Filter results
279 cards
الموضوعات
التصنيف الشرعي
Filter ▾
حجم المحتوى4
ޖ: އަލްހުމަޒާ ސޫރަތާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ (ޣީބަބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.)
الَّذِي جَمَعَ مَالًا وَعَدَّدَهُ (އެއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ.)
يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ( އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ.)
كَلَّا لَيُنْبَذَنَّ فِي الْحُطَمَةِ (ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލެވޭނެކަން ކަށަވަރެވެ.)
وَمَا أَدْرَاكَ مَا الْحُطَمَةُ (އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟)
نَارُ اللَّهِ الْمُوقَدَةُ (ﷲ ގެ އަނދައަނދާ ހުންނަ ނަރަކަޔެވެ.)
الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ (އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ.)
إِنَّهَا عَلَيْهِمْ مُؤْصَدَةٌ (ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ.)
فِي عَمَدٍ مُمَدَّدَةٍ ﴾ (ދިގުވެގެންވާ ތަނބުތަކެއްގައި ބަނދެވިގެންނެވެ.)
[އަލްހުމަޒާ: 1-9]
ތަފްސީރު:
މީސްތަކުންގެ ވާހަކަދައްކާ ޣީބަބުނުމާއި، އެމީހުންނަށް ފާޑުކިޔާ އެއްޗެހިކިޔުން ގިނަ މީހާއަށް ހަލާކާއި ގަދަފަދަ ޢަޛާބު ހުއްޓެވެ.
އޭނާގެ ހުރިހާވެސް ވިސްނުމަކީ މުދަލާއި ފައިސާ އެއްކޮށް، އެ ގުނުމެވެ. އެ ނޫން ވިސްނުމެއް އޭނާގެ ނުވެއެވެ.
އޭނާ ދެކޭގޮތުގައި އޭނާ ޖަމާކޮށްފައިވާ ފައިސާއިން އޭނާ މަރުން ސަލާމަތްވެ، ދެން އޭނާ މި ދުނިޔޭގެ ޙަޔާތުގައި ތާއަބަދަށް ހުންނާނެއެވެ.
ކަންތައްވަނީ މި ޖާހިލުމީހާ ތަޞައްވަރުކުރި ގޮތަކަށް ނޫނެވެ. ޔަޤީނުންވެސް އޭނާ ޖަހަންނަމައިގެ އަލިފާނަށް އެއްލާލެވޭނެއެވެ. އެ އަލިފާންގަނޑަކީ އޭގެ ވަރުގަދަކަމުން، އެއަށް އެއްލާލެވޭ ކޮންމެ އެއްޗެއް ފުނޑާލާ ސުންނާފަތި ކޮށްލާ އަލިފާނެކެވެ.
އޭ ރަސޫލާއެވެ! އެއަށް އެއްލާލެވޭ ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށްލާ މި ނަރަކައަކީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟
ހަމަކަށަވަރުން އެއީ ﷲ ތަޢާލާގެ، ރޯކޮށްލެވިގެންވާ އަލިފާންގަނޑެވެ.
އެއީ މީސްތަކުންގެ ހަށިތަކަށް ވަދެގެން އެމީހުންގެ ހިތްތަކާ ހިސާބަށް ދާ އަލިފާނެވެ.
ހަމަކަށަވަރުން އެ ނަރަކަވަނީ، އޭގައި ޢަޛާބު ލިބެމުންދާ މީހުންގެ މައްޗަށް ބަންދުކުރެވި ތަޅުލެވިގެންނެވެ.
އެމީހުންނަށް ނުނިކުމެވޭނެހެން ދިގު ތަނބުތަކެއްގައި ބަނދެވިފައިއެވެ.
ޖ: ސޫރަތުލް ފީލް އާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ (އެތުގެ އެކުވެރިންނާމެދު (އެބަހީ: ގެފުޅު ތަޅާލަން އެތަކާއެކު އައި މީހުންނާމެދު) ކަލޭގެފާނުގެ ވެރިރައްބު، ކަންތައް ކުރެއްވިިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟)
أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ (އެކަލާނގެ އެއުރެންގެ މަކަރާއި ޙީލަތް، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟)
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ (އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ.)
تَرْمِيهِمْ بِحِجَارَةٍ مِنْ سِجِّيلٍ (ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ.)
فَجَعَلَهُمْ كَعَصْفٍ مَأْكُولٍ ﴾ (ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ.)
