާއަކީ ތަޝްމީތު ނުލިބުމެވެ.
އަދި ކިނބިހި އަޅާ މީހާ ﷲ އަށް ހަމްދު ކޮށްފިނަމަ، އޭނާއަށް ތަޝްމީތުކުރުމަކީ ފަރުޟެކެވެ. އަދި (ތަޝްމީތުކުރުމުން) ކިނބިހި އެޅި މީހާ (އެއަށް) ޖަވާބުދިނުމަކީ ވާޖިބެކެވެ. އެ ގޮތުން އޭނާ ބުނާހުއްޓެވެ: ”يَهْدِيْكُمُ اللهُ وَيُصْلِحُ بَالَكُمْ“ (އެބަހީ: ﷲ ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވާ، ތިޔަބައިމީހުންގެ ކަންތައްތައް އިސްލާހުކޮށް ދެއްވާށިއެވެ.).
އަދި އޭނާ ކިނބިހިއެޅުން ހުއްޓާނުލައިފި ނަމަ، އަދި ތިން ފަހަރު ތިބާ އޭނާއަށް ތަޝްމީތުކުރެވިއްޖެ ހިނދު، ފަހެ ”يَرْحَمُكَ اللهُ“ ގެ ބަދަލުގައި ދެން ތިބާ ބުނާނީ: ”عَافَاكَ اللهُ“ އެވެ. (އެބަހީ: الله ތިބާއަށް އާފިޔަތް ދެއްވާށިއެވެ.)
ފަސްވަނަ ހައްގު: ”އޭނާ ބަލިވެއްޖެނަމަ، ފަހެ އޭނާއަށް ޒިޔާރަތްކުރާށެވެ.“ އަދި ބަލިމީހާއަށް އިއާދަކުރުމަކީ އޭނާއަށް ޒިޔާރަތްކުރުމެވެ. އަދި އެއީ އޭނާގެ މުސްލިމް އަޚުންގެ މައްޗަށް އޮތް އޭނާއަށް ވާ ހައްގެކެވެ. ފަހެ އެ ކަން އަދާކުރުން އެބައިމީހުންގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އަދި (އޭގެ އިތުރަށް) ގާތްތިމާގެކަމުގެ ނުވަތަ އެކުވެރިކަމުގެ ނުވަތަ އަވައްޓެރިކަމުގެ ގޮތުން، ތިބާގެ މައްޗަށް ބަލިމީހާއަށް ހައްގެއް ވާ ކޮންމެ ހިނދެއްގައި، އޭނާއަށް ޒިޔާރަތްކުރުން އިތުރަށް ގަދަވެގެން ވެއެވެ.
އަދި ޒިޔާރަތްކުރުން ވަނީ ބަލިމީހާގެ ހާލަތާއި، ބަލީގެ ހާލަތުގެ ގޮތުންނެވެ ފަހެ ބައެއް ފަހަރު ހާލަތު ގޮވާލަނީ އޭނާ ގާތަށް ގިނައިން ޒިޔާރަތްކުރުމަށެވެ. އަދި އަނެއްބައި ފަހަރު ހާލަތު ގޮވާލަނީ އޭނާ ގާތަށް މަދުން ޒިޔާރަތްކުރުމަށެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ހާލަތަށް ރިއާޔަތްކުރުމެވެ.
އަދި ބަލިމީހަކަށް ޒިޔާރަތްކުރާ މީހާއަށް ސުންނަތްވެގެން ވަނީ، އޭނާގެ ހާލު އަހާ، އޭނާއަށް ދުއާކޮށް، އަދި އޭނާއަށް ފަސޭހަކަމާއި އުއްމީދުގެ ދޮރު ހުޅުވައިދިނުމެވެ. އެހެނީ ހަމަކަށަވަރުން އެއީ، ސިއްހަތާއި ޝިފާ ލިބުމުގެ އެންމެ ބޮޑެތި ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ. އަދި އޭނާ ބިރުނުގަންނާނެ ގޮތަށް ތައުބާވުމަށް ހަނދާންކޮށްދިނުން އެދެވިގެންވެއެވެ. މިސާލަކަށް އޭނާ ގާތުގައި ބުނެވިދާނެއެވެ: ހަމަކަށަވަރުން ތިބާގެ މި ބަލީގައި ތިބާއަށް އަޖުރު ލިބެމުން އެބަދެއެވެ. އެހެނީ ހަމަކަށަވަރުން ބަލިމަޑުކަން މެދުވެރިކޮށް، ﷲ ފާފަތައް ފުއްސަވައި، ނުބައި އަމަލުތައް ފޮހެލައްވައެވެ. އަދި (ބަލީގެ ސަބަބުން) ތިބާ ތި އޮންނަން ޖެހޭ އޮތުމުގައި ތިބާ ގިނަގުނަ އަޖުރު ހޯދިދާނެއެވެ. އެއީ ގިނަގިނައިން ޒިކުރުކޮށް، އިސްތިޣްފާރުކޮށް، ދުއާކޮށްގެންނެވެ.
