ހަމަކަށަވަރުން ﷲ ހެޔޮކަންކަމާއި ނުބައިކަންކަން ލިޔުއްވިއެވެ. ދެން އެކަލާނގެ ދެން އެކަންކަން ބަޔާންކުރެއްވިއެވެ.
އިބްނު ޢައްބާސް رضي الله عنهما ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނުގެ ރައްބު ތަބާރަކަ ވަތަޢާލާގެ އަރިހުން ރިވާކުރައްވާ ބަސްފުޅެއްގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
"ހަމަކަށަވަރުން ﷲ ހެޔޮކަންކަމާއި ނުބައިކަންކަން ލިޔުއްވާފައި ދެން އެކަންކަން ބަޔާންކުރެއްވިއެވެ. ދެންފަހެ ހެޔޮކަމެއްކުރަން ޤަޞްދުކޮށްފައި ދެން އެކަމެއް ނުކޮށްފި މީހާ، ފަހެ ﷲ ގެ ޙަޟްރަތުގައި އެއީ ފުރިހަމަ ހެޔޮކަމެއްގެ ގޮތުގައި ލިޔުއްވާނެއެވެ. އަދި އޭނާ އެކަމަށް ޤަޞްދުކޮށްފައި ދެން އެކަމެއް ކޮށްފިނަމަ؛ ﷲ ގެ ޙަޟްރަތުގައި، އެކަންތައް ދިހަ ހެޔޮކަމުން ގޮސް ހަތްސަތޭކަ ގުނައިން ގޮސް އެތައް ގުނައަކަށް ލިޔުއްވާނެއެވެ. އަދި ނުބައިކަމެއް ކުރަން ޤަޞްދުކޮށް ވިސްނާ، ދެން އެކަމެއް ނުކޮށްފި މީހާއަށް ﷲ ގެ ޙަޟްރަތުގައި ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި އޭނާ އެކަމަށް ޤަޞްދުކޮށްފައި އެކަން ކޮށްފިނަމަ؛ ﷲ އެކަން އެއީ ނުބައި އެންމެ ކަމެއްގެ ގޮތުގައި ލިޔުއްވައެވެ."
«إنَّ اللهَ كَتَبَ الحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا؛ كَتَبَهَا اللهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا؛ كَتَبَهَا اللهُ عِنْدَهُ عَشْرَ حَسَنَاتٍ إلَى سَبْعِمِائَةِ ضِعْفٍ إلَى أَضْعَافٍ كَثِيرَةٍ، وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا؛ كَتَبَهَا اللهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا؛ كَتَبَهَا اللهُ سَيِّئَةً وَاحِدَةً».
ރަސޫލާ ﷺ ބަޔާންކުރައްވަނީ ﷲ ހެޔޮކަންކަމާއި ނުބައިކަންކަން ތަޤުދީރުކުރައްވާ މިންވަރުކުރައްވާ، ދެން އެ ދެކަންތައް ލިޔާނޭގޮތް ދެ މަލާއިކަތުންނަށް އެކަލާނގެ ބަޔާންކުރެއްވިކަމަށެވެ: އެގޮތުން ހެޔޮކަމެއް ކުރަން އެދި، ޤަޞްދުކޮށް، ޢަޒުމްކަނޑައަޅައިފި މީހާއަށް، އޭނާ އެކަން ނުކުރިޔަސް އެއް ހެޔޮކަން ލިޔުއްވޭނެއެވެ. ދެންފަހެ އޭނާ އެކަމެއް ކޮށްފިނަމަ؛ އޭގެ ދިހަ ގުނައިން ފަށައިގެން ހަތްސަތޭކަ ގުނައިން، އެތައް ބައިވަރު ގުނައަކަށް ލިޔުއްވޭނެއެވެ. އަދި އެގޮތަށް އިތުރުވުންވަނީ ހިތުގައިވާ އިޚްލާޞްތެރިކަމާއި، މަންފާ އެހެން މީހުންނަށް ކުރުމާއި އެނޫންވެސް ކަންތަކުގެ މައްޗަށެވެ. އަދި ނުބައިކަމެއް ކުރަން އެދި، ޤަޞްދުކޮށް ޢަޒުމްކަނޑައަޅާފައި، ދެން އެކަމެއް ނުކޮށް ﷲ އަށްޓަކައި ދޫކޮށްލައިފި މީހާއަށް ހެޔޮކަމެއް ލިޔުއްވޭނެއެވެ. އޭނާ އެކަން ދޫކޮށްލީ އެކަމުގެ ސަބަބުތައް ކުރުމެއްނެތި، އެއާއެކު އެކަން ކުރާނޭ ވަޤުތު ނުލިބި މަޝްޣޫލުވުމުގެ ސަބަބުންކަމަށްވާނަމަ އޭނާއަށް އެއްވެސް އެއްޗެއް ނުލިޔުއްވެއެވެ. އަދި އޭނާ އެކަން ދޫކޮށްލީ އެކަންކުރަން ނުކުޅެދިގެންކަމަށްވާނަމަ އޭނާގެ ނިޔަތް އޭނާއަށް ލިޔުއްވޭނެއެވެ. އަދި އެކަމެއް އޭނާ ކުރިނަމަ؛ އެއް ނުބައިކަން އޭނާއަށް ލިޔުއްވޭނެއެވެ.