[އަލްފީލު: 1-5]
ތަފްސީރު:
އޭ ރަސޫލާއެވެ! ކަލޭގެފާނުގެ ވެރި ރައްބު، އެތުގެ އަޞްޙާބުންކަމުގައިވާ: އަބްރަހާ އާއި އޭނާގެ މީހުން ކަޢުބާ ތަޅާލަން އުޅުނުހިނދު ކަންތައްކުރެއްވި ގޮތް އެނގިވަޑައިނުގަންނަވާތޯއެވެ؟
ގެފުޅު ތަޅާލަން އެމީހުން ރޭވި ނުބައިވެގެންވާ ރޭވުން، ﷲ ގެއްލެނިވުމުގައި ލެއްވިއެވެ. ދެން އެމީހުން އެދި އުއްމީދުކުރި ކަންތައް ކަމުގައިވާ: މީސްތަކުން ކަޢުބާއިން މޫނު އަނބުރާލުވުމުގެ އެއްވެސް ކަމެއް ޙާޞިލެއް ނުވިއެވެ. އެއިން އެއްކަމެއްވެސް އެމީހުންނަށް ނުހޯދުނެވެ.
އަދި އެކަލާނގެ އެމީހުންގެ މައްޗަށް ދޫނިތަކެއް ބައިބައިގަނޑަށް ޖަމާޢަތަކުން ޖަމާޢަތެއް ފޮނުއްވިއެވެ.
އެބަހީ: މަށިން ގަލަށްވެ ހަރުވެފައިވާ ހިލަތަކެއް އެމީހުން ގަޔަށް އެ ދޫނިތައް އުކަމުންދިޔައެވެ.
ދެން ޖަނަވާރުތަކެއް ކައި، އޭގެ މައްޗަށް އަރާ ޗިސްކޮށްފައި ހުރި ހުއި ފަތްތަކެއް ގޮތަށް ﷲ އެމީހުން ލެއްވިއެވެ.
ޖ: ޤުރައިޝް ސޫރަތާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿لِإِيلَافِ قُرَيْشٍ (ޤުރައިޝު ވަންހައިގެ މީހުން ފަހިކޮށް ހޭނިގެންވާކަމަށްޓަކައި (ކަލޭގެފާނު ޢަޖައިބުވެވަޑައިގަންނަވާށެވެ.) )
إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ (ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރަށް އެމީހުން ހޭނި ފަރިތަވެގެންވުމުންނެވެ.)
فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ (ފަހެ، މި ގެފުޅުގެ ވެރިރައްބަށް އެއުރެން އަޅުކަން ކުރާހުށިކަމެވެ!)
الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآمَنَهُمْ مِنْ خَوْفٍ ﴾ (އެކަލާނގެއީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަންދެއްވި ރަސްކަލާނގެއެވެ.)
[ޤުރައިޝު: 1-4]
ތަފްސީރު:
އޭގެ މުރާދަކީ: ފިނިމޫސުމާއި ހޫނުމޫސުމުގައި އެމީހުން ޢާދަކޮށް، ފަރިތަކޮށްފައިވާ ދަތުރުކުރުމުގެ ވާހަކައެވެ.
ފިނިމޫސުމުގެ ދަތުރު ޔަމަނަށް، އަދި ހޫނު މޫސުމުގެ ދަތުރު ޝާމްކަރައަށް އަމާންކަމާއެކު ކުރާ ވާހަކައެވެ.
ފަހެ އެމީހުންނަށް މި ދަތުރު ފަސޭހަކޮށްދެއްވި، މި ޙުރުމަތްތެރިވެގެންވާ ގެފުޅުގެ ވެރި ރައްބު ﷲ އަށް އެކަނި އެމީހުން އަޅުކަންކުރާހުށިކަމެވެ. އަދި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރިނުކުރާހުށިކަމެވެ.
އެކަލާނގެއީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަންދެއްވި އިލާހެވެ. އެއީ ޢަރަބިންގެ ހިތްތަކުގައި އެކަލާނގެ ލެއްވި، ޙަރަމްފުޅަށް ޤަދަރުކޮށް މާތްކޮށްހިތުމާއި، އަދި އެޙަރަމްފުޅުގެ އަހުލުވެރިންނަށްވެސް ޤަދަރުކޮށް މާތްކޮށްހިތުން މެދުވެރިކުރައްވައެވެ.
ޖ: އަލްމާޢޫން ސޫރަތާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ (ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟)
فَذَلِكَ الَّذِي يَدُعُّ الْيَتِيمَ (ފަހެ، އެއީ ޔަތީމު ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ.)
وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ (އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.)
فَوَيْلٌ لِلْمُصَلِّينَ (ފަހެ، ނަމާދުކުރާ މީހުންނަށް ހަލާކުހުއްޓެވެ.)
الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ (އެއީ އެމީހުންގެ ނަމާދާމެދު ޣާފިލުވެގެން ތިބެ ނަމާދުކުރާ މީހުންނެވެ.)