ހަވަނަ ހައްގު: ”އޭނާ މަރުވެއްޖެ ހިނދު، އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ.“ ފަހެ ޖަނާޒާގައި ބައިވެރިވުމަކީ، މުސްލިމަކަށް އޭނާގެ އަޚާ އަދާކޮށްދޭން ޖެހޭ ހައްގެކެވެ. އަދި އޭގައި ބޮޑުވެގެންވާ އަޖުރު ވެއެވެ. ފަހެ ހަމަކަށަވަރުން ނަބީ ﷺ ގެ އަރިހުން އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ސާބިތުވެގެންވެއެވެ: ”މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށްފުމަށް ދާންދެން ޖަނާޒާގައި ބައިވެރިވެއްޖެ މީހަކަށް ގީރާތެއްގެ (ގެ ސަވާބު) ހުއްޓެވެ. އަދި މައްޔިތާ ވަޅުލައިފުމަށް ދާންދެން ޖަނާޒާގައި ބައިވެރިވެއްޖެ މީހަކަށް ދެ ގީރާޠު (ގެ ސަވާބު) ހުއްޓެވެ.“ ދެންނެވުނެވެ. ދެ ގީރާޠަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ”ބޮޑުވެގެންވާ ދެ ފަރުބަދަ ފަދަ (ސަވާބެވެ.)“
އަދި އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމަކަށް ލިބިގެންވާ ހައްގުތަކުގެ ތެރެއިން ވަނީ، އޭނާއަށް އުނދަގޫ ނުކުރުމެވެ. އެހެނީ ހަމަކަށަވަރުން މުސްލިމުންނަށް އުނދަގޫކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ﷲ ތަޢާލާ ވަހީކުރެއްވިއެވެ: ﴿وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا﴾ [الأحزاب: 58] މާނައީ: ”އަދި މުއުމިން ފިރިހެނުންނަށާއި މުއުމިން އަންހެނުންނަށް، އެ މީހުން ހޯދައިގަތް ކުށަކާ ނުލާ (އެބަހީ: އެއްވެސް ހައްގަކާ ނުލާ) އުނދަގޫކޮށް ދުއްތުރާކުރާ މީހުން ދަންނާށެވެ. ފަހެ އެ މީހުން ބުހުތާން ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ.“
އަދި އާއްމު ގޮތެއްގައި، މީހަކު އޭނާގެ އަޚާގެ މައްޗަށް އުނދަގޫކުރުމައިގެން ވެރިވެގެންފި ނަމަ، ފަހެ ހަމަކަށަވަރުން އާޚިރަތުގެ ކުރިން ދުނިޔެ މަތީގައި ﷲ އޭނާގެ ކިބައިން ބަދަލު ހިއްޕަވައެވެ. އަދި ހަމަކަށަވަރުން ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ރުޅި ނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސް ނުދޭށެވެ. އަދި އޭ ﷲގެ އަޅުތަކުންނޭވެ. ތިޔަބައިމީހުން އަޚުންތަކެއް ކަމުގައި ވާށެވެ. އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި އޭނާއަށް އެހީނުވެ ނިކަމެތިވާން ދޫކޮށެއް ނުލާނެއެވެ. އަދި އޭނާއަށް އިހާނެތިކޮށް ނުހިތާނެއެވެ. މީހަކު އޭނާގެ މުސްލިމް އަޚަށް އިހާނެތިކޮށް ހިތުން، އޭނާއަށް ނުބައި ކަމެއްގެ ގޮތުން ފުދެއެވެ. މުޅި މުސްލިމު މީހާ، އަނެއް މުސްލިމަކަށް ހަރާމްވެގެންވެއެވެ. އޭނާގެ ލެޔާއި، އޭނާގެ މުދަލާއި އަދި އޭނާގެ އަބުރު ވެސް މެއެވެ.“