މިއީ ނަބިއްޔާ ﷺ އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތުން ރިވާކުރައްވާ ޙަދީޘެކެވެ. އަދި މިއަށް ޤުދުސީ ނުވަތަ އިލާހީ ޙަދީޘޭ ކިޔެއެވެ. އެއީ އޭގެ ލަފްޒާއި މާނަ ﷲ ގެ ޙަޟްރަތުންވާ ޙަދީޘެވެ. އެކަމަކު އެހެން އެއްޗެއްސަށް ނުލިބި ޤުރްއާނަށް ޚާއްޞަވެގެންވާ ކަންކަންކަމުގައިވާ: ތިލާވަތުކޮށްގެން އަޅުކަންކުރުމާއި، ކިޔެވުމަށްޓަކައި ޠާހިރުވެގަތުމާއި، ގޮންޖެއްސެވުމާއި، މުޢުޖިޒާތަކަށްވުމާއި އެނޫންވެސް އެފަދަ ކަންކަން އޭގައި ނުވެއެވެ.
ﷲ ތަޢާލާ ހެޔޮކަންކަމާއި ނުބައިކަންކަން ލިޔުއްވާކަމާއި، ދެން އެކަލާނގެ އަޅުތަކުންނަށް އެކަން ބަޔާންކޮށްދެއްވިކަން ޘާބިތުކުރުމެވެ. އެއީ އެމީހުންނަށް އެކަން އެނގި، އެމީހުންގެ ކަންކަމުގައި ޢިލްމާއި ބަޞީރަތުގައި ތިބެ، ދެން އެމީހުންގެ ރައްބުގެ ޙަޟްރަތުންވާ ހިދާޔަތެއްގެ މަތީގައި ތިބެގެން، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމަށާއި އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށްޓަކައެވެ.
ހެޔޮކަންކަން ލިޔުއްވާ، އެކަންކަން ގިނަގުނަކުރައްވާ، އަދި ނުބައިކަންކަން ކުރުމަށްފަހުގައި މެނުވީ ނުލިޔުއްވާ، އަދި އެކަން އެންމެ ނުބައިކަމެއްގެ ގޮތުގައި ލިޔުއްވާ ގޮތަށް ލައްވައިގެން މި އުއްމަތަށް ﷲ ތަޢާލާ ދެއްވި އެކަލާނގެ މަތިވެރިވެ ބޮޑުވެގެންވާ ފަޟްލަވަންތަކަން ބަޔާންވުމެވެ.
ހެޔޮކަންކަން ގިނަގުނަވެ އިތުރުވެގެންދިޔުންވަނީ ހިތުގައިވާ އިޚްލާޞްތެރިކަމާއި، މަންފާ އެހެން މީހުންނަށް ކުރުމާއި އެނޫންވެސް ކަންތަކުގެ މައްޗަށެވެ. އެގޮތުން ﷲ އެކަލާނގެ ރަޙްމަތާއި ފަޟްލަވަންތަކަމުން އެކަންކަން ގިނަގުނަކުރައްވައެވެ.
އޭނާގެ ވެރި ރައްބު ޢައްޒަ ވަޖައްލައަށްޓަކައި، އެކަލާނގެ ޘަވާބަށް އެދިގެން އަދި އެކަލާނގެ ޢަޛާބަށް ބިރުވެތިވެގެން، ކުށްފާފަ ދޫކޮށްލުމާއި، އޭގެ ލައްޒަތާ ދުރުހެލިވުމާއި، އަދި އޭނާގެ ޝަހުވަތް ދޫކޮށްލުމުގެ މައްޗަށް އަޅާއަށް ލިބިގެންދާނެ ހެޔޮކަން ބަޔާންވުމެވެ.
އުއްމަތުގެ މައްޗަށްވާ ﷲ ތަޢާލާގެ އޯގާވަންތަކަމުގެ ތެރޭގައި: އެ އުއްމަތަށް ހެޔޮކަންކަން ގިނަގުނަކުރެއްވުމާއި، އަދި ނުބައިކަންކަން އިތުރު ނުކުރެއްވުންވެއެވެ.
ހިތުގެ ޢަމަލުތަކާއި ގުނަވަންތަކުގެ ޢަމަލުތަކުގެ ތެރެއިންވާ އެންމެހާ ޢަމަލުތައް މަލާއިކަތުން ލިޔުއްވާކަމެވެ.
ޞަޙީޙުލް-ބުޚާރީ (8/ 103) (6491).
ޞަޙީޙު މުސްލިމް (1/ 118) (131).
އިތުރަށް (7)
التحفة الربانية في شرح الأربعين حديثًا النووية (ص85).
شرح الأربعين النووية.
لابن عثيمين (ص368).
فتح القوي المتين في شرح الأربعين وتتمة الخمسين.
للعباد (ص125).
فتح الباري.
لابن حجر (11/ 324).