الَّذِينَ هُمْ يُرَاءُونَ (އެއުރެންނީ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.)
وَيَمْنَعُونَ الْمَاعُونَ﴾ (އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ.)
[އަލްމާޢޫން ސޫރަތް: 1-7]
ތަފްސީރު:
ޤިޔާމަތް ދުވަހު، ޖަޒާދެއްވޭނެކަން ދޮގުކުރާ މީހުން ކަލޭގެފާނަށް އެނގިވަޑައިގެންފައިވޭހެއްޔެވެ؟
ފަހެ އޭނާއީ، ޔަތީމު ކުއްޖާ ބޭނުން ފުއްދަން ފުރުސަތު ނުދީ، ހަރުކަށިކޮށް އެކަމުން ދުރުކުރާ މީހާއެވެ.
ފަޤީރުންނަށް ކާންދިނުމަށް އޭނާގެ އަމިއްލަ ނަފްސަށް، އަދި އެހެން މީހުންނަށްވެސް އޭނާ ބާރެއް ނާޅައެވެ.
ފަހެ ނަމާދުކުރާ މީހުންނަށް ހަލާކާއި ޢަޛާބު ހުއްޓެވެ.
އެމީހުންނީ ނަމާދު ވަޤުތު ނިމިދަންދެން އެއްވެސް ސަމާލުކަމެއް ނުދީ އަޅާލުމެއް ނުބަހައްޓާ، އެމީހުންގެ ނަމާދުކުރުމުން ޣާފިލުވެގެން ތިބޭ މީހުންނެވެ.
އެމީހުންނީ އެމީހުންގެ ނަމާދާއި ޢަމަލުތަކުން ކަންދައްކާ ދެއްކުންތެރިވާ މީހުންނެވެ. އެމީހުން ޢަމަލުކުރުމުގައި ﷲ އަށް އިޚްލާޞްތެރި ނުވެއެވެ.
އެބަހީ: އެކަމެއް ކޮށްދިނުމުގައި އެއްވެސް ގެއްލުމެއް ނުލިބޭ ކަންތަކުގައިވެސް، އެހެން މީހުންނަށް އެހީއެއް ދިނުމުން އެމީހުން މަނާވެގަނެއެވެ.
ޖ: އަލްކައުޘަރު ސޫރަތާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿إِنَّا أَعْطَيْنَاكَ الْكَوْثَرَ (ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނަށް ކައުޘަރު ދެއްވީމެވެ.)
فَصَلِّ لِرَبِّكَ وَانْحَرْ (ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!)
إِنَّ شَانِئَكَ هُوَ الْأَبْتَرُ.﴾ (ހަމަކަށަވަރުން، ކަލޭގެފާނުދެކެ ނަފުރަތުކޮށް ރުޅިއަންނަ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.)
[އަލްކައުޘަރު: 1-3]
ތަފްސީރު:
އޭ ރަސޫލާއެވެ! ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް ގިނަވެގެންވާ ހެޔޮކަންތައް ދެއްވީމެވެ. އަދި އޭގެ ތެރޭގައި ސުވަރުގޭގައިވާ ކައުޘަރުއޭ ކިޔޭ ކޯރުވެސް ހިމެނެއެވެ.
ފަހެ މި ނިޢުމަތުގެ މައްޗަށް ﷲ އަށް ޝުކުރު އަދާކުރައްވާށެވެ. އެއީ ހަމައެކަނި އެކަލާނގެއަށް ކަލޭގެފާނު ނަމާދުކުރައްވާ، އަދި ޤުރުބާން ކުރައްވައިގެންނެވެ. އެއީ ބުދުތަކަށް ޤުރުބާންކޮށްގެން ކުއްތަންވެގަންނަ މުޝްރިކުން ކަންތައްކުރަމުންދާ ގޮތާ ޚިލާފަށެވެ.
ހަމަކަށަވަރުން، ކަލޭގެފާނުދެކެ ރުޅިއައިސް ނަފުރަތުކުރާ މީހާއީ؛ ހުރިހާ ހެވަކުން ކެނޑިގެންވާ، ހަނދާނުން ފޮހެވިގެންވާ މީހާއެވެ. އަދި އޭނާގެ ވާހަކަދެއްކުނަސް ނުބައި ގޮތެއްގައި އޭނާގެ ވާހަކަ ނަންގަނެވޭ މީހާއެވެ.
ޖ: ސޫރަތުލް ކާފިރޫން އާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿قُلْ يَا أَيُّهَا الْكَافِرُونَ (ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފަރުންނޭވެ!)
لَا أَعْبُدُ مَا تَعْبُدُونَ (ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.)
وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ (އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.)