އަދި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ހައްގުތައް ގިނަވެގެންވެއެވެ. ނަމަވެސް އެ ހުރިހާ ހައްގުތަކެއް ޖަމާކުރާ މާނަ، ނަބީ ﷺ ގެ (އަންނަނިވި) ބަސްފުޅުން ގެނެވިދާނެއެވެ: ”އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ.“ އެހެނީ ހަމަކަށަވަރުން، އޭނާ މި އުޚުއްވަތްތެރިކަމުން ލާޒިމުވާ ކަންކަން އަދާކުރުމައިގެން ގާއިމުވެއްޖެ ހިނދަކު، އޭނާގެ އަޚާއަށް ހުރިހާ ހެޔޮކަމެއް ހޯދައިދިނުމަށް އޭނާ މަސައްކަތްކުރާނެއެވެ. އަދި އޭނާއަށް ގެއްލުންދެނިވި ކޮންމެ ކަމަކުން ދުރުހެލިވާނެއެވެ.
*
ދިހަވަނަ ހައްގު: ޣައިރު މުސްލިމުންގެ ހައްގު
ޣައިރު މުސްލިމުންގެ ތެރޭގައި ހުރިހާ ކާފިރުން ހިމެނެއެވެ. އަދި އެ މީހުން ބެހިގެން ދަނީ ހަތަރު ބަޔަކަށެވެ. ހަރުބީ ކާފަރުންނާއި، މުސްތައުމިނުންނާއި، މުއާހަދުންނާއި، ޛިއްމީންނެވެ. (ނޯޓު: ހަރުބީންނަކީ، ކާފަރުންގެ ހުކުމް އެ ރަށެއްގެ އަހުލުވެރިންގެ މައްޗަށް ވެރިވެފައިވާ، އަދި އެ މީހުންނާ މުސްލިމުންނާ ދެމެދު އަހުދެއް ނެތް ކާފަރުންނެވެ. އަދި މުސްތައުމިނުންނަކީ، މުސްލިމުން އެ މީހުންނަށް ވަކި މުއްދަތަކަށް ހިމާޔަތް ދީގެން، މުސްލިމުންގެ ބިންތަކަށް ވަންނަ ހަރުބީ ކާފަރުންނެވެ. އަދި މުއާހަދުންނަކީ، މުސްލިމުންނާ އެ ދައުލަތަކާ ދެމެދު، ސުލްހައިގެ އެއްބަސްވުން ހަދާފައިވާ، އަމާންކަން ދެވިފައިވާ ކާފަރުންނެވެ. އަދި ޛިއްމީންނަކީ، މުސްލިމް ބިންތަކުގައި ދިރިއުޅޭ، އަދި އިސްލާމް ދީނުގެ ހުކުމްތައް އެ މީހުންގެ މައްޗަށް ހިންގާ ކާފަރުންނެވެ.)
އެ ގޮތުން ހަރުބީންނަށް ބަލާއިރު، ފަހެ ހިމާޔަތް ދިނުމުގެ ނުވަތަ ބެލެހެއްޓުމުގެ އެއްވެސް ހައްގެއް، އަހަރެމެންގެ މައްޗަށް އެ މީހުންނަށް ލިބިގެނެއް ނުވެއެވެ.
ދެން މުސްތައުމިނުންނަށް ބަލާއިރު، ފަހެ އެ މީހުންނަށް އަމާންކަން ދިނުމަށް ކަނޑައެޅިފައިވާ ވަގުތާއި ތަނުގައި، އެ މީހުންނަށް ހިމާޔަތް ދިނުމުގެ ހައްގު އަހަރެމެންގެ މައްޗަށް ވެއެވެ. އެއީ الله ތަޢާލާގެ ވަހީ ބަސްފުޅަށް ޓަކައެވެ: ﴿وَإِنْ أَحَدٌ مِّنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلاَمَ اللّهِ ثُمَّ أَبْلِغْهُ مَأْمَنَهُ﴾ [التوبة:6] މާނައީ: ”އަދި މުޝްރިކުންގެ ތެރެއިން މީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ އޭނާ ﷲ ގެ ބަސްފުޅު އިވުމަށް ޓަކައި، އެ މީހަކަށް ރައްކާތެރިކަން ދެއްވާށެވެ. އެއަށްފަހު އޭނާއަށް އަމާންކަން ލިބިގެންވާ ތަނަކާ ހަމައަށް އޭނާ އަނބުރާ ފޮނުވާދެއްވާށެވެ.“ މި އާޔަތެވެ.