وَلَا أَنَا عَابِدٌ مَا عَبَدْتُمْ (އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.)
لَكُمْ دِينُكُمْ وَلِيَ دِينِ ﴾ (ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.)
[އަލްކާފިރޫން: 1-6]
ތަފްސީރު:
އޭ ރަސޫލާއެވެ! ވިދާޅުވާށެވެ: އޭ ﷲ އަށް ކާފަރުވެގެން ތިބި މިތިބަ މީހުންނޭވެ!
ތިޔަބައިމީހުން އަޅުކަންކުރާ ބުދުތަކަށް، މިހާރުވެސް އަދި މުސްތަޤުބަލުގައިވެސް ތިމަންކަލޭގެފާނު އަޅުކަން ނުކުރައްވާނަމެވެ.
އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތް ކަމުގައިވާ- ހަމައެކަނި ﷲ އަށް- އަޅުކަންކުރާ ބައެއްކަމުގައި ތިޔަބައިމީހުން ނުވެއެވެ.
ތިޔަބައިމީހުން އަޅުކަންކުރި ބުދުތަކަށް އަޅުކަންކުރާ އަދި ކުރާނޭ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އުފައްދައިގެން ތިޔަ އުޅޭ ދީންވަނީ ތިޔަބައިމީހުންނަށެވެ. އަދި ތިމަންކަލޭގެފާނަށްވަނީ ﷲ ތިމަންކަލޭގެފާނުގެ މައްޗަށް ބާވައިލެއްވި ދީނެވެ.
ޖ: ސޫރަތުއް ނަޞްރާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ (ﷲ ގެ ނަޞްރާއި، ފަތަޙަ އަތުވެއްޖެ ހިނދެވެ.)
وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا ( އަދި ﷲ ގެ ދީނަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ.)
فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا ﴾ (ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ! ހަމަކަށަވަރުން ގިނަގިނައިން ތައުބާލައްވާ އިލާހެއްކަމުގައި އެކަލާނގެވެއެވެ.)
[އައްނަޞްރު: 1-3]
ތަފްސީރު:
އޭ ރަސޫލާއެވެ! ކަލޭގެފާނުގެ ދީނަށް ﷲ ގެ ނަޞްރު އައިސް، އެކަލާނގެ އެ ދީން ޢިއްޒަތްތެރި ކުރައްވާ، މައްކާ ފަތަޙަކުރުން ހިނގައިފި ހިނދެވެ.
އަދި ވަފްދަކަށް ފަހު ވަފްދެއް، މީސްތަކުން އިސްލާމްދީނަށް ވަންނަތަން ކަލޭގެފާނަށް ފެނިވަޑައިގެންފި ހިނދެއެވެ.
ފަހެ އެހިނދުން ކަލޭގެފާނު ދަންނާށެވެ! އެއީ ކަލޭގެފާނު އެކަމަކާގެން ފޮނުއްވުނު ކަންތައް ނިމުން ކައިރިވެއްޖެކަމަށް، އަދި ކަލޭގެފާނުގެ އަޖަލު ނިމި، ކަލޭގެފާނުގެ ވެރި ރައްބާ ބައްދަލުކުރެއްވުން ގާތްވެއްޖެކަމުގެ ޢަލާމާތެކެވެ. އެހެންކަމުން ކަލޭގެފާނުގެ ވެރި ރައްބަށް ޙަމްދުކުރަމުން ތަސްބީޙަ ކިޔުއްވާށެވެ. އެއީ (އެކަލާނގެ ދެއްވި) ނަޞްރާއި ފަތަޙައިގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. އަދި އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އެކަލާނގެ އަޅުތަކުންގެ ތައުބާ ޤަބޫލުކުރައްވާ، އަދި އެމީހުންނަށް ފާފަފުއްސަވާ، ގިނަގިނައިން ތައުބާލައްވާ ފަރާތެއްކަމުގައި ވޮޑިގެންވެއެވެ.
ޖ: ސޫރަތުލް މަސަދާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ (އަބޫ ލަހަބުގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ.)
مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ (އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.)
سَيَصْلَى نَارًا ذَاتَ لَهَبٍ (ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ.)
وَامْرَأَتُهُ حَمَّالَةَ الْحَطَبِ (އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުން ހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ.)
فِي جِيدِهَا حَبْلٌ مِنْ مَسَدٍ ﴾ (ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.)
[އަލްމަސަދު: 1-5]
ތަފްސީރު:
ނަބިއްޔާ ﷺގެ ބޮޑުބޭބެ، އަބޫ ލަހަބު ބްނު ޢަބްދުލް މުއްޠަލިބުގެ ޢަމަލުތައް ގެއްލިގެން ދިޔުމުން، އޭނާގެ ދެއަތް ގެއްލި ހަލާކުވެގެންދިޔައީއެވެ. އެއީ އޭނާ ނަބިއްޔާ ﷺއަށް ޖެއްސުންކޮށް އުނދަގޫކުރަމުން ދިޔުމުންނެވެ. އަދި އޭނާ ކުރި ކަންތައް ގެއްލެނިވެ ބީވެގެން ގޮސްފިއެވެ.
އޭނާގެ މުދަލާއި ދަރިން އޭނާއަށް ފުއްދައިދިނީ ކޮންކަމެއްހެއްޔެވެ؟ އެ ތަކެތި އޭނާގެ ކިބައިން ޢަޛާބެއް ދުރުކޮށް ނުދެއެވެ. އަދި އޭނާއަށް ރަޙްމަތެއްވެސް ގެނެސް ނުދެއެވެ.
ޤިޔާމަތް ދުވަހު ހުޅުގަނޑުގެ ވެރި ނަރަކައަށް އޭނާ ވަދެ، އެތަނުގެ ހޫނުކަން އުފުލަންޖެހޭނެއެވެ.
ނަބިއްޔާ ﷺ ހިންގަވާ މަގަށް ކަށިކުނބުރި އުކައިގެން ޖެއްސުންކުރަމުން ދިޔަ އޭނާގެ އަނބިކަނބުލޭގެ އުންމު ޖަމީލުވެސް އެތަނަށް ވަންނާނެއެވެ.
އެކަނބުލޭގެ ކަނދުރާގައި ވަރުގަދައަށް ވިޔެފައިވާ ވާގަނޑެއް ވެއެވެ. އެ ވާގަނޑުން އެކަނބުލޭގެ ދަމާފައި ނަރަކައަށް ގެންދެވޭނެއެވެ.
ޖ: ސޫރަތުލް އިޚްލާސް އާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿قُلْ هُوَ اللَّهُ أَحَدٌ (ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އެއްކައުވަންތަ އިލާހެވެ.)
اللَّهُ الصَّمَدُ (ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.)
لَمْ يَلِدْ وَلَمْ يُولَدْ (އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.)
وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ ﴾ (އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.)
[އަލްއިޚްލާޞް: 1-4].
ތަފްސީރު:
އޭ ރަސޫލާއެވެ! ވިދާޅުވާށެވެ: އެއީ ﷲ އެވެ. އެކަލާނގެ ފިޔަވައި ޙައްޤު އިލާހެއް ނުވެއެވެ.
އެބަހީ: ޚަލްޤުތަކުންގެ ޙާޖަތްތައް އެކަލާނގެ ޙަޟްރަތަށް އުފުލިގެންދެއެވެ.
ފަހެ އެކަލާނގެ ސުބްޙާނަހޫއަށް ދަރިކަލަކު އަދި ބަފައިކަލަކުވެސް ނުވެތެވެ.
އެކަލާނގެ ޚަލްޤުތަކުގެ ތެރެއިން އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.
ޖ: އަލްފަލަޤު ސޫރަތާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿قُلْ أَعُوذُ بِرَبِّ الْفَلَقِ (ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.)
مِنْ شَرِّ مَا خَلَقَ (އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.)
وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.)
وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙުރުހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.)
وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ ﴾ (އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.)
[އަލްފަލަޤު: 1- 5]
ތަފްސީރު:
އޭ ރަސޫލާއެވެ! ވިދާޅުވާށެވެ: ފަތިހުގެ ވެރި ރައްބުގެ ޙަޟްރަތުން ރައްކާތެރިކަމާއި ޙިމާޔަތަށް އެދެމެވެ.
މަޚްލޫޤުންގެ ތެރެއިން ދުއްތުރާ ދެނިވި ކޮންމެ އެއްޗެއްގެ ނުބައި ކަމުންނެވެ.
އަދި ރޭގަނޑުގައި ފާޅުވާ ޖަނަވާރުތަކާއި، ވަގުންގެ ނުބައިކަމުންވެސް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.
އަދި ގޮށްގޮށަށް ފުމޭ ސިޙުރުވެރިންގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެކަލާނގެ ޙަޟްރަތުން އެދެމެވެ.
އަދި މީސްތަކުންދެކެ ނަފުރަތުކޮށް ޙަސަދަވެރިވާ މީހާ؛ ﷲ މީސްތަކުންނަށް ދެއްވާފައިވާ ނިޢުމަތްތައް އެމީހުންގެ ކިބައިން ފިލައިދިޔުމަށް، އަދި އެމީހުންނަށް އުނދަގުލާއި ތުރާ ޖެއްސުމަށް އެދިގެން ޙަސަދަވެރިވާހިނދު އޭނާގެ ނުބައިކަމުންވެސް މެއެވެ.