އަދި މުއާހަދުންނަށް ބަލާއިރު، ފަހެ އަހަރެމެންނާއި އެ މީހުންނާ ދެމެދު އެއްބަސްވެފައިވާ މުއްދަތަކާ ހަމައަށް، އެ މީހުންނަށް ދެވިފައިވާ އަހުދަށް ވަފާތެރިވުން އަހަރެމެންގެ މައްޗަށް ވެއެވެ. އެއީ އެ މީހުން، އަހަރުމެންނާމެދު އެ އަހުދު މަތީ ސީދާވެ ދެމިތިބެ، އަދި އެ މީހުން (އަހުދުގެ) އެއްވެސް ކަމަކުން އަހަރެމެންނަށް އުނިކަމެއް ނުގެންނަހާ ހިނދެއްގައެވެ. އަދި އަހަރެމެންނާ ދެކޮޅަށް އެއްވެސް މީހަކަށް އެހީތެރިވެ ނުދީ، އަދި އަހަރެމެންގެ ދީނަށް ބަދުބަސް ނުބުނާހާ ހިނދެއްގައެވެ. އެއީ الله ތަޢާލާގެ ވަހީ ބަސްފުޅަށް ޓަކައެވެ: ﴿إِلاَّ الَّذِينَ عَاهَدتُّم مِّنَ الْمُشْرِكِينَ ثُمَّ لَمْ يَنقُصُوكُمْ شَيْئًا وَلَمْ يُظَاهِرُواْ عَلَيْكُمْ أَحَدًا فَأَتِمُّواْ إِلَيْهِمْ عَهْدَهُمْ إِلَى مُدَّتِهِمْ إِنَّ اللّهَ يُحِبُّ الْمُتَّقِين﴾ [التوبة:4] މާނައީ: ”އެއީ މުޝްރިކުންގެ ތެރެއިން އެ ބަޔަކާ ތިޔަބައިމީހުން އަހުދުވުމަށް ފަހު، ދެން އެ މީހުން (އަހުދުގެ) އެއްވެސް ކަމެއްގައި ތިޔަބައިމީހުންނަށް އުނިކަން ނުގެނެސް، އަދި ތިޔަބައިމީހުންނާ ދެކޮޅަށް އެކަކަށް ވެސް އެހީވެ ނުދޭ ބަޔަކު މެނުވީއެވެ. ފަހެ އެ މީހުންނަށް ލިބިގެންވާ މުއްދަތާ ހަމައަށް، ތިޔަބައިމީހުން އެ މީހުންގެ އަހުދު ފުރިހަމަކުރާށެވެ. ހަމަކަށަވަރުން ތަގްވާވެރިން ދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.“ އަދި އެ އިލާހުގެ ވަހީ ބަސްފުޅެވެ: ﴿وَإِن نَّكَثُواْ أَيْمَانَهُم مِّن بَعْدِ عَهْدِهِمْ وَطَعَنُواْ فِي دِينِكُمْ فَقَاتِلُواْ أَئِمَّةَ الْكُفْرِ إِنَّهُمْ لاَ أَيْمَانَ لَهُمْ﴾ [التوبة: 12] މާނައީ: ”އަދި އެ މީހުން އަހުދުވުމަށް ފަހު، އެ މީހުންގެ ހުވާތައް އުވާލާ، އަދި ތިޔަބައިމީހުންގެ ދީނަށް ބަދުބަސް ބުނެފިނަމަ، ފަހެ ތިޔަބައިމީހުން ކާފަރުކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ. ހަމަކަށަވަރުން އެ މީހުންނަކަށް އެއްވެސް އަހުދެއް ނުވެއެވެ.“ މި އާޔަތެވެ.
ދެން ޛިއްމީންނަށް ބަލާއިރު، ފަހެ މި (ޣައިރު މުސްލިމުންގެ) ބައިތަކުގެ ތެރެއިން، އެންމެ ގިނަ ހައްގުތަކެއް ވާ ބަޔަކީ މި މީހުންނެވެ. އެއީ އެ މީހުންނަށް ލިބިގެންވާ ހައްގުތަކާއި، އެ މީހުންގެ މައްޗަށްވާ ވާޖިބުތަކާ އެކުގައެވެ. ސަބަބަކީ އެއީ މުސްލިމުންގެ ބިންތަކުގައި ދިރިއުޅޭ، މުސްލިމުންގެ ހިމާޔަތާއި ބެލެހެއްޓުމުގެ ދަށުގައި ތިބޭ ބަޔެއް ކަމުގައިވާތީއެވެ. އެއީ އެ ކަމުގެ ބަދަގައި އެ މީހުން ޖިޒްޔަ ދައްކައިގެންނެވެ.
ފަހެ މުސްލިމުންގެ ވެރިޔާގެ މައްޗަށް ވާޖިބު ވަނީ، އެ ޛިންމީންގެ މެދުގައި އިސްލާމް ދީނުގެ ހުކުމުން ހުކުމްކުރުމެވެ. އެއީ ފުރާނައާއި މުދަލާއި އަބުރުގެ ކަންކަމުގައެވެ. އަދި (ދީނީ ގޮތުން) އެ ޛިންމީން ހަރާމްކަމަށް ގަބޫލުކުރާ ކަންކަމުގައި، އެ މީހުންގެ މައްޗަށް ހައްދުތައް ގާއިމުކުރުން ވެސް ވެރިޔާއަށް ވާޖިބުވެގެން ވެއެވެ. އަދި އެ މީހުން ހިމާޔަތްކޮށް އުނދަގޫތަކުން ރައްކާތެރިކުރުމަކީ ވެސް ވެރިޔާގެ ވާޖިބެކެވެ.
އަދި ޛިއްމީން ލާ ހެދުމުގައި، މުސްލިމުންނާ ތަފާތުވުން ވާޖިބުވެގެން ވެއެވެ. އަދި އިސްލާމް ދީނުގައި މުންކަރާތެއް ކަމުގައިވާ އެއްވެސް ކަމެއް އެ މީހުންނަކަށް ފާޅެއް ނުކުރެވޭނެއެވެ. އަދި އެ މީހުންގެ ދީނުގެ ޝިއާރުތަކުގެ ތެރެއިން އެއްވެސް ޝިއާރެއް، މިސާލަކަށް ނާގޫސް (އެބަހީ: ފައްޅީގައި ޖަހާ ބޮޑު ރަނގަބީލު) އަދި ސަލީބު ފަދަ ކަންކަން ވެސް ފާޅެއް ނުކުރެވޭނެއެވެ. އަދި ޛިއްމީންގެ ހުކުމްތައް އިލްމުވެރިންގެ ފޮތްތަކުގައި ވާނެއެވެ. މިތާ އެ ވާހަކަތައް ދިގެއް ނުކުރާނަމެވެ.
އަދި ހަމްދު ވަނީ އާލަމްތަކުގެ ރައްބު، ﷲ އަށެވެ. އަދި އަޅަމެންގެ ނަބީ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަސްހާބުންނަށް ﷲ ޞަލަވާތާއި ސަލާމްލައްވާށިއެވެ.
ލިޔުނީ: ﷲ ތަޢާލާއަށް ފަގީރުވެގެންވާ އަޅާ،
މުޙައްމަދު އައްޞާލިޙު އަލްޢުޘައިމީން
*
Related books
All books
نبذة في العقيدة الإسلامية (شرح أصول الإيمان)76 languagesنبذة في العقيدة الإسلامية (شرح أصول الإيمان)
رسالة لطيفة تتناول أصول العقيدة الإسلامية بأسلوب مبسط وميسر. تبدأ بمقدمة حول أهمية علم التوحيد، كونه أشرف العلوم وأجلّها، ثم تتناول مفهوم الدين الإسلامي وأركانه الخمسة: الشهادتان، والصلاة، والزكاة، والصوم، والحج. كما يشرح الإيمان بالله، وملائكته، وكتبه، ورسله، واليوم الآخر، ويؤكد على أهمية التوحيد في بناء دين المسلم بشكل سليم. الكتاب يهدف إلى تعزيز الفهم الصحيح للعقيدة الإسلامية وتطبيقها في حياة المسلم اليومية.