ޖ: އައްނާސް ސޫރަތާއި އޭގެ ތަފްސީރު:
(بسم الله الرحمن الرحيم) ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ.
﴿قُلْ أَعُوذُ بِرَبِّ النَّاسِ (ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.)
مَلِكِ النَّاسِ (މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ.)
إِلَهِ النَّاسِ (މީސްތަކުންގެ އަޅުކަންކުރާ އިލާހެވެ.)
مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ.)
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނެވެ.)
مِنَ الْجِنَّةِ وَالنَّاسِ.﴾ ( ޖިންނީންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިންނެވެ.)
[އައްނާސް: 1- 6]
ތަފްސީރު:
އޭ ރަސޫލާއެވެ! ވިދާޅުވާށެވެ: މީސްތަކުންގެ ވެރި ރައްބުގެ ޙަޟްރަތުން ރައްކާތެރިކަމާއި ޙިމާޔަތަށް އެދެމެވެ.
އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް އެމީހުންނާމެދު ކަންތައް ކުރައްވައެވެ. އެކަލާނގެ ފިޔަވައި އެމީހުންގެ މިލްކުވެރިވަންތަ ފަރާތެއް ނުވެއެވެ.
އެކަލާނގެއީ ޙައްޤު ގޮތުގައި އެމީހުން އަޅުކަން ކުރާ ފަރާތެވެ. އަދި އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް އެމީހުންނަށް ނުވެއެވެ.
ރައްކާތެރިކަމަށް އެދެނީ މީސްތަކުންނަށް ވަސްވާސްތައް ލައިދޭ ޝައިޠާނާގެ ނުބައިކަމުންނެވެ.
މީސްތަކުންގެ ހިތްތަކަށް އެކަލޭގެ ވަސްވާސްތައް ލައިދެއެވެ.
އެބަހީ: އެގޮތަށް ވަސްވާސްދޭ ފަރާތަކީ އިންސާނުންގެ ތެރެއިންވާ މީހަކަށް ވެދާނެއެވެ. އަދި ޖިންނީންގެ ތެރެއިންވާ މީހަކަށްވެސް ވެދާނެއެވެ.
ޖ: އަމީރުލް މުއުމިނީން، އަބޫ ޙަފްޞު ޢުމަރު ބްނުލް ޚައްޠާބު رَضِيَ اللَّهُ تَعَالَى عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صَلَّى اللهُ تَعَالَى عَلَيْهِ وعَلَى آَلِهِ وَسَلَّمَ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ:
«إنما الأعمال بالنيات، وإنما لكل امرئ ما نوى، فمن كانت هجرته إلى الله ورسوله؛ فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها، أو امرأة ينكحها؛ فهجرته إلى ما هاجر إليه» "ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ ހަމައެކަނި އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ އެމީހަކު ހިޖުރަކުރީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކަމަށްވާނަމަ؛ ފަހެ އޭނާގެ ހިޖުރަވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. އަދި އެމީހަކުގެ ހިޖުރަވަނީ: ދުނިޔެ ހޯދުމަށްޓަކައި، ނުވަތަ އަންހެނަކާ ކައިވެނިކުރަންނަމަ؛ ފަހެ އޭނާގެ ހިޖުރަވަނީ އޭނާ ހިޖުރަކުރި ކަމަކަށެވެ."
ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
ޙަދީޘުން ލިބޭ ފައިދާތައް:
- ނަމާދާއި، ރޯދައާއި، ޙައްޖާއި އެނޫންވެސް ޢަމަލުތަކުންވާ ކޮންމެ ޢަމަލަކަށްވެސް ނިޔަތް އޮންނަން ޖެހޭނެއެވެ.
- ނިޔަތުގައި ﷲ ތަޢާލާއަށް ކޮންމެހެންވެސް އިޚްލާޞްތެރިވާން ޖެހޭނެއެވެ.
ޖ: އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
«من أحدث في أمرنا هذا ما ليس منه، فهو ردٌّ» "އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ."
ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
ޙަދީޘުން ލިބޭ ފައިދާތައް:
- ދީނުގައި އަލަށް ކަންކަން އުފެއްދުން ނަހީވެގެންވުން.
- އަލަށް އުފެއްދޭ ކަންކަންވަނީ ޤަބޫލު ނުވެވި، ރައްދުކުރެވިގެންނެވެ.