މުލްޙިދަށް (ކަލަކުވާކަމަށް ޤަބޫލުނުކުރާ އޭތީސްޓަށް) ވާ ކުރު ރިސާލާއެއް61 languagesމުލްޙިދަށް (ކަލަކުވާކަމަށް ޤަބޫލުނުކުރާ އޭތީސްޓަށް) ވާ ކުރު ރިސާލާއެއް
(މިއީ) މުލްޙިދަކަށް ނުވަތަ އޭތީސްޓަކަށް އަމާޒުކުރެވިފައިވާ ކުރު ރިސާލާއެކެވެ. މި ރިސާލާގައި، ކައުނާއި އޭގެ ނިޒާމުގެ ނާޒުކު ފުރިހަމަކަން އެއީ އިއްތިފާޤަކުން (ކަލަކު ނެތި) ކައުނު އުފެދުން ނަފީކުރާ ކަމެއްކަމާއި، އަދި އެއިން ދަލީލުކުރަނީ ޙިކުމަތްތެރި ޚާލިޤަކުވާކަމަށްކަން ބުއްދިއަށް މުޚާޠަބުކޮށް ކިޔާދެއެވެ. ފަހެ މި ހުރިހާ އެއްޗެއް (ކަލަކު ނުވާގޮތަށް) ނެތުމުގެ ތެރެއިން އައުމަކީ ބުއްދި ހަމަޖެހޭ ކަމެއް ހެއްޔެވެ؟ ފަހެ ފުންކޮށް ވިސްނާ ފިކުރު ކުރުމަށް ތިބާގެ ހިތް ހުޅުވާހުށިކަމެވެ. އަދި ތިބާ ޙައްޤު ހޯދާށެވެ. ފަހެ ޙައްޤުގައި ތިބާއަށް މަގުދައްކާނޭ ނޫރެއް އަލިކަމެއް ތިބާއަށް ފެންނާނެއެވެ.
ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު82 languagesނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު
'ނަބީ ﷺ ގެ ނަމާދުގެ ކައިފިއްޔަތު' ކިޔޭ މިފޮތުގައި، ނަބީ ﷺ ގެ ނަމާދު އެކަލޭގެފާނު ކުރެއްވި ގޮތާއި ޞިފަ، ސަމާޙަތުއް-ޝައިޚު ޢަބްދުލް-ޢަޒީޒު ބްނު ބާޒް رحمه الله ޚުލާޞާ ކުރައްވާ ގެންނަވާފައި ވެއެވެ. އެއީ ސާދާ އުސްލޫބަކުންނެވެ. އަދި ސީދާ މަންހަޖަކުންނެވެ. އެއީ ޞައްޙަ ނައްޞުތަކަށް ބިނާކުރައްވައިގެންނެވެ. އެއީ މުސްލިމް މީހާއަށް، އޭނާގެ ނަމާދުކުރުމަށް ރަނގަޅު މަގު ދައްކުވައި ދިނުމަށްޓަކައެވެ. ޝެއިޚުވަނީ ނަމާދުގެ ރުކުންތަކާއި، އޭގެ ސުންނަތްތަކާއި އަދި އޭގެ ޞިފަތައް، ވުޟޫކުރުމުން ފެށިގެން ގޮސް ސަލާމް ދިނުމާއި ހަމައަށް މިފޮތުގައި ބަޔާންކުރައްވާފައިއެވެ. އެއީ ދަލީލު ދެއްކުމާއި އަދި ބަޔާން ކުރުމާ…
އިސްލާމްދީން89 languagesއިސްލާމްދީން
رحمنވަންތަ رحيمވަންތަ اللَّهގެ اسمފުޅުން (ފަށައިގަންނަމެވެ.) ތިބާ އަމިއްލަ ނަފުސާ ސުވާލުކުރިން ހެއްޔެވެ؟ އުޑާއި ބިމާއި އެދެމެދު ވާހައި ބޮޑެތި މަޚުލޫޤާތުތައް ހެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ މި ފުރިހަމަ ނާޒުކު ނިޒާމު ހެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