ޖ: ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:
«بينما نحن جلوس عند رسول الله صلى الله عليه وسلم ذات يوم، إذ طلع علينا رجل شديد بياض الثياب، شديد سواد الشعر، لا يرى عليه أثر السفر، ولا يعرفه منا أحد، حتى جلس إلى النبي صلى الله عليه وسلم، فأسند ركبته إلى ركبتيه، ووضع كفيه على فخذيه، وقال: «يا محمد أخبرني عن الإسلام»، فقال له: «الإسلام: أن تشهد أن لا إله إلا الله، وأن محمدًا رسول الله، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت إن استطعت إليه سبيلًا»، قال: «صدقت»، فعجبنا له يسأله ويصدقه، قال: «أخبرني عن الإيمان» قال: «أن تؤمن بالله، وملائكته، وكتبه، ورسله، واليوم الآخر، وتؤمن بالقدر؛ خيره وشره»، قال: «صدقت»، قال: «فأخبرني عن الإحسان»، قال: «أن تعبد الله كأنك تراه، فإن لم تكن تراه، فإنه يراك»، قال: «فأخبرني عن الساعة»، قال: «ما المسؤول بأعلم من السائل»، قال: «فأخبرني عن أماراتها»، قال: «أن تلد الأمة ربتها، وأن ترى الحفاة العراة العالة رعاء الشاء، يتطاولون في البنيان» ثم انطلق فلبث مليًّا، ثم قال: «يا عمر! أتدري من السائل؟»، قلت: "الله ورسوله أعلم"، قال: «فإنه جبريل، أتاكم يعلمكم دينكم» "އެއް ދުވަހަކު ތިމަންމެން ﷲ ގެ ރަސޫލާ ﷺ ގެ އަރިހުގައި އިށީންދެގެން ތިއްބާ، ހެދުމުގެ ހުދުކަން ގަދަ، ބޮލުގެ އިސްތަށިގަނޑުގެ ކަޅުކަން ގަދަ، މީހަކު އަހަރުމެންގެ ގާތަށް ފާޅުވިއެވެ. އޭނާގެ ކިބައިން ދަތުރުގެ އަސަރެއް ނުފެނެއެވެ. އަދި އަހަރުމެންގެ ތެރެއިން އެކަކުވެސް އޭނާ ނުދަނެއެވެ. އޭނާ އައިސް ނަބިއްޔާ ﷺގެ އަރިހުގައި އިށީންދެއްޖައުމަށް ދާންދެނެވެ. ދެން އޭނާގެ ކަކޫ އެކަލޭގެފާނުގެ ކަކޫފުޅުގައި ޖެއްސިއެވެ. އަދި އޭނާގެ ދެ އަތްތިލަ އެކަލޭގެފާނުގެ ފަލަމަސްގަނޑުފުޅުގައި ބޭއްވިއެވެ. ދެން ދެންނެވިއެވެ: "އޭ މުޙައްމަދެވެ! އިސްލާމްކަމާ ބެހޭގޮތުން އަހަރެންނަށް ޚަބަރުދީބަލާށެވެ!" ދެން އެކަލޭގެފާނު އޭނާއަށް ޙަދީޘްކުރެއްވިއެވެ: "އިސްލާމްކަމަކީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ތިބާ ހެކިވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ރަމަޟާންމަހު ރޯދަ ހިފައި، ޙައްޖަށް ދިޔުމަށް ތިބާއަށް މަގެއް ފަހިވެ ކުޅަދާނަވެއްޖެނަމަ؛ ގެފުޅަށް ޙައްޖުވުމެވެ." އޭނާ ބުނެފިއެވެ: "ތިޔަ ބުނީ ތެދަށެވެ." ދެން އޭނާ ސުވާލުކޮށްފައި، އަދި ތެދުކުރާތީވެ އަހަރުމެން ޢަޖައިބުވިއެވެ. ދެން އޭނާ ބުނެފިއެވެ: "އީމާންކަމާ ބެހޭގޮތުން ޚަބަރުދީބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "ތިބާ ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮމިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ." ދެން އޭނާ ބުނެފިއެވެ: "ތިޔައީ ތެދެކެވެ." އަދި ބުނެފިއެވެ: "ދެން އިޙްސާންތެރިކަމާ ބެހޭގޮތުން ޚަބަރުދީބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "އެއީ ﷲ ދެކެދެކެހުރެގެން އަޅުކަންކުރާ ފަދައިން ތިބާ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެކަލާނގެ ފެންނަކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ." އޭނާ ބުނެފިއެވެ: "ދެންފަހެ ޤިޔާމަތްދުވަހާ ބެހޭގޮތުން ޚަބަރުދީބަލާށެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެކަމާމެދު ސުވާލުކުރެވުނު މީހާ، ވަކި ސުވާލުކުރި މީހާއަށްވުރެ ބޮޑަށް އެއްޗެއް ދަނެގެން ނުވެއެވެ." އޭނާ ދެންނެވިއެވެ: "އެހެންވިއްޔާ ޤިޔާމަތުގެ ޢަލާމާތްތަކުގެ ޚަބަރުދީބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "އަޅުއަންހެނާ އޭނާގެ އަންހެން ސާހިބުމީހާ ވިހެއުމާއި، ހުސްފަޔާ އޮރިޔާން ނިވާނުވާ، ފަޤީރު ޙާލުގައި ބަކަރި ހުއިހެއްޕުމުގައި އުޅުނު މީހުން، އުސް ބިނާތައް އެޅުމުގައި ވާދަކުރާތަން ތިބާއަށް ފެނުމެވެ." ދެން އޭނާ ދިޔައެވެ. އަދި އަހަރެން އިރުގަނޑަކު މަޑުކުރީމެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އޭ ޢުމަރެވެ! އެ ސުވާލުކުރި މީހަކީ ކާކުކަން ތިބާއަށް އެނގޭހެއްޔެވެ؟" އަހަރެން ދެންނެވީމެވެ: "މޮޅަށް ދެނެވަޑައިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ." ޙަދީޘްކުރެއްވިއެވެ: "ފަހެ ހަމަކަށަވަރުން އެއީ ޖިބްރީލެވެ. އެކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް އެ ވަޑައިގެންނެވީ، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އުނގަންނައިދެއްވުމަށެވެ."
ރިވާކުރެއްވީ މުސްލިމެވެ.
ޙަދީޘުން ލިބޭ ފައިދާތައް:
- އިސްލާމްދީނުގެ ފަސް ރުކުން ބަޔާންކުރުން؛ އެއީ:
- ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމެވެ.
- ނަމާދު ޤާއިމުކުރުމެވެ.
- ޒަކާތް ދިނުމެވެ.
- ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.
- ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޙައްޖުވުމެވެ.
- އީމާންކަމުގެ ރުކުންތައް ބަޔާންކުރުމެވެ. އެއީ ހައެކެވެ:
- ﷲ އަށް އީމާންވުން.
- އެކަލާނގެ މަލާއިކަތުންނަށް އީމާންވުން.
- އެކަލާނގެ ފޮތްތަކަށް އީމާންވުން.
- އެކަލާނގެ ރަސޫލުންނަށް އީމާންވުން.
- އާޚިރަތް ދުވަހަށް އީމާންވުން.
- ޤަދަރަށް، އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން.
- އިޙުސާންތެރިކަމުގެ ރުކުން ބަޔާންކުރުމެވެ. އެއީ އެންމެ ރުކުނެކެވެ: އެއީ ﷲ ދެކެދެކެހުރެގެން އަޅުކަންކުރާފަދައިން ތިބާ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެކަލާނގެ ފެންނަކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.
- ޤިޔާމަތް ޤާއިމުވުމުގެ ވަޤުތު، ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އެނގިގެން ނުވެއެވެ.
ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
«أكمل المؤمنين إيمانًا: أحسنهم خلقًا» "މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވަނީ؛ އެމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ."
ރިވާކުރެއްވީ އައްތިރްމިޛީއެވެ. އަދި ވިދާޅުވިއެވެ: ޞައްޙަ ޙަސަނު ދަރަޖައިގެ ޙަދީޘެކެވެ.
ޙަދީޘުން ލިބޭ ފައިދާތައް:
- ރިވެތި އަޚްލާޤަށް ބާރުއަޅާ ހިތްވަރުދިނުން.
- އަޚްލާޤުގެ ފުރިހަމަކަމަކީ އީމާންތެރިކަމުގެ ފުރިހަމަކަމުގެ ތެރޭގައިވާ ކަމެކެވެ.
- އީމާންކަން އުނި އިތުރުވެއެވެ.
ޖ: އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
«من حلف بغير الله؛ فقد كفر أو أشرك». "الله ނޫން ފަރާތެއް ގަންދީ ހުވައިކޮށްފި މީހާ ފަހެ ހަމަކަށަވަރުން އޭނާ ކާފަރު ވެއްޖެއެވެ. ނުވަތަ ޝިރުކު ކޮށްފިއެވެ."
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
ޙަދީޘުން ލިބޭ ފައިދާތައް:
- ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތެއް ގަންދީ ހުވާކުރުން ހުއްދަވެގެން ނުވެއެވެ.
- ﷲ ތަޢާލާ ނޫން އެހެން ފަރާތެއް ގަންދީ ހުވާކުރުމަކީ ކުޑަ ޝިރުކުގެ ތެރެއިންވާ ކަމެކެވެ.